ކޮޓަރީގެ ބޭރުގައި ހުރި ދާއިންގެ ލޮލުން ކަރުނަހުސްނުވެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލާފައިހުރިއިރު ކަންބޮޑުވުމުގެ އަސަރު އެމޫނުމަތިން ފެންނަމުންދިޔައެވެ. އަމިއްލަ ބޭބެގެ ފުރާނަ ސަލާމަތްކުރަން ޒީކްއަށް އެފަދަ ހާލެއް ޖެއްސުނީތީ އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށިއެވެ.
********
ފައިން ފެށިގެން އެރި މޫތަށް ގޮސް ޒީކްގެ މޫނާއި ހަމައިން ހުއްޓުނެވެ. އެމޫތަކުގެ ތެރޭގައި ޒީކް ހައްޔަރުކޮށްލެވިފައިވީ ގުޑިވެސް ނުލެވޭނޭ މިންވަރަށެވެ. ނޭވާ އުފުރިދާނެހެން ހީވި ނަމަވެސް ސަލާމަތަށް އެދި އަނގަ ހުޅުވާލަންވެސް ނުކެރުނެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނައިން ވާނެ ފައިދާއެއް ނެތެވެ. ނަމަވެސް އެންމެ ފަހުވަގުތާއި ޖެހެންދެން އުއްމީދު ގެއްލުވާނުލުމަށް އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.
ކައިލްގެ ހަށިގަނޑަށް އެރި ލޮޅުމާއިއެކު އެހަށިގަނޑު އުފުލެން ފެށިއެވެ. އެއާއިއެކު ހަށިގަނޑުން ހިލަވެފައިވާ ބައިތައް ފުނޑުފުނޑުވެގެން ފައިބަން ފެށިއެވެ. ދެލޯ ހުޅުވައިގެން ހުރުން އުނދަގޫވެގެންދާ ވަރަށް މުޅިތަން އެކީ ފުސްވެގެން ދިޔައެވެ. ޒީކްއަށް ދެލޯ މަރާލެވުނީ ލޯހުޅުވައިގެން ހުރުމަށް ކެތްނުކުރެވުމުންނެވެ.
ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު ޒީކް އޭނާގެ ލޯ ހުޅުވާލިއެވެ. އޭރު ތަނުގެ ހާލަތު ވަނީ ކުރިން ހުރިގޮތަށް ބަދަލުވެފައެވެ. އާދަޔާ ޚިލާފު އެއްވެސް ކަމެއް ހިނގިހެންވެސް ހީނުވެއެވެ. ޒީކްއަށް އޭނަގެ ގައިގެ އެތަން މިތަނުގައި އަތް ޖައްސާލެވުނެވެ. ނަމަވެސް ނުރައްކަލުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ޒީކްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ދެކަކުލުގައި އަތް ވިއްދާލެވުނެވެ.
ކައިލްއަށް ވީގޮތެއް ބެލުމަށް ޒީކް އަވަސްވެގަތެވެ. ވަށައިގެން ހޯދާލުމަށް އެނބުރިލީ ވަގުތު ކައިލް ހުރީ ކިރިޔާ ޖެހޭނުޖެހޭ ހިސާބުގައެވެ. ކައިލް ހުރިގޮތުންނާއި ކުއްލިއަކަށް ފެނުމުން ޒީކްއަށް ލިބުނީ ޝޮކެކެވެ. ދެލޯ ބޮޑުކޮށްލަމުން ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
ކުރިމަތީގައި އެހުރީ ކައިލް ކަން އެނގުނު ނަމަވެސް އެހުރީ އޭނަ އެސިފައެއްދެކެ އެންމެ ޖެހިލުންވާ ސިފައިގައެވެ. އެސިފައިގައި ކައިލް ހުއްޓައި ދުވަހަކުވެސް ދެކޭކަށް އޭނަ ބޭނުމެއް ނޫނެވެ. ކައިލްގެ މުޅި ހަންގަޑު ކަޅުވެފައިވާއިރު ރަތްކުލައިގެ ނާރުތައް ފާޅުވާން ހުރުމުން ފެންނަނީ ވަރަށްވެސް ބިރުވެރިކޮށެވެ. އަނގައިގެ ތެރެއިން ތޫނު ދެދަތް ނުކުމެފައިވާއިރު ދެލޯ ވަނީ ރަތްކުލައިން ދިއްލިފައެވެ.
ކައިލްއަށް ޒީކް ފެންނަމުންދިޔައީ ރަތްކުލައިގެ ސާފު ލޭކޮޅެއް ހެންނެވެ. ޒީކްއަކީ ކާކުކަން އެނގުނު ނަމަވެސް އަމިއްލަ ބާރުތައް ކޮންޓްރޯލްކުރެވޭ ގޮތެއް ނުވިއެވެ. އެހާ ގިނައިރު ވޭނުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން އޭނަގެ ނިޔަތް ގޯސްވަމުން ދިޔައެވެ. އަމިއްލަ ހަށިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ވިދުވަރެއްހައި ހަލުވިމިނުގައި ގޮސް ޒީކްގެ ގައިގައި ހިފައިގަތެވެ.
