އަގެއްނެތްލޯބި 29 ވަނަ ބައި
” ކޮބާތަ ޔާޝް ” ޒިޔާދުއަށް ގޭތެރެއިން ޔާޝް ނުފެނުމުން ސާނިޔާ ކުރެން އަހާލިއެވެ. ” ނޭންގެ. އަހަރެންގެ ގާތުގައެއް ނުބުނޭ ތާކަށްދާ ވާހަކައެއް ” ސާނިޔާ ބުންޏެވެ. ޔާޝް ދިޔަތަނެއް ނޭންގިގެން ޒިޔާދު ކަންބޮޑުވެގެން ގޭތެރޭ ދެކޮޅަށް ހިނގަންފެށިއެވެ. އަދި ޔާޝްގެ ފޯނަށް ދެތިންފަހަރު ގުޅަންވެސް ގުޅިއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. ޒިޔާދު ހަފްސާއަށް ގުޅާފަ ޔާޝް ހުރިތޯވެސް ބެލިއެވެ. ނަމަވެސް ޔާޝް ހަފްސާގެ ގާތަށް ނުދާކަމަށް ހަފްސާ ބުންޏެވެ. ޒިޔާދު ޔާޝްގެ ފޯނަށް ޑައިލް ކުރަމުން ގޭތެރޭ ހިނގަހިނގާ ހުއްޓާ ޔާޝް އައިސް ގޭދޮރުމައްޗަށް އެރިއެވެ. ” ކޮންތާކުން ތިއައީ. ކީއްވެތަ ގުޅީމާ ފޯން ނުނަގަނީ. މިހާރު ކޮންއިރެއްތަ ޔާޝްއަށް ގުޅާތާ ” ޔާޝް ފެނުމުން ޒިޔާދު ސުވާލުކޮށްލިއެވެ. ޒިޔާދު ސުވާލު ކުރަންފެށުމުން ޔާޝް ޖީބުގައޮތް ފޯން ނަގާ ބަލާލިއެވެ. ” ޒިޔާދުބޭ ގުޅިކަން ނޭންގުނީ ފޯން ސައިލެންޓްގަ އޮތީމާ. ސޮރީ…. ” ޒިޔާދު ހިތްހަމަ ނުޖެހިފާ ހުރިކަން ޔާޝްއަށް އެނގުމުން އިސްދަށަށް ޖަހާލަމުން ޔާޝް ބުނެލިއެވެ. އޭރު ޒިޔާދު ދައްކަމުން ދިޔަ ވާހަކަ ދޮރުކައިރީ ހުރި ނިސާދުއަށް އަޑު އިވެމުން ދިޔައެވެ. ” މިހުރިހާ އިރު ކޮންތާކު އުޅެފަ ތިއައީ. މާމަ ބުނި އެގެއަށް ވެސް ނާދެއޭ ” ޒިޔާދު އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެވަގުތު ދޮރުގެ އެއްފަރާތުން ޔާޝްގެ ފުރަގަހަށް ނިސާދު ނިކުތެވެ. އެވަގުތު ޒިޔާދުގެ ދެލޯ ނިސާދަށް އަމާޒުވިއެވެ. ” ދަރިފުޅު ކީއްވެ ޒިޔާދުބޭ ކައިރީ ނުބުނެ ތަންތަނަށް ދަނީ. ޒިޔާދުބޭ އެހާ ރަނގަޅު އިރު ނުވާނެދޯ ނުބުނެ ތަންތަނަށް ދާކަށް. ދަރިފުޅު ކިތަންބެ ބޮޑުވިޔަސް ޒިޔާދުބެއަށް ދަރިފުޅު ބޮޑުނުވާތީޔާ، ދަރިފުޅު ދެކެ ލޯބިވާތީ ޒިޔާދުބޭ ހާސްވެފަ އެހުރީ ދަރިފުޅު ދިޔަތަނެއް ނޭންގުނީމަ. ދެން ތަނަކަށް ދާނަމަ ޒިޔާދުބޭގެ ގާތުބެފަ ދާނީ ” ނިސާދު އެހެން ބުނުމުން ޔާޝް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރު ސާނިޔާއަށް ވެސް ހުރެވުނީ ކޮޓަރިން ބޭރުކަމުން ސާނިޔާއަށް ވެސް ނިސާދު ފެނުމުން ބަލަން ހުރެވުނެވެ. ދެމީހުންނަށް ހައިރާންކަމާއެކު ބަލަން ހުރެވުނީ ޔާޝް އާއި އެކުގައި ނިސާދު ހުރުމުންނެވެ.
” އަހަރެން މިހުރިހާއިރު ހުރީ ބައްޕަ ގާތުގަ ” ޔާޝް ޖަވާބު ދިނުމުން ޒިޔާދު އިތުރުއެއްޗެއް ނުބުނެ ނިސާދު ގާތުގައި ގޭތެރެއަށް ވަނުމަށް ބުންޏެވެ. ” ކޮންއިރަކުތަ ރަށަށް އައިސް ތިއުޅެނީ ” ޒިޔާދު ނިސާދު ކުރެން އަހާލިއެވެ. ” ރަށުގައި ހުންނަތާ ދެތިން ދުވަސްވެއްޖެ އެކަމަކު އަހަރެން ގެއިންބޭރަށް ނިކުމެ ނޫޅެން ” ނިސާދު ބުންޏެވެ. ” ޒިޔާ އަހަރެންނަށް މާފުކުރޭ. އަހަރެން ޒިޔާގެ މާފަށް އެދޭއިރު އަހަރެންނަށް އެނގޭ އަހަރެންމީ ޒިޔާގެ މާފު ހައްގު މީހެއްނޫންކަން. އެކަމަކު އަހަރެން އެންމެންގެ ކިބައިން މާފަށް އެދެން. އެދުވަހު އަހަރެންނަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން މިއަދު އަހަރެންނަށް އިހުސާސް ކުރެވިއްޖެ ” ނިސާދު ޒިޔާދާއި މުހާތަބްކޮށް ބުންޏެވެ.
