Skip to content
އެސްފިޔަ

ޒާރާ (29)

ކުރީގެ އަދަދާއި ގުޅޭ : “ހާދަ ހެނދުނަކާއޭ.. އަދި ހެނދުނު 7 އެ ޖެހީ ދޯ މަންމާ..” ޒާރާ ގަޑި ބަލާލިއިރު ހެނދުނު 7:05 ވީއެވެ.

“އާނ.. ދޯ.. ދަރިފުޅާ.. ހީވަނީ އެމީހުން މިގަޑީގައި ނުފޮނުވާ ޔަޒްދާންއަށް ކެތްކޮށްނުލެވުނީހެން.. އެކަމަކު ދެން މާ ހެނދުނަކާވިއްޔަ އެފޮނުވީ.. ހެހެ.. ދަރިފުޅަށް ނޭނގުނަސް ބައެއްފަހަރަށް ޔަޒްދާންއަކަށް ކަންކަމުގައި ކެތެއް ނުކުރެވޭނެ..” ހެމުންހެމުން ވަފިއްޔާ ބުނެލިއެވެ.

ޒާރާވެސް އަވަހަށް މޭޒުމަތީގައި ސައިޖޯޑު ބަހައްޓާފައި ސިޓިންރޫމްއަށް ދިޔައެވެ.

އޭރު، ސިޓިންރޫމްގައި ބަހައްޓާފައި ހުރި ސޯފާގައި އިށީނދެލައިގެން ދެފިރިހެން ކުދިން ތިއްބެވެ. ބަލާބެލުމަށް އެކުދިން ހީވަނީ ޔަޒްދާންއާ އެއްއުމުރެއް ހެންނެވެ.

“ޒާރާދޯ.. މިއައީ ޔަޒްދާން ފޮނުވައިގެން.. ރަންކިޔަން..” އެކުދިންނަށް ޒާރާ ފެނުމުން އެތަނުން އެއްކުއްޖެއް އިިިސްވެ ވާހަަަަަަަކަދެއްކިއެވެ.

“އޯހް. އަދި މިއުޅެނީ ނަންވެސް ނުބުނެވިދޯ؟ އަހަންނަށް ކިޔަނީ ވިއާމް.. އަހަންނަކީ ޔަޒްދާންއާ އެކީގައި ޕޮލިހުގައި މަސައްކަތްކުރާ، ޔަޒްދާންގެ ވަރަށް ގާތް ރައްޓެއްސެއް..” ވިއާމް ހިނިތުންވަމުން ވާހަކަދެއްކިއެވެ.

“ދެން މީނީ ޒިއާން.. މީނަވެސް މީ ޔަޒްދާންގެ ރައްޓެއްސެއް.. އެކަމަކު މީނަ އުޅެނީ އެމް.އެން.ޑީ.އެފް ގައި..” ދެން އެތާއިން ފިރިހެންކުއްޖާވެސް ތައާރަފްކޮށްދިނީ ވިއާމްއެވެ.

“އެހެންވީމާ ޒާރާ ރަނެއް ކިޔަންވީއެއްނު..” އެހެންބުނެފައި ވިއާމް ޒާރާގެ ޖަވާބެއް ލިބޭތޯ  އިތުރަށް އަނގައިން ނުބުނެ މަޑުކޮށްލިއެވެ.

“އަހަރެން ރަންކިޔާނީ 222 ރުފިޔާއަށް. ވިއާމްއާ ޒިއާން މަޑުކޮށްލާ.. އެބަ އަންނަން ބޯއެއްޗެއް ހިފައިގެން..” އެހެން ބުނެފައި ޒާރާ ބަދިގެ ފަރާތަށް ދިޔައެވެ.

“ޔަޒްދާންގެ ވާންއުޅޭ އަންހެނުން ހާދަ ރީއްޗޭދޯ..” ޒާރާ ދިއުމުން ޒިއާންއަށް ޒާރާގެ ރީތިކަމަށް ތައުރީފްކުރެވުނެވެ.

“އޭ ކިހިނެއް ތިވަނީ.. އަހަރެމެން މީ މިތަނަށް ޒާރާ ލައްވާ ރަންކިޔުއްވަން އައި ބައެކޭ..” ޒިއާން އެހެންބުނުމުން ވިއާމް އިނީ ހިތްހަމަނުޖެހިފައެވެ.

