ގިފިލިން ނިކުމެގެން ދުވެފައި ދިޔަ އަވްލީން ތެމިގެން ހުރިގޮތަށް ގޮސްވަނީ ކޮޓަރިއަށެވެ. އޭރު އަވްލީންގެ ނޭވާވަނީ އަވަސްވެފައެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ގޮސް ފާހާނާއަށްވަނީ ފެންވަރާ ތެތް އެއްޗެހި ބަދަލުކުރާށެވެ. “ކިހިނެއްބާ ވާން އެ އުޅުނީ.. މި ކުރެވޭން އުޅުނީ ރަނގަޅުކަމެއްބާ… މަހުދީއަށް ކިހިނެއްވެފަތަ އެހުރީ… ދެން އަހަންނަށް ނުވެސް ކެރޭނެ މަހުދީ ފެންނަ ހިސާބަށް ދާންވެސް…” އަވްލީން ފެންވަރަން ހުރި އިރުވެސް ވިސްނެނީ ގިފިލި ތެރޭގައި ވީ ކަންތަކާއެވެ. ފެންވަރައިގެން ނިކުމެ އަވްލީން ދެކޮޅު ބަލާލީ އެއްވެސް މީހެއްގެ ހިލަމެއް ގޭތެރެއިން ވޭތޯއެވެ. ނަސީބު ރަނގަޅުކަމުން އެ ވަގުތު ގޭތެރޭގައި އެއްވެސް މީހަކު ނެތުމުން އަވަހަށް ދިޔައީ ދޮންނަން ފަށާފައި ހުރި ބޫޓުތައް ދޮވެ ނިންމާލުމަށެވެ.
މޫދަށް އެރިއުޅުނު ކުދިންތަކުގެ ތެރޭގައި ވިޝާކާ ހުއްޓާ ފެނުމުން ވިޝިކާ ފަތައިގަތީ އެ ދިމާލަށްދާށެވެ. ނަމަވެސް ލަޔާން ވިޝިކާގެ ފައިގައި ހިފެހެއްޓުމުން ކުރިއަށް ދެވޭގޮތެއްނުވިއެވެ. “ދޮންބޭ ދޮންބޭ…. “ވިޝިކާމެނާ ދިމާލަށް ހިނގައިފައި އައި މަހުދީއާއި ޒީނަތުއަށް ހަނާއަޅަމުން ވިޝިކާ ގޮވިއެވެ. މަހުދީމެނަށް އެ ހިސާބަށްދެވުނުއިރު ވިޝާކާއަށްވެސް އެމީހުން ފެނިގެން އެ ދިމާއަށް އައިސް ހުއްޓެވެ. ފަސް ކުދިންގެ އިތުރުން އިތުރު ދެތިން ކުއްޖަކާއެކު މޫދުގައި ސަކަރާތްޖަހާ އެކި ކުޅިވަރުތައް ކުޅެން ތިބެފަ ގެއަށް ދެވުނީ މެންދުރުން އަނބުރާ ދޭއްވެސް ޖެހިފަހުންނެވެ. ގެއަށްދެވުމާއެކު މަހުދީ ފުރަތަމަވެސް ބަލައިލީ އަވްލީން ފެންނަންހުރިތޯއެވެ. ފެންނަ ހިސާބުގައި އަވްލީން ނެތުމުން ދެން މަހުދީ އަވަސްވެގަތީ ފެންވަރަންދާށެވެ. ފެންވަރާ ނަމާދުކޮށްގެން ތިރިއަށް ފޭބިއިރު ހުރީ ވަރަށް ބަނޑުހައިވެފައިކަމުން ތިރިއަށްފޭބިގޮތަށް ދިޔައީ ކާގެއަށްވަންނާށެވެ. ނަމަވެސް ވަކި ހިސާބަކުން މަޑުޖެހިލަން ޖެހުނީ ކާގޭ ތެރެއިން ސަބީނާ ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ސަބީނާ އޭނާގެ ފިރިމީހާ މާލިކް ކައިރީ ދައްކަމުން ދިޔަ ވާހަކަ އަޑުއިވުމުން މަހުދީ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ބަނޑުހައިވެގެން އައި ނަމަވެސް މަހުދީ އަނބުރާލާފައި ކޮޓަރިއަށް ދިޔައީ ކާހިތްނެތުމުންނެވެ.
