Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 7

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 28, 2018 7 Mins Read
3 Comments

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔަ އެވެ. ވަގުތަކީ ހުރިހާކަމަކަށް ވެސް ޝިފާއަކަށްވާ ފަދައިން ލަސްލަހުން ނަމަވެސް ގޭތެރޭގެ ހާލަތު ހަމައަކަށް އެޅެމުން ދިޔަ އެވެ. ޒިވާންގެ ވަކިވެ ދިއުމުގެ ހަޤީޤަތާ ހުރިހާ އެންމެން ވެސް ކުރިމަތިލަމުން ދިޔައީ ކެތްތެރިކަމާއެކުގައެވެ. އެނާޒުކު ދަނޑިވަޅުގައި އާޢިލާގެ ހުރިހާ މެންބަރުންގެ ފަރާތުން ލިބެމުން އައި އޯގާތެރިކަމާއި ހިތްވަރުގެ ބަސްތަކުން ޒަހަމްވެފައިވި މާއީގެ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބެމުން ދިޔަ އެވެ. ލިބެމުން ދިޔަ ލޯތްބާއި އޯގާތެރިކަމުން ހިތާމަތަކާއި ކެރިގެން ކުރިމަތިލާން މާއީ ނުހަނު ބޭނުން ވެސް ވިއެވެ. އެއީ ޒިވާންގެ އެންމެ ފަހުގެ ވަސިއްޔަތަށް ވުމުން އެކަން ފުރިހަމަކުރަން ވެސް އޭނަ ނުހަނު ބޭނުމެވެ. ނަމަވެސް ކޮޓަރީގެ ހަތަރުފާރުތެރޭގައި އޭނަ އެކަނިވާ ކޮންމެ ފަހަރަކު ކަޅުސައިލެއް ފަދައިން އޭނަގެ ޚިޔާލުތަކަށް ސަވާރުވެގެން އަންނަނީ ހިތްދަތިކަމެވެ. ޒިވާންގެ ހަނދާންތައް އޭނަގެ ހިތަށް ތުނޑުތޫނު ކަށިތަކެއް ހެން ތަދުކުރުވާ ހިނދު އޭނަ ހަފުސް ވެދާނެހެން ވެސް އިހުސާސްކުރެވެއެވެ. ޒިވާންގެ ވަކިވެދިއުމުން އޭނައަށް އަސަރުކޮށްފައިވަނީ ނުހަނު ބޮޑަށެވެ. އާއިލާ މެންބަރުންގެ ކަންބޮޑުވުމަށް ނިމުން ގެނެސްދޭން އެކަންތައް އޭނަ ސިއްރުކުރިކަމުގައި ވިޔަސް އެކަނިވެރިކަން އައިސް އޭނައަށް ގޯނާކުރަން ފެށުމާއެކު މޭގެ ތެރޭގައިވާ އުދާސްތައް ކަރުނައިގެ އާހްތަކުން ބޭރުވެގެން ދެއެވެ.

*****

ވެހެމުން ދިޔަ ބޯވާރޭގެ ސަބަބުން ފަޒާގެ ތެރޭގައި ބޮޑު ހައިޖާންގަނޑެއް އުފައްދާލައިފައި ވިއެވެ. ވައިވެސް އިރުއިރުކޮޅާ ބާރުވެގެން ދާއިރު ބަގީޗާގައިވި ބިޔަ ގަސްތައް ވެސް މުލުން ލުއްސާލާހާ ވެއެވެ. އެވަގަތުކޮޅު އިތުރަށް ނާމާން ކުރުވަނީ ރޭގަނޑު ވެސް ދުވާލަށް ހަދާލާ ފަދަ އަލިގަދަ ވިދުވަރުތަކާ ވިދިގެން އިވޭ ހޮނު ގުގުރީގެ ބާރު އަޑުފަށްގަނޑުންނެވެ. ކުޑަދޮރުގެ ދާރައިގެ މަތީގައި އިށީދެވޭނެހެން ސްޕޮންޗް ގޮދަޑިޖަހާފައި ހުރި ބައިގައި އިށީންދެލައިގެން އިން މާއީގެ ނަޒަރު ހުއްޓިފައި ވަނީ ބޭރުތެރޭގައި އުފެދިފައި އޮތް ތޫފާނަށެވެ. އޭރު އޭނަގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް ނުހަނު ހަލުވި ބާރުމިނުގައި ބުރުޖަހަމުން ދިޔަ އެވެ.

”ދަރިފުޅާ…”

މާއީގެ ކޮޓަރީގެ ދޮރުހުޅުވާލާފައި ވަން ބަސްމާއަށް ކޮޓަރިއަށް ފެތުރިފައި އޮތް ކަނު އަނދިރީގެތެރޭން މާއީ ފެންނަ ގޮތެއް ނުވިއެވެ. ނަމަވެސް ވިދުވަރުގެ އަލިން ކޮޓަރި އަލިވެގެން ދިޔަ ހިނދު ކުޑަދޮރު ކައިރީ އިން މާއީ އޭނައަށް ފެނިއްޖެއެވެ.

