ކުރީގެ އަދަދާއި ގުޅޭ: ޒާރާ އޮށޯވެގެން އޮތްއިރުވެސް ޓީވީއިން ލަވަތައް އަންނަމުން ދިޔައެވެ. ލަވައާމެދު ނުވިސްނަން އުޅުނަސް ހަމަ ވިސްނެނީ އެއާއި މެދުގައެވެ. މިކަމާހެދި، އުނދަގޫވެގެން އެންމެފަހުން ޒާރާގެ ބޮލުގަވެސް ރިއްސަން ފެށިއެވެ.
ބޮލުގަ ރިއްސަން ފެށުމުން ޒާރާ އަނެއްކާވެސް އުޅުނީ ނިދޭތޯއެވެ. އެހެނަމަވެސް އުޅެއުޅެވެސް، ޒާރާއަށް ނިދޭގޮތެއް ނުވިއެވެ. އެހެންވެ ފޯނުނަގާފައި ޒާރާ މެސެޖްކޮށްލީ ރިޔާއަށެވެ.
” ހަމަ ތެދެއްތަ ޒާރާ؟ މަ ހިޔެއް ނުކުރަން އާހިލްއަކީ އެކަހަލަ މީހެއް ކަމަކަށް. ފިރިހެނަކަށްވެހުރެ އެހާ ފިނޑި ވާނެކަމަކަށް.. އަޅާނުލާ… އޭނަ އެދިޔައީ ޒާރާ ދެކެ ލޯބިނުވާތީ.. ޒާރާ ހިތްވަރުކުރޭ.. އާހިލްއަށްވުރެ މާ ރަގަޅު ކުއްޖެއްވެސް ޒާރާއަށް ލިބިދާނެ.. ” އާހިލް ރުޅިވިވާހަކަ ބުނުމުން ރިޔާ، ޒާރާއަށް ހިތްވަރުދިނެވެ.
” ޒާރާ އަނެއްކާ ނިދަނީތަ ؟ ދެންމެއެއްނު ތިހޭލީވެސް.. މިހާރު އެއުޅެނީ ސްކޫލްގެ ކިޔެވުން ވެސް ފެށެން.. ތިގޮތަށް އަބަދު ނިދަން އާދަ ކުރީމާ ވާނީ ކިހިނެއް؟ ޒާރާ މިފަހަރު ޖެހޭނެ ވަރަށް ކިޔަވަން.. މާލެއައިސް ތަނެއް ކުއްޔަށް ހިފައިގެން މިތިބެނީ ހަމަ މިކަމު ވިއްޔަ.. ޒާރާއަށް މަންމަ އެއޮއްވަރުން ހިތްވަރުކޮށްދިނީމަވެސް ޓޮޕްޓެންއަށް އެރޭ ވަރެއްވެސް ނުވިވިއްޔަ.. ޒާރާ ތީ ކުރީގަ ކިހާ މޮޅު ކުއްޖެއް.. ކުރީގައި މޮޅުވެފަ މިހާރު އެހާ މޮޅުނުވާތީ މީހުންވެސް ނުލާހިކު ސުވާލު ކުރޭ.. މަންމަ ބުނާނީ ކީކޭ.. މަންމަ ބުނީ އެއީ ޒާރާ އަމިއްލައަށް ހަދާގޮތެކޭ.. އަމިއްލައަށޭ ނުކިޔަވަނީ.. މީހުންނަށްވެސް އެނގޭ ޒާރާ މިހާރު ހަމަ ނުކިޔަވަނީކަންވެސް.. ގައިމު އެމީހުންނަށްވެސް ފެންނާނެއެއްނު މަންމަމެން ޒާރާއާގެން މި އުޅޭގޮތް.. ޒާރާ ކައިރީވެސް މަންމަ ބުނެފިން މަންމަމެންގެ ތިހިރީވެސް ޒާރާ އެކަންޏޭ.. ކިޔަވާށޭ.. ކިޔަވައިގެންނޭ މިހާރު އުޅެވެންއޮތީ.. ” ޒާރާ ނިދާކަމަށް ހީކޮށް މަންމަ ހުރީ ރުޅިއައިސްފައެވެ.
