ދަރިފުޅު (11 ވަނަ ބައި)
“ކޮބާ؟ ކިހިނެއްވާންވީ؟ މިއޮތީ ޒާކް. އޭނަ އޮތީ ހޭނެތިފަ.” އައިޝާމެންގެ ބޮޑު ފެންޑާއިން އެތެރަށް ވަންނަމުން، ރިޝޫ ސުވާލުކުރީ ބިންމަތީގައި އިށީނދެގެން އައިހަމް ގާތު އިން ހަސަންބެއާއެވެ. ރިޝޫގެ ކުރީގައިހުރެގެން ޒާކް އަތްދަނޑިމައްޗަށްލަައިގެން ޝަޔާން އެއިރު އެގޭތެރެއަށްވަންނަނީއެވެ. ހުރި ހަމައެކަނި ދަރިފުޅަށް މީގެ އިރުކޮޅެއްކުރިން ވެގެންއުޅުން ގޮތް ހިތަށްއަރާވަރުން އެކަމާ ދެރަވެ ރިޝްފާއަށް ރޮވެމުންދިޔައެވެ. އެ ތުއްތު ހަށިގަނޑަށް ވެފައިވާ އަނިޔާ ހިތަށްއަރާވަރުންނެވެ.
……………………………………………
ފަތިހު ޒާކް ނިދިންހޭލައިގެން އޭނާގެ ހަށިގަނޑު އެނދުމަތީގައި އޮވެ ކޮޅުކޮޅަށް އެނބުރުނުތަން ރިޝޫއަށްފެނުނީ އޭނާ ފާހާނައިން ނުކުތްދަނޑިވަޅުއެވެ. އަމިއްލަ މީހާއާއި ވާހަކަ ދައްކަމުން ދެލޮލުގެ ކަޅި އެއްފަޅިއަކަށް އަރުވައިގެން ހުރި ޒާކް ހީވީ ރާމާމަކުނެއް އެނދުމަތީ ހުރެ ފުންމިހެނެވެ. އިރުއިރުކޮޅާ ހެމުން ބަރު އަޑަކުން ވާހަކަދައްކަމުންދިޔައިރު އޭނާއަށް އާދަޔާ ހިލާފު ބާރެއްލިބިފައި ހުރިކަހަލައެވެ. ބަލަންނުހުރެ، ރިޝޫއަށް ހަޅޭއްލަވައިގަނެވުނީ ކުއްލިއަކަށް ޒާކް މައިތިރިވެ ރިޝޫއާއި ދިމާލަށް ބަލާލިގޮތުންނެވެ. ހަމަ ދަނޑިވަޅަށް ނިދަންއޮތް ޝަޔާން ނިދިންހޭލެވި ފުންމައިގެން ކޮޅަށްޖެހުނެވެ. އަދި މަގަތުގައި އިން އޭނާގެ ދަރިފުޅު ޒާކްއާއި ދިމާލަށް އެނބުރި އޭނާގެ ދެލޮލަށް ބަލާލެވުނެވެ. ޝަޔާންއަށްއަނެއްކާވެސް ލިބުނީ ކުއްލިސިހުމެކެވެ. ޒާކްގެ މޫނާއި ލޮލަށްވެފައި ހުރި ގޮތްފެނި ބިރުން ހަޅޭއްލަވައިގަންނަމުން އެނދުންފޭބުމަށް މަސައްކަތްކުރުމުން ޝަޔާން އެނދުންވެއްޓުނެވެ. ޝަޔާންއަށް ވީގޮތާއިމެދު ހިނިއައިސް ޒާކްގެ އަޑުފަށްގަނޑު ގަދަވިއެވެ. އެހާހިސާބުން ޝަޔާނާއި ރިޝޫ ޒާކް މައިތިރިކުރުމަށް މަސައްކަތްފަށަމުން ޒާކްގެ ހަށިގަނޑުގައިވާ ރޫހާނިބާރުގެ އަސަރުކުޑަކުރުމަށް ފޯނުން ޤުރުއާންޖަހައިލިއެވެ. ހަމަދަނޑިވަޅަށް ޒާކް ހޭނެތި އެނދުމައްޗަށްވެއްޓުނެވެ. އަވަހަށް ފޯނު ނަގައި ޝަޔާން ހަސަންބެއަށް ގުޅާލީ ޖިންނިއެއްގެ ކަމެއްކަމަށް ޝައްކުކުރަމުން މިކަމުގައި ޒާކް ގެ ސަލާމަތްކަން ހޯދުމަށެވެ.
