ލޯތްބަށްޓަކައި (ފަނަރަވަނަ ބައި)
‘ ކޮންމެވެސް ގޮތެއް ހަދާ…….އާކިފްއަށް އެހީވާން އުޅޭ މީހަކުގެ މަސައްކަތް ހުއްޓުވާ…….އަހަރެމެންގެ ޕްލޭންތައް ފޭލްވެގެން ނުވާނެ…….ހާދަ މަސައްކަތަކުންނޭ މިހިސާބަށް މިއާދެވުނީ………….ދެން ފެނަށް ވެގެން ދާކަށް ބޭނުމެއް ނޫން މިހުރިހައި ރޭވުންތަކެއް………..” އެކޮޅުން ވާހަކަ ދައްކާ ފިރިހެން މީހާ ބުނެލިއެވެ.
” އަހަރެން ބުނެދީފާނަން ދެން ހަދަންވީ ގޮތެއް……….” ލަޔާލްއަސް އެހިސާބަށް އަޑު އިވުނުތަނާ ޝައުފް ގޭތެރެއަށް ވަދެގެން އަންނަތަން ފެނުމުން ފޯން ޖެހުނީ ބާއްވާށެވެ. އެމީހުން ދައްކާ ކޮންމެ ވާހަކައެއް އަޑުއަހަން ލަޔާލް ބޭނުން ވެއެވެ.
” ކާކުގެ ފޯނެއް……؟” ޝައުފް ބަލާލަމުން އަހާލިއެވެ. ” ނޭނގެ….. ނުދައްކާ ވާހަކައެއް…..” ލަޔާލް އޮޅުވާލިއެވެ. ދެމީހުން އެކުގައި ކޮޓަރިއަށް ހިނގައިގަތެވެ. ލަޔާލްގެ ހިތުތެރޭ އެބުރެމުން ދަނީ ދެންމެ އިވުނު ވާހަކަ ތަކެވެ. މިގޭތެރޭގަ މި ހިނގާ ކަންތައްތައް ލަޔާލް ހޯދަން ބޭނުމެވެ. ސޯފީއާ އެމީހަކު ވެގެން ޔަގީނުންވެސް ލަޔާލްގެ މަސައްކަތަށް ހުރަސް އަޅާނެކަން ޔަގީނެވެ. އެކަމަކު އެކަން އެނގިހުރެވެސް އޭނަގެ މަސައްކަތް ފަހަތް ޖައްސާލާކަށް ބޭނުމެއް ނޫނެވެ. ހިތުގަ އުފެދުނީ އިތުރު ޖޯޝެކެވެ. އުއްމީދުތަކަކާއި އާ ހިތްވަރެކެވެ. ކޮންމެ ހުރަހެއް ކުރިމަތި ވިއަސް ޔަގީނުންވެސް ލަޔާލް އެކަން ކާމިޔާބު ކުރާނެއެވެ.
” ލަޔާ…..” ލަޔާލް ސިހިގެން ދިޔައީ ޝައުފް އޭނަގެ ކޮނޑުގައި އަތްބާއްވާލަމުން ގޮވާލީމައެވެ. ”ކޮން ހިޔާލެއްގަ……..އަހަރެން ބުނީ ގަމީހެއް އިސްތިރި ކޮއްދީބަލާށޭ……..” ޝައުފް ބުނެލިއެވެ. ލަޔާލް އަލަމާރި ކައިރިއަށް ހިނގައިގަތެވެ. ތަރުރީބުން ކޮނޑުގައި އަޅުވާފައިވާ ކުލަ ކުލައިގެ ގަމީސްތަކަށް ބަލާލިއެވެ. އެތަނުން ގަދަ މުށިކުލައިގެ ގަމީހެއް ނެގިއެވެ.