ދާއިންއަށް ކައިލް ހިފަހައްޓާލެވުނީ ކިރިޔާއެވެ. އަތުގައި އޮތް ލޭޕެކެޓް ދިއްކޮށްލުމާއިއެކު ކައިލް އެބޮއެ ހުސްކޮށްލީ ދުވަހަކު ކާއެއްޗެއް ލިބިފައިނުވާ މީހަކު ފަދައިންނެވެ. ކައިލް އާއި ދިމާއަށް ބަލަހައްޓައިގެން ޒީކްއަށް ހުރެވުނީ ބިރުން ތުރުތުރުއަޅާ ހާލުގައެވެ. ކިތަންމެ ލޯބިވިޔަސް އެފަދައިން ކަންތައް ކުރުމުން ޖެހިލުންވާން ފެށީ މާބޮޑަށެވެ.
********
ދޮރު ވައްޓާލުމަށްފަހު ފުލުހުން ގޭގެ އެތެރެއަށްވަނެވެ. ފުސްވެފައިވާ އެގޭގެ ތެރޭގައި ފުލުހުން ހިނގަމުންދިޔައީ ވަރަށް ސަމާލުވެތިބެއެވެ.
ކުއްލިއަކަށް އައިނައި ތަނެއް ނޭނގި ފެނުނީ ކަރަމް އައިސް ފުލުހެއްގެ ފުރާނަ ދުއްވާލިތަނެވެ. ކަރަމްގެ ބިރުވެރި ސިފަ ފެނުމާއިއެކު ފިޒާނާގެ ހޭވެރިކަން ނެތިގެން ދިޔައެވެ. އުމޭދުވެސް ހުރީ ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އެނޫނީ ހަމަލޮލަށް އޭނައަށް އެފަދަ މަންޒަރެއް ފެނިފައެއް ނުވެއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެވުނީ ފިޒާނާ އޭނަގެ އަތްދަނޑި މައްޗަށް އުފުލާލައިގެންނެވެ. ފެނުނު މަންޒަރުން އަމިއްލަ ދަރިފުޅު ސަލާމަތުން ހުރެދާނެ ކަމުގެ އުއްމީދު ކުޑަވެގެން ދިޔައެވެ.
ބަޑީގެ ވަޒަން އަރާވަރަށްވުރެ ކަރަމްގެ ހަރަކާތްތައް އަވަހެވެ. ދެތިން ހަތަރު ފުލުހުންގެ ފުރާނަ ދުއްވާލިއިރުވެސް ފުލުހުންނަށް ކުރެވުނު ކަމެއް ނެތެވެ. މުޅި ތަނުގައި ލެއިގެ ކޯރެއް ހެދި ފުލުހުންގެ ސަފުތައް ރޫޅެން ފެށިއެވެ. ޖެހިލުން ނުވާކަން ދައްކަން ކިތަންމެ މަސައްކަތްކުރި ނަމަވެސް އެއިން ކޮންމެ މީހަކަށްވެސް އިސްކަމެއްދެވުނީ އަމިއްލަ ސަލާމަތްތެރިކަމަށެވެ.
އަމިއްލަ ފިރިމީހާ އެހާލަށް ދޫކޮށްލުމަށްފަހު ދާން ސުމޭނާގެ ހިތެއް ހަމައެއް ނުޖެހުނެވެ. އަމިއްލަ ފުރާނަ ގުރުބާން ކުރަންޖެހުނަސް ވަރިހަމަކަމަށް ސުމޭނާވެސް ފުލުހުންނާއި ކުރިމަތިލިއެވެ. ސުމޭނާ ފެނުމާއިއެކު ކަރަމްގެ މޫނުމަތިން ފެނިގެންދިޔައީ ކަންބޮޑުވުމެވެ. ސުމޭނާގެ ކައިރީގައި އެތަނުން ދިޔުމަށް ބުނަމުންދިޔައެވެ. ނަމަވެސް ސުމޭނާ އެންމެ ތަންކޮޅެއްވެސް ފަސްނުޖެހުނެވެ.
ސުމޭނާގެ ގަޔަށް އެރި ވަޒަނާއިއެކު ހުރިތަނަށް ވެއްޓުނެވެ. ފެނުނު މަންޒަރުން ކަރަމްގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ލޯބިވާ އަނބިމީހާގެ ނެތި ދިޔުމުން ކުރަމުން އައި ހިތްވަރު އެލިގެން ދިޔައެވެ. ވަގުތަކީ ކަރަމްގެ ގަޔަށް ދެތިން ވަޒަން އެއްފަހަރާ އަރައިގެންދިޔަ ވަގުތު ކަމަށްވުމާއިއެކު ކަރަމްއަށް ވެސް ކުރެވުނު ކަމެއް ނެތެވެ. މަރުވެގެން ހުރިތަނަށް ވެއްޓެންދެންވެސް އޭނައަށް ބެލެމުންދިޔައީ ލޯބިވާ އަނބިމީހާ އާއި ދިމާއަށެވެ.
