Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (30)

Crystal Level 210 Stories100 Comments
February 14, 2018 8 Mins Read
19 Comments

ކުރީގެ އަދަދާއި ގުޅޭ: ޒާރާ ގާތުގައި އެހެންބުންޏަސް ޔަޒްދާން އެއްވެސް ވަރަކަށް ސައިކަލް ބާރަކަށްވެސް ނުދުއްވައެވެ. އެހެންނަމަވެސް ކޮންމެ ވަގުތަކުވެސް ސައިކަލްގެ ސްޕީޑް ބާރުކޮށްފާނޭ ކަމުގެ ބިރުހީވާތީ ޒާރާވެސް އިނީ ޔަޒްދާންގެ ގައިން އަތްދޫކޮށްލަން ނުކެރިފައެވެ.

ޔަޒްދާން ސައިކަލް ދުއްވާފައިގޮސް މަޑުކޮށްލީ ޖިލްބާބް ފިހާރައެއްގެ ދޮރު މައްޗަށެވެ. ސައިކަލް މަޑުކޮށްލުމުން ޒާރާވެސް ޔަޒްދާންގެ ގައިން އަތްދޫކޮށްލާފައި ސައިކަލުން ފޭބިއެވެ.

ޕާކިން ސަރަހައްދެއްގައި ސައިކަލް ޕާކްކޮށްލާފައި ޒާރާއާ އެކުއެކީގައިހެން ޔަޒްދާން ޖިލްބާބް ފިހާރަތެރެއަށް ވަނެވެ.

ފިހާރަތެރެއަށް ވަދެފައި އެތާ ހުރި ޝޯލްތަކާއި ބުރުގާތަކުގައި އަތްލަމުން ޒާރާ ބެލީ ކޮތަޅުގައި ހުރި ހެދުމާ ގުޅޭ ޝޯލް ފެނޭތޯއެވެ. ބައެއްފަހަރު ޔަޒްދާންވެސް ޒާރާއަށް ގުޅޭނެ ޝޯލް ދައްކައެވެ. އެކަމަކު އެހެންކިޔާފައި ޔަޒްދާންއަށް ދެއްކެނީ މުޅިންވެސް ނުގުޅޭ ޝޯލްއެވެ.

ނުގުޅޭ ޝޯލްއެއް ދައްކާ ކޮންމެފަހަރަކު އެޝޯލްއެއް ކަމުނުދާާާ ވާހަކަ، ޒާާރާ ބުނެލަނީ ހީލާފައެވެ. ޒާރާއަަަަށް ހެެެެެެެވުނަސް އެކަމާ އަަަަަަަޅާނުލާ ޔަޒްދާން އަނެއްކާވެސް އެހެން ޝޯލްއެއް ދައްކައެވެ.

ޒާރާމެންނަށް ޝޯލްތައް ހަމަކުރެވޭގޮތްވީ ޖިލްބާބްގެ އެކިއެކި ފިހާރަތަކަށް ގޮސްގެންނެވެ. އެއިން ކޮންމެ ފިހާރައަކަށްވެސް ޒާރާ ދިޔައީ ޔަޒްދާންއާ އެކީގައި ސައިކަލުގައެވެ.

ޖިލްބާބް ފިހާރަތަކުގެ އިތުރުން ސިންދިތާ، ކަޅިރަވަ އަދި މުދާފޮށީގެ ފިހާރަތަކަށް ގޮސް ކައިވެނީގައި ލާނެ ހެދުން ފަހާނެ ފޮއްޗާއި ބުރުގާއަށް ޖަހާނެ ޕިންފަދަ އިތުރު ތަކެތިވެސް ޒާރާ ގަތެވެ. އޭގެ ތެރެއިން ގިނައެއްޗިއްސަށް ލާރި ދައްކައިދިނީ ޔަޒްދާންއެވެ.

*********************

“އަނހާ! ހާދަ ބައިވަރު އެއްޗިއްސެއް ތިއޮތީ ގަނެލާފަ..” ޒާރާއާއި ޔަޒްދާން އެއްޗިހިތައް ދެއަތުން ހިފައިގެން އައިސް ގެއަށް ވަންނަތަން ފެނުމުން އެމަންޒަރު ބަލަން ހުރި ވަފިއްޔާ ބުނެލިއެވެ. އޭރު ހިފައިގެން ތިބި އެއްޗިހި ގިނަކަމުން ޒާރާވެސް ހުުުރީ ނޭވާވެސް ނުލެވޭވަރުވެފައެވެ.

“ފޮއްޗާއި ޝޯލް ހުރީމަ ގިނަހެން އެ ހީވަނީ..” އެހެންބުނަމުން ޔަޒްދާންގެ އަތުގައި އޮތް އެއްޗިހިތައް ބަހައްޓާފައި އަވަހަށް ޒާރާ އަތުގައި ހުރި އެއްޗިހިވެސް އަތުލާފައި ތިރީގައި ބެހެއްޓިއެވެ.

“މި ރަތް ފޮތި މިހިރީ މަންމައަށާއި ޝައިކޮއަށް ހެދުން ކެނޑޭވަރަށް ގެނެއްސަ. ކައިވެންޏަށް ލާން އިން ހެދުމުގެ ރަތް ފޮތިގަނޑު އެއީ ތަންކޮޅެއް ވިދާ ކަހަލަ ގޮތަކަށް އިން ފޮތިގަނޑެއް. ދާންއަށް ރީތިވެގެން ނެގީ..” ގަނެފައި އިން ދެފޮތިގަނޑު ޒާރާ ވަފިއްޔާއަށް ދައްކާލިއެވެ.

“ތި ދެފޮތިގަނޑުވެސް ވަރަށް ރީތި.. އަވަހަށް ފަހަން ދެމާ.. މިއަދު މީ 6 މެއި. ދެން 10 އަންނާކަށް މާގިނަ ދުވަހެއްވެސް ނެތް. މަންމަ ރައްޓެހި ފަހާމީހެއް ހުންނާނެ. ބުނަނިކޮށް އޭނަ ތަންކޮޅެއް އަވަސްކޮށް ފަހާލަދީފާނެ..” ވަފިއްޔާގެ ވިސްނުން ހުރިގޮތް ހާމަކޮށްލިއެވެ.

