އަގެއްނެތްލޯބި 28 ވަނަ ބައި
އަނެއްދުވަހަށް އިރު އަރައިގެން އައި އިރުވެސް ނިސާދު ބީޗްގައި އިނެވެ. ވެދިޔަކަންތަކާ މާޔޫސްވެފައެވެ. ދިރިއުޅުމުގާ މިދިމާވީ ކޮންފަދަކަމެއްބާއޭ ނިސާދުގެ ހިތަށް އަރަމުންދިޔައެވެ. ނިސާދުގެ ބޮލުގާ މިހުރިހާ ކަމެއް އެނބުރެމުން ދަނިކޮށް ކުއްލިއަކަށް ފޯން ރިންގްވާންފެށިއެވެ. ޖީބްގައޮތް ފޯންނަގާ ބަލާލުމަށްފަހު އަޅާވެސްނުލާ ފޯންއަތަށް ލައިގެން އިނެވެ. ދެވަނަ ފަހަރަށް ފޯން ރިންގްވާންފެށުމުން ނިސާދު ފޯންނަގާ ކަންފަތުގާ ޖައްސާލިއެވެ. އަދި އިރުކޮޅެއްކޮށްލާފައި ފޯން ކަޑާލުމަށްފަހު ސައިކަލް ކައިރިއަށް ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ.
އެރޭގެ ހަތަރުދަމު ނިސާދު ބީޗުގައި އިނުމަށްފަހު އިރު އެރުމުން ގެއަށް އައެވެ. އޭރު ހަސްމާ އެނދުގައި އޮށޯވެގެން އޮތެވެ. ކައިރީގައި ސުނާހް ވެސް އޮތެވެ. ނިސާދު އެއްވެސް އެއްޗެއް ނުބުނެ އަލަމާރީގައި ހުރި އޭނާގެ އަންނައުނުތައް ދަބަހަކަށް އަޅަންފެށިއެވެ. އޭރުވެސް ހަސްމާ އެއްޗެއް ނުބުނެ ބަލަންއޮތެވެ. ނިސާދު ހަސްމާ ވަރިކުރުމަށްފަހު އެގޭގައި އެންމެ ވަގުތުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ނިސާދު ދާނެވަކިތަނެއް ނެތެވެ. ރަމްލާގެ ކައިރިއަށްދާކަށް ނިސާދުއަށް ނުކެރޭނެއެވެ. ނިސާދުއަށް ކަންތައް ކުރެވުނު ގޮތުންނެވެ. އެކަމާ ނިސާދު ދެރަވެ ހިތާމަކުރިއެވެ.
ނިސާދު އެއްޗެހި ދަބަހަށް އަޅައިގެން ކޮޓަރިން ބޭރަށް ނިކުންނަންވެގެން ނެގި ފިޔަވަޅަށް ހުއްޓުން އެރީ ހަސްމާގެ އަޑު އިވުމުންނެވެ. ” މިވެސް ގެންދޭ ” މިހެން ހަސްމާ ބުނުމުން ނިސާދު ފަސްއެނބުރި ބަލާލިއެވެ. އެވަގުތު އެނދުމަތީގައި ބަންޑުން އޮށޯވެގެން ޓީވީ ބަލަންއޮތް ސުނާހްގެ އެއް އަތުގާހިފާ އެނދުން ބާލާ ބެހެއްޓިއެވެ. ” ކަލޭ އަހަރެން ވަރިކޮށްފަ މިގެއިންދާއިރު ކަލޭގެ އެއްވެސް ނިޝާނެއް މިގޭގަ ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން ” މިހެން ބުނެ ނިސާދާއި ދިމާލަށް ހަސްމާ ސުނާހްގެ ބުރަކަށީ އަތްއަޅާ ކޮށްޕާލިއެވެ. އެވަގުތު ވެއްޓެންދިޔަ ސުނާހް ނިސާދު ހިފެހެއްޓިއެވެ. ” ހަސްމާ ކަމެއް ނުކޮށްހުއްޓާތަ ވަރިކޮށްފަ އަހަރެންނަށް މިގެއިންދާން ޖެހުނީ. ހަސްމާ ކުރިއެއްވެސް ކަމަކީ އަހަރެން ހިތްހަމަޖެހޭނެ ކަމެއްނޫން އެހުރިހާ ކަމެއް ރަނގަޅު ވެގެން އެއްޗެއް ނުބުނެ ހުންނަން. ތިހެން ސުނާހް ނުބަލާންވެގެން ފޮނުވާލިޔަސް އަހަރެންނަށް ސުނާހް ވެސް ބެލޭނެ. ހަސްމާ ހީނުކުރާތި އަހަރެންނަށް ސުނާހް ނުބެލޭނެއޭ. ހަސްމާގެ ބަސްގަބޫލު ކުރުގެ ސަބަބުން އަހަރެންނަށް ވަނީ އަހަރެންގެ އެއްދަރި ދުރުކޮށްލެވިފަ. މިއަދު އަހަރެންނަށް އޭނަ ވީތަނެއް ވެސް ނޭންގެ. އެކަމަކު އިރާދުކުރެއްވިއްޔާ މިފަހަރު އެހެންވިޔަކަ ނުދޭނަން ” ނިސާދު ބުންޏެވެ.
ނިސާދު ސުނާހް ގޮވައިގެން އެގެއިން ނިކުމެ ގެސްޓް ހައުސްއެއްގެ ނަންބަރަކަށް ގުޅާ ކޮޓަރިއެއް ހަމަޖެއްސުމަށްފަހު ކާރެއްގަ ސުނާހް ގޮވައިގެން ގެސްޓް ހައުސްއަށް ދިޔައެވެ. ” މަންމަ ދަރިފުޅަށް ސައިދިންތަ؟ ” ކޮޓަރިއަށްވަދެ ދަބަސް ބެހެއްޓުމަށްފަހު ނިސާދު ސުނާހް ކުރެން އަހާލިއެވެ. ޖަވާބުގާ ސުނާހް ބޯހޫރާލިއެވެ. ” ހިނގާ ބައްޕަޔާއެކު ބޭރަށް ސައިބޯން. ކޮންއެއްޗެއް ދަރިފުޅު ބޭނުންވަނީ ” ނިސާދު ސުވާލުކޮށްލިއެވެ. ” ކޮއްކޮ ބޭނުމީ އައިސްކުރީމް ” ސުނާހް ބުނެލިއެވެ. ސުނާހް އެހެން ބުމުން ނިސާދު ހީލަމުން ސުނާހް ގެނެސް ގަޔާކައިރިކޮށް ބައްދާލިއެވެ. އެއަށްފަހު ސުނާހް ގޮވައިގެން ކޮޓަރިން ބޭރަށް ނިކުތެވެ.
