“ޢިއްދަ ހަމަވާއިރަށް އަފާފް އިންނާނެ މީހަކު ހަމަޖައްސާފަ ބަހައްޓާ ހުސެއިން. އެ ކައިވެނީގަ އަފާފަށް ދަރިއަކު ނުލިބި ހުރިކަން އެއީ އަހަރުމެންގެ ނަސީބު.” ޝާދިޔާ އެހެން ބުނެލުމާއެކުހެން އަފާފް އޯކަތް ދަމަން ފެށިއެވެ. އެއާއެކު ޝާދިޔާއާއި ހުސެއިންގެ ނަޒަރު އަފާފަށް ހުއްޓިގެން ދިޔައީ ކުއްލިއަކަށެވެ. އެ ހިނދު އަފާފަށް ވެސް އިނދެވުނީ ހުއްޓުން އަރާފައެވެ. އޭނައަށް އެ ވީ ގޮތާއި މަންމަ ބުނި އެއްޗަކާއި ގުޅުވާލެވުނު ހިނދު އޭނަގެ ހިތުތެރޭގައި އުފާވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ. އެ ހިނދުކޮޅުގައި ޝަރަފް މަތިން ހަނދާންވެގެން ދިޔުމުން އަފާފަށް ބޭއިޚްތިޔާރުގައި ހިނިތުންވެވެން އުޅުނެވެ. އެހެނަސް އެ ހިނދު ހުސެއިން ވާހަކަ ދެއްކިއެވެ.
“އަފާފަށް ކިހިނެއްތަ އެވަނީ؟” ސަބަބު ޔަޤީނާއި ގާތްވިއެއްކަމަކު ހުސެއިން ޤަބޫލުކުރަން ބޭނުންނުވާ ފަދައަކުން އަހާލިއެވެ. އޭނަގެ އެ ސުވާލަށްފަހު އެކަކު ވެސް ޖަވާބެއް ނުދީ އިރުކޮޅެއްވިއެވެ. އެހެނަސް އަފާފް އުފާވެރިކަމާއެކީ އެއްޗެކޭ ބުނަން އުޅުނުތަނާހެން ޝާދިޔާ ޗޮއްކަނޑާލިއެވެ.
“ނުކައި ގިނައިރުވީމަ އެކަހަލަ ގޮތްގޮތްވެސްވާނެ. ދެންވެސް ހުރޭ ނުކައި ނުބޮއި ގިނައިރު ވަންދެން.” ޝާދިޔާ ނޫންކަމަށް ހަދަމުން ވާހަކަ އޮޅުވާލިއެވެ. އެ ހިނދު އަފާފްގެ ހިތަށް އުނދަގޫވިއެވެ. މަންމަ ބުނި ބަސްތަކުން ދެންމެ އޭނަގެ ހިތަށްވެރިވީ ހަމައެކަނި ހީވުމެއްހެން ހީވާން ފެށިއެވެ. މަންމަ އެ ބުނީ ތެދަކަށް ވެސް ވެދާނެއޭ އޭނަގެ ސިކުނޑި ބުނަން ފެށިއެވެ. އޭނައަށް މުޅި ދުވަސް ތެރޭގައި އެހާ ރަނގަޅަކަށް ކެވިފައެއް ނެތެވެ. ޢާއްމު ގޮތެއްގައި އޭނަ ނުކައި ހުރުމުން އެކަހަލަ ގޮތްގޮތްވެއެވެ. އެކަން އެނގުނެއްކަމަކު ދެންވެސް އަފާފްގެ ހިތް މިއީ އެހެން ކަމަކަށް ވެދާނެކަމަށް ބުނަން ފެށިއެވެ.
ރޭގަނޑުވެ ދަންވަމުން ދިޔަދިޔަހެން އަފާފްގެ ހިތް އެ ބަސްތައް ތަކުރާރުކުރަމުން ދިޔައީ، އޭނަގެ ހަށިގަނޑަށް ވެރިވެފައިވި ވަރުބަލި ކަމެއްގެ ސަބަބުންނެވެ. ނިދަން އޮށޯތުމުން ވެސް އޭނަގެ ބޯ އަނބުރާ ގޮތްވަމުން ދިޔައެވެ. އެންމެ ފަހުން މޭ ނުބައި ކުރަމުން ގޮސް ހޮޑުލަވާ ގޮތްވުމުން އަފާފަށް ކޮޓަރީގައި އޮވެ މަންމާއޭ ކިޔައި ގޮވާލެވުނެވެ. އެއާއެކު އިރުކޮޅެއްނުވެ ޝާދިޔާއާއި ހުސެއިން އެ ކޮޓަރީގެ ބޮކި ދިއްލާލަމުން ކޮޓަރީގެ ތެރެއަށް ވަދެގެން އައެވެ. ޝާދިޔާ އައިސް އަފާފްގެ މަގަތުގައި އިށީނދެ ކިހިނެއްވީތޯ ސުވާލުކުރިތަނާހެން އަފާފް ތެދުވަމުން ހޮޑުލެވެނީ ކަމަށް ބުންޏެވެ. އެ ބަސްތައް ބުނެވުނުތަނާހެން އޭނަ އޯކަތް ދެމިއެވެ. އެއާއެކު ޝާދިޔާ ވަކި އެއްޗެއްވެސް ބެލުމެއްނެތި ކައިރީގައި ހުރި ބޯތަށްޓެއް އަފާފާއި ގާތްކޮށްލިއެވެ. އޭގެ މާ ގިނައިރެއްނުވެ އަފާފަށް ހޮޑުލެވެން ފެށިއެވެ. މަންޒަރު ބަލަހައްޓައިގެން އިނދެ ޝާދިޔާ އަފާފްގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު އެ ހިތަށް ނުތަނަވަސްކަމެއް ވެރިވެފައިވިއެވެ. އެތާނގައި ކޮޅަށްހުރި ހުސެއިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އެ ފަދަ އަސަރެކެވެ. އަފާފް ހޮޑުލައި ނިމުމުން ޝާދިޔާ އަފާފް ތެދުކުރުވައި އަނގަ ދޮވުމަށް އެހީތެރިވިއެވެ. އަނބުރާ އައިސް އެނދުމަތީގައި އޮށޯވެވުމާއެކު އަފާފް ވާހަކަ ދެއްކިއެވެ.
