ހިތުގާ ފޮރުވާލަދޭށޭ 17 ( ފަހުބައި )
” ދޫނިއަށް އެނގެ އެއްނު އޭނައަށް އިނގުނިއްޔާ ފަހުދުއަށް އެނގޭނެކަން… ” ލޯތްބާއި އެކު ސައިމަން ބުނެލިއެވެ. އަސްތާއެވެ. ސައިމަން ހަސަދަވެރިވީބާވައެވެ؟ ޔާނާގެ އެއްވެސް މައުލޫމާތެއް ފަހުދަށް ލިބެން ބޭނުން ނުވަނީބާވައެވެ؟ޔާނާ ގެއްލި ދާނެތީ ސައިމަން ބިރުގަންނަނީ ހެއްޔެވެ؟ ޔާނާ އިނީ ކަޅިޖަހާނުލާ ސައިމަންއަށް ބަލާށެވެ، ސައިމަން މިފަހަރު ރަނގަޅަށްވެސް ލަދުގަނެފިއެވެ.
” ކހިނެތްވީ؟ ” ސައިމަން އަހާލިއެވެ.
” ކަމެއް ނުވެ.. ފަހުދަށް އަހަރެން ހުރިތަނެއް އެނގުމުން ވާނީ ކީއް؟ ލޯބިއަކަށް އަހަރެން ނުގެއްލޭނެޔޭ……….” ޔާނާ ސައިމަންގެ އަތްމަތީ އަތްބާއްވާލަމުން ބުނެލިއެވެ.
” އެކަމަކު ލޯބިއަށް އަހަރެން ގެއްލިދާނެ……” ސައިމަންގެ އެ ޖުމުލައިން ޔާނާއަށް ބަލާލެވުނީ ވަރަށް މާންފުން ނަޒަރަކުންނެވެ.ސައިމަން ހޭންފެށިއެވެ.
” އޭ! ސީރިއަސްވީތަ ދޫނި؟ އެއީ މަޖަލޭ… ސާބަހޭ.. ” ސައިމަން ޔާނާގެ އަތުގައި ހިފާ ބާރުކޮއްލިއެވެ. އޭރު ހުޅުލޭފަޅަށް ފެރީ ވަންނަނީއެވެ.
*********************
” އަހަރެން ބޭނުން ޔާނާ ހޯދަން… ކޮންމެ ސިފައެއްގަ ވިޔަސް….. ” ފަހުދު ހުރީ ހަމަ ބުއްދި ފިލާފައެވެ. އޭނާ އެވިސްނަނީ ސައިމަންގެ ދުވަސް ދުއްވާލައިގެން ނަމަވެސް ޔާނާ ހާސިލްކުރުމަށެވެ.
” އާނ އަހަރެން އޭނަ މަރާލާނަން…….” ފަހުދުގެ ރުޅި ކޮންޓްރޯލް ނުވެގެން އާމިރު ހަޅޭއްލަވައިގަތެވެ.
” ފުރަތަމަ ތިމާ ތައުބާވެ ބަލަ! މީހަކު މަރާ ހިސާބަށް ދިޔައީމަ އަހަންނަކަށްވެސް އަނގަ މަޑުން ލައިގެން ނުހުރެވޭނެ! ޔާނާ ފަހުދަށް އެދެނީ ލިބެންވާ ހައްޤު އަދަބު.. ،މިޔަދު އެފަކީރަށް ރަނގަޅު ދިރިއުޅުމެއް ފެނިއްޖެ.. ދެންވެސް ތިއުޅެނީ އެ އުފާތައް ފޭރެން.. ތިހެން ނުހަދާ ފަހުދު.. ޔާނާ އަމިއްލައަށް އުޅުނަދީ…….. ” އާމިރުގެ ވާހަކަ ހުރިގޮތުން ފެންކަޅިވެފައިވާ ފަހުދަށް ބުނެވުނު އެއްޗެއްސާއި މެދު ވިސްނާލެވުނެވެ.
” ސޮރީ… އަހަރެން އެހާ މައްޗަށް ދާނެ ކަމަކަށް ހިއެއް ނުކުރަން….” އެނދުގައި އިށީނދެ ބޮލުގައި ހިފަހައްޓާލަމުން ފަހުދު ބުނެލިއެވެ.
” އަހަރެން އަންނާނަން މިރޭ… މާދަމާ އޮފީހަށް ނުކުންނާތި! މިހާރު ދެދުވަސް ވެއްޖެއްނު ސަލާމުގަ ހުންނަނީ…” އާމިރު ފޯނެއް އައުމުން ބޭރަށް ނުކުތެވެ.
*********************
ޖެހިގެން އައި ދުވަހު އާމިރު އޮފީހަށް ނުކުތް އިރު ފަހުދު އިނީ އޮފީހަށް އައިހެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ.
” ހައި… ހާދަ ބަރާބަރު ދުވަހެއް ހެން ހީވެޔޭ………..” އާމިރު ގޮނޑީގައި ލެނގިލަމުން ބުނެލިއެވެ.
” ބަރާބަރު ވާނެއެއްނުދޯ…. ކޯސް ހަދަން ޗާންސް ހޯދައިފިން ” ފަހުދު ބޮލުގައި އަތް އަޅުވާލިއެވެ.
” އޯހް… ކޮންގްރާ.. ކިހިނެތް އެހާ ފަސޭހައިން ކޯސް ލިބުނީ؟ ” އާމިރު ޝައުޤުވެރިވިއެވެ.
” ބޮސް އާއި ވާހަކަ ދައްކާލީމަ މިއަހަރު މަށަށް ހޯދައިދިނީ…. ” ފަހުދު ހުރިލެއް ތާޒާކަމުން އާމިރު ހޭންފެށިއެވެ.
” ޗި! މަށެއް ނުދާނަން އިންޑިޔާއަކަށް ކޯސްހަދާކަށް………………….”
” އޭ.. ހީވޭތަ މަވެސް އިންޑިޔާއަށް ދާނެހެން……. މަ ދާން މިއުޅެނީ މަގޭ ބުލްބުލާ ޗަނބޭލީ ކައިރިއަށް…… މެލޭޝިޔާއަށް………” ފަހުދުގެ ޖުމުލައިން އާމިރު ކޮޅަށްޖެހުނެވެ.
” އޭނ.. މިހާރު އެތަނަށްދާންވެސް ނިންމީ…. ޔަޤީން ރަނގަޅު ނިޔަތެއްގައި ނޫންކަން ތިދަނީ؟ ”
އާމިރު ބޯ ހޫރަމުން ބުނެލިއެވެ.
” ނޫން….. އަހަރެން ޔާނާއަށް އުނދަގުލެއް ނުކުރާނަމޭ،،،، ޔާނާ އުޅޭގޮތް ބަލާނީ… ސިއްރު ސިއްރުން…..” ފަހުދު ހިޔާލީ ދުނިއަށް ގެނބެމުންދާތަން ނުބަލަންވެގެން ހެމުން ހެމުން އާމިރު ނުކުތީ ބޭރަށެވެ.
*****************
” ވާއު! ބިޔޫޓިފުލް………” ޔާނާ އެނބުރިލީ ސައިމަން ޔާނާއަށްޓަކައި ގަނެފައިވާ އަގުބޮޑު ރީތި ގޭގެ ދިމަ ދިމާލަށް ބަލަމުންނެވެ.
” ވަރަށް ވަރަށް ވަރަށް ވަރަށް ރީތި.. ” ޔާނާ އުފަލުންގޮސް ސައިމަންގެ ގައިގައި ބައްދާލިއެވެ. ސައިމަން ޔާނާ އުފުއްލާލިއެވެ.
” އޭތް… ވެއްޓިދާނެ.. ” ޔާނާ ލޯތްބާއި އެކު ސައިމަންގެ ބޯހާވާލިއެވެ.
ސައިމަން ޔާނާ އަތްދަނޑިމައްޗަށް ލައިގެން ގެންދިޔައީ މާސްޓަރ ބެޑްރޫމަށެވެ.
ޔާނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރީތިކަމުންނެވެ. ކޮޓަރީގެ އެކި އެކި ދިމާލުގައި އަގުބޮޑެތި އެއްޗެހި ބެހެއްޓިފައި ހުއްޓެވެ. ޔާނާ އަށް ރޭކާލީ ސައިމަންގެ މޫނު ޔާނާގެ މޫނުގައި ޖައްސާލުމުންނެވެ. ޔާނާ ސައިމަންގެ ކޮނޑުގައި ދެއަތްއަޅުވާ އަތުތެރޭގައި ބޮނޑިވެގަތެވެ.
****************************
ގޯތިތެރޭގައި ހައްދާފައިވާ އެކި ކުލަކުލައިގެ މާގަސްތަކުގެ ކައިރީގައި ދިއްލާފައިވާ ބޮކިދަނޑިތަކުގެ އަލީގައި ބަގީޗާތެރޭގައި ހިނގާލަ ހިނގާލާ ޔާނާ ހުއްޓެވެ. އެ ގޭގެ އެއްފަރާތުގައި ހުންނަނީ ކިޔަވާ ކުދިން ބައިތިއްބާ ހޮޓަލެކެވެ. ބެލްކަނީގައި ކުދިން ތިބޭތަންވެސް ފެނެއެވެ.
” އޭތް! ” ސައިމަން އައިސް ޔާނާގެ ބަނޑުގައި އަތް އަޅުވާލިއެވެ.
” ކައިރި ނުވޭ.. އެތިބަ ކުދިންނަށް ފެންނާނެ… ” ޔާނާ އެ ބިލްޑިންގްއަށް އިޝާރާތްކުރަމުން ބުނެލިއެވެ.
” ބަލާފާނެއްނު..” ސައިމަން ހުރީ ޔާނާ ރޫމަށް ގެންދަން ބޭނުންވެފައެވެ.
ސައިމަން ބުނުމުގެ ކުރިން ޔާނާއަށް އެކަން ވިސްނުނެވެ.
” ވަރަށް ހިތްގައިމު ފިނިފިނި ރެއެއްގައި ބޭނުންވަނީ މިތާ މި ވިނަގަނޑުމަތީ އިށީނދެލައިގެން އިންނަން….” ޔާނާ ސައިމަންގެ މޭމަތިން ބޯ ނެގިއެވެ.
” އެހެންވީއިރު މިތާ ހުރެލާ… އަހަރެން މިދަނީ ޖައްސާލަން……… ” ސައިމަން ޔާނާގެ ކޮލަށް ކިސް އެއް ދިނުމަށްފަހު ހިނގައިގަތެވެ.
ޔާނާ ބަލަމުންދަނީ ބިލްޑިންގާއި ދިމާއަށެވެ. ބެލްކަނީގައި ހުރި އަންހެން ކުއްޖަކު ހައި ޖަހާލުމުން ޔާނާވެސް ހައި ޖަހާލިއެވެ.
އެކުއްޖާ އަތުން ކިހިނެތްތޯ އަހާލިއެވެ.
ޔާނާވެސް އަތުގެ އިޝާރާތުން ބެސްޓޭ ބުނެލިއެވެ. ވަރަށް މަޖަލެވެ. އެކުއްޖާ ހުރީ ހިނިތުންވެފައެވެ. އަދި ބާއި ކިޔާލުމަށްފަހު އެކުއްޖާ އެތެރެއަށް ވަނުމުން ޔާނާވެސް ގެއަށް ވަނުމަށް ހިނގައިގަތް ވަގުތު ތުން ގޮއްވާލި އަޑު އިވުނެވެ. ޔާނާ ބަލާނުލާ ދާންފެށުމުން އަނެއްކާވެސް ތުން ގޮއްވާލިއެވެ. ޔާނާ ބަލާލިއެވެ. މިހާރު އެތާކު އެއްވެސް ކުއްޖަކު ނެތެވެ. އެންމެން ވަދެ ރޫމްތައްވެސް ފަނޑުއައްޔަކުން ދިއްލިފައި ހުރިތަން ފެނި އޭނާ އަނެއްކާވެސް ހިނގައިގަތެވެ.
” ޔާނާ… ” އެ އަޑާއި އެކު ޔާނާ ހުއްޓި ބަލާލިއެވެ. އެއީ އޭނާއަށް ހީވި ހީވުމެއް ނޫނެވެ.
އަދި އިވުނު އަޑަކާއި މެދު ވިސްނާލުމަށްފަހު ދުއްވައިގަތީ ގެއާއި ދިމާއަށެވެ.
” ސައިމާން………………..” ބާރު އަޑާއި އެކު ސައިމަން ކޮޓަރިން ނުކުމެ ބިރުގަނެފައިވާ ޔާނާގެ ގައިގައި އޮޅުލައިގަތެވެ.
ޔާނާހުރީ ދެލޯ ބޮޑުކޮއްގެންނެވެ. ބިރުންގޮސް އެފަކީރު ހަލާކުވާތަން ފެނި ސައިމަންއަށް ކެތެއް ނުކުރެވުނެވެ.
” ކިހިނެތްވީތަ؟ ކިހިނެތްވީތަ ލޯބި؟” ސައިމަން ޔާނާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ. ޔާނާ މަޑުމަޑުން އަތްދިއްކޮއްލީ ބޭރަށެވެ.
” ބޭރުން؟ ކޯއްޗެއް ފެނިގެން؟” ސައިމަން އަނެއްކާވެސް ސުވާލުކުރިއެވެ. ޔާނާގެ ތުންފަތް ހަރަކާތްކޮއްލިއެވެ. އަދި ވަރަށް އުނދަގުލުން އެއްޗެއް ބުނަން އުޅުނެވެ. ” ފަ…ފަ.. ފަހުދު…. ” އެ ނަމާއި އެކު ސައިމަންއަށް ލިބުނީ ސިހުމެކެވެ.
