އެވްލީން… 13
” ކިހިނެއްވީ ފާޑަކަށް ތިބަލަނީ ؟ ” ނީލާ އެވްލީންއާއި ދިމާއަށް ބަލައިލުމަށްފަހު ރުންކުރު ރާގެއްގައި ބުނެލިއެވެ. އެވަގުތު ފަޒާގެ ތެރެއަށް ފެތުރިގެންދިޔަ ވަހަކުން އެވްލީން ހޮޑުނުލެވުނީ ހަމަކިރިޔާއެވެ. ނޭފަތުގައި އަތްއަޅާލެވުނީ ނަސީބަކަށެވެ. ” އެވްލީންވެސް މީގެ ރަހަ ބަލާލަބަ…. ” ނީލާ އޭނަ ބޮމުންދިޔަ ތަށި އެވްލީންއާއި ދިމާއަށް ދިއްކޮށްލިއެވެ. ” ރާ ބުއިމަކީ ހަރާން ކަމެއްކަން ނޭނގެނީތަ ؟ ނޫނީ އެނގިހުރެ ފާފައަކަށް އަރަނީތަ ؟ ” އެވްލީން ބުމަ ގޮށްޖަހާލުމަށްފަހު ސޯފާއިން ތެދުވެލިއެވެ. އޭރު އެވްލީންގެ މުށިކުލައިގެ ދެލޮލުގައި ވިދަމުންދިޔައީ އިންތިހާ ދަރަޖައިގެ ނަފްރަތާއި ރުޅިވެރިކަމެވެ. ނީލާ ކަހަލަ ނުލަފާ ކުއްޖަކާއި ވާހަކަ ދައްކަން ވެސް އެވްލީން ބޭނުމެއް ނުވ ިއެވެ. ނަމަވެސް ނަސޭހަތް ދީގެންވެސް ނީލާ އެނުބައި މަގު ދޫކޮށްލައިފިއްޔާ ކިހާ ރަނގަޅު ހެއްޔެވެ ؟ މިހާރުވެސް ފިރިހެނުންނަށް ތިމާގެ ރީތިކަން ދައްކަންވެގެން ލައިގެން އެހުރީ މިނީ ސްކާރޓަކާއި ކުޑަކުޑަ ޓޮޕް ކޮޅެކެވެ.
ނީލާ އެވްލީންގެ ނަސޭހަތްތަކަށް ދިނީ ބީރުކަންފަތެކެވެ. ނީލާ ދެނެހުރި ކަމަކަށްވެސް ނަހަދާ އޭނަގެ ދުނިޔޭގައި މަސްއޫލުވެގެން އުޅުނެވެ. ” އެއްފަހަރުވެސް ތި އަނގަގަނޑު މައިތިރި ކޮށްގެން ނުހުރެވޭނެތަ ؟ ” ނީލާ ރުޅިވެރި ނަޒަރަކުން އެވްލީންއާއި ދިމާއަށް ބަލައިލުމަށްފަހު އޭނަ ބޮމުންދިޔަ ތަށި ސޯފާ ކުރިމަތީގައި ހުރި ކުޑަ މޭޒު މަތީގައި ބެހެއްޓިއެވެ. އެވްލީން އެއްޗެއް ބުނަން އުޅެފައިވެސް ހިޔާލު ބަދަލުކޮށްލުމަށް ފަހު ނީލާ މޭޒުމަތީ ބެހެއްޓި ތަށީގައި އަތުންޖަހާ ބުރުއްސާލިއެވެ. ” ވަޓް ދަ ހެލް…. ” ތަށި ގޮސް ބިންމަތީގައި ޖެހުމާއެކު ތަށި ތަޅައިގެންގޮސް ބިއްލޫރިކޮޅުތައް ކާރޕެޓްމަތީގައި ކުދި އަލިމަސްކަށި ތަކެއްހެން ވިދަން ފެށިއެވެ. ނީލާ ސޯފާއިން ތެދުވެލުމަށްފަހު އެވްލީންއާއި ދިމާއަށް ބަލައިލިގޮތުން ހީވީ އެދެލޮލުން އެވްލީން ފިއްސާލާނެ ހެންނެވެ.
ނީލާ އެވްލީންގެ ކޯތާފަތް މައްޗަށް އެތިފަހަރެއް ވީއްލައިލަން އުޅުނު ވަގުތު ނީލާގެ މަސައްކަތަށް ހުރަސް އެޅީ ޒަވީންއެވެ. ޒަވީން އޭނަގެ ބާރުގަދަ އަތުން ނީލާގެ އަތުގައި ހިފަހައްޓާލި ވަގުތު ނީލާއަށް ހީވީ އަތް ބިންދައިގެން ހިނގައިދޭނެ ހެންނެވެ. އެވްލީންއަށް އިހްތިޔާރަކާ ނުލާ ޒަވީންގެ އަތުގައި ހިފަހައްޓާ ލެވުނެވެ. ” ޑޯންޓް ޔޫ ޑެއާރ ޓު ހިޓް ހާރ ! ” ޒަވީން ނީލާގެ އަތް ފޮޅުވައިލުމަށްފަހު އަމުރުވެރި ގޮތަކަށް ބުނެލި އެވެ. ނީލާގެ ލޮލަށް ކަރުނަ ޖަމާވީ އޭނަގެ އަތުގައި އުފެދުނު ތޫނު ރިހުމެއްގެ ސަބަބުންނެވެ.
” މިހާރު އަހަރެންގެ ބޭނުން ކެނޑުނީދޯ ތި އެވްލީން ފެނުނީމަ ؟ ” ނީލާ އޭނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތައް ފޮހެލަމުން ބުނެލިއެވެ. ނީލާގެ ޖުމްލައިގެ ސަބަބުން އެވްލީންއަށް ޒަވީންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އެވަގުތު ޒަވީންގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ ސަބަބުން އެވްލީންގެ ހިތުގެ ތެޅުން އަވަސް ވެގެންދިޔައެވެ. ޒަވީން އެހާ ރުޅިއައިސް ފައި ހުއްޓާ މީގެ ކުރިން އޭނަ ދުވަހަކުވެސް ދެކެފައި ނުވެއެވެ. ޒަވީން ބުމަ ގޮށްޖަހާލައިގެން ނީލާއާއި ދިމާއަށް ބަލަަހައްޓައިގެން ހުރިއިރު އެ އަޅިކުލައިގެ ލޮލުގައިވަނީ ރުޅުވެރިކަމެވެ. ޒަވީން ކެތްކުރަމުން ދިޔައިރު ކޮންޓްރޯލް ކޮށްގެން ހުރި ރުޅިގަނޑު ފަޅައިގެން ހިނގައިދާނެހެން ހީވާފަހަރު މަދެއްނޫނެވެ.
”’ ޒަވީން ކީއްވެ އަހަންނަށް ތިހެން ތިހަދަނީ ؟ ކީއްވެ ؟ އަހަރެން ޒަވީން ބުނެގެން… ” ” ހުއްޓާލާ ދެން އެންމެ ލަފްޒެއްވެސް ތި ދުލުން ބޭރުނުކުރާތި ” ޒަވީން ބާރަށް ބުނެލިއެވެ. އެއަޑު ރެސްޓޯރެންޓްގެ ތެރެއަށް ފެތުރުގެން ދިޔަކަމުގައި ވީނަމަވެސް މިޔުޒިކްގެ ސަބަބުން އެއަޑު އޮބިގެންދިޔައެވެ. ” ޒަވީން… ” އެވްލީން ބޭނުންވީ ޒަވީން ގޮވައިގެން އެތަނުންދާށެވެ. އޭރުވެސް އެވްލީންގެ ހިތުގައި އުފެދިފައިވާ ތޫފާނަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެވްލީން އޭނަގެ ހިތަށް ވިސްނައިދެމުން ދިޔައެވެ. ޒަވީން އޭނައަށް އޮޅުވައިނުލާނެ ކަމަށާއި ނީލާ އެހަދަނީ ދޮގުކަމަށް ބުނެ ނީލާއާއި ދިމާއަށް އެވްލީން ހަޅޭއްވެސް ލަވައިގަތެވެ.
