ހިތް މިއެދޭ ސޫރައޭ ތީ މަގޭ… 3 ވަނަބައި
” އަހަރެން ބުނެފީމެއްނު އަހަރެން އެހާ ހިތްހަމައެއް ނުޖެހެޔޭ ނިކް އާއި ދޭތެރޭގައެއް.. ” ދީނާއަށް އެހެން ބުނެވުނު ވަގުތު ތައްޔާރުވެގެން އިމްރާން ނުކުތްތަން އެމީހުންނަށް ފެނުނެވެ. ގަމީހުގެ އަތުކުރި އޮޅަމުން އޮޅަމުން އިމްރާން އާދެއެވެ. ޔަޝްމީގެ މޫނުމަތި އުދާސްވިއެވެ.
” ދޮންބޭ…. އަހަރެން މިއުޅެނީ ބޮލަށް އެނބުރުން އަރާތީ.. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެން…” ކުއްލިއަކަށް ދީނާ ބުނެލި ޖުމުލައިން ޔަޝްމީގެ މޫނުމަތި އުޖާލާވެގަތެވެ. އިމްރާން އައިސް ދީނާ އާއ ޖެހިގެން ހުރި ސޯފާގޮނޑީގައި އިށީނެވެ. އަދި ދީނާގެ އަތުގައި އޮތް ވާހަކަ ފޮތާއި ދިމާއަށް ބަލާލިއެވެ.
” ކޮއްކޮ ދެން ކީއްވެ ވާހަކަ ކިޔަން ތިއިނީ؟ ” ދީނާ ސިހުނީ އިމްރާން އެހެން ބުނުމުންނެވެ. ދީނާ ފޮތްނަގާ ޔަޝްމީއަތަށް ދިނެވެ.
” ޔަޝްމީ އައިސް ކިޔާލާށޭ ކިޔާފަ ދިނީމަ މަ މިބުނީ ނުކިޔޭނެޔޭ… ވަރަށް ބޯއަނބުރާ ރޯގާއެއްމިއީ… ޔަޝްމީ ވެސް އެދަނީ ކްލާހަށްދާން… އަހަރެން އެކަނި އުޅެނިކޮށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ.. ދޮންބެ މިރޭ ގޭގަ މަޑުކޮއްލަދޭންވީނު… ” އަސަރާއި އެކު ދީނާ އެހެން ބުނުމުން ފަސްޖެހޭކަށް އިމްރާންއަކަށް ނުކެރުނެވެ.
” ތެދެއް އިމްރާން.. މިރޭ މަޑުކޮއްލާ.. އަހަރެން އެކަނި ގޮސްލާނަން..” ޔަޝްމީ އަވަހަށް ތެދުވިއެވެ. އަދި ދީނާއަށް ބަލާލަމުން ހީލިއެވެ. ދީނާ ލޯއަޅާލިއެވެ. ޔަޝްމީ ހިނގައިގަތުމުން އިމްރާން ފޯންނަގާ ނިކްއަށް ގުޅާފައި މިރޭ ނުދެވޭނެ ވާހަކަ ބުނެލިއެވެ.
ޔަޝްމީގެ ހިތް އުފަލުން ނަށަނީއެވެ. މިރޭ އޭނާގެ ހިތުގެ އުއްމީދުތަކަށް މަގެއް ފެނިދާނެކަމަށް ބެލެވެއެވެ. ޔަޝްމީއަށް ކްލާހަށް ވަދެވުނު ވަގުތު ފުރަތަމަވެސް އޭނާ އާއި ބައްދަލްކުރީ ނިކްގެ ހިނިތުންވުމެވެ.
” ހެލޯ.. އިންމައަށް މިރޭ ނާދެވުނީދޯ… ” އިމްރާން ގެ ސަބަބުން ނިކް އާއި ޔަޝްމީގެ ގުޅުންވެސް ކުޑަކޮށް ބަދަހިވެފައިވެއެވެ. ޔަޝްމީ ބޯޖަހާލިއެވެ. އަދި ހިނިތުންވުމާއި އެކު ނިކް އާއި ދިމާއަށް ހިނގައިގަތެވެ.
” ހޭ ޔަޝްމީ.. އާދޭ މިތަނަށް…” ޖެނީ ގޮވާލިއަޑަށް ޔަޝްމީ މިސްރާބު ބަދަލުކޮއްލިއެވެ. ޖެނީ ކައިރީގައި ހުރި ޝީޓްގައި އޭނާ އިށީނެވެ. ގިޓާ ނަގާ މޭޒުމަތީ ބާއްވާލިއެވެ. އޭރު ހުރިހާ ކުދިންވެސް ތައްޔާރުވަމުންދަނީ ޓެސްޓަށެވެ.
ކްލާސް ނިމުމުން ކުދިންތައް ނުކުންނަން ޚަރަކާތްތެރި ވަމުން ދެއެވެ. ޔަޝްމީވެސް ފެންފުޅި ހޭންޑްބޭގަށް ލުމަށްފަހު ހިނގައިގަތެވެ. ޔަޝްމީ ބަލާލީ ނިކްއަށެވެ. އޭރު އޭނާވެސް އުޅެނީ ނުކުންނާށެވެ.
” ނިކް!…. ” ޔަޝްމީ ގޮވާލުމުން އުރައަށް ގިޓާލާންހުރެފައި ނިކް ބަލާލިއެވެ. އޭރު އޭނާގެ އެއްބުމަ ހުރީ ހިއްލިފައެވެ. އެއްމިޔަކަނު ހީލާފައި ހުރުމުން ނިކް ވަރަށް ރީއްޗެވެ. އެއްލޯ މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުން ޔަޝްމީއަށް އުނދަގޫކުރުވާ ކަހަލައެވެ. މިރޭ ސްޕައިކްވެސް ނުޖައްސާ ރެއެއްބާވައޭ ޔަޝްމީ ހިތައް އެރިއެވެ.
