Skip to content
އެސްފިޔަ

މާހާ 2

އެހެންނަމަވެސް، މާހާއަކީ އެފަދަ ކުއްޖެއް ނޫނެވެ. އޭނާ ކިތަންމެ މޮޅަސް، ބޮޑާވެރިކަމުގެ އެއްވެސް ސިފައެއް ނުހުރެއެވެ. އޭނާ، އެކުދިންވެސް ގެންގުޅެނީ ވަރަށް ގާތްކޮށްގެންނެވެ. ޝިމާޒަކީވެސް އެތަނުން ކުއްޖެކެވެ. މާހާގެ ކިލާހު އެކުވެރިއެކެވެ. މާހާ، އެކުދިންނާއި ވާހަކަދައްކައި ހީސަމާސާވެސް އެވަރަށް ކުރެއެވެ. އަދި ފިލާވަޅުވެސް ބުނެދެއެވެ. އެރީތި ސިފަ މާހާގެ ކިބައިގައި ހުރުމުގެ ސަބަބުން އެކުދިންގެ ހިތްތަކުގައިވެސް އެއްވެސް ބުރަކަމެއް މާހާއާއިމެދު ނުވެއެވެ. މާހާގެ އެކުވެރި މޮޅު އެހެން ކުދިން، އެކުދިންނާ މެދު ކަންތައްކުރާގޮތުން އޭނާގެ ހިތްވެސް ނުރުހެއެވެ. ބައެއްފަހަރު ފޫހިވެސްވެއެވެ. އެކުދިންގެ ކޮންކުށެއް އޮވެގެން ބާއޭ އޭނާގެ ހިތަށްވެސް އަރައެވެ.

………………………………..

” އޭ.. އަޑުއަހާބަލަ ..” މާހާ އެހެންބުނެލީ ތަންކޮޅެއް ބާރަށެވެ. އޭރު، މާހާގެ ގުރޫޕްގަ އުޅޭ ފިރިހެންކުދިންތައް ތިބީ އެކުދިންގެ އަމިއްލަ ވާހަކައިގައެވެ.

” ޝައިމްމެން މޮޅުނުވާނެއޭ ހިތާ ތިހެން އަޑުނާހަ އުޅޭތީއޭ ފިލާވަޅުގަ ވާގޮތްވެސް އެނޭނގެނީ.. މީހަކު އެއްޗިހިކިޔަސް އަޅާނުލާބަލަ.. މޮޅުވަން މަސައްކަތްކުރީމަ ޝައިމްމެން ވެސް މޮޅުވާނެ.. ޝައިމްމެން ހީކުރަނީ އަހަރެން މޮޅުވީމަ އަހަންނަށް ހުރިހާ އެއްޗެއް އެނގެއޭދޯ؟ އަހަންނަށް ވެސް އަސްލު ހުރިހާ އެއްޗެއް ނޭނގެއޭ.. އަހަންނަށް ނޭނގޭ އެއްޗިހި އަހަރެންވެސް ދަސްކުރަނީ.. މިސްކައިރީ އަހަނީ.. އެހެން ހެދީމައޭ މޮޅުވަނީ.. އަހަރެން މޮޅުވަނީ ކިހިނެއްކަން މިހާރު އެގިއްޖެއެއްނުދޯ. ޝައިމްމެންވެސް ނޭނގެންޏާ މިސްކައިރީ އަހާބަލަ.. އަހަންނަށް އެނގޭ އެއްޗެއްވިއްޔާ ލިބޭ ހުސްގަޑިތަކުގެ ބުނެދޭނަން.. ނިކަން މިސްއަށް ދައްކާލަބަލަ.. ޝައިމްމެންނަށްވެސް މޮޅުވެވޭކަން.. އޭރުން، ޝައިމްމެން ގޯހޭ ކިޔާފަ އެއްވެސް މީހަކު އެއްޗެއްވެސް ނުބުނާނެ ކަންނޭނގެ.. ” ޢުމުރުން ކިތަންމެ ހަގަސް، އެކުދިންގެ ސަމާލުކަން ހޯދައިގެން، ވާހަކަދައްކާނެ މޮޅު ގޮތެއް މާހާއަށް ވިސްނުނެވެ. އެކުދިންގެ އިހްސާސްތައްވެސް މާހާއަށް އެނގޭކަހަލައެވެ.

