“އަޝްފާން..” ޔުމްނާ އެ ނަން ބުނުމާއެކު އަރޫޝާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ.
“ކޮން ރަށެއް އެއީ؟” އަރޫޝާ ފާޑަކަށް އަހާލިއެވެ.
“އިނގުރައިދޫ..” ޔުމްނާ އެހެން ބުނުމާއެކު އަރޫޝާއަށް ތެޅިގަނެވުނެވެ. ޔުމްނާ ލޯބިވާ މީހަކީ ހަމަ އެ އަޝްފާން ހެއްޔެވެ؟ އޭނާގެ ބޮޑުދައިތަގެ ދަރިފުޅު ހެއްޔެވެ؟
“އެ.. އެހެންތަ؟ މީތަ އޭނަ އަކީ؟” އަޝްފާންގެ ޕްރޮފައިލް ހުޅުވައި، އަޝްފާންގެ ފޮޓޯއެއް ދައްކާލަމުން އަރޫޝާ އަހާލިއެވެ. ޔުމްނާ އިރުކޮޅެއް ވަންދެން އެ ފޮޓޯއަށް ބަލަން އިނެވެ. އެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތައް ދެނެގަންނަން އަރޫޝާއަށް އުނދަގޫވިއެވެ.
“އާނ.. ތީ.. އަރޫ ދަންނަންތަ އޭނަ؟” ޔުމްނާ މަޑުމަޑުން އަހާލިއެވެ. އެއާއެކު އަރޫޝާއަށް ތުންފަތުގައި ދައިގަނެވުނެވެ.
“ނު..ނޫން.. ނުދަންނަން.. އެކަމަކު.. މީ.. އަހަރެން އޭނައަށް މެސެޖެއް ކޮށްލާނަން އިނގޭ.. ރިޕްލައި ކުރީމަ ބުނާނަން..” އަރޫޝާ ފާޑަކަށް ވާހަކަދެއްކިއެވެ.
“ތެންކިޔު އަރޫ..” ޔުމްނާ އަރޫޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ނޯ ޕްރޮބްލަމް..” އަރޫޝާ ގަދަކަމުން ހިނިތުންވާން މަސައްކަތްކުރަމުން ވާހަކަދެއްކިއެވެ.
ޔުމްނާ ކޮޓަރިން ނިކުމެގެން ދިއުމުން އަރޫޝާ ދެކޮޅު ދެކޮޅަށް ހިނގަން ފެށިއެވެ. ޔުމްނާ ލޯބިވާ މީހަކީ އަޝްފާންކަން އެނގުމުން އާރިކްއަށް ވާނީ ކިހިނެއްބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ޔުމްނާ އަޝްފާންއާ ގުޅެފިނަމަ، އާރިކްގެ ހިތް ކުދިކުދި ވެދާނެއެވެ. ދެން ހަދާނެ ގޮތަކާ މެދު އަރޫޝާ ވިސްނަން ފެށިއެވެ.
** **
އަޝްފާން ހެނދުނު ތެދުވެ، ވަޒީފާއަށް ދާން ތައްޔާރުވަމުން ގެންދިޔައެވެ. ކަނޑު ނޫކުލައިގެ އަތްދިގު ގަމީސް ލުމަށްފަހު، އޭނާ ލޫސް ބެގީ ޖަހާލިއެވެ. އިސްތަށިގަނޑުގައި ކުޑަ ޖެލްކޮޅެއް ހާކާލުމަށްފަހު އޭނާ ޑްރެސިންގް ޓޭބަލް މަތީގައި ހުރި ކުޑަ ގަޑިއާ ދިމާއަށް އަވަސް ނަޒަރެއް ދިނެވެ.
އަޝްފާން ކޮޓަރިން ނިކުމެގެން އައީ ކަރުގައި އަޅާފައިވާ ޓައީ ރަނގަޅު ކުރަމުންނެވެ. އާދައިގެ މަތިން އޭނާ ކާގެއަށް ސައިބޯން ވަނެވެ. ނަމަވެސް ސައި ހަދާފައި ނެތުމުން އޭނާ ކުޑަކޮށް ހައިރާންވިއެވެ. އެހެންނޫނީ އޭނާ ތައްޔާރުވެގެން ނިކުންނަން ވާއިރަށް ސީމާ ހުންނާނީ ސައި ތައްޔާރުކޮށް ނިންމާފައެވެ.
