ހިތް މި އެދޭ ސޫރައޭތީ މަގޭ 05
ނިކް ނުކުމެގެން ދިޔުމުން ޔަޝްމީއަށް ރޮއިގަނެވުނެވެ. އޭނާގެ ހިތުގައި އުފެދެމުންދާ ދިލަ ހޫނުގެ އަސަރު މެޔަށްވެސް ކޮއްފިއެވެ. ނިކްގެ ފަރާތުން އިވިގެން ދިޔައީ އޭނާ އަޑުއަހަން ބޭނުންވެފައިވާ ބަސްތަކެއް ނޫނެވެ. އެހެނަސް ނިކް އޭނާއަށް ނަފްރަތުކޮއްފިންކަން ޔަޝްމީއަށް އިހުސާސްކުރެވުނެވެ. އޭނާ މަޑުމަޑުން މޭގައި އަތްޖައްސާލަމުން އަވަސް އަވަހަށް އެތަނުން ނުކުތެވެ. އޭރު ނިކް ފެންނަންވެސް ނެތެވެ.
ނިކް ދިޔަ ބާރުމިނުގައި ގޮސް ދީނާގެ ގެއަށް ވަނެވެ. އޭރު ދީނާ ހުރީ ސިޓިންގ ރޫމުގައެވެ. ޔަޝްމީ ދިޔަ ނުދިޔަ ތަނެއް ނޭނގިގެންނެވެ. ދީނާ ޔަޝްމީ ހޯދަމުންދަނީ ދީނާ އާއި ނިކް ރައްޓެހިވީކަން އަންގާލުމަށް އޭނާގެ ހިތް އެދެމުން ދާތީއެވެ. އޭނާ ސިހުނީ ނިކް ފެނުމުންނެވެ. ދީނާއަށް ބަލަން ހުރެވުނެވެ. ނިކްވެސް ހުރީ ދީނާއަށް ބަލާށެވެ. ދީނާއަށްވުރެން އެތައް ގޮތަކުން ޔަޝްމީ ރީއްޗެވެ. ހިތްގައިމެވެ. ނަމަވެސް ނިކްއަށް ރީތި އަންހެން ކުދިންވެސް ލިބޭނެއެވެ. ބޭނުންވާ ސިފައެއްގެ ކުއްޖެއްވެސް ލިބިދާނެއެވެ. އެކަމަކު ނިކްއަށް މުހިއްމުވީ ހަޤީޤީ ލޯތްބެވެ. ހަޤީޤީ ލޯބިވާ ފަރާތެއް ލިބިއްޖެ ނަމަ އޭނާގެ ހުރިހާ ކަމެއް ހާސިލްވާނެކަމުގައި ނިކް ދެކެ އެވެ. ނިކް މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. ދީނާ ހެވިފައި ހުރެ ނިކް އާއި ދާދި ގާތަށް އައިސް ހުއްޓުނެވެ. ނިކް އިޝްޤީ ނަޒަރަކުން ބަލާލީ ދީނާގެ ލޮލަށެވެ. ނިކް ބޭނުންވާފަދަ އަސަރެއް އެ ދެލޮލަކު ނެތެވެ. ނިކް ބޭނުންވާފަދަ ލޯބިވެތި ގޮތްތަކެއް އެ މޫނުމައްޗަށް ވެރިވެއެއް ނުގަތެވެ. އެހެނަސް ދީނާ ނިކް ދެކެ އިންތިހާއަށް ލޯބިވާކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ،
” އަހަންނަށް ދީނާ ދެކެ ލޯބިވެވެން ކިހާ މުއްދަތެއް ނަގާނެބާ؟ ” ނިކް ހިތާހިތާ ބުނެލިއެވެ.
” އަހަރެން ވަރަށް އުފާވެއްޖެ! ” ދީނާ މަޑުމަޑުން ބުނެލިއެވެ. ނިކް ދީނާގެ އަތްނަގާ ނިކްގެ އަތު ތެރެއަށް ލިއެވެ. ހަމަ އެވަގުތެވެ. ވަރުބަލިކަމާއި އެކު ގެއަށް އައިސްވަނީ ޔަޝްމީއެވެ. ދެމީހުންނަށްވެސް އެއްކޮށްހެން ބަލާލެވުނެވެ. ދީނާގެ މޫނުމަތީގައި ޖެއްސުމުގެ ގޮތްގަނޑު ފެންނަން ހުއްޓެވެ. ދީނާ ގަސްތުގައި ޔަޝްމީ ދެރަކޮއްލުމަށްޓަކައި ބުނެލިއެވެ.
” ހިނގާ ކޮޓަރިއަށް…. މިތާ ތިބެގެން އެއްވެސް ކަމެއް ޝެއަރ އެއް ނުކުރެވޭނެ…” ލޯބިން މަރުވާފަދަ ގޮތަކަށް ދީނާ ނިކްގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ދޮރުމަތީގައެވެ. ފާރުގައި އަތްޖައްސާލައިގެންނެވެ. ނިކް ފުންނަޒަރަކުން ޔަޝްމީއަށް ބަލާލިވަގުތު އޭނާގެ ދެލޯ ތޮޅިލިއެވެ. ހީވަނީ ޔަޝްމީގެ ލޮލުން ލޯބީގެ އޮއިވަރެއް ބީއްސާލިހެންނެވެ. އޭނާ އިސްޖަހާލުމަށްފަހުގައިވެސް ޔަޝްމީއަށް ބަލާލިއެވެ. މިފަހަރުވެސް އެދެލޮލުން ކަރުނައިގެ އަސަރު ފެނުމުން ނިކްގެ ހިތައް ބުނެދޭން ނޭނގޭ އިހުސާސެއް ވެރިވިއެވެ.