ފާރުގައި ހުރި ސްވިޗްބޯޑުތަކުގައި އަތް ހިންގާލަމުން ބަސްމާ ނިދާބޮކި ޖައްސާލިއެވެ.

ނިދާބޮކީގެ އަލިކަން ކޮޓަރިއަށް ފެތުރުމުން އޭގެ ސަބަބުން އުނދަގޫވުމާއެކު މާއީ ފަސްއެނބުރި ބަލާލިއެވެ.

މާއީގެ ދެލޮލުން ފެނިގެން ދިޔަ ހިތާމަތަކުން ބަސްމާގެ ހިތަށް ބާރުވެގެން ދިޔަކަން އިހުސާސްކުރެވުނެވެ. ލޯބިވާ ދަރިފުޅުގެ ދެލޮލުން ފެނުނު ވޭނީ ކަރުނަތަކުން އޭނަގެ ހިތަށް މާޔޫސްކަން ވެރިވެގެން އައެވެ. ބަސްމާ އަވަސްވެގަތީ މާއީ ގާތަށް ދިއުމަށެވެ. ދަރިފުޅު ކުރަމުން އެދާ ހިތާމަތަކުގެ ތެރެއަށް އެކަނިހާލާއިގެން ދޫކޮށްލުމުގެ ފުރުސަތު ދޭން އޭނަ އެއްވެސް ހާލެއްގައި ބޭނުމެއް ނޫނެވެ.

”ދަރިފުޅު ކީއްވެތަ ރޭގަނޑުގެ ކެއުމުގައި ބައިވެރި ނުވީ؟…” ބަސްމާ އައިސް މާއީ ގާތު އިށީންދެލިއެވެ. އޭނަގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވިއެވެ.

”ބަނޑުހައި ނުވާތީ…” ބަސްމާ އައުމުން މާއީ އޭނަގެ ކަރުނަތައް ފޮހެލިއެވެ. ނަމަވެސް މަންމައާއި ހަތަރުކަޅިހަމަކުރާނެ ހިތްވަރު ނެތުމުން އޭނަ އަނެއްކާ ވެސް ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލިއެވެ. މާކަ ގިނަ ދުވަސް ވެސް ނުވަނީސް އޭނަ ހިތްވަރުކުރާނަންކަމަށް މަންމައާއި ޒިވާންއަށް ވި ވަޢުދު ފުއްދުމުގައި އޭނަ މިހާރު އެވަނީ ނުކުޅެފިދައެވެ. އޭނަ ކެތްތެރިވާން ނުހަނު ގިނަ މަސައްކަތެއްކޮށްފިއެވެ. ނަމަވެސް އޭނަ ނަޒަރު ހިންގާލާ ކޮންމެ ދިމާއަކުން ނުވަތަ ނޭފަތުގައި ޖެހޭ ކޮންމެ ވަހަކުން ވެސް ޒިވާންގެ ހަނދާންތަކާއި އޭނަގެ ނަފުސު ގުޅިލާމެހިގެންދާދިއުމުން، ހިތާމަތައް ބަރުދާސްތުކުރުން އޭނައަށް ވެފައިވަނީ ތަކުލީފަކަށެވެ. އޭނަ ހާދަ މަސައްކަތެއްކޮށްފިއެވެ. އޭނަ ހީކުރިވަރަށް ވުރެން މިއީ ވޭންދެނިވި ކަމެކެވެ. ކޮންމެ ދުވަހަކު އެތައް ހާސް މަރަކުން އޭނަ މަރުވާކަން އިހުސާސްވަނީ ހަމައެކަނި އޭނަ އަށެވެ.

”އިތުރު ފަރާތަކާއި ތި ހިތާމަތައް ހިއްސާކުރަން ދަރިފުޅު މަންމަ ގާތު ވަޢުދު ވީމެއްނު؟، ދެން ކީއްވެތަ އެކަނިވެރިކަން ޚިޔާރުކަން ތިއުޅެނީ؟……” ބަސްމާގެ އަޑުގައި މޮޅިވެރިކަން އެކުލެވިގެން ވިއެވެ. ހާލަތު ގޮސްފައި އޮތް ނާޒުކު ފަތްތަރުގެ ސަބަބުން މާއީ އެކަނިހާލާއިގެން ދޫކޮށްލަން ބަސްމާގެ ޒަމީރު ދެކޮޅު ހެދިއެވެ. އޭނަ ލަފާކުރި ވަރަށް ވުރެން ބޮޑަށް ޒަވީންގެ މަރުގެ ނޭދެވޭއަސަރު މާއީއަށް ވަނީ ކޮށްފައެވެ.

