ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 50
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖާހަތުއަށް އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވެއެވެ. ހުމާމުގެ ހަބަރެއް އަދިވެސް ނުވެއެވެ. ފޯނުވެސް ވީ އޭނާގެ އަތުގައެވެ.
ގަޑިން ދިހައެއް ޖަހަން ކައިރިވަނީއެވެ. ޖާހަތު ހުރީ ހަމަ އެގޮތުގައެވެ. ދޮރުގައި ޓަކި ދިން އަޑު ކުއްލިއަކަށް އިވިގެން ދިޔައެވެ. ސިހިގެން ދިޔުމާއެކު ކުޅު ދިރުވާލެވުނެވެ. ހުމާމު އެއައީއެވެ. ޖީބުގައި އޮތް ވަޅި ޗެކްކޮށްލިއެވެ. އަދި އެއަށްފަހު މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ.
ކުޑަ ސިހުމެއް ލިބިގެން ދިޔައީ ދޮރުކުރިމަތީގައި ހުރި ޝިފާ ފެނުމުންނެވެ. ބޭއިޚްތިޔާރުގައި ދެކޮޅު ބަލާލެވުނީ ހުމާމު ފެންނަން ނެތުމުންނެވެ.
“ކިހިނެތްވީ؟ ކޯއްޗެއް ތި ހޯދަނީ؟” ޝިފާ ސުވާލުކޮށްލަމުން އެތެރެއަށް ވަނެވެ. ހުމާމު ނެތްކަން އެނގި ޖާހަތުއަށް ހަމަ ޖެހުމެއް ލިބުނު ނަމަވެސް ހުމާމު ވީ ކޮންތަނެއްގައިކަން ބަލަން ބޭނުންވިއެވެ.
“އަހަރެންނަށް ކިޔަނީ ޝިފާ. އިނގޭ ދޯ؟!!” ޝިފާ އިސްވެ ޖާހަތުއާ ވާހަކަ ދައްކަމުން ދިޔައެވެ.
“ޖާހަތު!” ޖާހަތު ޝިފާގެ ބަހަށް ބޯޖަހާލަމުން އަމިއްލަ ނަން ބުނެލިއެވެ.
“ކޮބާ ހުމާމު؟” ޖާހަތު ސުވާލުކޮށްލިއެވެ.
“ހުމާމު ދިޔައީ ގެއަށް.” ޝިފާ ހަމަ ޖެހިލާފައި ބުނެލިއެވެ.
“ގެއަށޭ؟ އެހެންވެއްޖެ ނަމަ މިއީ ކޮން ގެއެއް؟” ޖާހަތުއަށް ސުވާލުކޮށްލެވުނެވެ.
ޝިފާ ހީނލިއެވެ. “މިއީ އަހަރެންގެ ގެއެއްނު. ހުމާމުގެ ހުންނާނީ ތަންކޮޅެއް އެކޮޅުގަ. ޖާހަތުއަށް ކިޔައެއް ނުދޭތަ؟”
“ޝިފާއަށް އެނގޭ ކަމެއް ވެއްޖެއްޔާ ކިޔައިދީ ބަލަ އަހަރެންނަށްވެސް. މިގޭގަ އަހަރެން ހުންނަން ޖެހުނީ ކީއްވެ؟”ޖާހަތު އޮޅުން ފިލުވުމުގެ ނިޔަތުގައި ސުވާލުކޮށްލިއެވެ.
