“އެނގޭތަ! އެކުއްޖާ އަށް ވެސް ކިޔަނީ ހީން….. ދޮންބެ ބުނީ އެކުއްޖާ އަށް އެނގޭނޭ ދޮންބެ ބަލިކަން. އެކަމަކު ރަނގަޅީ ގޮވާލަން ވެސް ނައިއްޔާއޭ…. ދޮންބެ މިހާރު ބޭނުމެއްވެސް ނޫނޯ… ދޮންބެ ފޫހިވެޔޯ…. ދޮންބެ ބަލި ރަނގަޅުވީމަ މާއްކޮ އަށް އެހެން ދައްތަ އެއް ގެނެސްދޭނަމޯ” މަހާ ގެ ވާހަކަތައް އަހާފައި ރަޔާހީނަށް ރޮވުނީ ކީއްވެ ކަމެއް ނޭނގޭއެވެ. އޭނާ ހިތުގައި ނުފިލާ ރިހުމެއް އުފެދުނުކަން ގައިމެވެ. ނަމަވެސް މަހާ ކައިރީގައި އިނދެ އެގޮތަށް އުޅެން ނުވާނޭކަން އެނގުމުން އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި އެއްބައި ބޮއެފައި ހުރި ފެންތަށި ނަގާ ބޯންފެށީ އޭނާ އަށް ބަދަލެއް އައިކަން މަހާ އެނގުނަ ނުދިނުމަށެވެ. ކުއްލިއަކަށް ރަޔާހީން ސިހިގެން ގޮސް ކޮށިއެރީ މަހާ ބުނި އެއްޗަކުންނެވެ.
“ތީތަ އަނެއްކާ ދޮންބެގެ ހީން އަކީ” ފެންތަށި ނެގި ތަނުގައި ބަހައްޓަމުން ރަޔާހީން އަވަސްވެލީ މަހާގެ ސުވާލަށް ޖަވާބު ދިނުމަށެވެ.
“ނޫނޭ… މީ އިރުފާންބެގެ ހީން. މާއްކޮ ދޮންބެގެ ހީން އަކީ އެހެން ކުއްޖެއް ކަންނޭނގެ. އެއްނަން ކިޔާ ވަރަށް ބައިވަރު ކުދިން އުޅެއެއްނު ދޯ” ލޯތްބާއެކު ރަޔާހީން މަހާ އަށް ބުނެދެމުން ދިޔައެވެ. މަހާ އިނީ ކަޅިޖަހާވެސްނުލާ ރަޔާހީނަށް ބަލަހައްޓައިގެންނެވެ.
“އަޅާނުލާ.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ… މާއްކޮ ސުކޫލް ނޯންނަ ދުވަސްތަކުގައި ވާނެ ހީން ދައްތަ އާއި އެކު ކުޅެން އެބަޔަށް އަންނަން އެނގޭ. ދެން ދެރަނުވޭ ޕްރިންސަސް…. މާއްކޮގެ ދޮންބެ ވަރަށް އަވަހަށް ރަނގަޅުވާނެ” މަހާގެ ދެލޯ ކައިރި ލޯތްބާއެކު ފޮހެލަދެމުން ރަޔާހީން ވާހަކަދެއްކިއެވެ.
“ތެންކިއު…. މާއްކޮ މިއުޅެނީ އިންގްލިޝް ހޯމްވޯކް ވެސް ނުހެދިގެން. އަބަދުވެސް ދޮންބެ ހެލްޕް ވާނެ. މަންމި ބުނީ ކުޑަބެ ކައިރިއަށް ދާށޭ ފޮތް ހިފައިގެން. މަންމި ވެސް ބިޒީވާނޭ ދޮންބެ ބަލިވީމަ. އެކަމު ކުޑަބެގެ އިސްތަށިގަނޑު ހުންނަ ގޮތުން މާއްކޮ ވަރަށް ބިރުގަނޭ…” ރަޔާހީނަށް ހެވުނީ މަހާ އެބުނީ ކާކުގެ ވާހަކަން އެނގުމުންނެވެ.
“ހީންދައްތަ މިހުރީނު. ދޭ ފޮތް ހިފައިގެން އަންނަން” މަހާ ދުވެފައި ކޮޓަރި އާއި ދިމާލަށް ދިޔައެވެ.
މަހާ ދިޔުމުން ރަޔާހީން އެގޭ ދިމަދިމާލަށް ބަލާލިއެވެ. ތަނަވަސް ބޮޑު ގެއެކެވެ. ދެވަނަ ސިކުންތުގައި އޭނާ ވިސްނުމަކަށް ގެއްލުނީއެވެ. މަހާގެ ވާހަކަތަކުން އޭނާ ހިތަށް އަސަރުކުރީއެވެ. ނުވަތަ މަހާ ހިތުގައި ޖެހުނީމާ އޭނާ ވެސް ހިތުގައި ޖެހުނީއެވެ.
“ދެން މިކޮޅުން ގޮތެއް ނުވަންޏާ ބޭރަށް ފުރާނީ. މިކަހަލަ ބައްޔެއް އަދި ދުވަހަކު ވެސް ވިކްޔަން ނުވޭ… ދެން ނޭނގެ. ބައެއް ފަހަރު ހިތަށް އަރާ ވިކްޔަން އަމިއްލަ އަށް ރަނގަޅުވާން ބޭނުންނުވަނީއޭ ވެސް….” ކޮޓަރިން ނިކުމެގެން އައި މައިސަރާ އާއި ފީރޯޒާ ދައްކަމުން އައި ވާހަކަ ގޮނޑީގައި އިން ރަޔާހީނަށް އަޑު އިވުނެވެ.