“މަންމާ ޑޮކްޓަރަކަށް ގުޅާލަދެވިދާނެތަ؟” އަފާފްގެ ހިތުތެރޭގައި ހުއްޓުމެއްނެތި ހިނގަމުން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުން އޭނައަށް ބުނެލެވުނެވެ. އޭނަ ބުނި ބަސްތަކާއެކީ ޝާދިޔާއާއި ހުސެއިނަށް ތެޅިގަނެވުނެވެ. ހުސެއިން ތިއީ އެއްވެސް ކަމެއް ނޫނޭ ބުނެލި ވަގުތު ޝާދިޔާ ވެސް ވާހަކަ ދެއްކިއެވެ.
“އެއީ ތެދެކޭ ބައްޕަ އެބުނީ. ތީ ހަމަ މާ ގިނައިރު ވަންދެން ނުކައި ހުރެފަ ކެއިމަ ވީ ގޮތް. މަންމަ ދޭނަން ތިކަމަށް ބޭހެއް. ބޭސްކައިގެން ނިދާލާ. އޭރުން މާދަމާ ހޭލާއިރު އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެ.” ޝާދިޔާ ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރަމުން ބުންޏެވެ. އެއަށްފަހު އޭނަ އެ ބުނި ބޭސްގުޅަ އަފާފަށް ކާންދިނެވެ. އަފާފް އޮށޯވެ ދެލޯ މަރާލުމުން ވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭކަން ޝާދިޔާއާއި ހުސެއިނަށް ވެސް އެނގުނެވެ. އެހެނަސް އެމީހުން އެކަމާމެދު އަޅާލުމެއްނެތި އަފާފްގެ ގައިގައި ފޮތިގަނޑު އަޅާލުމަށްފަހު ކޮޓަރިން ނިކުތެވެ. ކޮޓަރީގެ ދޮރު ލައްޕާލެވުމާއެކުހެން ހުސެއިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަފާފް ބަލިވެ އިނީތަ؟” ހުސެއިން އެހެން ބުނެލިއިރު އޭނަގެ އަޑުގައި ކަންބޮޑުވުމެއްވިއެވެ.
“ނޫނެކޭ ހުސެއިން! އެހެން ކިހިނެއްވާނީ؟ މި ހުރިހާ ދުވަހު އެދެމީހުން އުޅުނީ ރުޅިވެގެން!” ޝާދިޔާ އޭނަ ޤަބޫލުކުރަން ބޭނުންވާ ގޮތަށް ވާހަކަ ފަރުމާ ކުރިއެވެ.
“އާނ އެކަމަކު، އަފާފް ބަލިވެ އިނދެއްޖެއްޔާ އަހަރުމެން އަފާފާމެދު ވިސްނަންވާނެ. އަހަރެން ބޭނުމެއްނޫން އަފާފް އެކަނިމާއެކަނި ދަރިއަކު ބަލާތަން ދެކޭކަށް.” ހުސެއިން އެތައް ދުވަހެއްފަހުން އޭނަގެ ދަހިވެތި ޚިޔާލުތަކުން ދުރުވެ އޭނަގެ ދަރިފުޅާއިމެދު ވިސްނިއެވެ. އެހެނަސް އޭގެ މާ ގިނައިރެއްނުވެ ޝާދިޔާ ވާހަކަ ދެއްކިއެވެ.
“ދެން ހުސެއިން ބޭނުންވަނީ އެ ފާޚިޝް ޢަމަލު ހިންގާ މީހާއާއެކީ އަހަރުމެންގެ ދަރިފުޅު ޙަޔާތް ވޭތުކުރާތަން ދެކެން؟ ޗި! މަށަކަށް ނޭނގޭ ހުސެއިންގެ ޚިޔާލެއް. އެކަމަކު އަފާފްދެކެ ލޯބިވާ މީހެއްގެ ގޮތުން އަހަރެން ބޭނުމެއްނުވޭ އެގޮތެއް.” ޝާދިޔާ ތަކުރާރުކޮށް އަމިއްލަ ނަފްސަށް ދޮގު ހަދަމުން ބުނެލިއެވެ. އޭނަ އޭނަގެ އަމިއްލަ ނަފްސަށް ދޮގު ހަދަން އާދަވެފައިވި މިންވަރުން އޭނައަށް އެ ވަގުތުވެސް ހީވީ އޭނަ ދެންމެ އެ ބަސްތައް ބުނެލީ ވެސް މަޞްލަޙަތަށްޓަކައި ކަމެވެ. ހުސެއިން އޭނަ ދެއްކި ވާހަކައަށް ހޫންލައްވައި ބޯޖަހާލި ގޮތުން އޭނައަށް އެކަން ޔަޤީން ކުރެވޭ ގޮތްވިއެވެ.