“އަހަންނަށްވެސް ތިކަން އެނގެއޭ.. އެކަމަކު ރީތިވީމަ އެހެން ބުނެވިދާނެތާ ދޯ.. އެއީ ޔަޒްދާން ކޮންތާކުން ހޯދި ކުއްޖެއްތަ.. އަހަރެންވެސް ބޭނުމީ ހަމަ އެހާ ރީތި ކުއްޖެއް..” ޒިއާންއަށް އިނދެވުނީ ހުވަފެނީ ދުނިޔެއެއްގެ ތެރޭގައެވެ.

“ޒިއާންވެސް އެކަހަލަ ކުއްޖެއް ބޭނުމިއްޔާ ރާއްޖެތެރޭގެ ރަށްރަށް ބަލާ.. ޒާރާއަކީ ވެސް ރާއްޖެތެރޭ ރަށެއްގެ ކުއްޖެއް.. ޒާރާގެ ރަށަކީ ފުނަދޫ.. އެކަމަކު ޒާރާ މަތިން ހަނދާންނައްތާލާ..  އެއީ މިހާރު ބްރޯގެ ވާންއުޅޭ އަންހެނުން. ޒާރާއަށްވުރެ މާ ރީތި ކުދިންވެސް ރާއްޖޭގެ ރަށްރަށުގައި އުޅޭނެ..” އެކަން ކުރާނެ މޮޅުގޮތެއް ވިއާމް ޒިއާންއަށް ކިޔާދިނެވެ.

ޒިއާންގެ ހިތް ޒާރާގެ މައްޗަށް މާބޮޑަށް ލެނބިގެން ގޮސްދާނެތީ ޒާރާގެ ހުންނަ ރަނގަޅު މިޒާޖާއި ހިތްހެޔޮކަމުގެ ވާހަކަވެސް ވިއާމް ސިއްރު ކުރިއެވެ.

“ހެހެ.. އަސްލުވެސް؟ ތިހެންވީއިރު ފުނަދޫއަށް ކަންނޭނގެ ފުރަތަމަ ދާންވީ..” ޒިއާންއަށް އެވާހަކަ ދެއްކުން ހުއްޓައެއް ނުލެވުނެވެ.

“އާނ.. ނިކަން ދޭބަލަ.. މާ ރީތި ކުދިން ފެންނާނެ.. އެކުދިން ފެނުނީމާ ޒިއާންވެސް އަމިއްލައަށް ބުނާނެ.. ޒާރާއަށްވުރެ މާރީއްޗޭ..” ވިއާމް އެހެންބުނީ ޒިއާންގެ ވިސްނުން އެހެންގޮތަކަށް އަނބުރާލެވޭތޯއެވެ.

އެހެން ބުންޏަސް، ވިއާމް ބުނީ ދޮގެއްވެސް ނޫނެވެ. ރާއްޖެތެރޭ ރަށްރަށުގައި އުޅޭ ރީތި އަންހެންކުދިން ވިއާމްއަށްވެސް ވަނީ ފެނިފައެވެ.

މާލޭގައި އުޅޭ ކުދިންގެ ތެރެއިންވެސް އަސްލު މާލެއަށް ނިސްބަތްވަނީ ވަރަށް މަދު ކުއްޖެކެވެ. ގިނަ ކުދިންވަނީ ރާއްޖެތެރެއަށް ނިސްބަތްވާ ކުދިންނަށެވެ.

“އޯކޭ.. ވިއާމް ބުނީމަ އަހަރެން ގަބޫލުކޮށްފާނަން.. ވިއާމްވެސް ތިއުޅެނީ ރާއްޖެތެރޭ ކުއްޖެއް ހޯދައިގެންވިއްޔަ.. ދެންޖެހޭނީ ގަބޫލުކުރަންތާދޯ..” އެންމެފަހުން ޒިއާންވެސް ވިއާމް ބުނި ވާހަކަތައް ގަބޫލުކުރިއެވެ.

“ދެން ތިވާހަކަ ނުދައްކާ.. ޒާރާ އެބައާދޭ..” ޒާރާ އަންނަތަން ފެނުމުން ޒިއާން ގާތުގައި ވިއާމް އެހެންބުނެލީ ވަރަށް މަޑުމަޑުންނެވެ.

އެވަގުތު ޒާރާ އައީ ކާއެއްޗިހި ތަށިތަކެއް ހުރި ތަބަކެއް ދެއަތުން ހިފައިގެންނެވެ. އެތަބައް ޒާރާ ބެހެއްޓީ ވިއާމްމެން އިށީނދެގެން ތިބި ސޯފާގެ ކައިރީގައި ހުރި މޭޒެއްގައެވެ.

