“އަހަރެންގެ ދަރިފުޅު ކަލޭ ކަހަލަ ނާތަހްޒީބު މުސްކުޅި އެއްވެސް އަގެއްނެތް އަންހެނެއްގެ އަތްދަށުން ސަލާމަތްކުރުމަށްޓަކައި އަހަރެންގެ ހުރި ހަމައެކަނި މާމާ ދަރިފުޅަށް ކޮންމެފަދަ ނިކަމެތި ކަމެއް ދޭން ޖެހުނަސް އެކަމެއް އަހަރެން ކުރާނަން. އެންމެ ފުރަތަމަ އަބަދުވެސް އިސްވާނީ މަގޭ އުފަންދަރި. އެދަރި ނެތިފައި މާމަ ދަރިވެސް ބޭނުމެއްނެތް. މިބުނި އެއްޗެއް އެނގިއްޖެތަ؟ މިޝްކު ހެޔޮހާލުގައި ކައިރީގައި ބަހައްޓަން ބޭނުންވަންޏާ ޝިނާނާއި އިންނަން ދެކޮޅު ހަދާ…. އަދި ބުނަން މިއިން އެއްވެސް ކަމެއް ޝިނާން އަށް އެނގިއްޖެނަމަ އަހަރެންގެ ހުރިވަރެއް އަންގާލާނަން…………”
“މާތްކަލާކޯ… ހަމަ ތެދެއް. ހުންނަ ނުބައިކަން” ޝިނާނަށް އާބަސް ދިނުމުގެ ކުރިން ނޫރާން ބައްދަލުކޮށްފައި ދެއްކި ވާހަކަތައް ޒޯހަލް އަށް ރިމީޝާ ކިޔާދިނެވެ.
“ނޫން. އަހަރެންނަށް ޝިނާން ގެ މަންމަ ގޯހެއް ނޫން. ކޮންމެ މަޔަކު ވެސް އަމިއްލަ ދަރިންނަށްޓަކައި ހުވަފެންތަކެއް ދެކޭނެ ދޯ…. އެހެންނޫނަސް އަހަރެންގެ ހިތެއް ނުބުނޭ އެމީހުންނަށް މިޝްކު އަށް ދެރައެއްދޭން ކެރިދާނެއެކޭ…..” ރިމީޝާ ވާހަކަދެއްކީ ނޫރާން ދިފާއުކޮށްފައެވެ.
“ކޮށްފާނެ. ނުކުރާނެނަމަ އެކަހަލަ ބަސްތަކެއް ދުލަކުން ބޭރެއް ނުކުރާނެ” ޒޯހަލް ބުނެލިއެވެ.
“ޒޯ!! ޕްލީޒް މިކަންތައް ޝިނާނަށް ސިއްރުކޮށްދެއްޗެ. އެހެންނޫނީ މަސްލަހަތު ވަރަށް ގޯސްވާނެ….” ޒޯހަލް އަށް ބަލާލަމުން ރިމީޝާ ބުނެލިއެވެ.
“ދެން މަސްލަހަތު ގޯސްވިޔަސް ކުރާނެ ކަމެއްނެތް…….. ޝިނާން!!!!!!………………..” ޒޯހަލްގެ އެ އަމަލުން ރިމީޝާ ތެޅިގަނެފައި ޒޯހަލްގެ ކަޅި އަމާޒުވެފައި ހުރި ދިމާ ބަލާލިއެވެ. އެވަގުތު ސޯޓުގެ ދެފަރާތު ޖީބަށް އަތްޖަހާލައިގެން އަންނަ ޝިނާން ފެނި ރިމީޝާ ގަނޑުވިއެވެ. ކަންތައްއެވީ އޭނާ އުއްމީދުކުރި ގޮތަކަށް ނޫނެވެ.
“ޝުކުރިއްޔާ ޒޯ…. ވަރަށް ބޮޑަށް ޝުކުރިއްޔާ….” ޒޯހަލް އަށް ބަލާލާފައި ޝިނާން ބުނެލިއެވެ. ރިމީޝާ ޒޯހަލް އާއި ދިމާލަށް ބަލާލިއެވެ. އޭނާގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުން ކުރިން ގެއަށް ވަންއިރު ކުޑަދޮރުތައް ހުޅުވާފައި ހުރި ސަބަބާއި ގޭތެރެއިން ދުވި ސެންޓަވަސް ޝިނާނާއި ގުޅުވާލެވިއްޖެއެވެ. ޒޯހަލް އާއި ޝިނާން ބައިވެރިވެގެން މިފަހަރު ހަމަ ރަނގަޅަށް ވެސް ރިމީޝާ މޮޔަ ހައްދައިފިކަމަށް އޭނާ ގަބޫލުކުރިއެވެ.
“ޝި…..ނާ…..ން!!!” ރިމީޝާ އަށް މަޑުމަޑުން ކިޔާލެވުނެވެެ.
“މަންމައަށް ވިޔަސް ކުށެއް ކުރިއްޔާ ވާނީ ކުށަކަށް. މިފަހަރު އަހަރެން ނުހުއްޓުވާތި….” ޝިނާން ފަހުބަސް އިއްވާލާފައި ދުރުދުރުގައި ފިޔަވަޅު އަޅަމުން ގެއިން ނިކުންނާން ދިޔައެވެ. އޭނާ ހުއްޓުވުމަށް ފަހަތުން ރިމީޝާ ގޮވަމުން އައެވެ. ނަމަވެސް ޝިނާން އިވޭ ކަންފަތަށް ނީވޭ ކަހަލައެވެ.
ދޮރާއި ހަމައަށް ގޮށްސައި ރިމީޝާ ބަލާލީ ޒޯހަލް އާއި ދިމާލަށެވެ. ކަރުނަވީ ލޮލަކުންނެވެ.
“އަހަރެން ދެން ޒޯ އަށް އިތުބާރެއް ނުކުރާނަން…..” ރިމީޝާ ބުނެލިއެވެ.
“ނޫން ރިމީ…. އަހަރެން ކަންތައް މިކުރީ ހަމަ ރިމީ އަށް ރަނގަޅަށް. ޝިނާނަށް ކުރިން ވެސް އެނގިފަ އޮތީ… އޭނާ ބޭނުންވީ ރިމީގެ ދުލުން އެވާހަކަތައް ބުނާ އަޑުއަހަން. އަހަރެން ކައިރީގައި މިގޮތަށް ކަންތައްކުރަން ކިޔަން ފެށުމުން ނޫނެކޭ ބުނަން ނުކެރުނީ….. މާފްކުރޭ….” ޒޯހަލް ކުރިއަށް ޖެހިލަމުން ބުނެލިއެވެ.