“މަންމަ މިރޭ ޒާރާއާ ޝައިހާ ގޮވައިގެން މިންނަގަން ދާންވީއެއްނު.. އޭރަށް އަވަސްވާނީ” ޔަޒްދާންވެސް ބޭނުންވަނީ އަވަސްވާނެފަދަ ގޮތަކަށް ކަންތައްކުރާށެވެ.

“އާނ.. ތިހެން މި ވިސްނަނީ.. އެކަމަކު ދަރިފުޅުގެ ހެދުމޯ..” ޔަޒްދާން ލާނެ ހެދުމަކާއިމެދު ވަފިއްޔާ ވިސްނާލިއެވެ.

“ލާނީ ކަޅު ގަމީހަކާ.. ދެން އަޅާނީ އެއާ ގުޅޭ  ރަތް ޓައީއެއް.. ދެން ކަޅު ފަޓުލޫނެއް ލާނީ.. އެކަމާ ބެހޭ ގޮތުން ޒާރާއާވެސް ވާހަކަ ދައްކައިފިން.. އެހުރިހާ އެއްޗެއްވެސް އެބަހުރި. ހަމަ އާ އެއްޗިހި. ރަތް ޓައީއެއް ނެތީމަ ގަނެގެން މިއައީ.. އޭރަށް ރީތިވާނެއެއްނު ދޯ މަންމާ..” އެހެންބުނެފައި ޔަޒްދާން ގެނައި ޓައީ ވަފިއްޔާއަށް ދައްކާލިއެވެ.

“އާނ.. ތިޓައީ އެެޅީީީމާ ވަރަށް ގުޅޭނެ.. ޝައިހާ ކަންނޭނގެ ޕާޓީ ކަންތަކާ އެންމެ އުފާވާނީ.. ޝައިހާ ވަރަށް ޕާޓީހެދުން ލާހިތްވާނެ.. މިިިިިރޭ މިިިންނަަަަގަން ދާާާނީ..” ވަަަަަފިއްޔާާާާާވެސް އެެެއްބަަަސްވިިިިިއެވެެ.

************************

އެރޭ ވަފިއްޔާ ޝައިހާއާއި ޒާރާ ގޮވައިގެން މިންނަގަން ދިޔައެވެ. ވަފިއްޔާ ބުނި ފަދައިން ޕާޓީ ހެދުމެއް ފަހަންއުޅޭކަން އިނގޭތީ ޝައިހާވެސް ހުރީ އުފަލުންނެވެ.

ދެން ޖެހިގެން އައި ދުވަހު ޒާރާއާއި ޔަޒްދާން އުޅުނީ ކައިވެނީގެ ލިސްޓު ތައްޔާރުކުރުމުގައި އަވަދިނެތިއެވެ. ކައިވެނީގެ ލިސްޓް ތައްޔާރުކޮށް ނިމުނުއިރު ޔަޒްދާންއާ ޒާރާގެ އާއިލާގެ ތިމާގެ މީހުންނާއި ރައްޓެހިން ހިމަނައިގެން 600 އަށް ވުރެ ގިނަމީހުންގެ ނަން އޮތެވެ.

ކައިވެނީގެ ކާޑުތައް ޔަޒްދާންގެ ރައްޓެއްސަކާ ހަވާލުކޮށްގެން 8 ވަނަ ދުވަހުގެ ރޭ ޕްރިންޓްކޮށް ނިމުނެވެ.

އެކާޑުތައް ބަހަން ހަވާލުކުރީ ޔަޒްދާންއާ އެކީގައި ޕޮލިހުގައި މަސައްކަތްކުރާ އެކުވެރި ކުދިންކޮޅަކާއެވެ. 9 ވަނަ ދުވަހުގެ ހަވީރު ވާންވާއިރަށް ހުރިހާ ކާޑެއް އެމީހުން ބަހާ ނިންމާލިއެވެ.

ވަފިއްޔާގެ ރައްޓެހި އައިންތުވެސް ޕާޓީ ހެދުންތައް ފަހާދީ ނިންމާދިންއިރު އެންމެންނަށްވެސް ރީތިވީ ޒާރާގެ ހެދުމެވެ. އެހެދުން އިތުރަށް ފުރިހަމަކުރުމަށްޓަކައި އައިންތު ހުރީ ރަތްކުލައިގެ މަލާއި އެސްފަދަ ތަކެތި ހަރުކޮށްދީފައެވެ.

މިހުރިހާ ކަމެއް ހިނގަމުން ދިޔައިރު ކައިވެނި ކުރެވޭ ގެ ވެސް ދިޔައީ ތައްޔާރުކުރެވެމުންނެވެ. އެތަން ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް އުޅުނީ ވިއާމްއެވެ.

ބޮޑު ހަވޭއްޔެއް ހެން ހީވާ އެގޭގެ ސިޓިންރޫމްގައި އެއްފަހަރާ 100 މީހުންނަށް އިށީނދެވޭހާ ޖާގަ އޮވެއެވެ.

އެއީ ތަންކޮޅެއް ކުރީގައި ވިއާމްގެ ބޮޑުބޭބެ މާލެއިން ގަނެފައިވާ ދެތިން ގެއެެކެވެ. އެޒަމާނުގައި މާލޭގައި ބިން ވިއްކަނީ ވަރަށް އަގުހެޔޮކޮށެވެ. 80 ރުފިޔާއަށްވެސް ވަރަށް ބޮޑު އަކަފޫޓެއްގެ ބިމެއް އޭރު ލިބިދާނެއެވެ. އެގެތައް ތަޅާލާފައި ވިއާމްގެ ބޮޑުބޭބެ އެތަނުގައި އެޅީ ވަރަށް ބޮޑު ގެއެކެވެ. އެޒަމާނުގައި އެހާ ފަސޭހައިން ބިން ގަންނަން ލިބުނަސް މިޒަމާނުގައި އެއީ ވުން ނާދިރު ކަމެކެވެ.

