އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 2
ގެއަށް އައިސް ވަނުމަށްފަހު ކޮޓަރިއަށްވަދެ ތަޅުލިއެވެ. އަދި ދޮރުގައި ލެނގިލުމަށްފަހު މާނޭވާ ލާންފެށިއެވެ.
” މާތްކަލާކޯ…. އެހެން މީހުންގެ ކިބައިން މަގޭ ހިމާޔަތްކުރަން އައި މީހާ އެހުރީ ހުރި ސިފަ.. ދެން އަޅެ އެހެން މީހުން ކިހިނެތްބާ ތިބޭނީ؟ އެހެރަ ބޮލެއް ހީވަނީ ކުރެދިގަހެއް ހެން.. މިހާރު މިއުޅޭ މީހުން އުޅޭ ގޮތެކޭ ހިތައް އަރާ…. ” ކުނޑި ކިޔަމުން ކިޔަމުން ރިޔާޒް ކޮބާތޯ ބަލާލަން ދިޔައިރު ރިޔާޒް އުޅެނީ ކޮޓަރީގައެވެ.
” އޭތް ކޮއްކޯ… މާދަމާ އެއީ ދޮންތަގެ އެންމެ ފަހު ކްލާސް އޮންނަ ރޭ…. ކޮއްކޮ ދެން ގޭގަ ފޫއްސެއް ނުވާނެއެއްނު… ކޮބާ ރިޒަލްޓް ކިހިނެތްވާނެތަ؟ ” އެނދުމަތީގައި އޮތް ބާލީސްނަގާ އެނދުމައްޗަށްލަމުން ރާޔާ ސުވާލުކުރިއެވެ. ރިޔާޒް އަލަމާރިން ދަބަހެއް ނަގަމުން ބުނެލިއެވެ..
” ދެން ފޫހިވާނީ ދޮންތަ… އަހަރެން މިއުޅެނީ ކޯހުގެ ކަމަކު ރާއްޖެ ތެރެއަށް ފުރަން… ކުޑަޔަސް ތަންތަނަށް ދެވެއެއްނު ދޮންތައަށްވުރެން ގިނައިން…. ރިޒަލްޓް ބެސްޓް ވީމަ ލިބުނު ޗާންސެއް މިއީ.. “
އެނދުން ތެދުވަމުން އަލަމާރިން ރިޔާޒްގެ އެއްޗެހިތައް ނަގައިދިނުމަށް ރާޔާ އަވަސްވެ ގަތެވެ.
” ނުވެސް ބުނޭ… މިހާރުތަ ފުރަނީ؟ “
” ހޫނ.. ދެންމެ ގުޅާފަ ބުނީ ކޮލެޖަށް އަންނާށޯ… މަހެއްހާ ދުވަސް ވާނެ.. ދޮންތަ އެކަންޏެއް ނުވާނެ.. އަހަރެންނަށް މި ޗާންސް ލިބުނުތަނާހެން އައިންތު ކައިރީ ބުނިން މިގެއަށް އަންނާށޭ…. ދޮންތަ އާއި އެކު އުޅެން… ” ރާޔާ ހުރީ ހައިރާންވެފައެވެ.
” ސާބަސް.. ކޮން އައިންތު އެއް؟ “
” އެއީ…. މަގޭ ގޮއްޔަ.. ” ރިޔާޒްގެ ޖުމުލައިން ރާޔާގެ އަނގަ ހުޅުވުނެވެ.
” އެއީ މަގޭ ގޮއްޔޭ؟ ބަލާބަލަ…. އަދި އަށާރަ އަހަރުވެސް ނުވާ ކުޑަކުޑަ ކުއްޖެކޭ މިއީ……” ރިޔާޒްގެ ގަޔަށް ބާލީސް އެއްލަމުން ރާޔާ ބުނެލިއެވެ. ރިޔާޒް ހޭންފެށިއެވެ.
” ކުޑަޔަސް ދޮންތައަށްވުރެންވެސް ބޮޑެއްނު އިސްކޮޅުންނާ ހަށިގަނޑުން… ގައިމު ހީވަނީ ފަންސަވީސް އަހަރުގެ ފިރެހެނެއްހެން ނޫންތަ؟ އޭ.. އައިންތު އެއީ މަރޮށި ކުއްޖެއް.. އޭނަވެސް އުޅެނީ މާލެ މީހެއްގެ ކައިރީގަ.. ވަރަށް ޙާލުގަ އުޅެނީ.. ދޮންތަ އޭނަ ގެންގުޅެންވީނު އަމާނާތްތެރިކަމާއި އެކު މިގޭގަ…… “
ރާޔާ ބުމަ އަރުވާލިއެވެ.
