Skip to content
އެސްފިޔަ

ޒާރާ (17)

ކުރީގެ އަދަދާއި ގުޅޭ: ރިޔާއާ އެކުވެރިވެފައި އަހަރެން ރިޔާއަށް އާހިލްގެ ވާހަކަ ކިޔާދިނީމެވެ. ކުރީގައިވެސް ރިޔާއަކީ އަހަރެންގެ ރައްޓެއްސެކެވެ. އެހެންނަމަވެސް އޭރު އަހަރެންނާ ރިޔާއާ އެހާ ގާތް ގުޅުމެއް ނޯވެއެވެ. އޭރު އަހަރެން ބޮޑަށް ގާތްވާނީ ޝީނާއާއެވެ.

އަހަރެންނަށް ލިބޭ ހަމައެކަނި އުފަލަކީވެސް އާހިލްއާ ރިޔާއާ ވާހަކަދައްކާލެވުމުން އެލިބޭ އުފަލެވެ. އަހަރެން ބޭނުންވީ ވީހާވެސް ގިނައިން އެމީހުންނާ ވާހަކަދައްކާށެވެ. އެހެން ވިސްނުންތަކުން އަހަރެންގެ ސިކުނޑި ސަލާމަތްކުރާށެވެ.

އެހެންނަމަވެސް ބައްޕަ އައިސް ރަށުގައި މަޑުކުރާ ދުވަސްތަކަކީ އަހަންނަށް ބިރުވެރި ދުވަސްތަކެއް ކަމުގައި ވާންފެށިއެވެ. އެދުވަސްތަކުގައި ބިރުންގޮސް ބައެއްފަހަރަށް ހެދޭ ނެހެދޭއެއްވެސް އަހަންނަކަށް ނޭނގެއެވެ. ސްކޫލަށް ބައެއް ފަހަރު ފޮތްތައް ނުލާދެވެއެވެ. ކުރަން ހުންނަ ކަންތައްތައް ހަނދާން ނެތެއެވެ.

މަންމައާ ބައްޕައާ އަހަރެން އުޅެނީ އެއްކޮޓަރިއެއްގައެވެ. ރޭގަނޑު އަހަންނަށް ފިނި ނުވާނެ ކަމަށް ބުނެ މަންމަ އޮންނަނީ ތިރީގައި ގޮދަޑިއެއް އަޅައިގެންނެވެ. ދެން ހުންނަނީ އެންމެ އެނދެކެވެ. އަހަރެން ނިދަން ޖެހެނީ ބައްޕައާ އެކީ އެ އެނދުގައެވެ.

އަހަރެން ހާދަ ބިރުގަނެއެވެ. އެކަމަކުވެސް ކެތްކޮށްލައިގެން ޖެހެނީ ހަމަ އޮންނާށެވެ. މަންމައަށް އެތައް ދުވަހަކު އާދޭސްވެސް ކުރީމެވެ. އަހަރެން ގޮދަޑީގައި ބާއްވާދޭތޯއެވެ. އެކަމަކު އަހަންނަށް ފިނި ނުވާނެކަން މަންމައަށް އެނގޭތީ މަންމަ އެކަމަށް އެއްބަހެއް ނުވިއެވެ.

އެއީވެސް ތެދެކެވެ. ފިނި ނުވީމާ ނޫނީ އަހަންނަކަށް ނުނިދޭނެއެވެ. މަންމައަކީ ފިނި ވީމާ ނިދޭމީހެއް ނޫނެވެ. އެކަމަކު ހޭލާ އޮންނަން ޖެހުނަސް އަހަންނަށް މިދިމާވާާ ކަންތަކުން ސަލާމަތްވާން ބޭނުމެވެ.

