Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި މަވީ ބޭކާރޭވީ (3)

Psenhi Level 410 Stories100 Comments100 Login
September 23, 2017 4 Mins Read
13 Comments

“ވާއު! އަ ބްލެކް ބިއުޓީ!” އަހަރެން ހިތަށް އެރި އެތި ދުލާއި ހަމައަށް ފޯރައިފިކަން ރޭކާލީ ކައިރީގައިހުރި ފިއްޓެ ހީލި އަޑާއިއެކު ބުނެލި ބަސްކޮޅަކުންނެވެ. “ކޮބާ މަ ބުނިންދޯ ސަޅިވާނެޔޭ؟ އެކަމް އެތާ ކައިރީ އެހުރީ ކާކުބާ؟” ފުރަތަމަ ނަޒަރުން އަހަރެންގެ ހިތާއި ކުޅެލި އަންހެން ކުއްޖާއަކީ ފިއްޓެގެ ވާންއުޅޭ އަންހެނުންކަން އެނގުމުން އަހަރެން މާޔޫސްވާގޮތްވިއެވެ. ނަމަވެސް އެކަން ސިއްރުކުރަމުން ވާހަކަ ދެއްކީމެވެ. “އެވާނީ ކަލޭ މައިދައިތައަށް. ސާބަސް ކަލެއަށް. އަދިވެސް އެހެންމީހުންނަށް ދޯ ތިބަލަނީ؟” އަހަރެންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ފިއްޓެ ޖަހާލީ ހިނިގަނޑެކެވެ.
ފިއްޓެގެ މަންމައާއި ބައްޕަ ވަނީ ނިޔާވެފައެވެ. އާއިލާގައިހުރީ ހަމައެކަނި ދޮށީ ފިރިހެންކުއްޖެކެވެ. މަންމައާއި ބައްޕަ ފަރާތު އާއިލާއާއި މާބޮޑު ގުޅުމެއް ބޭއްވިފައިނެތުމުން ކައިވެންޏަށްވެސް އެމީހުންނަށް ދަޢުވަތުދެވިފައި ނެތީއެވެ. ފިއްޓެގެ ދޮންބެގެ އޮފީހުން ޗުއްޓީ ނުލިބުމުން ދޮންބެއާއި ދޮންބެ ދައްތަ އެ ޙަފްލާއަށް އަންނަން ހަމަޖެހިފައިވަނީ ކައިވެނި ކުރުމަށް ހަމަޖައްސާފައިވާ ތާރީޚަށެވެ. ފިއްޓެގެ ދޮންބެއާއި އޭނާގެ އަންހެނުން ފިޔަވާ ފިއްޓެގެ ފަރާތުން ކައިވެނީގެ ޙަފްލާގައި ބައިވެރިވާނީ ހަމައެކަނި އަހަންނެވެ.
ލާންޗުން ފޭބުމާއިއެކު އެއްގަމުގައިތިބި މީހުންތައް އައިސް އަހަރެމެން ވަށާލައިފިއެވެ. ދެތިން ފިރިހެނަކު ފިޔަވާ ދެން ތިބީ ހުސް އަންހެންވެރިންނެވެ. އޭގެ ތެރެއިން ގިނަމީހުން އަހަންނާއި ދިމާއަށް ބަލަމުން ގެންދިޔައީ “ތިޔައީ ފަރަންޖީއެއްހޭ” އަހާ ފަދަ ގޮތަކަށެވެ. ފަހަރަކު މީހަކާ ސަލާމްކުރަމުންގޮސް އެ ބުރުސޫރަ ރީތި އަންހެން ކުއްޖާއާއި ދިމާއަށް އަތް ދިއްކޮށްލި ވަގުތު މީހަކު އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާ ކުރިއަށް ދަމައިގަތެވެ. “ހެލޯ؟ ހިނގާ އަވަހަށް ގޭދޮށަށް ދާން ދޯ؟ ހުންނާނެ ވަރަށް ރަނގަޅު ކެއުމެއްވެސް ތައްޔާރުކޮށްފަ.” އެންމެ ކުރީގައިހުރި އަންހެންމީހާ އެއްއަތުން ފިއްޓެގެ އަތުގެ މުލައްދަނޑީގައި އަނެއްއަތުން އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަހަރެން އަވަސްއަވަހަށް އަތް ފޮޅުވާލީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. ހަމުގެ ކުލަ އަލި އެމީހާގެ މޫނު ހުދުވަންދެން ފުއްޖަހާފައި ތުންފަތުގައި ލިޕްސްޓިކް