” ހޫމް.. ދަރިއަކު ލިބުނީ ދޯ މަށަށް… ބުނޭ މިގެއަށް ޗޭންޖް ވާށޭ.. އޯކޭ…. ” ރާޔާ އެހެން ބުނުމުން ރިޔާޒް އުފަލުން ރާޔާގައިގައި ބައްދާލިއެވެ.
*********************************
ފެންވަރައިގެން ނުކުމެ ރާޔާ އަލަމާރި ހުޅުވާލިއެވެ. ހެދުންތަކުގައި އަތް ލަމުން ގޮސް އޭނާގެ އަތް ހުއްޓުނީ ފެހި ކުލައިގެ ޓޮޕްގައި އަތްލުމަށްފަހުގައެވެ. އަވަސް އަވަހަށް ތައްޔާރުވާންފެށިއެވެ. ޑްރެސިންގ ޓޭބަލް ކައިރިއަށް އައިސް އަވަސް ހަރަކާތްތަކާއި އެކު ތައްޔާރުވެލުމަށްފަހު ނުކުމެ ގަޑިބަލާލިއެވެ.
އެންމެ ފަހުން ކްލާހުން އައި ރޭ ދުވަހަކުވެސް އެ ގޯޅިން ނުދާނަމޭ ހީކުރެވުނު ނަމަވެސް ކްލާހަށް ދާ ވަގުތު ކުޑަތަންވެފައި ހުރުމުން އަވަސް ކޮއްލުމަށް އެގޯޅިއަށް ވަނެވެ. މިރެއަކީ ޓެސްޓް އޮންނަ ރޭކަމުން ގަޑިއަށް ދިޔުމަށް ރާޔާ ބޭނުންވެއެވެ. އެ ހުރިހާ ދުވަހު ކުރިމަސައްކަތުގެ އިމްތިހާން އޮތީ މިރޭކަމުން އޭނާ އެދަނި އެކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އެހާ ބާރަށް ހިނގާފައި ދަނިކޮށް އައި ނައި ތަނެއް ނޭނގި ރާޔާގެ އަތުގައި އޭނާ ހިފައިފިއެވެ. ރާޔާ ހުއްޓުނެވެ. އޭނާ ހުރީ ފަހަތުގައެވެ.
” ދޫކޮއްލާ.. ” ހަރުކަށި ކަމާއި އެކު ރާޔާ ބުނެލިއެވެ.
” އެންމެ ފުރަތަމަ ރޭ ތިހާ އަޑުހަރުކޮށެއް ނޫން ވާހަކަ ދެއްކީ…. އެގޮތަށް ރީތިކޮށް ބުނެލަބަލަ.. ” އޭނާގެ ރީތި އަޑު އިވޭތީ ރާޔާއަށް އުނދަގޫވެއެވެ. އެހާ ރީތި އަޑެއްވެ ވެރިޔަކީ ފަހަތުގައި އެހުރި ގޮތެއް ނެތްފަދަ ޒުވާނާއަށް ވާކަށް ރާޔާ ބޭނުމެއް ނޫނެވެ. އެކަމަކުވެސް އެކަން ޖެހޭނީ ރާޔާ ޤަބޫލުކުރާށެވެ.
” އަހަރެން ފެނުނީމަ ދޯ ތިހާ ފޫހިވީ؟ ” އެ ސުވާލުން ރާޔާއަށް ހުއްޓުން އެރިއެވެ. އޭނާ މީގެ ކުރިން ރާޔާގެ ކިބައިން ކޯއްޗެއް ފާހަގަ ކުރީ ހެއްޔެވެ؟
” ތީނަގެ މަޑުމައިތިރިކަމުން އަދި ވާހަކަ ދެއްކުމުގައި ހުރި ލޯބިވެތި ގޮތުން އަހަންނަށް އިނގުނު ތީނަ އަހަންނާމެދު ޝައުޤުވެރިވީކަން…. އެކަމަކު އަހަންނާ ދިމާއަށް ފުރަތަމަ ބަލާލި ރޭ ތީނަގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔަތަންވެސް އަހަރެން ދުށިން… ” އެ ޖުމުލަތަކުން ރާޔާގެ ހިތަށް ތަދުވާންފެށިއެވެ.
” އަޅުގަނޑު ދޫކޮއްލާ….. ” މަޑުމަޑުން ރާޔާ ބުނެލިއެވެ.
” އެންމެ ފަހަރަކުވެސް އަހަންނާ ދިމާއަށް ބަލާލަބަލަ! ” އޭނާ އެދުނެވެ.