ހަމަ އެރޭގެ އެވަގުތުގައި އޭނަގެ އެނދުމަތީގައި އޮށޯވެ އޮތް ޝަރަފްގެ ލޮލަށް ވެސް ނިދި އަންނަ ގޮތެއްނުވެއެވެ. އެދުވަހު އޭނަ ކުރި މެންދުރު ނަމާދަށްފަހު އޭނަގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބިފައިވިޔަސް އޭނައަށް ހުއްޓުމެއްނެތި އަފާފާއިމެދު ވިސްނެމުން ދިޔައެވެ. ކެއި ކޮންމެ ވަގުތެއްގައި ކާން އުޅެފައިވެސް އޭނައަށް ހުއްޓާލެވެނީ އަފާފް ހުންނާނީ ކައިގެންތޯ ހިތް ސުވާލުކުރަމުން ދިޔައީތީވެއެވެ. އޭނަ އަފާފަށް ފަސްދިންއިރު އަފާފް ހުރިގޮތް އޭނަގެ ލޯމަތިން އޭނައަށް ފެންނަމުން ދިޔަ ފަދައެވެ. އަފާފްގެ ކަރުނަތައް އޭނަގެ ޚިޔާލަށް ގެނެވޭ ކޮންމެ ފަހަރަކު އޭނަގެ ލޮލުން ކަރުނަ ހިލިގެން ދެއެވެ. އަފާފްގެ ކައިރީގައި ތިބި މީހުން އޭނަ ރަނގަޅަށް ބަލާނެތޯ ހިތް ސުވާލުކުރާ ކޮންމެ ފަހަރަކު އެ ހިތަށް އުނދަގޫވެއެވެ. އޭނަގެ ތަޖުރިބާއިން އެނގިފައިވާ ގޮތުގައި އަފާފް ނުކައި ހުއްޓަސް އެމީހުން އެކަމާމެދު މާ ބޮޑު އަޅައެއްނުލާ ތިބެދާނެއެވެ. އަފާފް ބަލިކަން އެނގުނަސް މާ ބޮޑު ފަރުވާލެއް ނުދީ ތިބެދާނެއެވެ. އަދި އަމުދުން މިފަދަ ޙާލެއްގައި އަފާފަށް ކުރެވޭނެ އިޙްޞާޞްތަކަށް އިޙްތިރާމް ކުރުމުގައި ވެސް އެމީހުން ނާކާމިޔާބުވާނެކަން ޝަރަފަށް ޔަޤީން ކުރެވުނެވެ. މި ހުރިހާ ކަމަކާހެދި ޝަރަފްގެ ހިތްދަތިވެފައިވިއެވެ. ދޮންތަ ކައިރިން އަފާފްގެ ޙާލު ބަލާލަން ހިތް އެދުނު ޢަދަދެއް ވެސް އޭނައަކަށް ނޭނގެއެވެ. އެހެނަސް އޭނަ ޖެހިލުންވީ ދޮންތައާއި އަދި ގޭގެ އެހެން މީހުން ވެސް އޭނައާއި ވާހަކަ ނުދައްކައި ތިބީތީވެއެވެ. އެމީހުން ތިބިގޮތުން އަފާފްގެ ނަން ކިޔުންވެސް އޭނައަށް ޙައްޤުނުވާހެން ޝަރަފަށް ހީވަމުން ދިޔައެވެ. އޭނައަށް ހަނުހުންނަން މަޖުބޫރުވީ އެހެންވެއެވެ.