އަހަރެން އޮންނަނީވެސް ބާލީހުގައި ބާރަށް ބައްދާލައިގެންނެވެ. ނުނިދާ އޮވެވޭތޯވެސް އަހަރެން ވަރަށް ބަލަމެވެ. އެކަމަކު ސުކޫލުގައި އެހާ ބުރަކޮށް އުޅެފައި ގެއަށް އައިސް އޮށޯވެލީމާ އަހަންނަށްވެސް ނިދެނީއެވެ.

ނިދުނީމާ އަހަރެން އަތުން ބާލީސްވެސް ދޫވަނީއެވެ. އަހަންނަށް ހޭލެވެނީ ރޭގަނޑު ދަންވަރުއެވެ. އަހަރެންގެ ގައިގައި މީހަކު ބީހޭން ފެށުމުންނެވެ.

ފުރަތަމަ ބިރުންގޮސް އަހަންނަށް ދެލޯ ހުޅުވާލަންވެސް ނުކެރެއެވެ. އަހަރެން އޮންނަނީ ނިދާކަމަށް ހަދައިގެންނެވެ. އެއީ ކޮންމެހެން އެމީހަކަށް ފުރުސަތު ދޭކަށް ނޫނެވެ. އެއީ ހަމަ ބިރުންގޮސް އަހަންނަށް ވާގޮތެކެވެ.

އަހަންނާ އެގޮތަށް ބެހެނީ ހަމަ އަހަރެންގެ އަމިއްލަ ބައްޕައެވެ. ބައްޕަ އަތްލާނީ އަހަރެންގެ ނިދާހެދުމުގެ ދަށުންނެވެ. އެހެން ހަދަން ފަށާއިރަށް ގިނަރޭރޭ އަހަންނަށް ހޭލެވެއެވެ. މަންމައަށް ފެންނާނެ ނަމައޭ ހިތަށް އެރިއެވެ. އެކަމަކުވެސް މަންމަ އޮންނާނީ ނިދާފައެވެ.

ކިރިޔާ މަންމަ ފުރޮޅިލާހެން ހީވާއިރަށް ބައްޕަ އަތް ދަމައިގަނެފައި ނިދާކަމަށް ހަދާނެއެވެ. އެކަމަކު އަނެއްކާވެސް އިރުކޮޅަކުން ބައްޕަގެ އަމަލުތައް ހުންނާނީ އެގޮތަށެވެ. ހާދަހާ އުނދަގޫވެއެވެ.

ބައްޕަ ބޭނުންނަމަ މަންމަ ގާތުގައި ބުނެގެން އަހަރެން ގޮދަޑީގައިވެސް ނިންދެވިދާނެއެވެ. ބައްޕަ ބުނީމާ މަންމަވެސް އެގޮތަށް ހަދާދޭނެއެވެ. އެކަމަކުވެސް ބައްޕަ އެއްޗެއް ނުބުނެއެވެ.

އެކަމަކީ ކިހާވަރެއްގެ ކަމެއްކަން އަހަންނަށް ކިރިޔާ އެނގެން ފެށިފަހުން އަހަރެން ބައްޕައަށް ވަރަށް ގަދަދައްކަމެވެ. އަހަރެން ހަޅޭއްލަވަން ބޭނުންވިއަސް އެއްވެސް އަޑެއްވެސް ނުނިކުމެއެވެ. އެންމެ ބަހެއްވެސް އަނގައިން ބޭރަކަށް ނުނިކުމެއެވެ. މަންމައަކަށްވެސް އެންމެ ރެއަކުވެސް ނުހޭލެވެއެވެ.

ބައްޕަގެ އެފަދަ އަމަލުތައްވެސް އިތުރުވިއެވެ. އަހަރެންގެ ނިދާހެދުމުގެ ގޮށްތަށް ނައްޓުވައިގެން އެކުރާކަމެއް ކުރެއެވެ. އަހަރެން ލައިގެން އޮންނަ ހަރުވާޅުތެރެއަށް އަތް ބޭނޭތޯވެސް މަސައްކަތް ކުރެއެވެ. އެއްކަމެއް ހުއްޓުވިއްޔާ އަނެއްކަމެއް ކުރެއެވެ.