ަ
” އެކްސްކިއުޒްމީ…. ” ލިވީއައި ވާހަކަ ދައްކަމުން ދިޔަ ޖުނެއިނާއަށް ޒަވީންގެ ޖުމްލަ އަޑުއިވުމާއެކު އޭނަ އަވަސްވެގަތީ ނީލާ ކައިރިއަށް ދިއުމަށެވެ. އޭނަ ޕްލޭންގައި މިހާއަވަހަށް ކުލަ ޖެހިދާނެކަމަށް އޭނައަށް ޤަބޫލެއްވެސް ނުކުރެވުނެވެ. ” ނީލާ ކިހިނެއްވެގެން ތިއުޅޭނީ މިތާތިބި ހުރިހާ އެންމެން އެއްކުރަންތަ ތިއުޅޭނީ….. ކީޕް ކުއައިޓް ! ” ނީލާގެ އަތުގައި ހިފާލަމުން ޖުނެއިނާ ބާރަކަށް ބުނެލިއެވެ. ” ކިހިނެއް މަޑުން ހުންނާނީ ؟ ހީ ސްލެޕްޓް ވިތް މީ އެންޑް ނައު ހީ އިޒް ޑޭޓިންގް ހާރަ…. ” ނީލާގެ ޖުމްލައިން އެވްލީންއަށް ހީވީ ބާރުގަދަ ބޮމެއް ކަންފަތް ދޮށުގައި ގޮވިހެންނެވެ. ނީލާގެ ވާހަކަތައް އަޑުއަހަން ބޭނުންނުވި ކަމުގައި ވީނަމަވެސް ނީލާގެ އެންމެ ފަހު ޖުމްލައިގެ ސަބަބުން އެހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ. އެއްވެސް ރަހުމެއްނެތި ވަޅިއަކުން އެހިތް ކޮށާ ކުދިކުދި ކޮށްލިކަމުގައި ވީނަމަވެސް މިހާ ވޭން އަޅާނެހެނެއް ހިޔެއްނުވެއެވެ.
” ނޫން… ނޫން ނީލާ އެހަދަނީ ހުސް ދޮގު…. ” އެވްލީން އޭނަގެ ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ” އަހަރެން ކޮން އިރަކު ނީލާއާ ރައްޓެހިވީ… ދޮގު ހަދަން ނޫޅޭތި އެހެންނޫނަމަ އޭގެ ނަތީޖާ ހިތިވާނެ…. ” ޒަވީން ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. ” ނީލާ… ” ނީލާގެ އަތުގައި ހިފަހައްޓާލަމުން ޖުނެއިނާ ނީލާއަށް ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ” އަހަންނަށް ފުރަތަމަވެސް އެގޭ ޒަވީން ބުނާނީ ތިހެންކަން… މިހިރީ ފޮޓޯތައް… މިފޯޓޯތައް ބަލާބަލަ އޭރުން އެގޭނެ ކާކުކަން ދޮގުހަދަނީ… ” ނީލާ އޭނަގެ ހޭންޑް ބޭގުން ފޮޓޯތަކެއް ނަގައި އެވްލީން އަތަށް ދިއްކޮށްލިއެވެ. އެވްލީން ތުރުތުރު އަޅަމުންދިޔަ އަތަކާއެކު އެފޮޓޯތައް އަތުލިއިރު އެވްލީންގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ.
އެވްލީން ފުރަތަމަ ފޮޓޯ ބަލާލުމާއި އެކު އެވްލީންއަށް ހީވީ އެހިތަށް އެއްފަހަރާ އެތައްހާސް ތީރުތަކެއް ހަރާލިހެންނެވެ އެވްލީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ތިކިތަކުން އެކޯތާފަތް ތެންމަމުން ދިޔައިރު އެހިތުގައިވަނީ ތޫނު ރިހުމެއް އެފެދިފައެވެ. މިފޮޓޯތައް ފެނުމުގެ ކުރިން އޭނަގެ ދެލޯ ފެނުމުން މަހްރޫމްވިނަމަ ކިޔާ ރަނގަޅު ހެއްޔެވެ ؟ ” އިޓްސް ނޮޓް ޓްރޫ… ” އެވްލީންގެ އަތުން ފޮޓޯތައް ދޫވެގެންގޮސް ހުދުކުލައިގެ ކާރޕެޓް މައްޗަށް ވިހުރުނެވެ. ޒަވީން އެފޮޓޯތަކަށް ނަޒަރު ހިންގާލުމާއެކު ޒަވީންއަށް އަތްމުއް ކަވާލެވުނެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށް ލެވުނުއިރު ދަތްތައްވެސް ބިންދައިގެން ހިނގައިދާނެހެން ޒަވީންއަށް އިހްސާސް ކުރެވުނެވެ. އެފޮޓޯ ތަކުގައިވަނީ އޭނައާއި ނީލާ އެކުގައި ތިބި މަންޒަރު ތަކެކެވެ.
” އެވްލީން ” ޒަވީން އެވްލިންގެ އަތުގައި ހިފަހައްޓާލިއެވެ. އޭރު އެވްލީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަ ތިކިތަކުން ޒަވީންގެ ރުޅިގަނޑު ފިނިވެގެންދިޔައެވެ. ” ލީވްމީ… ” އެވްލީން ޒަވީންގެ އަތް ފޮޅުވާލުމަށްފަހު ދުއްވައިގަތީ ރެސްޓޯރެންޓުން ނިކުންނާށެވެ. އޭރު ހަފްލާއަށް އައިސްތިބި ގިނަމީހުންގެ ލޯތައް އަމާޒުވެގައިވަނީ އެދިމާއަށެވެ. ޒަވީން ނީލާއާއި ދިމާއަށް ނަފްރަތުން ފުރިގެންވާ ނަޒަރަކުން ބަލައިލުމަށްފަހު އެވްލީންގެ ފަހަތުން ދުއްވައިގަތެވެ.
” ނީލާ ބުނަންތަ ވާހަކައެއް… ކަލޭގެ އެކްޓިންގް ހާދަ ގަދައޭ… އަހަރެން ހީވެސް ނުކުރަން މިހާ އަވަހަށް ހުރިހާ ކަމެއް ނިމިދާނެ ކަމަށް… ” ޖުނެއިނާ ވިހަ ހިނުތުންވުމަކާއެކު ބުނެލިއެވެ.
* * *
ޖެހެމުންދިޔަ ބާރު ވަޔަށް ކެތް ނުކުރެވިގެން ގަސްތައް ލެނބެމުނުން ދިޔައިރު ގަސްތައް މުލުން ލުއްސާލައިގެން ހިގައިދާނެ ހެން ހީވާފަހަރު މަދެއްނޫނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ފެންކޯރުތައް އުފެދެމުން ދިޔައިރު އެފެންކޯރުތައް ބަރާވެފައިވަނީ ހިކިފައިވާ ފަތް ތަކުންނެވެ. ބޮޑެތި ރާޅުތައް ފަރުމައްޗަށް ބިންދާލާއަޑުން ބައެއްފަހަރު ގައިން ހީބިހި ނަގައިގެން ދެއެވެ. ދޭތެރެއަކުން ވިދާލާ އަލިގަދަ ވިދުވަރުތަކުން އުޑުމަތި އަލިވެގެން ދާއިރު އުޑަށް ޖަމާވަމުންދިޔަ ކަޅު ވިލާތައް ހާމަވެގެންދެއެވެ. އެވްލީން ދުވަމުން ދިޔަިއރު އޭނަ ލައިގެން ހުރި ފެހި ކުލައިގެ ޓޮޕްކޮޅާއި ހުދުކުލައިގެ ސްކިނީވަނީ ތެމިފޯވެފައެވެ. ދޭތެރެއަކުން އެވްލީންގެ ގިސްލުމުގެ އަޑު ފަޒާގެ ތެރެއަށް ފެތުރިގެންދެއެވެ
” އެވްލީން… ” ޒަވީންގެ އަޑު އިވުމާއެކު އެވްލީން ކުރިއަށްވުރެ ވިޔަވަޅުތައް ބާރުކޮށްލިއެވެ. އެވްލީން ދުވަމުންދިޔައީ ވޯޓާރ ބަންގްލޯރ ތަކާ ދިމާއަށެވެ. އުސްކޮށް ފާލަން ހަދާފައި ވީނަމަވެސް ބިޔަރާޅުތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ފާލަމަށް ކުރަމުންދިޔައެވެ. އެއްވެސް ރަހުމެއްނެތި ބިޔަ ރާޅުތައް ގޮނޑުދޮށަށް ބީއްސަމުން ދިޔައިރު ރާޅުގެ މިއުޒިކީއަޑު ފަޒާގައި ގުގުމަމުން ދިޔައެވެ. އެވްލީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ވަރެއާ އެކުވެގެން ފައިބަމުން ދިޔައިރު ވާރޭގެ ސަބަބުން އެތުންފަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައިވާއިރު އެވްލީންގެ މުޅިހަށިގަނޑު ރޫރޫ އަޅަމުންދިޔައެވެ.