”އިޓް ހާޓްސް އެ ލޮޓް…” އަނގައިން ނުބުނެ އެތައް އިރެއް ވަންދެން އިނުމަށްފަހު މާއީއަށް ރޮވިއްޖެއެވެ. އޭނަ މޫނުގައި ދެއަތް އަޅާލީ މަންމައަށް އޭނަގެ ހިތްދަތި މޫނު ސިއްރުކަރަން ވެގެންނެވެ. ”މަންމާ… އަހަރެން ހިތުގައި މިއަޅާ ވޭނާ ހުރެ ކެތްކުރާނީ ކިހިނެއްތަ؟…”

”ދަރިފުޅާ… މަންމަ މިހުރީއެއްނު، ދަރިފުޅުގެ ހިތާމަތައް މަންމައާ ހިއްސާކުރޭ… ދަރިފުޅަށް ވެވެން އޮތް ކޮންމެ ގޮތަކުން މަންމަ އެހީވެދޭނަން… ދަރިފުޅު ތީ އެކަނިވެރިޔެކޭ އެންމެ ހިނދުކޮޅަކަށް ވެސް ހީނުކުރައްޗޭ، ދަރިފުޅަށް މަދަދުވެރިކަން ފޯރުކޮށްދޭން ދަރިފުޅުގެ އާޢިލާ މިހުން އެބަތިދި…… ދުނިޔޭގައި ދުވަސްތައް ހޭދަކުރާއިރު އިންސާނުންނަށް ތަފާތު ކަންކަމާ ކުރިމަތިލާން ޖެހޭނެ، ބައެއްފަހަރު އެއީ އުފާވެރިކަމަަކަކަށް ވެދާނެ، އަނެއްބައި ފަހަރު އެއީ މާޔޫސް އަދި ހިތްދަތިކަމުން ފުރިގެންވާ ކަމަކަށް ވެސް ވެދާނެ، އެއިން ކޮންމެ ކަމަކާ ކުރިމަތިލައިގެން މެނުވީ ދިރިއުޅުމުގައި ކުރިއަކަށް ވެސް ނުދެވޭނެ، ބައެއްފަހަރު އެކަނި އެކަންކަމާ ކުރިމަތި ނުލެވޭ ހާލަތްތައް ވެސް އަންނާނެ، އެފަދަ ހާލަތްތަކުގައި ދަރިފުޅާއި އެންމެ ގާތުގައިވާ މީހުންގެ އެހީއާއެކު ކުރިއަށް ދާން މަސައްކަތްކުރޭ… އޭރުން ދަރިފުޅަށް ކާމިޔާބު ލިބޭނެ… މިވެސް އެފަދަ ވަގުތެއް… ދަރިފުޅާއެކު ދަރިފުޅުގެ މަންމައާއި ބައްޕަ އެބަތިބި، ތޫގާ ވެސް އެބަހުރި، މައުސޫމާއާއި އާމިރު ވެސް އެބަތިބި… ދަރިފުޅު ހިތްދަތިވާ ވަގުތުތަކުގައި ރުއިމަކުން އެކަމާ މަންމަ ޝަކުވާއެއް ނުކުރާނަން، އެކަމަކު ތާއަބަދު މާޔޫސްވެ ރޮންޏާ އެކަމާ މެދު ޝަކުވާކުރާނަން… އަދި ދަރިފުޅު އެންމެނާ އެކަހެރިވެ ހިތާމަކުރަންޏާ ވެސް މަންމަ ޝަކުވާކުރާނަން…”

ބަސްމާ އޯގާތެރިކަމުން ފުރިގެންވާ އަޑަކުން ބުނެލިއެވެ. އޭނަ އެއްވެސްކަމަކަށް މާއީއަށް މަޖުބޫރުކުރާކަށް ބޭނުމެއް ނޫނެނެވެ. އޭނަގެ ހަމައެކަނި ބޭނުމަކީ މާއީގެ ހިތާމަތަކަށް ދާއިމީ ހައްލެއް ހޯދައިދުނުމެވެ.

މަންމަގެ ވާހަކަތައް އަޑުއިވުމާއެކު މާއީއަށް ރުއިން ހުއްޓާލެވުނެވެ. އަދި ކަރުނަތައް ފޮހެލަމުން މަންމަގެ މޫނަށް ބަލާލެވުނެވެ. އެވާހަކަތަކުން އޭނައަށް ހަމަޖެހުން ގެެނެސްދިންކަން ގައިމެވެ. ނޭވާހާސްވެ ނަފުސަސް ލިބިފައިވި ނުތަނަވަސްކަން ވެސް ފިލައިގެން ދިޔަކަމުގެ އިހުސާސްކުރެވުނެވެ.