” ފަހުދޭ؟ ” ސައިމަން ބޭރަށް ބަލާލުމަށްފަހު ހިނގައިގަތެވެ. ޔާނާ ސޯފާގައި އިށީނދެލިއެވެ. ގިސްލަމުންނެވެ. ސައިމަން ބޭރަށް ނުކުމެ ވަށައިގެން ހޯދާލިއެވެ. މީހެއްގެ ހިލަމެއް ނުވުމުން ގެއަށް ވަނުމަށް ހިނގައިގަތްވަގުތު ސިހުން ލިބުނީ ޖީބަށް އަތްޖަހާލައިގެން ހަމަޖެހިލާފައިހުރި ފަހުދު ފެނުމުންނެވެ. ފަހުދު މިތާ ކުރަނީ ކީއްބާވައެވެ. ސައިމަން ހުއްޓުން އަރާފައި ހުއްޓާ ސައިމަންކައިރިއަށް އައީވެސް ފަހުދެވެ. ސައިމަން ހިނިތުންވެލީ ފަހުދުވެސް ހިނިތުން ވެލުމުންނެވެ.ފަހުދު ސަލާމްކޮއްލިއެވެ.
************
ސައިމަންބޭރުގައި ލަސްވަމުންދާތީ ޔާނާ ހާސްވާންފެށިއެވެ. ގޭތެރޭގައި އެތައް އިރަކު ހުރުމަށްފަހު މަޑުމަޑުން ޔާނާ ބޭރަށް ދިޔުމަށް ހިނގައިގަތެވެ. ޔާނާގެ ހިތުގެ ތެޅުން އަވަސްވަމުންދިޔައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ހީވާންފެށިއެވެ. އޭނާ ބޭރަށް ނުކުތެވެ. އޭރު ސައިމަން ފުރަގަސްދީގެން ހުއްޓެވެ. ހީވާގޮތުން ކޮންމެވެސް މީހަކާ ވާޙަކަ ދައްކަނީއެވެ. ޔާނާ ލަސްފިޔަވަޅުތަކެއްގައި ގޮސް ސައިމަންއާއި ދާދި ގާތުގައި ހުއްޓި ގޮވާލިއެވެ. ސިހިފައި ސައިމަން ޔާނާއަށް ބަލާލިއެވެ.ސައިމަން ހުރީ އެތަނުގެ ވޮޗްމޭން އާއި ވާހަކަ ދައްކާށެެވެ. ” އަހަނ… މާބޮޑަށްވެސް އަހަރެން ލަސްވެއްޖެދޯ… ހިނގާ އެތެރެއަށް… ” ޔާނާގެ އުނަގަނޑުގައި ހިފާލަމުން ސައިމަން ބުނެލިއެވެ.ޔާނާއަށް ނުވިސްނޭފަދަ ގޮތަކަށް ވޮޗް މޭންއަށް ބަލާލުމުން އޭނާ ހިނިތުންވެލިއެވެ. ސައިމަން ޔާނާގެ އަތުގައި ހިފައިގެން ބާރުބާރަށް އައިސް ގެއަށް ވަދެ ދޮރު ލައްޕާ ތަލުލިއެވެ. ” ސައިމަން.. ކިހިނެތްވެ މާބޮޑަށް ލަސްވީ؟ ފަހުދު ހުރިތަ އެތާ؟ އަޅެ ބުނެދީބަލަ… ” ޔާނާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. ” ހާސްނުވެބަލަ.. ފަހުދެއް ނެތޭ އެތާކު.. ހާދަވަރަކަށް ތި ބިރުގަންނަނީ..” ސައިމަން ގަސްތުގައި ޔާނާއަށް ދޮގުހެދިއެވެ. ޔާނާ ސައިމަންގެ ގައިގައި ބާރުބާރަށް ބައްދައިގަތެވެ.ސައިމަން ޔާނާގެ ބޮލުގައި ފިރުމާލުމަށްފަހު ޔާނާގެ ދެކޮނޑުގައި ހިފާ ދުރުކޮއްލަމުން ބުނެލިއެވެ. ” މި ދުނިޔޭންވެސް އަހަރެން އެންމެ އެންމެ ލޯބިވަނީ ޔާނާދެކެ.. ދުވަހަކުވެސް ޔާނާއަށް ދެރަގޮތެއްވުމަކަށް ނޭދެން.. ޔާނާއަށް އުފާވެރި ދިރިއުޅުމެއް ދެއްވުމަށްއެދި އަބަދުވެސް ދުޢާކުރާނަން.. ” ސައިމަންގެ އާދަޔާ ހިލާފްވާހަކަތަކުން ޔާނާ ކަންބޮޑުވަމުންދެއެވެ. ” ދޫނި.. ކޮންކަހަލަ ވާހަކަތަކެއްތަ ތި ދައްކަނީ؟ އަހަރެން ލޯބި އާއި އެކު އުޅޭހާ ހިނދަކު އަބަދުވެސް ހުންނާނީ އުފަލުގައޭ… ” ޔާނާ އަނެއްކާވެސް ސައިމަން ގައިގައި ބައްދާލިއެވެ. ސައިމަން ދެލޯމަރާލަމުން ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ.
*****************
ފަތިހުގެ ފިނިފިނި ތެތް ވައިގެ ތެރޭގައި ހިނގާލުމަށް ޔާނާގެ ހިތް އެދެން ފެށިއެވެ. ފަތސްނަމާދުކޮއްލައިގެން ޔާނާ ބޭރަށް ނުކުތް އިރު ކޮފީތަށި ހިފައިގެން ސައިމަންވެސް ބޭރުގައި ހުއްޓެވެ.” އޭތް.. ބަލާބަ މަށަށްވުރެން މާކުރިންދޯ މިރޭވެސް ނުކުމެ ތިހުރީ؟ ” ފަހަތުން ޔާނާ ވަރަށް ބާރަށް ގޮވާލުމުން ސައިމަން ސިހުނެވެ. ސައިމަންގެ މޫނުމަތިން ފެންނަން ހުރި މާޔޫސީކަމުން ޔާނާގެ ހިތުގައި ކޮންމެވެސް ޝައްކެއް އުފެދުނެވެ. ” ސައިމަން… އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟ އެ ވޮޗްމޭން ކީކޭތަ އެ ކިޔަނީ؟ މިހާރު އަބަދު އެމީހުންނާ ވާހަކަ ދައްކަން ހުންނަތަން ފެންނަނީ…”ޔާނާގެ ޖުމުލަތަކުން ހާސްވެފައިހުރި ސައިމަން ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލުމަށް މަސައްކަތް ކުރިއެވެ. ޔާނާ އައިސް ސައިމަން އާއި ދާދި ގާތުގައި ހުއްޓުނެވެ. ” ބުނެބަލަ ޕްލީޒް… ” ސައިމަންގެ ލޮލުން ޔާނާއަށް ކަމެއް ސިއްރުކުރާކަން ޔަޤީންވިއެވެ. ” ޔާނާ ޔާނާ ޔާނާ….. ނުވެޔޭ ކަމެއް.. ދެން މިތާ މިތިބޭ ވޮޗަރުންނާއި ވާހަކަ ދައްކާލަނީ.. އެމީހުންވެސް އެކަނި ފޫހިވެފަ ތިބޭތީ އަހަރެންވެސް އަނގަތަޅާލާ ހަދާލަނީ… ” ސައިމަންގެ ވާހަކަތައް ޔާނާ ޤަބޫލުކުރީ ޤަބޫލުކުރާހިތަކުންނެއް ނޫނެވެ. ސައިމަންބުނީތީ ބޯޖަހާލީއެވެ. ސައިމަން ޔާނާގެ ކޮނޑަށް އަތްވައްޓާލައިގެން ގެއާއި ދިމާއަށް ހިނގައިގަތުމުން ޔާނާ ހުއްޓުނެވެ. ” ކީއްވެ މިދުވަސްކޮޅު އޮފީހަށް ނުދަނީ؟ ” ޔާނާގެ ސުވާލުތަކުން ސައިމަންއަށް މަޑުންހުރެވޭގޮތެއްނުވިއެވެ. ”
ދެން… އަހަރެން ދާންވީތަ؟ އަހަރެން އޮފީހަށް ނުގޮސް ހުރުމުން ޔާނާ ހިތްހަމަނުޖެހުނީތަ؟ ޔާނާ ބޭނުން ނުވަނީތަ އަހަރެން އަބަދު ކައިރީގަ ހުންނަން؟”
ސައިމަންގެ ހަރުކަށި ޖުމުލަތަކުން ޔާނާއަށް ވަގުތުން ރޮވުނެވެ. ސައިމަންއަށް ވުރެން ކުރިން ޔާނާ ދުވެފައިގޮސް ކޮޓަރިއަށްވަނެވެ. ސައިމަންއަށް ކިޔުނު އެއްޗެއްސާއި މެދު ވިސްނާލެވުނީދެނެވެ.
” ޝިޓް.. ޝިޓް..” އަތުގެ ކޮޅަށް ކޮފީތަށި ހޫރުވާލަމުން ސައިމަންއަށް ބުނެވުނެވެ. އޭނާގެ ދަތްތައްވަނީ ފިއްތާ ބާރުކޮއްލެވިފައެވެ
. ” ތިމާގެ ރުޅި ކޮންޓްރޯލެއް ނުކުރެވޭނެ އެއްޗެހި ހަލާކުކޮށްގެންނެއް… ” ފަހަތުން އިވުނީ ފަހުދުގެ އަޑެވެ. ސައިމަންގެ ރުޅި އިތުރުވެގެން ދިޔައެވެ. ” ކަލޭދޯ؟ ކަލެއަށް ކިހިނެތް މި ހޯލް ތެރެއަށް ވަދެވުނީ؟ ” ސައިމަން ބަލާލީ ވޮޗްމޭން އާއި ދިމާއަށެވެ. މިހާރު އެއިނީ އެހެން މީހެކެވެ. އާމީހެކެވެ. އެމީހާ ގާތު ފަހުދުގެ ވާޙަކަ ނުބުނެވި އޮތުމުން ހޯލަށް ވަނުމުގެ ފުރުސަތު ފަހުދަށް ލިބުނީކަން ސައިމަންއަށް އެނގުނެވެ.
” ތިހުންނަނީ އަބަދާއި އަބަދު އަހަރެމެންނަށް ފާރަލައިލާދޯ.. ” މަލާމާތުގެ ރާގަކަށް ސައިމަން ބުނެލިއެވެ. ފަހުދު ހުރީ ވިހަ ހިނިތުންވުމަކުން ހީލަހީލައެވެ.
” ބުނަން.. ޔާނާއަށް ކަލޭ ފެނުމުގެ ކުރިން މިތަނުންދޭ.. ” ސައިމަން ފަހުދަށް ފުރަގަސްދިނެވެ. ”
” އަހަރެން މިތާ އުޅޭ ވާހަކަ ނުވެސް ބުނަންތަ ޔާނާ ގާތަކު؟ އަހަރެން ހޯދަން މިއައީ ކަލެއެއް ނޫނޭ… ޔާނާ ހޯދަން މިއައީ.. އަހަރެންގެ ލޯބި ހޯދަން މިއައީ.. އަހަރެންނަށް މިތަނަށް ވަނުމުގެ ފުރުސަތެއް ނުލިބޭ.. އެހެންވެ ފުރުސަތު ލިބުނު ފަހަރު އަހަރެންދާނީ ޔާނާއާއި ބައްދަލްކޮއްފަ… ވެގެން ވަންޏާ އޭނަ ގޮވައިގެން.. ” ފަހުދުގެ ނިންމުން ރަނގަޅު ނޫންކަން ސައިމަންއަށް އެނގެއެވެ.
” ޔާނާ ކަލޭ ބޭނުމެއްނުވާނެ..ޔާނާ ވަރަށް ފޫހިވޭ ކަލޭ ދެކެ… ”
ސައިމަން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. ފަހުދު ކޮނޑު އަރުވާލިއެވެ. ”
” ކަލޭ ނެތިއްޔާ ޔާނާ މިއޮއްބޮޑު ޤައުމުން ކޮންތާކަށް ދާނީ… ހަމަ އަހަރެންގެ އަތްދަށަށް އަންނަން އޭނާއަށް މަޖުބޫރުވާނެ… އޭރުން އަހަރެންގެ ލޯބި ދިނުމުން އަދި އަހަރެންގެ މިހިތުގައިވާ އިޝްޤީ މަސްތުގެ ސަބަބުން އެންމެ ސިކުންތެއްގެ ތެރޭގައި ޔާނާ ސައިމަންގެ މަތިން ހަނދާންނެތިދާނެ… ”
ސައިމަންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. ނަމަވެސް އޭނާ ދެލޯމަރާ ފިއްތައިގެން ހުރީ ގޯހެއް ހެދިދާނެތީއެވެ.
” އަހަރެން ނެތިއްޔާއޭ؟ ” ސައިމަން ހައިރާންވެފައި އެހިއެވެ. ފަހުދު ބޯޖަހާލިއެވެ. އަދި ކަރުގައި ހުރަހަށް އިނގިލިޖައްސާލަމުން ބުނެލިއެވެ.
.” ޓުއިޝްޝް… މަރްގަޔާ ވީމަ……”
ސައިމަން ކުޑަކޮށް ޖެހިލުންވީދެނެވެ. ފަހުދުގެ އަސްލު ސިފަ އެނގުމުންނެވެ. އޭނާގެ ނިޔަތް އެނގުމުންނެވެ.
” ކަލޭ ތިއައީ އަހަރެން މަރާލާފަ ޔާނާ ގެންދަންތަ؟ ” ސައިމަން ގެ ޖުމުލައަށް ފަހުދު ބޯޖަހާލިއެވެ. އޭރު އިރުގެ އަލިކަން ދުނިޔެއަށް ފާޅުވަމުންދެއެވެ. ފަތިހުގެ ފިނިކަން ކެނޑެމުންދެއެވެ. ސައިމަންގެ ހިތް ތެޅެމުންދަނީ ޔާނާ ނުކުމެދާނެތީއެވެ.
