އުމުރަށްވެސް އެކީގައި ވާނަމޭ…..14
ވަގުތުން ޖީބުގައި އޮތް ފޯން ނަގާ ޒާހިދާއަށް ގުޅިއެވެ. “ހަލޯ…ޒާހިދައްތާ…” ފަރީނާއަށް ރޮވެން އުޅުނެވެ. ޒާހިދާ ކަންތައް ބޮޑުވެފައި ހުރެ އަހާލެވުނެވެ. “ފަރީ..ކިހިނެއްވީ އަނެއްކާ…”ޒާހިދާގެ އަޑު ކަންފަތުގައި ޖެހުމުން ފަރީނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. “ޒާހިދައްތާ..ދެން އަހަންނަކަށް މިކަމެއް ނުވާނެ….އަހަރެން ދެން ބޭނުމެއް ނޫން މިކަން ކުރާކަށް…އަހަންނަކަށް ދެން ލުފްޝާން ދެނެއް ނުލިބޭނެ..ލުފްޝާން ނުހާ ދެކެ ހާދަ ލޯތްބެއް ވެޔޭ ޒާހިދައްތާ….” ފަރީނާ އަނގަމަތީގައި އަތް އެޅިއެވެ. އޭނަ ރޯ އަޑު ނުހާ މެންނަށް އަޑު އިވިދާނެތީއެވެ. ޒާހިދާއަށް ފަރީނާގެ ރުއިމުގެ އަޑު އަހާކަށް އެހާ ފަސޭހައެއް ނުވިއެވެ. ފަރީނާއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. ” ފަރީ..ކުރިންވެސް ދައްތަ ބުނީމެއްނު… އެމީހުން އުޅޭ ގޮތަކަށް އުޅެން ދޫކޮށްލާށޭ.. އަޅާލާނެ ކަމެއް ނެތޭ..ފަރީ މާ އަވަހަށްށޭ ތި ދެރަ ވަނީ…. ލުފްޝާން ފަރީއަށް ލިބޭކަށް ދެން މާގިނަ ދުވަހެއް ނެތޭ…” ފަރީނާ ބަލި ޤަބޫލު ކުރާހެން ހީވުމުން ޒާހިދާ ކަންތައް ބޮޑުވިއެވެ. އޭނާ ލުފްޝާންގެ މަތިން ހަނދާން ނައްތާލައިފިއްޔާ ޒާހިދާއަށް ޖެހޭނީ މުއްސަނދިކަމުގެ މަތިންވެސް ހަނދާން ނައްތާލާށެވެ. ނުހާ އާއި ލުފްޝާން ގުޅުމަކުން ޒާހިދާއަކަށް އެއްވެސް ފައިދާއެއް ނުވާނޭ ޒާހިދާގެ ހިތް ބުނަމުން ދެއެވެ. ނުހާގެ ބޯ ކާލުމަށް ވުރެ ފަރީނާގެ ބޯކާލުން މާ ބުއްދިވެރިވެފައި ފަސޭހަ ކަމުގައި ޒާހިދާ ދެކެވެ. ” ފަރީ…ކޮންމެ ނާކާމިޔާބަކީ ކާމިޔާބުގެ ފެށުމޭ ބުނާ އަޑެއް ނާހަންތަ؟…ޒާހިދައްތައަށް ހަމަ ޔަޤީން ފަރީއަށްކަން ލުފްޝާން ލިބޭނީ…ބަލަން ހުންނައްޗޭ…” ޒާހިދާގެ ވާހަކައިން ފަރީއަށް ކޮންމެވެސް ކަހަލަ ހިތްވަރެއް ލިބުނު ކަހަލައެވެ. އެއްއަތުން ކަރުނތައް ފުހެލަމުން ނުހާ އެނބުރި ނުހާމެން ހުރި ދިމާލަށް ބަލައިލިލަމުން ހަމަޖެހުމުގެ ނޭވާއެއްލިއެވެ. “ހޫމމމ…އަހަރެން ހިތްވަރު އެލުވައެއް ނުލާނަން…އެކަމަކު…” ލުފްޝާން ދިޔައީ ނުހާ އާއި ސަމާސާ ކުރަމުން މަޖާކުރަމުންނެވެ. މިމަންޒަރު ފެނިފައި އަނެއްކާވެސް ފަރީނާގެ ހިތްވަރު އެލުނެވެ. “ކޮން އެކަމަކު މިކަމަކުއެއް…ތިއެއް ނޫނޭ..