” ޝައުފް އޮފީހަށް ދާންޖެހުނީތަ…….” ލަޔާލް އިސްތިރިކުރަން ފަށަމުން އަހާލިއެވެ. ” އާން……ބައްޕަ ބުނުއްވައިގެން މީޓިން އެއް ބާއްވަން ޖެހޭތީ އެކަމަށް ތައްޔާރުވާން…….” ޝައުފް ބުނެލިއެވެ. ޑރ. އާފާލް އަންނަ ގަޑީގަ މިއަދުވެސް ޝައުފްއެއް ނުހުންނާނެކަން ލަޔާލްއަށް ޔަގީންވިއެވެ. އެއީ އޭނަ ބޭނުންވެސް ވާގޮތެވެ.
ޝާން ހުރީ ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މީޓިން ފެށޭ ގަޑިއަށް ކޮންމެހެންވެސް އޮފީހަށް ދާންޖެހޭނެއެވެ، އެކަމަކު ގަމީހެއްވެސް އިސްތިރި ކޮއްފައެއް ނެތެވެ. ފަރީޝާ ގެއަކު ނޫޅެއެވެ. މީގެ ކުރިން ދުވަހަކުވެސް ފަރީޝާ ޝާންއަށް ނޭނގި ގެއިން ބޭރަކަށް ނުދާނެއެވެ. މިފަހަކަށް އައިސް ފަރީޝާ ގޭގަ އުޅޭ ވަގުތުތައް ވަނީ މަދެވެ. ޝާން އަނެއްކާވެސް ފޯނުން ފަރީޝާގެ ފޯނަށް ގުޅާލިއެވެ. ރިންގުވިއަސް ފޯނެއް ނުނަގައެވެ.
ފަރީޝާ ކޮޓަރިއަށް އައިސް ވަނީ ޝާން އިންތިޒާރުގަ ހުއްޓައެވެ.
” ކޮންތާކުން….” ފަރީޝާ ފެނުމުން ރުންކުރުގޮތަކަށް ބުނެލިއެވެ.
” ފިހާރައަށް ގޮސް……..ގަންނަން ދިޔަ އެއްޗެއް ލިބުނީއެއް ނޫން…….” ފަރީޝާ ގޮސް އިށީނީ ޑްރެސިން ޓޭބަލްގެ ކުރިމަތީއެވެ.
” ކޯއްޗެއް ނުލިބިގެން…….” ޝާން އަހާލިއެވެ.
” ސެންޓް…….” ފަރީޝާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
” ހުސްނުވަނީސް ގަންނަނީ ކީއްކުރަން…….ސެންޓް ފުޅި އަދި މެދާ ހަމަޔަށްވެސް ދިޔައީއެއް ނޫން……….” ޝާން ބުނެލިއެވެ.
” މި ކަމަކު ނުދޭ……….މީރުވަހެއްވެސް ނެތް………” ފަރީޝާ ބުނެލިއެވެ.
” އަވަހަށް ގަމީހެއް އިސްތިރިކޮއްލަދީބަލަ….ގަޑި އެބަޖެހޭ…..” ޝާން ގަޑިއަށް ބަލާލިއެވެ.
” އިއްޔެ އިސްތިރިކުރި ގަމީސްކޮބާތަ…….އެލައިގެން ދޭބަލަ…….” ފަރީޝާ ބޯ އޮމާންކޮއްލަމުން ބުނެލިއެވެ.
” އިއްޔެ ހަތަރު ދަމު އެލައިގެން އުޅުނީ…….” ޝާން ބުނެލިއެވެ.
” މިގަޑިއަކު ނުވާނެ…….އެ ގަމީސްގަނޑު ލައިގެން ދޭބަލަ………ވަރަށް ވަރުބަލިވެއްޖެ…….ދެން ކޮންމެ ކޮންމެ ދުވަހަކު އާ ގަމީހެއް ލާންޖެހޭތަ……އޮފީހުގަ ޒުވާން އަންހެން ކުދިން ތިބޭ ވިއްޔަ ދޯ……..އެކުދިންނަށް ވާނެ ފޮނިދެއްކޭތޯ ބަލާލަން…….” ފަރީޝާ ބުނެލިއެވެ. ޝާން ފަރީޝާގެ މޫނުގަ ޖެހިއެވެ .