” އަހަރެންގެ ހިތުގާ އެއްވެސް އެއްޗެއް ނެތް. ނިސާދު އެދުވަހު ކަންތައްކުރީ އެގޮތް ނިސާދު ބޭނުންވާތީ. އަހަރެންމީ ނިސާދުގެ އެއްވެސް ކަމެއްގަ ނިސާދުއަށް ލަފާދޭންހުރި މީހެއްކަމަކަށް އަހަރެން ނުދެކެން. އަދި ނިސާދު ވަނީ އަހަރެންނަށް އެކަން ވަރަށް ރަނގަޅަށް ވިސްނަދީފާ ” ނިސާދު ކަންތައް ކުރިގޮތުން ޒިޔާދު ބުންޏެވެ. ނިސާދު ޒިޔާދުގެ ކަންފަތްމަތީ ހަގީގަތް ބަލާނުލާ ޖެހި ދުވަސްމަތިން އަދިވެސް ޒިޔާދު ހަނދާން އެބަހުއްޓެވެ. ” ތިހެންނުބުނެ ޒިޔާ. ޒިޔާތީ އަހަރެންނަށް ދުވަހަކުވެސް ދެރައެއް ލިބެން ނޭދޭނެ މީހެއް. އެކަން އަހަރެންނަށް ކުރިން ނުވިސްނުނީ. އަހަރެން ގަބޫލްކުރަން އަހަރެންނަށް މާފް ހައްގު ނުވާވަރުގެ ކުއްތަކެއް ކުރެވިފަވާކަން ” ނިސާދު ބުންޏެވެ. ” ހަމައެކަނި ކުއްތަކެއް އެކަނި އެއް. އެދުވަހު އަހަރެން ބޭނުންނަމަ ނިސާދާ ހަސްމާާ ޕޮލިހުންނާ ވެސް ހަވާލުކުރެވޭނެ. އެދުވަހު އަހަރުމެން އެންމެން ނިސާދަށް ސިއްރުކުރި ކަމެއްގެ ވާހަކަ ބުނަންވީ ވަގުތު ކަންނޭންގެ މިޖެހުނީ. މިއަދާ ހަމައަށް ވެސް އެކަމުގެ ހަގީގަތް ނިސާދުއަށް ނޭންގޭނެ. އެކަމަކު ޝައްކުވެފަ އޮވެދާނެ ” ޒިޔާދު ބުނެލިއެވެ. ” ކޮންކަމެއްގެ ވާހަކައެއްގެ ބުނަންތިއުޅެނީ ” ނިސާދަށް އަހާލެވުނެވެ. އެވަގުތު ޒިޔާދު ކައިރީގައި ހުރި ޔާޝްއަށް ބަލާލުކަށްފަހު، ބޮލުގެ އިޝާރާތުން އެތަނުން ދިޔުމަށް ބުންޏެވެ. ” ހަނދާންވެތަ ދައްތަޔާ ހަނާޔާ ވިލިގިއްޔަށް ކަމަށްބުނެ ދިޔަދުވަހެއްގެ މަތިން. އެދުވަހު ހަނާޔާ ދައްތަޔާ ދިޔައީ ވިލިގިއްޔަކަށް ނޫން. ” ޒިޔާދު ބުންޏެވެ. ” ދެންކޮންތާކަށް ދިޔައީ ” ނިސާދު އަހާލިއެވެ. ” ނިސާދުގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުގެ ސަބަބުންނާ، ހަސްމާ ގޮވައިގެން އެކިއެކި ތަންތަނުންފެނި އެކި މީހުން ހަނާ ގާތުގައި އެވާހަކަ ދެއްކުމުން، އެކަމުގެ ހަގީގަތް އޮޅުންފިލުވަން ނިސާދު ކުރެން އަހައިފިނަމަ އެކަމަށް އިންކާރުކޮށް އެންބަސްނުވެދާނެތ،ީ އެކަމުގެ ހެކި ހޯދުމަށްޓަކާ އެދެމީހުން އެދުވަހު ގެއިން ނިކުމެގެން ދިޔައީ. އެ މީހުން ދިޔައީ ހަދީޖައްތަ ކައިރިއަށް. އެގޭގައި ތިބެގެން ހުރިހާކަމެއްކުރީ. އަދި ހެކި ހޯދުމަށްޓަކާ ތިގެއަށް ދިޔައީ އަހަރެން. އެރޭ ތިދެމީހުން ކުޅުން ނާޖާއިޒް ކުޅިގަނޑު އަހަރެން ރެކޯޑްކޮށް އެމަންޒަރުތައް ހަނާޔާ ދައްތަގެ އެދުމުގެ މަތިން އެމީހުންނަށް އަހަރެން ދެއްކިން. ލަދުން ހަލާކުނުވީ ކިރިޔާ. މީހަކާ އިދެ ދަރިއެއް ލިބުނީމާ ނިސާދު ދިމާކޮށްލީ ޖެހުނު ކޮންމެ މީހަކަށް ހެޔޮވަރުވަމުން ދިޔަ އަންހެނަކާއެކު ދިރިއުޅެން. އެދުވަހު އެހުރިހާ ކަމެއް ކުރިއިރު ހަމައެއްޗެއް ހިތަށް ނާރަނީތަ؟. ނޫނީ ހިސާބަށްވުރެއް ގަމާރީތަ؟. ނޫނީ އަންހެނަކު ފެންނައިރަށް ހޭބަލިވަނީތަ؟. ބަލާބަލަ މިއަދު ނިސާދުގެ ސަބަބުން ބަޔަކު އުޅެމުންދާ ނިކަމެތި ހާލު. އެހާލަށް ކެއްނުވެގެން މި އިންސާފެއްނެތް ދުނިޔެއިން އޭގެތެރެއިން ބަޔަކު ދާންވި ހިސާބަކަށް ގޮސްފި. ދެންބަލާބަލަ އަމިއްލަ ލޭ ހިނގާ، އެމީހަކަށްޓަކާ ނިސާދާ ހަނާ ވައުދުވެ، ރަނގަޅު ތަރުބިއްޔަތެއްދީ، ބަފަޔަކު ހެޔޮނުބައި ބުނެދޭންހުރި ދަރިފުޅަށް. މިއަދާ ހަމަޔަށް ޔާޝް އެދިޔައީ ނިސާދަށް އިންތިޒާރު ކުރަމުން. އެންމެ ދުވަހެއްވެސް ނުދޭ ބައްޕަ ކޮބާހޭ ކިޔާފަ ސުވާލު ނުކުރާ ދުވަހެއް. އެކަނި އިދެގެން ނުރޯދުވަހެއް. އުމުރުން ހަތަރު އަހަރުގައި ނިސާދު