މައި ނޭމް އިޒް ޚާން (ހަވަނަބައި)
އަހަރެންނާއި ރީމް ފުރަތަމަ ފަހަރަށް ބީޗް އިން ބައްދަލުކުރި ރެޔެވެ. އެއީ ހުކުރު ދުވަހެއްގެ ރެޔެކެވެ. އަހަރެންނާއި ޝާންޓޭ ތިބީ މޭޒު ކައިރީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ. ކޮއްކޮ އާއި މަންމަ ބަދިގެ ތެރޭގައި އުޅުނެވެ. ޝާންޓޭ އިނީ އަހަރެންގެ ކުރިމައްޗަށް ވާގޮނޑީގައެވެ. އެހެން އިނދެ އިރުއިރު ކޮޅާ އޭނާ އަތުގައި އަޅާފައި އޮތް ގަޑި ދައްކާލައެވެ. އަދި ވައި އަޑުން ގަޑި ޖެހެނީއޭވެސް ބުނެލައެވެ. އެހެންކަމުން އަހަރެން އަވަސް އަވަހަށް ކައި ނިންމާލައިގެން ކާގެއިން ނިކުތީމެވެ. ޝާންޓޭވެސް ފަހަތުން ނުކުތެވެ.
“..ދަރިފުޅާ 11 ގެ ކުރިން ގެޔަށް އަންނާތި..” މަންމަ ބުނި އަޑުއިވުނެވެ. އަހަރެން ފަހަތް ބަލާލިއިރު މަންމަ ކާގެ ދޮރުމަތީ ހުއްޓެވެ. އަހަރެން އާއެކޭ ބުނަމުން ގެއިން ނިކުތްއިރު ގަޑިން 08 ޖަހަން 05 މިނެޓަށް ވެއްޖެއެވެ.
“..ތޭންކްސް ބަޑީ..” އަހަރެންނަށް ބޭރަށް ނުކުމެވުމާއެކު ޝާންޓޭއަށް ޝުކުރު އަދާކުރީމެވެ. އޭނާ މަޑުކޮށްލަދިނީތީއެވެ. މަންމަ ކޮންތާކަށް ދަނީތޯ ސުވާލް ނުކުރީ ޝާންޓޭ ގެޔަށް ދާން އުޅޭ ކަމަށް ހީކޮށެވެ. ޝާންޓޭކައިރީ މަޑުކުރަން ބުނީވެސް އެބޭނުމުގައެވެ.
“..އޯކޭ މަ ކެނޑީއޭ..” ޝާންޓޭ އެހެން ބުނުމަށްފަހު މިސްރާބު ޖެހީ އޭނާ ގެޔާ ދިމާލަށެވެ. އަހަރެން ހިނގައިގަތީ ބީޗާ ދިމާލަށް ރީމް އާ ބައްދަލުކުރާށެވެ. މިހާރު ރީމް ނާންނަ ކަމެއްވެސް ނޭގެއެވެ. 08 ޖަހަން އިނީ މިނެޓް ކޮޅެކެވެ.
އަހަރެން ހަލުވި ހިނގުމެއްގައި ހިނގަމުން ދިޔައީ ފަހަތް ބަލަމުންނެވެ. މީހެއްގެ ހިލަމެއްވޭތޯ އެވެ. މީހަކަށް ފެނިއްޖެނަމަ ކަންތައްތައް ދާނީ ގޯހުންގޯހަށެވެ. މުޅި ރަށަށް އަހަރުމެންގެ ގުޅުން ބޭޒާރުވެދާނެއެވެ.
