ލޯތްބަށްޓަކައި (ސޯޅަވަނަ ބައި)
ހުރިހައި ބޭހެއްވެސް ހަމައެވެ. ކޮންމެވެސް މީހަކު މިކޮޓަރިއަށް ވަދެ މި ބޭސްތައް ހާވާލައިފިއެވެ. ޔަގީނުންވެސް ސޯފީ ނޫން އެހެން މީހަކަށް ނުވާނެއެވެ. މުޅިން ވެސް ދިމާވަނީ ލަޔާލް ބޯ ހާސްވާ ވަރުގެ ކަންތައްތަކާއެވެ. އެއްކޮޅުން ފަރީޝާއެވެ. އަނެއްކޮޅުން މުޅި އާއިލާއެވެ.
ލަޔާލް ޑްރެސިން ޓޭބަލް ކައިރީ އިނދެ ޝޯވްލް ރީތިކޮއްލިއެވެ. ޝޯވްލްގައި ވާ ވިދާ އެސްތަކުން އެ މޫނުމައްޗަށް ވިދުމެއް ގެނެސްދެއެވެ. މީގެ ކުރިން ލަޔާލް ބޭނުންކުރަނީ އާދައިގެ ޑިޒައިނެއް ނެތް ދޯޕައްޓާ ހެދުންތަކެކެވެ. އެކަމަކު ޝައުފްގެ އެދުމަށް ބުރުގާ އެޅީން ސުރެ ބޭނުންކުރަން ޖެހެނީ ޝައުފް ހޯދައިދިން ގޮތް ބޮޑު ހެދުންތަކެވެ. ލަޔާލްގެ ކޮންމެ ހަރަކާތެއް ބަލަން ޝައުގުވެރިކަމާއި އެކު ޝައުފ އިނެވެ.
” ކޮންތާކަށް ދާން ތިއުޅެނީ……..” ލަޔާލް ޕާރސް ނެގުންމުން ޝައުފް އަހާލިއެވެ.
” ބައްޕަ ކައިރިއަށް……….ބައްޕަ ހޮސްޕިޓަލުން ދޫކޮއްލި ފަހުން އަދި ނުވެސް ދެކެން …….ދާނަން ދޯ…….” ލަޔާލް މިހެން ޝައުފް ކައިރީ އެހި ނަމަވެސް ރަނގަޅީ ޝައުފް އިންކާރުކޮއްފިއްޔާއެވެ.
” އާން…..” ޝައުފް އަވަސް އަވަހަށް އެނދުން ތެދުވަމުން ބުނެލިއެވެ. ގަމީހުގައިވާ ރޫތަކުގައި އަތުން ފިރުމާލައި ރޫތައް ފޮލެހައިފިއެވެ. ހިނގައިގަންނަމުން ލަޔާލްގެ އަތުގައު ހިފާލުމުން ލަޔާލްއަށް ދެލޯ މަރާލެވުނެވެ. މިއީ ގަދަކަނޑެއްގަ ފެތުން ކަހަލަ ކަމެކެވެ. ޝައުފް އޭނަގެ އަތުގައި ހިފާލުމުން ނޭނގޭ އުދަގުލެއް ވެއެވެ. ކެއްކޮއްލައިގެން ކާރާ ހަމަޔަށް ދެވުނީ ކިރިޔާއެވެ.
ކާރުގެ ފުރަތަމަ ސީޓަށް ދެމީހުންވެސް އަރައި ހަމަޖެހުމުން ޝައުފް ކާރު ދުއްވާލިއެވެ.
” އައްސަލާމް އަލައިކުމް……” ހާޝީމް މެންގޭ ކުރިމައްޗަށް އަރައި ޝައުފް ގޮވާލިއެވެ. ގޭގެ ގެންގުޅޭ މަސައްކަތު މީހާ އައިސް ސަލާމް ބަލައި ގަންނަމުން އތެރެއަށް އައުމަށް އެދުނެވެ. ތަނަވަސް ސިޓން ރޫމްގެ ސޯފާގައި މަޑުކޮއްލުމުން ކުޑަ އިރުކޮޅެއް ތެރޭ ހާޝީމް އަތުވެއްޖެއެވެ. ލަޔާލްއާ ޝައުފް ފެނުމުން ހާޝީމް ހުރީ އުފަލުންނެވެ. ތިންމީހުން ވާހަކަ ދައްކަން ފެށިއެވެ.
ޝައުފްއަށް ފޯނެއް އައިސްގެން ދުރަށް ޖެހިލިއެވެ. އެއީ ލަޔާލް އިންތިޒާރުކުރަމުން ދިޔަ ވަގުތު ކޮޅެކެވެ. ހާޝމްއާ އެކަހެރިކޮން ވާހަކަ ދައްކާލުމުގެ ފުރުސަތު ބޭނުމެވެ.