” ނޫން ނޫން… އަހަރެން ކަލޭ މަރައެއް ނުލާނަން.. މިބުނީ އެއްވެސް މީހެއްގެ މަރަކީ އަހަރެންގެ ހައްޤެއްނޫން ދޯ… އެހެންވީމަ ހައްޤުވެރި ފަރާތުން ގެންދަވާނީ… ” ފަހުދު ފަހަތަށް ޖެހިލިއެވެ. ސައިމަން ބަލާލީ ގެއާއި ދިމާއަށެވެ. އޭރު ގޭތެރެއިން ޔާނާ ހިނގަމުން އަންނަތަން ފެނުނެވެ. ފަހުދާއި ދިމާއަށް އނބުރުނު އިރު ފަހުދެއް ނެތެވެ. ސައިމަން ހިތަށް ފިނިކަން ލިބުނެވެ. ބޭރަށް ޔާނާ ނުކުތުމުގެ ކުރިން ސައިމަން ގެއާއި ދިމާއަށް ހިނގައިގަތެވެ. ޔާނާ ދޮރުމަތީ ހުއްޓުނީ ބާރަށް ހިނގާފައި އަންނަ ސައިމަން ފެނުމުންނެވެ. ސައިމަން ޔާނާ އާއި އަރާ ހަމަވީތަނާ ޔާނާ ބުނެލިއެވެ. ” އަހަރެން ރޮއްވާ ދެރަކޮއްފަ އަހަރެން ކައިރިއަށް ނުވެސް އާދެ.. ”
ކުޑަކުއްޖަކު ފަދައިން ޔާނާ ޝަކުވާ ކުރިއެވެ.
” އެނގޭދޯ އަހަރެން އެހެން ބުނި އެއްޗެއް ނޫންކަން އެއީ.. ” ސައިމަން އެހެން ބުނުމުން ޔާނާ ކުޑަކޮށް ހީލިއެވެ. ” އާނ އެނގޭ ދޫނި އަހރެންދެކެ ރުޅިއެއް ނާންނާނެކަން… އެއަށްވުރެން މާ ލޯބިވާނެކަންވެސް އެނގޭ.. އެކަމަކު ކީއްވެ އަހަރެން ރުއިކަން އެނގުމުން ނައީ…. ”
ޔާނާ ސައިމަންގެ މޭމަތީ ބޯއަޅާލަމުން އެއް އަތުން ގަމީހުގެ ގޮށްތަކާއި ކުޅެމުން ދެއެވެ.
” ދެން އަނެއްކާވެސް ތުއްތުވަނީ.. އަވަހަށް ހުއްޓާލާނީ ނުދިޔައީމަ އެއްނު.. ” ސައިމަން ޔާނާގެ ބޮލުގައި ފިރުމާލިއެވެ.
” މިއަދު ހާދަވަރަކަށޭ ބޮލުގަ ތި ފިރުމަނީ… މިހާރު އަހަރެން ބިރުވެސް ގަންނަން ފަށައިފި.. ހީވާ ކަހަލަ ލޯބި އަހަރެން ގާތުން ދުރަށް ދާންއުޅެނިއްޔޭ.. ” ޔާނާގެ ޖުމުލައިން ސައިމަން ވަރަށް ބޮޑަށް ޖެހިލުންވިއެވެ. ޔާނާއަށް އެހެން އެ އިހުސާސްވަނީ ކޮންމެވެސް ކަމެއް ގޯސްކޮށް ވާން އުޅޭތީ ބާވައޭ ސައިމަން ހިތަށް އެރިއެވެ.”
ދެން ދޭބަލަ ސައިކައްކަން… ” ސައިމަން ޔާނާ އެތެރެއަށް ފޮނުވާލުމަށްފަހު ބޭރަށް ނުކުތުމަށް ހިނގައިގަތް ވަގުތު ޔާނާ ބުނެލިއެވެ.
” އަނެއްކާވެސް ބޭރަށް؟ ކީއްތަ ތިކުރަނީ އަބަދު ބޭރުގަ؟… ” ސައިމަންއަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. އަބަދު ދޮގުހަދަންވެސް އޭނާ ބޭނުމެއް ނޫނެވެ.
” ސުވާލު ގޯނި… ސައިކައްކަންދޭބަލަ.. ހޯލްތެރޭގައި ހިނގާލާހިތުން… ” ޔާނާގެ އިތުރު ސުވާލެއް އައުމުގެ ކުރިން ސައިމަން ބާރަށް ހިނގައިގަތެވެ.
އޭނާ އެ ހޯދަނީ ފަހުދެވެ. ގަސްތަކުގެ ތެރެއަށް ވަތް ވަގުތު ފަހުދުގެ އަޑު އިވުނެވެ.
” އަދިވެސް ޔާނާ ހާދަ ރޮމޭންޓިކޭ ދޯ.. ” ސައިމަން ގާތަށް އިންތިހާއަށް ރުޅިއާދެވުނެވެ.
” ޗި! ތިފާޑުގެ ކަންކަމަށްދޯ ކަލޭ އަބަދު މަރުތިދެނީ.. ” ފަހުދުގެ ލޮލުން އަލިފާންކަހަލަ ރުޅި ފެނުމުން ސައިމަން ޖެހިލުންވިއެވެ.ފަހުދު ސައިމަންއާއި ދާދި ގާތަށް ޖެހުނެވެ.
” އެ ރޮމްކަން މަށަށޭ ފުރަތަމަ ލިބުނީ… ކަލޭ ބޭނުމީ އެކަމަށް ދަޢުވާ ކުރަންތަ؟ ” ސައިމަން ދުރަށް ޖެހިލިއެވެ.
” އަހަރެން ބޭނުމެއްނޫން އަހަރެންގެ އަންހެނުންނަށް ދޮގުހަދާކަށް އަބަދު.. އަދި މިގޮތަށް ކަންތައްތައް ސިއްރުކޮށް ކަލޭގެ ދުލުން ޔާނާއޭ ކިޔައިގެން ތިދައްކާ ހުތުރު ބަސްތައް އަޑުއަހާކަށްވެސް އަހަރެން ބޭނުމެއްނޫން.. ވަގުތު ބޭކާރު ނުކޮށް ބުނޭ.. ކޮބާ ކަލޭގެ މަޤްސަދަކީ؟ ” ފަހުދު ހުރީ ވަރަށް ރަނގަޅަށް އަޑުއަހާށެވެ. ސައިމަންގެ ވާހަކަ ނިމުމުން ފަހުދު ބޯކަހާލަމުން ބުނެލިއެވެ.
” މަޤްސަދަކީ ޔާނާ.. ސައިމަން މަށަށް ޔާނާ ދީ ޕްލީޒް..” މަލާމާތުގެ ރާގަކަށް އެހެން ބުނުމަށްފަހު ފަހުދު ނުބައިގޮތަކަށް ހޭންފެށިއެވެ. ސައިމަންހުރީ އެއްވެސް އެއްވެއް ނުބުނެއެވެ. އަނެއްކާވެސް ވާހަކދެއްކީ ފަހުދެވެ.
” ޔާނާއަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން ސައިމަން ބޭނުންވާނެކަން އެނގޭ މަށަށް.. އެކަމަކު ޔާނާއަށް ކަލެއާއި އެކު އެއްވެސް އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެ.. އަދި މަށަށް ފިލައިގެންވެސް ކަލޭމެންނަކަށް ނޫޅެވޭނެ.. މަށަށް އެނގޭ ކަލެއަށް މެލޭޝިއާ ދޫކޮއްލާފަ ކުރިއަށް އޮތް ދިހަ އަހަރުތެރޭގަ ނުދެވޭނެކަން.. ” ސައިމަން ސިހުނެވެ. އެހުރިހާ މައުލޫމާތެއް ފަހުދަށް އެނގުނު ގޮތަކާއިމެދު އޭނާ ސުވާލު އުފެދުނެވެ.
” އަހަރެން މިތަނަށް މިއައީ ވަރަށް ގިނަ މައުލޫމާތު ހޯދައިގެން… ވިސްނަބަލަ… ސައިމަން މިތާ ހުރެފަ ޔާނާ ރާއްޖެ ފޮނުވައިފިއްޔާ އަހަރެން އޭނަ ޖަހައިގަންނާނަން… ” ސައިމަން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަހުދުގެ ނުބައިކަން ސައިމަން ހީކުރިގޮތަށްވުރެންވެސް މާބޮޑެވެ.
” ސައިމަންއަށް އަހަރެން ބުނާގޮތެއް ހަދަން މަޖުބޫރުވާނެ.. ” ފަހުދުގެ އެޖުމުލައިން ސައިމަންއަކަށް ހިމޭނަކުން ނުހުރެވުނެވެ.
” އަހަރެން މިއީ އެއްވެސް މީހެއްގެ އަޅުވެތި ވެގެން އުޅޭ މީހެއްނޫން.. އަދި އުޅޭނެ ވެސް މީހެއް ނޫން..” ފަހުދު އަނެއްކާވެސް ހޭންފެށިއެވެ.
” ތީ ބޮޑު މޮޔައެއްތަ؟ އުޅެންޖެހޭނީ.. ޔާނާ ދިރިހުންނަން ބޭނުމިއްޔާ އުޅެން ޖެހޭނީ.. ” ފަހުދުގެ ފަރާތުން މުޅިންވެސް އަޑުއިވެނީ މާނަފުން ވާހަކަތަކެކެވެ. ވިސްނާ ބޯ ގޯސްވާފަދަ ޖުމުލަތަކެކެވެ. އޭނާ ބޭނުންވަނީ ސައިމަން މޮޔަކޮއްލުމަށް ހެއްޔެވެ؟ ނޫނީ ސައިމަން ދުނިޔޭންވެސްބޭރުކޮއްލުމަށް ހެއްޔެވެ؟
” ކޯއްޗެއް ތިވިސްނަނީ.. މާބޮޑު ވިސްނުންތަކެއް ވިސްނާކަށް ނުޖެހޭނެ… ސައިމަން މިއޮއްބޮޑު ޤައުމުގެ އެހެން ސަރަހައްދަކަށް ބަދަލުވޭ.. އެކަމަކު އެއީ ޔާނާ ބަހައްޓާފަ.. އަހަރެން އޭނަ ހިމާޔަތް ކުރާނަން.. އަހަރެން އޭނަ ބަލަހައްޓާނަން.. ” ފަހުދު އެހުރީ މޮޔަވެފައިބާވައޭ ސައިމަންގެ ހިތައް އެރިއެވެ.
” ކަލޭ ބުނާ އެއްވެސް ގޮތެއް މަށެއް ނަހަދާނަން..” ސައިމަން ހިނގައިގަތީ ގެއާއި ދިމާއަށެވެ. ރުޅިއައިސް ރަތްވެ ހުރެ ފަހުދު ބަލަހައްޓައިގެން ހުއްޓެވެ.
*****************************
ޖެހިގެން އައި ދުވަހު ސައިމަން ކްލާހަށް ނުކުންނަން ޖެހުނެވެ. ޔާނާ އިނީ ސިޓިން ރޫމުގައެވެ. ސައިމަން ކޮޓަރިން ނުކުންނަމުން ޔާނާކައިރިއަށް އައިސް ހުއްޓުނެވެ،
” ލޯބި.. އަހަރެން އަންނަންދެން ގެއިން ބޭރަށް ނުނިކުންނާތި.. ގޭތެރެއިން ދަތިވާ އެއްވެސް ކަމެއް ނޯންނާނެ އެއްނުދޯ… ކޮޓަރީގަ ހުރޭ އިނގޭ.. ބޭރަށް ނުނިކުންނާތި… ގޭ ދޮރުވެސް ނުހުޅުވާތި އިނގޭ.. އަހަންނަށް އާދެވޭނީ ހަވީރު.. ” ސައިމަން ޔާނާގެ ކޮލަށް ކިސްއެއް ދިނުމަށްފަހު ހިނގައިގތުމުން ޔާނާ ބުނެލިއެވެ.
” ކީއްވެތަ ނުނިކުންނަންވީ؟ އަހަރެންވެސް މި ފެހިކުލަ ގަދަ ބަގީޗާއެއް ފަދަ ގޯތިތެރޭގައި ވަރަށް ހިނގާ ހިތްވެޔޭ….” ސައިމަން ހުއްޓުނެވެ.
” ކިހިނެތްތަ މިކުއްޖާއަށް އަހަރެން ވިސްނައިދޭނީ … ދެން ބުނާއެއްޗެއް އަޑު އަހާބަލަ އެންމެ ފަހަރަކުވެސް ދޫނިގަނޑާ..” ޔާނާ އަނގަމަތީ އަތްއަޅާ ހޭންފެށިއެވެ.