ޔާޝް ދޫކޮށްލަފަ ދިޔައިރު ބައްޕަ ހޯދާނެކަމެއް، ބައްޕަގެ ލޯބި ބޭނުންވާނެ ކަމެއް ނޭންގޭތަ؟. އެކަމަކު އަހަރެންމެން ދެމަފިރިންނާ ހަނާ ހަވާލުކުރި އަމާނާތް ރަނގަޅު ގޮތުގައި ފުރިހަމަ ކަމާއެކު ބޭލޭތޯ މަސައްކަތް ކުރިން. އަދި ނިސާދު ހޯދަން ކުރާ ކޮންމެ ސުވާލަކަށް ލޯތްބާ އޯގާތެރިކަމާއެކު ޖަވާބުދީ ޔާޝްއަށް ވިސްނަދިނިން. ” ޒިޔާދު މިހުރިހާ ދުވަހު ދައްކަން ބޭނުންވެފާ ހުރި ވާހަކަތައް ފުރުސަތު ލިބުމާއެކު ގޮވާލިއެވެ. އޭރު ޔާޝް ކޮޓަރީ ދޮރުމަތީ އެހުރިހާ ވާހަކައެއް އަޑުއަހަން ހުއްޓެވެ. ” ތިހުރިހާ ކަމަކާ މިހާރު އިންތިހާއަށް ދެރަވޭ. ނަމަވެސް ގެއްލުނު ވަގުތެއް އަނބުރާނުލިބޭނެކަން އެނގޭ. އެހެން ނަމަވެސް އަހަރެން ބޭނުން ޒިޔާގެ މާފް ” ނިސާދު ބުންޏެވެ. ” ވިސްނިގެން ވެސް އަދި އާދެވުން އިރު އަވަސްކަންނޭންގެ. ކުޑައިރުކޮޅެއް ލަހުން އާދެވުންނަމަ ދިރިއުޅުމުގެ ފޮނިމީރުކަން ނިސާދުގެ އަރުތެރޭގައި ރަނގަޅަށްލާފަ ހުންނާނީ. އަހަރެންގެ މާފު ނުލިބުމަކުން ނިސާދުއަށް މަދުވާނެ އެއްޗެއް ނޯންނާނެ. އަހަރެން މީ ނިސާދު މާފަށްއެދެންޖެހޭ ވަރުގެ މީހެއްނޫން ” ޒިޔާދު ބުނެލިއެވެ.
ޒިޔާދު އެހެން ނުބުމުން ނިސާދު އެގެއިން ނިކުންނަށްވެގެން ހިނގައިގަތުމުން ޔާޝް އައިސް ނިސާދުގެ އަތުގާ ހިފިއެވެ. އެވަގުތު ނިސާދު މަޑުޖެހިލިއެވެ. ” ޒިޔާދުބޭ. ބައްޕައަށް މާފްކުރޭ. ދައްތާ. ބައްޕައަށް މާފުކުރޭ. ތި ދެއްކި ހުރިހާ ވާހަކައެއް އަހަރެންނަށް އަޑު އިވިއްޖެ. އަހަރެން ގަބޫލް ކުރަން އަހަރެންނާ މަންމަ އަދި ދެންތިބި އެންމެންނާ މެދުވެސް ބައްޕަ ކަންތައްތައް ކުރީ ރަނގަޅަށް ނޫންކަން. އެއީ އަހަރެންނަށް ރަނގަޅުގޮތާ ނުބައި ގޮތް ނޭންގޭއިރު ވެފަވާކަންތައް. އެކަމަކާ އަހަރެން އެއްވެސް މީހަކާ ޝަކުވާއެއް ކުރާކަށް ބޭނުމެއްނޫން. އެކަމަކު އަބަދުވެސް އަހަރެންގެ ޝަކުވާއެއް ބައްޕައަށް ވާނެ. އެއީ މަންމަޔާއެކުގައި މުޅިއުމުރު ދުވަހު އުޅޭނެކަމުގެ އުންމީދުނުކޮށް، އަހަރެން މިދުނިޔެއަށް އުފަންވުމަށް މެދުވެރިއަކަށް ވީތީ އެކަމުގެ ޝަކުވާ. ” ޔާޝް ވާހަކަދައްކަމުން ދިޔައިރު ނިސާދުގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ. އެތައް އަހަރުތަކަކަށްފަހު އަހަރެންނަށް ބައްޕަ ނުފެނި ހުރުމަށްފަހު މިއަދު އަހަރެންނަށް ބައްޕަ ފެނުނީ. ބައްޕަ އަހަރެންނާ ވަކިވިޔަނުދީ. ޕްލީޒް…. ” ޔާޝް ޒިޔާދުގެ ގާތުގައި އާދޭސް ކުރަންފެށިއެވެ. ” އަހަރެން ޔާޝްއަށްޓަކާ ނިސާދަށް މާފުކޮށްފިން ” ޒިޔާދު ބުނެލިއެވެ. ނިސާދުގެ ލޯބިން ޔާޝް މަހުރޫމްވާން ބޭނުން ނުވާތީ ޒިޔާދު ނިސާދަށް މާފްކުރިއެވެ. ޒިޔާދު ނިސާދަށް މާފުކުރުމުން ޔާޝް ޒިޔާދުގެ ގައިގާ ބައްދާލިއެވެ. ” ޒިޔާދުބޭ ދުވަހަކުވެސް ޔާޝް ދެރަވާކަށް ނޭދެން. ޒިޔާދުބެއަށް ކުރެވޭ ވަރުގެ ކަމެއްނަމަ މިއަދު މަންމަ ވެސް ހުންނާނީ ޔާޝް ގާތުގަ ” ޒިޔާދުގެ ގަޔާ ޔާޝް ދުރުކޮށްލުމަށްފަހު ޔާޝްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމުން ނިސާދާ ދިމާއަށް އެނބުރި ހިނިތުން ވެލުމަށްފަހު ޔާޝް ކޮޓަރިއަށް ގޮސްވަނެވެ. ” އަހަރެންނަށް އެނގޭ އަހަރެންނަށް މާފްކުރީ ހިތުން ރުހުމުން ނޫންކަން. އަދި ހިތުން ރުހުމުން މާފްކުރަން ވެސް އުދަގޫވާނެކަން އެނގޭ. ޔާޝްއަށްޓަކާ ނަމަވެސް އަހަރެންނަށް މާފުކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ ” ޔާޝް ކޮޓަރިއަށް ދިޔުމުން ނިސާދު ބުންޏެވެ.
