Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މި އެދޭ ސޫރައޭ ތީ މަގޭ… ( 1 ވަނަ ބައި )

Salaa Level 210 Stories100 Comments
February 6, 2014 7 Mins Read
6 Comments

2013 މާރޗްގައި މިވާހަކަ އަރާމަގުގައި ވެސް ޕަބްލިޝްކުރެވިފައި ވާނެއެވެ.

*******************************************

ބާރުދުވެލީގައި ދުއްވާފައިދިޔަ ކާރު މަޑުކޮއްލީ އަށްބުރީގެ އިމާރާތެއްގެ ދޮރުމައްޗަށެވެ. ފައިސާ ދެއްކުމަށްފަހު އަވަސް އަވަހަށް ކާރުން ފޭބިއެވެ. އަދި އެއް ކޮނޑުގައި ހޭންޑް ބޭގް އަޅުވާލައިފައިވާއިރު ބުރަކަށީގައި ބޮޑު ގިޓައެއްވެސް އަޅުވާފައިވެއެވެ. މަޑުރީނދޫ ކުލައިގެ ޓޮޕަކާއި ކުރު ޖީންސް ބުރިއެއް ލައިގެން ފަންއިސްތަށިގަނޑު ހާމައަށް ދޫކޮއްލައިގެން ފަރި އަދި އަވަސް ހިނގުމެއްގައި ގޮސް ދޮރުން އެތެރެވިއެވެ.

ލިފްޓާއި ހަމައަށް ދެވުނު އިރު ލިފްޓް ދޮރުމަތިވަނީ ފުރިބާރުވެފައެވެ. ކުޑަކޮށް ހިތައް ގުޑުން އެރިއެވެ. ކުދިންތަކުގެ ތެރެއިން ދެމިގަނެގެން ލިފްޓުން ޖާގައެއް ލިބުމުން ހިތައް ފިނިކަމެއް ލިބުނެވެ. ހުރިހާ ކުދިންނާއި އެކު ގޮނޑިބަރީގައި އިށީނދެގެން އިންދާ ކުއްލިއަކަށް ފެނުނީ އޭނާ އަންނަތަނެވެ. މޫނުމައްޗަށް ލަދުރަކިކަން ވެރިވެގަތެވެ. މޫނު ރަތްވުމާއި އެކު ހަނދާންވީ މީގެ ގަޑިއެއްހާއިރު ކުރިން ގޭގައި ދިމާވި ކަންތައްމަތިންނެވެ.

*********************

” އޭތް! ޔަޝްމީ…. ޔަޝްމީ… އަވަހަށް ތެދުވޭ! އޯޑިޝަން.. މިޔަދު… ޓެން ގަ… ގަޑި ޖެހެނީ… ” ޔަޝްމީގެ ބެސްޓް ފްރެންޑް ދީނާ ޔަޝްމީގެ ގައިގައި އަޅާފައިވާ ބްލޭންކެޓް ނަގަމުން ހަޅޭއްލަވައިގަތެވެ. ޔަޝްމީ ފުންމާފައި ތެދުވެ ފާޚާނާއަށް ދުއްވައިގަތެވެ. ފަނަރަ ވަރަކަށް މިނެޓްގެ ދިގުމިނުގައި ފެންވަރާ ތާޒާ ވެލުމަށްފަހު އޭނާ ފާޚާނާއިން ނުކުމެ އަލަމާރިއާއި ދިމާއަށް ދުއްވައިގަތެވެ. އެތަނަށް ދިޔުމަށް ތައްޔާރުކޮއްފައިވާ ޓޮޕް ނަގާ އަވަސް އަވަހަށް ގަޔަށް މަހާލިއެވެ.

” ދީނާގެ ސެންޓް ފުޅިންވެސް ސެންޓް އެބަޖަހަން އިނގޭ…………. ” ޔަޝްމީ ދީނާގެ ކޮޓަރިއަށްވަނީ ދުވެފައެވެ. ހޭންޑްބޭގް ނަގާ ކޮނޑުގައި އަޅުވާލަމުން ގިޓާ އުރައަށް ލުމަށްފަހު ބުރަކަށީގައި އަޅުވާލިއެވެ.

” އޭނަ ފެންނަ އިރަށް ޔަޝްމީއަށް ވާނީ ކިހިނެތްބާއޭ ހިތައްއަރާ….. ” ކިރުތަށި ބޯން ހުރި ޔަޝްމީ އާއި ދިމާއަށް ބަލާލަމުން ދީނާ ބުނެލިއެވެ. ޔަޝްމީ ހީލަމުން ބުނެލިއެވެ.