” ބޭނުމަކީ ކޮބާ؟ އަޅުގަނޑުމެން މިއީ ނުވެސް ދަންނަ ދެމީހުން… ނޭނގުމެއްގައި ކީއްވެ މިފަދަ ގޮތަކަށް ގާތް ގުޅުމެއް އުފައްދަން މަސައްކަތް ތިކުރަނީ؟ ” ރާޔާ އަތް ފޮޅުވާލަން މަސައްކަތްކުރިއެވެ.
” މިފަރާތް ބަލާލަބަލަ!” ވަރަށް ލޯބިގޮތަކަށް އިވުނު އެ އަޑުން ރާޔާގެ ކަންފަތް ހަތިޔާރުބަހައްޓާ އިސްޖަހައިގެން ހުރެ އޭނާއާއި ދިމާއަށް ކުރިމަތިލިއެވެ. އަދި މަޑުމަޑުން ބަލާލިއެވެ. ސިހިގެން ދިޔައެވެ. ފިނިވެގެންދިޔައެވެ. މިއީ ހަމަ އޭނާ ބާވައެވެ؟ ބޯ ވަނީ ތުނިކޮށް ކޮށާފައެވެ. ހުދުކުލައިގެ ޓީޝާޓަކާއި ކަޅު ޖީންސެއްގައި އޭނާ ހުންނަ އިރު ހާދަ ހިތްގައިމެވެ. އެ ދެލޮލުން އެ ފެންނަނީ ލޯބި ހެއްޔެވެ؟ އެ މޫނުން އެ ދައްކުވައިދެނީ ރާޔާއަށް އެދޭކަން ހެއްޔެވެ؟ ނޭނގި ނަމަވެސް އޭނާގެ އަޑަށް ރާޔާވަނީ ހިތް ދެވި ނިމިފައެވެ. އެންމެ ފަހުން އެ ސޫރަވެސް ވެގެން ދާނީ ރާޔާގެ ހިތުގެ ކާނާއަކަށް ނޫންބާވައެވެ؟ ރާޔާއަށް މަޑުމަޑުން އޭނާގެ ކައިރިއަށް ފިޔަވަޅެއް ކުރިއަށް އެޅުނެވެ. ޒުވާނާގެ ގަޔަށް ޖަހާފައިވާ މީރުވަސްދުވާ ސެންޓަކުން ރާޔާ ރޮބަޓެއްފަދައިން އޭނާ އާއި ދާދި ކައިރިއަށް ގެނުވިއެވެ.
” ބަލާބަލަ މި ދެލޮލަށް… ވަރަށް އިންތިޒާރުކޮއްފިން ބުނެވޭނެ ދުވަހަކަށް؟ ” އޭނާ ފަހަތަށް ޖެހެން ފެށިއެވެ. ރާޔާ އޭނާކައިރިއަށް ކުރިއަށް ފިޔަވަޅު އަޅަމުންދެއެވެ. އޭނާގެ ދެ ލޮލަށް ބަލަމުންނެވެ.
” ކޯއްޗެއް ބުނެވޭތޯ…. ” ރާޔާގެ ދޫ ހަރަކާތްކޮއްލިއެވެ. ސިއްރު ސިއްރުންނެވެ.
” އެ ވާހަކަ.. ” އޭނާ ގޮސް ތަތްވީ އެ އަނދިރި ގޯޅީގެ ފާރުގައެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެތަން އެހާމެ އަނދިރިއެވެ.
ރާޔާ އެޅި ފިޔަވަޅާއި އެކު ޒުވާނާގެ މޭގައި ލައްގަނެވުނެވެ. ދުރުވާން އުޅުނު ނަމަވެސް ދުރުވުމަށްވުރެން އެ މޭގައި ލައްވެ ހުރުން މާ ހިތްގައިމު ވެއްޖެއެވެ.
”ކޮންވާހަކައެއް؟ “ ސިއްރު ސިއްރުން ރާޔާ އަހާލިއެވެ.
” އައި ލަވް ޔޫ.. ” އެ އަޑު ޖެހުމާއި އެކު ރާޔާ ބޯ ހިއްލާލާ ބަލާލިއެވެ.
އަނދިރިކަމުން އޭނާގެ މޫނެއް ނުފެނެއެވެ. އެހެނަސް އެ ނޭވާއިން ހޫނުކަން ލިބޭ ވަރަކަށް ރާޔާ ފިނިވަމުން ދެއެވެ. އޭނާ ސިހިފައި ކަހަލަ ގޮތަކަށް ދުރަށް ޖެހިލުމުން އޭނާ ރާޔާގެ އަތުގައި ހިފުމަށްފަހު ކުރިއަށްވުރެންވެސް ގާތްކޮއްލިއެވެ.