”ތިހެން ނުކައި ހުންނާކަށް ނުވާނެ، އޭރުން މާއީ ބަލިވެދާނެ… އޭރުން ބޭބީއަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެ… މިރެއަށް މަންމަ ހުރީ ދަރިފުޅަށް އެންމެ މީހު ކާއެއްޗެހި ވެސް ތައްޔާރުކޮށްފަ… އަވަހަށް މޫނު ދޮވެލައިގެން ހިނގާ ކާގެއަށް…” މާއީ ހަމައަކަށް އެޅިގެން ދިޔަ މަންޒަރު ފެނުނު ބަސްމާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

މާއީ ފާޚަނާއަށް ދިއުމުގެ ކުރިން މަންމަގެ ގައިގައި ބައްދާލިއެވެ.

*****

ފެންފުޅިއެއް ބަލާ ކާކޮޓަރިއަށް އައި ތޫގާއަށް ކާމޭޒު ދޮށުގައި އިން މާއީ ފެނީ މޫނަށް ގޮތެއް ހަދާލެވުނެވެ. އޭނަގެ ހިތަށް އިތުރު ފޫހިކަމެއް ވެރިވެގެން އައީ ތޫގާއަށް ކެއުމުގައި އެހީވެދޭން އިން މަންމަ ފެނިފައެވެ. އެއާއެކު އޭނަ މާއީދެކެ ރުޅިއަންނަ ގޮތް ވިއެވެ. މާއީއަށް ބަސްމާގެ ފަރާތުން ލިބެމުން އައި ހާއްސަ ސަމާލުކަމުން ތޫގާގެ ދެލޮލުން ކިތަންމެހާ ވެސް ރަގަޅަށް ހަސަދަވެރިކަން ފާޅުވަމުން ދިޔަ އެވެ. ތުންފިއްތާލަމުން އޭނަ އައިސްއަލަމާރި ހުޅުވާލިއެވެ. އަދި ފެންފުޅިއެއް ނަގައިގެން ކޮޓަރިއަށް ދާން އުޅުނެވެ. ނަމަވެސް އޭނައަށް ފެންނަމުން ދިޔަ މަންޒަރުން ހިތަށް ވީ ތުރާލެއްގެ ސަބަބުން އޭނަ އަތުގައި އޮތް ފެންފުޅިން ދޫކޮށްލިއެވެ.

ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައީ ބާރު އަޑުފަށްގަނޑަކާއެކު އިވުނު ތޫގާގެ ވޭނީ ހަޅޭކުގެ އަޑަށެވެ. މާއީއާއި ބަސްމާއަށް އެކުއެކީގައި ތެދުވެވުނީ ފެނުނު މަންޒަރެއްގެ ސަބަބުންނެވެ.

ތޫގާ ބިންމަތީގައި އިށީންދެގެން އިން އިރު އޭނަގެ އަތުން ދޫވި ބިއްލޫރި ފެންފުޅި ތަޅައިގެން ގޮސް މުޅި ތަނަށް އެޅިފައި އޮތެވެ. ފައިތިލައިގައި ހިފަހައްޓައިގެން އިން އިރު ތޫގާއަށް އިހުސާސްކުރެވެމުން އައި ވޭނުގެ އަސަރު އޭނަގެ މޫނުން ފެނެއެވެ.

މާއީއާއި ބަސްމާއަށް ތޫގާގެ ކައިރިއަށް އާދެވުނު އިރު ތޫގާގެ ބާރު ހަޅޭކުގެ އަޑަށް ބޮޑުކޮޓަރީގައި ތިބި އާމިރާއި މައުސޫމާގެ އިތުރުން ރުކާން އޭރު އައިސް ކާކޮޓަރިއަށް ވަންނަނީއެވެ. ރުކާންއަށް ތޫގާ ފެންނައިރަށް ވައިސޫރިއެއްހެން ގޮސް ތޫގާ ކައިރިއަށް ހުއްޓިލަމަށްފަހު އެހީވާން ކުޑަކަކޫ މައްޗަށް ތިރިވެލިއެވެ.

”ވަޓް ހެޕެންޑް؟…” އެންމެންގެ ކަންބޮޑުވުމުގެ ނަޒަރު ހުއްޓިފައިވީ ތޫގާ އަށެވެ. އެކަމުގެ ސަބަބުން ތޫގާގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނަ އެތަފާތު އިހްސާސް ވަންހަނާކުރަމުން ލޮލަށް އިތުރު ކަރުނަތައް ގެނައެވެ.

”ފެންފުޅި ހިފައިގެން ކޮޓަރިއަށް ދާން އުޅެނިކޮށް ފައިކައްސާލީ، ފެންފުޅި ވެއްޓުނީ ފައިމައްޗަށް…” ތޫގާ ކަން ހިނގިގޮތް ކިޔާލަދިނެވެ. ރުކާން ތޫގާ އުފުއްލާލައިގެން ގެންގޮސް ކާމޭޒު ދޮށުން ގޮނޑިއެއްގައި ބޭންދިއެވެ. އަދި ބިއްލޫރިކޮޅެއްގެ ހާނިކައެއް ތޫގާއަށް ލިބިފައި ވޭތޯ ފަރުވާތެރިކަމާއެކު ބަލާލިއެވެ. ރުކާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އިތުރު އަނިޔާއެއް ތޫގާއަށް ލިބިފައި ނުވާތީއެވެ.