“ޖާހަތު ހިތްހަމަ ނުޖެހުނީތަ؟” ޝިފާ ސުވާލުކޮށްލިއެވެ. “އަސްލު ހުމާމުގެ މަންމަމެންނަކީ ވަރަށް ކަންތައްބޮޑުކޮށްގެން އުޅޭ ބައެއް. ތިގޮތަށް އިންނަންނޭ ކިޔާފަ ކުއްލިއަކަށް ގެން ދިޔުމުން އެމީހުން ވަރަށް ހިތްހަމަ ނުޖެހޭނެ. އެހެންވެ ހުމާމު ނިންމީ ފުރަތަމަ އެމީހުން އެއްބަސް ކުރުވަން. އެއަށްފަހުގަ ޖާހަތު އެގެއަށް ގެންދަން. އަހަރެންމިއީ ހުމާމުގެ ކުޑައިރުގެ ރައްޓެއްސެއް. އެހެންވެ މިގޭގަ ބެހެއްޓީ.” ޝިފާ ޖާހަތުއަށް ތަފްސީލުކޮށްދެމުން ދިޔައެވެ. ޝިފާގެ ވާހަކައަށް ޖާހަތު ދިޔައީ ކަނުލާ އަޑު އަހަމުންނެވެ. ހުމާމު ޖާހަތުއަށް ވަރަށް ބޮޑަށް އޭނާގެ ހަޤީޤަތް އޮޅުވާލާފައިވާކަން ޝިފާގެ ވާހަކަ ތަކުން އެނގުނެވެ. މައިންބަފައިންވެސް ހެޔޮހާލުގައި ދުނިޔޭގައި ތިބިކަމާއި އާއިޒުއާ ބައްދަލުވުމުގެ މާކުރިންވެސް ހުމާމު އުޅެމުން ދިޔައީ އެ އުޅުންކަން އެނގުނެވެ. އަދި ހަމަ އެހެންމެ ހުމާމުގެ ކިބައިން ބަދަލު ހިފަންވީ ކިހިނެތްކަން ވިސްނާލިއެވެ. ޝިފާގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ދެން ކަންތައް ކުރަންވީ ގޮތްވެސް ހިތުގެ އަޑިން ނިންމަމުން ދިޔައެވެ.
ޖެހިގެން އައި ދުވަހަށް އިރު އެރިއިރުވެސް ރީމް ހުން ފިނިވާ ގޮތެއް ނުވިއެވެ. ނަމަވެސް އެއްވަރަކަށް ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އިޔާނާއަށް ހޭލެވުމާއެކީ މަޑުމަޑުން ތެދުވެ އެނދުގައި އިށީންނިއެވެ. ރޭގައި ގައިނަކޮލޮޖިސްޓް އިޔާނާ ޗެކް ކުރުމަށްފަހު އަރާމު ކުރުމަށް އެދިފައިވީ ނަމަވެސް އެގޮތަށް ގިނަ އިރު އޮންނަން ވުމުން ފޫހިވާ ގޮތްވިއެވެ. އިޔާނާ ދެކޮޅު ހެދި ނަމަވެސް އީމަން ކުރުނުކޮށް ގައިނަކޮލޮޖިސްޓެއް ގެނައީ އިޔާނާ ރަނގަޅުތޯ ޔަޤީން ކުރުމަށެވެ.
އެނދުގައި އިށީނދެ ލުމަށްފަހު ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓް ރަނގަޅުކޮށްލިއެވެ. ދިގުފަން އިސްތަށިގަނޑު އަތުން ރަނގަޅުކޮށްލިއެވެ. އީމަން ހާދަ ރަނގަޅޭ އިޔާނާ ހިތަށް އެރިއެވެ. އަނެއްކާ އީމަންގެ ހިތުގައިވެސް އަހަރެންނަށް މިކުރެވޭ ކަހަލަ އިހުސާސްތަކެއް ހުރީ ހެއްޔެވެ؟ އަހަރެންނާއި މެދުގައި ވިސްނެނީ ހެއްޔެވެ؟ ތަފާތު ގޮތަކަށް އަހަރެންނާއި މެދުގައި ދެކެވެނީ ހެއްޔެވެ؟ އެހެންވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ! މިއީ ކޮންފަދަ އުފާވެރި އިހުސާސްތަކެއް ހެއްޔެވެ. ހިލޭ ފިރިހެނަކަށްޓަކައި މިފަދަ އިހުސާށްތަކެއް މިކުރެވެނީ ކީއްވެހެއްޔެވެ؟
ކުރެވެމުން މިދަނީ ގޯސް ހިޔާލުތަކެއްކަން އިޔާނާގެ ސިކުނޑި ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނު ކަމުގައި ވިޔަސް އެ ހިޔާލުތަކުން ދުރުވާކަށް ހިތެއް ނޭދުނެވެ. ބޭނުންވީ އެކަމާ ދޭތެރޭ ވިސްނާށެވެ. ހިތަށް ފޮނި އިހުސާސެއް ކުރެވޭތީއެވެ.