” އެ އެންމެންގެ ތެރޭގަ އަހަރެން އޭނަގެ އަތުގައި ހިފާލުމަށްފަހު ބުނާނީ ވިލްޔޫ މެރީމީ؟ ” ދީނާ ހޭންފެށިއެވެ.

***********************

ޔަޝްމީ ސިހުނީ ހުރިހާ ކުދިންގެ ހުނުމުގެ އަޑުންނެވެ. ވަށައިގެން ޔަޝްމީ ބަލާލި އިރު ކޮޅަށް ހުރީ އޭނާ އެކަންޏެވެ. ކުރިމަތީގައި ހުރީ ޔަޝްމީ އެމީހަކަށްޓަކައި އިންތިޒާރު ކުރަމުންދާ ޒުވާނާއެވެ. ޔަޝްމީ އިސްޖަހާލިއެވެ

” ކީއްވެގެން ކޮޅަށް ތިހުރީ؟ ” އޭނާ އެހެން އަހާލުމުން ޔަޝްމީގެ މޭ ފިނިވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް އޭނާ ވާހަކަ ދެއްކުމުން ޔަޝްމީއަށް ހިނިތުންވެވުނެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން އިށީނެވެ. އޭނާ ހިނިތުންވެލުމަށްފަހު ފަހަތަށް ޖެހިލިއެވެ. ހޯލްގައި ތިބި ފަންސާހަކަށް ކުދިންގެ ކުރިމަތީގައި ޔަޝްމީއަށް ކޮޅަށް ތެދުވެވުމުން ޔަޝްމީ އަދިވެސް ހުރީ ވަރަށް ލަދުންނެވެ.

” ހައި،،،، ” އޭނާގެ ރީތި އަޑު އަނެއްކާވެސް ހޯލުގައި ގުގުމާލިއެވެ.

” ހައި.. ” ހުރިހާ ކުދިން އެއްފަހަރާ ބުނެލިއެވެ. ޔަޝްމީއަށް އެހެން ބުނެލަންވެސް ނޭނގުނެވެ. މަޝްހޫރުމީހެއް އަލަށް ފެނުމުން ވާފަދަ ގޮތެއް މޫނަށް ވެފައި އިން ޔަޝްމީ އޭނާއަށް ބަލަމުންދެއެވެ.

” ހައި އޯލް.. ކޮބާ ރެޑީތަ؟ އަހަރެންގެ ތަޢާރަފެއް ހިއެއް ނުވޭ ބޭނުންވާނެ ހެނެއް… އެކަމު ހުރިހާ ކުދިންގެ ނަން ވަރަށް މުޙިއްމުވާނެ އެހެންނު… ” މޭޒުމަތީގައި އޮތް ފޮށިގަނޑަކަމުން ނޭމް ޓެގް ކޮޅެއް ނަގަމުން އޭނާގެ ޖީބުގައި ޖަހާލިއެވެ.

” ނިކް…” އޭނާ ބާރަށް ބުނެލިއެވެ.

” ނިކް އެއީ ލޯބިން ކިޔާނަން… ދެން ނަން ކިޔާވަރުން ހުރިހާ ކުދިންވެސް އާދޭ އިނގޭ ޓެގްކޮޅުބަލާ.. އޭރުން އަވަހަށް އެނގޭނީ… ” އޭނާ ކުދިންގެ ނަން ގޮވަމުންދާވަރަކަށް ކުދިންތައް ދަތުރުކުރަމުންދެއެވެ.

ޔަޝްމީ އިނީ ހިތުގައި ހިފަހައްޓައިގެންނެވެ. ނިކްގެ ކުރިމައްޗަށް ދާތަނުން ހިތް ފުންމާލައިފިއްޔާ އޭނާގެ ސިއްރު ބޭޒާރު ވާނެއެވެ. ޔަޝްމީއަށް ޓެގްކޮޅު ދިއްކޮއްލި އިރު ނިކް އޭނާއަކަށް ނުބަލައެވެ. އެހެން ކުދިންނަކާ ވަކި އެއްވެސް ތަފާތެއްވެސް ނުކުރެއެވެ. ޔަޝްމީގެ ހިތް މޮޅިވިއެވެ.