ކޮބާ ދެން ޒާހިދައްތަ ބުނިގޮތަށް އެތަނުން މީހަކު އަތު ޖެހުނުތަ؟….” ޝައުޤުން ފުރިގެންވާ ރާގަކަށް ޒާހިދާ އަހާލިއެވެ. “އާން…ފުރަތަމަ އުޅުނީ ހާފިޒް މަޅިގަ ޖެއްސޭތޯ…އެކަމަކު އޭނަގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއް ނުވުމުން ދެން ބެލީ ޝާމިލް….އެކަންތައް ވަރަށް ފަސޭހަވި….” ފަރީނާ އެހެން ބުނުމުން ޒާހިދާ އިންތިހާއަށް އުފާވިއެވެ. “އަސްލުވެސްތަ؟..ގަދަ އިނގެ…ދެން ތިވީ…ތީފެށުން… އަހަރެމެންނަށް ކާމިޔާބު ވާނެ….” ފަރީނާ ކުޑަކޮށް ވިސްނާލަން ހުރުމަށްފަހު ބުނެލިއެވެ. “ޒާހިދައްތާ… އަހަންނަށް ބައެއް ފަހަރަށް ހީވޭ އަހަންނަށް މިކުރެވެނީ ރަނގަޅު ކަމެއް ބާވައޭ…އަހަރެން ވެސް ލޯބިވީލުފްޝާން ދެކެ…ނުހާވެސް އޭނަދެކެ އިންތިހާއަށް ލޯބިވޭ…އޭނާ ހާދަ ދެރައެއްވާނޭ ލުފްޝާން އޭނާގެ އަތުން ބީވެއްޖެއްޔާ….” ޒާހިދާ ގާތަށް ރުޅި އައި ނަމަވެސް ރުޅިގަނޑު މައިތިރި ކުރަމުން ބުންޏެވެ. ” އެއްކަލަ ފަރީނާ…ހަމަ ފަރީނާވެސް ދެރަ ވާނެއެއްނު ތިމާގެ ލޯ ކުރިމަތީގަ ލުފްޝާން އެހެން މީހަކާއި އެއްކޮށް އުޅޭތަން ދެކެން…ނޫންތަ؟…” ޒާހިދާ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައިކަން ފަރީނާއަށް އެނގުނެވެ. “އެކަމަކު…” އޭނާ އަށް ކުރެވެން މިއުޅެނީ ކިހާ ވަރެއްގެ ކުށެއްކަން އޭނާ އަށް އިޙްސާސް ވާ ކަހަލައެވެ. “ދެރަވޭ…ވަރަށް ދެރަވޭ…އެކަމަކު ލުފްޝާން ލޯބިވަނީ ނުހާ ދެކެ..އަހަރެން ދެކެ އެއް ނޫން… އެއްއަތް ޖެހި އަކަސް އަޑެއް ނުކިޔާނެ….” ޒާހިދާ ދަތްކުނޑި ވިކާލަމުން ފޯން ކަނާއަތު ކަންފަތަށް ބަދަލުކޮށްލަމުން ބުންޏެވެ. މިފަހަރު އޭނާގެ ރާގުގައި ވަނީ ހަރުކަށިކަމެކެވެ. “ފަރީ އެންމެ ފަހަރަކު ނަމަވެސް ޒާހިދައްތަ ބުނާ ގޮތަށް ހަދާނީތަ ނޫނީ މުޅި އުމުރަށް ވެސް ލޯބިވީ މީހާ ބީވުމުން އެކަމާ ރޮއެ ހިތާމަ ކުރާނީތަ…. އެންމެ ފަހަރަކު ނަމަވެސް ޒާހިދައްތަގެ މިރޭވުން ކާމިޔާބުވިޔަ ދީބަލަ…. އެއަށްފަހު ދެން ހަމަ ލުފްޝާން އެއީ ފަރީގެ މީހެކޭ ހީކޮށްލާ….” ފަރީނާ މަޑުމަޑުން އާނއެކޭ ބުނަމުން ފޯން ބޭއްވިއެވެ. އެއަށްފަހު ނުހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގުނެވެ.