” ހޫމް.. ވިދާޅުވިގޮތެއް އަޅުގަނޑު ހަދާނަން… ” ސައިމަން ނުކުތުމުން ދޮރު ތަޅުލުމަށްފަހު ޔާނާ ވަނީ ކޮޓަރިއަށެވެ. އޭރު ކޮޓަރިގައި އޮތް ޔާނާގެ މޯބައިލް ރިންގުވެއެވެ. ފޯން ނަގާ ބަލާލިއިރު ގުޅަނީ ލިޔުޝާއެވެ.ޔާނާ އުފަލުންހުރެ ފޯންނެގިއެވެ. ” ހެލޯ މައި ސްވިޓީ…. ” ލިޔުޝާގެ އަޑުގައި އުފާވެރިކަން އެކުލެވިގެންވާކަން ޔާނާއަށް ފާހަގަ ކުރެވުނެވެ. ” އޯހް… ލިޔު ކިހިނެތްތަ؟ ” ޔާނާ އެނދުމައްޗަށް ވެއްޓިގަތެވެ. ހެމުން ހެމުން ވާހަކަ ދައްކަން ފެށިއެވެ. ކުއްލިއަކަށް ދޮރުގައި މީހަކު ޓަކި ޖަހާއަޑު އިވުމުން ޔާނާ ފޯން ކަނޑާލުމަށްފަހު ލަސްފިޔަވަޅު ތަކެއްގައި ސިޓިންގ ރޫމަށް ނުކުތެވެ. މަޑުމަޑުން ކުޑަދޮރުގެ ދޮރުފޮތިގަނޑު ކުޑަކޮށް ހިއްލާލަމުން ބަލާލިއިރު ވޮޗްމޭން ދޮރުމަތީ ހުރިތަން ފެނުމުން ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ދޮރު ހުޅުވިއެވެ. ވޮޗްމޭންގެ އަތުގައި އޮތް ޓޯކީ ޔާނާއަތަށް ދިއްކޮއްލުމުން ޔާނާ މޫނުމައްޗަށް ވެރިވީ ނުތަނަވަސްކަމެވެ. ޓޯކީގައި ހިފުމަށްފަހު ޔެސް އޭ ބުނެލިއެވެ.އެކޮޅުން އެ އިވުނު އަޑުތައް އަހަން އިރުކޮޅަކު ހުރުމަށްފަހު ދެން އޭނާއަށް ވީނުވީ ގޮތެއް ނޭނގި އަނބުރައިގަނެގެން ވެއްޓުނެވެ. އޭރު ޔާނާގެ ފަންފަން އިސްތަށިގަނޑުވަނީ މުޅި މޫނުމައްޗަށް ފެތުރިފައެވެ. އޭނާ ލައިފައިވާ ހެދުންވަނީ ކަކުލާއި ހަމައަށް ކެހިފައެވެ.ހަމަ އެވަގުތު ބޭރުން އައިސް އެ ގެއަށް ވަނީ ފަހުދެވެ. ވޮޗްމޭން އިސްޖަހާލަމުން ބޭރަށް ނުކުތެވެ. މުށިގަނޑުމައްޗަށް ވެއްޓިފައި އޮތް ޔާނާގެ ބޮލުން ފެށިގެން ފަޔަށް ފަހުދު ނަޒަރު ހިންގާލިއެވެ. އަދި ޔާނާގެ ދާދި ގާތުގައި އިށީނުމަށްފަހު އޭނާގެ އިސްތަށިގަނޑުން ފަރުދާވެފައިވާ މޫނު ދެކިލުމަށް އިސްތަށިތައް އެއްފަރާތްކޮއްލުމަށްފަހު މޫނުގައި ފިރުމާލިއެވެ. މަޑުމަޑުން އަތްދަނޑިމައްޗަށް ލުމަށްފަހު ޔާނާ ގެންގޮސް އެނދުމަތީ ބާއްވާލިއެވެ. އަދި ފަހަތަށް ޖެހެމުން ޖެހެމުން އަލަމާރީގައި ލަނގެލުމަށްފަހު ޔާނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ޔާނާ ހޭއަރުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ.އެހެން އިރުކޮޅަކު ހުރުމަށްފަހު ފަހުދު ނުކުތީ ބޭރަށެވެ.
***********************
ޔާނާ ހޭ އެރި އިރު ކުރިމަތީގައި ހުރީ ވޮޗްމޭންއެވެ.
” ސައިމަން.. ” ޔާނާ ރޯންފެށިއެވެ.
” ނޫން.. އޭނަ މަރެއް ނުވާނެ.. އޭނަ އެކްސިޑެންޓެއް ނުވާނެ… ނޫން ނޫން…. އަހަރެން ދޫކޮއްލާފަ ސައިމަން އެއް ނުދާނެ… ” ޔާނާ ދުވެފައި ބޭރަށް ނުކުތީ ވޮޗްމޭން ގޮވަ ގޮވަ ހުއްޓައެވެ. ޔާނާ ބޭނުންވީ އެބުނާ ބްރިޖެއް ކައިރިއަށް ދިޔުމަށެވެ. ޔާނާ ދުވެފައި ދަނިކޮށް ކުއްލިއަކަށް ޔާނާގެ އަތުގައި ހިފާ މީހަކު ދަމައިގަތެވެ. ބާރުބާރަށް ޔާނާގޮސް ޖެހުނީ އެމީހެއްގެ މޭގައެވެ. ޔާނާ މަޑުމަޑުން ބަލާލިއެވެ. އަދި ދެލޯ ބޮޑުކޮއްފައި ދުރަށް ޖެހުނެވެ.
” ޔާނާ! ” ފަހުދުގެ އަޑުން ޔާނާ ދެފަރާތަށް ބޯހޫރުވާލިއެވެ.
” ފަހުދު… ސައިމަން….. ސައިމަން… ” ޔާނާ ބިންމަތީ ދެކަކޫ ޖެހިއެވެ. ފަހުދު ޔާނާގެ ދެކޮޑުގައި ހިފަހައްޓާލިވަގުތު ޔާނާ އަތްފޮޅުވާލިއެވެ.
” ހަބަރުދާރު.. އަހަރެންގެ ގައިގައި އަތްނުލާތި…އަހަރެންމީ އަދިވެސް ސައިމަންގެ އަނބިމީހާ… ” ޔާނާ ރޮމުން ރޮމުން ބުނެލިއެވެ. ފަހުދުވެސް ލޮލުން ކަރުނަތައް ބާލަމުން ދެއެވެ. ”
އެކަމަކު… މިއޮއްބޮޑު ތަނުގަ ޔާނާއަށް އަޅާލާނީ ކާކު؟ ”
ފަހުދު އެހެން ބުނުމުން އިތުރަށް ޔާނާ ރޯންފެށިއެވެ.
” ޔާނާ ޕްލީޒް.. އަހަރެން މިއައީ ޔާނާއަށް ކަމެއް ކުރާކަށް ނޫން.. އަހަރެން މިއޮއް ހުރިހާ ދުވަހު މިއުޅުނީ މިހިރަ ބިލްޑިންގ ގަ.. އަހަރެންނަށް ޔާނާ ފެންނަންވެސް ފެނޭ… އެކަމަކު ނާންނަމެއްނު އުނދަގޫ ކުރާކަށް… އަހަންނަށްވެސް މިއަދު އަޑުއިވިއްޖެ ރާއްޖެ އެމްބަސީގެ ބަހެއް ބްރިޖަކުން ވެއްޓި ރާއްޖޭގެ އެތައް ބަޔެއް ނިޔާވި ޚަބަރު..ކިހިނެތް އެމީހުންގެ ހަށިގަނޑުތައް ހޯދާނީ؟ ވޯޓަރ ފޯލް އަކަށް ވެއްޓުނީ.. ” ފަހުދު ލޮލުން ކަރުނަތައް ފޮހެލިއެވެ.
” ނޫން… އަހަރެންގެ ސައިމަން އަހަރެން ކައިރިއަށް އަންނާނެ… ތީ ދޮގު ހަބަރެއް… ” ޔާނާގެ ހޭވިފައިވާ އިސްތަށިގަނޑު ވަޔާ ވިހުރެމުންދެއެވެ. އޭނާގެ ދޮންދޮން މޫނު ކަރުނުން ތެންމަމުން ދެއެވެ. އެ ރީތި ލޯވަނީ ކަރުނައިގެ ކަޑެއްގެ ތެރެއަށް ޣަރަޤު ވެފައެވެ. ފަހުދު ބޭނުންވީ ޔާނާ އޭނާގެ މޭގައި ލައްކޮއްލުމަށެވެ. ” ޕްލީޒް ޔާނާ.. އިންސާނިއްޔަތަށްޓަކައި އަހަރެން ދައްކާ ވާހަކަ ޤަބޫލު ކޮއްބަލަ…އަހަރެން ޔާނާ ބޭނުމެއްނޫން.. އަހަރެންނަށް އެނގޭ ތިއީ ސައިމަންގެ އަމާނާތެއްކަން.. އަހަރެން ބޭނުންވަނީ ޔާނާއަށް އެހީވާން.. ހިނގާ ރާއްޖެ ދާން.. ”
ފަހުދުގެ ޖުމުލައިން ޔާނާގެ ދެލޯ ބޮޑުވިއެވެ.ފަހުދު ދިއްކޮއްލި އަތުގައި ޔާނާ ހިފިއެވެ. އަދި ތެދުވުމަށްފަހު ބުނެލިއެވެ.
” އަހަރެން ބޭނުމެއްނޫން ރާއްޖެ ދާކަށް.. އަހަރެން ބޭނުމީ ސައިމަން އާއި އެކު ވުމަށް..އަހަރެންގެ ހިތް ބުނޭ އޭނާ މަރެއް ނުވާނޭ.. އަދި އެނބުރި އަންނާނެޔޭ..އަހަރެން ސައިމަންގެ އިންތިޒާރުގައި މުޅި އުމުރު ގުނަން ބޭނުމީ މިތަނުގަ..” ޔާނާ މަޑު ހިނގުމެއްގައި ގެއާއި ދިމާއަށް ހިނގައިގަތެވެ.. ފާޑަކަށް ބަލަހައްޓައިގެން ހުރެ ފަހުދު ގޮވާލިއެވެ. ” އަހަރެން މިގެއަށް އައިސް އުޅުމުން ޔާނާއަށް އުނދަގޫވާނެތަ؟ ” ފަހުދުގެ ސުވާލަށް އެއްވެސް ޖަވާބެއް ދިނުމެއްނެތި ޔާނާ ގެއަށްވަނެވެ.
*************
ޔާނާ އިންނަނީ ގަބުވެފައެވެ. ލޮލުން ކަރުނަ އޮހޮރަ އޮހޮރަ އެ ރީތި މޫނު މިލާ މޯޅިވެއްޖެއެވެ.
” ޔާނާ ޕްލީޒް… ތިހެން ނީނދެ އެއްޗެއް ކާލަވޭތޯ ބަލާލަބަލަ.. މިތަނުގަ ޔާނާގެ ކާކު ހުރީ؟ ޔާނާ ދަންނަ އެކަކުވެސް ނެތް.. ކިހިނެތް އުޅެނީ؟ ތިހާލަށް މަރުވެސް ވެދާނެ.. ” ފަހުދު ޕާން ފޮއްޗެއް ދިއްކޮއްގެން އިނދެ ބުނަމުން ދިޔައެވެ. ޔާނާ އިނީ ފާރުގައި ހަރުކޮއްފައިވާ ސައިމަންގެ ފޮޓޯއަށް ބަލާށެވެ.
” މިހެން އިނދެ މަރުވިއްޔާ ރަނގަޅީ.. ސައިމަންގެ މަރުގެ ޚަބަރު މަންމަމެންނަށް ދިނުމުން އެމީހުންވެސް އަބަދު ރޮނީ.. އަދިވެސް އެމީހުން އެ ބުނަނީ ރާއްޖެ އަންނާށޭ.. އަހަރެން ނުދާނަން.. އަހަރެން ބޭނުމީ ސައިމަން… ސައިމަންގެ ލޯބި.. އެ އޯގާތެރިކަން ދެވޭނެ އެކަކުވެސް މި ބިންމައްޗަކު ނުހުންނާނެ.. ” ރޮމުން ރޮމުން މޭޒުގައި ބޯ އަޅާލިއެވެ. ފަހުދު ދަތްކުނޑި ވިކައިގަންނަމުން ބޭރަށް ނުކުތެވެ. އޭނާ ކާރަށް އެރުމަށްފަހު ބާރު ދުވެލީގައި ދުއްވާލިއެވެ.
********
ރޭގަނޑުގެ ވަގުތެވެ. ރޮއިރޮއި ބޮލުގައި ރިއްސައިގަންނަގޮތް ވެފައި ހުރުމުން ޔާނާ ތެދުވިއެވެ. ބޭސްކާލުމަށްފަހު އޮށޯންނަން ހިނގައިގަތް ވަގުތު މޭނުބައި ކޮއްލުމުން އޭނާ އަވަހަށް ފާހާނާއަށް ދިޔައެވެ. ފާހާނާއިން ނުކުތް އިރު މީހާވަނީ ވަރުބަލި ވެފައެވެ. ހޮޑުލައިލައި ބަލިވެގެން އޭނާ ދެމުނެވެ. އެނދުމައްޗަށް ވެއްޓުނެވެ. ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލީ އެވަގުތެވެ. ޔާނާއަށް ދެލޯ ހުޅުވާވެސް ނުލެވުނެވެ. ފަހުދު އެތެރެއަށް ވަތްކަން އެނގުނެވެ. ދެން ވީގޮތެއް ނެނގުނެވެ.
***********************
ޔާނާ ހޭ އެރި އިރު އޮތީ ހޮސްޕިޓަލްގައެވެ. ކައިރީގައި ފަހުދު ހުއްޓެވެ. އަދި ނަރސްވެސް ހުއްޓެވެ. ލޯ ހުޅުވާލުމާއި އެކު ނަރސް ހީލުމަށްފަހު ދިޔައެވެ.
” އަހަންނަށް ކިހިނެތްވީތަ؟ ” ޔާނާ އެހެން ބުނުމުން ފަހުދު ޔާނާގެ ބޮލުގައި ފިރުމާލިއެވެ.
” ޔާނާ… ބަނޑުބޮޑު…” ފަހުދުގެ ދުލުން އެ އިވުނު ޖުމުލައިގެ ސަބަބުން ޔާނާގެ ދެލޮލުން ކަރުނަ ފޫއްދާލިއެވެ. ”
އަހަންނަށް ޤަބޫލުކުރަންވެސް ދަތިވި..” ފަހުދު ދެން ބުނި ޖުމުލައިން ޔާނާ ހިނިތުންވެލިއެވެ. ” އަހަންނަށް ޤަބޫލުކުރަން ދައްޗެއްނުވޭ.. ރެޔާ ދުވާލު އަހަރެންނަށް ދަރިއަކު ލިބުމަށް އެދި ﷲ ގެ ހަޟްރަތުގައި ކެނޑިނޭޅި އަހަރެން ދުޢާ ކުރިން.. އަހަންނަށް އެނގޭ މިދުވަސް އަހަންނަށް ފެންނާނެކަން.. އަދި މިދުވަހަށް އެންމެ އިންތިޒާރުކުރީ ސައިމަން.. އަހަންނަށް މި ޚަބަރު މިލިބުނީ އަހަންނަށް ދަރިޔަކު ނުލިބުމަށް އެދި ދުޢާކުރި މީހާގެ ފަރާތުން.. މާތް ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ..” ޔާނާއަށް ރޮވުނެވެ. އަދި ބަނޑުގައި އަތްކާއްތާލަމުން ބުނެލިއެވެ.