އަޝްފާން ގޮސް ސީމާމެން ދިރިއުޅޭ ކޮޓަރީގައި ދެތިން ފަހަރަކު ޓަކި ޖަހާލިއެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވީ ހާރޫންއެވެ.
“މަންމަ ކޮބާ؟ ބަލީތަ؟” އަޝްފާން އަހާލިއެވެ.
“އާނ. ދަރިފުޅާ.. މަންމަ ބަލިކަމުން ނުވެސް ތެދުވެ.. ޖުވައިރިޔައްތަ ކައިރީގައި ބުނެލަންވީނު ސައި ހަދައިދޭށޭ..” ހާރޫން އެނދުމަތީގައި މުޅި ގައިގައި ރަޖާ ލައިގެން އޮތް ސީމާއަށް ބަލާލަމުން ބުނެލިއެވެ. އަޝްފާން މަޑުމަޑުން ބޯ ޖަހާލިއެވެ. އެއާއެކު ހާރޫން ދޮރު ލައްޕާލިއެވެ.
ޖުވައިރިޔާ އުޅޭ ކޮޓަރީގައި ޓަކި ޖަހާލަން އުޅެފައިވެސް އަޝްފާން ކާގެއަށް ދިޔައެވެ. އަދި އަމިއްލައަށް ހޫނު ފެންފޮދެއް ކައްކައިގެން ކޮފީ ގިރަން އުޅުނެވެ. ޖުވައިރިޔާ ބަދިގެއަށް އައީ އަޝްފާން ކޮފީ ބޯން އިންދައެވެ. ބަދިގެ ތެރެއިން ސީމާގެ ހިލަމެއް ނުވުމުން އޭނާ އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ.
“ކޮބާ މަންމަ؟” ޖުވައިރިޔާ ފާޑަކަށް އަހާލިއެވެ.
“ބަލިކަމުން ނުތެދުވެ..” އަޝްފާން ބުނެލިއެވެ. އެއާއެކު ޖުވައިރިޔާ ދެބުމަ ގޮށްޖަހާލިއެވެ. ދެން މިޔަދު ގޭތެރޭގެ ހުރިހާ ކަމެއް ކުރަންވީ އޭނާ ހެއްޔެވެ؟
“ދެން މަ ތަ ވީ ހުރިހާ ކަމެއް ކުރަން މިޔަދު؟ ނުވާނެ މިކަމެއް.. މިހާރުވެސް މަ މިއުޅެނީ ބުރަކަށީގަ ރިއްސާތީއޭ.. އެހެންނު ވާނީ! ކޮންމެ ދުވަހަކު ހެނދުނު ގުދު ބިންދައިގެން މަ ޖެހެނީ މުޅި ގޯތިތެރެ ކުނިކަހަން!” ޖުވައިރިޔާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ. އަޝްފާން ދެފަރާތަށް ބޯ ހޫރާލިއެވެ. ޖުވައިރިޔާގެ ކަމަކީ އެޔެވެ. އަބަދު ޝަކުވާ ކުރުމެވެ. އެގޭގައި ޖުވައިރިޔާ ބަހައްޓައިދޭތީ އެކަމަށް ޝުކުރުކުރާކަށް ނޭނގުނެވެ.
“ޔަޤީނޭ ހަމަ މަށާ ހުރިހާ ކަމެއް ހަވާލުކުރަންވެގެން ސީމާ ބަލިވާ ކަމަށް ހެދިގެން އޮތީކަން!” ޖުވައިރިޔާ އެހެން ބުނުމުން އަޝްފާންއަށް ދެއަތް މުއްކަވާލެވުނެވެ. ކިތަންމެ ގިނަ ޝަކުވާއެއް ކުރިޔަސް އޭނާއަށް އެއްޗެކޭ ނުބުނެ ހުރެވިދާނެއެވެ. ނަމަވެސް ޖުވައިރިޔާ އޭނާގެ މަންމައާ ދިމާއަށް ފާޑުފާޑުގެ އެއްޗެހި ކިޔާތަން ބަލާކަށް އޭނާއަކަށް ނުހުރެވޭނެއެވެ.