“ތިގޮތަށް ކަންތައްކުރީމަ ދެން ނިކުންނާނެ ނަތީޖާ އިން ޒޯ ގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ. ތަކްލީފްތައް ލިބޭނީ މަށަށް. އަހަންނަށް ރަނގަޅީ ޒޯ މިތަނުން ދިޔައިއްޔާ” ރިމީޝާ ބުނެލިއެވެ. ޒޯހަލް ދެރަވިއެވެ. އަވަހަށް އެތަނުން ދާން ބޭނުންވިއެވެ.
“އަހަރެން މިދަނީ… ދިޔުމުގެ ކުރިން ބުނެލާނަން. އަހަރެން މިއނީ ވިހަން ވަރަށް ކައިރިވެފަ. ދެން ބައްދަލްވާނީ ވިހެއުމަށްފަހު ކަންނޭނގެ. މިވަގުތު ރިމީ ހިތްހަމަނުޖެހިފައި ހުއްޓަސް ތީ ވަގުތީ ކަމެއް ކަން އެނގޭ. އަހަރެންނާއި މި ކުޑަ ދަރިފުޅަށްޓަކައި އަބަދުވެސް ހެޔޮ ދުޢާ ކޮށްދޭނެކަން ވެސް އެނގޭ…… ތިކަހަލަ ހިތްހެޔޮ އެކުވެރިއެއް ދެން އެހެން މީހެއްގެ ހުރި ކަމެއްވެސް ނޭނގޭ… ރިމީގެ ހިތް ހަމައަކަށް އެޅުނީމަ މަށަށް ގުޅައްޗެ. އެކޯލަށް އަހަރެން އިންތިޒާރުކުރާނަން. ދެން ދަނީ… އަދި އެއްފަހަރު ސޮރީ….” ރިމީޝާގެ ކޮނޑުމަތީގައި އޮތް ޒޯހަލް ގެ އަތް ފޮޅުވާލިއެވެ. ޒޯހަލް އަވަހަށް ނިކުމެގެން ދިޔައެވެ. ހަގީގަތުގައި ވެސް ރިމީޝާ ހުރީ ޒޯހަލް ދެކެ ވަރަށް ހިތްހަމަނުޖެހިފައެވެ. މިއަދު ޝިނާން އާއި އޭނާގެ މަންމަ އާއި ދެމެދު ބޮޑު ހަމަނުޖެހުމެއް ނުހިނގާނެ ގޮތެއް އެއީ ނެތް ގޮތެކެވެ. އެއީ އެއްގޮތަކަށް ވެސް ރިމީޝާ ބޭނުންވާ ގޮތެއް ނޫނެވެ. މިހާރު ވެސް އެމީހުން ރިމީޝާ އަށް ކުރާ ނަފްރަތު ކުޑައީކީ ނޫނެވެ. އެވަރު އެންމެ ގާތް އެކުވެރިޔާ އަށް ނުވިސްނުނީތީ ރިމީޝާ ދެރަވެއްޖެއެވެ.
************************************
ގެއަށް ވަދެގެން ދިޔަ ޝިނާނަށް ސިޓިންގްރޫމް ސޯފާގައި ކޮފީބޯން އިން ނޯޔާ ފެނުމުން ދަތްކުނޑި ވިކައިގަތެވެ. ފުންމައިގެން އެދިމާލަށް ގޮސް އެންމެ ފުރަތަމަ ވެސް ނުވިސްނާ އިން ނޯޔާގެ އަތުގައި ހިފިއެވެ. އެވަގުތު ނޯޔާ ސިހިގެން ދިޔައެވެ. ހިފައިގެން އިން ކޮފީތަށިން ވެސް ލައިގެން އިން ހެދުމަށް އެއްބައި ބަންޑުންވިއެވެ. ހުނުމުގެ އަޑު ހިފާލާފައި ހުރި ގޭތެރެއިން އެއްވެސް އަޑެއްބަޑެއް ނީވުމުން ބަދިގޭގައި މަސައްކަތެއް ކުރަން ހުރި ނޫރާން ވެސް ނިކުމެ ބޭރު ބަލާލިއެވެ.
“ބުނަން. މީ އަހަރެންގެ އަމިއްލަ ގެއެއް. މިގެއަށް ހިނގާނީ އަހަރެންގެ ބާރު. ހަމަ މިހާރު ނިކުމޭ…. މިބުނީނު ނިކުންނާށޭ…” ރުޅިއައިސްގެން ތުރުތުރު އަޅަމުން ދިޔަ ޝިނާން ފެނި މިފަހަރު ނޯޔާ ގަތީ ބިރެވެ. އެހެންކަމުން ޝިނާން ހިފި ތަނުގައި ހިފާލައިގެން ހުރެ ނިކުންނަން ދިޔަ ނޯޔާ ހުރީ ރޮވިފައެވެ. ކައިރީގައި ތިބި ނިބްރާސް އާއި ނޫރުލްހުދާ ވެސް ތިބީ އެވަގުތަށް ޝިނާން ދެކެ ޖެހިލުންވެފައެވެ.
“ކިހިނެއްވެގެން ތިއުޅެނީ… މަޑުކުރޭ ނޯޔާ!” ނޫރާން ތަނުގެ ހިމޭންކަން ކަނޑުވާލަމުން ލިފްޓް ކައިރީގައި ކޮޅަށް ހުރި ނޯޔާ އަށް ގޮވާލިއެވެ. ނަމަވެސް ލިފްޓް އައުމާއެކު ނޯޔާ ބަލާވެސްނުލާ ދިޔައީއެވެ.
“އަޅެ މަންމާ!! މީނަ އެއައީ އެއްޗެއް ބޮއެގެން ކަންނޭނގެ…. ޔަގީން އެ ރިމީޝާއަކު މިހިރީ ރަނގަޅު އެއްޗެއް ބޯންދީފަ” ނިބްރާސްގެ އަޑުން ޝިނާން އެދިމާލަށް ބަލާލިއެވެ. ޝިނާންގެ މޫނުގެ ކުލަވަރު ފެނުމާއެކު ނިބްރާސް ގެ ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައެވެ. އަވަހަށް ނޫރާންގެ ފުރަގަހަށް ވަނެވެ. އައި ރުޅީގައި ޝިނާން ޓީވީ ރެކްމަތީގައި ބަހައްޓާފައި ހުރި ބިއްލޫރި ވާރސް އަތުން ޖަހާ ބުރުވާލިއެވެ. އޭގައި ހުރި މާތަށް ދިމަދިމާލަށް ބުރައިގެން ދިޔުމުން އެމާތަކުގައި ވެސް ޝިނާން ފައިންތަޅަމުން ދިޔައެވެ.