ކަރަމްގެ ވަކިވެދިޔުމަށްފަހު ފުލުހުންނަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. ރޫޅިފައިވާ ސަފުތައް އަލުން ހެދުމަށްފަހު އެކި މީހުން ބައިބަޔަށް ބަހާލިއެވެ. އަދި ކުރިމަތިން ފެންނަން ހުރި ތިން ކޮޓަރި ބަލާ ފާސްކުރުމަށް އެންގިއެވެ.
********
“އައިމް ސޯ ސޮރީ ޒީކް….” ޒީކްގެ ގައިގައި ބައްދާލަމުން ކައިލް ބުންޏެވެ. އެއަޑުގައިވީ ކަންބޮޑުވުމެވެ. ޒީކްއަށް ހަމަލާދިނުމަށް މަސައްކަތްކުރެވުނު ހަނދާންވުމާއިއެކު ކައިލްގެ ދެލޯ ތެންމާލިއެވެ. ދާއިން ނައިނަމަ ފެންނާނީ ޒީކްގެ ފުރާނަ ނެތް މަސްގަނޑޭ ހިތަށް އެރުމުންނެވެ.
ދާއިން ހުރީ ފުރަގަސްދީގެންނެވެ. ކައިލް އާއި ޒީކްއަށް ވަގުތު ދީގެން ހުރީ ހިތް އެކަމަށް އެދޭތީއެއް ނޫނެވެ. އެތެރެއިން ހިތްއެކީ ކުދިކުދިވަމުން ދިޔަނަމަވެސް އޭނަ ކެތްތެރިވިއެވެ.
“އައި ލަވް ޔޫ ޒީކް…. އައި ލަވް ޔޫ ސޯ މަޗް…” ކައިލް ތަކުރާރުކޮށް ބުނަމުންދިޔައެވެ. އޭރުވެސް އޭނަ ހުރީ ޒީކްގެ ގައިގައި ބައްދާލައިގެންނެވެ. އޭނައަށްޓަކައި ޒީކްގެ ފުރާނަ ގުރުބާންކުރަން ފަސްނުޖެހުމުން އެހިތުގައި ޒީކްއަށް ދެވިފައިވާ މަޤާމު އެތައް ގުނައެއް އުފުލިގެން ދިޔައެވެ.
“ކައިލް… އައި ލަވް…” ޒީކްއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ކައިލް އޭނަގެ ތުންފަތުގައި އިނގިލި ޖައްސާލުމަށްފަހު އެކަން މަނާކުރިއެވެ. އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ޒީކް އޭނަދެކެ ލޯބިވާކަން އޭނައަށް އެނގިއްޖެއެވެ. ނަމަވެސް ދެރައީ ޒީކް ބޭނުންވާފަދަ ދިރިއުޅުމެއް އޭނައަށް ހޯދައިނުދެވޭނެތީއެވެ. ދާއިން ބުނިހެން ޒީކްއަކީ އިންސާނެކެވެ. އެމީހުންގެ ތެރޭގައި އުޅެން ޒީކްއަށް އުނދަގޫވާނެއެވެ. އަނެއްކޮޅުން ޒީކްއާއި އެކު އިންސާނުންގެ ތެރޭގައި އުޅުން އޭނައަށްވެސް ވާނީ ދަތިކަމަކަށެވެ.
“ޒީކް… ބޭކާރު ބަސްތަކެއް ތިދުލުން ބޭރު ނުކުރޭ… ޒީކް އަހަރެންދެކެ ކިތަންމެ ލޯބި ވިޔަސް އަހަރެމެންނަށް އެކުގައި އުޅެވޭކަށް ނެތް… އަހަރެމެންނަކީ މުޅިން ތަފާތު ދެ ނަސްލެއްގެ ބައެއް…” ކައިލްގެ ދެލޯ ފެންކަޅިވިއެވެ. ކަރުނަތައް ފޮރުވަން މަސައްކަތްކުރި ނަމަވެސް ސިއްރެއް ނުކުރެވުނެވެ.
“ނޫން ކައިލް…. އަހަންނަށް ކައިލް އާއި ނުލައި ނޫޅެވޭނެ… ކައިލް ބުނި ކޮންމެކަމެއް އަހަރެން ކުރާނަން…” ކައިލްގެ ފައިބުޑަށް ތިރިވެ ޒީކް އާދޭސްކުރަން ފެށިއެވެ.
“ޕްލީޒް…. އަހަރެން ހަމައެކަނި ލޯބިވީ ފަރާތަކީ ތީ… އިންސާނަކަށް ނުވިޔަސް އަހަންނަށް އެންމެ ރަނގަޅު… އަހަރެންގެ ގައިގައި ހުރި ހުރިހާ ލެޔެއް ހުސްކޮށްލިޔަސް އެއްވެސް ޝަކުވާއެއް ނުކުރާނަން… އެކަމަކު އަހަރެން ދިޔަނުދީ…” ޒީކް ވާހަކަ ދައްކަމުން ދިޔައީ ގިސްލަމުންނެވެ. ރޮވޭވަރުން އަޑުވެސް ނުކުންނަނީ ކިރިޔާއެވެ.