” ކީކޭ ؟” އާދައިގެ ގޮތަކަށް ނިކް އެއްސެވެ.
“މީ… މިރޭ ނެގި ޓެސްޓުން ފާސްވިތަ؟ ” ޔަޝްމީ ކޮންމެވެސް ވާހަކައެއް ދައްކާހިތުން ބުނެލިއެވެ. ނިކް ހޭންފެށިއެވެ.
” ހޫމް.. ފާސްވި.. ވަރަށް އުއްމީދުކުރެވޭ ޔަޝްމީ ޝޯއަށް ހޮވޭނެކަމަށް…” ނިކް އެހެން ބުނުމުން ޔަޝްމީ ހަޤީޤަތުގައިވެސް ވަރަށް އުފާވިއެވެ. އޭނާ އަވަސް އަވަހަށް ފަހަތަށް ޖެހެން ފެށިއެވެ. ނިކް އިތުރަށް އޭނައަކަށް ނުބަލައެވެ. ޔަޝްމީ ބާރު ހިނގުމުގައިގޮސް ބޭރަށް ނުކުމެ ދޮރުމަތީގައި މަޑުކުރިއެވެ. އޭރު އެއްވެސް ކުއްޖަކު ފެންނާކަށްނެތެވެ.އެކަން ވެގެން ދިޔައީ ނިކް އާއި ވާހަކަ ދައްކާލަން ލިބޭ ރަނުގެ ފުރުސަތަކަށެވެ. އޭނާ ހުރީ ނިކް ނުކުންނާނޭ ވަގުތަކަށް ބަލަ ބަލައެވެ.
” ކިހިނެތްވެފަ ތިހުންނަނީ؟ އިންމަ ނާދޭތަ ބަލާވެސް؟ ” ބޭރަށް ނުކުތުމާއި އެކު ދޮރުމަތީގައި ހުރި ޔަޝްމީ ފެނި، ނިކް ސުވާލުކުރިއެވެ. ޔަޝްމީ ތެޅިގަތެވެ. ނިކްގެ ސަމާލުކަން ލިބުމުން އޭނާ އުފާވިއެވެ.
” އާނ.. ނާދެ… ކާރެއް ނުލިބިގެން މިހުންނަނީ…” ޔަޝްމީ ކަމަކަށް ބޭނުންވެފައިވާ ފަދައިން ބުނެލިއެވެ. ނިކް ޖީބަށް އަތްޖަހާލަމުން ކުޑަކޮށް ފުންނާބު ހިއްލާލިއެވެ. އަދި ކޮނޑު އަރުވާލުމަށްފަހު ބުނެލިއެވެ.
” ސައިކަލްގަ ކުއްޖަކު ގޮސްވީ… އޭނައަށް ނުވެސް ގުޅުނު… އެހެން ނޫން ނަމަ ގެއަށް ވައްޓާލަދިނީމުސް…” ނިކް އާއި ދިމާއަށް ޔަޝްމީއަށް ބަލާލެވުނެވެ. އޭނާ ހިތުގައި ރާވާލާފައިވާގޮތަށް ހުރިހާކަމެއްވެސް ހަމަޖެހިގެން އެބަދެއެވެ.
” ހިނގާލާފަ ދާނީ…” ޔަޝްމީ މަގުމައްޗަށް ބަލާލަމުން ބުނެލިއެވެ. ނިކް އޭނާ އާއި އެކު އަންނާނެ ނަމައޭ ހިތަށް އަރަމުންނެވެ، ނިކް ދެބުމަ އަރުވާލިއެވެ.
” ހިނގާ.. އަހަރެންވެސް ދާނަން… އިންމަ ކައިރިއަށްވެސް ޖައްސާލަންޖެހޭނެއެއްނު… ” ނިކް ހިނގައިގަތުމުން ޔަޝްމީގެ ހިތް ތެޅެންފެށިއެވެ. ނިކްގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއް ނުވެއެވެ. ނިކްގެ ރީތިކަން ދެކި ދެކި ފޫހިނުވާ ޔަޝްމީ މިރޭ ނިކްގެ މޫނަށް އެތައް ފަހަރަކު ބަލައިފިއެވެ. ދެމީހުން ދުވާރުމަތިން ހިނގާފައި ދާއިރު ބައެއް ފަހަރު ދެ އަތް ޖެހެއެވެ، އެއީ ނިކްއަށް މާބޮޑު ކަމަކަށް ނުވިޔަސް ޔަޝްމީއަށް ހީވަނީ ހިތުގައި މުގުރަކުން ޖަހާހެންނެވެ.
” ވަރަށް ފޫހިވޭ ދޯ ހިނގާފަ އުޅެން؟..” ޔަޝްމީ ބުނެލިއެވެ. ނިކް ޔަޝްމީއަށް ބަލާލިއެވެ. އަދި ހީލަމުން ބުންޏެވެ.
” އާނ.. އަސްލު ވަރަށް މީހުން ބަލާނެ.. އެހެންވެ ފޫހިވަނީ ހިނގާފައުޅެން.. ބައެއް ފަހަރު އަންހެން ކުދިންގެ އުނދަގޫ ބޮޑުވާނެ.. އެއީ އެކަމު ވަރަށް މަޖާކަމެއް.. ” ނިކް ހިނިގަނޑެއް ޖަހާލިއެވެ. މަޝްހޫރުވީމަ ވާނީވެސް އެހެންނޭ ޔަޝްމީ ހިތައް އެރިއެވެ. ޔަޝްމީ އިސްޖަހާލައިގެން ކުރިއަށް ދެއެވެ. ދާދި ގާތުން ނިކްވެސް ދެއެވެ،
” ޔަޝްމީގެ ބިޓެއް ނެތްތަ؟ ” ނިކްގެ ސުވާލުން ޔަޝްމީއަށް ހުއްޓެވުނެވެ. އަދި ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. ނިކްވެސް ހުއްޓުނެވެ
” ބިޓެކޭ؟ އާނ ނުހުންނާނެ… އެހެންވީމައެއްނު އެކަނި ދާން މިޖެހެނީ؟ ” ޔަޝްމީ ބޭނުންވީ ރަނގަޅަށް އެ މައުޟޫއަށް ވާހަކަ ދައްކާށެވެ. ނިކް ޔަޝްމީގެ އަތުގައި ހިފާ ދަމައިގަތެވެ. ޔަޝްމީގެ މުޅި ހަށިގަނޑަށް އަސަރުކުރުވިއެވެ. އޭނާ ހުއްޓުނީ ނިކް އެފަދަ ކަމެއް ކޮއްފާނެ ކަމަކަށް ނޫނެވެ.