” ނުނިދަމޭ މަންމާ.. ” ނުނިދާކަން ޒާރާ އަންގާލިއެވެ. “ނުނިދަމޭ ބުނީމާ އެނިމުނީތަ؟ ތިހެން އޮއްވައޭ ނިދޭނީވެސް.. އަނެއްކާ މިއަދު ސައިވެސް ތިބުއީ އެހާގިނައިރުން.. އަނެއްކާވެސް ޒާރާ ކުޑައިރު މޭޒު ދޮށުގަ ގިނައިރު ނުކައި އިންނަހެން އިންނަން ފެށީދޯ؟ ކުޑައިރު އުޅޭހެން މިހާރު އުޅެންވެއްޖިއްޔާ ކޮބާ ސަލާމަތެއް؟ ” ޒާރާގެ މަންމަ ރުޅިއައިސްފައި ހުރިވަރުން އެއްޗިހިކިޔަން ފެއްޓިއެވެ.
ޒާރާގެ ހިތާމަތައް މަންމައަށް ވަނީ ސިއްރުވެފައެވެ. މަންމަ ރުޅިގަދަކަމުން ޒާރާއަށްވެސް ފަސޭހައީ އެގޮތެވެ. މަންމަގެ ކުރިމަތީ ޒާރާ އުޅެނީވެސް ދެގުނައަށް ހިތްވަރުކޮށްގެންނެވެ. ޒާރާގެ މަންމައަށް ޒާރާ އާހިލްއާ ރައްޓެހިވެފައި ރުޅިވިކަމެއްވެސް ނޭނގޭނެއެވެ. ޒާރާގެ މަންމައަށްވެސް، ޒާރާ ކުރަމުންދާ ހިތާމަތައް، އަމިއްލައަށް ދެނެގަނެވޭވަރެއް ނުވެއެވެ.
ޒާރާ މާލެ ބަދަލުވެފައި ވިސްނަމުން ދިޔައީ މަންމަ ކައިރީ އާހިލްގެ ވާހަކަ ބުނާނެ ގޮތަކާއި މެދުގައެވެ. އަބަދު އާހިލްއާ ސިއްރުން ބައްދަލު ކުރާކަށް ޒާރާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް، އެވާހަކަ ބުނަން ޒާާރާ ހިތަށް އަރުވައިގެން ހުރި ދުވަސްކޮޅު އާހިލް ރުޅިވީތާއެވެ. އެއީ އަދި އެވާހަކަ އާހިލްއާ ހިއްސާވެސް ނުކޮށްލެވި އުޅެނިކޮށެވެ. އާހިލް ރުޅިވުމުން ދެން އެވާހަކަ މަންމަ ކައިރީ ބުނުމުގެ މާބޮޑު ބޭނުމެއް އޮތްކަމަކަށް ޒާރާއަކަށް ނުފެނުނެވެ.
ސްކޫލްގެ ކިޔެވުން ފެށިއްޖެއެވެ. ޒާރާއަށް، ކްލާހަށް ވަދެވުނުއިރު، އާހިލް, އެންމެ ފަހަތު ސަފުގައި އިންތަން ޒާރާއަށް ފެނުނެވެ. އާހިލް ފެންނަ ހިސާބުގައި އިންނަން ބޭނުން ނުވާތީ ޒާރާ އިނީ ކުރީ ސަފުގައެވެ.
އެދުވަހު ކްލާހުން ދެތިން ކުދިންނާ ޒާރާ ރަހުމަތްތެރިވިއެވެ. އެކުދިންވެސްވީ އެކިރަށުގެ އެކިކުދިންނަށެވެ. އެކުދިން ވާހަކަ ދެއްކިނަމަވެސް ގިނަކުދިން އުޅެނީ ހަމަ ވާހަކަ ނުދައްކާވޭތޯއެވެ. އެކަހަލަ ކުދިންދެކެ ޒާރާވެސް ފޫހިވެއެވެ. އެހެންވެ ޒާރާވެސް އެކަމާ މާކަ ބޮޑު އަޅައެއް ނުލައެވެ.
ޒާރާ ސްކޫލަށް އައިސް އުޅޭއިރު، ޒާރާއަށް ފެންނަ ކޮންމެ ފަހަރަކުވެސް އާހިލް އުޅެނީ މަޖާ ކުރުމުގައެވެ. ކްލާހުގައި އިނދެފައި ވެސް ކޮންމެވެސް މަޖާ އެއްޗެއް ބުނާއިރަށް ހުރިހާ ކުދިން ހޭން ފަށައެވެ. އެސްކޫލްގައި އާހިލްގެ ރައްޓެހިންވެސް ވަރަށް ގިނައެވެ. އާހިލް އަަަަަބަދުވެސް ފެންނަނީ ވަރަަަަށް އުުުފަލުުުުުގައި ހުުުއްޓައެވެ.
