Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 2

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 9, 2018 5 Mins Read
10 Comments

ޒިވާންއަށް އޭނަގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ކުއްލިޔަކަށް ކެއްސަން ފެށުމާއެކުގައެވެ. އެއާއެކު ނިކަން އަވަހަށް މާއީ ޒިވާންގެ މޭމަތިން ބޯހިއްލާލިއެވެ. އޭރު އޭނަގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އޭނަ އަވަސްވެގަތީ ނަރުހަކަށް ގޮވުމަށެވެ. ނަމަވެސް އޭގެ ކުރިން ޒިވާން ވަރަށް ބާރަށް މާއީގެ އަތުގައި ހިފަހައްޓާލިއެވެ.

ޒިވާންގެ އެހަރަކާތާއެކު މާއީގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ނޭވާ ވެސް ފުން ވެގެން ދިޔަ ހިނދު އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވެގެން ދިޔައީ ޒިވާންއަށް ކަމެއް ވާނީއޭ ހީކުރެވުމުންނެވެ. އެއާއެކު މާއީއަށް އަވަސްވެގަނެވުނީ ނަރުސް ކުއްޖާ ހޯދަން ދިއުމަށެވެ. އެހެނަސް ޒިވާން މާއީގެ އަތަކުން ދުލެއް ނުކުރިއެވެ. އެކަމާ ހުރެވެސް އިތުރު ނުތަނަވަސްކަމެއް މެނުވީ މާއީގެ ހިތަކަށް ނުލިބުނެވެ.

”ނުގޮސް އަހަރެން ގާތު މަކުޑުރޭ…” ޒިވާން ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. އޭރު އޭނަގެ ނޭވާ ވެސް ހަމައަކަށް އެޅި ކެއްސުންގަނޑު ހިނދިއްޖެ އެވެ.

ޒިވާންއަށް ފުން ނަޒަރަކުން މާއީ ބަލާލިއެވެ. މިހާރު ޒިވާންގެ މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. ނަމަވެސް ފިކުރުބޮޑުވެފައި ހުރުމުގެ ސަބަބުން މާއީ ބޭނުންވީ ނަރުސް ކުއްޖާ ގެނެސް ޒިވާންގެ ހާލު އިތުރަށް އޮޅުން ފިލުވާށެވެ. އެހެންނޫނީ ކުރިމަތިވެދާނެ ނުރައްކަލަކުން އަރައި ނުގަނެވިދާނެކަމުގެ ބިރު އެހިތުގައި އޮތެވެ. ހަމައެއާއެކު އެހިތަށް ހަމަޖެހުމެއް ވެސް ލިބޭނީ އެފަދައިން ކަންތައް ކުރުމުންނެވެ.

”ސްޓޭއި…”

ޒިވާން އަނެއްކާ ވެސް އޭނަގެ އެދުން ތަކުރާރުކޮށްލި އެވެ. އޭނައަށް މިހާރު ލިބިފައި އެވަނީ ނުހަނު ކުޑަ ވަގުތު ކޮޅެކެވެ. އެހުރިހާ ވަގުތެއް އޭނަ ހޭދަކުރަން ބޭނުންވަނީ މާއީއާ އެކުގައެވެ. މިދުނިޔެއަށް އަލްވަދާއު ކިޔަމުން ވެސް އެލޯބީގެ ރާހަތު ލިބެން އޭނަ ބޭނުމެވެ.

ދެ ޚިޔާލެއްގައި ހުރެ ވެސް އެންމެ ފަހުން މާއީ ޒިވާންގެ އެދުމަށް އިޖާބަ ދިނެވެ. އޭނަ މޫނުމަތީގައިވި ހާސްކަން ފޮރުވާލަމުން ގޮނޑީގައި އިށީނެވެ. މާއީގެ އެހަރަކާތާ ޒިވާން ގަޔާ ނުވިއެވެ. އޭނަ ބޭނުންވީ މާއީ އޭނަގެ ގާތު އެނދުގައި އޮށޯވެލުމަށެވެ.