“ހުއްޓާލާ! އަހަރެންގެ މަންމައަކީ ޖުވޭރިޔައްތަގެ ކޮއްކޮއެއް ނޫންތަ؟ ދެން ކީއްވެ މަންމައާ މެދު ތިގޮތަށް ތި ދެކެނީ؟ މިގޭގައި ހުރެވޭތީވެސް އެކަމަށް ޝުކުރުކޮށްބަލަ! އަހަރެމެން ޖުވޭރިޔައްތަ މިގެއިން ނެރެލައިފިއްޔާ ދާނެ އެހެން ތަނެއް އޮންނާނެތަ؟ ވިސްނާލަބަލަ.. ޖުވޭރިޔައްތަ ތިގޮތައް ޝަކުވާ ކުރާއިރުވެސް، މަންމަ ޖުވެރިޔައްތައާ ދިމާއަށް އެއްވެސް އެއްޗެކޭ ބުނިތަ؟ ނުބުނާނެ..” އަޝްފާން ގޮނޑި ދުރުކޮށްލުމަށްފަހު އަޑަށް ބާރުލާފައި ވާހަކަދެއްކިއެވެ. ބުނަން ބޭނުންވާ އެއްޗެއް ބުނެލުމަށްފަހު އޭނާ އަވަސް ފިޔަވަޅުތަކެއްގައި ކާގެއިން ނިކުމެގެން ދިޔައެވެ. މަންޒަރު ބަލަން ހުރި ޖުވައިރިޔާއަށް ދެއަތް މުއްކަވާލެވުނެވެ.
“އަދި މަށާ ދިމާއަށް އެއްވެސް އިހުތިރާމެއް ނެތި ވާހަކަ ދައްކާފަ ހިނގައްޖެއްނު! ވަރަށް ފޫހިވޭ!” ޖުވައިރިޔާ އަޝްފާން ކޮފީ ބޮއި ތަށި ހިފައިގެން ސިންކާ ދިމާއަށް މިސްރާބުޖަހަމުން ބުނެލިއެވެ. އަޝްފާން ދެއްކި ވާހަކައިން އެ ހިތަށް އަސަރެއް ކުރި ހެނެއް ހިޔެއް ނުވެއެވެ.
** **
އާރިކްއާ އަރޫޝާ އާއެކު އޭޑީކޭ ހޮސްޕިޓަލުން ނިކުތް ޔުމްނާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަވަސްކަމެވެ. އާރިކް، ތަންކޮޅެއް ދުރުގައި ބަހައްޓާފައިވާ ސައިކަލު ބަލާ ދިއުމުން އަރޫޝާ ޔުމްނާއާ ވާހަކަދައްކަން ފެށިއެވެ.
“ޑޮކްޓަރު ބުނިހެން ޔުމް ރަނގަޅަށް ކާންވީ.. ފައިދާހުރި ކާނާ ކާންވީ.. ދޮންބެ ގާތު ބުނާނަން މޭވާކޮޅެއް ގަންނަން ދާށޭ..” އަރޫޝާ ބުނެލިއެވެ. ޔުމްނާ އިސްޖަހާލިއެވެ.
“ނޫން.. މިހާރުވެސް ތިގޭގަ ބަހައްޓައިދީގެން ތި އާއިލާ އަހަންނަށް ތިކޮށްދެނީ ވަރަށް ބޮޑު ހެޔޮކަމެއް.. އިތުރު ޚަރަދުތަކެއް ކުރަން ނުހަދާ ޕްލީޒް..” ޔުމްނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
“އެއީ އެއްވެސް ކަމެއް ނޫނޭ ޔުމް.. ތިގޮތަށް ނުވިސްނަބަލަ.. ބުނިން ދޯ ޔުމް ބޭނުން އިރެއް ވަންދެން ހުރެވޭނެއޭ މިގޭގަ..” އަރޫޝާ ބުނެލިއެވެ.
“އަހަރެން ދާންވީ ކަންނޭނގެ ރަށަށް.. އެކަމަކު ރަށަށް ދިޔައީމަ އަނެއްކާ ޖެހޭނީ ބައްޕަގެ އަނިޔާތަކާ ކުރިމަތިލާން.. އެހެންވެ ވަރަށް ބިރުގަނޭ.. އެކަމަކު މަންމަ ދެކިލާހިތްވެސްވޭ..” ޔުމްނާ ފުންނޭވައެއް ލަމުން ވާހަކަދެއްކިއެވެ.