……………………………………………….
ފަންޑިތަވެރިޔާ ހަސަންބެ ހުރީ ހުރިހާކުދިން ހަމަވަންދެން އެކުދިންގެ މައިންބަފައިންނާއި އެކުދިންގެ އިންތިޒާރުގައެވެ. އެއިރު އައިޝާގެ އައިހަމް އިނީ ސޯފާގައި ޖެހިބުއްދެއްހެން ގުޑާލުމެއްނެތި މައިތިރިއަރާފައެވެ. ހުރިހާކުދިން ހޭހުސްވެފައި ބިންމަތީ ބާއްވާފާއި ތިބި އިރު އައިހަމް އިނީ ހަމަހޭގައެވެ. ޒާކްވެސް ބިންމަތީގައި ސޯފާ ކައިރީ، މާއިންނާއި އާލިޔާގާތު ބޭއްވުމަށް ހަސަންބެ އެދުމުން، ޝަޔާން ގޮސް އެތަނެއްގައި އެކުއްޖާބާއްވައިލާ ދުރަށްޖެހުނެވެ. އެއިރު އެގެއަށް މި ކުދިންގެ އާއިލާގެ އެންމެން ޖަމާވެފައި ތިއްބެވެ. މި ކުދިންގެ މައިންބަފައިން އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ހުރިއިރު ހުރިހާ އަންހެންވެރިންނަށް ރޮވެނީއެވެ. މަޖާކޮށްލަން ރަށަށް އައި ދަތުރު ހިތި ދަތުރަކަށް ވެގެންދިޔައީމައެވެ.
ފަނޑިތަވެރިޔާ ހަސަންބެ އެ ތައްޔާރުވަނީ މިކުދިންނަށްވެގެން އުޅޭގޮތެއް ހޯދައި ޖިންނިންގެ ކިބައިން މިކުދިން ސަލާމަތްކުރުމަށެވެ. އެހެންކަމުން ހަސަންބެ ކިޔެވެލިކިޔެވުމަށް ތައްޔާރުވުމުގެ ކުރިން މުޅި ސިޓިންގްރޫމު ވަށައި ހޯދާލިއެވެ. އަދި ޓީވީ ރެކުގައި ވާ ތަސްވީރުތައް އޭނަގެ ލޮލުގައި އަޅައިގަތުމުން އެ ތަސްވީރުފްރޭމްތައް އެތަނުން ނެގުމަށް އެންގިއެވެ. އެއްވެސް ތަސްވީރެއް ފެންނަން ހުރެގެން ނުވާނެޔެ ބުނުމުން އަައިޝާ އަވަހަށްގޮސް އެ އެއްޗިހި އެތަނުން ނަގާލިއެވެ. އެއަށްފަހު ހުދުފޮތިގަނޑުތަކެއް ގެނެސް އެކުދިންގެ ގައިމަތީގައި އަޅައިލުމަށްހަސަންބެ އެދުނެވެ.