ޒިވާންގެ ހުރިހާ އެދުމަކަށް ކިޔަމަންތެރިކަމާއެކު މާއީ އިޖާބާ ދިނެވެ. އޭނަ ވެސް ލިބިފައިވާ ހުރިހާ ވަގުތެއް ޒިވާނާއެކު ހޭދަކުރަން ނުހަނު ބޭނުން ވެއެވެ. ހަނދާނުގައި އެހުރިހާ މަންޒަރުތަކެއް ރައްކާކުރަންށެވެ.

ދެ ޒުވާނުންގެ ހަށިގަނޑުގެ ހޫނުކަން އެކަކު އަނެކަކަށް އިހުސާސްކުރެވުނު ހިނދު ހިތުގެ ވިންދު އަވަސް ކުރުވިއެވެ. މާއީގެ ނޭވާތައް ފުންކުރުވީ ޒިވާންގެ އަތުގެ ބީހުން އޭނަގެ ކޯތާފަތަށް އިހުސާސްކުރެވުމުންނެވެ. ޒިވާން ނުހަނު ލޯތްބާއެކު މާއީގެ ނިތްކުރީގައި ބޮސްދިނެވެ. އޭރު އެތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރުވި އެވެ. ޒިވާންގެ ޖާދޫގައި ބެހެމުން ދިޔަ މާއީގެ ލޮލަށް ކުއްލިޔަކަށް ކަރުނަތައް ޖަމާވެގެން ދިޔައީ އޭނަގެ އިހުތިޔާރުން ބޭރުގައެވެ. އެއާއެކު ޒިވާން އެކަރުނަތައް އޯގާތެރިކަމާއެކު ފޮހެލަދިނެވެ.

”ނޯ ޓިއާރސް… ޕްރޮމިސް؟…” ޒިވާން އެދުނެވެ. ޒިވާންގެ އެވަޢުދު މާއީއަކަށް ދުއްފައެއް ނުދެވުނެވެ. އޭނަގެ ސިކުނޑީގެ ނާރުތަކަށް ވާންކުރަވަމުން ދިޔަ ހަޤީޤަތުންނެވެ. ކޮންމެ އިރެއްގައި ވެސް އެކަމާއި ކުރިމަތިލާން ޖެހިދާނެތީއެވެ. ޒިވާންއާއި އުމުރަށް ވަކިވެގެން ހިނގައިދާނެތީ އެވެ. އެފަދައިން ކަންތައް ވާހިނދު ވެދާނެ ގޮތެއް ހިތަށް ގެންނަން ވެސް ދައްޗެވެ. އެ ޚިޔާލުތަކުން އެކަނި ވެސް މެޔަށް ބާރުވެ ނޭވާލާން ދަތިވާހެން އިހުހާސް ކުރެވުނެވެ.

”މާއީ…” ރޮވެމުން ދިޔަ މާއީ މަސަލަސްކުރަން ޒިވާން އުޅުނެވެ. އޭރު ވެސް އެކަން ހާސިލު ނުވާނެކަން ސިކުނޑީގެ ކަނަކުން އޭނައަށް އަންގައި ދިނެވެ. މައީ އެކުރާ ހިތާމަތަކަށް ލުޔެއް ހޯދައި ނުދެވޭނެކަން އެނގުމުން އޭނަގެ މޭގައި ރިއްސާލިއެވެ. އެހިނދު އެދެލޯބިވެރިންނަށްޓަކައި ވަގުތު ހުއްޓޭނެ ނަމައޭ ޒިވާންގެ ހިތަށް އެރި އެވެ. އޭރުން މިހުރިހާ ވޭނަކާއި ހިތާމައެއް ބަރުދާސްތުކުރަން ނުޖެހުނީހެވެ. އޭނަ އެންމެ ދެކެން ބޭނުންވާ ދުވަސް ދުށުމުގެ ނަސީބު ވެސް ލިބުނީހެވެ. ނަމަވެސް ކުރާނެކަމަށް ނެތެވެ. މިއީ ތަޤުދީރުގެ ނިޔާ އެވެ. އެއުފާވެރިކަން ހާސިލުވުމުގެ ނަސީބެއް މިދުނިޔެއިން އޭނައަކަށް ލިބުމެއް ނެތެވެ. އެދުވަސް އައިސް ބައްދަލުކުރާ ހިނދު އޭނަ ވާނީ ފަސްގަނޑު ދަށުގަ އެވެ. އޭނަގެ ހަނދާންތައް މެނުވީ މާއީއާއެކު ވާނެ ބައިވެރިޔަކު ނުހުންނާނެ އެވެ. ހާދަ ދެރައެވެ!

