ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ ( 7 ވަނަ ބައި)
ހިތަދޫ ރީޖަނަލް ހޮސްފިޓަލްގެ އަވަސް ފަރުވާދޭ ތަނުން ޝާހިނަށް ފަރުވާދޭން ފެށުނެވެ. ފައިހާގެ ކޮނޑުގަ ބޯ އަޅައިގެން ޝައުފާ ހުރި އިރު ހިޝާންވީ އެންމެންނާއި ވަކިން ދުރުގަ އެވެ. “އަހަރެން ހީއެއް ނުކުރަން ދުވަހެއްގަވެސް އަހަރެންގެ ކޮއްކޮގެ ލޭ އަހަރެންގެ އަތުގަ ހޭކެން ޖެހިދާނެ ކަމަށް.” ޝާނިމް އައިސް އޭނަ ކައިރީ މަޑުކޮށްލުމުން ހިޝާން ކުރަކި އަޑަކުން މިހެން ބުނެލީ ޝާހިންގެ ލެ ހޭކިފަވާ އޭނަގެ އަތަށް ބަލަހައްޓައިގެން ހުރެއެވެ. އޭނަގެ ކޯތާފަތުގަވެސް ލޭހުރި އިރު އޭނަ ލައިގެން ހުރި މަޑު ނޫކުލައިގެ ގަމީހުގަވެސް ހުރީ ލޭހެކިފައެވެ. “ތިއީ އެކަކުވެސް އެދޭނެ ކަމެއް ނޫން.” ޝާނިމް ބުނެލިއެވެ. “އެކަމަކު ޝާހިން. އަހަންނަށް ނޭނގޭ ކިޔަންވީ އެއްޗެެއްވެސް.” ހިޝާނަށް ބުނެލެވުނެވެ. “ހިޝާން ބުނިހެން ޝާހިންގެ ބޮލުގަ ޓިއުމަރެއް ހުރެދާނެ. އެކަމަކު ޝާހިނަށް މިއަދު ތިހެން ތިވީ އަހަރެންގެ ސަބަބުން. އަހަރެން ހާމަކުރި ތެދެެއްގެ ސަބަބުން.” ޝާނިމް މިހެން ބުނެލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އޭނަ ހާމަކޮށްލި ތެދުން މިވަރު ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އޭނަ ހީއެއްނުކުރެއެވެ. “ކޮން ތެދެއް؟” ހިޝާނަށް އަހާލެވުނެވެ. “ހިޝާން. ބައްޕަ ޝާހިނަށް ދަރިއެއްގެ މަޤާމު ނުދިނީ ޝާހިނަކީ ބައްޕަގެ ދަރިއަކަށް ނުވާތީ.” ޝާނިމް މިހެން ބުނުމުން ހިޝާނަށް އެކީ އެއްޗެއް މުޅިން ސާފުނުވިއެވެ. “ދެން އެ ކާކުގެ ދަރިއެއް؟” ހިޝާނަށް އަހާލެވުނެވެ. “ދަރިފުޅުވެސް ހަނދާން ހުންނާނެ ކަން ނެނގޭ ހުޒާމް އޭ ކިޔާ މަންމަގެ އެކުވެރިޔެއްގެ މަތިން. އެއީ އޭނަގެ ދަރިއެއް.” ޝާނިމް މިހެން ބުނުމުން ހިޝާންގެ ދެލޯ ބޮޑުވިއެވެ. “ބުނަން ތި އުޅެނީ އަހަރެންގެ ކޮއްކޮއަކީ މަންމަ ނަހަލާލަށް ވިހެއި ދަރިއެކޭތަ؟” ހިޝާން ޤަބޫލުކުރަން ދަތިވެފަ އަހާލިއެވެ. “އާނ.” ޝާނިމް މިހެން ބުނުމުން ހިޝާން އޭނަގެ މޫނުގަ ދެއަތް އަޅަމުން މޫނު ފޮރުވާލިއެވެ. “ކީއްވެ؟ މަންމަ އާއި ބައްޕަ އާއި ދެމެދު ލޮތްބެއް ނެތީތަ މަންމަ އެހެން ކަންތަށް ކުރީ؟” ހިޝާނަށް އަހާލެވުނެވެ. “ފައިހާ ދެކެ ލޯބިވާތީ އެއް ނޫން އަދިވެސް މިހުރީ.” ޝާނިމް ބުނެލިއެވެ. “އެކަމަކު އެކަމުގަ ޝާހިންގެ ކުށެއް ނެތް އިރު ބައްޕަ ކީއްވެ ޝާހިން ދުރުކުރީ؟” ހިޝާނަށް އަހާލެވުނެވެ. “އެއީ އަހަރެންގެ ހަޔާތުގައި އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށް.” ޝާނިމް އިސްޖަހާލަމުން ބުނެލިއެވެ. އަވަސް ފަރުވާދޭ ތަނުން ނަރުހެއް ނިކުތީ އެވަޤުތުއެވެ. އެދެފިރިހެނުން އަވަސް އަވަހަށް ތެދުވުނެވެ. “ޕޭޝްންޓްގެ ހާލު ދަށް. މިހާރު އަހަރެމެން މި ދަނީ ޕޭޝަންޓް ޓާރޝަރީ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން. އެހެންވީމަ އާއިލާގެ ފަރާތުން އެކަކު އެތަނަށް ގޮސް ހުރިހާ ކަމެއް ހަމަޖެއްސުމަށް އެދެން. ޑރ. ޒަހްޔާނަށް ގުޅުމުން ވިދާޅުވީ ހާލަތަށް ބަލާފަ އޮޕަރޭޝަންވެސް ކުރަން ޖެހިދާނެ. ހުރިހާ ކަމަކަށް ތައްޔާރުވުން އެދެން.” ނަރުސް ކުއްޖާ މިވާހަކަތަށް ދެއްކުމަށްފަހު އަވަސްވެގަތީ އޭނަ ކުރަން ޖެހޭ ކަންތަށް ކުރަން ދިޔުމަށެވެ. “އަހަންނާއި ޝައު ހޮސްޕިޓަލަށް ދާނަން. ހިޝާންވެސް ގެޔަށް ގޮސް ޗޭންޖް ވެގެން އާދޭ. މަންމަ އާއި ބައްޕަ މިތާ މަޑުކޮށްލާ.” ޔާޝްމީ ކަންތަށް ކުރަންވީ ގޮތް ބުނެދިނުމުން އެންމެންވެސް އެއްބަސްވެލިއެވެ.
އޭގެ އިރުކޮޅަކުން ޝާހިން އަނެއް ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. އޭރު ރޭޝްމާ އާއި ފަޒީލްވެސް ޔާޝްމީމެންނާއި އެކު އެތާ ތިިބިއެވެ. ޝާހިންގެ ޙަބަރު ޒަހްޔާނަށް ލިބުނު ވަޤުތު އެމީހުން ވެސް ތިބިމުން އެމީހުންނަށްވެސް ވަނީ އެޚަބަރު ލިބިފައެވެ. އެހެނަސް ޝާހިނަށް ވީ އެއްޗެއް ނޭނގޭއިރު ރޭޝްމާ ކަރުނަ އަޅަމުން ދިޔައީ މިއީ އޭނަ ޖެހި އިންޖެކްޝަންގެ ސަބަބުން ވީ ކަމެއް ކަމަށް ނިންމާފައެވެ. ޝާހިން އެތަނަށް ބަދަލު ކުރުމާއި އެކު ހަތަރު ޑޮކްޓަރުން ހިމެނޭ ޓީމެއް އޭނަ ބަލަން ވަނެވެ. މާ ގިނަ އިރުތަކެއް ނުވެ ހިޝާންވެސް އެތަނަށް އައީ އޮޕެރޭޝަނަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްފަހުއެވެ. އެމީހުންގެ ކާފައަކީ ނަންމަޝްހޫރު ވިޔަފާރިވެރިއެއް ކަމުން އެކަމަށް ލާރި ހަމަޖެއްސުން މާ ބޮޑު ކަމަކަށް ނުވިއެވެ. ޑޮކްޓަރުންގެ ޓީމު ޝާހިން ބެލުމަށްފަހު ނިކުތީގެ އޭގެ އިރުކޮޅެއްފަހުންނެވެ. “ޝާހިން ފެނުނުއިރު އޮތްގޮތް ބުނެދީބަލަ.” އަހާން މިހެން އެހުމުން އެންމެންގެ ނަޒަރު ދިޔައީ ހިޝާނަށެވެ. “މީހާ އޮތީ އެނދުމައްޗަށް ދެމިފަ. ނޭފަތުން ލޭ ފައިބަމުން ދިޔައިރު އަނގައިން ހުރީ ފޮނު އައިސް އައިސް.” ހިޝާން މިހެން ބުނުމުން ރޭޝްމާ އާއި ފަޒީލް އެކަކު އަނެކަކަށް ބަލާލިއެވެ. “އަހާން. ހިޝާންބެ މެންނަށް ޝާހިން ފެނުމުގެ ކުރިން ރޭޝް ޝާހިން ސެޑޭޓް އެބަކުރިން.” ރޭޝްމާ މިހެން ބުނުމުން އެންމެންވެސް ހައިރާން ކަމާއި އެކު ރޭޝްމާ އަށް ބަލާލިއެވެ. “ކީއްވެ؟” އަހާނަށް އަހާލެވުނެވެ. ރޭޝްމާ އޭނަ ޝާހިން ގަޔަށް އެ އިންޖެކްޝަން ޖަހާ ނިންދަވަން ޖެހުނު ސަބަބު ޒަހްޔާނަށްވެސް އެނގޭނެހެން އިނގިރޭސިން ބުނެދިނެވެ. “ރޭޝްގެ ވާހަކަތަކަށް ބަލާފަ ހީވަނީ އޭނައަށް އެވަނީ ބޮޑު ޝޮކެއް ލިބިފަހެން. އެހެންވީމަ، އަސްލު ރޭޝް ކަންތަށް ކުރި ގޮތް ރަނގަޅު. އެނޫން ނަމަ އެކަމާއި މެދު ވިސްނާ ސިކުނޑިއަށް އަރާމެއް ނުލިބި އޭނަ މޮޔަވެސް ވެދާނެ.” އިރުކޮޅެއް ވަންދެން އެކަމާއި މެދު މަޝްވަރާ ކުރަން ތިބެފަ އެންމެފަހުން އަހާން މިހެން ބުނުމުން ރޭޝްމާ އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. “އާނ. ދެން އެ ޓިއުމަރެއް ހުރީ ސެކެންޑް ސްޓޭޖްގަ. ޑރ. ޒަހްޔާން ބޭނުންވަނީ ޝާހިން ސްޓޭބަލްވުމާއި އެކު އޮޕެރޭޝަން ކުރަން. އެހެންވީމަ ދެތިން ދުވަސްފަހުން އޮޕަރޭޝަން ކުރެވޭނެ ކަމަށް ބަލަމާ. މާދަމާ ހެނދުނު ޕްރައިވެޓް ރޫމަކަށް ބަދަލު ކުރުމަށްފަހު އޭނަ އާއި ބައްދަލުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ.” އަހާން ބުނެދިނެވެ. “ހިތްވަރުކުރާތި.” ހިޝާންގެ ކޮނޑުމަތީ އަތް ބާއްވަމުން އަހާން ބުނެލިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ވަޤުތެވެ. ވަކިން