ޒާރާގެ ހިތަށް އަރައެވެ. އާހިލް ހަމަ ދެރަވެސް ނުވަނީ ހެއްޔެވެ؟ ބައެއްފަހަރު ޒާރާ ކުރިމަތީގައިވެސް އާހިލް އަންހެން ކުދިންނާއި ސަކަރާތް ޖަހަޖަހާފައި އުޅެއެވެ. އެކަހަލަ ކޮންމެ މަންޒަރެއް ފެންނަ ކޮންމެ ފަހަރަކު ތަދުވަނީ ޒާރާގެ ހިތަށެވެ. އެކަމަކު ޒާރާވެސް ހިތްވަރުކޮށްފައި ހުންނަނީ އަބަދުވެސް ހިނިތުންވެގެންނެވެ. ޒާރާގެ ހިތުގައިވާ ހިތާމަތައް އެއްގޮތަކަށްވެސް އާހިލްއަށް ދައްކާކަށް ޒާރާ ބޭނުމެއްނޫނެވެ.
ކްލާހުގެ ގަޑިނުޖެހިގެން ޒާރާ ކްލާހުން ބޭރުގައި ހުރި ދުވަހެކެވެ. އިރުކޮޅަކުން، އާހިލް ނުކުމެގެން ދިޔައީ ޒާރާގެ ބުރަކަށީގައި ޖެހިލާފައެވެ. އެކަން ޒާރާއަށްވެސް އެނގުނީ އާހިލް ވަރަށް ދުރަށް ދިޔަފަހުންނެވެ.
” އާހިލް އަހަރެންގެ ގައިގަ މިއަދު ޖެހުނިން ދޯ..” ޒާރާއަށް ނުހުރެވިގެން, އެންމެފަހުން އާހިލް ކައިރީ އަހައިލިއެވެ. ޒާރާ ބޭނުންވީ އާހިލް ބުނާ އެއްޗެއް ބަލާށެވެ. ” ނޭނގެ.. ” އާހިލް ޖަވާބުދިނީ ކުރުކޮށް، ވަރަށް ފަރުވާކުޑަ ގޮތަކަށެވެ. ” އާނ .. އާހިލް ހަމަ މިއަދު އަހަރެންގެ ގައިގަ ޖެހުނީ ތި.. އެނގޭ ޖެހުނީ ގަސްދުގަ ކަންވެސް.. ” އާހިލް އެއްބަސް ނުވުމުން ޒާރާ ބުނެލިއެވެ.
” ދެން އެނގޭއިރު ކީއްކުރަން ތި އަހަނީ؟ ” އާހިލްގެ ވާހަކަ ހުރީ އެގޮތަށެވެ. ” އަހަރެން ހަމަ އެތާ ރީތިކޮށް ހުއްޓާ އާހިލް ކީއްކުރަން ގައިގަ ޖެހުނީ؟ އިތުރަށް ދެރަކުރަންތަ؟ ” ރުޅިއައިސްގެން ޒާރާއަށް ބުނެވުނީ ޒާރާ ބުނަން ބޭނުންނުވި ވާހަކައެވެ. އެކަމަކު އާހިލް އެއަށް އެއްވެސް ޖަވާބެއް ނުދެއެވެ. ޒާރާގެ ރުޅިގަދަވެގެންގޮސް އެންމެފަހުން ފޭސްބުކުން އާހިލް ބްލޮކްކޮށްލިއެވެ. އާހިލް ކުރިން ޒާރާދެކެ ލޯބިވާކަމާއި މެދުވެސް ޝައްކު އުފެދެން ފެށިއެވެ.
ޒާރާގެ ހިތަށް މިހާރު އަރައެވެ. ލޯބި ނުވެވުނު ނަމައެވެ. ކުރީގައި ޒާރާ އުޅުނީ ކިހާ އުފާވެރިކޮށް ހެއްޔެވެ. އެހެންނަމަވެސް އާހިލްއާ ދިމާވީވެސް ވަރަށް ލޯތްބާއި އަޅާލުމަށް ބޭނުންވެފައި ހުރި ވަގުތެއްގައެވެ. އާހިލްގެ މައްޗަށް ޒާރާގެ ހިތް އެހާ ފަސޭހައިން ލެނބުނީވެސް އެހެންވެގެން ކަމުގައި ޒާރާއަށް ގަބޫލްކުރެވެން ފެށިއެވެ. އެހެންވިއަސް ވީކަމެއް ނުވާކަމަކަށްވެސް ނުހެދޭނެތާއެވެ.