އެއީ ކިލާހުގައި އެހެން ތިބޭ ކުދިންނަށް އުނދަގޫކޮށް، ކިލާހުގައި ހުންނަ ގޮނޑިއާއި މޭޒު ފަދަ އެއްޗިހިވެސް ހަލާކުކޮށްލާ ކުދިންނެވެ. އެހެންނަމަވެސް، ކިލާހުގެ ހުރިހާ ކުދިންނާވެސް އެކުވެރިވެ އުޅޭ މާހާ، އެކުދިންނާވެސް ކޮންމެވެސް ވަރަކަށް ވާހަކަދައްކައެވެ. މާހާފަދަ މޮޅު ކުއްޖަކު އެކުދިންނާ ވާހަކަދައްކާތީ އެކުދިންވެސް އަޖައިބުވެއެވެ. ނުބުންޏަސް އުފާވެސްވެއެވެ.  އެހެން މޮޅުކުދިން ބަލަނީ އެކުދިންގެ ނުރައްކާތެރިކަމަށް ވިސްނާފައި،  ވީހައިވެސް ދުރުން އުޅެވޭތޯއެވެ. އެހެންވެ، އެހެންކުދިންނަށް ކިތަންމެ އުނދަގޫ ކުރިއަސް، އެކުދިން މާހާއަށް އުނދަގުލެއް ނުކުރެއެވެ.

މާހާއަށް އިތުބާރު ކޮށްފައި މުދައްރިސް މިފަހަރު، މާހާ އެ ގުރޫޕަށްލީވެސް އެކުދިންގެ ނަތީޖާ ރަނގަޅު ކުރުވުމުގެ ނިޔަތުގައެވެ. އެކަން ހަމަ ރަނގަޅަށް އެނގިހުރެ، މާހާވެސް މިސްގެ އެރޭވުންތައް، އެކުދިންނަށް ސިއްރުކުރިއެވެ. އެކުލާހުގެ މުދައްރިސަށްވެސް، މާހާގެ ހުންނަ ރަނގަޅު މިޒާޖާއި، ވިސްނުންތެރިކަން އެނގެއެވެ.

………………………………….

އެއީ ޓާމުގެ ނަތީޖާ ލިބުނު ދުވަހެވެ.

” މާހާ .. މިއަދު މިސްވަރަށް އުފާވެއްޖެ.. އެކުދިންގެ ނަތީޖާ މިސް ހީކުރިވަރަށްވުރެވެސް ރަނގަޅު.. އަދި އެކުދިންގެ ނަތީޖާ އެހާ ރަނގަޅުވީމަ މިކިލާހުގެ ނަތީޖާ މިފަހަރު މި ގްރޭޑުން އެންމެ މަތީވެސް.. ” ޝައިމް މެންފަދަ ކުދިންތަކެއްގެ ނަތީޖާ ހީކުރިވަރަށްވުރެ ވެސް މަތިވެފައި ހުރުމުން، އައިޝާ މުދައްރިސްވެސް ހުރީ ކޮންމެވެސް ވަރަކަށް އަޖާއިބުވާގޮތް ވެފައެވެ.

…………………………………..

ހުކުރުދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. މަދަރްސާގެ ޤްރުޢާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވި މާހާއަށް އޭނާގެ ޢުމުރުފުރާއިން ބަލައިގެންކިޔެވުމުގެ ބައިން 1 ވަނަ ލިބުނެވެ. އެޢުމުރުފުރާގެ ހިތުންކިޔަވާ ބައިގެ 1 ވަނަ ލިބުނީ މާހާގެ ކިލާހާ ޖެހިގެން ހުރި ކިލާހުގެ ރީނާއަށެވެ. ދެމީހުންނަށްވެސް ލިބުނީ ދެގޮތަށް ފަރުމާކޮށްހަދާފައި ހުރި ތައްޓެވެ.

އެ ފަދަ ވާދައިގެ ތައްޓެއް ލިބުމަށް އަބަދުވެސް ބޭނުންވެފައި ހުއްޓައި، އެތަށި ލިބުމުން މާހާވެސް ވަރަށް އުފާވިއެވެ. އެކި މުބާރާތްތަކުގަ ބައިވެރިވެގެން 1 ވަނަވެސް ލިބިފަ ހުރި މާހާއަށް ދުވަހަކުވެސް މިފަދަ ތައްޓެއް ކުރިން ލިބިފައެއްނުވެއެވެ. އެކަން އެގޮތަށް ވަނީ އެމުބާރާތްތައް އިންތިޒާމްކުރާ ފަރާތްތަކުން  1 ވަނައަށް ދާ ފަރާތަށް ވާދައިގެ ތައްޓެއް ދިނުމުގެ ބަދަލުގައި އެހެން އިނާމެއް ކަނޑައަޅައިފާ ވާތީއެވެ.