” އަޅުގަނޑު….. ” ރާޔާ އެއްޗެއް ބުނަން އުޅުނު ނަމަވެސް ރާޔާގެ މޫނުގައި ފިރުމާލަމުން އޭނާ ބުނެލިއެވެ.
” ޝްޝްޝް…! އިތުރު އެއްޗެއް ނުބުނޭ ޕްލީޒް… ” އޭނާ ރާޔާގެ އުނަގަނޑުގައި ހިފާ އެ ހަށިގަނޑުގައި ޖައްސާލިއެވެ. އަވަސް އަވަހަށް ރާޔާ ދުރަށްޖެހުނެވެ. އަދި ހިނގައިގަތެވެ. އަނެއްކާވެސް އޭނާ ރާޔާގެ އަތުގައި ހިފިއެވެ،
” އަހަރެންނާ ބައްދަލު ކުރަން ބޭނުމިއްޔާ މާދަމާ ރޭ ނުވައެއް ޖަހާއިރަށް ސަލްޓަންޕާރކްގެ ދޮރުމަތީގައި ހުންނާތި! ” އޭނާ ރާޔާގެ އަތުން ދޫކޮއްލުމުން ރާޔާ ގަޑިބަލާލިއެވެ. އޭނާއަށް ރޮވުނެވެ. ގެއަށް ދިޔުމަށް ދުއްވައިގަތެވެ.
ކޮޓަރިއަށް އައިސްވަނުމާއި އެކު ރާޔާއަށް ގިސްލެވެމުން ދެއެވެ. އެ ހުރިހާ ދުވަހު ކިޔެވި ކިޔެވުން ބޭކާރުވީއެވެ. ގޮތްނޭނގޭ މީހަކަށްޓަކައި ދެވުނު އެންމެ ފަނަރަ މިނެޓްގެ ވަގުތު ކޮޅުގެ ސަބަބުން އެގްޒާމް އިން ފެއިލްވީއެވެ. ހޯލަށް ވަނުމަށް ހަމަޖެހިފައި އޮންނަ އެންމެ ފަހު ފަސްމިނިޓްގެ ބޭނުންވެސް ނުކުރެވުނީއެވެ. އިސްތަށިތަކުގެ ތެރެއަސް ދެއަތް ކޮއްޕާލުމަށްފަހު ދެލޯ މަރާ ބާރުކުރަމުން އެނދުމަތީ އިށީނުމަށްފަހު ރާޔާ ރޯންފެށިއެވެ.
” އަހަރެން ދެން ކިހިނެތް ހަދާނީ؟ އަހަރެން ބޭނުން ވަޒީފާއަކަށް ދާން.. އަހަރެންގެ ކޮއްކޮގެ އަތުން ފައިސާ ހޯދައިގެން ދިރިއުޅުމެއް އުޅޭކަށް ބޭނުމެއް ނޫން.. ނޫން.. ” ކުއްލިއަކަށް ދޮރުގައި ޓަކިޖެހުމުން އަވަސް އަވަހަށް ގޮސް ރާޔާ ދޮރުހުޅުވާލިއެވެ.
” އައިންތު… ” ރާޔާ ކޮޓަރިން ނުކުތެވެ.
” ދޮންތަ ހާދާ އަވަހަކަށް؟ ޓެސްޓް ފަސޭހަތަ؟ ” އައިންތު އެސުވާލު ކުރުމުން ރާޔާ ދެރަވެއްޖެ އެވެ.
” ގަޑިޖެހުނީމަ…. ނުވަދެވުނު… “
” ހުވާތަ؟ އަޅެ ކިހާ ދެރަ.. ދޮންތަ ދެން ދެރަނުވޭ! ފަހުން ރަނގަޅުވާނެ.. ” އައިންތު ބޭނުންވީ ރާޔާ ހަމައަކަށް އަޅުވާށެވެ.
*********************************
އެނދުގައި އޮވެގެން އިރު އިރު ކޮޅުން ރާޔާ ގަޑިބަލަމުންދެއެވެ. އައްގަޑި ބައިވަނީއެވެ.
