އޯގާވީ ހިތަކުން…21
”ހޫމްމް، މަށަށް ފުރަތަމަވެސް ޝައްކުވިއޭ އޭނަ ހުރީ ޒަލަފްގެ ފަހަތުން ޖައްސާލާފަ ވިއްޔާ، ރޫގެ ކައިވެނީގެ ވާހަކަ ދެއްކީމަ އޭނައަށް ކުޑަވަރެއްގެ ޝޮކެއް ލިބުނު، އެއީ ބޮޑު ނުރައްކަލެއް…..” މައިމޫނާ ފޯނުން އުމެއިރާއަށް ގުޅާލަމުން ކިޔާދިނެވެ. އުމެއިރާ ހުރީ ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. އޭނަ ކޮންމެވެސް ކަމަކާމެދު ވިސްނަމުން ދިޔައެވެ.
”ތި ނޫރާލް ވެސް މަގުން އެއްފަރާތްކޮށްގެން ނޫނީ އޭނަގެ އުނދަގުލުން ޒަލަފް ސަލާމަތްނުވާނެ…” އުމެއިރާ ބުނެލިއެވެ. ”މަށަށް ތިކަން އިނގެޔޭ، އެހެންވީމައެއްނު އުމޭއަށް މިގުޅީވެސް، ވަރެއްގެ އަންހެނެކޭ އެއީ، ރަގަޅު ފިލާވަޅެއް ދޭނަން މިފަހަރު، ރޫޔާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ފޭބިޔަސް އޭނަގެ ފުރާނަ ރޮއިގަންނަވަރު ކޮށްލާނަން….” މައިމޫނާ ދަތްތަކަށް ބާރުލިއެވެ.
”އައި ހޭވް އޭން އައިޑިޔާރ….” އުމެއިރާ އޭނަގެ ޚިޔާލު ހުށައެޅިއެވެ. ”އަޅޭ އުމޭ ހާދަ ވިސްނުން ތޫނޭ، އުމޭގެ އެހީއާ ނުލާ މިހާ ހިސާބަށްވެސް ނާދެވުނީސް….” މައިމޫނާގެ އަޑުގައިވަނީ އުފާވެރިކަމެވެ. އުމެއިރާގެ ޚިޔާލު އޭނައަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. އޭނަގެ ތުންފަތަށް ވެރިވެގެން ދިޔައީ ވިހަ ހިނިތުންވުމެކެވެ. ނޫރާލްގެ އުނދަގުލުން ސަލާމަތްވާނެ މަގެއް ފެނުނީއެވެ.
”މިރޭގެ ހަފްލާގެ ތެރޭން ދެކަންވެސް ކޮށްލެވޭނެތާ….” އުމެއިރާއާއި މައިމޫނާ އެކީއެއްފަހަރާ ހިނިގަނޑެއް ޖަހާލިއެވެ. ”ހުރިހާކަމެއް ރެޑީ ދޯ؟…” އުމެއިރާ ޔަޤީންކޮށްލަން އަހާލިއެވެ. ”އޮފްކޯޒް، އީނާގެ ހެޕިނެސް ހަރާބުކޮށްލަން އަހަންނަށް ކުރެވުނުހާ ކަމެއް ކުރާނަން….” މައިމޫނާ ބުނެލިއެވެ.
”ދެން ފައިސާ ހޯދަނީ ކޮންތަނަކުންތަ؟ ޕަޓޭންނާ ޑީލް ކުރާއިރު ބަލައިގެން އުޅެން ޖެހޭނީ، އެމީހުންނަށް އިތުބާރެއް ނުކުރެވޭނެ….” އުމެއިރާ ކުޑަކޮށް ނުތަނަވަސް ވިއެވެ. ”އުމޭ ހާސްވާނެކަމެއް ނެތޭ، ފައިސާވެސް ދެއްކުމެއްނެތި އެމީހުންގެ ފަރާތުން ސަލާމަތް ވެވިދާނެ….” މައިމޫނާ ބުންޏެވެ.
”ކިހިނެއް؟….” އުމެއިރާއަށް އަހާލެވުނެވެ.
”ޕޮލިސް….” މައިމޫނާ ލުއި ހުނުމަކާއެކު ޖަވާބު ދިނެވެ. ”ވާއު ، ޔޫއާރ ގްރޭޓް….” އުމެއިރާގެ ދުލުން ތައުރީފުގެ ބަސްތައް އޮހެންފެށުމުން މައިމޫނާ ފޮނިވެލިއެވެ.