އެހެންކަމުން، ލިބުނު މިއުފާވެރިކަމުގައި، މާހާއަށް ލިބުނު ވާދައިގެ ތަށި އޭނާގެ ގަޔާއި ކައިރި ކޮށްލިއެވެ. މާހާގެ ރީތި، ކުޑަކުޑަ ވަށް މޫނުންނާއި، އޭނާގެ ހަރަކާތްތަކުންވެސް ލިބިފަ ހުރި އުފާވެރިކަން ދޭހަވޭވެ ހުއްޓެވެ.

…………………………………

” މާހާއަށް ލިބިފަ ހުރި ވާދައިގެ ތައްޓަށްވުރެ، މިތަށި ހުރިގޮތް މާރީތި… ” ޝަރާ އެހެން ބުނެލީ އޭނާގެ ކައިރީ ހުރި ރީނާގެ ތައްޓަށް ބަލާލާފައެވެ. އެހެންބުނުމާއެކު ރީނާއަށް ލިބިފަ ހުރި ތައްޓަށް މާހާއަށް ނަޒަރު ހިންގައިލެވުނެވެ. އެވަގުތު، ރީނާ އަށް ލިބިފަ ހުރި ތަށި މާރީތިހެންވެސް މާހާއަށް ހީވިއެވެ.

” އެއީ ދޮގެއް.. އެވާހަކަ ޤަބޫލް ނުކުރައްޗޭ.. އިނގޭ.. އެތަށްޓަށްވުރެ، މާހާގެ މާތަށި އަހަރެމެންނަށް، މާރީތި.. ” ޝަރާގެ މަޤްސަދު ވިސްނެފައި ހުރި، ޒާރާ އެވަގުތު ބުނެލިއެވެ. އޭރު، މާހާގެ ކައިރީ ހުރި ޒާރާއާއެކު، މާހާގެ އެކުވެރި، އެހެން ދެކުދިންވެސް ތިއްބެވެ.

ޒާރާ އެހެން ބުނުމުން، އެއްޗެއް ނުބުނެ ހުއްޓަސް، އެންމެ ރީތީ އޭނަގެ ތަށިކަން އެނގުމުން، މާހާ އުފާވިއެވެ. މާހާއާއެކީ އުޅޭ މިކުދިން، މާހާ އުފާކޮށްލައިދެނީ މިފަދަ ގޮތަކަށެވެ. އަބަދާއި އަބަދު ބޮޑާވެފައި ތިބޭ، މާހާގެ މޮޅު އެކުވެރި ކުދިންނަށް،  މާހާއަށް މި ލިބޭ ފަދަ ކުދިކުދި އުފާތަކެއް އިހްސާސް ކޮށްލަންވެސް ނުލިބެއެވެ.

” ހުއްއް.. އެއްކަލަ މީހުންތައް އައީދޯ.. ވަރަށް ފޫހިވޭ… މިތަނުން އަވަހަށް ދާން ހިނގާ ރީނާ… ” މާހާގެ މޫނުމަތީގަ ހުރި އުފާވެރިކަން ފެނިފަ، ހިތުގައި ހިގައިގަތް ހަސަދަވެރިކަމަކުން، މާހާ ދެރަކޮށްލަން އުޅުނު ރީނާގެ އެކުވެރި ޝަރާއަށް، އެކަން ވާގޮތްނުވިއެވެ. އެހެންވެ، ރީނާގެ އަތުގަ ހިފައިގެން ދުރަށް ދާން ހިނގައިގަތެވެ. އަދި ޒާރާފަދަ ދަށް ނަތީޖާ ލިބޭ ކުދިންތަކެއް އެތަނަށް އައުމުން ހިތަށް ބޮޑާކަންވެސް ވެރިވެގަތެވެ.