އަހަރެންނަށް އެހިސާބަށް ދެވުން އިރު 8 ޖަހާބޮޑުވެއްޖެއެވެ. ނަމަވެސް ރީމްއެއް ފެންނާކަށްނެތެވެ. އަދި ނާންނަނީ ކަންނޭގެއެވެ. އެހެން ހިތަށް އެރުމުން ރީމް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ވެލިގަނޑުމަތީ ޖައްސާލީމެވެ. ގޮނޑުދޮށަށް ބިންދާލާ ރާޅުގެ އަޑުން އެ ހިސާބުގަނޑު ގުގުމަމުންދިޔައިރު 14 ވިލޭރޭގެ ހަނދުގެ ހަނދުވަރުން އަލިކަން ގެނުވައިފައިވެއެވެ. އަހަރެން އިނީ ޖެހެމުންދިޔަ ތެތް ފިނިވައިގެ ސަބަބުން ހީކަރުވާ ގަނެފައެވެ.
“..ޚާން..” ރީމްގެ އަޑުއިވުމުން ފަހަތް ބަލާލަމުން ތެދުވީމެވެ.
“..ހާދަ ލަސްވީ..” އަހަރެން ރީމްގެ އަތުގައި ހިފައިގެން ގޮސް އެތާހުރި އަށި މަތީ އިށީނީމެވެ.
“..އެނގޭނުން ދެން.. ނާއިލްބޭގެ ކުޑަމީހާ ނުނިދާގެން ލަސްވީ..” ރީމް ބުނެލިއެވެ. “..މިތާގަތަ ތިބެނީ..ހިނގާ ގޮނޑުދޮށުގައި ހިނގާލަން..” އަހަރެންނަށް ތިބެވުނު ތަނާމެދު ވިސްނާލެވުނީ ދެނެވެ. އެއީ ބޮޑުމަގު މައްޗެވެ. ދުރުން ބަޔަކު އުޅޭކަން ނޭގުނަސް އެމަގަށް ފައިބާ މީހަކަށް ވިއްޔާ ފެންނާނެކަން ޔަޤީނެވެ. އެހެންކަމުން އަހަރުމެން އެތަނުން ތެދުވީމެވެ. ނަމަވެސް ގޮނޑުދޮށުގައި ހިނގާކަށް ހިތެއް ނުރުހެވުނެވެ. މީހުން އާންމުކޮށް އައިސް ނޫޅުނަސް ރަށުތެރޭ އުޅޭ ގްރޫޕް ގަނޑު ނާންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތީމައެވެ.
އަހަރުމެން ވަނީ ހޭޅި ފަށުގައި ހެދިފައިވާ ކުރެދި ވަލެއް ތެރެއަށެވެ. ކުރެދިވާ ތެރެއިން ދެވެން އޮތް ހަނިމަގަގުން އެތެރެއަށް ވަދެގެން ދިޔައިރު ދެމީހުންގެ އަތްވަނީ ގުޅިލާމެހިފައެވެ. ދެމީހުން އެތާހުރި އުނިގަހެއްގެ ބުޑުގައި ޖައްސާލީމެވެ.
“…ބިރު ގަނޭތަ..” އަހަރެން އެހީމެވެ. ރީމް ނޫނެކޭ ބުނަމުން އަހަރެންގެ ކޮނޑުމަތީ ބޯ އަޅާލިއެވެ. އޭނާގެ ދެއަތްވަނީ އަހަރެންގެ އަތުގެ ބޮޑީ މަސްގަނޑު ވަށާލެވިފައެވެ. މަތި ހާމަކޮށް އޮވެފައި ހަނދުވަރު ދޭ ރެޔަކަށްވުމުން އެހާ އަނދިރިއެއްނޫނެވެ.
ދެމީހަކު އެކަހެރިކޮށް ތަނެއްގައި ބައްދަލުކުރާނަމަ ތިންވަނަ މީހަކަށް ޝައިތޯނާ ހުންނާނެކަން އެއީ އެންމެން ދަންނަ ހަޤީޤަތެކެވެ. އެޝައިތޯނާ އެމީހުންގެ މަގު އޮޅުވާލަން މަސައްކަތްކުރާނެއެވެ. ބޮލަށް ސަވާރުވާނެއެވެ. ފާފަތަކަށް އަރާގަތުމަށް ހިތްވަރުދީ ވަސްވާސްދޭނެއެވެ. އީމާންތެރިކަން ބަލިކަށި މީހުން އިސާހިތަކު ޝައިތޯނާގެ އަވާގައިޖެހި ހަލާކުވާނެއެވެ.