“ޝިނާން!!! ކިހިނެއްވެގެން މޮޔަވެގެން ތިއުޅެނީ… އާނ އެނގިއްޖެ….. ރިމީޝާ ބުނީ ދޯ ގޮސް ތިމާގެ އެއްގޮހޮރުން އުފަންވި ދައްތަމެންނާ މެދު ހިތުހުރި ގޮތަކަށް ކަންތައްކުރަން” މިފަހަރު ނޫރާންގެ އަޑު ބާރުވިއެވެ. ނޫރާނަށް ޝިނާން ބަލާލީ އަލިފާން ކަހަލަ ބެލުމަކުންނެވެ. ނޫރާނަށް އެއްޗެއް ނުބުނަން ޝިނާން އަތުން ބާރުލާ ޖެހީ އެއްފަރާތުގައި ހުރި ފާރުގައެވެ.ކެތްކުރެވޭ އެންމެ މަތީ ދަރަޖައަކަށް އޭނާ ދިޔައީ ކެތްކުރަމުންނެވެ.
“މަންމާ!!! ފުލުހުންނަށް ގުޅާ. އަޅުގަނޑުމެން މިހާރު ބިރުގަންނަން ފަށައިފި. ހަމަ ރަނގަޅަށް ވެސް އޭނާ ބޮލަށް އެހެރީ ރިމީޝާ ހަންޑި ސަވާރުވެފަ” ނިބްރާސް އާއި ނޫރުލް ހުދާ ތިބީ ނޫރާންގެ ދެފަރާތުން ހިފައިގަނެގެންނެވެ. ނިބްރާސްގެ ވިހަގަދަ ޖުމްލަ އިން ޝިނާންގެ އެތެރެހަށީގައި ހިފާފައިވާ އަލިފާންގަނޑަށް ޕެޓްރޯލް އެޅި ކަހަލައެވެ. ނިބްރާސް އާއި ދިމާލަށް ފުންމައިގެން އައި ގޮތަށް ޝަހާދަތް އިނގިލި ނިބްރާސްގެ ނިތްކުރީގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބަށް ގެނެއްސައި މަޑުޖައްސާލިއެވެ.
“ރިމީޝާ އާއި ބެހޭ ގޮތުން ދެންމެ އެންމެ ލަފްޒެއް ބުންޏަސް ހަމަ ތެދެއް މިބުނީ. ހަނދާން ނައްތާލާނަން ތީ މަގޭ އެއްބަނޑުއެއްބަފާ ދެ ދައްތަކަން” ދަތްކުނޑި ވިކާލަމުން ޝިނާން ބުނެލިއެވެ. ނޫރާން އައި ރުޅިން ޝިނާންގެ ކޯތާފަތްމަތީގައި ޖަހަން އަތް މަޅާލިއެވެ. ނަމަވެސް ޝިނާން ރެކިގަތެވެ.
“ސާބަސް ކަލެއަށް. އެ އަންހެނާއަކާއި ޖެހުނު ފަހުން ޝިނާނަށް އެބަ އެނގޭތަ ދުނިޔެއެއްކަން އާޚިރަތެއްކަން” ނޫރާން ގޭތެރޭގައި އަޑުލަން ފެށިއެވެ.
“ރިމީޝާ ރިމީޝާ ރިމީޝާ…. ބަލަ ކަލޭމެންގެ ދެ އަންހެނުންނަށް އޭނާ ކޮން ދެރައެއް ދިނީ. ކީއްވެތަ އެންމެން އޭނާ ކައިފަ ހޮޑަށް ތިވައްޓާލަނީ. ބަލަ ރިމީޝާ އެއް ނޫނޭ މަގޭ ފަހަތުން ދުވަނީ. މަށޭ މިއުޅެނީ އޭނަގެ ފަހަތުން. މަށޭ ލޯބިވަނީ ރިމީޝާ ދެކެ. މަގޭ ދަރިގެ މަންމައޭ އެއީ…… އަހަރެން އަމިއްލަ ނަފްސަށް ވުރެ ވެސް ބޮޑަށް ރިމީޝާ ދެކެ ލޯބިވަން. އަހަރެން އިންނާނީ ރިމީޝާ އާއި. ނޫންނަމަ އެކަނިވެރިކަމުގައި މުޅި އުމުރު ހޭދަކުރަން ޖެހުނަސް މައްސަލައެއްނެތް” ޝިނާން އަޑު ހަރުކޮށް އޭނާގެ ދެ ދައްތަ އާއި ދިމާލަށް ބުނަމުން ދިޔައެވެ. ނޫރާންގެ އެއްވެސް ވާހަކައަކަށް އޭނާ ރައްދެއް ނުދޭއެވެ. މަންމައަށް ވީތީއެވެ.
“ހަނދާންކުރާތި އެއްވާހަކަ. ރިމީޝާ ހުންނާނީ މިތާ. މިގޭގަ. އެކަމާއި ބަނޑަށް އުނދަގުވެ ހޮޑުލަވާ މީހުން އައި ތަނަކަށް އަވަހަށް ފުރައިގެން ދާންވީ. ދުވަހަކު ވެސް ކަލޭމެންނަށް އުނދަގުކުރަން އޭނައެއް ނުދާނެ” އިނގިލިން ފުށްޓައްކެއް ޖަހާލަމުން ނިބްރާސް އާއި ދިމާލަށް ޝިނާން ބުނެލިއެވެ.