” ފަރީޝާއެއް ނޫން އިނގޭ މަށަކީ………ފިރިމީހާއަށް ވަގަށް މީހުން ގެންގުޅުނަސް މަށެއް ނޫޅެން ތިވައްތަރަކަށް އުޅޭކަން……..” ޝާން އެބުނި ޖުމްލައިން ފަރީޝާ ސިހިގެން ދިޔައެވެ. ” ކާކު ދައްކާ ވާހަކައެއް ތީ………..އެ ލަޔާލް ދޯ………އޭނައަށް އެނގޭނެ ދޭތެރެ ޖައްސަން…….” ފަރީޝާ ބޭނުންވީ އެކަން ފޮރުވާލާށެވެ. ޝާން ފަރީޝާގެ އަނގަމަތީ ހިފާލިއެވެ.
” ނޫންކަމަށް އެބަހަދައޭ…….ލަޔާލްއެއް ނޫން ބުނީކީ…….އެކަމަކު މަކައިރީވެސް ބުނާނެ މީހުން ވެދާނެ…….ކަޒިންއެކޭ ކިޔައިގެން ތި ގެންގުޅޭ ބިޓު މަށަށް ނޭގޭކަމަށް ހީކުރީތަ……..މަ މަޑުން ހުންނަނީ އެއްޗެއް ނުބުނަން……..ކޯއްޗެއް މިގޭތެރެއިން މަދުވެގެން ތި ދުވަނި……މަ ކައިރީ ބުނި ނަމަ ވަރިކޮއްދިނީސް………އޭރުން ޅަކުއްޖަކު ފަހަތުން ވަގަށް ދުވާކަށް ނުޖެހުނީސް……..” ފަރީޝާ އެނދުމައްޗަށް ކޮއްޕާލަމުން ޝާން ކޮޓަރިން ނުކުމެގެން ހިގައްޖެއެވެ. ފަރީޝާއަށް ވީތަދުން ރޮވުނެވެ. އެހެން ނަމަވެސް ކުޑަވެސް ލަދުވެތިކަމެއް ނެތެވެ. ހިތުގަ އުފެދުނީ ރުޅިވެރިކަމެވެ. ލަޔާލް ޝާންގެ ކައިރީ ހުރިހައި އެއްޗެއް ކިޔައިދިނީކަމަށް ހީކޮށް އެކަމާ ރުޅި އާދެވުނެވެ. ފަރީޝާވެސް ދެން ހަދަންވީ ގޮތް ރާވާލިއެވެ.
ޑރ.އާފާލްގެ އިންތިޒާރުގަ ލަޔާލް ބޭރު ދޮރާށި ކައިރީ މަޑުކޮއްލައިގެން ހުއްޓެވެ. ޑރ.އާފާލް އޭނަގެ ޕްރައިވެޓް ކާރުގައި ދޮރާށި ކައިރިއަށް މަޑުކޮއްލިއެވެ. ޑްރައިވަރު ފޭބުމަށްފަހު އާފާލްއިން ފަޅީގެ ދޮރުފަތް ހުޅުވާލަ ދިނެވެ. އާފާލް ކާރުން ފައިބުމަށްފަހު ލަޔާލްއާއި އެކު ކޮޓަރިއަށް ހިނގައިގަތެވެ.
” އަހަރެން ލިޔެދިން ބޭސް ގަނެފިންތަ………” އާފާލް އަހާލިއެވެ.
”އާން މިއަދު ހެނދުނު ބޭސްވެސް ދީފިން……” ލަޔާލް ބުނެދިނެވެ.
” ވަރަށް ރަނގަޅު……..ލަޔާ ޖެހޭނެ މިކަމުގަ ކެއްތެރިވާން……އެންމެ ދުވަހަކުން އިންޕްރޫވްއެއް ނުފެންނާނެ…….މަސްތަކެއް ނޫނީ އަހަރުތަކެއްވެސް ނަގާފާނެ……….ފަރުވާ ކުޑަ ނުކުރާތި………ގަވައިދުން ބޭސްދޭންވާނެ……..” އާފާލް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ލަޔާލް ކޮޓަރިއަށް ވަދެ ދޮރުލައްޕާލި ވަގުތު އެކޮޓަރިއާ ވީ ދިމާލު ބަގީޗާ ތެރެއިން މީހަކު ހުރަސްކޮއްލިތަން ފެނުނެވެ.