” އެވްލީން ލިސިންޓު މީ…. ” ޒަވީން ހުށިޔާރަ ކަމާއެކު އެވްލީންގެ އަތުގައި ހިފަހައްޓާލިއެވެ. ” ދޫކުރޭ…. ” ގިސްލެވެމުންދިޔަ އެވްލީންއަށް ވާހަކަދައްކަން އުދަގޫވިއެވެ. ” އެވްލީން އެންމެ ފަހަރަކު ވިޔަސް އަހަރެން ދައްކަން މިއުޅޭ ވާހަކަ އަޑުއަހާބަލަ….. ” ޒަވީންގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ” ދެން އިތުރަށް ކޮންވާހަކައެއް އަޑުއަހަން އޮތީ ؟ ” އެވްލީން ރޮވިފައި އިންއަޑަކުން އަހާލިއެވެ. ” އެވްލީން އަހަންނަށް އިތުބާރު ކޮށްބަލަ…. ނީލާ އެހަދަނީ ހުސް ދޮގު…. އަހަރެން ދުވަހަކުންވެސް ނީލާއާ އެއްވެސް ގުޅުމެއް ބާއްވާފައި ނޯންނާނެ… ޔޫ ހޭވް ޓު ޓްރަސްޓް މީ… އެވްލީން ބޭނުންނަމަ އަހަރެން ހުރިހާކަމެއް ސާބިތު ކޮށްދީފާނަން… ” ޒަވީން އެވްލީންއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.
ޒަވީންގެ ލޮލުން ފެންމުންދިޔަ އިންތިހާ ދަރަޖައިގެ ލޯބީގެ ސަބަބުން އެވްލީންގެ ހިތް ފުށްކޮޅެއްހެން މަޑުވެގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ. ” އަހަރެން ޒަވީންއަށް އިތުބާރުކުރަން …. އެކަމަކު…. އެކަމަކު ނީލާ…. ” އެވްލީންއަށް ވާހަކަ ދައްކަން އުނދަގޫވުމުގެ ސަބަބުން އެވްލީން އޭނަގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. ” އަހަރެން އެވްލީންއަށް ހުރިހާ ކަމެއް ސާބިތު ކޮށްދީފާނަން… ހިނގާ އަހަންނާއެކު…. ” ޒަވީން ބުނެލިއެވެ.
* * *
އެވްލީން ރެސްޓޯރެންޓް ކައިރީގައި ހިޔާކޮށްފައިހުރި ތަނެއްގައި މަޑުކޮށްލުމާއެކު ޒަވީން ބާރު ފިޔަވަޅު ތަކެއްގައި ހިނގައިތަތީ ރެސްޓޯރެންޓާއި ދިމާއަށެވެ. ކުޑަ އިރުކޮޅެއް ފަހުން ޒަވީން ނީލާގެ އަތުގައި ހިފަހައްޓާލައިގެން ނީލާ ދަމަމުން ކަހަލަގޮތަކަށް ބޭރަށް ނިކުތެވެ. ނީލާގެ ފަހަތުން ޖުނެއިނާވެސް ބޭރަށް ނިކުތެވެ. އޭރު ޖުނެއިނާ ހުރީ ކުރާނެ ނުކުރާނެކަމެއް ނޭނގިފައެވެ.
” އަހަރެން ފުލުހަށް ގުޅާފަ ނީލާ ވައްކަންކުރި ވާހަކަ ރިޕޯޓް ކޮށްފަ ފުލުން ރިޒޯޓަށް ނުގެންނަނީސް އެވްލީންއަށް ހުރިހާ ހަޤީޤަތެއް ކިޔައިދީ… ނީލާ ހީކުރީ ދޯ އަހަރެންގެ ކޮޓަރިއަށް ވަދެ ރުފިޔާ ވަގަށް ނެގީމަ އަހަންނަށް ފަޅާ ނާރާނެކަމަށް ؟ ” ޒަވީންގެ ޖުމްލައިން ނީލާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އެޝޮކްގެ ސަބަބުން އޭނަގެ މަސްތުކަންވެސް ފިލައިގެން ދިޔައެވެ. އޭނަ އެހާ ސިއްރުން ކުރިކަންތައްވެސް ޒަވީންއަށް އެއޮތީ ފަޅާއަރާފައެވެ. ޖުނެއިނާގެ ހިތްބާރު މިނުގައި ތެޅެމުން ދިޔައިރު އޭނަގެ ޕްލެއިން ފެއިލް ވެއްޖެކަމުގެ ރަތް ސިގްނަލް ޖުނެއިނާއަށް ލިބެމުންދިޔައެވެ. ޖުނެއިނާ ލޮލުގެ އިޝާރާތުން މަޑުން ހުރުމަށް ނީލާ ގާތު އަމުރުކުރިއެވެ.
”’ ނޫން…. ނޫން… ޕޮލިހުން ގެންނާނެ ކަމެއްނެތް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން…. ” ނީލާ އަވަސް އަވަހަށް ބުނެލިއެވެ. ޖުނެއިނާ ނީލާ ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ނީލާ ބިރުން ހުރިވަރުން ޖުނެއިނާގެ ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. ” އަހަރެން ހުރިހާ ކަމެއް ކުރީ ޖުނެއިނާ ބުނެގެން… ޖުނެއިނާ ބުނީ ޒަވީންއާއި އެވްލީން ދުރުކުރުވީމަ ވިހިހާސް ރުފިޔާ ދޭނަމޭ… ދެން އެފޮޓޯ ތަކަކީ އަހަރެންގެ އެކުވެރިޔަކު ލައްވާ އެޑިޓް ކޮށްފަ ހުރި ފޮޓޯތަކެއް ” ނީލާގެ ޖުމްލައިން އެވްލީންއަށް ހައިރާންކަމާއެކު ބަލައިލެވުނީ ޖުނެއިނާ އަށެވެ. އޭނަގެ މަންމަ އެފަދަ ކަމެއް ކޮށްފާނެޔޭ ޤަބޫލު ކުރަންވެސް އެވްލީންއަށް ދަތިވިއެވެ.
” ކޮން ދޮގެއްހަދާކަށް…. އެވްލީން އޭނަ ދައްކާ ވާހަކަ ޤަބޫލުނުކުރާތި… އެނަ އެހުރީ ރާބޮއެގެން މަސްތުވެފަ…. ” ޖުނެއިނާ އޭނަގެ ހާސްކަން ފޮރުވަމުން ބުނެލިއެވެ. ” އަހަރެން ދޮގެއް ނަހަދަން… ކަލޭ މިހާރު ފަޅާ އެރީމަ އަހަރެން ބޮލަށް ހުރިހާ ކަމެއް ޖަހާލަންތަ ތިއުޅޭނީ… ” ނީލާ ރުޅިވެރި ރާގެއްގައި ބުނެލިއެވެ.
” އެވްލީން… ނީލާ އެހަދަނީ ހުސް ދޮގު…. މަންމަ އެދަފަ ކަމެއް ނުކުރާނެކަން….. ” ޖުނެއިނާ އެވްލީންގެ އަތުގައި ހިފަލުމާއެކު އެވްލީން ޖުނެއިނާގެ އަތް ފޮޅުވާލިއެވެ.
” އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން މަންމަ އަހަންނަށް މީހާބޮޑު ދެރައެއް ދީފާނެކަމަށް…. މަންމައަށް ނޭގުނުތަ ޒަވީންއާ ދުރުގަ އުޅެން ޖެހުނުނަމަ އަހަންނަށް ވާނެގޮތް ؟ އަހަރެން ޒަވީން ދެކެ އިންތިހާއަށް ލޯބިވާއިރު ކިހިނެއް ޒަވީން އާނުލާ އަހަރެން ދިރިއުޅޭނީ ؟ މަންމަ އެންމެ ފަހަރަކު ވެސް ވިސްނާލިނަމަ…. އަހަރެން ބޭނުމެއްނޫން ދެން މަންމަގެ ސޫރަވެސް ދެކޭކަށް…. ” އެވްލީން ޒަވީންގެ ޓީޝާޓްގައި މޫނު ފޮރުވާލިއެވެ. ޒަވީންއާ މެދު އެހާ ގޯސްކޮށް ހީކުރެވުނީތީ އެވްލީން ދެރަވެސް ވިއެވެ. ނީލާގެ ބުނާ އެއްވެސް އެއްޗެއް އަޑުނާހަން ހުއްޓާ މިވީ ކިހިނެއް ބާވައެވެ ؟ އޭނައަށް ޒަވީންއަށް އިތުބާރު ކުރަންވީ ވަރަށް އިތުބާރު ނުކުރެވުނީ ހެއްޔެވެ ؟
” ޒަވީން އައި އޭމް ވެރީ ސޮރީ…. ” އެވްލީން ރޮވިފައިވާ އަޑަކުން ބުނެލިއެވެ. ” އެވްލީން އިޓްސް އޯކޭ… ހިނގާބަލަ ކޮޓަރިއަށް… މިހާރުވެސް އެވްލީން ފިނިވެގެންގޮސް ތުރުތުރު ތިއަޅަނީ… ” ޒަވީން ބޭނުންވީ އެވްލީން ގޮވައިގެން އެތަނުން ދާށެވެ. މިހާރުވެސް އެވްލީންގެ ހިތަށް ލިބިފައިވަ އަނިޔާތައް މަދެއްނޫނެވެ.
” ކަލެއަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭނެ…. ” އެވްލީންއާއި ޒަވީން ދިއުމާއެކު ޖުނެއިނާ ރުންކުރު ރާގެއްގައި ބުނެލިއެވެ. ” އަހަރެން ބޭނުމެއްނޫން އިތުރު ވާހަކައެއް ދައްކާކަށް… އަހަރެންގެ ފައިސާދީ… އެހެންނޫނިއްޔާ ކަލޭ ބޭޒާރު ކޮށްލާނަން… ކަލޭ ހީކުރީ ދޯ އަހަރެން މީ މޮޔައެއްކަމަށް ؟ ކަލޭ ޖަހާހާ ބެރަށް އަހަރެން ނަށާނެކަމަށް ؟ ” ނީލާ ވާރޭގެ ސަބަބުން ތެމިފައިވާ އޭނަގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ބުނެލިއެވެ.
* * *
” އެވްލީން ދެން އެކަމާމެދު ނުވިސްނާ….. ލެޓް އިޓް ގޯ…. ” ޒަވީން ތެތް ހެދުންތައް ބަދަލު ކޮށްލައިގެން އެވްލީންގެ ކޮޓަރިއަށް ވަންއިރު ، ކިންގް ސައިޒް ބެޑްގައި އިށީންދެލައިގެން ފުން ވިސްނުމަކަށް ގެއްލިފައި އިން އެވްލީން ފެނުމާއެކު ޒަވީން ބުނެލިއެވެ. އޭރުވެސް ވާރޭގެ މިޔުޒިކީ އަޑު މެދު ކެނޑުމެއްނެތި އިވެމުންދިިޔައެވެ. ޒަވީންގެ އަޑަށް ސިފިހައި އެވްލީންއަށް ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު ޒަވީން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އެނދާއި ދިމާއަށް އަންނަނީއެވެ. ވާރޭގެ ސަބަބުން ޒަވީން ލައިގެން ހުރި އަޅި ކުލައިގެ އަތްކުރު ގަމީހާއި ކަޅުކުލައިގެ ޖިންސްވަނީ ކުޑަކޮށް ތެމިފައެވެ. ޒަވީންގެ ނިތްކުރި މައްޗަށް އިސްތަށިތައް ފައިބައިފައި ވާއިރު ޒަވީންގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
” ޒަވީން އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ މަންމަ… މަންމަ އެފަދަ ކަމެއް ކޮށްފާނެކަމަށް… ” ޒަވީން އައިސް އެވްލީން ކައިރީގައި އިށީނުމާއެކު އެވްލީން ޒަވީންގެ ކޮނޑުގައި ބޯއަޅާލިއެވެ. ” އެވްލީން އެކަމާމެދު ނުވިސްނާ…. އެހެންނޫންނަމަ އެވްލީން އިތުރަށް ބަލިވެދާނެ…. ނައު ޔޫ ހޭވް ޓު ތިންކް އެބައުޓް އަވާރ ރިލޭޝަންޝިޕް….. ” ޒަވީން އެވްލީން ގެނެސް އޭނައާއި ކައިރިކޮށްލަމުން ބުނެލިއެވެ. އެވަގުތު ކުއްލިޔަކަށް އެވްލީންގެ ހަނދާނަން އައީ މިރޭ ޒަވީން އޭނައަށް ދިން ހަދިޔާއެވެ. ދުވަހަކުވެސް އެހަދިޔާ އޭނަގެ ހަނދާނުން ފިލައިގެން ނުދާނެއެވެ.
” ޒަވީން ވާހަކައެއް ބުނަންތަ ؟ ” އެވްލީން އިސްއުފުލާލުމަށްފަހު ޒަވީންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ” ބުނެބަލަ… ” ޒަވީން އުފާވެރި ހިނިތުންވުމަކާއެކު އެވްލީންގެ ކޯތާފަތުގައި ފިރުމާލިއެވެ. ” އަހަންނަށް ޒަވީންއާއި ކުރިން މީޓް ވެފައިވާފަދަ އިހްސާސްތަކެއް ކުރެވޭ… ސަމްވެއާރ އެކަމަކު ހަނދާނެއްނުވޭ…. ” އެވްލީން ވިސްނާލުމަށްފަހު ބުނެލިއެވެ. ” ތިވެދާނެ ޖިންނިއެއް އަހަރެންގެ ސިފައިގައި ހުއްޓާ ފެނުނީ ކަމަށްވެސް… ” ޒަވީން ލާނެއް ރާގަކަށް ބުނެލިއެވެ. ” ޒަވީން … ” ޒަވީންގެ ޖުމްލައިން އެވްލީންގެ ހުނުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެންދިޔައެވެ.
” މިހާރު ވަރަށް އޮޑް ރައްޓެހިވެގެން އުޅޭއިރު ފުލްނޭމް ކީމަ މައި ސްވީޓް ލީން… ” ޒަވީން އެއްބުމަ އަރުވާލަމުން ބުނެލިއެވެ. ” އޯކޭ ދެން އަހަރެން ކިޔާނީ ޒޭވް ހެޕީ… ” އެވްލީން ޒަވީންގެ ބައިމަތި ފުޅާ ހަށިގަނޑުގައި ބައްދާލިއެވެ.
* * *
ކަނޑުގެ ލޮނުގަނޑު ޖަރީކުރަމުން އިރުގެ ދޯދިތައް ދުނިޔެއަށް ފެތުރިގެން ދިއުމާއެކު ފަޒާ ގުގުމާލަމުން ދިޔައީ ދޫނިސޫފާ ސޫފީގެ ރީތި އަޑުންނެވެ. ރޭ ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ގަސްތަކުގައި މޫތިތަކެއް ފަދައިން ވިދަމުންދިޔަ ޝަބްނަމް ތިކިތަކަށް އިރުގެ އޮރެންޖް ކުލައިގެ ދަޅަތައް އެޅިފައި ވުމާއެކު ވަރަށްވެސް ރީއްޗެވެ. ހީވަނީ ކުޑަ ޖަވާހިރުތަކަށް އިރުގެ ދަޅަތައް އެޅުމުން ވިދާބަބުޅަމުން ދިޔަހެންނެވެ.
ދޭތެރެއަކުން ޖެހިލާ ވައިރޯޅި ތަކާއެކު ޝަބްނަމް ތިކިތައް ބިމުގައި ހެދިފައިވާ ފެންކޯރުތަކަށް ފައިބައި ގަންނައިރު ކުޑަ ބާނީތަކެއް އުފެދިގެންދެއެވެ. ހެނދުނުގެ ވަގުތު ނަމަވެސް ގިނަ އަދަދެއްގެ ޓޫރިންޓުން ތަކެއް ހެނދުނުގެ ރީތި މަންޒަރުން އުފާ ހޯދަމުންދިޔައެވެ. އުޑުގައި ފަތުރާލާފައިވާ ނޫކުލައިގެ ފަރުދާތަކުގައި އޮރެންޖް ކުލައިގެ ވިލާތައް ދައުރު ކުރަމުން ދިޔައިރު ކިތަންމެހާވެސް ފުރިހަމައެވެ. ފަރުމައްޗަށް ބިންދާލާ ރާޅުތައް ބާނީތައް ލައްވަމުން އައިސް ގޮނޑުދޮށަށް ބޮސްދެމުން ދިޔައިރު ހީވަނީ ދޫނިސޫފާސޫފީގެ ރީތި ލަވަތަކަށް މިޔުޒިކެއް ކުޅެލާހެންނެވެ.
އެވްލީންއަށް ހޭލެވުނީ އިރުގެ ދޯދިތައް ކުޑަދޮރުގެ ފަރުދާ ތަކުގެ ތެރޭން ފުރޭނިގެން އައިސް އެމޫނަށް އެޅި އުދަގޫކުރަން ފެށުމުންނެވެ. އެވްލީން ކަންނެތް ގޮތަކަށް ލޯހުޅުވާލުމަށްފަހު ކުރިއަށްވުރެ ބޮޑަށް ބާލީސްތަކުގައި ބައްދާލިއިރު އޭނަ އެނދުން ތެދުވަން ބޭނުންނުވާކަން ހާމަވަމުން ދިޔައެވެ. އަދިވެސް އެރީތި މުށިކުލައިގެ ދެލޮލުގައި ވަނީ ނިދީގެ އަސަރެވެ. ރޭ ޒަވީންއާއި ވާހަކަ ދައްކަން އިން އިރު ވަގުތު ހޭދަވެސް ދިޔަ ގޮތެއްވެސް ނޭގެއެވެ. ޒަވީންގެ ފިރިހެންވަންތަ އަޑު އެކަންފަތުގައި ރީތި މިޔުޒިކެއްހެން ކުޅެލާއިރު އެހިތުގައި އުފެދިގެން ދަނީ ތަފާތު ޝުޢޫރު ތަކެކެވެ. އެވްލީން ދެލޯ މަރާލުމާއެކު އެކަޅުކަންގަދަ ދިގު އެސްފިޔަތަކުގެ ތެރޭން ކުރެހިގެން ދިޔައީ ޒަވީންގެ ރީތި ސޫރައެވެ. އެރީތި ހިނިތުންވުމުން އެހިތް ކަތިލެވޭހާ ވެއެވެ.