”އަހަރެން އަބަދު ވެސް މާއީ ދެކެ ލޯބިވާނަން، އަހަރެން ނެތްކަމުގައި ވިޔަސް…” ޒިވާން އަސަރާއެކުގައި ވާހަކަދައްކަމުން ދަނިކޮށް ކުއްލިޔަކަށް ޒިވާންގެ ތުންފަތްމަތީގައި މާއީ އަތް އެޅިއެވެ. އަދި ދެފަރާތަށް ބޯހޫރާލި އެވެ. އޭނަގެ އެއަމަލުން އެމައުޟޫޢުއަށް އިތުރަށް ވާހަކަ ނުދައްކާށޭ ބުނި ކަހަލަ އެވެ.

ޒިވާންއަށް އެގޮތް ކަމަކު ނުދިޔަ އެވެ. ދެން އެންމެ ރަގަޅު ވާނީ އެހަޤީޤަތާ ކުރިމަތިލާން ތައްޔާރު ވިއްޔާ އެވެ. އެހަޤީޤަތް އިންކާރުކުރާތާ މިހާރު ހާދަ ގިނަ ދުވަހެއް ވެއްޖެ ނޫން ހެއްޔެވެ؟ ނަމަވެސް މިހާރު ވަގުތު އެވަނީ ފާއިތުވެފަ އެވެ. އޭނަގެ ހަށިގަނޑު ބަލިކަށިވެ ނިކަމެތިވެފައިވާ މިންވަރު އޭނައަށް އެބަ އިހުސާސްކުރެވެ އެވެ. ކެންސަރު އޭނަގެ ޖިސްމުގެ މައްޗަށް ކުރިހޯދާފައިވާ މިންވަރު ވެސް މެއެވެ. ލޯކުރިމަތިން އޭނައަށް ފެންނަ ހެކިތަކުން އެކަން އިތުރަށް ޔަޤީން ކޮށްދެއެވެ. ދެން ވެސް އެކަންތައް ނުފެންނަ ކަމަށް ހަދަންވީ ހެއްޔެވެ؟ ހިތަށް އޮޅުވާލައި، ދޮގުތަކަކުން ތަސައްލީ ހޯދަންވީ ހެއްޔެވެ؟ އެއީ އިންސާފުވެރިގޮތެއް ނޫނެވެ. އެކަމުން އިތުރު އުދާސްތަކެއް މެނުވީ ނުލިބޭނެކަން ގައިމެވެ. ހަަޤީޤަތާ ކުރިމަތިލުމުން މާ ރަގަޅު ވާނެ އެވެ.

”ތިހެން ނުބުނޭ…” މަޑުމަޑުން މާއީ ތަކުރާރުކުރަމުން ދިޔަ އެވެ. ހިތް އެއިން އެއްވެސް ކަމެއް ޤަބޫލުކުރަން ދެކޮޅު ހަދަ އެވެ. ޒިވާން އާއި ވަކިވާން ނޭދޭތީ އެވެ.

”މާއީ… ދެން އިތުރަށް އެއްވެސް ކަމެއް ދޮގެއް ނުކުރެވޭނެ… އެއްވެސް މީހަކު އަހަރެން ގާތު ތެދު ހާމަނުކުރިކަމުގައި ވިޔަސް އަހަންނަށް އެނގޭ ދެން ގިނަ ދުވަހެއް ނެތްކަން… ވެދާނެ އަހަރެން ގާތު ނުބުނަނީ އެކަމުން އަހަރެންގެ ހާލަތު އިތުރަށް ގޯސްވެދާނެތީކަމަށް… އެކަމަކު މިހާރު މިއީ ހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭ ވަގުތު… މި ދުނިޔެއަކީ ވަގުތީ ތަނެން، ކޮންމެ މީހަކާއި ވެސް މަރު ބައްދަލުކުރާނެ، ކޮންއިރަކު ކިހިނެއް ކަމެއް ނޭގޭނެ…” ޒިވާންގެ ލޮލުގެ ހިމަކޮޅުން ލާފައި ކަރުނަތައް ފައިބައިގަތެވެ. އޭނަގެ މޫނުމަތިން ފެންނަ ހިތާމަޔާއި ހިތްދަތިކަމުގެ އަސަރުތަކުން އެވާހަކަތައް ދައްކަން އޭނައަށް އުނދަގޫވެފައިވާ މިންވަރު ހާމަކޮށްދެ އެވެ.