” ހެޔޮ.. ނުދާނަން.. ” ރާޔާ މަޑުމަޑުން ބުނެލިއެވެ. ނަމަވެސް ހިތްއެދެނީ ދިޔުމަށެވެ. އޭނާ އާއި އެންމެ ފަހަރަކުވެސް ބައްދަލް ވެލުމަށެވެ. އެންމެ ފަހުން ރާޔާ ތެދުވެ ތައްޔާރުވާން ފެށިއެވެ. ލޯގަނޑު ކުރިމަތީ ހުރެގެންވެސް އަމިއްލައަށް ކުނޑި ކިޔަމުންދެއެވެ.
” ހިތައް އައިހާ އެއްޗެއް ކިޔާނަން… އޭނަ އާއި ހެދި މަށަށް ޓެސްޓަށްވެސް ނުދެވުނީ… “
” އޭ ދޮންތާ.. ކޮންތާކަށް ދާން؟ ޕާރޓީ އަކަށްތަ؟ ” އައިންތު އައިސް އެހެން ބުނުމުން ރާޔާ ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ. ލެވިފައިވަނީ އޭނާ އަތުގައި އޮންނަ އެންމެ ރީތި ހެދުމެވެ. މޭކަޕް ކުރެވިފައިވާ ގޮތުން ރީތިކަން އެތައް ގުނައަކަށް ފާޅުވެއެވެ.
” ނު .. ނޫނޭ… މިދަނީ ރައްޓެއްސެއް ކައިރިއަށް.. ކައިގެން ހުންނައްޗޭ.. ދޮންތަ އަންނާނަން ވަރަށް އަވަހަށް.. ތަޅުލައިގެން ހުންނާތި.. ” އައިންތުގެ ކޮލުގައި ހިފާލަމުން ރާޔާ ނުކުތެވެ.
***************************
އެތަނުގައިވަނީ ހަމަ ހިމޭންކަމެވެ. ލަސް ފިޔަވަޅު ތަކެއްގައި ރާޔާ އެތަނުގައި ހިނގަމުން ދެއެވެ. ދުރުދުރުގައި ޖަހާފައިވާ ބައްތިދަނޑިތަކުން ތަނަށް ވެރިވެފައިވަނީ ފަނޑު އައްޔެކެވެ. ގިނަ އަދަދަކަށް ނުވިޔަސް ކޮންމެވެސް ހިސާބަކަށް މީހުންވެސް އެބަ ތިއްބެވެ. އެކަމަކު މުޅިންވެސް ފެންނަނީ އަތުގުޅުވާލައިގެން ތިބޭ ލޯބިވެރިންނެވެ. އަވަސް އަވަހަށް ދިމާއް ދިމާލަށް ބެލެން ފެށިއެވެ. ނުވަގަޑި ދިހައެއް ވެއްޖެއެވެ. އަނެއްކާ އޭނާ ރާޔާ އާއި ސަމާސާ ކުރީ ނޫންބާވައޭ ވެސް ހިތައް އެރިއެވެ. އެހެން ގިނަ އިރު ހުންނަން ޖެހިދާނެތީ ރާޔާ ހިނގައިގަތީ ނުކުތުމަށެވެ.
” އަދިވެސް އަހަރެން ތި ސޫރަ އަށް ބަލާ ބަލާ ފޫއްސެއް ނުވެޔޭ.. ޕްލީޒް އަދި މަޑުކޮއްލަދީ… ” ކުރިމައްޗަށް އެރީ އޭނާއެވެ. ރާޔާ ފުރަގަސްދިނެވެ. އޭނާއަށް މާނޭވާލެވެމުންދެއެވެ.
” އަހަރެން މިތާ ހުންނަތާ ވަރަށް އިރުވެއްޖެ..ކުއްލިއަކަށް ޕާރކަށް އައި ޕަރީއެއް ފެނުމުން އާޝޯހް ވެފަ މިހުންނަނީ…. ކައިރިއަށް އައިސްފިނަމަ އަހަންނަށް ދޭނީ ފުރަގަސްކަން އެނގޭތީ ދުރުގަ ބަލަން ހުރީ….” އޭނާޣެ ތަޢުރީފު ބަސްތަކުން ރާޔާއަށް ހެވުނެވެ. ނަމަވެސް އޭނާ އެކަން އަންގާކަށް ބޭނުމެއް ނޫނެވެ.
” އަޅުގަނޑު ކުރިހާ މަސައްކަތް ބޭކާރުވީ… އެގްޒާމް އޮތީމަ ރޭގަ އަވަހަށް ގަޑިނުޖެހި ދާންވެގެން އެހާ ބާރަށް ދަނިކޮށް ކީއްކުރަން ހިފެހެއްޓީ؟ އެންމެ ފަހުން އަޅުގަނޑު ފެއިލްވީ.. ” އަސަރުގަދަ ގޮތަކަށް ރާޔާ ބުނެލިއެވެ. އޭނާ އަވަސް އަވަހަށް ރާޔާގެ ކުރިމައްޗަށް އެރުމަށްފަހު ބުނެލިއެވެ.