”ވަރަށް ތަދު އެބަވޭތަ؟… އެކްސްރޭ ނަގަން ހޮސްޕިޓަލަށް ދާންވީދޯ؟…” ރުކާން އަހާލިއެވެ. އެއާއެކު ތޫގާއަށް ވަގުތުން އެކަމާ ދެކޮޅު ހަދާލެވުނެވެ. އޭރު ހިސާބެއްގެ ނުތަނަވަސްކަން ވެސް އޭނަގެ މޫނުން ފެނުނެވެ.

”ދަރިފުޅާ ރުކާން އެބުނަނީ ތެދެކޭ، ހޮސްޕިޓަލަށް ގޮސް ދައްކާލީމަ އެންމެ ރަގަޅު ވާނީ، އޭރުން ކައްޓަށް ގެއްލުމެއް ލިބިފައި ހުރިއްޔާ ވެސް އެނގޭނީ…” ބަސްމާ ވެސް ރުކާންގެ ޚިޔާލަށް ތާއީދުކުރިއެވެ. ބަސްމާ ހުރީ ފިކުރުބޮޑުވެފައެވެ.

”މަންމާ އެހާ ބޮޑަށް ތަދެއް ވެސް ނުވެޔޭ، އައިސްޕެކް އަޅާލީމަ ރަގަޅުވާނެޔޭ…” ތޫގާ ބުނެލިއެވެ. ”މާދަން ރަގަޅު ނުވިއްޔާ ދައްކަން ދާނީ…”

ތޫގާ އޭނަގެ ފަށުވި ވާހަކަތަކުން އެންމެންގެ ސިކުނޑިއާ ކުޅެމުން ދިޔަ އިރު އެވާހަކަތައް މާއީއަށް ވެސް ޤަބޫލުކުރެވުނެވެ. ނަމަވެސް އެންމެނާ އެކު ކާކޮޓަރިން ނިކުންނަން ދިޔަ ތޫގާ ފަސްއެނބުރި މާއީއަށް ބަލާލަމުން އެދެމެދުގައި ބަދަލުކުރެވުނު ނަޒަރުތަކުންނާއި ތޫގާގެ ތުންފަތަށް ވެރިވި މަކަރުވެރި ހިނިތުންވުމުން މާއީއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭގި ބަސްހުއްޓިފައެވެ. ތޫގާ ގަސްދުގައި އޭނަގެ ފައިމައްޗަށް ފެންފުޅި ވައްޓާލައި އަމިއްލަ ނަފުސަށް އަނިޔާ ދިނީ ހެއްޔެވެ؟ އެންމެންގެ ސަމާލުކަން ހޯދަން އެފަދަ ކަމެއް ތޫގާ ކޮށްފާނެ ހެއްޔެވެ؟ ތޫގާ ސާބިތުކޮށްދޭން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟

*****

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. ތޫގާ ގޭގެ ބަގީޗާ ތެރެއަށް ނިކުމެލައިގެން ހުރިއިރު އޭނަ ދިޔައީ ފޯނުން އޭނަގެ އެކުވެރިޔަކާ ވާހަކަދައްކަމުންނެވެ.

”ދެން ތޫ ވެސް މިކޮޅަށް ޖައްސާލަން ވީނު، ހާދަ މަޖަލޭ، އަހަންނާ ސޯފީއާ ދެމީހުން ވަރަށް މަޖާ އެބަ ނަގަމޭ، ތޫ އައީމަ އެންމެ ފޯރި ގަދަވާނީ…” ތޫގާގެ އެކުވެރި ވިވިއަންގެ އަޑުގައި ފޯރިއެކުލެވިގެން ވިއެވެ. އޭނަ ސަޅިބައިސާކަނޑަމުން ދިޔައީ މިހާރު އޭނަ ކޮރެއާއަށް ގޮސްގެން އުޅޭތީ އެދަތުރާ ގުޅުވައިގެންނެވެ. ”ތޫ ކުރިން ދާން ޕްލޭން ވެސް ކޮށްފައެއްނު އޮތީ، ދެން އަވަހަށް އަންނަން އުޅޭ…”