އެތަން ތައްޔާރު ކުރެވެމުން ދިޔައީ ރަތްކުލައިގެ ތީމްއަކަށެވެ. މޭޒުތައް މަތީގައި އަޅާފައިވާ ފޮތިގަނޑުތައްވެސް ހުރީ ރަތްކުލައިންނެވެ. ގޮނޑިތަކުގައި އަޅާފައިވާ ހުދުކުލައިގެ ފޮތިގަނޑުމަތިން ދެން ޓައިއެއްހެން އައްސާލާފައި އިންނަނީ ރަތްފޮތިކޮޅެކެވެ.

ވިއާމްއަކީ ވަރަށް ގިނަ ޕާޓީތަކުގައި އެގޮތަށް އަމަލީ ގޮތުން އުޅޭމީހެއްކަމުން ކަންތައްތައް ކުރަން ބުނެދިނުމުގައްޔާއި ކުރުމުގައި ފިސާރި ހަލުތްވެވެ. ވިއާމްގެ ބުރަ މަސައްކަތުން 10 ވަނަ ދުވަހުގެ ހަވީރު ވާއިރަށް އެއްކޮށްތަން ތައްޔާރުކޮށް ނިންމާލިއެވެ.

***********************

10 ވަނަ ދުވަހުގެ ރޭގެ ކައިވެނި ކުރާ ގަޑި ކައިރިވަމުން ދާވަރަކަށް ޒާރާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އޭރު ޒާރާ އިނީ ޑްރެސިންގް ޓޭބަލް ކުރިމަތީގައި އިން ގޮނޑީގައި އިށީނދެގެންނެވެ.

“ދަރިފުޅު މިރޭ ހާދަ ރީއްޗޭ.. ހީވަނީ ހަމަ ސާދަވިލޭރޭގެ ހަނދެއްހެން..” އިސްޖަހައިގެން އިން ޒާރާގެ ދަތްދޮޅީގައި ހިފާފައި މޫނު މައްޗަށް ނަގަމުން ވަފިއްޔާ އެހެންބުނީ ހިނިތުންވެލާފައެވެ.

އޭރު ވަފިއްޔާއާއި ޒާރާ ތިބީ ވަފިއްޔާގެ ކޮޓަރީގައެވެ. ޒާރާގެ ގާތުގައި މޭކަޕްކުރާ ކުދިންނާއި ޝޯލް އަޅުވާ ކުދިންވެސް ހަރަކާތްތެރިވަމުން ދިޔައެވެ.

ޒާރާގެ މޫނުމަތީގައި ކޮށްފައިވާ މޭކަޕުން ޒާރާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދިނެވެ. ޝޯލް އަޅުވާ ކުއްޖާ ޒާރާގެ ޝޯލް އަޅުވާދީފައި ހުރީވެސް އެންމެ މި ޒަމާނުގެ ގޮތަށް ވަރަށް ރީތިކޮށެވެ.

ޒާރާ ލައިގެން އިން ރަތްހެދުމުގެ ދިގުކަމުން އެ ހެދުން ތަށިމުށިތައް މަތީގައި ކޭއްތިކޭއްތި ހުއްޓެވެ. އެހެދުން ލައިގެން އިންނައިރު ޒާރާގެ ދެފައިވެސް ފެންނަނީ ހަމަ ކިރިޔާއެވެ. ހެދުން ފަރުމާކޮށްފައި ހުރީ ވެޑިން ޑްރެސް ތަކުގައިވެސް ހުންނަފަދަ  ގޮތަކަށެވެ.

އެވަގުތު ޒާރާ މަންމަ މަތިން ވަރަށް ހަނދާންވިއެވެ. އެކަން ވަފިއްޔާއަށް އެނގިގެން ޒާރާގެ ދެއަތުގައި ހިފެހެއްޓިއެވެ. އޭރު މޭކަޕްކޮށްދީ ނިންމާފައި ކޮޓަރިތެރޭގައި ދެންތިބި ކުދިންވެސް ކޮޓަރިން ނުކުމެއްޖެއެވެ.

“ދަރިފުޅާ.. މިރޭ މީ ދަރިފުޅުގެ އަސްލު މަންމަ ކަމަށް ހީކޮށްލާ.. މަންމަ ދަރިފުޅަށް ދޭން އޮތް ނަސޭހަތަކީ.. ވެރިރަސްކަލާގެއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ދަރިފުޅު، ދަރިފުޅުގެ ފިރިމީހާއަށް ކިޔަމަންވާށޭ.. އޭރުން އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ހަޔާތް ވަރަށް ބާއްޖަވެރިވާނެ. ކޮންމެ މަންމައަކުވެސް އެމީހެއްގެ ދަރިފުޅުގެ ހަޔާތަށް  މިރޭ އައުމުން ދޭނެ އަދި ދޭންވާނެ ނަސޭހަތަކީ މިއީ..” ވަފިއްޔާ ވާހަކަދެއްކީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އެގޮތަށް ވަފިއްޔާ ވާހަކަދެއްކުމުން ޒާރާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ.

“މަންމާ.. ޝައިކޮ ވަރަށް ރީތި ދޯ..” އެވަގުތު ޝައިހާ އެކޮޓަރިއަށް ވަދެފައި ގޮތްގޮތަށް މޮޑެލް ކުރަންފެށިއެވެ.

ޝައިހާގެ ހެދުން ހުރީ މައްޗަށް ލޭސްފޮތި ލައިގެން ފުއްޕާފައި ހުންނަގޮތަކަށް ފަހާފައެވެ. މޭކަޕްކުރާ ކުދިންވަނީ އޭރު ޝައިހާގެ މޭކަޕްވެސް ކޮށްދީފައެވެ.