“އަދި ބުނެފިއެއްނު މިޝްކުގެ މަންމައޭ. އޮޅުނީތަ؟ ނޫނީ ހަނދާންނެތުނީތަ؟ އެހެންވިއްޔާ ހަނދާންކޮށްދީފާނަން. މިޝްކުގެ އުފަން މަންމަ އަކީ ނޯޔާ. މިޝްކު މިދުނިޔެއަށް އުފަންކުރީ ނޯޔާ. ނުވަމަހާއި ނުވަ ދުވަހު ބަނޑަށް މިޝްކު ލައިގެން އެތައް ވޭނަކާއި ބުރައެއް އުފުލީ ހަމައެކަނި އެ ނޯޔާ…. މިދޭތެރެއަށް ރިމީޝާ ކިޔާ ކުނިގަނޑެއް ވެއްދީ ކަލޭ” ނޫރާން ކުރިއަށް ޖެހިލާ ޝިނާނާއި ދިމާލަށް ކިޔަމުން ދިޔައެވެ.
“ހުއްޓާލާ މަންމާ!!!” ޝިނާން އޭނާގެ މަންމަގެ މޫނު މައްޗަށް އަތް ހުރަސްކޮށްލިއެވެ. ނޫރާން ވެސް ދިޔައީ ސިހިގެންނެވެ. ގަބޫލުނުކުރެވި ޝިނާނަށް ބަލަހައްޓައިގެން ނޫރާން އިރުކޮޅަކު ހުއްޓެވެ.
“އަޅުގަނޑު ވަރަށް ކެތްއެބަކުރަން. ތީ އަޅުގަނޑުގެ މަންމައަށް ވީތީ. ތިބުނި ގޮތަށް އަޅުގަނޑު ތި މަންމަގެ ބަނޑަށް ލައިގެން ނުވަމަހާއިނުވަ ދުވަހު ގެންގުޅުނީ ތިމަންމަ. މަންމަ ނުކައި ވެސް އަޅުގަނޑު ބަނޑު ފުރާދިން. ތިމަންމަގެ ރޭގަނޑުގެ ނިދި ނަގާލާފައި ރެއާއި ދުވާލު އަޅުގަނޑަށް ހޭހަން ކޮށްދިން. އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑު އަތުގައި މަދިރިއެއް ހެފި ދުވަހު މަންމަ އެ މަދިރި ހޯދަން މަގުމައްޗަށް އިލޮށިފަތި ހިފައިގެން ނިކުތް ދުވަސް. އެހާ ވެސް މަންމަ އަޅުގަނޑުދެކެ ލޯބިވޭ. ވީއިރު މިއަދު ކޮބާ އެލޯބި؟ އަޅުގަނޑުގެ ހުރި ހަމައެކަނި ދަރިއަކީ ކިޑްނީ ބަލި ހުންނަ ބަލި ކުއްޖެއް. އަދި ކިރިޔާ އެކުއްޖާ އަށް އުޅެވޭ ވަރުވާން އެފެށީ…. މިއަދު ކަންނޭނގެ މާދަން ކަންނޭނގެ އަނެއްކާ އެކުއްޖާ އެބަލީގެ ވޭން ތަހައްމަލް ކުރަން ފަށާނީ. ދުނިޔެއަށް އެކުއްޖާ އުފަންވީ އިރު ވެސް އެއް ކިޑްނީ އިނީ ދުޅަވެފައި. ޑޮކްޓަރުން ވެސް އުއްމީދު ކަނޑާލާފައި ވަނިކޮށް އެދަރިފުޅު މާތްﷲ އަޅުގަނޑަށް ދެއްވީ…. އެހެންމީހުން ކައިއުޅޭ އެއްޗެހި އެކުއްޖާ އަށް ނުކެވޭ…. އެހެން ކުދިންފަދައިން ހެލިފެލިވެ ނޫޅެވޭ…. ހިތްއެދޭވަރަށް އެކުއްޖާ އަށް ދުވެ ސަކަރާތްޖަހާ ކުޅެލާ ނެހެދޭ…. އަދި ކިރިޔާ އެކުއްޖާ މަޑުމަޑުން ރަނގަޅުވަމުން އެ އަންނަނީ….. އެހުރިހާ ކަމެއް މަންމަ އަށް އިނގޭ…..ވީއރު އެކުއްޖާ ދެކެ މަންމަ ކީއްވެ ލޯބިނުވަނީ. އަޅުގަނޑު މިގޮތަށް މަޑުން ހުއްޓަސް ފަރުދާގެ ފުރަގަހުގައި މަންމަ ކުޅުނު ހުރިހާ ޑްރާމާއެއް އަޅުގަނޑަށް އެނގޭ…. އެއްޗެއް ބުނަން ބޭނުންނުވަނީ ‘މަންމަ’ އެ މާތް ލަފްޒުގެ އަގުވައްޓާލަން ބޭނުންނުވާތީ…. އެކަމަކު އަޅުގަނޑަކީ މި އާއިލާގެ ހުރި ހަމައެކަނި ފިރިހެންކުއްޖާ އަށް ވީއިރު މިގޭ އެކަކުވެސް އަޅުގަނޑުދެކެ ލޯތްބެއްނުވޭ. ހިތަށް އަރާ މިއަދު އަޅުގަނޑުގެ ބައްޕަ ދުނިޔޭގައި ހުރި ނަމައޭ….” ޖަޒުބާތީ ވެވުނު ވަރުން ޝިނާންގެ ދެލޮލުން ކަރުނަ ހިލުނެވެ. ނޫރާންގެ އަނގަބަންދުވެފައި ހުއްޓެވެ. ޝިނާން ރޯތަން ފެނުމުން އިންތިހާއަށް އެހިތުގައި ރިއްސާލިއެވެ. ނަމަވެސް ރިމީޝާ އާއި ރުހެން ފަހުވަގުތުގައި ވެސް ނޫރާން ބޭނުމެއްނުވިއެވެ.
“ތިހެން ނުބުނޭ މަންމަގެ ދަރިފުޅާ! ދަރިފުޅު ދެކެ މަންމަ ލޯބި ވާވަރަށް އެއްވެސް އިންސާނަކަށް ނުވެވޭނެ. އެކަން މިބޮޑު ދުނިޔެ ވެސް ހެކިވާނެ” ނޫރާންގެ ވާހަކަދެއްކުމުގެ އަޑާއި ރާގު އެއްކޮށް ބަދަލުވިއެވެ.
“ހުސްދޮގު. އަޅުގަނޑުދެކެ މަންމަ ތިބުނާ މިންވަރަށް ލޯބިވާނަމަ އަޅުގަނޑު ލޯބިކުރާ ކޮންމެ އެއްޗަކަށް މަންމަ ވެސް ލޯބިކުރާނެ. ކަމެއް ވާއިރަށް ހުރި ހަމައެކަނި މާމަދަރި އަށް ދެރައެއްދޭން ނުވިސްނާނެ” ހިނދުކޮޅަކަށް ޝިނާން ވެސް މައިތިރިވިއެވެ.