” ދަރިފުޅު ދުށުމަށް އެންމެ އެދޭ ދަރިފުޅުދެކެ އެންމެ ލޯބިވާ ދަރިފުޅުގެ ބައްޕަ ނެތް ހިނދު މަންމައަށް ހިތްވަރުދިނުމަށްތަ ދަރިފުޅު ތިއައީ؟ މަންމަގެ ލޮލުން ކަރުނަ ފޭބުން ހުއްޓުވުމަށް މަޖުބޫރުކުރުވަންތަ ތިއައީ؟ ” ޔާނާ ގެ ދެލޮލުން އަންނަ ކަރުނަތައް ފޮހެލަދިނީ ފަހުދެވެ. ފަހުދުގެ ހިމާޔަތް މިޔަދު ޔާނާބޭނުން ކުރުން މަޖުބޫރުކުރުވީ ވެސް ފަހުދެވެ.ޔާނާ ފަހުދުގެ އަތުގައި އަތް ޖައްސާލިއެވެ. އަދި ރޯންފެށިއެވެ.
ފަހުދުގެ ތުންފަތް މައްޗަށް ވެރިވެގެންދިޔައީ ވިހަ ހިނިތުންވުމެކެވެ. ޔާނާގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް ފަހުދުގެ އަތްތިލައިގައި ފިރުމަމުންދެއެވެ. ފަހުދަށް އެ ކަރުނަތައް ފެންނަނީ ލޯބީގެ ޝަބްނަމް ތިކި ތަކެއްގެ ސިފައިގައެވެ. ޔާނާ ދެއަތުން ފަހުދުގެ ދެއަތުގައި ހިފައިގެން އިނދެ ރޮމުންދެއެވެ. ފަހުދު ޔާނާގެ ކޮނޑުގައި އަތް ޖައްސާލުމަށް އަތް ދިއްކޮއްލިވަގުތު ޔާނާ ތެޅިގަތެވެ. އަދި ދެއަތުން އަވަސް އަވަހަށް މޫނު ފޮހެލަމުން ބުނެލިއެވެ. ”
ކީއްކުރަން ތިއުޅެނީ؟ އަހަރެންގެ ގައިގައި އަތް ނުލާތި..” ފަހުދަށް ލިބުނީ ކުއްލި ސިހުމެކެވެ.
” ޔާނާ އަހަރެންގެ ހިމާޔަތް ބޭނުން ވެގެން ނޫންތަ އަހަރެންގެ އަތުގައި ތި ހިފީ… ” ފަހުދަށް ހުރީ ވާނުވާ ނޭނގިފައެވެ. ” ނޫން… އަހަރެން މިތާ އެކަނި އުޅެން ޖެހުނަސް ފަހުދުގެ ހިމާޔަތެއް ބޭނުމެއް ނޫން.. އަަހަރެން އެކަނި ހާލަށް އަހަރެން ދޫކޮއްލާ… ” ޔާނާ އިނީ އިސްޖަހައިގެންނެވެ.
ފަހުދު ޔާނާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ. “ޔާނާ! ނިކަން ވިސްނަބަލަ! އަހަރެމެން ދެމީހުންގެ ދެމެދުގައި ކޮންމެ ގޮތަކަށް ކަންތައް ވެފައިވީނަމަވެސް އަހަރެންގެ ހިތުގައި ޔާނާއަށް ދެވިފައިވާ ޤަދަރު އަދިވެސް ކުޑައެއް ނުވެޔޭ… ޕްލީޒް.. އަހަރެން ދުރު ނުކޮއްބަލަ! އަހަރެން ޔާނާގެ ދިރިއުޅުމެއް ބޭނުމެއް ނޫނޭ….. ” ފަހުދު ގޮނޑިން ތެދުވިއެވެ. އަދި ފުރަގަސްދިނުމަށްފަހު ޖީބަށް އަތްޖަހާލިއެވެ. ފަހުދު ބޭނުންވަނީ ފަހުދުގެ މަޅީގައި ޔާނާ ހައްޔަރުކުރާށެވެ. އެކި އެކި ދަޅަތައް ދައްކައިގެން ޔާނާ އެނބުރި ރާއްޖެ ގެންދަން އޭނާ ބޭނުންވިއެވެ. ފަހުދު އެކި ކަންތައްތައް ރހިތުތެރޭގައި ރާވާލަން ހުއްޓާ ޔާނާގެ އަޑު އިވުނެވެ. ” އަހަރެން ބޭނުމެއް ނުވޭ އަބަދު ރޯކަށް.. އޭރުން އަހަރެންގެ މި ދަރިފުޅަށް ލިބިދާނެ ގެއްލުމެއްވެސް ނޭނގެ.. އަަހަރެން ބޭނުމީ މިދަރިފުޅު ހެޔޮޙާލުހގައި ވުމަށް.. އެއީ ސައިމަންގެ އެދުމަކަށް ވާނެކަން ޔަޤީން…” ޔާނާ އިނީ ބަނޑުގައި ފިރުމާލަ ފިރުމާލައެވެ.
************************************
ހޮސްޕިޓަލުން ދޫކޮއްލުމުން ޔާނާ އެނބުރި ގެއަށް އައެވެ. އޭނާ ގެއަށް ގެނައީވެސް ފަހުދެވެ. ގެއަށް އައި ގޮތަށް ޔާނާ ކޮޓަރިއަށްވަދެ ތަޅުލިއެވެ. ފަހުދަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެއެވެ.ފަހުދު ހުރީ ބަސްހުއްޓިފައި ފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ. ޔާނާ ކޮޓަރިއަށް ވަނުމުން ފަހުދު މަޑުކޮއްލީ ސިޓިންގ ރޫމްގައެވެ. ޔާނާ އަދި ކޮޓަރިން ނުކުންނާނެކަމަށް އޭނާގެ ހިތް ބުނެއެވެ. ކޮޓަރިއަށް ވަތް ގޮތަށް ޔާނާ ހުއްޓުނީ ޑްރެސިންގ ޓޭބަލް ކުރިމަތީގައެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ހިލިހިލި ހުއްޓެވެ. ޔާނާގެ ނަޒަރު ހުއްްޓިފައިވަނީ އޭނާގެ ސޫރައަށެވެ. މިހާރުވެސް ދެލޯ ހީވަނީ ވަޅުވަދެފައި ވާހެންނެވެ. މޫނުމަތީގެ އުޖާލާކަމެއް ނެތެވެ. އެހެން އެތައް އިރަކު ހުރުމަށްފަހު ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ސައިމަން އޮފީހަށް ދަމުން ގަޔަށް ޖެހި ބޮޑީސްޕްރޭގެވަސް އަދިވެސް ކޮޓަރިތެރޭގައި އެބަހުއްޓެވެ. ޑްރެސިންގޓޭބަލް މަތީގައި އޮތް އޭނާގެ ވޮލެޓް ލޮލުގައި އަޅައިގަތުމުން ޔާނާ ސިހުނެވެ. އޭނާއަށް ރޮވުނީ ދެނެވެ. ޤުދުރަތް ތެރި ކަމާއި މެދު ވިސްނާލެވިގެންނެވެ. ސައިމަންއަށް ދުނިޔެ ދޫކޮއްފައި އެދެވުނީ މިވީހާ ތަނަށް ސައިމަން އެއްކޮއްފައިވާ ފައިސާ ޔާނާއަށް ޙަވާލުކޮއްފައެެވެ. ނޭނގިގެން ނަމަވެސް ވޮލެޓް ބާއްވާފައި ދިޔުމުން ޔާނާ ދެރަވިއެވެ. އޭނާއަށް ބުނެވުނެވެ.
” ލޯބި.. ކީއްވެ؟ އަހަރެންދެކެ މިހާ ލޯބިވަންޏާ ކީއްވެ އަހަރެން އެކަނި ކޮއްފަ ދިޔައީ؟ އަހަރެމެން ގޮވައިގެން ދިޔަނަމަ… އެނގޭތަ؟ އަހަރެމެންނަށް ދަރިޔަކު ލިބެން އުޅޭކަން.. ގިނަ ދުވަސްތަކެއް ވަންދެން ދެމީހުން ކުރި އިންތިޒާރުގެ ނިމުންވެސް މި އައީ.. އެކަމަކު ލޯބކޮބާ؟ މިދުވަސް ދެކެން ބޭނުންވެގެން އުޅުނީމެއްނު.. ލޯބިޔާ ނުލާ ކިހިނެތް އުޅޭނީ؟ ކިތަންމެ ގިނަ ފައިސާ ހުއްޓަސް އަހަރެމެން ބޭނުންވަނީ ސައިަމން… ނާދެވެންޏާ އަހަރެމެން ވެސް ގެންދޭ…” ޔާނާއަށް ރަނގަޅަށްވެސް ރޮވުނެވެ. އެހެންކަމުން ޔާނާ އަވަސް އަވަހަށް ލޮލުން ކަރުނަ ފޮހެލިއެވެ
ޔާނާގެ އިންތިޒާރުގައި އެތައް އިރަކު އިނުމަށްފަހު ފަހުދު ތެދުވިިއެވެ. އަދި ކުޑައިިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ކޮޓަރި ދޮރުގައި ޓަކި ޖެހި އަޑަށް އެނދުމަތީގައި އޮތް ޔާނާ ސިހިފައި ތެދުވިއެވެ. އަދި އަވަސް އަވަހަށް ދޮރާއި ދާދި ގާތުގައި ހުއްޓުމަށްފަހު ގޮވާލިއެވެ. ” ކާކު ؟ ” ޔާނާ ހުރީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ. ” މީ،،،، އަހަރެން.. ” ފަހުދުގެ އަޑު ޖެހުމުން ޔާނާއަށް ބަލާލެވުނީ ގަޑިއަށެވެ. އޭރު ގަޑިން މެންދަމު އެކެއް ޖަހަނީއެވެ. އަދިވެސް ފަހުދު ގެއަށް ނުދަނީބާވައޭ ހިތައް އަރިއެވެ. ޔާނާ އަވަސް އަވަަހަށް ދޮރު ހުޅުވާލިއެވެ.
” ކީއްކުރަނީ؟ ” ޔާނާ ހުރީ ދޮރުގައި ލެނގިލައއިގެންނެވެ. ފަހުދުގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ޔާނާ ދުއްޓެވެ. ” މީ.. ޔާނާ އެކަނި ގޭގަ ބަހައްޓާފަ ދާން ނުކެރިގެން… ”
ފަހުދު އެހެން ބުނުމުން ޔާނާ ހިތްހަމައެއް ނުޖެހުނެވެ.
