އިންތިޒާރު 20 (ފަހުބައި)
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. އާލާ ހޯދުމަށް ވިޝާލް ކުރަމުންދިޔަ މަސައްކަތަކަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. އާލާ ފެންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންދިޔައީ ކޮންމެވެސް ދުވަހަކުން އާލާ ފެންނާނެއޭ އޭނާގެ ހިތް ބުނާތީއެވެ. އަނެއްކޮޅުން އައިފާ މަސައްކަތް ކުރަމުންދިޔައީ އާރާ އާއި ޝާއިމް ދުރުކުރުމަށެވެ. އާރާ ފެނުނަސް އައިފާ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮތް އައިފާ ސިކުނޑިއަށް އެކި ހިޔާލުތައް ވަދެ ނިކުމެ ހަދަމުން ދިޔައެވެ. ޝާއިމް އޭނާގެ މީހަކަށް ހެދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ހުރި އައިފާގެ ސިކުނޑިއަށް ޝައިޠާނާ ވެރިވާކަށް މާ ގިނައިރެއް ނުނެގިއެވެ. އޭނާގެ ތުންފަތައް ވެރިވި ވިހަ ހިނިތުންވުމުންވެސް އޭނަ ކުރަން އެ އުޅެނީ ކުޑަކަމެއް ނޫންކަން އިނގެއެވެ. އެހެންނަމަވެސް އޭނައަށް ނޭނގުނު ކަމަކީ އެކަމަކުން އޭނައަށް އެއްވެސް އުފަލެއް ނުލިބޭނެކަމެވެ. އަވަސް އަވަހަށް ތެދުވެ ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލީ ކެތްމަދުވެފައިވާ މީހެއް ފަދައިންނެވެ.
ހަވީރު 4 ޖެހިއިރު އައިފާ ހުރީ ހެންވޭރުގައި ހުރި 2 ބުރީގެ އިމާރާތެއް ކުރިމަތީގައެވެ. ވީރާނާ ވާން ކައިރިވެފައިވާ އެ ގޭގެ ފާރުތަކުގައި ކޮންމެވެސް ވަރަކަށް ރެނދުލާފައި ހުއްޓެވެ. ބަލާބެލުމަށް އެ ގޭގައި މާ ބައިވަރު މީހުން އުޅޭހެންނެއް ހިޔެއް ނުވެއެވެ. ހިތުގައި ބިރުވެރިކަން އުފެދިފައި ވީނަމަވެސް އައިފާ މަޑުމަޑުން އެ ގެއަށް ވަނެވެ. އެ ގޭތެރޭގައި ދުވަމުން ދިޔަ ނުބައި ވަހުން އައިފާއަށް ނޭފަތުގައި އަތް އަޅާލެވުނެވެ. “ކާކު…؟” ފަހަތުން ދޮރެއް ހުޅުވުނު އަޑަށް އައިފާ ސިހުނެވެ. ދޮރު ހުޅުވާފައި ނިކުތީ މުސްކުޅިވަރެއްގެ ފިރިހެނެކެވެ. އޭނާގެ އުމުރު 50 ހުން ދަށެއް ނުވާނެއެވެ. “ކީއްކުރާ ކުއްޖެއް….؟” ބަލި އަޑަކުން އެމީހަ ބުންޏެވެ. “މި..