މާފްކުރާށޭ ކަލާ 5
މީތަންގެ ޕާސް ތެރޭގައި އޮތް ފޮޓޯ ގަނޑަށް ނަޒަރު ހުއްޓިފައި އަޔާން ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ.
“ޝީ އިޒް ޓޫ ކިޔުޓް.” ޕާސް ތެރެއިން ފޮޓޯގަނޑު ނަގަމުން އަޔާން އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެފޮޓޯއަކީ މީތަންގެ ފޮޓޯއެކެވެ. މީތަންގެ ލޮލުގައި އޮންނަ ކަޓް އައިނު ގަނޑެއްވެސް އެފޮޓޯގައި ނެތެވެ. މެރޫން ކުލައިގެ ކުރު ހެދުމެއް ލައިގެން ހުރިއިރު މީތަންގެ ރީތިކަން ބަލައި ފޫހިނުވެއެވެ.
ކުއްލިއަކަށް މީޓިން ރޫމް ދޮރު ހުޅުވުނު އަޑަށް އަޔާން އަށް ސިހިފައި ބަލާލެވުނެވެ. އޭރު އޮފީހުގެ މީޓިން ރޫމުން ހުރިހާ ސްޓާފުން ކަހަލަ ގޮތަކަށް ނިކުންނަމުން ދެއެވެ.
އާސިފް އަތުގެ އިޝާރާތުން އަޔާން އަށް ގޮވިއެވެ. އޭނައާއެކު އޭނާގެ ކެބިން އަށް އަންނަން ބުނުމުން އަޔާން އަވަސް އަވަހަށް ތެދުވެގެން ހިނގައިގަތެވެ.
“ދަރިފުޅު.. މިއޮތީ ޔުނިވަރސިޓީއިން މިއަދު އައިސްފަ އޮތް ލިޔުމެއް.” އަޔާން ގޮނޑީގައި އިށީނދެ ހަމަ ޖެހިލި އެވެ. އާސިފް ލިޔުމެއްނަގައި އަޔާން އަށް ދިއްކޮށްލިއެވެ.
އަޔާން އަވަސް އަވަހަށް އެލިޔުން ނިއުޅުވާލަމުން ކިޔަން ފެށިއެވެ.
އެމަންޒަރު ބަލަން ހުރި އާސިފް ހުރީ ހިނިއައިސްފައެވެ.
” ޔޭ ޑޭޑް..އައި ޕާސްޑް.” ލިބުނު އުފަލެއްގެ ބޮޑުކަމުން އަޔާންއަށް ހަޅޭއްލަވައިގަނެވުނެވެ.
އަޔާން ކައިރިއަށްގޮސް އާސިފް ހުއްޓުނެވެ. އަޔާން ގެނެސް އާސިފް ގެ މެޔާއިލައި ބޮނޑިކޮށްލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އަޔާން އަކީ އާސިފްގެ ހުރި ހަމައެކަނި ދަރިފުޅެވެ.
“ބައްޕަ ނޭދެން ދަރިފުޅު އަނެއްކާވެސް ބައްޕައާ ދުރަށްދާކަށް.” އާސިފްގެ އަޑުގައިވާ މޮޅިވެރިކަމުން އަޔާންގެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. އިރެއްގައި އަޔާން އެނބުރި ދާން ބޭނުންވިޔަސް މިހާރު އެނބުރި ދާކަށް އަޔާން ބޭނުމެއްނުވެއެވެ. ހަމައެކަނި ބައްޕައަށްޓަކައެއް ނޫނެވެ. ނުހާއަށްޓަކައި ވެސް މެއެވެ. ރޭގެ ހާދިސާއަށްފަހު އަޔާން އަށް ނުހާއާއި ނުލައި ނޭވާވެސް ނުލެވޭނެއެވެ. އެކަމަކު އަދި އެއްފަހަރު އަޔާން އެނބުރި މެލޭޝިޔާއަށް ދާންޖެހެއެވެ.
“ޑޭޑް. އަޔާން އަދި އެއްފަހަރު ދާންޖެހޭ. ދެން ގޮއްސަ އިރާދަކުރެއްވިއްޔާ އަންނާނީ އެއްކޮށް.” އަޔާންގެ ވާހަކައިން އާސިފްއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު ކަހަލައެވެ. ވަރަށް ލޯބިން އަޔާންގެ ބުރަކަށީގައި ފިރުމާލުމަށްފަހު އެނބުރި މަސައްކަތާއިގެން މަސްޢޫލުވެއްޖެ އެވެ.
“ޑޭޑް ހާދަ ބިޒީހެން ހީވޭ އެބަ..މިއަދު މާ ބުރައީތަ؟ ނުހާވެސް ނެތީތަ؟ ” އަޔާން ބޭނުންވީ ނުހާ ކޮބައިތޯ ބަލާށެވެ. ނުހާ ދެކިލާ ހިތުން އަޔާން އަށް މިހާރު ހުރެވެނީކީ ނޫނެވެ.
“މިއަދު ނުހާ ދިރިއުޅޭ ތަން ބަދަލުވާތީ އޮފީހަކަށް ނާދޭ.” އާސިފް ވާހަކަ ދެއްކީ އޭނާ ބަލަން އިން ފައިލްއަށް ގެއްލިފައި އިނދެގެންނެވެ. އަޔާންގެ މޫނުގެ ބަދަލުވެގެން ދިޔަ ކުލަވަރު އާސިފްއަށް ނުފެނުނީ ވެސް އެހެންވެގެންނެވެ.
ބައްޕަ ކައިރީގައި ނުހާ ދިރިއުޅޭ ގެ ހުންނަ ހިސާބެއް ނުވަތަ އެޑްރެސް އެއްވެސް އަހާކަށް އަޔާން އަކަށް ނުކެރުނެވެ. ކަރު އެލުވާލައިގެން ހުރި އަޔާން އޭނާގެ ބައްޕަގެ ކެބިން އިން ނިކުތެވެ.
“ކޮބާ މަގޭ ޕާސް.” ރުޅިވެރިކަމުން ފުރިގެންވާ މީތަން ގެ އަޑުއިވުމުން އަޔާންއަށް ފަހަތަށް އެނބުރި ބަލާލެވުނެވެ.
“ތިމާއަށް ލިބިފައި ހުރި ރީތިކަމެއް ފޮރުވުމުގެ ބޭނުމަކީ ކޮބާ؟” މީތަންގެ ސުވާލަށް މާބޮޑު ސަމާލުކަމެއް ނުދީ އަޔާން މީތަންގެ ފައިން ފެށިގެން ބޮލަށް ބަލަން ފެށިއެވެ. ލައިގެން ހުރި ނޫކުލައިގެ ގަމީސް ދޫކަމުން އަޔާންއަށްވެސް އެގަމީސްގަނޑު ތެރެއަށް އެރެވޭނެއެވެ.
