ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އޮވެ ދާނިޔާ އެތައް އިރަކު ރުޔެވެ. ބޭރަށް އެއްލާލި ސިގިރެޓްފޮށި ތެމި ފޯވަންދެންނެވެ. ގޭގެ ދެވަނަބައިގެ ކުޑަދޮރަކުން ބޭރަށް ބޯލައިގެން އޮވެ ދާނިޔާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ކަރުނަތައް ހުސްވަންދެން ރޯލާށެވެ. އެތައް އިރަކު ރޯން އޮތުމަށްފަހު ދާނިޔާ ތެދުވެ ލޯފޮހެލިއެވެ. ފޯނު ނަގައި ކޮންމެވެސް މީހަކަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ފާހާނާއަށް ވަދެ ނިކަން ރަނގަޅަން ފެންވަރާލިއެވެ.
ދާނިޔާ ފާހާނާއިން ނުކުތްއިރު އޭނާހުރީ ވަރަށް ތާޒާވެލާފެއެވެ. އޭނާގެ ދިގު ފަން ރޭނގަޑެއް ފަދަ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް ޖަންބުކުލަ އަރާ ކޮތާފަތުގައި ބީހެމުން ބޮސްދެމުން ދިޔައެވެ. ފަހަތަށް ވައްޓާލައިފައި އޮތް ދިގު އިސްތަށިގަނޑު އުނަގަނޑާއި ހަމައަށް ފޯރާފައި އޮތް އިރު އެ އިސްތަށިގަނޑުން ތަޅަންމަތި ތެންމަމުން ދިޔައެވެ. ދިހުންކުލަ އަރާ އެދެލޮލުގެ ދިގު އެސްފިތައް ވަނީ ކުދި ކުދި ފެންތިކިތަކުން ބަރުކަމެއް ގެނުވާފައެވެ. ދާނިޔާ ކޮޓަރީގެ ލޯގަނޑުކުރިމައްޗަށް ހުއްޓި އޭނާގެ އުނިކަމެއް ނުވާ ދަންފުޅީގެ ބައްޓަމަށްވާ ހިމަތޮޅި ހަށިގަނޑަށް ބަލާލިއެވެ. އަދި ޝިކާރަމަތީ ކުއްތާއެއްގެ ބަނޑުފަދަ ހިނދި ބަޑުގައި ހުރި ފެންތައް ފޮހެލައި އަރި އަރިވެލައިފައި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. އަދި ތުވާލިން ބޮލާއި މޫނު ހިތްކާލާ ލޯގަނޑުން ބަލާލިއެވެ. އެ ހުދު ކާށިކިރުފޮދެއްފަދަ ލޮލުގައި ދާދި ދެންމެއަކު ރުއި ރުއުމުގެ ކުޑަވެސް އަސަރެއްނެތެވެ. އެމޫނުމަތީގައިވާ އަބަދަށްފެހިކަން ފެންނަ ކޮންމެ މީހެއްގެ ހިތް ކަތިލާހާވެއެވެ.
ދާނިޔާ ފެންހިތްކާލާ ހެދުންއަޅައި ތައްޔާރުވެލިއެވެ. އަދި އާއްމުކޮށް އޭނާ ހާކާ ކުލަބޮޑިވަރު މޫނުގައި ކާއްތާލިއެވެ. އަތުގައި އޮތް އެންމެ ކަޅުގަން ގަދަ ލިޕްސްޓިކް ތުންފަތުގައި ހާކާލައި، ޑްރެސިން ޓޭބަލްމަތީގައި ހުރި ސެންޓްފުޅި ގަޔާދިމާލަށް ދެތިން ފަހަރު ފިތާލުމަށްފަހު ފޯނާއި އަތްދަބަސް ހިފައިން ބޭރަށް ދިއުމަށް ނިކުތެވެ.