“އަހަރެން ކިޔެވުން ފެށީމައި އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކާތި، ކިޔެވެލީގެ އަޑުޖެހި އުނދަގުލެއް ވާނަމަ އިށީންނާތި.. އަދި މިތަނުން އެއްވެސް ކުއްޖަކަށް ގޮތެއްވެގެން، ނޫނީ އެއިން ކުއްޖަކު މަދަދަށް އެދުނަސް އެކުދިންނާ ކައިރި ނުވާތި. އިންޒާރުދީ، ބިރުދައްކަންވެސް ފަހަރުގަ އުޅެދާނެ، އެކަމަކު އެފަދަ ވާހަކައެއް ގަބޫލުނުކުރާތި. ކެތްތެރިވާތި! އަހަރެންގެ އިޝާރާތެއްނުލިބެނީސް މިތަނާ ކައިރި ނުވާތި. ” އެކުދިންގެ ގާތުގައި އިށީނދެގެން އިން ހަސަންބެ އެވަގުތު ގޭތެރޭގައި ތިބި އެންމެންނަށް ނަސޭހަތްތެރިވަމުންދިޔައެވެ.
ކުދިންގެ ގައިމަތީ ފޮތިއަޅަން ހުރި އައިޝާއާއި ފާތުން ހަސަންބެ އެދެއްކި ވާހަކައަކުން އަނެއްކާ މާބޮޑަށް ދެރަވެއްޖެއެވެ. އެމީހުންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އިހުނަށްވުރެގިނަވިއެވެ.
…………………………………………………..
އައޫޒާއި ބިސްމި ކިޔުމަށްފަހު އައިހަމްގެ ބޮލުގައި އަތްތިލަބާއްވަމުން ހަސަންބެ ޤުރުއާންގެ އާޔަތްތަކެއް ކިޔަވަންފެށިއެވެ. ކިޔެވެލި ކިޔަވަންފެށުމާއިއެކު ބުދެއްހެން އިން އައިހަމްގެ ކަޅި ކޮޅު ކޮޅަށް ހިންގާލިއެވެ. މާނޭވާލަމުން، އަތްފައިން ނޫން ނޫންކިޔައި ސިޓިންގްރޫމުގެ ސީލިންގަށް ބަލަންފެށިއެވެ. އަދި މަދަދަށް އެދޭހާލު ތިމަންނާ ސަލާމަތްކުރާށޭ ބުނާހެން އާދޭސްކުރަންފެށިއެވެ. އައިހަމް ސީލިންގަށް ބަލަނީ ކީއްވެގެންކަން ހަސަންބެއަށް އެނގެއެވެ. ސީލިންގްގައި މީހަކު ފެންނަން ނެތަސް އެތާގައި ކޮންމެވެސް ދިރުންލިބިގެންވާ މަޙުލޫގެއް އޮތްކަންއެނގެއެވެ.
“މަންމާ! ސަލާމަތްކުރޭ! ” ދެ ދަތްޕިލަ ޖައްސައިގެންހުރި އައިހަމް ހަޅޭއްލަވައި ސޯފާގައިއޮވެ ތެޅިފޮޅެންފަށައިފިއެވެ.
” ސަލާމަތަށް އެދި ގޮވާނީ ﷲގެ ހަޒުރަތުން. މަންމައަކަށް ސަލާމަތެއްނުކުރެވޭނެ! ބުނޭ! ކީއްވެ އައިހަމްގެ ގައިތެރޭ ތިއުޅެނީ؟” އައިހަމްގެ ދެއަތް މައިތިރިކުރަމުން އައިހަމާ ހަސަންބެ ސުވާލުކުރިއެވެ. ހަމަދަނޑިވަޅަށް ޒާކްގެ ދެލޯ ހުޅުވި އޮތްތަނުން ފުންމައިގެން އަރައި ތުއްތުއާލިޔާގެ ކަރުގައި ހިފިއެވެ. އެވަގުތަށް ހަޅޭއްލަވައިގެންފައި އާލިޔާ ސަލާމަތްކުރުމަށް އެކުއްޖާގެ ގާތަށް ދިއުމަށް ފާތުންނަށް ދުއްވައިގަނެވުނެވެ.އެހެނަސް ޒާކްގެއަތުގައި ހިފައި އޭނާ މައިތިރިކުރަން ފެން ޖަހަން އިން ހަސަންބެގެ އިޝާރާތަށް ފާތުންގެ ފިރިމީހާ އޭނާ ހުއްޓުވިއެވެ. ޒާކްގެ މޫނަށް ފެންފޮދެއްޖެހުމާއިއެކު ރުޅިންފުރިގެންވާ ލޮލަކުން ޒާކް ހަސަންބެއަށް ބަލައިލއެވެ.