” ބައްޕަ އަންނާނަން ބޭރަށް ގޮސްލާފަ. ދަރިފުޅު އެއްވެސް ތާކަށް ނުދާތި. ބައްޕަ އައިސް ދޮރު ނުހުޅުވަނީސް ދަރިފުޅު ދޮރު ނުޅުވާތި. ކާޓޫން ބަލަންއޮވޭ އިނގޭ ” ނިސާދު ސުނާހްއަށް އައިސްކުރީމް ދީގެން ކޮޓަރިއަށް އައިސް ލެޕްޓޮޕްއިން ކާޓޫން އަޅުވާފަ ކޮޓަރި ތަޅުލާފަ ދިޔައެވެ. ނިސާދު އަވަސް ހިގުމެއްގަ ހަސްމާގެ ގެއާދިމާއަށް މިސްރާބްޖެހިއެވެ. ނިސާދުއަށް އެގެއާހަމައަށް ދެވުންއިރު ހަސްމާ ނަލަހެދިގެން އޮވެ ނިކުންނަނީއެވެ. ނިސާދު ފެނުމުން ހަސްމާ މަޑުޖެހިލުމަށްފަހު މަގުމައްޗަށް ނިކުންނަން ހިނގައިގަތެވެ. އެވަގުތު ނިސާދު ހަސްމާގެ މުލައްދަޑީ ހިފާ އެތެރެއަށް ކޮށްޕާލިއެވެ. ” ކިހިނެއްވެގެން ނިސާދު ތިއުޅެނީ ” ހަސްމާ ރުޅިއައިސްގެން ބުންޏެވެ. ” ވެގެން އުޅޭގޮތް ނޭންގިގެންތަ ތިއުޅެނި ” ނިސާދު ބުންޏެވެ. ހަސްމާ ދެވަނަ ފަހަރަށް ބޭރަށް ނިކުންނަށް ހިނގައިގަތުމުން ނިސާދު ހަސްމާގެ އަތުގާ ހިފާ ގޭތެރެއަށް ވެއްދިއެވެ. ” އަހަރެން މިއައީ ހަސްމާ ގަންނަ ގަނޑު ބަލާކަށް ނޫން. ސުނާހްގެ އަންނައުނު ބަލާ ” ނިސާދު ބުންޏެވެ. ” އަލަމާރީގައި ހުންނާނެ ” ގަޔާނުވާ ގޮތަކަށް ހަސްމާ ބުނެލިއެވެ. ” އަހަރެންނަށް ވެސް އެނގޭ އަލަމާރިގަކަން ހުރީ. އެކަމަކު އަހަރެން ބޭނުންވަނީ ހަސްމާގެ އަތުން ނަގާފަދޭން ” ނިސާދު މިހެން ބުނުމުން ހަސްމާ ރުޅިވެރި ފާޑަކަށް ބަލާލުމަށްފަހު ބާރަށް ހިނގާފަގޮސް ކޮޓަރިއަށް ވަނެވެ.
ސުނާހްގެ އަންނައުނުތައް ދަބަހަކަށް އަޅާފަދިނުމުން ދަބަސް ހިފައިގެން ހިނގައިގަތުމަށްފަހު ހުއްޓި ހަސްމާއަށް ކުރިމަތިލިއެވެ. ” އަހަރެންނާމެދު ކަންތައް ތިކުރި ގޮތުން އަހަރެން ދުވަހަކުވެސް ހަސްމާއަށް މާފް ނުކުރާންނަން. އަހަރެންނަށް މިހާރު އިހްސާސް ކުރެވިއްޖެ އަހަރެންނަށް ވެވުނު ލޯބީގެ އެއްވެސް އަގެއްނެތްކަން. އަދިކޮންމެވެސް ދުވަހަކުން ތިކަމުގެ އިހްސާސް ހަސްމާއަށް ކުރެވޭނެ. އެދުވަހަކުން އަހަރެން ހޯދިޔަސް ނުފެންނާނެ ” ނިސާދު މިހެންބުނެފަ އެގެއިން ނިކުމެ މަގުމަތީ ޕާކްކޮށްފަހުރި އޭނާގެ ސައިކަލަށް އަރާ ދުއްވާލިއެވެ.
ނިސާދު ކޮޓަރިއަށް އައި އިރު ސުނާހްއަށް އޮތީ ނިދިފައެވެ. ދަބަސް ބަހައްޓާފަ ނިސާދު އެނދަށްއަރާ ސުނާހްގެ ގާތުގައި އޮށޯވެލިއެވެ. ރަނގަޅަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ނިސާދުގެ ފޯން ރިންގްވާންފެށިއެވެ. ” ހަލޯ ” ނިސާދު ބުންޏެވެ. ” ކިހިނެއްވީ މިއަދު އޮފީހަށް ނައީ ” ނިސާދުގެ އޮފީސް ކުއްޖެއް ކަމަށްވާ ނަވީން ސުވާލުކޮށްލިއެވެ. ” އަހަރެން ބޭނުން ނަވީންއާ ވަރަށް އަވަހަށް ބައްދަލުކޮށްލަން. ވާނެތަ މިގަޑީގަ ” ނަވީންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ބަދަލުގާ ނިސާދު ނަވީން އާއި ބައްދަލުކޮށްލަން ބޭނުންކަމަށް ބުންޏެވެ. ” އާނ. ވެދާނެ. ކޮށްތާކަށް ދާންވީ ” ނަވީން އަހާލިއެވެ.