އަފާފަށް އަޅާލެވޭނެ އެހެން ގޮތެއްނެތް ކަން ޔަޤީންވުމުން ޝަރަފް އޮތް ގޮތަށް އޮވެ ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. އަފާފް ކޮންމެ ތަނެއްގައި ކޮންމެ މީހަކާއެކީ ވިޔަސް އޭނައަށް ހެޔޮ ރަޙްމަތް ލެއްވުން އެދިއެވެ. އޭނައަށް ކުރެވުނު ފާފައެއްގެ ސަބަބުން އަފާފްގެ ހިތަށް ލިބިފައިވި ޒަޚަމްތަކަށް ޝިފާއެއް ދެއްވައި ﷲ ގެ ހަނދުމައިން އަފާފްގެ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވުން އެދިއެވެ. ޝަރަފް ކުރަމުން ދިޔަ ދުޢާގެ ތެރެއިން މިއަދު އޭނައަށް ލިބުނު ކޯޓު އަމުރުގެ މަތިން ހަނދާންވެފައި ޝަރަފްގެ މޭގައި އުފެދުނު ރިހުމާއެކީ އޭނަގެ ދެލޯ ކަރުނުން ފުސްވިއެވެ. އެ އަމުރުގައި ވަނީ އޭނަ މާދަމާ ހެނދުނުގެ ވަގުތެއްގައި ކޯޓަށް ހާޒިރުވާން ޖެހޭ ވާހަކައެވެ. އޭގެ ފަހަތުގައިވި ސަބަބު އޭނަގެ ސިކުނޑި ތަކުރާރުކޮށް ބުނަން ފެށުމުން ޝަރަފްގެ ލޮލުގެ ހިމަކޮޅުން ކަރުނައެއް ފައިބައިގެންއައެވެ. އޭނައަށް އަނެއްކާވެސް ރޮވެން ގާތްވީ ވަގުތު ޝަރަފް އޭނަ އަފާފަށްޓަކައި ކުރަމުން ދިޔަ ދުޢާތައް ކުރިއަށް ގެންދިޔައެވެ. އޭނައާއި އަފާފް ވަކިވާން މެދުވެރި ކުރެއްވީ އޭނަގެ ނުބައިކަމުންކަމަށް ނިންމާލެވުމާއެކުހެން، އަފާފަށް ޞާލިޙު ޙަޔާތުގެ ބައިވެރިއެއް ދެއްވުމަށް އެދި އޭނައަށް ދުޢާ ކުރެވުނެވެ. އަފާފަށް އިންތިހާއަށް ލޯބިދޭނެ، އަދި ކޮންމެ ފަދަ ޙާލަތެއްގައި ވެސް އަފާފަށް ހެޔޮ ކަންތައް ކުރުމަށް އެހީވެދީ ވާގިދޭނެ މީހެއް އޭނަގެ ޙަޔާތަށް ގެނެސްދެއްވުމަށް އެދި ދުޢާކުރެވުނެވެ. އަފާފްގެ ލޮލުގެ ނޫރު އޭނައަށް އަނބުރާ ގެނެސްދެއްވައި، އޭނައަށް ހިދާޔަތް އިތުރުކޮށްދެއްވައި، އޭނައަކީ އެހެން މީހެއްގެ އެހީއާއި ނުލާ ވެސް އޭނަގެ ދުޝްމިނުންނާ ކުރިމަތިލާފަދަ ސާބިތު ހިތެއްގެ ވެރިއެއްކަމުގައި ލެއްވުމަށް އެދި ދުޢާކުރެވުނެވެ.
ޝަރަފްގެ ދުޢާތަކަށް ނިމުމެއް އައިތަނާހެން އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ޝަރަފް އޭނަގެ ދެލޯ މަތިން އެއްއަތް ހިންގާލަމުން ކޮންމެވެސް ވަރަކަށް ސީދާވެ އޭނަގެ ފޯނު ނަގައި ބަލާލިއެވެ. ފޯނުގެ ސްކްރީނުން ފެނުނު ނަންބަރަކުން ޝަރަފަށް ލުއްކެއްޖަހައި ތެދުވެ އެނދުމަތީގައި އިށީނދެވުނެވެ. އެއަށްފަހު އޭނަ އަވަސްއަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ ޑޮކް! އެޕޮއިންޓްމެންޓް އޮތީ މި އަންނަ ހަފްތާގަ ދެއްތޮ؟” ޝަރަފް އަވަސް ރާގެއްގައި އަދަބުވެރިކަމާއެކީ އިނގިރޭސި ބަހުން ސުވާލުކުރިއެވެ. އެއާއެކު އެކޮޅުން އިވެން ފެށި ވާހަކަތަކުން ޝަރަފްގެ ނިތުން ރޫފިލައި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ޑޮކްޓަރު ބުނި ގޮތުގައި އޭނަ އުޅެނީ މި ހަފްތާ ތެރޭގައި މާލެއަށް އައިސް މާލޭގެ ހޮސްޕިޓަލެއްގައި ދުވަސްކޮޅެއް ވަންދެން މަސައްކަތް ކުރާށެވެ. އަދި ޝަރަފް ބޭނުންނަމަ މާލޭގެ އެ ހޮސްޕިޓަލުން ވެސް އެ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދިދާނެއެވެ. ޑޮކްޓަރުގެ އެ ވާހަކަ ނިމުނުއިރު ޝަރަފްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވެފައިވިއެވެ. ހިތަށް ވެރިވި އުއްމީދާއެކީ އޭނަގެ ހުރިހާ ހިތާމަތަކެއްގެ މަތިން އޭނަ އެއްފަހަރާ ހަނދާން ނެތުނު ފަދައެވެ. ޑޮކްޓަރު އެކޮޅުން ފޯނު ބޭއްވުމާއެކުހެން ޝަރަފް އޭނަ ދެން ހަދަންވީ ގޮތަކާމެދު ވިސްނާލިއެވެ. ވިސްނާލެވުމުން އެންމެ ފުރަތަމަ ވެސް ހުސެއިނަށް މި ވާހަކަ އަންގަން ޖެހޭކަން އެނގުންވުމުން އޭނަ ފޫހިވާ ގޮތްވިއެވެ. އެހެނަސް އޭނައަށް ދެން އަފާފްގެ ޙަޔާތަށް އަނބުރާ ނުދެވުނަސް އަފާފްގެ ލޮލުގެ ފެނުން އަނބުރާ އައުން ޝަރަފްގެ ބޮޑު އެދުމަކަށް ވެފައިވީތީ އޭނަ ހިތާއި ދެކޮޅަށް ވެސް ހުސެއިނަށް ގުޅިއެވެ. ޝަރަފް ހީކުރި ގޮތާއި ޚިލާފަށް ރޭގަނޑުގެ އެ ވަގުތުގައި ހުސެއިން ފޯނަށް ޖަވާބުވެސްދިނެވެ. އެކޮޅުން ރުޅިވެރި އަޑަކާއެކީ ހެލޯއޭ ކިޔާލި އަޑަށް މާ ބޮޑު އަޅާލުމެއްނެތި ޝަރަފް އޭނަ ބޭނުން ވާހަކައެއް ދައްކަން ފެށިއެވެ.