“މި ކުދިންގެ އާއިލާ އެންމެން ނައްތާލާނަން! ތި ކަންތައް ހުއްޓާލާ! ” އާލިޔާގެ ކަރުން އަތްދޫކޮށްލައި އިންތަނުން ތެދުވެ ދެފައިކުރުގަޅުވައިގެން އިނދެ ތުއްތު ޒާކް ވާހަކަ ދައްކަމުންދިޔައީ ބޮޑު އަންހެނެއްގެ އަޑުންނެވެ.
” މި ކުދިންގެ އާއިލާނެއްތޭނީ ފުރަތަމަ އަހަންނާ ކުޅެގެން! ކަލޭ ނިކަން އަހަރެންނަށް ކަމެއްކޮށްބަލަ! ބިރުދައްކަން ނޫޅޭ! ކުޑަ ކުޑަ ތުއްތު ކުދިންކޮޅަކަށް ތިއަނިޔާ ކުރަނީ ކަލޭމެން ކީއްވެތަ؟ ކިތައް ޖިންނީންތަ ތިއުޅެނީ މިކުއްދިންނަށް ގޯނާކުރުމުގަ؟ ޖަވާބުދީ! ” ހަސަންބެގެ ހިތްވަރު ވަރަށްވެސް ގަދައެވެ. ގޭތެރޭގައި މި މަންޒަރުތައް ބަލަންހުރި އެންމެންވެސް ބިރުން ހަލާކުވަނީއެވެ. މިހާހިސާބަށް ކަންތައްހިނގާފައި އޮތުމުން، ގޭދޮށު މީހުންވެސް އައިޝާމެންގެ ގޭ ގޯތިތެރެއަށް އެއްވެއްޖެއެވެ. ރިޝޫގެ ފިރިމީހާ އާއި އައިޝާގެ ބޭބެ އަޝްރަފާއި، ހަސަން އަދި މުނާގެ ފިރިމީހާވެސް ފޯނުނަގައި ވަމުންދާ ހުރިހާކަމެއް ވީޑިއޯ ކުރަމުންދެއެވެ.
” ނުބުނާނަން! ކަލޭ ތީ ކާކުތަ އަހަރެން ކުރާ ކަންތައްތައް ހުއްޓުވަން! ދޫކުރޭ! އަހަރެންނަށް ތިހެންނުހަދާ!” ރުޅިއަިއސްގެން ދެލޯ އަނގުރުއަލިފާންހެން ހަދައިގެން ހަސަންބެއާއި ވާހަކަދައްކަމުން ދިޔަ ޒާކް އަށް ވަކި ހިސާބަކުން ރޮވެންފަށައިފިއެވެ. އާދޭހުގެ ރާގަށްވެއްޓި މައިތިރިވާންފެށީ ހަސަންބެގެ ކިޔެވެއްޔާ އެއްވަރަށް ފެންތައްޓަކުން ޒާކްގެ ގަޔަށް ފެންޖަހަމުން ދިޔުމުންނެވެ.
“އެހެންވިއްޔާ ބުނޭ! ތީކާކު! އަދި އައިހަމްގެ ގައިތެރޭގައި އެ އުޅެނީކާކު؟ އޮޅުވާނުލާ ސީދަލަށް ކިޔައިދީ! ކަލޭމެން މިކުދިންނަށް ގޯނާތިކުރަނީ މިކުދިން ކޮންކަމެއްކޮށްގެން؟ ކަލެއަށްވެސް އެއެއްޗަށްވެސް އަނިޔާނުކޮށް ދޫކޮށްލާނީ އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދިނީމަ!” ހަސަންބެ ފެންތަށިނަގައިގެން ހުރެ ޒާކްއާއި ސުވާލުކުރިއެވެ.