“ބެހޭ ކަމެއް ނޫނެއްނު. މަށަށް ރީތި ގޮތަކަށް މަ ހުންނާނީ.. ޕާސް ގެނޭ.. ” ހަރުކަށިކަމާއެކު މީތަން ވާހަކަ ދެއްކި ކަމުގައިވިޔަސް މީތަން ވާހަކަ ދެއްކީ ވަރަށް މަޑުމަޑުން ހަމައެކަނި އަޔާން އަށް އަޑު އިވޭ ވަރަށެވެ.
“ޕާސް ތަ؟ ނޫނީ ފޮޓޯ ގަނޑުތަ؟ ” ޖީބުގައި އޮތް ފޮޓޯ ގަނޑު ނަގައި މީތަން އަށް ދައްކާލަމުން ލާނެތް ގޮތަކަށް ހީނގަތެވެ.
ލިބުނު ސިހުމުގައާއި އައި ރުޅީގައި މީތަން އޭނާގެ ކައިރީގައި ހުރި މޭޒުގައި އަތުން ވަރަށް ބާރަށް ޖެހިއެވެ.
“އޯ..ހާދަ ރުޅިއެއް.” އަޔާންއަށް ވީ މަޖާކަމަކަށެވެ.
“މި އޮފީހޭ..މީތަންގެ ގެއެއް ނޫނޭ. މުޅި ހިސާބުގަނޑުގައި މީތަންގެ އަޑު ހިއްޕާލައިގެން ތިއުޅެނީ.” ނުހާގެ އަޑަށް މީތަން އަށް ވުރެ ބޮޑަށް ސިހުނީ އަޔާންއެވެ.
ނުހާގެ އަޑުގައިވަނީ ނުރުހުމަށްވުރެން ބޮޑަށް ހަސަދައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަޔާންއާއި މީތަން އެކުގައި ތިބޭތަން ބަލާކަށް އޭނައަކަށް ފަސޭހައެއް ނޫނެވެ. އޭނައަށް ވާނެ ނަމަ މިހާރު މީތަން އޮފީހުން ބޭރުވެސް ކޮށްފީހެވެ. ދެބުމަ ގޮށް ޖަހައިގެން އާސިފްގެ ކެބިން އާ ދިމާއަށް ނުހާ ދިޔައިރުވެސް އަޔާންއާއި މީތަން ހަމަ އެމީހަކު ތިބި ފިޔަވަޅު މަތީގައި ނުހާ ދިޔަ ދިމާއަށް ބަލަން ތިއްބެވެ.
“ސޮރީ.” މީތަންގެ އުދާސް ވެފައިވާ ދެލޯ ފެނިފައި އަޔާން ދެރަވިއެވެ. ނުހާގެ އެއަމަލު އަޔާން އަކަށް ކަމަކުނުދިޔައެވެ. ނުހާ އެގޮތަށް ރުޅި އައިސްގެން މީތަންއާއި ދިމާއަށް އެއްޗެއް ބުނަން ޖެހޭ ވަރުގެ ކަމެއްވެސް ވީއެއްނޫނެވެ. އަނެއްކޮޅުން އަޔާންއަކީ އޮފީހުގެ ވެރިމީހާއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ވީއިރު ނުހާ އަށް އަޔާން ކުރާ ކަމެއްގައި އެއްޗެހި ކިޔަން ކެރުނު ކަމާމެދު ހައިރާންވާހާ ވެއެވެ.
“އަސްތާ..ހާދަ އަވަހަށް އެޕާޓްމަންޓް ހަމައަކަށް އަޅުވާލީ. އަހަރެން ހީކުރީ އޮފީހަށް މިއަދު ނާންނާނެ ކަމަށް.” ދޮރުން ވަދެގެން އަންނަ ނުހާ ފެނުމުން އާސިފް ލޮލުގައި އަޅާފައި އޮތް އައިނު ނަގައި މޭޒުމަތީ ބާއްވާލަމުން ހިނިތުންވެލިއެވެ.
ފަނޑުގޮތަކަށް ހިނިތުންވެލަމުން ނުހާ އައިސް މޭޒުކައިރީގައި ހުއްޓުނު އިރުވެސް އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އާސިފް ގެ ދަހިވެތި ނަޒަރު ނުހާގެ އެކިއެކި ވަނާތަކަށް ހުއްޓެމުން ދިޔައިރުވެސް ނުހާ އިސްޖަހައިގެން ހުރީއެވެ.
އާސިފް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ދޮރުން ވަދެގެން އަންނަ އަޔާން ފެނުމުން އަވަސް އަވަހަށް ފައިލް ނަގައި ހާވަން ފެށިއެވެ.
“ދަރިފުޅުގެ ޔުނިވަރސިޓީއިން އެބައިން މެއިލް އައިސްފަ. ފޯ ޑޭސް ތެރޭގައި ދަރިފުޅު އެކޮޅަށް ދާންޖެހޭ ކަމަށް.” ކުއްލިއަކަށް ހަނދާންވާ ގޮތަކަށް އާސިފް ބުނެލިއެވެ. އާސިފްގެ ވާހަކައިން ނުހާ އާއި އަޔާން އަށް އެކަކު އަނެކަކަށް ބަލައިލެވުނީ އެކުއެކީގައެވެ.
“މިކޮޅަށް އައިފަހުން އަދި މެއިލްވެސް ޗެކްކޮށްނުލެވޭ.” އަޔާން ނުހާގެ ދެލޮލަށް ބަލަންހުރެ ބުނެލިއެވެ.
“ދަރިފުޅު މިފައިލް ޗެކްކޮށްލާފަ ނުހާއަތަށް ދީބަލަ. ބައްޕަ އެބަޖެހޭ މީޓިންއަކަށްދާން. އަދި ފާލިހްގެ ޖޮބް ކަންތައްވެސް ބަލަނީމި.” އަތްދަބަސް ނަގަމުން އާސިފް ގޮނޑިން ތެދުވިއެވެ.
“ނުހާ. އެންޑް ވީހޭވް އަ މީޓިން ޓްނައިޓް. ގުޅާނަން..” އާސިފް ދަމުން ނުހާއާ ދިމާއަށް އެބުނި އެއްޗެއްގެ މާނަ އަޔާންއަށް ނޭނގުނު ކަމުގައިވިޔަސް ނުހާއަށް ހަމަރަނގަޅަށްވެސް އެނގުނެވެ.
އާސިފް ދިޔުމުން އަޔާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކެބިންގެ ދޮރު ތަޅުލިއެވެ. ދޮރު ތަޅުލާފައި އަޔާން އެނބުރިލިއިރު ނުހާ ހުރީ އަޔާންގެ އަތުތެރޭގައެވެ.
“ކީއްވެ މަށަށް ގޮވާވެސް ނުލާ ދިޔައީ.” ނުހާގެ ބޮލުގައި އަޔާން ފިރުމާލީ ވަރަށް ލޯބިންނެވެ.
އެއްވެސް އެއްޗެއް ނުބުނެ އަޔާންގެ މޭތެރޭގައި މޫނު ފޮރުވާލައިގެން ނުހާ އޮތީ ހިތްހަމަޖެހިފައެވެ.