ހާކައިފައިވެއެވެ. އުނަގަނޑުން ތިރިއަށްހުރި ފަން ދިގު އިސްތަށިގަނޑުވަނީ އެއްކޮށް ދޫކޮށްލެވިފައެވެ. ލައިގެންހުރީ ގަޔަށްބާރު ކުރު ޓޮޕްކޮޅެއްކަމުންނާއި ތިރިންލާފައިހުރި ބާރު ބެލްސްގެ ސަބަބުން ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ބަލާބެލުމަށް އުމުރު ސާޅީހުން ދަށެއް ނުވާނެއެވެ. ފިއްޓެގެ ގައިގާ ކޭއްތެމުން ކުރިއަށް ހިނގަމުންދިޔައިރު ފަހަތުގައި އަހަރެން ހުރީ ރުޅިގަދަވެފައެވެ.
“ސުމަންގެ މަންމަ އުޅޭ ގޮތެއްދޯ؟” އަހަރެންނަށް ކަނާތްފަރާތަށް ބަލާލެވުނީ ދާދި ކައިރިން އިވުނު އަޑުގެ ސަބަބުންނެވެ. އޭރު ސުމަން އިސްޖަހާލައިގެން ހުރެ ކުރިއަށް ހިނގަމުން އާދެއެވެ. އެ މައުސޫމް މޫނުމަތީގައިވަނީ ލަދުވެތިކަމެވެ. ކައިރީގައި ދެންތިބި އަންހެންވެރިންގެ މޫނުމަތިންވެސް ނުރުހުންވެފައިތިބިކަން އަހަންނަށް ފާހަގަވިއެވެ.
އަހަރެން ކެއުމުގައި ބައިވެރިވީ ފެންވަރައިގެން މެންދުރު ނަމާދުވެސް ކޮށްލައިގެންނެވެ. ކާކޮޓަރިއަށް ވަންއިރު ސުމަން އާއި އެފުރާގެ ދެތިން އަންހެން ކުއްޖަކު ތިއްބެވެ. އަހަރެން ފެނުމާއިއެކު އޭގެތެރެއިން ކުއްޖަކު އަހަންނަށް ކާން އައުމަށް އެދުނެވެ. ވާހަކަދެއްކީ އިނގިރޭސިބަހުންކަމުން އެމީހުންގެ ހިތުގައިވާ އެއްޗެއް އަހަންނަށް އެނގުނެވެ. އަހަންނަށް އެކަން މަޖާ ކަމަކަށްވެ އޭނައަށް ޖަވާބުދިނީވެސް އިނގިރޭސިބަހުންނެވެ. އަހަރެން އިނގިރޭސިބަހުން ވާހަކަދައްކާއިރު އާންމުކޮށްވެސް ވާހަކަދައްކަނީ އޮސްޓްރޭލިޔާ އެކްސެންޓުން ކަމުން އެހެން އެމީހުންނެކޭ އެއްގޮތަށް އެކުދިންވެސް ހީކުރީ އަހަރެންމީ ފަރަންޖީއެއްކަމަށެވެ.
ކާން ފެށުމުގެ ކުރިން ސުމަން އަށް ގޮވާލުމުން އަހަރެންގެ ކައިރިއަށް އައިސް ހުއްޓުނެވެ. އަހަރެން ފިއްޓެ ކޮބާތޯ ސުވާލުކުރުމުން ފިއްޓެ ދިޔައީ މަންމައާއި އެކު ބާޒާރުކޮށްލަން ކަމަށް ބުންޏެވެ. އަހަރެން މިފަހަރުވެސް ވާހަކަދެއްކީ އިނގިރޭސި ބަހުންކަމުން ސުމަންގެ ޖަވާބުވެސް އައީ އަހަރެން ހީކުރިގޮތަށެވެ.
ސުމަންގެ އެކުވެރި ކުދިންތައް އެބަ އަންނަން ކަމަށްބުނެ ބޭރަށް ނިކުތުމުން އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތްކުރަމުން ސުމަން އިށީނުމަށް އަހަރެން އެދުނީމެވެ. ސުމަން އިށީންނަށް ނުއިށީންނަށް އުޅޭފަދަ ގޮތަކަށް ހަރަކާތްތައް ބެހެއްޓުމުން އަހަރެން ދެވަނަ ފަހަރު ޕްލީޒްއޭ ބުނުމުން އިށީނދެއްޖެއެވެ. އޭރު އަހަރެން ކައިނިންމާލައިފީމެވެ.
