ތިޔަ ލޯބީގެ ހައްޤުގައި (18)
ވަރަށް ގިނަދުވަހު އޭނާގެ އެކުވެރިޔާ އެލޯތްބަށް އެދި އިންތިޒާރު ކޮށްފިއެވެ. އެއިންތިޒާރަށް ނިމުމެއް ގެންނަނީ އާކިލްއެވެ. އެހެން ހިތަށްއެރުމާއެކު އެތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.
** ** **
ދަބަސް ކޮނޑުގައި އަޅުވައިލަމުން އޮފީހަށްދާން މިއުޝީން ނުކުތްއިރު އިޒާނާ ބޮޑު މާބޮނޑިއެއް ހިފައިގެން އަންނަނީއެވެ. ވަގުތުން އެއީ އޭނާއަށް ލިބޭ ގޮތްނޭނގޭ މާބޮނޑިކަން މިއުޝީނަށް އެނގުނެވެ. އެއީ އޭނާ ސިންގަޕޫރަށް ދިއުމުގެ ކުރިންވެސް އޭނާއަށް ލިބޭ މާބޮނޑިއެވެ. އޭގައިވާ ކޮންމެ ކާޑެއްގައިވެސް ލިޔެފައިވަނީ ހަމަ ކުރިއެކޭވެސް އެއްފަދައިން ލޯބީގެރީތި އިބާރާތްތަކެވެ.
މިއުޝީން ސިންގަޕޫރުގައި ހޭދަކުރި ދުވަސްތަކުގައި އެމާބޮނޑި ނުލިބޭކަމަށް އިޒާނާ ވަނީ ބުނެފައެވެ. ނަމަވެސް މިއުޝީން މާލެ އެނބުރިއައި ފުރަތަމަ ދުވަހުން ފެށިގެން އަނެއްކާވެސް އެމާބޮނޑިވަނީ ލިބެންފަށައިފައެވެ. ކޮންމެވެސް މީހަކު އޭނާގެ އަމަލުތަކަށް ފާރަލާކަން ހަމަ ކަށަވަރެވެ.
އެމާބޮނޑިއަށް ބަލައިލުމަށްފަހު މިއުޝީން ގެއިން ނުކުންނަން ހިނގައިގަތެވެ. އިޒާނާ އެގެންގޮސް މިއުޝީންގެ ކޮޓަރީގައިހުރި މޭޒުމަތީގައި ބޭއްވިއެވެ.
** ** **
ޝަޔާން އޭނާގެ ކޮއްކޮ ގޮވައިގެން އައުމުން މިއުޝީން އަނެއްކާވެސް އެފައިލް އެދެމީހުންގެ އަތަށް ދިނުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. އެތަނުން ހެދުމެއް ފައިނަލް ކުރުމުން ޝަޔާންގެ ކޮއްކޮ ގޮވައިގެން މިއުޝީން އެތަނުން އެހެން ކޮޓަރިއަކަށް ދިޔައެވެ. އެކުއްޖާގެ ހަށިގަނޑުގެ މިން ނެގުމަށް ބުނުމަށްފަހު މިއުޝީން ފަހަތް ބަލައިލިއިރު ޝަޔާން ފަހަތުގައި ހުއްޓެވެ. މިއުޝީންގެ އެއަޅައިލުން ކުޑަކަން ފެނި އޭނާހުރީ ކޮންމެވެސް ވަރަކަށް މާޔޫސްވާގޮތް ވެފައެވެ. އެހެނަސް ހިތްވަރުއެލުވައިލާކަށް ބޭނުމެއްނުވިއެވެ.
“ހެއި.މިހާރު ހާދަ ތަފާތޭ ދޯ. ކީއްވެ ވާހަކަ ނުދައްކަނީ؟ ރުޅީތަ؟” މިއުޝީންގެ ފަހަތުން ހިނގައިގަންނަމުން ޝަޔާން އަހައިލިއެވެ. ވަކި ޖަވާބެއްނުދީ މިއުޝީން ދާން ފެށުމުން ޝަޔާންވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
“މަޑުކޮށްބަލަ. ކީއްވެތަ ވާހަކަ ނުދައްކަނީ؟” މިއުޝީންގެ ކުރިބައްދަމުން ޝަޔާން އަހައިލިއެވެ. މިފަހަރު ހުއްޓިފައި މިއުޝީން ޝަޔާންގެ މޫނަށް ބަލައިލިއެވެ. “އަހަރެން މިވަގުތު ވަރަށް ބިޒީ. ސޮރީ.” އެހެން ބުނެލަމުން ބާރު ހިނގުމެއްގައި މިއުޝީން ގޮސް އޭނާގެ ކެބިންއަށް ވަނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޝަޔާނަށް ހުރެވުނީއެވެ. އެވަގުތު އޭނާގެ ކޮއްކޮ އައިސް ގެއަށްދާން ބުނުމުން މަޖުބޫރުވެފައިވާ މީހަކު ފަދައިން އޭނާ ހިނގައިގަތެވެ. އޭރު އެހިތުގައި މިއުޝީނާމެދުގައި ރުޅިވެރިކަން އުފެދިފައި ވިއެވެ. މިއުޝީން އެހެން އެހަދަނީ އޭނާ އެހައިވަރުން އުޅޭތީ ހެއްޔެވެ؟ އެކަމަކުވެސް ހެވެވެ. އޭނާ ހުއްޓައިލާނީ މިއުޝީންގެ އެރީތި ހަށިގަނޑު މިލްކު ކޮށްފައެވެ.
** ** **
މިއުޝީން ގެއަށްދާން ނުކުތްއިރު ނިކްޔަލް އޮފީހުގައި ބުރަކޮށް އުޅެމުންދިއުމުގެ ސަބަބުން އޭނާ ބަލައެއް ނާދެއެވެ. މިއުޝީންވެސް ނިކްޔަލްއަށް އުނދަގޫކުރަން ބޭނުންނުވުމުން މަޑުހިނގުމެއްގައި ގެއާއި ދިމާއަށް ހިނގައިގަތެވެ.
“މިއުޝީން.” ފަހަތުން އޭނާގެ ނަމުން މީހަކު ގޮވައިލި އަޑަށް ސިހިފައި މިއުޝީން އެނބުރުނެވެ. ވަގުތުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.ފަހަތުގައި ބޮނޑު ބަނޑެއްލައިފައި އެހުރީ ދެވަނަ ދެމީހެއް ނޫނެވެ. ރަޝާއެވެ.