“ބޭބީ. އަޔާން ދާންޖެހޭނެ އަދި މެލޭޝިޔާއަށް. ވަރަށް އަވަހަށް އަންނާނަން.” އަދިވެސް ނުހާއޮތީ ހިމޭނުންނެވެ. އޭނާގެ ސިކުނޑިވެސް ހުއްޓިފައިވާ ކަހަލައެވެ. އޭނާ އަޔާންދެކެ ލޯތްބެއް ނުވެއެވެ. މިއަދުވެސް އޭނާ އޮފީހަށް އެއައީ އެހެން ފިރިހެނެއްގެ ތަންމަތި ފަޅުފިލުވާ ދީފައެވެ. އަޔާން ދެކެ ލޯބިވާނަމަ ނުހާ ހުރީހީ އަޔާންގެ މީހެއްގެ ގޮތުގައި އެކަންޏެވެ.
ނުހާގެ ޖަވާބެއް ނައުމުން އަޔާން ނުހާގެ ދަތްދޮޅީގައި ހިފައި ހިއްލާލިއެވެ.
ނުހާގެ ބޮޑު ދެލޮލުން އަޔާންއަށް ބަލާލިއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިޙްސާސް ކުރެވެން ފެށުމާއި އެކު އަޔާން އަށް ބޭއިޙްތިޔާރުގައި ނުހާގެ ތުންފަތުގައި ޖައްސާލެވުނެވެ. އެގޮތަށް ދެކުދިން އެކަކު އަނެކަކަށް ޝަކުވާކޮށްލަ ކޮށްލާ ތިބެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ޖެހުނު ފިނިފިނި ރޯޅިއަކާއެކު ދެމީހުން ސިއްސައިގެން ގޮސް އެކަކު އަނެކަކާއި ދުރުވެއްޖެއެވެ. އޭރު ހުޅުވިފައިވާ ކުޑަ ދޮރުގައި އެލުވާފައިވާ ފޮތިގަނޑު ދެފަރާތް ދެފާރަތަށް ނަށަމުންދެއެވެ. އަޔާން މަޑުމަޑުން ނުހާގެ އަތުގައި ހިފައިގެން ކުޑަދޮރާއި ދިމާއަށް ހިނގައިގަތެވެ.
“ކުއްލިއަކަށް ހާދަ ވައިގަދަވެއްޖޭ ދޯ. ވިއްސާރަ އަންނަނީ ކަންނޭނގެ.” އަޔާން ލައިގެން ހުރި ޓީޝާޓްގެ ތިރީގައި ހިފައި ނުހާ ގެ އަތަށް އޮޅާލިއެވެ.
މިޓީޝާޓް ދޭންވީތަ؟” އަޔާންގެ ސަމާސާ މިޒާޖުން ނުހާ ހީނގަތެވެ.
“ހިނގާ ދެން ދޮރު ތަންޑު ނައްޓަން މީހަކު އައިސްދާނެ.” ނުހާ ދޮރާއި ދިމާއަށް ހިނގައިގަތެވެ.
“ތީކޮންކަހަލަ އިންސާފެއް” ކުއްލިއަކަށް އަޔާންގެ އަޑަށް ނުހާއަށް ތެޅިގަނެވުނެވެ.
“ކީ-ކީކޭ.” ނުހާގެ އަޑުގައިވާ ހާސްކަން ފެނިފައި އަޔާން ގެ ގާތަށް ހިނިއައެވެ.
“އެއްވެސް އިންސާފެއްނޫން ދޯ ތީ. މަގޭ ލޯބިވެރިޔާގެ ފޯނު ނަމްބަރުވެސް މަށަކަށް ނޭނގޭ. ” ނުހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
ހީލަމުން ޖީބުން ފޯނު ނަގައި އަޔާންގެ ނަމްބަރު ކިޔުމަށް އެދުނެވެ. އަޔާން ނުހާގެ އަތުން ފޯނު އަތުލުމުން އަނެއްކާވެސް ނުހާ ހާސްވެއްޖެއެވެ. ނަމަވެސް އަޔާންގެ ކުރިމަތީގައި އެއްވެސް އެއްޗެއް ބުނެވޭކަށް މިއަދު އޭނާއަކަށް ނެތެވެ. ހާސްކަން ފޮރުވައިގެން ހިނިތުންވެފައި ނުހާ ހުއްޓަސް އޭނާގެ މޭގަނޑު ފަޅާލާފައި ހިތް ނިކުންނަން އުޅޭ ކަހަލައެވެ.
ނުހާގެ ނަމްބަރު ލިބުމުން ފޯނު ނުހާއަށް ދިއްކޮށްލިއެވެ.
ބޯ ކަޅުވިލާތަކުން މުޅި ދުނިޔެ ވަށާ ހައްޔަރުކޮށްލައިފިއެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިގެންފާނެހެންނެވެ. ހެދިކާ ކާހިތުން މަލަކާ އުޅޭތީ ހެދިކާކޮޅެއް ގަންނަން ނިކުތް ފާލިހް ސައިކަލްގެ ދުވެލި ބާރުކޮށްލީ ވިއްސާރަ އޮއްސާލުމުގެ ކުރިން ގެޔަށްދެވޭތޯއެވެ. ނަމަވެސް އިސާހިތަކު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެންފަށައިފިއެވެ. އަވަސް އަވަހަށް މަގުގެ އެއްފަރާތުގައި ސައިކަލް ޕާކޮކޮށްލަމުން ގެއެއްގެ ދޮރާށީގެ ނިވަލަށް ފާލިހް ވަނީ ނުތެމެންވެގެންނެވެ. ވާރޭ ހުއްޓާނެ އިރެއްގެ އިންތިޒާރުގައި ހުއްޓާ ކުއްލިއަކަށް މަޑު ނޫ ކުލައިގެ ކާރެއް މަގުގެ އަނެއްފަރާތަށް މަޑުކޮށްލައިފިއެވެ. އެކާރު ފުރަތަމަ ފެނުމުންވެސް އެއީ އަޔާންގެ ބައްޕަ އާސިފްގެ ކާރުކަން ފާލިހްއަށް އެނގުނެވެ. ވެހެމުންދާ ބޯ ވާރޭގައި ފާލިހް ދެލޯ ބޮޑުކޮށްގެން ބަލަން ހުރިއިރު މަންޒަރު ފެންނަނީ ވަރަށް ފުސްކޮށްނެވެ. ދެފަހަރަކު ކާރުގެ ބަރުގޮނު އަޅާލިތަނާ ކޮންމެވެސް އަންހެންކުއްޖަކު ދުވެފައި ކަހަލަ ގޮތަކަށް އައިސް ކާރަށް އަރައިފިއެވެ. އެކުއްޖާ ލައިގެން ހުރި ބޮޑު ކޯޓު ވަނީ ބޮލާއެއްކޮށް ނިވާ ކޮށްފައެވެ. އަދި ވެހެމުންދިޔަ ވާރޭގެ ސަބަބުންވެސް އެއީ ކޮން ކުއްޖެއްކަމެއް ފާލިހްއަކަށް އެނގޭ ވަރެއް ނުވިއެވެ.