”’ ބައްޕާ……ޑރ.އާފާލްގެ ފަރުވާއިން އާކިފް ވަރަށް ބޮޑުތަން ރަނގަޅު…….އެކަމަކު ވަރަށް ގިނަ ހުރަސްތަކެއް އަދިވެސް އެބަހުރި………ފުރަތަމަ ކަމަކަށް އާކިފްއާ ބެހޭ އެއްވެސް މައުލޫމާތެއް އަހަރެމެންނަކަށް ނުލިބޭ……..އެ ހޯދޭނެ ގޮތެއްވެސް ނެތް……” ލަޔާލް ބުނެލިއެވެ. ހާޝިމް ބަލާލީ ދުރުގަ ހުރި ޝައުފް އަށެވެ.
” ގޭ މީހުންގެ ރުހުން ހޯދައިގެން ނޫނީ ތިކަހަލަ ބޮޑުކަމެއް ނުކުރެވޭނެ……..ފުރަތަމަ ކަމަކަށް އެމީހުންގެ ރުހުން ހޯދާބަލަ…….އޭރުން ޔަގީނުންވެސް އެމީހުން ދުލުން އާކިފްއާ ބެހޭ ހުރިހައި އެއްޗެއް ކިޔައިދޭނެ……” ހާޝީމް ބުނެލިއެވެ.
” ތިއީ ނުވާނެ ކަމެއް……….އެހެން ނޫންނަމަ އަހަރެން ފުރަތަމަ ކަމަކަށް ކުރާނީ ތިކަން……އެމީހުން ހެވެއް ނޭދޭ އާކިފްއަކަށް……އެމީހުންގެ ދަރިއެއް ނޫން އާކިފްއަކީ……….ކާކުގެ ދަރިއެއް ކަމެއް ނޭނގެ………ކީއްވެކަމެއް އެގޭގަ އެގެންގުޅެނީ…….މިހުރިހައި ސުވާލްތަކެއްގެ ޖަވާބު ބޭނުން……..” ލަޔާލް ބުނެލިއެވެ.
” އެބައޮތް ގޮތެއް…….އަކްމަލް ކައިރިން ހޯދިދާނެ ތިކަންތައް……….އަކްމަލް އަކީ އެމީހުންނާ އެކު އެތައް އހަރުތަކެއް ވަންދެން މަސައްކަތް ކުރި މީހެއް..ކުޑަ މިންވަރެއްވެސް އެނގޭނެ އަކްމަލްއަށް…….ހިނގާދާން އަކްމަލް ކައިރިއަށް……..” ހާޝީމް ތެދުވަމުން ބުނެލިއެވެ. އޭރުވެސް ދުރުގަ ޝައުފް ހުއްޓެވެ.
” ނޫން މިގަޑިއަކު ނޫން………..ޝައުފް ނެތް ގަޑިއެއްގަ އަހަރެން އަންނާނަން……” ލަޔާލް ޝައުފް އަންނަން ފެށުމުން ހުއްޓާލުމަށް އިޝާރަތް ކުރިއެވެ.
” ދާންވީތަ………” ޝައުފް ހުއްޓުމުން ލަޔާލް އަހާލިއެވެ. ” އާން……….ބައްޕަ އެގުޅީ…….ބައްޕާ ދަނީ އިނގޭ……” ޝައުފް ހާޝިމްއާ ސަލާމް ކޮއްލިއެވެ.
ނިދަން އޮތް އިރުވެސް ލަޔާލްއަށް ވިސްނަމުން ދަނީ އާކިފްއާ ދޭތެރޭއެވެ. އާކިފް ދެކިލުމަށް އެހިތް އދެމުން ދިޔައެވެ. ހިތުގެ މައްޗަށް ބާރު ފޯރުވެވޭތޯ ކިތައްމެ މަސައްކަތެއް ކުރި ނަމަވެސް ނާކާމިޔާބު ވާގޮތް ވެއްޖއެވެ. އެންމެ ފަހުން ސިކުނޑިވެސް އެކަމަށް ބާރުއަޅަން ފަށައިފިއެވެ. ލަޔާލްގެ ހަށިގަނޑުގަ އަތުން ހިފަހައްޓާލައިގެން އޮތް ޝައުފްގެ ހޫނު ނޭވާ ލަޔާލްގެ މޫނަށް އެޅެމުން ދިޔައެވެ. ލަޔާލް ޝައުފްއަށް ނުހޭލެވޭނެހާ ސިއްރުން ޝައުފްގެ އަތް ދުރުކޮއްލަމުން ތެދުވެ ހެދުން ރަނގަޅުކޮއްލިއެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް ދޮރުން ބޭރަށް ނުކުމެއްޖެއެވެ.
އާކިފްގެ ކޮޓަރިއާ ދިމާލަށް އަޅާ ކޮންމެ ފިޔަވަޅަކާއި އެކު ލަޔާލްހެ ހިތް ތެޅެމުން ދިޔައެވެ. ފަޑުއަލިކަމެއް މުޅި ގޭތެރެއަށް ވެރިވެފައި ވެއެވެ. މެންދަމުގެ މި ހަމަހިމޭންކަމުގެ ތެރޭގަ ލަޔާލްގެ ފިޔަވަޅު އަޑު ނޫނީ އިވެމުންނެއް ނުދެއެވެ. އާކިފްގެ ކޮޓަރީގެ ތަޅު ހުޅުވާލުމަށްފަހު ކޮޓަރި ތެރެއަށް ހިނގައިގަތީ ދޮރު ހުޅުވާފައި ބަހައްޓައިގެންނެވެ.