…………………………………

” އޭ.. މާހާ.. ދެން އޮތް ގަޑިއަށް ނުދާނަންތަ؟ އެއޮއް ގަޑި ހަމަވަނީ.. ”

އެއާއެކު މާޒީގެ ފުން ޚިޔާލުތަކަކަށް ގެނބިފައި އިން މާހާ ސިހުނެވެ. އޭރު، އަތުގަ އޮތް ގަޑިއަށް ބަލަބަލާ ހުރި ޝަބާނާ، މާހާގެ ކައިރީ ހުއްޓެވެ.

” ނޫނޭ.. ހިނގާ ދޯ އަވަހަށް ދާން..  ” އެއީ ކޮންފަދަ އުފާވެރި ޒަމާނެއްތާއޭ ހިތަށް އަރުވަމުން މާހާވެސް ޝަބާނާ ކައިރީ އެހެން ބުނެފައި، އަވަހަށް އޭނާގެ ފޮތްތައް ދަބަހަށް އެޅިއެވެ.

…………………………………..

” އޯ.. ނޯ.. މާހާ.. އަހަރެން ތިރިއަށް ގޮއްސަ އެބަ އަންނަން އިނގޭ ވަރަށް އަވަހަށް.. މިސް އޮތޭ މަށަށް މެސެޖް ކޮށްފަ.. ކުރީ ދުވަހު އިތުރު ގަޑިއަށް ނުދެވޭތީ ފިލާވަޅުތައް ނެތޭ ބުނީމަ ބުނީ ބަލާއަންނާށޯ މިއަދު.. އަދި 7 މިނެޓް އެބައިނެއްނު ދޯ؟ ގަޑި ހަމަވަންވާއިރަށް މަ އަންނާނަން..  އެ މިސް އެބަހުރި އެތާ ތިރީގަ ސިޑި ކައިރީ.. މަށަށް ދެންމެ ފެނިއްޖެ  އެތާ ހުއްޓަ.. ” އެހެން ބުނަމުން ޝަބާނާ، ސިޑިން  ތިރިއަށް ފޭބިއެވެ.

” އާނ.. ގަޑި ހަމަވާންވާއިރަށް އަވަހަށް އަންނައްޗޭ.. ” ޝަބާނާއަށް ހިނިތުންވެލަމުން މާހާވެސް ބުނެލިއެވެ.

ޝަބާނާ ދިއުމުން މާހާ މުޅިން އެކަނިވިއެވެ. މަދަރްސާގައި ހުރި އެކި އެކިތަންތަނަށް މާހާ،  އޭނާގެ ނަޒަރު ހިންގަމުން ދިޔައެވެ. އެވަގުތު މަދަރްސާގައި ހައްދާފައި ހުރި ރީތި ގަސްތަކާއި ޖެހޭ ފިނި ވައިރޯޅީގެ ސަބަބުން މާހާގެ ހިތަށް ކޮންމެވެސް ހިތްހަމަ ޖެހުމެއް ލިބޭގޮތްވިއެވެ.

…………………………………….

އެހެންނަމަވެސް އެވަގުތު، ކިލާހުން ނިކުމެގެން ހިނގާފައި ޝާންއާއެކު އައި ޒާހިލް ފެނިފައި، އަވަސްއަވަހަށް މާހާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރާލީ އެދިމާއަށް ނުބަލަންވެގެންނެވެ.

އެއީ އޭނާއަށް ހީވިގޮތް ހެއްޔެވެ؟ ނޫނެކެވެ. ޝާންއާއެކު ދިޔަ ޒާހިލް އެދިޔައީ ހަމަ ރަނގަޅަށްވެސް އޭނާގެ ގައިގައި ޖެހިގަނެފައެވެ. އަސްލު ދިޔައީ ކޭއްތިގަނެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދެންމެއަކު، ޝަބާނާ ތިރިއަށް ފޭބި ސިޑިން ލާފައި ޝާންއާ އި ޒާހިލްވެސް ފޭބީ ހަމަ ތިރިއަށެވެ. އެވަގުތު، އެމީހުން، ސިޑިން ފައިބައިގެން ދިޔަކަންވެސް، ކޮންމެވެސް ގޮތަކަށް މާހާއަށް އެގުނެވެ.

އެހެން ހަދާފައި ޒާހިލް ދިޔައީ މާހާއާ ދިމަ ބަލާވެސް ނުލައެވެ. އެހެންވެ، އެކަމުން ކޮންމެވެސް އަސަރުތަކެއް ކުރުމުން، މާހާ އަނެއްކާވެސް ގެނބިގެން ދިޔައީ މާޒީގެ ފުންޚިޔާލުތަކަކަށެވެ.

