Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (3)

Psenhi Level 410 Stories100 Comments100 Login
May 1, 2017 6 Mins Read
12 Comments

ވަރަށް ގިނައިރު ވަންދެން ތެތް އެއްޗެއްސާއިއެކު ފެންޖަހާ ކުލަޖެހުމުގާ އަހަރެމެން ފުރާގެ ދެތިން ކުއްޖަކާއި ބައިވެރިވެގެން އަހަރެންވެސްއުޅުނީމެވެ. މެންދުރުވާން ގާތްވުމުން ހައްވަދައިތަމެންގެއާއި ދިމާއަށް އެނބުރި ދިޔައީ ތެތްބާލާ ފެންވަރައިގެން ބަދިގެއަށް ވަންނާށެވެ. ދިޔަ މަގުމަތީވެސް ދެޖިންސުގެ ޒުވާނުން ފެން ޖަހާ ކުލަ އުނގުޅާ މަންޒަރު ފެންނަމުން ދިޔައެވެ. ނަމަވެސް މޫނުގައި ރެއިންބޯ ފުއް ޖަހައިގެން ފެންކުލައިން ފެންވަރައިގެން ހުރުމުންހެން ހީވެއެވެ. އަހަރެންގެ ގައިގާ އިތުރަށް ކުލަކޮޅެއް އުނގުޅާލާނެ މީހަކު ނުވިއެވެ.

މެންދުރުގެ ކެއުމަށް މަންމަމެންގެ ރައްޓެހިންނާއި އަހަރެން ދަންނަ ބައެއް ކުދިންގެ ގޭގެއިން ބަލާ ފޮނުވިއެވެ. ތަފާތު ނަންނަން ކިޔާ ބަތާއި އެކި ވައްތަރުގެ ރިހައާއި މީރު އެކި ބާވަތް ބާވަތުގެ ކާތަކެތިން އެއިން ކޮންމެ ގެއެއްގެ މޭޒުމަތި ފުރާލާފާވީއިރު އަހަންނަށް ކެވުނީ ވަރަށް ކުޑަކޮށެވެ. ގިނަ ގޭގެއިން ފޮނި އެއްޗެތި ނުވަތަ ކޮންމެސް ވައްތަރެއްގެ ޝަރުބަތެއް ބޯލެވޭތޯ ބެލީ އެމީހުން ދިން ދައުވަތު ޤަބޫލް ކުރުމުގެ ގޮތުންނެވެ.

ހަވީރު ދަނޑިޖެހުން އޮންނާނެކަމަށް ބުނެ މަންމަމެން އަޞްރު ނަމާދުކޮށްގެން ސައިބޮއިގެން އަވަހަށް އަތިރިމައްޗަށް ނިކުމެއްޖެއެވެ. ދަނޑިއަކީ އަހަރެން މާ ފޯރި ހުންނަ އެއްޗެއް ނޫންކަމުން ޝެލީއާއި ދެކުދިން ރީތިވެގެން ގެއިން ނިކުތީ ވަރަށް ލަހުންނެވެ.

އަހަރެންލީ ޢީދު ދުވަހަށް ޚާއްޞަކޮށް ބައްޕަ މާލެ ދިޔަ ދަތުރު ގެނެސްދިން ދަނބު ކުރުތާއާއި ހުދު ޖީންސެވެ. ކަނދުރާއާއި ހަމައަށް ކޮށާލާފައި އޮންނަ އަހަރެންގެ ފަން އިސްތަށިކޮޅުގާ ދަނބު ބޭންޑެއް އަޅާ ފަހަތައް ދޫކޮށްލީމެވެ. މޫނާއި އެއްކުލަވާނެހެން ފުއްޖަހާލުމަށްފަހު ލޮލުގާ މަސްކަރަ ޖައްސާލީމެވެ. ތުންފަތުގާ ޖައްސާލީ އަހަރެންނަށް އެންމެ ކަމުދާ ގަދަ ރަތް ކުލައިގެ ލިޕްސްޓިކެވެ. އަރައިގެންހުރީ ކަޅާއި ހުދު އެކުލެވިގެންވާ އުސް ބޫޓަކަށެވެ.

“މިއަދު ހާދަ ރީއްޗޭ! ޔަޤީން މިއުޅޭ ފިރިހެންކުދިން އެހެން ދިމާއެއް ނުބަލާނެ!” ގެއިން ނިކުންނަމުން ޝެލީ ބުނެލިއެވެ. އަހަރެން ރަކިވުމުން ޝެލީގެ ކޮނޑުމަތީ ކުޑަކޮށް ޖަހާލީމެވެ.