“ހީން ވެސް އެބައިންދޯ…. ހިނގާ އެއްޗެއް ބޯލަން” މައިސަރާ އަށް ރަޔާހީން ފެނުމުން ހިތްހެޔޮ ކަމާއެކު ބުނެލިއެވެ. އެވަގުތު އެއީ ފޮތް ދަބަސް ހިފައިގެން މަހާ އެތަނަށް އައިސް ހުއްޓުނު ވަގުތެވެ.
“މިދަނީ މާއްކޮ އަށް ހޯމްވޯކް ހަދަން ހެލްޕް ވެދީފަ” އެމީހުންނަށް ބަލާލަމުން ރަޔާހީން ބުންޏެވެ. މައިސަރާ ހަލުވި ކަމާއެކު ކުރުނބާ ހަދަން ފެށުމުން ފީރޯޒާ ބަދިގެއަށް ވަދެ ފިނި އެއްޗެއް ތައްޔާރު ކުރިއެވެ. އަދި މައިސަރާ ގަނެފައި ހުރި ހެދިކާތައް މޭޒު މައްޗަށް އަރުވާލިއެވެ.
ރަޔާހީން އެތަނަށް އައުމާއެކު ހުރިހާ އެންމެން ސައިބޯންވީ ނޫންހޭ މައިސަރާ ބުންޏެވެ.
“ހީން… ދަރިފުޅު ދޭބަލަ ވިކްޔަންގެ ކޮޓަރިއަށް މި ފެންފޮދު ބަހައްޓާފައި އަންނަން. ދައްތަ މިތާ ކައިރި ފިހާރައަކަށް މިދަނީ މާއްކޮ އަށް ޕެކެޓެއް ގަނެލަން” މައިސަރާ ރަޔާހީންގެ އަތަށް ކުރުނބާ ފެންތަށި ބަހައްޓާފައި ހުރި ތަބަށް ލައިދިނެވެ. ހުރިތަނުން ގުޑިލަންވެސް ނުކެރިފަ އިރުކޮޅަކު ރަޔާހީން ހުއްޓެވެ. ބިރުގަނެފައިވާ ހިތަކާއިއެކު އެކޮޓަރި އާއި ދިމާލަށް ލަސް ފިޔަވަޅުތަކެއް އަޅަން ފެށީ ފީރޯޒާ ގޮވާލުމުންނެވެ. އޭނާގެ ހިތުގެވިންދުގެ އަޑު ހުދު އޭނާ އަށް ވެސް އިވެމުން ދިޔައެވެ. އޭނާ ފެނުމާއެކު ވިކްޔަން އޭނާ އަތުގައިހިފާ ދަމާ އެގެއިން ބޭރަށް ލާން ވެސް ފަހެއް ނުޖެހޭނެއެވެ. މައިސަރާދައްތަ ކައިރީގައި ދެކޮޅަށް އެއްޗެއް ބުނާކަށް ވެސް ނުކެރޭނެއެވެ.
އެކޮޓަރިއާއި ދިމާލަށް އޭނާ ދިޔައީ ދޫ މައްޗަށް ޝަހާދަތް ގެންނަމުންނެވެ. ބައެއް ފަހަރު ފަހަތަށް ވެސް ފިޔަވަޅު އެޅޭހެން އޭނާ އަށް ހީވޭއެވެ.
“ދަރިފުޅާ ހީން. ފައިގަ ރިއްސަނީތަ” ފީރޯޒާ އަށް އެކަން ފާހަގަކުރެވުމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“ނު…ނޫން މަންމާ… ތަށި ވެއްޓިދާނެތީ…” އަޅައަޅައިގަންނަމުން ރަޔާހީން ޖަވާބުދިނެވެ. މަހާ ވެސް ރަޔާހީނަށް ބަލަން އިނީ ހިތާމައިގެ ތަސްވީރެއް ފަދައިންނެވެ. އެ ޅަ ހިތުގައިވަނީ ކީކޭ ކަން ރަޔާހީނަށް ވިސްނޭނެ ނަމައެވެ. ނަމަވެސް މަހާ އަށް ހީލެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގޭއެވެ.
ދެލޯ މަރާ ތަގުޅި ކޮށްލަމުން ބިސްމި ކިޔުމަށްފަހު ދޮރުގައި ޓަކި ޖަހާލިއެވެ. ނަމަވެސް ދެފަހަރު ޖެހުމުން ވެސް އެތެރެއިން ޖަވާބެއް ނުލިބުނެވެ. ހާސްވެފައި ހުރި ރަޔާހީން މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ބޯދިއްކޮށްލިއެވެ. އެނދު ހުހަށް ހުރި ތަން ފެނުމުން ރަޔާހީނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އަވަސް އަވަހަށް ސައިޑްކަބަޑް މަތީގައި ތަބަށް ބެހެއްޓުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތުމާއެކު ރަޔާހީން ފައިތިލަ ހުރި ހިސާބުގައި ތަތްލެވީ ފާހާނާއިގެ ދޮރު ހުޅުވާލި އަޑަށެވެ.
“ކާކު” ކުރަކިވެފައިވާ ބަލި އަޑަކުން ވިކްޔަން އަހާލިއެވެ. އޭނާ ބޮލަށް އެނބުރުން އަރާފައި ހުންނާތީ ގިނައިރު އެނދުން ނުތެދުވެ އޮތުމަށްފަހު ފާހާނާ އަށް ވިކްޔަން ދިޔައީ ދެން ނުގޮސް ފަރުނުޖެއްސުނީމައެވެ. ނަމަވެސް މިހާރުވެސް ހީވަނީ ބޮލަށް އެނބުރުން އަރާ ތިރިއަށް ވެއްޓިދާނެ ހެންނެވެ.