”ޒިވާން…” މަޑު ގިސްލުމަކާއެކު މާއީ ބުނެލި އެވެ. އޭނަގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ.

”އަހަރެން މިފަދަ ނިކަމެތި ހާލެއްގައި ނިމިގެންދާތަން މާއީއަށް ދުވަހަކު ވެސް ފެންނަން ބޭނުމެއް ނޫން، އެކަމަކު ތަޤުދީރުގައި ލިޔެވިފައިވާ ކަމެއް ބަދަލުކުރެވޭނީ ކިހިނެއް؟… މާއީ ފާޅުނުކުރިކަމުގައި ވިޔަސް އަހަރެންގެ ހާލަތުގެ ސަބަބުން ކޮންމެ ދުވަހަކު ލިބޭ ވޭނާއި ހިތްދަތިކަން ތިދެލޮލުން އަހަންނަށް ހާމަކޮށްދޭ، އަހަރެން ބޭނުންވޭ އެހިތާމަތަކަށް ލުޔެއް ހޯދައިދޭން، އެހެނަސް މިއަދާއި ޖެހެންދެން ވެސް އަހަންނަށް އެކަން ހާސިލެއް ނުކުރެވުނު…… އަހަރެން ބޭނުންވޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރެ އަހަރުމެންގެ ދަރިފުޅާ ބައްދަލުކުރަން ވެސް، އެކަމަކު މިދުނިޔެއިން އެނަސީބު އަހަންނަށް ލިބުމެއް ނެތް…”

ޒިވާންއަށް ހަމަ ރަގަޅަށް ވެސް ރޮވިއްޖެއެވެ. މިނޫނީ މާއީގެ ކުރިމަތީގައި ޒިވާން އަޑުވީއްލާ ރޮއެފައެއް ނެތެވެ. ކެންސަރާ ހަނގުރާމަ ކުރަން ފެށި ދުވަހުއްސުރެން ފެށިގެން އޭނަ މަސައްކަތް ކުރީ މާއީގެ ކުރިމަތީގައި ހިތްވަރުގަދަ މީހެއް ކަމުގައި ވާށެވެ. އެއީ އެކަމުން ކުރިއަށް ދާން މާއީއަށް ހިއްވަރު ލިބޭނެތީއެވެ. އެހެނަސް މިއަދު އޭނަ އެވަނީ އެކުމައި ވެސް ނާކާމިޔާބު ވެފައެވެ.

މާހައުލަށް ވެރިވެފައި އޮތީ ކަރުނައާއި އުދާސްކަމެވެ. އެކަކުއަނެކަކުގެ އަތުތެރޭގައި ތިބެ ރޮމުން ދިޔައީ ހިތުގެ ވޭންތަކަށް ކުޑަވިޔަސް ތަސައްލީއެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ލަފުޒުތަކަކުން ބަޔާން ނުކުރިކަމުގައި ވިޔަސް އެދެހިތުގައި އޮތް ސާފު ލޯބި ހާމަވަމުން ދިޔަ އެވެ. ވަކިވާން މަޖުބޫރުވެފައިވުމުން ދެހިތަށް ވެރިވެފައިވި ގިލަންވެރިކަން ވެސް މެއެވެ.

“މާއީ…” ކަރުނައިގެ މައްޗަށް ކުރި ހޯދަން މަސައްކަތްކުރަމުން ޒިވާން ވާހަކަދެއްކީ ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށް ފަހުގައެވެ. އަދި މާއީގެ މޫނަށް ނަޒަރު ހިންގާލި އެވެ. ގިނައިރު ރުއިމުގެ ސަބަބުން އެދޮން މޫނުގެ ކުލަ ވަނީ ފަނޑުވެފައެވެ. އެސްފިޔަތަކުގައި ވަނީ ކަރުނައިގެ ތެތްކަމެވެ. އެދެލޮލުން އޭނައަށް ފެނުނީ ވަރުބަލިކަމެވެ.