އެދެމީހުން ކޮޓަރިއަށް ވަނުމުން ޔަޝްމީ ސިޓިންގ ރޫމުގައި މަޑުކުރިއެވެ. ހިތުން ރޮއިލަ ރޮއިލައެވެ.އިމްރާން ގެއަށް އައިސްވަނީ އެވަގުތެވެ. އިމްރާން ޔަޝްމީއާއި ދިމާއަށް ބަލާލީ ވަރަށް ހިތްހަމަ ނުޖެހޭފަދަ ގޮތަކަށެވެ، އިމްރާން އެއްވެސް އެއްޗެއް ނުބުނެ ދާންވެގެން ހިނގައިގަތް ވަގުތު ޔަޝްމީގެ އަޑު ޖެހުނެވެ.
” އިމްރާން… އަހަރެން ދަނީ މިގެއިން،،،” ޔަޝްމީ ރޮވިފައި އިމްރާންއަށް ބަލަން އިނެވެ. އިމްރާންގެ ދެފައިގައި ކަސްތޮޅު އެޅުނެވެ. ހުއްޓި ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.އޭނާ އެނބުރި ޔަޝްމީ އާއި ދާދި ގާތުގައި ހުއްޓުމުން ޔަޝްމީ އިސްޖަހާލިއެވެ. އިމްރާންގެ ކޮނޑުގައި އޮތް ދަބަސް ނަގާ ތިރީގައި ބެހެއްޓުމަށްފަހު ބުނެލިއެވެ.
” ކީއްވެ؟ ” ކުރު ސުވާލަކުން އިމްރާން ޔަޝްމީއާއި މުހާތަބްކުރިއެވެ.
” އުޅެން ބޭނުން ނުވަނީ… އެކަމަކު މިގޭގަ އުޅުނު ހުރިހާ ދުވަހަކު ތި ދެބެންގެ ފަރާތުން ލިބުނު އޯގާތެރިކަމަށް ޝުކުރު ކުރަން.. ” ޔަޝްމީއަށް ގިސްލެވުނެވެ. އިމްރާން ޔަޝްމީއަށް ފުރަގަސްދިނެވެ. އަދި އަސަރާއި އެކު ވާހަކަ ދެއްކިއެވެ.
” އަހަރެން ނުބުނާނަން ދާށެކޭ… ޔަޝްމީ އާއި ނިކްގެ އެ ފޮޓޯ ނޫހަށް އެރީމަތަ ދާންތިއުޅެނީ؟ “
” ނޫން… އެހެންވެ އެއްނޫން،.. އަހަންނާ ނިކް އާއި ދެމެދު ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެ.. އިމްރާން ޕްލީޒް.. އަހަރެން ދާން މިއުޅެނީ ކީއްވެތޯ ސުވާލު ނުކުރޭ އަހަންނަށް..؟ އަހަރެން ދޮންބައްޕަގެއަށް ދާން ބޭނުމީ.. ” ޔަޝްމީގެ ޖުމުލައިން ސިހިފައި އިމްރާން ބަލާލިއެވެ. ނިކް އާއި މެދު ގުޅުމެއް ނޯންނާނެޔޭ ބުނުމުން އިމްރާންގެ ހިތައް ލުއި ލިބުނެވެ.
” ކީކޭ؟ އަނެއްކާވެސް އެގެއަށް؟ އެގެއަށް ދިޔައީމަ ޔޯ ؟ ޔަޝްމީ ހޭ އަރާބަލަ! ނުދެވޭނެ އެއްވެސް ތާކަށް؟ ” އިމްރާން ޔަޝްމީގެ ދެކޮނޑުގައި ހިފިއެވެ. ޔަޝްމީ މަޑުމަޑުން ބަލާލީ ޔަޝްމީގެ ގައިގައި ހިފަހައްޓާފައިވާ އިމްރާންގެ އަތަށެވެ. އިމްރާން އަވަސް އަވަހަށް ދޫކޮއްލިއެވެ. އަދި އިސްޖަހަމުން ޖީބަށް އަތްޖަހާލިއެވެ.
” ޔަޝްމީއަށް މިގެއިން ނުލިބެނީ ކޯއްޗެއް؟ ” އިމްރާން ވިސްނާލަމުން ބުނެލިއެވެ. ޔަޝްމީ ހާސްވާންފެށިއެވެ.
” އެކަމަކުވެސް ހެޔޮ ދާން ބޭނުމީ…” ޔަޝްމީ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. އިމްރާން ޔަޝްމީގެ ކުރިމައްޗަށް އަރާ ބުންޏެވެ.
” ނާހާށޭ ބުންޏަސް އެހޭނެ.. ކުއްލިއަކަށް ދާންވީ ކީއްވެ؟ ” އިމްރާން ބޭނުންވަނީ ޔަޝްމީ އެގޭގައި ބަހައްޓާށެވެ. ފެންނަ ފަށުގައި ހުރުމަށެވެ.
” ޕްލީޒް ޕްލީޒް ޕްލީޒް… ކަމެއް ނުވެޔޭ..” ޔަޝްމީ އިމްރާންއަށް ފުރަގަސްދީ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
” މަޑުކޮއްދީ މިގޭގަ… ޕްލީޒް މަޑުކޮއްބަލަ…” އިމްރާން އާދޭހުގެ ރާގަކަށް ބުނެލިއެވެ. ނަމަވެސް ޔަޝްމީ މަޑުކުރާ ޚިޔާލެއް ނުކުރިއެވެ. އޭނާ އެގެއިން ދާން ބޭނުންވާ ސަބަބު ބުނާކަށްވެސް ހިޔާލެއް ނުކުރިއެވެ. ޔަޝްމީ އިމްރާންގެ ދެލޮލަށް ސީދާ ސީދަލަށް ބަލާލިއެވެ. އަދި ބާރުބާރަށް ބުނެލިއެވެ.
