މައި ނޭމް އިޒް ޚާން (ހަތްވަނަބައި)
އަހަރެން ސިހިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އަލްބަމް ލައްޕާލަމުން ގަޑިއަށް ބަލާލީ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުންނެވެ. ގަޑިން އެގާރަ ޖަހަނީއެވެ. މިގަޑީގައި ކާކު ހެއްޔެވެ؟ މަންމަމެންވެސް މިހާރު ނިދާފާނެއެވެ. ކުޑަދޮރުކައިރިއަށް ހުއްޓި ފޮތިގަނޑު ހިއްލާލާ ބޭރު ބަލާލީމެވެ. ބޭރު ބޮކިތައް ނިވާލާފައި ހުރުމުން ކާކުކަމެއް ނޭގުނެވެ. ކޮންމެސް މީހަކު އެތާ އެބަހުއްޓެވެ. އޭރުވެސް އެމީހަކު ދޮރުގައި އިރުއިރު ކޮޅާ ޓަކި ޖަހާލައެވެ.
އަހަރެން ދޮރާ ކައިރިޔަށް ޖެހިލާ ކާކުތޯ ސުވާލްކުރީމެވެ. ކޮންމެވެސް އެއްޗެއް އެމީހަކު ބުނި އަޑުއިވުނެވެ. ބުނި އެއްޗެއް ސާފެއް ނުވިއެވެ. ދޮރު ހުޅުވުމަށް ތަޅުގައި ހިފާލުމަށްފަހު ކޮންމެފަދަ މީހަކުވެސް އައިސްފާނޭ ހިތަށްއެރުމާއެކު އަނެއްކާވެސް ކާކުތޯ ސުވާލުކޮށްލީމެވެ.
“..މީ މަށޭ…ޚާން..ދޮރުހުޅުވަބަ..” އެއީ ޝާންޓޭގެ އަޑެވެ. އޭނާ މިގަޑީގައި އެއައީ ކީއްކުރަން ހެއްޔެވެ؟ އަހަރެން މަޑުމަޑުން ދޮރު ހުޅުވާލުމާއެކު ޝާންޓޭ އެތެރެއަށް ދެމިގަނެ ދޮރުލައްޕާ ތަޅުލިއެވެ.
“..އާ ޔޫ އޯކޭ.. ރޮނީތަ؟..” ޝާންޓޭ އަހަރެން މޫނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން މޫނުމަތިން ރޮއެފަވާ ކަމުގެ ނިޝާނެއް އޭނާއަށް ފެނުނީ ކަންނޭގެއެވެ.
“..ކީއްކުރަން މި ގަޑީގަ ތިއައީ..” އަހަރެންނަށް ޝާންޓޭގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ބުނީމެވެ. އެހާ ލަސް ގަޑިއެއްގައި ޝާންޓޭ އައުމުން އަހަރެން ހުރީ ކޮންމެސް ވަރަކަށް ހައިރާންވެސްވެފައެވެ. ޝާންޓޭ ފުންނޭވާއެއް ދޫކޮށްލަމުން ގޮސް އެނދުގައި އިށީނެވެ.
“..ޚާން ނުނިދާ އުޅޭނެކަން އިނގޭތި މި އައީ..” އަހަރެންނާ ދިމާލަށް ބަލާލަމުން ޝާންޓޭ ބުނެލިއެވެ. “..އެންޑް އައި އޭމް ސޮރީ.. މާފަށްވެސް އެދެންށާއެކީ..” އަހަރެން އަނގަޔަކުން ނުބުނަމެވެ. ބަލަހައްޓާގެން ހުރެވުނީއެވެ. އަހަރެންނަށް މިރޭ މިފެންނަ ޝާންޓޭއާއި ކުރިން ފެނިފައިވާ ޝާންޓޭއާ ވަރަށް ބޮޑު ފަރަޤެއްވާކަން ފާހަގަކުރެވުނެވެ. މަޖާ ސަކަ މިޒާޖްގެ ޝާންޓޭ މިރޭ ފެންނަނީ މާޔުސްވެ ދެރަވެފައި ހުރިހެންނެވެ.