” ޒޭވް ޔޫ ހޭވް މޭޑް މީ ކްރޭޒީ…. ” އެވްލީން އެސްފިޔަތައް ދުރުކޮށްލުމަށްފަހު ލޯހުޅުވާލިއެވެ. އޭރު އެދެލޮލުން ނިދީގެ ހުރިހާ އަސަރެއް ފިލައިގެން ގޮސްފިއެވެ. އެވްލީން އެނދުން ތެދުވެލުމަށްފަހު ލުއި ފިޔަވަޅު ތަކެއްގައި ގޮސް ރަތްކުލައިގެ ފަރުދާތައް ކަހާލުމަށްފަހު ކުޑަ ދޮރު ހުޅުވާލުމާއެކު ފެންނަމުން ދިޔަ ގުދުރަތީ ރީތި މަންޒަރުން އެހިތަށް އުފާވެރިކަން ގެނެސްދިނެވެ.
ކުއްލިޔަކަށް ކޮޓަރީގެ ދޮރުގައި ޓަކިދެމުން ޖުނެއިނާ އެވްލީންއަށް ގޮވާލުމާއެކު އެވްލީން ދިޔައީ ސިއްސައިގެންނެވެ. ޖުނެއިނާގެ އަޑު ކަންފަތުގައި ގުގުމާލުމާއެކު އެވްލީންގެ ޠަބީޢަތް ގޯސް ވެގެންދިޔައެވެ. މިހާރު ޖުނެއިނާ އެއައީ ކީއްކުރަން ހެއްޔެވެ ؟ އޭނަގެ ހިތަށް ޖުނެއިނާ ދިން އަނިޔާތަށް ކުޑައީ ހެއްޔެވެ ؟ އޭނަ ޖުނެއިނާއަށް ހާދަ ޤަދަރެއް އެހިތުން ދިން ހެއްޔެވެ. ނަމަވެސް ޖުނެއިނާގެ ހަޤީޤަތް ފަޅާއެރުމުން ހުރިހާ ޤަދަރަކާއި ލޯތްބެއް ވެއްޔާ މޮޑެވިގެން ދިޔައީއެވެ. ދެން ދުވަހަކުވެސް އެޤަދަރާއި ލޯބި އެހިތުން ޖުނެއިނާއަކަށް ނުދެވޭނެއެވެ. މިހާރު އެހިތުގައި ޖުނެއިނާ އަށްޓަކާ ވަނީ ނަފްރަތެވެ. އެވްލީން ހިތާއި ދެކޮޅަށްވެސް ގޮސް ދޮރު ހުޅުވާލިއިރު އެމޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ.
” ލީން… މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފުރަން އުޅޭތީ އެވާހަކަ ބުނަން ވެގެން މިއައީ…. ” އެވްލީން ދޮރު ހުޅުވާލުމާއެކު ޖުނެއިނާ ވާހަކަ ދައްކަން ފެއްޓިއެވެ. އެވްލީން ޖުނެއިނާއާއި ވާހަކަ ދައްކަން ބޭނުން ނުވަތީ ހުރީ މަޑުންނެވެ. ” ދަރިފުޅާ އަދިވެސް މަންމަ ދެކެ ރުޅިއައިސްފަތަ ތިހުރީ ؟ … ” ޖުނެއިނާ އަޑަށް މޮޅިވެރިކަން ގެންނަމުން އަހާލައިފިއެވެ. އެވްލީން ޖުނެއިނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ބާރު ފިޔަވަޅު ތަކެއްގައިގޮސް އެނދު ކައިރިއަށް ހުއްޓިލިއެވެ.
ޖުނެއިނާގެ ހިތުގައި މިހާރު ނޭގޭ ބިރުވެރިކަމެއް ވަނީ އުފެދެން ފަށައިފައެވެ. ރޭގައި ބިރުވެރި ހުވަފެނެއްވެސް އޭނައަށް ވަނީ ފެނިފައެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި އެތަށް އަހަރެއް ވަންދެން ހުރުމުގެ ސަބަބުން އޭނަ މޮޔަވެގެން ގުރާދޫއަށް ފޮނުވާ ބިރުވެރި ހުވަފެނެކެވެ. އަދި އެހުވެފެނުގައި އޭނަ ގުރާދޫއަށް ގެންދިއުމުން ކުރިމަތި ލަންޖެހުނީ ބިރުވެރި ކަންތަކާއެވެ. އެހުވެފެން މަތިން ހަނދާން ވުމާއެކު ޖުނެއިނާއަށް ދެފަރާތަށް ބޯހޫރާލެވުނު އިރު ހީތާހިތުން ނޫނެކޭ ބުނެލެވުނެވެ. އޭނަ ކޮންމެ ގޮތެއް ހަދާފައިވެސް އެހުވަފެން ހަޤީޤަތަކަށް ވިޔަކަ ނުދޭނެއެވެ. ނަމަވެސް މިހާރު އޭނަ ” ވުޑްލޭންޑް ” ގައި ހުރުމުގެ ހުރިހާ އުންމީދެއްވަނީ ފެނަށް ވެފައެވެ. މިފްޒާލްއަށް ރޭހިނގި ހާދިސާ އެގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ ؟
” އެވްލީން… ” ޖުނެއިނާ އޭނަގެ މޫނަށް ޖަމާވަމުންދިޔަ ދާތިކިތަށް ފޮހެލުމަށްފަހު ގޮސް އެވްލީން ކުރިމައްޗަށް ހުއްޓިލިއެވެ. ” ޕްލީޒް ލީވް…. އަހަރެން ބޭނުމެއްނޫން މަންމައާއި ވާހަކަ ދައްކާކަށް… ” އެވްލީންއަށް ބާރަކަށް ބުނެލެވުނެވެ. ” މަންމައަށް ޒަވީން ކަމުނުދާތީ ދަރިފުޅާއި ޒަވީން ދުރުކުރަން ބޭނުންވީ…. އޭނަގެ އާއިލާ މީހުންނަކީ ކޮންބައެއްކަން ރަނގަޅަށް ނުވެސް އެނގޭ… ” ޖުނެއިނާ އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ. ޖުނެއިނާ ބޭނުންވީ އޭނަގެ ދޮގު ބަސްތަކުން އެވްލީން އޭނަގެ ކޮޅަށް އަނބުރާލާށެވެ.
” ކިތަށްފަހަރު ބުނާނީ އަހަރެން ބޭނުމެއްނޫނޭ މަންމަ ދައްކާ ވާހަކަ އަޑުއަހަން… ޔޫ އާރ އަ ބިގް ލަޔާރ… ” އެވްލީން އެންމެ ފަހުން ކޮންޓްރޯލް ކޮށްގެން ހުރި ރުޅިގަނޑު ޖުނެއިނާގެ ޖުމްލައިގެ ސަބަބުން ފަޅައިގެން ދިޔައެވެ. އެވްލީންގެ އެހަރުކަށި ޖުމްލައިގެ ސަބަބުން ޖުނެއިނާގެ ދުލުގައި ތަޅުލެވުނު ކަހަލައެވެ. ގޮތް ދޫނުކުރަން ހުރިކަމުގައި ވީނަމަވެސް ޖުނެއިނާއަކަށް ދެން އިތުރަށް އެއްވެސް ޖުމްލައެއް ބޭރުކޮށެއް ނުލެވުނެވެ. ޖުނެއިނާ މޫނު ކުނި ކޮށްލުމަށްފަހު ބާރު ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިން ނިކުތެވެ.