އަންނަންވީތަން ނިސާދު ބުނުމުން ނަވީން އޭގެ ފަސްވަރަކަށް މިނިޓްފަހުން ނިސާދު ބުނިތަނަށް އައިސް ނިސާދުއަށް ގުޅާލިއެވެ. ” ކިހިނެއްވީ ” ނަވީންއަށް ނިސާދު ފެނުމުން ސުވާލުކޮށްލިއެވެ. ނަވީންގެ ސުވާލާއެކު ނިސާދު ކަންވީގޮތް ނަވީންއަށް ކިޔާދިނެވެ. ” ކީއްކުރަން ގެސްޓް ހައުސްއެއްގަ ތިހުރީ. ” ނަވީން ބުނެލިއެވެ. ” މާލޭގަ މިހާރު އަހަރެންގޮސް ވަންނާނެ އެހެންތަނެއް ނެތް ” ނިސާދު ފުންހިތާމަޔާއެކު ބުނެލިއެވެ. ” ހިނގާ އަހަރުން ގެއަށްދާން. އަހަރެންގެ ބައިގައި އުޅެނީ އަހަރެން އެކަނި ” ނިސާދު އެހެން ބުނުމުން ނަވީން ބުނެލިއެވެ. ” ނޫނޭ ނަވީން. އަހަރެން ރަށަށް ދެވެންދެން މިތާގަ ހުރެލަފާނަން ” ނިސާދު ބުންޏެވެ. ” އޮފިހުން ކެޑިގެން ރަށަށް ދާންތަ ތިއުޅެނީ ” ހައިރާންކަމާއެކު ނަވީންއަށް އަހާލެވުނެވެ. ” އާން ނަވީން. އަހަރެން ރަށަށްދާން ބޭނުންވަނީ. މިހާރުގެ ހާލަތަށް ބަލާނަމަ އަހަރެން ކިހިނެއް މާލޭގައި މަޑުކުރާނީ. ކާކު އަހަރެން އޮފީހަށް ދިޔައީމާ ސުނާހް ބަލަނީ ” ނިސާދު ބުންޏެވެ. ” ތިވެސް ރަނގަޅު ވާހަކައެއް. ދެންކަންތައް ކުރާނެ ގޮތެއް އެގޭނީ ނިސާދުއަށް. ދެން ރަށަށް ދާންވަންދެންވެސް އަހަރުންގެއަށް ދެވިދާނެދޯ ” ނަވީން ހީލަމުން ބުނެލިއެވެ. ނަވީން އެވަރަށް އާދޭސް ކުރަން ފެށުމުން ނިސާދު އެގެއަށް ދިޔުމަށް އެއްބަސްވިއެވެ. އެދުވަހު ނަވީން އޮފީހުން ނިމިގެން ގެއަށް ދިޔައީ ނިސާދާއި ސުނާހް ގޮވައިގެންނެވެ.
އޭގެ އަނެއްދުވަހު ނިސާދު އޮފީހުން ކެޑެން ސިޓީލިއެވެ. ސިޓީގައި ނިސާދުގެ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްފައި ވެއެވެ. އަދި ވީހާވެސް އަވަހަކަށް މަސައްކަތް ކޮށްފައިވާ ދުވަސްތަކުގެ އުޖޫރަ ހަމަޖައްސައި ދިނުމަށްވެސް އެދިފަވެއެވެ. ސިޓީ ލިތާ ދެދުވަސްފަހުން ނިސާދު އެދުނުގޮތަށް ހުރިހާ ކަމެއްވެސް ކޮށްދިނެވެ. މުސާރައިގެ ގޮތުގާ ލިބެންޖެހޭ އެއްޗަކާއި، ހުރިހާ އިނާޔަތްތަކެއްވެސް ނިސާދުއަށް ލިބުނެވެ.
” ބައްފާ މީކާކުތަ؟ ” ނިސާދުގެ ވޮލެޓްގާއިން ޔާސްގެ ފޮޓޯގަނޑުފެމުން ސުނާހް ސުވާލުކޮށްލިއެވެ. ” ތީ ދަރިފުޅުގެ ދޮންބެ ” ސުނާހްއަށް ފުރަގަސްދީގެން އޮތް ނިސާދު ތެދުވެ ބަލާލުމަށްފަހު ބުނެލިއެވެ. ” ކޮބާ މިހާރު ދޮންބެ ” ސުނާހް އަހާލިއެވެ. ” ބައްޕައަކަށް ނޭންގެ ދޮންބެ ވީތަނެއް. ވަރަށް ދުވަސްވެއްޖެ ބައްޕައަށް ދޮންބެ ނުފެންނަތާ. އެހެންވީމާ ދޮންބެ ވީތަނެއް ބުނާކަށް ބައްޕައަކަށް ނޭންގެ ” ނިސާދު ބުންޏެވެ. ނިސާދު ސުނާހް އާއި ވާހަކަ ދައްކަމުން ދިޔައިރު އަޑު ތުރުތުރު ލަމުންދިޔައެވެ. ކޮންމެފަހަރަކު އެންމެންގެ ކުރިމަތީ ނުރޮޔަސް ނިސާދުގެ ހިތްދިޔައީ ގިސްލާ ރޮމުންނެވެ. ދިރިއުޅުމުގައި ވިސްނާނުލާ ކުރެވުނު ކަމެއްގެ ސަބަބުން މުޅި ހަޔާތް ބަރުބާދުވެ އެކަނިވުމުންނެވެ.
” މިހާރުދެން ހުރިހާ ކަމެއްވެސް ނިމިފައެއްނު ތިއޮތީ. އެހެންވީމާ ކޮންއިރަކުން ފުރަން ގަސްތުކުރަނީ ” ނަވީން އަހާލިއެވެ. ” ދެން ޓިކެޓް ނަގަންވީ. އެކަމަކު އަހަރެން ބޭނުންވަނީ ދަންވަރު ފުލައިޓުންދާން ” ނިސާދު ބުނެލިއެވެ. ” ކީއްވެ ދަންވަރު ފުލައިޓުން ދާންބޭނުންވަނީ ” ނަވީން އަހާލިއެވެ. ” އަހަރެން ބޭނުމެއްނުވޭ ރަށުމީހުންނަށް އަހަރެން ރަށަށް ދިޔަކަން އެނގޭކަށް. މިހެންބުންޏަސް އެނގޭ އަހަރެންނަށް ރަށުގައި ފިލައިގެން ނޫޅެވޭނެކަން. އެހެންނަމަވެސް އަހަރެން ދާންބޭނުންވަނީ ދަންވަރު ފުލައިޓުން ” ނިސާދު ބުންޏެވެ. ” އެހެންވީމާ ހިނގާ ޓިކެޓް ނަގަންދާން މާބޮޑަށް ލަސްނުވަނީސް. މިރެއަށް ޓިކެޓް ލިބުނަސް ކިހާރަނގަޅު ” ނަވީން އެހެން ބުނުމުން ނިސާދު ސުނާހް ރީތިކޮށްލައިގެން ގެއިން ނިކުތެވެ.
ނިސާދުގެ ނަސީބު ރަނގަޅުކަމުން އެރެއަށް ޓިކެޓް ލިބުނެވެ. އެކަމާ ނިސާދު ހިސާބަކަށް ހިތަހަމަ ޖެހުނެވެ. އަހަރުތަކެއްފަހުން އެއްކޮށް ރަށަށް ދެވޭތީއެވެ. ނަމަވެސް ހަގީގީ ހިތްހަމަ ޖެހުމެއް ނިސާދުއަށް ލިބޭކަށްނެތެވެ. ދިރިއުޅުންވަނީ އެފުއް މިފުށަށް ޖެހިފައެވެ. ހާލަތުވަނީ ބަދަލުވެފައެވެ. ހިތާމައިގެ ފުންކަޑަކަށް ނިސާދުވަނީ ފެތިފައެވެ. ސަލާމަތް ނުވާނެއޭ ހީވާކަލައެވެ. ތަގުދީރުގާ ނިސާދުއަށް އޮތީ މިގޮތެވެ.