ބާލީހުގަ އޮޅުލައިގެން އޮތް އާކިފްގެ މޫނަށް ބަލަހައްޓައިގެން ލަޔާލްއަށް ހުރެވުނެވެ. އެނދުގައި އިށީނުމަށްފަހު އާކިފްގެ ދިގވެފައިވާ އިސްތަށިގަނޑުގަ ފިރުމާލިއެވެ. ތުނބުޅި މަތިމަސް ދިގުވެފައި ވުމުން މީހާގެ ރީތިކަން ވަނީ ގެއްލިފައެވެ. އާކިފްގެ މޫނަށް ބަލަން އިން އިރު މީހަކު ދޮރުމަތިން ހުރަސް ކޮއްލިހެން ހީވިއެވެ. ލަޔާލް އެދިމާލަށް ބަލަން އިރުކޮޅަކު އިނެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހީވާ ހީވުމެއް ކަމަށް ބަލައި އަޅާނުލައި އިނީއެވެ.
ހެނދުނުގެ ހިތްފަސޭހަ ވގުތެކެވެ. އަރައިގެން އައި އިރުގެ ދޯދިތަކުން ރަންއަލިކަމެއް މުޅި ބަގީޗާއަށް ފެތުރިފައި ހުއްޓެވެ. ލަޔާލް އާކިފް ކޮޓަރިން ނުކުމެގެން އަމިއްލަ ކޮޓަރިއަށް ވަތްތަން ސޯފީއަށް ފެނުނެވެ. ސޯފީގެ ހިތުގައި ރުޅިވެރިކަމެއް އުފެދިގެން ދިއުމުގެ އިތުރުން މުޅި ހިތުތެރޭ ނުބައި ޝައްކުތަކެއް އުފެދިގެން ދިޔައެވެ. ސޯފީ ވިސްނަން އިރުކޮޅަކު ހުރުމަށްފަހު ކޮޓަރި ތެރެއަށް ވަނެވެ.
ހެނދުނުގެ ސައި ގަޑިއެވެ. އާދައިގެ މަތިން ގޭގަ ސައިބޯން ފަށަނީ އެންމެން މޭޒުދޮށަށް ހަމަވުމުންނެވެ. އޮފީހަށް ދިއުމަށް ޝާންއާ މާހިރު އަދި ޝައުފް ސައިމޭޒުދޮށަށް އައީ ރަސްމީ ހެދުމުގައެވެ. ސޯފީ ނިދަންލާ ކެފްޓާނީގަ އައިސް އިނެވެ. ފަރީޝާވެސް ސައިބޯން އައިސް އިނެވެ. މަދުވަނީ ލަޔާލް އެކަންޏެވެ. މާހިރު އިރުކޮޅު ކޮޅާ ގަޑިއަށް ބަލާލަނީ ލަސްވާތީކަން ޝައުފްއަށް ޔަގީންވުމުން ލަޔާލްއަށް ގޮވަން ދިއުމަށް ހިނގައިގަތެވެ.
” ޝައުފް ،މަޑުކުރޭ…….ލަޔާލް އަންނަންދެން………ކޮންމެ ދުވަހަކު ސައިގަޑިއަށް ބަލާދާކަށް ނުޖެހޭނެ……..ގަޑިއަށް ފަރުވާތެރިވާން އެއްބަޔަކަށް ދަސްނުވަނީ ކީއްވެކަމެއް ނޭނގެ……….” ސޯފީގެ ރާގުގަ ހުރީ މަލާމާތާ ނުރުހުމެވެ. މިއަދު ހެނދުނު ފެނުނު މަންޒަރުން އަދިވެސް މޫޑް ރަނގަޅު ނުވަނީއެވެ. މާހިރު އަނެއްކާވެސް ގަޑިއަށް ބަލާލިއެވެ. ދެން އިރުކޮޅަކު މަޑުން އިނުމަށްފަހު ތެދުވި ތަނާ ފެނުނީ ލަޔާލް އާ އާކިފް ސިޑިން ފައިބައިގެން އަންނަ ތަނެވެ. މާހިރު އެދިމާލަށް ބަލަން ފެށުމުން އެންމެންނަށް އެކުއެކީގަހެން ބަލާލެވުނެވެ.
ލަޔާލްގެ އަތުގަ ހިފަހައްޓާލައިގެން މަޑުމުން ސިޑިން ފައިބަމުން އަންނަ އާކިފްއަށް ކޮންމެ މީހަކުވެސް ބަލާލެވުނީ ބީރައްޓެހި ނަޒަރަކުންނެވެ. ދުރުހިލޭ މީހަކަށް ބަލާލާ ފަދައިންނެވެ. ހަމަ އެފަދައިން އާކިފްވެސް އެމީހުންނަށް ބަލަމުން ގެންދިޔައީ އެފަދަ ނަޒަރަކުންނެވެ.