“ފަރީ އާދެބަލަ….ވަރަށް މަޖަލޭ…” ފަރީނާ ނޫނީ ދެން ތިބީ އެންމެންވެސް މޫދުގައި ވޯޓަރބޯލް ކުޅޭށެވެ. ނުހާ ފަރީއަށް ގޮވާލަމުން އަތުން ހަނާ އަޅާލިއެވެ. އެހެން ނަމަވެސް ފަރީނާ ނޫނެކޭ ބުނާގޮތުން ބޯހޫރާލިއެވެ. ޝާމިލްއަކަށް މޫދުގައެއް ނޯވެވުނެވެ. އެއްގަމަށް އެރިއެވެ. ހަލުވިފިޔަވަޅުތަކެއްގައި އައިސް ފަރީނާގެ ގާތުގައި އިށީނެވެ. “ކީއްވެ މޫދަށް ނޭރެން ތިއިންނަނީ…ހާދަ މޫޑީ ވެފަ…” ފަރީނާގެ ލޮލަށް ބަލާލަމުން ޝާމިލް ބުންޏެވެ. ފުރަތަމަ ފަހަރަށް ފަރީނާގެ ހިތުން ލުފްޝާން އާއި ދޭތެރޭ ވިސްނާލުމަށް މަޖުބޫރު ކުރުވި ކަހަލައެވެ. “ޝާމިލްވެސް ލުފްޝާން އަކަށް ވުރެ ވަކި ހުތުރެއް ނޫން…ރީތި ލޮލެއް….ފަންއިސްތަށިކޮޅެއް…ފުރިހަމަ ހަށިގަނޑެއް…އޭނަ އަހަންނާ ގަޔާވާހެންވެސް ހީވޭ…އަހަންނަށް ޝާމިލް އާއި މެދު ކަންތައް މިކުރެވެނީކީ ރަނގަޅަކަށް ނޫން… ” ހަމަ އެހިނދު ދެވަނަ ސިކުންތުގައި ފަރީނާގެ ހިތުތެރޭގައި ލުފްޝާންގެ ސޫރަ ކުރެހިގެން ދިޔައެވެ. “ނޫން…އަހަރެން ކީއްކުރަން ޝާމިލް އާއި ދޭތެރޭގައި ވިސްނަންވީ…އަހަރެން ލޯބިވަނީ ލުފްޝާން ދެކެ…އަހަރެން ވިސްނާނީވެސް ހަމަ އެކަނި ލުފްޝާން އާއި މެދު…” ފަރީނާ ސިހިގެން ދިޔައީ ޝާމިލް ފަރީނާގެ ކޮނޑުގައި ޖަހާލުމުންނެވެ. “އޭތް…ފަރީ އަނެއްކާ އެހެން ދުނިޔެއްގައިތަ؟.. ހާދަ ހީވޭ ކޮންމެވެސް ކަމަކާ ދެރަވެފަ ހުރިހެން …ފަރީ ތިހުރީ ރޮއެފަ ދޯ…” ޝާމިލް ފަރީނާގެ ލޮލަށް ރަނގަޅަށް ބަލާލިއެވެ. ޝާމިލްއަށް ފަރީނާގެ ހިތުގެ ހާލަތު ކޮންމެވެސް ވަރަކަށް އެނގުމުން ފަރީނާ އިތުރަށް ދެރަވިއެވެ. “ނޫން..ނޫން..އަހަރެން ކޮންކަމަކާ ރޯންވީ….މިދެން ހަމަ ތަންކޮޅެއް މޫޑީވީ…” އޮޅުވާލަމުން ފަރީނާ އިސްދަށަށް ޖަހާލިއެވެ. “ތިހެން މަޖާ ނުކޮށް އިންނަންޏާ ފޫހިވާނު..ހިނގާބަލަ ކުޑަކޮށް ނަމަވެސް މޫދަށް އެރިލާ މަޖާކޮށްލާ ހަދާލަން..އިސާހިތަކު ތިމޫޑުވެސް ރަނގަޅުވެދާނެ…” ޝާމިލް ފަރީނާގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ފަރީނާގެ އަތުގައި ހިފައިގެން ގޮސް މޫދަށްލިއެވެ.
ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ. ފެންވަރައި ލައިގެން ނުހާލީ ނިދާ ހެދުމެވެ. ޖައްސާލުމުގެ ބޭނުމުގައެވެ. ނަމާދުކޮށްލާ ހަދާލައިގެން އައިސް އެނދުގައި ޖައްސާލިއެވެ. އެނދުގައި ޖައްސާލުމާއިއެކު ދަތުރުގެ ވަރުބަލިކަން އިޙްސާސް ކުރެވުނެވެ. ހަމަ ޖެހުމުގެ ނޭވާއެއް ލަމުން ދަތުރުގެ ހަނދާންތައް ކުރެވުނެވެ. ނުހާގެ ހަޔާތުގައިވެސް ކުރެވުނު ފުރަތަމަ ދަތުރު ވީ އޭނާގެ ހަނދާނުން ފުހެލަންވެސް ދަތިވާނެ ދަތުރަކަށްށެވެ. ލުފްޝާން އާއި އެކު ހޭދަ ކުރެވުނު ކޮންމެ ސިކުންތަކީ އެހާމެ ފޮނި ވަގުތުތަކެކެވެ. ލުފްޝާންގެ މަތިން ހިތަށް އެރުމާއިއެކުހެން ތުންފަތުގައި ދަތްއަޅާލަމުން ކައިރީގައި އޮތް ބާލީހުގައި ބާރަށް ބައްދާލަމުން ލޯމަރާލެވުނެވެ. ލުފްޝާންގެ ހަނދާންތަކުގައި އޮއްވާ އިރުކޮޅެއް ނުވެ ނުހާއަށް ނިދުނެވެ.
