ބޭނުންވަނީ އުމުރަށް 10
ދޮންއައިސަ މަރުވިފަހުން ފުރަތަމަ ފަހަރަށް އިބުރަހިމް ގެއަށް އައިސް ވަނެވެ. ” އިބުރާހިމާ ” ގެއަށް ވަދެގެން ތަންކޮޅަކަށް ދިޔަތަނާ ދޮންއައިސަ ގޮވާލި އަޑު އިވުމުން ސިހިފައި އިބުރާހިމް ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭގެ ފަހުން ގޭތެރޭގެ އެކިދިމަ ދިމާލުން ދޮންއައިސަގެ އަޑު އިބުރާހިމަށް އިވެމުން ދިޔައެވެ. އެކިފަހަރު ދައްކާފަ ހުރި އެކި ވާހަކަތަކެވެ. ދޮންއައިސަ އިބްރާހިމްއަށް ގޮވާލާ ގޮތެވެ. ދޮންއައިސަ މިދުނޔޭގަ ނެތްކަމުގައި ވިޔަސް އިބުރާހިމްގެ ހިތުން ދޮންއައިސަ ހަނދާންތައް ފިލާނުދެއެވެ. މިދުނޔޭގަ ތިބި މީހުންނަށް ދޮންއައިސަ މަރުވެފަ ވިޔަސް، އިބުރާހިމަށް ދޮންއައިސަ މަރުނުވާކަހަލައެވެ. ވަގުތު ތަކެއް އިބުރާހިމް ގޭތެރޭގައި ހޭދަކުރުމަށްފަހު ގެއިން ބޭރަށް ނިކުމެ މަގުމައްޗަށް ނިކުތްތަނާ މުދިންބެޔާ ދިމާވިއެވެ. ” އިބުރާހިމާ ކޮބާ ކޮންހާލެއްތަ؟ ” މުދިންބެ ސުވާލުކޮށްލިއެވެ. ” ރަނގަޅު ” އިބުރާހިމް ބުނެލިއެވެ.
” މިގޭގަ އެކަނިތަ މިހާރު ތިއުޅެނީ ” ގެއާދިމާއަށް ބަލާލުމަށްފަހު މުދިންބެ ސުވާލުކޮށްލިއެވެ. ” މިގޭގައެއްނޫން މިއުޅެނީ ” އިބުރާހިމް ބުނެލިއެވެ. ” ދެންކޮންތާކުތަ؟ ” މުދިންބެ ހައިރާންކަމާއެކު އަހާލިއެވެ. ” ކާފަ ދަރި ކައިރީގަ ” އިބުރާހިމް ބުނެލިއެވެ. ” އެހެންތަ؟ އެސޮރު ރަނގަޅުތަ؟ ” މުދިންބެ އަހާލިއެވެ. ” އާނ. ވަރަށް ރަނގަޅު. އަހަރެން ހީކުރިވަރަށް ވުރެއްވެސް މާރަނގަޅު. އެވަރުގެ ކާފަދަރިއެއް އެހެންމީހަކަށް ނުލިބޭނެ ” އިބުރާހިމް ހީލަމުން ބުނެލިއެވެ. ” ނަސީބެއްނު އެފަދަ ކާފަ ދަރިއަކު ހުރިކަން ވެސް. މިޒަމާނުގެ ކުދިން މިއުޅެނީ އުޅޭވައްތަރު ” މަގުމަތިން ދިޔަ ކުއްޖަކަށް އިޝާރާތް ކުރުމަށްފަހު މުދިންބެ ބުނެލިއެވެ. ” ދުވަސްވީ މީހަކު އެއްޗެއް ބުނެފިއްޔާ ދޭތި ބުނާނެ. އުޅުމެއް އަހުލާގެއް ހުރި ކުއްޖެއް މަދުވާނެ. ހިނގާ އިބުރާހިމާ ސައިތައްޓެއް ބޯލަން ހޮޓާ ދޮށަށް ދާމާ ” މުދިންބެ އެހެން ބުނުމުން އިބުރާހިމް މުދިންބެ އާއެކު ހިނގައިގަތެވެ.
” ދީނާ އަހަރެންނަށް ޖޮބް ލިބިއްޖެ ” ސާހިދު ދީނާޔަށް ގުލާފަ ބުނެލިއެވެ. ” އެހެންތަ؟ އަހަރެން މިއަދު ވަރަށް އުފާވެއްޖެ ” ދީނާ ހީލަމުން ބުނެލިއެވެ. ” އަހަރެން ގުލާނަން އިގޭފަހުން. މިހާރު މިދަނީ ސަކީނައްތަ މެންގެއަށް ވަދެލަން ދާންވެގެން ” ސާހިދު މިހެންބުނެ ފޯން ކަޑާލިއެވެ.
” މިގަޑީގަ ގޭގަ ކިއްކުރަނީތަ؟ ” ސާހިދު އައިސް ގޭދޮރުމައްޗަށް އެރިވަގުތު އަކިޔަލް ގެއިން ނިކުންނަނީއެވެ. ” އަހަރެން ގެއަށް އައުމަކީ މައްސަލައެއްތަ؟ ” އަކިޔަލް ބުނެލިއެވެ. ” މައްސަލައެކޭ ނުބުނަމެއްނު ” ސާހިދު ބުނެލިއެވެ. ” ކަމަކުތަ ތިއައީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ކަމަކުއެއްނޫން. އާދައިގެމަތިން ހަމަ ޖައްސާލީ ” ސާހިދު ބުނެލިއެވެ. ” ހިނގާބަލަ އަހަރެންނާއެކު ބެންކަށް ގޮސްލަން ” އަކިޔަލް މިހެން ބުނުމުން ސާހިދު އަކިޔަލާއެކުގައި ހިނގައިގަތެވެ. ” އަހަރެންނަށް ޖޮބް ލިބިއްޖެ ” އަކިޔަލް ސައިކަލް ދުއްވާލުމުން ސާހިދު ބުނެލިއެވެ. ” އެހެންތަ؟ ކޮންގްރާ އިގޭ ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” ތޭކްސް. ޖޮބް ލިބުމުން އަދި ބޮޑުކަންތަކާ ލައިގަންނާނީ ” ސާހިދު ބުނެލިއެވެ. ” އެއީ އަނެއްކާ ކޮންކަމެއްތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އަހަރެން ވާނީ ޖޮބް ލިބުނުހާ އަވަހަކަށް ދީނާޔާ މެރީކުރާނެ ވާހަކަ ބުނެފަ. އެކަމާ އުޅެންޖެހޭނެއްނު ” ސާހިދު ބުނެލިއެވެ. ” ޖޮބް ހަމަ ލިބޭއިރަށް މެރީކުރާނީ ކިހިނެއްތަ؟ މެރީކުރަންޏާ ކޮންމެވެސް ވަރަކަށް ލާރި ބޭނުންވާނެ އެއްނު ” އަކިޔަލް ބުނެލިއެވެ. ” އަހަރެން ސޭވް ކޮށްފަހުންނާނެ މެރީކުރެވޭވަރަށް. އެކަމަކު ޖޮބް ކޮންފޯމް ނުވާތީ މަޑުކުރީ. އަދި އަހަރެންގެ އަތުގައި ލާރި ހުރިވާހަކަ ވެސް ދީނާ ގާތުގައި ނުބުނަން. އެއީ ވަރަށް ވިސްނާފަ ކުރިކަމެއް ” ސާހިދު ބުނެލިއެވެ. ” އެހެންވީމާ ކޮންދުވަހަކުން މެރީކުރަން ތިވިސްނަނީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އަދި ދުވަހެއް ކޮންފޯމެއް ނުކުރަން. ދީނާޔާ ވާހަކަ ދައްކާލާފަ އަދި ދުވަހެއް އެގޭނީ ” ބެންކާ ހިސާބަށް އާދެވުމުން ސައިކަލުން ފައިބަމުން ސާހިދު ބުނެލިއެވެ. ” އެހެންވީމާ ދުވަހެއް ކޮންފޯމް ވީހާއަވަހަކަށް އަހަރެން ގާތުގައި ބުނާތި. ޕާޓީއެއް ނުބާންވަންތަ؟ ” އަކިޔަލް އަހާލިއެވެ. ” ކީއްކުރަން ބާއްވާ ޕާޓީއެއްތަ؟ ބޭކާރު ކަމެއްނު އެއީ ” ސާހިދު ބުނެލިއެވެ. ” އެންމެ ރަނގަޅު. ސާހިދު ކައިވެނީގެ ހުރިހާ ކަމެއް ސާހިދު ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދޭ. ޕާޓީގެ ކަންތައް އަހަރެން ކުރިއަށްގެންދާނަން. ސާހިދު ބޭނުން ނުވިޔަސް އަހަރެން ބޭނުން ސާހިދުގެ ވެޑިން ޕާޓީ ބާއްވަން. މިކަމާ ދެކޮޅު ހަދައިގެން ނުވާނެ ” އަކިޔަލް ބުނެލިއެވެ. ” އެކަމަކު އަކޫ… ” ސާހިދު ބުނެލިއެވެ. ” ކީކޭތަ އަހަރެން ބުނީ. މިކަމާ ދެކޮޅު ހަދައިގެން ނުވާނޭދޯ. ޕާޓީގެ ހުރިހާ ކަމެއްވެސް ކުރާނީ އަހަރެން. އެހެންވީމާ މަޑުން ހުރޭ. ދީނާގެ ގާތުގަ ވެސް އަހަރެން މިހެން ބުނި ވާހަކަ ބުނާތި ” އަކިޔަލް މިހެން ބުނެފަ ބެންކް ތެރެއަށް ވަނުމުން ސާހިދު އަކިޔަލް ފަހަތުން ބެންކް ތެރެއަށް ވަނެވެ.