ދާނިޔާ ބޭރަށް ނިކުތްއިރު މަގަށް ވާގޮތަށް ބޭރުދޮރުގައި ލެގިލައިގެން ފަރީޝާ ހުއްޓެވެ. ‘ދޮން ކަމަނާ!!! މިހާރު ކިތައް ދުވަހު މީނާކައިރީ ބުނާނި ތިކުލަބޮޑި ނުހާކާށޭ!! މީހާގެ ރީތިކަން ނެތް ޖެހުނުތާ ލަކުނުވެސް.!’ ދާނިޔާ ފެނި އުކުޅުގައި އަތްވެދަލައިފައި ދެއަތަށް ބޯހުރާލަމުން ފަރީޝާ ބުނެލިއެވެ. ‘ހޫނނނ ހޭވޭ!! ކިތައްދުވަހު ބުނާނީ ތިހެން ނުގޮވާށޭ!!’ ދާނިޔާ ނުރުހިފައި ފަރީޝާއަށް ޖަވާބު ދާރީވިއެވެ. ‘އޯހ! ސޮރީ!! ސޮރީ!!’ ފަރީޝާ ދެއަތް ދެއަތާއި ޖައްސާލަމުން ހިންދީ މީހުން އަތުގެ އިޝާރާތުން މާފް ކުރާށޭ ބުނާގޮތަށް ހަދާލަމުން ހިނިއައިސްފައި ބުންޏެވެ. ‘އޯކޭއޭ! މަލާމާތް ނުކުރިޔަސް. ހިނގާދާން!’ ސައިކަލާ ދިމާލަށް މިސްރާބު ބަހައްޓަމުން ފަރީޝާ ގާތު ދާނިޔާ ބުންޏެވެ.
‘ކޮންތާކަށްތަ މިދަނީ!’ ދާނިޔާގެ ސައިކަލު ފަހަތުގައި އިނދެ ސައިކަލު ދުއްވަން އިން ދާނިޔާއާއި ފަރީޝާ ސުވާލު ކުރިއެވެ. ‘ހައިވެގެން!’ ‘މިގަޑީގަ؟ ރޯމާ ދުވާލު’ ދާނިޔާގެ ޖަވާބަށް ފަރީޝާ ވަރަށް ހައިރާންވެފައި ސުވާލުކުރިއެވެ. ‘ހޫނ! މިބުނީ އެހެނެއް ނޫނޭ، ރެސްޓޯރަންޓަކަށް ވަދެ އެއްޗެއް ކައިލާ ކަހަލަ ހައެއް ވީއޭ!’ ‘އޯހް! އެހެންދޯ މަހީކުރީ!!’ ސުވާލަށް ޖަވާބު ލިބުމުން މޫނުމަތީގެ ހައިރާންކަން ފިލުވާލަމުން ފަރީޝާ ބުންޏެވެ. ‘ކޮން ރެސްޓޯރަންޓަކަށް!’ އިރު ގަނޑެއްފަހުން އަނެއްކާވެސް ފަރީޝާ ސުވާލުކުރިއެވެ. ‘މިއޮއް އާދެވުނީ!!’
ދާނިޔާގޮސް ޕިއްޒާ ހަޓްގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށް ޕާކު ކޮށްލިއެވެ. އަދި ޕިއްޒާ ހަޓަށް ވަދެ އޯޑަރ ކޮށްލުމަށްފަހު ވީހާވެސް ބޮޑަށް ބޭރު ފެންނަ ގޮތަށް މޭޒެއްގެ ކައިރީގައި އިށީނެވެ. ‘ހުމް! ދެން ކިޔާބަ!’ ގޮޑީގައި އިށީދެ ހަމަޖެހިލަމުން ފަރީޝާ ބުންޏެވެ. ދާނިޔާ އޭނާއަށް ދިމާވެގެން އުޅޭ ހާދިޘާ ފެށިގެން ނިމެންދެން ފަރީޝާއަށް ކިޔައިދިނެވެ. އަދި އޭނާ އެކަމުގައި ދެން ކަންތައް ކުރަން ބޭނުންވާ ގޮތްވެސް ފަރީޝާއަށް ހާމަކޮށްދިނެވެ.
