Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (އެކާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
February 24, 2018 7 Mins Read
12 Comments

“އޭނަ އެހާ ހިސާބަށް ދިޔަ ނުދޭނަން މަށެއް! އޭނައާ އޭނަގެ އަންހެނުން އެކީގަ ތިބީމަ މިހުރިހާ މައްސަލައެއް ޖެހެނީ. އެކަކު އަނެކަކަށް ޗުކުޗުކު ތަޅުވާފަ ކަންތައް އެބަހިންގާ. ކޮންމެވެސް އެއްގޮތަކަށް އެދެމީހުން ވަކިކުރަންވީ!” ވިޔާމް ދަތްކުނޑި ވިކަމުން ބުނެލިއެވެ.

 

**

 

އަފާފްގެ ޙާލަތު ރަނގަޅުވުމުން އޭނަ އޭގެ އަނެއްދުވަހުގެ ހެނދުނު ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އެއާއެކު ޝަރަފް އެންމެ ފުރިހަމައަށް އަފާފަށް އަޅާލައި ކަންތައް ކޮށްދޭން ފެށިއެވެ. އަފާފްގެ އެއްއަތުގައި މުޅިންހެން ބޭސްގަނޑު އެޅިފައިވުމުން އޭނައަށް އަނެއްކާވެސް ގިނަ ކަންތައް އަމިއްލައަށް ނުކުރެވޭ ގޮތްވިއެވެ. އެކަމާހެދި އާއި އަނެއްކާވެސް އޭނަގެ ފޭސްބުކް ޕޯސްޓްތަކަށް މެދުކެނޑުމެއް އައުމުން އަފާފް މާޔޫސްވިއެވެ. އެހެނަސް ޝަރަފް އެކަމާއި ގުޅިގެން ވެސް އަފާފަށް ހިތްވަރު ލައިދިނެވެ.

 

“އަފޫ ބުނަމެއްނު  އެވަގުތަކު އަހަރުމެންވާ ޙާލަތަކީ އެވަގުތަކު އަހަރުމެންނަށް އެންމެ ރަނގަޅު ޙާލަތޭ؟ ކޮންމެ ޙާލަތެއްގައި ވެސް އަހަރުމެންނަށް ހެވެއްވާނެއޭ؟ ސޯ ޗިއާރ އަޕް! އެހެންނޫނަސް އެ ޕޯސްޓްތައް ލިޔަން އަހަރެން އަފޫއަށް ހެލްޕްވާނަމޭ.” އެދުވަހު ހަވީރު އަފާފްގެ ބޮލުގައި ފުނާ އަޅައިދީފައި ކުޑަ ކަކޫމައްޗަށް ތިރިވެ ރީތިވާ މޭޒުދޮށުގައި އިން އަފާފްގެ މޫނަށް ބަލަން ހުރެ ޝަރަފް ވާހަކަ ދެއްކިއެވެ. އެ ވާހަކައަށް އަފާފް ހިނިތުންވެލިއެއްކަމަކު އެ ހިނިތުންވުން ފަނޑުވެ އެ މޫނުމަތިން އަފާފަށް އުނދަގުލެއްވެގެން އުޅޭ ކަހަލަ އަސަރެއް ފެނުނެވެ.

 

“ކިހިނެއްވީތަ ލޯބި؟” ޝަރަފް އަފާފްގެ ނިއުޅާލެވިފައިވާ އިސްތަށިގަނޑު އޭނަގެ ކަންފަތް ދަށަށް ލައްވައިދެމުން އަހާލިއެވެ.

 

“ނޭނގެ ޝަރަފް….އަހަންނަށް މި ދުވަސްކޮޅު ހީވަނީ އަހަރެންގެ އެއްވެސް ޕޯސްޓަކުން އެއްވެސް މީހަކަށް ފައިދާއެއް ނުކުރާހެން. މަންމަ ކުރީ ދުވަހު ޕޭޖަށް ވަދެފަ ބުނީ އަނެއްކާވެސް ވަރަށް އެއްޗެހި ކިޔާފަ އެބަހުއްޓޭ. މަރުގެ އިންޒާރު ވެސް ދީފަ އެބަހުއްޓޭ. އަދި މަންމަ ބުނި މީގެ ކުރިން ތިމަންނަ ތައުބާވާން ބޭނުންވެއޭ ކިޔާފަ މެސެޖުކޮށްފަ ހުރި އުޚްތެއްވެސް އަނެއްކާ އަހަންނަށް ބަދުބަސް ބުނެފަ ހުރި ވާހަކަ. ވަރަށް ވަރަށް ދެރަވޭ އެހެންވީމަ. މި ކުރެވެނީ މުޅިންވެސް ބޭކާރު ކަމެއްހެން ހީވޭ ބައެއްފަހަރު.” އަފާފް އެހެން ބުނިއިރު އޭނަ ލޮލުން ކަރުނަ ހިލުނެވެ. އޭނަގެ ވާހަކައިގެ މެދު ތެރެއިން ވިސްނުމެއްގެ ތެރެއަށް ގެއްލުނު ޝަރަފަށް ހަމަހޭވެރިކަމެއް ލިބުނީ އެ މަންޒަރު ފެނުމުންނެވެ.