ލައިފައިވާ ބޮޑު ކަޅުހެދުމާއެކު އަޅައިފައިވާ ކަޅު ޝޯލްގެ ތެރެއިން އެރީތި ދޮންމޫނު ފާޅުވާންހުރިއިރު އެމޫނުމަތީގައިވި ހިތާމައާއި އުދާސްތައް ރީތިކޮށް ފާޅުވަމުން ދިޔައެވެ. ކުރިއާއި ރަޝާ ހާދަ ތަފާތެވެ. އެމޫނުމަތީގައިވެސް އެއްވެސް ބޮޑާ ކަމެއްނެތެވެ. ނަމަވެސް ރަޝާ ހީވަނީ ހިތާމައިގެ ތަސްވީރެއްހެންނެވެ.
ހުއްޓުން އަރައިފައި މިއުޝީނަށް ރަޝާގެ މޫނަށް ބަލަން ހުރެވުނީއެވެ. “އަހަރެން ބޭނުން މިއުޝީނާ ވާހަކަ ދައްކާލަން. ޕްލީޒް.” އިސްޖަހައިލަމުން އާދޭހާއިއެކު ރަޝާ ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ބޯޖަހައިލަމުން މިއުޝީން އެކަމަށް އެއްބަސްވީ އެއަޑުގައިވި އާދޭހަކުންނެވެ. “ހިނގާ އަހަރެންނާއެކު.” މަޑުމަޑުން ހިނގައިގަންނަމުން ރަޝާ އެހެން ބުނެލުމާއެކު މިއުޝީންވެސް އޭނާ ފަހަތުން ހިނގައިގަތެވެ.
އާރޓިފިޝަލް ބީޗްގެ ހިތްގައިމު މާހައުލުގައި ދެމީހުން ތިބީ އެތަނުން ގޮނޑިއެއްގައި އިނށީދެލައިގެންނެވެ. ދެމީހުންގެ ނަޒަރުވެސް ހުއްޓިފައިވީ މޫދާ ދިމާއަށެވެ. އިރުއިރުކޮޅާ ރަޝާ އޭނާގެ ބަނޑުގައި ފިރުމައިލަމުން ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލާ މަންޒަރުފެނުމުން މިއުޝީންގެ ހިތަށް އުނދަގޫވަމުން ދިޔައެވެ.
“ކޮންއިރަކު ރަޝާ މީހަކާ އިނީ؟” ދައްކާނެ ވާހަކައެއް ނޭނގުމުން މިއުޝީން އަހައިލިއެވެ. “އަަހަރެން އަދި މީހަކާ ނީންނަން.” އިސްޖަހައިލި ރަޝާ މަޑުމަޑުން އެހެން ބުނެލުމާއެކު މިއުޝީންގެ ދެލޯބޮޑުވެގެން ދިޔައެވެ. “ދެން ތިބުނީ؟” މިއުޝީނަށް ސުވާލު ފުރިހަމަކުރާކަށް ނުކެރުނެވެ. “އާން. އަހަރެން ބަލިވެ މިއިނީ ނަހަލާލަށް.” ގިސްލެވިފައިވާ އަޑަކުން ރަޝާ އެެހެން ބުނެލަމުން މިއުޝީންގެ މޫނަށް ބަލައިލިއެވެ.
“އަހަރެން މިއުޝީން މިތަނަށް މިގެނައީ ވާހަކައެއް ދައްކަން. މިއު. ޝަޔާން.. ޝަޔާން އެއީ މިއު ތިހީކުރާކަހަލަ ރަނގަޅު މީހެއްނޫން. އެއީ އިންސާނެއްގެ ސިފައިގައިހުރި ބޮޑު ޝައިތާނެއް.” ރަޝާގެ އަޑުގައި މިފަހަރު ނުރުހުން އެކުލެވިގެން ދިޔައެވެ. ބުނާނެ އެއްޗެއްނޭނގި ދެލޯބޮޑުވެފައި މިއުޝީން އިނީ ރަޝާ ދައްކަންއުޅޭ ވާހަކައެއް ނޭނގިފައެވެ.
“މިއު ހިތަށް އަރާނެދޯ އަހަރެން މިވާހަކަ މިއު ގާތު މިދައްކަނީ ކީއްވެހޭ؟ އަހަރެންނަށް ޖެހިފަ މިހުރި ހާލު އެހެން އަންހެނަކަށް ޖެހޭކަށް އަހަރެން ބޭނުމެއްނޫން.” އަނެއްކާވެސް ރަޝާ ބުނެލިއެވެ. މިއުޝީންގެ ނިތަށް ރޫއަރައިގެން ދިޔައެވެ. “ކީކޭ ރަޝާ ބުނަންތިއުޅެނީ؟” ނުވިސްނިފައި މިއުޝީން އަހައިލިއެވެ.
ފުންނޭވައެއްލަމުން ރަޝާ އޭނާގެ ވާހަކަ ފެށިއެވެ. “އައި އެމް ސޮރީ. ކުރިން މިއުއާ ދޭތެރޭ ކަންތައްކުރެވިފައި އޮތް ގޮތުން އަސްލު ވަރަށް ދެރަވޭ. އަހަރެން އެއޮފީހަށް ވަންތާ މާގިނަދުވަސްތަކެއްނުވެ މިއުވެސް ޝަޔާންގެ އޮފީހަށް ޖޮއިން ކުރީ. ޝަޔާން އެންމެފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންނަށް އޭނަ ވަރަށް ކަމުދިޔަ. އޭރު އޭނަ އުޅޭގޮތުން ހީވި އޭނަވެސް އަހަރެންދެކެ ލޯބިވާހެން. މިއު އެންމެ ފުރަތަމަ އެއޮފީހަށް ޖޮއިންކުރި ދުވަހުންފެށިގެންވެސް ޝަޔާން ވަރަށް ފޫހިވޭ މިއު ދެކެ. މިއު ހުންނަ ގޮތުން. އެކަމަކު އިޒާނާއަށްޓަކައި އެކަން ކުރިކަން ދައްކަން އޭނަ ބޭނުންވީ. ޝަޔާން އަބަދުވެސް ލޯބިކުރަނީ ބޭރުފުށުގެ ރީތިކަމަށް. އެކަހަލަ އަންހެންކުއްޖަކު ފެނިއްޖެއްޔާ ފުރާނަ ދޭންވެސް އޭނަ ހުންނާނީ ތައްޔާރަށް. ދެރައީ އޭރު އެކަން އަހަރެންނަށް ނުވިސްނުނީމަ. ދެން މިއުދެކެ ފޫހިވާތީ އޭނަ ބޭނުމެއްނުވި މިއު އޭނާގެ އޮފީހުގައި އުޅޭކަށް. އެކަމަކު އޭނަގެ އެކުވެރިއަކު ބުނިބުނުމަށްކުރި ކަމެއްވީމަ ސީދާ މިއު އޮފީހުން ކަނޑައިލާކަށްވެސް އޭނަ ބޭނުމެއްނުވި. ބުނަންމިއުޅެނީ އެރޭ ޕާޓީގަ އަހަރެން އެހުރިހައި ކަމެއްކުރީ ޝަޔާން ބުނެގެންނޭ. އޭނަ ބުނީ އަހަރެންނާއި ރަށްޓެހިވާނީ އޭނަ ބުނާ ކަންތައް ކޮށްދެންޏާއޭ. އެލޯބި ބޭނުންވެފައިހުރިވަރުން އަހަރެން އެހުރިހައިކަމެއްކުރީ.” ރަޝާގެ ވާހަކަ މެދުކެނޑުނީ އޭނާއަށް ރޮވުމުންނެވެ. އިވުނު ވާހަކަތަކުން މިއުޝީން އިނީ ހައިރާންވެ އަންތަރީސްވެފައެވެ. ޝަޔާން ހާދަ ގޯހެވެ. އެވަރަކުން އެހެން ނުހަދައި ޝަޔާން ރީތިކޮށް ބުނިނަމަވެސް މިއުޝީން އެވަޒީފާ ދޫކޮށްލީހެވެ. މިއުޝީނަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.