“ޢީދު ވެދުން” ފިރިހެންވަންތަ އަޑެއް ފުރަގަހުން އިވުމުން އަހަންނަށް ފަހަތަށް އެނބުރިލެވުނީ ޔަޤީން ކޮށްލަން ބޭނުންވެގެންނެވެ. ހަމައެވަގުތު އަހަރެންގެ މުޅި މޫނުގާ އަތްކާއްތާލުމަށްފަހު އަތް ދުރަށް ޖައްސާލީ އެހެން ދެވަނަ މީހައްނޫނެވެ.

“ޚަލަފް!” އަހަރެންގެ އަޑު ބޭރުވިހެނެއް ހިއެއް ނުވެއެވެ. އެބީހިލުމުގެ ސަބަބުން އަހަރެންގެ ޙަރަކާތްތައް ހުއްޓި މުޅި މީހާ ގަނޑުވިއެވެ. ކަޅި ޖަހާނުލާ އެމޫނަށް ބަލަން ކިތަންމެ ހިތް އެދުނަސް އިސްޖަހާލެވުނީ ކުރެވުނު އިހްސާސެއްގެ ސަބަބުންނެވެ. އަހަރެންގެ މޫނަށް އެވަގުތު އެރި ކުލަތައް އެހެން މީހަކަށް ނޭނގުނީ މޫނުގައި ހޭކިފައިވާ ކުލައިގެ ސަބަބުންކަން ޔަޤީނެވެ. ހިތުގެ ވިންދު އަވަސްވެގެންދިޔައެވެ. ވިއްސާރަ ރެއެއްގާ ބޭރުގައި ހުރުމުން ކުރެވޭ ކަހަލަ އިހްސާސެއް އަހަރެންނަށް ކުރެވުމުން އިހްތިޔާރަކާއިނުލާ ދެއަތް ދެއަތަށް އުނގުޅާލެވުނެވެ.

އަހަރެން ހޭވެރިކަންވީ މޫނާއި ދާދި ގާތުގައި މީހަކު އަތް ހޫރާލުމުންނެވެ. “އާރ ޔޫ އޯކޭ؟” ޝެލީގެ އަޑު ކަންފަތުގައި ޖެހުމުން އަހަރެން އިސްއުފުލާ ދެކޮޅު ހޯދާލީމެވެ. އިތުރު މީހަކު ފެންނާކަށް ނެތެވެ.

“ޚަލަފް! މިއީ އަނެއްކާ ކޮންކަހަލަ މީހެއްބާ؟ އިންސާނެއްބާ؟ މެޖިޝަން އެއްބާ؟ ކުއްލިއަކަށް ފެނިދާނެ. ދެން އިސާހިތަކު ގެއްލިދާނެ. ޖިންނިއެއްތަ؟ ނޫން. ޝެލީމެންވެސް އޭނަ ދަނޭ!” އަހަރެން ހިތަށް އެރި އެއްޗަކުން އަމިއްލައަށްވެސް ހެވުނެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެން ޝެލީ ހުރީ ވާނުވާގައެވެ.

“ކިހިނެތް ވެފަ ތިހުރީ؟ މުޅި މޫނުގަ ކުލަ އުނގުޅާފަ އެހާވަރަށް ވާހަކަދައްކާފަ ޚަލަފް ދިޔައިރުވެސް އެއްޗެކޭވެސް ނުބުނެ. ދެން ހުރެފަ ތި ހޭންފެށީ. އަހަރެން ނަމަ ރުޅިއައިސްގެން ނޭނގެ ކިޔޭނެ އެއްޗެއްވެސް. އެހެންނުވާނީ އެހާ ރީތި ވެގެން އައީމަ ޚަލަފްވެސް ނުވާނެ ދޯ އެހެން ހަދާކަށް.” ޝެލީ ހުރީ ހިތްހަމަ ނުޖެހިފައެވެ. އަހަންނަށް ވެސް ހައިރާންކަމެއް ލިބުނެވެ. އަހަރެންމީ އެހާ ރުޅި މަޑު މީހަކަށްވީ ކޮންއިރަކު ހެއްޔެވެ؟ ކުޑައިރުއްސުރެ ކަމަކާ ހިތްހަމަ ނުޖެހިއްޖެއްޔާ ހުރިހާ އެއްޗަކަށް ވަރުބާލާކަން ގޭ އެންމެންވެސް ފާހަގަކޮށް އަހަންނާއި ދިމާކޮށްވެސް ހަދާނެއެވެ. އަޅާ ނުލުމަށް ބުނެ އެންމެ ކައިރީގައި ހުރި ރައްޓެއްސެއްގެ ގެއަށް ވަދެ މޫނުދޮވެލީމެވެ. ހެދުމަށް ކުލައިގެ އަސަރު ނުކޮށްހުރިކަން އެއީ ނަސީބެކެވެ. ޓިޝޫއަކުން މޫނު ފުހެލުމަށްފަހު ދަބަހުގައި އޮތް ފުށް ދަޅުން ފުށްޖަހާ އޮރެންޖުކުލައިގެ ފުރުޓީ ލިޕްސްޓިކް ކާއްތާލީމެވެ.