އެއަންހެން ކުއްޖާ އެރުމާއިއެކު ފުލް ސްޕީޑްގައި ދުއްވާލި ކާރު އިސާހިތަކު ލޯ މައްޗަށް ގެއްލިއްޖެއެވެ. ފާލިހް ދެކޮނޑު އަރުވާލަމުން ދޮރޯށި ތެރެއަށް ވަދެ ލެގިލިއެވެ.
“އައްސަލާމް އަލައިކުމް.” މީހަކު ސަލާމް ގޮވާލި އަޑަށް ސޯފާ މަތީގައި ދެފައި ވަށްކޮށްގެން މަލަކާ ބަލައިލި އެވެ.
“އައްދޭ. ކާކުތަ މިގެ ދެއްކީ.” މަލަކާ އަވަސް އަވަހަށް ސޯފާއިން ތެދުވެ ލައިގެން ހުރި ކުރު ސޯޓް ތިރިއަށް ދަމާލިއެވެ.
“ކޮބާތަ ފާލިހް. ގުޅާ ގުޅާ ފޯނުވެސް ނެގީކީ ނޫން. މިގެޔަށް އަންނަން ނިކުތް ތަނާ ވިއްސާރައިގައި ޖެހި މުޅި މީހާވެސް ތެމި ފޯވެއްޖެ.” އަޔާން އޭނާ ލައިގެން ހުރި ޓީޝާޓުން ފެން ފޮޅަމުން ވާހަކަދެއްކިއެވެ. މަލަކާ ހުރީ ހިނިއައިސްފައި ބަލަހައްޓައިގެންނެވެ.
އެވަގުތު ފާލިހްވެސް ގެޔަށް އައިސް ވަންނަނީއެވެ.
އަޔާން ފެނުމުން އާސިފްގެ ވާހަކަ ބުނަން ފާލިހްގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާގެ ޒަމީރު އެކަމަށް އެއްބަސް ނުވުމުން އަޅާނުލީއެވެ.
“ނަސީބަކުން ހެދިކާ ކޮތަޅު ސަލާމަތް ވެއްޖެ. ބަލަ މަ ފަކީރު ހުރި ހާލު.” ފާލިހް ދެރަވެލާފައި ބުނެލިއެވެ.
“ކޮންމެހެން މާ ބިޗާރީ ހެދޭނެ ކަމެއްނެތް. ހެދިކާ ކޮތަޅު ސަލާމަތްވާނެއެއްނު ސައިކަލް މަޑިދަށުގައި ބޭއްވީމަ.” ފާލިހްއަށް މަލާމަތްކޮށްލަމުން މަލަކާ ހެދިކާ ކޮތަޅު ހިފައިގެން ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ.
ފާލިހް އަޔާންގެ ކޮނޑަށް އަތް ވައްޓާލަމުން ނިކުތީ ބޭރަށެވެ. އޭރު ވާރޭވެސް ތުނި ކޮށްލައިފިއެވެ. އެދެމީހުން ގޮސް އިށީނީ އެގޭގެ ގޯތިތެރޭގައި ހުރި ކުޑައެއް ދަށުގައެވެ.
“އައި ހޭވް ޓް ގޯ ބެކް. ހީވަނީ މަސްދުވަސް ވާނެހެން. ދެދުވަހެއް ތެރޭގައި އެންމެ ލަސްވެގެން ވެސް ފުރަން ޖެހޭނެ.” ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ނިތްކުރީގައި އަޔާން އަތް އުނގުޅާލިއެވެ.
ފާލިހް އިނީ އަޑުއަހާށެވެ.
“ނުހާ ކައިރީވެސް ބުނެފިން ދާން ޖެހޭ ވާހަކަ. އެކަމަކު ބޭނުމީ ނުހާވެސް ގޮވައިގެންދާން. އެކަމަކު ބައްޕަ ކައިރީގައި ނުހާގެ ވާހަކަ ބުނާކަށް މަށަކަށް ނުކެރޭނެ އަދިއެއް.” އަޔާން ހުރީ ހަދާނެގޮތް ހުސްވެފައި ކަހަލައެވެ.
” ހާދަ އިތުބާރެއް ނެތޭ ދޯ. ނުހާ ގެއްލިދާނެހެން ހީވަނީތަ؟ ” ފާލިހްގެ ޖުމްލައިން އަޔާން ހުއްޓުން އެރިއެވެ. ފާލިހް އެގޮތަށް ބުނީވެސް ގަސްތުގައެވެ.
“މާ ބޮޑަށް އިތުބާރު ކުރާކަށްވެސް ނުވާނެ އަދި. ނުހާ އާ ދިމާވިތާ ހަފްތާއެއްވެސް ނުވޭނު އަދި. އަޔާން ގޮއްސަ އާދޭ. އެއް މަސް ދުވަސް ހިނގައިދާނެ ލޯ މަރާލާފަ ލޯ ހުޅުވާލާހާ އަވަހަށް. ދެން މާދަމާއިން ފެށިގެން މަވެސް މަސައްކަތް ކުރާނީ ތިއޮފީހުގައެއްނު. އެހެންވީމަ ނުހާ އުޅޭގޮތް މަވެސް ބަލާނަން. ފުރަތަމަ އަޔާން މަށަށް ނުހާ އިންޓްރޯ ކޮށްދީބަލަ. އޭރަށްދޯ ފަސޭހަވާނީ. ” ފާލިހްގެ ވާހަކައިން އަޔާންއަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބުނު ކަހަލައެވެ. ހިނިތުންވެލަމުން އަޔާން ބޯޖަހާލީ ފާލިހްގެ ވާހަކަ ޤަބޫލު ކުރަމުންނެވެ.
އޭރު މަލަކާވެސް ސައި ހިފައިގެން އަންނަނީއެވެ.
“ހިނގާ އަވަހަށް ސައިބޯން. އުޅެމާ ދޯ.” މަލަކާ މޭޒު މަތީގައި ތަށިތައް އަތުރަން ފެށިއެވެ.
“އަޔާން ފުރަނީއޯ.” ފާލިހް ސައިތަށި ކައިރިއަށް ދަމާލަމުން ބުނެލިއެވެ.
“އެތެދެއްތަ؟ ކާންދީފަ ދެވޭނީ. އެވެސް ޝެލްބީންސްއިން.”މަލަކާ އަޔާން އަށް ސައިތަށި ދިއްކޮށްލަމުން ހިނިތުންވެލިއެވެ.