ވަގުތުތައް ހަލުވިކަމާއެކު ފާއިތުމަވުން ދިޔައެވެ. ރޭގަނޑު އަށެއްޖަހަން ކައިރިވެފައި ވަނިކޮށް އީނާގެ ކޮޓަރިއަށް ރޫޔާ ވަނެވެ. އޭރު އީނާ އިނީ ރީތިވާމޭޒާ ކުރިމައްޗަށް ވާގޮތަށް ހުރި ކުޑަ ގޮނޑީގައި އިށީންދެލައިގެންނެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިންއިރު ވިސްނުމަކަށް ގެއްލިފައިވާ ކަހަލައެވެ.
ރޫޔާ ލަސް ފިޔަވަޅުތަކެއްގައި އައިސް އީނާގެ ކޮނޑުގައި އަތުން ޖަހާލުމުން އީނާ ދިޔައީ ސިއްސައިގެންނެވެ. ކުރެވުނު އަވަސް ހަރަކާތްތަކާއެކު ސެންޓުފުޅި ވެސް ވެއްޓިއްޖެއެވެ. ފުޅި ތަޅައިގެން ދިޔަ އަޑާއެކު ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ ލުއި މީރުވަހެކެވެ.
”އީނޫ ބިރުންތަ ތިއިނީ؟….” ރޫޔާ އީނާގެ މޫނަށް ބަލައިލަމުން ބުންޏެވެ. އީނާގެ މޫނުމަތިން އުފާވެރިކަމުގެ އަސަރެއް ނުފެނެއެވެ. އީނާގެ އަތުގައި ހިފާލުމާއެކު ގަނޑުފެންކޮޅޭއްހާ ފިނި ދެއަތުގެ ސަބަބުން ރޫޔާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ކޮންމެވެސް ކަމަކާމެދު އީނާ ވަނީ ބިރުގެންފައެވެ.
”އީން ބުނެބަލަ….” އީނާގެ ފަރާތުން ޖަވާބެއް ނުލިބުމުން ރޫޔާ ސުވާލުކުރިއެވެ. ޖަވާބު ދިނުމެއް ނެތި އީނާ ގޮނޑިން ތެދުވެލަމުން ގޮސް ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވާލިއެވެ. މަޑު ނާނާއެއްގެ އަޑުލައްވަމުން އައިސް ބީހެން ފެށި ރޯޅިތަކުން އީނާގެ އަންހެންވަންތަ ހަށިގަނޑަށް ހިފާލާފައިވާ މަޑު ރަތްކުލައިގެ މެކްސީގެ ފަސްބައި ވިހުރިގެން ދިޔައެވެ. ހުދާއި ރަތުގެ ސްކާފަކުން ރާޅުބާނީ އިސްތަށިގަނޑު ފޮރުވާލާފައި ވާއިރު ބެލްކަނިއަށް ފެތުރިފައި އޮތް ހަނދުވަރުގެ އަލީގެ ތެރެއިން އީނާ ފެނުނީ ނިކަން ފުރިހަމައަށެވެ. ރީތިކަން ހުސްކޮށްލާފައިވާ ޕަރީއެކެވެ.
”ރޫ…. އައިމް ސްކެއާރޑް….” އީނާއަށް ދޫހަރަކާތްކުރެވުނީ އުނދަގުލުންނެވެ. ގޮތް ނޭގޭ ބިރުވެރިކަމަކުން އޭނަ ވަށާލާފައި ވުމުން ހިތްވަނީ އަވަސް ވެފައެވެ. ކަމެއް ގޯސްވާން އުޅޭކަމުގެ އިންޒާރުތަތަކުން މުޅި މީހާ ހާސްކޮށްލައިފިއެވެ. ރަގަޅަކަށް ނުވިސްނެއެވެ. ހިތުގެ ތެޅުން އަވަސްވެ މުޅި މިހާ ވަނީ ފިނިވެފައެވެ.
”ކޮންކަމަކާ؟ އަނެއްކާ ސޭމްއާ ދެމީހުން ފައިޓަކަށް ދިޔައީތަ؟….” ރޫޫޔާ ރެއިލިންގްއަށް ލެނގިލިއެވެ. ”ނޫން….” އީނާ އެސްފިޔަތައް ލައްޕާލިއެވެ. މޭގަނޑު ފަޅާލާފައި ހިތް ނިކުމެދާނެހެން ހީވާވަރުން މޭގައި ފިރުމާލެވުނެވެ. މިހާރު މޭގައި ރިއްސަންވެސް ފަށައިފިއެވެ.
