ލޯބި ވީމޭ ސިއްރު ސިއްރުން (7
ދުވަސްތައް ހަފުތާތަކަށް, ހަފުތާތައް މަސްތަކަށް ބަދަލުވަމުން އައިސް ހަނާގެ ބަނޑަށް ވެސް ނުވަމަސް ފުރެން ކައިރި ވަނީއެވެ. އެތައް ދުވަހެއްގެ ކެތްތެރި ކަމާއި އުއްމީދުތަކެއްގެ ފޮނިކަން ހާސިލު ވާނެ ވަގުތު އައިސް ކައިރިވާތީ ހަނާއާއި ދާނިޝް ހުންނަނީ ވަރަށް އުފަލުންނެވެ. ޚާއްޞަކޮށް ދާނިޝްގެ އުފާވެރިކަމާއި ވަމުން އައި ތައްޔާރީތައް ފާހަގަ ކުރެވެއެވެ. މުޅި ގޭތެރޭގެ ކުލަވަރާާއި ވައްޓަފާޅި ބަދަލުކޮށްލާފައި ވާގޮތުން ތުއްތު ކުއްޖަކަށް މަރުޙަބާ ކިޔައިފައިި ވާކަން ނަޒަރު ހިންގާލި ކޮންމެ ދިމާއަކުން ހާމަވާން ހުއްޓެވެ. ދާނިޝްމެންގެ އިތުރުން ވަސީމާ ވެސް ހުރީ ވަރަށް އުފަލުންނެވެ. އަލަތު މާމަ ދަރިފުޅުގެ އިންތިޒާރުގައި ވަސީމާ ވެސް ހުރީ ކެތްތެރިކަން ކުޑަވެފައިވާ ހާލުގައެވެ.
އެއްރޭގެ ދަންވަރުގެ ވަގުތެކެވެ. ހަނާއަށް ކުއްލިއަކަށް ހޭލެވުނީ އުނދަގޫތަކެއް ވާން ފެށުމުންނެވެ. އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސަައިގަތުމުން ހަނާއަށް ރޮވެން ފެށުނެވެ. ފަހަކަށްއައިސް އޭނާގެ ބަނޑުގައި ރިއްސާތީީ އުޅެން ޖެހޭ ވަގުތުތައް އާދެއެވެ. ނަމަވެސް މިހާރު އޭނާގެ ބަނޑުގައި ރިއްސަމުން އެދަނީ ކެތްކުރަން އުނދަގޫވާާ ވަރަށެވެ. ވޭނާއި ރުއިމުގެ ތެރެއިން ގަދަ ނިދީގައި އޮތް ދާނިޝްއަށް ހަނާ ގޮވަން ފެށިއެވެ. ނަމަވެސް ހަނާގެ އަޑު ދާނިޝްގެ ކަންފަތުގައި ޖެހޭގޮތެއް ނުވިއެވެ. އެހާ ކުޅަދާނަކަން އެ އަޑުގައި ނެތީ ކަމަށް ވެދާނެއެވެ. ދެވަނަ ފަހަރަށް ވެސް ހަނާ ދާނިޝްއަށް ގޮވަންފެށިއެވެ. ހޭލާތޯއެވެ. ނަމަވެސް ހަނާގެ މަސައްކަތް ވީ ބޭކާރެެވެ. ދެންއިވުނީ ހަނާގެ ހަޅޭކުގެ އަޑެވެ. މަންމާ އޭ ކިޔައި ހަނާ ހަޅޭއްލަވައިގަތް އަޑަށް ދާނިޝް ފުންމައިގެން ތެދުވިިއެވެ. ހަނާގެ ހާލަތު ފެނިފައި ދާނިޝްގެ މޭ ގުޑައިގަތެވެ. ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އަވަސް އަވަހަށް ކޮޓަރީީގެ ހުރިހާ ބޮކިތަކެއް ދިއްލާލުމަށްފަހު ދާނިޝް ދުއްވައިގަތީ އޭނާގެ މަންމަގެ ކޮޓަރިއާއި ދިމާއަށެވެ. “މަންމާ…!މަންމާ..!” ވަސީމާގެ ކޮޓަރީީގެ ދޮރުގައި އަތުހުރި ބާރެއް ލާފައި ތަޅައިގަންނަމުން ދާނިޝް ވަސީމާއަށް ގޮވަަންފެށިއެވެ. ދާނިޝްގެ އަޑު ޖެހުމާއިިއެކު ސިއްސައިގެން ގޮސް ވަސީމާއަށް ހޭލެވުނެވެ. އެނދުން ތެދުވެގެން ގޮސް ކޮޓަަރީގެ ދޮރު ހުޅުވާލިއިރު ވަސީމާގެ ހިތް ބާރުބާރަށް ތެޅެމުންދިއެވެ. “ދަރިފުޅާާ…! ކިހިނެއްވީ…؟” ބިރުން ތުރުތުރު އަޅައަޅާ ހުރި ހާލެއްގައި ވަސީމާ އަހާލިއެވެ. .”