“އަބަދު ކަވައިގެންފަތަ ހުންނަނީ މިހާރު. މީހާ ހީވަނީ ސިންޓެކްސް ކަޅުހަމެއްހެން. މަށާ ހިތާވެގެން އުޅުނުއިރު ކިހާ ލޫޅާފަތިކޮށް ހުރި މަންޖެ ގަނޑެއްތަ ތީ.” ފާލިހް ދިމާކޮށްލުމުން މަލަކާ ދެލޯ އަޅާލިއެވެ. ދެއަތުން ފާލިހް ގައިގައި ތަޅައިގަތެވެ. އަޔާން އަކަށް އެމީހުންގެ މަޖަލުގައި ބައިވެރިއެއް ނުވެވުނެވެ. ހުއްޓާނުލާ އޭނާ އެގުޅަނީ ނުހާގެ ނަމްބަރަށެވެ. ފޯނު ރިންގުވަމުންގޮސް ކެނޑެންދެން މިހާރު ދިހަ ވަރަކަށް ފަހަރު ގުޅިއްޖެއެވެ. އުޅޭ ގެއެއްވެސް އަޔާން އަކަށް ނޭނގެއެވެ. ފާލިހް ކައިރީގައި އެވާހަކަ ބުނެފިއްޔާ އަނެއްކާވެސް ނުހާއާމެދު ނެގެޓިވް ވާނެއެވެ. އެގޮތަށް ފާލިހް ވިސްނާކަށް އަޔާން ނޭދެއެވެ. އެހެންވެ ގަދަކަމުން ހިނިތުންވެލަމުން އަޔާން އެމީހުންގެ ސަކަރާތުގައި ބައިވެރިވެލިއެވެ.
މުޅި ގައި އައްސިވެފައިވާ ކަހަލަ އިޙްސާސެއް ކުރެވިގެން ނުހާގެ ދެލޯ ހުޅުވުނެވެ. ނުހާގެ ފޭރާމެއް ނެތް ހަށިގަނޑުމަތީގައި އޮތް އާސިފްގެ އަތް ދުރަށް ޖައްސާލަމުން ތެދުވިއެވެ. އަތްދަބަހުން ފޯނު ނެގީ ގަޑި ބަލާލަންވެގެންނެވެ. އޭރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. ނަމަވެސް ގަޑިއަށްވުރެ ބޮޑަށް ނުހާގެ ލޮލުގައި އަޅައިގަތީ އަޔާންގެ މިސްވެފައި ހުރި ކޯލްތަކެވެ. ފަންސާހަކަށްފަހަރު އަޔާން ގުޅާފައި އިންތަން ފެނުމުން ނުހާ ހާސްވެއްޖެއެވެ. އަވަސް އަވަހަށް ތުވާލި އޮޅާލަމުން ނުހާ ފޯނު ހިފައިގެން ފާހާނާއަށް ވަނެވެ.
އަދި ވަގުތުން އަޔާންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.
“ސޮރީ ބޭބީ. ނުޙާ އަށް ނިދުނީ އޮފީހުން އައިގޮތަށް. ނުހާ ހުރީ ވާރޭ ހުއްޓާލީމަ އަޔާން އަށް ގުޅަން.” ނުހާ ދޮގު މައްޗަށް ދޮގު ހަދަމުން ދިޔައިރު ނުހާގެ ޚަބަރެއް ނުވެގެން މޮޅިވެފައި ހުރި އަޔާން މިހާރު އެހުރީ އުފަލުންނެވެ.
“ދަންތަ ބަލާ. ކިހާ ހިސާބެއްތަ ތީ.” އަޔާން ކޮށްލި ސުވާލުން ނުހާ ކޮށި އަރައިގަތެވެ.
“މިއަދު މިތަނަށް ބަދަލުވީމި. މާ ރަނގަޅަކަށް ކިޔައިދޭކަށް ނޭނގޭނެ. މިރޭ ނުހާ ދާނަން ތިގެޔަށް. ދެން ގޮއްސަ އަޔާން އަންނާނީ ނުހާ ގެޔަށް ލައިދޭން. އޭރަށް އެނގޭނެއެއްނު.” ނުހާ ވާހަކަ ހަމަޖައްސާލީ ވަރަށް މޮޅަށެވެ.
ފޯނު ބާއްވާފައި ނުހާ މޫނު ދޮވެލިއެވެ. އަދި ތުވާލި އަލުން ގައިގައި އޮޅާލަމުން ފާހާނާއިން ނިކުތެވެ.
” ދޫންޏާ. ދެން ތެދުވޭ. މިހާރު ނުވައެއް ޖަހާ ބޮޑުވެއްޖެ.” ނުހާ އާސިފްގެ ފުޅާ މޭމަތީގައި ބޯ އަޅާލިއެވެ. އާސިފް ދެލޯ ހުޅުވާލީ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށެވެ.
އުމުރުން ސާޅީސް ފަސް އަހަރު ވެފައި ހުރި ކަމުގައި ވިޔަސް އާސިފް ފެންނަނީ އެއަށްވުރެވެސް ޒުވާން ކޮށްނެވެ. ނުހާ އާ ދިމާއަށް ހީލަމުން ތެދުވި ގޮތަށް އާސިފް އޭނާގެ އުނގުތެރެއަށް ނުހާ ގެނައެވެ.
“މާދަން އޮފީހަށް އާކުއްޖެއް ޖޮއިން ކުރާނެ.” އާސިފް ނުހާގެ ދޮން ކޮނޑުގައި ބޮސްދިނެވެ.
“ސޯ؟” ނުހާ ފަރުވާކުޑަގޮތަކަށް އަހާލިއެވެ.
“ސޯ މައި ޑިއަރ..މާދަން ތަންކޮޅެއް ހެނދުނު އޮފީހަށް ދާން ޖެހޭނެ.. މީޓިން އެއް އެރޭންޖް ކޮށް އެންމެންނަށް އިންފޯމްވެސް ކުރަން ޖެހޭނެ.” އާސިފް ނުހާގެ މަޑުމަޑު ފުށްކޮޅެއް ފަދަ ކޮލުގައި ޖަހާލަމުން އެނދުން ތެދުވިއެވެ.
ބެލްކަނީގެ ދަގަނޑުމަތީގައި ދެއަތް އަޅުވާލައިގެން ހުރި އަޔާންގެ ނަޒަރު ހުއްޓާލައިގެން ހުރީ އެއްވެސް އަލިކަމެއްނެތް އުޑާ ދިމާއަށެވެ. އުޑުމަތީގައި އެއްވެސް ތަރިއެއްވެސް މިރޭ ފެންނަން ނެތް އިރު އަޔާން އެހޯދަނީ ކޮންއެއްޗެއްބާއެވެ. އާއެކެވެ. އޭނާ އެވިސްނަނީ ނުހާއާއި ދޭތެރޭގައެވެ. އަދި ފާލިހް ދެއްކި ވާހަކައާއި ދޭތެރޭގައެވެ. ނުހާއަކީ އޭނަގެ ހިތުގެ ރާނީއެވެ. ނަމަވެސް ނުހާ ގެ ނަމާއި ފޯނު ނަމްބަރު ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޔާން އަކަށް ނޭނގެއެވެ. ނުހާއަކީ ކޮން ހިސާބަކުން އައިސް ހުރި ކާކުކަމެއްވެސް އަޔާންއަކަށް ނޭނގެއެވެ. މިރޭ އަޔާން އޭނާގެ ހިތުގައި ހުރި ހުރިހާ ސުވާލެއް ނުހާއާއި ކުރާނެއެވެ. އަޔާން ނުހާއާއެކީ އުޅެން ބޭނުންވަނީ އެންމެންގެ ކުރިމަތީގައި ފާޅުގައެވެ. އަޔާން ބޭނުންވަނީ ވީހާވެސް އަވަހަށް ނުހާ އޭނާގެ މިލްކަކަށް ހަދާށެވެ.