” ތީހަމަ ނިސާދަށް ހީވާއެއްޗެއް. އަހަރެންގެ ހަނށިގަޑުގަ ވަނީ ނިސާދުގެ އޮތްކަހަލަ ހަރު ހިލަހިތެއްނޫން. ނިސާދުގެ ހިލަހިތަށް އަސަރު ނުކުރިޔަސް އަހަރެންގެ ހިތަށް އަސަރުކުރޭ. އަޑުން އަޑު ނަގާފާ ނުރޮޔަސް އަހަރެންވެސް ދެރަވޭ. އެދުވަހު ނިސާދު ކަންތައްކުރީ ނިސާދުއަށް ވިސްނުނު އެންމެ ރަނގަޅަކަށް. ނިސާދުއަށް ފައިދާ ހުރި ގޮތަށް. ވިސްނާނުލާ ފަހުން ވާނެ ގޮތަކާމެދު ” ޒިޔާދު ބުންޏެވެ. ” ތިބުނީ ރަނގަޅަށް. އެދުވަހު އަހަރެން ހަސްމާ ފިޔަވާ އެހެން މީހަކު ދައްކާ ވާހަކައެއް އަޑު އަހަންވެސް ބޭނުންނުވި. މިއަދު އަހަރެން ދެރަވޭ އަހަރެންނަށް ހެޔޮއެދޭ މީހުން ދެއްކި ވާހަކަ އަޑު ނޭހުނީމާ ” ނިސާދު ބުންޏެވެ.
” މިހާރު ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ. އަހަރެން އެންމެ ފަހުވަގުތާ ޖެހެން ދެން މަސައްކަތް ކުރާންނަން ހަނާ އަހަރެންނަށް ވަސިއްޔަތް ކޮށްފަ އޮތް ގޮތަށް ކަންތައް ކުރުމަށް. ހަނާ ވަނީ ޔާޝް ބަލާ ދިނުމަށް އަހަރެންނަށް ވަސިއްޔަތްކޮށްފަ. އަދި ނިސާދުގެ މަންމައަށް ވެސް ވަނީ ވަސިއްޔަތްކޮށްފަ ޔާޝްގެ ނުގަބޫލުގާ ޔާޝް ނުގެންދުޔުމަށް. އަހަރެންނަށް އެނގޭ ނިސާދު އަދި އަހަރެމެންނާ ހަމައަށް އަންނާނެކަން. އަދި އަންނާނީ ގޮތް ހުސްވެގެންކަން ” ޒިޔާދު ބުންޏެވެ. ” އާނ ޒިޔާ. އަހަރެން ރަށަށް އައިސް މިހުރީ މިނޫން އެހެން ގޮތެއް ނެތިގެން. އިތުރަށް މާލޭގަ އުޅޭނެހާ ހިތްވަރު ނެތިގެން. އެކަމަކު ދެން އިރާދުކުރެއްވިއްޔާ އަހަރެންނަށް ހެޔޮއެދޭ އެއްވެސް މީހަކު ދޫކޮށްލާފަ އެއްވެސްތާކަށް ނުދާނަން ” ނިސާދު ހިތްހަމަ ޖެހުމުގެ ނޭވާއެއް ލަމުން ބުނެލިއެވެ. ” ޒިޔާ. އަހަރެން ވަރަށް ބޮޑު ކަމަކުވެސް ކިޔަންވެފަ އޮތީ. ހީކުރަން އަހަރެންނަށް މިކަން ކޮށްދޭނެކަމަށް ” ނިސާދު ބުންޏެވެ. ” އަނެއްކާ ކޮންކަމަކުތަ؟. އަހަރެންނަށް ވާވަރުގެ ކަމެއްނަމަ އަދި ވެސް އަހަރެން މިހުރީ ކޮށްދޭގޮތަށް ” ޒިޔާދު ބުންޏެވެ. ” ގަބޫލް ކުރަން ހަނާގެ ވަސިއްޔަތާ އެއްގޮތަށް ޔާޝް ބަލަމުން ދާކަމަށް. އެހެންނޫން ނަމަ މިއަދު ޔާޝް ހުންނާނީ ވިޔާނުދާ ހުރިހާ ސިފަޔަކުން ފުރިފަ. އަހަރެން މިރޭ ޔާޝް އަހަރެން ކައިރިއަށް ނިދާލަން ގެންދިޔަސް އެންމެ ރަނގަޅުތަ؟. މިހެން މިބުނީ މިހުރިހާ ދުވަހު އަހަރެން މިއުޅުނީ ޔާޝްއާ ދުރުގަ. އަހަރެން ބޭނުން ޔާޝްއަށް މިހުރިހާ ދުވަހު ނުލިބިވާ ބައްފައެއްގެ ލޯބިދޭން. އެކަމަކު އެންމެ ކުޑަ ދުވަހު ބޭނުންވި ލޯތްބާ އަޅާލުމެއް ދެން ނުދެވޭނެކަން އެނގޭ. ” ނިސާދު ބުންޏެވެ. އެވަގުތު ޒިޔާދުއަށް ކައިރީގައި ހުރި ސާނިޔާގެ މޫނަށް ބަލާލެވުމުން ސާނިޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ޒިޔާދު ޔާޝްއަށް ގޮވާލިއެވެ.