މަންމާ..! ހަނާ..” ދާނިޝްއަށް ބުނެވުނީ އެވަރަށެވެ. ހަނާގެ ހާލު ބަޔާން ކުރުމުގެ ކުރިން ވަސީމާއަށް ހަނާގެ ހާލަތު ދެނެގަނެވުނު ކަހަލައެވެ. އެހެންކަމުން ދުވެފައި ކަހަލަ ގޮތަކަށް ހަނާގެ ގާތަށް ވަސީމާ އައެވެ. ވަސީމާގެ ފަހަތުން ދާނިޝްވެސް އައިސް ހަނާގެ އެއްފަރާތުުގައި އިށީނެވެ. “ދަރިފުޅާ..! އަވަހަށް އެމްބިއުލާންސްއަށް ގުޅާ…!” ވަސީމާގެ ޚިޔާލު ހުރީ ވަރަށް ތަނަވަސްކޮށެވެ. ހަނާގެ އެ ރުއިން ވަސީމާއަށް އެތައް ކަމެއް ހާމަކޮށްދިން ކަހަލައެވެ. ހަނާ އެއުޅެނީ ވިހަން ވެގެން ކަން ވަސީމާއަށް ވިސްނުނެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ހަނާ ހޮސްޕިޓަލަށް ގެންދިއުމަށް ވަސީމާ ޚިޔާލުދިނެވެ.
މާލަސްތަކެއް ނުވެ ހަނާ ހޮސްޕިޓަލަށް ގެނެވުނެވެ. އެއިރު ވެސް ހަނާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. އަޅަމުން ދިއަ ގަދަ ވޭނެެއްގެ ސަބަބުން ގިސްލަ ގިސްލާާފައި ހަނާ ރޮމުން ގެންދިޔައިިރު ހަނާގެ އަތުގައި ހިފަހައްޓައިގެން އެއްފަރާތެެއްގައި ދާނިޝް ހުއްޓެވެ. އަނެއް ފަރާތުގައި ވަސީމާ ހުއްޓެވެ. އެ ދެމައިންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ. ހަނާގެ ވޭނީއާހް ކަންފަތުގައި ގުގުމައި ހުރުމުން ދާނިޝްގެ ލޯ ވެސް ހުރީ ތެމިފައެވެ. ހަނާގެ ހާލަތު ފެނިފައި ޑޮކްޓަރގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. ހަނާގެ ހާލު ވަރަށް ނާޒުކު ކަމަށް ބުނެ ވީހާވެސް އަވަހަކަށް ހަނާއަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކައިރީގައި ތިބި ނަރުސް ކުދިންނަށް ޑޮކްޓަރ އިޝާރާތް ކޮށްލިިއެވެ. އެހެންކަމުން ލަސްތަކެއްނުވެ އޮޕަރޭޝަން ތިއޭޓަރަށް ހަނާ ވެއްދުނެވެ.
ދާނިޝްއާއި ވަސީމާއަށް ޖެހުނީ ބޭރުގައި މަޑު ކުރާށެވެ. ކައިރީގައި ހުރި ގޮނޑިއެއްގައި ވަސީމާ އިށީނެވެ. ދާނިޝް ހުރީ ކޮޅަށެވެ. ކުއްލިއަކަށް ކަމެއް ހަނދާންވެގެން ދާނިޝް އޭނާގެ ޖިންސުގެ ޖީބުތައް ހާވަން ފެށިއެވެ. ނަސީބު ރަނގަޅުކަމުން ދާނިޝް ހީކުރި ގޮތަށް އޭނާގެ ފޯނު ޖިންސުގެ ޖީބު ތެރޭގައި އޮތެވެ. އަވަސް އަވަހަށް ޖީބު ތެރެއިން ފޯނު ނެގުމަށްފަހު އަޒީލްއަށް ގުޅައިފައި ހަނާ ހޮސްޕިޓަލަށް ގެނައި ޚަބަރުދިނެވެ. އެއިރު ބޭރުގައި އުޅެފައި އައިސް އަޒީލް އުޅުނީ ނިދަން އޮށޯންނަން ކަމަށެވެ. ނަމަވެސް އެ ޚަބަރު ލިބުމާއިއެކު ހޮސްޕިޓަލަށް އައުމަށް އަޒީލް އަވަސްވެގަތެވެ.