” އިމްރާން.. ކީއްވެގެންތަ ތިއުޅެނީ؟ އަހަރެން މިގެއަށް ގެނައީ އިމްރާންއެއް ނޫނެއްނު.. އަހަރެން މިގެއިން ދިޔަ ނުދީ ހިފަހައްޓަން ތިއުޅެނީ ކީއްވެތަ؟ އަހަރެން ހުރުމުން އިމްރާންއަށް ލިބެނީ ކޮން ފައިދާއެއް؟ “
” ލޯބިވާ މީހަކު ފެންނަން ހުރުމަކީ ހިތަށް އުފާ ލިއްބައިދޭ ކަމެއް ނޫންތަ؟….” ބާރުބާރަށް އިމްރާން ބުނެލިއެވެ. ޔަޝްމީއަށް ސިހުން ލިބުނެވެ. ޔަޝްމީގެ ހިއްސުތައް ހުއްޓުނު ކަހަލައެވެ. ދެމީހުން ދެމީހުންނަށް ބަލަ ބަލާ ތިއްބާ ދީނާ އާއި ނިކް ކޮޓަރިން ނުކުތެވެ. ވަރަށް ބާރަށް އިމްރާން އެއްޗެއް ބުނި އަޑު އިވިގެންނެވެ.
” ކިހިނެތްވީ؟ ” ދީނާ ބާރުބާރަށް އައިސް އިމްރާންގާތު އެހިއެވެ. . ބަދަލުގައި އިމްރާން އިސްޖަހާލިއެވެ.
” ޔަޝްމީ؟ ކީއްތަމިވަނީ؟ ” ދީނާ އަނެއްކާވެސް އެހިއެވެ. ނިކް ހުރީ ފާރުގައި ލަނގެލައިގެންނެވެ. އެންމެންނާ ދިމާއަށް ބަލާށެވެ.
ޔަޝްމީ އެއްވެސް އެއްޗެއް ނުބުނެ ބާރުބާރަށް ގޮސް ކޮޓަރިއަށް ވަނެވެ. އިމްރާންވެސް ވަނީ ކޮޓަރިއަށެވެ. ދީނާ ކޮނޑުއަރުވާލަމުން ނިކް ކައިރިއަށް އައިސް ނިކް ގައިގައި ތަތްވެގަތެވެ.
” އަޅާ ނުލާ! އެމީހުން މައްސަލަ ޖެހުނީ ކަންނޭނގެ..” ދީނާ އެހެން ބުނުމުން ނިކް ދީނާ ދުރައްޖައްސާލިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ.
” އެމީހުން އުޅެނީ ރައްޓެހިވެގެންތަ؟ ” ދީނާ ހީލިއެވެ. އަދި މާ ގަޔާ ނުވާފަދަ ގޮތަކަށް އެއް އަރިއަށް ތުން ދަމާލަމުން ބުނެލިއެވެ.
” ނޭނގެ އެމީހުންގެ ގޮތެއް ކިޔާކަށް… ހީވަނީ ރައްޓެހިވެގެން އުޅޭހެން.. އެހެން ނޫނީ ކީއްވެ ދޮންބެ ކައިރީގައި ހުރެގެން ޔަޝްމީ ރޯންވީ؟ ” ދީނާގެ މޫނުމަތީގައި ދެރަވުމުގެ އެއްވެސް އަސަރެއް ނެތެވެ. ނަމަވެސް ނިކްގެ ހިތަށް ވަރަށް އުނދަގޫ ވެއްޖެއެވެ. އިމްރާން އާއި ޔަޝްމީ ރައްޓެހިވާން ނިކްގެ ހިތް ނޭދެންވީ ސަބަބެއް ނިކް އަކަށް ނުވިސްނުނެވެ.
ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ ކޮޓަރިން ނުކުމެގެން އަންނަ ޔަޝްމީއަށެވެ. އޭނާގެ ފޮށި ހިފައިގެން ރޮމުން ރޮމުން ނުކުމެގެން ދަނީއެވެ. ބުރަކަށީގައި އަޅުވާފައި އޮތް ގިޓާ ފެނި ނިކްގެ ހަނދާނަށް އައީ ކްލާހުގައި ޔަޝްމީ ރޮއްވާލި ދުވަހެވެ. އެދުވަހު އޭނާގެ ހިތައް ރަހުމު ނުވަތް ނަމަވެސް މިހާރު އޭނާގެ ހިތްވަނީ ރަހުމުން މަޑުވެފައެވެ.