“އެހެންވެއްޖިއްޔާ ނުވާނެ ރަށަށް ގޮސްގެނެއް!” އާރިކްގެ އަޑަށް ދެމީހުންވެސް ފަހަތަށް އެނބުރުނެވެ. އޭރު އާރިކް ސައިކަލުމަތީގައި އިނެވެ. އެ މޫނުމަތިން ފާޅުވަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ޔުމްނާގެ ބައްޕަގެ ފަރާތުން ޔުމްނާއަށް އިތުރު އަނިޔާއެއް ލިބޭކަށް އާރިކްގެ ހިތެއް ނޭދެއެވެ. އާރިކްގެ މޫނުމައްޗަށް އަރައިފައިބަމުން ދިޔަ ކުލަވަރުގެ ސަބަބުން އަރޫޝާ ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ ޔުމްނާގެ ކޮނޑުގައި ހިފައި އާރިކްއާ ދިމާއަށް މަޑުމަޑުން ކޮށްޕާލިއެވެ.
“ޔުމް ދޭ ދޮންބެއާ އެކީ.. އަހަރެން މިތާ ކައިރި ރައްޓެއްސެއްގެ ގެއަށް ވަދެލާފަ ދާނީ..” އަރޫޝާ އަވަސްއަވަހަށް ބުނެލިއެވެ. އަދި ޔުމްނާއަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ މަގު ހުރަސްކުރަން ހިނގައިގަތެވެ. ޔުމްނާ އެއްފަހަރު އަރޫޝާ ދިޔަ ދިމާއަށް، އަނެއް ފަހަރު އާރިކްއަށް ބަލަމުން ގެންދިޔައެވެ.
“އަރާބަލަ! އަހަރެން ކައެއް ނުލާނަމޭ..” އާރިކް އެއްމިޔަކުން ހިނިތުންވެލަމުން ބުނެލިއެވެ. އެއާއެކު ޔުމްނާ ގޮސް އާރިކް އިން ސައިކަލުގެ ފަހަތަށް އަރައި ހަމަޖެހެން މަސައްކަތްކުރިއެވެ. އާރިކް ސައިކަލު ދުއްވާލި ވަގުތު އޭނާ އާރިކްގެ ގައިގައި ބާރަކަށް ހިފަހައްޓާލިއެވެ.
“މިހާރު 3 މަސްވީ ދޯ؟ ސިކްސް މޯ މަންތްސް ދޯ..” އާރިކް ވާހަކަދެއްކިއެވެ. ފަހަތުގައި އިން ޔުމްނާ ހޫ އެކޭ ބުނެލިއެވެ.
“ރެޕަންޒެލް ބޭނުމީ ކޮންކަހަލަ ކުއްޖެއް؟” އިރުކޮޅެއް ފަހުން އާރިކް އަނެއްކާވެސް އަހާލިއެވެ.
“އަހަންނަށް ހެޔޮ ކޮންމެ ކަހަލަ ކުއްޖެއް ވިޔަސް..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ.
“އަހަންނަށް ޔަގީން ރެޕަންޒެލް ކަހަލަ ލޯބިލޯބި ކުއްޖެއްކަން ލިބޭނީ..” އާރިކް އެހެން ބުނުމުން ޔުމްނާގެ ކޮލަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އާރިކް ވާހަކަ ދައްކާ ގޮތުން ހީވަނީ އޭނާގެ ބަނޑުގައި އެއޮތީ އާރިކްގެ ދަރިއެއްހެން ވިއްޔާއެވެ.
ޔުމްނާ ހީކުރިގޮތާ ޚިލާފަށް އާރިކް ސައިކަލު މަޑުކޮށްލީ ރަސްފަންނު ކައިރިއަށެވެ.
“ކީއްވެ މިތަނަށް ތިއައީ؟” ޔުމްނާ ރަސްފަންނުގެ ހިތްގައިމު މާހައުލަށް ނަޒަރު ހިންގާލަމުން އަހާލިއެވެ.
“ކިހިނެއްވީ؟ އަބަދު ގޭގަ އިންނާކަށްވެސް ނުވާނެއެއްނު؟ ހިނގާބަލަ މި ގުދުރަތީ ރީތި މާހައުލުގައި ކުޑަކޮށް ތިބެލަން..” އާރިކް ސައިކަލުން ފައިބަމުން ވާހަކަދެއްކިއެވެ. ޔުމްނާވެސް އާރިކްއާއެކު ހިނގައިގަތެވެ. އޭނާވެސް ހުރީ އެފަދަ މާހައުލަކުން ހިތަށް ހަމަޖެހުން ހޯދަން ބޭނުންވެފައެވެ.