 

“ހޭއި….ތިހެން ނުބުނޭ އަފޫ. އަހަރުމެން ހެޔޮ ނިޔަތެއްގަ ކުރާ އެއްވެސް ހެޔޮ ކަމަކީ ބޭކާރު ގޮތެއްގަ ދާ އެއްޗެއްނޫން. އަފޫ ހެޔޮ ނިޔަތެއްގަ ޢިލްމެއް ޙިއްޞާކޮށްފިނަމަ އޭގެ ސަބަބުން މީހަކު ތަޢުރީފެއް ކުރިޔަސް ނުކުރިޔަސް، އަދި މީހަކަށް ފައިދާއެއް ކުރިޔަސް ނުކުރިޔަސް، އަފޫއަށްވީ އެންމެ ފުރިހަމައަށް އެކަން ކުރި ނަމަ އަފޫއަށް އޭގެ ހެޔޮ ޖަޒާ ލިބޭނެއެއްނު؟ އެހެންވީމަ އެއީ ދެރަވާ ކަންތައްތަކެއްނޫން.” ޝަރަފް އަފާފަށް ހިތްވަރު ލައިދިނެވެ. ދެންވެސް އަފާފްގެ މޫނުމަތިން މާޔޫސްކަމެއް ފެނުމުން ޝަރަފް، މުއްދައްޘިރް ސޫރަތުގެ އާޔަތެއް ކިޔާލިއެވެ. އެ އާޔަތަކީ މީގެ ދެދުވަހެއްހާ ދުވަސްކުރިން ފޯނު ކޯލެއްގެ ތެރެއިން އަފާފް ޝަރަފަށް ހިތްވަރު ދިނުމުގެ ގޮތުން ޙިއްޞާކޮށް، ބުނެދިން އާޔަތެކެވެ. މިއަދު އޭގެ ބަދަލުގައި ޝަރަފް އޭނައަށް އެ އާޔަތް ކިޔައިދިނުމުން އަފާފަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެއާއެކު ޝަރަފްގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އަފާފްގެ އަތަށް ބޮސްދީފައި ތެދުވެލަން އުޅުނު ވަގުތު އަނެއްކާވެސް އަފާފް ދެންމެ ދެއްކި ވާހަކަތަކެއްގެ ތެރެއިން އޭނަގެ ސިކުނޑިއަށް ވެރިވި ސުވާލުތަކެއްގެ މަތިން ހަނދާންވިއެވެ. އަފާފަށް ބަޔަކު މީހުން މަރުގެ އިންޒާރު ދޭ ވާހަކަ އިވުމުން އެ އިންޒާރާއި އިއްޔެ ދިމާވި އެ ޙާދިސާއާމެދު އެއްވެސް ގުޅުމެއް އޮތްތޯ ޝަރަފްގެ ސިކުނޑި ސުވާލުކުރިއެވެ. އެކަމާމެދު އިތުރަށް ހޯދުމަށްޓަކައި ޝަރަފް އަފާފާއި ސުވާލުކުރިއެވެ.

 

“އަފޫ….އަސްލު ކިހިނެއްތަ އިއްޔެ އެ ސޭފް ރޫމްގަ ހުޅުޖެހުނީ؟” ޝަރަފް އަހާލިއެވެ. އަފާފަށް އެ ސުވާލާއިމެދު ވިސްނާލެވުނުތަނާހެން އޭނަގެ ހަނދާނަށް އައީ އެދުވަހު އޭނަ އެ ރޫމުގެ ތެރޭގައި ހުއްޓާ އިވުނު އަޑުތަކެވެ. އަލިފާން ފޮށްޓަކުން އަލިފާން ކަނޑާލެވުނު އަޑަށްފަހު އިވިގެން ދިޔަ ކޮންމެވެސް އަންހެން ކުއްޖެއްގެ އުސް ފައިވާނުގެ އަޑެވެ. ހަމަ މިއާއެކު އެދުވަހު ޝަބާ އޮފީސްތެރޭގައި ހިނގި ކަމެއްގެ ތުޚުމަތު އެޅުވި ކުއްޖާގެ ނަން ވެސް އަފާފްގެ ހަނދާނަށް އައެވެ. އެހެނަސް އެއީ ކަނޑައެޅިގެން އެ ކުއްޖަކު ކުރި ކަމެއްކަން ޔަޤީން ނުވާ ޙާލެއްގައި އަފާފް އެ ވާހަކަ ޙިއްޞާ ކުރާހިތެއްނުވިއެވެ.