ހިޔާލުތަކުން ނިކުންނަން މަޖުބޫރުވީ ފޯނު ރިންގްވާން ފެށީމައެވެ. ޒާންގެ ކޯލެކެވެ. އިޔާނާގެ މޫނުގައިވި މަޑުމަޑު ހިނިތުންވުން ގެއްލި ދިޔައެވެ.
ކަންފަތުގައި ފޯނު ޖައްސާލުމާއެކީ އެކޮޅުން ޒާން ވާހަކަ ދައްކަން ފެށިއެވެ.”ކިހިނެތްތަ މިހާރު؟ ރަނގަޅުތަ؟”
އިޔާނާ އާނއެކޭ ބުނެލިއެވެ.
“ލޯބީ! ޕްލީޒް ޓޭކް ކެއަރ އޮފް ޔޮއަރސެލްފް! އަހަރެން ވަރަށް ދެރަވޭ ޔާނާ ކައިރީގަ ނުހުރެވޭތީ. ވަރަށް ބޭނުން ޔާނާ ކައިރީގަ ހުންނަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދާނަން. އިނގޭ!” ޒާންގެ އޯގާތެރި ކަމުން ފުރިގެންވާ ބަސްތަކުން އިޔާނާގެ ހިތުގައި ޖެހުނެވެ. މަޑުމަޑުން އެނދުން ތެދުވެ ކުރިމަތީގައި ހުރި ބޮޑު ލޯގަަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެހިނދު ފާހަގަ ވެގެން ދިޔައީ ބޮޑުވަމުން އަންނަ ބަނޑެވެ. އިޔާނާއަށް ބަނޑުގައި އަތް ކާއްތާލެވުނެވެ. ބޮޑު ކަޅު ހެދުމުގައި ހުންނައިރު އެ ބަނޑު އެއްވެސް ވަރަކަށް ނޭނދުނަސް ޓީޝާޓް ލައިގެން ހުރިއިރު ފެންނަނީ ވަރަށް ލޯބިކޮށެވެ. މަޑުމަޑުން ބަނޑުގައި އަތް ފިރުމަމުން ގެންދެވުނެވެ. ހިތަށް އެރިއެވެ. މިދިރިއުޅުމުން އަހަރެންނަށް އުނިވަނީ ފަހެ ކޮންއެއްޗެއް ހެއްޔެވެ؟ އެހެން މީހެއްގެ ހައގަކާ ދޭތެރޭ ވިސްނުމަކީ ގޯސްކަމެކެވެ. ލޯބިވާ ފިރިއެއް ލިބިފައިވާ އިރުވެސް އެހެން ފިރިހެނަކާ ދޭތެރޭގައި ހިޔާލުކުރެވުނީތީ ލަދުގަތެވެ. އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. މަޑުމަޑުން ލޮލުގައި ކަރުނަ ތިކިތައް ޖަމާ ވަމުން ދިޔައެވެ.
އިޔާނާގެ އަޑެއް ނީވުމުން ޒާން ގޮވާލިއެވެ. ލޮލަށް ގިނަވެފައިވާ ކަރުނަތައް އޮއްބާލަން މަސައްކަތް ކުރަމުން އިޔާނާ މަޑުމަޑުން ހޫމް އޭ ބުނެލިއެވެ.
“ކިހިނެތްވީ؟ ރޮނީތަ؟” ޒާން ސުވާލުކޮށްލިއިރު އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ.
“ނޭނގެ ވާ ގޮތެއް. ޒާން އަވަހަށް އާދެބަލަ.” އިޔާނާ ހިތްވަރުކުރަމުން ބުނެލިއެވެ.