“އާނ. ވަރަށް ރީތި.. ހިނގާ ދާންދޯ.. އަދި ދާން ޖެހެނީވެސް ވިއާމްމެން ގެއަށޭ.. އެހެންވީމަ ކުރިން ދާންވެސް ޖެހޭނެއެއްނު.. ޔަޒްދާން ތައްޔާރުވިތޯ ބަލަން ހިނގާބަލަ..” އެހެންބުނެފައި ވަފިއްޔާ އެކޮޓަރިން ހިނގައިގަތެވެ. ވަފިއްޔާގެ ފަހަތުން ޒާރާއާ ޝައިހާވެސް ދިޔައެވެ.

*************************

ލޯގަނޑު ކުރިމަތީގައި ހުއްޓިލާފައި ޔަޒްދާން ޓައީ ރަގަޅު ކޮށްލިއެވެ. އޭރު ޔަޒްދާންއަށް ވިސްނެމުން ދިޔައީ ކައިވެނި ހެދުންލާފައި މޭކަޕްކޮށްލީމާ ޒާރާ ހުންނާނެ ގޮތަކާއި މެދުގައެވެ.

“ދަރިފުޅާ ކޮބާ ނިމިއްޖެތަ.. ވިއާމްމެންގެއަށް ދާ ގަޑި ހަމަ ވަނީއެއްނު މިހާރު 8:15 ވެއްޖެ..” ކުޑަކޮށް ދޮރުހުޅުވާލާފައި ވަފިއްޔާ ބުނެލިއެވެ.

“އާނ. މިނިމުނީއޭ.. މަންމަމެން ތިރިއަށް ފައިބާ އަހަރެން އެބަ ޓެކްސީއަކަށް ގުޅަން..” އެހެންބުނެފައި ޔަޒްދާން ފޯނު ނަގާފައި ޓެކްސީ ސެންޓަރަކަށް ގުޅިއެވެ.

ޔަޒްދާން އެހެންބުނުމުން ވަފިއްޔާވެސް ޒާރާއާއި ޝައިހާ ގޮވައިގެން ޕަނީނޯ ހައުސްގެ އެންމެ ތިރީބުރިއަށް ދިޔައެވެ.

***********************

“ޓެކްސީ އެ އަންނަނީ..” ތަންކޮޅެއް ދުރުން އަންނަ ޓެކްސީއަކަށް އިޝާރާތްކުރަމުން ޔަޒްދާން އެހެން ބުނެލިއެވެ. އޭރު ޔަޒްދާންވެސް ހުރީ ޕަނީނޯ ހައުސް ތިރިއަށް ފައިބައެވެ.

ޒާރާއާ ދިމާއަށް ރީތިކޮށް ބަލާލާނެ ފުރުސަތެއްވެސް ޔަޒްދާންއަށް ނުލިބެނީސް ޓެކްސީ އައިސް އެމީހުން ކައިރީ މަޑުކޮށްލިއެވެ.

ޓެކްސީގެ ދޮރު ހުޅުވާލާފައި ޔަޒްދާން އެރީ ކުރީ ސީޓަށެވެ. ފަހަތު ސީޓަށް އެރީ ވަފިއްޔާއާއި ޒާރާއާއި ޝައިހާއާއެވެ.

ޓެކްސީ ދުއްވާފައި ގޮސް މަޑުކޮށްލީ މއ.ތެމާއަށެވެ. ކާރުތެރޭ ތިބެފައި އެގެއާއި ދިމާއަށް ބަލައިލުމުންވެސް އެގޭގެ ފުރިހަމަކަން ހާމަވެއެވެ.

ކާރުން ފައިބައިގެން ވަންނަން ދިޔައިރު ދޮރުމަތީގައި އެގޭގެ ސެކިއުރިޓީ ބަލަހައްޓާ ދެ ފުލުސް އޮފިސަރުން ތިއްބެވެ.

ޔަޒްދާން ގޮސް އެފުލުސް މީހުންނާ ކުޑަކޮށް ވާހަކަދައްކާލުމުން އެތެރެއަށް ވަންނަން އެމީހުން ތަންދެއްކިއެވެ.

ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުން ދެވުނީ ސީދާ ޕާޓީއޮތްތަނަށެވެ. ސިޓިންރޫމްއަށެވެ. ޖާގައިގެ ގޮތުން އެތަން ދަރުބާރުގޭގައި ހުންނަ ފާށަނާ މާލަން ފަދައެވެ. އެހާވެސް ޖާގަ ބޮޑެވެ.

“އަވަހަށް މިތަނުން ކޮންމެވެސް ވަށްމޭޒެއް ކައިރީ އިށީނދޭ.. އެމީހުން އެބައާދޭ އިޔާޒް ގޮވައިގެން. ކައިވެނި ކޮށްދޭ މީހާވެސް އެބައާދޭ.” ވިއާމް އެހެންބުނެލީ ޒާރާއަށް ނީވޭވަރަށް މަޑުންނެވެ.

“އާދޭ ޒާރާ.. އިށީންނަން.” އެހެންބުނަމުން ޔަޒްދާން އެތާހުރި މޭޒެއް ކައިރީ އިށީނދެލިއެވެ. ޔަޒްދާންއަށް ޒާރާއާ ދިމާއަށް ކިރިޔާވެސް ރީތިކޮށް ބަލާލެވޭވަރުވީ އެވަގުތުއެވެ.

ޒާރާ އިށީނުމުން ޒާރާގެ އަތުގައި ޔަޒްދާން  ހިފަހައްޓާލިއެވެ. “މިރޭ ޒާރާ ވަރަށް ލޯބި.. އަހަރެންގެ މީހަކަށް ޒާރާ ހެދޭނެ ވަގުތަކަށް އިންތިޒާރުކުރަން ޖެހޭތީވެސް މިިއިނީ ކެތްމަދުވެފަ..” ޔަޒްދާން އެހެން ބުނެލީ ވަރަށް މަޑުމަޑުންނެވެ. އެހެންބުނުމާއެކު ޒާރާ ލަދުން ހީލިއެވެ.