 

“އަސްލު އަހަންނަކަށް ނޭނގޭ ވީގޮތެއް. އަނދާކަން އަހަންނަށް އެނގުނީވެސް ހޫނުވާން ފެށީމަ.” އަފާފް ތެދުތެދަށް ޖަވާބުދިނީ މަޞްލަޙަތަށްޓަކައި އެއްބައި ވައްޓާލާފައެވެ. އޭނަގެ އެ ޖަވާބުން ޝަރަފްގެ ދެބުމަ ކައިރިވިއެވެ. އޭނަ މިކަމާމެދު އިތުރަށް ހޯދަންޖެހޭކަން އޭނައަށް އެނގުންވިއެވެ.

 

އަފާފަށް ދީފައިވި ބޭހެއްގެ ސަބަބުން އެދުވަހު ހަވީރު އަފާފަށް ނިދުނެވެ. އަފާފް ނިދުމުން ޝަރަފް ވަގުތުން މިޞްރާބު ޖެހީ ދޮންތައާއި ބައްޕަ ކައިރިއަށް ދިޔުމަށެވެ. އެގެއަށް ގޮސް އެދެމީހުންނާއި އެކީގައި އަފާފްގެ ވާހަކަ ޙިއްޞާކޮށް އެކިއެކި ވާހަކަތަކެއްގައި އޭނަ މިނެޓްތަކެއް ހޭދަކުރިއެވެ. އެންމެ ފަހުން އެގެއިން ދާން ދިމާކުރި ވަގުތު ޝަރަފަށް ދޮންތައާއި ވަކިން ވާހަކަ ދައްކާނެ ފުރުޞަތެއް ލިބުމުން އޭނަ އޭގެ އިރުކޮޅެއް ކުރިން އަފާފާއި ކުރި ސުވާލުކޮށްލިއެވެ.

 

“ން….ނޭނގެ ދޮންތައަށް ވެސް ރަނގަޅަކަށް. އެކަން ތަޙުޤީޤު ކުރި މީހުން ބުނީ ކަރަންޓުގެ މައްސަލައެއް ހުރެގެން ދިމާވި ކަމެކޭ.” ޝަބާ އޭނައަށް އިވުނު ވާހަކައެއް ކިޔައިދިނެވެ. އޭނައަށާއި އެ އޮފީހުގައި ހުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެންނަށް ވެސް ނޭނގުނު ކަމަކީ އެއީ ފައިސާގެ ބޭނުންކޮށްގެން އެމީހުންނަށް އިއްވާލެވުނު ވާހަކައެއް ކަމެވެ. ޝަބާ ހުރީ އޭރުވެސް އޭނަ ތުޚުމަތު ކުރަން ބޭނުންވި މީހާގެ ވާހަކަ ފަތުރަން ބޭނުންވެފައެވެ. އެހެނަސް އޭނަ ޔަޤީންނުކޮށް އެހެން މީހެއްގެ ބޮލުގައި އިލްޒާމް ނޭޅުވީ އެއީ ރަނގަޅު ގޮތަކަށް ނުވާނެތީވެއެވެ. އަދި އަފާފްވެސް އޭނަ އެގޮތަށް ކަންތައް ކުރުމުން ނުރުހުންވާނެކަން އެނގިގެންނެވެ. އެހެންކަމުން ޝަރަފް އޭނަގެ ދޮންތައާއި ވެސް ވަކިވާންޖެހުނީ ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބިއެވެ. އެހެނަސް އެކަމާމެދު ވިސްނިވިސްނިހެން އެއީ ކަންބޮޑުވާންޖެހޭކަމެއް ނޫންކަމަށް ޝަރަފަށް އަމިއްލަ ނަފްސަށް ވިސްނައިދެވުނެވެ. އެ ޙާދިސާއަކީ ހަމަ ދިމާވި އެކްސިޑެންޓަކަށް ވެދާނެކަމަށް ހީކުރެވެން ފެށިއެވެ. ސޭފް ރޫމް ވަނީ އޭގެ ދުވަސްކޮޅެއްކުރިން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައި ކަމަށް ދޮންތަ ބުނި ވާހަކައިން އެކަން އިތުރަށް ޔަޤީންވާގޮތްވިއެވެ. އެހެންކަމުން ޝަރަފް އެކަމާމެދު އިތުރަށް ނުވިސްނަން ނިންމިއެވެ. އެހެނަސް އޭނަ ނަބީހަށް ގުޅައި މި ވާހަކަތައް ޙިއްޞާ ކުރުމުން އޭނަ ކަންބޮޑުވުން ފާޅުކުރިއެވެ.