ޖުނެއިނާ ނިކުމެެގެން ދިއުމާއެކު އެވްލީން ގޮސް ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. އެވްލީން އެނދުގައި އިށީން އިރު ޖުނެއިނާގެ ސަބަބުން އެހިތުގައި ރޯވެފައިވާ ރުޅިވެރިކަމުގެ އަލިފާންގަނޑު ނިއްވަން އޭނަ މަސައްކަތް ކުރަމުން ދިޔައެވެ. އޭނަ ދުވަހަކުވެސް ޖުނެއިނާއަކަށް މާފެއް ނުކުރާނެއެވެ. ޖުނެއިނާގެ ސަބަބުން އޭނައާއި ޒަވީން ވަކިވިނަމަ ވާނެގޮތްވެސް އެހިތަށް ގެންނަންވެސް ދައްޗެވެ. ޒަވީން ދެކެ އޭނަ އިންތިހާއަށް ލޯބިވާއިރު ޒަވީންއާއި ނުލާ އޭނަ ދިރިއުޅޭނީ ކިހިނެއްހެއްޔެވެ ؟
* * *
މެންދުރުގެ ވަގުތެވެ. އިރުގެ ހޫނު ގަދަ އަވީގެ ސަބަބުން މިއަދު އެހެން ދުވަސް ތަކަށްވުރެ ހޫނުކަމަށް ދައްކައެވެ. ވައިރޯޅި ތައްވެސް އެހެން ދުވަސްތަކާ ހިލާފަށް މިއަދު މަދެވެ. އެވްލީން ޒަވީންއާއެކު ރިޒޯޓް ބަލާލަން ހިނގަމުން ދިޔައިރު އެވްލީން ހުރީ ޒަވީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެވްލީން ލައިގެން ހުރި މަޑު ވިލުކުލައިގެ ކުރުތާއާއި ހުދު ކުލައިގެ ޖިންސްގެ ސަބަބުން އެވްލީންގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އެވްލީންގެ ގިދު އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާލާފައި އޮތްއިރު ، އެރީތި މުށި ކުލައިގެ ލޮލުގެ ރީތިކަން އިތުރު ކޮށްދީފައިވަނީ އަނދުނުގެ ސަބަބުންނެވެ. ޒަވީން ހިނގަމުން ދިޔައިރު އެވްލީންއާއި ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. ޒަވީންއާއި އެހާ ކައިރީގައި ވުމުގެ ސަބަބުން އެވްލީންއަށް ވަނީ ބުނަން ނޭގޭ އުފަލެއް ލިބިފައެވެ.
” ޒޭވް ސުވާލެއް ކޮށްލަންތަ ؟ ” ރިޒޯޓްގައި އޮތްނަ ގޯލްފް ދަނޑު ކައިރީގައި ބަހައްޓާފައިވާ ބެންޗެއްގައި އިށީންނަމުން އެވްލީންް އަހާލިއެވެ. ބެންޗަށް ކައިރީގައި ހުރި ފުނަ ގަހުގެ ސަބަބުން ބެންޗަށް ވަނީ ހިޔާއެޅިފައެވެ. ” ޔެސް މައި ސްވީޓް ހާރޓް…. ” ޒަވީން ބުނެލިއެވެ.
” ޒޭވް އާއިލާ މީހުން ޤަބޫލު ވާނެތަ ޒޭވްއާއި އަހަރެން ގުޅެން ؟ … ” އެވްލީން ދުރުދުރަށް ދާންދެން ފެންނަން އޮތް ފެހިކަންގަދަ ކާރޕެޓް ގްރާސްގަނޑަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. ” ވައި ނޮޓް ؟ މޯމް ވަރަށް އުފާވާނެ… އިންފެކްޓް ލީން ތީ މޯމް އަހަރެންގެ ބައިވެރިއަކަށް ހޮވަން އެންމެ ބޭނުންވާނެ ކަހަލަ ކުއްޖާ…. ” ޒަވީން ހިނިތުންވެލަމުން ބުނެލިއެވެ. ޒަވީންގެ ޖުމްލައިން އެވްލީންގެ ހިތަށް ފިނިކަން ލިއްބައިދިނެވެ. ޒަވީންގެ އާއިލާ މީހުން އޭނަ ޤަބޫލު ނުކޮށްފާނެ ކަމުގެ ބިރު އެހިތުން ފިލައިގެން ދާން ނެގީ މަދު ވަގުތު ކޮޅެކެވެ. ” އައި ވޯންޓު މީޓް ދެމް… ” އެވްލީން ޒަވީން މޫނަށް ނަޒަރު ހުއްޓާލިއެވެ.
ކޮކާ އަލި ޒަވީންގެ މޫނަށް އެޅިފައިވުމާއެކު ހާދަ ފުރިހަމައެވެ. ކްރީމް ކުލައިގެ އަތްކުރު ގަމީސް ޒަވީންގެ ގަޔަށް ފިޓްކޮށް އޮތްއިރު ލައިގެން ހުރި މަޑު ނޫކުލައިގެ ޖިންސްގައި ޒަވީން ފެންނަލެއް ހާދަ ރީއްޗެވެ. ގަމީހުގެ މަތިން 3 ގޮތް ނާޅުވައި ހުރުމުގެ ސަބަބުން ޒަވީންގެ ތަނަވަސް މޭމަތީގެ ބޮޑު ބައެއްވަނީ ހާމައަށެވެ. އެރީތި އަޅި ކުލައިގެ ދެލޯފޮރުވަން ވެގެން އަޅާފައިވާ އަވިއައިނުގެ ސަބަބުންް ޒަވީންގެ ފިރިހެން ވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިވެއެވެ.
” މޯމް މެންނާއި އަދި މީޓްވާނެ… ކުޑަ ދުވަސްކޮޅަކަށް ވެއިޓް ކޮށްލަން ޖެހޭނީ… އައި ވޯންޓް ޓު ގިވް ހާރ އަ ސަޕްރައިޒް…. މިހާރުވެސް މޯމް އަހަރެން ނައިސްގެން ލަސްވެގެން އުޅޭތީ އިނެގްލޭންޑަށް ދާއިރު މޯމްއަށް ސަޕްރައިޒެއް ދޭންކަމަށް މިވިސްނަނީ…. ޝީ ވިލްބީ ވެރީ ހެޕީ ވެން އައި ގޯ ވިތް ޔޫ… ” ޒަވީން އެވްލީންގެ އޮމާން ކޯތާފަތުގައި ފިރުމާލިއެވެ. ” ޒޭވް ބޭނުން ގޮތެއް… ” ޒަވީންގެ އެބީހުމުގެ ސަބަބުން އެވްލީންއަށް ލޯމަރާލެވުނެވެ. ޒަވީންގެ ކޮންމެ ބީހިލުމަކުން އެވްލީންގެ ހަށިގަނޑުގައި ދުވެލަނީ ތަފާތު ރާޅުބާނީ ތަކެކެވެ.
” ވަން މިނެޓް ލީން… ” އެވްލީންގެ ކޯތާފަތަށް ބޮސްދިން ވަގުތު ޒަވީންގެ ފޯނު ވައިބްރޭޓް ވާން ފެށުމާއެކު އެވްލީންއާއި ދުރަށް ޖެހިލަމުން ޒަވީން ބުނެލިއެވެ. ” މޯމް… ” ޒަވީން ބެންޗާއި ތަންކޮޅެއް ދުރުގައި ހުއްޓިލަމުން ފޯނުން ވާހަކަ ދައްކަން ފެއްޓިއެވެ. ” ޒަވީން… އަދިވެސް ޕާސްޕޯޓް ކަންތައް ހަމައަކަށް ނޭޅޭނީތަ ؟ މަންމަމެން ދަރިފުޅު ނައިސްގެން މިތިބެނީ ކެތްމަދުވެފަ… ” ޒަރާ އޭނަގެ އަޑަށް ހިތާމަވެރިކަން ގެންނަމުން ބުންޏެވެ.
” މޯމް އަދި ޖަވާބެއް ނުލިބޭ… ކުރީ ދުވަހު ގުޅީމަ ބުނީ އަދި 2 ހަފްތާވަރު ނަގާނެޔޯ… ” ޒަވީން ޒަރާގެ ސުވާލަށް ޖަވާބު ދިނެވެ. ޒަވީން 2 ހަފްތާއޭ ބުނީ އޭނަ އެވްލީން އާއެކު ވަގުތު ހޭދަކުރަން ބޭނުން ވާތީއެވެ. މަންމަ ކައިރީގައި ދޮގު ހަދަން ޖެހުމުން ޒަވީން ހުރީ ކުޑަކޮށް ދެރަވެފައެވެ.
” ވަޓް ! 2 ވީކްސް ! ، ހާދަ ލަހޭ؟ ” ޒަރާއަށް އެލަފްޒުތައް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.
” މޯމް… ކިހިނެއްވީ ؟ އަނެއްކާ މާބޮޑު ކަމެއް ދިމާވީތަ މޯމް ތިހާ އަވަހަށް އަހަރެން ގެންނަން ތިއުޅެނީ ؟ ” ޒަވީންއަށް އަހާލެވުނެވެ. ” ނަތިންގް ލައިކް ދެޓް… ޒަވީން ނުފެނި އެހާ ގިނަ ދުވަސް ވީމަ ޒަވީން ދެކޭހިތުން ހަމަ… އެވްރީ ވަން އިޒް މިސިންގް ޔޫ ސޯ މަޗް…. ” ޒަރާ އަވަސް އަވަހަށް ބުނެލިއެވެ. ” މިއަދު ވީޑިއޯ ޗެޓްކޮށްލީމަ ނިމުނީއެއްނު… ” ޒަވީންވެސް އާއިލާއާއި މީހުން ދޭކޭހިތުން ހުރިވަރުން ބުނެލިއެވެ. ” އޯކޭ…. ” ޒަރާ ކުރު ޖަވާބަކާއެކު ފޯންކޯލް ކުރު ކޮށްލިއެވެ.