އެހެންނަމަވެސް އެ ހިނިތުންވުން ދެމިގެން ދިޔައީ ކުޑަހިނދުކޮޅަކަށެވެ. ޒާރާގެ އެހިނިތުންވުން ފިލައިގެން ދިޔައީ ބައްޕަ އެތަނަށް ވަތްތަން ފެނުމުންނެވެ.

އޭރު ފުލުހުންގެ ދެ އޮފިސަރުން އިޔާޒް އެތަނަށް ގެނެސްފިއެވެ. ފުލުހުންގެ ދެއޮފިސަރުން ގާތުގައި ޔުނީފޯމްގައި ހުރި ސިފައިންގެ މީހެއްވެސް ހުއްޓެވެ.

އިޔާޒް ފެނުމާއެކު ޒާރާއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ޒާރާ ތެދުވުމުން ޔަޒްދާންވެސް ކޮޅަށް ތެދުވިއެވެ.

“ދަރިފުޅާ..” އެހެންބުނެފައި ކުރިއަށް ޖެހެމުން އިޔާޒް އުޅުނީ ޒާރާގެ ގައިގައި ބައްދާލާފައި މާފަށް އެދޭށެވެ.

އެހެންނަމަވެސް އިޔާޒްއަށް ކުއްލިއަކަށް ފެނުނީ ކުރީގައިވެސް ފެނުނު ބިރުވެރި އެއްޗެވެ. އެއެތި ހުރީ ޒާރާއާ އިޔާޒްއާ ދެމެދުގައެވެ. އެދެމެދަށް ހުރަސް އަޅާ ފަދަ ގޮތަކަށެވެ.

“އަހަރެން ގައިގަތަ ބައްދާލަން ތިއުޅެނީ.. އަން.. އާދޭ..” ގައި ތެރަސްގަނޑެއްހެން ހުރި އެއެތި ހުރީ އިޔާޒްއާ ދިމާއަށް ކުރިމަތިލައިގެންނެވެ. މަލާމާތުގެ ރާގަކަށް ހެމުންހެމުން އެހެންބުނަމުން އޭތީގެ ދެއަތް ދެފަރާތަށް ދުރުކޮށްލިއެވެ.

އެމަންޒަރު ފެނުމުން އިޔާޒް ގަތީ އަމަށަކު ބިރެއް ނޫނެވެ. އަވަހަށް އެހުރި ފިޔަވަޅު މަތީގައި އިޔާޒް ހުއްޓުނެވެ.

“އަހަރެން ކަލެއަށް ތި ފުރުސަތެއް ނުދޭނަން.. ބުނީމެއްނު ދޯ.. ކަލެއަށް މަކަރުން ހައްދާލެވޭނީ އިންސާނުން އެކަނި.. ކަލޭ ޒާރާއާ ބެހެންފެށި ދުވަހުން ފެއްޓިގެން ބައްޕައެއްގެ ހައިސިއްޔަތުން ވިއަސް އަހަރެން ދެކެނީ ކަލެއަށް އޮތް ޒާރާއާ ލޯބިކޮށް ބައްދާލުމުގެ ހައްގު ގެއްލިއްޖެކަމަށް.. ކަލޭ ކުރިކަމަކުންނެއްނު އެހެން އެވީ.. ގެއްލިއްޖެ އިތުބާރެއް އަނބުރާ ނުލިބޭނެ.. އެކަކުވެސް ކަލެއަކަށް އިތުބާރެއް ދެން ނުކުރާނެ.” އެހެންބުނެފައި ޒިލާލް ހީލިތަނާ އިޔާޒްއަށް ޒިލާލް ކުއްލިއަކަށް ގެއްލުނެވެ.

“ބައްޕާ..” ޒާރާއަށް ހުރީ ކިރިޔާ ނުރޮވިއެވެ. އެވަގުތު އެތާ ތަންކޮޅެއް ދުރުގައި އިށީނދެގެން އިން ޝައިހާ ދުވަމުން ދުވަމުން އައިސް ޒާރާގެ އަތުގައި ހިފިއެވެ.

“ޒާރާ ދައްތާ.. ރޯކަށް ނުވާނެ.. އޭރަށް މޭކަޕްކޮޅު ހަޑިވެދާނެ.. ޒާރާ ދައްތަ މޫނުގައި ހުރި މޭކަޕްކޮޅު ހަޑިވެއްޖިއްޔާ އޭރުން ޝައިކޮއަށްވެސް ރޮވޭނެ..” ޝައިހާގެ މޫޑުވެސް ހުރީ އޭރު ހިތާމަވެރި މޫޑަކަށް ބަދަލުވެފައެވެ.

ޝައިހާ ބުނި އެއްޗަކުން ރޮވެން އުޅުނު ޒާރާއަށްވެސް ރޮވޭގޮތެއް ނުވިއެވެ. ޝައިހާއަށް ހިނިތުންވަމުން ޒާރާ ޝައިހާގެ ބޮލުގައި ފިރުމާލިއެވެ.

“ޝައިކޮ އާދެބަލަ މިކޮޅަށް އެހަށް. ޒާރާ ދައްތަ މިހާރު އެހެރީ ޒާރާ ދައްތަގެ ބައްޕައާ ވާހަކަދައްކާލަން ވެގެންނޭ..” ޝައިހާ ގާތުގައި  ވަފިއްޔާ އެހެންބުނެފައި ޝައިހާގެ އަތުގައި ހިފައިގެން ދުރަށް ގެންދިޔައެވެ.

“ދަރިފުޅާ ބައްޕައަށް މާފުކުރޭ.. ބައްޕައަށް ކުރެވުން ކަންތަކާމެދު ވަރަށް ދެރަވޭ..” އިޔާޒް އެހެންބުނީ ރޮމުން ރޮމުންނެވެ.