ރީމްގެ ބޮލަށްވެސް އެޝައިތޯނާ ވެރިވެގަތީކަންނޭގެއެވެ. އަހަރުމެން އެކިއެކި ވާހަކަތައް ދައްކަމުން ދިޔައިރު ފާހަގަވަމުން ދިޔައީ ރީމް ފަހަރަކަށްވުރެ ފަހަރެއް އަހަރެންނާ ކައިރިވަމުންދާ ކަމެވެ. އަހަރެންގެ އުނަގަޑުމަތީ އަތް އަޅުވާލަފާނެއެވެ. ގަމީހުގެ މަތިން މޭމަތީ އަތް ބާއްވާލަފާނެއެވެ. މޭމަތީ ފިރުމަން ފަށާފާނެއެވެ. ގަމީހު ގޮއްތަކާ ކުޅެލަފާނެއެވެ. މޭމަތިން ފަޅަންފަށާފައި ހުރި އިސްތަށިތަކަށް ދަމާލަފާނެއެވެ. މިހެންގޮސް ރީމް އެހެންޔާ ނޫޅޭ އެތަށްގޮތަކަށް އެރޭ އުޅުނެވެ. ވިސްނުމެއް ހުރި ކޮންމެ މީހަކަށް ބޭނުންވަނީ ކޮންކަމެއްކަން އެނގޭވަރު ކުރިއެވެ.
އަހަރެންނަށްވެސް ރީމްގެ ބޭނުން ކިތަންމެހާވެސް ރަނގަޅަކަށް އިނގުނެވެ. ވިސްނުނެވެ. އެކަމް ރީމްގެ އަމަލުތައް ހުރި ގޮތުން އަހަރެންނަށް ވާން ފެށީ އުނދަގުލެކެވެ. އަހަރެން އިނީ ބޮލަށް އުނދަގޫވެފައެވެ. އެތެރެހަށިން ހޫނު އަރާކަހަލަ އިޙްސާސެއްވެސް ކުރެވެމުންދިޔައެވެ. ހިތުގައިވެސް ބިރުވެރިކަމެއް އުފެދިފައިވާ ކަހަލައެވެ. އެތަށް ފަހަރަކު އެކަންތައް ހުއްޓުވުމަށް ސިކުނޑި ގޮވަމުންދިޔައެވެ. ތެދުވެގެން ދާންވެސް ބޭނުންވިއެވެ. އެކަމް އެކަންކުރާކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވިއެވެ. ރީމް އެއީ އަހަރެންގެ ލޯބިވެރިޔާއަށް ވީތީއެވެ. ކެތްކޮށްލާގެން އިނދެވޭތޯ މަސައްކަތްކުރީމެވެ.
އަހަރެން ދައްކަމުން ދިޔަ ވާހަކަވެސް ދެއްކުނީ ހުއްޓަ ހުއްޓަމުންނެވެ. ރީމް އަމަލުތައް ހުރި ގޮތުން އުނދަގޫވާ ވަރުންނެވެ. އެކަމަށް ސަމާލުކަން ދޭން ނޫޅުނަސް ސަމާލުކަން ދެވެނީއެވެ.
އަހަރެންގެ ގަމީހުގެ މަތީ ދެތިން ގޮށް ރީމް ނައްޓުވާލިއެވެ. އަދި ގަމީހުގެ ތެރެއިން މަޑުމަޑުން ތިރިއަށް އަތްގެންދަންފެށިއެވެ. އަހަރެން އިނީ ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ދެލޯވެސް މަރާގެންނެވެ. އޭރު ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދެމުން ދިޔައެވެ.
“..ރީމް..” އަހަރެން ރީމްގެ އަތް މާބޮޑަށް ތިރިޔަށް ގެންދަންފެށުމުން އަތުގައި ހިފަހައްޓާލަމުން ގޮވާލީމެވެ. އޭރު ރީމްގެ އަތްވަނީ ފޫޅުން ތިރީގައެވެ.