“ބިރުން މޭގައި އަތް ޖައްސާލައިގެން ހުރި ރަޔާހީން ލަސްލަހުން ވިކްޔަން އާއި ކުރިމަތި ލިއެވެ. ރަޔާހީންގެ ސާފު މޫނު ވިކްޔަން އަށް ފެނުމާއެކު އެތެރެހަށީގައިވާ ހުރިހާ ލެއެއް ހީވީ ކެކިގަތް ހެންނެވެ. އޭނާގެ ބަލިކަށިވެފައިވީ ހައްޓަށް ވެސް އެނގުންވެގެން ދިޔައެވެ. މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
“ކަލޭ… ހަމަ މިހާރު މިކޮޓރިން ނިކުމޭ. މިހިސާބަށް އަންނަން ކަލެ އަށް ހިތްވަރު ލިބުނީ ކިހިނެއް؟ ވިކްޔަންގެ ވާހަކަތައް ބޭރަށް އަޑު އިވިދާނެތީ ރަޔާހީން ކަންބޮޑުވިއެވެ.
“ލިސެން ކޭވީ”……..
“ޝަޓްއަޕް” ފަހަރަކަށް ފަހު ފަހަރެއް ވިކްޔަންގެ އަޑު ބާރު ވަމުން ދިޔައެވެ. ރަޔާހީނަށް ދެލޯ ބޮޑުކޮށްގެން ވިކްޔަން އަށް ބަލަން ހުރެވުނީއެވެ.
“އަޑެއްނީވުނުތަ؟ ނިކުންނާށޭ… ކަލޭ މިގެއަށް ވެސް ދެން ވަދެގެން ނުވާނެ. އަޑުއިވިއްޖެތަ” ވިކްޔަން ރަޔާހީނަށް ފުރަގަސް ދިން އިރު ރަޔާހީނަށް ރޮވިއްޖެއެވެ. ބިރުންކަމެއް ނުވަތަ ހިތްދަތިވެގެން ކަމެއް ނޭނގއެވެ.
“ލުކް ވިކްޔަން… ސަރާދައްތަ ދިން ފެންތަށި ހިފައިގެން އަހަރެން މިތަނަށް އައީ…. އަހަރެން ފަހަރެއްގައި ވެސް………
ކުއްލިއަކަށް ރަޔާހީން ސިހުނީ އޭނާ ނުވިސްނާ ހުއްޓާ ވިކްޔަން އެފަދަ އަމަލެއް ހިންގުމުންނެވެ. ރަޔާހީން ބެހެއްޓި ފެންތަށި ހޫރާލީ ރަޔާހީންގެ ފައި ބުޑަށެވެ. ބިއްލޫރިތަށި ތަޅައިގެން އެކި ދިމާލަށް އެތިކޮޅުތައް ބުރައިގެން ދިޔުމާއެކު ކޮޓަރި ތެރޭގައި ބާރުގަދަ އަޑުފަށްގަނޑެއް ގުގުމައިގެން ދިޔައެވެ. ރަޔާހީނަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. މިފަހަރު އެއަޑު ކޮޓަރިން ބޭރަށް ނުގޮސް ނުހުންނާނެ ކަން ކަށަވަރެވެ.
ދޮރު ހުޅުވާލާފައި އެތެރެއަށް މައިސަރާ އާއި ފީރޯޒާ އެކީގައި ވަނެވެ. ފަހަތުގައި މަހާ ވެސް ފެންކަޅިވެފައި ހުއްޓެވެ. އެވަގުތު އެއީ ވިކްޔަންގެ ބޮލަށް އެނބުރުން އަރައިގެން އެނދުމައްޗަށް ތިރިވި ވަގުތެވެ. ފީރޯޒާ ފެނުމާއެކު ރަޔާހީނަށް ކެތެއް ނުކުރެވުނެވެ. ފީރޯޒާގެ ގައިގާ އޮޅުލައިގަނެވުނީ ގަނެފައި ހުރި ބިރަކުންނާއި ހިތުގައި އުފެދިފައިވި ރިހުމަކުންނެވެ. ދުވަހަކު ވެސް މީހަކު މިހާ ދަށު ދަރަޖައިގެ އަމަލެއް އޭނާ އާއި މެދު ހިންގާފައެއް ނުވޭއެވެ. އަދު އަމުދުން ތިމާގެ ހިތުން ޙާއްސަ މަޤާމެއް ދެވިފައިވާ މީހަކު މިގޮތަށް ކަންތައްކުރުމުން ހިތަށް ކެތްވާނެ ހެއްޔެވެ؟
“ކިހިނެއްވީ ހީން… ހުއްޓާލަބަލަ….” ރަޔާހީންގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގިހުރެ ވެސް ފީރޯޒާ ކޮޓަރި ތެރޭގައި ވީ ކަމެއް އޮޅުންފިލުވަން ބޭނުންވިއެވެ. ކޮޓަރި ތެރޭގައި ތަޅައިގެން ގޮސް އެކި ދިމާލަށް ބުރައިގެން ގޮސްފައި ހުރި ބިއްލޫރި ކޮޅުތައް ފެނުމުން ވީ އާދައިގެ ކަމެއް ނޫން ކަން ފީރޯޒާ އަށް ވެސް އަދި މައިސަރާ އަށް ވެސް އެނގުނެވެ.