” އޯކޭ.. މިޔުޒިކް އިންސްޓްރަކްޓަރ އެއްގެ ހައިސިއްޔަތުން ވާހަކަވެސް ދައްކާލަން އެބަޖެހޭ… މިޔުޒިކް ކުޅެމުން ލަވަ ކިޔުމަކީ އަސްލު އެހާ އުނދަގޫ ކަމެއްނޫން… ފުރަތަމަ ކޮޅު އުނދަގޫވެދާނެ… އެކަމަކު ނަގައިދޭ ހުރިހާ ފިލާވަޅަކުން ފާސްވެގެން ފިފްޓީ ކުދިންގެ ތެރެއިން ޝޯއަށް ހޮވޭނީ ދިހަ ކުދިން… ރެޑީ ދޯ… ” ނިކް ވާހަކަދައްކަމުން ޖީބަށް އަތްޖަހާލިއެވެ. ޔަޝްމީއަށް އެ ހުރިހާ ސިފައެއްވެސް ވަރަށް ކަމުދިޔައެވެ. ކަކުލާއި ހަމައަށް އަންނަވަރުގެ ސޯޓެއް ލައިފައި ރަތްކުލައިގެ ޓީޝާޓެއް ލައިފައި ހުންނައިރު ނިކް ފެންނަނީ ވަރަށް ސްމާރޓް މީހެއްގެ ގޮތުގައެވެ. ޝޯތަކުން ޓީވީތަކުން ނިކް ފެންނަ އިރުގައި އަބަދުވެސް ހުންނާނީ ކަޅު ޓީޝާޓްލައިގެންނެވެ. އެކަމަކު މިރޭ ރަތް ޓީޝާޓެއްގައި އަލަށް ފެނުމުން ނިކްގެ ސްމާރޓްކަން އިތުރުވެއެވެ. އެ ފަން އިސްތަށިގަނޑުގައި ރީތިގޮތަކަށް ސްޕައިކްޖައްސާފައިވުމުން އިތުރަށް އޭނާ ބަލާލަން ހިތްގައިމެވެ.

” މިޔަދު މިގެނައީ ބައްދަލްކޮއްލަން.. ކްލާސް އޮންނާނީ ކޮންމެ ރެއެއްގެ 8.00 ން 11.00 ށް… ދެން.. އޯކޭ ދިޔަޔަސް… ” ނިކް އެހެން ބުނުމުން ކުދިންތައް ތެދުވެގެން ކިން ވަށާލިއެވެ. ކުރަނީ ކީއްތޯބަލަން ޔަޝްމީ ވަރަށް ބޭނުންވެއްޖެއެވެ. އަވަސް އަވަހަށް އޭނާވެސް ތެޅެންފެށިއެވެ. ނިކްގެ އޮޓޯގްރާފް ހޯދުމަށް އަންހެންކުދިންތައް ހޭބަލިވަނީއެވެ. ޔަޝްމީ މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. ކުއްލިއަކަށް ކުދިންތައް ފެޔަށް ޖެހެން ފެށިއެވެ. ދެން ފެނުނު މަންޒަރަކީ ކުދިންނާއި އެކު ނިކް ފޮޓޯ ނަގާމަންޒަރެވެ. އަންހެން ކުދިންގެ އުނަގަނޑުގައި އަތް އަޅުވާލައިގެންނެވެ. ކޮނޑަށް އަތްވައްޓާލައިގެންނެވެ. އެ މަންޒަރުތަކަކީ ޔަޝްމީއަށް ބަލަން ފަސޭހަ މަންޒަރުތަކެއްނޫނެވެ. އޭނާއަށް އުނދަގޫ ވާން ފެށިއެވެ. ފަހަތަށް ޖެހެމުން ޖެހެމުންގޮސް އޭނާ ބޭރަށް ނުކުތެވެ.

***************************

ގެއަށް އައި ގޮތަށް ގިޓާ އެނދުމަތީ ބޭއްވުމަށްފަހު ޔަޝްމީ އޮށޯވެލިއެވެ. ދީނާ އުޅެނީ ފާޚާނާގައެވެ. ހިތުގައި ހުރި އުނދަގޫތައް ފިލުވާލުމަށް އޭނާ ތެދުވެގެން ލެޕް ހުޅުވާލިއެވެ. އަދި ނިކްގެ ލަވަތައް އަޑުއަހަން ފެށިއެވެ. ދެންމެ ފެނުނު މަންޒަރުތައް ހިތައް އެރުމާއި އެކު ލަވަ ސްޓޮޕް ކޮއްލެވުނެވެ.

” ޔަޝްމީ… ހާދަ އޮފްވެފަ… ” ދީނާ އައިސް އެނދުމަތީ ޖައްސާލިއެވެ.