“މަންމަ އަބަދުވެސް ދަރިފުޅު ދެކެ ލޯބިވަން. ކޮންމަޔަކު އެމީހެއްގެ ދަރިން ދެކެ ރުޅިއަންނާނީ… އެކަމަކު ރިމީޝާ އާއި އިންނަން މަންމަ އަށް އެއްބަސް ނުވެވޭނެ. އެއީ މިޝްކުގެ މަންމަ އަށް ނޫންވީމަ. ނޯޔާ ހުރިހާ ގޮތަކުން ވެސް ރަނގަޅީ…. ދަރިފުޅު ރަނގަޅަށް ވިސްނާލަބަލަ…..” ސޯފާގޮނޑި ކައިރީގައި ތިރީގައި އިށީނދެގެން އިން ޝިނާންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނޫރާން ބުނެލިއެވެ. ޝިނާން ކުއްލިއަކަށް ނޫރާންގެ އަތް ދުރަށް ފޮޅުވާލިއެވެ. އެއަށްފަހު އިންތަނުން ތެދުވިއެވެ.
“މިޝްކުގެ މަންމައަކީ ރިމީޝާ. އެހަގީގަތް މަންމައަކަށް ވެސް ބަދަލެއް ނުކުރެވޭނެ. ބަލަ މަންމައަކަށް ވަނީ ކުއްޖަކު ބަނޑަށް ލައިގެން އުޅެފަ މިދުނިޔެއަށް އުފަންކުރުމަކުން ނޫނޭ…. އެދަރިފުޅަށް ލޯބިދީ ހެޔޮލަފާ ތަރުބިއްޔަތެއްދީ ދުނިޔޭގައި އުޅެން ދަސްކޮށްދިން އަންހެނަކަށް ވެސް މަންމަ ކިއިދާނެ. އެފަދަ އަންހެނުންނަކީ ރިމީޝާ ކަހަލަ މާތް އަންހެނުން. މަންމަ ހަނދާންނެތުނީތަ؟ ނޫނީ ތި ނޯޔާގެ އަވައިގާ ޖެހިގެން ގަސްދުގައި ހަނދާންނައްތާލީތަ؟ އަހަރެންގެ ދަރިފުޅު މިދުނިޔެއަށް އުފަންކުރުމަށްފަހު އެދަރިފުޅަށް ގާތުން ކިރުފޮދު ދޭން ވެސް ތިބުނާ ނޯޔާ ދެކޮޅުހެދީ. އެންމެފަހަށް އޭނާ އެދަރިފުޅުގެ ބަނޑުހައިހޫނުކަން ފިލުވައިދިނީ ތަނަށް ފުލުހުން ގެނައިމަ. އޭގެފަހުން މިޝްކު ގެއަށް ގެންގޮސް އެ ކުށެއްނެތް މައުސޫމް ކުޑަ ދަރިފުޅު ކޮންފަދަ ނިކަމެތި ހާލެއްގަ ގެންގުޅުނީ. އޭރު އަޅުގަނޑުގެ އަންބެއްގެ މަގާމުގައި ރިމީޝާ އިންކަން އެއީ އެދަރިފުޅުގެ ލެއްވި ނަސީބެއް. މިޝްކުގެ އުމުރުން ހަތްމަސް ވަންދެން ތިބުނާ ނޯޔާ އެކުއްޖާ އަށް ގާތުން ދިނީ އަހަރެން މަހަކު ފަނަރަހާސް ރުފިޔާ ދިނީމަ. އޭގެފަހުން އަހަރެން ކައިރިން ގަދަކަމުން ވަރިވެގެން އޭނާ ރައްކާވީ… އެފަދަ އަންހެނަކަށް އަމައެކޭ ކިޔާނެތަ؟ ބުނެބަލަ މިޝްކުގެ މަންމައަކީ އޭނާ ނުވަމަހާއި ނުވަދުވަހު ބަނޑަށް ލައިގެން އުޅެފައި މިދުނިޔެއަށް އުފަންކޮށް އެދަރިފުޅަށް ނިކަމެތި ހާލުޖައްސާ އެދަރިފުޅު ހައިހޫނުކަމުގައި ރޯލަރޯލާ އޮތްއިރު ސިނަމާތަކުން ފިލްމުބަލަން ދުވި މީހާތަ ނޫނީ ދޮންމަންމައަކަށްވެ ހުރެ އެކުއްޖާގެ ހުރިހާ ޒިއްމާއެއް ނަގާ އެކުއްޖާ އަށް ދަޅުން ބޯންދީ އެކުއްޖާ އަށް ސީދަލަށް ފިޔަވަޅު އަޅަން ދަސްކޮށްދީ އެއީ ބަލިކުއްޖެއްކަން އެނގުނީމަ ވެސް އެކުއްޖާ އަށް ދެމުން އައި ލޯތްބަށް ކުޑަވެސް ބަދަލެއް ނުގެނައި އަމިއްލަ ދަރިފުޅު ނިމިގެން ދިޔަ ހިތާމަ ނުފިލާ އިން އަންހެނާތަ؟ ބުނެބަލަ؟ ތީވެސް މަންމައެއްނު ޖަވާބުދީބަލަ؟ އެންމެފުރަތަމަ ދަޅުން އަހަރެންގެ ދަރިފުޅަށް ދިން ދުވަހު އެކުއްޖާ ނުބޮއެގެން ބަނޑުހައިވެ ކެތްނުވެގެން ރޮއެމަންޒަރު އަހަރެންނަށް މިހާރުވެސް ފެންނަ ކަހަލަ. އެދުވަހު އަޅުގަނޑު ހާދަ ދެރައެއްވިއޭ. ހިތްފަޅައިގެން ނުގޮސް މަރުނުވީ ކިރިޔާ…. އެވަގުތުގައި ވެސް އަޅުގަނޑުގެ ދެމައިންނަށް އެހީތެރިވީ ހަމައެކަނި ރިމީޝާ. ފަހުން އަމިއްލަ އަށް އެދިގެން އަޅުގަނޑު ކައިރިން ވަރިވިޔަސް އޭރުވެސް މިހާރުވެސް އަޅުގަނޑު ހަމައެކަނި ލޯބިވަނީ ރިމީޝާދެކެ. މަންމަ ގަބޫލަސް ގަބޫލު ނޫނަސް ރިމީޝާގެ ފަރާތުން އާބަސް ލިބުމާއެކު އަޅުގަނޑު ރިމީޝާ އާއި އިންނާނަން” މިފަހަރު ހަމަރަނގަޅަށް ވެސް ޝިނާން އަށް ރޮވުނެވެ. ނޫރާން ވެސް ހުރީ ބަސް ހުއްޓިފައެވެ.