ކުޑައިރުކޮޅެެއް ފަހުން އޮޕަރޭޝަން ތިއޭޓަރުން ނަރުސް ކުއްޖަކު ނިކުތެވެ. އެއާއިއެކު އެ ނަރުސް ކުއްޖާއާއި ދިމާއަށް ދާނިޝް ހިނގައިގަތެވެ. “ކާާކު ރީޝާއަކީ…؟” އެ ނަރުސްކުއްޖާ ދާނިޝްއަށް ބަލާލައިފައި ސުވާލު ކޮށްލިއެވެ. “ކިހިނެއްވީ..؟” ދާނިޝްއަށް އަމާޒުވި ސުވާލަަށް ޖަވާބު ދިނުމުގެ ބަދަލުގައި ހައިރާންވެފައި އޭނާއަށް ވެސް ކުރެވުނީ ސުވާލެކެވެ. އެއިރު ވަސީމާ ވެސް ގޮނޑިން ތެދުވެގެން އެމީހުންގެ ކައިރިއަށް އަންނަނީއެވެ. “ޕޭޝަންޓް ވަރަށް ބޮޑަށް ބޭނުން އެބަވޭ ރީޝާ އާއި ބައްދަލު ކުރަން…” އެ ނަރުސްކުއްޖާ ކަންވީގޮތް ބުނެދިނެވެ. ރުއިމުގެ ތެރެއިން ހަނާގެ ދުލުގައި ވީ ރީޝާ ކަމަށް އޭޭނާ ބުންޏެވެ. “ދަރިފުޅާ..! އަވަހަށް ދޭ ރީޝާ ބަލާ..” ވަސީމާ ޚިޔާލު ދިނީ ރީޝާ ގެނައުމަށެވެ. ދާނިޝް ހުރީ ހަދާނެގޮތް ހުސްވެފައެވެ. އެ ފުރަ މެންދަމުގައި އެހާ އަވަހަށް ރީޝާއާއި ހަމައަށް ދާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އެ ވިސްނުމުގައި މާގިނައިރު ހުންނާކަށް ދާނިޝްއަކަށް ނުޖެހުނެވެ. އޭގެ ކުރިން އަޒީލް އައުމުން އެކަމުގެ ހައްލު ލިބިގެންދިއެވެ. އަޒީލްގެ އަތުން އޭނާގެ ސައިކަލްގެ ތަޅުދަނޑި އަތުލުމަށްފަހު ދާނިޝް ދުވެފައި ކަހަލަ ގޮތަކަށް ހޮސްޕިޓަލުުން ބޭރަށް ނިކުތެވެ. އެއަށްފަހު އަޒީލްގެ ސައިކަލަަށް އަރައި ރީޝާގެ ގެއާއި ދިމާއަށް މިސްރާބު ޖަހައިލިއެވެ. ކޮންމެފަދަ ހާލެއްގައި ވެސް ހަނާގެ އެ އެދުން ފުރިހަމަ ކޮށްދޭން ދާނިޝް ބޭނުންވިއެވެ.
އޭގެ ދިހަވަރަކަށް މިނެޓްފަަހެވެ. ބާރު ސްޕީޑެއްގައި ސައިކަލު ދުއްވަމުން ރީޝާ ގޮވައިގެން ހޮސްޕިޓަލަށް ދާނިޝްއައެވެ. ހަނާ ހޮސްޕިޓަލަށް ގެނައި ޚަބަރު ލިބުމާއިއެކު ރީޝާ ހުރީ ހަނާ ގާތަށް އަންނަން ކެތްމަދުވެފައެވެެ. ވަސީމާ ފެނުމާއިއެކު ރީޝާ ފުރަތަމަ ހިނގައިގަތީ ވަސީމާއާއި ދިމާއަށެވެ. ” ކޮބާ ހަނާ..؟” ވަސީމާގެ އަތުގައި ހިފާލަމުން ރީޝާ އަހާލިއެވެ. “ތީތަަ ރީޝާއަކީ…؟” ހަމަ އެވަގުތު ކުރިން ތިއޭޓަރުން ނިކުތް ނަރުސް ކުއްޖާ ދެވަނަ ފަހަރަށް ތިއޭޓަރުން ނިކުމެ ރީޝާއަށް ބަލަަންހުރެފައި އަހާލިއެވެ. ރީޝާ އާއެކޭ ބުނުމުން އޭނާއާއި އެކު ތިއޭޓަރަަށް ވަނުމަށް އެދުނެވެ. ރީޝާ ހިނގައިގަތެވެ. އެއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިއެވެ. ނިއްކުރިން ދާ ތިކިތައް ހިލެންފެށިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ރީޝާ ތިއޭޓަރު ތެރެއަށް ވަނެވެ. ހަނާއަށްޓަކައެވެ. ހަނާގެ އެދުމަށް ފުރަގަސް ދޭކަށް އޭނާގެ ހިތެއް ނޭދުނެވެ.