” މިހާރު މަންމަ މެންގާތުގަ ބުނެފިންތަ މެރީކުރަން ބޭނުންވާ ވާހަކަ ” ސާހިދު އަހާލިއެވެ. ” އަދި ނުބުނަން. ސާހިދު ބުނެފިންތަ މަންމަ ގާތުގަ ” ދީނާ ސުވާލުކޮށްލިއެވެ. ” އަހަރެން އެންމެފަހުވަގުތު ބުންޏަސް އޯކޭ ވާނޭ. އެކަމަކު ކުރިން ބުނަންޖެހޭނީ ދިނާގެ މަންމަ މެންގެ ގާތުގައެއްނު ” ސާހިދު ބުނެލިއެވެ. ” ތިވެސް ރަނގަޅު ވާހަކައެއް. އެހެންވީމާ ކޮންދުވަހަކަށް ހަދާނީ ” ދީނާ އަހާލިއެވެ. ” ދީނާ ބޭނުން ކޮންމެދުވަހެއް އޯކޭވާނެ ” ސާހިދު ބުނެލިއެވެ. ” އެހެންވީމާ އަހަރެންގެ އުފަންދުވަހު މެރީ ކުރާނީ ” ދިނާ ވިސްނާލާފަ ބުނެލިއެވެ. ” އެހެންވީމާ ތައްޔާރު ވާންވެސް އޮތީ އެންމެ ވިއްސަކަށް ދުވަސްދޯ ” ސާހިދު އެހެން ބުނުމުން ދީނާ ސާހިދާ ދިމާޔަށް ބޯއަރިކޮށްލާފަ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ” ހުރިހާ ކަމެއް ނިއްމާލާއިރު އަދި ސާހިދު ޖޮބަށް ދާންފެށިތާ ހަފްތާއެއްވެސް ނުވޭ. ކޮންތާކުން ހުރިހާ ކަމަކަށް ލާރިހޯދަނީ ” ދީނާ ސުވާލުކޮށްލިއެވެ. ” ލާރި ގެންނަތަނެއް ދީނާ ބަލަނީ ކީއްކުރަންތަ؟. ހަމަ ޔަގީނުންވެސް އަހަރެން ވައްކަމެއްކޮށްގެން ލާރި ހޯދައިގެން މެރީ ނުކުރާނަން. ދެން ދީނާ ބޭނުންވަނީ މެރީކުރާކަށްނު. އެހެންވީމާ ދީނާ ތައްޔާރުވެގެން ހުރޭ. އަހަރެން ބޭނުންވަނީ އަހަރެން ބުނި ގޮތަށް ކަންތައް ވުމުން ދީނާ ގާތުގައި ބުނިހެން މެރީކުރަން. އަދި އަހަރެންވީ ވަޢުދު ފުރިހަމަ ކުރަން ” ސާހިދު ބުނެލިއެވެ. ” ދެން ބުނެބަލަ ފޮނިނުވެ ކިހިނެއްތަ ހުރިހާ ހަރަދެއް ކުރަނީ. އަނެއްކާ އަކިޔަލް ލާރި ދިނީތަ؟ ” ދީނާ ސުވާލުކޮށްލިއެވެ. ” ކުރިން ވެސް އަހަރެން އަތުގަ ލާރި ހުންނާނެ. މިދުވަހަށް ސޭވްކުރި ލާރި އެއީ. އަކޫގެ ވާހަކަ ދެއްކީމަ މިހަނދާންވީ ވެސް . އަކޫ ބުނި ދީނާ ގާތުގަ ބުނާށޭ އަކޫ ޕާޓީ ބާންވަންބޭނުމޭ. ޕާޓީގެ ހުރިހާ ކަމެއް ބަލާނީ އަކޫއޭ ” ސާހިދު ބުނެލިއެވެ. ” އެހެންތަ؟ ދެން ސާހިދު ކީކޭ ބުނީ ” ދީނާ އަހާލިއެވެ. ” އަހަރެން ބުނިން އަހަރެން ބޭނުމެއްނޫނޭ ޕާޓީ ބާންވާކަށް. އެއީ ބޭކާރު ހަރަދެކޭ. ބުނީމާ ވެސް ބުނީ އަނގަ މަޑުންލައިގެން ހުންނާށޭ. ހުރިހާ ހަރަދެއް ކުރާނީ އަކޫއޭ ” ސާހިދުގެ ވާހަކަ ނިމުމުން ދީނާ ހީގަތެވެ. ” އަކިޔަލް ކުރިމަތީ މުޅިންކުޑަވެއްޖެދޯ ” ދީނާ ހީލަމުން ބުނެލިއެވެ. ” ދީނާ ހީކުރީ އަހަރެން އަކޫގެ ކުރިމަތީ އެއްޗެއް ނުބުނީމާ އަހަރެން ކުޑަވީކަމަށްތަ؟ އެކަހަލަ އެއްވެސް ކަމެއްނުވޭ. އަހަރެން އަކޫގެ ކުރިމަތީ އެއްޗެއް ނުބުނަނީ އަހަރެންނަށް ދެރަވާނެ ވަރުގެ ކަމެއް އަކޫ ނުކުރާނެކަން އެނގޭތީ. އެހާވެސް އަހަރެން އަކޫއަށް އިތުބާރުކުރަން. އަސްލު އަކޫ އަކީ ވަރަށް ރަނގަޅު މީހެއް. އަމިއްލަ ކަންތައް ނުކުރެވިފަ ހުއްޓަސް، އެހެން މީހުންނަށް ވަރަށް ހެލްޕު ވާނެ ” ސާހިދު ބުނެލިއެވެ. ” އެކަހަލަ ރަހުމަތްތެރިން މަދުވާނެ މިޒަމާނުގަ ” ދީނާ ވެސް ސާހިދުގެ ބަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
” ކޮންކަމަކާ ތިވިސްނަނީ ” ސިނާން އިސްދަށަށް ޖަހައިގެން އިންތަން ފެނުމުން ސާރާ ސުވާލުކޮށްލިއެވެ. ” އެއްވެސް ކަމެއްނުވޭ ” ސިނާން ބުނެލިއެވެ. ކަމެއްނުވެޔޭ ބުންޏަސް އަހަރެންނަށް އެނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން. ބުނެބަލަ ކިހިނެއްވީތަ؟ ” ސާރާ ބުނެލިއެވެ. ” އަހަރެންނަށް މިވިސްނެނީ އަހަރެމެންގެ ކައިވެންޏާ މެދު. ބައްޕަ ނުގަބޫލް ވީމާ ކައިވެނި ކުރެވޭނެ ބާއޭ ” ސިނާން ބުނެލިއެވެ. ” ކުރެވޭނެ. ސިނާން ކައިވެނި ކުރަން ފޯމް ނަގާ ” ސާރާ އެހެން ބުނެލުމުން ސިނާން ހައިރާންކަމާއެކު ސާރާޔަށް ބަލާލިއެވެ. ” ކިހިނެއް ކުރާނީ. ބައްޕަގެ ވަލީ ސާރާޔަށް ނުލިބި ކައިވެނި ކުރާނީ ކިހިނެއްތަ؟ ” ސިނާން ސުވާލުކޮށްލިއެވެ. ” އެކަން އޮތްގޮތަކަށް ކައިވެނި ވެސް ކުރެވޭނެ. ސިނާން ފޯމް ނަގާބަލަ. އަދި ފޯމާއެކުގަ ހުށައަޅަން ޖެހޭ އެއްޗެއް ވިޔާ ވެސް ހޯދާތި ” ސާރާ ބުނެލިއެވެ.
” ކީއްތިކޮށްލަނީ ” އަކިޔަލް ރިޒްނީއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” ކަމެއްނުކުރަން ” ރިޒްނީ ބުނެލިއެވެ. ” މިރޭ ބިޒީތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ބިޒީއެއްނޫން. ކިހިނެއްވީ ” ރިޒްނީ ސުވާލުކޮށްލި އިރުވެސް އަކިޔަލް ބިޒީތޯ ސުވާލުކުރީ ކީއްވެގެންކަން ރިޒްނީއަށް އެނގެއެވެ. އެހެންކަމުން އެކަމަށް ވަރަށްތައްޔާރުވެގެން ރިޒްނީ ހުއްޓެވެ. ” މީރޭ ބައްދަލުކޮށްލަން ދާންކަމަށް. އަނެއްކާ ބައްދަލު ވާނެތަ؟ ” އަކިޔަލް އަހާލިއެވެ. ” ކީއްވެ ނުވާންވީ ” ރިޒްނީ ބުނެލިއެވެ. ” އެހެންވީމާ އަހަރެން ގުޅާނަން އަށެއް ޖަހާއިރު ” މިހެންބުނެ އަކިޔަލް ފޯން ކަޑާލިއެވެ.