އަހަރެން އެހާ ބާރުގަދައެއް ނޫނެވެ. ފިރިހެނެއްގެ ކުރީމަތީ އަންހެނަކަށް ދެއްކޭނީ ކޮންބާރެއް ހެއްޔެވެ. އެކަހަލަ ކަމެއް ނުކުރެވުނިއްޔާ ތުންފަތަށްވެސް ބޮސްދެއެވެ. އަދި ހަށިގަނޑުގެ އެތަން މިތަނަށްވެސް ބޮސްދެއެވެ.

އާހިލް މަތިން ހަނދާންކޮށްފައި އަހަންނަށް ރޮވެއެވެ. މިއިން އެއްވެސް ކަމެއް އާހިލްއަކަށް އަދިއެއް ނުވެސް އެނގޭނެއެވެ. އަހަރެން މިއުޅެނީ އާހިލް އަދި ރިޔާ ގާތުގައިވެސް މިވާހަކަ ބުނާނެހާ ހިތްވަރެއް ނުލިބިގެންނެވެ.

ބުނީމާ ދެން ވާނެ ގޮތެއް ނޭނގެއެވެ. ރިޔާ އަދި އާހިލްވެސް އަހަރެން ދޫކޮށްފައި ހިނގައިދާނެއެވެ. އޭރުން އަހަރެން މުޅިން އެކަނިވާނެއެވެ. މިހާރުވެސް މިއުޅެނީ ވަރަށް އެކަންޏެވެ. އެދެމީހުންވެސް އަހަރެންނާ ގުޅުން ކަނޑާލީމާ އަހަރެން ހާދަހާ ދެރައެއް ވާނެއެވެ.

ބައްޕައަށް މިހާރު އަހަރެންގެ ހަށިގަނޑުގެ ވަރަށް ބޮޑުބައެއް ފެނިއްޖެއެވެ. ދެންއޮތް އެންމެ ބޮޑު ކަންތައް ނުވަނީވެސް އަހަރެން ގަދަ ދައްކާތީއެވެ.

އެކަންތައް ވެއްޖެނަމަ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވާނެއެވެ. އަހަރެން ދުނިޔެއަށް ގިނަވާނެއެވެ. ނަހަލާލަށް ބަނޑުބޮޑު ވެދާނެއެވެ. ނަހަލާލޭ ބުންޏަކަސް އޭރަށް އަހަރެންގެ ބަނޑުގައި އޮންނާނީވެސް ބައްޕަގެ ދަރިއެކެވެ.

އޭރަށް އަހަރެންގެ އެއްވެސް މުސްތަގްބަލެއް ނޯންނާނެއެވެ. އެތުއްތު ކުއްޖާގެ އެއްވެސް މުސްތަގްބަލެއް ނޯންނާނެއެވެ. އޭރަށް އެންމެން  އަހަރެންނާއި އަހަރެންގެ ދަރިފުުޅު ބާކީ ކޮށްލާނެއެވެ. މައިންބަފައިންނާއި ތިމާގެ އެންމެން ވެގެން އަހަރެން ގެއިން ބޭރަށް ނެރެލާނެއެވެ. އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ ކުށެއް ނެތަސް އެންމެންގެ އިނގިލިތައް އަހަރެމެންނާ ދިމާއަށް ދިއްކުރާނެއެވެ.

ބައްޕަ އޭރަށް ހުންނާނީ އަރާއެއްފަރާތުގައެވެ. ނަހަލާލަށް ވިހޭމާ ލަދުގަންނަން އަބަދުވެސް ޖެހޭނީ އަންހެންކުއްޖާއެވެ. ދަރިއަކުދީފައި ފިރިހެންމީހާ ހުންނާނީ ދުރުގައެވެ. މިހާ ދުރަށް އަހަރެން ވިސްނަމެވެ. އެއީ މިހެން ވެއްޖެނަމަ ވާނީ އެހެންކަން އަހަންނަށް އެނގެއެވެ.