” އޮފް ވާނެއެއްނު……..” ރުޅިވެރި ގޮތަކަށް ޔަޝްމީ ބުނެލިއެވެ. އެނދުމަތީގައި އޮތް ބާލީސް ނަގާ ފާރުގައި ޖައްސާލަމުން ޔަޝްމީ ފޫހިގޮތަކަށް ދީނާއަށް ބަލާލިއެވެ.

” އަޖައިބެއް،، ކީއްތަވީ؟ މިހާރު ފެއިލް ވީތަ؟” ގަޔާވެލާފައި ދީނާ ބުނެލިއެވެ.

” ނޫނެކޭ.. މާދަމާ ރޭ 8 ޓު 11 އަށް… ދެން އަހަރެން ހީކުރި ގޮތެއް ނޫނޭ… ” ޔަޝްމީ ޅަވެލިއެވެ. ދީނާގެ މޫނަށް އެކި ކުލަކުލަ އަރުވަމުން ދެއެވެ.

” ދީނާ…. އޭނަ ވަރަށް ގަރލްސް އާއި ކްލޯޒްކޮށް އުޅެނީ…އަހަރެން ވަރަށް ދެރަވި… ” ޔަޝްމީ އިނީ ވަރަށް ދެރަވެފައިކަން ދީނާއަށްވެސް އިހުސާސްކުރެވުނެވެ. އެހެނަސް އޭނާ ބާރުބާރަށް ހޭންފެށިއެވެ.  ޔަޝްމީ އިނީ ދީނާ ހޭންޖެހޭ ސަބަބެއް ނޭނގުމުން ހިތްހަމަނުޖެހިފައެވެ.

” މަ ހިއެއް ނުކުރަން ޔޫ ހަމަ ނިކާލް ދެކެ ލޯބިވާކަމަކަށް… މަ ހީކުރީ އަހަރެން އަމީތާބް ބައްޗަންއަށް ސަޕޯރޓްކުރާގޮތަށް ޔޫ ވެސް ނިކާލްއަށް ސަޕޯރޓް ކުރަނީކަމަށް…. ” ދީނާ ހެމުން ހެމުން ތެދުވެ ފާރުގައި ލައްވެގަތެވެ.

” ދެން ހެވޭ…!!!  އަހަރެންނަކަށްވެސް ނޭނގެ ލޯބި ވެވެނީ ކަމެއް މި… އަހަރެން އޭނައަށް ސަޕޯރޓް ކުރަނީ އޭނަ މޮޅުވެގެންނެއް ނޫން.. ނޫނީ މަޝްހޫރުކަމަކުންނެއްވެސް ނޫން.. އޭނަ ސަޅި ކަމުން… މިރޭ އަދި ހަމަލޮލަށްވެސް މި ފެނުނީ.. ވަރަށް ނައިސް.. ވަރަށް ތަފާތު.. “

” މަޝްހޫރު މީހުންދެކެ ލޯބިވުމަކީ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއް.. އެމީހުން އުޅޭނީ އެއްމަލުން ފޮނިބޮމުން އަނެއްމަލުގެ ކަރުގަނޑު ނަގާފަ ދެން އިން މަލުން ވަސްބަލާލާފަ… އެއީ އެމީހުންގެ އާދަ.. ޔަޝް އޭނަ އާއި މެދު ވިސްނަންޏާ ރަނގަޅީ ތި ތަނަށް ނުދިޔައްޔާ… ” ދީނާ އޯގާތެރިކަމާއި އެކު ނަސޭޙަތްތެރިވެދިނެވެ.

” އަހަރެން އެތަނަށް ދާން ނިންމީވެސް ނިކް އާއި ގާތް ގުޅުމެއް އުފައްދަން ބޭނުންވާތީ.. އެޓްލީސްޓް ފްރެންޑްޝިޕްވެސް އޯކޭ މަށަށް… ” ޔަޝްމީ މޮޅިރާގަކަށް ބުނެލިއެވެ. ދީނާ ޔަޝްމީގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

” ދެން ނުވިސްނައްޗޭ މާބޮޑަށް… އޭތް… މަ ބްރޯ އެބާދެ މާދަމާ…” ދީނާ އެހެން ބުނުމުން ޔަޝްމީ ނޭނގިފައި ހުރެ ބަލާލިއެވެ.