ނުހާ އޮފީސް ތެރެއަށް ވަދެގެން ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. އާސިފްގެ ކެބިންއަށް ވަނުމުގެ ކުރިން މީތަންގެ މޭޒަށް ނަޒަރު ހިންގާލިއެވެ. މިގަޑީގައި މީތަންގެ މޭޒު ފަޅަށް ހުރުމުން ނުހާ ކުޑަކޮށް ހައިރާންވެސް ވިއެވެ. އެކަމަކު ލަސްވެގެން އުޅޭތީ މާބޮޑު ސަމާލުކަމެއް ނުދީ ނުހާ ދިޔައީއެވެ.
“ގުޑް މޯނިންގް” ކެބިންއަށް ވަދެގެން އައި ނުހާގެ އަޑަށް އެންމެ ފުރަތަމަވެސް އެނބުރި ބަލާލީ ފާލިހްއެވެ. ނުހާގެ ރީތިކަމަށް ފާލިހް އަށްވެސް ހުރެވުނީ ކަޅިޖަހާނުލާ ބަލާށެވެ. ނަމަވެސް ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފާލިހް އަމިއްލަ ނަފްސްގެ މައްޗަށް ބާރު ފޯރުވައިފިއެވެ.
“ވަރަށް ބޮޑަށް ސޮރީ. ބޮލުގައި ރިއްސާތީ ތަންކޮޅެއް ލަހުން ރޭގައި ނިދުނީ. އެހެންވެ ހޭނުލެވުނީ.” ނުހާ ކިތަންމެ ލަހުން އަޔަސް އާސިފް ގެ އެއްވެސް ޝަކުވާއެއް ނޯންނާނެކަން އެނގޭއިރުވެސް ނުހާ ފާލިހްގެ ކުރިމަތީގައި އެކްޓް ކުރަން ފެށިއެވެ. ނުހާގެ އެހަރަކާތް އާސިފްއަށްވެސް އެނގުނު ކަހަލައެވެ.
“އިޓްސް އޯކޭ. ޑޯންޓް ރިޕީޓް އިޓް.” އާސިފްވެސް ނުހާ އަށް ޖަވާބު ދިނީ ވަރަށް ޕްރޮފެޝެނަލް ކޮށެވެ.
“މީ ފާލިހް. މިކޮމްޕެނީގެ އެކައުންޓް ހެޑް. މިއޮތީ ކޮންޓްރެކްޓް. ނުހާއަށް އެނގޭނެ ދެން ކަންތައް ކުރިއަށް ގެންދަންވީ ގޮތް.” އެއްކޮށްލާފައިވާ ބޯ ކަރުދާސްތަކެއް ނުހާއަށް ދައްކާލަމުން އާސިފް ފާލިހް އަށް ހިނިތުންވެލިއެވެ.
“ތެންކިޔޫ.”ފާލިހް ޝުކުރު އަދާކުރިއެވެ.
އާސިފް ބޯޖަހާލަމުން ކައިރީގައި އޮތް ފައިލް ނަގާ ހާވަން ފެށިއެވެ.
އަތުގެ އިޝާރާތުން ނުހާ ފާލިހްއަށް އޭނާއާއި އެކު އަންނަން އަންގާލަމުން ކެބިން އިން ނިކުތެވެ. އެންމެންނަށް ފާލިހް ތަޢާރަފްކޮށްދިނުމަށްފަހު ނުހާ ފާލިހްގެ ކެބިން ދެއްކިއެވެ.
“އޯލް ދަ ބެސްޓް.” ފަރިގޮތަކަށް ހިނިތުންވެލަމުން ނުހާ ފާލިހްއާ ސަލާމް ކޮށްލިއެވެ. އަދި އެހާމެ ފަރި ހިނގުމެއްގައި އެތަނުން ނިކުންނަން ހިނގައިގަތެވެ.
އަޔާން އޮފީހަށް ވަތްގޮތަށް ގުޅާލީ އެއާޕޯޓް ރިޒަވޭޝަންއަށެވެ. ކައުންޓަރު ގައި މީތަން ނެތްކަން ފާހަގަވުމުން ވަށައިގެންވާ މާހައުލަށް އަޔާން ނަޒަރު ހިންގާލިއެވެ.
“އޭ މޭން. ހާދަ ވަރަކަށް ގުޅީމޭ ރޭގައި.” ކުއްލިއަކަށް ފާލިހް އައިސް އަޔާންގެ ކޮނޑުގައި ޖަހާލުމުން އަޔާން ދިޔައީ ސިއްސައިގެންނެވެ.
“ބޮޑު އައިނެއް އަޅައިގެން ހުރި ކުއްޖެއް ދެކުނިންތަ މިއަދު؟” ފާލިހް ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އަޔާން އަހާލިއެވެ.
“ބޮޑު އައިނެކޭ. ނުހާ ހުންނަނީ އައިނެއް އަޅާފައެއް ނޫނެއްނު.” ފާލިހްގެ ނިތްކުރިއަށް އެރި ބޮޑު ރުލާއި އެކު އޭނާ އަޔާން އާއި ދިމާއަށް ދެލޯ ކުޑަކޮށްލިއެވެ.
“ހޫން. އަޅާނުލާ. މާދަން ހަވީރު ފުރަން.” އަޔާން ދެޖީބަށް އަތް ޖަހާލިއެވެ.
“އަސްލުވެސްތަ؟ މިރޭ ވާނެ އެންމެން މީޓް ވެލަން. ނުހާވެސް ގޮވައިގެން އަންނަންވާނީ. އައި ތިންކް ޝީ އިޒް ނޮޓް ދެޓް ބޭޑް. އެންމެ ދުވަހަކުން ނުވެސް އެނގޭނެ. އެކަމަކު ބަލާލާފަ ހިއެއްނުވޭ ގޯސް ކުއްޖެއްހެން.” ފާލިހް ފުރަތަމަ ފަހަރަށް ނުހާއާމެދު ރަނގަޅަށް ވާހަކަ ދެއްކުމުން އަޔާން ހިތްހަމަޖެހުނެވެ. އަދި ފާލިހްއާއި ވާހަކަ ދައްކަމުން އޭނާގެ ބައްޕަގެ ކެބިންއަށް ވަނެވެ.