” އާކިފް…..” އާފާލް ގޮސް ކަކޫ ޖަހައި އާކިފްގެ ކުރިމަތީ އިށީންނަމުން ގޮވާލިއެވެ. ” އާކިފް…….ކިހިނެއްތަ…….” އާފާލްގެ ސުވާލަތަކަށް އާކިފްގެ ފަރާތަކުން ޖަވާބެއް ނައެވެ.
” އަހަރެމެން އެބަޖެހޭ އާކިފްގެ ސަމާލްކަން ހޯދަން……..އަހަރެމެންނާ ރަހްމަތްތެރިކަން އުފެދުނީމަ ނޫނީ އާކިފް ވާހަކައެއް ނުދައްކާނެ……” އާފާލް ބުނެލިއެވެ.
” އަހަރެން ހިތަށް އަރާ މުޅިން ނޯމަލް ކޮން ހުރި މީހަކު މިކަހަލަ ހާލަތަކަށް ވެއްޓުނީ ކިހިނެއްބާއޭ……..؟” ލަޔާލް ދެއަތް ބޮނޑިކޮއްލަމުން އަހާލިއެވެ. ” މިޒަމާނުގަ ކޮންމެ ކަމަކަށްވެސް ބޭސްހުރޭ………ނުބައި އިންޖެކްޝަންތައް ޖަހައިގެންވެސް މިކަހަލަ ހާލަތަކަށް ގެނެސްފާނެ………….މިއީ މީހަކު ގަސްތުގަ ކުރިކަމެއް erektilemed.de…………….ބައެއް ފަހަރު ލިބޭ ޝޮކަކުން ނޫނީ ހިތާމައަކުން މެންޓަލް ޑިސްޓްރެސް އެއް އަތުވެދާނެ……….މިވަރެއް ނުވާނެ އެކަމަކު…….” އާފާލްގެ ޖަވާބުން ލަޔާލް ހަނދާނަށް އައީ ފޯންކޯލްގެ މަތިންނެވެ.
ލަޔާލް އެ ވާހަކަތައް އާފާލްއަށް ކިޔައިދިނެވެ. ” މުޅިއަކުން އަޑެއް ނީވުން………އަހަރެމެންނަށް ހުރަސް އަޅާނެ އެމީހަކު ޔަގީނުންވެސް………” ލަޔާލް ބުނެލިއެވެ. ” އެހެންވީއިރު ވަރަށް ހުޝިޔާރު ވާންޖެހޭނެ…….މިގޭ އެއްވެސް މީހަކަށް އަހަރެމެންގެ އެއްވެސް ކަމެއް އެނގިގެން ނުވާނެ…….އެއީ ލަޔާގެ ފިރިމީހާއަށް ވިއަސް………..” އާފާލް ބުނެލިއެވެ. ލަޔާލް ވިސްނާލިއެވެ. ޝައުފްއަށްވިއަސް އެއްކަމެއްވެސް އެނގިގެން ނުވާނެއެވެ. ޝައުފްއަކީވެސް އާކިފްއަކަށް ހެޔޮއެދޭ މީހެއްނޫނެވެ.
އާފާލް ދިއުމުން ލަޔާލް މަޑުކޮއްލީ ބަގީޗާގެ ތެރޭގައެވެ. ގަސްދޮށުގައި ހުރި ރެސްޓިން ޗެއާގައި އިށީދެ ވިސްނާލިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އެހިތުގައި ޝައުފްއަށް ވިންދު ޖެހިއެވެ. ޝައުފް ދެކެ ލޯބިވެސް ވެވުނެވެ. އެކަމަކު މިހާރު އެހިތުގައި އެއްވެސް ކުލުނެއް ނެތެވެ. އާކިފްގެ ނަން ކުޑަ ދުވަސްކޮޅަކަށް ފަޑުވުމަށްފަހު އަނެއްކާވެސް ރަސްކަން ކުރަންފަށައިފިއެވެ.