“ޒާރާ ބައްޕައަށް މާފުކޮށްފީމޭ.. ދެން އެވާހަކަ ނުދައްކާ ބައްޕާ..” ބައްޕަ ރޯތީ ޒާރާއަށް އެކަމުން ވަރަށް ބޮޑަށް އަސަރުކުރިއެވެ.

“ހިނގާ އިށީންނަން ބައްޕާ..” ޔަޒްދާން އިޔާޒްގެ ކޮނޑުގައި އަތްބާއްވާލިއެވެ. އެއާއެކު އިޔާޒްގެ ގައިގައި ހިފަހައްޓައިގެން ތިބި ދެފުލުސް އޮފިސަރުންވެސް އިޔާޒްގެ ގައިން އަތްދޫކޮށްލިއެވެ.

އިޔާޒްވެސް ކަރުނަތައް ދެއަތުން ފުހެލާފައި ޔަޒްދާންއާ އެކީގައި އިށީންނަން ދިޔައެވެ. ޔަޒްދާން އިޔާޒް ބޭންދީ ކައިރީ ހުރި ވަށްމޭޒަކާ ޖެހިގެން ހުރި ގޮނޑިއެއްގައެވެ.

އޭރު ހުދު އަތްދިގު ގަމީހަކާއި އަޅިކުލައިގެ ފަޓުލޫނެއް ލައިގެން ހުރި މީހެއް އެތަނަށް ވަދެގެން އާދެއެވެ. އެމީހަކު ހުރީ ދިގު ތުނބުޅިއެއް ލާފައެވެ. ބަލާބެލުމަށް އުމުރުން 50ކަށް އަހަރު ފުރިފައިވާނޭހެން ހީވެއެވެ.

“ހާދިބޭވެސް އެ އައީ.. ގާޒީ އަކީ އެއީ..” އެއީ ކާކުކަން އެންމެންނަށް ކިޔައިދިނީ ވިއާމްއެވެ.

ހާދިބޭ އައުމާއެކު ކައިވެނި ކޮށްދޭން ފެށުމުގެ ކުރިން އެންމެންގެ ހާޒިރުގައި ޒާރާއާ ރަނުގެ 222 ރުފިޔާ ޔަޒްދާން ހަވާލުކުރިއެވެ.

ގަޑިން 8:45 ވުމާއެކު ކައިވެނި ކޮށްދިނުމުގެ ކަންތައްތައް ހާދީބޭ ކުރިއަށް ގެންދިޔައެވެ.

***********************

“އަނބި ގަބޫލުކޮށްފިން..” އެހެން ބުނެފައި ޔަޒްދާން އަނެއްކާވެސް ސިއްރު ސިއްރުން ކައިރީ އިން ޒާރާގެ އަތުގައި ހިފިއެވެ. އިސްޖަހައިގެން އިނދެފައި ޒާރާވެސް ހީލިއެވެ. އެކަމަކު ޔަޒްދާންއާ ދިމާއަށް ބަލާލާކަށްވެސް ޒާރާއަކަށް ނުކެރުނެވެ.

ކައިވެނިކޮށްދީ ނިމުންއިރު ހުރީ ގަޑިން ހުރީ 9:20 ވެފައެވެ. އެގަޑީގައި ޒާރާ އިނީ ބައްޕައާ ވާހަކަދައްކާށެވެ.

9:35 ވުމުން އިޔާޒް އާއެކީގައި އައި ފުލުސް އޮފިސަރެއް ޒާރާ ކައިރިއަށް އައެވެ.

“މާފުކުރައްވާ.. އަޅުގަނޑުމެން މިހާރު މިގަޑީގައި އިޔާޒް އެބަ ގެންދަންޖެހޭ.. ޕާޓީ ފެށުމުން ސެކިއުރިޓީ ބަލަހައްޓަން އަޅުގަނޑުމެންނަށް ތަންކޮޅެއް ދަތިވާނެ..” އެ ފުލުސްމީހާ އެހެން ބުނެލީ ރީތިބަހުންނެވެ.

އެއާއެކު އިޔާޒްވެސް ކޮޅަށް ތެދުވެ ދާން ހިނގައިގަތެވެ. އަނެއްކާވެސް ބައްޕަ ގެންދާތީ ދެރަވެފައި ހުރިނަމަވެސް ޒާރާ ހިތްވަރުކުރިއެވެ. އަދި ބައްޕައާ ބައްދަލުކުރަން އަންނާނެ ވާހަކަވެސް ބުންޏެވެ. އެވަގުތު ޔަޒްދާންވެސް އައިސް ޒާރާއަށް ވަރަށް ހިތްވަރުދިނެވެ.

ޕާޓީ ފެށުނީ ފުލުސް އޮފިސަރުން އިޔާޒް ގެންދިޔަތާ އިރުކޮޅެއް ވީފަހުން 9:45 ގައެވެ. އެޕާޓީއަށް ގިނައިން އައީ ޔަޒްދާންގެ ތިމާގެ މީހުންނާއި ރައްޓެހިންނެވެ. އެހެންނަމަވެސް ޒާރާގެ ފަރާތުންވެސް އެކީގައި ޓިއުޝަނުގައި އުޅޭ އާންޓީއިންނާއި ބައެއް ރައްޓެހިން އައެވެ.

އެއުފާވެރި ޕާޓީ ނިމިގެން ދިޔައީ 10:45 ގައެވެ. ޕާޓީ ނިމުމުން އަނެއްކާވެސް ޒާރާއާއި ޝައިހާ، ިިޔަޒްދާންއާއި ވަފިއްޔާ ޓެކްސީއެއްގައި ގެއަށް އައީއެވެ.

**********************

“ދަރިފުޅާ އެންމެފަހުން ބާއްވަން އުޅުނު ކުޑަ ޕާޓީ މިއޮތީ ބޮޑު ޕާޓީއަކަށްވެފަ ދޯ..” ޕަނީނޯ ގޭގެ އެޕާޓްމެންޓަށް ވަންނަމުން ވަފިއްޔާ ވާހަކަދެއްކީ ޔަޒްދާންއާ އެވެ. އޭރު ޝައިހާއާއި ޒާރާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

“އާނ މަންމާ..” ޔަޒްދާންވެސް އެއްބަސްވިއެވެ.