ނިސާދު ފުރުމުގެ ކުރިން ނަވީން އޭނާއަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރިއެވެ. އަދި ނިސާދު ނަވީންއަށް އޭނާގެ ރަށަށް އައުމަށް ދައުވަތު ވެސް ދިނެވެ.
” ކާކުތަ މިދަންވަރުގާ ދޮރުގައި ޓަކިޖަހަނީ ” ހަފްސާ ލޯއުގުޅަމުން އައިސް ދޮރުހުޅުވާލިއެވެ. އެވަގުތު ހަފްސާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިފެންނަނީ ހުވަފެނެއްބާއޭ ހިތާ ދެލޮލުގައި ހަފްސާއަށް އަތްވެސް ހާކާލެވުނެވެ. ކުރިމަތީ ހުރި ނިސާދު ފެނުމުންނެވެ. ” ނިސާދު… ” ހަފްސާއަށް ބުނެލެވުނެވެ. އޭރު ނިސާދުގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފައިބައިގަތެވެ. އެވަގުތު ނިސާދުގެ ފުރަގަހުން ސުނާހް ނިކުތެވެ. ހަފްސާއަށް ސުނާހްގެ މޫނަށް ހައިރާންކަމާއެކު ބަލާލެވުނެވެ. ” މީ ކޮން ކުއްޖެއްތަ؟ ” ހަފްސާއަށް އަހާލެވުނެވެ. ” މީ އަހަރެންގެ ދަރިއެއް. އަހަރެންގެ ޔާޝްވަނީ އަހަރެންގެ ލޯމައްޗަށް ގެއްލިފަ. މިއަދު އަހަރެންގެ އަތުން ސުނާހް ގެއްލޭކަށް ބޭނުމެއްނޫން ” ދުރުގައި ހުރި ސުނާހް ގެނެސް ހަޔާކައިރިކޮށްލަމުން ނިސާދު ބުނެލިއެވެ. އެވަގުތު ސުނާހް ނިސާދުގެ ގައިގާ ބައްދާލިއެވެ. ” އާދެބަލަ ” ހަފްސާ ނިސާދާއި ސުނާހް ގޭތެރެއަށް ވެއްދުމަށްފަހު ސުނާހްގެ އަތުގާ ހިފާލަމުން ބުނެލިއެވެ. އެވަގުތު ސުނާހް ނުދާންވެގެން ގަދަ ހަދާލިއެވެ. ” އެއީ ދަރިފުޅުގެ މާމަ. އަވަހަށްދޭ މާމަ ކައިރިއަށް ” ނިސާދު މިހެން ބުނުމުން ސުނާހް މަޑުމަޑުން ނިސާދުގެ ގައިން ދޫކޮށްލުމުން ހަފްސާ ސުނާހް ގައިގާ ބައްދާލިއެވެ. ހަފްސާއަށް ދެވަނަ މާމަ ދަރިއެއް ލިބުނީމައެވެ. ޔާޝްއަށް ކޮއްކޮއެއް ލިބުނީމައެވެ.
” މަންމާ އަހަރެންނަށް މާފްކުރޭ. މިއަދު އަހަރެންނަށް ލިބެމުން މިދަނީ ހައްގު ސަޒާ. އެކަން މިހާރު އަހަރެންނަށް އިހުސާސް ކުރެވިއްޖެ. ނަމަވެސް މިއަދު ވަނީ ވަގުތު ފާއިތުވެފަ. ހުރިހާ ކަމެއް ބަދަލު ވެއްޖެ ” ނިސާދު ހަފްސާ ކުރިމަތީ ހުރެގެން ވާހަކަދައްކަމުން ދިޔައެވެ. ” މަންމަ މިއަދު އުފާކުރަން ދަރިފުޅަށް ވިސްނިފަވާތީ. ރަނގަޅު… އެއްކަމެއްގަ ވަރަށް ބޮޑަށް ވަގުތު ފާއިތު ވެއްޖެ. ދަރިފުޅަށް ތިއާދެވުނީ މާބޮޑަށް ލަސްވިފަހުން. އެކަމަކު މަންމަ ދަރިފުޅަށް މާފުކޮށްފިން. ދަރިފުޅު މާފަށް އެދެންވީ މަންމަގެ ފަރާތަކުންނޫން. މާފަށް އެދެން އެކަށީގެންވާ އެހެންބަޔަކުވެސް އެބައުޅޭ ” ހަފްސާ ބުންޏެވެ. ” މަންމާ ހަނާ ކޮބާ؟ ” ނިސާދުއަށް އަހާލެވުނެވެ. ” ހަނާއެއް މިހާރަކު މިދުނެޔެއަކު ނެތް ” ހަފްސާ ބުންޏެވެ. ” ހަނާ މަރުވީއޭ. ކޮންއިރަކުތަ؟. ކީއްވެ މަންމަ އަހަރެންނަށް އަންގާނުލީ ” ނިސާދު އެއްފައްޗަކަށް ސުވާލުތަށް އަމުނާލިއެވެ. ” ހަނާ މިދުނިޔެ ދޫކުރިތާ މިހާރު ބާރަ އަހަރު މިވީ. ދަރިފުޅު ހަނާއަށް ކަންތައް ކުރިގޮތުން އެއްވެސް މީހަކު އެކަން ދަރިފުޅަށް އަންގަންބޭނުން ނުވީ. ދަރިފުޅުގެ އުފާވެރި ދިރިއުޅުމަށް އިތުރަށް ހަނާގެ ހިޔަނިއެޅެން ބޭނުންނުވާތީ. ދަރިފުޅު ހަނާ ވަރިކޮށްފަ ތިޔައިރު ހަނާ އިނީ ދަރިފުޅުގެ އޭރުގެ ދެވަނަ ދަރިފުޅަށް ބަނޑު ބޮޑުވެފަ. ދަރިފުޅު ހަނާ ވަރިކުރުމުން އެކަމާ ހަނާ ހިތްދަތި ވެގެން ކޮންމެވެސް ކެމިކަލްއެއް ބޭނުން ކުރިވާހަކަ ޑޮކްޓަރ ބުނީ. އެހެންވެ ކުއްޖާ ވަނީ ބައިގެން ގޮސްފަ ” ހަފްސާ ބުންޏެވެ. ހަފްސާގެ ވާހަކަ އަޑު އަހަމުން ދިޔައިރު ނިސާދުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ކަންތައް ކުރެވުނު ގޮތުންނެވެ. ކިޔަމަންތެރި އަތްބަކު ބީވެއްޖެކަމުގެ އިހުސާސް ކުރެވުމުންނެވެ. ” މަންމާ. އަހަރެންމީ ކިހާ ގޯސްމިހެއް ” ނިސާދު ގިސްލާ ރޮމުން ދިޔައިރު ސުނާހް ހުރީ ބަލާށެވެ. ދެރަވެފައެވެ. ” ދަރިފުޅާ ހިތްވަރު ކުރޭ. މިއަދު ތިހެން ރުއިމަކުން ހަނާއެއް ނާންނާނެ. ވެދިޔަ ކަންތައް ހަނދާން ނައްތާލުމަށްފަހު އަލުން ދިރި އުޅެވޭތޯ ބަލާ ” ހަފްސާ މިހެން ބުނުމުން ނިސާދު ދެލޯ ފުހެލިއެވެ. ” ނޫނޭ މަންމާ. އަހަރެންގެ ނެތް މިހާރު ދިރިއުޅޭނެހާ ހިތްވަރެއް. މިހާރު އަހަރެންގެ އެއްވެސް އަތްބަކުނެތް. އަހަރެންގެ ޔާޝް ވެސް ވަނީ އަހަރެންގެ އަތުން ބީވެފަ. ދެން އަހަރެން ދިރި އުޅެން ބޭނުންވަނީ މަންމައާ ސުނާހްއަށްޓަކާ. ސުނާހް އަހަރެންގެ ލޯބިން މަހުރޫމް ވިޔަކަ ނުދޭނަން ” ނިސާދު ބުންޏެވެ. ” ކީއްވެ ޔާޝް އަތުން ބީވެއްޖެއޭ ތިބުނީ ” ހަފްސާ އަހާލިއެވެ. ” އަހަރެންނާ ދިމާއަށް ހަނާ ބުނެފަ އޮތީ އަހަރެންގެ ދިރިއުޅުމުން ދުރަށް ފުނުވާލައިފިނަމަ ޔާޝް ވީތަނެއް ނާންގާނަމޭ. އަހަރެންނަކަށް ނޭންގެ ޔާޝް ވީތަނެއް. އަދި ނޭންގެ ޔާޝް ހުންނާނެ ގޮތެއްވެސް. ފެނިއްޖެނަމަ ފާހަގަ ކުރަން ވެސް ނޭންގޭނެ ” ހަނާ ބުނި ވާހަކަ އެއް ނިސާދު ހަފްސާގެ ގަތުގާ ބުންޏެވެ. ނަމަވެސް ހަފްސާ ޔާޝް މިހާރުވެސް ހުރީ ނިސާދާ އެއްފަސްގަޑުގަ ކަމެއް ނުބުނެއެވެ.
“ކީއްވެ ފަހުން އިދެގެން އުޅުން މީހާ ވަރިކުރީ ” ހަފްސާ ސުވާލުކޮށްލިއެވެ. ” ހިލޭ ފިރިހެނެއް ގޮވައިގެން ކޮޓަރީ އޮށްވާފެނުނީމަ. ދެން އަހަރެން ދާންފެށީމަ އަހަރެން ދާއިރު ސުނާހް ވެސް ގެންދާށެ ބުނީމަ ގޮވައިގެން ރަށަށް މިއައީ އެހެންގޮތެއް ނެތީމަ ވަޒީފާވެސް ދޫކޮށްލާފަ ” ނިސާދު ކިޔާދިނެވެ. ” ދެން ދޭއަވަހަށް ސުނާހް ގޮވައިގެން ނިދަން ” ހަފްސާ އެދެބަފައިން ކޮޓަރިއަށް ފޮނުވާލުމަށްފަހު އައިސް އޮށޯތެވެ.
ހުކުރު ދުވަހެވެ. ޔާޝް ހުކުރަށްދާން ތައްޔާރުވަމުން ދިޔައެވެ. ސާނިޔާ ޒިހުނީ ވެސް ޒިޔާދާއި އެކުގައި ފޮނުވުމަށް ތައްޔާރު ކުރުރަމުން ދިޔައެވެ. ހެނދުނުގެ ސައި ބުއިމަށްފަހުން ނިސާދު ހުކުރަށް ދާންވެގެން ނޫނީ ކޮޓަރިން ބޭރަށްވެސް ނުނިކުމެއެވެ. އެގާރަ ގަޑިބައި ވުމުން ޔާޝް ހުކުރަށް ދިޔުމަށްޓަކާ މިސްކިތަށް ދާންވެގެން ގެއިން ނިކުމެ މިސްރާބުޖެހީ އެހެން ދުވަސް ދުވަހު ހުކުރަށްދާ މިސްކިތާ ދިމާލަކަށް ނޫނެވެ. ހަފްސާގެ ގެ ކައިރީ ހުރި މިސްކިތާ ދިމާލަށެވެ. އެއި ހުކުރުކޮށް ނިމިގެން ހަފްސާގެ ގެއަށް ވަދެލުމައްޓަކައެވެ.
” ނިސާދު ކޮންއިރަކު ރަށަށް އައީ ” ހުކުރުކޮށް ނިމިގެން ޔާޝް މިސްކިތުން ނިކުމެގެން ތަންކޮޅަކަށް ދިޔަތަނާ ޔާޝްގެ ކަންފަތުގާ ޖެހުނު އަޑަކުން މަޑުޖެހިލިއެވެ. އަދި ފަސްއެބުރި ބަލާލިއެވެ. އެވަގުތު ހިސާބަކަށް ތުބުޅި ދިގުކޮށްފަ ހުރި މީހަކު އައިސް އޭނާގެ ކުރިމަތީ ހުރި މީހާއަށް ސަލާމް ކޮށްލަންވެގެން އަތްދިއްލަނީއެވެ. ޔާޝް އެއީ ކާކުތޯ ބަލަން މަޑުވެގެން ހުއްޓާ ޔާޝްއަށް ފުރަސްދީގެން ހުރި މީހާގެ މޫނު ރީތިކޮށްފެނުނެވެ. އެވަގުތު ޔާޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މޭގަނޑު ތެޅިގަތެވެ. ޔާޝްގެ އަތުގައިވާ ފޮޓޯގަނޑުގައިވާ މީހާ އެހުރި މިހާރު ޔާޝްގެ ކުރިމަތީއެވެ. ކައިރީގައި އެހެން ކުއްޖެއްވެސް ހުއްޓެވެ. އެވަގުތު ޔާޝްގެ ލޮލަށް ކަރު ޖަމާވިއެވެ. ހެޔޮނުބައި ވަކިވާން ފެށީސުރެން ޔާޝް އިންތިޒާރު ކުރަމުން އައީ އޭނާގެ ބައްޕައާ ބައްދަލުވާނެ ދުވަހަކަށެވެ. މިއަދު އެދުވަސް ޔާޝްއާ ބައްދަލުކޮށްފިއެވެ. ނަމަވެސް ނިސާދުގެ ގާތަށް ދާކަށް ޔާޝްގެ ފައި އެއްގޮތަކަށްވެސް ހަރަކާތެއް ނުކުރިއެވެ. ބަލާކަށް ނުހުރެ ޔާޝް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެއަށް ދިޔުމަށް ހިނގައިގަތެވެ.