” ކޮންތާކަށް ދަނީ ދެން؟ ” ނިކް ގޮވާލިއެވެ. ޔަޝްމީ ހުއްޓުނެވެ. އަދި ބަލާލީ ނިކްގެ މޫނަށެވެ. ކައިރީގައި ހުރި ދީނާ ރޯވެގަތެވެ. ނިކް ކުރިމަތި ލައިގެން ހުރީ ޔަޝްމީއަށެވެ. ޔަޝްމީ ވަދާޢީ ސަލާމް ކުރާކަހަލަ ގޮތަކަށް އޭނާ އެންމެ ލޯބިވާ ނިކްއަށް ބަލަމުން ލޮލުން ކަރުނަ އޮހޮރުވަންފެށިއެވެ. ދީނާ ނިކްގެ ބަނޑުގައި އަތްޖައްސާލަމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
” ގެއިން ނުކުމެގެން ދާ މީހަކު ހިފަހައްޓަން މަސައްކަތް ނުކޮއްބަލަ! އަހަރެން އޭނައަށް އަޅާލާ މިގޭގަ ގެންގުޅުނީމަވެސް ނުކުމެގެން އެދަނީ އަހަރެމެން އޭނައަށް ކޮންހިތާމައެއް ދީގެންތަ؟ އަހަރެން އޭނައަށް ކޮށްދިން ހެޔޮކަންތަކުގެ ބަދަލަށް ތެޔޮހަމެއް ދޭންވެސް އޭނައަށް ނުކެރުނު..” ދީނާގެ މޫނުމަތީގައިވާ ނުރުހުންތެރިކަން ފެނި ޔަޝްމީއަށް ލޯމަރާލެވުނެވެ. ފޮށި ކައިރީގައި ބެހެއްޓުމަށްފަހު ދީނާއާއި ދިމާއަށް ޔަޝްމީ އަންނަން ފެށިއެވެ. ދީނާ ޖެހިލުންވިއެވެ. އެއްޗެކޭ ނުބުނެވުނު ނަމައޭ އޭނާ ހިތައް އެރިއެވެ. ޔަޝްމީ އެއުޅެނީ އޭނާ ބޭޒާރު ކުރަން ބާވައޭ ދީނާގެ ހިތަށް އަރާ އޭނާ ބިރުގަންނަ ފެށިއެވެ. ޔަޝްމީގެ މޫނުމަތިން ވެސް ފެންނަމުން ދަނީ އެފަދައަސަރުތަކެކެވެ، ޔަޝްމީ އައިސް ހުއްޓުނީވެސް ދީނާ އާޢި ދާދި ގާތުގައެވެ،
” އަހަރެން މިގޭގަ ގެންގުޅެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. އެކަމަކު އަހަރެން މިދަނީ ކީއްވެގެން ކަން އެނގޭނީވެސް ދީނާއަށް.. އަދި އަހަރެންގެ ކިބައިން އަހަރެން އެންމެ ބޭނުންވެގެން އުޅުނު އަގުބޮޑު ޚަޒާނާ ވަގަށް ނެގީވެސް ދީނާ… އިތުރަށް އަހަރެން އެއްޗެއް ބުނަން ފަށައިފިނަމަ ބޭޒާރުވާނީވެސް ދީނާ.. އެހެންވީމަ ދީނާ އަހަންނަށް ކޮށްދިން ހުރިހާ ހެޔޮ ކަންތަކުގެ ބަދަލަށް އަހަރެންގެ ހުރިހާ އުފާތަކެއް ދީނާއަށް ހިބަކޮށް ދީފިން.. ދީނާއަށް ލިބިފައިތިވާ އަގުބޮޑު ޖަވާހިރަށް ރަނގަޅަށް ބަލާތި…” ޔަޝްމީ ނިކްއަށް ބަލާލުމެއްނެތި ހިނގައިގަތެވެ. ދީނާއަށް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ، ޔަޝްމީ ނުކުމެގެން ދިޔުމުން ނިކް ބަލާލީ ދީނާއަށެވެ. އޭރު އޭނާގެ މޫނުމަތީގައި ސުވާލުމާކްތައް ބުރުބުރު ޖަހައެވެ. ހުއްޓުމެއް ނެތިއެވެ. ދީނާ ހާސްވިއެވެ.
” ޔަޝް އެ ދަނީ ކީއްވެ؟ ޔަޝް އެދެއްކީ ހާދަ މާނަ ފުން ވާހަކަ ތަކެކޭ.. ދީނާއަށް ހުރިހާ ކަމެއްވެސް އެނގޭހެން ހީވަނީ…”
ދީނާ ދެފަރާތަށް ބަލާލިއެވެ. އަދި ބޯހޫރާލަމުން ކުދި ކިޔަންފެށިއެވެ،
” ސާބަސް.. އޭނަ ދައްކާހާ އެކްޓަކަށް ބަލަން ވެއްޖެނަމަ ނިކްގެ ބޯވެސް ގޯސްވެދާނެ.. އަހަރެންނަށް ވަކި ކިހިނެތް އެނގޭނީ އޭނަ ދަނީ ކީއްވެކަމެއް؟ އެއްވެސް މައްސަލައެއްވެސް ނުޖެހޭ؟ އަނެއްކޮޅުން އަހަރެން އޭނަ އަތުން ވައްކަމެއް ނުކުރަން.. އަހަރެންގެ އަތުގައެއް ނެތް އެބުނާހާ އަގުބޮޑު އެއްޗެއް.. އޭނާގެ އުފާތަށް މަށަށް ދީފައޭ ވެސް އަދި ބުނެފި.. ހުސް ބޭކާރު ވާހަކަ.. އޭނަ އެއުޅެނީ އަހަންނާ ނިކްއާއިވެސް ދުރުކުރުވަން… ” ދީނާ ގަސްތުގައި ރޯން އުޅުނެވެ. މޫނުމަތި ބަނަކުރަންފެށިއެވެ. ނިކް ދީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ.
” އަހަރެމެން ދުރެއް ނުކުރެވޭނެ އެއްނު ދޯ..” ދީނާ ރޮއިފާނެތީ ނިކް އުޅުނީ އޭނާ މައިތިރިކޮއްލާށެވެ.
” ދީނާ! ” އިމްރާންގެ އަޑު އިވުމާއި އެކު ނިކް ސިހިފައި ދުރަށް ޖެހިލިއެވެ.
އިމްރާން ހުރީ ވަރަށް ރުޅިއައިސްފައެވެ. ދީނާވެސް ބިރުގަތެވެ.
” ކޮންފާޑަކަށް ތިއުޅެނީ؟ ލަދެއް ނުގަނޭތަ މަގޭ ރައްޓެހިންނާއި އެކު ތިހެން އުޅޭކަށް؟ ” އިމްރާންގެ ހަރުކަށި ޖުމުލައިން ދީނާ ބިރުންގޮސް ރޯންފެށިއެވެ.