” ކިހިނެއްވީ ޒިޔާދުބޭ ” ޔާޝް އަހާލިއެވެ. ” ބައްޕަ ބޭނުންވަނީ ޔާޝް މިރޭ ބައްޕަގެ ގާތަށް ނިދަން ގެންދަން ” ޒިޔާދުގެ އެ ޖުމްލައިން ޔާޝް ބަލާލީ ނިސާދަށެވެ. ޔާޝް އުފަލުން ނިސާދުގެ ގާތަށް ޖެހިލުމުން ނިސާދު ޔާޝް ގޮވައިގެން އެގެއިން ނިކުތެވެ. ” މާމާ ބައްޕަ ކޮބާތަ؟ ” ނިސާދު ނެތިގެން ސުނާހް ހަފްސާ ކުރެން އަހާލިއެވެ. ” ބައްޕަ ވީބޭރަށް ގޮސް. މިހާރު އަންނަން އުޅޭނެ ” ހަފްސާ ބުންޏެވެ. ހަފްސާ ނިސާދުގެ ކޮޓަރީ ހުރެފާ ސިޑިން ފައިބާއިގެން ތިރިއަށް އައި އިރު ނިސާދު ޔާޝް ގޮވައިގެން އައިސް ގޭތެރެއަށް ވަންނަނީއެވެ. ނިސާދާއެކު ޔާޝް ފެނުމުން ހަފްސާ ހައިރާންވިއެވެ. ” މަންމާ ބަލާބަލަ. މިހުރީ ޔާޝް. އަހަރެންނަށް ޔާޝް ފެނުމުން ފާހަގަ ކުރަންވެސް ނޭންގުން ” ހަފްސާއަށް ގޮވާލަމުން ނިސާދު ބުންޏެވެ. ” ދަރިފުޅަށް ކިހިނެއް ބައްޕައާ ބައްދަލުވީ ” ނިސާދު ބުނި އެއްޗަކަށް ސަމާލުކަން ނުދީ ހަފްސާ ޔާޝްކުރެން އަހާލިއެވެ.
” ބައްޕަ ފާހަގަ ކުރަން އެގުނީ މާމަމެން އަހަރެންނަށް މަންމަ ލިޔެފަވާ ސިޓީ ދިންދުވަހު އެސިޓީއާއެކު އޮތް މަންމަ އާއި ބައްޕަގެ ފޮޓޯ ލިބުމުން. އަހަރެންނަށް ބައްޕަ ފެނުނީ ހުކުރުން ފޭބިތަނުން. އޭގެފަހުން އަހަރެން ބައްޕަ ދާކޮންމެ ތަނެއް ބަލަމުން އައީ. އަދި އެތަނަކުން އަހަރެން ބައްޕައަށް ފެންނަން ހުރިން. އެކަމަކު ބައްޕައަށް އަހަރެން ފާހަގަ ކުރާކަށް ނޭންގުން. އޭގެ ފަހުން އަހަރެންނަށް ބައްޕަ ނުފެނި އެއްދުވަސް ވީފަހުން އަހަރެން މިގެއަށް އައީ. އެދުވަހު އަހަރެން ގެއަށް ވަދެދާނެތީ މާމަ އަހަރެން ފިހާރައަށް ގެންދިޔައީ. އެނގޭ އެހެން ހެދީ ކީއްވެކަންވެސް. އޭގެ އަނެއްދުވަހު އަހަރެން މާމަ ކައިރިއަށް އަންނަންވެގެން ގެއަށް އައިތަނުން އަހަރެންނަށް ފެނުނީ ބައްޕަ ގެއިން ނިކުމެގެން ދަނިކޮށް. ދެން އަހަރެން ބައްޕައަށް ނުފެންނަހެން ބައްޕަގެ ފަހަތުން ދިޔައީ. ބައްޕަ ތުޑިއަށް ގޮސް އަތިރިމައްޗަށް ފޭބުމުން އަހަރެން ތަންކޮޅެއް ދުރުން އަތިރިއަށް ފައިބައިގެން ބައްޕަޔާ ދިމާއަށް އައީ ” ޔާޝް ކިޔާދިނެވެ. ހަފްސާ އެއްޗެއް ނުބުނެ ހުއްޓެވެ.