”އީނޫ ތެދުތެދަށް ބުނެބަލަ، އޭރުންނެއްނު އަހަންނަށް އެހީއެއް ފޯރުކޮށްދެވޭނީ، ޕްލީޒް ޓެލް މީ، ކޮންކަމަކާތަ ބިރުގަންނަންވީ؟… މީހަކު އެއްޗެކޭ ބުނީތަ؟ ހުވަފެނެއް ފެނުނީތަ؟….” އީނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން ރޫޔާ އަހާލިއެވެ. އީނާގެ ނުތަނަވަސްކަން ފެނި ރޫޔާވެސް ބިރުގަންނަ ހިސާބަށް ދިޔައެވެ.
”ކަމެއް ގޯސްވާން އުޅޭހެން ހީވަނީ….” އީނާ ފުންނޭވާއެއް ލިއެވެ. މަޑު ތުރުތުރުލުމެއް އެކުލެވިފައިވާ އަތުގެ އިނގިލިތަކާ އޭނަ ކުޅެލިއެވެ.
”ދެއާރ ޔޫ އާރ….” އަލްޔަސް ބެލްކަނިއަށް ނިކުންނަމުން ޖިންސްގެ ޖީބަށް އަތްކޮށްޕާލިއެވެ. ހުދާއި ކަޅުކުލައިގެ އަތްދިގު ކަމީހަކާއި ނޫކުލައިގެ ޖިންސެއްގައި އަލްޔަސް ހުރިއިރު ގަމީހުގެ އަތުކުރިވަނީ މުލައްދަނޑިއާއި ހަމައަށް އޮޅާލާފައެވެ.
އީނާ ގަދަކަމުން ހިނިތުންވެލަމުން އަލްޔަސްއަށް ބަލާލިއެވެ. ”އީނޫ ދެން އެކަމާމެދު ނުވިސްނައްޗޭ، އިޓްސް ނަތިންގް، އީނޫ މިދުވަސްކޮޅު މާބޮޑަށް ވިސްނާތީ ތިހެން ތިވަނީ….” ރޫޔާ ވައިއަޑަކުން ބުނެލިއެވެ.
”އޭމް އައި އިންޓަރެޕްޓިންގް ސަމްތިންގް؟…..” އަލްޔަސް ފުންނޭވާއެއް ލަމުން ކުރިއަށް ފިޔަވަޅުތަކެއް އަޅާލިއެވެ. ”ނޫނޭ، ދާންއުޅެނިކޮށް ސޭމް ތިއައީވެސް، އަހަރުމެންގެ ޑްރައިވާރ ބޯއި އަންނާނެ ވިއްޔާ ފްރީކޮށް ދަތުރުކޮށްދޭން….” ރޫޔާ ދަމުން އަލްޔަސްއަށް ބަލާލަމުން އެއްލޯ މަރާލިއެވެ.
”ހޭއި…” ފެންނަމުން ދިޔަ އިމާރާތްތަކަށް ބަލަން ހުރި އީނާ ސިއްސައިގެން ދިޔައީ އަލްޔަސްގެ އަތްތިލަ ކޯތާފަތުގައި ބީހިގެން ދިއުމުންނެވެ. އެވަގުތު ނޭފަތުގައި ޖެހުނު ލުއި މީރުވަހުން އީނާއަށް ލޯމަރާލެވުނެވެ. އަލްޔަސްގެ މޭގައި މޫނު ޖައްސާލަމުން އީނާ ބޭނުންވީ ސިކުނޑީގައި އުފެދިފައިވާ ހައިޖާނާ ދުރަށް ދާށެވެ. އަލްޔަސްގެ ދެއަތުން އީނާގެ ތުނި ހަށިގަނޑު ވަށާލެވުމާއެކު އީނާއަށް ހީވީ އެތަރެހަށީގައި އުތުރިއަރަމުން ދިޔަ އުދާސްތައް ވައިގެ ތެރެއަށް ބުރައިގެން ދިޔަ ހެންނެވެ. އަލްޔަސްގެ ހަށިގަނޑުގައި ކުރިއަށް ވުރެ ބާރަށް ބައްދާލި ހިނދު ގައިން ހީބިހި ނަގައިފިއެވެ.
