Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ (6 ވަނަ ބައި)

Ernth Level 1
November 13, 2017 6 Mins Read
2 Comments

ރޭޝްމާ ގޮސް ކޮޓަރިއަށް ވަން އިރު ޝާހިން ފެންނަން ނެތުމުން އޭނަ ޝާހިނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުންވެސް ޚަބަރެއް ނުވުމުން ރޭޝްމާ ކަންބޮޑުވިއެވެ. ކުޑަކޮށް ނަމަވެސް ފާހަނާއިގެ ދޮރު ހުޅުވިފަ ހުރުމުން ޝަވަރުން ފެން ވެއްޓޭ އަޑު ރޭޝްމާ އަށް އިވުނެވެ. ފާހަނާ ކައިރީ ހުއްޓެމުން އޭނަ އަނެއްކާވެސް ޝާހިނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވުމުން ވެސް އޭނަ ޖަވާބެއް ނުދިނުމުން ފަސްޖެހިފަ ހުރެ ނަމަވެސް ރޭޝްމާ ފާހަނާއިގެ ދޮރު ބޮޑަށް ހުޅުވަމުން ބޯ ދިއްކޮއްލިއެވެ. “ޝާހިން.” ޝާހިންގެ ހާލަތު ފެނިފަ ރޭޝްމާއަށް ސިހިފާ ގޮވާލެވުނެވެ. ދެ ކަކޫ މޭގަ ޖައްސައިގެން ފާރަށް ލެގިގެން އިން އިރު އެ ދެލޯ ވަނީ ރަތްވެފައެވެ. ފެނުގެ ފިނިކަމުން މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ރޮއެ ރަތްވެފައިވާ ދެ ލޮލުން ޝާހިން ބަލާލުމުން އިޚްތިޔާރަކާއި ނުލާ ރޭޝްމާއަށް ގޮސް ޝާހިން ކައިރީ އިށީނދެ އޭނަ ގައިގަ ބައްދައިގަނެވުނެވެ. “އަހަރެން ދުނިޔެއަށް އައުމުގެ ކުރިން އަހަރެން ބޭޒާރުކޮށް ލަދު ގެންނެވި.” ރޭޝްމާގެ ކަރުވަށާ އަތް އަޅުވަމުން ޝާހިނަށް ބުނެލެވުނެވެ. ހައިރާންކަމާއި އެކު ޝާހިން ގަޔާ ދުރުކޮށްލަމުން އޭނަ ޝާހިނަށް ބަލާލިއެވެ. “އެއީ ނުލަފާ މީހެއް.” ޝާހިން މިހެން ބުނަމުން ރޭޝްމާ ގައިގަ ބައްދާލިއެވެ. ޝާހިން އެ ކިޔާ އެއްޗެއް ނުވިސްނުމުން ރޭޝްމާއަށްވެސް ކިޔަންވީ އެއްޗެއް ނޭނގުނެވެ. އިރުކޮޅެއް ވަންދެން އެހެން އިނދެފަ ރޭޝްމާ ޝަވަރު ބަންދު ކޮށްލީ އޭގެ ފިނިކަން އޭނައަށް ވެސް އިހްސާސްވާން ފެށުމުންނެވެ.

“ޝާހިން ޕްލީޒް ދޮގު ނަހަދާ ތި ވެގެން އުޅޭ ގޮތެއް ބުނެބަލަ.” ޝާހިންގެ މޫނުގަ ދެއަތުން ހިފަމުން ސީދާ އޭނަގެ ލޮލަށް ބަލަހައްްޓައިގެން ހުރެ ރޭޝްމާ އެދުނެވެ. “އަހަރެން ދޫކޮށްފަ ނުދާތި. ބައްޕަވެސް ދިޔައީ.” ރޭޝްމާގެ އަތުގަ ހިފަމުން ޝާހިން އެދުނެވެ. “އިރާދަކުރެއްވިއްޔާ މަރު ނޫން އެހެން އެއްޗެއް އަހަރެމެން ދުރު ނުކުރާނެ.” ރޭޝްމާ އަށް ބުނެލެވުނެވެ. “އިންޝާ ﷲ.” ޝާހިނަށް ބުނެލެވުނެވެ. “ހިނގާ ކޮޓަރިއަށް.” ރޭޝްމާ ތެދުވަމުން އެދުނެވެ. ޝާހިން ދެކޮޅަށް ބޯހޫރާލުމުން ރޭޝްމާ އަނެއްކާވެސް އިށީނެވެ. “ޔު އާރ ދި ބެސްޓް. އައި ލަވް ޔު.” ރޭޝްމާ ގައިގަ ބައްދަމުން ޝާހިން ބުނެލިއެވެ. “މީ ޓޫ.” ޝާހިންގެ ބޮލުގަ ފިރުމަމުން ރޭޝްމާ އަށް ބުނެލެވުނެވެ.