“ޚަލަފް އެއީ މިރަށު ކުއްޖެއްތަ؟ ޝެލީ ފްރެންޑެއްދޯ؟” އަހަރެން އޮޅުންފިލުވަން ބޭނުންވެފާވާލެއް ބޮޑުކަމުން ހިނގާލަން ދިޔަ މަގުމަތީ ޝެލީއާއި ސުވާލު ކޮށްލީމެވެ.

ދެން ފްރެންޑެކޭވެސް ބުނެވިދާނެ. އަސްލު އެއީ އަހަރެންގެ ސެކަންޑް ކަޒިންއެއް. އިބްރާހިމް ބޮޑުބެއަށް ކާފަ ކިޔާ ކުއްޖެއް އެއީ. އޭނަ ވަރަށް ކުޑައިރު ސާއްތަމެން ޚަލަފްގެ ބައްޕަގެ ރަށަށް ބަދަލުވީ. އެއީ ލ. ގަން. އޭރުއްސުރެ ދެއަހަރުން އެއްއަހަރު ކަހަލަ ގޮތަކަށް އަންނާނެ މިރަށަށް. ބޮޑުޢީދަށް އައިސް އެއުޅެނީ މިފަހަރު. އެއީ ވަރަށް ސިޔާސަ މީހެއް. އަހަރެންވެސް ބައެއްފަހަރު ހީހީހަލާކުވޭ އޭނާ ކުރާ ކަންތަކުން. ޝެލީ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލިއެވެ.

އަހަރެން އަދިވެސް ޚަލަފްއާއި ބެހޭގޮތުން އިތުރަށް އޮޅުންފިލުވަން ބޭނުމެވެ. ނަމަވެސް ޝެލީ ހިތަށް އަރާފާނެ އެއްޗެއް ނޭނގޭތީ ޖެހިލުންވަނީއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ނަލަހެދިގެން އަހަރެންވެސް ދިޔައީ މަންމަމެންނާއިއެކު ޢީދުޝޯ ބަލާށެވެ. ރަށުގެ ކުދިބޮޑު އެންމެންހެން ސްޓޭޖް ކައިރިއަށް ޖަމާވަމުންދިޔައެވެ. އަހަރެމެން އެހާ އަވަހަށް ދިޔައިރުވެސް ޖާގަލިބުނީ ފަހަތު ގޮނޑިބަރާއަކުންނެވެ. ޝޯ ފެށުނުއިރު ގޮނޑިބަރިތައް ފުރުމުގެ ސަބަބުން ކޮޅަށް ތިބި މީހުންވެސް މަދެއްނޫނެވެ.

ތަފާތު އެކި ވައްތަރުގެ އައިޓަމްތައް ދައްކަމުން ދިޔައިރު ހޫނު ތަރުހީބެއްގެ އަޑުން މުޅި ހިސާބު ގުގުމާލެވިފާވެއެވެ. ރަށުގެ އެކި ފުރާގެ ދެޖިންސުގެ މީހުން ސްޓޭޖްމަތީ ހަރަކާތްތެރި ވަމުން ދިޔައެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގެ ކުލަބްތަކުގެ މީހުންވެސް އައިޓަމްތައް ހުށައަޅަމުން ގެންދިޔައީ ވާދަވެރިކަމާއި އެކުއެވެ.

ދަންވާންފެށުމުން މަންމަމެން ގެއަށްދާން ނިންމިއެވެ. އަހަރެމެން އަދި މަޑުކޮށްލަން ބޭނުންވާހަކަ ބުނުމުން ލަސްނުކޮށް ގެއަށް އައުމަށް ބުނެ ގެއާދިމާއަށް މިސްރާބު ޖަހައިފިއެވެ.

އޭގެ ގަޑިއެއްހާއިރު ފަހެވެ. މަންމަމެންގެ އެދުމުގެ މަތިން އަހަރެމެން ބަލާ ޚަލަފް އަތުވެއްޖެއެވެ. އޭރު ކައިރީގައި ރައްޓެއްސަކުވެސް ހުއްޓެވެ. އަހަރެމެން ގަޑިން ވީވަރު ބަލާ ނުލެވުނީކަމަށްބުނެ އަވަސް އަވަހަށް ގޮނޑިން ތެދުވެ ހިނގައިގަތީމެވެ.