“ދަރިފުޅު ދޭ.. މަންމަ މިދަނީ ޝައިހާ ނިންދަވަން.. ފަހަރެއްގައި ޕާޓީ ހެދުން ނުބާލަންވެގެންވެސް ޝައިހާ އުޅެފާނެ.” އެހެންބުނެފައި ވަފިއްޔާ ދިޔައީ ޝައިހާގެ ކޮޓަރިއަށެވެ.

މަންމަ ދިއުމުން ޔަޒްދާންވެސް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޔަޒްދާން ހުރީ ޒާރާއާ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާ ހިތުން ކެތްމަދުވެފައެވެ.

ޔަޒްދާން ކޮޓަރީގެ ދޮރުހުޅުވާލިތަނާހެން ފެނުނީ އެނދުމަތީ އިށީނދެގެން ތިބި ޒާރާއާއި ޝައިހާއެވެ. ޝައިހާ ބަލާ މަންމަ އަންނާނެކަން އެނގޭތީ ޔަޒްދާންވެސް އެތެރެއަށް ވަނެވެ. އޭރު ޝައިހާ އިނީ ޒާާާރާގެ ހެެެެެދުމުުުގައިި ހަރުކޮށްްްްްފައި އިން ރަތްމަލަަަކާ ކުުުޅެލަކުޅެލައެވެ. އެވަގުތު އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑުއިވުމުން ޔަޒްދާން ދޮރުހުޅުވިއެވެ.

“ދަރިފުޅާ.. މިތާ ދޯ ތިއިނީ.. ދޮންބެއާ ޒާރާ ދައްތައާ ބައިތިއްބާފަ ދަރިފުޅު ހިނގާ މަންމައާ އެކީ ނިދަން ދާން.. މާދަމާ ހެނދުނު ސުކޫލަށްދާންވެސް ޖެހޭނެއެއްނު.. އަވަހަށް އާދޭ..” ވަފިއްޔާ ހީކުރީ އެހެންބުނީމާ ޝައިހާ އަންނާނެކަމުގައެވެ.

“ނޫން ނުދާނަން..” އެހެންބުނެފައި ޝައިހާ ޒާރާގެ ގައިގައި ދެއަތުން ހިފެހެއްޓިއެވެ. އެއާއެކު ވަފިއްޔާއަށާއި ޔަޒްދާންއަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ.

“ޝައިކޮ ބަސް އަހައިގެން އާދޭ ދެން.. މަންމަ ބުނީމާ ގަބޫލުކުރަންވާނެ..” ވަފިއްޔާ އުޅުނީ ޝައިހާއަށް ވިސްނައިދެވޭތޯއެވެ.

“ނޫން.. ޝައިކޮ ބައިންދާފަ މަންމަ ދޭ..” ވަފިއްޔާއާ އެކީގައި ދާކަށް ޝައިހާ ބޭނުމެއްނޫނެވެ.

“ޝައިކޮ ދޭބަލަ ބަސްއަހައިގެން މަންމައާއެކީ ނިދަން.. ދޮންބެއާ ޒާރާ ދައްތަވެސް ދެން ނިދާނީއޭ..” މިފަހަރު ޔަޒްދާންއަކަށްވެސް އެއްޗެއް ނުބުނެ ނުހުރެވުނެވެ.

ޔަޒްދާން އެހެންބުނުމުން ޒާރާގެ ގައިގައި ކުރިއަށް ވުރެ ބާރަށް ހިފަހައްޓާފައި ޝައިހާ ނުދާނަމޭ ބުނެލިއެވެ.

“ޝައިކޮ ވަރަށް ހަޑިކޮށް މިހާރު ތިއުޅެނީ.. ދެން އާދޭ ދާން..” ޝައިހާ އުޅޭގޮތުން ވަފިއްޔާގެ ބޯހަލާކުވާވަރުވިއެވެ.

“ނޫން.. ނޫން.. ނުދާނަން ޝައިކޮއެއް.. ދޮންބެ ނިދަންދޭ ޝައިކޮގެ ޕިންކް ބެޑްއަށް.. މަންމަވެސް ދޭ..” ޝައިހާ އެހެންބުނެލީ ކުރިއަށް ވުރެވެސް ބާރަށެވެ.

އެންމެފަހުން ވަފިއްޔާއާއި ޔަޒްދާން އައިސް ޝައިހާގެ އަތް ނައްޓުވަން އުޅުމުން ޝައިހާ ވަރަށް ބާރަށް ރޮއިގަތެވެ. މުޅި އެއެޕާޓްމެންޓް ތެރޭވެސް ގުގުމާލާފައި ހުރީ ޝައިހާގެ އަޑެވެ.

ޕަނީނޯ ހައުސް އެހެން ބުރިތަކުގައި އުޅޭ މީހުންނަށްވެސް އެގަޑީގައި ޝައިހާ ރޯއަޑު އިވިދާނެތީ އެންމެފަހުން ވަފިއްޔާއާއި ޔަޒްދާންވެސް ހަތިޔާރު ބެހެއްޓިއެވެ.

ޔަޒްދާން އެކޮޓަރިން ނުކުންނަން ދިޔައިރު ހުރީ ޝައިހާދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ޒާރާ އޭނާއަށް ލިބުނު ދުވަހުގައި އެދެމެދުގައިވާ ލޯތްބަށް ހުރަސްއެޅޭގޮތް މިއަދު މިވީ ޝައިހާގެ ސަބަބުންނެވެ.