އެތަބައް މޭޒުމަތީ ބެހެއްޓިތަނާހެން ވަފިއްޔާވެސް އޮރެންޖް ޖޫސް ދެތަށި ހިފައިގެން އައިސް އެ މޭޒުމަތީ ބެހެއްޓިއެވެ.

“ކޮބާ.. އަވަހަށް ކާންފަށާ..” ވިއާމްމެން ކާން ނޫޅުމުން، ބަދިގެ ފަރާތަށް ދަމުން ވަފިއްޔާ ދިޔައީ އެހެން ބުނެލާފައެވެ.

އެހެންބުނުމުން، ވިއާމް އާއި ޒިޔާން މޭޒުމައްޗަށް ބަލާލިއެވެ. ތަބަކުގައި ހުރި ތަށިތަކުގައި ހުރީ ފޮނި އަދި ކުޅި ބޯކިބަލާއި، ބިސްކީމިޔާއާ، ކަޓްލަހާއި، ބަޖިޔަލާއި، ފުށް ގުޅައާއި، ބިސްކޯދާއި އަަަދި ދޮންކޭލެވެ.

އެހާ ގިނަ ބާވަތްބާވަތުގެ ކާއެއްޗިހި ފެނުމުން އެންމެފަހުން އެދެމީހުންގެ ކުޅުދިޔާވެގެން އަވަހަށް ކާންފެށިއެވެ.

“ހާދަ މީރޭ.. ހަމަ އަހަރެމެންނަށްޓަކައި ދޯ މިއޮތީ ތައްޔާރުކޮށްދީފަ.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” ކާއެއްޗިހި މީރުވި މިންވަރުން ޒިއާންއަކަށް އަނގައިން ނުބުނެ މަޑުންނެއް ނީނދެވުނެވެ.

އެމީހުން ކައިނިމެންވާއިރަށް، ބަދިގެ ފަރާތަށް ގޮސްފައި ޒާރާ އައީ ދެތަށި ބޯފެންވެސް ހިފައިގެންނެވެ. އެތަށިތައްވެސް ޒާރާ ބެހެއްޓީ  ހަމަ އެމޭޒުމަތީގައެވެ.

ވިއާމްމެން އެގެއިން ދަމުން ދިޔައީ ޒާރާއާއި ވަފިއްޔާ އަދާކޮށްދިން މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

*******************

ޒިއާންމެން ގެއާ އަރާ ހަމަވިތަނާ ޔަޒްދާން ގުޅަންފެށުމުން ވިއާމް ފޯނުނެގިއެވެ. އޭރު ޒިއާން ގޮސް ޒިއާންގެ ގެއަށް ވަންނަނީއެވެ.

“ކޮބާ؟ ޒާރާ ރަންކިޔައިފިިތަ؟ ކިހާވަރަކަށް ކީ؟” ވިއާމް ފޯނު ނެގިތަނާ ހުރިހާ ސުވާލެއް ޔަޒްދާން ފައްޗަކަށް އަމުނާލިއެވެ.

“ހާދަ ހިތްއަވަސްވެފަ. ރަންވެސް ކިޔައިފި. ކީ 222 ރުފިޔާއަށް.” ޔަޒްދާންގެ ހިތްއަވަސްވެފައިވާ މިންވަރު ވިއާމްއަށް ދެނެގަނެވުނެވެ. “އެހެންތަ” ޔަޒްދާންއަށް ބުނެވުނެވެ.

“ބްރޯ އެއްޗެކޭ ހީނުކުރައްޗޭ އިނގޭ.. އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފަ..” ވިއާމް ބޭނުންވީ ހިތުގައި އޮތް އެއްޗެއް ޔަޒްދާންއަށް ކިޔާދޭށެވެ.

“ހުމްމް ބުނެބަލަ..” ޔަޒްދާންވެސް ބޭނުންވީ ވިއާމް އެ ބުނަން އުޅޭ ވާހަކައެއް އަޑުއަހާށެވެ.

“ފަހަރި ބުރުގާ އަޅުވަންވީއެއްނު؟” ވިއާމް ބުނެލިއެވެ.

“ޒާރާ ބުރުގާ އަޅުވަންވީއޭ؟ އަނެއްކާ ކިހިނެއްވީތަ ވިއާމް..؟” ކުއްލިއަކަށް ހުރެހުރެފައި ވިއާމް އެހެންބުނުމުން ޔަޒްދާން ކަންބޮޑުވާ ގޮތްވިއެވެ.