” އާކިފް މިގެނައީ އެންމެންނާ އެކު ސައިބޯން…….ރޯސަން އިތުރު ގޮނޑިއެއް ގެނެސްދީބަލަ……….” ލަޔާލް ރޯސަން އަށް ގޮވާލިއެވެ. ރޯސަން ގޮނޑިއެއް ގެނެސް ބެހެއްޓީ ލަޔާލްއާ ޝައުފް އިށީންނަ ގޮނޑީގެ މެދުގައެވެ. އާކިފް އެގޮނޑީގަ ބޭންދުމަށްފަހު ލަޔާލް ގޮނޑީގަ އިށީދެ ހަމަޖެހިލިއެވެ. ސޯފީ ޝައުފްގެ މޫނަށް ބަލާލިއެވެ. ޝައުފްގެ މޫނުމަތިން ފެންނަމުން ދިޔައީ އެހެން ކުލަތަކެވެ. ނުރުހުމާއި ހިތްހަމަ ނުޖެހުމެއް ނެތެވ.
” ދޮންބެ އަހަރެމެންނާއެކު ސައިބޯން އައީތީ އަހަރެން އުފާކުރަން……….ހާދަ ދުވަހެއް ފަހުންނޭ އެފަދަ ފުރުސަތެއް މި ލިބުނީ……..” ޝައުފް އުފާވެފައި މިހެން ބުނެލުމުން ސޯފީގެ ދެބުމަ ގޮށް ޖެހިގެން ދިޔަތަން ލަޔާލްއަށް ފެނުނެވެ. އެކަމަކު ޝައުފްގެ ވާހަކަތަކުން ލަޔާލްގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބިގެން ދިޔައވެ.
” މި ފުރުސަތު ކުރިންވެސް ލިބުނީސް……..ފުރުސަތު ދިން ނަމަ…….” ލަޔާލް ބުނެލިއެވެ. އެއަޑު އެކަކަށްވެސް އިވުނު ކަމަކަށް ނުހެދިއެވެ. ރައްދުގަ އެއްވެސް ޖަވާބެއް ނައެވެ. ސައިބޯން ފެށުމުން އާކިފްއަށް ލަޔާލްގެ އިތުރުން ޝައުފްގެ އެހީތެރިކަން ލިބިގެން ދިޔައެވެ.
” އަހަރެން ދަނީ މިއަދު މާ ލަސްވެއްޖެ……..ޝައުފް ލަސްނުވެ އަންނާތި…………ޝާން ހިނގާދާން………” މާހިރު ތެދުވަމުން ބުނެލިއެވެ. ޝާންއާ މާހިރު ދިއުމުން އާކިފް ކޮޓަރިއަށް ގެންދިއުމަށް ޝައުފް އެހީވެ ދިނެވެ. ލަޔާލް ބޭސްދީ ނިމެންދެން ޝައުފް ކޮޓަރި ތެރެ މަޑުކޮއްލިއެވެ. އާކިފްގެ ހުރިހައި ކަމެއް ނިމުމުން ޝައުފް އޮފީހަށް ދިޔައީ އަށްގަޑިބައިވީ ފަހުންނެވެ.
ލަޔާލް ރީތިވެލައިގެން ނުކުމީ ހާޝީމްމެންގެއަށް ދިއުމަށެވެ. އަކްމަލްވެސް އުޅެނީ އެގޭގަ ކަމުން އަކްމަލް އާ ބައްދަލްކޮއްލުމަށެވެ. ސޯފީގެ ކައިރިން ހުއްދަ ހޯދައިގެން ހާޝީމް ގެއަށް ދިޔަ އިރު ހާޝިމް ސިޓިން ރޫމްގަ ނޫހެއް ކިޔަން އިނެވެ. ލަޔާލް ފެނުމުން ނޫސް ފަތްޖަހާލުމަށްފަހު ކުރިމަތީގަ ހުރި ބިއްލޫރި މޭޒުމަތީ ބޭއްވިއެވެ.
ލަޔާލް އަކްމަލް މެން އުޅޭބަޔަށް ދިޔައިރު ޝިފާނާ އީނަލް ރީތިކުރަން ހުއްޓެވެ. ލަޔާލް ފެނުމުން އީނަލް ދުވެފައި އައިސް ލަޔާލްގެ ގައިގައި އޮޅުލައިގަތެވެ.
” ދޮންތަ ކީއްވެތަ އީއްކޮ ކައިރިއަށް ނާންނަނި………މިހާރު އީއްކޮ ސްކޫލަށް ގެންދަންޖެހެނި މަންމައަށް………” އީނަލް މައުސޫމް ގޮތަކަށް ބުނެލިއެވެ. ލަޔާލް އީނަލްގެ ބޮލުގަ ފިރުމާލިއެވެ. ”’ އީއްކޮ ކައިރިއަށް މިއައީ…..” ލަޔާލް ބުނެލިއެވެ.