”ހޫމމމ…” މާއީ މަޑުމަޑުން ބުނެލިއެވެ. އަދި ޒިވާންއާއި އިތުރަށް ކައިރިވެލަމުން އޭނަގެ އަތްތިލަ ޒިވާންގެ މޭގައި ބާއްވާލިއެވެ. އެހިތުގެ ތެޅުން އިހުސާސްކުރެވުމުން މާއީއަށް ހަމަޖެހުން ގެނެސްދިނެވެ.

”ވަރަށް ވަރުބަލިވެފައި ދޯ ތިއޮތީ؟…” މާއީ ވަރުބަލިވެފައިވާކަން އެނގި ޒިވާން އޭނަ ދައްކަން އުޅުނު ވާހަކަ ފަސްކޮށްލިއެވެ. އެއީ އެވާހަކަ ދައްކަން އެންމެ ރަގަޅު ވަގުތައް ނުވެދާނެތީ އެވެ. މިހާރު ވެސް އޭނަގެ ވާހަކަތަކުން މާއީއަށް އެވަނީ ފުން ހިތާމަތަކެއް ލިބިފައެވެ. ދެރައީ އެއިން އެއްވެސް ކަމަކަށް ހައްލު ހޯދައިދޭން ނުކުޅެދިފައިވާތީ އެވެ.

ޒިވާންއަށް ޖަވާބު ދެމުން މާއީ ބޯޖަހާލިއެވެ. ދެން ފާއިތުވެގެން ދިޔަ ވަގުތުތަކާއެކު މާއީގެ ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. އެހުރިހާ އިރު ވަންދެން މާއީއަށް ބަލަން ޒިވާން އޮތެވެ. އެހުރިހާ ވަގުތުކޮޅެއް ރައްކާކުރަން އޭނަގެ ހިތް އެދޭތީއެވެ. ނިދިފައި އޮތް މާއީގެ ނިތްކުރީގައި ޒިވާން ބޮސްދިނެވެ. އަދި އޯގާތެރިކަމާއެކު މާއީގެ ބަނޑުގައި ފިރުމާލިއެވެ. އެހިނދު ޒިވާންގެ ތުންފަތަށް ފަނޑުފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެހިނިތުންވުން ގެއްލުނެވެ. އޭނައާއި ވަކިވާ ހިސާބުން މާއީއަށް ވާނެ ގޮތާ މެދު ވިސްނާލެވުނީއެވެ. އުފުލާނެ ހިތާމަތަކެވެ. އެންމެ ބޭނުންވާ ހިނދު ފިރިއެއްގެ ލޯތްބާއި އޯގާތެރިކަމުން މަހުރޫވާން ޖެހޭނެތީ އެވެ. ދެމަފިރިންގެ އަލަތު ދަރިފުޅު އުފަންވާއިރު ހަޤީޤީ އުފަލެއް ވެސް މާއީއަކަށް ނުލިބޭނެއެވެ. އެއުފަލުގައި ބައިވެރިވާން އޭނަ ނުހުންނާނެތީ އެވެ.

”އައެމް ސޮރީ…”