މިއަދު ގުޅީމެއްނު…” ބިރުން ހުރެ އައިފާ ބުންޏެވެ. “އާން ހަނދާން ވެއްޖެ…. އިށީންދޭ…” އެމީހާ ބުންޏެވެ. އައިފާ މަޑުމަޑުން އެތާ ހުރި ގޮނޑިއެއްގައި އިށީނެވެ. “އެހެންވީމަ ބޭނުންވަނީ ދެމީހަކު ދުރުކުރުވަން.. އެހެންނު..؟” އެމީހާ ސުވާލުކުރިއެވެ. “އާން….. އެ ދެމީހުންނަށް އެކަކު އަނެއްކަކުގެ ދިރިއުޅުމަށް ދުވަހަކުވެސް ނާދެވޭ ގޮތަށް…” އައިފާ ބުންޏެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެމީހާ ތެދުވެގެން ގޮސް ކުރިން ނިކުމެގެން އައި ކޮޓަރިއަށް ވަނެވެ. ދެތިން މިނެޓް ފަހުން އައީ ކުޑަ ބިއްލޫރި ފުޅިއެއް ހިފައިގެންނެވެ. އެފުޅީގެ މެދާއި ހަމައަށް ކޮންމެވެސް ވައްތަރެއްގެ ދިޔައެއް ހުއްޓެވެ. “ތި ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކަށް މި ދިޔަ ދެވޭތޯ ބަލާ…. އަދި ހަނދާން ކުރާތި މީތި ދޭނީ ކާއެއްޗަކަށް ނޫނީ ބޯ އެއްޗަކަށް އަޅާފަ.. މި ފުޅީގައި އެއްވެސް އެތިކޮޅެއް ނުބަހައްޓާތި… އެއްކޮށް ބޭނުން ކުރާނީ… އެހެން ނޫނީ މީގެން އެއްވެސް ފައިދާއެއް ނުކުރާނެ…” އައިފާ އަތަށް އެ ފުޅި ދެމުން އެމީހާ ބުންޏެވެ. ބޯޖަހާލުމަށްފަހު އައިފާ އޭނާގެ ދަބަހުން ފަސްސަތޭކަ ރުފިޔާގެ ނޫޓް ތަކެއް ނަގާފައި ދިނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އެ ގެއިން ނުކުމެގެން ދިޔައެވެ. އޭރު އޭނާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
ދިރިއުޅުމާއިމެދު ކުރަމުން ދިޔަ އުންމީދުތައް އާލާ ކަފުންކުރިތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ދިރިއުޅުން ނަރަކައަށް ހަދަމުން ދިޔަ ނަސީރުގެ ހިތައް ހަމަ އެކައްޗެއްވެސް ނާރަނީބާއެވެ. ހިތައް އެރިހާ ކަމެއް އާލާއަށް ކުރަމުންދިޔައިރު އޭނާގެ ހިތުގައި އިންސާނިޔަތު ކަމޭ މިކިޔާ އެއްޗެއްވެސް ނެތީބާއެވެ. ނަސީރުގެ ފަރާތުން އެތައް އަނިޔާއެއް ލިބޭކަން އާލާގެ ހަށިގަނޑުގައި ހުރި ނިޝާންތައް ހެކިދެއެވެ. ވިޝާލް އޭނާ ހޯދަން އަންނާނެކަމަށް ކުރަމުން ދިޔަ ދިގު އިންތިޒާރަށް ނިމުމެއް އަންނާނެބާއެވެ. ވިޝާލް އޭނަ ހޯދަން މަސައްކަތް ކުރޭބާއެވެ. މިފަދަ އެތައް ސުވާލުތަކަކުން އާލާ ހިތް ނުތަނަވަސް ކުރަމުން ދިޔައެވެ. ވިޝާލްގެ ހާލަކީވެސް ހަމަ އެއީއެވެ. އާލާ ހޯދަން އޭނަ ވަކި ދާނީވެސް ކޮންތާކަށް ހެއްޔެވެ. އާލާ ހެޔޮހާލުގައި ލެއްވުމަށް އެދި ކޮންމެ ދުވަހަކު ވިޝާލް ދުޢާ ކުރަނީ ކޮންމެވެސް ދުވަހަކުން އާލާ ފެންނާނެކަމުގެ އުންމީދުގައެވެ.