“..ސީރިއަސްލީ.. މަ ބޭނުންވީ ޚާން ހަމަޔަކަށް އަޅުވަން.. މަށަށް އިނގޭ ޚާން އެކަހަލަ ގުޅުމެއް ރީމްއާ އެކު ނުހިންގާކަން.. އައި ރިއަލީ ޓްރަސްޓް ޔޫ.. ގުޅުމެއް ހިންގިންތޯ އެހީވެސް ޚާން އަނގައިން ބަހެއް ބޭރުކުރޭތޯ.. އަހަރެން އުޅުނީ ޚާންގެ ސިކުނޑިއަށް ލުޔެއް ހޯދައިދެވޭތޯ.. އައި އޭމް ސޮރީ..” އަހަރެންގެ ހަނދާނަށް އަންނަން ފެށީ މިރޭ ބީޗްގައި ހިނގާދިޔަ ކަންތައްތަކެވެ. ޝާންޓޭ އަހަރެން އަނގައިން ނުބުނެ އިނުމުން ވާހަކަ ދައްކުވަން ކީ އެއްޗެއްސެވެ. އަހަރެން ރުޅި އައިސްގެން ގޮވުނު އެއްޗިއްސާއި އޭގެ ފަހުން ކަންތައް ވެގެންދިޔަގޮތެވެ. އެހުރިހާ ހަނދާނެއް އައުމުން އަހަރެންނަށް އިސްޖަހާލެވުނެވެ. އަހަރެންނަށްވެސް ކަންތައް ކުރެވިފައި ވަނީވެސް ރަނގަޅަކަށް ނޫނެވެ.
“..މަ އެދުވަހު ގޭ އެކޭ ކިޔާގެން ދިމާކުރީވެސް މަޖަލަކަށް.. އެއްވެސް ހާލެއްގަ މަލާމަތްކުރުމުގެ ނިޔަތަކު ނޫން.. ހިޔެއްނުކުރަން މިހާދުވަސް ވަންދެން އެކަން ހިތުލައިގެން އުޅޭނެކަމަކަށްވެސް.. އައި އޭމް ރިއަލީ..”
“..އައި އޭމް ސޮރީ..” އަހަރެން ޝާންޓޭގެ ވާހަކަ މެދު ކަނޑާލީމެވެ. އޭނާ އެވަރަށް މާފަށް އެދޭކަށް ނުޖެހޭނެއެވެ. ހަޤީޤަތުގައި ކުއްވެރިޔަކީ އަހަރެންނެވެ.
“..މަށަށް ރުޅި އާދެވުނީތީ ސޮރީ..” އަހަރެން ޝާންޓޭދެކެ ރުޅި އަންނަންޖެހޭ ވަރުގެ އެއްވެސް ސަބަބެއް ނެތެވެ. “..އަސްލު ބޮލުގެ ރިހުން ގަދަވެގެންގޮސް ރުޅި އާ ދެވުނީ..”
“..މިހާރު އޯކޭތަ؟..” ޝާންޓޭ ހިނިތުންވެލަމުން އެހިއެވެ.
“..ބޮލުގެ ރިހުން އޯކޭ..” އަހަރެން ހިނގަމުން ގޮސް އެނދުގައި އިށީނީމެވެ.
“..ހުރިހާކަމެއް އޯކޭ ވަމުންދާނީ.. މަށަށް އިނގޭ ޚާން މިރޭ އުޅޭނީ ނުނިދިގެންކަން.. އެހެންވެ މިއައީ… މަ ހުރީމަ ރީމްގެ ހިޔާލްތަކާ ދުރުވާންވެސް ފަސޭހަވާނެނުން.. އެކަނި އޮންނަން ވެއްޖެޔާ ހަދާންކުރަން ބޭނުން ނުވިޔަސް ހަނދާންވާނެ..” ޝާންޓޭ އެނދުގައި ހުރަހަށް އޮށޯވެލިއެވެ. އަހަރެން އެނދުގެ ބިއްދަށަށް ޖެހިލާ ބުރިކަށިދަށަށް ބާލީހެއް ލައްވާލަމުން ފާރުގައި ލެނގިލީމެވެ.