‘ޔަޤީންތަ؟’ ދާނިޔާގެ ވާހަކަތައް ކިޔާދީ ނިމުމުން ފަރީޝާ ޝައްކެއްގެ މަތީގައި އިނދެ ސުވާލުކުރިއެވެ. ‘އާނ! އިތުރުގޮތެއްނެތް!’ ދާނިޔާ ޔަޤީންކަމާއެކު ބުނެލިއެވެ. ‘ކޮބާތަ ދޫނީގެ އެލޫރިން ޗާރމް’ ފަރީޝާ ދާނިޔާގެ ނިންމުމަށް ސަމާސާ ކޮށްލަމުން ބުންޏެވެ. ‘ޓޫ ރިސްކީ! ހުރިހާ ކަމެއް ފައިނަލް ވެފަ އޮއްވާ ކެންސަލް ކުރީމަ ޖަވާބުދާރީވާން ޖެހޭ ޖެހުން ބޮޑުވާނެ. ހުރިހާކަމެއް ދާންޖެހޭނީ ސުމޫތު ކޮށް. ޝައްކެއް ނުވާނެހެން.’ ‘އައްދޭ!! ދެން ހާދަ ސީރިއަސް އޭ. އޯކޭއޭ އައިމް ވިތްޔުއަރ ޕްލޭން’ ދާނިޔާގެ ސީރިޔަސްކަންފެނިފައި ފަރީޝާވެސް ސީރިޔަސްވެލިއެވެ.
‘އޭ! ހިނގާ ނައްޓާލަމާ’ ކާން އިން ޕިއްޒާފޮތި ތަށިތެރެއަށް ވައްޓާލައިފައި ދާނިޔާ ކުއްލިއަކަށް ތެދުވެ ނިކުންނަން ހިނގައިގަތެވެ. ‘މިހާރުރރރރ؟’ އަތުގައި އޮތް ޕިއްޒާފޮތި އަނގައަށް ގަންނުވާލަމުން ދާނިޔާއަށް ދިމާލަށް ބަލަހައްޓައިގެން ދެލޯބޮޑުވެފައި އިނދެ ފަރީޝާ ސުވާލުކުރިއެވެ. އަދި އެހެން ޕިއްޒާ ފޮށްޗެއް ނަގައިގެން ދާނިޔާ ފަހަތުން ހިނގައިގަތެވެ.
ދާނިޔާ އާއި ފަރީޝާ ސައިކަލަށް އަރައި ދުއްވައިލިއެވެ. އޭރު ދާނިޔާގެ ނަޒަރު ހުއްޓިފައިވަނީ ދިހަ ވަރަކަށް ފޫޓް ދުރުމިނުގައި ދުއްވާފައި ދިޔަ ސައިކަލުގައި އިން އަޔާންއަށެވެ. ދާނިޔާގެ މަންޒިލަކީ އަޔާންއެވެ. އަޔާން އަޅަމުންދާހައި ގޯޅިއެއް ދާނިޔާވެސް އަޅަމުން ދިޔައެވެ. ‘އޯ މައި…. އެއީތަ؟’ ޕިއްޒާހަޓުން ނިކުންނަމުން ނެނގި ޕިއްޒާފޮތި ކާލައި ރަނގަޅަށް ހަމަޖެހިލަމުން އަޔާން ބަލާލަމުން ދާނިޔާއާއި ފަރީޝާ ސުވާލުކޮށްލިއެވެ. ދާނިޔާ ޖަވާބުގައި ބޯޖަހާލިއެވެ. ‘ހާދަ!! އެއީ ހަމ!.’ ފަރީޝާއަށްވެސް ޤަބޫލު ނުކުރެވުނު ކަހަލައެވެ. ‘ޓޯލްޑް ޔޫ’ ހައިރާންވެ އާގަމަ ވެފައި އިން ފަރީޝާއަށް ދާނިޔާ ބުނެލިއެވެ.