އިމްތިހާން ކައިރިވަމުންދާ ވަރަކަށް ކުދިންތައް ކިޔެވުމާއިގެން އުޅެއެވެ. ނަމަވެސް އަވްލީންއަށް ކިޔެވުމާއިގެން އުޅޭނެ ވަގުތެއްވަނީ ގޭތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައެވެ. ކޮޓަރި ތެރޭގައި ފޮތެއް ހިފައިގެން އިން ވިޝާކާ ވިސްނަމުންދިޔައީ އަވްލީންއާއި އެކު ގުރޫޕް ސްޓަޑީ ހަދަން އަވްލީން ކައިރީ އެ ވާހަކަ ދައްކާނެގޮތަކާމެދުގައެވެ. ވިޝާކާ ބުނެއްޖެނަމަ ސަބީނާވެސް އަވްލީންއަށް އޭނާއާއިއެކު ކިޔެވުމުގެ ފުރުސަތުދޭނެއެވެ. އެއިރުން އަވްލީންއަށްވެސް ފިލާވަޅުތައް ދަސްކުރުމަށް ފަސޭހަވެގެންދާނެކަން ވިޝާކާއަށް އިނގެއެވެ. އެހެން މީހުނަށް ނޭނގި އަވްލީންއަށް އެހީތެރިވެވޭނެ ގޮތެއް ހިޔާލަށް އައުމުން ވިޝާކާ ދިޔައީ ސަބީނާ އާއި ވާހަކަ ދައްކައިގެން ކޮންމެ ދުވަހަކުވެސް ސްކޫލް ނިންމާފައި ގެއަށް އައިސް އަވްލީންއަށް އޭނާއާއެކު ކިޔެވޭނެގޮތް ހެދުމަށެވެ.
ޖެހިގެން އައި ދުވަހު ސްކޫލް ނިންމާފައި ގެއަށް އައި އަވްލީން ދިޔައީ އާދައިގެމަތިން ގޭތެރެފޮޅާ ސާފުކުރުމަށެވެ. ކޮންމެ ދުވަހަކު ގޭތެރެ ކަހާ މޮޕްޖެހުމަކީ އަވްލީން ސްކޫލުން އައިސް ކުރާ މަސައްކަތެކެވެ. ގޭގެ މައިދޮރު ކައިރީއިން ފިހިގަނޑު ހިފައިގެން ހިނގައިގަތް އަވްލީންއަށް ސަބީނާ ގޮވާލީ އެ ކޮޓަރީ ދޮރުމަތީގައި ހުރެފައެވެ. ” ތި ބަހައްޓާފަ ދޭބަލަ ވިޝާކާއަށް ނޭނގޭ އެއްޗެހި ކިޔާދޭން.. ދެން މިއޮތް ދުވަސްކޮޅު ކޮންމެ ދުވަހަކުވެސް ސްކޫލުން އައިސް ވިޝާ ކައިރިއަށްދާތި.. މަށަކަށް ނޭނގޭ އޭނައަށް ނޭނގޭ ކޮން އެއްޗެއްކަމެއް ކަލެއަށް އިނގެނީކީ.. އާނ އެހެންޏާ ފަހެ އެ ކުލާހު އެހެންވެސް މޮޅެތި ކުދިން އެ ތިބީވިއްޔަ.. އެކަމަކު ކަލެއާއެކު ފިލާވަޅު ދަސްކުރަން ފަސޭހަވާނެއޯ… ތި ގެނޭ މަގޭ އަތަށް….” ސަބީނާ އަވްލީން އަތުން ފިހިގަނޑު އަތުލައިގެން ކުނިކަހަން ފެށުމުން އަވްލީން ހުރީ ހައިރާންެވެފައެވެ. އުމުރުން 12އަހަރުން ފެށިގެން ގޭގެ ހުރިހާ މަސައްކަތެއް އެކަނިމާއެކަނި ކުރަމުން އައި ނަމަވެސް ދުވަހަކުވެސް މި ނޫނީ ސަބީނާ އޭނަ ކުރަމުންއައި މަސައްކަތެއް ހުއްޓުވާފައެއްނެތެެވެ. އަދި އަމުދުން ސަބީނާ ކުނިކަހަން ފެށުމުން ލިބުނު ހައިރާންކަން ދެ ގުނަވިއެެވެ. “އަދިވެސް ހުންނަނީތަ؟ ދެންވެސް އަވަހަށްދޭބަލަ .. މިހާރު ވިޝާކާ ހުންނާނެ ލަސްވެފަ..” އަވްލީންއަށް ލިބުނު ހައިރާންކަންމަތީގައި ސަބީނާއަށް ބަލަން ހުއްޓާ ސިހުނީ ސަބީނާ ހަޅޭއްލަވައިގަތުމުންނެވެ.
