އިރަމް
އަހަރެންނަށް ހޭވެރި ކަމެކޭ ކިޔާ އެއްޗެއް ވީއިރު މުޅިތާ ވަނީ އަލލިފާން ރޯވެފައެވެ. ހުރިހާ ގޮނޑިތަކެއްގައެވެ. ކަބަޑުތަކުގައެވެ. އަހަރެންގެ އަތް ގުޑުވަން އުޅުނީމެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވެއެވެ. އަތައް ބަލައިލީމެވެ. ބަނދެފައެވެ. ލިވީވެސް މެއެވެ. ޝެނިންވެސް މެއެވެ. އިސްމާއިލް ހޯދަންފެއްޓީ ދެނެވެ.
އޭނާވެސް އެބައުޅެއެވެ. ގަނޑުކޮށްފައި ތިބި މީހުންތައް ފުންޏަކަށް ޖަހަނީއެވެ. ނޫނެކެވެ. އަހަރެންނަށް ދެން އަންނަން އޮތް އެއްޗެއް އެނގެއެވެ. އެއުޅެނީ އަންދާލަންށެވެ. އޭނާ ކުރާ ކަމެއް އާންމުންނާއި ހިސާބަށް ގޮސްފައިނެތީއެވެ. ނަމަވެސް އަހަރެން އަނގަ ހުޅުވާކަށް ނޫޅެމެވެ. އިސްމާއިލް ކޮންމެވެސް ފުޅިއެއް ރޯވަމުންދިޔަ ކަބަޑަކުން ނެގުމަށްފަހު އެމީހުން ގަޔަށް އެޅިއެވެ. އަލިފާން ހިފާ ކަހަލަ އެއްޗެއް ކަންނޭނގެއެވެ. އެއަށްފަހު ރޯވަމުން ދިޔަ ލެދަރ ކޮޅެއް އެތަނަށް އެއްލިއެވެ. ކަބޫމް. އެއްކޮށް ވަގުތުން ހުޅު ހިފީއެވެ.
ޝެނިންއަށް އަހަރެން ބެލީމެވެ. ހޭ ނެތްކަން ނަސީބެވެ. ފުރަތަމަ ފަހަރަށް ކުޑަކޮށް ޝެނިން ދެކެ ބިރުގަތެވެ. ނަމަވެސް އެއީ އެލީޝާއެވެ. ޝެނިންގެ ހަށިގަނޑުގައެވެ. އަހަރެންނަށް އެކަން އެނގުނީ މީހުންތައް ބުރުއްސަން ހެދުމުންނެވެ. ލޯވެސް ހުރީ އެހެންޏާ ނުފެންނަވަރަށް ކަޅު ނާރު މުޅި ލޯ ކައިރީ ހެދިފައެވެ. ލޮލުގެ ހުދުބައި ފެންނަންވެސް ނެތެވެ. އަދި އިސްތަށިގަނޑު… އެވެސް މުޅި ތަނުގައި ދުވާ ކަހަލައެވެ. ކުރު ވިޔަސް އެހެންވެސް ވިއެވެ.
އަލިފާން ރޯކޮށްލުމަށްފަހު އިސްމާއިލް ޝެނިން އާއި ދިމާލަށް ދާން ފެއްޓެވެ. އަހަރެންގެ ކަރުގައި އަޅަނީ ވަރުގަދަ ވޭނެކެވެ. ނަމަވެސް އަހަރެންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޝެނިންއަށް ހޭ އެރިއެވެ. އަހަރެން ވީހާވެސް މަޑަކުން އަތް ބަނދެފައި އޮތް އެއްޗެއް ނައްޓާލެވޭތޯ ބެލީމެވެ. ޓައް. އެހާވެސް ފަސޭހަ އެވެ. ނަމަވެސް އަހަރެން މަޑު ކުރާނީ ރަނގަޅު ދަނޑިވަޅަކަށެވެ.