” ދެން އާދޭ އަވަހަށްދާން… ” ޔަޝްމީ ހިނގައިގަތުމުން ނިކް އޭނާގެ އަތުން ދޫކޮއްލިއެވެ. ޔަޝްމީއަށް ކުރެވެނީ ތަފާތު ހިޔާލުތަކެކެވެ. އޭނާއަށް ބެލެނީ ނިކްގެ މޫނަށެވެ، ނިކް ކުރިއަށްދެއެވެ. ދެމީހުންގެ ދެމެދުގައި ހަމަހިމޭން ވަގުތުކޮޅެއް ހިނގި ނަމަވެސް ޔަޝްމީ ބޭނުންވަނީ ވީހާވެސް ގިނައިން ވާހަކަ ދައްކާށެވެ. ނިކް އޭނާގެ އަތުގައި އެ ހިފީ ކޮން މާނައެއްގައި ބާވައެވެ. އެހެން އަންހެން ކުދިންނާއި ގައިގޯޅިވެގެން އުޅޭފަދައިން އޭނާ އާއި މެދުގައިވެސް އަމަލުކުރަނީބާވައެވެ.
” ނިކްގެ ބިޓެއް ނުހުރޭތަ؟ ” ޔަޝްމީ ވަށްލޮލުން ބަލާލަމުން އަހާލިއެވެ.
” ބިޓުން ދޯ؟ ބިޓުން ހައްތަހާވެސް… ސީރިއަސްވާކަހަލަ ކުއްޖަކު އަދި ދިމަލެއްނުވޭ… ” ނިކް ޖީބުން ބަދަން ޕެކެޓެއް ނަގާ ބަދަން ފުކެއް ކާލަމުން ބުނެލިއެވެ. ޔަޝްމީ ހިނިތުންވެލިއެވެ. ހިތްއެދޭ ހުރިހާ ވާހަކައެއް މިރެޔަކު ނުދެއްކޭނެއެވެ. ގެވެސް ވަރަށް ކައިރިވެއްޖެއެވެ. އެކަމަކު މިކަހަލަ ރެއެއް ދެނެއް ނުވެސް ލިބޭނެއެވެ.
މަޑުމަޑުން ދެމީހުން ގެއަށް ވަނެވެ، ސިޓިންގ ރޫމްގައި އެއްވެސް މީހަކު ނެތެވެ. ޔަޝްމީ ބާރު ފިޔަވަޅުތަކަކާއި އެކު ގޮސް އިމްރާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. ސިޓިންގ ރޫމަށް ބަލަމުން ބަލަމުން އައިސް ނިކް ޖައްސާލީ ސޯފާގައެވެ.
އިމްރާން ދޮރުހުޅުވާލުމާއި އެކު ޔަޝްމީ ނިކްއަށް ބަލާލިއެވެ. އިމްރާން ބޭރަށް ބޯދިއްކޮއްލިއެވެ
” އޭ… ނިކް އާއި އެކުގައިތަ އައީ؟ އަޅެ ގުޅާލިނަމަ.. އަހަންނަށްވެސް ނިދުނީ ކޮއްކޮ ނިދާށޭ ކިޔާފަ ދިޔައީމަ…” އިމްރާން ޓީޝާޓް ލަމުން ލަމުން ނުކުތެވެ. އިމްރާން އާއި ނިކް ވާހަކައިގައި ތިއްބެވެ. ޔަޝްމީ އަވަސް އަވަހަށް ކޮޓަރިއަށް ވަތްއިރު ވާހަކަ ފޮތް ހިފައިގެން ދީނާ އޮތެވެ.
” ކޮބާ ކަމެއްވިތަ؟” ދީނާ ބުނެލިއެވެ. ކޮނޑުގައި އަޅުވާފައި އޮތް ގިޓާ ނަގާ ފާރުގައި ލައްކޮއްލަމުން އެނދުމައްޗަށް ވެއްޓިގަތެވެ.
” މާ ބޮޑު ކަމެއްނުވެ. އޭ.. އޭނަ އެބައިނޭ މިގޭގަ.. އިމްރާން ކައިރީ ސިޓިންގ ރޫމްގަ..”
” ހުއް.. ޔަޝް ގެނެސްދިނީ އޭނަ ދޯ..” ދީނާ ފޮތް ލައްޕާލަމުން ބުންޏެވެ.. ޔަޝްމީ ބޯޖަހާލަމުން ތެދުވިއެވެ.
” ހިނގާ ނުކުންނަން.. ހިނގާކޮފީއެއް ދޭން އެމީހުންނަށް..” ޔަޝްމީ ތެދުވުމުން ދީނާވެސް ތެދުވިއެވެ. ދެމީހުން ކޮޓަރިން ނުކުތްވަގުތު އިމްރާން އާއި ނިކް އެއްފަހަރާ ދެމީހުންނަށް ބަލާލިއެވެ. ދީނާއަށް ނިކް ފެނުމާއި އެކު ހީލެވުނީ ބޭއިހްތިޔާރުގައެވެ.