” އަކްމަލްއަށް ގޮވާލަ ދީބަލަ………….” ޝިފާނާގެ މޫނަށް ބަލާލަމުން ހާޝިމް އެދުނެވެ. ޝިފާނާ އަކްމަލްގެ ކޮޓަރިއަށް ގޮސް އަކްމަލްއަށް ގޮވާލިއެވެ. ގޭގެ ސިޓިން ރޫމްގަ ނުތިބެންވެގެން އަކްމަލް އައުމުން ހާޝީމް ނުކުތީ ބޭރަށެވެ. އަކްމަލް ކައިރިއަށް އައި ބޭނުން ބުނުމުން އަކްމަލް ބަލާލީ ލަޔާލްގެ މޫނަށެވެ.
” އަހަންނަކަށް ނޭނގެ.،………އެއޮފީހުގައި މަސައްކަތް ކުރިއަސް އަހަރެން އެގެއަށް މަދު ފަހަރަކު ނޫނީ ނުދަން……….” އަކްމަލް ބުނެލިއެވެ.
” ކުޑަ މައުލޫމާތެއް ވިއަސް ހެޔޮ…….ހަނދާންވޭތަ ރަށުގަ އުޅުނު އިރު އަހަރެން އާކިފް ކިޔާ ކުއްޖަކާ ރައްޓެހިވީން…..އޭރު އާކިފް މޮޔައެއް ނޫން…….ދެން ކީއްވެ މިހާރު……..” ލަޔާލް އެހެން ބުނުމުން އަކްމަލްއަށް އެއްޗެއް ހަނދާންވާން ފަދަ ގޮތަކަށް އެމީހުންގެ މޫނަށް ބަލާލިއެވެ.
” އާން……….ކުރިން މޮޔައެއް ނޫން…….އަހަރެން އޭރު އެގެއަށް ދާއިރު ޝައުފްއާ ދެމީހުން ދާނެ ކޮލެޖަށްވެސް……….ފަހުން ނޭނގެ މަށަކަށް ވީ ކިހިނެއްކަމެއް………އާކިފްގެ މަންމަ މަރުވިފަހުން މަށެއް ނުދެކެން އާކިފްއެއް އެގެއަކުން……..އަހަރެން ހީކުރީ އޭނަ ރާއްޖޭގަ ނެތީކަމަށް…………….” އަކްމަލް ބުނެލިއެވެ.
” އާކިފްގެ މަންމައެއް ނޫން ދޯ ސޯފީއަކީ……….އެހެން ވިއްޔާ އެމީހުން އެއީ ކޮންބައެއް؟” ލަޔާލް އަހާލިއެވެ.
” މާހިރު އަކީ އާކިފްގެ ބޮޑުބޭބެ…….އާކިފްގެ ބައްޕަ ސަލީމް މަރުވި އިރު އާކިފް ވަރަށް ކުޑަވާނެ………..އޭރުން ފެށިގެން މާހިރުމެން އެގެއަށް ބަދަލްވީ…….އެގެއަކީ އާކިފްގެ ބައްޕަގެ ގެއެއް……..ވިޔަފާރިއާ މުއްސަނދިކަމަކީ އާކިފްގެ ހައްޤެއް……..އެއީ ސަލީމްގެ މިންނެތް މަސައްކަތުން ހޯދާފައިވާ އެއްޗެހި…….” އަކްމަލް އޭނައަށް އެނގޭ ވަރަކުން ކިޔައިދެމުން ދިޔައެވެ.
” އަހަންނަކަށް މިއަށްވުރެ އިތުރަކަށް އެކައްޗެއްވެސް ނޭނގެ……..” އަކްމަލް ބުނެލިއެވެ.
” ލަޔާލް………..އަހަންނަށް އެނގޭ އާކިފްއަކީ ލަޔާލްގެ ކުރީގެ ލޯބިވެރިޔާކަން………އެކަމަކު ހަނދާންކުރަންޖެހޭނެ ތީ މީހެއްގެ އަތްބެއްކަން……….އެކަހަލަ ނަޒަރަކުން ދެކިގެން ނުވާނެ……..ކޮން ހައިސިއްޔަތަކުން އާކިފްއަށް އަޅާލުމަށް ތިއުޅެނީ……” އަކްމަލް އަހާލިއެވެ. ” އިންސާނިއްޔަތުކަމުން……….އެހެން އެއްވެސް ކަމެއް ނެތް……..” ލަޔާލް އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.
ލަޔާލް އެނބުރި ގެއަށް އަންނަންދެން ވިސްނަމުން ގެންދިޔައީ އަކްމަލް ދެއްކި ވާހަކަތަކާއި މެދުއެވެ. އާކިފްގެ މުދަލުގެ ދަހިވެތިކަމުގަ އެމީހުން އާކިފް މޮޔައިންގެ މަރުކަޒަކަށް ހަވާލް ނުކުރީ ކަންނޭނގެއެވެ. އެކަމަކު އާކިފް ރަނގަޅު ވުމަށް އެމީހުން ނޭދެނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ގޭގައި ޢާކިފްއަކަށް އެއްވެސް ހިމާޔަތެއް ނެތެވެ.