ކޮޓަރިއަކަށް ބަދަލުކޮށް ގަޑިއިރެއްވީ ފަހުން ޝާހިނަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ހުޅުވާލެވުނެވެ. ޔާޝްމީ އާއި ޝައުފާ އެވަޤުތު ނެތުމުން އެތަނަށްވަނީ ފައިހާ އާއި ޝާނިމްގެ އިތުރަށް ހިޝާނެވެ. “ބޭބޭ.” ހިޝާން ފެނުމާއި އެކު ޝާހިނަށް ގޮވާލެވުނެވެ. ހިޝާން ހިނިތުންވެލަމުން އައިސް ޝާހިންގެ އަތުގައި ހިފާލިއެވެ. “ބޭބެ އަށް އެނގޭތަ އެކަކީވެސް ފުރިހަމަ މީހެއް ނޫން. އެކަމަކު އެމީހަކަށް މިންވަރުކުރެވިފަ ވާނީ އެމީހަކަށް އެންމެ ފުރިހަމަ، އެންމެ ރަނގަޅު މީހުން.” ޝާހިން މިހެން ބުނުމުން ހިޝާން ހިނިތުންވެލިއެވެ. “ތި ވާހަކަ ތިދާ މަގު ބޭބެއަށް އެނގިއްޖެ. ބޭބެ ތިކަމާއި މެދު ވިސްނާނަން.” ހިޝާން ބުނެލިއެވެ. “މަންމާ.” ފައިހާއަށް ގޮވަމުން ޝާހިން ލޮލުގެ އިޝާރާތުން އޭނަ ކައިރިއަށް އައުމަށް އެދުނެވެ. “މަންމާ. ނުރޯ.” ފައިހާގެ އަތުގަ ހިފާލަމުން ޝާހިން ބުނެލިއެވެ. “ކީއްވެ މަންމަ ނުރޯންވީ؟” ފައިހާއަށް ކުރަކި އަޑަކުން އަހާލެވުނެވެ. “ތެދެއް ތިއީ. މަންމަ ނުރޯންވީ އެއްވެސް ސަބަބެއް ނެތް. މަންމަ ކުރި ކުށުގެ ސަޒާ ކަން ނޭނގޭ އަހަންނަށް މި ލިބެނީވެސް.” އަނެއްކޮޅަށް މޫނު އަނބުރަމުން ޝާހިން ބުނެލި ޖުމްލައިން ފައިހާ ސިހުނެވެ. އޭނަ ހައިރާންކަމާއި އެކު އެ ކީ އެއްޗެއް އޭނައަށް ސާފުނުވާ ކަމަށް ބުނެލިއެވެ. “އަހަންނަށް ހުރިހާ އެއްޗެއް އެނގިއްޖެ. ޝާނިމްބެ އަހަންނަށް ނަފްރަތު ކުރާ ސަބަބާއި ދެވަނަ ކައިވެންޏެއް ކުރި ސަބަބުވެސް އެނގިއްޖެ.” ޝާހިން މިހެން ބުނެލި އިރު އެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ފައިހާ ޝާނިމަށް ބަލާލީ އެ ވަހަކަތަށް ޝާހިން ގާތު ދައްކާނީ އޭނަކަން ޔަޤީން ވާތީއެވެ.