“އާނ! އާނ! ބުނާނަން! އަނިޔާ ނުކުރާތި! އައިހަމްގެ ގައިތެރޭ އެއުޅެނީ އަހަރެންގެ ދަރިފުޅު! އޭނާ އެހެރީ މަރުމަތީ! އަހަރެންނަކީ އޭނާގެ މަންމަ. އޭނާ އައިހަމްގެ ގައިތެރޭ ރަނގަޅުވަންދެން އުޅުވިޔަ ދީ! އޭނާއަށް އަނިޔާކުރީ އައިހަމްއާއި މިގޭ އެންމެން! އެއްދުވަހެއްގެ ހަވީރު، އަހަރެންގެ އެންމެ ކުޑަ ކުޑަ މި ލޯބި ދަރިފުޅު ތުނޑިއަށް އޭނާގެ އެކުވެރިންނާއިއެކު ކުޅެންގޮސް އުޅުނު. އަހަރެންވެސް އަހަރެންގެ އެކުވެރިންނާއިއެކު ތުނޑިމަތީ ހުރިން. އިރުއޮއްސުމުން، އަަހަރެންގެ އެކުވެރިން އާދައިގެ މަތިން ޖައްވުގައި އުދުހިލާ މަޖާކޮށްލަން ކަނޑުމައްޗަށް ދިޔުމުން، އެމީހުންނާއިއެކު އަަހަރެންދިޔައީ ދަރިފުޅުގާތު މި އަންނަނީޔެ ބުނެފަ. އެއިރު އެތާ މިކުދިން ނޫން ކުދިންނެއްނެތް! އަނބުރާ ދަރިފުޅުބަލާ އައިއިރު، މަގޭ ދަރިފުޅެއް ފެންނާކަށްނެތް! އެހެންވެ ދަރިފުޅުގެ އެކުވެރިން ގާތު އަަހަރެންގެ ދަރިފުޅު ކޮބާހޭ ސުވާލު ކުރުމުން، އެތަނުން ކުއްޖަކު ކަންވީގޮތް ކިޔައިދިން. ބުނި، އަހަރެންގެ ދަރިފުޅު އިންސާނުން ގިނަވުމުން ރައްކައުވާންވެގެން ބޮއްޔެއްގެ ސިފައަށްބަދަލުވެ ފޮރުވިގަތްވާހަކަ. އެކުދިންނާއިއެކު ގަސްތަކުތެރެއަށް ދާން އެދުމުން، އޭނާ ސިފަބަދަލުވެ އެތާތިބި އެހެންބޮލިތަކާއެކު ފޮރުވިގަނެގެން އޮށްވައި މި ކުދިންއައިސް މަގޭ ދަރިފުޅުނަގައި ކުޅެންފެށީ އެއީ ބޮއްޔެއްކަމަށް ހީކޮށޯ!. އަހަރެން ބޮލިނެގުމުން މައްސަލައަކަށް ނުހަދަން. އެކަމަކު، މިކުދިން އަހަރެންގެ ދަރިފުޅަށް ވަރަށް އަނިޔާކުރި، ފައިންޖަހާ، ތަޅުވާ، އެއްލާ! އިރު އިރުކޮޅާ ބިމަށް ވައްޓާހެދި. އެ ފަކީރު އެއިން ނުކުންނަން ވަރަށް މަސައްކަތްކުރި، ނަމަވެސް އޭނާއަށް އެކަމެއްނުވި. ނުވީތާކަށް، އައިހަމް އޭނާ ދޫނުކޮށް ގޮވައިގެން ގެއަށްވެސް ދިޔައީ! އަނެއްދުވަހު އައިހަމް އަހަރެންގެ ދަރިފުޅު ނަގައިގެން އުޅުނީމަ، މިހިރަ އައިޝަތު ހެދިގޮތަކީ އަަހަރެންގެ ދަރިފުޅު ގޮސް އަލިފާންގަނޑަށް އެއްލާލީ!……..” ދެލޯބޮޑު ވެ އިވެމުންދިޔަ ވާޙަކަތައް އަޑުއަހަންހުރި އައިޝާއަށް އިނގިލިދިއްކުރަމުން، ކަންވަމުންދާގޮތް ކިޔައިދެމުންދިޔަ ހޭވެރިކަން ނެތް ޒާކްއަށް ރޮވިއްޖެއެވެ. ލޮލުންފައިބަމުންދިޔަ ކަރުނަތައްފޮހެލައި އަނެއްކާވެސް ޒާކް ވާހަކަ ކުރިޔަށްގެންދިޔައެވެ.