މާ ފޯރި އާއި އެކު ފަޒީލް އައިސް އެ ކޮޓަރިއަށް ވަނީ ޝާހިން ގޮވައިގެން ރޭޝްމާ ނިކުތްތާ މާ ގިނަ އިރުތަކެއް ނުވަނީސް އެވެ. “ވާރޭ ވެހުނީތަ؟ ނޫނި އަހަންނާއި ނުލާ ޕޫލް ޕާރޓީއެއް ބޭއްވީ ތަ؟” ތުވާލިން މޫނުގެ ފެންފޮހެން ހުރި ރޭޝްމާ އަށް ބަލަމުން ފަޒީލް މިހެން ބުނުމަށްފަހު ދެލޯ ބޮޑުކޮށްލީ އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށެވެ. “ރޮމެންޓިކް ޝަ…” “ފަޒީލް.” ރޭޝްމާ އަވަސް އަވަަހަށް ފަޒީލްގެ ޖުމްލަ މެދުކަނޑަމުން ލޮލުގެ އިޝާރާތުން ކޮޓަރީގެ ކަނެއްގައި އިށިނދެގެން އިން ޝާހިން ދައްކާލިއެވެ. އަދިވެސް އޭނަ ދިޔައީ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުންނެވެ. “ކިހިނެތްވީ؟” ފަޒީލަށް ކަންބޮޑުވެފައި އަހާލެވުނެވެ. “ނޭނގޭ.” ރޭޝްމާ މިހެން ބުނެލުމަށްފަހު އޭނަ އަށް ޝާހިން ފެނުނު ހާލަތު ބުނެދިނެވެ. “ހީވަނީ ޓްރޯމަޓައިޒް ވެފަ ހުރީ ހެން.” ފަޒީލަށް ބުނެލެވުނެވެ. “ތި ކަހަލަ ގޮތެއް. އޭނަ އެ އުޅެނީ ބޮޑު ޝޮކެއް ލިބިގެން އެ ނަގައިގަންނަން ނޭނގިގެން ކަހަލަ.” ޝާހިނަށް ބަލަން ހުރެ ހަމްދަރުދީގެ ރާގަކަށް ރޭޝްމާ ބުނެލިއެވެ. “ދައްތަމެންނަށް ވީ ގޮތެއް އެނގިދާނެ ކަންނޭނގޭ.” ފަޒީލް ބުނެލިއެވެ. “އާނ. ފައިހާ ދައްތަ ކައިރިން އަހަންވީ.” ރޭޝްމާ މިހެން ބުނި އަޑު އިވުމާއި އެކު ފުއްމައިގެން ކަހަލަ ގޮތަކަށް ޝާހިން ތެދުވުނެވެ. އެއަށްފަހު ބާރު ހިނގުމެއްގައި އައިސް ރޭޝްމާގެ ދެކޮނޑުގަ ހިފާ ގަޔާ ނުހަނު ގާތަށް ޖައްސާލިއެވެ. އޭރު އެ ދެލޮލުން ނަފްރަތުގެ ކަނި ބުރަމުން ދިޔައެވެ. “ބުނެގެން ނުވާނެ. އެއީ ނުބައި ނުލަފާ މީހެއް. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލި.” ޝާހިން ނަފްރަތާއި އެކު ބުނެލިއެވެ. ފަޒީލާއި ރޭޝްމާ އެކަކު އަނެކަކަށް ބަލާލިއެވެ. “އަހަރެންގެ ބޮލުގެ ތާޖު އަޅުވާފަ އަހަރެން ވިހެއުމަށްފަހު މާ މާތް މީހެއް ކަމަށް ހެދިގެން ނޫން އެ އުޅެނީ.” ޝާހިން މިހެން ބުނުމަށްފަހު ކޮޓަރީގަ ތިބި އޭނަ އާއި ފައިހާ ދެމީހުންގެ ފޮޓޯ ފްރޭމްތަށް ތަޅަން ފެށިއެވެ. މުޅި ތަން އެކޮޅުން މި ކޮޅަށް އޭނަ ޖަހަން ފެށިއެވެ. ރޭޝްމާ އާއި ފަޒީލް އިންތިހާއަށް ކަންބޮޑުވެފަ ވާ އިރު ވެގެން އުޅޭ ގޮތް ކުޑަކޮށް ނަމަވެސް އެމީހުންނަށް އެނގުނެވެ. “ޝާހިން ހުއްޓާލާބަލަ. ފިޒިކަލީ އަނިޔާއެއް ނުކުރިޔަސް ޔު ގެ ހަރަކާތް ތަކުން ރޭޝަށް އަނިޔާ އެބަވެއޭ.” ޝާހިންގެ ކޮނޑުގަ ހިފާ ރޭޝްމާ އާއި ދިމާ އަނބުރުވަމުން ފަޒީލް މިހެން ބުނެލީ ހަޤީޤަތުގަވެސް ފެންނަ މަންޒަރުތަކުން ރޭޝްމާ އަށް އުދަނގޫ ވާހެން ހީވުމުންނެވެ. އެ ދެމީހުންނަށްވެސް ކުޑަ ހައިރާންކަމެއް ލިބުނީ ރޭޝްމާ އަށް ބެލުމަށްފަހު ޝާހިން މައިތިރިވީ ތަން ފެނިފައެވެ. އިރުކޮޅެއް ވަންދެން ރޭޝްމާ އާއި ދިމާ ބަލަހައްޓައިގެން ހުރެފަ އަނެއްކާވެސް ޝާހިން ގޮސް ކޮޓަރީގެ ކަނަކަށް ވަނެވެ. “ރޭޝަށް މި މަންޒަރު ބަލައިގެން މާ ގިނަ އިރަކަށް ނުހުރެވޭނެ.” ރޭޝްމާ މިހެން ބުނުމަށްފަހު ގޮސް އޭނަގެ ޕާސް ތެރެއިން އިންޖެކްޝަނެއް ނެގިއެވެ. “ތި ކޮންކަމެއް؟” ފަޒީލަށް އަހާލެވުނެވެ. “ލުކް އެޓް ހިމް. މިވަޤުތު އޭނަގެ މައިންޑް އަދި ބޮޑީވެސް ބޭނުންވާނީ އަރާމު ކޮށްލަން.” ނިންދަވާ ބޭސް އިންޖެކްޝަނަށް އަޅަމުން ރޭޝްމާ ބުނެލިއެވެ. “ރޭޝް އަތަށް ތި އައީ ކިހިނެތް؟” ފަޒީލް ޝައްކުގެ ރާގަކަށް އަހާލިއެވެ. “ތި ހީކުރަނީ ރަނގަޅަށް.” ރޭޝްމާ މިހެން ބުނުމަށްފަހު ގޮސް ޝާހިން ކައިރީ އެއްކަކޫ މައްޗަށް ތިރިވިއެވެ.