ރީޝާއަށް ހަނާ ފެނުނުމާއިއެކު ހަނާގެ ހާލު ރަނގަޅުު ނޫންކަން ހަނާގެ ވޭނުން ފުރިގެންވީ ރުއިމުގެ އަޑުން އެނގިގެންދިއެވެ. ކަރުނުން ދެލޯ ތެމިފޯވެެފައި ވީއިރު ހަނާގެ ނޭވާ ވަނީ ކުރުވެފައެވެ. ރީޝާ ފެނުމާއި އެކު ރީޝާއާއި ވާހަކަ ދައްކަން ހަނާ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ހަނާއަށް ވޭނަކަށްވިއެވެ. ހަނާގެ ނިކަމެތި ހާލަތު ފެނިގައި ރީޝާގެ ލޯވެސް ކަރުނުން ފުރުނެވެ. ހަނާގެ އަތުގައި ހިފަހައްޓައިލަަގެން ހުރެ ހަނާގެ މޫނަށް ބަލަހައްޓައިގެން ރީޝާ ހުރީ ދެން އިތުރަށް އެ މޫނު ނުފެންނާނެ ކަމުގެ ބިރު އިހްސާސް ކުރެވޭ ހާލުގައެވެ. އޭރުވެސް ހަނާ ވިއްސުމުގެ ކަންތައް ކުރިއަށް ދިއެވެ. “ރީޝާ…! އަހަރެންގެެ…އަހަރެންގެ ދަރިފުޅު…!” އަޅަމުންދިއަ ވޭނާއި އެކު ރީޝާގާތު އެއްޗެއް ބުނަން ހަނާ މަސައްކަތް ކުރިއެވެ. އެހެނަސް ހަނާއަކަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާއަށް ބުނެވުނީ ވަކި ހިސާބަކަށެވެ. އެއާއިއެކު އޭނާގެ ދަރިފުޅުގެ ރުއިމުގެ އަޑު މުޅި ތަނުގައި ގުގުމައިގެންދިއެވެ. އެ ވަގުތު ރީޝާގެ ހިތް އުފަލުން ފުރުނެވެ. މޫނުމަތި އުޖާލާވެގެންދިއެވެ. ހެވިފައި ހުރެ އެ ތުއްތު ތުއްތު ކުއްޖާއަށް ރީޝާ ބަލާލިއެވެ. އެއަށްފަހު ހަނާއަށް ނަޒަރު ހިންގާލިއެވެ. ރީޝާގެ ހިތް ތެޅިގަތެވެ. މޫނުމަތީގެ ކުލަވަރު ފަޅި ސިކުންތެއްގެ ތެރޭ ބަދަލު ވެގެންދިއެވެ. “ހަނާ…!” ހަނާގެ މެރިފައިވާ ދެލޮލަށް ބަލަން ހުރެފައި ރީޝާ ހަނާއަށް ގޮވާލިއެވެ. ނަމަވެސް ހަނާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. “ހަނާ…! ހަނާ…!” ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ވެސް ހަނާއަށް ރީޝާ ގޮވާލިއެވެ. އެހެނަސް ހަނާގެ ފަރާތުން އެއްވެސް ޖަވާބެއް ރީޝާއަކަށް ނުލިބުނެެވެ. ލިބޭނީވެސް ކިހިނަކުން ހެއްޔެވެ. އޭނާގެ ނޭވާ ވަނީ ހުއްޓިފައެވެ. ހަނާގެ ދަރިފުޅުގެ ފުރަތަމަ ނޭވާއާއި އެކު ހަނާ ވަނީ މި ދުނިޔެއަށް އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލާފައެވެ. އަބަދަށްޓަކައި މި ފަނާކުރުވަނިވި ދުނިޔެއާއި ހަނާވަނީ އަލްވަދާޢު ކިޔައިފައެވެ. “ހަނާ…!” ހޯސްލާފައި ލޮލުން އޮހޮރިގަތް ކަރުނައާއިއެކު ހަނާގެ ފުރާނަ ނެތް މަސްގަނޑުގައި ރީޝާ އޮޅުލައިގަތެވެ. އަދި އެއްފަހަރު ނަމަވެސް ލޯ ހުޅުވާލުމަށް އެދި އާދޭސް ކުރަން ފެށިއެވެ. އެންމެ ފަހަރަކު ނަމަވެސް އެ ދުލުން ބަހެއް ބޭރުކޮށްލުމަށް އެދި އަޅުދާސް ކުރަންފެށިއެވެ. ނަމަވެސް ހަމަ ހިލާ އެހެނަަކުން ނުވާނެތާއެވެ. ހަނާ ވަނީ އަބަދަށްޓަކައި މި ކެހިވެރި ޢާލަމާާއި ވަކިވެފައެވެ. ކުރާނީ ކީއްހެއްޔެވެ..؟ ތަޤުދީރު ހަނާއަށް ފުރުސަތު ދިނީ އެ ވަގުތާއި ހަމައަށެވެ.