” އަަހަރެންގެ ދަރިފުޅު، ކުޑަކަމުން އޭނާއަކަށް އޭގެން ނުކުންނާކަށް ނޭނގުނު! ވަރަށް އާދޭސްކޮށް ސަލާމަތްކޮށްދޭށޭ ގޮވާހެދުމުން، އަހަރެން ވަރަށްވަރުން އޭނާ ސަލާމަތްކުރެވޭތޯ މަސައްކަތްކުރިން!. ސަލާމަތްވިޔެއްކަމަކު، އޭނާއަށް ހުރީ ވަރުވަރުން އަނިޔާވެފައި! އޭނާއަށް ދެން އިންސާނެއްގެ ހަށިގަނޑުން ލިބެންޖެހޭ ތާޒާކަމެއްލިބިގެން ނޫނީ އޭނާ ރަނގަޅުވެވޭކަށް ނެތުމުން އަހަރެން އޭނާގާތު ބުނިން އައިހަމްގެ ހަށިގަނޑުގައި އުޅުމަށް! އަދި އެ ހަށިގަނޑުން ލިބެންޖެހޭ ބާރެއްލިބެންދެން އޭގެން ނުނުކުންނަން!……………….” މިހާހިސާބަށްދިޔުމުން، ޒާކްގެ ރުޅިގަދަވެ އަނެއްކާވެސް ދެލޮލުގެ ކަޅިގެއްލުވާލައި ހަސަންބެއަށް ބަލާލިއެވެ. ” ދެން މަގޭ ދަރިފުޅަށް އަނިޔާކުރީމަ އަހަރެން ބަލަންހުންނަންވީތަ! އަޅާނުލާންވީތަ؟ ނުވާނެ ތިކަމެއް! އަހަރެންގެ ދަރިފުޅަށް އަނިޔާވިވަރަށް މި ކުދިންނަށް އަނިޔާކުރާ…….” ޒާކްގެ ޖުމްލަ ނުނިމެނީސް ހަސަންބެ ބަޤަރާސޫރަތުން އާޔަތްތަކެއް ކިޔަންފެށުމައިއެކު އަނެއްކާވެސް ޖިންނި މައިތިރވެއްޖެއެވެ.
” މައްސަލައެއްނެތް! ކަލޭ ތީ މުސްލިމު ޖިންނިއެއްތަ؟ ނޫނީ ކާފަރު ޖިންނިއެއްތަ؟ މިއަށް ޖަވާބުދީ؟” ޖިންނި ދެއްކި ވާހަކަތައްއަޑުއަހާފައި ހަސަންބެ ވަރަށްވިސްނާފައި ޖިންނިއާއި މިސުވާލުކުރިއެވެ.
“މުސްލިމު ޖިންނިއެއް!” ޖިންނީގެ ޖަވާބު ވަރަށްކުރެވެ.