ކައިލްއަށް ދެލޯމަރާލެވުނެވެ. ޒީކްގެ ހާލު ފެނި ޚިޔާލު ބަދަލުކުރަން ބޭނުންވިއެވެ. ނަމަވެސް އޭގެ ސަބަބުން ޒީކްއަށް ލިބޭނެ ގެއްލުން މާބޮޑުވާނެކަން އޭނައަށް އެނގެއެވެ. އެހެން އެކަން ވާކަށް އޭނަ ބޭނުމެއް ނޫނެވެ. ލޯބީގެ ބަދަލުގައި އަނިޔާއެއް ނުދެވޭނެއެވެ. ޒީކް ކިތަންމެ ބޭނުންވިޔަސް އަދި އެކަމަށް އޭނަގެ ހިތް ކިތަންމެ އެދުނަސް، އެކަން އެހެންވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
“ޒީކް…. އަހަންނަށްޓަކައި…. އަހަރެންދެކެ ވާ ލޯތްބަށްޓަކައި…. އަހަންނާއި ދުރަށްދާން އެއްބަސްވެދީ…. ޕްލީޒް…. އާދޭސްކޮށްފައި ބުނަން…. މީއަހަރެން ޒީކްގެ ކިބައިން އެދޭ އެންމެ ފަހުގެ އެދުން…. މިއެދުން އަހަންނަށް ފުރިހަމަކޮށްދީ…” ޒީކްގެ ދެކޮނޑުގައި ހިފައި ނަގަމުން ކައިލް ބުންޏެވެ. އެވަގުތު ޒީކްއަށް އެމޭގެ ތެރޭގައި ބޮނޑިވެލެވުނެވެ. އަދި އެހެން ނުބުނުމަށް އެދި އާދޭސްކުރަމުން ދިޔައެވެ.
“ކޮންމެތާކު އުޅުނަސް… ކޮންމެ ހާލެއްގައި ވިޔަސް… ތިހަނދާން މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ….” ޒީކްގެ ނިތުގައި ބޮސްދެމުން ކައިލް ބުންޏެވެ.
ޒީކް ހިމޭންވިއެވެ. ކައިލްގެ ލޯބީގެ ބާރުގައި އޭނަ ކޮންމެ ކަމެއްވެސް ކޮށްފާނަމެވެ. އެލޯތްބަށްޓަކައި ކޮންމެ ވޭނަކަށްވެސް އޭނައަށް ކެތްކުރެވިދާނެއެވެ. ކައިލްގެ އެދުމަކީ އޭނަ ދުރުވުން ކަމުގައިވާނަމަ އެކަންވެސް އޭނަ ކުރާނަމެވެ. ހިތާއި ދެކޮޅަށްވިޔަސް އޭނަ އެހުރީ އެކަން ކުރަން ތައްޔާރަށެވެ.
ވަދާއުގެ ސަލާންކުރިއިރު ޒީކްގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. ކައިލް އާއި އަބަދުގެ އަބަދަށް ވަކިވެގެން ދާންޖެހޭތީ އޭނަގެ ހިތް ރޮނީއެވެ. ދެން ދުވަހަކުވެސް ކައިލް ނުފެންނާނޭކަން އެނގޭތީ ހިތުގައި ވަނީ މަޑު ރިހުމެއް އުފެދިފައެވެ.
ޒީކް ދުރުކޮށްލުމަށްފަހު ކައިލް އޭނާގެ ޖީބުން ނެގީ ރިހިކުލައިގެ ފަށެކެވެ. ފަށުގެ ފުލުގައި ގަދަ ނޫކުލައިގެ ހިލަކޮޅެއް ލާފައި އޮތެވެ. ކައިލް އެފަށް އަޅުވާލަދިނީ ޒީކްގެ ކަރުގައެވެ. އަދި އެއީ ލޯބީގެ ހަނދާނެއްގެ ގޮތުން އަޅުވާލަދިން ފަށެއް ކަމުގައި ބުނެ، އެފަށް ދުވަހަކުވެސް ހަށިގަނޑާއި ވަކި ނުކުރުމަށް އެދުނެވެ.
“ވަރަށް ހަނދާންވާނެ….” ދާއިންގެ ގައިގައި ކުޑަކޮށް ބައްދާލަމުން ޒީކް ބުންޏެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު އޭނަގެ ހިތުން ދާއިންއަށް ވަނީ ވަރަށް ޚާއްސަ މަޤާމެއް ދެވިފައެވެ. ގާތްއެކުވެރިއެއްގެ ލަޤަބު ދެވިފައެވެ.
ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު ޒީކްގެ މަތިންވެސް ވަރަށް ހަނދާންވާނެކަމުގައި ދާއިން ބުނެލިއެވެ. ހިތުގައި އަޅަމުންދިޔަ ވޭން ފޮރުވުމަށް އޭނަ ހުރީ ހިނިތުންވެލައިގެންނެވެ. ނަމަވެސް އެތެރެއިން ކަރުނަ އަޅަމުންދިޔައީ އަބަދަށްޓަކައި ޒީކް އާއި ވަކިވާންޖެހޭތީއެވެ.