ގެއަށް ދިޔަ މަގުމަތީ ޚަލަފް އަހަންނާއި ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. ޖެއްސުމަށްވިޔަސް ހިތްހަމަ ނުޖެހޭފަދަ ކަމެއް ކުރެވިފަވޭތޯ ސުވާލުކޮށް މާފަށްވެސް އެދުނެވެ. އަހަރެން ހިތްހަމަ ނުޖެހޭކަމެއް ނުވާކަން ބުނެދިނީމެވެ. އެހާ ގާތްކޮށް ފުރަތަމަ ފަހަރަށް ވާހަކަދެއްކުމުން އަހަރެންނަށް ބުނެދެން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. އެރޭ އަހަންނަަަަށް ނިިިިދުުުުނުއިރުވެސް ސިކުނޑީގައި އެެެެެެެެެެެެެެެެނބުރެމުންދިޔައީ ޚަލަަަަަަފްގެ ޚިޔާލުތަކެވެ.

މިވީ ތިން ދުވަހުގެ ތެރޭގައި އަހަންނާއި ޚަލަފްއާއި ދެމެދުވަނީ އެކުވެރިކަން އުފެދިފައެވެ. އަހަރެން އޭނައާއި ބެހޭގޮތުން އެނގެންބޭނުން އެތައް ކަމެއްވިޔަސް ދެމީހުން އެކަކު އަނެކަކާއި މާގިނަ ކަންތައްތައް ހިއްސާއެއް ނުކުރަމެވެ. އެކަކު އަނެކަކާއި ސަމާސާކުސުމާއި ޖެއްސުން ކުރުމުގައި އެތަށް ވަގުތެއް ހޭދަވާއިރު ޚަލަފްގެ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުން އަހަރެންގެ ހިތް އުފަލުން ފުރެއެވެ. އެމަތިވެރި އަޚްލާޤުގެ ވެރިޔާއަށް ހިތާހިތުން ތަޢުރީފުކުރެވެއެވެ.

ތިންދުވަހުގެ ދަތުރަކަށްފަހު މާދަމާއަކީ އަހަރެމެން ފުރަން ހަމަޖެހިފައިވާ ދުވަސްކަމުން ރޭގަނޑު ވަރަށް ދަންވަންދެން އަހަރެން ޝެލީއާއި ޚަލަފްއާއި އެކު ވާހަކަދައްކަން ސިޓިންރޫމްގައި ތިބީމެވެ. އެނބުރި ރަށަށް ދާންޖެހޭކަން ހިތަށް އަރާ ކޮންމެ ފަހަރަކު ހިތުގާޖެހެއެވެ. އަދި ތަންކޮޅެއް ގިނަ ދުވަސް ވަންދެން ހުރެވޭނެ ނަމައޭ ހިތަށްއަރާފަހަރު އާދެއެވެ. ޝެލީވެސް ބޭނުންވަނީ އެގޮތެވެ. މަންމަ ކައިރީވެސް ދެފަރަކު އެވާހަކަ ދައްކައިފިއެވެ. ނަމަވެސް މަންމަ ފާޅުގާ އިންކާރު ކުރަނީ އަހަރެންގެ ޓެސްޓުތައް ކައިރިވެފާ އޮތުމުންނެވެ. ވާނީވެސް އެހެންތާއެވެ. މަންމަމެން އެދެނީ އަހަރެން އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމެވެ. ދިހައަހަރު ވަންދެން ކުރަމުންއައި ފޮނި އުންމީދުތަކުގައި ހަޤީޤީކުލަ ޖައްސައިދިނުމެވެ.

ނާން ނުދޭބަ އެހާ އަވަހަށް. ޕްލީޒް! އަހަރެމެން ވަރަށް މިސްވާނެ ދޯ ޝެލީ؟ ޚަލަފްގެ ވާހަކަ އަޑުއިވުމުން އަހަރެން ހުރީ ހައިރާންވެފައެވެ. ޚަލަފް އަހަރެން ހުއްޓުވަން ހަމަ އެހާ ބޭނުންވަނީ ހެއްޔެވެ؟ ކީއްވެހެއްޔެވެ؟ އަހަރެންމީ އަދި އިހަށްދުވަހު ދިމާވި މީހެކެވެ. އަހަރެން ކިތަންމެ ދާހިތް ނެތަސް އަހަރެން ހިތަށް ވިސްނައިދިނީމެވެ. އަހަރެން ކިޔެވުމާއިގެން ކުރިއަށް ދިއުމަށް އާ ހިތްވަރެއް ނެރެން އަޒުމް ކަނޑައެޅީމެވެ. އެރޭ އަހަންނަށް ނިދުނީވެސް ވަރަށް ލަހުންނެވެ.