“..މީ ދޯ ތިކުރާ ކަމަކީ..” ޝާންޓޭ އެނދުމަތީ އޮތް އަލްބަމް ނަގަމުން ބުންޏެވެ. “..ޚާންގެ ނަސީބު މަ ބުނިބަހަށް ހެއްލިގެންވެސް އެކަހަލަ ކަމެއް ނުކުރެވުންކަން… އެހެން ނޫންނަމަ މިއަދު ރީމްގެ ބަނޑުގަ އޮންނާނީ ޚާންގެ ދަރިއެއްކަންނޭގެ.. މުޅި ރަށަށް ބޭޒާރުވާނެ ޚާންވެސް.. މަ ވަރަށް ހިތްހަމަ ޖެހިއްޖެ ޚާން އެމަޅިން ސަލާމަތްވެފަ އޮތީމަ..”
އެވަގުތު އަހަރެންގެ ސިކުނޑީގައި ގުގުމާލީ ޒާނާ ބުނެފައިވާ ބަސްތަކެވެ. “..ބުނަން ރަނގަޅު ވާހަކަ އެއް މުޙައްމަދު ވިޚާން.. ކަލޭ މާ އިނޮސެންޓް މީހަކަށް ވެގެން އުޅޭނެކަމެއް ނެތް ..މަށަށް ކަލޭގެ ފެންވަރު އެނގި ހާމަވެއްޖެ.. އަހަރެން ކަލޭގެ ތި އަނދިރިފަރާތް މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނަން.. ކަލެޔާ ރީމްއާ ސިއްރު ގުޅުމެއް އޮތްކަން އެންމެނަށް އަންގާނަން.. ރީމް ސުކޫލުން ކަނޑާލި ގޮތަށް ކަލޭވެސް ކަނޑާލާ ވަރު ކުރާނަން..”
އެހެންވީމާ އެކުއްޖާ އަހަރެން ބޮލަށް ނާންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއްނެތެވެ. މުޅި ރަށަށް ބޭޒާރުކޮށްލާނޭ ކަމުގެ އިންޒާރު ޒާނާއެވަނީ ދީފައެވެ. މަންމަ އާއި ބައްޕަގެ ކަންފަތާހަމައަށްވެސް އެވާހަކަތައް އަންނާނެވެ. އޭރުން މަންމަ ކިހާ ލަދެއް ގަންނާނެ ހެއްޔެވެ؟ ބައްޕަ އަންނަ ރުޅީގައި އަހަރެންނަށް ހަދާލާނެގޮތެއްވެސް އެނގެނީކީ ނޫނެވެ.
“..ހީވޭތަ ޒާނާ މަޑުމަޑުން ހުރެދާނެހެން..” އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ. ޝާންޓޭ ތެދުވެ އަހަރެން މޫނަށް ބަލާލިއެވެ.
“..އޭނަ އެހެންބުނެފަ އޮތީމަ އެކަމާވެސް ވިސްނަނީތަ؟..” ޝާންޓޭ ފާރުކައިރިއަށް ޖެހިލާ ލައްވެލިއެވެ. އަހަރެން ޖަވާބެއް ނުދީ އިންގޮތަށް އިނީއެވެ.