*******
މުޅި ގެ ބަލައި ފާސްކުރި ނަމަވެސް ފުލުހުންނަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެފަދަ އެއްވެސް ކަމެއް ނުފެނުނެވެ. އެހެންކަމުން އިތުރު ވެމްޕަޔަރުން ނެތްކަމުގައި ބަލައި ގެއިން ނުކުތުމަށް ހިނގައިގަތެވެ.
ދޮރުމަތީގައި ހުރި ޒީކްފެނި އުމޭދު އަށާއި ފިޒާނާއަށް އެދިމާއަށް ދުއްވައިގަނެވުނީ އެކުއެކީގައެވެ. ނަމަވެސް ފުލުހުން އެކަން މަނާކުރީ ޒީކްއަކީ އިންސާނެއްކަމާއިމެދު ޝައްކުކުރެވުމުންނެވެ. ވެމްޕަޔަރުން ދެނެގަތުމަށް ބޭނުންކުރާ ޑިވައިސްގެ އެހީގައި ޒީކްއަކީ ކާކުކަން ޔަގީންކުރިއެވެ.
އަމިއްލަ ދަރިފުޅު ސަލާމަތުން ހުއްޓާ ފެނުމުން އުމޭދު އާއި ފިޒާނާ ހީވަނީ އުފަލުން މޮޔަވެދާނޭ ހެންނެވެ. ޒީކްގެ މޫނުގެ އެތަންމިތަނުގައި ބޮސްދެމުން ދިޔައިރު އެންމެ ވަގުތުކޮޅަކަށްވެސް ޒީކްގެ ގައިން ދޫކޮށްނުލައެވެ.
ކައިލް އާއި ވަކިވާންޖެހުމުން ޒީކްގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ. މަންމަމެންނާއިއެކު ދަމުން ފަސްއެނބުރި ބަލާލެވުނެވެ. ތަންކޮޅެއް ދުރުގައި ތިބި ކައިލް އާއި ދާއިން ފެނި ދެލޯ މަރާލެވުނެވެ. ފުލުހުން އައުމުގެ ކުރިން ގޭތެރޭގައިވާ ސިއްރު ބިންގަރާހުގެ ތެރެއިން އެމީހުންނަށް ބޭރަށް ނުކުމެވުނީ ކިރިޔާއެވެ. ކުޑަތަންކޮޅެއް ލަސްވިނަމަވެސް ދާއިން އާއި ކައިލްގެ ފުރާނައަށް ނުރައްކާވީހެވެ. އެކަމަށްޓަކައި ޒީކް އުފާކުރިއެވެ. އޭނަގެ ސަބަބުން ކައިލް އާއި ދާއިންގެ ފުރާނަ ސަލާމަތްވުމުންނެވެ.
ކައިލްއަށް ހުރިތަނަށް ތިރިވެވުނެވެ. އަބަދަށްޓަކައި ޒީކްގެ ހަނދާންތައް ފަސްލައި، ފޮރުވާލުން ވާނީ އޭނައަށް ކުރަން ވަރަށްވެސް އުނދަގޫ ކަމަކަށެވެ. ނަމަވެސް އޭނަ ކެތްކުރާނެއެވެ. ދާއިންގެ ހިތްވަރާއިއެކު ކައިލް ތެދުވިއެވެ. ކަރުނަ ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު އެމޫނުމަތިން ހިތާމައިގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ކައިލް އަށާއި ދާއިންއަށް ލިބުނީ ސިހުމެކެވެ. މަރުވެފައިވާ މީހުންތަކުގެ ތެރެއިން މަންމަ އާއި ބައްޕަ ފެނުމުންނެވެ. ދެރަވި ނަމަވެސް އެހަގީގަތްވެސް ގަބޫލުކުރިއެވެ. މަންމަ އާއި ބައްޕަގެ ހަށިގަނޑު ގެންގޮސް ޖަންގަލީގެ މާދުރު ހިސާބެއްގައި ވަޅުލިއެވެ.
03 އަހަރު ފަސް
“ދަރިފުޅާ… ހިނގާ އަވަހަށް ގެއަށްދަމާ ދޯ… ޑެޑީ މިހާރު ހުންނާނީ ލަސްވެފަ… އިރުއޮއްސޭއިރު ނުވާނެ އަތިރިމަތީގަ ތިބޭކަށް….” ޒީކް ވާހަކަ ދައްކަމުންދިޔައީ އޭނަގެ އެއް އަހަރުގެ ތުއްތު ދަރިފުޅަށެވެ.
ގެއަށް ނުދާން އެދަރިފުޅު ބޮޑާހާކަން ފެށުމުން ޒީކް ހުރީ ކަންބޮޑުވެފައެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އަތިރިމައްޗަށް އަންނަ ކޮންމެ ދުވަހަކު އެދަރިފުޅު ގެއަށް ނުދާން އެހާވަރަށް ބޮޑާހާކައެވެ.