ހަނާގެ މަރުގެ ހިތާމަވެރި ޚަބަރު ދާނިޝްއަށް ލިބުނު ވަގުތު އަނބުރައިގަނެގެން އޭނާ ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އޭގެ ކުރިން އަޒީލް އޭނާ ހިފެހެއްްޓިކަން ނަސީބެކެވެ. ޤަބޫލު ކުރަން ދަތި އެ ޚަބަރުން ދާނިޝްގެ މުޅި ހަށިގަނޑަަށް ލޮޅުމެއް ގެނުވިއެވެ. ދާނިޝްއަށް ބޭއިޚުތިޔާރުގައި ރޮވެންފެށުނެވެ. އޭނާގެ ލޯބިވާ އަނބިމީހާ އަބަދަށްޓަކައި އޭނާއާއި ވަކިވެގެން އެ ދިޔައީ އޭނާގެ ހިތް ފޮތިފޮތި ކޮށްލާފައެވެ. ކަޅު އަނދިރި ވިލާގަނޑެއް އޭނާ ވަށާލިކަހަލައެވެ. ހަނާއާއި ނުލައި ދިރިއުޅޭނީ ކިހިނެއްބާއޭ ދާނިޝްގެ ހިތަށް އަރަމުންދިއެވެ. އެ ހިތާމައިގައި ދާނިޝްއަށް އޭނާގެ ދަރިފުޅާާއިމެދު ވިސްނާލަން ވަގުތު ނެގިއެވެ. ދާނިޝް ފަދައިން ވަސީމާގެ ހާލަކީ ވެސް އެއީއެވެ. ހަނާގެ މަރު ވަސީމާގެ ކަރުބުޑުގައި ލައްވާލި ހިތި ރަހައަކަށް ވެގެންދިއެވެ. އެ ހިތި ރަހަ ދުވަހަކުވެސް ކެނޑިގެން ނުދާނޭފަދައެވެ. ވަސީމާއަށް ވެސް ރޮވެންފެށުނެވެ. ހަނާދެކެ ވަސީމާ އިންތިހާއަށް ލޯބިވިއެވެ. އޭނާގެ އުފަން ދަރިއަކުފަދައިންނެވެ. ހަނާގެ ރަނގަޅުކަން ވަސީމާ އަބަދުވެސް ފާހަގަ ކުރެއެވެ. ހަނާގެ ހިތްހެޔޮކަމާއި މަޑުމައިތިރިކަމަށް ވަސީމާ ތަޢުރީފުކޮށް ހެދިއެވެ. ނަމަވެސް ދެން އިތުރަށް ވަސީމާއަކަށް އެ ފުރުސަތެއްނެތެވެ. އޭނާގެ ތަޢުރީފުގެ ބަސްތައް އަޑުއަހާކަށް ހަނާއެއްނެތެވެ. އެންމެންގެ ލޯތައް ތެންމާލައިފައި ހަނާ ވަނީ މި ޢާލަމާާއި ވަކިވެފައެވެ. އަބަދަށްޓަކައެެވެ. ކޮންމެ ނަފުސެއް ވެސް މަރުގެ ރަހަ ދެކޭނެތާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.





Vvrh reethi………when next part……
thanx
Yay second…. ???Vv reethi… Waiting for Next part ???????
thanx
im third dhw
yeah
Great job!!!I’m 4th dho
thanks
vvv reethi ekmk haadha hithaamaveri gothakashey hanaa maruvy…….. 🙁 🙁
thanks
V.nice
thanx
Hattey keevetha abadhu thanks. …readersge suvaalu thakuge javaabu beynun ve ey