“ޔާނާ! ދެރަ ނުވެބަލަ. ތިހެން ރޮންޏާ ބޭބީއަށް އަސަރުކުރާނެ. ‘ބީ ބްރޭވް’ ވީ އެންމެ އަވަހަކަށް ދެވޭތޯ މަސައްކަތް ކުރާނަން. އިނގޭ” ޒާން އިޔާނާ ހިތްހަމަ ޖައްސައިދެވޭތޯ މަސައްކަތް ކުރިއެވެ. އިޔާނާ ޒާން ގެންނަން ބޭނުންވީ އޭނާއަށް ކަތި ފިޔަވަޅެއް އެޅިދާނެ ކަމުގެ ބިރު ހީވަމުން ދިޔުމުންނެވެ.
ހުމާމު އޮތީ ކޮޓަރީގައެވެ. ނިދާ ހޭލެވުނު ނަމަވެސް ބޭރަށް ނިކުންނަށް ޖެހިލުންވެފައި އޮވެވުނީއެވެ. އެތަކެއް އަހަރު ތަކަކަށްފަހު މައިންބަފައިން ކައިރިއަށް އައިސް އުޅެންވުމުން ބީރަށްޓެހިކަންވަނީ ވެރިކުރުވާފައެވެ.
ހުމާމުގެ މައިންބަފައިންނަކީ އައްޑު އަތޮޅުގައި ނަން ހިނގާ ގަދަރުވެރި އާއިލާއެކެވެ. އަދި ހަމަ އެހެންމެ ހުމާމުގެ ބައްޕައަކީ މުޅި އަތޮޅުގައި އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާއެވެ. އުމުރުން 13 އަހަރުގައި ހުމާމު މާލެއަށް ކިޔަވަން ބަދަލުކުރިއެވެ. ހުމާމުގެ ބައްޕަ ޝިޔާމް މާލެއިން ގެއެއް ގަތުމަށްފަހުގައެވެ. ޝިޔާމުގެ އަންހެނުން ފަރީދާ ހުމާމުގެ ކަންކަން ކިތަންމެ ގާތުގައި ހުރެ ބަލަމުން ދިޔަނަމަވެސް ހުމާމު ދިރިއުޅުން ދިޔައީ ބޮއްސުންލަމުންނެވެ. ފަރީދާގެ އާދޭސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ހުމާމު އޭނާގެ ދިރިއުޅުން ‘ހިފައިގެން’ މަގުމައްޗަށް ނިކުތް ދުވަހަކީ ފަރީދާގެ ހުރިހާ އުންމީދުތަކެއް ފެނަށް ވެގެން ދިޔަ ދުވަހެވެ. ލޯބިވާ ބައްޕަގެ އިއްޒަތާ ޤަދަރަށްޓަކައިވެސް އެއުޅުން ދޫކޮށްލުމަށް ފަރީދާ ކުރަމުން ދިޔަ އާދޭސްތައް އިވެމުން ދިޔައީ ބީރުކަންފަތަކަށްފަދައެވެ. ހުމާމު ރަނގަޅުކުރުމުގެ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ފަރީދާ ހުމާމުގެ ހުރިހާ ކަމެއް ކޮށްދިނުން ހުއްޓާލައި ރުފިޔާ ދިނުމުގެ މަގުވެސް ބަންދްކުރިއެވެ. އެކަމުގެ ނަތީޖާ ނިކުތީ ފަރީދާ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. މާލެއިން ގަނެފައިވާ ގެ ހުމާމު ވިއްކާލީއެވެ. ހުމާމު އެވަނީ އެނބުރި އައުން ނާދިރު މަގަކުން ދަތުރުކޮށްފައިކަން އިހުސާސްވި ހިނދު ފަރީދާ އެނބުރި އައްޑުއަށް އައީ ކަރުނައިން ފުރިގެންވާ ހިތަކުންނެވެ. ކިތަންމެ ވަރަކަށް ހިތުގައި ޖެއްސި ނަމަވެސް މައިވަންތަކަމުގެ ލޯބިން ފުރިފައިވާ އެހިތް ހުމާމުގެ ހުރިހާ ވާހަކަ ތަކެއް ޝިޔާމަށް ކިޔައިދޭން އެއްބަހެއް ނުވިއެވެ. ހުމާމުގެ އުޅުން ހުއްޓުވަން ޝިޔާމު ކުރި މަސައްކަތުން އޭނާގެ އަމިއްލަ އަގު ވެއްޓުން ނޫންކަމެއް ނުވިއެވެ. ހުމާމު އޭނާގެ މައިންބަފައިން ލަދުގަންނަވާލައި އަގު ވައްޓާލުމަށް ކޮށްނުލާ އެންމެ މަސައްކަތެއްވެސް ނެތްފަދައެވެ. އެންމެފަހުން ޝިޔާމާއި ފަރީދާ އަށް ޖެހުނީ ބަލި ގަބޫލުކޮށްގެން އެނބުރި ދާށެވެ.