“..ޚާން..” ރީމް ވައި އަޑުން ގޮވާލިއެވެ. އެއަޑުގައިވަނީ މަސްތުކަމެވެ. އަދި ހަމަ އެ ސިކުންތުގައި ރީމްކޮށްލި ކަމަކުން އަހަރެންގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އޭނާ ކުއްލިއަކަށް އަތްދަމާގަނެ ދެއަތުން އަހަރެން މޫނުގައި ހިފަހައްޓާލަމުން ތިރީ ތުންފަތުގެ ލައްޒަތު ލިބިގަތީއެވެ. އަހަރެން އެއްގޮތަކަށްވެސް އެކަމުގައި ބައިވެރިވާ ހިތެއް ނުވިއެވެ. ދުރުކޮށްލަން ރީމްގެ ދެކޮނޑުގައި ހިފާލީމެވެ. ނަމަވެސް އެ ހިތްވަރެއްނުލިބުމުން އިންގޮތަށް އިނދެވޭތޯ މަސައްކަތްކުރީމެވެ.
ރީމް އަހަރެން ކަރު ދަށުގައި ބޮސްދޭންފެށިއެވެ. ހޫނު ތުންފަތް އެތަންމިތާ ޖައްސަންފެށިއެވެ. އަދި ގަމީހުގެ ބާކީ ހުރި ގޮށްތައް ވެސް ނައްޓުވާން ފެށިއެވެ. ރީމްގެ މަސައްކަތް ހިނދެއް ހިނދަކަށް ދިޔައީ އަވަސްވަމުންނެވެ. ރީމްގެ ހަރަކާތްތައް އެހިސާބަށް ދިޔުމުން އަހަރެންނަށް ކެތްކޮށްލައިގެނެއް ނުހުރެވުނެވެ. ކުޑަކޮށް ނުރުހުންވެ ރުޅިއަންނަގޮތްވިއެވެ. މިހާރު ދެން އެދަނީ މާ މައްޗަށެވެ. އަހަރެން ގައިމަތީ އޮތް ރީމް ދެކޮނޑުގަ ހިފާ ދުރަށް ކޮށްޕާލަމުން ކޮޅަށް ތެދުވީމެވެ. އަހަރެން ތިކަހަލަ ކަމެއް ކުރާކަށް ބޭނުމެއްނޫނެވެ.
ގަމީހުގެ ގޮށްތައް އަޅުވަމުން އެތަނުން ދިޔުމަށް ހިނގައިގަނެވުނީ ހިތްހަމަނުޖެހިފަ ހުރެވުން ވަރުންނެވެ. އޭރު އަހަރެންވަނީ ދަލުން ފޯވެފައެވެ. ވަކި ހިސާބަކަށް ދެވުންފަހުން އަހަރެންނަށް ހުއްޓެވުނެވެ. ފަހަތްބަލާލީމެވެ. ރީމް ދެއަތް ވިއްދާލައިގެން ބަލަން އޮތެވެ. އަހަރެން ހިތަށް އެރިއެވެ. ކަންތައް މިކުރެވެނީ ރަނގަޅަކަށް ނޫނެވެ. ރީމް އެކަނި މިތަނަށް ދޫކޮށްލާފައި ދާކަށް ނުވާނެއެވެ. މީ ރޭގަނޑެވެ. އަހަރެން ރީމްއާ ދިމާލަށް އަތް ދިއްކޮށްލީމެވެ. ނަމަވެސް ރީމް އަހަރެން އަތަކު ނުހިފިއެވެ. ރީމް ތެދުވެ ދެއަތް ފޮޅާލިއެވެ.
“..ރީމް..” އަހަރެން ގޮވާލުމުންވެސް ރީމް މަޑުނުކޮށް އެތަނުން ނުކުތެވެ.