ޒިވާން މަޢާފަށް އެދުނީ މާއީއާއި މިދުނިޔެއަށް އުފަންވާން ތައްޔާރުވަމުން އެދާ އޭނަގެ ދަރިފުޅުގެ ގާތުންނެވެ. އެވަގުތު ޒިވާންގެ ސިކުނޑީގެ ލޯގަނޑަށް މަންޒަރުތަކެއް ސިފަވާން ފެށިއެވެ. މާއީ ބަލިވެ އިންކަން އެނގުނު ދުވަސް ހަނދާންވެ ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ. އެއީ ހަނދާނުން ފޮހެވޭނެ ދުވަހެއް ނޫނެވެ. އަލަތު ދަރިފުޅާއި މެދު އެދެމަފިރިން ހާދަ ފޮނި އުއްމީދުތަކެއް ކުރި އެވެ. ނަމަވެސް އެއުފާވެރިކަން ދެމިގެން ދިޔައީ ކުޑަ ދުވަސްކޮޅަކަށެވެ. އަންނަން އުޅޭ ކުޑަ މެހުމާނާއަށް މަރުޚަބާ ކިޔަން ތައްޔާރުވަމުން ދަނިކޮށް އެދެމަފިރިންގެ ހަޔާތް ބަނަވެގެން ދިޔައީ ކުއްލިޔަކަށެވެ. އޭނަ ކެންސަރުގެ ޝިކާރައަކަށް ވެފައިވާކަން އެނގުނު ހިސާބުންނެވެ. އެފަދަ ނުރައްކާތެރި ބައްޔަކާ ކުރިމަތިލައި މުޅި ހަޔާތް އަނދަވަޅެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަކަށް ޒިވާން ހިޔެއް ނުކުރެއެވެ. ލިބިފައިވާ މުއްސަނދިކަމުން ކިތަންމެ އަވަހަށް ފަރުވާ ފެށުނުކަމުގައި ވިޔަސް އެދެވޭ ފަދަ ކުރިއެރުމެއް ނުލިބުނެވެ. ފާއިތުވެ ދިޔަ މަސް ދުވަސް ތެރޭގައި އޭނަގެ ހަށިގަނޑުގެ މައްޗަށް ކެންސަރު ވަކިހިއްޕާލީ އެކަމުން ސަލާމަތްނުވެވޭނެ ދަރަޖައަކަށް އޭނަގެ ހަށިގަނޑު ގެންދިއުމަށްފަހުގައެވެ. އޭނަ ކެންސަރާއި ކުރި ހަނގުރާމައިގައި އާހިރު ކާމިޔާބު ހޯދީ ކެންސަރަށެވެ.

*****

ހެނދުނުގެ ވަގުތެވެ. ނިދިފައި އޮތް މާއީއަށް ހޭލެވުނީ އޭނަގެ ގައިގައި މީހަކު ކޮއްޓާލިހެން ހީވުމުންނެވެ. އަވަސްއަވަހަސް ލޯހުޅުވާލަމުން ވަށައިގެންވި މާހައުލަށް ސަމާލުކަން ދިނެވެ. އެވަގުތު އޭނައަށް އެނދު ކައިރީ ހުރި މައިދައިތަ ފެނިއްޖެ އެވެ. އެއާއެކު ނިދިފައި އޮތް ޒިވާންއަށް އުނދަގޫ ނުވާނެހެން މާއީ އެނދުން ތެދުވުނެވެ. އަދި އަތުން އޭނަގެ އިސްތަށިގަނޑު ރީތި ކޮށްލިއެވެ.

”ދަރިފުޅު ދެން ގޮސްލަންވީނު ގެއަށް… މަންމަ މިކޮޅުގައި މަޑުކޮށްލަފާނަން…” އޯގާތެރި ހިނިތުންވުމަކާއެކު މައުސޫމާ ވާހަކަދެއްކި އެވެ. އޭނަ ހުންނަނީ މާއީގެ ހާލާ މެދު ފިކުރު ބޮޑުވެފައެވެ. ކެއުންބުއިމާއި އެހާމެ ދުރެވެ. އަރާމުކުރަން ވެސް ބޭނުމެއް ނުވެއެވެ. ދުވާލު ހަތަރުދަން ހުންނަން ބޭނުންވަނީ ޒިވާންގެ ގާތުގަ އެވެ. އެކަމާ ހުރެވެސް މައުސޫމާ ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. މާއީގެ ބަނޑަށް ތިންމަސް ފުރެން ކައިރިވެފައިވާއިރު ސިއްހަތަށް ސަމާލުކަން ނުދޭތީ ޑޮކްޓަރުން ވެސް ވަނީ ނަސޭހަތްދީފަ އެވެ. އެހެނަސް ވިސްނަންޖެހިފައިވާ ކަންތަކާއ،ި ކުރިމަތިލާންޖެހިފައިވާ ހިތާމަތަކުން މާއީއަށް ކޮންމެ ފަހަރަކު އިހުމާލު ވެވެނީއެވެ. އޭނަ ވެސް އެނގިހުރެ ލިބެން އުޅޭ ދަރިފުޅާއި އޭނަގެ ފުރާނަ ނުރައްކަލަށް ހުށަހަޅަން ބޭނުމެއް ނޫނެވެ.