އަހަރެން މީ ކުދިކުދި ކަންތަކާވެސް ހާސްވެ ފިކުރުބޮޑުވާ މީހެކެވެ. ދެން އެވަރު ބޮޑު ބޭޒާރެއްކުރަން އުޅޭއިރު އަހަރެންނަށް ނުވިސްނާ ހުރެވޭނެ ހެއްޔެވެ؟
“..ޒާނާ ރުޅި އައިސްގެން ގޮވި އެއްޗެހި އެއީ.. ރީމްވެސް އޭނަ ކައިރީ ބުނިކަމަށްވަނީ ޚާންގެ ދަރިއެއް ނޫނޭ.. އެކަމް ޒާނާ އަހާ އަހާވެސް ކާކުގެ ދަރިއެއްކަމެއް ނުބުނީމަ ޒާނާ ޝައްކުކުރީ ޚާންއަށް.. ޚާން މަޑުމަޑުން ހުންނާތީ ސުކޫލުގަވެސް ރަނގަޅު ނަތީޖާ ހޯދަމުން އަންނާތީ ޚާން ސަލާމަތް ކުރަން ރީމް ނުބުނީކަމަށް ޒާނާ ވިސްނައިގެން އެއުޅެނީ..” އަހަރެންނަށް ޝާންޓޭއާ ދިމާލަށް ބަލާލެވުނެވެ. އޭނާއަށް އެހުރިހާ ކަމެއް އެނގުނީ ކިހިނެއްހެއްޔެވެ؟
“..ހަނދާންވޭތަ މަ ޒާނާ ފަހަތުން ދިޔަކަން..” ޝާންޓޭއަށް އަހަރެން ހިތުގައިވި ސުވާލު ދެނެގަނެވުނެވެ. “..ޚާންއާ ދިމާލަށް ވަރުގަނޑު ބާލާފަ ދާން ފެށީމަ މަ ދިޔައީމެއްނުން ފަހަތުން.. މަ ގޮސް އެހީ ރީމް ބުނީހޭ ޚާންގެ ދަރިއެކޭ.. އޭނަ ރުޅިއައިސް މަށަށްވެސް އެއްޗެހި ކީ.. އެކިޔުމުގެ ތެރޭ ޒާނާ ފަރާތުން އެކަންކަން މަށަށް އެނގުނީ..”
ޝާންޓޭ އެރޭ އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ. ރީމްއަކީ ބޭވަފާތެރިއެއްކަމަށާއި ލޯބިވާ މީހުން އެހެންނުހަދާނެކަމަށް ބުނެ ވިސްނާދިނެވެ. އަދި ރީމްމަތިން ހަނދާންނައްތާލާ ކުރިޔަށް ދިޔުމަށް ބުނެ ނަސޭހަތްދިނެވެ. ފަހަތަށް ނުބެލުމަށް ބުންޏެވެ. ފަހަތަށް ބަލަމުން ކުރިޔަށް ހިނގުމަކީ އުނދަގޫކަމަކަށް ވާނެތީއެވެ. އޭނާ ހުރީ ހުރިހާކަމެއްގައި އަހަރެންނަށް އެހީތެރިވެދޭން ތައްޔާރަށެވެ. އަހަރެން ހިތަށް އެރިއެވެ. މިކަހަލަ ދަނޑިވަޅެއްގައި ޝާންޓޭ ކަހަލަ އެކުވެރިޔަކު ހުރިކަން ނަސީބެކެވެ. ރީމް ނެތަސް އަހަރެންނަށް ހެޔޮއެދޭ އެކަކު އަދިވެސް އެބަހުއްޓެވެ. ތިން އަހަރުވެގެން ދިޔައިރުވެސް ދެގޮތެއްނުވާ ބަދަލެއްނުވާ އެކުވެރިޔަކު އެބަހުއްޓެވެ. ޝާންޓޭގެ އެހީތެރިކަމާއެކު އަހަރެން ރީމް މަތިން ހަނދާން ނައްތާލަން މަސައްކަތްކުރާނަމެވެ.