” ކޮންތާކަށް ދާންވީ ބަލާ ” އަކިޔަލް ރިޒްނީއަށް ގުޅާފަ ސުވާލުކޮށްލިއެވެ. ” އާދޭ ގެކައިރިއަށް. އަހަރެން މިހުރީ ގޭދޮރުމަތީ ” ރިޒްނީ ބުނެލިއެވެ. ” އަހަރެންނަށް ތިގެއެއް ނޭންގޭ ” އަކިޔަލް ބުނެލިއެވެ. ” އަކިޔަލްގެ މަންމަގެ ގައިގަ ތެޔޮދަމައިދޭ ނަޖީބައްތަ އެނގޭތަ އެހެންވީރު ” ރިޒްނީ ބުނެލިއެވެ. ” އާނ. އެދައްތަ އެނގޭ ” އަކިޔަލް ރިޒްނީގެ ސުވާލަށް ޖަވާބު ދިނެވެ. ” އެގެ ކައިރިއަށް އައީމާ އަހަރެން ފެންނާނެ ” ރިޒްނީ މިހެން ބުނުމުން އަކިޔަލް އޯކޭއޭ ބުނެ ފޯންކަޑާލުމަށްފަހު ސައިކަލަށް އަރާ އެދިމާއަށް ދިޔުމަށް ދުއްވާލިއެވެ.
” އައްސަލާމް ޢަލައިކުމް ” ހަމްދާން ގޭ ދޮރުމައްޗަށް ހުއްޓި ސަލާމް ގޮވާލިއެވެ. ” ވަޢަލައިކުމުއްސަލާމް ” ހައްވަ ސަލާމް ބަލައިގަތެވެ. ” ދައްތާ ޒޭނާ އެބައުޅޭތަ؟ ” ހަމްދާން އަހާލިއެވެ. ” އެބައުޅޭ ކޮޓަރީގަ. ވަދެ އިށީދޭ ” ހައްވަ މިހެން ބުނެފަ ދިޔައެވެ. ” ހާދަ ނުވަގުތެއްގަ. އަނެއްކާ ކިހިނެއްވީތަ؟ ” ހާވާލެވިފައިވާ ބޮލުގެ އިސްތަށިތައް ރީތިކޮށްލަމުން ޒޭނާ ބުނެލިއެވެ. ” ނުވަގުތެއްގަތަ މިއާދެވުނީ ” ހަމްދާން ބުނެލިއެވެ. ” އާދެން މީ އެހެންޏާ ހަމްދާން އަންނަ ގަޑިއެއްވެސް ނޫންވިއްޔާ ” ޒޭނާ ފާރުގައި ހުރި ގަޑިއަށް ބަލާލާފަ ބުނެލިއެވެ. ” އާނ. ގަޑީގެ ގޮތުން ތިބުނާ ނުވަގުތަކަށް ވެދާނެ. އެކަމަކު ގޭގަ އޮވެ ފޫހިވެގެން ހިތަށް އެރީ ފުރަތަމަ ޒޭނާޔަށް ގުޅާނީއޭ. އެކަމަކު ފަހުން ހިތަށް އެރީ ނުގުޅާ މިގެއަށް އަންނާނީއޭ. އެހެންވެ މިއައީ ” ހަމްދާން ބުނެލިއެވެ. ” ކަމެއްއޮތީތަ އަނެއްކާ ” ޒޭނާ އަހާލިއެވެ. ” އަނެއްހެން ކަމެއްނެތް. އެކަމަކު ދުއްވާލަން ދާން ހިނގާށޭ ބުނަން އަސްލު އުޅުނީ ” ހަމްދާން ބުނެލިއެވެ. ” އެހެން ވިއްޔާ މަޑުކޮށްލާ. އެބަ އަންނަން ރެޑީވެލައިގެން ” ޒޭނާ މިހެންބުނެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.
އަކިޔަލް ރިޒްނީ ގޮވައިގެން ދިޔައީ އެއް ދުވަސް ވަރެއްގަ އެތަނެއްގަ އަކިޔަލްގެ ގިނަ ހަނދާންތަކެއް ކަފުންކުރެވިފައިވާ ދިމާލަށެވެ. އެ ދިމާލަށް ދިޔުމުން އަކިޔަލްއަށް މާޒީގެ ހަނދާންތަކެއް އާވެގެން ދިޔައެވެ. ސާރާޔާ އެކުގައި އަތާއަތްގުޅާވީ ވަޢުދުތަކެވެ. ދެއްކި ވާހަކަތަކެވެ. ޖެހި ސަކަރާތެވެ. ” އަކިޔަލް ކިހިނެއްވެފަތަ؟ ” އަކިޔަލް ފާޑަކަށް ހުއްޓުން އަރާފަ ހުރުމުން ރިޒްނީ ގޮވާލިއެވެ. ” އެއްވެސް ކަމެއްނުވޭ ” އަކިޔަލް ރިޒްނީގެ އަޑު އިވުމުން ބަލާލާފަ ބުނެލިއެވެ. ” ކީއްކުރަން މިތަނަށް ތިއައީ އަހަރެން ގޮވައިގެން ” ރިޒްނީ ދެކޮޅު ބަލަމުން ބުނެލިއެވެ. ” މިތަނަކީ މީގެ ދުވަސްތަކެއް ކުރިން އަހަރެންނާ ގުޅުންހުރި ހަނދާންތަކެއް ފޮރުވިފައިވާ ތަނެއް. ދިރިއުޅުމުގައި އަހަރެން ރޯކުރި ހުޅުކޮޅު ދިއްލުނީވެސް މިތަނުން. އަދި އެ ހުޅުކޮޅު ނިވުނީ ވެސް މިތަނުން. އެދުވަހުގެ ފަހުން އަހަރެން މިތަނަށްއައި ފުރަތަމަ ފަހަރުމީ ” އަކިޔަލް އާންމުކޮށް ލެގިލައިގެން ހުންނަ ރުކުގައި ލެގިލަމުން ބުނެލިއެވެ. ” ކީކޭ އަކިޔަލް ތިކިޔަނީ. ކޮން ހަނދާންތަކެއް މިތާގަވާ ވާހަކައެއް ތިބުނީ ” ރިޒްނީ ބުނެލިއެވެ. ” ރިޒްނީ އަހަރެންގެ ލޯބި ހޯދަން މަސައްކަތް ކުރިހެން އަހަރެން މީގެ ދުވަސްތަކެއް ކުރިން ލޯބި ހޯދަން މަސައްކަތް ތަކެއް ކުރިން. އަދި ކާމިޔާބު ވެސްވި. އޭގެ ފަހުން ދުވަސްކޮޅެއް އުފަލުގަ އުޅުނިން. އަދި މިތާގަ ބައްދަލުވުންތައް ބާންވަމުން ދިޔައިން. ތަގުދީރުގާ ވަކިވާން ނެތް ހާހިދަކު ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެމެން ވަކިކުރުވާން މަސައްކަތް ކުރިޔަސް ވަކިނުވުމަށް ވަޢުދުވިން. މުޅި އުމުރުގަ އެކުގަ އުޅުމަށް އިގްރާރުވިން. ނިމިދާނީ އެކުއެކީގާ ކަމަށް ބުނެ، ދެމީހުން އެގޮތުގައި ލެހެއްޓެވުން އެދި ހެއްދެވިފަރާތުގައި ދުޢާ ދަންނަވާހާލު ދެމީހުން އަތާއަތްގުޅާ ވަޢުދުވީ ތަނަކީ މީ. އެކަމަކު އެހުރިހާ ވަޢުދެއްގެ އެއްވެސް އަގެއްނެތިގެން ދިޔައީ ކުޑަ ހިދުކޮޅެއްގެ ތެރޭގަ. އަދި ދެއްކި ވާހަކަ ތަކަކީ ދުވަހަކުވެސް ނުދައްކާ ވާހަކަތަކަކަށް ވެގެން ގޮސް މުޅި ދިރިއުޅުން ބަދަލުވީ ވެސް އެކަމަށް ވިސްނާވެސް ނުލެވި ވަނިކޮށް ” ރިޒްނީގެ ސުވާލަށް އަކިޔަލް ޖަވާބު ދިނެވެ.