“..ރީމް ހިތްހަމަ ނުޖެހުނީތަ..” އަހަރެން ފަހަތުން ގޮސް އެއްވަރު ކުރީމެވެ. ރީމް އަނގަޔަކުން ނުބުންޏެވެ. ހިނގުން ބާރުކުރަމުން ދިޔައީ ކުރިޔަށެވެ. ރުޅި އައީ ކަންނޭގެއެވެ. ނަމަވެސް އަހަރެންނަށް ވިސްނުން ގޮތުގައި ރީމްއަށް ރުޅި އައުމުގެ އެއްވެސް ހައްޤެއް ނެތެވެ. ކުށްކުރީ ރީމް އެވެ. ރުޅިއައުމުގެ ހައްޤު އޮތީވެސް އަހަރެންނަށެވެ. އެހެންކަމުން އަހަރެން ރީމް ހުއްޓުވާކަށް ނޫޅެމެވެ.
*******************
“..ތިވަރު ކަމަކާ ހިތްހަމަ ނުޖެހެން ޖެހޭތަ..” ޝާންޓޭއަށް ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން ބުނެލިއެވެ. އަހަރުމެން ތިބީ ޝާންޓޭ މެންގޭ ކުރިމަތީ ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައެވެ.
“..މަ އެތަނަށް ދިޔައީ އެގަނޑު ގަންނާކަށް ނޫނޭ.. ރީމް އެހެންއުޅުނީމަ ފޫހިވެސް ވެއްޖެ..” ޝާންޓޭއަށް އެކަންތައް ބޮޑު ކަމަކަށް ނުވިއަސް އަހަރެންނަށް އެއީ ބޮޑު ކަމެކެވެ. ހިތްހަމަނުޖެހޭ ވަރުކަމެކެވެ. އެކަމުގެ ސަބަބުން އުނދަގޫވިވަރު އިނގޭނީ އަހަންނަށްތާއެވެ.
“..ބަލަ ތިހެން އުޅެން ހަދައިގެން އެއްކަމެއްވެސް ހައްލެއް ނުވާނެ.. މި ވޭތުވެދިޔަ 06 މަސްތެރޭ ޚާންއަށް އައި ބަދަލާމެދު ވިސްނާލަބަ.. މިރޭ ރީމް އެހުރިހާ ކަމެއްކުރި އިރު އެއްވެސް ވަރަކަށް މާޒީ ހަނދާންވިތަ.. ނުވެއްނުން ދޯ؟ ދެން އެހުރިހާ ކަމެއްކުރިއިރު ކެތްކޮށްލާގެންވެސް އިނދެވުނެއްނުން..” ޝާންޓޭ އެބުނީ ތެދުވާހަކައެކެވެ. މި ވޭތުވެދިޔަ 06 މަސް ތެރޭ އަހަރެންނަށް ވަނީ ބޮޑެތި ބަދަލްތަކެއް އައިސްފައެވެ. ފުރަތަމަ ކޮޅުގައި ރީމް އަތު ހިފައިގެން ގިނައިރު ހުންނަންވެސް އުނދަގޫވެއެވެ. ރީމް ކޮނޑުގައި ބޯ އަޅާލިޔަސް ވަނީ އުދަނގުލެވެ. ނަމަވެސް ފަހުން ފަހުން އައިސް އެ ހުރިހާ ކަމަކުން އަހަރެންނަށް ލިބެމުން ދިޔައީ ހިތްހަމަޖެހުމެކެވެ.
“..އެކަމްވެސް އައި ކާންޓް ޑޫ..”
“..ވެއިޓް އަ މިނެޓް..” ޝާންޓޭ އަހަރެން ކޮނޑުމަތީ އަތް ބާއްވާލަމުން އަހަރެންގެ ވާހަކަ މެދު ކަނޑާލިއެވެ. “..ޚާންގެ ހިއްސުތައް ބަރާބަރުތަ؟..” އަހަރެންނަށް ޝާންޓޭއާ ދިމާލަށް ބަލާލެވުނެވެ. ޝާންޓޭ ހަނދާންކޮށް އެދިނީ އަހަރެންނަށް ވިސްނާނުލެވި އޮތް ތަންކޮޅެކެވެ. ވިސްނާލަން މަޖުބޫރު ތަންކޮޅެކެވެ.