”މަ ވަރަށް ދާން ބޭނުމޭ، އެކަމަކު ކީއްކުރަނީ މަންމަމެން ނޫޅޭ ވިއްޔަ ފުރާކަށް، މިއުޅޭ ރުކާން ވެސް ބޭނުންވަނީ މަންމަމެންނާއެކު ދާންށޯ، މަށަކަށް ނޭގޭ އޭނައަށް ވެގެން އުޅޭ ގޮތެއް ވެސް… ވަރަށް ފޫހިވޭ… މިހުރިހާކަމެއް އެވީ އެ މާއީއާއި ޒިވާންއާ ހެދީ، އޭނައަށް މަރުވާން ވެސް އެނގުނީ އަހަރެންގެ ޓްރިޕްއާ ދިމާކޮށް، އާރގްގްގް… ހާދަ ރުޅިގަދަ އެބަވެޔޭ…” ތޫގާ ހުރީ އޭނަގެ އެކުވެރިންނާއެކު ދަތުރުގައި ބައިވެރި ނުވެވުުމުން އިންތިހާއަށް ރުޅިގަދަވެފައެވެ. އެރުޅީގެ ސަބަބުން އޭނައަށް ދެކެވޭ ވާހަކައެއް ވެސް ރޭކާ ނުލައެވެ. މާއީގެ ނަން އޭނަގެ ހިތަށް ވެރިވިޔަސް އެއަންނަ ރުޅި އޭނައަށް ބަޔާންކޮށްދޭނެ ގޮތެއް ނޭގެެއެވެ. ހީވަނީ މުޅިހަށިގަނޑުގައި އަލިފާނުގެ ފަށަލައެއް ލެވިގެންދާހެންނެވެ. އޭގެ ގަދަ ހޫނުން އޭނަގެ އެތެރެހަށި ފިހިގެންދަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

”ހޭއި ތޫ، ތިހެން ވާހަކަދައްކާކަށް ނުވާނެ…” ވިވިއަން ބުނެލިއެވެ. އެއާއެކު ތޫގާއަށް ލޯމައްޗަށް އަރުވާލެވުނެވެ.

”ކޮންމެހެން ވިޔަސް އަހަރެން ދާނަން ތިކޮޅަށް…” ތޫގާ އޭނަގެ ފޯނުކޯލު ކުރުކޮށްލީ ކޮރެއާއަށް ދާނެ ގޮތަކާ މެދު ވިސްނަމުންނެވެ. އެއާއެކު އޭނަގެ ސިކުނޑިއަށް މޮޅު ޚިޔާލަށް އައެވެ. ހިނިތުންވެލަމުން އޭނަ ހިނގައިގަތީ ރުކާން ހޯދުމަށެވެ.

*****

ތޫގާއަށް ކޮޓަރިއަށް އާދެވުނު އިރު ރުކާން މެންދުރު ނަމާދަށް ދާން ކޮޓަރިން ނިކުންނަނީއެވެ. ތޫގާ ގޮވާލުމުން ނަމާދުކޮށްލައިގެން އެބަ އަންނަންކަމަށް ބުނެ ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. ރުކާންގެ އެއަމަލުން ހިތްހަމަޖުނެހިފައިވި ތޫގާ މޫނުކުނިކޮށްލަމުން ކޮޓަރިއަށް ވަނެވެ.

ތޫގާއަށް ރުކާންއާއި ވާހަކަދައްކާލަން ވަގުތުކޮޅެއް ލިބުނީ މެންދުރުގެ ކެއުމަށްފަހުގައެވެ. އޭރު ދެމަފިރިން ތިބީ ޤުދުރަތުގެ ފުރިހަމަކަމުން އުފާ ހާސިލުކުރަން ބަގީޗާގައި ބެހެއްޓިފައިވި އުނދޯއްޔެއްގައެވެ. ޖެހެމުން ދިޔަ ފިނި ރޯޅިތަކާއެކު ފަޒާގެ ތެރޭގައިވި މާމެލާމެލީގެ ހިތްގައިމު ވަސް ނޭފަތާ ހަމައަށް ފޯރުކޮށްދެއެވެ. ހަމައެއާއެކު ގަހުގެ އޮފިތަކުން ހިކި ބަލިކަށިވެފައިވި ފަތްތައް ވެސް ޖެހޭ ކޮންމެ ރޯޅިއާއެކު ވަޔާއެކު އުދުހިލާފައި އައިސް ވިނަގަނޑު ފޮރުވަމުން ދިޔަ އެވެ.

”ކެން… އަހަރެން އެބަޖެހޭ ބިޒްނަސް މީޓިންގް އަކަށް އިންޑިއާއަށް ދާން… އަހަންނަށް އެނގޭ މިއީ މިފަދަ ވަގުތެއްގައި ދައްކަން އެކަށީގެންވާ ވާހަކައެއް ނޫންކަން ވެސް، މިދަނޑިވަޅުގައި ކުޑާ ދޫކޮށްލާފައި ދާން ޖެހޭތީ އަހަރެން އަސްލު ދާކަށް ބޭނުމެއް ނޫން… އެކަމަކު ދައުއަށް އެކަނި ބިޒްނަސް މީޓިންގް ކަންތައް ބަލަހައްޓަން އުނދަގޫވެދާނެތީ އަހަރެން ވެސް ބައިވެރިވާން އޭނަ އެދިފައި އޮތީ…”