” މަ ދޮންބެ… އިމްރާން… ނޭނގޭނެ ޔަޝްއަކަށް.. އެކަމު ދޮންބެ އަށް އެނގޭނެ ޔަޝް،، އަހަރެން ބުނިން ބެސްޓް ފްރެންޑްވެސް އުޅޭނޭ މަށާއި އެކު.. ބުނީ އޯކޭ ޔޯ.. ދޮންބެއަށް އެއް ކޮޓަރި ހުރެއްޖެއްޔާ އޯކޭ ޔޯ…” ދީނާ ހިނގައިގަތީ ނުކުތުމަށެވެ. ޔަޝްމީވެސް ދީނާގެ ފަހަތުން ހިނގައިގަތެވެ.

*******************************

ޖެހިގެން އައިރޭ މިޔުޒިކް ކްލާސް ހޯލަށް ހުރިހާ ކުދިން ޖަމާވަމުން ދިޔައެވެ. މިހާ ގިނަ ކުދިންނަށް އެއްފަހަރާ ގިޓާ ޖަހަން ދަސްކޮއްދިނުމަކީ ފަސޭހަކަމަކަށް ނުވާނެޔޭ ޔަޝްމީގެ ހިތައް އަރަމުންދިޔައެވެ. ހުރިހާ ކުދިން ހަމަޖެހުމުން ނިކް ބާރަށް ބުނެލިއެވެ.

” ގިޓާ ޖަހަން އެނގޭނެ މި ހުރިހާ ކުދިންނަށްވެސް.. ރައިޓް؟ ” އެޖުމުލަ އާއި އެކު ހުރިހާ ކުދިންވެސް ޔެސް އޭ ބުނެލިއެވެ. ޔަޝްމީ ހާސްވާން ފެށިއެވެ. ހަޤީޤަތުގައި ޔަޝްމީއަކަށް ގިޓާ ޖަހާކަށް ނޭނގެއެވެ. އޭނާ ޝޯ ގައި ބައިވެރިވާހިތުން ނަންނޯޓް ކުރީއެވެ. ނިކް ކަންތައްކުރާނެ ގޮތެއް ނޭނގޭތީވެ ޔަޝްމީ ހާސްވާން ފެށިއެވެ.

” އެހެންވީމަ ފަހަރަކު ކުއްޖަކު މިތަނަށް އައިސް މި ސްޓޭންޑްގައި މިއޮތް ފޮތުން ކޮންމެވެސް ނޯޓަކަށް ގިޓާ ޖަހާލަދޭންވީ… އެއީ ފުރަތަމަ ޓާސްކް..  އޯކޭ ކަމޯން.. ތަރުތީބުން އާދޭ.. ” ނިކް އިށީނީ ބްކް ސްޓޭންޑާއި ދާދި ގާތުގައެވެ. ފަހަރަކު ކުއްޖަކު ގިޓާ ޖަހަމުން ދެއެވެ. ޔަޝްމީއަށް ޖެހުމުން އޭނާގެ ދެފައި ތުރުތުރު ލަމުންދެއެވެ. ގިޓާ ހިފައިގެން މަޑުމަޑުން ސްޓޭންޑް ކައިރީގައި ހުއްޓި ބަލާލީ ނިކް އާއި ދިމާއަށެވެ. ނިކް ސައިޑަކަށް ސްމައިލް ވެލާފައި އިންނައިރު ހާދަ ލޯތްބޭ ހިތައް އެރިއެވެ. މަޑުމަޑުން ގޮސް ގުދުވެލާފައި ނިކްގެ ތުންފަތްކައިރިއަށް ކިސްއެއް ދީފާނަމޭވެސް ހިތައް އެރިއެވެ.

” ކޮބާ އަވަސް…. ” ޔަޝްމީ ސިހުނީ ނިކްގެ އަޑުންނެވެ. ނޯޓް ފޮތަށް ބަލާލި އިރު އެއީ ކޯއްޗެއް ކަމެއްވެސް ޔަޝްމީއަކަށް ނޭނގުނެވެ.ނޭނގި ހުއްޓާ އޭނާގެ އިނގިލިތައް ހަރަކާތްކޮއްލެވުނު ވަގުތު ރާގެއް ޖެހުނެވެ. ހުރިހާ ކުދިން އަނެއްކާވެސް ހޭންފެށިއެވެ. ނިކް އެއްވެސް އެއްޗެއް ނުބުނެ ޔަޝްމީއަށް ބަލަން އިނެވެ. ކުދިން ހޭންފެށުމުން ޔަޝްމީ ލަދުގަތެވެ. އޭނާ ކޮނޑުން ގިޓާ ނައްޓާލުމަށްފަހު ގިޓާ ހިފައިގެން ހިނގައިގަތީ ދޮރާއި ދިމާއަށެވެ. އޭރުވެސް އެއްވެސް އެއްޗެއް ނުބުނެ ނިކް އިނެވެ. ލަސްފިޔަވަޅުތަކެއްގައި ދަނިކޮށް ޔަޝްމީއަށް ހުއްޓެވުނީ ނިކް ގޮވާލުމުންނެވެ. އޭނާ ހުއްޓި އެނބުރިލާންވެސް ނުކެރި ހުއްޓާ ނިކް އައިސް ޔަޝްމީގެ ކުރިމައްޗަށް ހުއްޓުނެވެ.