އަހަރެން މީ އެހާ އީމާންތެރިކަން ވަރުގަދަ މީހެއް ނޫނެވެ. ޒިނޭކުރުމަކީ ހަރާމްކަމެއްކަން އަހަރެންނަށް އިނގެއެވެ. އެކަމް އަހަރެން އެވަގުތު ރީމް ދުރަށްކޮށްޕާލެވުނީ ފާފައަކަށް އަރާގަނެވިދާނެތީ ބިރަކުން ނޫނެވެ. ދެން އެކަހަލަ ކަންތަކާ ބިރު ގަންނާނީ މާޒީގައި ވެފައިވާ ކަމެއްގެ ސަބަބުންތާއެވެ. ނަމަވެސް މިރޭ އަހަރެން އެއްވެސް ވަރަކަށް މާޒީ ހަނދާން ވެފައެއް ނުވެއެވެ. ދެން އަހަރެންނަށް އެގަޑީގައި އެވީ ކޮން އުނދަގުލެއް ހެއްޔެވެ؟
“..ކީއްވެ އެއްޗެކޭ ނުބުނީ..” އަހަރެން ބަސް ހުއްޓިފައި އިނުމުން ޝާންޓޭ ބުނެލިއެވެ. އަހަރެން ބުނާނީވެސް ކީކޭ ހެއްޔެވެ؟ ހަޤީޤަތަކީ އަހަރެންގެ ހިއްސުތައް އެގަޑީގައި މަސައްކަތްކޮށްފައި ނުވާކަމެވެ. ހިއްސުތައް ގަދަނިދީގައި ވީކަމެވެ.
ކަމަކާ ބިރުން އުޅުނީމައި އެހެން ވެދާނެ ހެއްޔެވެ؟ އެހެންނަމަ އަހަރެން ބިރުގަތީ ކޮންކަމަކާ ހެއްޔެވެ؟ ހާސްވީމަ އެހެންވާކަމަށް ވާނަމަ ހާސްވީ ކީއްވެގެން ހެއްޔެވެ؟ ކަމަކާ ހިތްހަމަނުޖެހުހި ފޫހިވެގެން އެހެންވާކަމަށް ވާނަމަ ފޫހިވެ ހިތްހަމަ ނުޖެހެންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ ސިކުންތުކޮޅުތެރޭގައި ވެސް ޖަވާބު ނުލިބޭ އެތަކެއް ސުވާލްތަކަކުން އަހަރެންގެ ސިނކުޑި ފުރާލިއެވެ. އަހަރެންނަށް ޔަޤީންވާ ކަމަކީ ރީމް ދުރުކޮށްލެވުނީ ފާފައަކަށް އަރާގަނެވިދާނެ ކަމުގެ ބިރެއް އޮތުމުން ނޫންކަމެވެ.
“..ޚާން..” ޝާންޓޭ އަނެއްކާވެސް އަހަރެންނަށް ގޮވާލިއެވެ.
“..އެއީ ބޮޑުވެގެންވާ ފާފައެކޭ..” އަހަރެން ހަޤީޤަތް ހާމަކުރަން ބޭނުން ނުވީއެވެ. ދެން އިތުރަށް އެވާހަކަތައް ދައްކާކަށްވެސް ބޭނުމެއް ނުވިއެވެ. އެހެންކަމުން އެވާހަކަތައް އޮއްބާލާފައި އަހަރެން ދިޔައީ ގެޔަށެވެ.