ފިރިމީހާއަށް ވަފާތެރިވާން ބޭނުންވިއަސް އެކަމެއް ނުވާނެއެވެ. ލަޔާލް ބޭނުންވަނީ ހަމައެކަނި އާކިފްއެވެ. ކޮންމެ ހާލެއްގަ ވިއަސް ވަރިހަމައެވެ. ކިތައްމެ ގިނަ އިރަކު ވިސްނިއެއް ކަމަކު ވަކި ގޮތެއް ނުނިންމެއެވެ. ޝައުފްއާއެކު އުޅެން ބޭނުން ނޫނަސް އުޅެން މަޖުބޫރުވެއްޖއެވެ. ޝައުފްގެ އަތްބެއްގެ ގޮތުގަ ހުރެގެން ނޫނީ އާކިފްއަކަށް އަޅާލެވޭކަށެއް ނެތެވެ. ލަޔާލް ދެލޯ މަރާލިއެވެ. ލޯމަރާލީމަ އެފެންނަ ކަޅު އަނދިރިގަނޑު މާރަނގަޅެވެ. އެއީ ހަމަ ލަޔާލްގެ ހަޔާތެކޭ އެއްފަދަ އެއްޗެކެވެ. އަނދިރިކަމުގެ ތެރެއިން މަގެއް ނުފެނެއެވެ. މަންޒިލެއް ނުފެނެއެވެ.
ލަޔާލްއަށް ވިސްނުމުގެ ތެރެއިން އާދެވުނީ ފޯން ރިންގުވާން ފެށުމުންނެވެ. ލަޔާލް ފޯން ނަގައި ކަންފަތުގަ ޖައްސާލިއެވެ. އެކޮޅުން އަންނަނީ ގިސްލުމުގެ އަޑެވެ.
” އިމްލީ…….” ލަޔާލް ގޮވާލިއެވެ. އެކޮޅުން އަދިވެސް އިވެމުންދަނީ ގިސްލުމުގެ އަޑެވެ.
” ލަޔާ……..އަހަންނަށް މިނޫން ގޮތެއް ނެތް……ހުރހައި އެންމެންވެސް ތިބެނީ ރުޅި އައިސް އަހަރެން ދެކެ…….މަންމަވެސް ބުނެފި މަރުވާނަމަ ކިހާ ރަނގަޅުހޯ…..” އިމްލީ އަނެއްކާވެސް ރޮވެން ފެށިއެވެ.
” އިމްލީ އަދި ހިތްވަރު އެލުވާލާކަށް ނުވާނެ……..އިމްލީއަށް ކުރެވުނު ފާފައިގެ އަދަބު ތިހެން ލިބުނު ކަމުގަ ވިއަސް ކެއްތެރިވުން ނޫނީ ނެތް………..” ލަޔާލް އިމްލީއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
” އަހަރެން ކިހިނެއް ކެއްކުރާނި…..” އިމްލީ ރޯންފެށިއެވެ.
ލަޔާލް އިމްލީ ކައިރޡީ ހުއްޓާލުމަށް ބުނަމުން ދިޔައެވެ.
” ލަޔާލް…………” ފަރީޝާ ގޮވާލި އަޑަށް ލަޔާލް ސިހިގެން ދިޔައެވެ. އިމްލިއަށްވެސް ފަރީޝާގެ އަޑު އިވިގެން ދިޔައެވެ.
” ނިކަން މޮޅުވެފަ ދޯ ތިހުންނަނި…….މަގޭ ފިރިމީހާ ކައިރީ ހުރިހައި އެއްޗެއް ކިޔައިދެވުނީމަ…..މާލަހެއް ނުވެ މަ މިގެއިން ނެރޭނެ………އެދުވަހަކުން އަހަރެންގެ ނުބައިކަން ފެންނާނެ……..” ފަރީޝާ އެހެން ބުނުމުން ލަޔާލް ހައިރާންވިއެވެ.