”ވަން ސެކް…” އީނާގެ ފޯނު ރިންގްވާން ފެށުމާއެކު އޭނަ އަލްޔަސްގެ ކޯތާފަތް ބޮސްދެމުން ގޮސް އިށީނީ ބެލްކަނީގައި ހުރި ސޯފާގައެވެ. އޭރު އީނާގެ ތުންފަތުގައި ކުޅެލަމުން ދިޔައީ ފުޅާ ހިނިތުންވުމެކެވެ. އަލްޔަސް ރެއިލިންގްގައި ދެއަތް ވިއްދާލަމުން އީނާއަށް ފުން ނަޒަރެއް ދިނެވެ.
”ޒަނާ….” އީނާ ކުޑަހަޅޭކެއްގެ އަޑާއެކު ބުނެލިއެވެ. އެތައް ދުވަހަކަށްފަހު ދުވަސްވީ އެކުވެރިއާއާއި ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުމުން އީނާ އުފާވިއެވެ. މީގެ އިރުކޮޅެއް ކުރިން އެމޫނުމަތިން ފެނުނު ނުތަނަވަސްކަމުގެ އަސަރެއް މިހާރަކު ނުފެނެއެވެ. އަލްޔަސްގެ އަތުތެރޭގައި ހޭދަކުރެވުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނަގެ ހިތް ހަމައަކަށް އެޅިއެއްޖެއެވެ. ރޫޔާ ބުނިހެން އޭނަ މާބޮޑަށް ކަންކަމާމެދު ވިސްނަނީކަމަށްވެސް ވެދާނެއެވެ.
”މެރީ ކުރަން އުޅޭވާހަކަ ނުވެސް ބުނަމެއްނު….” ފުރަތަމަވެސް ޒަނާ ޝަކުވާކޮށްލިއެވެ. ޒަނާއާއި އީނާއަކީ ޒަމާންވީ ދެއެކުވެރިންނެވެ. ޒަނާގެ އާއިލާ މީހުން މެލޭޝިޔާއަށް ބަދަލުވިޔަސް ޒަމާންވީ އެކުވެރިކަމަށް ބަދަލެއް ނާދެއެވެ. ދެމީހުން ފޭސްބުކުން ޗެޓްކޮށް ހަދައެވެ.
”ޒީއަށް ސަޕްރައިޒެއް ދޭންވެގެން އުޅުނީ….. ކާކުތަ ޒީ ގާތު ބުނީ، ރޫ ދޯ؟….” އީނާ ބުނެލިއެވެ. ”ރޫ ބްލެކްމެއިލްކުރީމަ ބުނީވެސް…..” ޒަނާ ޖަވާބުދިނެވެ.
”މެރިއޭޖްއަށް އަންނަން ވާނެ އިނގޭ….. ރޫ އެންޑް ޒީ އެދުވަހު އަހަރެންނާއެކު ވާނަމަ ވަރަށް އުފާވާނެ….”
”އަންނާނަމޭ، މި ހުކުރު ދުވަހު މާލެ އަންނަން ޓިކެޓް ނަގާފަ ވަނީ….” އީނާގެ ޖުމްލަ ޒަނާ މެދުކަނޑާލިއެވެ.
***
ރާނިޔާއާއި އަވްޝަންގެ ކައިވެންޏަށް ފަސްއަހަރު ފުރުމާ ދިމާކޮށް ބާއްވަން ހަމަޖެހިފައިވާ ހަފްލާ އޮތީ ރެސްޓޯރެންޓެއްގަ އެވެ. ހަފްލާއަށް ރެސްޓޯރެންޓް އޮތީ ދިއްލާ އަޅާފައެވެ. ރަތް ކުލައިގެ ބޮކިތަކުގެ އަލިތައް އެކިހިސާބުތަކުގައި ރަސްކަން ކުރަމުން ދިޔައިރު ކޭންޑްލް ހޯލްޑާރ ތަކުގައިވާ އުއްބައްތިތައް ވިރިގެން ފައިބަމުން ދިޔައެވެ. ނިވިދިއްލޭ ބޮކިތަކުގެ ކުޑަ ބޮކިތަކާއި ނިއޯން ލައިޓްތަކަށް މީހުންގެ ލޯތައް ދަމައިގަންނާނެއެވެ. އާފަލާއި އޮރެންޖްގެ އިތުރުން އޯރކިޑްގެ ލުއި ޖާދުވީވަހުން މާހައުލަށް އިތުރު އާރޯކަމެއް ގެނެސްދީފައި ވާއިރު ރެސްޓޯރެންޓް އޮތީ މީހުންތަކުން ފުރާލާފައެވެ.