 

“ތިއީ ކުޑަކަމަކަށް ނުވާނެ ޝަރަފް. އަހަރެން ބުނާނީ އަދި ދުވަސްކޮޅެއް ވަންދެން ޝަރަފް ތިކޮޅުގަ ހުންނާށޭ. ބިންތު ޢައްމާރުގެ ސަލާމަތްތެރިކަން ވަރަށް މުހިއްމު. ތަޙުޤީޤުގެ ނަތީޖާއިން ނުދެއްކިޔަސް އަހަންނަށް ހީވަނީ ތި އޮފީހުގެ ތެރެއިން މީހަކުހެން ތިކަމެއް ކުރާނީ. ޓްރާއި އެންޑް ފައިންޑް އައުޓް އިނގޭ. ވަރަށް މުހިއްމު މާ ލސްވުމުގެ ކުރިން ތި މީހަކު ހޯދުން…” ނަބީހް ބުންޏެވެ. ޝަރަފަށް އޭނަ އެ ދެއްކި ވާހަކަތަކާމެދު އެއްބަސްވެވުނެވެ. އޭނައަށް މިހާ ފަރުވާކުޑަ ގޮތަކަށް އެހާ ބޮޑުކަމެއް ދޫކޮށެއް ނުލެވޭނެއެވެ. މިއީ އަފާފްގެ ދިރިހުރުމާއި ގުޅުން ހުރި ކަމެކެވެ. ވީއިރު މި މައްސަލައިގެ އެންމެ ފުނަށް ގޮސް ނޫނީ އޭނަ ހުއްޓާލާކަށް ބޭނުމެއްނުވިއެވެ.

 

އެހެންކަމުން ނަބީހްގެ ޚިޔާލާއި އެއްގޮތަށް ޝަރަފް 4 ދުވަހުގެ ބަދަލުގައި ހަފްތާއެއް ވަންދެން އަފާފްގެ ކައިރީގައި މަޑުކުރަން ނިންމިއެވެ. އެއަށްވުރެ ގިނަ ދުވަހަށް ވެސް މަޑުކުރަން ބޭނުންވިއެއްކަމަކު އެއަށްވުރެ ގިނަ ނުކުރީ އޭނަ ނެތުމުން ނަބީހްއަށް ދަތިވާނެ މިންވަރާއިމެދު ވިސްނާފައެވެ. އޭނައަށް މާލޭގައި ހޭދަކުރަން ލިބޭ ވަގުތުކޮޅުގެ މަދުކަމާމެދު ވިސްނާފައި ޝަރަފް އެންމެ ފަސޭހަ ގޮތަކަށް އަފާފްގެ އޮފީހުގައި އެއްވެސް ނުބައި ނިޔަތެއްގައި ހުންނަ މީހަކު އުޅޭތޯ ހޯދާލަން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ އަފާފްގެ ގޮތް އެނގިހުރެ އަފާފާއި ސީދާ އެ ސުވާލުކުރީ އެދެވޭ ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައެއްނޫނެވެ. ކަންވީވެސް އޭނައަށް ހީކުރެވުނު ފަދައިންނެވެ.

 

“ދެން ޝަރަފް! އަހަންނަށް ކިހިނެއް އެނގޭނީ މީހެއްގެ ހިތުތެރޭގައި އޮތް ނިޔަތެއް؟ އެކޮޅަށް ގޮއްސަ ހުސް ފިލްމު ބަލައި ދޯ ހަދަނީ. އެހެންވެ ތިގޮތަށް ތި ވާހަކަ ދެކެވެނީ. ދެން އެވާހަކަ ބާއްވަބަލަ ޝަރަފް. އެ ޙާދިސާގެ މަތިން ހަނދާން ނައްތާލަމާ ދޯ؟ އަހަރެން ބޭނުމެއްނޫން ލޯބިއާއެކީ ހޭދަކުރެވޭ މި މަދު ވަގުތުކޮޅުތައް ތިކަހަލަ ކަންކަމުގަ ވޭތުވެގެން ދާކަށް. ލޯބި ބޭނުންވޭތަ؟” އެދުވަހު އަފާފް، ޝަރަފްގެ ގައިގައި ބައްދާލަމުން ލޯތްބާއެކީ އެހިއެވެ. އެއާއެކު ޝަރަފަށް އެ ފަހު ސުވާލަށް ހިތާހިތުން އާނއެކޭ ބުނެލެވުނެއްކަމަކު އޭނަ އަފާފް ރައްކާތެރިކުރަންޖެހޭނެކަމަށް ވެސް ބުނެ އެ ހިތުތެރެއިން އަޑުއައެވެ. އެއަށްފަހު އަފާފާއި ޙިއްސާކުރާ ވަގުތުތަކުގައި އޭނަ ހޯދާހޯދުންތަކާގުޅޭ ސުވާލުތައް ނުކުރަން ޝަރަފް ނިންމިއެއްކަމަކު، ދެންވެސް ޝަރަފް އަމިއްލައަށް އަފާފްގެ އޮފީހަށް ގޮސް ހޯދުންތައް ހޯދަން ނިންމިއެވެ.