“މިއު އޮފީހުން ވަކިވިފަހުން ޝަޔާން އަހަރެންނާ ގުޅުނީ. އެކަމަކު އޭރަކު ނޭނގެ ޝަޔާން ދަހިވެތިވީ އަހަރެންގެ މިހަށިގަނޑަށްކަމެއް. ފުރަތަމަ ދުވަސްކޮޅު ވަރަށް ރަނގަޅު. ވަރަށް ލޯބިން އުޅުނީ. އެކަމަކު އެއްރެއަކު އަހަރެން އޭނާގެ ގެއަށް ގެންގޮސްފަ އޭނަަ އަހަރެންނަށް ފާޑެއްގެ އެއްޗެއް ބޯންދިނީ. އެބޮއިފަހުން އަހަރެން ބޮލަށް އެނބުރުން އަރައިފަ ހޭނެތުނީ. އެރޭ.. އެރޭ.. ޝަޔާން. އަހަ.. އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީ. އަދި އަހަރެންގެ ބައިވަރު ފޮޓޯވެސްނެގި. އޭގެ އަނެއްދުވަހު އަހަރެންނަށް އެރޭގަވީ ހުރިހައިކަމެއްވެސް އެނގުނީ. އެދުވަހަށްފަހު އަހަރެން ޝަޔާނަށް ނަފުރަތުކުރަން. އޭނަގެ ކިބައިން ސަލާމަތްވާން ބޭނުންވި. އެކަމަކު އެފޮޓޯތައް ދައްކައި އަހަރެން ބްްލެކްމެއިލް ކޮށްގެން އޭގެފަހުން އޭނަ ބޭނުން ކޮންމެ ރެއަކު އަހަރެންގެ ހަށިގަނޑުން އުފާ ހާސިލްކުރޭ. އަހަރެންގެ އާދޭސްތައް އޭނަގެ ކައިރީ ނުވި އެކައްޗަކަށްވެެސް. ދެކޮޅު ހަދައިފިނަމަ އަހަރެންގެ ގައިގައި ތަޅައި އަނިޔާކުރޭ. މުޅި ހަށިގަނޑުގަ އޭނާގެ އެއަނިޔާވެރިކަމުގެ ލަކުނު. އެންމެފަހުން އެލަކުނުތައް ފޮރުވަން އަހަރެން ބުރުގާއެޅީ. ނަމަވެސް ތެދެއްބުނަންތަ؟ ބުރުގާއެޅިފަހުން ނޭނގޭ ހިތްހަމަޖެހުމެއް ލިބުނު. އެކަމަކަ އެނުލަފާ އަނިޔާވެރިޔާގެ ވަކިތަކުން ސަލާމަތެއްނުވި. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އޭނަ އަހަރެންނާވެގެން އުޅޭވަރު މަދުވާންފެށި. އެެހެން އަންހެންކުއްޖަކު އެދިރިއުޅުމަށް އައީ. އެހިސާބުން އަހަރެންނަށް ބަޔާންކުރަންދަތި ހަމަޖެހުމެއްލިބުނީ އެއަނިޔާވެރިޔާގެ ކިބައިން ސަލާމަތްވީކަމަށް ހީކޮށް. އެހެނަސް އެއީ ކުށްހީއެއްކަން އެނގުނީ މީގެ 6 މަސްކުރިން. އޭނަގެ އުނދަގޫ ނުޖެހި އެހުރިހައި ދުވަސްތައް ގޮއްސަ އެއްރޭ އޭނަ އަހަރެންނަށް ގުޅީ. ފޯން ނުނެގީމަ އަނެއްކާވެސް ބްލެކް މެއިލް ކުރަންފެށީ. އެރޭ އަހަރެން ގެންގޮސްފަ އަހަރެންނަށްދިން ހަދިޔާ އަހަރެންގެ ބަނޑުގަ މިއޮތީ. އަހަރެން ބަނޑުބޮޑުވުމުން އޭނަ އިންކާރުކުރި އެއީ އޭނަގެ ދަރިއެއްކަމަށް. އެކަކުވެސް އަހަރެންގެ ވާހަކައެއް ގަބޫލެއްނުކުރި. ޕޮލިހަށްވެސް އަހަރެން ހުރިހައި ވާހަކައެއް އެންގިން. އެކަމަކު.. އަހަރެންގެ ވާހަކައަށް އެއްވެސް ހެއްކެތް ނުފެނުމުން ޝަޔާން ސަލާމަތްވީ. އަހަރެންނަކަށް ނޭނގެ އެފޮޓޯތައް އޭނަ ފޮރުވަންލީ ތަނެއްވެސް. އަދި އަހަރެންގޮތަށް އޭނަ ބަރުބާދުކޮށްލީ ކިތަށް ކުދިންގެ ހަޔާތްކަމެއްވެސް. ކުރިންދުވަހަކު އޭނަ ހީހީފަ ކޮންމެވެސް މީހަކާ ވާހަކަދެއްކިއަޑު އިވުނީ އަހަރެންނަށް. އެދުވަހު ބުނި އޭނަގެ ދެންއޮތް ޝިކާރައަކީ މިއުއޭ. އެހެންވެ އަހަރެން މިއައީ ކޮންމެގޮތެއްވިއަސް ހެޔޮކަމަށް. އަހަރެން ބޭނުމެއްނޫން އެނގިހުރެ އެހެން މީހެއްގެ ދިރިއުޅުން ހަލާކުވެގެން ދާތަން ބަަލަން ހުންނާކަށް. އައި އެމް ސޮރީ މިއު. ބަޓް އަހަރެން ބޭނުން ޝަޔާންގެ ހަގީގަތް ފަޅައިއަރުވައިލަން. މިއު އަހަރެންނަށް އެހީވާނަންތަ؟” ހުރިހައި ވާހަކައެއް ކިޔައިދީ ނިމުމަށްފަހު ރަޝާ އަހައިލީ ޖެހިލުންވެފައި ހުރެއެވެ. ރަޝާގެ ވާހަކަތަކުން މިއުޝީންވެސް ހިތުގައި ޖެހުނެވެ. އަދި އެފަދަ އަނިޔާވެރިއަކަށް ހައްގު އަދަބު ދޭން އޭނާވެސް ބޭނުންވިއެވެ. ނޫންނަމަ ހަލާކުވެގެންދާނީ ރަޝާ ކަހަލަ ކިތައްކުދިންގެ ދިރިއުޅުންކަމެއްވެސް ނޭނގެއެވެ.