” ދޮންބޭ.. ނިކް އެއީ ހަމައެކަނި ދޮންބެގެ ރައްޓެއްސެއްނޫން.. އެއީ އަހަރެންގެ ….” ދީނާ ހުއްޓާލިއެވެ. އިމްރާން ނިކްއަށް ބަލާލުމުން ނިކް ބޯޖަހާލިއެވެ. އިމްރާން މައިތިރިވީ ދެނެވެ. އޭނާ މަޑުމަޑުން އައިސް ނިކް ގާތު ހުއްޓި ހިނިތުންވެލިއެވެ.
” އަހަރެންގެ ކޮއްކޮ އާއި ގުޅެންވާނީ އޭނައަށް ދެރަގޮތެއް ނަހަދަންޏާ އިނގޭ…” އިމްރާން ނިކްގެ ކޮނޑުގައި ޖަހާލިއެވެ. ނިކް އުފަލެއް ނުވިއެވެ. އޭނާއަށް ހީވީ މަޖުބޫރީއެއް ބޯ މަތިވިހެންނެވެ. ދީނާއަށް ދެރަގޮތެއް ނަހަދައްޗޭ އިމްރާން ބުނި ބުނުމުން ނިކްއަށް ވަރަށް އުނދަގޫވެއްޖެއެވެ. އެއްފަހަރާ ސިޔާސަ ހަތްދަރީންނާއި ޙަވާލުވާންޖެހުން ފަދަ ކަމެއްހެން އޭނާއަށް ހީވިއެވެ. ދީނާ އުފަލުންގޮސް ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލިއެވެ.
******************
” މަށަށް އޭރުވެސް އެނގޭ މީތިގަނޑު އަންނާނެކަން… އެއްތާ ނޫޅެވިގެން އަނެއްތާ ނޫޅެވިގެން އައިސް މިތަނަށް ކޮއްޕެން އަންނާނެކަމެއްނެތް! ” ދޮންބައްޕަގެ ހަމަލާ ޔަޝްމީއަށް އަމާޒުވީ ޔަޝްމީ ފޮށިހިފައިގެން ވަތްވަގުތެވެ. ޔަޝްމީ ފެންކަޅިވިއެވެ.
” ބައްޕާ! އަހަރެން މިގޭގަ ބަހައްޓައިދީ.. އާދޭސްކުރަން.. މަންމަ ދުނިޔޭގަވެސް އަހަރެން ބަލާބޮޑުކުރީ ބައްޕައެއްނު.. މިއޮއްބޮޑު މާލޭގަ ބައްޕަ ނޫނީ އަހަރެން ދަންނަ އެކަކުވެސް ނެތް..” ޔަޝްމީގެ އަސަރުން ފުރިފައިވާ ޖުމުލަތަކުން މޫސަގެ ހިތައް ރަހުމެއް ވަނެވެ.
” އާނ ހެވޭ!… ކުޑަކޮޓަރި އެހުރީ ކަލެއަށް.. ބޮޑުކޮޓަރި އެއީ މަގޭ ފިރެހެންދަރި އަށް.. ކަލޭ ބަލަނީވެސް މި ކަލޭ މަންމަ މަރުވަމުން މަށަށް ކޮއްފައި އޮތް ވަސިއްޔަތެއްވީމަ… މަގޭގެ މިހާރުގެ އަނބިމީހާ ކަލޭ އަމަޔަށްވުރެން މާ ނުބައި. އެހެންވެ އޭނަވެސް ވަރިކޮއްފިން.. ކަލޭ އަމަޔަށް ވުރެން މާ ކުރިން މަގޭ އިނިން މާލެ މީހަކާ.. އޭނައަށް ލިބުނު ދަރިވެސް އެހުރީ މިހާރު އަތުލާފަ.. އޭނަވެސް އުޅޭނީ މިގޭގަ.. ކަލެއަށް ދޭނެ ފައިސާއެއް ނެތް މަގޭ އަތަކު..އެކަމަކު މިގޭގަ އުޅެވިދާނެ.. ” މޫސަ އެއްމިޔަކަނުން ރަތްކުޅު ބާލަމުން އަނގަތަޅަމުންދިޔައެވެ. އޭނާ މުންޑުގަނޑު އަރުވާ ޖަހާލުމަށްފަހު ގަސްތައް ކޮށަމުންދެއެވެ. ފޮށިހިފައިގެން ޔަޝްމީ ގެއަށް ވަތްއިރު ސިޓިންގ ރޫމުގައި ޖައްސާލައިގެން ފިރެހެން ކުއްޖަކު އޮތެވެ. އޭނާއަށް ޔަޝްމީ ފެނުމާއި އެކު ތެދުވިއެވެ. އަދި ޔަޝްމީގެ ރީތި ސޫރައަށް ބަލާލަމުން ހީލިއެވެ. ޔަޝްމީވެސް ހީލިއެވެ.
” މިގޭގަ އުޅެންތަ؟” އަވަސް އަވަހަށް އޭނާ އެހިއެވެ. އެވަގުތު ދޮރުން ބޯ ދިއްކޮއްލަމުން މޫސަ ބުނެލިއެވެ.
” ދަރިފުޅާ މުނާޒް.. އެއީ ދޮންއަމާގެ ދަރި ޔަޝްމީ.. “
މުނާޒް ބޯޖަހާލިއެވެ. މޫސަ ދިޔުމުން ޔަޝްމީއާއި ދިމާއަށް މުނާޒް ބުނެލިއެވެ.
” ބައްޕަ ވަރަށް އަޑުގަދަވެފަ ހަޑިކޮށް ވާހަކަ ދައްކާނީ…” މުނާޒް އެހެން ބުނުމުން ޔަޝްމީއަށް ހެވޭގޮތްވިއެވެ، އޭނާ ބޯޖަހާލިއެވެ.