ކާމޭޒުކައިރީގައި ފުން ހިޔާލު ތަކެއްގަ އިން ފަރީދާ ސިހިގެން ދިޔައީ ޝިޔާމު އައިސް އިށީނުމުންނެވެ.
“ކޮބާ ހުމާމު؟” ޝިޔާމު ފަރީދާ އާ ސުވާލުކޮށްލިއެވެ. ޝިޔާމުގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިފައިވެއެވެ.
ފަރީދާ ޖެހިލުންވެ ހުރެ ޖަވާބުދިންއިރު އެ ހިތުގައި ބިރުވެރިކަމުގެ ތޫފާނެއް އުފެދެމުން ދިޔައެވެ. އެއްފަރާތުގައި އޭނާ އެންމެ ލޯބިވާ ދަރިފުޅެވެ. އަނެއްފަރާތުގައި އޭނާގެ ލޯބިވާ ފިރިމީހާއެވެ. ދެމީހުންގެ މެދުގައި އުފެދިފައިވާ ހަމަ ނުޖެހުން އިތުރަށް ބޮޑުވެގެން ހިނގައިދާނެތީއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ހުމާމު ކޮޓަރިން ބޭރަށް ނިކުމެގެން ސައިކޮޓަރިއަށް މިސްރާބުޖެހިއިރު ހިތުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ. އޭނާގެ މައިންބަފައިން އޭނާއަށް މަޢާފު ކުރާނެ ހެއްޔެވެ؟
ހުމާމުއަށް ކަންތައް ކުރެވިފައިވަނީ ގޯސްކޮށްކަން އޭނާ ޤަބޫލުކުރެއެވެ. އަދި އެމީހުންގެ ކިބައިން މަޢާފަށް އެދެންވެސް ބޭނުމެވެ. އޭނާގެ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް އުފަލާއެކީ ވޭތުކުރަން ބޭނުމެވެ. ޖާހަތުއާ އެކީ އެވެ. މައިންބަފައިންގެ ކައިރީގައެވެ. އަމިއްލަ ދިރިއުޅުމުގެ ހުރި ދޯދިޔާ ކަމުން އަންބަކު ގެންގުޅެވޭނެ ފެންވަރު ނެތްކަން ހުމާމު ޤަބޫލުކުރެއެވެ.
ހުމާމު ސައިކޮޓަރިއަށް އައިއިރު ޝިޔާމާއި ފަރީދާ ސައި ބުއިމަށްޓަކައި އޭނާގެ އިންތިޒާރުގައި ތިއްބެވެ. ހުމާމުގެ ހިޔާލަށް އައީ އޭނާގެ އުމުރުން 13 އަހަރުވަންދެން އޭނާއަށް ފެންނަމުން ދިޔަ މަންޒަރެވެ. އޭނާގެ މަންމައާއި ބައްޕަ އޭނާގެ އިންތިޒާރުގައި ސައިކޮޓަރީގައި ސައިބޯންނުފަށައި ހަމަ އެގޮތަށް ތިބެއެވެ. މިއަދު އެތަށް އަހަރެއްފަހުން އެތަށް ކަމެއް ބަދަލުވެގެންދިޔައިރުވެސް އޭނާގެ މައިންބަފައިން ބަދަލެއް ނުވެއެވެ.