 

ޝަރަފް އެ ނިންމި ނިންމުމަށްފަހު އަފާފަށް އަނެއްކާވެސް ގިނަގިނައިން ޝަރަފްގެ ސަމާސާތަކާއި ހުނުމުގެ އަޑު އިވެންފެށިއެވެ. އޭނައަށް ވަގުތު ދެމުން ވެސް ޝަރަފް ކޮންމެ ދުވަހަކުހެން އޭނަގެ މަންމައާއި ބައްޕައާއި ބައްދަލުކުރަން ދެއެވެ. އަފާފް އެކަމާމެދު ޝަކުވާއެއް ނުކުރެއެވެ. އޭގެ ބަދަލުގައި ޝަރަފްގެ އެފަދަ ޢަމަލުތަކުން އޭނަގެ ހިތުގައި ޝަރަފަށްޓަކައި އޮންނަށް ޤަދަރު އިތުރުވަމުން ދިޔައެވެ. އެއްދުވަހު ޝަރަފް އޭނައާއި ޝަބާ ގޮވައިގެން ވެސް މަންމައާއި ބައްދަލުކުރަން ދިޔައެވެ. ވަރުދާއަށް ދިމާވެފައިވި ޙާލަތުގެ ވާހަކަ އިވުމުން މިއަދު ޝަބާއާއި ޢައްބާސްގެ ހިތުގައި ވެސް އޭނައަށްޓަކައި އުފެދިފައިވަނީ ޙަމްދަރުދީއެކެވެ. ޝަބާ މަންމައާއި ބައްދަލުކުރަން ދިޔައީ އެ ޙަމްދަރުދީގެ ސަބަބުންނާއި އޭނަގެ މައްޗަށް އޮތް ވާޖިބެއްގެ ސަބަބުންނެވެ. މަންމައާއި ބައްދަލުކުރުމުން ވޭތުވެ ދިޔަ އަހަރުތަކުގައި މަންމަގެ ހިތް ސާފުވެފައިވި މިންވަރު ތަޞައްވުރު ކުރެވުމުން ޝަބާގެ ހިތުގައިވެސް މަންމައަށްޓަކައި ލޯތްބެއް އުފެދުނެވެ. ޢައްބާސްއަށް އެ ވާހަކަތައް އިވުމުން ވަރުދާއަށް މަޢާފުކުރާނެހާ ހިތްވަރެއް ޢައްބާސްއަށް ލިބިގެން ދިޔައެވެ. ޢައްބާސް އޭނަގެ ހިތް ވަރުދާއަށް ސާފުކޮށް އޭނައަށްޓަކައި ހެޔޮ ދުޢާ ކުރިއެއްކަމަކު ވަރުދާ ބަލާކަށް ނުދެއެވެ. މި ޙާލަތުގައި ވަރުދާއަށް ވެސް އެންމެ ރަނގަޅުވާނީ އެގޮތް ކަމަށް ނިންމަމުންނެވެ.

 

ޝަރަފް އޭނަގެ ޢާއިލާއަށް އެކަށީގެންވާ ވަރަށް ވަގުތު ދިނެއްކަމަކު އަފާފަށް ހީވަމުން ދިޔައީ ޝަރަފް އެންމެ ގިނަ ވަގުތު ދެމުން ދިޔައީ އޭނައަށް ހެންނެވެ. އެހެނަސް އޭނަ އޭގެ ފައިދާ ނާޖާއިޒު ގޮތުގައި ނުނަގައެވެ. ޝަރަފް ކިތަންމެ މުހިއްމު ކަމެއް އޮތަސް އޭނަ ވާހަކަ ދައްކަން ފަށައިފިނަމަ އެ މަސައްކަތް ހުއްޓާލާފައި އޭނައަށް ހުރިހާ ސަމާލުކަމެއް ދޭނެކަން އަފާފަށް އެނގެއެވެ. އެހެންކަމުން އަފާފް ވީހާވެސް ވަރަކުން ވިސްނައިގެން ޝަރަފަށް ބުރަ ނުވާނެގޮތަކަށް ކަންތައް ކުރެވޭތޯ މަސައްކަތް ކުރެއެވެ. މިގޮތުން އެއްދުވަހުގެ ހަވީރު ވަގުތު ޝަރަފް އިނީ އޭނަގެ އެނދުމަތީގައި އަފާފްގެ ލެޕްޓޮޕުން ރިސޯޓުގެ ކޮންމެވެސް ހިސާބުގެ މަސައްކަތެއް ކުރާށެވެ. އަފާފް އޭނަގެ ކައިރީގައި އިނދެ ފޮތެއް ކިޔަމުން އެވަގުތު ޝަރަފްގެ ހިސާބުތަކަށް ދިނުމަށެވެ. ކިޔަމުން ދިޔަ ފޮތުން ޝައުޤުވެރި ތަންކޮޅެއް އައުމުން ވެސް އެ ވާހަކަތައް ޙިއްޞާކުރަން ހިތަށްއެރި ކޮންމެ ފަހަރަކު އަމިއްލަ ނަފްސުގާތު ނޫނެކޭ ބުނެ އެ ވާހަކަ ފަހަށް ބާއްވަމުން ދިޔައެވެ. އެހެނަސް އެ ވިއްސާރަ ދުވަހުގެ ހަވީރު ވަކި ހިސާބަކުން ވާރޭ ވެހެން ފެށުމުން އަފާފަށް ބޭއިޚްތިޔާރުގެ ކޮޓަރީގެ ކުޑަދޮރު ހުންނަ ދިމާލަށް އޭނަގެ ލޯ އަމާޒުކޮށްލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ޝަރަފަށް ގޮވާލެވުނެވެ.