“އަޅުގަނޑު މީ ފިރިހެނަކަށް ވެފައި މިހުރިހާ ކަމެއް އަޅުގަނޑުގެ ދުލުން މަންމަ ކައިރީގައި ކިޔަން ޖެހުނީމާ ދެރަވެއްޖެ” ޝިނާން އަދިވެސް ރޮމުން ދިޔައެވެ. ނޫރާން އިސްޖަހާލިއެވެ.
“ދެން ތިބުނަނީ އަޅުގަނޑަކީ ކިޔަމަންތެރި ދަރިއެއް ނޫނޭ. ލޯބިނުވާއިރު ވެސް މަންމަ ބުނި ބުނުމަކަށް އަޅުގަނޑު ނޯޔާ އާއި ކައިވެނި ކުރީ. އެކަމަށް މަންމަ އެދުނީ އެންމެފަހަރަކު. އޭރުގަ ބައްޕަ އެކަމުން އަޅުގަނޑު ސަލާމަތްކުރަން ކިތަންމެހާ ވެސް މަސައްކަތްކުރި. އެކަމަކު މަންމަގެ ހިތުގައި ނުޖައްސަންވެގެން އަޅުގަނޑު ނޯޔާ އާއި ކައިވެނި ކުރީ. އެކަމަކު ނަތީޖާ މިނިކުތީ ކިހިނެއް؟ ދޮންތަ އާއި ކުޑޫ މިހާ ދުވަސް ވަންދެން މީހަކާއި ނީނދެ އެ ހުންނަނީ މަންމަ އެދެމީހުންނަށް ހޯދާފައި ތިބި މީހުންނާއި ކައިވެނި ނުކުރަން ވެގެން. ވީއިރު މަންމަ ބުނެބަލަ؟ އަޅުގަނޑުތަ ނޫނީ ދޮންތަ އާއި ކުޑޫތަ މަންމަގެ ބަސްގަބޫލު ނުކުރީ؟” ޝިނާން މަޑުމޮޅިވެފައިވީ އަޑަކުން ވާހަކަދައްކަމުން ދިޔައެވެ.
ނިބްރާސް އާއި ނޫރުލްހުދާ އަނގަ ހަދާލައިގެން ޝިނާނަށް ދެލޯ އަޅާލައިގެން ތިއްބެވެ. ޝިނާންގެ ވާހަކަތަކުން ނޫރާންގެ ނަފްސަށް ވަނީ ފުންމިން ނޭނގޭ ހިމޭންކަމެއް ވެރިވެފައެވެ. ދެލޯ ފޮހެމުން ޝިނާން ގެއިން ނިކުމެގެން ދިޔައިރު ވެސް އިތުރު މީހަކު ބަހެއް ނުކިޔައެވެ.
**********************************************
ކަންތައްތަކަށް އެދި އިންތިޒާރުކުރާ މީހުންނަށް ދުވަސް ދިގުކުރުވަމުން އަދި އުފަލާއި މަޖަލުގައި ހޭދަކުރާ މީހުންނަށް ދުވަސް ކުރުކުރުވަމުން ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދޭއެވެ. މިޝްކު އަށް ވާހަކަފޮތެއް ކިޔާދިނުމަށް ސިޓިންގްރޫމް ސޯފާގައި ރިމީޝާ އޮތެވެ. އަތްދަނޑިމަތީގައި މިޝްކު އޮތްއިރު ވާހަކަ އާއި ބެހޭ ގޮތުން ތަފާތު އެކި ސުވާލު ކުރަމުން މިޝްކު ދިޔައެވެ. އެއްވެސް ފޫހިކަމެއްނެތި މިޝްކުގެ ކޮންމެ ސުވާލަކަށް ރިމީޝާ ދިޔައީ ޖަވާބުދެމުންނެވެ. ދުވަހަކީ ހުކުރު ދުވަހެއްގެ މެންދުރުފަހުގެ ވަގުތެކެވެ. ޝިނާނަށް ހުރިހާ ހަގީގަތެއް އެނގުނުފަހުން ރިމީޝާ އަށް އަދި ޝިނާން ފެނިފައެއް ނުވޭއެވެ. ފޯނުން ވެސް އެއްވެސް ގޮތަކަށް ޝިނާންގެ ހަބަރެއް ރިމީޝާއަކަށް ނުވެއެވެ. ހަމައެގޮތަށް ރިމީޝާ އާއި ޒޯހަލް އާއި ދެމެދުގައި ހިނގި މައްސަލަތަކަށް ފަހު އެދެ އެކުވެރިންގެ ގުޅުމަށް ވެސް ވަނީ ބުރޫ އަރާފައެވެ. ދެމީހުން ވެސް ދެމީހުންނަކަށް ނުގުޅައެވެ. ރިމީޝާ ވަގުތު ހޭދަކުރަމުން ދަނީ ކުޑަކުޑަ މިޝްކުއާއި އެކުގައެވެ.
ދޮރުގެ ބެލް އަޅާލި އަޑު އިވުނީ ދެމައިން ހީނ ސަމާސާކޮށް އުޅެނިކޮށެވެ. މިޝްކު އަތަށް ވާހަކަ ފޮތް ދީފައި ރިމީޝާ ތެދުވެ ބުރުގާ އަޅާލިއެވެ. އަދި ދޮރާއި ދިމާލަށް މަޑުމަޑުން ހިނގައިގަތެވެ. ކުރިމަތީގައި ދަބަހެއް ހިފައިގެން ހުރި ނޫރާން ފެނުމުން ރިމީޝާ ހާސްވިއެވެ. މިފަހަރު ނޫރާން ކިޔާނެ އެއްޗެއް ނޭނގޭތީ ރިމީޝާ ވިސްނާލިއެވެ. ނޫރާންގެ ފަހަތުން ފޮށި ދަމަމުން އައިސް ހުއްޓުނު ނިބްރާސް އާއި ނޫރުލްހުދާ ފެނުމުން ރިމީޝާ ގަތީ ބިރެވެ. ސޯފާގައި އޮވެ އަޑު ހަރުކޮށް ވާހަކަ ކިޔަމުން ދިޔަ މިޝްކު އަށް ރިމީޝާ ބަލާލިއެވެ. މިޝްކު އަށް ފެންނަ ހިސާބުގައި އެއިން އެއްވެސް މީހަކު ހަޅޭއްލަވާ މަންޒަރު ފެނުމަކީ ރިމީޝާ ރުހޭ ކަމެއް ނޫނެވެ.