“ސަލާމް ބައްޕާ. އެދުވަހު އަޅުގަނޑު ކިޔައިދިނީމެއްނު އަފާފްގެ ލޯ ރަނގަޅު ކުރެވިދާނެކަމަށް ބުނި ޑޮކްޓަރެއްގެ ވާހަކަ؟ އެ ޑޮކްޓަރު އެބަ އާދޭ އައި.ޖީ.އެމް.އެޗަށް މި ހަފްތާގަ. ބުނީ މި ހަފްތާ ތެރޭގަ ވެސް އެޕޮއިންޓްމެންޓެއް ހެދިއްޔާ ބެލިދާނެއޯ.” ޝަރަފް ހުސެއިނާއި ވެސް ވާހަކަ ދެއްކީ އަދަބުވެރިކަމާއެކީގައެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ހުސެއިނަށް އެކަން ފާހަގަވުމުން އޭނައަށް ދެބުމަ ކައިރިކޮށްގެން އެކަނިމާއެކަނި ސިޓިންގް ރޫމުގެ ސޯފާގައި އިނދެވުނެވެ. އަދި އަމުދުން ޝަރަފް އެ ބުނެލި ވާހަކައިން އޭނައަށް ހިނދުކޮޅަކަށް ނަމަވެސް ޝަރަފާއިމެދު ތަފާތު ގޮތަކަށް ވިސްނެން އުޅުނެވެ. ޝަރަފަކީ އަފާފަށް ދެރައެއް ދޭން އުޅޭ މީހެއްކަމަށްވާނަމަ އޭނަ މިފަދަ ޚަބަރެއް ދޭންވީ ކީއްކުރަންތޯ ހުސެއިންގެ ހިތް ސުވާލުކުރިއެވެ. އަފާފް ބަލިވެ އިނދެދާނެކަމުގެ ބޮޑު ފުރުޞަތެއް އޮތްހެން އޭނައަށް ހީވަމުން ދިޔައީތީ ހުސެއިނަށް ބޭއިޚްތިޔާރުގައި ވެސް މުޅި އެރޭ އަމިއްލަ ޚިޔާލުތަކުގައި ވެސް ޝަރަފް ދިފާޢުކުރެވެމުން ދިޔައެވެ. އެހެނަސް އެވަގުތު ވެސް ޝާދިޔާގެ ބަސްތައް ތަކުރާރުކޮށް ސިކުނޑި ތެރޭގައި ގުގުމަން ފެށުމުން މިއީ ވެސް ޝަރަފް އަނެއްކާވެސް އަފާފާއި ގުޅި އޭނަގެ ފައިސާ މިލްކުކުރެވޭތޯ ކުރާކަމެކޭ ހިތް ބުނަން ފެށިއެވެ.
ހުސެއިން އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ޝަރަފަށް ހެލޯއޭ ކިޔާލެވުނެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ހުސެއިން މާ ގިނަ ވާހަކައެއް ދެއްކުމެއްނެތި އެންމެ ރަނގަޅޭ ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ.
އެރޭ އެތައް ޙާލަކުން ނިދުނުލެއް ލަސްކަމުން އަފާފަށް އޭގެ އަނެއްދުވަހު ހޭލެވުނީ އިރުއަރަން ގާތްވެފައިވަނިކޮށެވެ. އެ ދުވަހަކީ އޭނައާއި ޝަރަފް ވަރިވާން ކަނޑައެޅިފައި އޮތް ދުވަސްކަން އޭނައަށް އެނގުންވީ ވެސް ފަތިސް ނަމާދުކޮށް ނިމުނުފަހުންނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ އެކަމާމެދު އިއްޔެ ދެރަވީ ވަރަކަށް ދެރައެއް ނުވެއެވެ. ﷲ ގެ އިރާދަފުޅުން އޭނައަށް އެއަށްވުރެ ބޮޑު އުފާވެރިކަމެއް ލިބެން އުޅޭހެން އޭނައަށް ހީވަމުން ދިޔައީތީވެއެވެ. އަދި އެ އުފާވެރިކަމުގެ ސަބަބުން އޭނައާއި ޝަރަފް ދުވަސްކޮޅަކަށް ދުރުވިޔަސް ގާތްވެގެން ހިނގައިދާނެހެން ހީވަމުން ދިޔައެވެ. އެ ހީ ޔަޤީނާއި ގާތްވެގެން ދިޔައީ ހެނދުނު ސައިގަޑީގައި ބައްޕަ ދެއްކި ވާހަކައަކުންނެވެ. އޭނަގެ ލޯ ރަނގަޅުވާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ދިން ޑޮކްޓަރަކު މާލެއަށް އަންނަން އުޅޭ ވާހަކައެވެ. ނޭނގޭ ސަބަބަކާހުރެ މިފަހަރު އޭނަގެ އުއްމީދު ފުނޑުފުނޑު ނުދާނެހެން އަފާފަށް ހީވިއެވެ. އޭނަގެ ލޮލުގެ ފެނުން އަނބުރާ ގެނެސްދެއްވުމަށް އެދި އޭނަ އެތައް ދަމު ނަމާދެއްގައި ކުރި ދުޢާތަކެއްގެ ސަބަބުން ކަންނޭނގެއެވެ. އޭނައަށް އެ ވާހަކަ އިވުނީއްސުރެ އޭނަގެ ހިތަށް ސާބިތުކަމެއް ލިބުނެވެ. މި ހުރިހާ ދުވަހު އެތައް ބަޔަކުވެގެން އޭނައަށް އިއްވި ވާހަކަތަކުގެ ޙަޤީޤަތް “ދެކެން” އޭނަވަނީ ކެތްމަދުވެފައެވެ. އޭނަގެ ލޮލަށް ފެނުނު ދުވަހަކުން އޭނައަށް މި ޙަޤީޤަތް ތަފާތު ގޮތަކަށް ވެސް ފެނިދާނެކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުންދިޔައެވެ.