” އެންމެ ފަހަރަކުވެސް ބުނިންތަ އެގްޒާމަށޭ ދަނީ…؟ އަހަރެން ކީއްކުރަން ތިކުއްޖާގެ ކުރިމަގަށް ހުރަސް އަޅަންވީ؟ އަހަންނަށް މަޢާފްކުރޭ…އަހަންނަށް އެނގިގެން ކުރި ކަމެއްނޫން…. ” އިސްޖަހައިގެން ހުރި ރާޔާ އާއި ދާދި ގާތަށް އޭނާ ޖެހިލިއެވެ.
ރާޔާ ދިނީ ފުރަގަހެވެ. ” ކީއްކުރަން ކްލާހަށް ދާ ގަޑިގަ ދިމާކުރީ؟ މުޅިންވެސް ކްލާސް ނިންމާފަ އަންނަ ގަޑީގަ އެއްނު ދިމާވަނީ.. “
ރާޔާ ހުރީ ޝަކުވާ ކުރާ ހިތުންނެވެ.
” ޕްލީޒް… އެއީ ގަސްދަކާއި ނުލާ ކުރެވުނު ކަމެކޭ… ” އޭނާވެސް ދުލެއް ނުކުރިއެވެ.
” އެކަމަކު ހެޔޮ… އަޅުގަނޑަށް ވަރަށް އަސަރުކުރި….. ” ރާޔާ މަޑުމަޑުން ޕާރކް ތެރެއަށް ހިނގައިގަތެވެ.
” އެހެން ރޭރޭ ގޮތަށް އެރޭވެސް ކްލާސް ނިމޭގަޑީގަ ދިމާވާން މަޑުކުރިނަމައެއްނު……….. ” ބުނެވުނު އެއްޗަކާއި މެދު ވިސްނާލެވުމުން ރާޔާ ލަދުގަތެވެ. ބުނި ގޮތުން ހީވަނީ އެއީ ރާޔާވެސް ބޭނުންވާ ގޮތެވެ. އޭނާ ރާޔާގެ ކުރިމައްޗަށް އެރިއެވެ.
ރާޔާ ލަދުން މޫނުގައި އަތް އެޅުމުން އެ އަތުގައި އޭނާ ހިފާލިއެވެ. އަދި ރާޔާގެ މޫނުން އަތްނެގުމަށްފަހު ދަތްދޮޅީގައި ހިފާލަމުން އިސް އުފުލާލިއެވެ. ” މިހާރު އަހަންނަށް އެނގިއްޖެ ތިކުއްޖާ ބޭނުންވޭކަން އަހަރެން ދިމާކުރަން…. ” ރާޔާ ދެލޯ ހުޅުވާލުމަށްފަހު އަނެއްކާވެސް އިސްޖެހިއެވެ.
” އަޅުގަނޑު… “
” ނޫން… ދެން އަޅުގަނޑު ނުކިޔައްޗޭ… ނަން ބުނެބަލަ! ” އޭނާ ކުޑަކޮށް ގުދުވެލާފައި ބުނެލިއެވެ.
” ރާޔާ… ” ލަދުން ހުރެ ރާޔާ ބުނެލިއެވެ. އޭނާ ޖީބަށް އަތްޖަހާލަމުން ފުން ނޭވާއެއް ދޫކޮއްލިއެވެ.
” ރާޔާ؟….. ވަރަށް ލޯބި ނަމެއް.. އަހަރެން ކިޔާނީ ތިހެނެއް ނޫން… އެހެން މީހުން ކިޔާގޮތަށް އަހަރެން މުހާތަބް ކޮއްފިނަމަ އެހެން މީހުންނާ އެއްސަފެއްގަ އަހަރެންވެސް ހުންނާނީ ދޯ… އެއީ އެހާ ކަމުދާ ގޮތެއް ނޫން… އެހެންވީމަ ތިކުއްޖާ އާއި އެންމެ ގާތުގަ އަހަރެން ހުންނަން ބޭނުން ވާތީ އަހަރެން ކިޔާނީ ރެއިން…… ” އޭނާ ރާޔާ އާއި މޫނު ކައިރިކޮއްލިއެވެ.
” ރެއިން؟ ވިއްސާރަ؟.. އައްޗީ…. ” ރާޔާ ހޭންފެށިއެވެ. ކުއްލިއަކަށް އޭނާ ރާޔާގެ ދެކޮނޑުގައި ހިފާ ފަހަތުގައި ހުރި ގަހުގައި ލައްކޮއްލިއެވެ.