……………………………………

” ހެހެހެހެ. ” ޒާހިލް ވަރަށް ބާރަށް ހޭންފެއްޓިއެވެ. މާހާގެ ތުންފަތަށް ކަމަށް އުޅެފައި އެންމެފަހުން ޒާހިލްއަށް ބޮސްދެވޭގޮތްވީ މާހާގެ ދަތްދޮޅިއަށެވެ. އެހެންހަދާފައި ޒާހިލް ހޭންފެށުމުން، މާހާއަށް، ލަދުންގޮސް ޒާހިލްގެ ކޮނޑުގައި މޫނުފޮރުވާލެވުނެވެ.

” އަހަރެން ލަދުގަންނަވާލަން ލިބޭ އެންމެ ފުރުސަތެއްވެސް މި ޒާހިލްގަނޑު ދުލެއް ނުކުރާނެ..” މާހާ ހިތާހިތާ ކިޔައިލިއެވެ. މާހާ ވަރަށް ބޮޑަށް ލަދުގެންފިކަން ޒާހިލްއަށް އެނގުމުން ހުނުން ހުއްޓާލާފައި މާހާގެ ގައިގައި ބައްދާލިއެވެ.

ޒާހިލް، ބައްދާލުމުން މާހާއަށް އިހްސާސްވީ އެހެންޏާ ނުލިބޭފަދަ ރައްކާތެރިކަމެކެވެ. އެގޮތަށް މުޅި ޢުމުރަށްވެސް ހުންނަން މާހާ ބޭނުންވިއެވެ.

” ހިނގާ ދާން ދޯ.. އިރުއޮއްސެން އުޅެނީ.. ” އިރުއޮއްސެންވާއިރަށް މާހާއަށް ގެއަށް ނުވަދެވިއްޖެނަމަ، މާހާދެކެ އޭނާގެ މަންމަ ރުޅިއަންނާނެކަން ޒާހިލްއަށް އެނގެއެވެ. އެހެންވެ، މާހާގެ އަތުގައި ހިފާލައިގެން ޒާހިލް، ގަސްތަކުގެ ތެރެއިން ނުކުތެވެ.

ޒާހިލްމެން ނިކުތްއިރު، ގޮނޑުދޮށުގެ ތަންކޮޅެއް ދުރުގައި ހުރިގަސްތަކެއްގެ ކައިރީ ހުރި ރުއްބުޑެއް މަތީގައި ޒުލްފާ އިށީނދެލައިގެން އިނެވެ.  “ޒުލްފާ..” ޒާހިލް ހަނާއަޅާލަމުން ޒުލްފާއަށް ގޮވައިލިއެވެ. ޒާހިލް ގޮވަންފެށުމުން ޒުލްފާ އައިސް އެމީހުންގެ ކައިރިއަށް އައިސް ހުއްޓުނެވެ. ” އޭ.. ޒުލްފާ.. މުޅިން ސަކަރާތޭ.. މީ މަށާ މީޓްކުރަން ގެންނަވަރުގެ މީހެއް ނޫން.. މި މާހާ ވާހަކައެއްނުދައްކައޭ.. ” ކައިރީގައި ހުރި މާހާއަށް އިނގިލިން އިޝާރާތްކޮއްފައި ޒާހިލް ބުނެލިއެވެ.

” އޭ ތެދެއްތަ މާހާ ؟.. ” ޒުލްފާ، މާހާއަށް ބަލައިލިއެވެ. އަނެއްކާވެސް ލަދުންގޮސް މާހާގެ މޫނު ރަތްވެގެންދިޔައެވެ. މާހާގެ މޫނުމައްޗަށް އެރި ކުލަވަރުތައް ބަލަން ޒުލްފާއާއި ޒާހިލް ހެވިފައި ތިއްބެވެ.

”  އޭ.. ޒާހިލް.. މަ މިއޮއްގެންދަނީ.. ” ކުއްލިއަކަށް، މާހާ އައިސް ޒުލްފާގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށްގެންދަން ފެށުމުން، ޒުލްފާ އެހެން ބުނެލީ ޒާހިލަށް އިއްވަންވެގެންނެވެ. ” އަހަރެން އެހެން ބުނީމަ މާހާ ލަދުގަތީދޯ.. ” ޒާހިލްވެސް އެހެން ބުނެލީ މާހާމެންނަށް އަޑުއިވޭވަރަށް ބާރަށެވެ. އެއާއެކު ޒާހިލްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއްވެސް ވެރިވިއެވެ.