ހުމާމު މޭޒުކައިރީގައި އިށީނދެ ސައިބޯންފެށިއެވެ. އޭނާ އިސްވެ ވާހަކަ ދައްކަން ފެށިއެވެ. އޭނާއަށް ކުރެވުނު ކަންތައްތަކަށް މަޢާފަށްއެދެމުންނެވެ. ފަރީދާއާއި ޝިޔާމު އެވާހަކަތައް އަޑު އަހަމުން ދިޔަނަމަވެސް އެއްވެސް ޖަވާބެއް ނުދެއެވެ.
ޝިޔާމު ސައިބޮއެ ނިންމާލުމަށްފަހު ތެދުވިއެވެ. ހުމާމުގެ ވާހަކަތަކަށް އެއްވެސް ޖަވާބެއް ނުދީ ތެދުވުމުން ހުމާމަށް ބޭއިޚްތިޔާރުގައި ތެދުވެވުނީ ބައްޕަގެ ޖަވާބު ބޭނުންވުމުންނެވެ.
“ބައްޕާ!” ހުމާމަށް ގޮވާލެވުނެވެ. ޖަވާބެއް އެދިއެވެ.
ޝިޔާމު ހުއްޓުނެވެ. ނަމަވެސް ހުމާމަށް ބަލައެއް ނުލައެވެ. ހުމާމު ވާހަކަ ދައްކަން ފެށިއެވެ.
“އަޅުގަނޑު ޤަބޫލުކުރަން ބައްޕަ ހިތްހަމަ ނުޖެހޭ ވަރަށް ގިނަ ކަންތައް އަޅުގަނޑަށް ކުރެވިފައިވާކަން. މިއަދު އެކަމާދެރަވަން. ބައްޕަ އަށް ގެއްލިފައިވާ އަޅުގަނޑުގެ އިތުބާރު އަނބުރާ ދޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ. ބައްޕާ! އަޅުގަނޑަށް މަޢާފްކޮށްދެއްވާ!” ހުމާމު ދެރަވެފައިހުރެ ވާހަކަ ދެއްކިއެވެ. ފަރީދާ ތެދުވެގެންއައިސް ޝިޔާމުކައިރީގައި ހުއްޓުނެވެ. ހުމާމަށް ބަލައިލަމުންނެވެ.
“ދަރިފުޅު ތިބުނީ ހަމަ ރަނގަޅަށް. ދަރިފުޅަށް ބައްޕަމެން ކުރަމުން އައި އިތުބާރު ގެއްލުވާލީ ދަރިފުޅު އަމިއްލައަށް. ހުމާމު ދެކެ ބައްޕަމެން މިއަދުވެސް ވަރަށް ލޯބިވޭ. ދަރިފުޅު އުޅެމުން ދަނީ ކިހިނެތްތޯ ބައްޕަމެން އަބަދުވެސް ބަލަން. އެކަމަކު ބައްޕަމެން ދުނިޔޭގަ ތިބިތޯވެސް ދަރިފުޅު ބަލައެއް ނުލާ. ބައްޕަމެން ދަރިފުޅުގެ ދިރިއުޅުމުން ބާކީ ކޮށްލުމަށްފަހު އަމިއްލަ ދިރިއުޅުމުގައި ބޭނުން ގޮތަކަށް އުޅެމުން ދިޔައީ އުފަލުގައެއްނު. ހުމާމު ހިތްއެދެމުން ދިޔަ ގޮތަށް އުފަލުގައި އުލެމުން ދިޔައީ ބައްޕަމެންނަށް އަސަރުކުރަމުން ދިޔައީ ސީދާ މިތަނަށް.” ޝިޔާމު މެޔަށް އިޝާރާތްކޮށްލިއެވެ. ހުމާމު ތިރީ ތުންފަތުގައި ދަތްއަޅައިލަމުން އިސްޖަހާލިއެވެ.