އަހަރެން އެއަންހެންކުއްޖާގެ މޫނަށް ފުންކޮށް ބަލާލީމެވެ. އެންމެ ބިއްސެއް، ލަކުނެއް ނުވަތަ އަޑިކޮޅެއްހާ ހިސާބުވެސް ނެތް އޮމާން މޫނަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނީ އާށޯހުވެފައެވެ. ދުނިޔެމަތީގައި ރީތި ކުދިންވެސް އުޅެއޭ އެކަމަކު މިވަރުގެ ފުރިހަމަ ކަމެއް ނުދެކެމޭ އަހަންނަށް ހިތާ ހިތާ ކިޔާލެވުނެވެ. އަހަރެންގެ ނަޒަރުން ސަލާމަތްވުމަށް ސުމަން އިސްޖަހާލިއެވެ. އެ ލަދުވެތިކަމުގެ ސަބަބުންވެސް އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވައިފިއެވެ. ނަމަވެސް އެއީ އަހަރެންގެ އެކުވެރިޔާގެ ވާންއުޅޭ އަނބިމީހާކަން ހަނދާންވުމުން އަވަހަށް އަހަރެންގެ ލޯ އެހެންދިމާއަކަށް ދަތުރުކޮށްލިއެވެ.
އަހަރެން ކައިވެނީގެ ކަންތައްތައް ކުރިއަށްދާނެ ގޮތާއި ރަށުގެ އެކިއެކި ތަންތަނާއި ބެހޭގޮތުން ވާހަކަދައުކަންފެށީ ދައްކާނެ ވާހަކައެއް ނޭނގުމުންނެވެ. އަހަރެން މިފަހަރު ވާހަކަދެއްކީ ދިވެހިބަހުންކަމުން ސުމަން އިނީ އަނގަހާވެފައެވެ. އެހެންކަމުން އަހަރެން އަމިއްލަ ކުޑަ ތަޢާރަފެއްދީ އޭނާގެ ހިތުގައިވާ އޮޅުންބޮޅުންގަނޑު ފިލުވާލުމަށް އެހީވެދިނީމެވެ. އަހަރެން ބޭނުންވި ފަދައިން ދެމީހުންގެ މެދުގައި އެކުވެރިކަމެއް އުފެދިގެންދިއުމުން ހިތަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބުނެވެ.
ފިއްޓެގެ ހުނުމުގެ އަޑަށް އަހަރެމެން ދެމީހުންނަށް ދޮރާ ދިމާއަށް ބަލާލެވުނީ އެކުއެކީގައެވެ. އޭރު ފިއްޓެއާއި ސުމަންގެ މަންމަ ދެއަތް ބަރުކޮށްގެން އައިސް ކާކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނީއެވެ.
ހަވީރުގެ ވަގުތެވެ. އަހަރެން އޮތީ ސުމަންމެންގޭ ގޭދޮރުމަތީގައި ހުރި ޖޯލިފަތީގައެވެ. އަޞްރު ނަމާދުން ފައިބައިގެން އައިސް ގެއަށް ވަނުމަށްފަހު ފިއްޓެ ދިޔަ ތަނެއް ނޭނގޭތީ ފޫހިވެފައެވެ. ގުޅަގުޅާ ފޯނެއްވެސް ނުނަގައެވެ. އަހަރެން ފޯނަށް ގެއްލިފައި އޮއްވާ މީހަކު އައިސް ޖެހިގެންހުރި ޖޯލީގައި އޮށޯތުމުން އަހަރެން އެމީހަކަށް ބަލާލީމެވެ. ނުދަންނަ މޫނެއް ނޫނެވެ. ލާންޗު ލެފިވަގުތު އެތަނުގައި ތިބި ދެތިން ފިރިހެނުންގެ ތެރެއިން އެކެކެވެ.
“އަހަރެންމީ ސުމަންގެ ބޮޑުބޭބެ މޫސަ. ސުމަންގެ ބޮޑުފަހަރި ބުނެގެން މިއައީ ސައިބޯން ބަލައި. ކޮބާތަ ޅިޔަނު؟” އަހަރެންނަށް އެއީ ކާކުކަން އޮޅުންފިލުވާދެމުން އޭނާ ބުނެލިއެވެ. އަހަރެން ފިއްޓެ ގޭގަ ނެއްކަމާއި ފޯނުވެސް ނުނަގާ ވާހަކަ ބުނުމުން އެމީހާ ވަނީ ގޭތެރެއަށެވެ.
ވަރަށް ގިނައިރު އިންތިޒާރު ކުރުމަށްފަހު ފިއްޓެގެ ޚަބަރެއް ނުވުމުން މޫސަބޭގެ އެދުމުގެ މަތިން އަހަރެން ގޮވައިގެން ސުމަން އެގޭދޮށަށް ދިޔައީ ބޮޑުފަހަރި ލަސްވެގެން ގުޅާތީއެވެ. އަހަރެން ދަމުން ދިޔައީ އަހަރެން ގެންގުޅޭ ކެމެރާވެސް ހިފައިގެންނެވެ.