“އަ…..އަޅުގަނޑު ހުރީ މިރޭ ފައިސާ ހަ…..ހަވާލުކުރާ ގޮތަށް…” އަދަބުވެރިކަމާއެކު ރިމީޝާ ބުނެލިއެވެ. ނަމަވެސް ނޫރާން ރިމީޝާ ބުނި އެއްޗެއް އަޑު އިވުނު ކަމަށް ނެހެދިއެވެ. ރިމީޝާ ހުރަސްކޮށް ކުރިމަތިން ގޮސް ހުއްޓުނީ މިޝްކު ކައިރީގައެވެ. ކައިރީ މީހަކު ހުރިހެން ހީވުމުން މިޝްކު ބަލާލިއެވެ. ނޫރާނާއި ދެ ބޮޑުދައިތަ ފެނުމުން ކުޑަކުޑަ މިޝްކު އަށް ހައިރާންކަމެއް ލިބުނެވެ. ފޮތް ލައްޕާލާފައި އަވަހަށް ތެދުވެ ބަލާލީ ދޮރު ކައިރީގައި ދުރުގައި ހުރި ރިމީޝާ އަށެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން މިޝްކު ދާން ފެށީ ރިމީޝާ އާއި ދިމާލަށެވެ.
“ދަރިފުޅާ… މާމަގެ ކުޑަކުޑަ ދޫންޏާ… އާދެބަ މާމަ ކައިރިއަށް. މާމަ މިއުޅެނީ ފުރަން. މާމަ މިއައީ ދަރިފުޅު ގައިގަ ލޯބިން ބައްދާލާ ހިތުން…. އާދެބަލަ…. ދަރިފުޅު ދެކެ މާމަ ވަރަށް ލޯބިވޭ….” ރޮމުން ނޫރާން ބުނެލިއެވެ. ރިމީޝާގެ އަތްތިލައިގެ ތެރެއަށް އަތް ލައްވާލައިގެން ހުރި މިޝްކު އިސްއުފުލާ ރިމީޝާ އަށް ބަލާލިއެވެ. ރިމީޝާ ހީލުމާއެކު މިޝްކު ގޮސް ނޫރާންގެ ދެއަތް ތެރެއަށް ވަނެވެ. ނޫރާން މިޝްކު މޫނުގައާއި އެތަންމިތާ ބޮސްދެމުން ދިޔައެވެ.
“ދަރިފުޅު ދެރަވާ ފަދަ ކަމެއް މާމަ އަށް ކުރެވިފައި ވާނަމަ ސޮރީ…… މާމަ ގުޅާނަން މާމަގެ ބޭބީއަށް…. އެންމެރަނގަޅު ދޯ….” މިޝްކުގެ މޫނު ދެފަރާތުގައި ހިފާލައިގެން ސޯފާގައި އިށީންނަމުން ނޫރާން ބުނެލިއެވެ.
“މިޝްކު ވެސް މާމަދެކެ ވަރަށް ލޯބިވޭ… އެކަމު އެންމެ ލޯބިވަނީ މަންމި ދެކެ. ބައްޕި އަށް ވުރެ ވެސް ބޮޑަށް. މާމަ މިޝްކޮ ނުގެންދައްޗެ މަންމި އާއި ދުރަށް. މިޝްކޮ ފަހުން ދާނަން މަންމި ގޮވައިގެން” ނޫރާންގެ އުނގުމަތީގައި އިނދެގެން ޅަ އަޑުން މިޝްކު ބުނެލިއެވެ. އެވަގުތު ރިމީޝާގެ ލޮލުން ކަރުނަތިއްކެއް ވެއްޓިގެން ދިޔައެވެ.
“ތީ މިޝްކޮގެ ކުޑާ އާއި ދޮނޭ އެއްނު. މިޝްކު އުރާލަބާ…” ނިބްރާސް ކަރުނަތަކާއެކު މިޝްކު އުރާލިއެވެ. މިޝްކު ކޮލުގައި ބޮސްދިނެވެ. ނޫރުލްހުދާ ވެސް މިޝްކޮ ގައިގާ ބައްދާ ރޮއި ހެދިއެވެ. މަންޒަރު ބަލަން ނޫރާން އިނީ ރޮވިފައެވެ.
“ދަނީ ދެން. ދަރިފުޅަށް ކެވޭ އެއްޗެހީގެ ލިސްޓެއްދޭން ވާނެ ދޮނޭ އަށް. އޭރުން އެކޮޅުން ފޮނުވާނަން ދަރިފުޅު ބުނި ކޮންމެ އެއްޗެއް. ދަރިފުޅުގެ ބައްޕި ދިމާވި އިރަކުން ބުނާތި ދޮނޭ އާއި ކުޑާ ވަރަށް ލޯބިވެޔޭ…..” މިޝްކުގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނިބްރާސް ބުނެލިއެވެ. ތިން މީހުން ވެސް އެބައިން ނިކުމެގެން ދިޔައިރު އެއިން އެކަކު ވެސް ރިމީޝާ އާއި ދިމާލަށް އިސްއުފުލާ ބަލާނުލައެވެ. މިޝްކު ގައިގާ ރިމީޝާ ބައްދާލި ވަގުތު މީހަކު ކަރުކެހިލި އަޑު ރިމީޝާ އަށް އިވުނެވެ. ރިމީޝާ ފަހަތް ބަލާލިއެވެ. ފަހަތުގައި ހުރީ ނޫރާން އެވެ.