“ރޭޝަށް މާފު ކުރޭ. އެކަމަކު މި ވަޤުތު އެންމެ ރަނގަޅު ގޮތަކީ މިއީ.” ރޭޝްމާ މިހެން ބުނުމަށްފަހު ޝާހިން ގަޔަށް ކަށި ކޮއްޕާލިއެވެ. އެއާއި އެކު އޭނަ ނިދިގެން ވެއްޓެން މާ ގިނަ އިރެއް ނުވެއެވެ. ރޭޝްމާގެ ވެސް އެހީތެރިކަމާއި އެކު ފަޒީލް ގޮސް ޝާހިން އެނދުމަތީ ބޭއްވިއެވެ. “ކިހާ އިރެއް ވާނެ؟” ފަޒީލް އަހާލިއެވެ. “ދެވުނު ވަރާ ބަލާފަ ބުނެވޭނީ ތިން ހަތަރު ގަޑި އިރޭ.” ރޭޝްމާ ބުނެލިއެވެ. “ކީއްވެ ރޭޝް އަހަރެމެން ގާތު ނުބުނީ؟” ފަޒީލް އަހާލިއެވެ. “ނުކެރުނީ.” ރޭޝްމާ ބުނެލިއެވެ. “ރޭޝް. އަަހަރެމެން މިއީ ރޭޝްގެ އެކުވެރިން. އަދި އަހަރެމެން ކޮންމެ މީހެއްގެވެސް ފްލޯސް ތަކެއް ހުންނާނެ. އެކަމަކު ވީ ޑޯންޓް ޖަޖް އީޗް އަދާރ. އެ ހުރިހާ ކަމަކާއި އެކުވެސް އަހަރެމެން އެކަކު އަނެކަކު ބަލައިގަންނަން. އަހަރެން މިއީ ޔަތީމެއް. އެކަމަކު އެހެނޭ ކިޔާފަ ތި ދެމީހުން އަހަރެން ޖަޖް ކުރިތަ؟ ނޫނެއް ނޫން. ދެން މިހާރު ޝާހިނަށް ވެގެން އުޅޭ ގޮތެއް. އަހަންނަށް ޔަޤީން އެކަމެއްގެ ސަބަބުން އަހަރެމެން އޭނަ ޖަޖް ނުކުރާނަން ކަން. ދެން ރޭޝްގެ ތި ޓްރޯމާ. 9 އަހަރު ނުވަނީސް ބޮޑު އެކްސިޑެންޓެއްވެ ހަނދާންތައް މުޅިން ފޮހެވިގެން ދިޔައީ. ފުރަތަމަވެސް އަހަރެމެން ރޭޝް ޖަޖެއް ނުކުރަން. އަދި މިހާރުވެސް ނުކުރާނަން.” ފަޒީލް ވިސްނައިދޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. “ހީމް ތެންކްސް.” ރޭޝްމާ ބުނެލިއެވެ. “ތެމިފަ ހުއްޓަސް ދެން މައްސަލަ އެއް ނެތް. އެކަމަކު ހީވަނީ ޔު ނީޑް އަ ހަގް ހެން.” ފަޒީލް މިހެން ބުނުމަށްފަހު ގޮސް ރޭޝްމާ ގައިގަ ބައްދާލިއެވެ. “އެގެއިން ތެންކް ޔު.” ރޭޝްމާ ބުނެލިއެވެ. “ހިނގާ ޝާހިން ހޭލެވެން ވާ އިރަށް ގެޔަށް ގޮސްފަ އަންނަން. އަހަރެން އެބަ ޖެހޭ ތިއްތަ އާއި އެކު ފިހާރައަކަށް ދާންވެސް.” ފަޒީލް ބުނެލިއެވެ. “ބައި ދަ ވެއި ރޮމޭންޓިކްތަ ނޫނީ ފްރޭންޑްލީތަ؟” ރޭޝްމާ އާއި އެކު ނިކުންނަމުން ފަޒީލް އަހާލިއެވެ. “ޝަޓްއަޕް.” ރޭޝްމާ ހެވިފައި ބުނެލިއެވެ.