މޫސަބޭމެންގެ ގެއިން ސައިބޮއިގެން ނިކުތުމަށްފަހު ރަށުގެ ޚާއްޞަ ތަންތަނާއި ހިތްގައިމު މަންޒިލްތައް ދައްކާލުމަށް އަހަރެން ސުމަންގެ ކިބައިން އެދުނީމެވެ. ސުމަން އަހަރެންގެ އެދުމަށް އިޖާބަދިނެވެ. ރަށުގެ ސާފު ގޮނޑުދޮށާއި މޫދުގެ އިތުރުން ރީތި މާމެލާމެލީގެ ބަގީޗާތައްފަދަ ޤުދުރަތީ އަޖައިބުތަކުން ފުރިގެންވާ މަންޒަރުތައް އަހަރެން ކެމެރާގައި ރައްކާކުރަމުން ގެންދިޔައީމެވެ. އެއީ ބަލާ ފޫހިނުވާނެ ތަސްވީރުތަކެކެވެ.
އިރުގެ އަލިކަން ފަނޑުވަމުން ދުނިޔެ މައްޗަށް އަނދިރިކަން ވެރިކުރުވަން ފެށުމުން ސުމަން އިރު އޮއްސެން އުޅޭކަން އަހަންނަށް ހަނދާންކޮށްދިނެވެ. ނަމަވެސް އަހަރެން ގެއަށްދާން ބޭނުން ނުވީ ކީއްވެކަމެއް ހުދު އަހަންނަކަށްވެސް ނޭނގެއެވެ. ސުމަންއާއި އެކު ހޭދަކޮށްލަން ލިބުނު ވަގުތުކޮޅު ދިގުދެމިގެންދާން ބޭނުންވީކަމެއް ނުވަތަ ޤުދުރަތީ މަންޒަރުތަކަށް ހިތުގައި ޖެހިފައިވާ ލޯބި އަހަރެން ހިފަހައްޓަނީކަމެއް ބުނެދޭކަށް ނޭނގެއެވެ. “ދެން އިރުއޮއްސޭ މަންޒަރު ފޮޓޯ ނަގާލާފަ ދޯ ދާނީ؟” އަހަރެން ބޭނުންވާގޮތް ހާމަކުރުމުން ސުމަން ބޮލުގެ އިޝާރާތުން އެއްބަސްވިއެވެ.
އަޅިކުލައާއި ހުދުކުލައިގެ ސާލެއް ލެވިފައިވާ އުޑުން ފަނޑު އޮރެންޖު ކުލައެއް ފާޅުވެގެން އައިސް ގަދަ އޮރެންޖު ކުލައާއި ރަން ރީނދޫ ކުލައަކުން މުޅި އުދަރެސް ބައްދާލި މަންޒަރާއި އަލިކަންގަދަ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު މަޑުމަޑުންގޮސް ފަރުދާވި މަންޒަރު ނުހަނު ފަރުވާތެރިކަމާއިއެކު އަހަރެންގެ ކެމެރާގައި ރައްކާކުރީމެވެ.
އެރެއާއި އަނެއް ދުވަސް އަހަރެމެން ހޭދަކުރީ ސުމަންގެ ގާތް ތިމާގެ މީހުންގެ ގޭގެއަށް ޒިޔާރާތްކޮށް ގުޅުން ބަދަހި ކުރުމަށާއި އަނގަތަޅާލާނެ ރައްޓެހިން ހޯދުމަށެވެ. ސަކަރާތާއި މަޖަލުގައި ކޮފީތަކުގައި ހޭދަކުރެވޭ ވަޤުތުތައްވެސް މަދެއްނޫނެވެ.
ޖެހިގެން އައި ދުވަހަކީ ބޮޑު ދުވަހެކެވެ. އާ ކައިވެނީގެ ރަންކިޔާ ވަޤުތަކީ ކޮންމެ އަންހެން ކުއްޖަކަށްވެސް ޚާއްސަ އަދި އެހާމެ ލަދުގަންނަ ވަޤުތެކޭ މީހުން ބުނާތީ އަހަމެވެ. ސުމަން ފަދަ މީހުންގެ ތޫނު ނަޒަރުންވެސް ލަދުގަންނަ ކުއްޖަކަށް މިކަންވާނީ އަދި ކިހާ ލަދުވެތި ކަމެއްކަން އަހަންނަށް އަންދާޒާ ކޮށްލެވުނެވެ. ނަމަވެސް ރަންކިޔާ ވަގުތު ކައިރިވީ ވަރަކަށް އަހަރެންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެންވީ އެއްވެސް ސަބަބެއް އަހަރެންގެ ނުކުޅެދުންތެރި ސިކުނޑިއަކަށް ނުވިސްނުނެވެ.