ގެއަށް އައިސް ޔާޝް ކޮޓަރިއަށްވަދެ ފޮޓޯ ނަގައިގެން އިދެ ވާހަކަ ދައްކަމުން ދިޔައެވެ. ރޮމުންނެވެ. މެންދުރު ފަހުގެ ގިނަ ވަގުތު ތަކެއް ޔާޝް ހޭދަކުރީ އެކަނި ކޮޓަރީގައެވެ.
ހަވީރު ވަގުތެވެ. ނިސާދު ހަނާގެ މުސްކުޅި ފަޅު ގެ ކައިރިއަށް ދިޔައެވެ. އަދި ހަނާ ނެތްކަމުގެ ފުންހިތާމަ ކުރަމުން ދިޔައެވެ. ނަމަވެސް މިއަދު ހަނާ ވަނީ އެންމެންނާ ދުރަށް ގޮސްފައެވެ. ހަނާގެ ފަޅު ގެއަށް ބަލަމުން ދިޔައިރު ނިސާދު ހަނާއަށް ވެފައިވާ ވައުދުކާއި އަހުދުތައް މަތިން ހަނދާން އާވަމުން ދިޔައެވެ. އެކަމަކު އެވައުދުތަކާއި އަހުދު ތަކުން ކުރާނެ ކަމެއްނެތެވެ. ނިސާދުއަށް އެވައުދު ތަކުގަދެމި ނުހުރެވުނެވެ.
ނިސާދު ލޮލަށް ޖަމާވި ކަރުނަ ފޮހެލަމުން ފަސްއެނބުރުނު ވަގުތު ތަންކޮޅެއް ދުރުގައި ހުރި ފިރިހެން ކުއްޖަކު ފެނުނެވެ. ” އަހަރެންދާ ކޮންމެ ތަނަކުން މިކުއްޖާ މިއަދު މިފެންނަނީ ކީއްވެގެންތަ؟. އަހަރެން ހަނާގެ މަހާނަ ދެކިލަން ސަހަރާއަށް ގޮސްހުއްޓާ ވެސް އެތަނުން ވެސް ހަމަ މިކުއްޖާ… ” ނިސާދު ހިތާ ހިތުން ކިޔާލިއެވެ. އިރުކޮޅަކު ނިސާދާއި ދިމާއަށް ބަލަން ހުރެފަ އެކުއްޖާ ހިނގައިގަތެވެ. ދަމުން ލޯވެސް ފޮހެލިއެވެ. އެވަރުންވެސް ނިސާދުއަށް އެއްޗެއް ނުވިސްނުނެވެ. ކާކުކަން ވެސް ދެނެގަންނަން ނޭންގުނެވެ. އެކުއްޖާ ދިޔުމުން ނިސާދު ގެއަށް ދިޔުމަށް ހިނގައިގަތެވެ.
” ދަރިފުޅު ހަވީރު ސައި ބޮއިފިންތަ؟ ” ނިސާދު ގެއަށް އައިސް ކޮޓަރިއަށް ވަދެ ޓީވީ ބަލަން އޮތް ސުނާހް ކުރެން އަހާލިއެވެ. ” މާމަވީ ސައި ބަލާ ގޮސް ” ސުނާހް މިހެން ބުނުމުން ނިސާދު އެނދުގައި ޖައްސާލިއެވެ. ” ކޮންކުއްޖެއްތަ އަހަރެން ދާހާތަނެއް ބަލަމުން އަންނަނީ. އެކުއްޖާ އަހަރެންގެ ފަހަތުން އަންނަންވީ ކީއްވެގެންތަ؟ ” ނިސާދު ނިއްކުރިމަތީ އަތްބާވާލައިގެން އޮވެ ހިތާ ހިތުން ކިޔަމުން ދިޔައެވެ. ގެއަށް އައިސް ވެސް ނިސާދު ވިސްނަމުން ދިޔައީ އެނުދަންނަ ކުއްޖާއާ މެދުއެވެ.
އެދުވަހުގެ ފަހުން ނިސާދު ބޭރަށް ދިޔުން މަދުކުރިއެވެ. ހަފްސާގެ ވެސް އެދުމުގެ މަތިންނެވެ. ޔާޝްއަށް ނިސާދު ކުއްލިއަކަށް ފެނުމުން ވެދާނެ ގޮތެއް ނޭންގޭތީއެވެ. އަދި ރަށު މީހަކު ވާހަކައެއް ދައްކާފާނެތިއެވެ. ނިސާދު ރަށުން ފެނުން ފަހުން ޔާޝް ގެއިން ބޭރުގައި އުޅުން ގިނަވިއެވެ. ނިސާދު ފެނޭތޯއެވެ. ނަމަވެސް އެއްދުވަސް ވީއިރުވެސް ޔާޝްއަށް ނިސާދު ނުފެނުމުން ހަފްސާގެ ގެއަށް ދިޔައެވެ. ޔާޝް ގޮސް ގެއަށް ވަންނަންވެގެން ގޯއްޗަށް ވަނީ ވަލުފަރާތުންނެވެ. ވަގުތަކީ ހަފްސާ ގޭތެރޭ ހުރެފަ ބަނދިގެ ފަރާތަށް ނިކުންނަން ވެގެން އައި ވަގުތެވެ. އެވަގުތު ދުރުން ހިނގާފަ އަންނަ ޔާޝް ފެނުމުން ހަފްސާ ބާރަށް ހިނގާފަ ގޮސް ޔާޝް ހުއްޓުވިއެވެ. ” ދަރިފުޅާ ޔާޝް. ކީއްކުރަން ތިއައީ ” ހަފްސާ އަހާލިއެވެ. ” ކަމެއްކުރާކަށް ނޫން. އިއްޔެ ވެސް ނާދެވުނީމަ ހިތަށް އެރީ މާމަ ކައިރިއަށް ގޮސްލާނަމޭ. މާމަ ކޮންތާކަށް ތިދަނި ” ޔާޝް ހަފްސާ އާއި ވާހަކަ ދައްކަމުން ދިޔައިރު ގެއާދިމާލަށް ބަލަމުން ދިޔައެވެ. ” މާމަ މިދަނީ ފިހާރައަށް. ހިނގާ މާމަ އާއެކު ދާން ” ހަފްސާ ޔާޝް ގެއަށް ވެދެފާނެތި ގެންދިޔައެވެ.