އަހަރެން ގެޔަށް ގޮސްފައިވެސް އެކަމާ ވަރަށް ބޮޑަށް ވިސްނީމެވެ. އަހަރެން ވިސްނާލުމުން އެނގުނީ އަހަރެންގެ މައްސަލަތަކެއް އުޅޭކަމެވެ. އެއީ މާޒީގަ ހިނގާގޮސްފައިވާ ކަންތަކުގެ ސަބަބުން މެދުވެރިވެފައިވާ ކަމެއްކަމުގައެވެ. ފުރަތަމަ ފަހަރަށް އެހާ ގައިގޯޅި ވެވުމުން އުނދަގޫވީ ކަމުގައެވެ. ފަހުން ރަނގަޅުވާނެކަމަށް ޔަޤީންކުރީމެވެ. 06 މަސްދުވަހު ތެރޭ އަހަރެން ބަދަލްވެގެން ދިޔަގޮތަށް އެކަންތައްވެސް ދާނީ ރަނގަޅުވަމުންނެވެ. އެހެނަސް އެކަން ރަނގަޅު ކުރާށެކޭ ކިޔާފައި އަހަރެން ރީމް އާ ގައިގޯޅި ވުމަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވިއެވެ.
ޖެހިގެން އައި ދުވަހު މާފަށް އެދި ރީމްއަށް ސިޓީއެއް ފޮނުވީމެވެ. ޒާނާއާ ހަވާލުކޮށްފައެވެ. ސިޓީގެ ޖަވާބުވެސް ލިބުނެވެ. ރީމްއަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަމަށް ބުނެފައިވެއެވެ. އެކަމާ ލަދުން ރޭގައި އަވަހަށް ދިޔައީކަމަށް ބުންޏެވެ. އަދި ރޭ ހިނގާދިޔަ ހުރިހާ ކަމަކަށް މާފަށް އެދިފައިވެއެވެ. ސިޓީ ކިޔާފައި އަހަރެންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ރީމް އަހަރެން ކުށްވެރިކޮށް ނުލީތީއެވެ.
އަހަރެން ފުރަތަމަ ރޭގެ ތަޖުރިބާއަށް ބެލުމަށްފަހު ދެން ބައްދަލުވި އެއްވެސް ރެޔަކު ހޭޅިގަނޑު ތެރެއަކަށް ނުވަންނަމެވެ. ގޮނޑު ދޮށުގައި ހިނގާލާ ވާހަކަ ދައްކާލާފައި ދަނީއެވެ.
ރީމް އަހަރެންގެ ކިބައިން މާފަށް އެދުނެއްކަމަކު އެރޭގެ އެ ހާދިޡާގެ އަސަރު އަހަރެމެންގެ ގުޅުމަށްކުރަން ފެށިއެވެ. ރީމްއަށް ބަދަލްތަކެއް އަންނަން ފެށިއެވެ. އަހަރުމެން ދެމީހުންގެ މެދުގައި ދުރުކަމެއް އުފެދިފައިވާކަން ފާހަގަވާން ފެށިއެވެ. ރީމް ބައްދަލުކުރަން އަންނައިރުވެސް ބައެއްފަހަރު ހުންނަނީ ވާހަކަ މަދުވެފައި ނެގިމަޑުވެފައެވެ. އަހަރެން އެކަމާ ބެހޭގޮތުން ސުވާލެއްކޮށްފިނަމަ ކަމެއް ނުވާކަމަށް ބުނާނެއެވެ. މިހާރު އުޅޭ ގޭގައި ބުރަކަމަށް ބުނެ ހަމަޖައްސާލާނެވެ. އަދި ބައެއް ރޭރޭގެ ބައްދަލުވުންތަކައްވެސް ނާންނަން ފެށިއެވެ. އެކަމާ ސުވާލެއްކޮށްފިނަމަ ގޭގައި މަސައްކަތެއް ޖެހިގެން ނާދެވުނީކަމަށް ބުނާނެއެވެ. ރީމް ފޮނުވާ ސިޓީތަކާ ލަވަތައްވެސް މަދުވާންފެށިއެވެ. އެސެންބްލީގައި ހުންނައިރުވެސް އަހަރެން ސިއްރުން ބަލާއިރު ރީމް މޫނުމަތީގައި އުފާވެރިކަން ނުހުންނަކަން ފާހަގަވެއެވެ. ނަމަވެސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. އަހަރެންނަށް ޤަބޫލްކުރެވޭ ގޮތުގައި ރީމްއަށް އެބަދަލް އެއައީ އަހަރެންގެ ސަބަބުންނެވެ. އަހަރެންނަށް އެވަރަށް ލޯބި ނުދެވޭތީ ފޫހިވީ ކަންނޭގެއެވެ.