“ދެން ރެޕަންޒެލް ލޯބިވާ މީހާގެ ޑީޓެއިލްސް އަހަންނަށް ދޭންވީނު؟ އޭރުން ދޯ އަހަންނަށް ހޯދައިދެވޭނީ..” އާރިކް ޔުމްނާގެ ދޮން މޫނަށް ނަޒަރު ހުއްޓައިގެން ހުރެ ވާހަކަދެއްކިއެވެ. ޔުމްނާގެ ރީތި ކަމަށް އޭނާއަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. ލައިގެން ހުރި މަޑު ނޫ ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުން ޔުމްނާއާ ނުހަނު ގުޅެއެވެ. ކަޅުކަން ގަދަ، ދިގު އިސްތަށިގަނޑުގައި ބޮޑު ހުޅިއެއް ޖަހާފައި ވިއެވެ. އެ ފިޔާތޮށި ކުލައިގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލާ ކޮންމެ ފަހަރަކީ އާރިކްގެ ހިތަށް ފިނިކަން ގެނެސްދޭ ވަގުތެކެވެ.
“މިހާރު އޭނަ ފެނިއްޖެއޭ..” ޔުމްނާ ހިނިތުންވެލަމުން ބުނެލިއެވެ. އެއާއެކު އާރިކްގެ ހިތަށް ކުޑަ ނުތަވަސްކަމެއް ވެރިވެގެން ދިޔައެވެ.
“އެހެންތަ؟ ވާހަކަދެއްކުނުތަ؟ ކީކޯ އޭނަ ބުނީ؟ ދެން އޭނަ ކައިރިއަށް ދަނީތަ؟” އާރިކް އެއްފަހަރާ ސުވާލުތައް އަމުނާލި ގޮތުން ޔުމްނާއަށް ހީގަނެވުނެވެ. އޭނާ ހީލިއިރު ފެނިގެން ދިޔަ އަންނާރު އޮށްތަކެއް ފަދަ ދަތްތަކުގެ ސަބަބުން އާރިކްއަށް އާޝޯޚުވެފައި ބަލަން ހުރެވުނެވެ.
“ހާދަ ކިއުރިއަސްއޭ ދޯ.. ފަހުން ބުނާނަން.. އޭނަ ރިޕްލައި ކުރީމަ..” ޔުމްނާ އެހެން ބުނުމުން އާރިކްވެސް އިތުރު އެއްޗެކޭ ނުބުނެއެވެ. ދެމީހުން ރަސްފަންނުގެ ހިތްގައިމު މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ގެއަށް ދިޔައިރު އިރުއޮއްސެނީއެވެ.
** **
ސިޓިންގްރޫމް ސޯފާގައި އިން ނަސްރީންއަށް ކޮޅަށް ތެދުވެވުނީ ފޮށި ދަމަމުން ސިޑިން ފޭބި މިޝާލް ފެނުމުންނެވެ. ކަޅުކުލައިގެ ޓީޝާޓުގެ މަތިން ރަތް ކުލައިގެ ލެދަރ ޖެކެޓެއް ލާފައި ވީއިރު މިޝާލްގެ ކޮނޑުގައި ދަބަހެއް އަޅުވާލާފައި ވިއެވެ. އެއް ކަންފަތަށް ހެޑްސެޓު ޖަހާލާފައި ވީއިރު އޭނާގެ ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައި ވިއެވެ.
“މިޝާލް! ތީ ކޮންކަމެއް؟ ފޮށި ހިފައިގެން ކޮންތާކަށް ތި ދަނީ؟” ނަސްރީން ބާރަކަށް ވާހަކަދެއްކިއެވެ. އެވަގުތު މިޝާލް ހިތި ގޮތަކަށް ހީލިއެވެ. ގޭތެރެ ފޮޅައި ސާފުކުރަން އުޅުނު އާލިމާވެސް މިޝާލްއަށް ބަލަހައްޓައިގެން، ހުއްޓުން އަރާފައި ހުއްޓެވެ.