ލަޔާލް ގެއަށް ވަތްއިރު ސޯފީއާ ޑރ.އަންވަރު ވާހަކަ ދައްކަން ތިއްބެވެ. ލަޔާލް ފެނުމުން އެމީހުން ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލުމަށްފަހު ހިމޭނުން ތިއްބެވެ. ލަޔާލް ގޮސް ކޮޓަރިއަށް ވަނުމުން އަނެއްކާވެސް ކުރިން ދައްކަމުން ދިޔަ ވާހަކަތައް ދައްކަން ފެށިއެވެ.
” ސޯފީގެ މޮޔަކަން ތިފެނުނީ…….އެހާ ފަސޭހައިން ލަޔާލްގެ އަތަށް ތަޅުދަނޑި ދިނީ ކީއްވެތަ……..ދެން ކިހިނެއް އަހަރެމެން ހަދާނި……….ފުރަތަމަ ކަމަކަށް ލަޔާލް އެތަނުން ދުރުކުރޭ……..ކޮންމެ ގޮތެއް ހަދާފަވިއަސް ހެޔޮ………..” ޑރ. އަންވަރު ދައްކަމުން ދިޔަ ވާހަކަތައް ލަޔާލްއަށް އަޑުއިވުނެވެ. ކުރީރޭ ފޯނުން ދެއްކި ވާހަކަތަކާ ގުޅުން ހުރި ވާހަކަތަކެއް ކަމުން އެރޭ ފޯނުން ވާހަކަ ދެއްކި ފިރިހެން މީހާއަކީ ޑރ. އަންވަރުކަމަށް ލަޔާލް ނިންމިއެވެ. ” މާހިރު ކޮންމެ ކަމެއްވެސް ލަޔާލްއަށް ދޫކޮއްލަނީ……..އާކިފް ރަނގަޅު ވެއްޖެއްޔާ އަހަރެމެންގެ އަތުން މި މުއްސަދިކަން ގެއްލޭނެ………މިއީ އޭނަގެ ހައްގެއް……އަހަންނަށް ޔަގީން އާކިފް ރަނގަޅު ވާ ދުވަހަކުން އަހަރެމެންނަށް މީގެން ޒައްރެއްވެސް ނުލިބޭނެކަން…….އެހެންވީމަ އަހަރެން ހިތެއް ނޭދޭ އޭނަ ރަނގަޅުވާކަން………ބޭބެ ކޮންމެވެސް ގޮތެއް ހަދާ…….އާކިފް ކުރީގެ ހާލަތައް ގެންދޭ……….އޭނަ އެ މޮޔަކަން މަތީ ހުންނަތަން ދެކެން އަހަރެން މާ ހިތްހަމަ ޖެހޭ………ކާއެތިކޮޅަކަށް ތެޅޭތަން ދެކެން ވަރަށް މަޖާ……..” ސޯފީ ބުނެލިއެވެ ލަޔާލް ގެ ކަންފަތް ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. އެއިން ކޮންމެ ލަފްޒަކުން އޭނަގެ ހިތަށް ފުންމިން ނޭނގޭ ޒަހަމެއް ގެނުވައެވެ.
ފައިސާގެ ދަހިވެތިކަމުގައި މުޅި ދުނިޔެ ހަލާކުވަނީއެވެ. ފައިސާއަކީ އާއިލާތައް ހަލާކުކޮއްލަނީއެވެ. ހުރިހައިވެސް ކަމަކީ އާކިފްގެ މުދާގަނޑެވެ. އެހެން ނޫންނަމަ އެމީހުންގެ ލޯމަތިން އާކިފް ފައްސާލާނެތާ ކިތައްމެ ދުވަހެކެވެ. މީހުންގެ ކުރިމަތީ އޯގާތެރިކަމާ ކުލުނުވެރިކަން ދެއްކިއަސް އެއީ ހަމަ ދެއްކުން ތެރިކަން ނޫނީ އެހެން އެއްޗެއް ނޫނެވެ. އޭގެ ފަހަތުގަ ވަނީ މަކަރާ ހަސަދައާއި އަނިޔާވެރިކަމެވެ. މިއީ ކޮންފަދަ ދުނިޔެއެއް ހެއްޔެވެ؟
އެމީހުން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހާކަށް ލަޔާލްއަކަށް ނުކެރުނެވެ. ކަންފަތުގަ ދެއަތް އަޅައި ހުރިތަނަށް ތިރިވެވުނެވެ. އެސްފިޔަތައް ފޫއަޅުވާލާފައި ކޯތާފަތްމައްޗަށް އޮހިގަތީ ހޫނު ކަރުނަތަކެކެވެ. އެމީހުން ކޮންމެ ފަދަ ކަމެއް ކުރަން ފަހެއް ނުޖެހޭނެއެވެ. ދެން އެމީހުން ރާވާނީ ކޮން ރޭވުމެއް ކަމެއް ލަޔާލްއަކަށް ނޭނގެއެވެ. އެނގޭހާ އެއްޗަކީ އެމީހުން ލަޔާލް އެގެއިން ބޭރުކޮއްލާނެކަމެވެ.