” އަހަރެން ނުބުނަން އެކަކު ކައިރީގަވެސް…….” ލަޔާލް ބުނެލިއެވެ.
” ތިހެން ބުންޏަސް މަ ނޫޅެން އަޑުއަހާކަށް…………” ފަރީޝާ އެހެން ބުނުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ. ފޯން ކަންފަތުގަ ޖައްސާލަންވެސް ހަނދާންނެތިފަ ލަޔާލްއަށް ބަލަން ހުރެވުނެވެ. ޔަގީނުންވެސް އެއްވެސް މީހެއްގެ ކައިރީ ލަޔާލްއެއް ނުބުނެއެވެ. ވީއިރު ޝާންބެއަށް އެނގުނީ ކިހިނެއްކަމެއް ލަޔާލްއަކަށް ނޭނގެއެވެ.
” ލަޔާ……” އިމްލީ ގޮވާލި އަޑުއިވުމުން ލަޔާލް ފޯން ކަންފަތުގަ ޖައްސާލިއެވެ.
” ސޮރީ އިނގޭ…….” އިމްލީ ބުނެލިއެވެ. ” ކޮންކަމަކު؟” ލަޔާލްއަކަށް އިމްލީ މައާފަށް އެދެންޖެހޭނެ ސަބަބެއް ނުވިސްނުނެއެވެ.
” ލަޔާ ނުބުނާށޭ އެވަރުން ބުނީމަވެސް އަހަރެން ޝާންބެ ކައިރީ ފަރީޝާގެ ވާހަކަ ބުނީ……..ޝާންބެ ގަބޫލުނުކުރީމަ އެއްކަލަ ފޮޓޯގަނޑުވެސް ދެއްކިން…….ފަރީޝާ ކިތައްމެ ރުޅިއަޔަސް އަޅާނުލާތި……އެހެން އުޅޭނެ……އޭނަގެ ހަގީގަތް ގޭމީހުންގެ ލޯމައްޗަށް ގެނެވުނީމަ އަހަރެން އުފާވެއްޖެ……….” އިމްލީގެ ވާހަކަތަކުން ލަޔާލް ހިތް ބިރު ގަންނަންފެށިއެވެ. ހުރިހައި އުދަނގުލެއް ކުރިމަތި ލާންޖެހޭނީ ލަޔާލްއަށެވެ. އިމްލީއަށް ނުވިސްނިދާނެއެވެ.
” އިމްލީ އަހަރެން އިހަށް ބާއްވަނީ އިނގޭ…….މިގަޑީގަ ކަމެއް ކުރަންވެފަ އެބައޮތް………” އިމްލީގެ ފަރާތުން ޖަވާބެއް ނުލިބެނީސް ލަޔާލް ފޯން ބާއްވައިފިއެވެ. ގޮނޑީގެ އަތްގަނޑުގައި ހިފާ ބާރުކޮއްލިއެވެ. ޝައުފްއަށް ހަގީގަތް އެނގޭ ދުވަހަކީ އޭނައަށް މިގޭގަ މަޑުކުރެވޭނެ އެންމެ ފަހު ދުވަސްކަން ޔަގީނެވެ. އެއީ ލަޔާލް ބޭނުންވާ ގޮތެއް ނޫނެވެ. އާކިފް ރަނގަޅުވުމަށްފަހު ހަގީގަތް އެނގުނަސް އެންމެ ރަނގަޅެވެ. ނޭނގުނަސް އެދުވަހަކުން ލަޔާލް އަމިއްލައަށް ޝައުފްއަށް ހަގީގަތް ކިޔައިދޭނެއެވެ.
ލަޔާލް އެފަދަ ވިސްނުން ތަކެއްގައި އެތާގަ އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ޝައުފް އޮފީހުން އެނބުރި އާއިރުވެސް ލަޔާލް އެތާގަ އިނެވެ.