ދޯންޏަށް އަރަން އަހަރެން ހިނގައިގަތީ މާޔޫސްކަމާއި އެކުއެވެ. ލޮލަށް ކަރުނަ ޖަމާވަމުން ދާންފެށުމުން އަހަރެން ބެލީ އަވަހަށް ދޯންޔަށް އެރޭތޯއެވެ. ހައްވަދައިތައާއި ޝެލީއާއި އަދިވެސް ބައެއް ރައްޓެހިންގެ މޫނަށް ބަލާލުމަށްފަހު އަތް ހޫރާލީ ދޯންޔަށް އަރަނީކަން އަންގައިދިނުމަށެވެ. ދޯންޏާއި ދިމާއަށް ހިނގައިގަތުމުގެ ކުރިން އަދިވެސް އެއްފަހަރު ބަނދަރުމަތީ އެއްވަމުންދިޔަ މީހުންތަކަށް ނަޒަރު ހުއްޓާލީ ފުރުމުގެ ކުރިން އަދި އެއްފަހަރު ނަމަވެސް އެމޫނު ދެކެލާހިތް އޮތްލެއް ބޮޑުކަމުންނެވެ. ނަމަވެސް އިތުރަށް ހިތުގާޖެހުންނޫންކަމެއް ނުވިއެވެ. ކަރު އެލުވާލަމުން ދޯންޔަށް އެރުމާއިއެކު ލޮލުން ކަރުނަ ބޮތްކެއް ވެއްޓުނެވެ. އަހަރެން އަވަސްއަވަހަށް ޓިޝޫއެއްނަގާ ދެލޯ ފުހެލީ އެހެންމީހަކަށް އެމަންޒަރު ފެންނަން ނޭދޭތީއެވެ.

. . .

ފޯނު ރިންގުވާއަޑު އިވެންފެށުމާއިއެކު އަހަންނަށް މާޒީގެ ސަފްޙާތައް ލައްޕާލެވުނެވެ. އަދި ފޯނުނަގާ ކަންފަތުގާ ޖައްސާލީމެވެ.

“އައްސަލާމް އަލައިކުމް!” އަހަރެން އާދައިގެމަތިން ސަލާން ގޮވާލުމަށްފަހު ވާހަކަދެއްކީމެވެ. އެކޮޅުން ވާހަކަދެއްކީ ޝަމުމުއެވެ. ޝަމްމު ދެއްކީ އޮފީހުގެ ފަރާތުން ތިންމަސްދުވަހުގެ ކޯހެއް ލިބުނުވާހަކައެވެ. ދާންޖެހެނީ އިންޑިޔާއަށް ކަމުގައިވެސް ބުންޏެވެ. އެއީ ޝަމްމު ހަދަން ވަރަށް ބޭނުންވާ ކޯހެއްކަން ކުރިންވެސް އަހަރެންގެ ކައިރީގައި އެތައް ދުވަހަކު ބުނެފައިވެއެވެ.

“ވަރަށް ދާހިތުން މިހުރީ. އެކަމް… އެހެން ކުއްޖަކަށް ޗާންސް ދޭން ބުނެފިން.” ޝަމްމުގެ އަޑުގައިވީ މޮޅިވެރިކަން އަހަންނަށް ދެނެގަނެވުނެވެ. “ނޫން ޝަމްމު. އަމް ފައިންއޭ މިހާރު. އެންމެ ތިންމަހެއްނު ވާނީވެސް. އެން ޝަމްމު ވަރަށް ދުވަސްވެއްޖެނުން ތިކޯހަށް ވެއިޓްކުރާތާ. ޕްލީޒް މިފަހަރު ނާން ބުނާގޮތަށް ހަދާބަ. އެހެންމީހަކަށް ނުދެނިސް ވާހަކަދައްކަން ދޭބަ. ޕްލީޒް.” އަހަރެން ވަރަށް ދެރަވެލާފާ ބުނީމެވެ. ހަޤީޤަތުގައިވެސް އަހަރެން ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް ޝަމްމު އަހަރެންގެ ބަސް ޤަބޫލްކުރީ ވަރަށް އާދޭސްކުރިފަހުންނެވެ.