ރޭޝްމާ ލަފާ ކުރިގޮތާއި ހިލާފަށް އެމީހުން ދިޔަތާ ބައި ގަޑި އިރު ނުވަނީސް ޝާހިން ހޭލެވުނެވެ. ތަނަށް ނަޒަރު ހިންގާލި އިރު ކޮޓަރިއަށްވެފަ ހުރި ގޮތް ފެނުމުން ވެދިޔަ ކަންތައް އޭނަގެ ހަނދާނަށް އަންނަން ފެށިއެވެ. އޭނަ އުޅުނު ގޮތާއި ދެ އެކުވެރިންނަށް ވީ ގޮތް ފެނުމުން ލަދުގަނެ ދެރަވިއެވެ. އެހެނަސް ކުއްލިއަކަށް އޭނައަށް އެނގުނު ހަޤީޤަތް ހަނދާނަށް އައުމުން އެ ހިތް އޭގެ މަޤާމު ދޫކޮށްފަ ހިނގާދާނެހާ ބާރަށް ތެޅެން ފެށިއެވެ. މީހާ ތުރުތުރު އަޅަން ފެށި އިރު މީހާ ގައިން ދިޔައީ ވާގި ދޫވަމުންނެވެ. އެނދުމައްޗަށް އޭނަގެ ހަށިގަނޑު ދެމެން މާ ގިނައިރު ތަކެއް ނުނަގައެވެ.