އަވްލީން އަވަސް އަވަހަށް ސިޑިން އަރައިގެންގޮސް ވިޝާކާގެ ކޮޓަރިއަށް ވަންއިރު ވިޝާކާއިނީ އޭނަގެ ފޮތްތައް ބަހައްޓާފަ ހުންނަ މޭޒުކައިރީ އިށީނދެގެންނެވެ. “ކޮބާ އަވްލީންގެ ފޮތްތައް؟ ގޮސް އާދޭ ފޮތްތައް ހިފައިގެން.. ފޮތް ނުލާ ކިޔެވޭތަ؟” އަވްލީންއައިސް ވަންއިރު އަތުގައި ފޮތް ނެތުމުން ވިޝާކާ ބުނެލިއެވެ. “ވިޝާ މަންމަ ބުނީ ވިޝާއަށް ނޭނގޭ ފިލާވަޅުތައް ކިޔައިދޭށޭ.. އެހެންވެ އަވަހަށް މިއައީ.. މިއަންނަނީ އިނގޭ ފޮތްތައް ހިފައިގެން…” އަވްލީން އެހެން ބުނުމަށްފަހު ގޮސް އައީ ޕާސްޓް ޕޭޕަރތައް އަދި ސްކޫލުން ދީފަހުރި ވޯކްޝީޓްތައް ހިފައިގެންނެވެ. ދެ ކުދިން ކިޔެވުމާއިގެން އުޅުނުއިރުު ވިޝާކާގެ ކުރިން ހުންނަ ރުޅިގަނޑު ނާންނާތީ އަވްލީން އިނީ ހިތްހަމަޖެހިފައެވެ.އެކެއް އަނެކަކަށް ނޭނގޭ އެއްޗެހި ބުނެދެމުން ދިޔައިރު ހީވަނީ ކުރިއްސުރެވެސް ވަރަށް އެކުވެރިކޮށް އުޅޭ ދެ ކުދިންހެންނެވެ. ދެ ގަޑިއިރެއްހާއިރު ވަންދެން ފޮތްތައް މުތާލިއާކުރަން ތިބުމަށްފަހު ނިންމާލިއިރު ދެކުދިންނަށްވެސް ވަނީ ކުރިން ނޭނގޭ އެތައް އެއްޗެއް އެނގިފައެވެ.
ޕާސްޓް ޕޭޕަރުތައް ހިފައިގެން ސިޑިން ފައިބައިގެން ދިޔަ އަވްލީން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ކިޔެވުމަށް ލިބުނު މި ވަގުތުކޮޅުގެ މުހިންމުކަން އޭނައަށް އިނގެއެވެ. އަދި ހިތުގެ އަޑިން ވިޝާކާއަށް ޝުކުރުވެރިވެވުނެވެ. ” ޕޮއް” ސިޑީގެ އެންމެ ތިރީހަރުފަތާ އަރާ ހަމަވިތަނާ އަވްލީން ސިއްސައިގެންގޮސް އަތުގައި ހުރި ފޮތްތައްވެރުނީ ސިޑީގެ ފަހަތުގައި ފިލާހުރެފައި ނިކުތް ލަޔާން އަވްލީން ސިއްސުވާލުމުންނެވެ. “ހަހަަ ހަ އަހަރެންގެ ކޮކީ ހާދަ ހިތްހަމަޖެހިފަ ހުރި ދުވަހެއްހެން ހީވެޔޭ.. މަތީގަ ކޮންކަމެއް ކޮށްލާފަ ތިއައީ..” ލަޔާންގެ ސުވާލުން އަވްލީން ދެ ލޯ ބޮޑުކޮށްލިއެވެ. ” މިއައީ ވިޝާއާއެކު ގުރޫޕް ސްޓަޑީ ހަދާފަ..” ސިޑިކައިރިއަށް ވެރިފައި ހުރި ފޮތްތައް ނަގަންއިން އަވްލީންގެ ޖަވާބު އިވުމުން ލަޔާން އިރުކޮޅަކު ވިސްނާލަން ހުއްޓެވެ. “ދެމީހުން އެކަނިތަ؟ ވިޝިކާ ކޮބާ؟” ލަޔާން އެހިއެވެ. “ވިޝީ ނޫޅޭނެ އެހާބޮޑަކަށް ކިޔަވާކަށް.. ހިތްފަސޭހަވީމަ ކިރިޔާ ފާސްވާވަރުވެސް އެވަނީ..” އަވްލީން ޖަވާބު ދިނެވެ. އެހެން ނޫނަސް އަވްލީންއާއެކު ކިޔަވާކަށް އަދި އެހެން ކަމެއް ކުރާކަށްވެސް ވިޝިކާ ނާންނާނެކަން އަވްލީންއަށް އިނގެއެވެ. ނަމަވެސް އަވްލީން އެހެން ބުނާކަށް ބޭނުމެއްނުވިއެވެ. އެއްވެސް މީހެއްގެ ގޯސް ވާހަކަ ދެއްކުމަކީ އަވްލީން ކުރާހިތްވާކަމެއް ނޫނެވެ. އަވްލީން އާއި ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް އަވްލީން އެމީހުންދެކެ ލޯބިވެއެވެ. އެމީހުންގެ އިހުސާންތެރިކަމުން އަވްލީންއަށް ކޮށްދިން ކަންކަން އަވްލީން ހަނދާންނައްތައެއްނުލާނެއެވެ.