ވަރިވުމަށްޓަކައި ކޯޓަށްދާން ތައްޔާރުވަމުން ދިޔަ ޝަރަފްގެ ހިތުތެރޭގައި ވެސް ހިނގަމުން ދިޔައީ އެއްކަހަލަ ޖަޒުބާތުތަކެވެ. ﷲ އޭނައަށާއި އަފާފަށް ވެސް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމުގެ ޔަޤީންކަމެއް ލިބިފައިވީ ރޭ ލިބުނު ޚަބަރުންނެވެ. އަފާފަށް އޭނަގެ ވަށައިގެންވި ކަންތައް ފެންނަން ފަށައިފިނަމަ އޭނަ އެއްވެސް މީހެއްގެ ބަހަށް ނުހެއްލޭނެކަން ޝަރަފަށް ޔަޤީން ކުރެވުނެވެ. އެހެނީ އަފާފަކީ އޭނަގެ ޒާތުގައި ވެސް ކަމަކާމެދު ވެވުނުހާ ވަރަކުން ހޯދައި ބަލައިގެން ނޫނީ ނިންމުމެއް ނިންމާ ކުއްޖެއްނޫންކަން މިވީ ދުވަސްކޮޅުގައި ވެސް ޝަރަފަށް ފާހަގަ ކުރެވިފައިވާތީވެއެވެ. އެހެންކަމުން އަފާފަށް ފެނުނު ދުވަހަކުން ﷲ ގެ އިރާދަފުޅުން ދެމީހުންގެ މުޅި ތަޤްދީރު ވެސް ބަދަލުވެދާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ.
އެދުވަހު ވަކިވެދާން ލިޔެވިފައިވި ދެ ހިތް ދުވަހުގެ ކުރީކޮޅު އުއްމީދުން ފުރިފައިވިޔަސް، ވަކިވުމުގެ ވަގުތު ގާތްވެގެން ދިޔަދިޔަހެން އެ ދެ ހިތުގައި ވެސް ވޭން އެޅިއެވެ. ގުޅިފައިވި ދެއެއްޗެއް ވަކިވާ ހިނދު ވޭންއަޅާ ފަދައަކުންނެވެ. ދެމީހުން ކޯޓުން ދިމާވި ވަގުތު ދެމީހުންގެ ވެސް ނޭވާ ކުރުވާ ގޮތްވިއެވެ. ވަރިވުމުގެ ކުރިން ދެމީހުންނަށް ނަޞޭޙަތް ދެވުނު ހިނދު ދެމީހުންގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. ދެމީހުން އެކީގައި ހޭދަކުރި ދުވަސްތައް އެވަގުތު ދެމީހުންގެ ޚިޔާލުތަކުގައި ވެސް ސިފަކުރެވެމުން ދިޔައެވެ. އެހެނަސް ދެމީހުންގެ ނަޒަރުން ވެސް އެ ޙާލަތުގައި ދެމީހުން ގުޅުން ރަނގަޅެއް ނޫންހެން ހީވުމުން ދެމީހުންނަށް ވެސް ހިމޭނުން ތިބެވުނެވެ. ޝަރަފްގެ ނަޒަރުން އޭނަ ކުރި ފާފައަށްފަހު އަފާފަށް އޭނަ ޙައްޤުނޫންހެން ހިވާން ފެށި ވަގުތު އަފާފް ބޭނުންވީ ޙަޤީޤަތަކީ ކޮބައިކަން ދެނެގަންނާށެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް “ހަޤީޤަތް” ސިފަކުރެވެމުން ދިޔައީ ޝަރަފްގެ އެއްވެސް ކުށެއްނުވާ ފަދައަކުންނެވެ. އޭނަގެ ލޮލުގެ ފެނުން މިއަދު ވެސް އަނބުރާ އައިސްފިނަމަ އޭނައަށް މިހުރިހާ ދުވަހު ޝަރަފާއި ބެހޭގޮތުން އިވުނީ ދޮގުތަކެއްކަން އޭނައަށް ޔަޤީންކުރެވޭނެހެން އަފާފަށް ހީވަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. އެހެން ހީވާ ކޮންމެ ފަހަރަކު ޝަރަފްގެ މައުސޫމްކަން އެންމެންގެ ކުރިމައްޗަށް ގެނައުމުގެ ރޫޙެއް އަފާފްގެ ހިތުގައި އުފެދިގެންދެއެވެ. އެދުވަހަކުން އޭނަ ޝަރަފާއި އަނެއްކާވެސް ގުޅިގެން ދިޔުމުން އެއްވެސް މީހަކަށް ޝަރަފާއި ދިމާލަށް އެއްވެސް އެއްޗެކޭ ނުބުނެވޭނެކަމަށް އަފާފްގެ ހިތް ބުނަމުން ދިޔައެވެ. އަފާފް ވަރީގެ ފޯމުގައި ސޮއި ކުރީވެސް އެ ވަރުގަދަ ޢަޒުމުގައި ހުރެއެވެ.