” ގިޓާ ކުޅެން ނޭނގޭ އިރު، ވަގުތު ބޭކާރު ކުރަން މި ޝޯގައި ބައިވެރިވީ ކީއްވެ؟ ” ދަތްކުނޑި ވިކާލުމަށްފަހު ނިކް އެހެން ބުނުމުން ޔަޝްމީ ސިހިގެން ދިޔައެވެ. ޔަޝްމީ ހިނގައިގަންނަން އުޅުނެވެ. ނިކް ޔަޝްމީގެ އަތުގައި ހިފުމުން ޔަޝްމީއަށް ބަލާލެވުނެވެ.

” ބައިވެރިވުމަށްފަހު ނުވެއް ނުކުމެވޭނެ… އެ ނޯޓް ނިންމާފަ ގޮސް އިށީނދޭ.. ” ލުތްކެއް ޖަހާފަދައިން ޔަޝްމީގެ އަތުން ނިކް ދޫކޮއްލިއެވެ. މަޑު ހިނގުމެއްގައި އައިސް ޔަޝްމީ ހުއްޓުނީ ސްޓޭންޑް ކައިރީ ހުއްޓުނެވެ. އޭރު އޭނާގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ފައިބަން ތައްޔާރުވަމުން ދެއެވެ. ދެލޯ މަރާލި ވަގުތު ކަރުނަތައް އޮހޮރިގަތެވެ. އޭނާ އެއްވެސް ހަމައެއް ނެތި ގިޓާގައި އިނގިތައް ޖައްސަމުން ދެއެވެ. ކުދިންތައް އަޑުގެ ކޮޅަށް ހެމުން ދެއެވެ. ނިކްވެސް އަތް ޖަހަ ޖަހާފައި ހެމުން ދެއެވެ. އެންމެ ފަހުން ގަޑި ހަމަވި ވަގުތު ނިކް ބުނެލިއެވެ.

” އޯކޭ އޯކޭ… މިހާރު ކަންފަތް ބަށްވެއްޖެ.. ދެންގޮސް އިށީންނަވާ! ޔަޤީނުންވެސް ޝޯއަށް ހޮވޭނެ.. ” މަލާމާތުގެ ރާގަކަށް ޔަޝްމީއާއި ދިމާއަށް ނިކް ބުނެލިއެވެ.

” އޯހް… ސްވީޓް ގާރލް.. ރޮނީތަ؟ ” އިސްޖަހައިން ގިސްލާންހުރި ޔަޝްމީގެ މޫނަށް ބަލާލަމުން ނިކް ބުނެލިއެވެ. ޔަޝްމީ އަވަސް އަވަހަށް ގޮސް އޭނާގެ ގޮނޑީގައި އިށީނުމަށްފަހު މޭޒުގައި ބޯޖެހިއެވެ.

***********************

އެރޭ ގެއަށް އައިސް ޔަޝްމީގެ ކަމަކީ ރުއިމެވެ. ނިކްގެ އެ ޢަމަލުން ގަތް ލަދަށްވުރެން ޔަޝްމީ ވީ ދެރައެވެ. އެއީ ނިކްގެ ފަރާތުން ދުވަހަކުވެސް ފެންނަން ބޭނުން ނުވާ ޢަމަލެކެވެ.

” ދެން ކީއްކުރަންތަ ރޯންވީ؟ ނުދިޔައީމަ ވީނު.. ” ދީނާ ބުނެލިއެވެ. ޔަޝްމީ ހުއްޓައެއް ނުލައެވެ.

” އަހަރެންނަށް މިހާރު ނިކް ފެނިއްޖެނަމަ ކުދިކުދިކޮށް ކޮށާލެވޭނެ.. އެއީ ދަސްކޮއްދޭންޖެހޭ މީހާ… އެކަމަކު ނޭނގުނީމަ ބަވާނަގަނީ.. އެއީ ގޮތެއް ނޫނެއްނު… ” ދީނާ ރުޅި އައިސްގެން އެއްޗެހި ކިޔަ ކިޔަ ހުއްޓާ ފޯން ރިންގްވާ އަޑުއިވުނެވެ.