ފަހަރެއްގައިވެސް މިހެން ވެއްޖެނަމަ އަހަރެން އެމީހުންނަކަށް އެއްވެސް އުނދަގުލެއް ނުޖައްސާނަމެވެ. އެމީހުން އިނގިލި ދިއްކުރަންދެން އަހަރެން މިރަށަކު ނުވެސް ހުންނާނަމެވެ. އަހަރެން އަހަރެންގެ ދަރިފުޅު ގޮވައިގެން ދުރަށް  ހިނގައިދާނަމެވެ.

އެފަދަ ގޮތަކަށް ބަނޑުބޮޑު ވީއެކޭ ކިޔާފައި އަހަރެން އަހަރެންގެ ދަރިފުޅަކަށް ގެއްލުމެއް ނުދޭނަމެވެ. އެތުއްތު ކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. އަހަރެންގެ ބާކީ ދިރިއުޅުން އެދަރިފުޅަށް ޓަކައި ހޭދަކުރާނަމެވެ. އަހަރެންގެ ދަރިފުޅަށް ޓަކައި ކިޔެވުން ދޫކޮށްލާފައި އެހެންގޮތެއް ހަދަން ޖެހުނަސް ހެވެވެ.

އެކަމަކު މަންމަ އޮއްވާ އެވަރުގެ އަމަލެއް ބައްޕައަށް ހިންގަން ނުކެރޭނެކަން އަހަންނަށް އިނގެއެވެ. އެކަމަކުވެސް ބައްޕަގެ ކޮންޓްރޯލް ނެއްޓޭންވެސް އުޅެއެވެ. އެއީ އަހަރެންގެ ހަށިގަނޑަށް ދަހިވެތިވެފައިވާ މިންވަރުންގޮސް ވާކަމެކެވެ.

ގޭ މީހެއް ގާތުގައި ބުނަންވެސް އަހަރެން ހިތަށް އެރުވީމެވެ. އެކަމަކު ކުއްލިއަކަށް ބުނާނީ ކާކު ގާތުގައިވެސް އަހަންނަކަށް ނޭނގުނެވެ. ބުނީމާ ގަބޫލު ކޮށްފާނެ ކަމާމެދުވެސް އަހަންނަށް ޝައްކު އުފެދުނެވެ.

ހަގީގަތުގައި ބައްޕައާއި މަންމަގެ މެދުގައިވެސް އަބަދުހެން އޮންނަނީ މައްސަލަ ޖެހިފައެވެ. އެމައްސަލަ ތަކުގައި ގިނަ ތިމާގެ މީހުން ބުރަވަނީ ބައްޕަގެ ކޮޅަށެވެ. މަންމަގެ ބަސްތައް ގަބޫލުކޮށްލަނީ ވަރަށް މަދުމީހެކެވެ. މަންމަ ބުނާވާހަކަ ތަކަކީ ތެދުކަމުގައިވިއަސްވެސް މެއެވެ.

އެކަން އަހަންނަށްވެސް އެނގެއެވެ. މަންމަ ބުނާ އެއްޗެހި ގަބޫލުނުކުރާ ބަޔަކު އަހަރެން ބުނާ އެއްޗެއް ގަބޫލުކޮށްފާނެ ބާއެވެ؟ ނުކުރާނެއެވެ. އެކަހަލަ ބަޔަކު އަހަރެންގެ ވާހަކަ އަޑެއް ނާހާނެއެވެ. އަހަރެން ދޮގުހަދަނީ ކަމުގައި ހީކޮށްފާނެއެވެ. އެމީހުންނަށް ވިސްނައިދޭން އުޅެގެން މަންމައަށް ވާގޮތަށްހެން އަހަރެންގެ ހަކަތަ ހުސްވެދާނެއެވެ.