“މިއަދު ރަންކިޔުއްވަން ތިގެއަށް ދިޔަތަނުން ޒިއާންއަށް ފަހަރި ރީތިވެއްޖެ.. ޒިއާންއަށް ފުރަތަމަ ފަހަރިއާ ދިމާއަށް ނޫން އެހެން ދިމައެއް ނުވެސް ބެލޭ.. އެހެންވެ އެހެން މިބުނީ..” ވިއާމް ހަގީގަތަށް އެކަންވީގޮތް ޔަޒްދާންއަށް ކިޔާދިނެވެ.

“އަހަރެން ތިވާހަކަ ޒާރާއާ ދައްކާނަން.. ތިވާހަކަ ބުނީތީ ޝުކުރިއްޔާއޭ ބުނެވޭނީ.. އަހަރެންވެސް ޒާރާއާ ކައިވެނިކޮށްފައި ޒާރާ ގާތުގައި ތިހެން ބުނަންވެގެން މިހުންނަނީ.. އެކަމަކު ޒިއާންއަށް ވާހެން އެހެންމީހުންނަށްވެސް ވެދާނެ.. އެހެންވީމަ ޒާރާ ގާތުގައި ބުނާނީ އަވަހަށް ބުރުގާ އަޅާށޭ.. އޯކޭ.. ދެން ބާއްވަނީ އިނގޭ..” ވިއާމްއަށް ޝުކުރު އަދާކޮށްފައި ޔަޒްދާން ފޯނު ބޭއްވިއެވެ.

***********************

ޒާރާ ހުރީ ސައި ދިން ޖޯޑުތަކާއި، ފެންބޯތަށިތަކާއި ކާއެއްޗިހި އެޅި ތަށިތައް ދޮންނާށެވެ. އެވަގުތު ކުއްލިއަކަށް ޒާރާގެ ފޯނު ރިންގްވާން ފެށިއެވެ.

އަވަހަށް އަތްދޮވެލުމަށްފަހު އެތާ އިން ތުވާލިކޮޅަކުން އަތްފުހެލާފައި ޒާރާ ފޯނު ބަލާލިއިރު ގުޅަނީ ޔަޒްދާންއެވެ.

“ހެހެ.. އެހާ އަވަހަށް ރަންކިޔަން މީހުން ފޮނުވާފައި އަދި އެގުޅީ.. އެހެންވީމާ މަންމަ އެބުނީ ހަމަ ތެދެއްތާދޯ..” އެވަގުތު ހިތާހިތުން ޒާރާ ހީލިއެވެ.

“ހަލޯ..” ޒާރާ ކޯލު ނަގާފައި ހަލޯއޭ ބުނެލިއެވެ.

“ވިއާމްމެން ދިޔައީދޯ. އަސްލު ޒާރާ ގާތުގައި ވާހަކައެއް ބުނަންވެގެން މިގުޅީ.. އެހެންވީމަ އެއާއި ގުޅިގެން ސުވާލެއް ކޮށްލަންވެފައި އެބައޮތް..” ޔަޒްދާން ވާހަކަދައްކަން ފެއްޓިއެވެ.

“އެމީހުން ދިޔަތާ މިހާރު އިރުކޮޅެއްވެދާނެ. ހުމްމް. ބުނެބަލަ..” ޒާރާ ހުރީ އަޑުއަހާ ހިތުންނެވެ.

“ޒާރާ ބުރުގާ އަޅާހިތްވޭތަ؟ މިހާރުވެސް ގިނައިން ތި ލަނީ އަތްދިގު ހެދުމާއި ޖީންސްއެއްނު..” ޔަޒްދާން ފުރަތަމަ ބޭނުންވީ ދުރުދުރުން އެވާހަކަ ފަށާށެވެ.

“އާނ.. އެކަމަކު އެވަރަށް ޝޯލްއާ ބުރުގާ ގަނެވިފައި ނެތީމަ އަދި މިހުންނަނީ.. މިހާރުވެސް ބުރުގާ ހުންނާނެ ކޮންމެވެސް ވަރަކަށް ގަނެފައި.. ޝޯލް ގަންނަންޖެހޭނީ ހެދުމާ ގުޅޭގޮތަށް. އެހެންނޫނީ ހުންނަގޮތް ވަރަށް ހަޑިވާނެ.. އެވަރަށް ޝޯލްގަނެވިފައި ނެތީމާ އަދި މަޑުކޮށްލައިގެން މިހުންނަނީ.. ކިހިނެއްވީ؟” އެތައްވާހަކައެއް ދައްކާފައި ކިހިނެއްވީތޯ ޒާރާ އަހާލިއެވެ.