” އެއީތަ އިންމަގެ ކޮއްކޮ… ” ނިކް ހައިޖަހާލަމުން އެހިއެވެ. އިމްރާން ބޯޖަހާލިއެވެ.
” ދޮންބޭ.. ކޮފީ ގެންނަންތަ؟ ” ދީނާ ޔަޝްމީއަށްވުރެން ކުރިން އެހިއެވެ. އިމްރާން ބޯޖަހާލުމުން ދީނާ ބަދިގެބަޔާއި ދިމާއަށް ހިނގައިގަތެވެ.
” ޔަޝް… އެއީތަ ނިކް؟ ” ފެން ކައްކާ ޖަގަށް ފެން އަޅަމުން ދީނާ އަހާލިއެވެ. ޔަޝްމީ ކޮފީ ފުޅި ގެނެސްދެމުން ހޫމ އަޅުވާލިއެވެ.
” ވަރަށް ގުޅޭ ޔަޝް އާ… ” ދީނާ ހީލަމުން ބުނެލިއެވެ. ޔަޝްމީ ކަބަޑުބަރީގައި ލައްވެލިއެވެ.
” ލިބޭނެކަމެއް ނޭނގެއެއްނު… ” އުއްމީދު ގެއްލިފައިވާ ފަދަ ގޮތަކަށް ޔަޝްމީ ބުނެލިއެވެ. ދީނާ އިތުރަށް އެއްޗެއް ނުބުނެއެވެ. ދެމީހުންގެ ދޭތެރޭގައި ހަމަހިމޭންކަމެއް ވެރިވީ ކީއްވެކަމެއް އެކަކަށްވެސް ނޭނގުނެވެ. މީގެ ކުރިން ދެމީހުން އެއްކޮށް އުޅޭއިރު އަނގަ މަޑު ކުރާނެ އެކަކުވެސް ނޫޅޭނެއެވެ. ކޮފީ ހެދީ ދީނާއެވެ. ތަބަކަށް ދެތަށި ކޮފީ ލައިގެން ދީނާ ހިނގައިގަތުމުން ފަހަތުން ޔަޝްމީވެސް ހިނގައިގަތެވެ. ދީނާ މަޑުމަޑުން ގޮސް ކުޑަމޭޒުގަނޑުމަތީގައި ތަބަށް ބެހެއްޓިއެވެ. ޔަޝްމީ ހުރީ ފާރުގައި ލައްވެލައިގެންނެވެ. މޫނުމަތިވަނީ ބަނަވެފައެވެ. އޭނާގެ ހިތަށް ހީވާގޮތުން އޭނާގެ ލޯތްބަށް ކުޑަ ފުސްކަމެއް އަތުވެއްޖެއެވެ. ނޫންނަމަ ކޮންމެވެސް މީހެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.
” ދީނާ ޖޮބަކަށް ނުދަންތަ؟ ” ނިކް އަހާލިއެވެ. ދީނާ ހީލަމުން އާނ އެކޭ ބުނެ ސޯފާ ގޮނޑީގައި އިށީނެވެ. އިމްރާން ބަލާލީ ޔަޝްމީއަށެވެ.
” އާދޭ އިށީންނަން… ” އިމްރާން ލޯތްބާއި އެކު ގޮވާލުމުން ފަސްޖެހުމެއްނެތި ޔަޝްމީ ގޮސް އިށީނީ އިމްރާން އާއި ޖެހިގެން ހުރި ގޮނޑީގައެވެ.
” ގުޑް.. އަސްލު އަންހެން ކުދިން ޖޮބަށް ދިޔުމަކީ އެހާ ރަނގަޅުކަމެއްނޫން… އެހެންނު އިންމަ…” ނިކް ކޮފީ ކޯވަރެއް ދަމާލިއެވެ.
” އޭތް.. ހާދަ މީރޭ… ” ނިކް ޖޯޑަށް ބަލާލިއެވެ. ދީނާ ހީލިއެވެ.
” ކޮއްކޮ ވަރަށް މީރުކޮށް ކޮފީހަދާނެ.. ” އިމްރާންވެސް ދީނާ މައްޗަށް ޖައްސާލިއެވެ. ޔަޝްމީ އިނީ ކަރުގައި އަޅާފައި ޮއތް ފަށުގެ ފޫކު އަނބުރާލަ އަނބުރާލއެވެ.
” މިހާރު ބޯއެނބުރުން ރަނގަޅުތަ؟” އިމްރާން އަހާލިއެވެ. ދީނާ ބަލާލީ ޔަޝްމީއަށެވެ. ޔަޝްމީ ހީލިއެވެ. ޖެއްސުމުގެ ގޮތުންނެވެ.
” ހޫމ.. ރަނގަޅު.. “
އެކި އެކި ވާހަކަ ދައްކަމުން ދިޔައިރުގައިވެސް ނިކް ޔަޝްމީއަކާއި ވާހަކައެއް ނުދައްކައެވެ. ޔަޝްމީ އެއީ އެތާ އިން މީހެއްކަންވެސް ނިކް އަށް ނޭނގޭ ކަހަލައެވެ. އިމްރާން ދޭތެރެ ދޭތެރެއިން ޔަޝްމީއަށް ބަލާލައެވެ. ނަމަވެސް އިމްރާންވެސް އެއްޗެއް ނުބުނެއެވެ.
” އޭތް ދެންދަނިއްޔޭ،،، އެކެއްޖަހަނީ…. ” ނިކް ތެދުވެ ގިޓާ ނަގާ ކޮނޑަށް ޖެހިއެވެ.
” އޯކޭ… މާދަމާ ރޭ އަހަރެން ދާނަން އިނގޭ… ” އިމްރާން ތެދުވަމުން ބުނެލިއެވެ.