” މަންމާ. މިރޭ ޔާޝް ނިދާނީ މިގޭގަ ” ނިސާދު ބުންޏެވެ. ” ޒިޔާ ކީކޭ ބުނީ ” ހަފްސާ އަހާލިއެވެ. ” ޒިޔާ ޔާޝް ފޮނުވީމަ ގެނައީ. ޔާޝް ބަލާ ބޮޑުކޮށް ހުރިހާ ކަމެއްކޮށްދޭއިރު އަހަރެން އެމީހުންގެ ނުގަބޫލްގާ އެއްވެސް ކަމެއް ނުކުރާނަން. ޒިޔާގެ ނުގަބޫލްގަ ދުވަހަކުވެސް ޔާޝް ނުގެންނާނަން ” ނިސާދު ބުންޏެވެ. ” ޒިޔާ ފޮނުވިއްޔާ މަންމަ ތިކަމާ ބުނާނެއެއްޗެއް ނެތް. ދަރިފުޅު ތިއައީ ކައިގެންތަ ” ހަފްސާ ޔާޝް ކުރެން އަހާލުމުން ޔާޝް ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. ” މާމަ ކާން ހަދާފަ ދަރިފުޅަށް ގޮވާލާނަން ” މިހެންބުނެ ހަފްސާ ކާގެއާދިމާއަށް ހިނގައިގަތެވެ. ” ހިނގާ ކޮޓަރިއަށް ދާން ބައްޕަ ދަރިފުޅަށް ސަޕްރައިޒްއެއް ދޭނަން ” ނިސާދު ޔާޝްގެ ކޮޑުގާ އަތްއަޅާލަމުން ބުނެލިއެވެ. ޔާޝް ހީލަމުން ނިސާދާއެކު ކޮޓަރީ ދޮރާހަމައަށް ގޮސް ނިސާދު ކޮޓަރީ ދޮރު ހުޅުވާލި ވަގުތު ޓީވީ ބަލަން އޮތް ސުނާހް ސިހިފައި ދޮރާދިމާއަށް ބަލާލިއެވެ. ” ބައްޕާ ” ނިސާދު ފެނުމުން ސުނާހް ގޮވާލިއެވެ. އޭރު ޔާޝް ހުރީ ނިސާދާ ތަންކޮޅެއް ދުރުގައި ކަމުން ސުނާހް ނިސާދަށް ގޮވާލިއަޑެއް ޔާޝްއަކަށް ނީވެއެވެ. ނިސާދު އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނުމުން ޔާޝް އައިސް ކޮޓަރީ ދޮރުމައްޗަށް އެރިއެވެ. އެވަގުތު ސުނާހްއަށް ޔާޝް ފެނުމުން ޔާޝްއަށް ބަލަން އިނުމަށްފަހު އެނދުން ފައިބައިގެން އައިސް ދޮރުމަތީ ހުރި ޔާޝްގެ ގައިގާ ” ދޮންބޭ ” އޭ ބުނެ ބާރަށް ބައްދާލިއެވެ. ސުނާހް ބެއްދުމުން ވާނުވާ ނޭންގިފާ ޔާޝްއަށް ބަލަން ހުރެވުނެވެ. ” ދޮންބެ ކޮންތާކު ތިއުޅެނީ. ބައްޕަ އާއި ކޮއްކޮ ދޮންބެ ވަރަށް ހޯދައިފިން ” ސުނާހް އެހެން ބުނުމުން ޔާޝް ބަލާލީ ނިސާދަށެވެ. ހައިރާންކަމާއެކުއެވެ. ” ތީ ދަރިފުޅުގެ ކޮއްކޮ ސުނާހް ” ސުނާހް އަކީ ޔާޝްގެ އެއްބަފާ ކޮއްކޮކަން ޔާޝްއަށް އެގުމުން ސުނާހް އާ އެއްވަރު ވުމުގެ ގޮތުން ޔާޝް ދެކަކޫމައްޗަށް ތިރިވިއެވެ. އަދި ސުނާހްގެ މޫނަށް ބަލާލުމަށްފަހު ސުނާހް ގެނެސް ގަޔާކައިރިކޮށް ބައްދާލިއެވެ. ” މިހާރު ދޮންބެ މިހުރީނު. ދެން ދޮންބެ އެއްވެސް ތާކަށް ނުދާނަން. ކޮއްކޮ ދެރަނުވޭ. ދޮންބެ އަބަދުވެސް ދެން ހުންނާނީ ކޮއްކޮ އާއި ބައްޕަގެ ގާތުގައި ” ސުނާހް ގަޔާ ދުރުކޮށްލުމަށްފަހު ޔާޝް ބުންޏެވެ.
ސާނިޔާ ފާހާނައިން ނިކުތްއިރު ޒިޔާދު އެނދުގައި އޮށޯވެގެން ވިސްނުމެއްގައި އޮތެވެ. ޒިޔާދު އެހެން އޮތުމުން ސާނިޔާ އިރުކޮޅަކު ބަލަން ހުރުމަށްފަހު ތުވާލި ހަރުގައި އަޅުވާލުމަށްފަހު އައިސް އެނދުގައި އިށީނެވެ. ” ކިހިނެއްވެފަ ތިއޮތީ ” ސާނިޔާ ސުވާލުކޮށްލިއެވެ. ” ކަމެއްނުވޭ ” ޒިޔާދު ބުނެލިއެވެ. ” ކަމެއްނުވެއޭ ބުންޏަސް ހީވަނީ ކަމަކާ ފިކުރު ކުރާހެން ” ސާނިޔާއަށް ޒިޔާދުގެ މޫނުގެ ކުލަވަރު ފެނުމުން ހީވާއެއްޗެއް ބުނެލިއެވެ. ” ފިކުރުވެސް ކުރެވޭނެދޯ ” ޒިޔާދު ސާނިޔާ އާއި ވީފަރާތަށް އެނބުރެމުން ބުނެލިއެވެ. ޒިޔާދުގެ ކަންބޮޑުވުމަކީ ކޮބައިކަން އެހާހިސާބުން ސާނިޔާއަށް ދެނެގަނެވުނެވެ. ” ޔާޝް އަބަދުގެ އަބަދަށް ގެންދިޔައީ އެއްނޫނެއްނު. އެހާ ދުވަސް ވަންދެން ނުފެނި ހުރީމަވެސް ވާނީ ހަމަ އެހެން. އެހެން ނޫނަސް އަހަރެންނަށް ޔަގީންކަމާއެކު ބުނަން އެނގޭ ޔާޝް އަހަރެމެން ދޫކޮށްލާފަ ނުދާނެކަން ” ސާނިޔާ ބުންޏެވެ. ” ދެން އެކަމާ ނުވިސްނާ ނިދަން ހިނގާ. ހެނދުނު ވުމުން ޔާޝް އަންނާނެ ” އެނދުގައި ހަމަޖެހިލަމުން ސާނިޔާ ބުންޏެވެ.