“މަންމަ އަށް އެނގޭތަ އަހަރެން ބައްޕައަކަށް އެދި ރޯ ރުއިން. ބައްޕައިންގެ ދުވަހުގަ އެހެން ކުދިން ބައްޕަ އާއި އެކު ޕާކަށާއި ތަންތަނަށް ގޮސް އުޅޭތަން ފެނުމުން އަހަރެންވެސް ދެރަވި. ދޮންތަވެސް އެހެން ހުރެފަ ދާނެ ބައްޕަ އާއި އެކު ބާޒާރު ކުރަން. އެކަމަކު އަހަންނަށް އެ ބައްޕަ ފެންނަ ވަރެއްވެސް ނުވި. ދެން އެންމެ ގާތުން ބަލާނަމަ ފަޒީލް. އޭނަގެ ބޮޑުބޭބެ ކޮންމެ ބައްޕައިންގެ ދުވަހެއް ހުސްކޮށްލަނީ އޭނައަށް. ދެން ހުރީ ރޭޝް. އަމިއްލަ ދަރިއަށް ނުވިޔަސް ހާސިންބެ ކޮންމެ ހުކުރު ދުވަހެއްް ހުސްކޮށްލަނީ އޭނަ އަށް. އެމީހުންގެ ބަހުންނަމަ ފާދާރ ޑޯޓާރ ޑެއި. ދެން ހުރީ އީލަން. އެއީ އޭނަގެ ބައްޕަގެ ރަންދަރި. އެނގޭތަ އެ ގުޅުންތަށް ފެނިފަ އަހަރެންގެ ހިތަށް އަސަރުކުރާވަރު؟ އެކަހަލަ ބައްޕައެއް އަހަންނަށް ދެއްވުމަށް އެދި އަހަރެން ދުޢާ ނުކުރާ ދުވަހެއް ނާދޭ. މުޅި 16 އަހަރު އަހަރެން ހުސް މިކޮށްލީ އެންމެ ދުޢާއެއް ކުރުމުގައި. އެއީ އަހަރެންގެ ބައްޕަ އަހަރެންނަށް ނަފްރަތުކުރާ ސަބަބު އެނގި ބައްޕަގެ ލޯބި އަލުން ލިބުމަށް. މިއަދު ބައްޕަ އަހަންނަށް ނަފްރަތުކުރާ ސަބަބު އަހަންނަށް އެނގިއްޖެ. އެހެންކަމުން އަލުން އެ ލޯބި ލިބުމަށް އަހަރެން ނޭދެން. އެއީ އަހަރެން އެދުނީ ޝާނިމްބެ ލޯތްބަށް ކަމުން. އެކަމަކު އެއީ އަހަރެންގެ ބައްޕަ ނޫންކަމުން އަހަރެން އެ ލޯތްބެއް ބޭނުމެއް ނޫން. އަދި ވަކި އަހަރެންގެ އަސްލު ބައްޕަގެ ލޯބިވެސް އަހަރެން ބޭނުމެއް ނޫން. އެފަދަ ބޮޑު ފާފައަކުން އަހަރެން އުފަން ކުރަން މަންމަ އާއި އަދި އަހަރެންގެ ބައްޕައަށް ކެރުނީތީ އަހަރެން ލަދުވެސް ގަނޭ. އަހަރެންގެ އަމިއްލަ ނަފްސާއި މެދު ވެސް މިހާރު އަހަރެން ލަދުގަނޭ.” އެ އެންމެންގެ މޫނަށް ބަލަމުން ޝާހިން އަސަރާއި އެކު ވާހަކަ ދެއްކިއެވެ.
“ޝާހިން. މަންމަ އަށް އެނގޭ މަންމަ ކުރީ ކުށެއް ކަން. އެކަމަކު އެއަށް މާފު ލިބުމެއް ވެސް ނެތީތަ؟ ނޫނަސް އެ ބޮޑު ފާފައަށްފަހު ދަރިފުޅު މަރާލުމުގެ ފާފަ ކުރަން ނުކެރުނީ.” ފައިހާ އަށް ރޮވިފައި ބުނެލެވުނެވެ. “މަންމަ އަށް ހީވޭތަ މަންމަގެ ކުށަށް މާފު ހައްޤުހެން؟ އަހަރެންގެ ހިތުގައި ވީ ޒަހަމް ތަކުގައި ތި ހިތި ހަޤީޤަތުން ލޮނު މިރުސް ލުމަށްފަހުވެސް މަންމަ ތި ދައްކަނީ މާފުގެ ވަހަކަތަ؟” ޝާހިން އަހާލިއެވެ. “އާނ. މަންމަގެ ކުށަށް މަންމަ ތަޢުބާ ވިން. އަދި މަންމަ އަށް ޔަޤީން މަންމަގެ ކުށުގެ ސަޒާ ދަރިފުޅަށް ނުލިބޭނެކަން. އެއީ މަންމަ ކޮންމެ ނަމާދެއްގަ އެކަމަށް އެދޭތީ.” ފައިހާ މިހެން ބުނުމުން ޝާހިން ހީލިއެވެ. “އަހަރެންގެ ބައްޕަ އަކީ ކާކު؟” ޝާހިން މިހެން އެހުމުން ފައިހާގެ މޫނުމަތިން ނަފްރަތުގެ ކުލަވަރު ފެނުނެވެ. “އޭނަގެ ވާހަކަ އަހަރެން ގާތުން ނާހާ.” ފައިހާ އެދުނެވެ. “ކީއްވެ ނާހަން ވީ؟ އެއީ އަހަރެންގެ ބައްޕަ އޭ.” ޝާހިނަށް ބުނެލެވުނެވެ. “ނޫން. އެއީ ޝާހިނާއި ބެހޭ މީހެއްވެސް ނޫން. އަދި މަންމަ ގާތު ދެވަނަަ ފަހަރަށް އޭނަގެ ވާހަކަ ދައްކައިގެން ނުވާނެ.” އެ ވަޤުތު އެތަނަށް އައިސް ވަން ޝައުފާ އަށް އެ އަޑު އިވުމުން ބުނެލެވުނެވެ. “އެ ކީއްވެ؟” ހިޝާން އަހާލިއެވެ. “އެއީ ޝާހިންގެ ބައްޕަ އަކީ ތި މީހުން ތި ހީކުރާ ހުޒާމް އަށް ނުވާތީ. އެއީ ކާކު ކަން އެނގިއްޖެ ނަމަ ތި އެންމެން ވެސް ލަދުގަންނާނެ.” ޝައުފާ ނުރުހިފަ މިހެން ބުނަމުން ފައިހާގެ ކޮނޑުމަތީ އަތް ބޭއްވީ އޭނަ އަބަދުމެ ފައިހާ އާއި އެކު ވާނަން ކަމަށް ބުނާފަދަ ގޮތަކަށެވެ. “އެހެންތަ؟ ކީއްވެ އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން ގާތު އެއީ ހުޒާމެއް ނޫނޭ ނުބުނީ؟” ޝާނިމް އަހާލިއެވެ. “ޤަބޫލު ކުރާނަންތަ؟” ފައިހާ ރޮވިފަ އަހާލިއެވެ. “ފަހަރުގަ އެ ދުވަހު ޤަބޫލު ކޮށްފާނަން. އެކަމަކު މިއަދު ޔަޤީނުންވެސް ނުކުރާނަން. ވާހަކައެއް ހަދާލުމަށް 16 އަހަރު މަދެއް ނުވާނެ.” ޝާނިމް ބުނެލިއެވެ. “އަހަންނަށް އަހަރެންގެ ބައްޕަ އަކީ ކާކުކަން ބުނެދީ. މިހާރު ގަތް ލަދަށް ވުރެން ބޮޑު ލަދެއް ނުގަަންނާނެ.” ޝާހިން ނުރުހިފަ ބުނެލިއެވެ. “ޝާހިން ތި ހަޤީޤަތް އަމިއްލަ އަށް ހޯދާ. އަހަރެންގެ އެހީއަށް ނޭދޭ.” ފައިހާ ނުރުހިފަ މިހެން ބުނުމަށްފަހު ޝައުފާ ގޮވައިގެން އެ ތަނުން ނިކުންނަން ދިޔައެވެ. “އާނ އަދި އެއް ވާހަކަ. ތި ހަޤީޤަތް ހޯދުމަށްފަހު އަހަންނަށް މަންމަ ކިޔަން ނޫޅޭތި.” ދޮރުން ނިކުންނަން އުޅެފަ ފަސް އެނބުރެމުން ފައިހާ ބުނެލި އެއްޗަކުން އެ ތިން ފިރިހެނުންވެސް ސިހުނެވެ.