ޝަމްމު އިންޑިޔާއަށް ފުރިތާ ދެހަފްތާ ފާއިތުވީއެވެ. އަހަރެންވެސް ވަޒީފާއަށް ނިކުންނަންފެށީ ހިނގާއުޅެން ޑޮކްޓަރު ހުއްދަދިނުމުންނެވެ. ސްކޫލަށް ދާން ފެށުމުން ޝަމްމު ނެތިގެން ފޫހިވެގެން އުޅޭކަށް މިހާރު ނުޖެއެވެ. އުޅެން ޖެހޭލެއް ބިޒީކަމުން ޝަމްމުއާއި ވާހަކަ ދައްކާލެވޭވަރު ވަނީވެސް ގިނަ ދުވަސްދުވަހު ރޭގަނޑުއެވެ. ޝަމްމުވެސް މިކަމާ ޝަކުވާއެއް ނުކުރެއެވެ. އެއީ ޝަމްމުގެ ޝެޑިއުލްވެސް ވަރަށް ބިޒީކަމުން ކަމަށް ވެދާނެއެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެން ސްކޫލަށްދާން ތައްޔާރުވެގެން ނިކުތްއިރު ސިޓިންރޫމްގައި ފޮށްޓެއް ހުއްޓެވެ. އަހަރެން ބަދިގެ ބަޔަށް ވަދެލިއިރު ސަރާހުރީ ޔާންކޮގެ ތަރުމޯޒަށް ފެންއަޅާށެވެ. އަހަރެން ފެނުމުން ހިނތުންވެލިއެވެ.

“އަފްނާން! އަހަރެން މިދަނީ ކުޑަ ދުވަސްކޮޅަކަށް ރަށަށް ދާން. އެނގެއެއްނު މަންމައަކީ ވަރަށް ބަލިމީހެއްކަން. އެހެންވެ ކޮއްކޮމެން ލަންކާއަށް ގޮއްސަ އަންނަންދެން މަންމަގެ ކައިރީ މަޑުކޮށްލަން. ޚަލަފްވެސް ދާން އުޅުނީ. އެކަމް އެންމެ ފަހުވަގުތު އެމީހުން ޗުއްޓީ ހަމަޖައްސާނުދިނީމަ.” ސަރާ ވާހަކަދެއްކީ އެއްނޭވާއިންނެވެ. ފުރަންދާން ލަސްވެފާވާހެން ހީވެއެވެ. “ހިތް ހެޔޮ ކުރާތި! ސަމިއްތައަށް ސަލާމްބުނެދޭތި އިނގޭ!” އަހަރެން ސަލާމް ކޮށްލަމުން ބުނެލީމެވެ.

“ކޮބާތަ ޔާންކޮ؟” އަހަރެން ހިނގައިގަންނަމުން އަހާލީމެވެ. ޔާންކޮއާއިއެކު މާގިނަ ވަގުތުތަކެއް ހޭދަކުރަން ނުލިބުނަސް އަހަރެންވެސް ޔާންކޮދެކެ ވަރަށް ލޯބިވެއެވެ. ޔާންކޮ އިންނަލެއް ލޯބިކަމުން ފެންނަ ކޮންމެ މީހެއްގެ ހިތްވެސް ލޯބިން ފުރޭނެއެވެ.

“ޑެޑީ ކައިރީގަ ކޮޓަރީގަ ވެއްޖެ. އަފްނާން! އަދި ކަމަކުވެސް ކިޔަންވެފަ އެބައޮތް. އެނގޭ ވަރަށް ބަލިކޮށްކަން އުޅެނީ. އެކަމްވެސް ޚަލަފްގެ އެއްޗެތި ދޮވެލަދީ ކޮޓަރި ފޮޅާލަދެއްޗޭ! ދައްތަމެންގެއަށް ކާންދާށޭ ޚަލަފްކައިރި ބުނެފިން. އަފްނާނަށް ހުރިހާކަމެއް ޖައްސާކަށް ނުވާނެދޯ؟” ސަރާ އަހަންނާ ވާހަކަދެއްކީ ވަރަށް ގާތްކޮށެވެ. އަހަރެން އެކްސިޑެންޓް ވީފަހުން ސަރާ އަބަދުވެސް ވާހަކަދައްކަނީ އެހާ ގާތްކޮށެވެ.

“އެއީ ދެން އެވަރު ކަމެއްނޫނޭ! އަހަރެން ބަލިވީމަވެސް ކަންތައްތައް ކޮށްދިނީ ސަރާއެއްނު.” އަހަރެން ސަރާއަށް ހިނިތުންވުމެއް ހަދިޔާކޮށްލީމެވެ.

ކޮޓަރީގެ ދޮރުގާ ޓަކިޖަހާލުމާއިއެކު ދޮރު ހުޅުވާލާފައި ޚަލަފް ބޯދިއްކޮށްލިއެވެ. “ޔާންކޮ ފުރާވާހަކަ ބުނީމަ!” އަހަރެން ޚަލަފްއާއި ނަޒަރު ވަކިކޮށްލަމުން ބުނެލީމެވެ.