ޝާންޓޭ ގެޔަށްދިޔައީ 2 ޖަހާ ބޮޑުވިފަހުންނެވެ. އެވެސް އަހަރެން ވަރަށް ކިޔާ އާދޭސްކުރިފަހުންނެވެ. ޝާންޓޭ ގެޔަށް ދިޔުމުން އެނދުގައި ޖައްސާލީމެވެ. އޭރު އަހަރެންނަށް ވަނީ ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިކަމުން އަހަރެން ބޭނުންވީ ނިދާލާށެވެ. ލޯމަރާލަމުން ބާލީހުގައި ބައްދާލީމެވެ. އެހެން އަހަރެންނަށް އޮވެވުނީ އިރު ގަނޑަކުއެވެ. ރީމްގެ ހިޔާލްތައް އަންނަން ފެށުމާއެކު ލޯ ހުޅުވާލީމެވެ. އެޔާއެކު ޑްރެސިން ޓޭބަލްމަތީ އޮތް އަލްބަމް ފެނުނެވެ. އެހެންކަމުން އެނދުން ތެދުވެލީމެވެ. އަލަމާރި މަތީ ހުރި ގިފްޓްތައްވެސް ލޮލުގައި އަޅައިގަތީ އެވަގުތެވެ. އެއީ ރީމް އެކިދުވަސްތައް މަތިން ދީފައި ހުރި އެއްޗިއްސެވެ.
ޝާންޓޭ އަހަރެން ކައިރީ ބުނެފައިވަނީ ރީމްގެ ހިޔާލްތައް އަންނަ ކޮންމެ އެއްޗަކާ ދުރުވުމަށެވެ. އެކަންކަމަށް ސަމާލްކަން ނުދީ އެހެންކަމަކަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރުމަށެވެ. އެހެންކަމުން އެހިޔާލްތަކާ ދުރުވުމުގެ ބޭނުމުގައި އަހަރެން ސުކޫލަށް ގެންދާ ދަބަސް ނެގީ އޭގައި އޮތް ވާހަކަ ފޮތެއް ކިޔާލުމުގެ ބޭނުމުގައެވެ. ނަމަވެސް ދަބަސް ހުޅުވާލުމާއެކު އޭގެ ތެރެއިންވެސް ފެނުނީ ރީމްގެ ހަނދާންތަކެވެ. ރީމްއަށް ދިނުމަށް ގަނެފައިވާ އެނިވާރސަރީ ގިފްޓެވެ. ރުޅިއައިސްގެން ދަބަސް ދޮރު ބުޑަށް ހޫރާލެވުނެވެ. ބަލާލި ކޮންމެތާކުން ފެންނަނީ ރީމްއާ ގުޅުންހުރި އެއްޗިއްސެވެ. ބޮލުގައި ރިއްސަންފެށުމާއެކު ދެއަތުގެ އިނގިލިތައް ބޮލުގެ އިސްތަށިގަނޑު ތެރެއަށް ކޮށްޕާލަމުން ފަލަމަސް ގަނޑުމަތީ އުޅަނބޮށި ވިއްދާލީމެވެ.
އަހަރެން ބޯ ހިއްލާލައި ކޮންމެ އެއްޗަކަށް ވަކިވަކިން ނަޒަރު ހިންގާލީމެވެ. ތެދުވެގެންގޮސް ހުރިހާ ގިފްޓްތަކެއް ނަގައި އަލަމާރި ތެރޭހުރި ފޮއްޓަކަށް އަޅާލީމެވެ. އެޔަށްފަހު އަލްބަމް ހިފައިގެން ނުކުތީ ކޮޓަރިން ބޭރަށެވެ. 10 ވަރަކަށް މިނެޓް ފަހުން އެނބުރި ކޮޓަރިއަށް އައިސް ވަނީ އަލްބަމްގަ ހުރި ހުރިހާ އެއްޗެއް އަލިފާނަށް އަޅާ އަންދާލުމަށްފަހުގައެވެ.