” ސޮރީ އަކިޔަލް ” ރިޒްނީ ބުނެލިއެވެ. ” ރިޒްނީ ސޮރީ ބުނާނެ ކަމެއްނެތް. އެއީ އަހަރެންގެ ހަޔާތުގަ ކަންތައްވެފަވާ ގޮތް. އަހަރެން ކިތައްމެ ދެރަވިޔަސް އެކަން ނުވާކަމަކަށް ނުވާނެ މިހާރު. މިރޭ އަހަރެން ރިޒްނީ ގޮވައިގެން މިތަނަށް މިއައީ އަނެއްކާ ވެސް އަހަރެންގެ ހަޔާތުގައި ދެވަނަ ފަހަރަށް ދިރިއުޅުމުގެ ހުޅުކޮޅު ރޯކުރުމަށް. އަދި އެހުޅުކޮޅު އަބަދުގެ އަބަދަށް ނުނިވި ވާނެފަދަ ހިމާޔަތެއް ހޯދަން ” އަކިޔަލް މިހެން ބުނެލުމުން ރިޒްނީ ބަލާލިއެވެ. ” މީގެ ކުރިން އަހަރެންނާ ރައްޓެހި ވުމަށް އެދުނީ ރިޒްނީއެއްނު. އެކަމަކު މިރޭ އަހަރެން ރިޒްނީގެ ގާތުން އަހާލަން ބޭނުންވަނީ އަހަރެންނާ ރައްޓެހި ވެދާނަންތޯ ” އަކިޔަލް މިހެން ބުނެލުމުން ރިޒްނީ އަކިޔަލާ ގާތަށް ޖެހިލިއެވެ. ” އަހަރެންނަށް އަކިޔަލް ފެނުން ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް އަކިޔަލަށް އެދެންފެށި. އަހަރެންގެ ހިތް ކޮންޓުރޯލް ކުރަން އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު އެކަން އަހަރެންނަށް ނުކުރެވުނީމާ އަކިޔަލް ކުރިމަތީ އަހަރެން އަކިޔަލް ބޭނުންވާކަމަށް ބުނިން. އެކަމަކު އަކިޔަލް ފާޅުގާ އެކަމަށް އިންކާރު ކޮށްފަ، އަހަރެންނާ ދިމާއަށް ގޮވި އެއްޗެހިން ދެރަވިވަރުން އަހަރެން އަކިޔަލް ފެންނަ ހިސާބަށް ނުގޮސް، އަކިޔަލް ދެކެވަނީ ހަޤީޤީ ލޯބިކަން އަކިޔަލަށް ވިސްނުމުން އަހަރެންގެ ގާތަށް އަމިއްލައަށް އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރިން. މިއަދު މީ އަހަރެން ކުރި އިންތިޒާރަށް ނިމުން އައި ދުވަސް ” ރިޒްނީ މިހެންބުނެ އަކިޔަލްގެ ގައިގައި ލައްވެލުމަށްފަހު އަކިޔަލްގެ މޭގަ ބޯޖައްސާލިއެވެ. އެވަގުތު އަކިޔަލް ރިޒްނީގެ ފުރަގަހުން ދެއަތްވަށާ ބާރުކޮށްލިއެވެ. ” އަހަރެން އަކިޔަލް ދެކެ ވަރަށް ބޮޑަށް ލޯބިވޭ. ދުވަހަކު ވެސް ވަކިވާކަށް ބޭނުމެއްނޫން ” އެހެން ހުރެގެން ރިޒްނީ ބުނެލިއެވެ.
” ތައްޔާރުވާން ބުނިތާ ވެސް މިހާރު ކޮންއިރެއްތަ؟. އަދިކިރިޔާ ބޭރަށް ނިކުމެވޭ ވަރު މިވީ. އަތުގަ ތެރަސް ލައިގެންތަ ތިއުޅެނީ ” ދީނާ ތައްޔާރު ވެގެން ބޭރަށް ނިކުމުން ސާހިދު ބުނެލިއެވެ. ” ފަށާނެގޮތެއް ނުފެނިފަދޯ ސާހިދު ހުންނަނީ. އަހަރެންގެ އަތުގައި ތެރަސް ހުރިއްޔާ އެހުރިހާ ތެރަހެއް މިހާރު ހުންނާނީ ސާހިދުގެ ގައިގަ އުނގުޅިފަ ” ދީނާ ބުނެލިއެވެ. ” އަދި ވެސް ހުރީތަ އަވަސް ކަމުން ” ދީނާ ސައިކަލަށް ނާރާ ހުރުމުން ސާހިދު ބުނެލިއެވެ. ” ކޮންކަމަކާ ރުޅިގަދަވެފަތަ ތީނީ ” ސައިކަލަށް ދީނާ އެރުމުން ސާހިދު ސައިކަލް ދުއްވާލުމުން ދީނާ ސުވާލުކޮށްލިއެވެ. ” އެއްވެސް ކަމަކާ ރުޅިއެއްނާދޭ. ދީނާމެން އަންހެން ވެރިންގާތުގައި ތައްޔާރުވާން ބުނަން ޖެހޭނެ އޮއްސޭ އިރާއެކު. އެހެންނޫނީ އަވަހެއްނުވާނެ ” ސާހިދު ބުނެލިއެވެ. ” ދެން ހެވޭ. ކޮންތާކަށް ދާންތަ މިދަނީ ” ދީނާ ސުވާލުކޮށްލިއެވެ. ” ވަކިތާކަށް ދާކަށްނޫން. ހަމަ ދުއްވާލަން ދާން މިނިކުތީ ” ސާހިދު ބުނެލިއެވެ.
ސާހިދު ސައިކަލް ދުއްވަމުން ގޮސް ތުޑި ފުޓުބޯޅަ ދަނޑާ ދިމާލުން ބޮޑުމަގަށް ނިކުތެވެ. އަދި އެމަގުން ފޮނަދުއާވީ ދިމާލަށް ބާރަށް ދުއްވަމުން ގޮސް ތުޑި ފަސްދީ މަތިމަރަދުއަށް އެރިތާ މާގިނައިރެއް ނުވަނީސް ސާހިދުއަށް ހަމްދާން ޒޭނާ ގޮވައިގެން ސައިކަލްގަ ދަނިކޮށް ފެނިގެން ގޮވިއެވެ. ” ދެމީހުން މާބާރަކަށް ކޮންތާކަށް ތިދަނީ ” ސާހިދު ސުވާލުކޮށްލިއެވެ. ” ވަކިތާކަށްނޫން. ހަމަ ދުއްވާލަން ނިކުމެ މިއުޅެނީ. ސާހިދުމެން މިހިސާބުން ކޮންކަމެއްގަ ” ހަމްދާން ސުވާލުކޮށްލިއެވެ. ” ހަމަ ދުއްވާލަން ނިކުމެ މިއުޅެނީ ” ސާހިދު ބުނެލިއެވެ. ” އެހެންވިއްޔާ އަކޫ ކޮބާތަ؟ ” ޒޭނާ އަހާލިއެވެ. ” ގޭގަ ކަންނޭންގެ ވާނީ. ހަވީރު ދިމާވި. އޭގެ ފަހުން ދިމާނުވޭ. ނުވެސް ގުޅާ ” ސާހިދު ބުނެލިއެވެ. ” މަޑުކޮށްލާ. އަހަރެން އަކޫ ވީހިސާބެއް ބަލާލާނަން ” ޖީބުން ފޯން ނަގަމުން ހަމްދާން ބުނެލިއެވެ.
” ބޭފުޅާ ކޮންތާކުތަ؟ ” އަކިޔަލް ފޯން ނެގުމުން ހަމްދާން ބުނެލިއެވެ. ” ބޭފުޅާ އަހަރެން މިހުރީ ބޭރުގަ. ކިހިނެއްވީތަ؟ ” އަކިޔަލް ބުނެލިއެވެ. ” ބޭރުގަ އުޅޭކަން އަހަރެންނަށް އެބައެނގޭ ވައި އަޑު ގަދަކަމުން ވެސް. އެހެންވެގެން މިއަހާލި ކޮންތާކުހޭ ތިހުރީ ” ހަމްދާން ބުނެލިއެވެ. ” ކިހިނެއްވީ އަނެއްކާ ” އަކިޔަލް އަނެއްކާ ވެސް ސުވާލުކޮށްލިއެވެ. ” މިއުޅެނީ މަގުމަތި އަޅައިގެން ބަޔަކު ފެނިގެން ” ހަމްދާން ހީގަންނަމުން ބުނެލިއެވެ. ” ތީއަދި އަހަރެނަށް ނޭންގޭ ކަމެއް. ދެން މަގުމަތި އަޅައިގެން ކޮންބަޔަކާ ދިމާވެގެން ތިއުޅެނީ ” އަކިޔަލް އަހާލިއެވެ. ” ސާހިދުއާ ދީނާޔާ. އެހެންވީމާ މިހާރު މަދުވަނީ އަކޫ. އެހެންވެ އަކޫ ކޮންތާކުތޯ ބަލާލަންވެގެން މިގުޅީ ” ހަމްދާން ސާހިދަށް ބަލާލަމުން ބުނެލިއެވެ. ” އަހަރެން މިހުރީ އެއްކަލަ ދިމާލު އަތިރިމަތީގަ. އެދިމާލަށް އާދޭ ” އަކިޔަލް މިހެން ބުނެ ފޯން ކަޑާލިއެވެ. ” އަހަރެންނަށް ހުރިހާ ކަމެއްގަ އެންމެ ހެލްޕުވާ ރައްޓެހިން އެގުޅީ. އިރުކޮޅަކުން މިހިސާބަށް އަންނާނެ ” ފޯން ޖީބަށްލަމުން އަކިޔަލް ރިޒްނީ ގާތުގައި ބުނެލިއެވެ. ” އެހެންވީމާ ހިނގާ އަހަރެން ގެއަށްލާންދާން ” ރިޒްނީ ބުނެލިއެވެ. ” ކިހިނެއްވީ ކުއްލިއަކަށް ގެއަށްދާން ތިބުނީ ” އަކިޔަލް ހައިރާންކަމާއެކު އަހާލިއެވެ. ” މިތަނަށް އެމީހުން އަންނައިރު އަހަރެން އަކިޔަލް ގާތުގަ ހުރުމުން އެމީހުން ކީކޭ ހިތަށް އަރާނީ ” ރިޒްނީ ބުނެލިއެވެ. ” އެމީހުންނަށް ފެނި އެއްޗެއް ބުނެފާނެތީތަ ގެއަށްދާން ތިބުނީ. މީހަކަށް ފެނިދާނެތީ ހާދަބިރެއްވެސް ގަނެޔޭދޯ. ދެންމީހަކަށް ނުފެނިތަ އަހަރެންނާއެކު އުޅެން ބޭނުންވަނީ ” ރިޒްނީ އަކިޔަލަށް ފުރަގަސް ދީގެން ހުރުމުން އަކިޔަލް ރިޒްނީގެ ކޮޑުގާހިފާ އަނބުރާލުމަށްފަހު ބުނެލިއެވެ. ” ނުފެނި އުޅޭކަށް ނޫން ބޭނުންވަނީ. އެކަމަކު އަހަރެންގެ ހިތް ބިރުގަންނަނީ ” އަކިޔަލާ ދުރަން ޖެހިލުމަށްފަހު ރިޒްނީ ބުނެލިއެވެ. ” ކީއްވެ ހިތްބިރު ގަންނަންވީ. އެއީ މިނިމަސް ކާބައެއް ނޫނޭ. އެއީ އަހަރެންނަށް ހެޔޮއެދޭ އަހަރެންގެ ރައްޓެހިން. އެމީހުން ވަރަށް މަޖާ ވެސް ވާނެ. ތީ އަދި ރިޒްނީއަށް އެމީހުން ނޭންގޭތީ ވާގޮތް. ބަލަންހުރޭ އެމީހުން އައީމާ ކަންތައް ވާގޮތް. އެމީހުން ބޮޑުވަރަކަށް ދިމާކުރާނީނު. އޭރުން ވެސް ދޭނެ ޖަވާބު އަހަރެންނަށް އެނގޭ. ރިޒްނީ އެކަމާ ހާސްނުވެބަލަ ” ރިޒްނީގެ ފުރަގަހުން އަކިޔަލް ރިޒްނީއާ ގާތްވެލަމުން ބުނެލިއެވެ.