“ދެން އެނގެއެންނު މުސްލިމުންނަށް އަންގަވާފަ އޮންނަކަން ކަން! ކަލޭ ބޭނުންވަނީ އަނިޔާލިބި ނިމިގެންދާންތަ؟ ބަދަލު ހިފުމަކީ މުސްލިމުންގެ އޮންނަ ކަމެއްތަ؟ ބޭނުންވަނީ ތިކުރާކަންމަތީ ނިމިގެންދާންތަ ނޫނީ ރަނގަޅުވެ ތިކުރާ ކަންތަކުން ތައުބާވެ ސަލާމަތްކަން ހޯދައިގެން ކަލޭގެ ދުނިޔެއަށް ދާންތަ؟ ކަލޭގެ ދަރިފުޅަށް ވެފައިވާ އަނިޔާއަކުން ރަނގަޅުވުމަށް ދުޢާދަންނަވާ! އިރާދަކުރެއްވިއްޔާ އެކުއްޖާ ރަނގަޅުވާނެ! ފަރުވާލިބޭނޭ ގޮތްގޮތް ކަލޭގެ މީހުންގާތުން އަހައި ބަލައި ހޯދާ! އިންސާނުންގެ ހަށިގަނޑަށް ނުވަދެވެސް އެކުއްޖާއަށް ފަރުވާހޯދޭނެ! ކަލެއަށް އެނގެ އެންނު އެ ކުދިން ކަލޭގެ ދަރިފުޅަށް އަނިޔާކުރީ ގަސްތަކުއެއްނޫންކަން! ތިހެންނުހަދާ ކަލެއާ ކަލޭގެ ދަރިފުޅު މި ހަށިގަނޑުތައް ދޫކޮށްލާ!” ހަސަންބެ ނަސޭހަތްތެރިވަމުން ދިޔައިރު ޒާކްގެ ބޮލުގައި ފެން ހާކަމުން ދިޔައެވެ.
” އަހަރެން ނުކުމެދާނަން! ތިދެއްކިވާހަކަވެސް އަޑުއަހާފާނަން! އެކަމަކު މިހާރު އައިހަމްގެ ގައިތެރެއިން މަގޭ ދަރިފުޅަށް ނުކުންނާކަށް ނޭނގޭނެ! އޭނާ ނެރެދީ! އަހަރެން ތައުބާ ވެއްޖައިން. އަނިޔާނުކުރޭ! ” ބިރުން އިން ޒާކް ވާހަކަ ދައްކަމުން ދިޔައިރު ރޮވެނީއެވެ.
ހަސަންބެ ބަލަންނުހުރެ، ކިޔެވެލި ކިޔަވަމުން އައިހަމާއި ދިމާލަށްއެނބުރުނީ ޒާކްގެ ވާހަކަދެއްކުންހުއްޓި ހަށިފުރާ ނޭވާއެއް ލި އަޑު އިވި އެކުއްޖާ ބިންމައްޗަށް ދެމުމުންނެވެ. އަދި ކިޔެވެލި ކިޔަވަމުން ދިޔަހިނދު، ރިޝްފާމެންނަށްބަލާލައި، އިޝާރާތުން ކުދިންތައް ބިންމަތިން ނެގުމަށް އަންގާލިއެވެ. އެހެންކަމުން ބަލަންތިބި އެންމެންއައިސް އަވަސް އަވަހަށް ކުދިންތައް ނަގައި ގޭތެރޭގެ ކޮޓަރިއަކަށްވަނެވެ. އެއިރު އައިޝާއާއި އޭނާގެ ފިރިމީހާ ހުރީ އެމީހުންގެ ދަރިފުޅުގެ ސަލާމަތްކަމަށް އެދިއެދި ސޯފާކައިރީގައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Amazing story…varah fakkaa ingey…
Thank you 🙂
Vrh vrh reethi
fathun so zamaany , but dosent know thaveedhu is shirk , also calls fandithaveriyaa, plus quran ves play kurey, like wt. i dunno How those fandithaverin live , so zamany iru with baby monitors and they dosent even know islam well, crazy story , scared yh, but those parts are rly weird for me