“ދަރިފުޅާ ވިކްޔަން ކިހިނެއްވީ….” މައިސަރާ ލޯތްބާއެކު ވިކްޔަންގެ ބޮލުގައި ފިރުމާލަމުން ސުވާލު ކޮށްލިއެވެ. ވިކްޔަން އިނީ ކަކުލުގައި ދެއަތް ވިއްދައިގެން ދެއަތުން ބޮލުގައި ހިފަހައްޓާލައިގެނެވެ.
“މަށަށް އެނގޭ ވީ ކަންތައް…” ފީރޯޒާ އެހެން ބުނުމުން ރަޔާހީނަށް ހުއްޓުމެއް އައެވެ. ފީރޯޒާ އަށް އެނގުނީ ކޯއްޗެއްބާއޭ ހިތަށް އެރިއެވެ.
“އާނ ސަރާ މަށަށް އެނގޭ….. ދަރިފުޅާ ވިކްޔަން. ތި ރުޅިގަނޑު ދޫކޮށްލާފައި ރަޔާހީނަކީ ފަހަރި ކަމުގައި ދެކިބަލަ. މާކިލް ވެސް ކުރިން ރަޔާހީން ދެކެ ރުޅިއައި. އެކަމަކު މިހާރު ދޮންބެ ވެސް މާކިލް އަށް މާފުކޮށްފި. އާއިލާ ތެރޭގައި މައްސަލަ ވެސް ޖެހޭނެ…. ދަރިފުޅު ވެސް ރަޔާހީނަށް ދޮންބެދައްތަ ކިޔައިގެން އުޅުނީމަ ކިހާ އުފާވެރިވާނެ މި އާއިލާ…..” ފީރޯޒާ ދައްކަންފެށި ވާހަކައަކުން ރަޔާހީނަށް އިސްޖަހާލެވުނެވެ. އޭނާގެ ދިފާއުގައި އެއްވެސް މީހަކު ވިކްޔަން އާއި ވާހަކަދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެނީ ވިކްޔަން އޭނާ އަށް އެކުރާ ނަފްރަތަކީ އޭނާ އަށް ޙައްގު ނަފްރަތެއްކަން އޭނާ އަށް އެނގޭ ކަހަލައެވެ.
“ބުނެބަލަ ދަރިފުޅާ…. ރަޔާހީނަށް ކިޔާނަންތަ ދޮންބެދައްތަ” އަނެއްކާ ވެސް ފީރޯޒާ އަހާލިއެވެ.
ވިކްޔަން ކުއްލިއަކަށް ކައިރީގައި ހުރި އޭނާގެ މަންމަގެ އުނަގަނޑުގައި ބައްދާގަތެވެ.
“މަންމާ! ބޮއްތަ މިކިޔަނީ ކީކޭ…. ހެޔޮނުވާނެ މަންމާ އަޅުގަނޑުގެ ބޮލުގައި ވަރަށް ރިއްސާ އެބަ. އެންމެން ކައިރީގައި ބުނެބަލަ އިހަށް މިތަނުން ދާށޭ..” ރޮވިފައިވި ބަލި އަޑަކުން ވިކްޔަން ބުންޏެވެ. މައިސަރާ ބަލާލީ ފީރޯޒާ އަށެވެ.
“ދަރިފުޅު ކަންކަމާ މާބޮޑަށް ނުވިސްނާ އަރާމުކޮށްލާ…” ފީރޯޒާ އެނބުރުނު އިރު ރަޔާހީން ފެންނާކަށް ނެތެވެ.
“ހީންދައްތަ ދުވެފައި ގޮށްސި” ފީރޯޒާ ސުވާލު ނުކުރަނީސް އެތަނުގައި ހުރި މަހާ ޖަވާބު ދިނެވެ. އެއަޑު ރީތިކޮށް ވިކްޔަން އަށް އިވުނެވެ. އޭނާ ދެލޯމަރާ ތަގުޅި ކޮށްލިއެވެ. އޭނާގެ ބޮލުގައި ފިރުމަމުންދިޔަ މައިސަރާ ފަރުވާތެރިކަމާއެކު ވިކްޔަންގެ މޫނުމައްޗަށް ބަލަމުން ދިޔައެވެ. ދެލޯ ހުޅުވައިގެން މައްޗަށް ބަލަހައްޓައިގެން ވިކްޔަން އޮތްއިރު އޭނާގެ ދަރިފުޅުގެ ހާލު އޭނާ އަށް އެނގުންވިއެވެ. އޭނާ ހިތަށް އުނދަގު ކުރަމުން ދިޔަ ސުވާލުތަކުގެ ޖަވާބަކަށް ވިކްޔަންގެ ދެލޮލުގެ ވަޅަށް ޖަމާވެފައި ހުރި ކަރުނަތައް ފުދޭއެވެ.
ހިނގާދިޔަ ހާދިސާ އަށް ފަހު ރަޔާހީން ހުންނަނީ ބަސްމަދު ވެފައެވެ. އެކަމާއި އެހާ ބޮޑަށް ނުވިސްނުމަށާއި ކުރިއަށް އޮތް ތނުގައި ހުރިހާ ކަމެއް ރަނގަޅުވާނެ ކަމުގައި ބުނެ ފީރޯޒާ ވަނީ ރަޔާހީނަށް ނަޞޭޙަހްތެރިވެފައެވެ.