އެކަމަކު، ޒާރާއަށް ދެން ކުރެވެން ފެށިކަމަކީ ގަދަކަމުން، އާހިލް މަތިން ހަނދާން ނައްތުވަން މަސައްކަތްކުރުމެވެ. މީހުންކުރި މަތީ ވަރަށް ހިނިތުންވެގެން ޒާރާ އުޅެއެވެ. އެކަމަކު ޒާރާ ގެއަށް އައިސް އޮންނަނީ ހިތާމައިގެ ކަނޑަކަށް ގެނބިފައެވެ. ބެލެނީ ވެސް އާހިލްގެ ފޮޓޯތަކެވެ. އާހިލް އަންބުލޮކް ކޮށްލާފައި ޕްރޮފައިލްވެސް ބަލާލާފައި އަނެއްކާ އަންބުލޮކް ކޮށްލަނީއެވެ. އެހެންވެސް ދުވާލަކު އެތައްފަހަރަކު ޒާރާއަށް ހެދެއެވެ.
ޒާރާއާ އާހިލް ރުޅިވިކަން އެނގުމުން ކޮންމެ މީހަކުވެސް ޒާރާ ކައިރީ އަހާލަނީ ވީ ކިހިނެއްތޯއެވެ. އޭނައަކަށްނު އެނގޭނީ ގިނަ މީހުން ކައިރީ ޒާރާ ބުނަނީ އެހެންނެވެ.
” ޒާރާއެއް ނޫންތަ ރުޅިވީ؟ ” ދެން، މީހުން އަހާލަނީ އެހެންނެވެ. ” އާ އަހަންނެއް ނޫން.. އޭނަ..” ޒާރާ އެމީހުންނަށް ޖަވާބުދެއެވެ. ޒާރާ އެވާހަކަ ދައްކަން ބޭނުންނުވިއަސް އެހެން މީހުން ބޭނުންވަނީ އެވާހަކަ ދައްކާށެވެ. އެކަމުންވެސް ވޭން އަޅަނީ ޒާރާގެ ހިތުގައެވެ.
ޒާރާއަށް ތަންކޮޅެއް ކުރިން ސްކޫލަށް އާދެވުނު ދުވަހެކެވެ. ހުރިހާ ކުދިން ތިބީ އެކިވާހަކައިގައެވެ. އެކުވެރި ކުއްޖެއް ނުފެނުމުން ޒާރާ އެރީ ސިޑިން މައްޗަށެވެ. ވަކި ހިސާބަކަށް އެރިތަނާ އެއްލުނު ކަޅިއަކުން ނިޝާ ތިރީގައި ހުއްޓާ ފެނުނެވެ. ނިޝާއަކީ ކްލާހުގައި ޒާރާއާ ވާހަކަ ދައްކާ ކުދިންގެ ތެރެއިން އެކެކެވެ. ނިޝާވެސް ހުރީ ޒާރާއަށް ބަލަންކަމުން، ޒާރާވެސް ސިޑިމަތީ މަޑުކޮށްލާފައި ހިނިތުންވަމުން ނިިިޝާއަށް ހަަަނާ އަޅާލިއެވެ.
” ކާކުތަ އެއީ؟ ނިޝާ ދަންނަ ކުއްޖެއްތަ؟ ނިޝާގެ ކައިރީގައި ހުރެގެން ޒާރާއަށް ބަލަންހުރި ރިޝްވާން އަހައިލިއެވެ. އޭ.. އަނެއްކާ އަޅައިގަތީތަ؟ އެއީ މަ ކްލާހު ކުއްޖެއް.. ” ނިޝާއަށް ރިޝްވާން ހިތަށްއެރި އެއްޗެއް ވިސްނިގެން ބުނެލިއެވެ. ” ހުމްމް އަޅައިގަތީ.. ދެން އޭނައާ ރައްޓެހި ކޮށްދޭންވީނު..” ރިޝްވާން އެދުނެވެ. ” ސާބަހޭ.. މަށަކަށް ނުކެރޭނެ ތިހެން ބުނާކަށް.. އަދި މަ އޭނައާ ވާހަކަދައްކަން ފެށިތާވެސް މިވީ އެންމެ ހަފްތާއެއް.. ރިޝްވާންއަށް ހާދަވަރެއް ވެއްޖެއޭދޯ.. ތިހާވަރު ވަންޏާ ދޭބަލަ އަމިއްލަ އަށް ރައްޓެހި ވެލަން.. ހެހެ.. އޭނަގެ ނުތިބޭނެ އެހާ ގިނަ ރައްޓެހިންނެއްވެސް.. ” ނިޝާ ހެމުންހެމުން ބުނެލިއެވެ. އެހެންބުނެފައި ރިޝްވާން ބަހައްޓާފައި ނިޝާ ހިނގައިގަތީ ކެންޓީނާ ދިމާއަށެވެ.