އަޔާން މަޑުކުރަމުން ދާހާ ތަނަކަށް ދާނިޔާވެސް މަޑުކުރަމުން ދިޔައެވެ. ފާރަލަމުން އަޔާންގެ ހަރަކާތްތަށް ބަލަމުންނެވެ. ރޭގަނޑު 8 ޖަހައި ފިހާރަތައް ހުޅުވުމާއެކު މާ ފިހާރައެއްގެ ކައިރިއަށް ހުއްޓައި އަޔާން ރީތިކޮށް ފޮޅިފައިވާ އެކިކުލައިގެ ލިލީމާ ތަކެއް ގަނެލިއެވެ. އަދި މާބޮޑިއަކަށް ވާނޭހެން ޕެކް ކޮށްލައިގެން ސައިކަލަށް އަރައި ނައްޓާލިއެވެ. ދާނިޔާވެސް އަޔާންގެ ފަހަތުން ނައްޓާލިއެވެ. އަޔާން ސައިކަލުގައި ގޮސް މަޑުކޮށްލީ މާފަންނު ސަހަރާއާއި ވީފަޅިން ހަނިގޯޅިގަނޑެއްގައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އެގެ ކުރިމައްޗަށް މަޑުކޮށް ފޯނުނަގައި ގުޅާލިއެވެ. އަދި ސައިކަލު މަޑިދަށުން ނެގި ސެންޓްފުޅި ގަޔަށް ޖަހާލައި މީރުވަސް ޖައްވުގައި ފަތުރާލިއެވެ.
އަޔާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އެގޯޅިގަނޑުގައި ތަންކޮޅެއް ދުރުގައި ދާނިޔާއާއި ފަރީޝާ ތިއްބެވެ. އިރުކޮޅަކުން އަޔާން މަޑުކޮށްގެން ހުރި ދިމާލު ކުރިމަތީގައި ހުރި ގެއިން އަންހެންކުއްޖަކު ނިކުތެވެ. ރޭގަނޑުގެ ވަގުތުކަމުން އެކުއްޖާގެ ސިފަ ރަނގަޅަށް ވަކިކުރަން ނޭނގުނަސް އެއީ ރީތިކުއްޖެއްކަން އެނގޭހާވެއެވެ. އެކުއްޖާ ނިކުމެގެން އަންނަތަން ފެނުމުން އަޔާން ސައިކަލު މަތިން ތެދުވެގެންގޮސް އެކުއްޖާގެ ގައިގައި ބައްދައިލައި ކޮލަށް ބޮސްދީ މާބޮނޑި ދިއްކޮށްލިއެވެ. އެކުއްޖާ ބަދަލުގައި އަޔާން އަށް ފަރި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަދި ދެމީހުން އެކުގައި ގޮސް ސައިކަލަށް އަރައި ނައްޓައިލިއެވެ.
މާގިނައިން މީހުން ވަދެ ނޫޅޭ އެގޯޅީގައި އަޔާން އާއި އެކުއްޖާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ދާނިޔާއާއި ފަރީޝާ ތިއްބެވެ. އަޔާން ސައިކަލުގައި އެކުއްޖާ ގޮވައިގެން ނައްޓާލުމުންވެސް އެދެމީހުން ތިބި ތަނުގައި ތިބީއެވެ. މިފަހަރު އަޔާންގެ ފަހަތުން ދުއްވާކަށް ދާނިޔާ ގަސްތެއް ނުކުރިއެވެ. އެދެމީހުން ތިބީ ވަރަށްބޮޑު މަޝްވަރާއެއްގެ ތެރެއަށް ގެއްލިފައެވެ. ދެން ކަންކުރަންވީ ގޮތުގެ މަޝްވަރާއެވެ.
……………………………………………………………………………………………………………….
ދާނިޔާއައިސް ގެއަށް ވަދެ އޭނާގެ މަންމަ ކޮބައިތޯ ބަލާލިއިރު ފަރީދާ ފޮށިތަންމަތި ބަންނަނީއެވެ. ‘މަންމަ ފުރަނީތީ؟’ ފަރީދާ ހުރި ކޮޓަރީގެ ދޮރުމަތީގައި ހުރެ ދާނިޔާ ސުވާލު ކޮށްލިއެވެ. ޖަވާބުގައި ފަރީދާ ދާނިޔާއަށް ބަލާލަމުން ލުއި ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. ‘ވަރަށް މިސްވާނެ’ ދާނިޔާއައިސް ފަރީދާގެ ގައިގައި ފުރަގަހުން ބައްދާލިއެވެ. ފަރީދާ ފައްޖަހަން އޮތް ހެދުން ބާއްވާފައި ދާނިޔާގެ ކޮލުގައި ފިރުމާލިއެވެ.