ދެދުވަސް ވަންދެން ނިސާދު ގޭގައޮތުމަށްފަހު އެއްދުވަހަކު ނިސާދު ހިނގަމުން ހިނގަމުން ތުޑިއަށް ދިޔައެވެ. ތުޑިއަށް ދެވުމުން އެތައް ދުވަހެއް ކުރީގެ ހަނދާންތަކެއް ނިސާދުއަށް އާވާންފެށިއެވެ. މަންޒަރުތައް ސާފުކޮށް ފެންނަމުން ދިޔައެވެ. ތުޑީގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ހަނާގެ ހަނދާންތައް އާވަމުން ދިޔައެވެ. ނަމަވެސް މިއަދު އެހަނދާންތައް އާވުމަކުން ކުރާނެ ކަމެއްނެތެވެ. އަދި އެކުގަ ވަގުތު ހޭދަކުރި ތަންތަނަށް ދިޔުމަކުން ވެސް ވާނެކަމެއްނެތެވެ. ހަނާ އެނބުރިއެއް ނާންނާނެއެވެ.
ނިސާދު މަޑުމަޑުން ހިނގާފަ ގޮސް އަތިރިމައްޗަށް ފައިބާ ދެކޮޅު ބަލާލިއެވެ. އެވަގުތު ފެނުނީ ކުރިންވެސް ނިސާދުއަށް ފެނުން ކުއްޖާ ހިނގާފަ އަންނަތަނެވެ. ނިސާދު ހައިރާންކަމާއެކު ބަލަން ހުއްޓެވެ. ޔާޝް ހިނގާފަ އައިސް ނިސާދުގެ ކުރިމަތީ ހުއްޓުނެވެ. އަދި ރަނގަޅަށް ނިސާދުއަށް ބަލާލިއެވެ. ” ކިހިނެއްވެގެން މާވަރަކަށް ތިބަލަނީ. ކީއްވެތަ އަހަރެންދާ ކޮންމެ ތަނެއް ބަލަމުން އަހަރެންގެ ފަހަތުން ތިއަންނަނީ ” ނިސާދު ސުވާލުކޮށްލިއެވެ. ” ކިހާ ދުވަހެއް ވަންދެންތަ އަހަރެން ދުރުގަ ބަހައްޓާނީ ” ޔާޝް ވެސް ކޮށްލީ ސުވާލެކެވެ. ޔާޝްގެ ސުވާލުން ނިސާދު ހައިރާންވިއެވެ. އެހާ ކައިރިން ނިސާދުއަށް ޔާޝް ފެމުނުމުން ވެސް ނޭންގުނެވެ. ” ތީ ކޮންކުއްޖެއް ކަމެއް ނޭންގުން ” ނިސާދު ބުނެލިއެވެ. ނިސާދުގެ އެ ޖުމްލައިން ޔާޝްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ” އަހަރެންމީ ކާކުކަން ނޭންގެންޔާ މިފޮޓޯއަށް ބަލާލާ. އޭރުން ފަހަރެއްގަ އަހަރެންމީ ކާކުކަން އެނގިދާނެ. އަދި ފެނުން ފަހުން ދާ ކޮންމެތަނެއް ބަލަމުން ފަހަތުން އަންނަނީ ކީއްވެގެންކަން ވެސް އެގިދާނެ” ނިސާދު އެހެން ބުނުމުން ޔާޝްވީ ދެރައިން އަތުގައި އޮތް ފޮޓޯ ނިސާދުގެ އަތަށްލުމަށްފަހު ނިސާދުއަށް ފުރަގަސް ދިނެވެ. ” އަހަރެންގެ ގައިގަ ހިގަމުން މިދަނީ ތިމީހެއްގެ ލޭ. އެކަމަކު އަހަރެންމީ ކާކުކަން ނޭންގުން ” ޔާޝް މިހެންބުނެ ކުރިއަށް ހިނގައިގަތެވެ. އެވަގުތު ނިސާދުގެ އަތަށް ޔާޝް ލީފޮޓޯއަށް ބަލާލިއެވެ. އެފޮޓޯގައިވަނީ ނިސާދާއި ހަނާއެވެ. ހައިރާންކަމާއެކު ނިސާދަށް ހިނގަމުން ދިޔަ ޔާޝްއަށް ބަލާލިއެވެ. ” ޔާޝް ” ނިސާދުއަށް ބުނެލެވުނެވެ. ނިސާދު ބާރަށް ޔާޝްއަށް ގޮވާލުމުންވެސް ޔާޝް މަޑުކޮށްލުމެއްނެތި ހިނގަމުން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ވޭނީ ކަރުނަތައް ފޮހެމުންނެވެ. ޔާޝް މަޑުނުވުމުން ނިސާދު ދުވެފަ ގޮސް ޔާޝްގެ ކުރިމައްޗަށް އެރިއެވެ. ” ޔާޝް ” ނިސާދުއަށް އަނެއްކާވެސް ބުނެލެވުނެވެ. އެވަގުތު ޔާޝް ނިސާދުގެ ލޮލަށް ބަލާލުމުން ނިސާދު ކޮޅަށް ހުރެފަ ދެކަކޫމައްޗަށް ތިރިވިއެވެ. ” ދަރިފުޅާ ބައްޕައަށް މާފުކުރޭ… މިއަދު ބައްޕައަކީ ވަރަށް ބޮޑު ކުއްވެރިއެއް. ދަރިފުޅަށާ މަންމައަށް ވަރަށް އިހާނެތިކޮށް ކަންތައްކުރެވިފަވަނީ. މިހާރު އެކަމާ ބައްޕަ ވަރަށް ދެރަވޭ ” ނިސާދު ޔާޝްގެ ކުރިމަތީ ކުށްގަބޫލް ކުރާހާލު ވާހަކަ ދައްކަމުން ދިޔައެވެ. ” ބައްޕާ ތެދުވޭ. އަހަރެންގެ ކުރިމަތީ ބައްޕަ ތިހެން މާފަށް ނޭދޭ. އަހަރެން ބައްޕަ ކުއްވެރިއެއް ނުކުރަން. އަދި މަންމަ ވެސް ބައްޕަ ކުއްވެރިއެއް ނުކުރޭ. މަންމަ ކުއްވެރި ކުރީ ބައްޕަގެ އަމަލުތައް. ބައްޕާ . އަހަރެން ބައްޕަ ދެކިލާ ހިތުން ހުންނަތާ އެތަކެއް ދުވަސްތަކެއް އަހަރުތަކެއް ވެއްޖެ. އެކަމަކު މަންމަގެ އެދުމަށް އެންމެން އަހަރެންނަށް ހުރިހާ ކަމެއް ސިއްރުކޮށްފަ އޮތުމަށްފަހު އަހަރެން ކިޔަވާ ނިމުމުން މަންމަ ލިޔެފަ އޮތް ސިޓީއެއް އަހަރެންނަށް ލިބުނު. އެސިޓީއިން ވަރަށްގިނަ ކަންތައްތަކެއް އަހަރެންނަށް އެގުނު.