” މުނާޒްއަށްވުރެން ގިނަދުވަހު ަބއްޕަ ކައިރީ އަހަރެން އުޅުނިން.. ” ޔަޝްމީ ގެ ފޮށީގައި ހިފައިގެން މުނާޒްވަނީ ކުޑަކޮޓަރިއަށެވެ. ޔަޝްމީ ފަހަތުން ވަނެވެ.
” ކޮންތާކު ކުރިން އުޅުނީ؟ ” މުނާޒް ޔަޝްމީއަށް ބަލާލިއެވެ.
” މިގޭގަ އުޅެފަ ރައްޓެއްސަކު ތަނެއްހިފާފަ އަންނާށޭ ބުނީމަ ބަދަލުވީ. ދެން އަނެއްކާވެސް އަންނަހިތްވީމަ އައީ..” ޔަޝްމީ ހިތްހެޔޮ ކަމާއި އެކު ބުނެލިއެވެ. މުނާޒް ގަބޫލެއް ނުކުރިއެވެ.
” ހާދަ ހީވެޔޭ ދޮގެއް ހެން.. ” މުނާޒް ބޭނުންވަނީ ޔަޝްމީ ވަރަށް ގާތްކޮއްލާށެވެ. އެކަނި އަބަދު ގޭގަ އިންނަން މުނާޒްވެސް ވަރަށް ފޫހިވެއެވެ. ނަމަވެސް ޔަޝްމީއަށް އެގޮތް މާ ކަމުދާ ގޮތަކަށް ނުވިއެވެ. މިޔަދު މެންދުރު ފެނުނު މީހަކަށް ކިޔައިދޭން އޮންނާނީ ކޯއްޗެއް ހެއްޔެވެ؟ ޔަޝްމީ ހީލަމުން ބުނެލިއެވެ.
” ތެދެކޭ އެއީ….. ” ޔަޝްމީ އެއްޗެހި ބަހައްޓާފައި އަވަހަށް ކޮޓަރިން ނުކުތެވެ. މުނާޒްވެސް ނުކުތެވެ.
********************
ކްލާހަށް ކުދިންވަދެގެން އާދެއެވެ. އޭރުވެސް ޔަޝްމީގެ އިންތިޒާރުގައި ނިކް ހުއްޓެވެ. ޔަޝްމީއެއް ނާދެއެވެ. އިމްރާންވެސް މޭޒްކައިރީ އިނެވެ. ޔަޝްމީ އައިސްފިނަމަ އޭނައަށް ވާނެ ގޮތެއްވެސް ނޭނގެއެވެ.
ހުރިހާ ކުދިންވެސް އެއްކުއްޖަކު އަނެއްކުއްޖަކާ ސިއްރުން ވާހަކަ ދައްކަމުންދެއެވެ. އެދައްކަނީ ނޫހުގެ ވާހަކަ ކަންވެސް ނިކްއަށް އެނގެއެވެ. ނިކް މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުދެއެވެ. ނިކް އާދައިގެ މަތިން ކްލާސް ފެށިއެވެ. ޔަޝްމީ އާއި ނުލައެވެ.
” ޔަޝްމީ ކޮބާ؟ ” މޯޑް ސުވާލުކުރި އަޑު އިވުނެވެ.
” އޭނައަށް އަންނަން ނުކެރުނީ ކަންނޭނގެ ދޯ..” އެހެން ކުއްޖަކު ބުނެލި އަޑުއިވުނެވެ.
” އައްސަލާމް އަލައިކުން؟ ” ކުއްލިއަކަށް އިވުނީ ޔަޝްމީގެ އަޑެވެ. ހުރިހާ ކުދިން އެއްފަހަރާ ބަލާލިއެވެ. ނިކް އަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. ޔަޝްމީއަށް އަންނަން ކެރޭނެ ކަމަކަށް ނިކް ހިއެއް ނުކުރެއެވެ. އިމްރާން ތެދުވިއެވެ. ނިކްއަށް ބަލާލެވުނީ އިމްރާންއަށެވެ. ނަމަވެސް ޔަޝްމީ ބަލާލީ ނިކްއަށެވެ. ޔަޝްމީ އައިސް އޭނާގެ ސީޓްގައި ޖައްސާލިއެވެ.
” އޯކޭ… ޕާރފޯމް ކޮއްދޭން ޖެހޭނީ އެހެން ސްޓައިލްއަކަށް.. ޔަޝްމީ އާދޭ މިކޮޅަށް… ” ނިކް ފުރަތަމަވެސް އެހެން ބުނުމުން ޔަޝްމީއަށް ތެދުވެވުނެވެ. އަދި ހުރިހާ ކުދިންނަށް ބަލާލިއެވެ. ބައެއް ކުދިން ތުނބުކޮޅުން ހެމުންދެއެވެ. ޔަޝްމީމަޑުމަޑުން ހިނގާފައި އައެވެ.
” ފުރަތަމަ ސްޓޭޖްއިން ފެނިގެންދާނީ ފައިވް ކަޕްލްސް.. ގިޓާ ކުޅެން ތިބޭ ތަން.. މިބުނާ ގޮތަށް.. އޫމްމް…” ނިކް ޔަޝްމީގެ އަތުގައި ހިފިއެވެ. ޔަޝްމީއަށް ބަލާލެވުނީ ނިކްގެ އަތަށެވެ.