” ވޯޓާރ ބްލޭޒާރ ” ލޯންޗް ކަނޑުގެ ލޮނުގަނޑު ކަފަމުން އޭގެ އެންމެ ހަލުވި ސްޕީޑްގައި ދުއްވަމުން ދިޔައީ މާލެއާއި ދިމާއަށެވެ. އިރުއޮއްސެމުން ދިޔަ ވަގުތަށް ވުމާއެކު އުޑުމަތިވަނީ އަލިފާން ކުލައިގެ ވިލާތަކުން ބަރާވެފައެވެ. އިރުގެ ދަޅަތަކުން ކަނޑުގައި ވަނީ ގަދަ އޮރެންޖް ކުލައިގެ ސައިލެއް ފަތުރާލާފައެވެ. ލޯންޗް ތެރޭގައި ޖުނެއިނާ އެވްލީންއާ ކިތަންމެ ވަރަކަށް ވާހަކަ ދައްކަން ބޭނުންވި ކަމުގައި ވީނަމަވެސް އެވްލީން ޒަވީންއާއެކު ހުރުމުގެ ސަބަބުން ޖުނެއިނާއަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތި ލާށެވެ. ޒަވީން ” ވުޑްލޭންޑް ” އަށް އައިފަހުން ޒަވީން ވެފައިވަނީ އޭނަގެ ” ބޭޑްލަކް ޗާރމް ” އަކަށެވެ. ޒަވީންގެ ސަބަބުން އޭނަގެ ދިރިއުޅުންވަނީ މުޅިން ބަރުބާދު ވެފައެވެ.
މާލެއަށް ދެވުމާއެކު އެންމެ ފުރަތަމަ ލޯންޗުން ފޭބީ ޖުނެއިނާއެވެ. ޖުނެއިނާގެ ފަހަތުން ޒަވީންއާއި އެވްލީން ފޭބިއިރު އެމީހުންގެ އިންތިޒާރުގައި ފެރީ ޓާރމިނަލް ކުރިމަތީގައި ކާރު ޕާކް ކޮށްލައިގެން ކާރު ކައިރީގައި މަޑުކޮށްލައިގެން ރާއިފް ހުއްޓެވެ. ޖުނެއިނާގެ ފަހަތުން ފެރީ ޓާލަމިނަލް އިން ނިކުމެގެންއައި އެވްލީންއާއި ޒަވީން ފެނުމާއެކު ރާއިފް އަވަސް އަވަހަށް އެމީހުން އަރަން ކާރުގެ ދޮރުފަތްތައް ހުޅުވާލަ ދިނެވެ. ޖުނެއިނާ އެރީ ކުރީ ސީޓަށެވެ. އެވްލީންއާއި ޒަވީން ފަހަތު ސީޓަށް އެރުމާއެކު ރާއިފް ކާރުގެ ފޮރުފަތް ލައްޕާލުމަށްފަހު ކާރަށް އަރާ ދުއްވާލައިފިއެވެ.
” ލީން މިރޭ ރެޑީ ވެގެން ހުންނައްޗޭ… މިރޭ ލީންއަށް ދޭން ސްޕެޝަލް ގިފްޓެއް ޕްލޭންކޮށްފަ އެބައޮތް… ” ” ވުޑްލޭންޑް ” ޕޯޓިކޯއަށް ކާރު މަޑު ކޮށްލުމުން ޖުނެއިނާ އެތެރެއަށް ވަދެގެން ދިއުމާއެކު ޒަވީން ބުނެލިއެވެ.
” އޯކޭ… ” އެވްލީން އަވަސް އަވަހަށް ބުނެލިއެވެ.
* * *
ތަރިތަކުން އުޑު ފުރާލާފައި ވާއިރު ތަރިތަކުގެ ފަނޑު އަލީގެ ސަބަބުން އިރު އޮއްސުމާއެކު ދުނިޔެއަށް ފެތުރެންފެށި އަނދިރިކަން ވަނީ ފޫއަޅުވާލާފައެވެ. ވައިރޯޅިތަކާއެކު ގަސްތައް ލެހިލާއިރު ފަޒާގެ ހިމޭންކަން ބައެއްފަހަރު މުރަނަ އަޑަކުން މުގުރާލައެވެ. ފެން އަރުވާވަޑާން ކައިރީގައި ދިއްލާފައިވާ އެކިކުލަކުލައިގެ ލައިޓް ތަކުގެ ދަޅަތައް ފެންގަނޑު ތެރޭގައި ނަށަމުން ދިޔައިރު ފެންއަރުވާ ވަޑާން ކައިރީގައި ހުރި ލޮޓަސް ޕޮންޑް ބަރާވެފައިވާ ހުދާއި ފިޔާތޮށިކުލައިގެ ލޮޓަސް މާތަކުން ފަޒާގައި ލުއި މީރުވަހެއް ހަރުލައްވަމުން ދިޔައެވެ.
އެވްލީން ހުދުކުލައިގެ މެކްސީއެއް ލައިގެން ބޭރަށް ނިކުތްއިރު އެމެކްސީ އެވްލީންގެ ގަޔަށް ހީފާފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. ކަޅުކުލައިގެ ލޭސް ފޮތިތަކުން ޑިޒައިން ކޮށްފައިވާއިރު މެކްސީގައި ވިދަމުންދިޔައީ ދަނބު ކުލައިގެ އެސްތަކެކެވެ. ފަހަތައް ދޫކޮށްލާފައިވާ އެވްލީންގެ ގިދު އިސްތަށިގަނޑު ވަޔާއެކު ސަމާސާ ކުރަމުންދިޔައިރު އެވްލީންގެ މުށި ކުލައިގެ ލޮލުގެ ވިދުވަރު އިތުރު ކޮށްދީފައިވަނީ އަނދުނާއި މަސްކާރާގެ ސަބަބުންނެވެ. އެމަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ވަނީ އެލްމަންޑް ލިޕްސްޓިކް ހާކާލާފައެވެ. އެޓާރނިޓީ ކެލްވިން ކްލެއިން ސެންޓްގެ މީރުވަސް ފަޒާގެ ތެރެއަށް ފެތުރިގެން ދިއުމާއެކު މާމެލާމެލީގެ މީރުވަސް ފަނޑު ކޮށްލައިފިއެވެ. އެވްލީން ލުއި ފިޔަވަޅު ތަކެއްގައި ގޮސް ގެސްޓް ރޫމްގެ ދޮރުހުޅުވާލިއެވެ.
އެވްލީން އެތެރެއަށް ވަންނަން ނެގި ފިޔަވަޅު މަޑު ޖެހިލީ އޭނައަށް އިވުނު އަޑެއްގެ ސަބަބުންނެވެ. އެއަޑު ކަންފަތުގައި ގުގުމާލައިގެން ދިއުމާއެކު އެވްލީންއަށް ހީވީ އޭނަގެ ހިތުގެ ތެޅުން މަޑުޖެހިލި ހެންނެވެ. ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި އެމޫނަށް ދާތިކިތައް ޖަމާވެގެން ދިޔައެވެ. އެއަޑު އޭނައަށް ކުރިން އިވިފައި ވާކަމަށް ސިކުނޑި ތަކުރާރުކޮށް ބުނަން ފެށިއެވެ. ނަމަވެސް ކޮންތާކުން ބާވައެވެ ؟
ޒަވީން ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލި ވަގުތު ހުއްޓުން އަރާފައި ހުރި އެވްލީން ފެނުމާއެކު ވީޑިއޯ ކޯލް ކުރު ކޮށްލުމަށްފަހު އޭނަ ސްކައިޕުން ލޮގްއައުޓް ކޮށްލިއެވެ. ” ހޭއި… ކިހިނެއްވެފަ ؟ ” ޒަވީން އައިސް އެވްލީން ކުރިމައްޗަށް ހުއްޓިލިއެވެ. ” ކާކާތަ… ދެ..ދެންމެ ވާހަކަ ދެއްކީ ؟ ” ހާސްވެފައި ހުރިވަރުން އެވްލީންއަށް ވާހަކަ ދައްކަން އުދަގޫވިއެވެ. ” ދެންމެ ވާހަކަ ދައްކާލީ ފަހަރިއަކާ… އާރ ޔޫ އޯކޭ ؟ ” ޒަވީން އެވްލީންގެ އަތުގައި ހިފާލިއެވެ.
” އައެމް ފައިން… ކުރިން އަޑު އިވުނު އަޑެއްހެން ހީވަނީ…. ނެވާރ މައިންޑް… ” އެވްލީން އޭނަގެ ހާސްކަން ފޮރުވާލަމުން ބުނެލިއެވެ. ” ޔޫ ލުކް ބިއުޓިފުލް… ލެޓްސް ގޯ… ” ޒަވީން އެވްލީންގެ އަތްތިލައިގައި ހިފާލުމަށްފަހު ބޮސްދިނުމާއެކެ އެވްލީންގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.