އޭރަކު އަހަރެން 1412 ނަންބަރ އެއްވެސް ނުދަންނަމެވެ. އަދި އެނގުންކަމުގައި ވިއަސް އަހަރެންގެ އަތުގައި ފޯނެއްވެސް ނޯވެއެވެ. ފޯނެއް އޮތްމީހަކަސް އަހަންނަށް އެވަރު ކަމެއް ކޮށްދޭނޭ މީހަކު ވިސްނުމަކަށް ނައެވެ.

އަހަރެން އާހިލްއާ ވާހަކަދައްކަމުން ދިޔައީވެސް  އަބަދުވެސް ޗެޓުންނެވެ. އެއީވެސް ކިހާ އުނދަގޫ ކަމެއް ހެއްޔެވެ؟ އާހިލްވެސް ބައެއް ފަހަރު ފޯނެއް ހޯދާނީ ކޮންއިރަކުންތޯ އަހާލައެވެ. އަހަންނަވެސް އެނގެއެވެ. އެހެން މީހުން ފޯނުންވާހަކަ ދައްކާއިރު އަހަރެމެންނަށް އެގޮތަށް ވާހަކަ ނުދެއްކޭތީ އާހިލްވެސް ވިސްނާނެއެވެ.

އަހަންނަށް އެނގެއެވެ. ފިރިހެން ކުއްޖަކާ ގުޅުން ބާއްވާކަން އިނގެއްޖެނަމަ އެކަމާ އެންމެ ރުޅިއަންނާނީ ބައްޕައެވެ. އެހެންވެ އާހިލްއާ ވާހަކަދައްކާކަމާއި ރައްޓެހިވެގެން އުޅޭކަންވެސް މަންމައަށްވެސް ސިއްރުކުރީމެވެ.

އޭރުވެސް ރިޔާ ފޯނެއް ގެންގުޅެއެވެ. ރިޔާގެ ފޯނުން އަހަރެން ބައެއްފަހަރު އާހިލްއަށް ގުޅާ އުޅެމެވެ.

” ޒާރާ އަހަރެން ކުރީދުވަހު ދެކުނިން ޒާރާގެ ބައްޕަ.. އަހަރެންގެ މަންމަ ދެއްކީ އެއީ ޒާާރާ ބައްޕައޯ ކިޔާފަ.. ކުރިން އަހަންނަކަށް ނޭނގެ..” އެއްދުވަހަކު ރިޔާ އަހަރެން ގާތުގައި އެހެންބުނެލީ ހިނިތުންވެލާފައެެވެ.

ރިޔާ ހީކުރަނީ ކީކޭކަން އަހަންނަށް އެނގެއެވެ. އެންމެ ދަރިޔަކު ހުންނާތީ އަހަރެންމީ ވަރަށް ނަސީބުގަދަ މީހެއް ކަމުގައި ވަރަށް ގިނަކުދިން ހީކުރެއެވެ.

މައިންބަފައިންގެ ގިނަކުދިން ތިބޭކުދިންގެ ތެރެއިން އަހަރެންގެ ބައެއް ކްލާހު ކުދިން އަހަރެންގެ ގާތުގައި ވަރަށް ޝަކުވާކުރެއެވެ. އެކުދިންގެ ކޮއްކޮމެން ދައްތަމެންނާއި ހެދި އުނދަގޫވާ ވާހަކައެވެ. މައްސަލަތައް ޖެހޭވާހަކައެވެ. ކޮއްކޮމެންނާއި ދައްތަމެންގެ ކަންތައް ކޮށްފައި ވަގުތެއް ނުވާވާހަކައެވެ.