އަހަރެން ކުޑައިރު އަހަރެންނަށް ބައްޕަ އާއި މަންމަގެ ލޮބި ލިބެމުން ދިޔަކަމަށް ޒިޔާދުބޭ ބުނި. ނަމަވެސް ދުވަސްކޮޅެއްފަހުން ބައްޕަގެ ލޯބިން އަހަރެން މަހުރޫމްވި. މިއަދު މިވަނީ މަންމަގެ ލޯތްބާ، ފިރުމުންތަކާއި ކުލުނުން އަބަދުގެ އަބަދަށް އަހަރެން މަހުރޫމްވެފަ.” ޔާޝް ގިސްލާ ރޯންފެށިއެވެ. ޔާޝް ރޯންފެށުމުން ބާރަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ނިސާދު ޔާޝް ގަޔާކައިރިކޮށް ބައްދާލުމުން ޔާޝް ވެސް ނިސާދުގެ ގައިގާ ދެއަތް ވަށާ ބާރުކޮށް ބައްދާލިއެވެ. އޭރުވެސް ޔާޝް ގިސްލާ ރޮމުން ދިޔައެވެ. ” ތިހެން ނުބުނޭ ދަރިފުޅާ… ބައްޕަގެ ލޯބިން ދަރިފުޅު މަހުރޫމް ވިޔަކަ ނުދޭނަން. ގަބޫލް ކުރަން ފާއިތުވި ދުވަސްތަކެއް އަނބުރާ ނުލިބޭނެކަން. އެކަމަކު ދެން ދަރިފުޅު ބައްޕައާ ދުރުގަ ހުންނާކަށް ނުޖެހޭނެ. ” ޔާސްގެ ބޮލަށް ބޮސްދެމުން ނިސާދު ބުންޏެވެ.
” ބައްޕަ ކީއްވެ ރަށަށް އައިސް އަހަރެން ހޯދަން ނޫޅުނީ ” ޔާޝް ނިސާދާ ދުރަށް ޖެހިލިމަށްފަހު އަހާލިއެވެ. ” ބައްޕައަކަށް ނޭންގެ ދަރިފުޅުހުރީ ރަށުގަ ކަމެއް. މަންމަ ބައްޕަދެކެ ހިތްހަމަ ނުޖެހިގެން ބުނި މަންމަ ނެތްދުވަހަކުން ވެސް ދަރިފުޅު ރަށުގަ ނުބަހައްޓާނަމޭ. އަދި ބައްޕަ ހޯދަން އުޅުނަސް ދަރިފުޅު ނުފެންނާނޭ. އެހެންވެ ބައްޕައަށް ނޭންގުނީ ދަރިފުޅު ރަށުގަ އުޅޭނެކަމެއް. ކުރިން ދުވަހު ފެނުމުންވެސް ބައްޕައަށް ދަރިފުޅު ފާހަގަ ކުރަން ނޭންގުނީ ދަރިފުޅު ބޮޑުވެފަ ހުރުމުން. ދަރިފުޅަށް ހަތަރު އަހަރުގަ ބައްޕައަށް ދަރިފުޅު އެންމެ ފަހުން ފެނުނީ ” ނިސާދު ކިޔާދިނެވެ. ” ދަރިފުޅު ކާކު ކައިރީ ތިއުޅެނީ ” ނިސާދު އަހާލިއެވެ. ” ޒިޔާދުބޭ ކައިރީ. މަންމަ އޮތި ޒިޔާދުބެއަށް ވަސިއްޔަތްކޮށްފަ އަހަރެން ބަލަން. ޒިޔާދުބޭ އަހަރެންނަށް ވަރަށް ރަނގަޅު. އަހަރެން ބޭނުން ހުރިހާ ކަމެއް ކޮށްދޭ މިހާރުވެސް. އަހަރެން މިއަދާ ހަމައަށް ހީކޮށްގެން މިހުންނަނީ އަހަރެން ބައްޕަދެކެ މިވާ ލޯބީގެ އެއްވެސް އަގެއްނެތީބާއޭ ” ޔާޝް ބުންޏެވެ. ” ކީއްވެ ބައްޕަ ދެކެވާ ލޯބީގެ އަގުނެތެންވީ ” ނިސާދު އަހާލިއެވެ. ” އެއީ މިހުރިހާ ދުވަސް ވީއިރުވެސް ބައްޕަ އަހަރެންނަށް ނުފެނުނީމަ ” ޔާޝް ބުންޏެވެ. ” މިހާރު މިފެނުނީނު. ދެން ދަރިފުޅު ނުޖެހޭނެ ދެރަވެފަ ހުންނާކަށް ” ނިސާދު ބުންޏެވެ. ހަވީރު ވަގުތުކަމުން އިރުއޮށްސެން ކުޑަތަންވެފާ ހުރުމުން ޔާޝް ގޮވައިގެން ޒިޔާދުގެ ގެއަށް ދިޔުމަށް ނިސާދު ހިނގައިގަތެވެ.
8 Comments
Comments are closed.
yay mee first
mi vaahaka mi nimunytha?
adhi nunimey SHAIMA
This story is so nice…. ?
thanx SHAU
Nice
yess
nisaathu aai hasmaa ge video hanaa ah fenunu kan nisaathu angaala dheebaa pls….. eyrun nisaath varah kada vaane ha ha