“ވަރަށް ދެރަވި. އެނގޭތަ ކީއްވެގެންކަން؟ ދަރިފުޅު އެންމެ ފުރަތަމަ މި ދެއަތް މަތީގައި އުފުލާލި ދުވަހު ހިތުގައި އެތަށް ހުވަފެންތަކެއް އުފެދުނު. ފޮނި އުންމީދުތަކެއް. ތިއީ ބައްޕަގެ ފަހުރާއި ޝަރަފުކަމުގައި ވުން އެދި. އެކަމަކު……” ޝިޔާމުގެ ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުން ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ކުރިއަށް ހިނގައިގަތެވެ. ހުމާމު ޝިޔާމު ހުއްޓުވަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވުނެވެ. ފަރީދާ ހުމާމު ހުއްޓުވިއެވެ.
“މަންމާ! އަޅުގަނޑަށް މަޢާފުކުރޭ. ކަންތައްކުރެވުނު ގޮތުން ހަމަ ހަޤީޤަތުގައިވެސް ވަރަށް ދެރަވޭ. އަޅުގަނޑު ބޭނުން މަންމަމެން ކުރިން ކުރި އިތުބާރު އަޅުގަނޑަށް ކުރަން. ޕްލީޒް މަންމާ. ބައްޕަކައިރީ ބުނެދީބަލަ.”
ފަރީދާ ހުމާމަށް ވިސްނައިދިނެވެ. “ބައްޕަ އެބުނުއްވީއެއްނު. ބައްޕަމެންގެ އިތުބާރު ގެއްލުވާލީ ހަމަ ދަރިފުޅުގެ އަމިއްލައަތުން. އެހެންނޫނަސް އިތުބާރަކީ ބޭނުން އިރަކު ކުރެވޭ އެއްޗެއް ނޫން. އިތުބާރު ޖެހޭނީ ހޯދަން. އެއީ ވެވޭ އެއްޗެއް. އުނދަގޫކަމެއް. އަދި ގެއްލުނު އިތުބާރެއް ހޯދަންވެއްޖެ ނަމަ ވަރަށް މަސައްކަތް ކުރަން ޖެހޭނެ. ދަރިފުޅު ހަމަ ހަޤީޤަތުގައިވެސް އިތުބާރުހޯދަން ބޭނުންނަމަ އެކަމަށް އެދި މަސައްކަތްކުރޭ. ބައްޕަގެ ރުހުން ހޯދާ. އެކަން ކުރަންވީ ގޮތް ދަރިފުޅުއަމިއްލައަށް ވިސްނާ.” ފަރީދާ ނިކުމެގެން ދިޔައެވެ. ހުމާމު ކެތްތެރިކަން ކޮޅުންލާފައިވާފަދަ ހާލަތެއްގައި ރޮވިފައި ހުރީއެވެ.
ފާއިތުވެގެން ދާ ކޮންމެ ދުވަހަކީ ހުމާމުއަށް މަސައްކަތް ބޮޑު ދުވަހެކެވެ. ޝިޔާމުގެ ރުހުން ހޯދަން ބުރަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. އަނެއްކޮޅުން އިޔާނާއަށް ކުރިމަތިލާން ޖެހިފައިވަނީ އޭނާގެ ހިތާ ދެކޮޅަށް ކުރަންޖެހިފައިވާ ހަނގުރާމައަކާއެވެ. އީމަންއާ މެދު ވިސްނެނީ އާދަޔާޚިލާފަށް ކަހަލައެވެ. ރީމް ބަލިކޮށް އުޅުމުގެ ސަބަބުން އީމަން ރީމްއާ އަޅާލާ އެހީތެރިވެދޭތަން ފެނި ހިތަށް އަސަރުކުރަމުން ދިޔަ ނަމަވެސް ކަމެއްނުވާކަމުގައި ހެދިލައިގެން އިންނަނީއެވެ. އީމަން ރީމްއަށް އާދަޔާޚިލާފަށް އަޅާލަމުންދާކަން ރީމްއަށް ފާހަގަކުރެވެން ފެށުނުއިރުއްސުރެ އޭނާ އަށް އިނދެވެނީ ވިސްނުމެއްގެ ތެރޭގައެވެ. އީމަންއަށް މިހާ ބޮޑު ބަދަލެއް އަންނަން މިޖެހުނީ ކިއްވެއްހެއްޔެވެ؟ ހައިރާންވާންޖެހެނީ ކޮޓަރީގެ ދޮރުން އެތެރެވެ ދެމީހުން އެކަނިވުމާ ހަމައިން އީމަންގެ އަޅާލަން ކުޑަވާކަމެވެ.