“ދަރިފުޅާ… ޝައިމް އެބައުޅޭ ލަސްވެގެން… ފުރާގަޑި ޖެހެނީއޯ…” ފިޒާނާ އައިސް ތުއްތު ދަރިފުޅު އުރާލިއެވެ. އަދި އެދަރިފުޅުގެ ކޮލުގައި ލޯބިކޮށްލިއެވެ.
“މާމަގެ ކުޑަކުޑަ ކައިލް…” ފިޒާނާ އޭނަގެ ހުރި ހަމައެކަނި މާމަ ދަރިފުޅު ގެނެސް މެޔާލައި ބޮނޑިކޮށްލިއެވެ.
ޒީކްއަށް ދެލޯ މަރާލެވުނެވެ. މަންމަމެންނާއިއެކު އޭނަ ރާއްޖެ ބަދަލުވީ ކައިލްގެ ހަނދާންތަކުން ދުރަށް ދިޔުމަށެވެ. އެކަނިވެރި ދުވަސްތަކެއް ހޭދަކުރަންޖެހުމުން އެހަނދާންތަކާއި ދުރަށްދާން އުނދަގޫވިއެވެ. އެހެންކަމުން މަންމަމެންގެ އެދުމަށް އޭނަ ޝައިމް އާއި ކައިވެނިކުރީއެވެ. ނަމަވެސް ކައިވެނި ކޮށްގެން އެތައް ދުވަހެއް ވީއިރުވެސް ކައިލްގެ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ދަރިއަކު ލިބުމުން އެދަރިފުޅަށް ކައިލްގެ ނަމުން ނަންދޭން ބޭނުންވީ އެހިތުގައި ކައިލްއަށް ދެވިފައިވާ ޚާއްސަ މަޤާމަކުންނެވެ.
“އެހަނދާން ފޮހެވޭތޯ ބެލިޔަސް…” ޒީކްއަށް ހިތާއިހިތުން ކިޔާލެވުނެވެ. ކަރުގައި އަޅާފައިވާ ފަށުފުލުގައި ފިރުމާލެވުނެވެ. ކައިލްގެ ހަނދާން އެހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. ކައިލް އެދުނު ފަދައިން އެފަށް އޭނަގެ ހަށިގަނޑުން ދުވަހަކުވެސް ވަކި ނުކުރާނަމެވެ. އެއީ އޭނަގެ އަތުގައި އޮތް ކައިލްގެ ހަމައެކަނި ހަނދާނެވެ.
“އަހަނ… ޑެޑީގެ ޕްރިންސް… ކާކު ޑެޑީ ދޫނި ރޮއްވާލީ… އަވަހަށް އާދޭ ޑެޑީ ކައިރިއަށް…” ކައިލް ފެނުމާއިއެކު ޝައިމް ދުވެލާފައި ކަހަލަ ގޮތަކަށް އައިސް އެދަރިފުޅު އުރާލިއެވެ. އެއާއިއެކު ތުންކޮޅު އޫކޮށްލުމަށްފަހު އެތުއްތު ދަރިފުޅު ރޯންފެށިއެވެ.
“މީހަމަ މަންމި ކަހަލަ ކުއްޖެއް… އެހާ ފަސޭހައިން ރޯނެ…” ޒީކްގެ ކޮލުގައި ހިފާލަމުން ޝައިމް ބުނެލިއެވެ. އެއާއިއެކު ޒީކް ހިނިތުންވެލިއެވެ.
ޝައިމްގެ މަޖާ މިޒާޖުގެ ސަބަބުން އޭނައަށް ޝައިމް އާއިއެކީ އުޅެން ފަސޭހައެވެ. ކޮންމެ ކަމެއްގައިވެސް ޝައިމް އަބަދުވެސް އޭނަ އާއި އެންމެ ގާތުގައި ހުރެދެއެވެ. ކައިލް ބުނިހެން މިދިރިއުޅުން އޭނައަށް މާއުފާވެރިއެވެ. އެދުވަހު ހިތާމަކުރިޔަސް މިއަދު އޭނަގެ ހަޔާތް މިވަނީ ފުރިހަމަވެފައެވެ. ފިރިއަކާއި ލޯބިލޯބި ދަރިއަކު ލިބިއްޖެއެވެ.
“އައިލް މިސް ޔޫ…” ޒީކްގެ ގައިގައި ބައްދާލަމުން ޝައިމް ބުންޏެވެ. އަދި އެނދުމަތީގައި އޮތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލިއެވެ.
ޝައިމް ހިނގައިގަތުމާއިއެކު ޒީކް އައިސް ކުރިމައްޗަށް އެރިއެވެ. އަދި ޝައިމްގެ މޭގައި ބޮނޑިވެލިއެވެ. ނުދާށޭ ބުނާ ފަދައިންނެވެ.