ފަރީޝާ އިނީ ދަތްދޮޅީގަ އަތްވިއްދާލައިގެން ވިސްނުމެއްގެ ތެރޭގައެވެ. ކުރިމަތީ ގޮނޑިއެއްގަ ފާއިޝް ފަރީޝާއަށް ބަލަހައްޓައިގެން އިނެވެ.
” އަހަރެން ލަޔާލް ދުލެއް ނުކުރާނަން……..އޭނަ ކީކޭތަ ހިތަށް އަރަނި……….ނިކަން އުފަލުގަ އެ މުއްސަދިކަމުގަ އުޅެވެނެ ކަމައްތަ………” ފަރީޝާ ދަތްކުނޑި ވިކައިގަތެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދަނީ ރުޅިވެރިކަމެވެ.
” ތި ވާހަކަ ހުއްޓާލަބަލަ……….ލަޔާލް އެހެން ހެދީމަ ފައިދާވެސް މިވީ އަހަރެމެންނަކަށްނު………….ފަރީޝާއަކަށް ނުކެރުން މިއިން ދުވަހަކުވެސް ޝާން ކައިރި ތެދަށް ބުނެގެން ވަރިވާކަށް،……..ހުރިހައި ކަމެއް އެނގުނީމަ ދެން ޝާން ކޮއްދޭނެ ވަރި……..އޭރުން މާ ރަނގަޅޭނު…….އަހަންނަށް ފަރީ މުޅި އުމުރަށްވެސް ލިބުނީ……..އުފަލެއްނޫންތަ…….” ފާއިޝް ބުނެލިއެވެ.
ފަރީޝާ ގެއަށް ވަނުމުގެ ކުރިން ފާއިޝްގެ މޫނަށް ބަލާލިއެވެ. ފާއިޝްގެ ބޮލުން އާއެކޭ ބުނުމުން ގޭތެރެއަށް ހިނގައިގަތެވެ. ސިޓިން ރޫމްގަ ހުޅުވާފައިވާ ކުޑަދޮރުން ޝާން ފެނުމުން ފަރީޝާގެ ހިތް ތެޅިގެން ދިޔައެވެ. ފަރީޝާއަށް ވުރެ ކުރިން އޭނަގެ ވާހަކަތައް ކިޔައިދެނީ ނޫންބާއޭ ހިތަށް އެރިއެވެ. ފުންނޭވާއެއް ދޫކޮއްލަމުން ލޮލަށް ޓިއާރ ސްޕްރޭ ފުޅިން ސްޕްރޭ ކޮއްލިއެވެ. ލޮލުން ނަގައިގެން ދިޔަ ދިލައިން ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގެންފިއެވެ.
” މަންމާ…….” ފަރީޝާ މޫނުގައި އަތް އަޅާލައި ރޮއިގަތެވެ. ސޯފާގަ ވާހަކަ ދައްކަން ތިބި ޝާންއާއި ނަސީމާއަށް ބަލައިލެވުނީ އެކުއެކީއެވެ. ހައިރާންކަމާއި އެކުއެވެ. ” ކިހިނެއްވީ………” ނަސީމާ ދުވެފައި ގޮސް ފަރީޝާގެ ދެކޮނޑުގަ ހިފަހައްޓާލިއެވެ.
” ފަރީޝާ ކޮންތާކުން ތިއައީ……..އަހަރެން މިއައީ ފަރީޝާ ބަލާ……..” ޝާން ބަސްހުއްޓިފަ އިރުކޮޅަކު ހުރުމަށްފަހު ބުނެލިއެވެ.
” ބަލައޭ…….މަށެއް ނުދާނަން……….” ފަރީޝާ އެހެން ބުނުމުން ނަސީމާ އެއްފަހަރު ޝާންގެ މޫނަށް އަނެއްފަހަރު ފަރީޝާގެ މޫނަށް ބަލާލިއެވެ. ” ފަރީޝާ ކީކޭ ތިކިޔަނީ…….ކީއްވެތަ ތި ރޮނީ……….” ނަސީމާ ފަރީޝާގެ އަތުގަ ހިފާ ގެނެސް ސޯފާގައި ބައިންދަމުން ބުނެލިއެވެ.