” އާނ… ރެއިން! އެއީ ވިއްސާރަ.. ވާރޭ… އެކަމަކު އަހަރެންނަށް އެއީ ވަރަށް މުހިއްމު ނަމެއް.. އެނގެން ބޭނުންތަ؟ އަހަންނަށް ފުރަތަމަ ތީނަ ފެނުނީވެސް ވިއްސާރައިގެ ތެރެއިން ތެމިގެން ދަނިކޮށް.. އަހަންނަށް ވަރަށް ރީތިވި.. އަދި އަބަދުވެސް ބުނެވޭ ތިއީ މަގޭ ހިތުގެވެސް ރެއިން އޭ.. ދެ ލޯބިވެރިޔަކު އެއްވިޔަސް ވިއްސާރަ ވެހުމުން ލޯބި އިތުރުވާނެ..އަހަރެން ބޭނުންވަނީ އަބަދުވެސް ތިހިތުން ބަނަ ވިލާގަނޑެއް ހަދާފަ ފޮނުވާލާ މިހިތަށް ވިދުވަރު ފޮނުވާލުމަށް.. އޭރުން އެއްފަހަރާ ވާރޭ އޮއްސައިގަންނާނެ… ” އޭނާގެ ރީތި އަޑުން އެދައްކާ ފޮނި ފޮނި ވާހަކަ ތަކުން ރާޔާގެ އެސްފިޔަޖެހުންވެސް މަދުވާން ފެށިއެވެ. އެ ހިނދު ކޮޅުވެސް އޭނާއަށް ބަލަން ބޭނުންވެއެވެ.
” އެހެން ވީއިރު …. ކޮންނަމެއް ކިޔަނީ؟ ” ރާޔާ މަޑުމަޑުން އެއްސެވެ. އޭނާ ރާޔާގެ ކޮނޑުން ދޫކޮއްލުމަށްފަހު ސަލާން ކޮއްލަން އަތްދިއްކޮއްލާ ފަދަ ގޮތަކަށް އަތްދިއްކޮއްލަމުން ބުނެލިއެވެ.
” މާނިޝް ” ރާޔާ އެ އަތަށް ބަލާލަމުން ސަލާން ކޮއްލިއެވެ.
” އަހަރެން ކިޔަންވީ ކީކޭ؟ ” ރާޔާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. އެވަގުތު އޭނާ ބަލާލިއެވެ.
” އަޅުގަނޑު ކިޔުން ދޫކޮއްލީތީ އުފާކުރަން… މިހާރު ހީވޭ މިއީ ގާތް ދެމީހުން ހެން… އެނީވޭސް… ލޯބިން ނަމެއް ކިޔާނީ އެހެން މީހުންނާ ތަފާތުކުރަން ބޭނުން ވިއްޔާ ދޯ.. އަހަންނަށް ރާޔާ ތަފާތު އެހެން އެންމެންނާ… އެހެންވެ ރެއިން މިކީ…. އެކަމަކު… ރެއިން އަށް އަހަރެން ތަފާތު ވިއްޔާ އެއްނު ލޯބިން އެހެން ނަމެއް ކިޔަންވާނީ..” މާނިޝް އެހެން ބުނުމުން ރާޔާގެ ހިތުގައި ވަރަށް ޚާއްސަ މަޤާމެއް މާނިޝްއަށްޓަކައި އުފެދިފައިވާކަން ރާޔާއަށް ފާހަގަ ކުރެވުނެވެ.
” ކީއްކުރަން އަހަރެންގާތު އަންނާށޭ ބުނީ؟ ” ރާޔާ އެހިއެވެ.
” އެއީ… އަހަރެން ލޯބިވެޔޭ ބުނީމަވެސް ޖަވާބެއް ނުދިނީމަ… ” މާނިޝް ވަގުތުން ޖަވާބުދިނެވެ.
” ވިސްނާލާފަ ޖަވާބެއް ދޭނަން… ” ރާޔާ ހީލަމުން ބުނެލިއެވެ. މާނިޝް ހިނިތުންވެލިއެވެ.
” ކޮންތާކުން ދިމާވާނީ؟ ” މާނިޝްއެހިއެވެ.
” ދެން….ހަމަ މިތަނުން މިގަޑީގަ މާދަމާރޭ…. ” ރާޔާ ގޭޓު ދޮރުމައްޗަށް އަރަމުން ބުނެލިއެވެ. ކާރެއް ހުއްޓުވުމަށްފަހު ރާޔާ ކާރަށް އެރި އިރުވެސް މާނިޝް ހުރީ ބަލަހައްޓައިގެންނެވެ.