‘ކިހިނެއްވީ ތި ފުރަނީ’ ފަރީދާގެ ކައިރީ އެދުމަތީގައި އިށީންނަމުން ދާނިޔާ ސުވާލުކޮށްލިއެވެ. އަދި ފަރީދާއަށް އެއްޗެހި ފައްޖެހުމުގައި އެހީތެރިވާން ފެށިއެވެ. ‘އެނގޭނު ދަރިފުޅަށް. ރަށުގެ ހައިޖާނު ގަޑު. އެ ހައިޖާނު ގަނޑުގަ މާމަ ބަލިކޮށްލައިފި. މާމަ އަށް ވަރުގަދަ ސިހުރެއް ޖައްސާފަ. އެހެންވެ ކާފަ ބޭނުންވޭ މަންމަ ގޮސް މާމަ ކައިރީ ހުންނަން.’ ފަރީދާ ދާނިޔާއަށް އޭނާގެ ހާލަތު ބަޔާން ކޮށްދިނެވެ. ‘އެހެންތަ! އިރާދަ ކުރެއްވިއްޔާ ތި މީހާގަނޑުގެ ކިބައިން ސަލާމަތްވެ މާމަ ސަލާމަތްވެ ގަދަ ވާނެ.’ ދާނިޔާ ފަރީދާއަށް އުއްމީދު އާކޮށް ހިތްވަރު ދިނުމުގެ ގޮތުން ބުންޏެވެ.
‘މަންމަ ކަންބޮޑެއް ނުވޭ އެކަމާ! މަންމަ ކަންބޮޑުވަނީ ދަރިފުޅާ ދޭތެރޭ!’ ‘މަންމާ!!!’ ދާނިޔާ އާދައިގެ މަތިން ކުކުރައިގަތެވެ. ‘އަހަރެން މިހާރު ރަނގަޅުވެއްޖައީމޭ!! ސިގިރެޓްވެސް ހުއްޓައިލައިފިން’ ދާނިޔާ ފަހުރުވެރި ވެލައިފައި ބުންޏެވެ. ‘ އެހެންތަ!’ ފަރީދާއަށް ގަބޫލުކުރަން ދަތިވެފައި އަހާލެވުނެވެ. ދާނިޔާ ފަރީދާއަށް ބަލައިލަމުން ބޯޖަހާލިއެވެ. ‘ހާދަ ހީނުވޭ! މިހާރުވެސް ތީނީ އިން ގޮތް! ތިކުލަތައް ހޭކުން ހުއްޓާލައި ދަރިފުޅުގެ އަސްލު ސިފަ ފެންނާނީ ކޮންދުހުކުންތަ؟ އެދުވަހެއް އައީމަ ނޫނީ މަންމަ ނުބުނާނަން ދަރިފުޅު ބަދަލު ވެއްޖޭ؟’ ފަރީދާ ދާނިޔާގެ ބަހާއި މެދު ޝައްކުވެފައިވާ ހާލު ބުންޏެވެ. ‘ދެން މަންމާ އެއްކަލަ ވާހަކަ’ ދާނިޔާގެ މޫނު މައްޗަށް ފޫހިކަން ވެރިފައި ބުންޏެވެ. ‘މަންމަ ބަލައްޗެ! މަންމަ ދެން އަންނާނީ އަހަރެންގެ އަސްލު ދިރިއުޅުމަށް. ހަމަ ޔަޤީން.’ ދާނިޔާ ފަރީދާއަށް ޔަޤީންކަން ދެމުން ބުނެލިއެވެ. ‘ހާދަ އުފާވެއްޖޭ! މަންމަ އިންތިޒާރު ކުރާނަން!’ ދާނިޔާގެ މޫނިމަތީގައި ހުރި ޔަޤީންކަން ފެނިފައި ފަރީދާގެ އުއްމީދު އާވެގެން ދިޔަ ކަހަލައެވެ.