އެރޭ 8:30 ވަނިކޮށް ޝާއިމް އާރާގެ ގެއަށް ދިޔައެވެ. ކަންދިމާކުރިގޮތުން އެވަގުތު ވީ އައިފާވެސް އެގޭގައި އިން ވަގުތަކަށެވެ. ޝާއިމް ފެނުމާއިއެކު އައިފާ ހިނިތުންވެލީ ހިތްހެޔޮކަން ދެއްކުމުގެ ނިޔަތުގައެވެ. އައިފާގެ މި އަމަލުން އޭނާއަށް ވިސްނުނީ ކަމަށް ޝާއިމް ގަބޫލުކުރިއެވެ. އަންނަން ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ހާލުގައެވެ. “ޝާއިމް ނައިސްގެން ތިބޭތާ ކޮންއިރެއް….. އިށީންދޭ.. އައި ވިލް ގޯ އެންޑް ގެޓް ސަމްތިން ޓު އީޓް….” އެހެން ބުނަމުން އާރާ ތެދުވިއެވެ. ދަނޑިވަޅުގެ ބޭނުން ހިފައި އައިފާ ތެދުވިއެވެ. “އާރާ މަޑުކުރޭ…. އަހަރެން ގެނެސްފާނަން…” ގިނަގިނައިން އެ ގެއަށް އަންނާތީ އައިފާއަށް އެ ގޭގެ ކަންތައްތައް ކޮންމެވެސް ވަރަކަށް އިނގެއެވެ. އައިފާ މާވަރަކުން އެހެން ބުނުމުން އާރާވެސް ދެކޮޅު ހަދާކަށް ބޭނުމެއް ނުވިއެވެ. ހިނިތުންވަމުން އޭނާ ސޯފާގައި އިށީނެވެ. ކައްކާ ބަޔަށް ވަންނަން ދިޔަ އައިފާގެ ތުންފަތުގައިވި ވިހަގަދަ ހިނިތުންވުން އެ ދެމީހުންނަކަށް ނުފެނެއެވެ. ނަސީބު ދެރައީ ކަމަށްވެސް ވެދާނެއެވެ. 3 ތައްްޓަށް ޖޫސް އެޅުމަށްފަހު އެތަނުން އެއްތަށްޓަށް އެ ފުޅީގައި ހުރި ދިޔަ އަޅައިލިއެވެ. އަދި ޖޫސްތަށި ގިރާލުމަށްފަހު ތަބަކަކަށް ލައިގެން ސިޓިންރޫމާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އޭނައަށް ނޭނގުނުކަމަކީ އުފަލުން ހުރި ވަރުން އޭނައަށް މި އާދެވުނީ ފުޅީގައި ހުރި ދިޔަތައް އެއްކޮށް ނާޅާ ކަމެވެ. އެކި ވާހަކަތައް ދައްކަމުން މަޖާ ނަގަމުން ދިޔައިރު އައިފާ އިނީ އާރާއަށް ވާގޮތެއް ބަލާށެވެ. ޖޫސްތަށި އެއްކޮށް ބޯލިއިރުވެސް އާރާއަށް އެއްވެސް އަސަރެއް ނުކުރުމުން އައިފާ ހިސާބަކަށް ހިތް ނުތަނަވަސް ވިއެވެ. ނަމަވެސް ކެތް ކޮށްލައިގެން އިނީއެވެ. “ކޮބާ އާރާގެ މަންމަމެން..؟ ގޭގަ ނޫޅެނީތަ..؟” ޝާއިމް އަހާލިއެވެ. “ހަވީރު ކޮންމެސް ތާކަށް ދިޔަ ގޮތަށް އަދި ނާދޭ…. އެބަ އަންނަން ފޯނު ހިފައިގެން މަންމައަށް ގުޅާލަން…” އާރާ ދިއުމުން އައިފާ އޭނާގެ ނަޒަރު ޝާއިމްއަށް ހުއްޓައިލިއެވެ. އެކަން އެނގިހުރެ ޝާއިމް ފޯނު ނަގައި ފޯނާއި ކުޅޭކަމަށް ހަދާލިއެވެ. ޝާއިމްގެ މި އަމަލުން އައިފާ އަދި އިތުރަށް ހިތްހަމަ ނުޖެހުނެވެ. ކޮޓަރީގައި އޮތް ފޯނު ހިފައިގެން ނިކުތް އާރާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. ކަރުގައި އަތް ހާކައިލެވުނީ ތޫނު ތަދެއް އިހުސާސް ކުރެވުމުންނެވެ. އެ ތަދު ދިޔައީ ފަހަަރަކަށް ވުރެ ފަހަރެއް