މެންދަމުގެ ވަގުތެވެ. އިރުފާން ކުއްލިއަކަށް ދެލޯ ހުޅުވާލީ ގަޑިއެއް ސޯނާވާ ކަހަލަ އަޑެއް އިވޭތީއެވެ. އެކޮޓަރިއަކީ ސޯނާވާ ކަހަލަ ގަޑިއެއް އޮތް ތަނެއް ވެސް ނޫނެވެ. ވީއިރު އެއިވެނީ ކޮން އަޑެއް ހެއްޔެވެ؟ އިރުފާން އެއަޑަށް ސަމާލުކަން ދެމުން ކޮޅަށް ތެދުވިއެވެ. އޭނާގެ ދެލޯ ބޮޑުވެ ބިރުގަންނަންފެށީ އޭނާގެ އަތުގައި އަޅާ ގަޑި ސައިޑްކަބަޑް މަތީގައި އޮވެ ސޯނާވާތީއެވެ. ގަޑި ނަގަން އޭނާ އަތް ކައިރިކޮށްލި ވަގުތު ގަޑި އަމިއްލަ އަށް ބާރަކަށް ތިރިއަށް ވެއްޓި މޫނުމަތި ތަޅައިގެން ދިޔައެވެ. މިރޭ ކައިރީގައި ރަޔާހީން ނެތްކަމޭ އިރުފާން ހިތަށް އެރިއެވެ. ފީރޯޒާ ބަލިވެ އުޅޭތީ އެކޮޓަރިއަށް މިރޭ ރަޔާހީން ދިޔައީ އާސިރު ވެސް ރަށުގައި ނެތީމައެވެ.
އިރުފާން ދެއަތުން މޫނުމަތި ފޮހެލުމަށްފަހު އެނދުގައި ހަމަ އިށިންތަނާ އޭނާ ދެފައިގާ ހިފާ ވަރަށް ބާރަށް ތިރިއަށް ވައްޓާލިއެވެ. ހުސް ސޯޓްކޮޅުގައި ހުރުމުން ޖައްސާފައި ހުރި އޭސީއިން އޭނާ އަށް އުނދަގުވާވަރަށް ފިނިވަމުން ދިޔައެވެ. އިރުފާން މަސައްކަތްކުރީ ކޮޓަރީގެ އަލި ތަންކޮޅެއް އަލިކޮށްލުމަށެވެ. އެކަންތައް އުނދަގުލެއް ނެތި އޭނާ އަށް ކާމިޔާބު ވެސް ވިއެވެ.
ކުރިމަތީގައި ހުރި ގަޑިއަށް އޭނާ ބަލާލީ ގަސްދުގައެއް ނޫނެވެ. ގަޑިން ދެގަޑި ތިރީސް ހިނގާފައި ހުރިއިރު ގަޑީގެ މޫނުމައްޗާއެކު ކޮޓަރި ތެރެއަށް އެފައިބަނީ ރަތް ލެއެވެ. އިރުފާން ބިރުން މުޅި ގައިން އޮށްދާ ހިއްލަމުން ދިޔައެވެ. ކުއްލިއަކަށް އިރުފާން ސިހުނީ ކަންފަތް ބުޑުން އިވުނު ނުލަފާ ހުނުމެއްގެ އަޑުންނެވެ.
ކާ…ކާކުތީ… ކީއްވެ އަހަންނަށް ތިހެން ތިހަދަނީ….އަހަރެން ދޫކޮށްލާ… އަހަރެންގެ އަނބިމީހާ އާއި އެކު އުފާވެރި ދިރިއުޅުމެއް އުޅުނަދީ… އާދޭސް މިކުރީ….” އިރުފާން ފަރާތް ފަރާތަށް އަތް އުކަމުން ވާހަކަދެއްކިއެވެ. ލޮލަށް ނުފެނުނަސް އެތަނުގެ ތެރޭގައި ރޫހާނީ ކަމެއް އުޅޭކަން އޭނާ އަށް އެނގޭއެވެ.
“ކަލޭ އެ އަމަލު ހިންގިއިރު އޭނާ ދޫކޮށްލިންތަ؟ ތިގޮތަށް އޭނަ ނުބުނޭތަ؟” އެއިވުނު އަޑަކުން އިރުފާން ބިރުން ތިރީގައި ކޮޅަށް ނުހުރެވޭވަރު ވިއެވެ.
މުޅި މީހާ ރޫރުއަޅާ ލޯމައްޗަށް އަނދިރިވާހެން ވާން ފެށިއެވެ. އިރުފާންގެ ހަޔާތުގައި ފާއިތުވެފައިވާ ދުވަސްތަކެއް އޭނާގެ ލޯ ކުރިމަތީގައި ސިފަވާން ފެށިއެވެ. އެއީ އޭނާ ހަނދާންކުރަން ބޭނުންވާ ދުވަހެއް ކަމުގައި ނުވިޔަސް އެ ރޫޙާނީ އެތީގެ ޖުމްލަތަކުން އެ ދުވަސް އިރުވީނުގެ ހަނދާނުގެ ޗާޓަށް އަމުނައިފިއެވެ.
ކުއްލިއަކަށް އިރުފާންގެ ހަށިގަނޑަށް ލޮޅުމެއް އައީ އޭނާގެ ފުރަގަސްފަރާތު ދޮރުން އަތް ވައްދާލާ ފޫޅުން ނެރުމަށްފަހު ހަށިގަނޑުގެ އަނެއް ފަރާތުން އަތް އޮޅާލައިގެން އޭނާގެ ކަނދުރާގައި ކުރަކި އަތަކުން ހިފީމައެވެ. އޭނާ އެ އަތް ނައްޓުވާލެވޭތޯ ވަރަށް މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް އެއްވެސް އެއްޗެއް އަދި އަތެއް ވެސް އޭނާ އަށް ނުފެނޭއެވެ. ނަމަވެސް އެ ކުރަކި އަތުން އޭނާ އަށް އނިޔާ ކުރަމުން ދިޔައެވެ. އޭނާ މުޅި ހަށިގަނޑު ހީވަނީ ރޫޅިދާނެ ހެންނެވެ. އަނގައިގާ ވާހަކަދައްކަން ވަރެއް ނެތެވެ. އޭނާގެ ދެލޮލުން ފައިބަނީ ވޭނީ ކަރުނައެވެ. މީތި އޭނާ ދޫކޮށްލާނީ އޭނާ މަރާލާފަ ކަންނޭނގެއެވެ.