 

“ޝަރަފް!…..” ޝަރަފާއިވީ ފަރާތަށް އެނބުރި އެނަމުން ގޮވައި އޭނަ އެތައް ވާހަކައެއް ދައްކަން އުޅުނެވެ. އެހެނަސް ޝަރަފް ލެޕްޓޮޕުން ޓައިޕްކުރާ އަޑު އިވިފައި އަފާފްގެ ހިނިތުންވުން ފަނޑުވެ އޭނައަށް އިސްޖަހާލެވުނެވެ. އެވަގުތު އޭނަގެ މަސައްކަތް މެދުކަނޑައި، އަފާފަށް ބަލާލި ޝަރަފަށް އެ މަންޒަރު ފެނުނެވެ.

 

“ކިހިނެއްތަވީ އަފޫ؟” ޝަރަފަށް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ.

 

“ކަމެއްނުވޭ.” އަފާފް ހިސާބެއްގެ ހިތްދަތިކަމާއެކީ ބުނެލިއެވެ. އޭނަ ބޭނުންވީ ވާރެއާއި ތެމިލާށެވެ. އެހެނަސް ޝަރަފް އެހާ ބުރަ މަސައްކަތެއްގައި ވަނިކޮށް އޭނަ ބޭރަށް ގެންގޮސްދިނުމަށް އެދެން އަފާފް ޖެހިލުންވީއެވެ. އޭނަ ކަމެއްނުވެއޭ ބުނުމުން ޝަރަފް އަނެއްކާވެސް ޓައިޕްކުރަން ފެށި އަޑ އިވުމުން އަފާފް އިތުރަށް ހިތްދަތިވާ ގޮތްވިއެވެ. އެއީ ނުވާނެކަމެއްކަން އެނގޭއިރު ވެސް ޝަރަފަށް އޭނަގެ ހިތުތެރޭގައިވި އިޙްޞާޞްތައް ނަގައިގަންނަން ނޭނގުމުން އޭނަ ދެރަވީއެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަ ޝަރަފްގެ ނަމުން ގޮވާލި ފަހުން ޝަރަފަށް އޭނަގެ މަސައްކަތަށް ފުރިހަމަ ސަމާލުކަމެއް ނުދެވޭކަމެވެ. އޭނައަށް ދޭތެރެދޭތެރެއިން އަފާފަށް ބެލެމުން ދިޔަކަމެވެ. އެ ބެލި ބެލުމުން އަފާފް ކުޑަދޮރުން ބޭރަށް ބަލައިގެން ހުރިކަން ފާހަގަވުމުން އިރުކޮޅެއްގެ ތެރޭގައި ޝަރަފަށް އެ ވީގޮތް ނަގައިގަނެވުނެވެ. އަފާފް ޢާއްމުގޮތެއްގައި ވާރޭ ވެހެން ފެށުމުން ބަލާނީ އެދިމާލަށްކަން އޭނައަށް އެނގެއެވެ. އެއީ ކޮން އެދުމަކާއެކީގައި ކަންވެސް އޭނައަށް އެނގެއެވެ. އެކަން އެނގުންވީ ހިނދު ޝަރަފަށް ޓައިޕްކުރުން ހުއްޓާލެވުނެވެ. އޭނަ ލެޕްޓޮޕް ސްކްރީނަށް ބަލާލި ވަގުތު އޭނަ ބޭނުންވީ ހަމަ އެ ވަގުތުން ވަގުތަށް ވެސް އެންމެ ފުރަތަމަ ކަމަކަށް އެ މަސައްކަތް ނިންމާލާށެވެ. އެހެނަސް އޭނަ އޭގެ ބަދަލުގައި އޭނަގެ ލެޕްޓޮޕް ލައްޕާލީ ހަމައެކަނި އަފާފަށް ވަގުތު ދިނުމަށެވެ. އޭނަ ލެޕްޓޮޕް ލައްޕާލި އަޑަށް އަފާފް އޭނައާއި ދިމާލަށް މޫނު އަނބުރައި އޭނައަށް ގޮވާލިއެއްކަމަކު ޝަރަފް ޖަވާބެއް ނުދެއެވެ. އަފާފް ހީލަމުން ދެން ތި މޮޔަ ސަމާސާ ކުރިޔަސް ތިމަންނައަށް ނުހެވޭނެއޭ ބުނި ވަގުތު އޭނަގެ ފިޔަވަޅުތަކުގެ އަޑުވެސް ނުއިވޭނެ ޒާތެއްގެ ހިނގުމެއްގައި ގޮސް އަފާފްގެ ކައިރީގައި މަޑުކޮށްލިއެވެ. އެއަށްފަހު ކުއްލިއަކަށް އަފާފް އޭނަގެ ކޮނޑުމައްޗަށް ލައިގެން ގޮސް ބެލްކަނިން ނިކުމެވޭ ދޮރު ކަހައި ވާރޭގެ ތެރެއަށް ނިކުތެވެ. އަފާފް ނެގި ވަގުތު އޭނަގެ އަނގައިން ތޫލި އަޑެއް ލެއްވިއެއްކަމަކު ޝަރަފް ގޮސް ވާރޭ ތެރޭގައި އަފާފް ބެހެއްޓި ވަގުތު އަފާފަށް ހެވެމުން ދިޔައެވެ. އެ ބޯ ވާރޭގެ ތެރޭގައި މަޑުކުރިތާ މާ ގިނައިރެއްނުވެ ދެމީހުންވެސް ފޯވިއެވެ.