” އޭނައާއި އެއްބައިވާން، ޒުލްފާ ތީ އޭނަގެ ރައްޓެއްސެއްތަ..؟ ނޫނީ މަގޭ ރައްޓެއްސެއްތަ؟ ” ޒާހިލްއަށް އަޑުނީވޭ ހިސާބަށް، ދުރަށް އާދެވުމުން މާހާ ސުވާލުކޮށްލިއެވެ. ” އެހެންނެއްނު ވާނީ.. މާހާ އޭނައާ ވާހަކައެއް ނުދައްކާ ވިއްޔަ.. ” ޒުލްފާވެސް ދުލެއްނުކުރިއެވެ. ” ޒާހިލް، އަހަރެން ލަދުގަންނަވާވަރުންނޭ އެހެންވަނީވެސް. ދެންމެވެސް.. އަސްލު ވާހަކަދައްކަން ބޭނުންވެއޭ މަވެސް.. އެކަމަކު ޒާހިލް ފެންނައިރަށް ބަސްހުއްޓެނީއޭ.. ” މާހާ ހާމަކުރީ ހަޤީޤަތެވެ.

“ހުމްމް.. މިއީ ދޯ މިވާ ކަމަކީ.. ވަރެއްގެ ލޯތްބެއްތާދޯ.. ހެހެ.. ” ޒުލްފާ ގާތަށް ހިނިއައެވެ. ” ހުމްމް.. އެނގޭތަ އަހަރެން އޭނަދެކެ އެހާ ލޯބިވަނީ ކީއްވެގެންކަން ؟ ” މާހާ ސުވާލުކޮށްލިއެވެ. ” އުނހު.. ނޭނގޭ.. ” ޒުލްފާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Swty

    Varah reethi waiting 4 the nxt part

    1. Rose Mallow
      Swty

      Thanks dear.. 🙂

    2. Rose Mallow
      Swty

      veehai ves avahah *

  2. shafu

    vv reethi…. waiting for next part

  3. Thannu

    Ehves reecheh nun… kyhkuran dhogu hadhan v dhw? Foohivegen indhe kiyaalin ekam

    1. Rosella
      Thannu

      Aharen ves ebbas!!

  4. Nas

    Mee kon kahala vaahaka eh.. get eh nuvi.. ehfaharu maaha kuda vaane.. thankolheh hama jehey gothakah liyebala

    1. Mash
      Nas

      Nas aa aharen ehbass kiyaa nimun iru vx get eh nvi

  5. Liu

    Aslu ves vaanuvaa hama.fahun adhi vaaneA gothen neygea dhw .waitin next part

  6. Rose Mallow

    Alhe ehntha … Mivaahaka feshi gothun kiyaa gina kudhin foohi vejje dho. Maahaa ge vahakaiga aslu vanee kihineh kan egeynee part akah fahu part eh kyma.. ekamaku baeh kudhin foohi ves vejje dho. mi feshunu gothun.. ekamaku thihen bunelaa khiyaalu faalhu kohlyma ufaavejje 🙂
    Mon and wed ga genesdhen rose buny just for this week ingey.. but hama veehai ves up kohdheveytho balaanan. Mivaahaka genesdheynan 🙂

  7. Rose Mallow

    Nd bunelan beynun vany maahaa kudairun feshigenn bodu vumaai hisaabah mi vaahaka thah e annany e order inney.. ehnveema part akah fahu part kiyaa kudhinnah vahakaige vaa goi rangalhah ingeyne 🙂

  8. shavin

    aslu vvvv salhi…..thankolheh funkoh visnyma vanuvaa ingeyy ….hyvey vvv salhi vaanehen….when next part up kurany???

  9. nuz

    wow haadha reethi story ekay v kiyaa hithun meeny?????

  10. Rose Mallow

    Then next week ga. Mivaahaka kiya huriha kudhin mivahaka share kurachey ingey..fun koh visnyma egey dhoa mihen mibunanee keevvekan. thanks all 🙂

  11. Rifa

    Varah reethi
    Waiting next part

Comments are closed.