“ޑޭޑް. މާދަން ހަވީރު ފުރާގޮތަށް.” އާސިފްގެ ކަންފަތުގައި ޖެހުނީ އޭނާ އަޑުއަހަން ބޭނުންވާކަހަލަ ވާހަކައެއްނޫނެވެ.
“ދަރިފުޅު އަވަހަށް އަންނާނަންދޯ.” އާސިފް ހުރީ އިންތިހާއަށް ދެރަވެފައެވެ. އެތަކެއް އަހަރު ތަކަކަށްފަހު އާސިފް ގެ ދަރިފުޅު އޭނާގެ ކައިރިއަށް އައިސްފައި އަނެއްކާވެސް ލޯމަތިން ގެއްލޭކަށް އޭނާ ނޭދެއެވެ. އާސިފް އަޔާންގެ ގައިގައި ބައްދާލިއިރު އޭނާއަށް ހުރީ ރޮވިފައެވެ. އަޔާންވެސް ހުރީ ފެންކަޅިވެފައެވެ. ދުރުގައި މަންޒަރު ބަލަން ހުރި ފާލިހްގެ މޫނުމަތިވެސް ހުރީ މިލާފައެވެ. ބައްޕަގެ ބުރަކަށީގައި ފިރުމާލަމުން ފަހަތަށް އެނބުރުނު އަޔާންގެ ލޮލުން އެއްވެސް އިޒުނައަކާއި ނުލާ ކަރުނަތައް އޮހިގަތީ ދޮރު ކައިރީގައި ހުރި ނުހާ ފެނުމުންނެވެ. ދަރިފުޅުގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން އާސިފް އަޔާންގެ ގައިގައި އޮޅުލައިގަނެވުނީ ބޭއިހްތިޔާރުގައެވެ.
“ފެމެލީ ޑްރާމާ.” ހިތާ ހިތުން ކުދި ކިޔަމުން ނުހާ އެތަނުން ބޭރަށް ނިކުތެވެ. ކެންޓީނަށް ގޮސް އެތާގައި ހުރި މޭޒެއްގައި އިށީންތަނާ ފޯނު ރިންގުވާންފެށިއެވެ. ފަރުވާކުޑަ ގޮތަކަށް ފޯނު ނަގާ ބަލާލިއިރު ގުޅަނީ އާސިފްއެވެ.
“ހަމަ ޖެހިލައިގެން ސައިވެސް ނުބޮވޭނެ.” އަނގަޔަށް ވައްތަރަށް ޖައްސާލަމުން ނުހާ ތެދުވިއެވެ.
“ހާދަ ރުޅިއެއް.” އަޔާންގެ އަޑު ކަންފަތުގައި ޖެހުމުން ނުހާ ދިޔައީ ސިއްސައިގެންނެވެ.
“ހެވެއްނު. ތިއުޅެނީ. ދާކަށްނު ދޫކޮށްލާފަ.” ހިތާމަވެރިކަން ނުހާ ގެ އަޑަށް ގެންނަމުން އަޔާން އަށް ފުރަގަސްދިނެވެ. އެވަގުތު ކެންޓީނުގައި މަދުން ނަމަވެސް މީހުން ތިބުމުން އަޔާންއަށް ނުހާއާ ގާތްވާކަށް ނުކެރުނެވެ. ނަމަވެސް އަޔާންގެ ދެލޮލުން ހެކިދެނީ އޭނާ އެހުރީ ވަރަށް ދެރަވެފައި ކަމެވެ. އެންމެންނަށް ސިއްރުން ކަހަލަ ގޮތަކަށް ނުޙާގެ އަތަށް ފިއްތާލަމުން އަޔާން ހިނގައިގަތެވެ. ބުނަން ބޭނުންވާ އެތައް ވާހަކައެއް ހުރިކަމުގައި ވިޔަސް ހާލަތު އަޔާންއަކަށް އެފުރުސަތެއް ނުދިނެވެ.
“ކީއްވެ ކޯ ރަތްވެފައި ތިހުރީ.” އާސިފް ހުރީ ނުހާ ނުފެނިގެން ކަހަލައެވެ.
“ވެއްޓުނީ.” ނުހާ ޖަވާބު ދިނީ ވަރަށް އަވަހަށެވެ. ނުހާ ގެ ނަސީބު ކަންނޭނގެއެވެ. އެވަގުތު އޮފީސް ބޯއީ ދޮރުގައި ޓަކިޖަހައިލަމުން އެތެރެއަށް ވަނެވެ.
“ސަރ. މީޓިން ރޫމްގައި ހުރިހާ ބޭފުޅުންވެސް ހަމަވެއްޖެ. މިއަދު މީތަން ހުރީ ސަލާމުގައި.” އެހެންވީމަ މީޓިން ނޯޓްސް ލިޔާނީ ކާކު؟ ” އާސިފް ނުހާއާއި ދިމާއަށް ބަލާލުމުން ނުހާ ބޯޖަހާލީ އާސިފް ބުނަން އުޅޭ އެއްޗެއް ވިސްނިގެން ހިތާއި ދެކޮޅަށެވެ.
“މިސްވާނެ ވަރަށް.” ފާލިހްއާއި އަޔާން ވާހަކަ ދައްކަން ތިބީ ފާލިހްގެ ކެބިންގައެވެ.
“ނުހާއަށް ބަލައްޗޭ.” އަޔާންއަށް އެގޮތަށް އެބުނެވުނީ ކިތައް ފަހަރު ކަމެއް ޚުދު އަޔާންއަށްވެސް ނޭނގޭއެވެ.
“ބަލާނަމޭ. އަޔާން ބުނީމެއްނު މަންތެކޭ ވާނީ. އެދެން މާގިނަ ދުވަހެއްނޫނެއްނު. މަވެސް ދާނަން މަލަކާ ގޮވައިގެން. އަޔާންވެސް އާދެބަލަ ނުހާ ގޮވައިގެން. އަދިވެސް ރައްޓެއްސެއް ނުކޮށްދޭ. އެޔެއްނު އެންމެ ފުރަތަމަ ކޮށްދެންވީ ކަމަކީ.” ފާލިހް މޭޒުމަތީގައި އޮތް ބަރު ނަގާ އަނބުރާލަމުން ބުނެލިއެވެ.
“މިރޭ ތިކަން ކުރާނަމޭ. ޓައިމްއެއް ނުވަނީއޭ. ޑޭޑްގެ ސްޓާފެއް ވީމަ ބަލަން ވެސް ޖެހޭނެއެއްނު.” އަޔާން ޔަޤީންކަން ދިނެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިރޭ ނުހާ އެމީހުންނަށް ތައާރަފްކޮށްދޭނެއެވެ.
އެވަގުތު ދެތަށި ކޮފީ ހިފައިގެން އޮފީހުގެ މަސައްކަތު މީހެއް ކަމަށްވާ ފަރީދާ ވަނެވެ.