 

“އޯ ނޯ ދެން ބުރުގާވެސް ހުންނާނީ މޫނާއި ބޮލުގަ ތަތްލަވާފަ.” އަފާފް ނުހޭން މަސައްކަތް ކުރަމުން ‘ޝަކުވާ’އެއް ކޮށްލިއެވެ.

 

“ހޫނ ދެން ހެދޭނެ ކަމެއްނެތޭ. އަހަރުމެން އެންމެންނަށް ވެސް އެބައިނގޭ ތިމީހާ ބޭނުންވި ތަނަށްކަން އާދެވިފަ މިހިރީ.” ޝަރަފް ބުންޏެވެ. އަފާފް ހީލަމުން އިތުރު އެއްޗެކޭ ނުބުނެ ދެލޯ މަރައި ދެއަތް މައްޗަށް އުފުލައި ކުޑަކޮށް އެނބުރިލަމުން އެ ވާރޭގެ އިޙްޞާޞް ކުރިއެވެ. އެ މަންޒަރު ފެނިފައި ޝަރަފް އާޝޯޚުވާގޮތްވިއެވެ.

 

“ބިއުޓިފުލް!” ޝަރަފް ދެއަތް އުރައިގެން ހުވަފެނީ ގޮތަކަށް އަފާފަށް ބަލަން ހުރެ ބުނެލިއެވެ. އެ އަޑު އިވިފައި އަފާފް ތަންކޮޅެއް ދުރުގައި ހުރެ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. ޝަރަފް ލަސް ހިނގުމެއްގައި ގޮސް އޭނަގެ ދެއަތުން އަފާފްގެ އުނަގަނޑުގައި ވަށާލިއެވެ. އަދި އޭނަގެ ނިތް އަފާފްގެ ނިތުގައި ޖައްސާލިއެވެ.

 

“އަހަރެން އެކޮޅުގަ ހުރެގެން ދެއްކި ވާހަކައިގެ މަތިން ހަނދާން އެބަހުރިތަ؟” ޝަރަފް ހުރިގޮތަށް ހުރެ އަހާލިއެވެ.

 

“ކޮން ވާހަކައެއް؟” އަފާފަށް އަހާލެވުނެވެ.

 

“ކުޑަކުޑަ އަފާފްއެއް ހޯދާ ވާހަކަ.” ޝަރަފް ހިނިތުންވުމަކާއެކީ ބުންޏެވެ. އެއާއެކު އަފާފަށް ރަތްވެގެން ދިޔަ މޫނަކާއެކީ ލުއި ގޮތަކަށް ހީލެވުނެވެ.

 