ރުކާންއަށް ބަލާލަމުން ތޫގާ ހެދީ ހުސް ދޮގެވެ. ވިވިއަންއާއި ސޯފީއާ ދެމީހުންނާއެކު ބޭރުގައުމަކަށް ދަތުރުއަޅާލަންދާ ވާހަކަ ބުނުމުން ރުކާން ހިތްހަމަނުޖެހިދާނެތީ ތޫގާ އޭނަގެ ވާހަކަތައް ރުކާންގެ ރުހުން ލިބޭނެހެން އަތުރާލަމުން ދިޔަ އެވެ. އޭނަ ފަށައިގެން އުޅޭ ވިޔަފާރިއާއި، ވިޔަފާރީގެ އެއް ހިއްސާދާރު ކަމުގައިވާ ދައުހާގެ ނަން އެވާހަކައިގެ ތެރެއަށްލާ ގަޑުބަޑުކޮށްލީ ވެސް އެހެންވެއެވެ. ރުކާންއަށް ޝައްކެއް ނުވާނެ ފަދައަކުންނެވެ.

”ސޯ ރުކާން މަންމަމެންނާއެކު ފުރާ ގޮތަށް ހަމަޖައްސާފަ އަހަރެންގެ ފުރުން މާދަމަޔަށް ހަމަޖައްސަން ވީދޯ؟… މަންމަމެން މިކޮޅުން ފުރާއިރު މަންމަމެނަށް ހެލްޕެވާން ރުކާންހުރިއްޔާ ރަގަޅުވާނީ ވެސް، އޭރުން މަންމަމެން އުފާވެސް ވާނީ… އަހަރެން ބިޒްނަސް ކަންތައް ނިމުނީމަ އަނެއްކާ މިކޮޅަށް އައިސް ކުޑާއާއެކު ދުވަސްކޮޅެއް ހޭދަކޮށްލާފަ ރާއްޖެ ދާނީ…”

ތޫގާއަށް ފުރިހަމައަށް ކުރެވޭ އިތުބާރުގެ ސަބަބުން ރުކާން ތޫގާގެ ނިންމުމާ އެއްބަސްވެލިއެވެ. އެއާއެކު ތޫގާގެ ތުންފަތަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނަ ރުކާންއަށް ސިއްރުން ވިވިއަންއަށް ވައިބާރއިން މެސެޖްކޮށްލަމުން މާދަން އަންނާނެ ވާހަކަ ބުނެލިއެވެ. އަދި ޓިކެޓުގެ ކަންތައް ހަމަޖެހުމާއެކު ފުރާ ގަޑި އަންގާނެ ވާހަކަ ވެސް ބުނެލިއެވެ.

*****

ޖެހިގެން އައި ދުވަހުގެ ހަވީރު ވަގުތެވެ. ހަވީރުގެ ސައި ނިންމާލުމަށްފަހު ތޫގާ ފިޔަވާ ހުރިހާ އެންމެން ތިބީ ބޮޑުކޮޓަރީގައެވެ. އިރުއޮއްސި ހަޔެއް ޖަހާއިރު ތޫގާ ފުރާ ފްލައިޓުގެ ޗެކިން ފެށޭތީ އޭނަ އުޅުނީ ފުރުމުގެ ކަންތައް ފުރިހަމަކޮށް ފުރަން ދާން ނަލަހެދެމުގައެވެ. އޭނަ ފަރިވަމުން ދިޔަ އިރު ވެސް ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުމުން އަންގައިދެނީ އޭނަ އުފާވެފައިވާ މިންވަރެވެ. އޭނަ އެކުވެރިންނާއެކު ދަތުރަށް ތައްޔާރުވަމުން ދަނިކޮށް ޒަވީންގެ މަރުގެ ޚަބަރުން އައި ރުޅިއާއި ވީ ފޫހި ފިލައި މިހާރު ވަނީ އުޖާލާކަން ވެރިވެފައެވެ. ހަމައެއާއެކު ދެން މިއަދަށް ފަހު މާއީގެ ހުތުރު މޫނު ވެސް ދެކެން ނުޖެހޭނެތީ އޭނައަށް ލިބިފައިވާ އުފާވެރިކަން ދެގުނައަށް އިތުރުވެފައިވާ ކަހަލައެވެ.

*****

ބޮޑުކޮޓަރީގައި ތިބި ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން މާއީ ނަޒަރު ހިންގާލިއެވެ. އަދި އޭނަ ދައްކަން ގަސްދުކޮށްފައިިވި ވާހަކަ ކުރިއަށް ގެންދާނެ ގޮތަކާ މެދު އޭނަ ވިސްނާލިއެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން މައުސޫމާއަށް ގޮވާލިއެވެ. އެއާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ މާއީއަށެވެ. އޭނަ ދައްކަން އުޅޭވާހަކައިން މައުސޫމާއާއި އާމިރަށް ހިތާމައެއް ލިބިދާނެތީ މާއީއަށް ލިބިފައިވި ހާސްކަން އޭނަގެ މޫނުމަތިން ހާމަކޮށްދެއެވެ.