“ކިހިނެތްވީ ޕްރިންސަސް… މާދަމާ އަންނާނަމޭ ޕްރިންސަސް ކައިރިއަށް… ޑިއުޓީ ނިންމާލާ ގޮތަށް ފުރަން ތައްޔާރަށް ހުންނާނީ…” ޒީކްގެ ބޮލުގައި ފިރުމާލަމުން ޝައިމް ބުނެލިއެވެ. ޒީކް ނޭފަތް ދަމާލިއެވެ. ރޮނީކަން އެނގުނީ ޝައިމް ލައިގެން ހުރި ޓީޝާޓުގެ މެޔާއި ދިމާއިން ތެތްކަމެއް އިޚުސާސްވުމުންނެވެ.
“މައި ޕްރިންސަސް ރޮނީތަ… ޕްލީޒް ދެރަނުވޭ… އެންމެ އަށް ގަޑިއިރެއްނު ދުރުގަ ހުންނަންޖެހޭނީ… ނަސީބެއްނު މިތާ ކައިރީ ރިސޯޓެއްގަ ވަޒީފާ އަދާކުރަންޖެހޭކަން… ބޭބީ ރޯލާއިރަށް ފުންމާލެވޭހާ ކައިރި… އަސްލު ބޭބީ ކިޔަންވީ ޕްރިންސަސްއަށޭ ދޯ…” ޒީކް އާއި ދިމާކުރުމަށް ޝައިމް ސަމާސާކޮށްލިއެވެ. އެއާއިއެކު ނޫނެކޭ ބުނެ ޒީކް ދުއްވައިގަތެވެ. ފަހަތުން ޝައިމްވެސް ދުއްވައިގަތެވެ. އެއީ ޝައިމްގެ އަބަދުގެވެސް އާދައެވެ. ޒީކްގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކެއްގެ ބަދަލުގައި ދެތިން ހަތަރުފަހަރު ހެއްވާލައެވެ.
********
އާދައިގެ މަތިން ކައިލް އޮތީ ގޭގެ ފުރާޅުމަތީގައެވެ. ދެލޯ މަރާލައިގެން އޮތްއިރު އޭނަގެ ވިސްނުމާއި ފިކުރު ގުޅިފައިވީ އެންމެ ފަރާތަކާއެވެ. ހިތުގައިވީ އެންމެ ސޫރައެކެވެ. ދުވަހަކު އެހަނދާން ފޮހެވުމެއް ނުވެއެވެ. ކަރުގައި އޮތް ފަށުގެ ފުލުގައި އަތްޖައްސާލެވުމާއިއެކު ހިތަށް ފިނިކަމެއް ލިބުނެވެ. އެފަށް ގުޅިފައިވަނީ އޭނަގެ ހިތަށެވެ. ޒީކް ހިތާމައެއްގައި ވިޔަސް އުފަލުގައި ހުއްޓަސް އޭނައަށް އެކަން އިޚުސާސްކުރެވެއެވެ. ކިތަންމެ ދުވަހެއް ވިޔަސް އެހިތުން ޒީކްއަށް ދެވިފައިވާ މަޤާމަކަށް ބަދަލެއް ނާންނާނެއެވެ. އޭނަގެ ދިރިއުޅުމުގެ ބާކީއޮތް ދުވަސްތައް ހޭދަކުރާނީ ޒީކްގެ ހަނދާނުގައެވެ. ދުވަހަކު ލިބުމެއް ނެތަސް އެކީ ހޭދަކުރެވުނު ވަގުތުކޮޅުތަކުގެ ފޮނި ހަނދާންތަކާއި އެކުގައެވެ.
(ނިމުނީ)
28 Comments!
Comments are closed.





YAY me first v reethi
Yes dear first ?? thank u so much dear ??❤❤ v happy vehje story kamudhiyaeema ??❤❤❤
Omg! This story is very nice masha Allah.???
This story mad me cry ??
Aww ?? so sweet ?❤❤ thank u so much dear ??❤❤ v happy vehje story kamudhiyaeema ??❤❤❤
Alhey haadha vaahaka thinimmaalee.. I thought this will b a long vampirish story n zeek n kail will be together in the end but story v nice.. keep going forward sis..
Salaam ???
Yes dear nimmaalee ?? zeek ah maa happy life eh hoadhadheefa mi nimmaalee ??
Aww ?? ?❤❤ thank u so much dear ??❤❤ v happy vehje story kamudhiyaeema ??❤❤❤
Salaam ???
Masha Allah ??? Mi storyge nimunvx alhey haadha reehchey eysh ???❤❤❤???… Just WOW ?????????… Sifakurunthah hama obiness to the max ?????????… Heevany manzaruthah hama lolah fennahen ?????????… Ehaavx furihama ?????????… U are a great writer eysh n keep up the good work ???❤❤❤???… I really appreciate your hard work ?????????… Lysm my sweet sweet eysh ????????????????????????❤❤❤????????????????????????
Vv ufaavehje mihaa sweet colorful cmnt eh anehkaves kiyaalan libuneema ??❤❤
⚘⚘⚘?????????