”ދަރިފުޅާ…” މާއީ ގޮނޑީގައި އިށީނުމާއެކު މައުސޫމާ އަނެއްކާ ވެސް ގޮވާލިއެވެ. ”ރޭ ވެސް ދަރިފުޅު އެދުނީމަ މަޑުކުރުމުގެ ހުއްދަ މަންމަ ދިނީމެއްނު، ދެން މިފަހަރު މަންމަ ބުނާ ގޮތަށް ހަދާބަލަ، ދަރިފުޅު ވަރުބަލިވެފައިވާ ވަރު މަންމައަށް އެބަފެނޭ، ގެއަށް ގޮސް އަރާމުކޮށްލާފަ ފަހުން އަންނާނީއޭ… މަންމަ މިތާ މަޑުކުރާނަމޭ، އިރުކޮޅަކުން ބައްޕަ ވެސް އަންނާނެ، ކަމެއް ވަންޏާ ވަގުތުން ދަރިފުޅަށް ގުޅާނަމޭ…”

މައުސޫމާ ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. ޒިވާންއަށް ހޭލެވުނީ އެދަނޑިވަޅުގަ އެވެ. މާއީ ދާން އެއްބަސްވީ ޒިވާން ވެސް މައުސޫމާގެ ވާހައަށް ތާއީދުކޮށް ވާހަކަދައްކަން ފެށީމަ އެވެ.

”އިރުކޮޅަކުން ޑޭވިޑް އަންނާނެ…” ޑްރައިވަރަށް ގުޅާލުމަށްފަހު މައުސޫމާ ބުނެލި އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން މައުސޫމާގެ ފޯނަށް ކޯލެއް އައެވެ. އެއާއެކު ޑްރައިވަރު އައި ވާހަކަ މައުސޫމާ މާއީއަށް އަންގާލި އެވެ. ދިއުމުގެ ކުރިން މާއީ ޒިވާންއާއި ހިނތުންވުމެއް ބަދަލުކޮށްލި އެވެ. ޒިވާން ވެސް މާއީއަށް ހިނިތުންވެލި އެވެ.

*****

މާއީ ދިއުމާއެކު ޒިވާންއަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި އެވަގުތު އެތަނުގައި ހުރި ނަރުސް ކުއްޖާއާއި ވާހަކަދައްކަން ހުރި އޭނަގެ މަންމައަށް ބަލާލިއެވެ. ޒިވާން އިންތިޒާރުކުރީ ނަރުސް ކުއްޖާ ދާނެ އިރަކަށެވެ. މަންމައާއި އޭނަ ދައްކަން ބޭނުންވާ ވާހަކައެއް އޮތީމަ އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ނޭދެން ވަކިވާކަށް (ހަތްވަނަބައި)

Next

އަހަރެންގެ ކުށަކީ ކޮބާ؟

Next
October 9, 2018

އަހަރެންގެ ކުށަކީ ކޮބާ؟

Previews
October 8, 2018

ނޭދެން ވަކިވާކަށް (ހަތްވަނަބައި)

10 Comments!

  1. Livee says:
    October 9, 2018 at 5:54 pm

    Me first dhw hama balabalaa indha thi up kuree ehves vaahaka eh nethigen foohi vegen ulhenikoh
    Thank u mutha

  2. Livee says:
    October 9, 2018 at 6:00 pm

    Wow varah salhi ingey hama superb inthizaaruge vaguthu gunan feshijje mihaar ves hama ehaa ves exiting

  3. Livee says:
    October 9, 2018 at 6:02 pm

    Iraadha kureviyya zivaan rangalhu vaane

  4. Mariyam Ubaid says:
    October 9, 2018 at 6:20 pm

    Varah Reethi

  5. Lotus says:
    October 9, 2018 at 7:07 pm

    V nice ..keep it up.. btw, can u explain the cover pic

  6. Sam says:
    October 9, 2018 at 7:51 pm

    V reethi

  7. No one says:
    October 10, 2018 at 8:31 am

    Ma Sha Allah ❤

  8. Haapy✌️? says:
    October 10, 2018 at 12:09 pm

    One of the best writer. Waiting for next part. V reethi mi part vx. ♥️♥️♥️

  9. Moana says:
    October 10, 2018 at 1:36 pm

    Can u explain me what is the meaning of btw

  10. google says:
    December 16, 2018 at 2:58 am

    btw is the short form for (by the way)

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 3←


All Right Reserved!