” ކާކު ގުޅީ ” ސައިކަލް މަތީ އިށީދެއިން ރިޒްނީ އަކިޔަލް ފޯން ކަންފަތާ ދުރުކޮށްލުމުން އަހާލިއެވެ. ” ބޯއްޓު އަންނަ ދުވަހެއް ބަލަން ވެގެން ކުރިން ގުޅާފަ އޮތީމާ އެގުޅީ ” އަކިޔަލް ބުނެލިއެވެ. ” ވަރަށް ލަސްވޭތަ؟ ” އަކިޔަލް ރިޒްނީ ކުރެން އަހާލިއެވެ. ” ކިހިނެއްވީ ” ރިޒްނީ ވެސް ކޮށްލީ ސުވާލެކެވެ. ” ރިޒްނީ އިންގޮތުން ހީވީ ލަސްވެގެން އުޅޭހެން. އެހެންވެ އަހާލީ ” އަކިޔަލް އެހެން ބުނެލުމުން ރިޒްނީ ހީލިއެވެ.
” މީ އަހަރެންގެ ރައްޓެހިން ” ހަމްދާން، ޒޭނާ، ސާހިދު އަދި ދީނާ އައުމުން އަކިޔަލް އެމީހުން ރިޒްނީއަށް ދައްކާފަ ބުނެލިއެވެ. ” އަކޫ ކަމެއްތަ؟ ” ދިމާކުރާ ފާޑަކަށް ހަމްދާން ބުނެލިއެވެ. ” އާނ ކަމެއް ” ޖެހިލުމެއްނެތި އަކިޔަލް ބުނެލިއެވެ. ” އެހެންވީމާ ސައި އޮންނާނީ ކޮންދުވަހަކުންތަ؟ ” ސާހިދު ހީލަމުން ބުނެލިއެވެ. ” މިހާރުވެސް ހަމަ ދާންވީ. ހަތަރު މީހުން އެއްތަން ވެގެން ކޮންކަމެއްތަ ތިކުރަނީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ދުއްވާލަން ނިކުމެ އުޅެނިކޮށް ސާހިދުމެންނާ ދިމާވުމުން ހިތަށް އެރީ އަކޫ ވީހިސާބެއް ބަލާނީއޭ. އެގޮތުން ހަމްދާން ގުޅީ ” ޒޭނާ ބުނެލިއެވެ. ” އެހެންދޯ. އެހެންވީމާ ހިނގާދާން ކޮފީއަށް ” އަކިޔަލް މިހެންބުނެ ސައިކަލަށް އަރާ ދުއްވާލިއެވެ.
” ހަލޯ ” ނާސިދުގެ ފޯން ރިންގު ވާންފެށުމުން ފޯން ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ބުނެލިއެވެ. ނާސިދު ފޯން ކަންފަތުގައި ޖެހިގޮތަށް ބަހެއްވެސް ނުބުނެ އިނުމަށްފަހު ފޯން ކަންފަތާ ދުކޮށްލުމަށްފަހު ކާމޭޒުމަތީގައި ބޭންވިއެވެ. ” ކިހިނެއްވީ. ކާކު ގުޅީ ” ނާސިދުގެ ކުރިމަތީއިން ނާހިދާ ސުވާލުކޮށްލީ ނާސިދުގެ މޫނުމަތީގެ ކުލަވަރު ފެނުމުންނެވެ. ” ކަމެއްނުވޭ. ރައްޓެއްސެއް ގުޅީ ” ނާހިދާޔަށް ދޮގު ހަދަން ޖެހުމުން ނާސިދު ދެރަވިއެވެ.
ގުޅީ ކޮންތާކުންކަން އެނގި ނާހިދާ މީގެ ދުވަސްތަކެއް ކުރިން ކުރި ހިތާމަ ކޮށްފާނެތީ ނާސިދު ގަސްތުގައި ދޮގުހެދީއެވެ. ސާރާގެ ސަބަބުން ނާހިދާ ހިތާމައެއް ކުރާކަށް ނާސިދު މިހާރު ބޭނުމެއް ނުވެއެވެ. އަދި ސާރާ ދެކޭކަށް، ހުރިތަނެއް ބަލާކަށްވެސް ނާސިދު ބޭނުމެއް ނުވެއެވެ. ނަމަވެސް އައި ފޯން ކޯލަކުން މިހާރު ސާރާ ހުރީ މުކުރިމަގުކަށް ނާސިދުއަށް އެގުނެވެ.
” ކޮންކަމަކާ ތިވިސްނަނީ ” ސިނާން ސާރާ ކުރެން އަހާލިއެވެ. ” އަހަރެންގެ ހިތަށް އަރަނީ އަހަރެން ފެނުމުން ބައްޕަ ކަންތައްކުރާނީ ކިހިނެއްބާއޭ. އަހަރެންނަށް ވަލީ ދޭނެ ބާއޭ ” ސާރާ ބުނެލިއެވެ. ” އެކަމާ އެހާވަރަށް ނުވިސްނާބަލަ. އިރާދުކުރެއްވިއްޔާ ކުރިހާކަމެއްވެސް ރަނގަޅުވާނެ. އަދި ބައްޕަމެންވެސް އަހަރެމެންނަށް ގަބޫލްވާނެ ” ސިނާން ބުނެލިއެވެ. ” ޒޭނާ ގާތުގައި ބުނެފިންތަ މެރީ ކުރަން އުޅޭ ވާހަކަ ” ސިނާން އަހާލިއެވެ. ” އަދި ނުބުނަން. ދެތިން ދުވަސްވެއްޖެ ޒޭނާ ނާންނަތާ ” ސާރާ ރީޝަމްގެ އަންނައުނުތައް ފަތްޖަހަން އިދެފަ ބުނެލިއެވެ. ” ދެން ސާރާއަށް ގުޅާވެސް ނުލަންތަ؟ ” ސިނާން ހައިރާންވެފަ ސުވާލުކޮށްލިއެވެ. ” ހާދަ ސީރިއަށްތިވީ. އަނެއްކާ ކިހިނެއްވީ ” ސިނާންގެ ރާގު ހުރި ގޮތުން ސާރާ ބުނެލިއެވެ. ” ސީރިއަސް ވާނެދޯ. އެއީ ސާރާޔަށް ކޮންމެ ކަމެއްގަ އެހީވެދިން މީހާ އެއްނު. ސާރާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޒޭނާ އެކަމެއް ނުދައްކައެއްނު. އެވަރުގެ މީހެއްގެ ހަބަރެއް ނުވެ ދެތިން ދުވަސް ވީއިރު ވެސް ސާރާ އެންމެ ކުޑަމިނުން ގުޅާވެސްނުލާ. ތިހެން ކަންތައް ކުރީމާ ޒޭނާ ކީކޭ ހިތަށް އަރާނީ ” ސިނާން ބުނެލިއެވެ. ” ސާރާ އެހެން ކަމެއްކޮށްގެން އަދި އަހަރެންގެ ހިތަށް އެއްޗެއް ނާރާނެ ” ޒޭނާ ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. ” ޒޭނާ… ” ސާރާޔަށް ޒޭނުމުން ބުނެލެވުނެވެ. ” ދެމީހުން ކޮންކަމަކާ ބަހުސް ކުރާ ދުވަހެއްތަ؟ ” ރީޝަމް ގާތަށް ޖެހިލަމުން ޒޭނާ ބުނެލިއެވެ. ” މިދައްކަނީ އަހަރެމެން މެރީކުރާ ވާހަކަ ” ސާރާ ބުނެލިއެވެ. ” އެހެންތަ؟. ކޮންދުވަހަކުން. މިހާރު ރަންކިޔައިފިންތަ؟ ” ޒޭނާ އަހާލިއެވެ. ” ރަންވެސް ކިޔައިފިން. މާދަން ކޯޓަށް ދާންޖެހޭ ” ސިނާން ބުނެލިއެވެ. ” ސާރާގެ ބައްޕަ އަނެއްކާ…!!! ” ޒޭނާ ބުނެލިއެވެ. ” އަސްލު ތިވާހަކަ މިދައްކަނީ. ބައްޕަ އަހަރެން ފެނުނީމާ ކަންތައް ކުރާނެ ގޮތެއްނޭންގޭތީޔާ، ވަލީ ދީފާނެ ބާއޭ ހިތަށް މިއަރަނީ ” ސާރާ ބުނެލިއެވެ. ” ބައްޕަ ވަލީ ނުދީފިނަމަ ދެންވެސް އެހެން ގޮތް ހުންނާނެއްނު. އެހާބޮޑަށް ފިކުރު ބޮޑުވާއެއްޗެއް ނޫން ” ރީޝަމް އުރާލާ ލޯބިކޮށްލަމުން ޒޭނާ ބުނެލިއެވެ.