ހަމަ އެ ވަޤުތެވެ. ޝާހިންގެ ޑޮކްޓަރާއި ބައްދަލުކުރުމަށްފަހު ހިޝާން އާއި ޔާޝްމީ ގެޔަށް އައެވެ. ހިޝާން އެ ޚަބަރު ޔާޝްމީ އަށް ދިނުމުން އޭނަވެސް ދެރަވިއެވެ. އެގޭތެރެއިން އޭނަ އާއި އެންމެ ގާތް މީހަކީވެސް ޝާހިނެވެ. ހިޝާނާއި ޔާޝްމީގެ ގުޅުން އެންމެ ފުރަތަމަ އެނގުނީވެސް ޝާހިނަށެވެ. އެގޭ ފަހުން އެދެމީހުންގެ ކައިވެންޏާއި ދެމެދު ހޭދަވީ ހަތަރު އަހަރު އެ ދެމީހުންގެ ގުޅުމަށް އެކި ގޮތް ގޮތުން އޭނަ އެހީވިއެވެ. މީގެ އަހަރެއް ކުރިން އެ ދެމީހުން ކައިވެނި ކުރި އިރު ކައިވެނީގެ ހުރިހާ ތައްޔާރީތަށް ކުރީ އަމިއްލަ އަށް އިސްނަގައިގެން ޝާހިނެވެ.

“ކޮބައިތަ ޝާހިން؟” ޝާހިން ފެންނަން ނެތުމުން ޔާޝްމީ އަހާލިއެވެ. “އަހަރެން ތި މީހުން ގާތު ދައްކަން ޖެހޭ ވަރަށް ބޮޑު ވާހަކައެއް އެބައޮތް. ތިމީހުން ގާތު އެވާހަކަ ނުބުނަން އެދި ޝާހިން އަހަންނަށް އިންޒާރުވެސް ދިން. އެކަމަކު އެހެން މީހަކު ގާތު ނުބުނިޔަސް ހިޝާން ގާތު ބުނަން އަހަރެން ބޭނުން.” ޝާނިމް ފުންނޭވާއެއް ދޫކުރަމުން ބުނެލިއެވެ. “ޝާހިނަށް ކަމެއް ވީތަ؟” ހިޝާން ކަންބޮޑުވެފައި އަހާލިއެވެ. ޝާނިމް ބޯޖަހާލުމަށްފަހު ވީ ގޮތް ބުނެދިނެވެ. ޔާޝްމީ އާއި ހިޝާން އެކަކު އަނެކަކަށް ބަލާލިއެވެ. “މަންމާ. އަސްލު ޝާހިން ބަލި. ވަރަށް ބަލި.” ހިޝާނަށް ބުނެލެވުނެވެ. “އޭނަ ބަލިނަމަ ކީއްވެ ނުބުނެގެން އެ އުޅެނީ؟” ފައިހާ އަށް އަހާލެވުނެވެ. “ބުނާނީ ކިހިނެތް؟ ވޭތުވެދިޔަ ދެމަސް ދުވަހު ތެރޭ މަންމަ އޭނަ އާއި ކަޅި ހަމަކުރިތަ؟” ހިޝާނަށް ނުރުހިފަ އަހާލެވުނެވެ. “ކޮންކަހަލަ ބަޔެއްތަ؟” ޝައުފާ އަހާލިއެވެ. “ޝާހިންގެ ބޮލުގަ ޓިއުމަރެއް އެބަހުރި.” ހިޝާނަށް އޭގެ ޖަވާބު ދޭން އުދަނގޫވާނެ ކަން އެނގޭތީ ޔާޝްމީ ބުނެލިއެވެ. “ޓިއުމަރޭ؟” ފައިހާ އަށް ޤަބޫލުކުރަން ދަތިވެފަ މިހެން އަހާލެވުނު އިރު ޝައުފާ އަށް އަނގަމަތީ އަތްއެޅުނީއެވެ. ޝާނިމްވެސް ހުރީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. “އެ ވަރު ބޮޑު ކަމެއް މިގޭ ތެރޭ ހިނގާއިރު އަހަރެމެންނަށް ނޭނގެންވީ ކީއްވެ؟” ފައިހާ އަށް އަހާލެވުނެވެ. “ކަންތަށް ސިއްރުކުރަންވެސް އޭނަ މޮޅީ.” ހިޝާން މިހެން ބުނުމަށްފަހު ޝާހިންގެ ކޮޓަރިއަށް ދާން ހިނގާގަތެވެ. ފަހަތުން ދެން ތިބި މީހުންވެސް ދިޔައެވެ. އެ ކޮޓަރިއަށް ވަންނަން ގޮސް ހިޝާން ތަޅުގަ ހިފާލުމާއި އެކު ދޮރު ހުޅުވުނެވެ. “އަސްތަޢުފިރުއްﷲ.” ޔާޝްމީ އާއި ހިޝާނަށް އެކު އެކީގާހެން ބުނެވުނެވެ. ކޮޓަރީގެ ހާލަތު ފެނިފައި ޔާޝްމީ އަށް މިހެން ބުނެވުނު އިރު ހިޝާން އެހެން ބުނެލީ އެނދުމައްޗަށް ވެއްޓިފަ އޮތް ޝާހިން ފެނިފައެވެ.