ރާޔާ ދިޔަތަނުން ބޮޑު ގުރޫޕެއް ސަލްޓަންޕާރކް ދޮރުމައްޗަށް އެރިއެވެ.
” އޭ! މާއްޓޭ…. ކަލޭ ގަދަ.. މިހާރު އެ ގޮއްޔަ ސެޓް ކޮއްލިއްޔޭ ދޯ…. ” އެޑަމްގެ ޖުމުލައަށް ލޯއަޅާލީ މާނިޝްއެވެ.
” ކަޔެ ހާދަ ކަޑައޭ… އެއޮށް ސަޅި ހެއަރ ސްޓައިލްވެސް ދޫކޮއްލާފަ ޒީރޯ އަކަށް ބޯހަދާފަ … ބަލާބަލަ ލައިފަ ހުރި އެތި… އަންހެން ރަނޑުން ލާގޮތަށް ގަޔަށް ހެޔޮވަރުކޮށް …. މިގޮތަށް ބޮޑުކޮށް އެއްޗެހި ލީމައެއްނު ނައިސްވާނީ ދޯ ކެމަލް! ” އެޑަމް ކަމާލްއަށް ދޯ އެއްލިއެވެ.
” އާނ.. ބަލާބަލަ ކަޓުކަން…އަތުގަ އަޅާފަ ހުރި ޕެކިންތަކާ ކަރުގަ އޮތް ޗޭނުގަނޑުވެސް ނަގާފަ… ޗީ.. ” ކަމާލް ސިގިރޭޓޤ ދުންގަނޑު ބުރުވާލަމުން ބުނެލިއެވެ.
” މާއްޓެ.. ކަޔެ ކޮންމެ ސިފައެއްގަ ހުއްޓަސް އަހަރެމެންނާއެކު ޖައްސަން ދާންވާނެ އިނގޭ.. ” އެޑަމްބުނެލިއެވެ،
” ސާބަސް….. މަ ބޭނުން ރަނގަޅު ދިރިއުޅުމެއް އުޅެން… ތިހެން ވިޔާނުދާކޮށް އުޅެން ވިއްޔާ ކިހިނެތް ދިރިއުޅުމެއް ލިބޭނީ؟ ” މާނިޝް ބޭނުންވީ އެމީޙުންނަށް ވިސްނައިދޭށެވެ،
” އޭ… ކަލޭ ކޮން އިރަކު އަޅުވެރިވެގެން ތިއުޅެނީ؟ އަހަރެމެންނޭ އެކުއްޖާއަށް ގޮތެއް ނަހަދާ އެކުއްޖާ ކަލޭ ފޮށެން ދޫކޮއްލީ… އެންމެ ފަހުން މީނަ އޭނައާއި ހިތާވީ… ” ކަމާލް ހޭންފެށިއެވެ.
” ކެމަލް!… ޖަސްޓް… ޖަސްޓް ޝަޓް ޔޯ މައުޗް….. ” މާނިޝް ރުޅިއައިސް ހަލާކުވެއްޖެއެވެ.
” އޭ ކަލޯ.. ވަރަށް ޕޮލިސް އުޅޭ މިހިސާބުގަ… ހިނގާ ބަޗަން… މާއްޓެ މިރޭ ދޭއްޖަހާއިރު އެޑަމް މެން ގެއަށް.. ” ސޮޓީ އެހެން ބުނުމުންވެސް މާނިޝް ބަލާވެސް ނުލިއެވެ.
***************************
ގެއަށް ގޮސް ރާޔާ ވިސްނަނީއެވެ. އޭނާގެ ފިރެހެންވަންތަކަމުން އެއީ ދޫކޮއްލެވޭ ވަރުގެ މީހެއް ނޫނެވެ.
” އެކަމަކު… މާނިޝް އާއި ބެހޭ ގޮތުން އަހަންނަށް އެނގެނީ ކޯއްޗެއް؟ ނަން ފިޔަވާ އޭނަގެ އެއްވެސް އެއްޗެއް ނޭނގެ… ” ބާލީހުގައި ބައްދާލަމުން ރާޔާ ހިތާހިތާ ބުނެލިއެވެ،
************************
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Vvvvvvvv sahi mi baivx avahah up kohdhechey…plxxxxxx
oki support liben yaa adhi up kohlaa leh avas vaane.. hehehehe i mean kuraahithun mikan kureveyne dw…shaf
vrh reathi story
vrh vrh vrh reathi
thanx thnx thnx lady
🙂