“ނޫނޭ… އަހަރެން ކަލޭ އަދި މަރާލާކަށް ބޭނުމެއްނޫން. ކަލެއަށް ނޭނގުނަސް ކަލޭގެ ފަރާތުން ބަދަލުހިފަން އަހަރެންގެ މުޅި އާއިލާ ތިބީ ތައްޔާރަށް. އަހަރެން މިއަދު ކަލޭ ދޫކޮށްލިޔަސް މާދަމާ އަހަރެން ކަހަލަ އެތައް ސަތޭކަ އެއްޗެއް ކަލެއާއި ދިމާކުރާނެ. ކަލޭ ނުމަރާނަން. އަހަރެން ބޭނުމީ މިގޮތުގައި ކަލެއަށް އަނިޔާ ކުރަން. އޭރުން އަހަރެންގެ ހިތް ފުރޭނީ… ކަލޭ ހަމަ އެކައްޗެއް ވެސް ހިތަށް ނޭރިތަ؟ ބަލައެއީ އަހަރެންގެ ހުރިހާ ވެސް އެއްޗަކީ…. އަހަރެން އެލޯތްބަށްޓަކައި ނުކުރަނީ ކޮންކަމެއް؟ އަހަރެންގެ މުޅި އާއިލާ ދޫކޮށްލީ… އެދުވަހު އަހަރެން މި ބިމަށް ފައިބަން ލަސްވީ ހަމަ އެންމެ މިނިޓެއް. ކަލޭ އަހަރެންގެ ލޯބި ވޭނުގައި މަރާލީ…. ފަސްއަޅާ ފޮރުވީ. ކަލޭމެންގެ ކަމާ ބެހޭ ފަރާތްތަކުން ކަލެއަށް އަދަބެއް ނުދީ ދޫކޮށްލިއެއްކަމަކު އަހަރެން މަޑުން ނުހުންނާނަން……….” އިރުފާނަށް ޖެހުނީ އޭތީގެ އަޑު އަހަން މައިތިރިވެގެން ހުންނާށެވެ. އޭރުވެސް އޭނާގެ ފުރަގަސްފަރާތަށް އޭތި ބާރު ކުރަމުން ދިޔައެވެ. ފޫޅާއިއެކު އޭނާގެ ފައިން ތިރިއަށް ލޭފައިބަން ފެށިއެވެ. އިރުފާން އޭތީގެ ފަރާތުން މާފަށް އެދޭން ބޭނުންވިއެވެ. ނަމަވެސް އޭނާގެ އަނގައިގާ އެހާ ބާރެއް ނެތެވެ.
އަހަރެން ދިޔަސް މިވޭންތައް ކަލޭގެ ހަށިގަނޑުގައި އަޅާނެ. ހަނދާންކުރާތި! އަހަރެން އަދި އަންނާނަން. ކަލޭގެ ޒަވާޖީ ހަޔާތަށް ވެސް އަހަރެންގެ ބާރު ފޯރާނެ” ކުއްލިއަކަށް އިރުފާން ހަށިގަނޑަށް އެރި ލޮޅުމަކާއެކު ފާރު ބުޑަށް އޭނާ ގުޅައަކަށް ޖެހުނެވެ. އެވަގުތު އޭނާގެ އަނގައިން ވޭނީ އާޙެއްގެ އަޑު ނިކުތެވެ. އޭނާ ފިރުކެމުން ކަހަލަ ގޮތަކަށް ފާޙާނާ އަށް ވަދެ އިސްކުރު ދޫކޮށްލިއެވެ. ގައިގާ ހުރި ލޭތައް ދޮވެމުން ފެނާއި އެކު ވަމުން ދިޔައިރު އެ މަންޒަރު ބަލަން އިރުފާނަށް ފަސޭހައެއް ނުވިއެވެ. އޭނާ އަށް ރޮވެނީއެވެ. އެދުވަސް އަލުން އަނބުރާ ގެނެވޭނެނަމަ މިހާރު އެކަން އެއީ އޭނާ ނުކުރާ ކަމެއްގެ ގޮތުގައި ހަދައިފީހެވެ.
ހަށިގަނޑަށް ތަންކޮޅެއް ލުއިވިހެން ހީވުމާއެކު އިރުފާން ކޮޅަށް ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. ފާޙާނާއިގެ އެއްކަނެއްގައި އަޅުވާލާފައި އޮތް އޭނާގެ ތުވާލި މެދުހަށިން ބަނދެލައިގެން ކޮޓަރިއަށް ނިކުމެ ލޯގަނޑު ކައިރިއަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލިއެވެ. ފޫޅުގައި އަދި ފުރަގަސްފަރާތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ލިބުނަސް އޭނާގެ ހިތަށް ޒައްރެއްގެ މިންވަރަށް ވެސް ލުޔެއް ނުލިބޭއެވެ. ފޫޅުގައި ވެސް ޒަހަމެއް ފެންނަން ނެތްއިރު ފުރަގަސްފަރާތަށް ވެސް ޒަހަމެއް ހުރިހެން އޭނާ އަށް ހިއެއް ނުވޭއެވެ. ނަމަވެސް އެލުއިކަން އޭނާ އަށް އިހުސާސް ވާނީ ކިހާ އިރެއްވަންދެން ކަމެއް ނޭނގެއެވެ.