އެހެންނަމަވެސް އަހަރެން އެކުދިންގެ ގާތުގައި އަބަދުވެސް ބުނަމެވެ. ތިހެން ނުބުނާށެވެ. އެއްބަނޑު އެއްބަފާ ކުދިން ތިބުމަކީ ވަރަށް ބޮޑު ނަސީބެކެވެ. ތިމާގެ އިހްސާސްތައް އެންމެ ގާތުން ދެނެގަނެވޭނީވެސް އެކުދިންނަށެވެ. އެކުދިން ތިބީމާ ފޫހިވެސް ފިލާނެއެވެ.

އެކަމަކުވެސް އެކުދިން ހަމަ އެވާހަކަތައް ދައްކާނެއެވެ. އެކުދިން ބޭނުންވަނީ އަހަރެންފަދަ ކުއްޖަކަށް ވާށެވެ. މަންމައާއި ބައްޕަ އެންމެ ބޮޑަށް ލޯބިވާނީވެސް އެންމެ ދަރިއަކު ހުރުމުންނޭ އެކުދިން ބުނާނެއެވެ.

އެކަމަކު އަހަރެން އެކުދިންނަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ވާހަކަތަކެއް ކޮންމެ ކޮންމެ ކުއްޖަކަށް ކިޔައެއް ނުދެވޭނެއެވެ.

އެއްބަނޑު އެއްބަފާ ކުއްޖެއް ނުހުންނާތީ އަހަރެންވެސް ވަރަށް ފޫހިވިއެވެ. ކުޑައިރު ކުޅެނީވެސް އެކަންޏެވެ. އެކަމަކު އެކަނި ހުރީއެކޭ ކިޔާފައި މިހާރުގެ ކުދިން މިއުޅޭހެން ބޮޑާދައްކާފައި ކުޅޭ އެއްޗިހިތަކެއް އުކައެއް ނުލަމެވެ. ތަންތަނުގައި ފެތުރިގަނެފައެއްވެސް ނޫޅެމެވެ.

އަހަރެންގެ ބައްޕަ ހުންނާތީ ބައްޕަގެ ފަރާތުން ފުރިހަމަ ލޯބި ލިބޭކަމުގައި ކުދިން ހީކުރެއެވެ. އަދި އަހަރެންގެ ބައްޕަ ވަރަށް ރަނގަޅުކަމުގައި ވެސް އެކުދިން ހީކުރެއެވެ. ރިޔާވެސް ހަގީގަތުގައި ހީކުރަނީ އެހެންނެވެ.

” ރިޔާ.. އަހަރެން އެބައޮތް ވަރަށް ބޮޑުވާހަކައެއް ބުނަންވެފަ.. މާދަމާ ޓިއުޝަނަށް ގޮސްފައި ބުނާނަން.. ބުނަން އޮތް ވާހަކައިގެ ބޮޑުކަމުން އަހަންނަށް ހިޔެއް ނުވޭ މިވާހަކަ ބުނެވޭނެހެންނެއް..” ބައްޕަ އަހަންނާމެދު އަމަލު ކުރާގޮތް ރިޔާއަށް ކިޔާދޭން އަހަރެން ގަސްދުކުރީމެވެ.

” އެހެންތަ.. ކޮންވާހަކައެއް؟ އޯކޭވާނެ ބުނެބަލަ.. މިތާކު ނެތެއްނު އިތުރު މީހެއްވެސް.. ” ރިޔާ އިނީ އަޑުއަހަން ތައްޔާރުވެގެންނެވެ.

” ނޫން.. ނޫން.. މިހާރަކު އަހަންނަކަށް ނުބުނެވޭނެ.. މިއީ ބުނަން އެހާ ފަސޭހަ ވާހަކައެއް ނޫން.. އެކަމަކު މާދަމާ އަހަރެން މިވާހަކަ ރިޔާގާތުގައި ބުނާނަން..” އެވަގުތުގައި ރިޔާގާތުގައި އެވާހަކަ ބުނުމުގެ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތެވެ. ” އޯކޭ.. މައްސަލައެއްނެތް.. ” ރިޔާވެސް އެއްބަސްވިއެވެ.