އަވްލީން ލަޔާންއާއި ވާހަކަ ދައްކާލަން ހުރެފައި ހިނގައިގަތްއިރު މަހުދީ ގެއަށްވަންތަން ފެނުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ދެމީހުނަށްވެސް މަޑުޖެހިލެވުނެވެ. އިރުކޮޅަކު ދެމީހުން ދެމީހުނަށް ބަލަން ތިބުމަށްފަހު އަވްލީން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އަވްލީން ހިނގައިގަތުމުން މަހުދީވެސް މަޑުމަޑުން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ދެމީހުނަށް ދެމީހުން ފެނުމުން އައި ބަދަލު ސިޑިކައިރީ ހުރި ލަޔާންއަށް ފާހަގަކުރެވުނެވެ. ނަމަވެސް އޭނައަށް ހީވި ހީވުން ޔަގީންކޮށްފައި ނޫނީ އެ ވާހަކަ ނުދައްކަންވެގެން މަޑުން ހުރީއެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. މިހާރު ވިޝާކާއާއެކު ގުރޫޕް ސްޓަޑީ ހަދަން އަވްލީންއަށް ގިނަވަގުތު ލިބޭނެގޮތް ހަދައިދިނުމުގެ ގޮތުން ސަބީނާ ގޭތެރޭގެ ބައެއް މަސައްކަތްތައް ކުރެއެވެ. އެއީ ސަބީނާ ވިޝާކާއަށް ރަނގަޅަކަށް ކުރާކަމެއް ނަމަވެސް އަވްލީންއަށް އެކަމުން ލިބޭ މަންފާއަށް އަވްލީން ޝުކުރު އަދާކުރެއެވެ. މިވީ ހަފްތާއެއްހާ ދުވަސްތެރޭގައި މަހުދީއަށް އަވްލީން ފެނުނީ މަދުފަހަރަކުއެވެ. މަހުދީގެ ޑިއުޓީ އިންނަ ގޮތުންނާ އަވްލީން ކިޔެވުމަށް ހޭދަކުރާ ވަގުތު ގިނަވުމުގެ ސަބަބުން މަހުދީއަށް އަވްލީންއާ ވާހަކަ ދައްކާލާނެ ފުރުސަތެއްވަނީ ނުލިބިފައެވެ.