އެނދުގައި އިރުފާން ޖައްސާލިއެވެ. ނިތްމަތީގައި އަތް ބާއްވާލައިގެން އޮތްއިރު އޭނާގެ ސިކުނޑީގައި އެދުވަސްތައް ދައުރުވަމުން ދިޔައެވެ. އޭނާގެ އަނިޔާވެރި އަމަލުތަކެވެ. ކުށެއް ނެތް އަންހެނަކަށް އޭނާ ޖެއްސި ހާލެވެ. މައުސޫމް ދެފުރާނަ އޭނާގެ އަތުން ދުއްވާލި ގޮތެވެ. އެކުދިން ކުރި އާދޭހެވެ. ފެނަށް އެދި ރޮއެ ވަރެވެ. ބައްޕަގެ ހިމާޔަތަށް އެދި އާދޭސް ކުރި ވަރެވެ. އެދެކުދިން ފެނަށް އެދުމުން އެކުދިންގެ އަނގަ މަތީގައި އޭނާގެ ބޫޓުން އަޅުވާ ވިހެލި މަންޒަރެވެ. ދެކުދިން ވެސް މަރުވަމުން ދިޔައިރު އޭނާ އަށް ބަލާލި ހިތްދަތި ގޮތެވެ. ބައްޕާ އަށް ގޮވާލާފައި އަހަރެމެން ސަލާމަތް ކޮށްދޭށޭ ބުނި ގޮތެވެ.
އިރުފާން ބޯހާސްވާން ފެށިއެވެ. އޭނާ މީ ހާދަ ނުލަފާ އިންސާނެކޭ ހިތަށް އެރިއެވެ. މިހާތަނަށް ކަލާނގެ ހަޒްރަތުން އޭނާ އަށް ޢުޤޫބާތެއް ނުފޮނުއްވާ ލަސްކުރައްވައިފިއެވެ. އެކަލާނގެ ކިހާ އޯގާވަންތަ ހެއްޔެވެ؟ އިރުފާނަށް ރޮވެން ފެށިއެވެ. ކުއްލިއަކަށް އޭނާ ރަޔާހީން މަތިން ހަނދާންވިއެވެ. އޭނާގެ ކަޅު މާޒީ ރަޔާހީނަށް އެނގޭހިނދު ވާނީ ކިހިނެއް ހެއްޔެވެ؟ ޔަޤީނެވެ. ދުވަހަކު ވެސް ރަޔާހީންގެ މާފެއް އޭނާ އަށް ނުލިބޭނެއެވެ. ލިބޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އޭނާ އަށް ކުރެވިފައިވަނީ މީހެއްގެ މާފު ހޯދަން މަސައްކަތްކުރާ ވަރަށް ވުރެ ވެސް ގޯސް ލާއިންސާނީ އަމަލެކެވެ. އެކަންތައް އޭނާ އަށް ކުރެވުނީ ވެސް ރަޔާހީނަށްޓަކައެވެ. ރަޔާހީންގެ ލޯބި ހޯދުމަށްޓަކައި އޭނާ އެކަން ކުރަން ޖެހުނީއެވެ. ރަޔާހީންގެ ނަން ހިތަށް އެރުމާއެކު އޭނާ ހާސްވިއެވެ. އަނެއްކާ އޭތި ރަޔާހީނަށް ގޯނާއެއް ނުކުރާނެ ބާއެވެ. ރަޔާހީނަށް ކަމެއް ވާތަން ބަލަން ހުންނާކަށް އޭނާ އަކަށް ކެތެއް ނުވާނެއެވެ.
އިރުފާން ހިތަށް އަރަމުން ދިޔަ މިކަހަލަ އެތައް އެއްޗެއްގެ ސަބަބުން އޭނާގެ ނިދުމަށް ވެސް ހުރަސް އެޅެމުން ދިޔައެވެ. އޭނާ އަށް ނިދުނީ ހަށިގަނޑަށް އަޅަމުން ދިޔަ ވޭނަށް ލުޔެއް ލިބުމުން ފަތިސްނަމާދަށް ބަންގި ދޭން ފެށުމުންނެވެ.
މާކިލް އަށް ހޭލެވުނީ އޭނާގެ ކޮޓަރީ ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. ނިދި މޫނުގައި ހުރެ ދޮރު ހުޅުވާލިއރު ކުރިމަތީގައި ހީގަނެގެން ހުރީ އޭނާގެ ބައްޕައެވެ. މާކިލް ގެ ދެ ބުމަ ގޮށް ޖެހުނެވެ. ނަމަވެސް އޭނާ ބައްޕަ އާއި މެދު ހިތް ރަނގަޅުވެ މާފަށް އެދުނީ އެންމެން ކުރިމަތީގައެވެ. އެހެންކަމުން އެވަގުތު ބައްޕަ އަށް އެއްޗެއް ބުނެ ދެރަކޮށްލާކަށް ނުކެރުނެވެ.
“ބައްޕަތަ؟” ނިދި އަޑަކުން މާކިލް ބުންޏެވެ.
“މޯނިންގް ދަރިފުޅު. ހިނގާ ސައިބޯން. ބައްޕަ އެކަނި މީނީ. ކާފަ ވެސް ރަށުގައި ހުރީކީ ނޫން… އާދޭ
ދަތް އުނގުޅާ ހަދައިގެން” މާކިލްގެ ބުޅިކޮށް ބޯވެފައި އޮތް އިސްތަށިގަނޑުގައި އަތް ހިންގާލަމުން އިރުފާން ބުންޏެވެ.