ލުފްޝާން ފެންވަރައިގެން އައިސް އެނދުގައި ޖެހުމާއި ނިދުމާއި ދިޔައީ އެކުއެކީގައެވެ. އޭނާ ހުރީ އެހާވެސް ވަރުބަލިވެ ނިދި ލޮލަށް ސަވާރުވެފައެވެ. ހާފިޒްއަށް ވެސް ވީ ހަމަ އެވަރެވެ. އެނދުގައި އޮށޯތުމާއި ނިދުން ދިޔައީ އެކުއެކީގައެވެ. ޝާމިލްއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ފަރީނާ އާއި އެއްކޮށް ހޭދަ ކުރެވުނު ވަގުތުތައް ހަނދާން ކުރަމުން ހުވަފެނުގައި ވެސް ފަރީނާ ދެކެލުމަށް އެދެމުން އަވަހަށް ލޯމަރާލިއެވެ. ލޯމަރާލުމާއިއެކުހެން ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އޭނާއަށް ނިދިއްޖެއެވެ.
އެނދުގައި ފުރޮޅިލަފުރޮޅިލަ ނުނިދިފާ އޮންނަން ޖެހުނީ ފަރީނާއަށްށެވެ. އޭނާއަށް ދިޔައީ އެތައް ޙިޔާލުތަކެއް އުނދަގޫ ކުރަމުންނެވެ. ނިދި ނައިސްގެން ރޮވެންވެސް އުޅުނެވެ. “އަހަންނަށް ކީއްތަ މިވަނީ…. އަހަރެން ބޭނުމީ ލުފްޝާން…އެކަމަކު އަހަންނަށް ޝާމިލް އާއި މެދު މިވިސްނެނީ ކީއްވެތަ؟… އޭނާގެ ޙަމްދަރުދީއެއް އަހަރެން ބޭނުމެއް ނޫން…. ” ކައިރީގައި އޮތް ބާލީސް ނަގައި މޫނުގައި އެޅިއެވެ.
ނިދީގައި އޮތް ނުހާއަށް ފަތިސް ނާމާދުގެ ބަންގީގެ އަޑަށް ހޭލެވުނެވެ. އަވަސް އަވަސް ކޮށްލައިގެން ވުޟޫކޮށްލައިގެން އައިސް ނަމާދުކޮށްލިއެވެ.
ހެނދުނުގެ ނާސްތާކޮށްލައިގެން ނުހާ އަވަސްވެގަތީ ގޭތެރެ ފޮޅާ ސާފު ކުރުމަށްށެވެ. ނުވަގަޑި ބައި ވީ އިރުވެސް ފަރީނާއެއް ނުހޭލައެވެ. “ފަރީ އަދިވެސް ނުހޭލަނީތަ… ދަރިފުޅާ އެހަށް ދޭބަލަ މަންމަގެ ކޮޓަރި ސާފުކޮށްލަދޭން….” ގެއަށް ވަދެގެން އައި ޒާހިދާއަށް ނުހާ ފެނުމުން ބުންޏެވެ. ނުހާ ހީލުމަށްފަހު އިތުރަށް ލަސް ކުރުމެއްނެތި ޒާހިދާގެ ކޮޓަރި ސާފު ކުރުމަށް ދިޔައެވެ.
“މިއީ ކޯއްޗެއް؟…” އެނދުދަށް ސާފުކުރަނިކޮށް ހިރަފުހުން ފުރިފައި އޮތް އެއްޗެއް ފެނުމުން ނުހާއަށް ބުނެވުނެވެ. ކުނި ކޮތަޅު ތެރެއަށް ލާން އުޅެނިކޮށް އޭގައި އެއްޗެއް ލިޔެފައި އިންތަން ފެނުނެވެ. “ދަރިފުޅުދެކެ ލޯބިވާ ބައްޕަގެ ފަރާތުން ބައްޕަގެ ލޯބިވާ ދަރިފުޅަށް……” ނުހާގެ ލޯ ފެންކަޅިވިއެވެ. އެއީ އޭނާގެ ބައްޕަގެ ލިޔުމެވެ. ނުހާއަކަށް އެލިޔުމެއް ނޯޅޭނެއެވެ. އެކަމަކު މިއޮށް ހުރިހާ ދުވަސްވީއިރުވެސް ނުހާ އެސިޓީއެއް ނުދެކެވެ. އޭނާއަށް އެސިޓި ނުލިބެންވީ ކީއްވެ ހެއްޔެވެ؟
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


ވަރަށް ފައްކާ.. ހަބޭސް
ވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް އަނޫ….