“ތިހާ ބިޒީކޮށް އުޅޭ މީހުންނަށް ކުޑަ މީހުން ހޯދޭތަ؟” އަފާފް އަހާލިއެވެ. އެއާއެކު ޝަރަފް އަފާފް އޭނައާއި އިތުރަށް ގާތްކޮށްލިއެވެ. ދެމީހުންގެ ހިތުގެ ތެޅުން އެއްވަރަކަށް އަވަސްވެގެން ދިޔަ ވަގުތު އެމީހުންނަށް ނޭނގުނު ކަމަކީ އެ ޢިމާރާތާއި ދިމާ ކުރިމަތީގައި ހުރި ޢިމާރާތެއްގައި ހުރި އަންހެން ކުއްޖެއްގެ ރުޅިވެރި ނަޒަރު އެދެމީހުންނަށް ވެސް އަމާޒުވެފައިވި ކަމެވެ. ޝަރަފް އަފާފް އޭނަގެ އަތްދަނޑިމައްޗަށް އުފުލައިގެން ގޮސް ކޮޓަރިއަށް ވަތް މަންޒަރުވެސް އެ އަންހެން ކުއްޖާ ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު އެ އަންހެން ކުއްޖާ އެ ހިޔާ ކޮށްފައިވި ބެލްކަނީއިން، އޭނަގެ ތަނަވަސް ކޮޓަރިއަށްވަނެވެ. އަދި އެތާހުރި ސީޑީ ރެކެއްގެ ތެރެއިން ކޮންމެވެސް އާދައިގެ ސީޑީއެއް ނަގައިގެން ގޮސް ޑީވީޑީ ޕްލޭޔަރަށް ލައްވައި ޓީވީ ޖައްސާލިއެވެ. އެއާއެކު އޭގެއިން ފެންނަން ފެށީ ކޮންމެވެސް އަންހެނަކު ކްލަބެއްގެ ތެރެއިން ގޮސް ފިރިހެނެއްގެ މޫނުގައި ހިފަހައްޓާލި މަންޒަރެވެ. އޭގެ އިރުކޮޅެއްނުވެ އެ ފިރިހެން މީހާ އަންހެންކުއްޖާގެ ގައިގައި ބައްދާލަމުން ވާހަކަ ދެއްކިއެވެ.

 

“އައި ލަވް ޔޫ…..އައި ލަވް ޔޫ ސޯ މަޗް!” އެ ބަސްތައް އިވިގެން ދިޔައީ ޝަރަފްގެ އަޑުނޫން އެހެން އަޑަކުންނެއް ނޫނެވެ. އެ ބަސްތައް އިވިފައި ޓީވީ ބަލަން އިން އަންހެން ކުއްޖާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ހިތާ ފުރާނައިން… (47)

Next

ހިތާ ފުރާނައިންް… (48)

Next
February 24, 2018

ހިތާ ފުރާނައިންް… (48)

Previews
February 23, 2018

ހިތާ ފުރާނައިން… (47)

12 Comments!

  1. Jana says:
    February 24, 2018 at 12:23 am

    Assalaam’alaikum. dhen oiy bai aadhihtha dhuvahu In Sha Allah 🙂

  2. Fan says:
    February 24, 2018 at 1:11 am

    Sounds like upcoming of a disaster to their relationship ??
    Maa sha Allah v nice mi bai ves..
    jana ge vaahaka thah vv kiyaa hithun abadhuves kiyany
    May Allah bless u with success dear ❤️

  3. Sid says:
    February 24, 2018 at 1:50 am

    Aharumen miadhu kuraa kanthah thakaki ahrumenge musthagubalu ge ujaalakan gelley kanthah thakeh… Sharaf ah dhimaavani mikanthakey dho….

  4. Berry says:
    February 24, 2018 at 7:31 am

    Oh noo. Hana is gonna ruin sharaf and afoo’s relationship?. BTW story is getting better day by day?. Thanks for this beautiful story jana sis??

  5. malsy says:
    February 24, 2018 at 8:49 am

    masha allah
    v furihama story eh
    alhe sharaf and afaaf dhuru nukurahchey…

  6. Xxxx says:
    February 24, 2018 at 9:06 am

    Awesome story..like it..???keep it up dear

  7. xeybooo says:
    February 24, 2018 at 10:33 am

    MA SHA ALLAH story v salhi.,ekam alhey anekka wes dhuru kurany tha afu men?no jana plsssssssss

  8. Sana says:
    February 24, 2018 at 1:32 pm

    Hey jana, how are you?
    Maashaa Allah varah furihama story eh!?
    When next part?

  9. Pinky shifoo says:
    February 24, 2018 at 5:26 pm

    Mi part vx v v v reethi ❤️❤️❤️… V furihama Maasha Allah ???… V interesting ???… V reethi koh hurihaa manzareh vx sifavegen dhey ???… I think hana is going to ruin their relationship ???… V foohivey mi hana dheke ???… Curiously waiting for the next part… Keep up the good work jana ???… N thankyou soooooo much jana mihaa iburaitheri reethi story eh genesdheythy ?????????

  10. Aisha says:
    February 24, 2018 at 8:40 pm

    Vvv reethi

  11. Muslim girl says:
    February 28, 2018 at 8:01 pm

    ?Um,I want to tell u shinaaz men ulhey gotheh nugennan tha , Dhen assu Jana ge sababun dheenee mauloomaath libeythy ufaa kuran , adhivx inthizaaruga mihunna. ny ithuru post eh libeythw,Jazaakah allah khairaa

  12. Muslim girl says:
    February 28, 2018 at 8:03 pm

    Mihunnany *

Comments are closed.

Next Episodeނޫރު (ބަޔާޅީސްވަނަ ބައި)←


All Right Reserved!