“އަވަހަށް ވަދޭ!” ދޮރު ބޮޑަށް ހުޅުވާލަމުން ޚަލަފް އެނދުމަތީ އިށީނދެލައިގެން ކާރެއް ހިފައިގެން ކުޅެންއިން ޔާން ދައްކާލިއެވެ. އަވަސް ފިޔަވަޅު ތަކެއްގާ އަހަރެން ގޮސް އެނދުގާ އިށީނދެލީމެވެ. ހޭންޑްބޭގް ބޭއްވުމަށްފަހު އަހަރެން ޔާންކޮ ނަގާ އުނގައްލީމެވެ. އަދި ކޮލުގައި ދޮނެއް ދިނީމެވެ. “ނާއްތަ ވަރަށް މިސްވާނެ ޔާންކޮ.” ޔާން ގައިގާ ބައްދާލަމުން އަހަންނަށް ބުނެވުނެވެ.

ސްކޫލުން ގެއަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. ނަމާދު ކޮށްލުމަށްފަހު އަހަރެން އެނދަށް ވެއްޓިގަތީ ވެފައިވާ ވަރުބަލިކަމުގެ ސަބަބުންނެވެ. ދެނަމާދު ދޭތެރޭ ނިދަން އާދަވެފައި ނެތުމުން އަހަރެން އަނެއްކާވެސް ތެދުވެ ޔާސީން ކިޔަވަންފެށީމެވެ.

ޢިޝާ ނަމާދު ކޮށްލައިގެން ކޮޓަރިން ނިކުމެލީ ބަނޑުހައިކަން އިޙްސާސްވެފައިވުމުން ނޫޑްލްސް ކޮޅެއް ކައްކާލުމަށެވެ. ނަމަވެސް ބަދިގެއާއި ހަމައަށް ދާންވާއިރަށް ނޫޑްލްސް ކައްކާވަސް އަހަރެންގެ ނޭފަތުގާ ޖެހުނެވެ.

ބަދިގެއަށް ވަންނަން އަހަރެން ދިޔަ ނަމަވެސް ދޮރުމަތީ ހުއްޓިލެވުނީ އެތެރެއިން ފެނުނު މަންޒަރަކުންނެވެ.

ޚަލަފް! ޔޫ އަރ ކުކިން! ނާންއަށް ގޮވާލިނަމަ. އަހަރެން ހިތްހަމަ ނުޖެހުނީ އަހަންނަށް ގޮވާވެސް ނުލާ ޚަލަފް ދެމީހުންގެ ކޮއްތު ތައްޔާރުކޮށްލުމުންނެވެ. ނަމަވެސް ހަމަ އެވަގުތު އަހަރެންގެ ހިނިގަނޑު ފަޅައިގެންދިޔައީ ޚަލަފް ހުރިގޮތް ފެނިފައެވެ. ހީވަނީ ފުށް އެއްޗަކަށް އަރިފަ އައިސްހުރި މީހެއް ހެނެވެ. މޫނުގައާއި މުޅި ގައިގާ ހުސް ފުށެވެ.

ފިޔާ އެތި ހޯދަން ހާވަނިކޮށް ފުއް އެތިން އެއްބައި ވެރުނީ. ދެން ސާފުކުރަން އުޅެނިކޮށް މިހާވަރުވީ. އަހަރެންގެ ހުނުމުގައި ބައިވެރިވަމުން ޚަލަފް ބުނެލިއެވެ. އެ ފިރިހެންވަންތަ ހުނުމުގެ އަޑުން އަހަރެންގެ ހިތަށް ދިރުންލިބުނެވެ.

ދެމީހުން ކައި ނިމުމުން އަހަރެން ތަށިތައް ދޮންނަން ފެށީމެވެ. ޚަލަފް ދިޔައީ ފެންވަރާށެވެ. ތަށިތައް ދޮންނަން ހުރިއިރުވެސް އަހަންނަށް ޚަލަފް ހުރިގޮތް ސިފަވިއެވެ. އެހެންކަމުން އަމިއްލައަށް ހުރެވެސް އިރުއިރުކޮޅާ ހެވެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ޚަލަފްގެ ފަރާތުން އަހަންނަށް ފެންނަމުން ދިޔައީ ކުރީގެ އޯގާތެރިކަމާއި ގާތްކަމެވެ. ދެމީހުން އެކުގާ ހޭދަކުރާ ވަޤުތު ގިނަވުމުން އަހަންނަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް އިޙްސާސް ކުރެވުނެވެ.