Aww ?? so sweet ?❤❤ thank u so much dear ??❤❤ v happy vehje story kamudhiyaeema? ??❤❤❤ly2 sweeet Naju ??❤❤❤
Omg omg omg keekey bunaanee… Speechless.. ? ♥ ? Alhey haadha haadha reehchey.. ? ♥ ? Vvvv furihama.. Vaahaka sifakolla dheefa imlehves ehaa molhuvefa ibaaraaiy kollaafa hurilevves vvv hiygaimu. ♥ ♥ ? ? Hiy ekee dhevijje.. Ethah hiyvarakun kiyaa nimmaa milevunee.. Ehaa asarugadha. Rovijje hama. Mie hama eysh ge reethi reethi vaahaka thakuge thereah ithuruvi ehaa molhu reethi vaahaka eh. Mihaareethi vaahaka genes dhenyaa eysh ge handhaan thakehves nufoheveyne.. ? ♥ ? ? ♥ Alhamdhulillaahi mi fannugai thi hoadhi kuri erumah hama assaribahaai saabas.. ? ♥ ? Lysm. ? ?
Awww ?? so sweet ??? vv happy vehje mi cmnt kiyaalaafa ??❤❤ story ga hunna kankan faahaga kohla dheythee vv hinhama jehey.. ??❤❤❤ haadha ufalunney mihury eysh mathin handhaan nahthaa nulaane kan enguneema ??❤❤
???
Thank u so much dear ??❤❤ ly2 ?❤❤
Wow vvvvv salhi ingey mu story.. Hama. Superb.. ? ♥ ? ? Kyle ah zeek libunu nama ey hithah eriyas eysh bunela dheefa inleh molhukamun gaboolu kurevunui vee rangashey.. Asluvea vvv molhi. Jumulathakaa ehchihi athuraalaafa hurilehves haadha salhi ey.. Thee hama emme best emme loabi writer.. ? ♥ ? ?
Awww ?? so sweet ??? vv happy vehje mi cmnt kiyaalaafa ??❤❤❤ cmnt nimmaalamun bunelaafa in thankolhu kiyaalaafa v bodah ufaavehje ??❤❤
???
Thank u so much dear ??❤ ?❤❤
Don’t make your readers cry Eysh??
But story very nice
For me your best writer in this site ???????
Your every story i read very nice ??
Masha Allah
Aww ?? sorry dear rohvvaalevuneema ??? hehe ❤❤❤ so sweeet ?? Aww ?? vvv happy vehje best writer ey buneleema ??❤❤? hurihaa story ves kiyaalaafa kamudhiyaeema vv ufaavehje ????❤❤
Thank u so much dear ??❤❤❤❤
Assalaamalaikum ?❤
Here is the last part of this story ❤❤ unmeedhukuran kamudhaane kamah ?
Story feshigen mihaathanah kiyuntherinna hama ah genesdhevunee kiyuntheringe ves v bodh support eh libigen.. ekamahtakai v bodah shukuru adhaakohllan ??❤
Story ah coment kohli kudhinnah vv bodah shukuru adhaakohllan haahsakoh hama hurihaa part akah kahala gothakah cmnt kohli (sheen, Naju, Lotus, Lam, Unique, Dandoo) ah v bodah shukuru adhaakohlan ??? thank u so much for the support ???❤
And coment kohli hama hurihaa kudhinnahves vv bodah shukuru adhaakohlan ??? story ah like kohlaa share kohllaa adhi shauguverikamaa eku kiyaali hama hurihaa kudhinnanves v bodah shukuru adhaakohllan ??
Will miss u all ????❤❤?
Awwn???will miss stry??Masha allah???vrh happy vejje I name use kohlyma☺☺dandoo ah name chage kohlan v thoahche???hehe?
Hehe ??? Dandoo is a good name for u dear ??? v reethi v ma ey enan dhinee ????❤❤ thank u so much dandoo ??❤❤❤
varah reethi.. 🙂
Aww ?? thank u so much Maaii dear ??❤❤? vv happy vehje story kamudhiyaeema and cmnt kohleema ??❤❤??
maasha allah….
alhey sissy haadha avahah nimmaaly story.
knme gotheh viyas i really love this
ly so much for writing this much nice stories thanq n go on kuriah
waiting for ur next story sis
till miss u so much
Aww ?? thank u so much dear ??❤❤? vv happy vehje story kamudhiyaeema ??❤❤❤ will miss u too dear ?❤❤❤
Wow! I wish I could be zeek. And my crush will be Kail. ???????Never heart broken but secretly I still……..? Him forever
wow eysh.. woww.. mivaruge story eh adhi nukiyan… you r grt and my favryt at all. Eysh ge story eh viyya hama konme story ehves ehaa fashuvi vefa furihama vaane. kiyaahithun indhe kiyaalevey. You r the best eysh. keep it up.
Vara emotional vara Reeth I keep it up
So emotional…hama rovalafi… ?Varah reethi.. ?Hama Habass..???
So emotional…hama rovalafi… ?Varah reethi.. ?Hama Habass..???… ?✍️?…
The best story I’ve ever read
Maashaa Allah
Keep it up ❤️❤️❤️
Masha Allah obsessed with this story🥰❤️ love it so much 😍 and I’ll always remember this story😭😫… expect nukuraa gothakah ninmaaladheefa ineema vakin furihama🤍🥺