“އެވެސް ދެން މައިން.” ފައިހާ ނިކުތް ތަން ބަލަން އޮވެފަ ޝާހިން މިހެން ބުނުމުން ހިޝާނާއި ޝާނިމް އޭނައަށް ބަލާލިއެވެ. “ކިހިނެތްވީ؟” ޝާހިން އަހާލިއެވެ. “ތިވެސް ދެން ދަރިން.” ޝާނިމް ދެކޮޅަށް ބޯ ހޫރަމުން ބުނެލިއެވެ. “އާނ. ތި ވެސް ދެން ބައްޕަ އިން.” ހިޝާން ނުރުހިފަ ބުނެލިއެވެ. “މިހާރު އަހަރެން ކީއްކުރީ؟” ޝާނިމަށް އަހާލެވުނެވެ. “މަންމަ ކުރި ކުށެއްގެ ސަބަބުން އަހަރެން ތި ލޯތްބާއި ދުރުކުރީ ކީއްވެ؟” ހިޝާން އަހާލިއެވެ. “ބޭބެ އަމިއްލަ އަށް ދުރުވީ.” ޝާހިން ރަނގަޅު ކޮށްދިނެވެ. “އާނ. އެކަމަކު ޝާހިނަށް ޝާހިންގެ ހައްޤު ދިން ނަމަ މިހެން ނުވީސް.” ހިޝާން ބުނެލިއެވެ. “ޝާނިމްބެ އަހަންނަށް ދޭނީ ކޮން ހައްޤެއް؟” ޝާހިން އަހާލިއެވެ. “ހޮސްޕިޓަލް އެނދުމަތީ އޮތަސް ތި ދޫ މައިތިރި ނުވޭ ދޯ؟” ހިޝާނަށް ނުރުހިފަ ބުނެލެވުނެވެ. “މީނަ އާއި ފާރިޝާއި ވަކި ތަފާތެއް ނެތް.” ޝާނިމަށް ހިނިތުންވެލަމުން ބުނެލެވުނެވެ. “އޯ. އެހެން ބުނީމަ ހަނދާން މިވީ. ފާރިޝާއި ޝެއިނާ އެބަ ބުނި މެންދުރު އަންނާނަމޭ. ބޮޑުދައިތައަށް އާދެވޭނީ މިރޭހާ ހިސާބު.” ހިޝާން ހަނދާން ވެގެން ބުނެލިއެވެ. “ޖިންނި ބެލުމަށްފަހު އެންމެފަހުން ފާރިޝްބެ ނޯމަލް ވާން ފަށައިފި ދޯ؟” ހަނދާން ތަކެއް އާ ކޮށްލަމުން ޝާހިން އަހާލިއެވެ. ހިޝާން ހީލިއެވެ.
“މަޑުކޮށްބަލަ. އަހަރެން މި އޮތީ ކޮންތާކު؟” މުޅި ތަނަށް ނަޒަރު ހިންގަމުން ޝާހިން އަހާލިއެވެ. “ހޮސްޕިޓަލްގައެއް ނޫން.” ޝާނިމް ބުނެލިއެވެ. “އަހަންނަށްވެސް އެކަން އެނގޭ. އެކަމަކު މިއީ ޓަރޝަރީ ތަން ތަ؟” ޝާހިނަށް އަހާލެވުނެވެ. “އާނ. މާދަން ނޫން އަނެއް ދުވަހު ޓިއުމާރ އޮޮޕަރޭޝަން ކުރެވޭނެ.” ހިޝާން ބުނެދިނެވެ. “މިހާރު އެންމެންނަށްވެސް އެނގުނީތަ؟” ޝާހިން އަހާލިއެވެ. “އެނގެން ޖެހޭ އެންމެންނަށް އެނގޭ.” ހިޝާން ބުނެލިއެވެ. “ފަޒީލް؟” ޝާހިން އަހާލިއެވެ. “އާނ. އެދެމީހުންނަށްވެސް.” ހިޝާން ބުނެލިއެވެ. “އޭ ދެން ރެސްޓް ކުރޭ. އަހަރެމެން ބޭރުގަ މަޑުކޮށްލާނަން.” ޝާނިމް މިހެން ބުނުމަށްފަހު ހިޝާން ގޮވައިގެން ދިޔައެވެ. އިރުކޮޅެއްވަންދެން ސީލިންގަށް ބަލަހައްޓައިގެން އޮވެފަ ޝާހިން ދެލޯ މަރާލިއެވެ.
ހަވީރު ވަޤުތެވެ. ރޭގަނޑު އަލުން އޮޕަރޭޝާނަށް އެޑްމިޓް ވުމަށް އައުމަށް އެދެމުން ޝާހިން ދޫކުރެވުނެވެ. ދުވަސް ނިމިގެން ދާއިރުވެސް ރޭޝްމާ މެންގެ ޚަބަރެއް ނުވުމުން ޝާހިން ކިތަންެމެ ދެރަވިޔަސް އެއިން މީހަކަށް ގުޅަން އޭނައަށް ނުކެރުނެވެ. ހިޝާން އާއި ޔާޝްމީ ގޭގަ ނެތް ވަޤުތެއް ބަލާފަ ޝާހިން ކޮޓަރިން ނިކުތެވެ. ސައިކަލަށް އަރަމުން މިސްރާބެއް ނެތި ޝާހިން ދުއްވާލިއެއް ކަމަކު އެންމެފަހުން ޖެހުނީ ޕިކްނިކް ސަރަހައްދަށް މަޑުކޮށްލާށެވެ. ސައިކަލުގެ ތެޔޮ ހުސްވާން ކައިރިވުމުންނެވެ. އެ ތަނަށް ފޭބުމަށްފަހު ޝާހިން ގޮސް ރުކެއް ދަށުގައި އިށީނެވެ. އޭރުވެސް ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ.