އަފާފްގެ އެ ޢަޒުމް ފުރިހަމަވުމަށް މާ ގިނަދުވަހެއް ނުނެގިއެވެ. އޭގެ ދެދުވަސްފަހުން ހުސެއިންމެން އަފާފް އެ މޮޅު ޑޮކްޓަރުގެ ގާތަށް ގެންދިޔައެވެ. ޑޮކްޓަރު ބަލާފައި ޓެސްޓްތައް ހެދުމަށްފަހު ބުނިގޮތުގައި މީގެ މަސްތަކެއް ކުރިން އަފާފްގެ ލޮލުގެ ޙާލަތު ވަރަށް ގޯސްވެފައިވިޔަސް އޭނަ ކަމުން ދިޔަ ބޭސްތަކެއްގެ ސަބަބުން މިއަދު އެ ލޮލުގައިވި ޒަޚަމްވަނީ ފުދޭވަރަކަށް ރަނގަޅުވެފައެވެ. އެހެންކަމުން ލޮލުގެ ސާޖަރީއަކަށްފަހު 24 ގަޑިއިރު ތެރޭގައި އަފާފްގެ ލޮލުގެ ފެނުން އަނބުރާ ގެނެވިދާނެކަމަށް ޑޮކްޓަރު ބުންޏެވެ. އެ ވާހަކަ އިވިގެން ދިޔަ އަފާފާއި އޭނަގެ މަންމައާއި ބައްޕަ ޙަމްދުކޮށް އުފާ ފާޅުކުރަން ފެށި ވަގުތު މީގެ 3 ދުވަސްކުރިން އަފާފް ބަލިވެ އުޅުނު ގޮތުގެ މަތިން އެމީހުން ހަނދާން ނެތިފައިވިއެވެ. ޚުދު އަފާފް ވެސް އެ ދުވަހަށްފަހު އޭނަގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވެގެން ދިޔުމުން އޭނަ އެކަންތައްތަކުގެ މަތިން ހަނދާން ނެތުނެވެ.
އެންމެން އެކީގައި ހަނދާން ނެތުނަސް ސާޖަރީ ހެދުމުގެ ކުރިން އަފާފްގެ ޓެސްޓްތަކެއް ހެދުނެވެ. އަފާފް ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ޚަބަރެއްހެން އެ ޓެސްޓްތަކުގެ ވާހަކަވެސް އެއެއްޗެހި ހެދުނު ދުވަހު ޝަރަފަށް އާހިލްގެ ފަރާތުން ލިބުނެވެ. އާހިލް ޓިއުޝަނަށް ދަނީ އަފާފްމެންގެ ގެއާއި ކައިރި ގެއަކަށް ކަމަށްވާތީވެއެވެ.
“ޓެސްޓުތަކުގެ ރިޒަލްޓްސް ލިބެނީ މިއަދު 2 ޖަހާއިރުގަޔޯ އަފޫ ދައްތިގެ މަންމަ ބުނި އަޑު އިވުނު.” އާހިލް ކިޔައިދިނެވެ. އެ ވާހަކަ އިވިގެން ދިޔަ ޝަރަފަށް އާދަޔާ ޚިލާފު އިޙްޞާޞެއް ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ އެ ޓެސްޓްތަކުގެ ނަތީޖާ ބަލަން ބޭނުންވިއެވެ. އެހެންކަމުން އެދުވަހު 2 ޖެހި ވަގުތު އޭނައަށް ހުރެވުނީ ހޮސްޕިޓަލުގައެވެ. އަފާފްގެ ރިޕޯޓް އޭނަގެ އަތުގައި ޖެހުމުން އޭނަ އެތާހުރި ބެންޗެއްގައި އިށީނދެ އޭތި ބަލަން ފެށިއެވެ. ސްޓޭޕްލް ކުރެވިފައިވި އެ ރިޕޯޓްތަކުގެ ތެރެއިން ދެގަނޑު ހިއްލާލެވުމާއެކުހެން އޭނަ ހުއްޓުންއެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ އަނގައިން ނިކުތް ލުއި އާހެއްގެ އަޑާއެކީ އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Vaahaka varah rythi masha allah??❤
Ekm dheenee vaahaka akah vyma suvaal ufedhey kanthah ebahuri.. Meehaku knme ehchekey kiyas aslu sharaf athuga dhw hurihaa baareh onnan jeheyny? Cux anbimeehaa jeheyne dhw firimeehaa ah kiyaman vaan uredhumakah nuvaa kamehga viyya.. so inumah fahu Afu ge mahchah baaru hingeyny mainbafainnakah noonehnu?