“އަހަރެންގެ ޝިނާންގެ އަންބަކަށް ވެގެން ބާކީ މިއޮތް ދުވަސްތަކުގައި އުޅެދީ…. ތިގުޅުމަށް އަހަރެން ގަބޫލު. އެވާހަކަ ޝިނާން ކައިރީގައި ބުނެދީ……” ނޫރާން ވާހަކަދެއްކީ ރިމީޝާ އަށް ބަލާވެސްނުލާ ދުރަށް ބަލަހައްޓައިގެން ހުރެއެވެ. ނޫރާން ފަސްއެނބުރި ދިޔުމުން ރިމީޝާ ގޮސް ދޮރު ލައްޕާލިއެވެ. މިޝްކު އަށް ބަލާލިއިރު ރިމީޝާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.
******************************
ރޭގަނޑުގެ ކެއުމަށް އައްޔަދުގެ އާއިލާ އިންސާފް ކުރަމުން ދިޔަ ވަގުތެވެ. ގަޔާނުވެފައި ކަމުން ދިޔަ އައްޔަދަށް އިރުކޮޅަކާއި ޒާއިރާ ބަލާލައެވެ. ޝަނުމް އޭނާގެ މަޖާ ވާހަކަތަކުގައި އަނގަތަޅަމުން ދިޔަސް ޒާއިރާގެ ސަމާލުކަން ވަނީ އައްޔަދަށް ހުއްޓާލާފައެވެ.
“އަޔާ!!! ރަނގަޅުތަ؟” އެންމެފަހުން ޒާއިރާ އަހާލިއެވެ. އެވަގުތު ޝަނުމްގެ ސަމާލުކަން ވެސް އައްޔަދަށް ހުއްޓާލިއެވެ.
“ހޫމް…. ” އައްޔަދު ދިނީ ވަރަށް ކުރު ޖަވާބެކެވެ. އެޖަވާބުން ޒާއިރާގެ ހިތެއް ނުފުރުނެވެ.
“ހާދަ ކުޑަކޮށް ތިކެއީ. މިއަދު އަދި ރަނގަޅަށް އެއްވެސް އެއްޗެއް ނުކައި. ޒާއްތަ ބުނަމެއްނު ތިމާ ހިތްއެދޭ ގޮތަށް ކަމެއް ނުވިޔަސް ތިހެން ނޫޅޭށޭ… އަޔާ ކޮންއިރަކުން ޒާއްތަގެ ބަސް ގަބޫލުކުރާނީ…” ޒާއިރާ ބުނެލިއެވެ. އައްޔަދު ދެއަތް މޫނުމަތީގައި އަޅާލިއެވެ. މޫނުމަތީގައިވާ އުދާސްތައް ފޮހެލުމަށްފަހު ޒާއިރާ އަށް ބަލާލިއެވެ.
“ޒާއްތަގެ ބަސް އަބަދުވެސް ގަބޫލުކުރަން. ކާހިތްނުވަނީ… އެއްވެސް އެއްޗެއް މީރެއްނޫން. ކަރުތެރެ ހުންނަނީ ހިކިފަ. ފެންބުޔަސް ކަރުހިއްކުމެއް ނުފިލާ….. ނުވެސްފިލާނެ…. ” އައްޔަދު ބުނެލިއެވެ. ޝަނުމް ދެބުމަ ގޮށްޖަހާލީ ފެންބުޔަސް އައްޔަދުގެ ކަރުހިއްކުން ނުފިލާ ވާހަކަ ބުމުމުންނެވެ. ގައިމުން އޭނާގެ ކަރުހިއްކުން ފެންބުއީމަ ފިލައެވެ.
“ދޮންބޭ!!! އެއީ މާހޫނުކޮށް ފެންބުއީމަ އަބަދު ފެންބޮވަނީ.. ވަރަށް ފިނިކޮށް ފެންބޮއެބަލަ….” ޝަނުމް ބުނެލިއެވެ. ޒާއިރާ ޝަނުމްގެ ބޮލުގައި ޖަހާލިއެވެ.
“ޒާއްތާ އަހަރެން ދެން ކިހިނެއް ހަދާނީ…. ހާދަ ލޯތްބެއްވެޔޭ ރިމީ ދެކެ. މީހުން ބުނޭއެއްނު އެއްޗެއްގެ މުހިއްމުކަން އެނގޭނީ އަތުން އެއެއްޗެއް ބީވެގެން ދިޔައިމައޭ… އެއީ ތެދެއްކަން މިހާރު އިހުސާސްވޭ އެބަ” އައްޔަދު ބުނެލިއެވެ. އަޑުގައި ވަނީ ހިތާމައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





Yeyyy me 1st…
Love this stry
salaam all! dh
digu inthizaareh kuruvuneethee emme furathama ves maafah edhen. anekka ves kameh dhimaa nuvaanama dhuvaalaku baeh gennan varah try kuraanan….. insha allah 🙂
mi bai ves huriha kudhinnah kamudhaane kamah heekuran…..
GOOD NIGHT EMMEN…… BABAYE… TC…..
rimee avahah shinaanah guljaabala.
Wow wow v salhi…. Kiyaahithun moyavaavaru vejje, avahah aneh part genes dhee… ??
Varah reethi mi bai ves. V emotional ves me. Keep it up ushaali. Waiting for next part
Mi part vx vvvvv salhi☺☺☺?? inthixaarakahfahu namavx kiyaalan libunyma v happy…❤❤❤❤?????? waitin 4 nxt part..?????? luv yuh???
Nxt part ga alhe rimee n shinan gulhuvahchey…☺☺☺☺❤❤❤?????????
V v v v v reethi mi part vx??..waiting for the next part ❤❤
Keep it u Ushaali♡♡
ayyadhu aa nugulhu vaathi rimee. this story is superb♥️
Wow ……
. Next part ge inthixaaruga kei madhuvefa
V rythi mibai.. soo heart touching… ???
Keep it up… ❤️
heart touching part.>3>3 vvv reethi….rimy and shinaan dhen avahah gulhuvaa,,andzohal aa dhmyhunge friendship ves okay kohlaaa,,,much lurv
Alheyyyy ushaali… mi bai kiyrf ham rangalhh s rivijje…. vrh vrh vrh reethi… obiness to the max.. curiouslii waitin nghh…. ly…♥♥♥♥♥
Very nice part please upload next part fast
vvvvv rythi??❤??????????
I have nothing to say
❤❤❤❤
Rimii nd shinaaaann plxxxxxx… stryyy vr rythi❤❤❤❤❤❤
Hama rangalhah ves rovijje…story v reethi?
wow kai ah rovihjje sinaan rohvaalyma
Wow. V reethi .
Wow. V reethi .
thankyou huriha kudhinnah. love you all 🙂