” ކަމަކުތަ ތިއައީ ” ސާރާ އަހާލިއެވެ. ” ކަމަކުއެއްނޫން. ނާދެވި ގިނަދުވަސް ވިމާ ހަމަ ޖައްސާލީ ” ޒޭނާ ބުނެލިއެވެ. ” ދެން ކާކު ސާރާ ކޯޓަށް ދިޔައީމާ ރީޝަމް ބަލަނީ ” ޒޭނާ އަހާލިއެވެ. ” ހަމްނާޔާ ހަވާލުކޮށްފަ ދާނީ ” ސާރާ ބުނެލިއެވެ. ” ކައިވެނި ވެއްޖެ ނަމަ އުފާވެރި ބާޖަވެރި ކައިވެއްޏަކަށް އެދެން. ދެން ދަނީ އިނގޭ ” ޒޭނާ މިހެންބުނެ އެގެއިން ނިކުމެގެން ސައިކަލަށްއަރާ ގަމާވީ ކޮޅަށް ދުއްވާލިއެވެ.
ދިހައެއް ޖަހަން ކުޑަތަންވެފަ ވަނިކޮށް ސިނާނާ ސާރާ ކޯޓަށް ގޮސްވަނެވެ. އަދި ޗިޓް ގެންގޮސް ކޯޓާ ހަވާލުކޮށްލުމުން ބޭރުގައި މަޑުކޮށްލަން ބުނުމުން ދެމީހުން ބޭރުގައި ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީނެވެ. ގޮޑީގައި އިށީންފަހުން ސާރާ ފަސްއެނބުރި ބަލަމުން ދިޔައެވެ. އަދި ދެއަތް ދެއަތަށް ޖޯޑްކޮށް ބާރުކުރަމުން ދިޔައެވެ. އެމަންޒަރު ސިނާން ގާތުން ދިޔައީ ބަލަމުންނެވެ. ” އާދޭ އެތެރެއަށް ” ކޯޓް ތެރެއިން ކުއްޖަކު ނިކުމެ އެތެރެއަށް ވަންނަން ބުނުމުން ދެމީހުން ކޯޓް ތެރެއަށް ވަނެވެ. ސާރާ ކޯޓް ރޫމަށް ވަނީ ޖެހިލުންވެ ހުރެއެވެ. އެއީ ކުރީބައިގަ ނާސިދު ހުރެދާނެތީއެވެ. ނަމަވެސް އެތެރެއަށް ވަތްއިރު ޤާޒީ ފިޔަވާ އެހެން އެއްވެސް މީހަކު ނެތެވެ. ސާރާޔާ ސިނާން ވަތްފަހުން ހެކިވެރިން ވަނެވެ. ނަމަވެސް ނާސިދުއެއް ނުވަދެއެވެ. ނާސިދު ފެންނަން ނެތުމުން ސިނާންއަށް ބަލާލެވުނީ ސާރާޔަށެވެ. ހަމަ އެވަގުތު ސާރާޔަށްވެސް ބަލާލެވުނެވެ. ” ކައިވެނީގެ މި މަޖިލީސް ފެށުމުގެ ކުރިން ބުނެލަން އޮތީ ސާރާގެ ބައްޕަ އަހްމަދު ނާސިދު ކޯޓަށް އައިސް ވަނީ ސާރާގެ ވަލީ ކޯޓާ ހަވާލުކޮށްފަ ” ޤާޒީ އެހެން ބުނުމުން ސާރާ އިސްޖަހާލިއެވެ.
” މީހާރު ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސައި ފިންތަ؟ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” ހުރިހާ ކަމެއް ހަމަޖެހިފަ ހުރީ ” ސާހިދު ބުނެލިއެވެ. ” އެހެންވީމާ ޕާޓީ ވެސް ހަމަ ވިހި ވަނަ ދުވަހުގެރޭގަދޯ ” އަކިޔަލް ބުނެލިއެވެ. ” ދެން ޕާޓީއަކީ އަކޫ ކުރާކަމެއްނު. އެހެންވީމާ އަހަރެން މުސްކުޅި ވާދުވަހަކުން ތިޕާޓީ ބޭންވިޔަސް އަހަރެން ކުރާނެ ކަމެއް ނެތެއްނު. އަހަރެން މަސައްކަތް ކުރާނަން ތުރުތުރު އަޅާހާލުގަވެސް ކޮޅަށް ހުރެވޭތޯ ” ސާހިދު ބުނެލިއެވެ. ” ދެން އެއްޗެއް އަހާލިޔަސް ޖެއްސުން ނުކުރާނެ ގޮތަކަށް އެއްޗެއް އަހާވެސް ނުލެވޭނެ ” ސާހިދުގެ ކޮޑުގައި ހިފާ ކޮށްޕާލަމުން އަކިޔަލް ބުނެލިއެވެ. ” ދެން އަކޫ މެރީ ކުރާނީ ކޮންދުވަހަކުންތަ؟ ” ސާހިދު ސުވާލުކޮށްލިއެވެ. ” އަހަރެން ވެސް މިހެން އުޅެފަ ތިކަން ވެސް ކުރާނަން. އެހެން ނޫނަސް އަދި މެރީ ނުކުރެވިގެން ވެސް އުޅޭ ވަރެއް ނުވެއެއްނު. އަދި މިއުޅެނީ ގުޅުމަށް ހަފުތާއެއްވެސް ނުވެގެން. އަނެއްކޮޅުން އަހަރެންގެ ކޮޓަރީގައި ކާފަ ވެސް އެހުންނަނީ. ކާފަޔަށް ގޮތެއް ހޯދަނުދީ އަހަރެން މެރީކޮށްގެން ވަނީ ކިހިނެއް. ދެން އަހަރެންނާމެދު ނުވިސްނާ ސާހިދުގެ ކަންތައް އަވަހަށް ނިމޭތޯ އުޅެބަލަ. އޭރުންދޯ ދުވަސް ކޮޅަކުން އަހަރުން މޮޑެލާނެ ފުއްގަނޑެއް ކަހަލަ ކުއްޖެއްވެސް އޮށްނާނީ ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” ދެން އަހަރެންގެ ކަންތައް ނިމޭކަށް މާގިނަ ދުވަސްތަކެއްވެސް ނެތެއްނު ” ސާހިދު ބުނެލިއެވެ.
” ކޮންއެއްޗެއް ތިބަލަނީ ” ފިހާރަ ކުރިމަތީހުރި ގޭގެ ފާރުކައިރީ ހުރެގެން ފިހާރަޔާ ދިމާލަށް ބަލަން ހުރުމުން ހަމްދާން އައިސް މަޑުވެލާ އެދިމާޔަށް ބަލާލުމަށްފަހު ބުނެލިއެވެ. ” ފިހާރަޔަށް މިބަލަނީ ” އަކިޔަލް ބުނެލިއެވެ. ” ފިހާރަޔަށް ކިހިނެއްވީތަ؟ ” ހަމްދާން ބުނެލިއެވެ. ” ފިހާރަޔަށް ކަމެއްނުވޭ. މިވިސްނަނީ ފިހާރަ ބޮޑުކުރަން ކަމަށް ” އަކިޔަލް ބުންޏެވެ. ” ބޮޑުކުރަން ވިސްނާއިރު ބޮޑުކުރެވޭކަށް ވެސް ނެތެއްނު. އެފަރާތުން އެހުރީ ޖެހިގެން ހުރިގޭ ފާރުގައި ޖެހިފަ. ދެން މިފަރާތުން އެހުރީ ގޭގެ ދޮރާ ދިމާވެފަ ” ހަމްދާން ބުނެލިއެވެ. ” ސާބަހޭ ހަމްދާނަށް ވެސް. ނުފެނޭތަ ފިހާރައިގެ މަތީގަ އޮތް ހުސްޖާގައެއް ” އަކިޔަލް ބުނެލިއެވެ. ” ތިވެސް ތެދެއްދޯ. ކީއްވެ އަހަރެންނަށް ކުރިން އެތަން ނުފެނުނީ ” ހަމްދާން ބޯކަހާލަމުން ބުނެލިއެވެ. ” މިހާރުދެން އެހެން ތަނެއްފެންނާނީ ޒޭނާ ފެނިފައެއްނު ” އަކިޔަލް އެހެން ބުނުމުން ހަމްދާން އަކިޔަލާ ދިމާޔަށް ބަލާލީ ހައިރާންކަމާއެކުއެވެ. ” ކީއްވެގެން ތިހެން ތިބުނީ ” ހަމްދާން ސުވާލުކޮށްލިއެވެ. ” އެހެން އަހަރެން މިބުނީ އަދި މާލަހުން ކަންނޭންގެ ” އަކިޔަލް ބުނެލިއެވެ. ” ދެން ކޮންމެހެން އަހަރެންނާ ދިމާކުރަން އުޅޭނެކަމެއް ނެތް. އަހަރެން ކުރާކަމެއްނޫންތީ. ތިހެންތި ހީވީ އަހަރެން މިހާރު މާގިނައިން ޒޭނާ ގޮވައިގެން އުޅޭތަން ފެނުނީމަކަން އެގިއްޖެ ” ހަމްދާން ބުނެލިއެވެ. ” އަސްލު ހަމްދާން ކުރަން ރަނގަޅު ކަމެއްތީ ” އަކިޔަލް ހަމްދާންގެ ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ” އަކޫއަށް ކިހިނެއްވެފަ ތިހުރީ މިއަދު ” ހަމްދާން ބުނެލިއެވެ. ” އަހަރެންނަށް ކަމެއްވެއްޖެތަ؟. އެހެންޔާވެސް އަހަރެން ހުންނަހެނެއްނު މިހުރީ. އެއްވެސް ބަދަލެއް ނާދެއެއްނު ” އަކިޔަލް ހީލަމުން ބުނެލިއެވެ. ” އެހެންޔާ ނުދައްކާ ވާހަކައެއް ދައްކާތީ، ކިހިނެއްވެފަހޭ ތިހުރީ މިއަހާލީ ” ހަމްދާން ބުނެލިއެވެ. ” އެހެންޔާ ނުދައްކާ ވާހަކަ ވެސް ދައްކާ ހިސާބަށް ދިޔައީމާ ދައްކާނެދޯ ” އަކިޔަލް ބުންޏެވެ. ” ޒޭނާ އެއަށްނަނީ. ދެން ތިވަހަކަ ނުދައްކާ ” ޒޭނާ އަންނަތަން ފެނުމުން ހަމްދާން ހަމަޖެހިލަމުން ބުނެލިއެވެ. ” ދެމީހުން މަގުމަތީގަ ކޮންކަމެއް ” ޒޭނާ އައިސް ބުނެލިއެވެ. ” ކަމެއްގައެއްނޫން. ހަމަ ތިބީ ” އަކިޔަލް ބުނެލިއެވެ.