Alhamdhulillah!
varah rangalhu suvaaleh Me thi kury. aslu hama haqeeqathugaves Sharaf athuga hurihaa baareh onnan jeheyny. ekam aslu Sharaf hama give up kolly dho? ey Sharaf ah heevany Sharaf e kuri faafa ah fahu dhen Afaaf ah eyna kahala meehaku haqqu nuvaahen. ethankolhu jana ah ehaabodah highlight nukurevuny kanneynge. Jazaakallah Khairan mi suvaalu kollythy. aslu ehen kiyuntheriegge hithugai ves ufedhidhaane suvaaleh thy 🙂
There are parents who try to do that..specially mi kahala haalathegga hunna boys ah..like he doesnt have much money and family too..so he cant do much dhw..specially ehn thaakah eyna ah gendheven nethiyya dhen eyna e geyga bahttaafa dhaan e jehenee job ah..so vaane gothakee parents thaa ehchehi bunaanee..dhen eha madhu dhuvas dhuvahu aisssa husband akah ves nukereyne hama komme komme ehcheh parent akah bunaakah..its happns..even in this society..
I’m really sorry that you are going through that. May Allah make this situation easy for you and make a way out for you. Ameen! I agree with everything you said. its a reality of our time. A person can be pressured to a point where he or she has absolutely no choice. even by their own family. Aslu aharumen mujuthamauga set vefa hunna standards thakegge sababun ehen evany. aharumenge therein gina meehunnah heeva kahala kaamiyaabu meehakah veveyny vaki vahtharegge vazeefa eh adhaakoh vaki varakah musaara libi vaki gothakah zavaajy hayaaiy veythu kureema ey. eki meehunnah dhimaavaane haalaithakaa eki meehunnah rizq ithuru kohdhevvaane gothaai vaguthuves thafaathu vaanekan gina bayakah nuvisney. ehenveema mikahala massala thah dhimaavany. aharumennah aharumenge fothugai vi goiythah ves neyngenya massala thah ginavaane. Musa (AS) ves kaiveni ballavaigaiy iru ehaa ai mathi thanavaheh noon. (Suratul Qasas ballava) ekaleygefaanu kaivenyafahu ulhuvvamun gendhevy anbikanbalunge geyga ekamanaage bappa fulhuge dhashun masakkaiy kuravvamun. ehenas ekaleyge faanaky qadaru libigenvaa beykalakah nuve gosfaeh neh. adhi amudhun ekamuge sababun ekaleygefaanuge baarugadhakamaai firihenvantha kamahves badhaleh naadhey!
dhigu commentakahviyas adhives jana ehthankolhu ithuru kollan beynun. efadha kameh mi comment kiyaa evves kiyuntheriegge hayaathugai hingaa nama mee handhaan kohdhinumeh. kaivenyegge sababun rizqugai barakaaiy lavvaanee hama ekani Allah. e rizq aky hama ekani aharumenge lolah fenna mudhalaai faisa ah nuve hingaidhaane. e rizq aky e zavaajy hayaathun libey hiyhama jehumaai eemantherikan varugadhavun kamahves vedhaane. adhi Allah ruhivodigenvaafadha gothakah ulhe, rizq hoadhan masakkaiy kuraa dhemeehaku mudhaluge gothun ves ithuru kohdhevvumaky ekalaange ah nuhanu faseyha kameh.
Maai Allah alhamen emmennah heyo visnun dhevvai hidhaayaiy ithuru kohdhevvaashi. Ameen!
Masha allah mi bai vv reethi adhi ehaame furihama????????❤
Alhamdhulillah! (All praise and thanks belong to Allah) <3 😀
Wow
Alhamdhulillah! 😀
Assalaam’alaikum. emme furathama comment delete kolly dhemmeaku kameh dhimaaveema up kuraa dhuvas badhalu kuran jeheythy. jana ah heevany jana ge vaguthu mi dhaa gothun dhe bayah vure ves gina bayah bahaigen hen vaahaka nimen ulheny. dhen oiy bai genesdheveyny saturday ga In Sha Allah. ey varah laskan ves engey ekamaku kuriah oiy thin dhuvas hama varah full koh jana ge schedule miothy. mi thin dhuvahuga dheythere dheytherein vaahaka liyegen kiriyaa mi bai varu kureveyny hen heevany. *sigh* vee varakun saturday ge bai dhigu kureveytho balaanan In Sha Allah. Jazaakumullah Khairan! <3
Wow❤❤masha Allah…. Waiting for the next part??
Alhamdhulillah! 😀 next part saturday ga In Sha Allah <3
So happy
me too fathu 🙂 <3
ma sha allah story mihaaru anehkka wes warag reethi wey eba and ..shes pregnant..<3 dhw jana….:*
hehe…..pregnant hen dho heevany xeyboo? 😀 Alhamdhulillah! jana ah kameh kaamiyaabu kurevenya kureveny hama ekani Allah ge iraadhafulhun 🙂
Maasha Allah mi part vx v v v reethi ❤️❤️❤️… Eagerly waiting for the next part ???… Will be waiting till you upload the story In Sha Allah ???
Alhamdhulillah! varah happy vejje shifoo thihaa understanding koh inthizaaru kuraane vaahaka buneema. 🙂 Jazaakillah Khairan <3 <3 <3
❤❤
Maa sha allah??. Varah reethi mi story. Is she preg????. Waiting for next part?