ފަހުންފަހުން، ނިޝާ ޒާރާމެން ކައިރިއަށް އަންނައިރު، ބައެއްފަހަރަށް މަދުމަދުން ރިޝްވާންވެސް އާދެއެވެ. ރިޝްވާން އައިނަމަވެސް ޒާރާ، ރިޝްވާންއާ ވާހަކަދައްކައެއް ނޫޅެއެވެ. ރިޝްވާންއަކަށްވެސް ޒާރާއާ ވާހަކަދައްކާކަށް ނުކެރެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ސްކޫލް ނިންމާފައި ގެއަށް އައިސް، އޮންލައިންވިއިރު، އާ ފްރެންޑް ރިކުއެސްޓެއް އައިސްއިނެވެ. ޒާރާ ބަލާލިއިރު އެރިކުއެސްޓް ފޮނުވާފައި އިނީ ރިޝްވާންއެވެ. މާބޮޑަށް ނުވިސްނާ ޒާރާ އެރިކުއެސްޓް ގަބޫލުކުރީ ރިޝްވާންއަކީ ނިޝާގެ ރަހުމަތްތެރިއަކަށްވީތީއެވެ.
ރިޝްވާންގެ ރިކުއެސްޓް ގަބޫލުކުރިފަހުން، އޮންލައިންއިން ކޮންމެވެސް ވަރަކަށް ޒާރާ އާ ވާހަކަ ދައްކައެވެ. ޒާރާވެސް ރިޝްވާންއާ ވާހަކަ ދައްކާ ހަދައެވެ.
ރިޝްވާން ޒާރާއަށް އެގެން ފެށިފަހުން ސްކޫލްއިން ދިމާވިއަސް ޒާރާއަށް ގޮވާލައެވެ. ޒާރާވެސް ރިޝްވާން އަށް ހިނިތުންވެލާ ހަދައެވެ.
ދެން، ރިޝްވާން އުޅެންފެށިގޮތުން، ނުބުނި ނަމަވެސް، ވަރަށް އަވަހަށް ރިޝްވާންގެ ހިތުގަ އޮތް އެއްޗެއް ޒާރާ ދެނެގަތެވެ. ޒާރާ ލައިބްރެރީގައި އިނަސް ރިޝްވާންއަށް އާދެވިއްޖެނަމަ، ދާނީ ޒާރާއަށް ގޮވާލާފައި، ކޮނޑުގަވެސް ކޮއްޓާލާފައެވެ. ޒާރާ ދައްކާ ވާހަކައަށްވުރެ މާގިނަ ވާހަކަ ރިޝްވާން ދައްކައެވެ. އެއްޗެއް އެހިއަސް ބޭނުންވާވަރަށްވުރެ މާގިނަ މައުލޫމާތު، ރިޝްވާން ޒާރާއަށް ދެއެވެ. ޒާރާއަށް އެންމެ ކަމުދަނީ ރިޝްވާންގެ ހިތްހެޔޮކަމާއި ރަގަޅު މިޒާޖެވެ. އެހެނަސް ޒާރާގެ ހިތުގައި ރިޝްވާންއާމެދު އެއްވެސް ލޯތްބެއް ނުއުފެދެއެވެ.