” ސާހިދު ގުޅިތަ ޒޭނާޔަށް ” އަކިޔަލް އަހާލިއެވެ. ” ނުގުޅާ. ކިހިނެއްވީ ” ޒޭނާ ބުނެލިއެވެ. ” އެއީ ސާހިދުމެން ކައިވެނިކޮށް، ޕާޓީ ބާއްވާއިރު ކައްކާ ތަނަންދާންވެގެން ” އަކިޔަލް ބުނެލިއެވެ. ” އަދި ނުގުޅިގެން ކަންނޭންގެ އެއުޅެނީ. އެކަމަކު ސާހިދު ގާތުގައި ބުނޭ އަހަރެން ބުންޏޭ ދާނަމޭ ” ޒޭނާ ބުނެލިއެވެ. ” މަންމަ ކައި ނިމުނީތަ؟ ” އަކިޔަލް ޒޭނާ ކުރެން އަހާލިއެވެ. ” އާނ. މިއަދު ވަރަށް ރަނގަޅަށް ކޭ. މޮޑުން ހުރިހާ ބަތް ހުސް ވެސްކުރި. ދެން އަހަރެން ގޮސްލާނަން އިނގޭ. މަންމަ ރީތިވެސް ކޮށްލާފަ މިދަނީ ” މިހެން ބުނެ ޒޭނާ ހިނގައިގަތެވެ. ފަހަތުން ހަމްދާން ވެސް ހިނގައިގަތެވެ. ޒޭނާޔާ ހަމްދާން ސައިކަލަށް އަރާދުއްވާލި އިރުވެސް އަކިޔަލް ހުރީ ބަލާށެވެ.
” މަންމަ މިހާރު ކިހިނެއްތަ؟ ” ރިޒްނީ އަހާލިއެވެ. ” މިހާރު ކުރިޔަށްވުރެއް ރަނގަޅު ” އަކިޔަލް ބުނެލިއެވެ. ” ކޮންދުވަހަކުން އަހަރެން މަންމަ ގާތަށް ގެންދާނީ ” ރިޒްނީ ސުވާލުކޮށްލިއެވެ. ” އަހަރެން ނުގެންދިޔަސް ހަމަ ރިޒްނީ އަންނަން ބޭނުންވީމާ އަންނަންވީ. މަނާކުރާނެ މީހަކު ނުހުންނާނެ ” އަކިޔަލް ބުނެލިއެވެ. ” އެކަމަކު ދެން ތިހެން ބުންޏަސް ފުރަތަމަ ފަހަރުވީމާ ނުކެރޭނެދޯ ދާކަށް ” ރިޒްނީ ބުންޏެވެ. ” އެހެންތަ؟. ފުރަތަމަ ފަހަރުވީމާ އަހަރެން ގާތުން ލޯތްބަށް އެދެން ކެރުން. އެކަމަކު ގެއަށް ދާންވީމާ ދާކަށް ނުކެރުން. ތީދެން ވަރަށް ހެއްވާ ވާހަކައެއް ” އަކިޔަލް ރާގު ބަދަލުކޮށްލުމަށްފަހު ބުނެލިއެވެ. ” ސާބަސް އަކިޔަލަށް. އެހެންވިއްޔާ މާދަން ދާނަން ” ރިޒްނީ އަކިޔަލާ ކައިރިވެލަމުން ބުނެލިއެވެ. ” ކޮންދުވަހަކުން ސާހިދާ ދިނާ ކައިވެނި ކުރަނީ ” ކުއްލިއަކަށް އެއްޗެއް ހަނދާންވި ކަހަލަ ގޮތަކަށް ރިޒްނީ ސުވާލުކޮށްލިއެވެ. ” މާދަން ނޫން އަނެއް ދުވަހު ” އަކިޔަލް ބުނެލިއެވެ. ” ކޮންދުވަހަކުން އަހަރުން މެރީ ކުރާނީ ” ރިޒްނީ އަކިޔަލްގެ މޭގަ ބޯޖައްސާލަމުން އަހާލިއެވެ. ” ތިކަމަށް އެންމެ ރަނގަޅު ވަގުތު ޖެހުމުން ތިކަން ވެސް ވާނެ. އެހެން ނޫނަސް މިވަގުތު ވާކަށް ވެސް ނެތް. ކާފަ އެހުންނަނީ އަހަރެންގެ ކޮޓަރީގަ. ކާފަޔަށް ރަނގަޅު ގޮތެއް ހޯދަނުދީ އަހަރެން މެރީކުރަން އަދި ބޭނުންނުވަނީ. އިރާދުކުރެއްވިއްޔާ ސާހިދުގެ ކައިވެނީގެ ޕާޓީ ބާއްވަދީފާ، ފިރާހައިގެ މަތީބައި ހަދާއިރު އިތުރު ކޮޓަރިއެއް ހަދާފަ، މިހާރު އަހަރެންގެ ކޮޓަރީގެ ކުލަޔާ އެއްޗެހި ބަދަލުކޮށްފަ ކާފަޔަށް ދޭނީ ” އަކިޔަލް ބުންޏެވެ. ހިނގާ ގެއަށްދާން. މީހާރު މާބޮޑަށް ލަސްވެސް ވެއްޖެ ” އަކިޔަލް މިހެންބުނެ ރިޒްނީ ގޮވައިގެން ސައިކަލަށް އަރާ ދުއްވާލިއެވެ.