“އަހަރެން ކީއްކޮށްދެންވީ؟” އިރުކޮޅަކު ވިސްނައިލުމަށްފަހު މިއުޝީން އަހައިލިއެވެ. ފުންނޭވާއެއްލަމުން ރަޝާ މިއުޝީންގެ މޫނަށް ބަލައިލިއެވެ.
“އަހަރެން ބުނަންދެން ޝަޔާންއާއެކު ލޯބީގެ އެކްޓް ކުރަންވީ. ޑޯންޓް ވޮރީ. މިއުއަށް އެއްވެސް ގެއްލުމެއްވިޔަކަ އަހަރެން ނުދޭނަން. އިނގޭ ކުރިން ކަންތައްވެފައޮތްގޮތުން މިއު އަށް އަހަރެންނަށް އިތުބާރުކުރަން އުނދަގޫވާނެކަން. އެކަމަކު މިފަހަރު އަހަރެން މިހަދަނީ ދޮގެންނޫން. ﷲ ގެ މަތިވެރި ނަންފުޅު ގަންދީ ހުވާކޮށްފަ ބުނަން. މިއުއާ ޝަޔާންގެ އަމަލުތަކަށް ފާރަލަން ހުންނާނެ މީހެއް. އޭނަ މިއުއަށް ކިރިޔާވެސް ޝަޔާންގެ ފަރާތުން ދެރައެއް ލިބުނަކަ ނުދޭނެ. އެކަހަލަ ކަމެއް ފާހަގަވިއަސް އޭނަ މިއު ސަލާމަތް ކުރާނެ. މިފަހަރު އަހަރެން ހުއްޓައިލާނީ ޝަޔާންއަށް ހައްގު އަދަބު ދީފަ.” ދުރުބަލަހައްޓައިގެން އިނދެ ރަޝާ އޭނާ ބޭނުންވާގޮތް ހާމަކޮށްލިއެވެ. ފުރަތަމަ އެކަމާ ދެކޮޅު ހެދިނަމަވެސް ފަހުން ރަޝާ ދެއްކިވާހަކަތަކުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެކަންކުރަން އުނދަގޫވި ނަމަވެސް މިއުޝީން އެއްބަސްވީ ރަޝާގެ އާދޭހުގެ ސަބަބުންނެވެ. ޝަޔާންފަދަ ޒުވާނުންގެ ސަބަބުން ހަލާކުވެދަނީ ކިތައްކުދިންގެ ދިރިއުޅުންކަމެއްވެސް ނޭނގެއެވެ.
އިރުކޮޅަކު އެގޮތުގައި ވާހަކަ ދައްކަން ތިބުމަށްފަހު ދެމީހުންވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ. މިއުޝީންގެ އެހީ ލިބޭނެކަން އެނގުމުން ރަޝާ ވަރަށް ހިތްހަމަޖެހުނެވެ. ޝަޔާންގެ ކޮންމެ އަނިޔާއެއްގެ ބަދަލު އޭނާ ހިފާނެއެވެ.
** ** **
ގޭގެ ގޯތިތެރޭގައިހުރި ޖޯލިފަތީގައި ހަރީރާ އާއި އައިމިނަ ތިބީ ވާހަކަ ދައްކާށެވެ. ގޭގައި އެކަކުވެސް ނެތުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހަރީރާގެ ހިތަށްވަނީ ލިބިފައެވެ.
“ހަރީރާ ކީއްވެތަ އެމަންޖެއަށް ހަރީރާގެ ހާލު އަންގަން ބޭނުންނުވަނީ؟” އަނގައަށް ބިލެތްކޮޅެއްލަމުން މާޔޫސްވެފައި އިން ހަރީރާއާއި އައިމިނަ ސުވާލުކުރިއެވެ. “އަހަރެން އެކުއްޖާފުޅަށް ޖެއްސި ނިކަމެތި ހާލު އެންމެ ރަނގަޅަށް އެނގޭނީ އައިމިނައަށް. މިއަދު އަހަރެންނަށް އެހީވެސް އެވަނީ އެއްޒަމާނެއްގަ އަހަރެން އެންމެ ނަފުރަތުކުރި ކުއްޖާ. އަހަރެންނަކަށް ނުކެރޭނެ އޭނަގެ ކުރިމައްޗަށް ދާކަށް. އެދަރިއަށް އިތުރު ތަކުލީފެއް ޖައްސާކަށް އަހަރެން ބޭނުމެއްނޫން. ކިތަންމެ ހިތް އެދުނަސް އަހަރެންނަށް ހެޔޮ. މިއުޝީން ކޮންމެ ތަނަކު އުޅުނަސް އުފަލުގައި ހުންނަންޏާ އަހަރެންވެސް ހުންނާނީ އުފަލުން.” ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ހިތްދަތިގޮތަކަށް ހަރީރާ ބުނެލިއެވެ. އެއާއެކު އައިމިނަ ދެފަރާތަށް ބޯހޫރުވައިލިއެވެ.
“އެމަންޖެ ގުޅިޔަސް ހަރީރާ ވާހަކަ ނުދައްކާތީ އޭނަ އަދިވެސް ހީކުރަނީ ހަރީރާ އޭނަދެކެ ރުޅި އަންނަކަމަށް. އެހެންވެ އެކުން އެނބުރި މިކޮޅަށް ނާންނަންވެސް އެހުރީ. އެކަމަކު ކޮންމެ ދުވަހަކު އަހަރެންނަށް ގުޅައިގެން އަހާނެ މަންމަ ކިހިނެއްހޭ؟ އަހަރެން މިޖެހީ ކޮންމެ ދުވަހަކު ދޮގު ހަދަން.” އައިމިނަގެ ވާހަކަތައް އަޑުއަހަން އިންނަމަވެސް ހަރީރާ ވަކި ޖަވާބެއް ނުދެއެވެ.