މާ ބޮޑުނޫން އާދައިގެ ގޮތަކަށް ހަދާފައިވާ ސިޓިންރޫމްގައި އަތުރާލެވިފައިވާ ގޮނޑިތަކުން ގޮނޑިއެއްގައި އަހަރެން އިނީ ފޮޓޯ ޝޫޓަކަށް ތައްޔާރުވެގެން ކެމެރާއާއި ކުޅެލަ ކުޅެލައެވެ. ސުމަންގެ ބޮޑުބޭބެއާއި އިތުރު މީހަކުވެސް އަހަންނާއި ޖެހިގެން އިށީނދެ ތިއްބެވެ. ކުރިމަތީ ހުރި ދެމީހުންގެ ޖާގައިގެ ސޯފާގައި ހެކީންގެ ގޮތުގައި އައި ދެމީހުން ތިބިއިރު ސޯފާއާއި ދާދި ގާތުގައި ބަހައްޓާފައިހުރި ތިން ގޮނޑީގެ ތެރެއިން އެއް ގޮނޑީގައި ފިއްޓެ އިނީ ފޯނާއި ކުޅޭށެވެ.
“ފަޔާޒު!” ސުމަންގެ މަންމަގެ އަޑަށް އަހަރެންވެސް ބަލާލީމެވެ. ފެނުނު މަންޒަރުން އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މޫނުގައި ޖަހާފައިވާ ފުށުގެ ކުލަ އެހެން ދުވަސްދުވަހަށްވުރެވެސް ބޮޑަށް ފާޅުވާން ހުރިއިރު ދެލޮލުގެ ރަވައިގާ ކުލަގަދަކޮށް އަނދުން ފަވާލާފައިވެއެވެ. ފުޅާ ހިނިތުންވުމެއް ފެންނަންހުރި ތުންފަތުގައިހުރީ ކަޑި ކުލައެވެ. ފަން ދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ގަތާލެވިފައި ކުރިމައްޗަށް ވައްޓާލާފައި އެންމެ ތިރީގައި ރަތް ފިނިފެންމަލެއް ހަރުކޮށްލާފައި ވެއެވެ. ކަޅު ބެލްސާއިއެކު ލައިފައިހުރި ހުދުކުލައިގެ ތުނި ކުރުތާއިން ދޮން ހަންގަނޑު ހާމަވާއިރު ހެދުމުގެ ކަރުވެސް އެހާ ބޮޑެވެ. އަހަރެން ދެފަރާތަށް ބޯ ހޫރާލަމުން އަނެއް ފަރާތަށް އެނބުރުނީމެވެ. އަހަރެންގެ ނަޒަރު އެވަގުތު ގޮސް ހުއްޓުނީ ސޮނި ވެއްޓިފައި އިން ފިއްޓެއަށެވެ.
ސުމަންގެ މަންމަ އައިސް އިށީނީ ފިއްޓެއާއި ޖެހިފިތިގެން އެންމެ ކައިރީގައި ހުރި ގޮނޑީގައެވެ. ހަމަ އެވަގުތު އިތުރު މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުން އަހަރެން ބަލާލިއިރު ސުމަން އަހަރެންގެ ކައިރިންލާފައި ގޮސް އޭނާގެ މަންމަގެ ގާތުގައި އިށީންނަނީއެވެ. ސުމަންގެ ހެދުމަށް އަހަރެން ނަޒަރު ހިންގާލީމެވެ. ސުމަން އިނީ މަޑުނޫ ކުލައިގެ ކުދި މާތަކެއް ޖަހާފައިހުރި ފުޅާ ދިގު ޕާކިސްތާނު ހެދުމާއިއެކު ގަދަނޫ ކުލައިގެ ހަރުވާޅަކާއި ހަމަ އެކުލައިގެ ބުރުގާއެއްއަޅައިގެންނެވެ. އެހެން އިންނައިރު އިރުއިރުކޮޅާ ދެއަތް ދެއަތާއި މޮޑެލައެވެ. އެމޫނަށް އަހަރެން ފުންކޮށް ނަޒަރު ހިންގާލުމުން ފިނިވެފައިވާ މިންވަރު އިތުރަށް ހާމަވިއެވެ. ދިގު އެސްފިޔަތައް ތިރިކޮށްލައިގެން އިސްދަށަށް ޖަހާލައިގެން އިންއިރު ތުންފަތްމަތީ ތަފާތު ހިނިތުންވުމެއް ވެއެވެ. އެއްވެސް މޭކަޕެއް ބޭނުންކޮށްފައިނެތް ސާދާ މޫނުމަތީގައިވާ ހާސްކަން ނިތްކުރިމަތީގައި ބަބުޅަމުންދާ މުތީތަކެއްފަދަ ކުދިކުދި ދާތިކިތައް ހެއްކަކަށް ފުދެއެވެ. އަހަރެން ކެމެރާ ލޮލާއި ކައިރި ކުރުމަށްފަހު އިތުރަށް ޒޫމް އިން ކޮށްލީމެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ކުޅަނދުންވަންތަކަން