ގަދަވަމުންނެވެ. އެތެރެހަށިން ދިލަނަގާހެންވެސް ހީވާން ފެށިއެވެ. ނޭވާލާން އުނދަގޫވުމުން އާރާ ބާރާށް ކެއްސަން ފެށިއެވެ. އެވަގުތު އަނގައިންނާއި ނޭފަތުން ލޭ އަންނަންފެށިއެވެ. ބޮލަށް އެނބުރުން އަރައި މަންޒަރު ފުސްވާން ފެށިއެވެ. ޝާއިމްއަށް ގޮވަން އުޅުމުންވެސް އަޑު ނިކުންނަ ގޮތެއް ނުވިއެވެ. ވަރަށް ހާލުން ސިޓިންރޫމާއި ހަމައަށް ދެވުނުއިރު އޭނާ ބިންމައްޗަށް ތިރިވާންފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އާރާގެ ހަބަރު ހުސްވެގެން ދިޔައެވެ. މަންޒަރު ބަލަން ހުރި ޝާއިމްގެ މޭގަނޑު އަތައް އައި ފަދައެވެ. ދުވެފައިގޮސް އާރާގެ ކައިރީގައި އިށީނެވެ. އަދި އާރާގެ ދެ ކޮނޑުގައި ހިފައި ތަޅުވަމުން އާރާއަށް ގޮވަންފެށިއެވެ. އައިފާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނާއަށް ބާރަށް ހީނުގަނެވުނީ ހަމަކިރިޔާއެވެ. އަަވަސް އަވަހަށް މޫނުމައްޗަށް ހާސްކަން ވެރިކުރުވަމުން އައިފާވެސް ގޮސް އާރާ ކައިރީގައި އިށީނެވެ. އޭރުވެސް ބޮކި ޖަހާފައި އާރާގެ ނޭފަތުންނާއި އަނގައިން ލޭ އަންނަމުން ދިޔައެވެ. އާރާއަށްޓަކައި ޝާއިމް ކަރުނަ އަޅަމުންދާ މަންޒަރު ބަލަން އައިފާއަށް އުނދަގޫވިއެވެ. ނަމަވެސް ޝާއިމްގެ އެދުމަށް އައިފާ އެންބިއުލާންސްއަށް ގުޅިއެވެ. 15 ވަރަކަށް މިނެޓް ތެރޭގައި އާރާ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާދޭން ފެށިއެވެ.
ގޭތެރެ ސާފުކޮށްފައި ކޮޓަރިއަށް ދާން އުޅުން އާލާގެ ލޮލުގައި ބަދިގެއާއި ދިމާއިން ވަދެވޭގޮތަށް އިން ހަނި ދޮރެއް އަޅައިގަތެވެ. މީގެ ކުރިން އަޅައިގަނެފައިނުވާ އެ ދޮރާއި ދިމާއަށް ހައިރާންވެ ހުރެ އާލާ ދިޔައެވެ. ފާރާއި އެއްކުލަކޮށް އިން އެ ދޮރުގައި އަތް އަޅައި ކޮށްޕާލުމުން ވަރަށް ފަސޭހަ ކަމާއިއެކު ދޮރު ހުޅުވުނެވެ. ކާ އެއްޗިހި ނުބައިވީމައި ދުވާ ވަސް ދުވަމުންދިޔަ އެކޮޓަރިއަށް ތެެެރެއަށް އާލާ ވަނެވެ. އެތަނުގައި ހުރި ފަނޑު ބޮކީގެ ސަބަބުން އެތަނުގައި ހުރި އެއްޗިހި ކޮންމެވެސް ވަރަކަށް ފެނެއެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުރި އާލާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެކި ވައްތަރުގެ ރާ ފުޅިތަކާއި އަދިވެސް އެހެން ބާވަތްތަކުގެ ބުއިންތަކާއި އަދި ކުދި ޕެކެޓްތަކަށް އަޅާފައިހުރި އެއްޗިހި ފެނުމުން އާލާގެ ފައިދަށުން ބިންގަނޑު ދެމިގަތްފަދައެވެ. ނަސީރުއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން އާލާއަށް އިނގިފައެއް ނެތެވެ. މިވަރުގެ މީހަކު ދެން ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟ މީހުން ނުމަރާ ކަމާމެދުވެސް ޝައްކެވެ. އެތަނުން ނުކުންނަން އެނބުރުނު ވަގުތު ކުރިމަތީގައި ހުރި ނަސީރު ފެނި އާލާއަށް ހީވީ މެއަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ބިރުން މީހާ ތުރުތުރު އަޅަންފެށީ ދެން ވާނެ ގޮތް ހިތައްވެސް ނުގެނެވޭތީއެވެ. ނަސީރު ފުރަތަމަވެސް އައިގޮތަށް އައިސް އާލާގެ ކޯތާފަތްމަތީގައި ހޫނު ހަމަލާއެއް އަޅުވައިލިއެވެ. ވީތަދުންނާއި ނަގައިގަތް ދިލައިން އާލާއަށް ރޮއެ ގަނެވުނެވެ. “ބަލަ އަހަންކަށް ނުބުނެވޭތަ މިގޭގަ ހުރި ހުރިހާ ތާކަށް ނުވަންނާށެކޭ.. ކަލެ ތި އުޅެނީ މަ އަތުން ތާހިރު ބޮނޑިއެއް ނުލިބިގެންތަ… މީއްޗަކު އަދި މަރުވާނެ މަގޭއަތުން…. ބަލަން ހުރޭ އަހަރެން ކަލެއަށް ދެން ހަދާ ގޮތް….” އެހެން ކިޔައި އާލާގެ އަތުގައި ހިފައިގެން ގޮސް ސިޓިންރޫމަށް ހޫރައިލިއެވެ. އެވަގުތު ޓީވީ ބައިންދާފައި އިން ރެކުގައި އާލާގެ ނިތްކުރިޖެހި ފަޅައިގެން ދިޔައެވެ. ހޯސްލާފައި މޫނުމައްޗަށް ލޭތަށް ފައިބާގަތެވެ. އެވަރުންވެސް ނަސީރު ހިތްހަމައެއް ނުޖެހުނެވެ. އާލާގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނެގިއެވެ. “މިހާރު އިނގިއްޖެ އެއްނު ބުނާ ގޮތް ނުހަދާ މީހުންނަށް ވާގޮތް…” އާލާގެ އިސްތަށިގަނޑުގައި ހިފައި ބާރުކުރަމުން ނަސީރު ބުންޏެވެ. ނަސީރުގެ މޭގައި އަތްއަޅައި ކޮށްޕާލުމުން އޭނާގޮސް އެތަނުގައި ހުރި ބިއްލޫރި މޭޒެއް މައްޗަށް ޖެހުނެވެ. ދަނޑިވަޅުގެ ބޭނުން ހިފައި އާލާ ގެއިން ބޭރަށް ނިކުތެވެ. އޭރު ތަންދޮރު ނޭނގޭވަރަށް ބޯކޮށް ވާރެވެހެމުން ދިޔައެވެ. ބޮލުގައި ބުރުގާ ނެތް ހާލު އާލާ ދެވޭ ނުދެވޭ ދިމާލެއް ނޭނގި ދުވަމުން ދިޔައެވެ. މީހުން މަދު ހިސާބަކަށް ވުމުން މީހެއް ކީއްކުރަން ދުއްވާ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ދުވަމުން ދުވަމުން ގޮސް އާލާއަށް ހުއްޓެން މަޖުބޫރުވީ ގައިން ވަރުދޫވާހެން ހީވުމުންނެވެ. ގައިގައި ވަރުނެތުމާއި ގައިގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އާލާ ބިންމައްޗަށް ތިރިވިއެވެ. އިރުކޮޅެއް ނުވަނީސް އޭނާގެ ހަބަރު ހުސްވެގެން ދިޔައެވެ. އޭނާގެ ނިތްކުރިން ފައިބަމުން ދިޔަ ލޭތައް މަގުމަތީގައި އޮތް ކޯރާއި އެކުވަމުން ދިޔައެވެ. އޭރުވެސް ވާރޭގެ ހިތްގައިމު އަޑު ފަޒާގައި ގުުގުމަމުން ދިޔައެވެ. ހުޅުމާލޭގައި އުޅޭ ރައްޓެއްސެއްގެ ކައިރިއަށް އައި ގޮތަށް ވިޝާލް އިނީ އަދިވެސް ވާރެ ނުހުއްޓާތީއެވެ. އެހެންނަމަވެސް ޝާއިމްގެ ފޯނު