އިސްމާއިލް ޝެނިން ކައިރިއަށް ތިރިވިއެވެ. ކުރީގައިހެން ނިތްކުރީގައި އޭނާ ތިން އިނގިލިން އަތްލިއެވެ. އަހަރެން ނުވިސްނަމެވެ. ތެދުވީމެވެ. ނަމަވެސް ހުރިތާގައި ގަނޑުވީއެވެ. އެންމެ އިނގިއްޔެއްވެސް ގުޑައެއް ނުލެވެއެވެ. “ތިރީގައި ތިއޮއް އެތި ހިފައިންދޭ!” ފަހަތުން ލިވީ ވައި އަޑުން ބުންޏެވެ. އަހަރެންގެ ތެޅުން ހުއްޓުމާއި އެކު ލިވީ ބުންނެވެ. ލިވީވެސް އޮތީ ބަނދެވިފައެވެ. މާނައަކީ އޭނާ އެކަމެއް އެކުރީ ލޮލުންނެވެ. ލިވީ އެހާ ބާރު ގަދަ ކަމެއް އަހަރެންނަކަށް އަދި ނޭނގެއެވެ. އޭނާއާއި ނުތޮޅުމަށް ހަނދާން ކުރާނަމެވެ.
ބިންމައްޗައް އަހަރެން ބަލާލީމެވެ. ލިވީ އެކިޔަނީ ކޯއްޗެއްތޯ ބަލާށެވެ. ބިއްލޫރިއެވެ. ބައިވަރު އެތިކޮޅެވެ. ރަނގަޅު އެތިކޮޅެއް އަހަރެން ހޯދުމަށްފަހު ލިވީއާއި ކައިރިވެ އޭނާ އަތާއި ތަންތަން ބަނދެފައި ހުރި ލެދަރތައް ކަނޑާލީމެވެ. އަހަރެންއަތަށް ބިއްލޫރިކޮޅު ލުމަށްފަހު މަޑުން ހިނގަންފެށީމެވެ.
ހުރިތާގައި ހުއްޓުނީ ލިވީ ހަޅޭލަވައިގަތީމައެވެ. ދެން އަހަރެންވެސް ނޭވާ ހިފަހައްޓާލީމެވެ. ކުރިމަތިން ފެނުނީ އެލީޝާއެވެ. ދުވަހަކު ފެންނާނެ ކަމަކަށް ހިޔެއްވެސް ނުކުރަމެވެ. ނަމަވެސް އަހަރެން ބަލަބަލާ ހުއްޓާ އޭނާ އަޅިއަށް ވެގެން ދިޔައެވެ. އަހަރެން ގަނޑުވެފައި ހުރީއެވެ. އިރުކޮޅަކަށެވެ.
އެއަށްފަހު އަހަރެން ހިނގައިގަތީމެވެ. އެކަކަށްވެސް އަޑުނީވޭ ގޮތަށެވެ. މުޅިއިރު އަހަރެން ބިރުން ހުރީ އިސްމާއިލަށް އިވިދާނެތީއެވެ. ނަމަވެސް ބާރަށް ދަހިވެފައިވާ މީހަކަށް އަޑެއް އިވޭނެ ހެއްޔެވެ؟ އަތުގައި ބިއްލޫރިގަނޑަށް އަހަރެންނަށް މާބާރަށް ފިތެނީއެވެ. ނަމަވެސް ބަލަން ނުހުރެ އިސްމާއިލާއި ހިސާބަށް އެރުމާއި އެކު އަހަރެން އެ ބިއްލޫރިގަނޑު އޭނާ ބުރަކަށްޓަށް ހަރާލީމެވެ. އެއަށްފަހު ދެވަނަ ބުރެވެ.
އިސްމާއިލް އެނބުރުނެވެ. އެއާއި އެކު އަހަރެން ހޫރާލިއެވެ. އަހަރެން ވެއްޓުނީ ފުޅިތޮށިތައް މައްޗަށެވެ. އަހަރެންނަށް ތެދުވެވުނީ ވަރަށް އުނދަގުލުންނެވެ. ތެދުވިއިރުވެސް މޫނުމަތިން ތަރި ބުރާހެން ހީވިއެވެ. ލީމަތި އަނދިރިވެސް ވަމުން ދިޔައެވެ. ނަމަވެސް އަހަރެންތެދުވީމެވެ.