ސްކޫލް ސްޓާފްރޫމް ދޮރުމަތީގައި ހުރި ނަވާޒްއަށް ކުއްޖަކު ގޮވާލުމުން އެ ދިމާލަށް ބަލައިލިއިރު ވިޝާކާ އަތުން ހަނާއަޅަނީއެވެ. މިވީ ކުޑަ ދުވަސްކޮޅުތެރޭގައި ވިޝާކާއާއި ނަވާޒްގެ ދެމެދުގައިވަނީ ވަރަށް ގާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ. އަވްލީންއަކީ އެހާގިނައިން ވާހަކަ ދައްކާ އުޅޭ ކުއްޖަކަށް ނުވެފައި ސްކޫލް ނިމެން ކައިރިވެފައިވާތީ ނަވާޒް އަވްލީންއާއި ކައިރިވުމަށް ކޮށާލި މަގަކަށް ވިޝާކާވިއެވެ. ނަމަވެސް މިކަން ކުޑަކޮށްވެސް ވިސްނިފައިނެތް ވިޝާކާ ވިސްނަމުންދިޔައީ ސްކޫލް ނިމޭއިރަށް ނަވާޒަށް ލޯބިހުށަހަޅާނެގޮތަކާ ދޭތެރޭގައެެވެ. ވިޝާކާ ކައިރިއަށް މަޑުމަޑުން ހިނގާލާފައިދިޔަ ނަވާޒްއާއި ވިޝާކާ ދެމީހުން އެކިއެކި ވާހަކަދައްކަމުންގޮސް ވިޝާކާ އަވްލީން އާއިއެކު ގުރޫޕް ސްޓަޑީ ހަދާ ވާހަކަ ބުނުމުން ނަވާޒް ބޭނުންވީ ވިޝާކާމެނަށް އެހީތެރިވުމުގެ ގޮތުން އެގެއަށްގޮސް ނޭނގޭ އެއްޗެހި ކިޔައިދޭށެވެ. އެއީ ވިޝާކާވެސް ވަރަށް ބޭނުންވެ އެކަމަކު ބުނަން ނުކެރިފަ ހުރި ކަމަކަށްވުމާއެކު ވަގުތުން އެކަމަށް އެއްބަސްވިއެވެ. އަދި ދާންވީ ގަޑި ބުނެލިއެވެ. ނަމަވެސް އެ ގަޑިއަކީ ސްކޫލް ރަސްމީ ގަޑިއެއްކަމުން ރޭގނޑުގެ ވަގުތުގައި ދާނެކަމަށް ނަވާޒްބުންޏެެވެ.
ރޭގަނޑު ކާހިތްނުވުމުން ކޮފީއެއް ބޯލަންވެގެން ކާގެއަށް ވަން މަހުދީއަށް އެތާ އެތެރޭގައިހުރި އަވްލީން ފެނުމުން ފަހަތަށް އެނބުރި ބަލާލެވުނީ ފެންނަ ހިސާބުގައި މީހަކު ހުރިތޯއެވެ. މީހަކު ފެންނަން ނެތުމުން މަޑުމަޑުންގޮސް އަވްލީންގެ ފުރަގަހުގައި ހުއްޓުނު މަހުދީ ހުރީ އަނގައިން ބުނަންނުކެރިފައެވެ. އެ ދުވަހު ކަންތައްވީގޮތުން އަވްލީން ރުޅިއައިއްސަ ހުރެދާނެތީ މަހުދީ ހުރީ ޖެހިލުންވެފައެވެ. ތަށިތައް ދޮވެ ނިންމާލާފައި އެނބުރިލި އަވްލީންއަށްވެސް ހުއްޓުން އަރާފައި ހުރެވުނީ މަހުދީ އެހާކައިރީގައި ހުރުމުންނެވެ. އެކަކު އަނެކަކަށް ބަލަންތިބި ދެމީހުން ސިހުނީ ފަހަތުން މީހަކު ތުބުންފުމެލިއަޑު އިވުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.



Yey me first.. ??
Yayy.. shemy ah 1st ??
iffge vaahaka kiya huriha kudhin…. v.v.bodah sorry vaahaka lahun up kurevunyma..
unmeedhu kuran mi partvx kiyuntherinnah kamudhaanekamah.. 🙂 :-* <3
Mi part vx v v v salhi…maasha Allah…
Thank yu ipher ??
Vaahka Varah reethi..kiyani vs kiyaaa hitun..ekm maa lahy up vaaaleh
Thank yu mine ??
Iff midhuvaskolhu v.busy. ehnve lasvany.. sorry 4 that dear ?
Whn nxt part
Wednesdayga. . insha allah ?
Haadha kureyy.ekam vx haadha reehcheyy vaahaka❤
Thank yu aishath ??
Wowww. Varah salhi story eh.. Layaan kanneynge dhw e thunbun fumuny. Hehe varah reethi vaahaka dhaagoih.. Keep it up.. Waiting for the next part.. Thankolheh avahaa up khladhehchey ???
V reethi.. Neh bunaane eche ves
Awww ?
Thank yu amin ??
It happens iff. Btw story hama awwsmm.
Thank yu alvyn ??
V.happy vejje understand veema ?
hama obiness mi part vx,.. maa fahun dhw mi comment kohlevuny.. but mi part kiyaafa innaany update vi vaguthu. hehe ekamvx comment nukurevuny 😉 😉 anyways when nxt part??? varah kiyaa hithun mihury avas kohlahchey 🙂 😀
Miharu miadhu Thursday koba next part?????!!