ކޯލުގެ ސަބަބުން ވިޝާލްއަށް ދާން މަޖުބޫރުވިއެވެ. އެހެންކަމުން އޭނާގެ ރައްޓެހި ކުއްޖާގެ ކާރުގައި މާލެއާއި ދިމާއަށް މިސްރާބުޖެހިއެވެ. މާދުރަށް ނުދެވެނީސް މަގުމަތީގައި އޮތް އަންހެން ކުއްޖެއް އެ ދެމީހުންގެ ލޮލުގައި އަޅައިގަތެވެ. އެއޮށް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި މަގުމަތީ އަންހެން ކުއްޖެއް އޮތުމުން އެ ދެމީހުން ހިސާބަކަށް ހައިރާންވިއެވެ. އެހެންނަމަވެސް އަޅާނުލައި ދާކަށް ނުކެރުނެވެ. ކާރުން ފައިބައިގެން ކުޑައެއް ހިފައިގެން ވިޝާލް ގޮސް އެ އަންހެން ކުއްޖާ ކައިރި ހުއްޓުނެވެ. މޫނިމައްޗަށް އިސްތަށިތައް އެޅިފައި ހުރުމުން އެ ކުއްޖާގެ މޫނެއް ނުފެނެއެވެ. ވިޝާލް އެ ކުއްޖާގެ މޫނުމައްޗަށް އެޅިފައި ހުރި އިސްތަށިތައް އެއްފަރާތްކޮށްލިއެވެ. އެކުއްޖާގެ މޫނު ފެނުމުން ވިޝާލްގެ ހިތް ހުއްޓުނު ފަދައެވެ. “އާލާ…..” ވިޝާލްއަށް މަޑުމަޑުން ކިޔައިލެވުނެވެ. ބަލާކަށް ނުހުރެ އަތުގައި އޮތް ކުޑަ އެއްލާލާފައި ވިޝާލް އާލާ އޭނާގެ އަތްދަނޑި މައްޗަށް އުފުއްލާލުމަށްފަހު ގެންގޮސް ކާރަށް ލިއެވެ. އާލާއަށް ލިބިފައިވާ ޒަހަމްތައްފެނި ވިޝާލްގެ ހިތައް ތަދުވިއެވެ. “އައްޔު ލެޓްސް ގޯ…… ފާސްޓް…” އަވަސް އަވަހަށް ވިޝާލް ބުނެލިއެވެ.
އާލާ އާއި އާރާއަށް އެއް ހޮސްޕިޓަލެއްގައި ފަރުވާދެމުން ދިޔައެވެ. އާލާގެ ހާލު ސީރިއަސް ނޫންކަމަށް ޑޮކްޓަރު ބުނިފަހުން ވިޝާލްގެ ހިތައްވަނީ ހަމަ ޖެހުމެއް ލިބިފައެވެ. އޭނަ މިހާރު އިންތިޒާރު ކުރަމުންދަނީ އާލާއާއި ބައްދަލުވާނެ ވަގުތަކަށެވެ. ނަމަވެސް ޝާއިމްގެ ތަބީއަތު މުޅިންހެންވަނީ ގޯސްވެފައެވެ. އާރާ އޮތް ކޮޓަރީގެ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ޝާއިމް ހުއްޓެވެ. އައިފާވެސް އެތަނުގައި ހުރި ގޮނޑިއެއްގައި އިނެވެ. މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ދެއްކި ނަމަވެސް ހަގީގަތުގައި އޭނަ އެ އިނީ ވަރަށް އުފާވެފައެވެ. އޭނަ މިހާރު އެ އިންނަނީ އާރާގެ މަރުގެ ހަބަރާއިއެކު ޑޮކްޓަރު ނިކުންނާނެ އިރަކަށެވެ. އިރުކޮޅެއްތެރޭގައި ޒާއިފްއާއި ޒިވާވެސް އެތަނަށަ އައެވެ. އެވަގުތު ޑޮކްޓަރު ވެސް އާރާ އޮތް ކޮޓަރިން ނިކުތެވެ. ޝާއިމް އަވަސް އަވަހަށް އައިސް ޑޮކްޓަރާއި ސުވާލުކުރަން ފެށިއެވެ. “މިކޮޅުން ދެން އިތުރަށް ދޭން ފަރުވާއެއް ނެތް……. ހާލު ކޮންމެވެސް ވަރަކަށް ސީރިއަސް…. ރާއްޖެއިން ބޭރަށް ގެންދެވޭތޯ ބަލާ….” ޑޮކްޓަރު ބުންޏެވެ. ޝާއިމްގެ ކޮނޑުގައި އަތް ހާކާލުމަށްފަހު ޑޮކްޓަރު އެތަނުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ހުރި އައިފާގެ ލޮލުން އަލިފާން ކަނި ބުރަމުން ދާހެން ހީވެއެވެ. ކަންތައްތައް މިވީ އޭނަ ހީކުރި ގޮތަކަށް ނޫނެވެ. އާރާގެ މޫނު ބަލާލުމުގެ ބަހަނާގައި ޝާއިމް މެންގެ ލޮލުގައި އަނދުން އަޅުވާފައި އައިފާ އާރާ ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ. އަދި ރުޅިވެރި ނަޒަރަކުން އާރާއަށް ބަލައިލިއެވެ. “ކަލެ ހީކުރީތަ ކަލެއަށް ޝާއިމްއާއި ކައިވެނި ކުރެވިދާނޭ…؟ ޝާއިމްއަކީ އަހަރެންގެ މީހެއް… ހަމައެކަނި އަހަރެންގެ މީހެއް….. އަހަރެންގެ ދިރިއުޅުމަށް ވަނީމަ ކަލެއަށް ލިބުނު އަދަބު ތިޔަކީ….. އެއްފަަހަރުން މަރެއްވެސް ނުވިޔެއްނު….އަހަރެންގެ އަތުން ޝާއިމް ޖަހައިގަންނާކަށް އަހަރެން ކަލެ މި ދުނިޔެއަކު ނުބަހައްޓާނަން… ގުޑް ބާއި އާރާ….” ކިޔަންހުރި އެއްޗެއް ކިޔާފައި އައިފާ އާރާގެ މޫނުމަތީގައި އޮތް އޮކްސިޖަން މާސްކް ނެގިއެވެ. “އައިފާ!!!!” އެ ކޮޓަރީގެ ދޮރުމަތީ ހުރި ޝާއިމްއާއި އާރާގެ މަންމަފެނި އައިފާގެ ނޭވާ ހުއްޓުނެވެ. އެވަގުތު އެތަނަށް ފުލުހުންގެ ދެ މީހަކު ވަދެގެން އައެވެ. “އަހަރެންނަށް މާ ކުރިންވެެސް އިނގޭ މިއަކީ އައިފާ ކުރިކަމެއްކަން….. އެހެންވެ އަހަރެން އެހާ ފަސޭހައިން އައިފާ މިތަނަށް ވަނަ ދިނީ….. އަހަރެން އޭރުވެސް ބުނިން ދޯ ލޯތްބަކީ ގަދަކަމުން ލިބޭނެ އެއްޗެއް ނޫނޭ…. އައިފާއަށް އަހަރެން ލޯބި ކީއްކުރަން އަހަރެންގެ މާފެއްވެސް ނުލިބޭނެ…. ޓޭކް ހާ….” ޝާއިމް ބުންޏެވެ. އަދި އާރާއާއި ކައިރިވެލިއެވެ. “ޔޫ ވިލް ބީ ފައިން” އާރާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
*****2 މަސް ފަސް*****
ޝާއިމްއާއި އާރާއަށް މަރުހަބާ ކިޔަން ޒާއިފްމެން ތިބީ އެއާޕޯޓުގައެވެ. އެރައިވަލްސް ގޭޓް އިން ނިކުމެގެން އައި ޝާއިމްއާއި އާރާ ފެނި އެންމެންގެެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. އަދި އާރާ ކުރީގެ ހާލަތައް ރުޖޫޢަ ވީތީ ﷲއަށް ހަމްދުކުރިއެވެ. ދުރުގައި އޮތް ކާރާއި ދިމާއަށް އެންމެން މިސްރާބުޖެހީ ކޮންމެމީހަކަށްވެސް އެމީހަކު އެންމެ ލޯބިވި ބައިވެރިޔާ ލިބުމުން ޝުކުރުވެރިވާ ހާލުގައެވެ.
**ނިމުނީ**
4 Comments!
Comments are closed.



vrh reethi ingey
Dhn thibi dhemyhunah vee goy neh hw. And that aala husband koba and eyna mom kobaa eves unsaafeh nulibeytha aalayah dhn. Heevany gadhakamun ninmaalafa inn hen..
Ninmaalanvegen ninmaalaafa miothy… vaahaka nunimigen ninmaaly dw…
Nice❤