” ޔަޝްމީ އިށީނދޭ ދެފައި ވަށްކޮއްލައިގެން ގިޓާ ހިފައިން.. ދެން އިމްރާން އިށީނދޭ ޔަޝްމީގެ ފަހަތުގައި.. ހަމަ އެގޮތަށް.. ” އިމްރާންވެސް ޔަޝްމީވެސް ސިހުނެވެ. އެކަމަކު ފަސްޖެހޭކަށްވެސް ނުކެރުނެވެ. ޔަޝްމީ ލައިގެން އައީ ކުރު ސޯޓް ބުރިއަކާއި ޓީޝާޓް ކޮޅެކެވެ. އެގޮތަށް އިށީންވަގުތު އޭނާގެ ފައިން ބޮޑުބައެއް ހާމަވިއެވެ. ނިކް ހިތްހަމައެއް ނުޖެހެވުނެވެ. އެހެނަސް އޭނަ އެކަންތައް ދައްކާނީ ކިހިނެތް ހެއްޔެވެ؟ އިމްރާން މަޑުމަޑުން ޔަޝްމީ އާއި ދާދި ގާތުގައި އިށީނެވެ. އިމްރާން ބޭނުންވަނީ ޔަޝްމީ އޭނާގެ މޭގައި ލައްކޮއްލާށެވެ.
” އޯކޭ ގެޓު ވެއްޖެދޯ …… ” ނިކް އެހެން ބުނުމާއި އެކު ޔަޝްމީ ތެދުވެގެން ދިޔައެވެ.
އިމްރާންގެ ލޯ އަމާޒުވެފައިވަނީ ޔަޝްމީއަށްކަން އޭނާއަށް އެނގެއެވެ. އެހެނަސް ޔަޝްމި ސިއްރު ސިއްރުން ބަލަނީ ނިކްއަށެވެ. އެފަދަ ގޮތަކަށް ހަމަހިމޭން ލޯބީގެ އޮއިވަރެއް އެތަނުގައި އުފެދެމުންދެއެވެ.
ކްލާސް ނިމުމާއި އެކު އިމްރާން އަވަސް ވެ ގަތީ ޔަޝްމީ އުޅޭތަނަކަށް އޭނާ ގެންގޮސް ދިނުމަށެވެ. ނިކް އާއި އިމްރާން ނުކުތް އިރު ޔަޝްމީ ހުއްޓެވެ. އަނގައިން ބުނެވޭ ވަރު ވުމުގެ ކުރިން ސައިކަލެއް އައިސް ޔަޝްމީއާއި ދާދި ގާތަށް ހުއްޓާލުމުން ޔަޝްމީ އެއަށް އެރީ އެމީހުންނާއި ދިމާއަށް ބަލާވެސް ނުލައެވެ.
” އެއީ އޭނަގެ ބިޓުތަ؟ ” ނިކް އެހިއެވެ. އިމްރާން ދެރަވެފައި ހުރި ވަރުން އެއްޗެއްވެސް ނުބުނެވުނެވެ.
” އެނ..”
” ބިޓަކަށް ނުވާނެ ދޯ.. އިއްޔެ ވިއްޔަ ތިގެއިން ދިޔައީ..؟ ” ނިކް އެހެން ބުނުމުން އިމްރާން މާނޭވާއެއް ދޫކޮއްލިއެވެ.
***************
މުނާޒަކީ ޔަޝްމީ ހީކުރި ވަރަށް ވުރެން ރަނގަޅު އަޚުލާޤެއްގެ ވެރިއެކެވެ. ޔަޝްމީއަށް އޭނާ ކިތަންމެހާވެސް ހެވެ. އޯގާތެރިއެވެ. ބޭބެއެއްގެ ގޮތުގައި ދެކޭ އިރު އޭނާ ދެކެނީ ޔަޝްމީއަކީ ކޮއްކޮ އެއްގެ ގޮތުގައެވެ. އެންމެ ދެދުވަސް ތެރޭގައިވެސް އެ ދެކުދިންގެ ގުޅުން ވަރަށް ރަނގަޅުވެއްޖެއެވެ.
” ކަލޭ އެއްޗެހި ގަންނަން ވީމަ މަގޭ ކޮންތާކުން ރުފިޔާ ނެރެނީ؟ މިގޭ ކުލިން ލިބޭ އެއްޗަކުން މަވެސް ކައިބޮއި މިއުޅެނީ.. ވަޒީފާއެއް ހޯދައިން މިތަނުން ދާންއުޅޭ މާ ކަންތައްގަނޑު ބޮޑުނުކޮށް… ”
ޒަރޫރީ ބޭނުމަކަށް 15 ރުފިޔާ ދޭށޭ ބުނުމުން މޫސަ ޔަޝްމީ ރޮއްވާލިއެވެ. ކޮޓަރީގައި އޮތް މުނާޒް ނުކުމެ ޔަޝްމީ އާއި ދާދި ގާތުގައިހުރެފައި ބުނެލިއެވެ.
” ޔަޝްގެ މަންމަގެ ވަސިއްޔަތަކަށް ތިގޮތަށްތަ ބަލަންޖެހޭނީ؟ ދިހަ ހާސްރުފިޔާ ކުލިން ލިބެންޏާ ޔަޝްއަށް އެއްހާސް ރުފިޔާ ދިނަސް ބައްޕައަށް މަދެއް ނުވާނެ…” މުނާޒް ރުޅިއައުމުން މޫސަ މާ ރުޅިގަދަވިއެވެ،
” އައްދޭ.. ކަލޭވެސް މީނަ ބަޔަށް ދޯ ތިހުރީ..”
” އާނ.. ބައްޕަ ދެން އެއްޗެހި ކިޔާފާނެ ކޮންމެ ކަމަކާވެސް. އަންނަ މަހު އަހަރެންނަށް އޮފީހަކުން ވަޒީފާ ލިބޭނެ. އޭރުން ބައްޕައަކަށް ނުޖައްސާނަމޭ އޭނަ ބަލާކަށް..” މުނާޒް ޔަޝްމީގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަނެވެ. ޔަޝްމީއާއި މުނާޒްގެ ދެމެދުވަނީ އެއްބަނޑު އެއްބަފާ ދެކުދިންގެ މެދުގައި އޮންނަފަދަ މާތްގުޅުމެކެވެ.