” އަހަރެންގެ އިންތިޒާރުގަ ދޯ……” ޝައުފް ހީލަމުން ބުނެލިއެވެ. ލަޔާލް ވަކި އެއްޗެއް ނުބުނެއެވެ. ގޮނޑިން ތެދުވަމުން ގޭތެރެއަށް ހިނގައިގަތެވެ. ޖެހުނު ވައިރޯޅީއަކުން ލަޔާލްގެ ދޯޕައްޓާ ވަޔާ ގޮސް މާދުރަށް ވެއްޓުނެވެ. ޝައުފް އެ ދޯޕައްޓާ ނަގައިގެން އައިސް ލަޔާލްގެ ފުރަގަހުގަ ހުއްޓި ދޯޕައްޓާ ރޫޅާލިއެވެ. ލަޔާލް ހީކުރީ ފަތްޖަހާލުމަށްފަހު ކަރުގައި އަޅުވާދޭނެކަމަށެވެ. ޝައުފް ދޯޕައްޓާ ގެނެސް އޮޅައިދިނީ ބޮލުގައެވެ. އިސްތަށިގަނޑު ފޮރުވާލަ ދިނެވެ.
” މިހެން މާރީތި……” ޝައުފް ބުނެލިއެވެ. ޝައުފްގެ މޫނުމަތިން އުފާވެރިކަން ބަނބުޅަމުން ދިޔަ ނަމަވެސް ލަޔާލްގެ މޫނުމަތިން ފެންނަމުން ދަނީ ނުތަވަސްކަމެވެ. ގަދަކަމުން ހީލާ ހަދާކަން ބަލާ ކޮންމެ މީހަކަށް ފާހަގަވާނެއެވެ.
” ދެން ބުރުގާ ދޯ އަޅަންވީ……” ލަޔާލް ހިނގައިގަންނަމުން އަހާލިއެވެ. ” އާން…..އޭރުން އަހަރެން އަނބިމީހާގެ ރީތިކަން ހުންނާނީ ފޮރުވިފަ އަހަންނަށް އެކަނި ފެންނަ ގޮތަށް…….” ޝައުފް ލަޔާލްގެ ކޮނޑުގަ އަތްބާއްވާލިއެވެ. ކޮޓަރި ތެރެއަށް ދެމީހުން އެކުގަ ހިނގައިގަތެވެ.
އާދައިގެ މަތިން ކޮންމެ ދުވަހެއްވެސް ފާއިތުވަމުން ދިޔައެވެ. އާކިފްގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވާން ފަށައިފިއެވެ. އަދި ލަޔާލްއާ އާފާލްއާ ވާހަކަ ދައްކާވެސް ހަދައެވެ. ހީވާގޮތުން ލަޔާލްގެ މަސައްކަތުން ކާމީޔާބު ވުމުގެ އައްސޭރިއަކަށް ވާސީލްވާން ކައިރިވެއްޖެއެވެ. މިހާ ތަނަށް ޢާއިރު ލަޔާލްގެ އެއްވެސް މަސައްކަތަކަށް ހުރަސް އަޅާކަން އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ. އެހެން ކަމުން ލަޔާލް އެ ފޯންކޯލްގެ މަތިން ހަނދާންނެތެން ފަށައިފިއެވެ.
ހަވީރުގެ ސައިގަޑިއެވެ. ސައިމޭޒު ދޮށުގަ ގޭއެންމެން ސައިބޯން ތިއްބެވެ. ރޯސަން އެމީހުންގެ ހިދުމަތުގަ ކައިރީގަ ހުއްޓެވެ.