ބާރަ އަހަރުފަހުން ފުރަތަމަ ފަހަރަށް ނިސާދުގެ ކުރިމަތީ ޔާޝް ނިދާފަ އޮތުމުން ޔާޝްއަށް ބަލަން އިނެވެ. ރޮވިފައެވެ. ” ދަރިފުޅާ. ބައްޕައަށް މާފްކުރޭ. ބައްޕައަކީ ވަރަށް ބޮޑު ކުއްވެރިއެއް. ދަރިފުޅަށް ބައްޕަގެ ލޯބި ބޭނުންވި ދުވަހު ބައްޕައަށް އެލޯބި ނުދެވުން. އަދި ފެންނަ ހިސާބުގައި ވެސް ނުހުރެވުން ” ޔާޝްގެ ބޮލުގާ ފިރުމަމުން ނިސާދު އެކަނި އިދެ ވާހަކަ ދައްކަމުން ދިޔައެވެ. ހަޔާތުގާ ނިމިދިޔަ ކަންތަކާ ވިސްނިފައެވެ. އަދި ޔާޝްއަށް އެންމެ ބޮޑަށް ނިސާދު ބޭނުންވި ދުވަހު ޔާޝްގެ ގާތުގައި ނެތުމުންނެވެ. ފާއިތުވެދިޔަ ދުވަސްތަކެއް އަނބުރާ ނުގެނެވުނު ކަމުގައި ވިޔަސް ދެދަރިން ލިބުމުން އެކަމާ ހިތްހަމަޖެހިގެން ކުރިއަން އަންނަ ކޮންމެދުވަހަކީ އުފާވެރި ދުވަހަކަށް ހެދުމަށް އަޒުމް ކަޑައަޅައިގެން ނިސާދު ނިދަން އޮށޯތެވެ.
” ތީ ކޮންކުއްޖެއްތަ؟ ” ހެނދުނު ޔާޝް ގެއަށް އައީ އޭނާގެ ކޮއްކޮ ސުނާހް ގޮވައިގެންނެވެ. ” މީ އަހަރެންގެ ކޮއްކޮ ” ޔާޝް ބުންޏެވެ. ” ކޮއްކޮއޭ ” ހައިރާންކަމާއެކު ޒިޔާދަށް ސުވާލުކޮށްލެވުނެވެ. ” އާނ ޒިޔާ. އެއީ އަހަރެންގެ ދަރިއެއް. އެއީ ޔާޝްގެ ކޮއްކޮ ސުނާހް ” ޒިޔާދުގެ ސުވާލަށް ޖަވާބު ދިނީ ނިސާދެވެ. ” ހަސްމާގެތަ؟ ” ޒިޔާދު އަހާލިއެވެ. އާއެކޭ ނިސާދު ބުނީ ބޮލުގެ އިސާރާތުންނެވެ. ” ހިނގާ އެފަރާތަށް. ސާނިޔާ އެބައުޅޭ ސައިހަދާން. ސައިބޮއިގެނެއްނު ދެންދާނީ ” ޒިޔާދު ބުންޏެވެ. ޒިޔާދުގެ އެނދުމަށް ނިސާދު ސައިބޯން ދިޔައެވެ. ” ޒިޔާ މަންމަ ކޮބާތަ؟ ” ނިސާދު އަހާލިއެވެ. ” އެބައުޅޭ. ކިހިނެއްވީ ” ޒިޔާދު އަހާލިއެވެ. ” ކަމެއްނުވޭ. ހަމަ އަހާލީ ” ނިސާދު ބުންޏެވެ. ” ދަރިފުޅު އާދޭ ބައްޕަ ގާތަށް ނިސާދުބޭއަށް ތިގޮޑި ދީފަ ” ޒިހުނީއަށް މުހާތަބްކޮށް ޒިޔާދު ބުންޏެވެ. ” ޒިޔާގެ ހުންނަނީ އެއްމެ ކުއްޖެއްތަ؟ ” ނިސާދު އަހާލުމުން ޒިޔާދު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ” އާދެބަލަ ބޭބޭ ގާތަށް. ކޮންނަމެއްތަ ކިޔަނީ ” ނިސާދު ޒިހުނީ ގެނެސް ގަޔާކައިރިކޮށް ނަން އަހާލިއެވެ. ” ޒިހުނީ ” ޒިހުނީ އަމިއްލައަށް ނަން ބުނެލުމުން ނިސާދު ޒިހުނީ ގައިގައި ބައްދާލިއެވެ.
ޔާޝް އާއި ސުނާހް އަދި ޒިހުނީ ސައިބޮއިގެން ދިޔުމުން ނިސާދު ޒިޔާދާއި ސާނިޔާގެ ގާތުގައި ވާހަކަ ދައްކަން މަޑުކޮށްލިއެވެ. އަދި ހަސްމާ ވަރިކުރަން ޖެހުން ސަބަބުވެސް އެއްވެސް އޮޅުވާލުމެއްނެތި ނިސާދު ޒިޔާދަށް ކިޔާދިނެވެ. ” އެކަމާ ދެން އަޅާނުލާ. ދުނިޔޭގަ އުޅޭއިރު ތިފަދަ ހުރިހާ ކަމަކާވެސް ދިމާވާނެ. އަހަރެމެންނަށް އޮތީ މިހުރިހާ ކަމަކަށް ކެއްކުރުން ” ޒިޔާދު ބުންޏެވެ.