” ފަހުދު ޕްލީޒް.. އަހަރެންނާ ދުރަށްދޭ… ފަހުދު ހުރުމަކުން އަހަންނަށް ލިބޭނެ އެއްވެސް އުފަލެއް ނެތޭ ފަހުދު.. ކީއްވެގެންތަ އަހަރެންގެ ކައިރިން ދުރަށް ނުދެވިގެން ތިއުޅެނީ… ؟” ބާރުބާރަށް ޔާނާ ކޮޓަރީގެ ދޮރު ލެއްޕިއެވެ.ފަހުދަށް މަޑުމަޑުން ދޮރުގައި ގޮށްމުށުން އަތްޖައްސާލެވުނެވެ. އޭނާ ބާރުބާރަށް ހިނގާފައި އެގެއިން ނުކުތެވެ. އޭރު ރުޅިވެރި ގޮތަކަށް ވޮޗްމޭން ފަހުދާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
*****************************
އެނދުގައިވާ ބެޑްޝީޓް އޮތީ މުށިގަނޑުމަތީގައެވެ. ބާލީސްތައްވަނީ އެތަން މިތަނަށް އުކާލެވިފައެވެ. ޑްރެސިންގ ޓޭބަލްމަތީގައިވަނީ ސިގިރޭޓް ފިލްޓަރ ތަކާއި ސިގިރޭޓް ހުސްކުރި ފޮށިތަކެވެ. ތަރުތީބެއްނެތި ގުޅަކޮށްފައި ހުރި އަންނައުނުތަކުން އަލަމާރިތެރެވަނީ ގޮނޑުވެފައެވެ. ކޮޓަރި ތެރެއަށް ބަލާލުމުން ސިފަވެގެންދަނީ މުޑުދާރުކަމެވެ. އެނދުމައްޗަށް އެއްލާލައިފައިވާ ފޯން ރިންގްވާންފެށިއެވެ. އެއަޑަށް ބޮލަށް އުނދަގޫވެގެން ވަރަށް އުނދަގުލުން ކަހަލަގޮތަކަށް ފަހުދު ލޯ ހުޅުވާލިއެވެ. ” އޯހ… އާމިރު،، ހާދަ ނުގަޑިއެއްގަ..” އާމިރުގެ އަޑު ޖެހުމާއި އެކު ފަހުދު ބުނެލިއެވެ. އާމިރު ހުރީ އޮފީހުގައެވެ. ” އޭ ފަހުދު.. ދެން އަންނާކަށްވެސް ނުވޭތަ؟ ޔާނާއަށް އުނދަގޫކުރަން އަދިވެސް ތިތާ މަޑުކުރަނީދޯ.. ތިހެން އުޅެނިކޮށް ސައިމަން އަދި ކަލެއަށް ރަނގަޅު ބޮނޑިއެއް ދޭނެ.. “ އާމިރުގެ ޖުމުލައިން ފަހުދު ލާނެތްފާޑަކަށް ހޭންފެށިއެވެ. ” ހޭ ކަމްއޮން… އެގޮލާ މަރުވެއްޖެ! ” ފަހުދު ތެދުވެ އެނދުގައި ޖައްސާލިއެވެ. ” ވަޓް…. ފަހުދު.. އޭނަ…. މަރާލީތަ؟” އާމިރު ހުރީ ނުތަނަވަސްވެފައެވެ. ” ސާބަހޭ.. މަށަށް ކެރޭނެތަ އޭނަ މަރާލަން.. މަ އެހެން ބުންޏަސް މަ މީ ތި ހީކުރާކަހަލަ މީހެއް ނޫނޭ… މަ އޭނައަށް ވަރަށް ގޮތްގޮތުން ބިރުވެސް ދެއްކިން.. އެކަމު އޭނަ މަރުވީ ދާދި ފަހުން ބްރިޖަކުން ވެއްޓުނެއްނު ބަހެއް….. އޭނަވެސް ދިޔަ އެބަހުގަ.. ”
ފަހުދު ހާފުރެމުން ފޫހިގޮތަކަށް ބުނެލިއެވެ. އާމިރު ބާރުބާރަށް ބުންޏެވެ. ”
އޭތް ކޮބާ ދެން ޔާނާ…. އޭނަ މާލެ އެއް ނާދޭތަ؟ ” ފަހުދު ހޫމް އަޅުވާލަމުން ބުނެލިއެވެ. ” އޭނަ ބޭނުމެއް ނުވޭ ދާކަށް.. ކޮންކަމަކާ ވިސްނަންވީ… ސައިމަންގެ ކޮންޕެނީން އެމީހުން އެތިބީ ދިހަވަރަކަށް އަހަރަށް ކަންނޭނގެ ފޮނުވާފަ.. ” ނުބައި ގޮތަކަށް ހެމުން އަނެއްކާވެސް ފަހުދު ބުނެލިއެވެ. ” ދެން މަށަށް ޔާނާ ހިތަކަށް ލިބުނީނު.. އޭނަ ބަނޑުވެސް ބޮޑު… ” ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ފަހުދު ބުނެލިއެވެ. އާމިރު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
” އަސްލުގަވެސް… ޔާނާ ވަރަށް ދެރަވާނެދޯ ސައިމަން ނެތީމަ…” އާމިރު އެހެން ބުނުމުން ފަހުދު ވަރަށް ރުޅިއަތުވެއްޖެއެވެ. ” އޭ މަޗާ… މަ މިހުރީނު.. ދެން އެއީ މަގޭ މީހެކޭ… މަޑުމަޑުން ޔާނާ ގެނެސް މަގޭ މުށުތެރެއަށް ލާނަން.. ބަލައްޗޭ.. ” ފަހުދު ފޯން ކަނޑާލުމަށްފަހު އެނދުމައްޗަށް ހޫރާލިއެވެ
****************************
ހެނދުނުއްސުރެން އެއްޗެއް ނުކައި އޮތުމުގެ ސަބަބުން ޔާނާވަނީ ވަރަށްބޮޑަށް ބަނޑުހައިވެ، ވަރުބަލިވެފައެވެ.ސިޓިންގ ރޫމަށް ނުކުމެވުނުތަނާހެން ބޮލަށް އެނބުރުން އަރަން ފެށިއެވެ. ތަންދޮރު ވަކިވާވަރެއްވެސް ނުވިއެވެ. އަރިއަޅާލާގޮތްވީކަން އެނގުނެވެ. ދެން ވީ ކީއްކަމެއް ނޭނގުނެވެ. ޔާނާއަށް ހޭވެރިކަން ވީއިރު ކައިރީގައި އިނީ ފަހުދެވެ. އޭނާ ތެދުވަންވެސް ބޭނުންވިއެވެ. އެކަމަކު ހިތްވަރެއް ނެތެވެ
. ” ތަޅުނުލާތަ ރޭގަ ނިދީ؟ ” ފަހުދުގެ ސުވާލުން ޔާނާ ވިސްނާލިއެވެ.
” އަހަރެން ސިޓިންގ ރޫމަށް ނުކުމެވުނު ހަނދާންވޭ..ދެން ވީނުވީއެއް ނޭނގުނު.. ”
ޔާނާ މަޑުމަޑުން ބުނެލެވުނެވެ.
” ނޫން.. ސިޓިންގ ރޫމަކަށް ނުނިކުންނަމެއްނު.. އަހަރެން ދެންމެ މިއައީ.. ޔާނާ އޮތީ ހަމަ އެނދުގަ. 3
ދެތިންފަހަރު ގޮވާލީމަ ތި ހޭލެވުނީވެސް.. ހިނގާ ސައިބޯން.. އަހަަރެން ހުންނާނެ ބޭރުންސައި ގެނެސް.. ހިނގާބަލަ.. ވަރަށް މީރުވާނޭ.” ފަހުދު ޔާނާގެ އަތުގައި ހިފާލިއެވެ.
ޔާނާ އަވަސް އަވަހަށް އަތް ދަމައިގަތެވެ. ޔާނާ ތެދުވަން މަސައްކަތް ކުރި ނަމަވެސް އަރި އަޅާލާގޮތްވުމުން ފަހުދު އޭނާގެ އަތުގައި ހިފިއެވެ. ހަމަ އެވަގުތު ގޭތެރެއިން އެއްޗެއް ވެއްޓި ތެޅުނު އަޑު އިވުނެވެ. ފަހުދަށް އަވަސް އަވަހަށް ބޭރަށް ބަލާލެވުނެވެ. ” ވަޔާ އެއްޗެއް ވެއްޓުނީ ކަންނޭނގެ ދޯ.. ” ފަހުދު ބުނެލިއެވެ. ފަހުދުގެ އަތުގައި ހިފައިގެން ޔާނާ އެދަނީ އެނޫން ގޮތެއް ނެތުމުންކަން ގައިމެވެ. އޭނާ ދިރިހުންނަން އެބަޖެހެއެވެ. ދަރިފުޅަށްޓަކައެވެ. ކާމޭޒުދަށުގައި އިށީނުމަށްފަހު މޭޒުމަތީގައި މަތި ޖަހާފައި ހުރި ކަހަނބުތަކަށް ބަލާލިއެވެ. އެއަށްފަހު ފަހުދުގެ މޫނަށް ބަލާލިއެވެ. ފަހުދުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އޭނާ ހުރީ ހެވިފައެވެ.
” މިހުރިހާ އެއްޗެއްސަކީވެސް ޔާނާއަށް ގެނެސްފައި ހުރި އެއްޗެހި.. މަތި ނަގާފަ ބަލާލަބަލަ… ”
ފަހުދު އެހެން ބުނުމުންވެސް ޔާނާ އިނީއެވެ. އެންމެފަހުން ފަހުދު އަމިއްލައަށް މަތިތައް ނަގަން ފެށިއެވެ. އެވަގުތުން ފެށިގެން އޭނާގެ މޫނުމަތިން ފެންނަމުންދަނީ ނުތަނަވަސްކަމެވެ
. ” މިހުރީ އަހަރެން ގެނައި އެއްޗެއްސެއްނޫން.. އަހަރެން ޕެކް ކުރަން ބުނީ މިއެއްޗެއްސެއް ނޫން.. ” ފަހުދު ތަކުރާރު ކޮށް ކިޔަމުން ދިޔައެވެ. ޔާނާ އިނީ ކާއެއްޗެއްސަށް ބަލަހައްޓައިގެންނެވެ. ހެވިފައެވެ. ޔާނާ ހެވިފައި އިންތަން ފެނުމުން ހައިރާންވެފައި ފަހުދު އަހާލިއެވެ.
” ކޮންކަމަކާ ތިހެނީ… އަސްލުގަވެސް މިއެއް ނޫނޭ އަހަރެން ޕެކް ކުރަން ބުނި އެއްޗެއްސަކީ…. އެމީހުން މިހުރީ ނުބައި އޯޑަރަކަށް މިގެއަށް ގެނެސް… ”ފަހުދު ހިތްހަމަ ނުޖެހޭ ރާގަކަށް ވާހަކަ ދެއްކިއެވެ.
ފަހުދު ގޮނޑިން ތެދުވި ވަގުތު ޔާނާ ބުނެލިއެވެ.
” މިއީ މެލޭޝިއާ އަށް އައިފަހުން ސައިމަން އަހަންނަށް ހަވީރު ގެނެސްދޭ ކެއުން،،، ކޮންމެ ދުވަހަކު އަހަރެމެން ކަނީ މިއެއްޗެހި.. ވަރަށް މަޖާވެސް ކުރަން… ” ކުއްލިއަކަށް ޔާނާއަށް ރޮވުނެވެ.
ފަހުދު އަވަސް އަވަހަށް ޔާނާގެ ބޮލުގައި ފިރުމާލިއެވެ. ޔާނާ ފަހުދުގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.
” ފަހުދު.. ކިތައް ފަހަރު ބުނާނީ އަހަންނާ ކައިރިވާން މަސައްކަތް ނުކުރާށޭ… ކީއްވެތަ އަހަރެންގެ ގައިގަ އަތްލާގޮތްވަނީ.” ޔާނާ އެހެންބުނުމުން މަޑުމަޑުން ފަހުދު ފަހަތަށް ޖެހިލިއެވެ.
ޔާނާ އައިސްފައި ހުރި ރުޅި ފެނުމުން ފަހުދު ބޭނުންވީ އެތަނުން ދާށެވެ.ފަހުދު މަޑުމަޑުން ހިނގައިގަތް ވަގުތު އަނެއްކާވެސް ޔާނާގެ އަޑު އިވުނެވެ.
” އަހަރެންނަށް އަޅާލައިގެން އަހަރެންގެ ހިތް އަތުލަން މަސައްކަތް ނުކުރައްޗޭ،،، އެކަމެއް ނުވާނެ.. ” ޔާނާ އެހެން ބުނުމުން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ފަހުދު ބޭރަށް ނުކުތެވެ.
އަދި ހިތާ ހިތުން ބުނަމުންދިޔައެވެ. ” ޗި… ޔާނާއަށް ހީވަނީތަ ތިހެން ބުނެގެން އަހަރެން ޔާނާ ދޫކޮއްލާނެޔޭ..އަހަރެން ޔާނާގެ ހިތް އަތުލަން މަސައްކަތް ނުކުރާނެޔޭ.. ބަލައްޗޭ… އަހަރެން ޔާނާ ހޯދާނަން.. އަދި ތި ހިތްވެސް އަތުލާނަން..” ފަހުދު ގޭޓުން ނުކުމެގެން ދިޔައެވެ.
***************************
ޔާނާ އަބަދާއި އަބަދު ވިސްނަނީ ލިބެން އުޅޭ ދަރިފުޅާއި މެދުގައެވެ. ސައިމަންގެ އާއިލާގެ އެއްވެސް މީހަކަށް ޔާނާ ބަނޑުބޮޑުކަން އަންގަން ޔާނާ ބޭނުމެއް ނުވެއެވެ. އެކަން އެނގިއްޖެ ނަމަ ޔާނާ ރާއްޖެ ގެންދާނެކަން އެނގޭތީ އޭނާ އެކަން ސިއްރުކުރީއެވެ. ސައިމަންގެ ހަނދާންތަކާއި އެކު ލިބެން އުޅޭ ދަރިފުޅު ބަލާބޮޑުކުރާނެ ގޮތަކާއިމެދު ވިސްނަން އޭނާ ބޭނުންވެއެވެ. ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭން ބޭނުންވި ނަމަވެސް ސައިމަންގެ މަޤާމަށް އިތުރު އެހެން މީހަކު ގެންނާކަށް ޔާނާ ބޭނުމެއްނޫނެވެ. ސައިމަންގެ މަރަށްފަހު ޔާނާއަށް ރަނގަޅަށް ނިދާލެވޭ އެންމެ ރެއެއްވެސް ނާދެއެވެ. މިރޭވެސް އޭނާ އެހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ލޮލަށް ޖަމާވާ ކަރުނަ ހިފަހައްޓައިގެންނެވެ. އެހެން ހުއްޓާ ކުއްލިއަކަށް ކުޑަދޮރަށް މީހެއްގެ ހިޔަނި އެޅުމުން ޔާނާ ސިހިފައި ފާރުގައި ލެނގިލެވުނެވެ. އެމީހަކު ހުރީ ކުޑަދޮރަށް ކުރިމަތި ލައިގެންނެވެ.ކާކު ކަމެއް ނޭނގުނަސް އެއީ ފިރެހެނެއްކަން އެނގެއެވެ. ޔާނާ މަޑުމަޑުން ގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ. ޔަޤީނެވެ. އެއީ ފަހުދެވެ. ފަހުދު އެ އުޅެނީ ކިހިނެތްވެގެންބާވައޭ ޔާނާގެ ހިތައް އެރިއެވެ. ޔާނާ ބޭނުންވީ ހިތައް އައިހާ އެއްޗެއް ފަހުދާއި ދިމާއަށް ގޮވާލާށެވެ.ދެލޮލުން ކޯތާފަތްމައްޗަށް ފައިބަމުންދާ ކަރުނަތައް ފޮހެމުން ފޮހެމުން ޔާނާ ބުނަމުންދެއެވެ.