“މިދަނީ. މާމަ ކައިރީގައި ބުނައްޗެ އަޅުގަނޑުގެ ޝަވަރޖެލް ފުޅި ގެނެސްދެއްޗޭ. ރޭގައި ގަނެގެން އައިސް އެކޮޓަރިއަށް ދިޔައީ މާމަ އަށް ފެނިލަން. ހަނދާންނެތި އެކޮޓަރީގައި ބެހެއްޓުނީ” މާކިލް އާފުރިލަމުން ދޮރު ޖެހީ އިރުފާން ބޯޖަހާލާފައި ދިޔުމުންނެވެ.
އިރުކޮޅަކުން މާކިލް ސިހުނީ ކޮޓަރީ ދޮރުގައި ދެވަނަ ފަހަރަށް ޓަކި ޖެހުމުންނެވެ. ޝަވަރޖެލް ފުޅި ލިބެންދެން އޭނާ އޮތީ އެނދުގައެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ހެނދުނަށް ފޮޅިފައިވާ މަލެއް ހެން ކުޑަ ހިނިތުންވުމެއްގައި ރަޔާހީން ހުއްޓެވެ. މާކިލް ގެ ނިދި ވެސް ފިލާ ދިޔަ ކަހަލައެވެ. ބޭއިޚްތިޔާރުގައި އޭނާ އަށް ވެސް ހީލެވުނެވެ.
“މައި ބޯއީ….. މިހާރު ދަރިފުޅު ދަތް އުނގުޅީތަ. އަވަހަށް ހިނގާ ސައިބޯން. ބައްޕަ ބުންޏަސް މީ ދަރިފުޅުގެ އާ މަންމަ އެއްނު. ހިނގާ އަވަހަށް. މަމް ބުނީމަ ވާނެ ހަރަކާތްތައް ތަންކޮޅެއް އަވަސް ކުރަން” އެކޮޓަރީގައި ހުރި ކުޑަ މޭޒުމަތީގައި ޝަވަރޖެލް ފުޅި ބަހައްޓަމުން ރަޔާހީން ވާހަކަދެއްކީ މާކިލް ކުރިމަތީގައި ހަށަން ބަނދެލައިގެން ހުރެއެވެ.
“ކިހިނެއްވީ ސަން… ބަލާބާ މިއޮށް ކޮޓަރިއެއް. ރޭގައި އެހާ ލަހުން ދޯ ގެއަށް އައީ… އެހާ އިރު ވަންދެން ކޮންތާކު އުޅުނީ” ރަޔާހީން ވާހަކަދައްކާ ގޮތުން މާކިލް ހުރީ ރުޅި އައިސް ރަތްވެފައެވެ. އިތުރަށް ރަޔާހީން އެގޮތަށް އެންމެ ބަހެއް ބުންޏަސް އޭނާ ފަޅައިގެންދާނެއެވެ.
“އަނހަ… ސަން… މީ ކިހިނެއްވެފަ ހުރި ތަނެއް… ހޫމްމްމ…. މިއެނގުނީނު ރޭގައި ކުރި ކަންތައް. ތިހެން ނޫޅެ ދަރިފުޅު އިންނަން ބޭނުން ކޮންމެ ކުއްޖެއް ގެނެސްބަލަ މިގެއަށް. މަމް ވެސް ބައްޕަ ވެސް ޤަބޫލުވާނަން” މާކިލް އައި ރުޅިމަތީގައި ހިފެހެއްޓީ ރަޔާހީންގެ އަތުގައެވެ.
“އެހެންތަ! އެހެންވިއްޔާ އަހަރެން އިންނަން ބޭނުމީ އަހަރެންގެ އާ މަމް އާ…. މައި ހޮޓް މަމް…. ހީން…. ރަޔާހީން ދެކެ އަހަރެން ލޯބިވަނީ. އަހަރެންނަށް ހީން ލިބުނުނަމަ އަހަރެންގެ ކަރުދަށުން ކަންފަތް ދަށުން މިކަހަލަ ނިޝާންތަކެއް ނުފެންނާނެ” މާކިލް ރަޔާހީންގެ އަތުގައި ހިފާ ދަމައިގަތުމާއެކު ރަޔާހީން ލުއި ފަތެއްހެން ގޮސް ތަތްލީ މާކިލްގެ މޭމަތީގައެވެ. ކިތަންމެ ގަޓުވެފައި ހުއްޓަސް ރަޔާހީންގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ރަޔާހީން ހިތް އެދެން ފެށީ އޭނާގެ އެހީތެރިޔާ އަވަހަށް އެތަނަށް ފާޅުވުމަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.





Oh wow masha allah v rythi v hot mi prtves?? when nxt prt avahah up kollachchey gud nyt luv u??❤❤❤?????????
thanks khajja. luv uu toooo… 🙂 🙂
wow v reethi mipartvess interesting ??????next part avass kohlahchey alhey hèenge ekuveriaky kaakubaa ……
vikuyan ah heenlibaynama dhw ???irufaange kalhu maazy heenah avahah angaba???hurihaa kudhin heen dheke loabivany?????hahahaaa well done dear ???????
thankyou nuxu…. vahakaiga kuriah huri bai thakun adhi engeyne. 🙂 🙂
Ushaali thi ulheny aa account eh hulhuvain dhw….???however the story is awsome??
yes Loona… thankyou dear 🙂 keep waiting 🙂
reethi.waiting for next part
thanks warah vaahaka 🙂
V salhi
thanks Shii 🙂
Varah loabi mi part ves…..?☺️
thankyou click shot 🙂
Kon irakun next part ..pls avahah up kohdhehchey ..v kiyaa hithun mihuree ..ushaa doonee you r grt ????
Vvvv