” ލަޔާ………..މިހާރު މަންމައަށް ހީވަނި މާގިނަ ދުވަހު އަރާމް ކުރެވިއްޖެހެން………މަންމއަށް އާކިފްގެ ކޮޓަރީގެ ތަޅުދަނޑި ގެނެސްދީ…….މިއަދުން ފެށިގެން މަންމަ ކުރިއެކޭ އެއްފަދައިން އާކިފްގެ ހުރިހައި ކަމަކާ ހަވާލްވެދާނަން……..” ސޯފީ ބުނެލިއެވެ. ލަޔާލް އިނީ ބަސްހުއްޓިފައެވެ. އޭނަގެ ހިތްވަރުން އާކިފް ވަރަށް ބޮޑުތަން ރަނގަޅުވެއްޖެއެވެ. ދެން އެހެންވީއިރު ސޯފީއާ އާކިފް ހަވާލް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ލޔާލްގެ ކުރި ހުރިހައި މަސައްކަތެއް ފެނަން ވެގެން ދިއުން ނޫނީ އެހެން ގޮތެއް ނުވާނެއެވެ. ސޯފީގެ މަގުސަދަކީ ކޮބައިކަން ލަޔާލްއަށް ރަނގަޅަށްވެސް އެނގެއެވެ.
” ނޫން………..މަންމަ އެކަމުގެ ބުރަ އުފުލާނެ ކަމެއް ނެތް…….އަހަރެން ހުރިހައި ކަމެއްވެސް ބަލަހައްޓާނަން……..ގޭގަ ހުންނަން ވަރަށް ފޫހި…….އާކިފްގެ ކަންތައްތަކާ ހަވާލްވި ފަހުން ދުވަސް ދާގޮތް ވެސް ނޭނގެ…….” ލަޔާލް ބުނެލިއެވެ. ސީދާ ދެކޮޅު ނުހަދާ ބަހަނާތަކެއް ދައްކައިގެން ނަމަވެސް ލަޔާލް ބޭނުންވަނީ ސޯފީއާ އެކަން އަލުން ހަވާލް ނުކުރާށެވެ.
” ސޯފީ……ލަޔާލް ހުރިހައި ކަމެއް ކިހާ ރަނގަޅަކަށް ކުރޭ……..ލަޔާލްއަށް އެކަން ކުރެވެންޏާ އެކަން ދޫކޮއްލާ……..” މާހިރު ބުނެލިއެވެ. ކޮންމެ ފަހަރަކުވެސް ލަޔާލްގެ ކޮޅަށް މާހިރު ހުންނަކަން އެއީވެސް ބޮޑުވަރެކެވެ. މާހިރުގެ ނިންމުމަށް ގޭގެ އެއްވެސް މީހަކަށް ނުރުހުމުގެ ބަހެއް ބުނާކަށް ނުކެރޭނެއެވެ. ސޯފީ މިފަހަރުވެސް ހިތާ ދެކޮޅަށް ޖެހުނީ އެކަމާ އެއްބަސްވާށެވެ.
އާކިފްއަށް ސައި ދިނުމަށްފަހު ލަޔާލް އެކޮޓަރިން ނުކުމެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ލަޔާލްއަށް ފޯން ބާއްވާފައި ދެވުނުކަން އެނގުމުން ލަޔާލް އަނެއްކާވެސް އާކިފްގެ ކޮޓަރިއަށް ދިޔައެވެ. އެކޮޓަރީގެ ތަޅަށް ބަލާލެވުނެވެ. ކުޑައިރުކޮޅެއް ކުރިން ލަޔާލް ކޮޓަރި ތަޅުލިއެވެ. އެކަމަކު މިހާރު ހުރީ ހުޅުވާފައެވެ. ލަޔާލް މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. އާކިފް ހަމަޖެހިގެން އެނދުގައި ނިދާފައި އޮތެވެ. ފަރުވާތެރިކަމާއެކު ލަޔާލް މުޅި ކޮޓަރިއަށް ބަލާލިއެވެ. ސައިޑް ޓޭބަލްމަތީ ބެހެއްޓިފައިވާ ބޭސްތައް އެއްވެސް ތަރުތީބެއް ނެތި އުކާލާފައި ހުއްޓެވެ. ލަޔާލް އަވަސް އަވަހަށް އެދިމާލަށް ހިނގައިގަތެވެ. ކޮންމެ ބޭހެއް ހޮވަމުން މޭޒުމަތީ ބެހެއްޓިއެވެ. އަދި ހުރިހައި ބޭހެއް ހަމަތޯ ބަލާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


V.reethi Mi bai ves. . Thanks Xaahy. .