ދުވަހުގެ އިރު އޮށްސިގެން ދިޔުމުގެ ކުރިން ޕާޓީގެ ހުރިހާކަމެއްހެން ހުރީ ނިމިފައެވެ. ތަން ތައްޔާރު ކުރުމާ އެކިކުލަކަލައިން މުޅިތައްދިއްލުމާ ހުރިހާކަމެއް ދިޔައީ އަކިޔަލްގެ ބެލުމުގެ ދަށުންނެވެ. ޕާޓީގެ ކަންތައްތައް އަކިޔަލް ބޭނުންވިގޮތަށް ކޮށްނިމުމުން ފެންވަރާލުމަށް ގެއަށް އައި އިރު ޒޭނާ ސަކީނާ ރީތިކުރުމުގައި އުޅެއެވެ. ޒޭނާ ސަކީނާ ރީތިކުރަމުން ދިޔައިރު އިނާޔާ ކުދި ކުދި ކަންތައްކޮށްލަދޭން ކައިރީގައި ހުއްޓެވެ. ” މަންމަ ރީތިކުރަނީ ކިހިނެއްވީ ” އަކިޔަލް ސުވާލުކޮށްލިއެވެ. ” އަހަރެންވާނީ މަންމަ ގާތުގައި ބުނެފަ ސާހިދުގެ ޕާޓިއަށް ގެންދާނަމޭ ” ސަކީނާގެ ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ފުނާއަޅާ، ހުޅިއެއް ޖަހާލުމަށްފަހު ކައިރީގައި އޮތް ބުރުގާ ނަގާ ސަކީނާގެ ބޮލުގައި އަޅުވާލަމުން ޒޭނާ ބުނެލިއެވެ. ” އެހެންތަ؟. އެހެންވިމާ މަންމަ ވާނެ ކޮންމެހެން ވެސް ދާން. މަންމަ މިހާރު ސާހިދުއަށް ދޭނެ ހަދިޔާއެއް ތައްޔާރުކޮށްފިންތަ؟ ” އަކިޔަލް ސަކީނާގެ ކުރިމަތީ އިށީދެ ސަކީނާގެ ކަކުލާ ހިސާބުން ފައިގަ އަތްއަޅާލާ ސުވާލުކޮށްލުމުން ސަކީނާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ” އެހެންވީމާ އަންނާނަން ފެންވަރާލައިގެން. އޭރުން މަންމަޔާއެކު އަހަރެންނަށް ވެސް ދެވޭނެއްނު ” މިހެން ބުނެ އަކިޔަލް ސަކީނާގެ ކުރިމަތިން ތެދުވެ ކޮޓަރިޔާ ދިމާލަށް ހިގައިގަތް ވަގުތު އިބުރާހިމް ކޮޓަރިން ނިކުންނަނީއެވެ ” ކާފަ ނުދައްތަ ޕާޓީ އަކަށް ” އަކިޔަލް އިބުރާހިމް ކުރެން ސުވާލުކޮށްލިއެވެ. ” އާނ. ކާފަ ނުދާނަން. ދަރިފުޅު މަންމަ ގޮވައިގެން ގޮސްލާ ” އިބުރާހިމް ބުނެލިއެވެ. ” ނޫނޭ ކާފާ. ކާފަ ވެސް ދާންވާނެ. ކާފަ ނުގޮސްފިނަމަ ސާހިދު ކީކޭ ހިތަށް އަރާނީ ” އަކިޔަލް ބުންޏެވެ. ” ދެން ކާފަ ދިޔަސް ކާފަޔަށް ކެވޭ ކަހަލަ އެއްޗެއް ހުންނާނީއެއްވެސް ނޫން ވިއްޔާ ” އިބުރާހިމް ޕާޓީއަށް ދާން ދެކޮޅުހަދަމުން ދިޔައެވެ. ” ކެވޭ ކަހަލަ އެއްޗެހި ވެސް ހުންނާނެ. ދެން އެއްޗެއް ނުކެޔަސް ކާފަވެސް ފެނުނީމާ ސާހިދު ވެސް ހިތްހަމަ ޖެހޭނެއްނު ” އަކިޔަލް ބުނެލިއެވެ. ” ދެން ދަރިފުޅު ބުނެފި އެއްޗެއް ދުލެއްނުކުރާނެ. އެހެންވިއްޔާ ދޭ އަވަހަށް ތައްޔާރުވެލައިގެން އަންނަން ” އެންމެފަހުން އިބުރާހިމް ދާނެ ކަމަށްބުނެ އަކިޔަލް ތައްޔާރުވާން ފޮނުވާލިއެވެ.
ސާހިދު ޕާޓީއަށް ތައްޔާރުކޮށްފަ އޮތް ތަނަށް ތައްޔާރުވެގެން ދީނާޔާއެކު އައިސް ވަށައިގެންވާ ހިސާބުގަނޑަށް ބަލަމުން ދިޔައެވެ. ދިމަ ދިމާލުން ދިއްލާފައިވާ ކުލަ ބޮކިތަކުންނާއި، އިވެމުންދިޔަ މަޑުމަޑު މިއުޒިކުގެ އަޑުން ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ދެމީހުންނަށް ޙާއްސަ ކުރެވިފައިވާ ކުޑަ ސްޓޭޖަށް އަރަށް ދާންވެގެން އެނބުރިލި ވަގުތު ތަންކޮޅެއް ދުރުގައި ހުރި އަކިޔަލް ފެނުމުން އަކިޔަލާ ދިމާޔަށް ސާހިދު ހިނގައިގަތެވެ. ” އަހަރެންނަށް ގަބޫލުކުރަން ވެސް ދަތިވެފަ މިހުރީ. މީހަމަ އަކޫ ކޮށްފަހުރި މަސައްކަތްތަ؟ ” އަކިޔަލް ކުރިމައްޗަށް ހުއްޓި ސާހިދު ސުވާލުކޮށްލުމުން އަކިޔަލް ބުމަ އަރުވާލަމުން ބޮލުގެ އިސާރާތުން އާއެކޭ ބުނެލިއެވެ. އެވަގުތު ސާހިދު އަކިޔަލްގެ ގައިގާ ބައްދާލިއެވެ. ” ތޭންކްސް ” ސާހިދު އެހެން ބުނުމުން އަކިޔަލް ސާހިދު ގަޔާ ދުރުކޮށްލުމަށްފަހު ސްޓޭޖް ދައްކާލިއެވެ. އޭރު ޕާޓީގެ ގަޑި ޖެހިފަހުރުމުން ހަދިޔާ ބަދިޔާ ހިފައިގެން އައިސްތިބި މީހުން ކިޔު ހަދާފަ ހުއްޓެވެ. އެންމެ ކުރީގައި ހުރީ ސަކީނާ ގޮވައިގެން ޒޭނާ އެވެ. ސާހިދު ގޮސް ދީނާގާތުގައި ހުއްޓުމުން ޒޭނާ ފުރޮޅުލީ ގޮޑި ދުއްވާ ސާހިދުގެ ކުރިމަތީ މަޑުކޮށްލުމުން ސަކީނާގެ ރަނގަޅު އަތުން ޕާރިސަލް ދިއްކޮށްލުމުން ދީނާ ޕާރިސަލް ހިފިއެވެ. އަދި އޯގާތެރިކަމާއެކު ސަކީނާގެ ބޮލުގައި ދީނާ ފިރުމާލިއެވެ.
ސާހިދާ ދީނާގެ އެއުފާވެރިކަން ފެނުމުން އަކިޔަލްގެ ލޮލުން ކަރުނަ ހިލުނެވެ. އަދި ދުވަސްތަކަކަށް ފަހު ސާރާގެ މަތިން ހަނދާންވިއެވެ. ސާރާ އެހެން ކަންތައް ނުކުރިނަމަ މިއަދު އަކިޔަލް ވެސް އެފަދަ އުފާވެރިކަމެއް ދެކޭނޭ ޙުދު އަކިޔަލްގެ ހިތަށް އެރަމުންދިޔައެވެ. ލޮލުން ފައިބާން ތައްޔާރުވެފާ ހުރި ކަރުނަތައް ފައިބައި ގަތުމުގެ ކުރިން އެތަނުން ތަންކޮޅެއް ދުރަށް ދިޔުމަށް ފަސްއެނބުރުނު ވަގުތު ފުރަގަހުގާ ހުރި ރިޒްނީ ފެނުމުން އަކިޔަލް ލޮލަށް ޖަމާވި ކަރުނަތައް ފޮހެލުމަށްފަހު ހިނގައިގަތުމުން ދެކޮޅުބަލާލުމަށްފަހު ރިޒްނީ ވެސް އަކިޔަލްގެ ފަހަތުން ހިނގައިގަތެވެ. ” ކިހިނެއްވީ އަކިޔަލް ” ރިޒްނީ ސުވާލުކޮށްލިއެވެ. ” ނުވޭކަމެއް ” އަކިޔަލްގެ ޖަވާބު ކުރެވެ. ” ކަމެއްނުވާނަމަ އަކިޔަލްގެ ލޮލުގަތީ ކޮންކަރުނައެއް. ބުނަން ބޭނުން ނެތިއްޔާ ނުބުންޏަސް އެންމެ ރަނގަޅު ” މިހެން ބުނެ ރިޒްނީ ހިނގައިގަތެވެ. ” ރިޒޫ މަޑުކޮށްބަލަ ” އަކިޔަލް މަޑުކުރަން ބުނުމުން ރިޒްނީ މަޑުވިއެވެ. ” ރުޅި އައީތަ؟. ސޮރީ. އަސްލު އަހަރެން ދެރަވީ އަހަރެންގެ ދެއަތުން މިހާބޮޑު ތައްޔާރީއެއްކޮށް އަހަރެންގެ ދިރިއުޅުން އަދިވެސް މިހެން އޮތީމާ. ހަނދާންވީ މާޒީގެ ދުވަސްތައް މަތިން ” އަކިޔަލް ބުނެލިއެވެ. ” މާޒީވި ދުވަސްތަކާ ވިސްނުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ. ކުރިޔަށް ވިސްނައިގެން ކުރިޔަށް ދާން މަސައްކަތް ކުރީމާ ހުރިހާ ކަމެއްވެސް ކާމިޔާބުވާނީ. އަދި އިރާދުކުރެއްވިއްޔާ މިދުވަސްވެސް އަކޫއަށް އަންނާނެ. ހިނގާދާން އެކޮޅަށް ދާން. މިތާ ތިއްބާ މީހަކަށް ފެނިއްޖެނަމަ މާރަނގަޅެއް ނުވާނެ ” ރިޒްނީ ދެކޮޅު ބަލާލަމުން ބުނެލިއެވެ.
” ބޭނުންވަނީ އުމުރަށް ” މި ވާހަކައިގެ 10 ވަނަ ބައި ގެ ފަހުން ވާހަކަ ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ ދުވަހެއްގައި. އިންތިޒާރުކޮށްލައްވާ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Alhey eyran haadhahaa lahey dhoonyaa ?? weekaku 2 prt ves up nukoh dheveynetha?ehen nuhadhaa plx ??? stry v rythi v furihama masha allah? gud nyt ly??❤??????
Vaahaka ehkn liye nu nimeny dhw sundayga up kuran thibuny
Mibai vx kyn araamagu in …10r hama ah iny ..kurin bunevunu 9e…
alhey ehn nahadhaba eyrun mafakeeru maruvedhaane weekaku 2 faharuves okey vaaneyey pleeeeeeex