އެއާއި އެކު ފެނުނީ ތަސްވީރުތަކެއް ބަރިބަރިއަށް ދައްކަމުން ދިޔަގޮތަށެވެ. ލަހުންނެވެ. ފުރަތަމަ ލިވީގެ އަތުގައި އިން އެއްޗެއް އިސްމާއިލްގެ ބަނޑަށް ހަރާލިތަނެވެ. އޭނާގެ ބަނޑަށް އެވަތް ތަނެވެ. އިސްމާއިލް ވެއްޓުން ތަނެވެ. ލިވީ ގަނޑުވެފައި ހުރި ތަނެވެ. އަހަރެން ލިވީގެ އަތުގައި އިން އެއްޗަކަށް ރަނގަޅަށް ބަލާލީމެވެ. ވަގުތުން އެވެސް އެވީ ފެނަށެވެ. ފައިބައިގަތީއެވެ. އަހަރެން ހައިރާން ކުރުވުން ދުވަހަކުވެސް މި އިންސާނާއެއް ނުހުއްޓުވާނެއެވެ. އަހަރެން ހިނގައިގަތީމެވެ. ނަމަވެސް އެޅި ފިޔަވަޅާއި އެކު ފައި ކައިރިން އެއްޗެއް އެއްލައިގެން ދިޔައެވެ.
ވަގުތުން އެދިމާލަށް ބެލީމެވެ. ބަޑިއެކެވެ. އަހަރެން ދުވަހަކުވެސސް އޭތި މީހަކަށް ބޭނުން ކުރަން ހިތުވެސް ނުލަމެވެ. ނަމަވެސް މިވަގުތަކު ނުވިސްނަމެވެ. އަހަރެން ނެގީއެވެ. އެއާއި ކުޅޭންވެސް އެނގިއްޖެއްޔާ އެންމެ ރަނގަޅެވެ. އަހަރެންގެ އަތް ތުރުތުރު އަޅަނީއެވެ. ވެއްޓިގފައި އޮތް އިސްމާއިލް ގަޔަށް އަހަރެން ޖެހީމެވެ. ގަދަ އަޑަކާއި އެކު ވަޒަން ދިޔައެވެ. އެއަށްފަހު އަނެއް ވަޒަނެވެ. އެއަށްފަހު އަނެއްވަޒަނެވެ.
ވަޒަން ހުސްވުމާއި އެކު އަހަރެންގެ އަތުން ބަޑި ވެޓުނެވެ. އަތް ތުރުތުރު އަޅާލެއް ބޮޑު ކަމުންނެވެ. އަތަށް އަހަރެންނަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ކޮންމެވެސް ގޮތަކުން އޭނާގެ ލޭ އަހަރެންގެ ގައިގައި ހުރެދާނެތީއެވެ. ނަމަވެސް ނެތެވެ.
ބޯ ހޫރާލުމަށްފަހު އަހަރެން ޝެނިން އާއި ލިވީ ކައިރިއަށް ދިޔައީމެވެ. ލިވީ އަދިވެސް ހުރީ އަތަށް ބަލައިންނެވެ. އަހަރެންނަށް މިހާރު އެ އިހްސާސް ރަނގަޅަށް އެނގެއެވެ. ނަމަވެސް މިވަގުތު ބޭނުމީ މިތަނުން ނުކުންނާށެވެ. އިރުކޮޅަކުން ފުލުހުންނާއި އެންމެން މިތަނަށް އަންނާނެއެވެ. އެހެން ކަމުން އެދޮރަކުން ނުކުމެވޭކަށް ނެތެވެ. ލިވީ. ނަމަވެސް އެގޮތުން ބަޔަކަށް އަހަރެމެން ފެންނާނެކަން މާ ބޮޑެވެ. ނަމަވެސް އެގޮތުން އަހަރެމެން ހައްޔަރު ވުމުގެ ބިރެއް ނޯންނާނެއެވެ.