” ފަހުދު.. އަހަރެން މިހާލަށް ދޫކޮއްލާ ޕްލީޒް.. އަހަރެން ނުވެޔޭ ފަހުދު ދެކެ ލޯތްބެއް،، އެއް އިރެއްގަ އަހަރެމެން ދެމީހުންނަކީ ………..!! ޕްލިޒް ފަހުދު.. މިހާރު އެދުވަސް މާޒީވެ ގޮސްފި.. ދެން އަހަރެން ދޫކޮއްލާ.. އަހަރެންނަށް އުނދަގޫ ނުކުރޭ.. އަހަރެންގެ ލޯބިވާ ފިރިމީހާގެ ހަނދާންތަކުގަ ދިރިހުންނަން އަހަރެން ބޭނުން.. އެނގެ އެއްނު އެއީ ކީއްވެ ކަން.. އަހަރެން ސައިމަންއަށްޓަކައިބަނޑުގައި މިވާ ދަރިފުޅު ރަނގަޅު ސާލިހް ކަންމަތީ ބޮޑުކުރަން ބޭނުން…. ފަހުދު ތިގޮތަށް އަހަންނާ ދިމާކުރަންޏާ އަހަރެން މިގޮތަށް ޝަކުވާ ކޮށްކޮށް ބަލިވެދާނެ… ”
ބާރުކޮށް މަރާފައިވާ ދެލޯ ހުޅިވާލި އިރު ކުޑަދޮރުން ފެނުނު ހިޔަންޏެއް ނެތެވެ. ފަހުދު ދިޔައީ ބާވައޭ ޔާނާގެ ހިތައް އެރިއެވެ. ހަމައެވަގުތެވެ. ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވުމުން ބިރުގަނެފައި ޔާނާ ބަލާލީ ދޮރާއި ދިމާއަށެވެ. ފެނުނު މަންޒަރުން އިތުރަށް ބިރުގަނެ ފަހަތަށް ޖެހެވުނެވެ. ކޮޓަރި ދޮރުމަތީގައި ހުރީ ސައިމަންއެވެ. ޔާނާ ބިރުންގޮސް ފާރަށް ތަތްވިއެވެ. މަޑުކުރުމެއްނެތި ސައިމަން ބާރު ހިނގުމުގައި އައިސް ޔާނާގެ ދެކޮނޑުގައި ހިފާ އޭނާގެ މެޔާލާ ބޮނޑިކޮއްލިއެވެ. ބާރުބާރަށް ބައްދައިގަތުމަށްފަހު ރޯން ފެށިއެވެ. ޔާނާއަށް ހުރެވުނީ އަތްލާންވެސް ނޭނގިފައެވެ. ސައިމަން ރޮމުން ރޮމުން ޔާނާގެ މުޅި މޫނުގައި ބޮސްދިނެވެ. އަދި މަޑުމަޑުން ޔާނާ ގެނެސް އެނދުމަތީ ބޭންދިއެވެ. އަދި ޔާނާގެ އުނގު ގައި ބޯ އަޅާލައިގެން މުށިގަނޑުމަތީ ކަކޫޖަހައިގެން އިށީނެވެ. ޔާނާ އިނީ ސައިމަންއާއި ދިމާއަށް ބަލާވެސް ނުލައެވެ. ދުރަށް ބަލާށެވެ. ގަބުވެފައެވެ. ސައިމަންގެ ބޮލުގައި ޔާނާގެ ދެއަތުން ފިރުމާ ނުލުމުން ސައިމަން ބޯ ހިއްލާލާ ޔާނާއަށް ބަލާލި ވަގުތު ޔާނާގެ ލޮލުން ވެެއްޓުނު ކަރުނަތިކި ސައިމަންގެ މޫނަށް ފާއްދާލިއެވެ. ސައިމަން ތެދުވެ ޔާނާގެ މޫނާއި ދިމާއަށް ގުދުވެލިއެވެ. އަދި ދެއަތުން ޔާނާގެ މޫނުގައި ހިފަހައްޓާލިއެވެ
އޭރުވެސް ޔާނާ އިނީ އަނގައިން ބަހެއްވެސް ނުބުނެއެވެ.
” ސޮރީ ލޯބި،، ވަރަށް ބޮޑަށް ސޮރީ.. ” ސައިމަން ވާހަކަ ދެއްކުމުން ޔާނާ ބަލާލީ ސައިމަންގެ މޫނަށެވެ. އަދި ނޭނގޭފަދަ ގޮތަކަށް ބަލަމުން ދިޔައެވެ.
” ދޫނި… މަގޭ ދޫނި…. ވަރަށް ބޮޑަށް ސޮރީ… ” ސައިމަން އަނެއްކާވެސް ޔާނާގެ ގައިގައި އޮޅުލައިގަތެވެ. އަދި ޔާނާގެ ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ.
” ދޫނި،، އަހަރެމެންގެ ލޯބި ލޯބި ދަރިފުޅު…… އަހަރެމެންގެ ހުރިހާވެސް އުއްމީދު…ކިހާބޮޑު ހަދިޔާއެއް ތިދިނީ…” ސައިމަންގެ ޖުމުލަތައް އަޑުއަހަން އިނދެފައި ޔާނާ އަޑުގެ ކޮޅަށް ގިސްލާން ފެށިއެވެ. ސައިމަން ވަރަށް ކަންބޮޑުވިއެވެ.
” ނޫން ދޫނި ނޫން… މިހާރު ވާވރަށް ރޮއިފީމެއްނު…. އެންމެ ފަހަރަކުވެސް ނުބުނަމެއްނު ޕްރެގް ވާހަކައެއް……” ސައިމަން އެހެން ބުނުމުން ޔާނާ ގެ އަތް ހަރަކާތް ކޮއްލިއެވެ. މަޑުމަޑުން ސައިމަންގެ މޫނުގައި ފިރުމާލިއެވެ.
” ސައިމަންތަ؟ ” އެ ސުވާލަށް އަވަސް އަވަހަށް ސައިމަން ބޯޖަހާލއިެވެ. އަދި ޔާނާގެ މޫނުގެ އެތަން މިތަނަށް ބޮސްދޭންފެށިއެވެ.
” ލޯބި.. މީ ސައިމަންއޭ.. ލޯބިގެ ސައިމަން އޭ.. މަރެއް ނުވެޔޭ.. މިހުރީނު އައިސް… ” ޔާނާއަށް ލިބުނީ ބޮޑު އުފަލެކެވެ. ބާރުބާރަށް ސައިމަންގެ ގައިގައި ބައްދާލިއެވެ.
ދެމީހުން ރޮމުންދެއެވެ. އެކަކު އަނެކަކުގެ ގައިގައި ފިރުމަމުންދެއެވެ. ” ކީއްވެ ތިހެން ހެދީ؟ ކީއްވެ އަހަންނާ ދުރުވީ؟ މިވީ ތިންހަފްތާ ތެރޭ އަހަރެން ހިތާމަ ކޮށްކޮށް މަރުނުވީ ކިރިޔާ.. ” ޔާނާ ބުނެލިއެވެ. ސައިމަން ޔާނާގެ ބޮލުގައި ފިރުމަމުން ދެއެވެ. ” އަހަންނަށް އެނގޭ.. އަހަރެން ލޯބިގެ ހުރިހާކަމެއްވެސް ނުހަނު ގާތުން ބަލަމުން ގެންދިޔައިން….ފަހުދު އުޅޭގޮތްވެސް ވަރަށް ކައިރިން ބަލަމުން ދިޔައިން.. ”
ސައިމަން އެހެން ބުނުމުން ޔާނާގެ ހިތުގައި ތަފާތު އެކިއެކި ސުވާލުތައް އުފެދިގެން ދިޔައެވެ.
” އަހަންނަކަށް ނުވިސްނުނު.. ކޮން ކަނތައް ގަނޑެއް ހިނގައިގެންތަ މިއުޅެނީ؟ ” ސައިމަންގެ މޭމަތިން ބޯ ހިއްލާލަމުން ޔާނާ ބުނެލިއެވެ. ސައިމަން އަނެއްކާވެސް ޔާނާގެ މޫނަށް ބޮސްދިނެވެ
” އަހަރެން ކުރި ހުރިހާ ކަމެއްވެސް ކުރީ މިހިތުގައި އަތް އަޅައިގެން ޔާނާއަށްޓަކައި،، ތި ލޯތްބަށްޓަކައި.. ” ޔާނާ ސައިމަންއަށް ބަލާލިއެވެ. “ލޯބި އާއި ވަކިން ހުރެ، ލޯބި ރޮއްވަން އަހަންނަށް މަޖުބޫރުވީ؟ އެކަމަކު… އިރާދަކުރެއްވީތީ ހުރިހާކަމެއްވެސް ވީ ރަނގަޅަށް… އެކަމަކު މި ތިން ހަފްތާ އަހަންނަށް ޔާނާއާއި ނުލާ ހޭދަކުރަންޖެހުމުން ވަރަށް އުނދަގޫވި.. މޭގައި އަތްއަޅާ ހިތް އެތެރެއަށް ގަންބާލައިގެން އަހަރެން މިހުރިހާ ކަމެއް މިކުރީ… ތި ލޯތްބަށްޓަކައި… ” ސައިމަން ދައްކާ ވާހަކައެއް އެއްވެސް ވަރަކަށް ޔާނާއަކަށް ނޭނގުނެވެ. ނުވިސްނޭފަދަ ގޮތަކަށް ސައިމަންގެ ލޮލަށް ޔާނާ ބަލަމުންދާތީ ސައިމަން ކުޑަކޮށް ހީލިއެވެ.
ސައިމަން ބޭނުންވީ ހުރިހާ ކަމެއްވެސް ޔާނާއަށް ކިޔައިދިނުމަށެވެ.
” އަހަރެންނަށް އެކި ގޮތްގޮތުން ފަހުދު އުނދަގޫ ކުރަމުންދިޔައީ… ޔާނާ ބޭނުންވާކަމަށްބުން ބިރުދައްކަމުން ދިޔައީ.. ސީދާ މަރާލާނެކަމަށް ނުބުނި ކަމުގައި ވީނަމަވެސް އެފަދަ އެތައް ގޮތަކަށްއ އަހަންނަށް ބަހުގެ ހަމަލާތައް ދެމުން ދިޔަ…އަދި އޭނަ ބޭނުންވީ ޔާނާ ގޮވައިގެން ކޮންމެވެސް އެެހެން ތަނަކަށް ގޮސް ފިލަން..އެކަހަލަ އެތައް ރޭވުމެއް ރާވަމުން އޭނަ ދިޔައީ.. އެހެންވެ އަހަރެން ބޭނުންވީ ފަހުދުއަށް އަންގާލަން އަހަރެން ނެތް ދުނިޔެ އެއްގައިވެސް ފަހުދު ކައިރިއަށް، ސައިމަންގެ ޔާނާ އެއް ނުދާނެކަން.. އަދި ޔާނާ ލޯބިވަނީ ފަހުދު ދެކެ ކަމަށް ބުނެ އޭނަ އެ ކުރާ ދައުވާއިން ރަނގަޅު ނިންމުމެއް އޭނައަށް ދައްކާލަން..އަހަންނަށް މިކަމުގައި އެންމެ އަޅާލުން ލިބުނީ ޑިޔުޓީ އަދާކުރާ ވޮޗަރުންގެ ކިބައިން…ވެއްޓުނު ބަހުގައި އަހަރެންވެސް ވީކަމަށްބުނެ އެގޮތަށް އެވާހކަ ދެއްކީވެސް އެމީހުން.. ” ސައިމަންގެ ވާހަކަ އަޑުއަހަން ޝައުޤްވެރިކަމާއި އެކު ޔާނާ އިނެވެ.
” އަހަރެންނަށް އެމީހުން ހުރިހާކަމެއްވެސް އަންގާ.. ފަހުދު މިގެއަށް އަންނަ އިރަށް ގުޅާފަ ބުނާނެ.. އެ ހުރިހާ ކަމެއްވެސް އެމީހުން ކިޔައިދިން.. ޔާނާ ހޮސްޕިޓަލްގައި ބޭއްވި ދުވަހުވެސް އަހަރެން އެތާވެސް އުޅުނިން.. އެކަމަކު އެތަނުން ވެސް ޕްރެގް ކަމެއް ނޭނގުނު.. އެހެން ނޫން ނަމަ އއހަރެން މިހާ ދުވަސް ވަންދެން ނުވެސް ހުރީމުސް.. ” ސައިމަން އަނެއްކާވެސް ޔާނާގެ މޫނަށް ބޮސްދިނެވެ. އަދި އޭނާގެ މޫނަށް ވެރިފައި ހުރި އިސްތަށިތައް ދުރުކޮއްލަމުން ބުނެލިއެވެ.
” ދެން ދުވަހަކުވެސް ދެރައެއް ނުކުރާނަން… ”
” ދެން މިހާރު ފަހުދަށް ޔަޤީން ވާނެއެއްނު އަހަރެން ލޯބިވަނީ ސައިމަން ދެކެ ކަން… ” ޔާނާ ހިނިތުންމަވަމުން ބުނެލިއެވެ.އަދި ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޔާނާ ބުނެލިއެވެ. ”
ލިޔުމެންވެސް މަންމަ މެނެވެސް……………” ޔާނާގެ ޖުމުލަ މެދުކަނޑާލީ ސައިމަންއެވެ.
” އެމީހުންނަށް އެނގޭނެ ހުރިހާ އެއްޗެއް،،،، ” ޔާނާ ސައިމަންގެ ކޮލަށް ފިތާލިއެވެ.
” ދެން ނުރޮއްޗޭ… ” ސައިމަން ޔާނާގެ ކޮލުގައި ފިރުމާލިއެވެ. ޔާނާ އިސްޖަހާލިއެވެ. ” އޭތް.. ލަދުގަތީތަ؟ ދެން.. ދީބަލަ! ” ސައިމަން ޔާނާގެ ދަތްދޮޅީގައި ހިފާލަމުން ބުނި ޖުމުލައިން ޔާނާ ރަތްވެގެން ދިޔައެވެ. ” ކޯއްޗެއް؟ ” ނޭންގޭ ކަމަށް ހަދާފައި ޔާނާ އެހެން ބުނުމުން ސައިމަން ލާނެތް ގޮތަކަށް ހީލިއެވެ. ” ކޯއްޗެއްހޭ؟ ހަމަ އެނގެ އެއްނު.. ” ސައިމަން ޔާނާ އެނދުމަތީ ލޯތްބާއި އެކު ބާއްވާލިއެވެ. ” ދޮރު…. ހުޅުވާފަ.. ” ޔާނާ ހެމުން ހެމުން އެހެން ބުނުމުން ސައިމަން ވެސް ހޭންފެށިއެވެ.