……………………………………………………………………………………………………..
އަޔާން އާއެކު ބޭރުގައި އުޅެފައި ލިލީ ގެއަށް އާއިރު ބާރަޖަހަނީއެވެ. އޭރު ލިލީގެ މަންމަ ހައްވާ މަނިކެ ފޮތެއް ކިޔަން ސިޓިންގރޫމް ސޯފާގައި އިނެވެ. ‘މަންމަ ނުނިދަންތަ؟’ ގެއަށް ވަދެގެންއައި އިރު ހައްވާމަނިކެ ފެންނަން އިނުމުން ލިލީ ސުވާލުކޮށްލިއެވެ. ‘އާނ! މި ބަދިގެ ހަމައަކަށް އަޅުވާލާފަ ނިދާލަން ދާން ކަމަށް!’ ކިޔަން އިން ފޮތް ބާއްވަމުން ލިލީއަށް ބަލާލަމުން ހައްވާ މަނިކެ ބުންޏެވެ. ‘ދަރިފުޅު ކާނަންތަ؟’ ‘ނޫން’ ހައްވާމަނިކެ ގެ ގާތު އިށީންނަމުން ލިލީ ބޯ ހުރާލިއެވެ. ‘މިއައީ އަޔާން އާއެކު ބޭރުން ކައިގެން’ ބޮލުގައި އޮތް ބުރުގާ ނަގައި ސޯފާގައި ހަމަޖެހިލަމުން ލިލީ ބުންޏެވެ. އަދި އޭނާގެ އައްސާފައި އޮތް ބުޅިބުޅި އިސްތަށިގަނޑަށް ދުލެއްދީ އިސްތަށިގަނޑު ހާވާލަމުން ހައްވާ މަނިކެގެ ކޮޑުގައި ބޯ އަޅާލިއެވެ.
‘މިހާރު ހުރިހާ ކަމެއް ނިމުނީތަ؟’ ހައްވާ މަނިކެ އަނެއްކާވެސް ކިޔަން އިން ފޮތްނަގައި ފޮތުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ‘ގާތްގަނޑަކަށް. މިއައީ ކާޑު ފައިނަލް ކޮށް ޕްރިންޓަށް ދީފަ. މާދަން ލިބޭނެ. ޑްރެސް ވެސް ނިމޭނެ ދެދުވަސްތެރޭ. ކޭޓަރިންވެސް ތަންވެސް ފައިނަލް ވެއްޖެ. މަންމަމެން ރެޑީތަ؟’ ހައްވާ މަނިކެގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ލިލީ ވާހަކަ ދެއްކިއެވެ. އެދެމީހުންގެ ވާހަކައިގެ އަމާޒަކީ އަންނަ ހަފްތާގެ ހުކުރުދުވަހު ކުރުމަށް ހަމަޖެހިފައިވާ އަޔާންއާއި ލިލީގެ ކައިވެނީގެ ވާހަކައެވެ. ‘މަންމަ ކޮން ރެޑީއެއް ވާންވީ. ދަރިފުޅާއި އަޔާން އެއްނު ރެޑީވާނީ’ ހައްވާ މަނިކެ ލިލީއާއި ސަމާސާ ކޮށްލިއެވެ. ‘މަންމަދޯ!’ ހައްވާ މަނިކެގެ ސަމާސާއަށް ލިލީ ރަކިވާގޮތްވިއެވެ. ‘މިބުނީ މަންމަމެން ހެނދުންފަހާ ނިމުނީ ހޭ!” ‘އާނ! އެކަންވެސް ނިމެނީ. ފަހާ މީހާ….! ކަނބުލޯ މިހިރަ މޭޒުމަތީ ބަހައްޓާފަ ދެންދޭ ނިދަން!’ ހައްވާ މަނިކެގެ ވާހަކަ މެދުކަނޑާލައިފައި ތަބަކެއްގައި ކިރުތައްޓެއް ބަހައްޓައިގެން ބަދިގެއިން ނިކުމެގެން ސިޓިންގރޫމަށް އައި އަންހެން ކުއްޖާއަށް ބުންޏެވެ. އެކުއްޖާ ހައްވާމަނިކެ ދެއްކި މޭޒުމަތީގައި ކިރުތަށި ބަހައްޓައި ، ތަށިގެ މަތި ޖެހުމަށްފަހު ތަބަށް ހިފައިގެން އެތެރެއަށް ހިނގައިގަތެވެ. ހިނގައިގަންނަމުން ލިލީއަށް ބަލައިލައި ހިނިތުންވެލިއެވެ.