“އާލިމައްތާ.. އެންމެންނަށް ގޮވާލަ ދީބަލަ..” މިޝާލް އާލިމާއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު އާލިމާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އިރުކޮޅެއް ފަހުން އޭނާ އެނބުރި އައީ ފަރީދު އާއި މިޝްކާ އަދި މުނީރު ގޮވައިގެންނެވެ.
“އަހަރެން މިއުޅެނީ ލަންޑަނަށް ފުރަން ވެގެން! ކޯހުގެ އަނެއްބައި ފުރިހަމަ ކުރުމުގެ ފުރުސަތު އަހަންނަށް އެތަނުން ލިބިއްޖެ.. އެހެންވީމަ ލަސްނުކޮށް ދާން ބޭނުމީ.. ބޭނުމެއް ނޫން މިކަހަލަ ފުރުސަތެއް ނަގާލާކަށް..” މިޝާލް އެންމެންނަށް ބަލާލަމުން ވާހަކަދެއްކިއެވެ.
“އެކަމަކު މިޝާލް! މަންމަމެންގެ ހިޔާލު ހޯދުމަކާ ނުލާ ތިޔަ ކަހަލަ ނިންމުމެއް ނިންމީތީ ހަމަ ހައިރާންވެއްޖެ..” ނަސްރީން ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“ކުރިން ނުބުނީ ނުފޮނުވައިފާނެތީ.. އަހަރެން މިދަނީ 6 އަހަރަށް.. އެއީ ކުރު މުއްދަތެއް ނޫން..” މިޝާލް އެހެން ބުނުމަށްފަހު ސިޑި ކައިރީގައި ފޮށި ބަހައްޓާލިއެވެ. އަދި ކޮޅަށް ހުރި ފަރީދުގެ ކައިރިއަށް ގޮސް ހުއްޓެލިއެވެ.
“ބައްޕާ… އަހަންނަށް މާފުކޮށްދެއްޗޭ… ހުރިހާ ކަމަކަށްވެސް.. އަހަރެން އަބަދުވެސް ބައްޕަ ދެކެ ވަރަށް ލޯބިވޭ..” ފަރީދުގެ މޫނަށް ބަލަހައްޓައިގެން ހުރެ މިޝާލް ހިތްދަތި ކަމާއެކު ބުނެލިއެވެ. ޢާއިލާއާ ދުރަށް ދާންޖެހޭތީ އޭނާ ހުރީ ހަޤީޤަތުގައިވެސް ދެރަވެފައެވެ. ދެން މިޝާލް ގޮސް ހުއްޓެލީ މިޝްކާ ގާތުގައެވެ. މިޝްކާގެ މޫނަށް ބަލާލުމަށްފަހު އޭނާ ގަދަކުން ހިނިތުންވާން މަސައްކަތްކުރިއެވެ.
“ދޮންތާ! އަހަންނަށް އެނގޭ ދޮންތަ އަދިވެސް އަހަރެން ދެކެ ރުޅިއައިސްފަކަން.. އެކަމަކު މިހާރު އަހަރެން މިއުޅެނީ ދާށޭ.. އެއްޗެކޭ ބުނެލަބަލަ ޕްލީޒް!” މިޝްކާގެ އަތުގައި ހިފަހައްޓަމުން މިޝާލް އާދޭހުގެ ރާގެއްގައި ވާހަކަދެއްކިއެވެ. ނަމަވެސް އިސްޖަހާލުން ފިޔަވާ އިތުރުކަމެއް މިޝްކާ ނުކުރިއެވެ.
“މުނީރުބޭބެ.. އަހަރެންގެ ދޮންތަ ރަނގަޅަށް ބަލާތި.. އަހަރެންގެ ދޮންތައަށް ދެރަގޮތެއް ނުހަދާތި..” މިޝްކާގެ ގާތުގައި ހުރި މުނީރުއަށް ބަލާލަމުން މިޝާލް ބުނެލިއެވެ. މުނީރު މަޑުމަޑުން ބޯ ޖަހާލިއެވެ. އެއާއެކު މިޝާލް ބަލާލީ ތަންކޮޅެއް ދުރުގައި ހުއްޓިގެން ހުރި އާލިމާއަށެވެ. މިޝާލް މަޑުމަޑުން ގޮސް އާލިމާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެވަގުތު އާލިމާއަށްވެސް ލިބިގެން ދިޔައީ ޝޮކެކެވެ. ހަދާނެ ގޮތެއް ނޭނގިފައި، ދެލޯ ބޮޑުކޮށްގެން އާލިމާއަށް ހުރެވުނެވެ. ފަރީދު އާއި ނަސްރީންވެސް އެދިމާއަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން އާލިމާ ލަދުގަންނަ ގޮތް ވިއެވެ.