“ހަރީރާ. ކޮންމެވެސް އެއްޗެކޭ ބުނެބަލަ. އެމަންޖެ ކިހާ ރަނގަޅު. ކޮންމެ މަހަކު ހަރީރާއަށް ފައިސާ ފޮނުވާ. އަނެއްކާާ އެފައިސާކޮޅުވެސް އެލީޒްމެން އަތުލަނީތަ؟” ވަކި ހިސާބަކުން ނިތަށް ރޫއަރުވައިލައިފައި އައިމިނަ އަހައިލިއެވެ. އެއާއެކު ހަރީރާ ދެފަރާތަށް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“އެފައިސާތައް އަހަރެން ރައްކާ ކުރަނީ. އޭގެން އެންމެ ފައިސާ ފޮއްޗެއްގައިވެސް ލީޒްމެން ބީހިލާކަށް އަހަރެންގެ ހިތެއް ނުރުހޭ. އެއީ އަހަރެންގެ މިއުޝީން ދައު އޮހޮރުވައިގެން ހޯދާ ފައިސާ. އެފައިސާކޮޅުވެސް އަހަރެންނަށް ލިބޭކަން އެނގިއްޖެއްޔާ އެމީހުން އެވެސް އަހަރެންގެ އަތުން އަތުލާނެ. އެހެންވެ އަލަމާރީގައި ހުރި ދަޅަކަށްލައި ކޮންމެ މަހަކުވެސް ފޮރުވަނީ. ބޮޑުކަމެއް ޖެހޭދުވަހަކުންވެސް ބޭނުންކުރެވޭނީ އެއިރުން. ނަސީބެއް ލީޒްމެން އެބައު ކޮޓަރިގަނޑަށް ނުވަންނަކަން.” ފުންވިސްނުމަކަށް ގެއްލިފައި އޮވެ ހަރީރާ ބުނެލި ވާހަކަތަކަށް އައިމިނަވެސް އެއްބަސްވިއެވެ.
** ** **
ރަޝާ އެވާހަކަތައް އެހެން މީހެއްގާތުގައި ނުބުނުމަށް ބުނެފައިވާތީ މިއުޝީން އެކަން ނިކްޔަލްއަށްވެސް އަދި އިޒާނާއަށްވެސް ސިއްރުކުރީ ހުރިހައި ވާހަކައެއް ފަހުން ކިޔައިދޭން ވިސްނުމަށްފަހުއެވެ.
ކޮށްފައިވާ ޕްލޭނާ އެއްގޮތަށް މިއުޝީން ދިޔައީ ޝަޔާނާ އެކުގައި ލޯބީގެ އެކްޓް ޖައްސަމުންނެވެ. ކިތަންމެ ފޫހިވި ނަމަވެސް ޝަޔާންގެ ހުރިހައި ކަމެއް ފަޅައިއަރުވައިލަން މިއުޝީންވެސް ބޭނުންވާތީ އެކަން ކުރަނީއެވެ. އެކަމަކާ ޝަޔާން ހުންނަނީ ވަރަށް އުފާވެފައެވެ. މިއީ ޖައްސާ އެކްޓެެއްކަން ނޭނގޭ ހާލުގައި ޝަޔާން ދިޔައީ މިއުޝީންގެ ހަށިގަނޑު ހާސިލްކުރާނެ ރަނގަޅު ރޭވުމެއް ރާވަމުންނެވެ.
ގިނަވަގުތު މިއުޝީން ޝަޔާނާއެކުގައި ހޭދަކުރަމުންދާ މަންޒަރުފެނި ނިކްޔަލްގެ ހިތުގައި ރިއްސަމުންދިޔައެވެ. ނަމަވެސް ބޭރުފުށުން އެކަން ނުދައްކައި ނިކްޔަލްވެސް ހިނިތުންވެފައި ބުނަމުންދިޔައީ މިއުޝީނަށް އޭނާގެ ލޯބި ކާމިޔާބުވުމުން އެކަމާ އުފާކުރާ ކަމަށެވެ. ނިކްޔަލްއަށް ނޭނގުނީ މިއުޝީންގެ ލޯތްބަކީ އޭނާކަމެވެ.
މިއުޝީން ނުދައްކަން އުޅުނުނަމަވެސް އެލޮލުން ނިކްޔަލްއަށްޓަކައި ސާފުލޯބި އާކިލް ދުއްޓެވެ. ވީއިރު ޝަޔާނާ އެކުގައި މިއުޝީން އުޅޭ ސަބަބެއް އާކިލްއަކަށް ނުވިސްނުނެވެ. ކޮންމެގޮތެއްވިއަސް ހެޔޮކަމަށް ނިންމައި އާކިލް އޭނާގެ ޕްލޭނާ އެއްގޮތަށް އަމަލު ކުރަންފެށިއެވެ.
“ސޮރީ ނިކް. ބަޓް އައި ހޭވް ޓް ބްރޭކް ދި ޕްރޮމިސް.” އަތުގައި އޮތް އެއްޗަށް ބަލައިލަމުން އާކިލް ބުނެލިއެވެ. އެކުވެރިއާއަށްކުރި ވައުދު އުވާލަން ޖެހުމުން އާކިލް ދެރަވިއެވެ. ނަމަވެސް އޭނާއަށް މިނޫންގޮތެއް ނެތެވެ. ނިކްޔަލްއަށް ހަގީގަތް އެނގުމުން އޭނާއަށް މައާފު ކުރާނެކަން އާކިލްއަށް އެނގެއެވެ.
** ** **
އަތުގައި އޮތް މާބޮނޑީގައިވާ ކާޑު ކިޔައިލަމުން މިއުޝީން އެކާޑު ގެންގޮސް އަލަމާރީގައިހުރި ކުޑަ ފޮށިގަނޑަކަށް ލިއެވެ. އަދި ދަބަސް ކޮނޑުގައި އަޅުވައިލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. މިހައި ދުވަސްވީ އިރުވެސް އެމާބޮނޑިއަކީ ކާކު ފޮނުވާ އެއްޗެއްކަމެއްވަނީ ނޭނގިފައެވެ. ނަމަވެސް އެހުރިހައި ކާޑެއްގައިވާ އަތުލިއުމުން އެއީ އެކަކު ފޮނުވާ އެއްޗެއްކަން އެނގެއެވެ.
ގެއިން ނުކުތްއިރު ކާރުގައި ޝަޔާން މިއުޝީން ބަލައި އައިސް އިނެވެ. ފޫހިކަން ހިތަށްވެރިވި ނަމަވެސް އެކަން ނުދައްކައި ހިނިތުންވެލަމުން މިއުޝީން ހިނގައިގަތީ ކާރަށް އެރުމަށެވެ.