” މިހާ ދަންގަޑީގަ ލައިންފޯނަށް ކާކުތަ އެ ގުޅަނީ.. އެބަ އަންނަން.. ” ދީނާ އެނދުން ތެދުވެ ސިޓިންގ ރޫމަށް ނުކުތެވެ.

” ޔަޝްމީ…. އާއި ބައްދަލްވެވިދާނެތޯ.. ” އެކޮޅުން ބުންޏެވެ.

” ތީ ކޮންބޭފުޅެއްތޯ.. ” ދީނާ އެހިއެވެ.

” މީ.. ޔަޝްމީގެ މިޔުޒިކް އިންސްޓްރަކްޓަރ ނިކް… “

” ނިކް..!؟؟؟ ޔަޝްމީއަށް ގުޅުމުގެ ބޭނުމެއްނެތް.. އޭނަ ތި ކްލާހަށް ދަނީ ގިޓާ ކުޅެން ނޭނގޭތީ ދަސްކުރަން.. އެންމެންގެ ކުރިމަތީ ބަވާލާފަ ލަދުގަންނަވާލާފަ އޭނަ ލައްވާ ގިޓާ ޖެހުވީމަ އަހަރެން މިހުރީ ވަރަށް ރުޅިއައިސްފަ… އޭނަ ތި ތާކުން އައިގޮތަށް ރޮނީ.. އޭނަގެ ހިތައް ކުރާނެ އަސަރާ ގަންނާނެ ލަދެއް ނޭނގޭތަ؟ މި މީހުން މާބޮޑަށް މަޝްހޫރުވީމަ ހިތައް އަރަނީ ދޯ ބޭނުންހާ ގޮތެއް ހަދާލެވޭނެޔޭ.. ދެން ދުވަހަކުވެސް ޔަޝްމީ އެއް ނުދާނެ ތި ކްލާހަކަށް… ” ބާރުބާރަށް ފޯން އަތްގަނޑު ބޭއްވުމަށްފަހު ދީނާ އެނބުރުނު ވަގުތު ޔަޝްމީ  ހުރީ ފަހަތުގައެވެ.

” އަހަރެން ދާނަން ކްލާހަށް… ” ޔަޝްމީ މަޑުމަޑުން ބުނެލިއެވެ.

********************

ދީނާ ހިތްހަމައެއް ނުޖެހުނެވެ. އެ ކަންތައް އެގޮތަށް ވުމަށްފަހުގައިވެސް ޔަޝްމީ ބޭނުންވަނީ މިޔުޒިކް ކްލާހަށް ދާންކަން އެނގުމުން ދީނާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ޔަޝްމީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ޔަޝްމީ ދީނާގެ އަތްފޮޅުވާލިއެވެ.

” އެތަނަށް ނުދާށޭ ކިޔައިގެން ނަސޭޙަތް ދޭން ބޭނުންވާކަމަށް ވާނަމަ އަހަރެން ނެތިން ދާކަށް.. ” ޔަޝްމީ އެހެން ބުނުމުން ދީނާ ވަގުތުން އޭނާގެ އަތުން ދޫކޮއްލިއެވެ. ޔަޝްމީ ހުރީ ދީނާއަށް ފުރަގަސްދީގެންނެވެ. ދީނާ ހަށަންބަނދެލިއެވެ.

” ސާބަސް ޔަޝްއަށް.. އަހަރެން ޔަޝް އާއި މެދު ވަރަށް ވިސްނަން… ޔަޝްގެ ދޮންބައްޕަގެ ވަކިތަކުން ސަލާމަތް ކުރަންވެގެން އަހަރެންކައިރިއަށް ޔަޝް ގެނައީވެސް އަހަރެންގެ ހިތުގަ ޔަޝްއަށްޓަކާ އޮންނަ ލޯތްބެއްގެ ބޮޑުކަމުން… އަހަރެން މިހެންވެސް މި ބުނަނީ ރަނގަޅަކަށް!..” ދީނާގެ ރާގުގައި މޮޅިކަން އުފެދުނެވެ. ޔަޝްމީ ދީނާއަށް ބަލާލިއެވެ. އަދި ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަމުން ދީނާގެ އަތުގައި އަތްޖައްސާލިއެވެ.