ރިޔާއަކީ އަހަރެންގެ އިހްސާސްތަކަށް ކަމޭހިތަން ދަންނަ ކުއްޖެކެވެ. އެވަގުތުގައި ދެން އިތުރަކަށް އެވާހަކައެއް ރިޔާ ނުދައްކައެވެ.

އަނެއްދުވަހު ޓިއުޝަނަށް ގޮސްފައި ސިއްރު ސިއްރުން އަހަރެން ރިޔާއަތަށް ގަނޑުކޮޅުތަކެއް ދިނީމެވެ. ” މީތި އެއްވެސް މީހަކަށް ނުދައްކާތި..  ގެއަށް ގޮއްސަ އެކަނި އިނދެގެން މި ކިޔާފަ ވީދާލާ.. މި ކީމާ ރިޔާއަށް ހުރިހާ އެއްޗެއްވެސް އެނގޭނެ.. ” އަހަރެން ވަރަށް މަޑުމަޑުން ހަމައެކަނި ރިޔާއަށް އަޑުއިވޭވަރަށް އެހެން ބުނެލީމެވެ.

އަހަރެން ގަނޑުކޮޅުތަކެއް ދިނީތީ ހައިރާންވެފައި އިނދެގެންވެސް ރިޔާ އޭގައި ހިފިއެވެ. އަދި އާއެކޭ ބުންޏެވެ. އެގަނޑުކޮޅުތައް އެހެން މީހަކަށް ފެނުމުގެ ކުރިން ދަބަހުގެ އެންމެ އަޑިއަށް ރިޔާ އެއެއްޗިހި ލިއެވެ.

ރިޔާއަށް ހުރިހާ އެއްޗެއްވެސް އެނގޭނެއޭ ހިތަށް އެރުމުން އަހަންނަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ރިޔާއަށް އެނގުމުން އަހަންނާ ގުޅުން ކަނޑާލިއަސް އަހަރެންގެ މައްސަލައެއް ނެތެވެ.

އެހެންވިއަސް އަހަރެން އެވާހަކަތައް ރިޔާއަށް ކިޔާދޭން މިހާރު ބޭނުމެވެ. އަހަރެންނަށް ލިބޭ މިއުނދަގޫތަކުން ކިރިޔާވެސް ލުޔެއްވެސް ލިބޭނީ މިވާހަކަތައް އަހަންނަށް މީހަކަށް ކިޔާދެވިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Pinky shifoo

    Hiii crystal…. Mi part vx varah varah reethi ???… Waiting for next part ????

    1. Crystal
      Pinky shifoo

      Thankyou shifoo ☺???

  2. Shhh..

    Nice story

    1. Crystal
      Shhh..

      Thankyou ☺

    2. Crystal
      Shhh..

      ???

  3. Friends

    First dhw

    1. Friends
      Friends

      Reethi mi part vess .when next part dear. waiting waiting

    2. Crystal
      Friends

      Yeah hehe first Hama. Varah avahah next part upload vaane ☺

    3. Crystal
      Friends

      ???

  4. Zaaraa

    Mihaaru mi vahaka v reethi ?? ummeedhukuran kuriyah huri baithah vex maadhigu inthizareh kurannujehi kiyalan libynekamah ?? waiting for next part ???

    1. Crystal
      Zaaraa

      Thankyou ☺

    2. Crystal
      Zaaraa

      ???

  5. Shuhu

    Nice story

    1. Crystal
      Shuhu

      Thankyou ☺

  6. Mai

    ???????V reethi love you so much

    1. Crystal
      Mai

      Thankyou.. ☺???

  7. cutie

    vrh vrh reethi

    1. Crystal
      cutie

      Thankyou cutie ☺

  8. thuhoo

    Wow.. varah salhi❤️

    1. Crystal
      thuhoo

      Thankyou thuhoo ???

  9. Jail_amm18

    lol

Comments are closed.