މިއުޝީނަށް ހިނިތުންވުމެއް ދިނުމަށްފަހު އޭނާގެ ރީތިކަމަށް ޝަޔާން ތައުރީފުކޮށްލުމުން މިއުޝީންގެ ހިތުގައިވި ފޫހިކަން އިތުރުވިއެވެ. އެފަދަ ބަސްތަކުން އެހެން ކުދިންގެ ހިތް އަތުލެވުނު ނަމަވެސް އޭނާގެ ހިތެއް އަތެއް ނުލެވޭނެކަން މިފިރިހެނާއަށް އެނގޭނެނަމައެވެ. އޭރަށް ހާދައި ލަދެއް ގަންނާނެއެވެ. އެހެން ހިތަށް އެރުމާއެކު މަލާމާތުގެ ހިނިތުންވުމެއް މިއުޝީންގެ ތުންފަތްމައްޗަށް ވެރިވިއެވެ.
އެކާރުން ފޭބިއިރު ނިކްޔަލްވެސް އޭނާގެ ކާރުން ފައިބަނީއެވެ. އެތަންފެނި ވަގުތުން މިއުޝީންގެ ހިތުގައި ރިއްސައިލިއެވެ. ހަގީގަތުގައި އޭނާ އޮފީހަށް އަންނަންބޭނުންވަނީ ނިކްޔަލްއާ އެކުގައެވެ. ނަމަވެސް މިދުވަސްކޮޅަށް މިހެން އުޅެން އޭނާއަށް މަޖުބޫރެވެ.
މިއުޝީން ޝަޔާންގެ ކާރުން ފޭބިތަންފެނި ނިކްޔަލްގެ ހިތްވެސް ފޮތިފޮތިވެގެން ދިޔައެވެ. އެހެނަސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ ވަކި އެއްޗެކޭ ނުބުނެ ހިނިތުންވެލަމުން ލައިގެންހުރި ކޯޓްގެ ގޮށް އަޅުވައިލަމުން ނިކްޔަލް އޮފީހަށް ވަންނަން ހިނގައިގަތުމުން މިއުޝީންވެސް ފަސްއެނބުރި ބަލައިލުމެއްނެތި އޮފީހާ ދިމާއަށް ހިނގައިގަތެވެ. އެތަންފެނި ޝަޔާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
** ** **
އަވަދިނެތި އޮފީހުގައި އުޅުނު މިއުޝީން ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހައިލިއަޑު އިވިގެން ބަލައިލައެވެ. އަދި ވަންނާށޭ ބުނަމުން އޭނާގެ މަސައްކަތާާއިވެގެން ކުރިއަށް ދިޔައެވެ. ދޮރުހުޅުވައިލައިފައި ވަތް އާކިލް ފެނުމުން މިއުޝީން ހިނިތުންވެލިއެވެ.
“ހާދަ ބުރަކޮށް.” މިއުޝީންގެ މޭޒު ކުރިމަތީގައިހުރި ގޮނޑީގައި އިނށީދެލަމުން އާކިލް ހިނިތުންވެފައި ބުނެލިއެވެ. “ހޫމް. މިއުޅެނީ އާ ހެދުންކޮޅެއްގެ މޮޑެލް ކުރަހައިލައި.” އެއިންގޮތަށް އިނދެ މިއުޝީންވެސް ހިނިތުންވެލަމުން ބުނެލިއެވެ. “އާކް ކަމަކުތަ ތިއައީ؟” އާކިލްގެ މޫނަށް ބަލައިލަމުން މިއުޝީން އެހެން އަހައިލުމުން ހެވިފައި ދެފަރާތަށް އާކިލް ބޯހޫރުވައިލިއެވެ.
“މިދެންހަމަ މިހާރު ދިމާނުވާތީ ބްރޭކަށް ދަމުން ވަދެލީ. ދެން ދަނިއްޔޭ. މާބުރަ ވަގުތެއްގަ ވިއްޔަ މިއާދެވުނީ ދޯ.” ގޮނޑިން ތެދުވަމުން އާކިލް ބުނެލިގޮތުން މިއުޝީނަށް ހެވުނެވެ. ފަހުން ދިމާވާނަމޭ ބުނެ އާކިލް ކެބިންއިން ނުކުތެވެ.
ހުރިހައި މަސައްކަތެއް ނިންމައިލުމަށްފަހު ގެއަށްދާންވެގެން ދަބަސް ކޮނޑުގައި އަޅުވައިލި ވަގުތު މޭޒުމަތީގައި އޮތް ފޮތެއް މިއުޝީންގެ ލޮލުގައި އަޅައިގަތެވެ. ނިތަށް ރޫއަރުވައިލަމުން މިއުޝީން އެފޮތް ނަގައި ބަލައިލިއެވެ. “މައި ޑްރީމް ގާލް.” ފޮތުގެ ބޭރުގަނޑުގައި ރީތި ފޮންޓަކުން ލިޔެލައިފައި އޮތެވެ. ލާނެތް ހިނިތުންވުމެއް އެތުންފަތްމަތީގައި ދުވެލީ އެއީ އާކިލް ހިފައިގެން އައި ފޮތެއްކަން ހަނދާންވުމުންނެވެ. ހަނދާންނެތި އެތަނުގައި ބާވާފައި ދެވުނީކަމަށް ހީކޮށް މިއުޝީން އެފޮތް އޭނާގެ އަތްދަބަހަށްލީ ފަހުންދޭޭން ނިންމައިގެންނެވެ.
ގެއަށްދާން އޮފީހުން ނުކުތްއިރު ޝަޔާންގެ ކާރު އޮފީސް ދޮރުމަތީގައި އޮތްތަން ފެނުމުން މޫނުމަތި ބަނަވެގެން ދިޔައެވެ. އެވަގުތު އޮފީހުން ނުކުތް ނިކްޔަލް ފެނުމުން އަދި ވަކިންބޮޑަށް އެހިތް މާޔޫސްވާގޮތްވިއެވެ. ނަމަވެސް އަދި ކެތްތެރިވާން ޖެހޭނެކަން އެހިތަށް ވިސްނައިދެމުން ގަދަކަމުން ހިނިތުންވެލައިފައި ގޮސް ޝަޔާންގެ ކާރަށް އެރިއެވެ. ކާރުތެރޭގައި އިން އިރުވެސް މިއުޝީން މާބައިވަރު ވާހަކައެއް ނުދައްކައެވެ. ޝަޔާން ބުނެލާ ވާހަކަތަކަށް ބޯޖަހަލުން ފިޔަވާ އިތުރު ހަރަކާތެއްވެސް ނުކުރެއެވެ. ގެއަށް އާދެވުމުން ވަރަށް ވަރުބަލިކަމަށްބުނެ އަވަސް އަވަހަށްގޮސް ގެއަށްވަނެވެ.