” ޒާރާ ތަންކޮޅެއް ކުރިން އަސްލު ފެނުނޭ .. އެއްދުވަހު ޔުނިޓް ޓެސްޓް ނިންމާފައި ދަނިކޮށް.. ގޮވާލަން ހިތަށް އަރާފަވެސް ޒާރާ ރުޅިއައިސްފާނެތީ ނުކެރުން.. ” އެއްދުވަހު ޗެޓުން ވާހަކަ ދައްކަމުން ރިޝްވާން ބުނެލިއެވެ. ” އެހެންދޯ.. އަހަރެން ރިޝްވާންއެއް ނުދެކެން.. ރިޝްވާން އަހަރެންނަށް ގޮވިއަސް އަހަރެން ރުޅިއެއްނާންނާނެއެއްނު.. ނިޝާ ފްރެންޑެއްވިއްޔަ ތީ.. ” ރިޝްވާން ބުނި ދުވަސް ޒާރާ ހަނދާންވިއެވެ. އެދުވަހު ޒާރާހުރީ މީހެއްގެ ހިލަންވެސް އިހްސާސްކުރެވޭފަދަ ހާލަތަކު ނޫނެވެ. އާހިލް ކަންތައްކުރި ގޮތާމެދު ދެރަވެގެން އޭރު، ޒާރާ ހުރީ މުޅިން އެހެން ދުނިޔެއެއްގައެވެ. ޔުނިޓް ޓެސްޓްވެސް ޒާރާއަށް ހެދުނީ ރަގަޅަކަށް ނޫނެވެ. އެހެންނަމަވެސް އެވާހަކަތައް ޒާރާ ރިޝްވާންއަކަށް ނުކިޔާދެއެވެ.
” ޒާރާ އާދެބަލަ ލައިބްރެރީއަށް ކިޔަވަން.. ” ޒާރާގާތުގައި ރިޝްވާން އެދުނެވެ. ރިޝްވާން އަބަދުވެސް ކިޔަވަނީ އޭނާގެ ދެތިން އެކުވެރިންނާއެކު ލައިބްރެރީގައެވެ. ޒާރާވެސް ދާން ބޭނުންވިއަސް ސްކޫލް ނިންމާފައި ގެއަށް ދާންޖެހެއެވެ. ބަތްކާން ގެއަށް ނައިސްފިނަމަ، ކާން ހަދައިގެން ހުރެގެން މަންމަ ހުންނާނީ ރުޅިއައިސްފައެވެ. ސްކޫލް ނިންމާގޮތަށް ލައިބްރަރީގައި އެތައްއިރަކު ތިބެތިބެފައި ރިޝްވާންމެން ގިނައިން ކަނީ ސްކޫލް ކެންޓީނުންނެވެ. ނޫނީ ބޭރުންނެވެ. މަންމަ ކައިރީ އުޅޭތީ، ޒާރާ ބޭނުންގޮތެއް ހަދަން އުނދަގޫވިއެވެ. ރިޝްވާންއާއި ނިޝާވެސް އުޅެނީ ކުދިން ބަހައްޓާ ގޭގައެެވެ.
ސްކޫލް ނިންމާފައި ބައެއްދުވަސް ދުވަހު ޒާރާ ލައިބްރަރީއަށްދާން ހިތަށް އަރައެވެ. އެހެންނަމަވެސް، ދެވެން އޮންނަ ދުވަސްދުވަހުވެސް ޒާރާއަށް، ހަމަ އެންމެ ފަހު ގަޑީގައި، ދިއުން ކެންސަލްކޮށްލެވެނީއެވެ. އެއީ ކީއްވެ ކަމެއް ބުނެދޭކަށް ޒާރާއަކަށްވެސް ނޭނގުނެވެ. ޒާރާ ހަމަ ދާހިތްނުވަނީއެވެ. އެހެންނަމަވެސް ރިޝްވާން ކައިރީ އެހެން ބުނާކަށްވެސް ޒާރާއަކަށް ނުކެރުނެވެ. ޒާރާ، ރިޝްވާން ކައިރީ ބުނަނީ ނުދެވެނީ ކަމުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



I’m first ? this part ic awesome…..waiting forr the next part
vvv salhi
Mivaahakaage biruveri thaneh naadhey ekam ebaan biruverives jahaafa
Alhey wow v loabi ?? keep it up but avahah up kolladhechchey gud nyt
V salhi….aalu v kiyaa hihvaa vaahaka eh….waiting for next part…..
Vvv salhi
Alhe rishwaan aa zaara aa gulhuvahche…this part ves vrh loabi
Thanks all.
@Aisha biruveri bai adhi annane.
@Makkow lets see dho.. what happens.. 🙂
Next part kon dhuvahaku up kurany?
When is next part