އަހަރެންގެ ކުރީގެ ޚަލަފް އަހަންނަށް އަނބުރީ ލިބުނީ ހެއްޔެވެ؟ އަހަރެން އިންތިހާއަށް އުފާކުރީމެވެ. ނަމަވެސް ޖެހނލުންވެސްވެއެވެ. މާޒީ އިއާދަވެދާނެތީއެވެ. އަހަންނަށް އަހަރެންގެ ނަފްސް ކޮންޓްރޯލް ކުރެވިދާނެކަމާއިމެދު ޝައްކުވަނީއެވެ. ޚަލަފްގެ އެ ގާތްކަމުން އަހަންނަށް އެހެން މާނައެއް ނެގިދާނެތީއެވެ. އިޚްތިޔާރުން ބޭރުގާ ނަމަވެސް އެހެން މީހެއްގެ ހައްޤެއްދާ ހޯދަން އެދެވިދާނެތީއެވެ. އަދި އަހަރެންގެ ޙަލާލް ފިރިމީހާއަށް ބޭވަފާތެރި ވެވިދާނެތީއެވެ. އެހެންވެއްޖެނަމަ ދެން ކުރިމަތިލާން ޖެހިދާނެ ތޫފާނެއް ނޭނގޭތީއެވެ. އެހެން ނުވުމަށް އަހަރެން އަބަދުވެސް އުންމީދުކުރަމެވެ.

ހޮނިހިރު ދުވަހެކެވެ. ހެނދުނު ސައި ތައްޔާރު ކުރުމަށްފަހު ރައްޓެއްސަކީއިއެކު ހުޅުމާލެއަށް ދިޔަގޮތަށް އާދެވުނީ ހަވީރުއެވެ. ގެއަށް ވަދެވުމާއިއެކު ޓީވީއަށް ގެއްލިފައި އިން ޚަލަފްގެ ނަޒަރު އަހަންނަށް ހުއްޓިފާވެއެވެ. ކައިރިއަށް އައިސް ސޯފާގައި އިށީނުމަށް އެދުމުން ބަސްއަހާ ކުއްޖަކު ފަދައިން ޚަލަފްގި ކައިރީގައި އިށީނދެލީމެވެ.

މިރޭ ކާން ދާންވީނު ބޭރަށް. ވަރަށް ދުވަސްވެއްޖެނުން ދެމީހުން އެއްކޮށް ބޭރަށް ނުދާތާ. ޚަލަފް ދައްކާ ވާހަކަ ޤަބޫލްކުރަން ދަތިވެފައި އަހަންނަށް ހުރެވުނީ ޚަލަފްގެ މޫނަށް ބަލާށެވެ. ޚަލަފް އިތުރަށް ވީހަކަ ދެއްކި ކަންވެސް އަހަންނަކަށް ރޭކާވެސް ނުލާފަދައެވެ. އަހަރެންގެ ހިތުގެ އަޑަށް އިޖާބަދެމުން ބޯ ޖަހާލީމެވެ. އެއާއިއެކު ޚަލަފްގެ މޫނުމަތި އުޖާލާވިތަން އަހަންނަށް ފެނުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

އާވާ ހަނދާން 18

Next

ފުން އިހުސާސެކޭ 9

Next
May 2, 2017

ފުން އިހުސާސެކޭ 9

Previews
May 1, 2017

އާވާ ހަނދާން 18

12 Comments!

  1. cenhi says:
    May 1, 2017 at 10:05 pm

    Really v v v Sry ol readers. I was v v bxy these days. Ehenve story upload nukirevuny. Hykuran mi part vs rythivane kamah. Love u ol

  2. Naan says:
    May 1, 2017 at 10:23 pm

    Aaluvess v salhi

  3. vifaa says:
    May 1, 2017 at 10:24 pm

    Itss okay…??
    V lwbi… dhn knirakun aneh part..

  4. nonns says:
    May 1, 2017 at 10:37 pm

    Varah reethi mi part ves. Konirakun next part up kohdheny

  5. Shaa says:
    May 1, 2017 at 11:25 pm

    Reethi.haadha dhuvahe fahun

  6. Aisha says:
    May 1, 2017 at 11:35 pm

    Varah reethi

  7. Chum handi says:
    May 2, 2017 at 12:03 am

    Vrh salhi ? When next part????

  8. xim says:
    May 2, 2017 at 12:44 am

    story v reethii…???

  9. cenhi says:
    May 2, 2017 at 5:38 am

    Thnkx ol. Next part tomorrow Insha Allah

  10. Maree says:
    May 2, 2017 at 8:11 am

    vvv reethi

  11. Maree says:
    May 2, 2017 at 2:57 pm

    Alhey 4 bai nukiyey thankolhe kiyenee

  12. cenhi says:
    May 2, 2017 at 3:02 pm

    Sorry ey asl me ah nengigen publish Vefa iny.

Comments are closed.

Next Episodeއިންތިޒާރެއް މަ ނުކުރާނަމޭ (4)←


All Right Reserved!