”ކޮބާ ޕެކެޓް؟…” މީހުންގެ ތެރެއިން ރެކިގަންނަމުން އުމެއިރާއާއި މައިމޫނާ ބޭރަށް ނިކުތެވެ. ދެމީހުންގެ އިންތިޒާރުގައި ތިބި ބަޔަކު އައިސް ކުޑަވަރެއްގެ ޕެކެޓެއް ދިއްކޮށްލައިފިއެވެ. ”ފުރަތަމަ ފައިސާ….” އެކަކު ބުންޏެވެ. މައިމޫނާއަށް ބަލާލެވުނީ އުމެއިރާގެ މޫނަށެވެ. ފައިސާ ނުދެނީސް އެޕެކެޓް ދޭން އެމީހުން އެއްބަހެއް ނުވިއެވެ.
”އަން، މިއޮތީ ތިންހާސް ރުފިޔާ، ބާކީ ލިބޭނީ މިކުއްޖާ ކިޑްނޭޕް ކުރީމަ، ބުނަން އޭނައަށް އެއްވެސް ގޮތެއް ހަދައިގެން ނުވާނެ، އަހަރެން އޭނައާ ވާހަކަ ދައްކާލީމަ ކަލޭމެން ބޭނުންކަމެއް ކުރިޔަސް އަހަންނަށް ވަރިހަމަ!…. އަހަރެން އޭނަ ބޭރަށް ފޮނުވާނަން….” ނޫރާލްގެ ފޮޓޯއެއް ދައްކާލަމުން މައިމޫނާ ހަރުކަށި އަޑަކުން ބުނެލިއެވެ. އެމީހުން ބޯޖަހާލަމުން މައިމޫނާ އަތަށް ޕެކެޓް ދިއްކޮށްލިއެވެ.
”މޫނީ ބުނީމެއްނު ފައިސާ ނުދައްކާ ހުރިހާކަމެއް ނިނާމަލެވޭނެއޭ، އެކަމަކު ހިޔެއް ނުވޭ އެމީހުން އެހާ ފަސޭހައިން ދޫކޮށްލާނެހެނެއް، ޕާޓޭންނާ ޑީލްކުރުމަކީ ނުރައްކާތެރިކަމެއް…….” ރެސްޓޯރެންޓަށް ވަދެވުމާއެކު މައިމޫނާގެ އަތުގައި ހިފަހައްޓާލަމުން އުމެއިރާ އަހާލިއެވެ.
”އެމީހުން އަދި އަންނާނެއެއްނު ނޫރާލްގެ ކަންތައް ނިމުނީމަ، އޭރުން ޕޮލިހަށް ގުޅީމަ އެމީހުންގެ އުނދަގުލުން ސަލާމަތްވާނެ…. އަނެއްކޮޅުން ނޫރާލް ހެކިބަސް ދޭނެއެއްނު އެބިއުސް ކުރިކަމަށް….” ޕެކެޓް އަތްދަބަސް ތެރެއަށް ކޮއްޕާލަމުން މައިމޫނާ ހޯދާލީ ނޫރާލް ފެނޭތޯ އެވެ. ތަންކޮޅެއް ދުރުގައި ނޫރާލް ހުއްޓިލައިގެން ހުރިތަން އޭނައަށް ފެނިއްޖެއެވެ. ނޫރާލްއާއި ޒަލަފްއަށް ދައުވަތު ދިނީ ހުދު އޭނައެވެ.
”ނޫރާލް….” ނޫރާލްއަށް ގޮވާލުމަށްފަހު މައިމޫނާ ގޮސް ހުއްޓުނީ ނޫރާލް ކުރިމައްޗަށެވެ. ވީފޫއްސެއްގެ ބޮޑުކަމުން ނޫރާލް އެތަނުން ދާން ހިނގައިގަތެވެ. މައިމޫނާދެކެ އޭނަ ހުރީ ރުޅިއައިސްފައެވެ. ޒަލަފްއާއި ރޫޔާގެ ކައިވެނި އަވަސްކުރުވަން އުޅޭތީއެވެ.