ފިނިވެފައިވި ދެއަތްތިލަ ޖޯޑުކޮށްލަމުން މާއީ ވާހަކަދައްކަން ފެށި އެވެ.

”އަހަރެން ބޭނުންވަނީ މަންމަމެން ރަށަށް ދާއިރު އެކޮޅަށް ދާން…” މައުސޫމާގެ މޫނަށް ބަލަލަމުން މާއީ ބުންޏެވެ.

”މަންމަވެސް ހުރީ ދަރިފުޅަށް ތިޚިޔާލު ދޭން ކަމަށް، އެކަމަކު ދަރިފުޅު ހީކޮށްފާނެ އެއްޗެއް ނޭގޭތީ މަންމައަށް ނުކެރުނީ މާއީ ގާތު އެވާހަކަ ދައްކަން… މާހައުލު ބަދަލުވުމުން އެކަމުގެ ފައިދާ ވެސް މާއީއަށް ކުރާނެ، ހަމައެއާއެކު ރަށުގަ އުޅޭ އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލަން ލިބުމަކީ ވެސް ރަގަޅު ކަމެއް، ދަރިފުޅު ދުރަށް ދިޔަޔަސް މިދެމެދުގައިވާ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެކަން މަންމައަށް އެނގޭ… މަންމަ ދެކެނީ މާއީ ތީ މަންމަގެ އަމިއްލަ ދަރިއެއްގެ ގޮތުގައި…” މައުސޫމާ ހުރީ މާއީގެ ފަރާތުން އެކަމަށް ތައްޔާރުވެެގެން ކަހަލައެވެ. ޒިވާން އޭނަގެ ފަރާތުން އެންމެ ފަހު ކަމަކަށް އެދުނުނު ކަމަކީ ވެސް އެއީ އެވެ. ޒިވާން މިދުނިޔެ ދޫކޮށް ދިއުމަށް ފަހު މާއީ އަނބުރާ މާއީގެ ވަޒަނަށް ދިއުމުގެ ހުއްދައަށް އެދުމުން އެއްވެސް ހިފެހެއްޓުމެއް ނެތި މާއީގެ އެއެދުން ފުރިހަމަކޮށްދިނުމަށެވެ. ހިތާމަތަކާއި ދުރުވާން އެންމެ ރަގަޅު ފަރުވާއަކީ މާހައުލު ބަދަލުވުންކަމުގައި ވާތީ އެވެ.

މާއީގެ ހިތާމަތަކަށް ލުޔެއް ލިބެން އޮތް ހަމައެކަނި މަގަށް ވާތީ މާއީ ހިފަަހައްޓަން މައުސޫމާ ބޭނުމެއް ނުވި އެވެ. ހަމައެއާއެކު އެދެމެދުގައި އެއޮތް ގުޅުން ދާއިމަށް ދެމިގެންދާނެކަން ވެސް އޭނައަށް އެނގެ އެވެ. އޭނަ މާއީ ދެކެން ބޭނުންވާނަމަ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ދެވިދާނެ އެވެ. ހަމައެއާއެކު ޒިވާންގެ ދަރިފުޅާއި މެދު އެހިތުގައި ވި އުއްމީދުތަކުން މާއީ އުފަލުގައިވާތަން ދެކެން ވެސް އޭނަ ނުހަނު ބޭނުމެވެ. އެކަމަށް އޭނައަށް ކުރެވުނު ކޮންމެ ކަމަކުން ވެސް އޭނަ މާއީއަށް އެހީވެދޭނެ އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

މަންޒިލް ތިއޭ މިހިތް އެދޭ (3)

Next

ދުޢާއަށް ނެގީ އަތް އަދައިގެން ސަލާމަތް

Next
October 28, 2018

ދުޢާއަށް ނެގީ އަތް އަދައިގެން ސަލާމަތް

Previews
October 28, 2018

މަންޒިލް ތިއޭ މިހިތް އެދޭ (3)

3 Comments!

  1. mar-hath says:
    October 28, 2018 at 8:22 am

    story v reethi??❤️❤️

  2. FirooshA ($.Feydhoo) says:
    October 28, 2018 at 11:05 am

    Furei duvas fahun mi site ah vanthanu mutha ge vaahakaa fenenemei adha mivaahakaai hushihei baah mi ki, haudhahai nalei ei vaahakaa, hama eh vana dinun haggu, sifakerun takaai ibaaraah kerun hama 100/100 dei vara, varah ufaavei muthaa addu kudakah vi mei, abadashas kuri erumah edhen, avahah enah bai upkohdei vaa ????????

  3. NODDY says:
    October 28, 2018 at 4:19 pm

    VVV SALHI
    WAITING…..???

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 8←


All Right Reserved!