” ދީނާ.. މާދަމާ ރޭވެސް އަންނާނަން ކޮފީއެއް ޖަހާލަން.. ގުޑްނައިޓް…” ނިކް ބުނެލިއެވެ. ދީނާގެ ފަން އިސްތަށިގަނޑު ކުރިމައްޗަށްގެންނަމުން ދީނާ ހޫމް އެކޭ ބުނެލިއެވެ.
” ޔަޝްމީ.. ނައްޓާލީ އިނގޭ…” ނިކް ހިނގައިގަތެވެ. ދީނާ ތަބަށް ހިފައިގެން ބަދިގެއަށް ދިޔުމުން ޔަޝްމީ ވަނީ ކޮޓަރިއަށެވެ. އަދި އޭނާގެ ކަބަޑު ހުޅުވާލުމަށްފަހު އޭގައި އޮތް އަލްބަމް ނެގިއެވެ.އެކި އެކި މަޖައްލާތަކުންނާއި ޕޯސްޓަރ ތަކުން ނިކްގެ ފޮޓޯ ނެގުމަށްފަހު އަލްބަމަށް ލައްވާ އައި ލަވްޔޫ ޖަހާފައި ހުއްޓެވެ. އޭގެ އެތަކެއް ފޮޓޯތަކަކަށްފަހު ދީނާ އާއި ޔަޝްމީ ނަގާފައިވާ ފޮޓޯތަކާއި ދިމާއަށް ބަލަމުން ދިޔައެވެ. އަދި ދީނާގެ މޫނުގައި ޔަޝްމީ އަތްޖައްސާލިއެވެ. އޭނާގެ ހިތަށް ލޮޅުމެއް އަރައިފިއެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭހެން ހީވާން ފެށިއެވެ. ކޮޓަރި ދޮރުގައި ޓަކި ޖެހުމާއި އެކު އަވަސް އަވަހަށް މޭޒުމަތީގައި އަލްބަމް ބޭއްވުމަށްފަހު ދޮރުހުޅުވިއެވެ.
” އަސްލުވެސް ނިކް ވަރަށް ކިޔުޓް… ޔަޝްއަށް ލިބޭނަމަ ދޯ…” ދީނާ ބުނެލިއެވެ. ޔަޝްމީ ދޮރުލައްޕާލުމަށްފަހު ހިނގައިގަތެވެ.
” މަށަށް ލިބޭނެހެނެއް ހިއެއް ނުވޭ..” ޔަޝްމީ ތޫނު ނަޒަރަކުން ދީނާއަށް ބަލާލިއެވެ. ދީނާ އެ ޖުމުލައަށް ޖަވާބެއް ނުދިނެވެ. ޔަޝްމީ އިރުކޮޅަކު އިނުމަށްފަހު ފާޚާނާއަށް ވަނެވެ.
******************************
ދީނާ އާއި ޔަޝްމީގެ މެދުގައި ދުރުކަމެއް އުފެދިއްޖެއެވެ.އެކަކު އަނެކަކާ ވާހަކަ ދެއްކުން މަދުވާން ފެށިއެވެ. ދީނާ އަބަދުވެސް އިންނަނީ ކޮންމެވެސް ހިޔާލެއްގައެވެ. ޔަޝްމީގެ ކަމަކީ ގިޓާ ޖެހުމެވެ. ލޯބީގެ ރާގުތަކެވެ. ނިކްގެ ހަނދާންތަކުން އޭނާގެ ހިތް ކަތިލަމުންދަނީއެވެ.
” ޔަޝް ޕްލީޒް… އަބަދު ގިޓާ ނުޖަހަފާނަންތަ؟ އަހަންނަށް ވަރަށް އުނދަގޫވޭ..” ދީނާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ޔަޝްމީއަށް ހުރެވުނީ ބަލާށެވެ. ދުރުގައި ހުރި އިމްރާން އައިސް ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ.
” އަޅާނުލާ.. އެ ރޯގާގަނޑު ޖެހުނު ދުވަހުއްސުރެ ކޮއްކޮ ހުންނަނީ އަބަދުވެސް ވަރަށް މަތީގަ… ހިނގާ ބޭރަށްދަމާ… ” އިމްރާން އެދުނެވެ. ޔަޝްމީވެސް ބޭނުންވީ އެގޮތެވެ. ހިތްހަމަ ޖައްސާލުމަށްޓަކައެވެ. ދީނާ ކައިރީގައި ނުވެސް ބުނެ ޔަޝްމީ އާއި އިމްރާން ކާރުގައި ނައްޓާލިއެވެ. އެމީހުން ދިޔަތާ މާ ގިނައިރުތަކެއް ނުވެ، ނިކް ގެ ސައިކަލް އެގޭ ދޮރުމައްޗަށް މަޑުކޮއްލިއެވެ. ނިކް ވަދެގެން އައިސް އިމްރާންގެ ކޮޓަރި ދޮރުގައި ޓަކިޖެހިއެވެ. ހަބަރެއް ނުވުމުން ދީނާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވީ ދީނާއެވެ. ނިކް ފެނުމާއި އެކު އޭނާ ސިޓިންގ ރޫމަށް ބަލާލިއެވެ.
” އެއްވެސް މީހަކު ނެތީތަ؟ ” ދީނާ އެހީ ނިކް ގާތުގައެވެ. ނިކް ދެކޮނޑު އަރުވާލިއެވެ.
” އަހަރެން މިއައީ ދެންމެ.. ދީނާ ތިއީ ގޭގައި ހުރި ކުއްޖާ.. އަހަންނަށް ކިހިނެތް އެނގެނީ ގޭގަ މީހަކު ނެތްކަމެއް؟ ކޮބާތަ އިންމަ؟ ” ނިކް ދޮރުކަނީގައި އަތްޖައްސާލިއެވެ. ދީނާ އާއި އެހާ ގާތުން ނިކް ފެނުމުން އޭނާއަށްވެސް އެހެން އިހުސާސެއް ކުރެވުނެވެ.