** ** **
ކޮޓަރީގައި އޮތް މިއުޝީން ވިސްނަމުންދިޔައީ ނިކްޔަލްއާ މެދުގައެވެ. އެހިތުގެ ހާލު ނިކްޔަލްއަށް އެނގޭނޭ ނަމައެވެ. އެހިތުން އޭނާއަށް ޖާގައެއް ލިބޭނޭ ނަމައެވެ. ނިކްޔަލް ލޯބިވާ ކުއްޖާ ކިހައި ނަސީބުގަދަ ހެއްޔެވެ؟ އެހިތުން ޖާގައެއް ލިބޭނީ ނަސީބުވެރިއަކަށްނޫން އިތުރު ކާކަށްހެއްޔެވެ؟
ވިސްނުމެއްގައި އޮތްވައި ކުއްލިއަކަށް ެހަނދާނަށް އައީ އާކިލްގެ ފޮތެވެ. ލާނެތް ހިނިތުންވުމަކާއެކު އެފޮތުގައި ލިޔެފައިހުރި އެއްޗެއް ބަލައިލަން މިއުޝީން ބޭނުންވީ ޔަގީނުންވެސް އޭގައިވާ ކޮންމެ ލަފުޒެއްވެސް ޚާއްސަކޮށްފައި އޮންނާނީ އިޒާނާއަށް ކަމަކަށް ހިތައެވެ.
ދަބަހުން ފޮތްނަގައިގެން އައިސް އެނދުގައި ހަމަޖެހިލުމަށްފަހު މިއުޝީން އެފޮތް ހުޅުވައިލިއެވެ. އެވަގުތު ފެނުނު އެއްޗަކުން އެހިތް ތެޅިލިއެވެ. ދެލޯބޮޑުކޮށްލަމުން ގަބޫލުނުކުރެވިފައި މިއުޝީނަށް އެފޮތަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
އޭގައި އެވަނީ މިއުޝީނަށް ފޮނުވާ ގޮތްނޭނގޭ މާބޮނޑިތަކުގައި އޮންނަ ކާޑުގައި ލިޔެފައިވާ އަތު ލިޔުމުވެ. ހަމަ އެއިބާރާތް ތަކެވެ. ދެލޯބޮޑުވެފައިއިން މިއުޝީން ފޮތުގެ އެކި ގަނޑުތައް ބަލައިލިއެވެ. ހަމަ އެއް އަތުލިޔުމެކެވެ.
ދެފަރާތަށް ބޯހޫރައިލަމުން ފޮތް އެނދުގައި ބާވައިފައިގޮސް އަލަމާރީގައިހުރި ފޮށި ނެގިއެވެ. އަދި އޭގައިވާ ހުރިހައި ކާޑުތައް ނަަގައިގެން އައިސް އެނދުގައި އިނށީދެލުމަށްފަހު ކޮންމެ ކާޑެއް ނަގައި ފޮތުގެ އެކި ގަނޑުތައް ބަލަމުންދިޔައެވެ.
ކޮންމެ ކާޑެއްގައިވެސް ވާލިޔުން ހަމަ އެފޮތުގެ އެކި ގަނޑުތަކުގައި ލިޔެފައި ތާރީޚުވެސް ޖަހައިފައި ހުއްޓެވެ. ބުނާނެ އެއްޗެއް ނޭނގި ގަބުއަރައިފައިއިން މިއުޝީންގެ ދެލޯ ފެންކަޅިވިއެވެ.
މިހުރިހައި ދުވަހު އޭނާއަށް އެމާބޮނޑި ެފޮނުވަނީ ހަމަ އާކިލް ހެއްޔެވެ؟ މީކޮންކަންތައްގަނޑެއް ހެއްޔެވެ؟ އާކިލް ލޯބިވަނީ އިޒާނާދެކެ ނޫންހެއްޔެވެ؟ ވީއިރު އޭނާއަށް އެޑްރެސްކޮށްފައި މާބޮނޑި އާއި ލޯބީގެ ކާޑުތައް ފޮނުވަނީ ކީއްވެހެއްޔެވެ؟ ނޫނެކެވެ. އިޒާނާއަށް މިކަން އިނގިއްޖެނަމަ އޭނާ ވަރަށް ދެރަވާނެއެވެ. އިޒާނާ އާކިލްދެކެ ލޯބިވާވަރު މިއުޝީނަށް އޮޅިފައެއް ނެތެވެ. މާދަން އާކިލްއާއި ބައްދަލުކޮށް އެވާހަކަ އޭނާ ދައްކާނީއެވެ. އާކިލް އޭނާގެ އެންމެގާތް އެކުވެރިޔާގެ ދިރިއުޅުމާއި އެގޮތަށް ކުޅުނަކަ ނުދޭނެއެވެ. ފުންވިސްނުމެއްގައި އޮތްވައި މިއުޝީނަށް ނިދުނުއިރެއްވެސް ނޭނގެއެވެ.
** ** **
ޖެހިގެން އައި ދުވަހު މިއުޝީން އޮފީހަށް ދިޔައީ ބްރޭކް ގަޑީގައި އާކިލްއާ ބައްދަލުކުރަން ނިންމައިގެންނެވެ. ގަޑިއަށް ނަޒަރު ހިންގަމުން މިއުޝީން މަސައްކަތާއިވެގެން ކުރިއަށް ދިޔައެވެ.
އެވަގުތު ކުއްލިއަކަށް ކެބިންގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ވަތް އާކިލް ފެނުމުން މިއުޝީންގެ ހިތަށް ފޫހިކަން ވެރިވެގެން ދިޔައެވެ. އާކިލްގެ މޫނުމަތިން ކޮންމެވެސް ކަމަކާއި ކަންބޮޑުވެފައިވާކަން ހާމަވާން ހުއްޓެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އެކަން މޫނުމަތިން ނުދައްކައި މިއުޝީން ހަމަޖެހިލިއެވެ.
“ހާދަ ހާސްވެފަ؟” ގޮނޑީގައި ހަމަޖެހިލަމުން މިއުޝީން އަހައިލިއެވެ. “ހާސްވާނު. މިއުޅެނީ ވަރަށް މުހިއްމު ފޮތެއް ގެއްލިގެންނޭ. އިއްޔަ މިތަނަށް އައިއިރުގެނުވުނު ހަނދާންވަނީ. ދެކުނިންތަ؟” ވަރަށް ހާސްވެފައި މިއުޝީންގެ މޫނަށް ބަލައިލަމުން އާކިލް އަހައިލިއެވެ.