****************
ހެނދުނުގެ ވަގުތެވެ. އަހަރެން ތައްޔާރުވެލައިގެން ބޭރަށް ނުކުތީ ސުކޫލަށް ދިޔުމުގެ ބޭނުމުގައެވެ. އަހަރެންނަށް ރޭގަ ހަމަނިދި ނުލިބުމުގެ ސަބަބުން ލޮލުގަޔާއި ބޮލުގައިވެސް ރިހެމުން ދިޔައެވެ.
“..ދަރިފުޅުގެ ލޯ ހާދަ ރަތްކޮށް.. ބަލީތަ؟..” މަންމައަށް އަހަރެން ފެނުމާއެކު ބުނެލިއެވެ. “..ރޭގަ ހޭލާ އުޅުނީދޯ؟..”
“..ވަރަށް ލަހުން ނިދުނީ..” އަހަރެން މިސްރާބް ޖެހީ ކާގެޔާ ދިމާލަށެވެ.
“..ހާދަ ލޯ ރަތޭ..” ޝާންޓޭއަށްވެސް އަހަރެން ފެނުމާއެކު ބުނެވުނީ އެހެންނެވެ.
“..އާނ ކަލޭގެ ލޯ ތިހުރީ ހުދު ބޯކިރު ކުލައިގަ..” އަހަރެން ހަމަޖެހޭގޮތް ދައްކަމުން ބުނީމެވެ.
“..ހެހެހެ..މަށަށްވެސް ރޭގަ ނުނިދުނޭ..” ޝާންޓޭ ބުނެލިއެވެ. “..ތިގޮތަށް އުޅެންވާނީ އޭރުން ފަހުން ރަނގަޅުވާނެ.. މަ ރޭގަ ދިން ނަސޭހަތްތައް އަޑުއަހާފިކަން އެނގިއްޖެ..”
ޝާންޓޭ އަހަރެން ކައިރީ ބުނެފައިވަނީ ވާހަކަ ނުދައްކާ މަޑުމަޑުން ނުހުރުމަށެވެ. ހިތުގެ މައްޗަށް ސިކުނޑިން ބާރު ފޯރުވާ ރީމްގެ ބޭވަފާތެރިކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށެވެ. ހިތުގަޔާއި ސިކުނޑީގައި ކިތަންމެ ބޮޑު ތޫފާނެއް އެކުލެވިފައިވިޔަސް ހިތްވަރުކުރުމަށެވެ. އަހަރެން ހިތްވަރުކުރާނަމެވެ. ކޮންމެކަހަލަ މޫޑެއްގައި ހުއްޓަސް ޝާންޓޭއާ ވާހަކަދެއްކޭތޯ މަސައްކަތް ކުރާނަމެވެ. ހަމަޖެހިގެން އުޅެވޭތޯ މަސައްކަތްކުރާނަމެވެ. އަދި ރީމްގެ ބޭވަފާތެރިކަން ދުވަހަކުވެސް ހިތަކުން ފިލުވައެއްނުލާނަމެވެ. ދުވަހަކުވެސް ރީމްއަށް މާފެއްވެސް ނުކުރާނަމެވެ. އަހަރެން ރީމްއަށް ކުރަމުން އައި އިތުބާރުވަނީ ގެއްލިފައެވެ.
“..ކަލޭމެން ދެމަފިރިން ރޭގަ ހޭލާ އުޅުނު ރެޔެއްތަ؟..” އަހަރެންނާ ޝާންޓޭ ކުލާހަށް ވަނުމާއެކު ޒާލް ބުނެލިއެވެ.
“..ކަލޭ ފޯކޭ ކިޔާބަލަ..” ޝާންޓޭ ރައްދުގައި ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ގޮސް އިށީނީމެވެ. އެއީ އަހަރެންނަށް އާ ކަމަކަށް ނުވާތިއެވެ. އަހަރުމެން ދެމީހުން އެއްކޮށް އުޅޭތީ މީގެ ކުރިންވެސް އަހަރެންނާ ޝާންޓޭ އޭ ކިޔައިގެން އަޅުވާކިޔާ ހަދާފައިވެއެވެ.