” ނޭނގެ.. ޔަޝްމީ އާއި ދެމީހުން ސިޓިންގ ރޫމުގައި ތިބި.. ނިކް ކޮފީއެއް ގެންނަންތަ؟ ” ދީނާ އަވަސް އަވަހަށް އަހާލިއެވެ. ނިކް މަޑު ކުރުވަން ބޭނުންވީ ކީއްވެގެންކަމެއް ޚުދު ދީނާއަކަށް ނުވިސްނުނެވެ. ނިކް ބޯޖަހާލީ ސިދާ ދީނާގެ ލޮލަށް ބަލަން ހުރެއެވެ. ދީނާއަށްވެސް ގާތް ގޮތަކަށް ބަލާލެވުމާއި ހީލެވުނު ގޮތަކުން ދީނާ ލަދުގަތްފިކަން ނިކްއަށް އެނގުނެވެ. އެހެން ކަމުން އޭނާ އިސްޖެހިއެވެ.
” އިހަށް ފާޚާނާއަށް ވަދެލަންތަ ؟ ” ނިކް ކޮޓަރިތެރެއަށް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. ދީނާ ބޯޖަހާލަމުން ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ.
ނިކް ސިޓިންގ ރޫމަށް ނުކުންނަން އުޅެނިކޮށް ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް އަލްބަމެވެ. އަލްބަމްގެ ބޭރުގައި ” އައި ލަވް ނިކް ” ރަތްކުލައިން ޖަހާފައި އޮތުމުން އޭނާގެ ލޯ އަމާޒުވިއެވެ. ނިކް މަޑުމަޑުން އަލްބަމް ނަގާ ހުޅުވާލިއެވެ. އޭނާގެ ދެލޯ ކުޑަވިއެވެ.ނިކްގެ އެތައް ބައިވަރު ފޮޓޯތަކެއް މިހާ ގިނަ ޢަދަދަކަށް ހޯދައި ލޯބީގެ އެކި އިބާރާތްތައް ލިޔެފައި މިހުރީ ކާކުބާވައެވެ؟ އެ އަލްބަމް ބަލާލާ ކޮންމެ މީހަކަށްވެސް އެ އަލްބަމްގެ ވެރިފަރާތަކީ ނިކް އާއި ހެދި ދީވާނާ ވެފައިވާ މީހެއްކަން އެނގޭނެއެވެ. ދެން އެހުރި ފޮޓޯތަކަކީ މުޅިންވެސް ޔަޝްމީ އާއި ދީނާގެ ފޮޓޯތަކެވެ. އެހެންކަމުން މި އަލްބަމަކީ ކާކުގެ އަލްބަމެއްކަމެއް ދެނެއެއް ނުގަނެވުނެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ އަތުން ފޮނުވާލި ތީރު ނިކްގެ ހިތަށް އަމާޒުވިއެވެ. ވިސްނާލަން ހުރުމަށްފަހު އަލްބަމް ބޭއްވުމަށްފަހު އޭނާ ކޮޓަރިން ނުކުމެ ސޯފާގައި ޖައްސާލިއެވެ. އޭރު ދީނާ އައިސް ހަމަވަނީއެވެ. ކޮފީތަށީގައި ދިއްކޮއްލުމަށްފަހު ދީނާވެސް އިށީނެވެ.
” ކީއްކުރަން ތިއައީ؟ ” ދީނާ އެހިއެވެ.
” އިންމަ ކައިރިއަށް ޖައްސާލީ ހަމަ.. ގުޅާލަބަލަ އިންމައަށް…” ނިކްގެ އުދާސްވެފައިވާ މޫނުން ކަމެއް ފޮރުވަން މަސައްކަތްކުރަމުންދެއެވެ. ދީނާ އަވަސް އަވަހަށް އިމްރާންއަށް ގުޅިއެވެ. އޭރު އިމްރާން އާއި ޔަޝްމީ ވަންނަނީއެވެ، ޔަޝްމީ ފެނުމާއި އެކު ނިކް ވަރަށް ފުން ނަޒަރަކުން ޔަޝްމީއަށް ބަލާލިއެވެ. ޔަޝްމީ ނިކް އާއި ދިމާއަށް ބަލާވެސް ނުލައެވެ. އޭނާ ދެން ބަލާލީ ދީނާއާއި ދިމާއަށެވެ. ދީނާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ.
” އޭތް.. ވަޓް އަ ސަޕްރައިޒް އެގެއިން.. އަބދުވެސް އަންގާނުލާ ތިއަންނަނީ…” އިމްރާން ބުނެލިއެވެ. ނިކް ކޮފީތަށި ބެހެއްޓުމަށްފަހު ތެދުވިއެވެ.
” ދީނާ އަތުން ކޮފީއެއް ބޯލަން އައީ… ދަނީ އިނގޭ.. އަންނާނަން މިރޭ ކްލާސް ނިންމާފަ…” ނިކް ހިނގައިގަންނަމުންވެސް ޔަޝްމީއަށް ބަލާލިއެވެ. މިފަހަރު ޔަޝްމީ ވެސް ބަލާލިއެވެ. އެދެލޮލުން ދޭހަވާ އެއްޗެއް އެހާ އަވަހަށް ނިކްއަށް ދެނެގަންނާކަށް ނޭނގުނެވެ.
ސައިކަލް މަތީ އިނދެވެސް ނިކްއަށް ވިސްނެނީ އެކަމާއި މެދުގައެވެ. އިމްރާން އާއި ޝެއަރ ކުރެވޭކަށް ނެތެވެ. އެ އަލްބަމްގެ ވެރިޔަކީ ދީނާ ކަމަށް ވެދާނެތީއެވެ. އެ ފޮޓޯތަކާއި ނިކްދެކެ ލޯބިވާވަރު ބަޔާންކޮއްފައި ހުރި ޅެންތަކާއި ލަވަތަކުން ނިކްގެ ސިކުނޑީގައި ހައިޖާނު އުފައްދަން ފެށިއެވެ. ވަރަށް އަސަރުގަދަ ލޯބީގެ ލަވައެއްވެސް އޭގައި އިނެވެ.