“މި ތަނުން އަހަރެމެންގެ ސުވާލުތަކުގެ ޖަވަބު އަހަރެމެންނަށް ލިބޭނެތަ؟” ހޮސްޕިޓަލް ތެރެއަށް ވަންނަމުން ފަޒީލް ދެވަނަ ފަހަރަށް މި ސުވާލު ކޮށްލުމުން ރޭޝްމާ އޭނައަށް ކަޅި އަޅާލިއެވެ. “އާނ. ރޭޝް ބެލި ބެލިބެލުމުން އެނގުނު ގޮތުގައި މި ވޭތުވެދިޔަ ތިން ވަރަކަށް މަސް ތެރޭ އޭނަ އެންމެ ގިނައިން އައިސްފަ ވަނީ މިތަނަށް މި ރަށުގަ ރީޖަނަލް ހޮސްޕިޓަލެއް ހުރިއިރު އޭނަ ކީއްވެ ޓާރޝަރީ ތަނަށް އަންނަންވީ؟ ނޫނަސް އޭނަ ވަނީ މީގެ ތިން ދުވަސް ކުރިން ފޭދޫގަ ހުރި ކްލިނިކަކަށް ގޮސްފަ. އެ ދުވަހު އެތަނަށް އައިސްފަ ތިބި ނާރުގެ ޚާއްސަ ޑޮކްޓަރުންނާއި ހިތުގެ ޑޮކްޓަރަކާއި ކެންސާރ ސްޕެޝެލިސްޓެއް. މިއަދު އެ މީހުން އެބަ ތިބި މިތާ. އެންޑް ހިޝާންބެ ވަނީ މީގެ އިރުތަކެއް ކުރިން އެއިން ޑޮކްޓަރަކާއި ބައްދަލުކުރަން މި ތަނަށް އައިސްފަ.” ރޭޝްމާ އޭނަ ހޮސްޕިޓަލަށް އައި ސަބަބު ބުނެދިނެވެ. ޝާހިންގެ ފަރާތުން އެ މީހުންނަށް އެއްވެސް ކަމެއްގެ ހަޤީޤަތް އެހާ އަވަހަށް ނޭނގޭނެކަން އެނގޭތީ ގޭތެރޭގެ މަސައްކަތްތަށް ފަސްކޮށްލުމަށްފަހު އެ ދެމީހުން ނިކުމެ އެ އުޅެނީ ހަޤީޤަތް ހޯދުމަށެވެ. “ކުރީގެ އައްޑޫ ސިޓީގެ ފޮޓޯތަކަށް ބަލާފަ އަހަރެން އެއް އިރެއްގަވެސް ހީއެއް ނުކުރަން އައްޑޫ ކީއްކުރަން މި ދިވެހި ރާއްޖެވެސް މިހާ ތަރައްޤީވެ ތަހުޒީބު ވެދާނެ ކަމަށް.” ހޮސްޕިޓަލް ތެރެއަށް ނަޒަރު ހިންގާލަމުން ފަޒީލް ބުނެލިއެވެ. “ރަށްތައް ތަރައްޤީވެ ތަހުޒީބު ވިޔަސް މީހުންނެއް ނުވެއެއް ނޫން. ކުށްތަށް ދަނީ އިތުރުވަމުން. އެއް އިރެއްގަ ހަނގާކުރުން ކަހަލަ ކަންތަކާއި ދެކޮޅަށް މީހުން ތެދުވުނު. އެކަމަކު މިހާރު އެކަމެއް ނެތް. %100 ދިވެއްސެއް ހޯދުމަކީ އުދަނގޫކަމެއް. ބޭރުގެ ވިޔަފާރިވެރިންގެ ބަސް ގިނަ.” ރޭޝްމާ ކުޑަކޮށް ނުރުހިފަ މިހެން ބުނުމުން ފަޒީލް ގާތަށް އައީ ހިނިއެވެ. ރޭޝްމާ އަށް ނޭނގުނަސް ޚުދު ރޭޝްމާ އަކީވެސް ދިވެއްސަކަށް ނުވާތީއެވެ.