***************
ހެނދުނުގެ ވަގުތެވެ. ޔާނާ ތައްޔާރުވެގެން ހުރީ ފަހުދު އަންނާނެ ވަގުތަކަށެވެ. ސޯފާގއި އިށީނދެލައިގެން އިނެވެ، ސައިމަން ހުރީ ކޮޓަރީގައެވެ.ފަހުދު އަންނަތަން ފެނުމާއި އެކު ޔާނާ ސައިމަންއަށް އަންގާލިއެވެ. ފަހުދު އައިސް އަތުގައި ހުރި ކޮތަޅު މޭޒުމަތީ ބެހެއްޓުމަށްފަހު ޔާނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.ފަހުދުއަށް ޔާނާގެ މޫނުމަތިން އުފާވެރިކަމާއި ތާޒާކަން ފެންނަން ހުރުމުން ހައިރާންކަމާއި އެކު ބުނެލިއެވެ.
” ހާދަ އުފާވެފަ؟ ” ޔާނާ ހީލަމުން އިސްޖެހިއެވެ.
” އުފާވާނެ އެއްނު… އެތައް ދުވަހެއް ވަންދެން ދުރުގައި ހުރި ލޯބި އަލުން ދިރިއުޅުމަށް އަށަގަތްކަން އިހުސާސްވީމަ… އެ އުފަލާ ނުލާ ނޫޅެވޭނެކަން ޔަޤީންވީމަ..އަބަދުވެސް ދެކެން ބޭނުންވާ މޫނު އަބަދަށް ކުރިމަތީގައި ހުންނާނެކަން އެނގުނީމަ.. އަދި މުޅި އުމުރަށްވެސް އަހަންނަށްޓަކައި އަހަރެންނަށް އޯގާތެރިވެ އަޅާލަން ހުންނާނެކަން ޔަޤީންވީމަ…”
ޔާނާގެ ލޯބި ލޯބި ބަސްތަކުން ފަހުދަށް ދިރުން ލިބުނެވެ
. ” ތިބުނީ އަހަރެންގެ ވާހަކަ ދޯ؟ ” އުއްމީދާއި އެކު ފަހުދު ބުނި ޖުމުލަ އަށް ޖަވާބު ދާރީ ވީ ފަހަތުންނެވެ،
” އުނހުނ.. އަހަރެންގެ ވާހަކަ… ” ސިހިފައި ފަހަތް ބަލާލިއިރު ފަހަތުގައި ހުރި ސައިމަން ފެނުމުން ފަހުދު ތެޅިގަތެވެ. އޭނާއަށް ވީގޮތެއް ބުނެދޭންވެސް ނޭނގުނެވެ. ޔާނާ އަވަސް އަވަހަށް ތެދުވެގެން ގޮސް ސައިމަންގެ ފުރަގަހށް ވަދެ ސައިމަންގެ އަތުަގއި ހިފާލިއެވެ.
” އައި ވިލް ކިލް ޔޫ.. ” ފަހުދުގެ އެ ޖުމުލަ އާއި އެކު ޕޮލިހުން ގޭތެރެއަށް ވަނެވެ. އަދި ފަހުދު ހައްޔަރު ކުރިއެވެ. ފަހުދު ވައްކަޅިން ސައިމަންއަށް ބަލަމުން ދެއެވެ. ސައިމަން ފަހުދާއި ގާތްވެލުމަށްފަހު ބުނެލިއެވެ.
” އަހަރެންނަށް މަރުގެ އިންޒާރު އެކި ގޮތްގޮތަށް ދިނީމު ދޯ.. އެންމެ ފަހުން ޕޮލިހުންނަށް އަޑު އިވޭ ފަށުގައިވެސް ތި ބުނީ… އެނގޭތަ ޕޮލިހުން މިގެއަށް ފާރަ ލާތާ މިހާރު ތިން ހަފްތާ ވެއްޖެ. . އަހަރެންނަށް އުނދަގޫ ކުރަންފެށީމަ ކީއްކުރަން ކަލޭ ޖަހާހާ ސަކަރާތް ބަލަން ހުންނަންވީ… އަވަހަށްދޭ… އަދި ބުނަންތަ؟ މިހާރު އެނގިއްޖެދޯ ޔާނާ ލޯބިވަނީ ކާކު ދެކެކަން.. ޖަޖްކުރަން އައި މީހާއަށް ނަތީޖާ ލިބިއްޖެއެއްނު ދޯ މިހާރު. ”
ސައިމަން އެހެން ބުނުމުން ފަހުދު ދަތްކުނޑި ވިކައިގަތެވެ. ” ބުނަން.. އަހަރެން ސަލާމަތްވެގެން އަންނާނަން ” އެހެން ބުނުމާއި އެކު ސައިމަން ހީލިއެވެ.
” މެލޭޝިއާ އަށް ނޭރޭ ގޮތަށް ޑީޕޯޓް ކޮއްފައި މިހާރު ހުންނާނީ.. މިތާ ދިރިއުޅޭ މީހުންނަށް މަރުގެ އިންޒާރު ދިނުމުން ދެން މި ޤައުމަކަށް ދުވަހަކުވެސް ނޭރޭނެ އިނގޭ.. އަވަހަށް ރާއްޖެ ދޭ… ” ފަހުދަށް ހަދާނެ ގޮތް ހުސްވިއެވެ. ފުލުހުންނާއި އެކު ހިނގައިގަންނަމުން އޭނާ ޔާނާއަށް ބަލާލިއެވެ. ދުވަހަކުވެސް ޔާނާ އޭނާއަށް ނުލިބޭނެކަން މިޔަދު އޭނައަށް އިހުސާސްވިއެވެ.
” ޔާނާ! .. އަހަރެންނަށް އިނގިއްޖެ ހަޤީޤަތުގަވެސް ޔާނާ އަހަރެންދެކެ ލޯބި ނުވާކަން.. ” އެހިސާބަށް ބުނެވުނުތަނާ ފުލުހުން ފަހުދު ގޮވައިގެން ހިނގައިގަތެވެ. ޔާނާ އެވަގުތު ފަހުދަށް ހިނިތުންވުން ރައްދު ކުރިއެވެ.
*****************
ދުނިޔޭގެ މޫސުމް ބަދަލުވާފަދައިން ޙަޔާތަށް އަންނަމުންދާ މޫސުމުގައިވެސް އެކި ކުލަޖެހެމުންދެއެވެ.ހިތްދަތިކަމާއި އުފާވެރިކަން ގެނުވައެވެ.އުނދަގޫ ތަހައްމަލް ކުރަންޖެހުމާއި އެކު އުފަލާއި ހިތްހަމަ ޖެހުން ބައްދަލްވެދެއެވެ.ދިރިއުޅުމުގައި ތަފާތު އެކި އެކި ކަންކަމާއި ކުރިމަތިލުމަށްފަހު ޔާނާ އެވަނީ ހަޔާތުގެ އެންމެ އުސް އެންމެ ޤަދަރުވެރި މަޤާމް ފުރިހަމަ ކޮއްފައެވެ. ރަނގަޅު އަތްބަކަށްވެ ދަރިއެއްގެ މަންމައަކަށްވެފައެވެ.ފިރިމީހާއަށް ދެމުންދާ ޚިދުމަތްތތަކާއި އެއްވަރަށް ދަރިފުޅަށްވެސް ވަގުތު ދީ ހަދައެވެ. ދެމަފިރިން ދަރިފުޅުގާތު ގިނަވަގުތު ހޭދަކުރަމުން ދެއެވެ. އެތައް ދުވަހަކަށްފަހު އެތައް ހަރުފަތެއް ގިރާކުރުމަށް ފަހު ލިބުނު އަގުބޮޑު ޖަވާހިރެއްފަދަ ދަރިފުޅުގެ ގައިގައި ކޫރުމެއް އެޅޭކަށްވެސް އެދެމަފިރިން ނޭދެއެވެ.
ޔާނާ އޮތީ ދަރިފުޅު ނިންދަވާށެވެ. ކުއްލިއަކަށް އޭނާ ސިހުނީ ފުރަގަހުން ބުރަކަށީގައި ފިރުމާލުމުންނެވެ. ސައިމަން އައިސް ޔާނާގެ ބުރަކަށީގައި ފިރުމާލިއެވެ. ޔާނާ ހަމަޖެހިލިއެވެ. ސައިމަން ޔާނާގެ އެއްފަރާތުގައި އޮށޯވެލިއެވެ. އަދި ދަރިފުޅުގެ ކޮލުގައި ކޮއްޓާލިއެވެ. ޔާނާ ހީލަމުން އެއް އަތުން ސައިމަންގެ ބޮލުގައި ފިރުމަމުން އަނެއް އަތުން ދަރުފުޅުގެ ބޮލުގައި ފިރުމަމުން ދެއެވެ. އޭނާ ހިތާއި ނަފްސުން އުފާކުރަމުން ދެއެވެ. އޭނާގެ ލޯބި ލޯބި ކުޑަ ކުޑަ ދުނިޔެ އުޖާލާ ކޮއްދިނުމަށް އެދިއެވެ.ބާއްޖަވެރި ދިރިއުޅުމަކުން ހަޔާތް އަލިކުރުމަށް އެދިއެވެ. ހިނިތުންވުމާއި އެކު ޔާނާ ބަލާލީ ބޭބީއަށެވެ. ބޭބީ ނިދިފައި އޮތުމުން މަޑުމަޑުން ނަގާ އެނދުކައިރީގައި ހުރި ކުޑަ އެނދުގައި ބޭއްވިއެވެ. އަދި ނިދިފައި އޮތް ސައިމަންގެ ބޫޓް ބޭލުމަށްފަހު އެނދަށް ފައި އެރުވިއެވެ. ހިނގައިގަންނަން އުޅުނު ވަގުތު ހުށިޔާރު ކަމާއި އެކު ސައިމަން ޔާނާގެ އަތުގައި ހިފާ އޭނާގެ ގައިމައްޗަށް ވައްޓާލިއެވެ. ޔާނާ އާއި ސައިމަންގެ ބާރު ހުނުމުގެ އަޑާއި އެކު އެމީހުންގެ ލޯބި ލޯބި ދަރިފުޅުގެ ރުޔުމުގެ އަޑުން ކޮޓަރި ތެރެ އެއް އަޑުކޮއްލާ، ޔާނާ އާއި ސައިމަންގެ ލޯބީގެ އަގުބޮޑު ވަގުތުކޮޅު ފޫ އަޅުވާލިއެވެ.
” އޭތް.. ދެން ދޫކޮއްލާ… ދެން… ބޭނުންހާ އިރަކު ނުލިބޭނޭ.. ސައިމާން…. ” ޔާނާ ބޭނުންވީ އަވަހަށް ދަރިފުޅު އެނދުން ނަގާށެވެ.
” އުނހުން… އުނހުނ ދެން… ” ސައިމަން އަދިވެސް ޔާނާ ހިފަހައްޓަނީއެވެ. އަތް ފޮޅުވާލަމުން ޔާނާ ގޮސް ބޭބީ ނަގާ އުނގުމަތީ ބޭއްވިއެވެ. ސައިމަންވެސް އައިސް ބަލާލީ ބޭބީއަށެވެ. އެވަގުތު އެ ލޯބި ލޯބި ދަރިފުޅު ވަރަށް ލޯތްބާއި އެކު ހީލިއެވެ. ޔާނާ އަށާއި ސައިމަންއަށްވެސް އެކަކު އަނެކަކަށް ބަލާލުމަށްފަހު ހީލެވުނެވެ.ހީވާ ހީވުމަށް ބުނަންޏާ މަންމަ އާއި ބައްޕައަށް ކުޑަ އުނދަގުލެއްކޮއްލީއެވެ.ހެމުން ހެމުން ޔާނާއަށް ސައިމަންގެ ކޮނޑުގައި ބޯޖައްސާލެވުނެވެ. ސައިމަން އެ ދެމައިންގައިގައި އެއްފަހަރާ ބައްދާލިއެވެ.
.ނިމުނީ 🙂
19 Comments!
Comments are closed.



hehehehehehheheehehe….v ves lobi…ragalhan ves roviifa mihure……i love you salaaa..and thank you for lovely story……hope to see u a new story…..tvgc….have a nyc good nyt… 😀
OMG!!!!!!! hama seriously this is a perfect story
vvvvvvvvvv nice…thn q salaa….salaa ge nw vaahaka aka wait kuraanan :D…mi vaahakaige hurihaa partei vx ky vara kiyaa hithn…bye…tc………
story habeyss… thnx writer of this story for the nice story.. v avaha salaa ge new story eh libeyne kamah ummeedhu kuranñ..
Its a perfect story eh hama….v asarugadha……v beynun thifaraathuge gina loabeege vaahaka thah aduahaalaan….really v v v habeys!!!!!!
obiness:)
eyrun liyan ulhunu comment nuliyeveythy ehnve eneahkaa mi liyany…………… v v v v salhi hama habeys plx plx plx alhugadah vaahaka liyan dhaskohdyba alhugadu beynun mi fahar GCE O’level ga rythi vaahakaeh liyan your a good writter:-);
Story nice , ekamu e thankolhegga alhaigai , hitha aranee keeve baa ey yaana saiman maruveema ekamuge hageegai hoadhan noolhunee , e bahuga saiman in tho yageen kuran vaane dho , ethan kolhu than kolhe hama nujehey , ekam over all ko salaa ge ehen stories fadhain mi story ves nice
v salhi mi vaahaka adhives mikahala reethi vaahakaeh kiyaalan beynun
varah salhi vaahaka … numuney dhao ..
niceeeeeeeeeeeeeee storyyyyyyyyyyyyyyyy salaaaaaaaa
🙂
wow l v v v v lobi
THANK YOU SO MUCH>> I LOVE YOU SO MUCH ALL MY FANS>>>>> thi dhey support aai nulaaa mikameh hama nuvaane… be with me love u n god blesss u all 🙂 <3
vvvvvvvvvvvvvvvvvvvvvvvvvvvvvvvvv nyc salaaa
Varah reethi story
adhi kiriyaa mi story mi kee,,,,v perfect,,,,,,,
habeys igey..:D
I just read this it’s awesome ❤️❤️❤️
Alley v.loabi mi vaahaka it almost makes me feel like I am yaana ehuriha go through eh ga