” އައި ވިލް ލަވްޔޫ ފޯރ އެވަރ ” އެ ލަވައިންވެސް ނިކްދެކެ ލޯބިވާ ވަރު ބަޔާންކޮއްފައި ހުއްޓެވެ. ނިކްއަށް މިކަމާއި މެދު ވިސްނަން މަޖުބޫރު ވެއްޖެއެވެ.
ޔަޝްމީ ބެލްކަންޏަށް ނުކުމެ ހަމަޖެހިލިއެވެ. ގިޓާ ހިފައިގެން އޭނާ ނުކުތީ ހިތްހަމަ ޖައްސާލުމަށްތަކައެވެ. ނަމަވެސް އޭނާގެ ދެލޮލުން ކަރުނަ ފައިބަމުންދެއެވެ. ގިސްލެވެމުން ދެއެވެ.
” ދީނާ ޕްލީޒް… ތިހެން ނަހަދާ.. އަހަރެން ނުރޮއްވާ! އަހަރެންގެ ނިކް އަހަންނަށް އަނބުރާ ދީ… ތިހެން ނަހަދާ…” ޔަޝްމީގެ ހިތް ގޮވަމުން ދެއެވެ. އޭނާގެ ހިތް ބުނަނީ ދީނާ މިހާރު އޭނާގެ ލޯބި ޖަހައިގަނެފިކަމުގައެވެ. ދީނާގެ ބަސްތަކާއި އަމަލްތައް މިހާރަކަށް އައިސް ހުންނަ ގޮތުން އޭނާއަށް އެކަންވަނީ ވަރަށް ބޮޑަށް ޔަޤީންކުރެވިފައެވެ. ފާރުގައި ގިޓާ ލައްކޮއްލުމަށްފަހު ޔަޝްމީ ފާރުގައި ލައްވެލިއެވެ. އޭނާގެ ހިތުތެރޭގައި އަނދަމުންދާ އަލިފާން ނިއްވާލެވިދާނެބާވައެވެ؟ ހިތުގައި އެނބުރެމުންދާ ކަންތައްތަކަކީ ކުށްހީއެއް ބާވައެވެ؟ އެހެނަސް ނިކް އަށްޓަކާ ހިތުގައި އެހުރިހާ ދުވަހު އުފާވެރިކަމާއި އެކު ޖަހަމުންދިޔަ ވިންދުތައް ލަސްވަމުންދާތީ ޔަޝްމީ ވަރަށް ބިރުގަނެއެވެ.
އަލަމާރި ހުޅުވާލުމަށްފަހު އަލަމާރީގައި ވަރަށް ރައްކާކޮށްގެން އޭނާ ގެންގުޅޭ ރަތްކުލައިގެ މަހުމާ ފިނިފެންމާ ނެގިއެވެ. ޔަޝްމީއަށް އެ މާ ދޭނެ ފުރުސަތެއް ޔަޝްމީ ދީފާނެ ބާވައޭ އޭނާގެ ހިތައް އެރިއެވެ،. ޔަޝްމީގެ އެއްވެސް އިޝާރާތެއް ނުވާހާ ހިނދަކު އެ މާ ޔަޝްމީއަށް ދޭކަށް އޭނާއަކަށް ނުކެރޭނެކަން ގައިމެވެ. ޔަޝްމީދެކެ ވެވެމުންދާ ލޯބި އެއްވެސް ވަރަކަށް ޔަޝްމީއަށް އިހުސާސްވިޔަ ދޭކަށްވެސް އިމްރާންއަކަށް ނުކެރެއެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން އޭނާގެ ލޯބި ޔަޝްމީއަށް ހާމަކުރާނެކަން ގައިމެވެ.
ދީނާ އެނދުމަތީ އޮވެގެން ވިސްނަމުން ދިޔައެވެ. އޭނާ ވަމުންދާ އުފަލެއް ބުނެދޭންވެސް ދައްޗެވެ. ހީވަނީ އަލަށް މީހަކު ދެކެ ލޯބިވެވުނު ހެންނެވެ.އޭނާ ބަންޑުން އޮވެ ބާލީސް ބޮނޑިކުރަމުންދެއެވެ. އޭނާއަށްވެސް ނިކް ވަރަށް ރީތި ވެއްޖެއެވެ. އޭނާ ނިކް ބޭނުން ވެއްޖެއެވެ. އޭނާގެ ނަޒަރުގައި ޔަޝްމީ ނިކްދެކެ ލޯބިވާ ކަމަށް އަމިއްލައަށް ކިޔައިގެން އުޅުނަށް ނިކް ގާތު އެވާހަކަ އަދި ނުވެސް ބުނެއެވެ. އެހެން ކަމުން ދީނާ ނިކް ބޭނުންވާކަމަށް ނިކް ގާތު ބުނެފިނަމަ އެއީ ޔަޝްމީއަށް ދެވުނު ލަނޑަކަށް ނުވާނެއެވެ،
ލޯބި ކާމިޔާބު ވާނީ ކެރިގެން މަސައްކަތްކޮށްގެންނެވެ. ދިނާ ހިނިތުންވަމުން ތުންފަތުގައި ދަތްއަޅާލިއެވެ
ޔަޝްމީ ތައްޔާރުވަމުންދިޔައީ ފައިނަލް ޓެސްޓް ނެގުމަށްޓަކައި ދިޔުމަށެވެ. އޭނާގެ ހިތް ތެޅެމުންދެއެވެ. އޭރުވެސް ދީނާ އޮތީ ވާހަކަފޮތެއް ހިފައިގެން ކިޔާށެވެ. އެހެން ދުވަސްދުވަހު ޔަޝްމީ ރެޑީ ވާއިރަށް ދީނާ ހުންނާނީ ކާން ހަދައިގެންނެވެ. ދެމީހުން އެއްކޮށް ކާންވެގެންނެވެ. ނަމަވެސް މިހާރު މާ ބޮޑަކަށް ދީނާ ޔަޝްމީއަކާ އަޅައެއް ނުލައެވެ. ޔަޝްމީ އެކަމާ ހިތުގެ އަޑިން ދެރަވެއެވެ. ތައްޔާރުވެލުމަށްފަހު ޔަޝްމީ ދީނާއަށް ބަލާލިއެވެ.