ހޮސްޕިޓަލުގެ ކައުންޓަރާއި އެ ދެމީހުން އަރާ ހަމަވީތަނާ އަހާން މާ ބާރަކަށް އެ ދިމާއަށް އަންނަތަން ފެނުނެވެ. އޮޕެރޭޝަން ޑޮކްޓަރެއްކަމަށްވާ އަހާން އަކީ ކިރެލް ސްކޫލްގެ އެންމެ މުސްކުޅި ދަރިވަރުންގެ ތެރެއިން އެކަކެވެ. ސްކޫލަށް 24 އަހަރުވެފަ ވާއިރު އެއީ އެ ސްކޫލަށް އޯލެވެލް އިން ރަންވަނަތަށް އެންމެ ފުރަތަމަ ހޯދައިދިން ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ. އޭގެ ފަހުން 9 ބެޗްގެ ކުދިންތަށް ސުކޫލާއި ވަކިވެގެން ގޮސްފަ ވާއިރު އެ އެންމެން ވެސް ހިނގާފަވަނީ އަހާންމެން ދެއްކި މަގުންނެވެ. “މިހާރު ތި ދެމީހުން މިތާ ކީއްކުރަނީ؟” އެމީހުން ފެނުމުން 25 އަހަރުގެ ޒުވާން ޑޮކްޓަރު އަހާލިއެވެ. “އެނގޭ ބަލިމީހުންގެ ސިއްރުތަށް ހިފެހެއްޓުމަކީ މަސްޓެއް ކަން. އެކަމަކު އަހަރެމެން ބޭނުން ޝާހިނަށް ވެގެން އުޅޭ ގޮތެއް އެނގެން.” ރޭޝްމާ މިހެން ބުނުމުން އަހާން ފުންނޭވާއެއް ދޫކޮށްލަމުން ކުރުކޮށް ކޮށާފަވާ އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑުގަ އަތް ހިންގާލިއެވެ. “ޔާލް ނުބުނޭތަ؟” އަހާން އަހާލިއެވެ. “އެ ޔާލިއު އަހަރެމެން ގާތު ވަކި ބުނާނީ ކީކޭ؟” ރޭޝްމާ އަށް އަހާލެވުނެވެ. “އަހަރެން ހަނދާން ނެތުނީ ތިއީ ކަނޑި ހަނގުރާމަ ކުރާ ދެބައެއްކަން. އެހެނަސް ޔާލް އަށް މިހާރު ވަނީ އެނގިފަ. ދެން ތި ދެމީހުން ދޯ؟” އަހާން މިހެން އަހާލުމަށްފަހު ގަޑިއަށް ބަލާލިއެވެ. އެއަށްފަހު އެދެމީހުން ގާތު އޭނަ އާއި އެކު އައުމަށް އެދުނެވެ.