Next

ވޭނީ ކަރުނަ -4

Next
September 23, 2017

ވޭނީ ކަރުނަ -4

Previews
September 22, 2017

ކުޅަނދުންވަންތަކަން

13 Comments!

  1. khajja says:
    September 23, 2017 at 12:46 am

    Alhey wow masha allah haadha rychchey?? ekam 2 rahumaiytherinnah ekakudheke dhw loabi mivevuny?? so sad?? dhen kihineiybaavaany? can’t wait avaskolladhybala nxt prt plx gud nyt ly??❤

    1. Psenhi says:
      September 23, 2017 at 11:53 am

      Thnkx khajja

  2. Dhim says:
    September 23, 2017 at 1:09 am

    Suman ge mom aa dhw fitte marry kuranee

    1. Chum handi says:
      September 23, 2017 at 6:43 am

      Chum ah ves thihen eba shakkuvey. Hehheheh

    2. Psenhi says:
      September 23, 2017 at 11:52 am

      Lets c dhw. Thives vedhane gotheh

  3. maroon says:
    September 23, 2017 at 9:31 am

    V wait kurin mi part ah. V reethi ?

    1. Psenhi says:
      September 23, 2017 at 11:52 am

      Thnkx maroon. Test othyma laskohly

  4. Adha? says:
    September 23, 2017 at 10:58 am

    Hehe? fitte ulheygothun hama aslah ves heevany suman ge mom aa hen e innan ulheny.. varah reethi mi part ves.. but thankolheh kuruhen heevey..
    Waitingss ❤❤❤❤

    1. Psenhi says:
      September 23, 2017 at 11:54 am

      Kury part thakahvure kuda thankolheh dhiguvanehen hyvany mi part 🙂 . kiyahithun kiyalyma hyvigoi kannenge

    2. Adha? says:
      September 23, 2017 at 12:46 pm

      Hehe.. aan ehenves vedhaane

  5. Ram says:
    September 23, 2017 at 11:41 am

    Wow.. v salhi.. ☺

    1. Psenhi says:
      September 23, 2017 at 11:55 am

      Thank you

  6. Zaari says:
    June 17, 2018 at 8:31 pm

    Kba nxt prt

Comments are closed.

Next Episodeލޯބި މަވީ ބޭކާރޭވީ (4)←


All Right Reserved!