އެގޮތެވެ. އަހަރެން ލިވީ ކައިރީ ދެތިން ފަހަރަކު ބުނުމުން ލިވީ ހިނގައިގަތެވެ. ނަމަވެސް އެ ޚިޔާލުގައި ބޮޑު ލޯވަޅެއް އެބައިނެވެ. ބޭރަށް އިން ފާރެއް އަހަރެމެންނަކަށް ނޭނގެއެވެ. އިންތަނެއްވެސް ނޭނގެއެވެ. އެހެންވިއްޔާ ޖެހޭނީ ނުކުންނާށެވެ. ޝެނިން އަތުގައި ހިފައިން ލިވީވެސް ދަމަމުން އަހަރެން ދިޔައީ ނުކުންނާށެވެ. ނަމަވެސް ބަޑީގެ އަޑަށް އަހަރެންގެ ކަންފަތުން ރަނގަބީލު ގޮވަންފެއްޓެވވެ. ފަހަތުންނެވެ. އިސްމާއިލެވެ.
އަހަރެން ފަހަތައް ބަލާލީމެވެ. އިސްމާއިލް ބަޑި ދިއްކޮށްގެން އޮތެވެ. ލިވީ މިހާރު ހުރީ އެލާރޓްގައެވެ. ވަގުތުން އަލިފާން ދުއްވާލިއެވެ. އެއާއި އެކު އިސްމާއިލްގެ ފަހަތުން އެއްޗެއް ގޮވިއެވެ. އެއްޗެހިތައް ފައިބަން ފެއްޓެވެ. ހުރިހާ އެއްޗެކެވެ. ދުއްވައިގަތީމެވެ. ނަމަވެސް ޝެނިން ވެއްޓިއްޖެއެވެ. ނޫން. ނޫން. ނޫން. ވަޒަން އެރީއެވެ. ޝެނިން ގަޔަށެވެ.
އަހަރެން މުޅި ގައި އައްސިވިކަހަލައެވެ. “ނޫން ނޫން ނޫން… ޝެނިން ނުވާނެ ގޮސްގެން.. އިރުކޮޅަކު ހިފަހައްޓާލާ…” އަހަރެން ތުރުތުރު އަޅާ އަޑަކުން އާދޭސް ކުރަމުން ދިޔައީމެވެ. ނަމަވެސް ޝެނިން އޮތީ ލޯމަރައިގެންނެވެ. އަހަރެން އަތް ދަނޑިމައްޗަށް ޝެނިން ނެގުމަށްފަހު ބާރަށް ދިޔައީމެވެ.
ހޯލްވޭ އަށް ނުކުތުމާއި އެކު ކައިރީ އިން ބިއްލޫރި ގަނޑަށް އަހަރެން ލިވީއަށް އިޝާރަތް ކުރީމެވެ. ލިވީ ބިއްލޫރި ތަޅާލިއެވެ. ލިވީ އަހަރެން ކުރިއަށް ކޮއްޕާލިއެވެ. އެއާއި އެކު އޭނާ ފުންމާލިއެވެ. ވައި ބޭނުންކޮށްގެން އަހަރެމެން ހިފެހެއްޓިއެވެ. ދެމީހުންނަށް ދުވެވުން ބާރަކަށް ދުވީމެވެ. ގައިގެ ހުރިހާ ބާރެއް ލުމަށްފަހު އަހަރެމެން އެތަނުން ފިލީއެވެ. ފޭބުނީ އިސްކަންދަރުކޮށީގެ ފަހަތުގައި އިން ގޯޅިގަނޑަށެވެ.
މަގުތަށް އަދި ހުހެވެ. އެކަކުވެސް ނެތެވެ. މާނައަކީ ވަރަށް ދަންވެއްޖެކަމެވެ. އަހަރެމެންނަށް އެތާއި ތެރެއިގާ ތިބެވުނީ ކިހާ އިރަކު ނުވަތަ ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ. ލިވީ އަހަރެން އަތުގައި ދަމަން ދުވަން ފެއްޓެވެ. “މަށަށް އެނގޭ މިތާ ހުރި ތަނެއް.” ލިވީ ބުންޏެވެ.