“..އާނ ރޭގަ އެދެ* އުޅުނީ ހޭލާ ގަނޑުގަންނަން..” އައްކި ޒާލްއާ ބައިވެރިވެލިއެވެ. އަދި ދެމީހުން އެކީ ހޭން ފެށިއެވެ.
“..ބަލާއެއްނުން.. ފަ** ވައްތަރުގެ ވާހަކަ ނުދައްކާ މައިތިރިވެގެން އިނދެވޭތޯ ބަލާބަ..” ޝާންޓޭ އެހެންބުނި އިރު އަޑުގައިވި ހިތްހަމަނުޖެހުން އަހަރެންނަށް ފާހަގަވިއެވެ.
“..އާނ ޔަޤީނޭ ރޭގަ ގަނޑެއް ގަތީކަން..” ޒާލް ބުނިއަޑު އިވުނެވެ. އަހަރެން ޝާންޓޭއާ ދިމާލަށް ބަލާލީމެވެ. ޝާންޓޭ ފާޑަކަށް ޒާލްއާ ދިމާލަށް ބަލާލިއެވެ. ރުޅިވެރި ނަޒަރަކުންނެވެ.
“..*** ކަނޑާލީ ތޯއްޗެ..” އަނެއްކާވެސް ޒާލް ބުނިއަޑު އިވުނެވެ. އެހެން ބުނުމުން އަހަރެންވެސް ހިތްހަމަ ނުޖެހުނެވެ. މިހާރު ދެން އެދަނީ މާ މައްޗަށެވެ. ނަމަވެސް އަހަރެން ޒާލްއާ ދިމާލަށް ބަލާލުމަށްފަހު އެއްޗެއް ނުބުނެއިނީއެވެ.
“..ޚާން ** ގަ *** އިނދޭތަ..” އައްކި ހިނިގަނޑަކާއެކު ބުނެލިއެވެ. އެއަޑު އިވުނު ކުލާސް ހުރިހާކުދިންވެސް ހޭންފެށިއެވެ.
“..ތި* އަމާ ** ކިޔާބަލަ.. ނަ***..” އަހަރެން ސިހިގެންދިޔައީ ޝާންޓޭ ގޮނޑިން ކުއްލިއަކަށް ތެދުވުމުންނެވެ. އަދި ހަމަ އެސިކުންތުގައި ކުރިމަތީ ގޮނޑީގައި އިން އަކްޝަމް ގަމީހުގެ ގިރުވާނުގައި ފަހަތުން ހިފާ ފުރަގަހަށް ދަމާގަތެވެ. އަކްޝަމް އިދިފުށަށް ގޮނޑިއާއެކު ވެއްޓުނެވެ.
“..ރުނޑިކާޅު މާ އަނގަ އެރުވޭ މީހަކަށްވެގެން މިއުޅެނީ..” ޝާންޓޭ އަކްޝަމް ގަމީހު ގިރުވާނުގައި ހިފާކޮޅަށް ނަގަމުން ފާރާލާ ހިއްޕާލިއެވެ. ހަމަ އެސިކުންތުގައި ކުލާހުގެ އެއްކަނަކަށް ހޫރުވާލިއެވެ. “..ދެން ނިކަން އަނގަ އަރުވަބަލަ ނަ***..”
ޝާންޓޭ އަކުޝަމް އާ ދިމާލަށް ހިނގައިގަތެވެ. އަހަރެން ވަގުތުންގޮސް ޝާންޓޭ ހިފެހެއްޓޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އޭނާ އައިސްފައި ހުރި ރުޅީގައި އަހަރެން ފޮޅުވާލާފައި ހިނގައިގަތީ ކުރިޔަށެވެ. (ނުނިމޭ)
One Comment
Comments are closed.
nice