“އަހަރެން އަސްލު ވަރަށް ޒާރާ ބުރުގާ އަޅުވާ ހިތްވޭ. ބުރުގާ އެޅީމާ މާރީތިވެސް ވާނެ ކަންނޭނގެ.. ޒާރާއާ އެކީ ޝޯލް ގަނެދޭން އަހަރެން ގޮސްފާނަމޭ.. އޭރަށް ޒާރާ ބުރުގާ އަޅާނަންދޯ.” ޔަޒްދާން އެވާހަކަ ބުނީ ޒާރާގެ އިހުސާސްތަކަށްވެސް ކަމޭހިތާ ފަދަ ގޮތަކަށެވެ.

“ހުމްމް. އޭރަށް ދެން އަޅާނެއެއްނު..” ޒާރާވެސް އެއްބަސްވިއެވެ.

“އެހެންވީމާ ކައިވެންޏަށް ޒާރާ ބުރުގާ އަޅަންވީއެއްނު.. އަހަރެން ހެލްޕް ވާނަމޭ.. ކައިވެންޏަށް އަޅާހެދުމާއި އެހެންހެދުމާއި ގުޅޭ ޝޯލް ގަންނަން ހިނގާ ދާން.. ޒާރާ ފްރީ ގަޑިއަކުން.. މިއަދު އަހަރެން އަނެއްކާވެސް ހަފްތާއެއްގެ ޗުއްޓީއެއް މިނަގަނީ.. ކައިވެނީގެ ކަންތައްތައް ކުރަން..” ޔަޒްދާން ޒާރާއަށް އިތުރަށް އޮޅުންފިލުވައިދިނެވެ.

“މިއަދު ހަވީރު ފްރީވާނެ.. ޓިއުޝަން ކްލާސް މެންދުރު ނިމޭނެ.” ފްރީވާނެ ގަޑިއެއް ޒާރާ ޔަޒްދާންއަށް ބުނެދިނެވެ.

“އޯކޭ.. އެހެންވީމަ ހަވީރު އަހަރެން ސައިކަލްގައި އަންނާނަން ޒާރާ ބަލާ.. ރެޑީވައްޗޭ.. ދެން ބާއްވަނީ.. އިނގޭ..” އެހެންބުނެފައި ޔަޒްދާން ފޯނުބޭއްވިއެވެ.

**********************

އެދުވަހު ހަވީރު 4 ގަޑި ބައިވިއިރު ޒާރާ ހުރީ  ޕަނީނޯ ހައުސް ދޮރުމަތީގައި ބޭރުގައެވެ.

އިރުކޮޅަކުން ޔަޒްދާން ސައިކަލްގައި އައިސް އެތަނަށް މަޑުކޮށްލިއެވެ. ޔަޒްދާން އޭރު އިނީވެސް ޕޮލިސް ސްްްްްޓޭޝަނުން ނިމިގެން އަަައިގޮތަށް ޕޮލިސް ޔުނީފޯރމްްްްްގައެވެެ.

“ކޮބާ؟ އަވަހަށް އަރާ.. އަތުގައި ތިއޮތީ ހެދުންކޮތަޅެއްތަ؟ ތިކޮތަޅު މި ވަށިގަނޑަށް ލާން ގެނޭ..” އެހެންބުނެފައި ޒާރާގެ އަތުގައި އޮތް ކޮތަޅު އަތުލާފައި ޔަޒްދާން އޭތި ސައިކަލުގެ  ވަށިގަނޑަށްލިއެވެ.

“ހުމްމް. ތިއީ ކުރިން ގަނެވިފައި ހުރި އަތްދިގު ހެދުންތަކެއް.. ގަނެވިފައި ހުރީމާ ދެން ތިއާ ގުޅޭ ޝޯލް ގަންނަން ޖެހޭނީ.. މިއީ އަދި އެއްބައި ހެދުން..” ސައިކަލަށް އަރަމުން ޒާރާ އެހެންބުނެލީ ފުން ނޭވައެއް ލާފައެވެ.