” ދަރިފުޅާ ދެމަފރިންގެ ދެމެދުގ މައްސަލައެއް ޖެހުނަސް ދެމީހުން ވާހަކަ ދައްކައިގެން ހައްލު ކުރާނި………ތިހެން ބޮޑާ ހާކަން ވާނެތަ……….ވީ ގޮތް ބުނެބަލަ މަންމަ ކައިރީވެސް……………” ނަސީމާ ހުރީ ހާސްވެފައެވެ. ފަރީޝާ ޖައްސަމުން ދިޔަ މޮޅު އެކްޓްގެ ސަބަބުން އޮޅުން އަރާފައެވެ. ” ހައްލު ކުރަން އަހަރެން ކިހާ މަސައްކަތެއް ކޮއްފިން………ނުވި…..އެއްކަމެއްވެސް ނުވި……..ކޮންމެ ކަމަކުންވެސް ލިބެނީ އަނިޔާ………ޝާންއަށް އެނޫން އެއްޗެއް ދެވުނުތަ…….” ފަރީޝާ އެހެން ބުނުމުން ޝާންއަށް ފުންމައިގެން ތެދުވެވުނެވެ. ފަރީޝާ އޭނަގެ ބޮލުގަ އެނޫން ތހުމަތެއް އަޅުވަން ނޭނގުނީ ކަންނޭނގެއެވެ.
” ފަރީޝާ…….”’ ޝާންއަށް ހަޅޭއްލަވައިގަނެވުނެވެ. ” ކޮން ހަޅޭކެއް ލަވާކަށް………..އަހަރެން ގެއަށް އައީ އަހަރެން ގޯސްކޮއްފަ ވާހަކަ ދައްކަން ދޯ……..އަހަރެން ޝާންގެ ހަގީގަތް މަންމަގެ ކުރިމަތީ މިބުނީ…….” ފަރީޝާގެ އަޑު އެއަށްވުރެ ގަދަކޮއްލިއެވެ. ހުޅުވިފައިވާ ކުޑަދޮރު ކައިރީ ހުރި ކަނީރުމާ ގަހެއްގެ ދޮށުގަ ހުރި ފާއިޝްގެ އަތުން ބަރާބަރުކަމަށް ދައްކާލިއެވެ.
” ޝާން………އަހަރެން ހިއެއް ނުކުރަން ތިއީ އަނިޔާކުރާ މީހެއްކަމަކަށް………..އަހަރެމެން ފަރީޝާ ބޮޑުކުރީ ވަރަށް ލޯބިން……..” ނަސީމާ ރޮވިފައި ބުނެލިއެވެ. ކުށެއް ނެތްކަން ސާބިތު ކޮއްދެވޭކަށް ނެތެވެ. ޝާން ހުރީ ފަރީޝާ ބޭވަފާތެރިވީމަވެސް އުޅޭގޮތަށެވެ. ފަރީޝާއަށް ވިސްނައިދީގެން ނަމަވެސް ކައިވެނީގެ ގޮތުން ޖެހި ގޮށް މޮހެނުލާށެވެ.
” އަހަރެން……..” ޝާންގެ ޖުމްލަ މެދުކަނޑާލީ ފަރީޝާއެވެ. ޝާންއަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ދޭކަށް އޭނަ ބޭނުމެއް ނޫނެވެ. ” ހުއްޓާލާ………..އަހަރެން މައިންބަފައިން ކުރިމަތީ ދެން އިތުރަށް ދޮގު ހަދަން ނުހަދާ…………އަހަރެން މިއިން ހާލަށް އަހަރެން ދޫކޮއްލާ………..ޝާން ގެ އަނިޔާވެރި ކިއްލާގަ އަހަރެން ވަރަށް ކެއްކޮއްފިން………..އަހަރެން މިނިވަން ކޮއްދީ……….” ފަރީޝާ އޭނަގެ އެދުން ފާޅުކޮއްލިއެވެ. ޝާންއަށް އެނޫން ގޮތެއް ނެތިގެން އެގެއިން ނުކުތީ ފަރީޝާ މިނިވަން ކޮއްދީފައެވެ. ދުލުން ނުކތް ވަރީގެ ދެ ލަފްޒް ނުކުތް ވަގުތަކީ ޝާންގެ މުޅި ދިރިއުޅުމުގައިވެސް އެންމެ ހިތްދަތި ވަގުތުކޮޅެވެ. ޝާންވީ ލޯތްބާ ވަފާތެރިކަމުގެ އަގަކީ މިއީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


mi vaahaka thankolheh avahah ninmaalan gasthukuran
aa vaahaka eh genes dhenvegen
okay. Avahah up kohdheythee varah bodah thanks! Varah reethi mibaives 🙂
vvv salhi hurihaa prtei vx…..dhn kitha prt eba oitha baakyyy
thn nynaane maa ginae koshe
v.lobi vaahaka eh. . xaahy ge dhen feshey vaahaka ah vx v.inthizaaru kurevey. .
AA VAAHAKA EH FASHAN MIVAAHAKA NIMAALAA IRU AVAS ARUVAALAIGEN MAS HUNI GANDEH HEN NUMODEHCHEY…EHEN NOONEE KAMAKU NUDHAANE…THAFSEEL GENNAN JEHEY THANTHAA THAFSEEL VES GENNAATHI…MIHAARUVES AVAS ARUVAALAIGEN LIYAATHEE VARAH KUH GINA KAN FAAHANGA KUREVEY…EKAMAKU VES VAAHAKA VARAH REETHI
Nice.. waitin for the next part..
Salhi.. avahah update kohlaathi…