” ސޮރީ… އަހަރެންގެ އާއިލާއެއް މަންމައެއް ބައްޕައެއް ނެތް… ހުރި މީހަކީ ހަމައެކަނި ތީ… އެކަމަކު… އަހަރެންނަށް ދިރިއުޅުމެއްވެސް ބޭނުންވާނެ އެއްނު… ފިރިއެއްގެ ލޯބިވެސް ބޭނުން ވާނެއެއްނު.. ” ޔަޝްމީ އެހެން ބުނުމަށްފަހު ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ.

*****************************

ހެނދުނު ހޭލި އިރު ދީނާއެއް ނެތެވެ. ޔަޝްމީ ތެދުވެ އޭނާ ލައިފައިވާ ސޯޓް ބުރިއާއި ކުރުތާ ބަދަލު ކޮއްލިއެވެ. އަދި ހުޅިއެއް ޖަހަމުން ފާޚާނާއަށް ވަނެވެ. މޫނުދޮވެލުމަށްފަހު ތައްޔާރުވެލައިގެން ޔަޝްމީ ކޮޓަރިން ނުކުތް ވަގުތު ޖެހިގެން ހުރި ކޮޓަރިން ނުކުތް އިމްރާންގެ ގައިގައި ޖެހުނެވެ. ޔަޝްމީގެ މޫނުމައްޗަށް ވެރިފައިވާ އިސްތަށިތަކުން އިމްރާނަށް އެ ރީތި މޫނު ރީތިކޮށް ފެންނަވަރެއް ނުވިއެވެ.

” އޯހ… ސޮރީ… ” އިމްރާން ބުނެލިއެވެ. އިމްރާންގެ އަތުތެރޭގައި އޮތް ޔަޝްމީގެ އަތް ދަމައިގަންނަމުން ޔަޝްމީ ބާރުބާރަށް ހިނގައިގަތެވެ. އޭރު ދީނާ އުޅެނީ ސައިތައްޔާރުކުރާށެވެ.

” ކާކުތަ މިހާ ހެނދުނާ އައިސްގެން އެ އުޅެނީ؟ މަ ކިރިޔާ ނުވެއްޓުނީ…. ” ޔަޝްމީ މެޓްތައް ކާމޭޒުގައި އަތުރަމުން ބުނަމުންދިޔައެވެ. ނުރުހުމުގެ ރާގުގައެވެ. އޭނާގެ ހަރަކަތް އަވަހެވެ. ރޮށިކަހަނބު މޭޒުމަތީ ބަހައްޓަމުން ދީނާ ބުނެލިއެވެ.

” މަ ބުނީމެއްނު މިޔަދު މަގޭ ބޭބެ އަންނާނޭ… ” ދީނާ އެހެން ބުނުމުން ޔަޝްމީ ރަނގަޅަށްވެސް ރަކިވިއެވެ.

” އަސްލުތަ؟ ދެން ބޭބެ އުޅޭނީ މިތާތަ އަބަދުވެސް… ” ލަސްލަހުން ޔަޝްމީ އެހިއެވެ. އަދި މަޑުމަޑުން ގޮނޑިއެއްގައި އިށީނެވެ.

” ހޫމ… މިއީ ދޮންބެގެ ވެސް އެޕާރޓްމަންޓެކޭ… އެހެންވީމަ ދޮންބެ އުޅޭނީ މިތާނގައެއްނު… ޔަޝް ހިތްހަމަ ނުޖެހުނީތަ؟ ” ދީނާ ފާޑަކަށް އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 11ވަނަބައި

Next

ކަރުނައިގެ ބަދަލު

Next
February 6, 2014

ކަރުނައިގެ ބަދަލު

Previews
February 6, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 11ވަނަބައި

6 Comments!

  1. shifa says:
    February 6, 2014 at 11:04 pm

    v v v reethi…

  2. xiya says:
    February 7, 2014 at 12:19 am

    vvvvvvvvvvvvvvv nice

  3. no one says:
    February 7, 2014 at 4:59 pm

    avahah up kohdhehchey next part vess
    🙂 this story is the best

  4. suvey says:
    February 8, 2014 at 11:56 am

    vvv nice

  5. Salaa says:
    February 8, 2014 at 4:05 pm

    2nd part up kollaafa vaanee.. avahah kiyaalaa lovely kudhinkolhaaa….

  6. shen says:
    February 8, 2014 at 4:30 pm

    part 3 kn irakun

Comments are closed.

Next Episodeހިތް މިއެދޭ ސޫރައޭ ތީ މަގޭ ( 2ވަނަ ބައި )←


All Right Reserved!