ޒިޔާދުގެ ވާހަކަތަކުން ނިސާދުއަށް ހިތްހަމަޖެހުން ގެނުވިއެވެ. އެތަކެއް ދުވަސްތަކެއްފަހުން ރަހުމަތްތެރިޔާގެ އޯގާތެރިކަން ލިބޭނެކަމުގެ ޔަގީންކަން ލިބުންނެވެ. މިހާރު ނިސާދަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުންކަހަލައެވެ. ނަމަވެސް އެއްކަމެއް ނިސާދުގެ ދިރިއުޅުމުން އުނިކަމުގެ އިހްސާސް އަބަދުވެސް ކުރެމުން ދިޔައެވެ. އެއީ ހަނާ ނެތް ކަމުގެ އިހްސާސެވެ. ހަނާ ނެތްކަމުގައި ވިޔަސް ހަނާގެ ހަނދާން ނިސާދާއިއެކު އަބަދުވެސް ވެއެވެ. އަދި ދުނިޔޭގަ ހުރިހާ ހިދެއްގަ އެހަނދާން ނިސާދާއި އެކުވާނެއެވެ. ހަނާ ކަހަލަ ރަނގަޅު އަތްބަކު ދޫކޮށްލާ ހަސްމާ ކަހަލަ އޮޅުވާލާ، މަކަރުވެރިއެއްދެކެ ނިސާދުއަށް ވެވުނީ އެއްވެސް އަގެއްނެތްލޯތްބެއްކަން އެނގުނީ ހަސްމާގެ ހަގީގަތް ހަމަ ލޮލަށް ފެނުމުންނެވެ. އޭރުވަނީ ވަގުތު ފާއިތު ވެފައެވެ. ނަމަވެސް މިއަދު އެފަދަކަމެއް ދެވަނަ ފަހަރަށް ނުކުރުމަށް ނިސާދު ހިތުގެ އަޑިން އަޒުމް ކަޑައެޅިއެވެ. އަދި ދެދަރިންނާއިއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށްވެސް އަޒުމް ކަޑައެޅިއެވެ.
ދުނިޔޭގައި އުޅޭއިރު ކޮންމެ މީހަކަށްވެސް ދަތި އުދަގޫ ހުރަސްތަކާ ކުރިމަތިވާނެއެވެ. ދުނިޔޭގެ ހަގުރާމައިން ފަތަހަ ހޯދަންބޭނުންނަމަ އެދަތި އުދަގޫ ހުރަސްތަކާ ކުރިމަތީލައި، އެކަންތައްތަކުން އިބުރަތް ހާސިލްކުރުމަކީ ކުރިމަގަށް އެޅޭ ރަނގަޅު ބިންގަލެކެވެ.
ނިމުނީ
ކިޔުންތެރިން ” އަގެއްނެތް ލޯބި ” މި ވާހަކަ ކިޔުމަށް ތިބެހެއްޓި ފަރުވާތެރިކަމާއި، ފާޅުކުރި ހިޔަލުތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން… އުންމީދުކުރަނީ ކިޔުންތެރިންގެ ހިތްހަމަ ޖެހޭފަދަ ގޮތަކަށް ވާހަކަ ހުށައަޅާ ދެވުންކަމަށް.
19 Comments!
Comments are closed.


Alheyyyyyyyyy me first dho
Nuvx kiyan adhi. V hpy vehje first libuny ma
muhimme comment furathama kurumeh nun XEEEE
furathama kiyaabala…. eyrun dhw vaanuvaa egeyny
Nimun kamaku nudhey. Hashma ah vy gotheh vx neygunu, eyna ah vx visnen jeheyne nimey iru
No offense but that was really rude thivaru vanyaa dhen kihineh vaahaka liyeyny have some manners first?
Woooowww. V rythi vaahaka… Mi vaahaka nimuny dhw…. Dhn kn irakunbaaaa new vaahaka eh kiyaaalan libeynii… V v rythi nimuny vx… Dhn Kn irakun new vaahaka eh kiyaaalan libeyniii….
mivaahaka mi nimuny…. new vaahaka eh varah avahah kiyaalan libeyne
V reethi hithama veri lobeyge vaahaka abadhuvess Alhugandah v reethi English bass beynun nukuraathy v mivaahaka v furihama egy thank
thank you so much…. veevarakun english basthah beynun nukoh veytho balany
V salhi. Dhan anehkaa vx new vahaka eh liyahfashaa.
Nishad ah hasma dheke vevunee agehnei loabiey bunyma hamaehnujehey. Aslu hasma nishad dheke vee agehnei loabi dhw.
mihaa hadi vaahaka eh adhi nukiyey mi site in. 7yr old kujjeh ves miah vure reethi koh vaahaka liyaane. ehves shaugeh nuufedhey kiyaa iru ehenve mathimathin mi kiyaalee ves. how could a 4yr old could still be 16 even after 16yrs later. maths ves neygey dho. mi story ah hama bodu sumeh. 0
rangalhah balaalaa 16 aharu fahun thw jahaafa iny meehunnaa dhimaalah ehchehi kiyumuge badhalu….
feshigen visnuntheri kamaaeku vaahaka nukiyaa comment kuriyas vaahakaiga bunaa ehcheh dheyha eh nunvaane. vaahakai ge 29 episode mathimathin kiyaigen vaanuvaa neygeyne…. thihaa rulhi thi annany vaahakaiga bunefavaa vaahakayaa eh gothah dhiriulhun othytha anehkaa….
V reethi n iburaihtheri.
v reethi
Hadi af kys
Bodu sumeh vejje kanneyge aineh alhan… meehaka jassaaliyas dhn thy bodu varu.. vaahaka kiyan neygey iru adhi kihineh liyaany… thy hama bodu sumeh…
vaanuvaa neygi ehen comment kuraa meehun varah gona vaane…. ekamakaa aharen faruvaaleh nubahahtan