އަހަރެން ޝާންޓޭއާ އެކަމާ މަޝްވަރާކުރީމެވެ. އަދި އަހަރެން ޝާންޓޭއަށް ސިއްރުކުރި ކަންތަކުގެ ވާހަކަވެސް ލަދުކަނޑާލާފައި ބުނީމެވެ.
“..އެރޭވެސް އެނގުނޭ މަށަށް އެކަން.. ޚާން ބުނަން ބޭނުން ނުވީމަ ދެން އެވަރަކުން ފަހުން ނޭހީ ..ޚާން ދެން ކުރަންވީ ކަމަކީ ތިއުޅުން ބަދަލްކޮށްލަންވީ.. ހަގްކޮށްލާ ކިސްކޮށްލާ ހަދާލަންވީ.. އޭރުން ޝަޢުޤު އައިސް ހިއްސުތައްވެސް ނިދީން ހޭލަންފަށާފާނެ.. ތިހެން އުޅެން ހަދައިގެން ރީމް ޚާން މަތިން ފޫހިވެދާނެ.. އެހެންވާކަށް ޚާންވެސް ބޭނުމެއްނުވާނެ..” ޝާންޓޭ އިބިލީހެއްހެން އަހަރެންނަށް ވަސްވާސް ދިނެވެ. ރީމްއާ ގައިގޯޅި ވުމަށް ހިތްވަރު ދިނެވެ.
އަހަރެން ޝާންޓޭގެ ބަހަށް ހެއްލި އެކަންކަން ކުރެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އަހަރެންނަށް ވީ ހަމަ ފުރަތަމަ ރޭވެސް ވީވަރެވެ. ފުރަތަމަ ރޭ ވީ އުނދަގޫތައް ދެވަނަ ރޭވެސް ވިއެވެ. ތިންވަނަ ރޭވެސް ވިޔެވެ. ހަމަ އެފޫހިކަން ހިތަށްވެރިވިއެވެ. ތުރުތުރުވެސް އެޅިއެވެ. ރީމް ކޮންޓްރޯލް އިން ނެއްޓިގެން ދާއިރުވެސް އަހަރެންގެ ހިއްސުތަކަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން އަހަރެން ފާފައެއް ކުރަން ޖެހިލުންވަނީ ކަމަށް ބުނެ ރީމްއަށް އޮޅުވާލީމެވެ. އަދި އޭގެ ފަހުން ރީމް އާ ކައިރިވާކަށްވެސް ނޫޅެމެވެ. ދެން ދުވަސްކޮޅަކުން އިވިގެންދިޔައީ ރީމް ބަނޑުބޮޑުވި ހަބަރެވެ.
*******************
އަހަރެން ސިހިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އަލްބަމް ލައްޕާލަމުން ގަޑިއަށް ބަލާލީ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުންނެވެ. ގަޑިން އެގާރަ ޖަހަނީއެވެ. މިގަޑީގައި ކާކު ހެއްޔެވެ؟ މަންމަމެންވެސް މިހާރު ނިދާފާނެއެވެ. ކުޑަދޮރުކައިރިއަށް ހުއްޓި ފޮތިގަނޑު ހިއްލާލާ ބޭރު ބަލާލީމެވެ. ބޭރު ބޮކިތައް ނިވާލާފައި ހުރުމުން ކާކުކަމެއް ނޭގުނެވެ. ކޮންމެސް މީހަކު އެތާ އެބަހުއްޓެވެ. އޭރުވެސް އެމީހަކު ދޮރުގައި އިރުއިރު ކޮޅާ ޓަކި ޖަހާލައެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