އީމަން އޭނާގެ މަޤްސަދު ކާމިޔާބު ވޭތޯ އެތަށް ގޮތަކުން ބަލަމުން ދިޔައެވެ. އިޔާނާއަށް އޭނާ ރީމްއާ ގާތްކޮށް އުޅޭތަން ފެނި އެއްވެސް ބަދަލެއް އާދޭތޯއެވެ. އެކަންތައް ވަމުން ދިޔައީވެސް ހަމަ އީމަންއަށް ހީކުރެވުނު ގޮތަށެވެ. ކިތަންމެ ސިއްރުކުރަން އުޅުނު ނަމަވެސް އިޔާނާގެ ތަބީޢަތަށް ބަދަލު އަންނަކަން ފާހަގަ ކުރެވެއެވެ. އީމަންއާ ވާހަކަ ދައްކަން އިޔާނާ ހުންނައިރު ހުންނަ އުފާވެރިކަން އެތަނަކަށް ރީމްއައުމުން ގެއްލިގެންދާތަން އީމަންއަށް ކިތަންމެ ފަހަރަކުވަނީ ފެނިފައެވެ.
ޚުދު އިޔާނާއަށްވެސް އޭނާގެ މިޒާޖަށް ބަދަލުތަކެއް އަންނަކަންވަނީ ފާހަގަ ކުރެވިފައެވެ. ބަނޑުބޮޑުވުމުން ވަރަށް ގިނަ ތަފާތުތަކެއް އަންނަކަން އެނގުނަސް ހިތާއި އެހިތުގެ ތެޅުމާއި އެހިތަށް ކުރެވޭ އިހުސާސްތަކަށް ބަދަލެއް ނާންނާނެ ނޫން ހެއްޔެވެ؟ އީމަން އާ ވާހަކަ ދައްކަން ބޭނުންވުމާއި އޭނާގެ ސަމާލުކަން ހޯދަން ބޭނުންވުމެވެ. އީމަން ފެނުމުން ހިތަށް ކޮންމެވެސް ކަހަލަ ގޮތެއް ވާކަން ހަމަ ޔަޤީނެވެ. އެހިތުގެ ތެޅުމަށް ބަދަލު އަންނަކަން ޔަޤީނެވެ. ރީމްއާ ގައިގޯޅިކޮށް އުޅޭތަން ފެނުމުން އެހިތަށް އުނދަގޫވާކަށް ނުޖެހޭނޫން ހެއްޔެވެ؟ ހިތްސުވާލުކުރެއެވެ. އިޔާނާއަށް އީމަންދެކެ ލޯބިވެވުނީހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


v v v reethi mibaivess varah avahah anehbai upload kohlaane kamah unmeedhu kuranalhe dhen iyaana aky yaana kan igeynee kon baeh ga tha dhen avahah iyaana aky yaana kan angabala best of luck nashaa
vv reethi keep it up thee gud work Nasha 🙂
Vaahaka vvvvv reethi. Avaha up kohdhehchey
Alhe mi vaahaka ninmaaleetha? Vaahaka varah reethi hisaabakun huttaalaafa iny.. ?