“އާލިމައްތާ.. ތީ އަހަރެންގެ ދެވަނަ މަންމައަކީ.. ކުޑައިރުއްސުރެ އަހަރެންގެ ހުރިހާ ކަމެއް ބަލަމުން އައި މީހަކީ ތީ.. އަހަރެންނަށް ހުރިހާ ކަމެއްގައި ހިތްވަރު ލައިދީ ހެދި މީހަކީ ތީ.. ދުވަހަކުވެސް.. ދުވަހަކުވެސް އާލިމައްތަގެ މަތިން ހަނދާނެއް ނުނެތޭނެ..” މިޝާލް ވާހަކަދެއްކި އިރު އެއަޑުގައި ވަނީ ރިހުމެވެ. އާލިމާ މިޝާލްގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލިއެވެ. މިޝާލް ދެކެ ރުޅިއައިސްފައި ހުންނަން ބޭނުންވި ނަމަވެސް އޭނާއަކަށް އެކަމެއް ނުވިއެވެ. މިޝާލްއަކީ އޭނާގެ ދަރިއެއް ފަދަ ކުއްޖެއް ވިއްޔާއެވެ.
“ދައްތަ އަބަދުވެސް ދުޢާ ކުރާނަން މިޝާލްއަށް ހެޔޮ ގޮތް މިންވަރު ކުރައްވާތޯ..” އާލިމާ މަޑުމަޑުން ބުނެލިއެވެ. މިޝާލް އާލިމާގެ ހަށިގަނޑުން ދޫކޮށްލިއެވެ. އެއަށްފަހު އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ނަސްރީންގެ ހަށިގަނޑުގައި ބައްދާލިއެވެ.
“އައި ލަވް ޔޫ މަމް..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ހިފައިގެން ގޭތެރެއިން ނިކުންނަން ހިނގައިގަތެވެ. ދޮރު މައްޗަށް އަރާފައި އޭނާ އެންމެ ފަހު ފަހަރަށް އެތެރޭގައި ތިބި މީހުންގެ މޫނުތަކަށް ބަލާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







Hey guys! I know this part is short ingey.. BUt tomorrow next part up koh dheynan (insha Allah)
hope u enjoyed this part too 🙂
Loves <3
EHEN MEEHUN VAAHAKA LIYAA GOYY BALAAFA LIYA BALA..MIHAA KUDA THANKOLHIE KIIHKURAN UP KURIII.VARAH FOOHI
Agreee
Uh rai sha please appreciate kohba dhw mivaru thankolheh ves up kohdhineethee. Dhen thivaru vanyaa nukiyaba dhw mi vaahaka. Amilla ah liyegen keema veenu
And Liaa you are really good. Keep it up❤
I’m first?? yay??
story v obi ?
Me first dhw…
Waiting for tomorrow
Hey dear stry vvv reethi.
Keep it up dear…
Waiting 4 next part..
Friends second dhw sumi firt…
Gud nyt liaa
just WoWWWww 😀
Story vvv rythi.. Keep it up.. N Next part thankolheh dhigu kohladhiniiyaa v rangalhu….. Waiting 4 nxt part….
Wow Liaa, haadha reechey mibaives.. Mihaaru anehbai kiyaalaa hithun mihunnany.. Avahah up kohdhehchey igey
Wooooowww ???
Mishaalge hageegai neygi dhanytha v reethi story
V nice… Liaa next part avahah up kohdhehchey plx..
Vv reethi…avahah up kohdehchay plx
Miadhu up veythoa balaanan varah reethi mibaives. But very short. Miadhu up kuraa bai dhigu kohlachche. Keep it up.
Liaa kihineh tha story thi genesdhenee? Ehaa dhuvas koffa ves kurukoh. Kudakoh handhaan ves nethifa huree last part.
What is this??? Liaaaa
Ehaa dhuvas koffa ves kurukoh ????? but nice ??
Story Hama habeys but v kuru