”ޒަލަފް އެބަ ހޯދާ….” މައިމޫނާ ފޫހި ރާގަކަށް ބުނެލިއެވެ. ”ބޭރުގަ ވީ…” މައިމޫނާ އިތުރުކޮށްލިއެވެ. ނޫރާލް ފަސްއެނބުރި ބަލާލަމުން ކުރިއަށް ހިނގައިގަތެވެ. ދަމުން ރޫޔާ ފެނޭތޯ އޭނަ ހޯދާލިއެވެ. މައިމޫނާ ދޮގު ހަދަނީކަމަށްވެސް ވެދާނެއެވެ. ރޫޔާ އެކުވެރިންތަކަކާއެކު ވާހަކަދައްކަން ހުރި މަންޒަރު ފެނުމުން ނޫރާލް ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. މިއަދު ޒަލަފްއާ އެއްގޮތަކަށް ވެސް ބައްދަލު ނުވެއެވެ. މުޅި ދުވަހު ޒަލަފް އުޅުނީ ބޭރުގައެވެ.
މައިމޫނާ ކާމިޔާބީގެ ހިނިތުންވުމަކާއެކު ދުރުގައި ހުރި އުމެއިރާއަށް އަތުގެ އިޝާރާތުން އައުމަށް ބުނެލިއެވެ. ”ވަން ޑައުން، ވަން މޯރ ޓު ގޯ….” މައިމޫނާ އޭނަގެ އަތްދަބަހުން ޕެކެޓާއި ބޭސްގުޅަތަކެއް ނެގިއެވެ. ދެން އޭނަ ދެލޯ އަމާޒުވީ އީނާއާއި އަލްޔަސް އަށެވެ. ދެޒުވާނުން އެކުގައި އުޅުނުއިރު އެއުފާވެރިކަން ފެނި މައިމޫނާގެ އެތެރެހަށި އަނދައިގެން ދިޔައެވެ.
”ބޭނުން ވަރަކަށް މަޖާކޮށްލާ، މިރެއަށްފަހު ދެން ތި އުފާވެރިންކަން ގެއްލިގެން ދާނެ ވިއްޔާ….” މައިމޫނާ އޭނަގެ ޒަމީރާ ވާހަކަ ދައްކާލިއެވެ. ”މޫނީ ތި އޮވާރޑޯސް ވެއްޖެނަމަ ކަންތައް ބޮއްސުންލައިގެން ހިނގައިދާނެ، އައިމީން މަރުވެދާނެއޭ….” އުމެއިރާ އަވަސް ނޭވާތަކެއް ބޭރުކޮށްލިއެވެ. މައިމޫނާ އޭނަގެ ޚިޔާލު ބަދަލުކޮށްފާނެތީ އުމެއިރާ ހާސްވާގޮތްވި އެވެ. އަލްޔަސްއަށް އެއްވެސް ކަމެއް ވާކަށް އޭނަގެ ހިތެއް ނޭދެއެވެ. ޒެލީންއާއި އަލްޔަސް ގުޅުވަން ކުރެވުނުހާ މަސައްކަތެއް ކުރަން އޭނަ ހުރީ އަތުކުރި އޮޅާލައިގެންނެވެ. އީނާއަށް ކޮންމެކަމެއް ވިޔަސް އޭނައަށް ވަރިހަމައެވެ.
”ތިކަން އިނގެޔޭ….” މައިމޫނާ ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


VARAH REEEEEEEEEEETHI
Hey all, I’m really sorry for the late update, Was busy with some work and free time eh ves nulibunu , dhen kurige part thakah comment kohli hurihaa kudhinah varah bondhah Shukuriyaa, 22nd vanabai sat ga inshaallah <3 and readrs ge comment thakah javaabu libene ingey, ill introduce all in cover pic after some time, dhen mi story ga inane approx 50+ parts
haadha kurey
vvv reethi mi part ves.. alhey maimoona menge plan flop kohladhehche.. ehenooniya vv hadivaane mi vaahaka..
v v v reethi mi partvx……………aslu mivaahakaage hurihaa partehvx v salhi n plx mamoonaa n umeyraage plan kaamiyaabu vejjeyaa v foohivaane so plx flop their plan…….
alhey v dera kh mivay…nama nama ekameh viyan nudehchey.. v salhi mi part vs
ena nd alyas ah dhera gotheh nuhadhathi!!! avahah up kohdhechey…….BEST OF LUCK
inaa and alyas dhera gotheh nahadhaathi e mission flop kohlaaba
vvv kuru. ekamaku vvvvvvv reethi ingey. thankolheh dhigukohdheebala plx 🙁
Vvvvvvvvvv reethi mutha… hama 100
Vvvvvvvvvv reethi mutha… hama 100