“ނޫން. ނުދެކެން. އެހެން ތަނަކު ކަންނޭނގެ ތިބޭވުނީ. ހަމަ ގައިމުވެސް މިތާ އޮއްވަ އަހަރެން ނުދެކެން.” އިރުކޮޅަކު ވިސްނައިލުމަށްފަހު މިއުޝީން ބުނެލިއެވެ. އެއީ ހަގީގަތުގައިވެސް އާކިލްގެ ފޮތެއްކަން ޔަގީންކުރަން މިއުޝީން ބޭނުންވީ ކުއްްލިއަކަށް އައި ޚިޔާލަކުންނެވެ. ގޮތެއް ބަލައިނުލާ އާކިލް ގާތުގައި އަހަން އޭނާގެ ހިތް އެއްބަސްނުވީ ކީއްވެކަމެއް އޭނައަކަށް ނޭނގެއެވެ.
“އަޅޭ. ދެން ކޮންތަނަކަށްބާ އެލެވުނީ.؟” ވިސްނައިލަމުން އަމިއްލަ އަމިއްލައަށް އާކިލް ބުނެލި އިރުވެސް އެއަޑުގައިވި ނުތަނަވަސްކަން ފާޅުވަމުންދިޔައެވެ.
“ސާބަހޭ. ފޮތެއް ގެއްލިގެން ހާދަވަރެކޭ ތިވަނީ. އެކަހަލަ ފޮތެއް ފަހުން ގަންނާނީ. އެހެން ނޫނަސް އެއީ އާކްގެ އަމިއްލަ ފޮތެއްނު. ދެން ކޮބާ މައްސަލައަކީ؟ އާކް އުޅޭގޮތުން ހީވަނީ އެހެން މީހެއްގެ ފޮތެއްހެން އެއީ.” ފާޑަކަށް ހިނިތުންވެލަމުން މިއުޝީން އެހެން ބުނެލީ އާކިލް ބުނާ އެއްޗެއް ބަލައިލުމަށެވެ.
“ތީތާ މައްސަލައަކީ. އެއީ އަހަރެންގެ ފޮތެއް ނޫނޭ. ނިކްގެ ފޮތެއް. އޭނަ ހަނދާންނެތި އޮފީހުގައި ބާވާފަ ދިޔައީމަ އޭނަ އަތަށްދޭން އަސްލު ހިފައިގެން އައީ. މިހާރު އެފޮތް ބޭވުނު ތަނެއްވެސް ނޭނގެ. ނިކްއަށް އެފޮތް ގެއްލުނުކަން އެނގިއްޖެއްޔާ އަހަރެން މަރާނެ.” ދަތްދޮޅީގައި އަތްކާތައިލަމުން ކަންބޮޑުވެފައި އާކިލް ބުނެލި ޖުމުލަތަކުން ވަޓްއޭ ކިޔައި މިއުޝީނަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައި މިއުޝީން އިންްއިރު އާކިލް ދެންމެ ބުނެލި ކޮންމެ ޖުމުލައެއް އޭނާގެ ކަންފަތްކައިރީގައި ގުގުމަމުން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







Ooh yeah ahu first dhw…up kohlaathw bala bala indha thi up kohly…????
V habbu mi part ves ????
Salaam all.. Alhey v lasvehje dhw.. Sry ingey all.. Dhnme hama free vee.. So check kohfa avahah mi upkohly.. Here is the 18th part.. Hope all likes it.. There myt be mistakes so do let me knw the mistakes.. Enjoy reading.. Nxt part in sha allah saturday ga ingey.. Tmrw i wnt get tym.. Ehnve mi part mihaa dhigukohly ingey.. Hehe.. Have a gud nyt.. N kyp waiting.. Ly all❤?
Masha Allah..???
Hama Fabulous…♥♥♥♥
Fantastic…..????
Adorable..??
Super Duper…✨✨
Emme loabi vaahaka..?
Haadha kiyaa hithun indha eyy thi nimmaalee..??
Eagerly waiting for the next part…??
Avahah up kohdhehcheyy.?
All the best Nau dhoonyy..?
Love you girl…❤❤✨
Mi site ga mivaguthu liyaa enme reethi vaahaka.v habeys
Wow.. ❤️❤️??varah reethi.. Miu ah dheragotheh nahadhacheyy… Nik ah eynage lobi avahah dhee.. Nik ah vess thikanthahgadu egen jeheyy dhw.. Miu aa nik aa gulhuvaafa.. Just a idea??
Just wow nau u are the best ?? haadha lwbeyy mii story.. Alhey miu ahh eguny dhw nik eyna dheke lwbiivaakan ??????❤?
oh my god….
mihaarhanah kiyaali reethi vaahaka thakuge theryin enmy reethi vaahaka alhy haadha reehchy varah furihama dhen hama bunaany ehves ehcheh neh mivaahakai ge parteh an na irakah varah inthizaaru ves kuryvy hama 1 vana ???????????????
mihaathanah ingy
Vvv furihama nau….waiting dear…lov the stry
wow v reethii mi stry .. all part eh kiyaalaafin .vvvv reeethii .. next part up kohladhy …. v kiyaahih vehje … stry vvv lobii ..nik n miu v cute .. i love it ♥♥♥♥
Dhn kihinehbaa dhw vaany. Waiting for the next part
Thank u soooo much everyone.. ?
Wow…. Finally.. Nau Plx next part avahah up kohdhbala… Waiting….. ??
Wow….?????
Nau you are so amazing…..
Luv u….
Waiting…..
Nau haadha ragalhey thee v bas anhaa kujje❤?? Mashs Allah vaahaka v reehi
Alheyy dhn vaane gotheh kiyaa hithun kehvanyky ehvx nun mihaaru….waiting waiting for nxt prt..n stry hama wow ingey..luv it..
V Reethi ?
Waiting for next…..
V nice…
Avahah up koh dhybala….
Waiting….
Love you??
Majaa vaane dhenn???
Vvvv riithi❤
Waiting 4 the nxt part?
Wow varah reethi varah furihama❤❤❤❤❤
mi part ves vvvv nice….
Wooooowww..v.nice dear???
alheyyy… miu ah shock eh dhw libeyny.. hareera aa miushyn aa dhimaavaa gothah hadhaabala… shayaan ah rangalhu landeh dheythi ingey…
nau.. u are on of the best writers i ve seen.. nau ge kuryge story thah ves kiyaalin… v v reethi.. keep it up.. loveeeeeeess <3 😀
Koba next part avas koh ladeebala nunidifa miothee vaahaka kiyaahithun
So nice.? waiting ?
Thanks all.. N tday ge part in sha allah havyru or nyt ga upkuraanan.. Actually iyya bxy kamun adhi nxt part typw nukurevey.. Nimunuhaa avahah up kohlaanan..?
Waiting waiting … Love this story nau