ޕިންކް ބެޑެއްގައި ނިދަންދާށޭ ޝައިހާ ބުނުމުންވެސް ޔަޒްދާން ހުރީ ރުޅިއައިސްގެން ފަޅައިގެންދާވަރުވެފައެވެ. ޝައިހާ އެބުނާ ޕިންކް ބެޑެއްގައި ނިދުމަށްވުރެ ސިޓިންރޫމް ސޯފާވެސް ޔަޒްދާންއަށް މާކަމުދެއެވެ.

“ދަރިފުޅާ.. ދަރިފުޅު ދޭ މަންމަ ކޮޓަރިއަށް ނިދަން.. މަންމަ ދާނަން ޝައިހާގެ ކޮޓަރިއަށް..” ޔަޒްދާންގެ ފަހަތުން އެކޮޓަރިން ނުކުތް ވަފިއްޔާއަށް ޔަޒްދާން ހިތްހަމަނުޖެހިފައިވާ މިންވަރު ދެނެގަނެވުމުން އެހެންބުނެލިއެވެ.

ވަފިއްޔާ އެހެންބުނުމުން ޔަޒްދާންވެސް މަންމަ ކޮޓަރިއަށް ނިދަން ދިޔައެވެ. ނިދަން އޮށޯވެގެން އޮތްއިރުވެސް ޔަޒްދާންއަށް ހަނދާންވީ ޒާރާ މަތިންނެވެ.

އާކާވެނީގެ ރޭ އޭނާއަށް ހޭދަކުރަން ޖެހިފައި މިއޮތީ އަނބިމީހާ ނުލާ އެކަނި މާއެކަންޏެވެ. އެގޮތަށް އެކަން ދިމާވުމުން ޔަޒްދާން އޮތީ ފޫހިވެގެންގޮސް ހަލާކުވާވަރުވެފައެވެ.

***********************

ޔަޒްދާންއާއި ވަފިއްޔާ ދިއުމުން ޝައިހާ ވަރަށް އުފާވެގެން ޒާރާއަށް ހީލިއެވެ. ޒާރާވެސް ޝައިހާއަށް ހީލިއެވެ.

އެހެންނަމަވެސް ހަގީީގަތުގައި ޒާރާ އިނީ ވަފިއްޔާއާއި ޔަޒްދާން ހީކުރާނެ އެއްޗެއް ނޭނގޭތީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ.

ޝައިހާ އެގޮތަށް އުޅުނު ގަޑީގައި ވަކިއެއްޗެއް ބުނަން ޒާރާ އިނީ ނުކެރިފައެވެ. އަދި ޝައިހާގެ އަތް ނައްޓުވަންވެސް ޒާރާ އިނީ ނުކެރިފައި މަޑުމަޑުންނެވެ.

ޔަޒްދާންގެ މޫނުމަތީގައިވާ ރުޅިވެރިކަންވެސް ޒާރާއަށް އޭރު ފެނުނެވެ. އެހެންވެ ޔަޒްދާން މިރޭ ނިދާނީ ވަރަށް ހިތްހަމަނުޖެހިފައި ހުރެގެންކަން ޒާރާއަށް އެނގެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ހިތާ ފުރާނައިން… (39)

Next

ލޯބިއެހެނަސް..16

Next
February 14, 2018

ލޯބިއެހެނަސް..16

Previews
February 13, 2018

ހިތާ ފުރާނައިން… (39)

19 Comments!

  1. Hairaan says:
    February 14, 2018 at 1:16 pm

    Wow varah reethi

  2. Sana says:
    February 14, 2018 at 1:23 pm

    Waau varah reethi
    When next part?

  3. Crystal says:
    February 14, 2018 at 1:30 pm

    Thankyou hairaan and Sana ..☺ then iny enme last part. Type kurevunha avahakah epart ves genesdheyn ☺???

  4. shaan says:
    February 14, 2018 at 1:36 pm

    hahaha den xaaraa deyba dhw eyna nindavaafa

    1. Crystal says:
      February 14, 2018 at 3:09 pm

      Hehehe dhen vagotheh balamaa ? aslu yazdhaan ge life ah shaihaa ge sababun varah Gina twist thah eba aadhey dho ??

  5. Ary says:
    February 14, 2018 at 3:30 pm

    varah reethi

    1. Crystal says:
      February 15, 2018 at 1:01 pm

      Thankyou Ary ☺???

  6. Shu? says:
    February 14, 2018 at 3:34 pm

    Ahahaha mioh ulhey Shaiha eh dhw..ebunaahen dhen Shaiha nindhavaafa zaara dheyba ??

    1. Crystal says:
      February 15, 2018 at 1:02 pm

      Hehe yeah .. then zaaraa hadhany kihinehtho balamaa ?

  7. Faarish says:
    February 14, 2018 at 4:20 pm

    V reethi mi part ves

    1. Crystal says:
      February 15, 2018 at 1:02 pm

      Thankyou faarish ☺???

  8. shaxu says:
    February 14, 2018 at 4:32 pm

    V v v reethi

    1. Crystal says:
      February 15, 2018 at 1:03 pm

      Thankyou shaxu ☺???

  9. Rash says:
    February 14, 2018 at 9:39 pm

    V reethi mivaahaka

    1. Crystal says:
      February 15, 2018 at 1:03 pm

      Thankyou Rash ☺???

  10. Ray Eym Eva says:
    February 15, 2018 at 11:44 am

    Shaiha nidhyma shaiha kotri ah ves gen dhevi dhaanehnu.eyrun Zara adha yazdhan ah ehkoh nidheynehnu.varah salhi.waiting for next

    1. Crystal says:
      February 15, 2018 at 1:04 pm

      Hehe yeab.. ehen hedhidhane.. dhen zaraa and yazdhaan hadhany kihineh Kan ingeyne dhen in part GA ? Thankyou Ray Eym Eva ☺???

  11. Shu? says:
    February 15, 2018 at 1:38 pm

    Hey crystal kon irakun next part up kurany????? Waiting waiting ?

  12. Aishath says:
    February 15, 2018 at 1:38 pm

    Whn is next part cant wai_t

Comments are closed.


All Right Reserved!