އަހާން އެ ދެމީހުން ގޮވައިގެން ދިޔައީ ހޮސްޕިޓަލާއި ވަކިން ހަދާފަ ހުންނަ މުވައްޒަފުންނަށް ޚާއްސަ ފްލަޓަށެވެ. އެތާގެ ފަސްވަނަ ބުރީގެ އެޕާރޓްމެންޓްގެ ދޮރެއްގައި އޭނަ ބެލް ޖައްސާލުމާއި އެކު މެދު އުމުރުގެ ފިރިހެނަކު ދޮރު ހުޅުވިއެވެ. އޭނަ ފެނުމާއި އެކު ރޭޝްމާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނޫފެހި ދެލޮލެއްގެ ވެރިޔާ އަށް ރޭޝްމާ ފެނުމުން ހިނިތުންވެވުނެވެ. ރަތް މުށި ކުލައެއްގެ އެ ފަން އިސްތަށިގަނޑާއި އެ ހުދު ދޮންކުލައިގެ މޫނުމަތިން ފަޒީލަށް ދަންނަ ވައްތަރު ޖެހިއެވެ. އެހެނަސް ކާކާއި ކަމަށް ބުނެދޭން ދަތިވިއެވެ. އަހާން އެމީހާ ގާތު އެދެމީހުން އެއީ ޝާހިންގެ އާއިލާކަމަށް ބުނެލިއެވެ. “އޯހ. ނައިސް ޓު މީޓް ޔު. ޑރ. ޒަހްޔާން.” އޭނަ އަމިއްލަ އަށް ތައާރަފްވެލުމަށްފަހު އެ ދެމީހުން ގާތު އެތެރެއަށް ވަންނަން އެދުނީ އަހާން ދެން ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުނަމުންނެވެ. އަހާން ދިޔުމާއި އެކު ރޭޝްމާ ފެށީ ޝާހިނަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށެވެ. ކިތަންމެ ހިތްވަރުކޮށްފަ ނަމަވެސް ޝާހިންގެ ބަލި އަޑުއަހަން ތިބި ދެމީހުންގެވެސް ހިތްވަރު ނެތިގެން ދިޔައީ ޝާހިންގެ ބޮލުގަ ޓިއުމަރެއް ހުރި ކަން އެނގުމުންނެވެ. ޝާހިން ކަމެއް ސިއްރުކުރާކަން އެނގުނަސް އެހާ ބޮޑުކަމެއް ސިއްރު ކޮށްފާނެ ކަމަށް އެދެމީހުން ކުރެ އެކެއްވެސް ހީއެއް ނުކުރެއެވެ. އޮޕްރޭޝަނަށްފަހު ޝާހިން ރަނގަޅު ވެދާނެ ކަމުގެ ފުރުޞަތު އެބައޮތް ކަމަށް ބުނެ ޒަހްޔާން އެ ދެއެކުވެރިންނަށް ހިތްވަރުދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ernth

Level 1

Other Articles

Previous

ލޯބިވަން…..(ތިންވަނަބައި)

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ (ތިންވަނަ ބައި)

Next
November 13, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (ތިންވަނަ ބައި)

Previews
November 13, 2017

ލޯބިވަން…..(ތިންވަނަބައި)

2 Comments!

  1. shym says:
    November 13, 2017 at 9:39 pm

    Wow. … nice

  2. Rsh says:
    November 13, 2017 at 11:26 pm

    wow nice

Comments are closed.

Next Episodeހަޤީޤަތް ނޭނގެނީ ކީއްވެބާ…؟ ( 7 ވަނަ ބައި)←


All Right Reserved!