“އެއީ މައްސަލަ އެއް ނޫން.. ފްރީ ގަޑިތަކުގައި މިހެން ނިކުމެގެން ޝޯލްތައް ހަމަކުރާނީ.. ޒާރާވެސް ޗުއްޓީއެއް ނަގަންވާނެއެއްނު..” އެހެންބުނަމުން ޔަޒްދާން ސައިކަލް ދުއްވާލިއެވެ.

“ޗުއްޓީ ނަގަނީ މާދަމާ.. ވީކްއެއް ހަމަ ނަގަނީ.. މާދަމާ އާ ހިސާބަށް ޓިއުޝަނުގައި މަސައްކަތްކޮށްފިއްޔާ އެމީހުން ބުނީ ޗުއްޓީ ދޭނަމޭ..” ޒާރާ އިތުރަށް އޮޅުންފިލުވައިދިނެވެ.

“އެހެންތަ.. ޒާރާ ތިއިންނަނީ އަހަރެން ގައިގަ ނުވެސް ހިފަހައްޓާދޯ.. ސައިކަލަށް ތިއެރީވެސް ނުހިފަހައްޓާ އަމިއްލައަށް ވިއްޔަ.. އެކަމަކު ތިހެން އިންދާ އަހަރެން ބާރަށް ދުއްވާލާތަނުން ޒާރާ  ބިންމައްޗަށް ވެއްޓިދާނެ..” ޒާރާ އުޅޭގޮތުން ޖެއްސުމެއްކޮށްލާ ހިތްވެގެން ޔަޒްދާން އެހެން ބުނެލިއެވެ.

އެހެންބުނުމުން އެއްޗެއް ނުބުނި އިންކަމުގައި ވިއަސް ދެއަތުން ޔަޒްދާންގެ ގައިގައި ޒާރާ ހިފަހައްޓާލިއެވެ. ބާރަށް ސައިކަލް ދުއްވާފާނެ ވާހަކަބުނުމުން ވެއްޓިދާނެތީ ޒާރާވެސް ބިރުގަތެވެ.

އެކަން އެނގުމުން ޔަޒްދާން އިނީ ހިނިއައިސްފައެވެ. އެހެންނަމަވެސް އެމަންޒަރު ޔަޒްދާން ޒާރާއަކަށް ނުދައްކައެވެ. ހަގީގަތުގައި، ނުހިފަހައްޓަނީ ލަދުގަންނާތީކަން ޔަޒްދާންއަށް އެނގެއެވެ.

ޒާރާ ގާތުގައި އެހެންބުންޏަސް ޔަޒްދާން އެއްވެސް ވަރަކަށް ސައިކަލް ބާރަކަށްވެސް ނުދުއްވައެވެ. އެހެންނަމަވެސް ކޮންމެ ވަގުތަކުވެސް ސައިކަލްގެ ސްޕީޑް ބާރުކޮށްފާނޭ ކަމުގެ ބިރުހީވާތީ ޒާރާވެސް އިނީ ޔަޒްދާންގެ ގައިން އަތްދޫކޮށްލަން ނުކެރިފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Sana

    Waau varah reethi!
    Maashaa Allah
    When next part?
    Keep it up!

    1. Crystal
      Sana

      Thankyou Sana ???☺

  2. Mai

    Me first dhoa love it

    1. Crystal
      Mai

      Hehe.. yes.. Sana and Mai first akee ☺???

  3. nazi

    Mi vaahaka varah reethi..keep it up:)

    1. Crystal
      nazi

      Thankyou nazi ☺???

  4. Zaaraa

    Nice???

    1. Crystal
      Zaaraa

      ☺? Thankyou ???

  5. Reen?

    Dnt mind ingey Kuree baithakaa balaafa mibai liyumuga faruvaakuda kohlaafa huri kan faahaga vi heevee gadhakamun ehbai aneh bayaa gulhuvaafa huri hen
    Story hama v salhi ekam dhn oi baithakuga mi hen nahadhahchey ingey
    All the best??

    1. Crystal
      Reen?

      Yeah.. story perfect nuvedhane.. but gadha kamun gulhuvaakah try eh nukuran .. Thankyou ☺???

  6. Hairaan

    Varah reethi

  7. Icy♡

    Mi prt ves vrh reethi
    Waiting for the next prt

  8. Shuhu

    ?

  9. Shehenshaah

    Haadha ladhuraki kujjekey..???

    1. Crystal
      Shehenshaah

      Hehe yeah ?

  10. Crystal

    Thankyou hairaan.. shuhu and icy ?????

Comments are closed.