” ރީތި ތަ؟ ނިކް ކައިރިއަށް ދާއިރު ވަރަށް ރީތިވެގެން ހުންނަން ބޭނުމީ.. ދީނާ ބުނެބަލަ ކޮންމެވެސް އެއްޗެއް..” ޔަޝްމީ ބޭނުންވީ ދީނާއަށް އަންނަ ބަދަލެއް ބަލާލުމަށެވެ. ދީނާ ވަރަށް ގަޔާނުވާފަދަ ގޮތަކަށް ބަލާލި އިރު އޭނާ އަމިއްލައަށްވެސް ހީކުރެވުނީ ކުރިމަތީގައި މިހުރީ އުޑުން ފައިބައި ހުރި ޕަރީއެއް ކަމަށެވެ. ހަމަ އެވަގުތު އޭނާގެ ޟަމީރު އޭނާއަށް މަލާމާތް ކޮއްލިއެވެ.
” މިހާ ރީތި ޝެހެޒާދާ އެއް ހުއްޓަ، ކަލެއަށް ނިކް ކަޅިވެސް އަޅާނުލާނެ”
ދީނާގެ ދެބުމަ އެއްވެގެން ދިޔަ ފަދައެވެ. ފިޔާތޮށިކުލައިގެ ހެދުމެއް ލައިފައި ހުރި އިރު ޔަޝްމީގެ ހަށިގަނޑުގެ ބައްޓަން ސާފުކޮށް އެނގެއެވެ. ފިޔާތޮށިކުލައިގެ ލިޕްސްޓިކް ޖައްސާފައި ހުރުމުން ތުންފަތް ހީވަނީ އަސުރަށް ފޮޅޭ މަލެއް ހެންނެވެ. ކަންފަތުގައި ލައިފައި އިން އެލޭ އެސް ކޮނޑުގައި ޖެހި ޖެހި ހުއްޓެވެ. އިސްތަށިގަނޑު އެގޮތް މިގޮތަށް އޮޅަމުން ގޮސް ބޮލުގެ އެތަން މިތަނުގައި ރިހި ކުލައިގެ ކުދި އެސްތަކެއް ޖަހާފައި ވުމުން އޭނާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެނދުކައިރީ ކޮޅަށްހުރި ޔަޝްމީއަށް ބަލަ ބަލަ ދީނާއަށް އިނދެވުނެވެ.
” އެހާ ކަމަކު ނުދޭ ތި ހެދުމެއް…” ދީނާ ބޭނުންވީ ޔަޝްމީ އެ ހެދުން ބަދަލު ކުރުވުމަށެވެ. އޭނާ ހަސަދަވެރިވީއެވެ. ދިނާ ތެދުވެ ވަށައިގެން ބަލަންފެށިއެވެ. ޔަޝްމީއަށް ހެވުނެވެ.
” އަސްލުގަވެސް ބޯ ހަދާފަ ހުރި ގޮތްވެސް ކަމަކު ނުދޭ… ” ދީނާ ހަމަ ރަނގަޅަށްވެސް ޔަޝްމީ އާއި މެދު ނުރުހުން ވެއްޖެއެވެ. ހަސަދައިގެ ވާރޭ ދީނާގެ ހިތަށް ވެހެންފެށީ ވަރަށްވެސް ބޯކޮށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Foni dheena ganda nick dhookohlanvy. v foohivey mi dheena adhi v goas vaanehen heevey. mi vaahakaves v salhi ige.
hehehe mishty dharifulha thihaa varah rulhi naadhey.. dheenaa nik dhuleh nukuraane hen heevany, loabi vanyaa dheenaa ekkamaku dhuleh nukuraane ehnu. hehe
wow v salhi….waiting for next part….avas avas avas asvas…………….waiting waiting
hehehe thank u wait kolllaaa na… tday upkuraanee.. hehe
Vv nice next part up kohba avahah
hi Princess De Nuher.. kujjaku ahaifi kihinehhey thihen name jehy? So, ekujjaa ah bunedheeba fb id use kuri gotheh… ingey,,,
thankx Princess De Nuher…. keep in touch always
kn kahala best frndehtha,, dhn v foohivey,,,,, heheheh v salhi inge waiting 4 d next, v avahah kiyaalan beynun
ebunaahen mee kon kahala bst frndeththa ? hehe me kiyahchey mi vaagaka nimendhen bstfrnd ge huri kulhimeerukameh fennaane.. thank u me
dheenaa akah nun nik libenvy. yash ah nik dheynvy. yash nurovvaathi.
maa avahashey kokki thiya haasvany.. vaahala ya eku kuriahdhey inge… yash rovvaaves leveyne.. hevvaa leema lonely angel v happy vaane dw so.. hehe
keevve princess De nuher eyndhee ehen gothakah name?? :O salaa avahah up kohdheeba vaahaka.. varah v v v v reethi mibaives 😛 😉 😀 <3
reem Princess De Nuher fb id use kuri gotheh ahaalaafa vaane.. .
ow reeem thankx my dear.. reem kurin nukiyantha mivaahaka…. heevany kiyaafa hen huree…
yes salaa… kurin kin mivaahaka. Ekamves reethikamun hama nukiyaa neendhuvunee 😀 ur most welcome 😉