އަހަރެން ލިވީ ދަމަމުން ދިޔަ ދިމާލަށް ދިޔައީއެވެ. އެއްޗެކޭ ނުބުނަމެވެ. އިރުކޮޅަކުން ލިވީ ހަދަން ފައްޓާފައި ހުރި ގެއަކަށް އަހަރެން ވެއްދިއެވެ. މިހާ ދަންގަޑިއަކު މަސައްކަތު މީހެއްވެސް ނޫޅޭނެއެވެ. ނަސީބެވެ. އެތެރެއަށް ވަދެވުމާއި އެކު އަހަރެން ޝެނިން ސާފު ތަނެއް މަތީ ލިވީ ބޭއްވީމެވެ.
ލިވީގެ ހިތުގެ ތެޅުމުގެ އަޑު މަޑުވޭއެބައެވެ. ތެޅުން މަޑުވޭއެބައެވެ. އަހަރެން ހައްތާ ބިރުގަތެވެ. “ލިވީ ކަމެއް ނެއްތަ….. ކަމެއް… ކުރެވޭކަށް.؟” އަހަރެން އަޑުވެސް އައީ ކިރިޔާއެވެ. ލިވީ އެއްޗެއް ހޯދަނީއެވެ. “ކޯއްޗެއް… ކޯއްޗެއްތަ ތިހޯދަނީ؟” އަހަރެން ބުނީ ވަރަށް ބާރުލާފައެވެ. ނަމަވެސް އަޑު އައީ ވައި ކޮންނެވެ. “މަޑުން ހުރެބަލަ.” ލިވީ ބުނީ އެވަރަށެވެ.
އެއާއި އެކު ލިވީ ދުރަށް ދުއްވައިގަތެވެ. އިރުކޮޅަކުން މެދާއި ހިސާބަށް ހުރި ފެންފުޅިއެއް ހިފައިން އައެވެ. ލޯ ދިއްލުނެވެ. އަހަރެން ލިވީ އަތުގައި ހިފަހައްޓައިގެން އިނީއެވެ. ޝެނިންގެ ހިތުގެ ތެޅުމުގެ އަޑު އަހަންށެވެ. ހައްތާ މަޑުވަނީއެވެ. “ޝެނިން. ރަނގަޅުވާނެ… އާދެ އިރަމް ކައިރިއަށް… އަހަރެން މަރުވާނެ ޝެނިންއަށް ގޮތެއް ވެއްޖެއްޔާ….” ގިސްލަމުން އަހަރެން ވާހަކަ ދައްކަމުން ދިޔައީމެވެ. އަހަރެންނަށް ތަސައްލީ ދެމުންނެވެ.
ލިވީ ވަޒަން ނަގައިފިއެވެ. މިހާރު އޭނާގެ ޒަޚަމް ކައިރީ ދިއްލިފައިވާ ފެނުން އަތް ކާތަނީއެވެ. ދުވަހަކުވެސް އަހަރެން އެ ފެން ދިއްލިފައި ހުރި ތަނެއް ނުދެކެމެވެ. “…. އަހަރެން ވަރަށް ލޯބިވޭ ޝެނިން ދެކެ. ދުވަހަކުވެސް އަދި ނުބުނަން އެއްވެސް އަންހެން ކުއްޖަކު ކައިރިއަކު…” އަހަރެން ކަރުނަ ހިފަހައްޓަމުން ބުނީމެވެ. “އަދި ފިރިހެނަކަށްވެސް….” ހިނިގަނޑެއް ޖަހަމުން އަހަރެން ބުނީމެވެ. ސަމާސާ ކުރީ ކުޑަކޮށްވެސް އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ލިބޭތޯއެވެ. ކުޑަކޮށް ލިބުނެވެ. ނަމަވެސް އެއަށްފަހު ކުއްލިއަކަށް ލިވީގެ ހިތް ހުއްޓުނެވެ. އަހަރެންގެ ހިތް ހުއްޓުން ކަހަލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