ފާޅުވީ ބޮޑު ސިއްރުން ދޫ ބަންދު ވިޔަސް އަދި އޭނަގެ އަސްލު ބައްޕައަކީ ކާކު ކަން އެނގޭ ދުވަހުން ހާލަތު މިއަށްވުރެން ގޯސް ވާނެ ކަން ޝާހިނަށް އެނގެއެވެ. ވޭތުވެގެން ދިޔަ ތިން މަސް ދުވަހާއި މެދު ވިސްނާ އެ މާޒީ އަށް އެތަށް ފަހަރަކު ޝާހިނަށް ޒިޔާރަތް ކުރެވުނެވެ. ވާރޭ ބޯ ކޮށްލި ކަންވެސް އޭނައަށް ނޭނގުނީ އެހެންވެއެވެ. ޝާނިމް އައުމާއި އެކު އެ ހަޔާތްތަކަށް ވަނީ ބަދަލުތަށް އައިސްފަ އެވެ. ޝައުފާ އާއި ފައިހާ ޝާހިނާއި ދުރުވަމުން ގޮސް މިހާރު އެމީހުން ވީ މާ ދުރުގައެވެ. ހެނދުނުގެ ބައްދަލުވުމަށްފަހު ޝާހިންގެ މޫނު ދެކިލުމަށްވެސް އެމީހުން އިންކާރު ކުރާ ކަހަލައެވެ. ޝާހިނަށް އެހީވުމުގައި ހިޝާންގެ ދެމެފިރިން އަވަދިނެތި އުޅޭ އިރު ޝާނިމް ދަނީ ޝާހިންގެ ހިތް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.
މާޒީގެ ތިން މަސް ދުވަހުން ޝާހިނަށް ނިކުމެވުނީ ފަޒީލްގެ އަޑަށެވެ. އޭރު އޭނަގެ ދެފަރާތުގަ އިށީނދެލައިގެން ފަޒީލާއި ޔާލް ތިބިއެވެ. މީގެ 7 އަހަރު ކުރިން ކިރެލް ސުކޫލާއި ގުޅުނު ޔާލް އަކީ ޝާހިންމެންގެ އުމުރުގެ ކުއްޖެއްކެވެ. އެހެނަސް އޭނަ ކިޔަވަމުން ދިޔައީ ޝާހިންމެންނަށް ވުރެން ދެ ގްރޭޑް މަތިންނެވެ. މީގެ ދެއަހަރުކުރިން 10 ނިންމުމަށްފަހު އަހަރުފަހު ކޮޅު އަނެއްކާވެސް އޭނަވަނީ އަމިއްލަ ޤައުމުކަމަށްވާ ޖަރުމަނީ އަށް ފުރާފައެވެ. ޔާލް އަކީ ސީދާ ކާކު ކަން ނޭނގުނަސް އޭނަ ކިޔަވަން މި ކޮޅަށް ބަދަލުވީ ކިރެލް އާއިލާ އާއި އޭނަ އާއި ދެމެދު އޮތް ގުޅުމަކުން ކަން ގިނަ ބަޔަކު ދަނެއެވެ. އެ ނޫފެހި ދެލޮލުން އަބަދުމެ ހިތްހެޔޮކަން ފެނުނަސް އޭނަ އާއި ރޭޝްމާ އަކީ ފެށުނީއްސުރެން ދެ ހަތުރުންނެވެ. “ކޮން އިރަކު ޔު އައީ؟” ޝާހިނަށް އަހާލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

I love this story…next part kon irakuntha…..varah inthizaruga mihuree…
Me first tha….
thankyew. this is my first and i will try to upload it in thursday
Salhi
V Reethi ???