އެކުއްޖާ ފެނުމުން ހައްވާމަނިކެގެ ކޮނޑުމައްޗަށް ވެއްޓިފައި އޮތް ލިލީ ތެދުވެ އިށީނދެ އެކުއްޖާއަށް ބަލައިލިއެވެ. ކުރިން އެގޭގައި ނޫޅޭ ކުއްޖެއް ވީމައެވެ. ބަލާބެލުމަށް އެކުއްޖާއަށްވާނީ ވިއްސަކަށް އަހަރެވެ. ލިލީ އެކުއްޖާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ލައިގެން ހުރި ގަޔަށްދޫ ދިގު ހެދުމުންނާއި، ބުރުގާ އަޅާފައި ހުރިގޮތުން ހުލުޤު ހެޔޮވައްތަރެއް އެކުއްޖާގެ ކިބައިން ފެންނަން ހުއްޓެވެ. އެކުއްޖާ ދަމުން ލިލީއަށް ހީލުމުން ލިލީވެސް ޖަވާބެއްގެ ގޮތުގައި ހީލިއެވެ. އަދި ވަރަށް ހިތްހެޔޮކުއްޖެކޭ ހިތާއިހިތާއި ކިޔާލިއެވެ.
‘މަންމާ އެއީ ކޮންކުއްޖެއްތަ؟’ އެކުއްޖާ ގޮސް ބަދިގެއަށް ވަނުމުން ދާނިޔާ ހައްވާމަނިކެއާއި ސުވާލުކުރިއެވެ. ‘އެއީ. ހަނދާންވޭތަ؟ މަންމަ ރައްޓެހި އައިމިންތަ؟ އޭނާގެ ރައްޓެއްސަކު މާލޭގަ ކުއްޖަކު ބަހައްޓާލަން ތަންކޮޅެއް ނެތިގެން އުޅޭތީ މަންމައަށް ގުޅީމަ މަންމަ ބުނީ އާއެކޭ. މިދުވަސްކޮޅު ކުއްޖެއް ހުރީމަ ފަސޭހަވެސް ވާނެތީ!’ ހައްވާ މަނިކެ ލިލީއަށް އެކުއްޖާގެ ތަފުސީލު ދެމުން ބުނެލިއެވެ. ‘އެހެންތަ؟ ކޮންނަމެއްތަ ކިޔަނީ!’ ‘ކީކޭތަ؟ އެމަންޖެ ބުނީ’ ހައްވާ މަނިކެ އެކުއްޖާގެ ނަން ހަނދާނަށް ގެނެވޭތޯ އުޅުނެވެ. ‘އާނ! ހަނދާންވެއްޖެ! ފަރީޝާ! ފަރީޝާ އެމަންޖެ އަށް ކިޔަނީ!!’
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Wow hma v curious vhje mhru v intrestin vrne hn heeve kyp up the gud wrk buddy baraabarh up khladhehchey plx vvv lwbi mi stry ???? btw im roxy nge ??
thanx. roxy. will do my best 😉
Yeyy me first ??
Hello lovely readers. Here is the 3rd part. Thanx for the wait. Hope u all like it. Will upload nxt part asap. Enjoy ?
Wow v nice mi part ves next part up kohladheynee kondhuvahaku
thanx 🙂 will asap
V reethi
Alheyyyyyyyyy when is the next part coming…. So curious now.. Adhi ennme fahun thi ninnmaalee fareesha in viyya??
Any ways love it..but dhaania aa behy githun adhi bodah kiyaala dhee.. Eyrun salhi vaane…thnk u 4 a lovely story.. ❤️❤️❤️ <3