އެވްލީން ޒަވީންގެ ފަހަތުން ހިނގަމުން ދިޔައިރު އޭނަގެ ސިކުނޑި ހާސްކުރަމުން ދިޔައީ ޒަވީންގެ ފަހަރީގެ އަޑު އޭނައަށް އިވުނު ތަނަކާ މެދުގައެވެ. އެވްލީން ވިސްނަން އުޅުމުން އޭނަގެ ސިކުނޑިއަށް ތޫނު ރިހުމެއް ވެރިވެގެން ދެއެވެ. އެންމެ ފަހުން އެވްލީން އެހުރިހާކަމެއް އެއްފަރާތް ކޮށްލީ އެކަމުގެ ސަބަބުން އޭނައާއި ޒަވީންގެ އުފާވެރި ވަގުތު ހަރާބުވެދާނެތީއެވެ.
ޒަވީން ޕޯޓިކޯގައި ޕާކް ކޮށްފައި އޮތް ކާރުގެ ކުރީ ސީޓް އެވްލީން އަރަން ހުޅުވާލަ ދިނުމާއެކު އެވްލީން އަވަސް އަވަހަށް ކުރީ ސީޓަށް އަރައި އިށީނެވެ. ” ކޮންތަނަކަށް ދަނީ ؟… ” ޒަވީން ކާރު ސްޓާރޓް ކޮށްލުމާއެކު އެވްލީން އަހާލިއެވެ. ” ލީން… ދެން ދާތަނެއް ބުނެފިނަމަ ސަޕްރައިޒަކަށް ނުވާނެއެއްނު…. ” އެވްލީންއަށް ބަލައިލުމަށްފަހު ޒަވީން ކާރު ދުއްވާލިއެވެ. ޒަވީން ކާރުގޮސް ފެރީޓާރ މިނަލްއަށް މަޑު ކޮށްލުމާއެކު އެވްލީންއަށް ކުޑަ ޚައިރާންކަމެއް ލިބުނެވެ. އޭނަ ހީކުރީ ޒަވީން އެއުޅެނީ އޭނަ ގޮވައިގެން ޑިނާރއަކަށް ދާން ކަމަށެވެ.
” ވީ އާރ ގޮއިންގް ޓު ހުޅުމާލެ… ” ޒަވީން ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ބުނެލިއެވެ. އެވްލީންގެ ހިތުގައި އެތަސް ސުވާލެއް ފުނިޖެހެމުން ދިޔަ ކަމުގައި ވީނަމަވެސް އޭނަ ޒަވީންއާއި ސުވާލުކުރާކަށް ނޫޅެއެވެ. ޒަވީން އެއްގޮތަކަށްވެސް އޭނަ ކުރާ ސުވާލުތަކުގެ ޖަވާބު ނުދޭނެކަން އެވްލީންގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
” ކީއްކުރަން ހުޅުމާލެއަށް ދަނީ… ” އެވްލީން އެންމެ ފަހުން ނުހުރެވިގެން އަހާލައިފިއެވެ. ” ލީން…. އަހަރެން ހުރިހާކަމެއް ބުނެފިނަމަ ދެއާރ ވިލްބީ ނޯ އެކްސައިޓްމެންޓް…. ” ޒަވީން އޭނަގެ ފޯނުނަގައި ނަންބަރަކަށް މެސެޖެއް ފޮނުވާލަމުން ބުނެލިއެވެ.
* * *
ހުޅުމާލެއަށް ދެވުމާއެކު ޒަވީން އެވްލީން ގޮވައިގެން ހިނގައިގަތީ ފެރީ ޓާރމިނަލް ކައިރީގައި ހުންނަ ” ޕެރެޑައިސް ރެސްޓޯރެންޓް ” އާ ދިމާއަށެވެ. މަގުގެ ދެފަރާތުގައި ހަރުކުރެވިފައިވާ އޮރެންޖް ކުލައިގެ ލައިޓްތަކުގެ އަލި މަގަށް އެޅިފައިވުމާއެކު ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ވައި ރޯޅިތަކާއެކު މަގު ކައިރީގައި އިންދާފައިވާ ބޮޑެތި ގަސްތަކުގެ ގޮފިތައް ކޭއްތިލާއިރު ހީވަނީ ފުރޭތަތަކެއް ހަޅޭއްލަވައި ގަންނަހެންނެވެ.
އެވްލީން ޒަވީންގެ އަތުގައި ހިފަހައްޓާލައިގެން ހުރިއިރު އެވްލީންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ދުވަހަކުވެސް މިހާ ބޮޑު އުފަލެއް ލިބުނު ހަދާނެއް ނުވެއެވެ. ޒަވީން އޭނަގެ މިލްކަކަށް ވުންއެއީ މިހާރު އޭނަގެ އެދުމެވެ. އޭނަ ކޮންމެ ނަމާދެއްގެ ފަހުގައި ހެއްދެވި ފަރާތަށް ޒަވީން އޭނަގެ ބައިވެރިއަކަށް ވުމަށްއެދި ދުޢާކުރެއެވެ.
” ޕެރެޑައިސް ރެސްޓޯރޭންޓް ” އަކީ ހުޅުމާލޭގައިވާ މަޝްހޫރު ރެސްޓޯރެންޓް ތަކުގެ ތެރެއިން ރެސްޓޯރެންޓެކެވެ. ޒަވީން އެތަނަށް އައީ މާލޭގެ ހަލަބޮލި މާޙައުލަށްވުރެ އެތަން ހާސްބައި ރަނގަޅު ވާނެތީއެވެ. ރެސްޓޯރެންޓް 4 ބުރިއަށް ނަގާފައިވާއިރު ރެސްޓޯރެންޓްގެ ބޭރުން ބަލައިލި ކަމުގައި ވީނަމަވެސް ރެސްޓޯރެންޓްގެ ފުރިހަމަކަން އެނގިގެންދެއެވެ.
އެވްލީން ޒަވީންގެ ފަހަތުން ގޮސް ރެސްޓޯރެންޓް ތެރެއަށް ވަނުމާއެކު ދޮރުކައިރީގައި ހުއްޓިލައިގެން ހުރި ވެއިޓަރަކު ޒަވީންއާއި އެވްލީންއަށް މަރުހަބާ ކިއެވެ. ” ސާރ ކަމް ވިތްމީ… ” އެމިހާ އަދަބު ވެރިކަމާއެކު ބުނެލިއެވެ.
އެކި ބައްޓަން ތަކަށްވާ މޭޒުތައް ރެސްޓޯރެންޓްގައި ބަަހައްޓާފައި ވާއިރު ކޮންމެ މޭޒެއް ޒީނަތްތެރި ކުރެވިފައި ވަނީ ރޯޔަލް ބްލޫކުލައިގެ ފަރުދާ ތަކުންނެވެ. މޭޒު ކައިރީގައިވާ ގޮނޑިތައްވަނީ ލައިމް ކުލައިގެ ފޮތިތަކުން ފަރުމާ ކުރެވިފައެވެ. ލެވެންޑާރ ، ލިލަކް އަދި ރޯޒް އުށްބައްތީގެ މީރުވަސް ފަޒާގައި ހަރުލާފައި ވާއިރު ހުރިހާ މޭޒެއްގެ ފަޅުކަން ފިލުވާލާފައިވަނީ މާތަކާއި އެކިކަހަލަ އުށްބައްތި ތަކުންނެވެ. ކޮންމެ މޭޒެއްގެ މަތީގައި މެނޫއެއް ބާއްވާފައި އޮތް އިރު ވެއިޓަރުން އަވަދިނެތި ކަސްޓަމަރުންގެ ބޭނުންތައް ފުއްދައި ދިނުމުގައި އުޅެ އެވެ. ޕިއާނޯ އަދި ގިޓާރގެ ރީތި މިޔުޒިކީ އަޑުން ރެސްޓޯރެންޓްގެ މާހައުލަށް އިތުރު ދިރުމެއް ގެނެސްދީފައި ވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




Yeyy mifaharu ves first ? vvvvv. Reethi vaahaka….waiting for next part ??
Kuda kamehga ulhen jehunima dhenme hus vaguthu mivi, Lasvithi mifaharu vvv dhigukoh migenes dhini ves.
Thank you all for the feedback, and please do give a chance to Mutha’s new story Hoadeythoa Manzileh 🙂
Take good care all, and good night.
new parts tomorrow (In Sha Allah )
Muthaa? Evvex varakah Aisha ge stories kiyan tha? Dhemeehunge sifa kurun thah fudheyvarakah eh goiyy ehenve ahaalee.. or thI dhe meehun evvex varakah related tha?
Story v rythi…. waiting for the next part
Mivaruge story yeh nukiyan ehaaves reethi. Adhi enme hinhama jehenee komme dhuvahaku 2 part genes dheythee. Muthaa yah hama assaribahaa saabas mifadha story yeh fonuvadhey kamahtakaa ufalun rovey varuvey. Story hama habeys mivarehnei. Muthaa thanks and love you stories.
Vvvvvv reeethi story ?????????
Story v reethi
?☺❤keep up the good work