ނިކް އިމްރާން އާޢި އެކު ގެއަށް އައި އިރު ދީނާ ހުރީ ތާޒާވެލައިގެން ނުކުމެއެވެ. އެއްވެސް އެއްޗެއް ނުބުނެ އިމްރާން ވަނީ ކޮޓަރިއަށެވެ.
” ހިނގާ ނިކްގެ މަންމަ ކައިރިއަށް…” ދީނާގެ ޖުމުލައިން ނިކް ސިހުނެވެ. މަންމަ ބޭނުންވަނީ ތައިލެންޑް ހިސާބުގެ ކުއްޖެކެވެ. ދީނާ ގެންދިޔުމުން ވާނީ ކިހިނެތްހެއްޔެވެ؟
” ހިނގާ ބަލަ…” ދީނާ ނިކްގެ އަތުގައި ހިފައިގެން ބޭރަށް ހިނގައިގަތެވެ. އަދި އޭނާ ގޮސް ސައިކަލަށް އެރިއެވެ.ނިކް ސައިކަލް ކައިރީގައި ހުއްޓުނެވެ.
” އަދި މާ އަވަސް….” ނިކް އެހެން ބުނުމުން ދީނާގެ މޫނަށް ރޫ އަރުވާލިއެވެ.
” ތީގެ މާނައަކީ ނިކް އަދި އަހަންނާމެދު ސީރިއަސް އެއް ނޫނޭ ދޯ..” ދީނާ ނުރުހުންވިއެވެ. ނިކް ބޯ ހޫރާލިއެވެ. އެވަގުތު އެހިސާބަށް މަޑުކޮއްލި ކާރަކުން ނުކުތް ދެތިން އަންހެން ކުއްޖަކު އައިސް ނިކް އާއި ދާދި ގާތުގައި ހުއްޓުނެވެ.
” ފޮޓޯއެއް ޕްލީސް،،،، ” ވަރަށް ސްޓައިލިޝް ފާޑަކަށް ހުރި އެކުއްޖާ އެހެން ބުނުމުން ދީނާ ވަރަށް ރުޅިއައެވެ.
އެކުދިން ނިކް އާއި ވަރަށް ގާތް ވެލުމަށްފަހު ކެމެރާ ދިއްކޮއްލީ ދީނާ އަތަށެވެ.
” މޭމް.. އަހަރެމެންގެ ފޮޓޯއެއް ނަގައިދީބަލަ..” ދީނާ ރުޅިއައިސްފައި ހުރެވެސް އޭގައި ހިފިއެވެ. ނިކް ކައިރިއަށް ވަރަށް ހިނިއައެވެ.
” ތޭންކްސް..” އެކުދިން ދުވަމުން ދުވަމުން ދިޔައެވެ.
” ޗި.. ހަޑިކަން.. އެއީ ދޯ ނިކް އުޅެންބޭނުންވާ ގޮތަކީ.. އަހަރެން ބޭނުމެއްނުވޭ ނިކް ތި ދާއިރާއިން ކުރިއަށް ދާކަށް.. ހުއްޓާލާ ލަވަކިޔުން..” ދީނާ އިންޒާރެއް ދޭފަދައިން ބުނަމުން ދިޔައެވެ. ނިކް ވެސް ހިތްހަމަ ނުޖެހުނެވެ.
” ސާބަސް…. ހާދަހާ ރުޅިގަދައޭ ދޯ.. ހަމަ ތިހެން ބުނާއިރަށް ކިހިނެތް ހުއްޓާލާނީ.. އަހަރެންގެ މަންމަ މެން އަހަރެން މިހާ ހަމައަށް ގެނެސްދިނީވެސް އުއްމީދެއްގައޭ.. ދެން އަހަންނަށް ޝައްކުވެސް ކުރާނެތާދޯ.. ކިހިނެތް ތިހާ ރުޅި ހުންނަންޏާ ކައިވެނި ކުރާނީ؟ ” ނިކް ރުޅި އައުމުން ދީނާ ތުން އަނބުރާލިއެވެ.
” ކިރިޔާ އެއްޗެއް ބުނެލާއިރަށް ނިކްއަށްވެސް ތިހުރީ ވީވަރު.. އަހަރެން ނިކް ދެކެ ލޯބިވާތީ ބޭނުން ނުވަނިއްޔޭ އެގޮތަށް ނިކް އުޅެން ..” ދީނާގެ އެ ސްޓައިލެއް ނިކް އަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. ގޮތްދޫ ނުކުރުމާއި ރުޅިވެސް އިންތިހާއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



wow v salhi haadha goahey deena best frnd ah ehen hadhaakah nuvane eh nun…nulafa meeha gadu
hehehe na haadha rulhi gadha velaaaaafa… hehehe
next part avha up kodhejhey
mi bai ves maakurukoh genesdheefa mi inii
ehentha? kuree dw.. maa avahah kiyaaleema heevi goiy thee.. hehee ok lady gaagaa thank u ……
nice
next part up vaane irakah inthixaaru kuran
🙂
thanxxxx ainy.. keeeeeeep waiting always 🙂
varah reethi aneh bayah inthixaaruga =D
laalaa.. hi.. laalaa ge name ga me ge stories thakah v ginain comnt kuraa kujjaku ulhunu.. bt nw v dhuvas vejje habaru nuvany.. nihoo and laalaa jahaafa ginain hunnaanee.. anekkaa is thau again? 🙂 anyways.. thank u dear..
…….vvvvv nice waitn for the next part
vvvvv thanx 🙂
Reehchey Reehchey dho…. Salhikan varah reethi
Keen… thank u thank u