“މީތަން އޮފީހަށް ނާދޭތަ؟” ކެބިން އިން ނިކުންނަން ދިޔަ ފަރީދާ އަޔާންގެ އަޑަށް އެނބުރި ބަލާލިއެވެ. އަޔާން އެވާހަކަ ދެއްކީ އޭނައާއި ކަން ޔަޤީންކުރާ ކަހަލަ ގޮތަކަށެވެ.
“މިއަދު ނާދޭ.” އަޔާން ބަލަން ހުރިތަން ފެނުމުން ފަރީދާ ބުނެލިއެވެ. އަދި އަވަސް އަވަހަށް އެތަނުން ނިކުތެވެ.
“ކޮން މީތަންއެއްތަ؟” ފާލިހް ހުރީ ވާނުވާ ނޭނގިފައެވެ.
“އެއީ ކާޓޫނެއް.” ހިނިގަނޑެއް ޖަހާލަމުން އަޔާން ބުނެލިއެވެ. އަޔާން ގެ މޫނުމަތިން އެއްވެސް ސީރިއަސް ކަމެއް ނެތްތަން ފެނިފައި ފާލިހްވެސް އޭނަގެ މަސައްކަތާއިގެން އުޅެގަތެވެ. އަޔާންއަކީ އޭނަގެ ކިތަންމެ ގާތް މީހެއްކަމުގައި ވިޔަސް އޮފީސް މަސައްކަތުގައި ފަރުވާކުޑަކޮށް އެއްވެސް ޝަކުވާއެއް ކުރާނެ ޖާގައެއް އޭނާ ދޭކަށް ބޭނުމެއްނޫނެވެ.
އަޔާން ދެކޮޅު ދެކޮޅަށް އޮފީސް ދޮރުމަތީގައި ހިނގާލަ ހިނގާލަ ހުރީ ނުހާގެ އިންތިޒާރުގައެވެ. ނުހާއަށް މެސެޖް ކުރުމަށްފަހުގަ އެވެ. ރޭގައިވެސް އަޔާން ދައްކަން ބޭނުންވި އެއްވެސް ވާހަކައެއް ނުދެއްކޭކަން އޭނާ ހަނދާންވީ އަދި ކިރިޔާ އެވެ. ދެކޮޅު ދެކޮޅަށް ހިނގަ ހިނގާހުރި އަޔާން ހުއްޓުނީ ކުރިމަތިން ދެކޮޅު ހޯދަމުން އަންނަ ނުހާ ފެނިގެންނެވެ. އެއްވެސް ހުރަހެއްނެތި ދޫކޮށްލާފައިވާ ނުހާ ގެ ފަން އިސްތަށިކޮޅު ވަޔާ ވިހުރުވެމުންދާ މަންޒަރު ފެނުމުން އަޔާން ހިނިތުންވެލިއެވެ.
“ކީކޭ. މީޓިން ރޫމްގެ އިނދެފަ މިއައީ. ވަރަށް ބިޒީ.” ނުހާ ގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. އިރުއިރުކޮޅާއި އޮފީސް ދޮރާއި ދިމާއަށް ބަލާލައެވެ.
“މިރޭ ނުވައެއް ޖަހާއިރު ރެޑީވައްޗޭ. އަންނާނަން ބަލާ.” އަޔާން ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ.
“އޭން. ކޮންތާކަށްދާން. އަޔާން އާދެބަލަ ގެޔަށް.” ބުނާނެ ނުބުނާނެ އެއްޗެއް ނޭނގޭ ކަހަލަ ގޮތަކަށް ނުޙާ ބުނެލިއެވެ.
“އެއްވެސް ބަހަނާއެއް ނުދައްކާ ބުނާ ގޮތަކަށް ހަދާފާނަން.” އަޔާން އަޑުގައިވާ ނުރުހުމުގެ އަސަރުން ނުހާ އިސްޖަހާލިއެވެ.
“މިރޭ މީޓިންއެއް އެބައޮތް. އަޔާން ބުނެބަލަ ދާންވީ ގަޑިއާއި ތަން. ނުހާ ގޮސްދާނަން. ދެން ތިކުރަން އުޅޭ ކަމެއް ނިންމާފަ އެއްކޮށް ނުހާމެންގެޔަށް އާދެވޭނެއެއްނު.” ނުހާ އަޔާންއާ ކައިރި ވެލަމުން ވައި އަޑުން ބުނެލިއެވެ.
“މެސެޖް ކުރާނަން.” އަޔާން ބޯޖަހާލަމުން ނުހާގެ ދަތްދޮޅީގައި ހިފާލިއެވެ. ދެފަރާތަށް ބަލާލަމުން ނުހާ ތެޅިގެންފައި އަޔާންއާއި ދުރަށް ޖެހުނެވެ. އަދި ގަދަކަމުން ހީލަމުން އޮފީހާއި ދިމާއަށް ހިނގައިގަތެވެ.
އަބަދު ތޮއް ޖެހިފައިވާ ޗީބޯ ގެ މާހައުލުގައި މިރޭ ވަރަށް މީހުން މަދެވެ. ވެހެމުންދާ ހިމަފޮދު ވާރޭގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އަޔާން އާއި ފާލިހްގެ ދެމަފިރިން އިންތިޒާރު ކުރަމުންއެދަނީ ނުހާއަށެވެ. އަޔާން އިރުއިރުކޮޅާއި ގަޑިއަށް ބަލާލައެވެ.
“ޕިސް ޕިސް..ހާދަ ވަރެއްތިވަނީ. ގޮވައިގެން އައިނަމަ.” މަލަކާ އަޔާންއާ ދިމާކުރަމުން ހޭންފެށިއެވެ. އަޔާން ފޯނު ނަގާ ނުހާ ގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. އެވަގުތު ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. އަޔާންމެން ތިބި މޭޒަށް ފެންތިކި ބުރަން ފެށުމާއެކު މަލަކާ އޭނާގެ ތުއިއަޑުން ހަޅޭލަވައިގަތެވެ.
“ޗީ..ޗީ..ހިނގާބަލަ އެހެރަ މޭޒަށް ދާން.” ތަންކޮޅެއް އެތެރޭގައި ހުރިމޭޒަކާއި ދިމާއަށް އިނގިލި ދިގުކުރަމުން މަލަކާ ތެދުވެ އެނބުރިލިއެވެ. އެވަގުތު ކުރިމަތީގައި ހުރި އަންހެންކުއްޖެއް ފެނުމުން މަލަކާ “އޭތް” އޭ ކިޔަމުން އެކުއްޖެއްގެ ގައިގައި ހިފައިގަތެވެ. އެއަޑަށް ފާލިހްއާ އަޔާންއަށް ބަލާލެވުނީ އެކު އެކީގައެވެ. އަޔާން ދެލޯ ބޮޑުކޮށްގެން ބަލަންހުރި އިރު ފާލިހް ހުރީ ވާނުވާ ނޭނގިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Wow…vrh reethi…. wn is next
Vvv reethi … maashallah