ރޭގަނޑު އަށެއްގެ ޚަބަރަށްފަހު ޓީވީއިން ފޮނުވަމުންދިޔަ އިޖްތިމާއީ މައްސަލަތަކާއި އެހެނިހެންވެސް މައްސަލަތަކާއި ބެހޭ ޕްރޮގްރާމް ބަލަން އިން ހުޒާމްގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ. އެޕްރޮގްރާމުގައި ދައްކަމުންދިޔަ ވާހަކައިގެ ސަބަބުން އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. އެޕްރޮގްރާމުގައި ދައްކަމުން ދިޔައީ މި ކުޑަކުޑަ ރާއްޖޭގައިވެސް އިންސާނުން ވަގަށް ނެގުމާއި ވިއްކުން އިންތިހާއަށް ގޮސްފައިވާ ވާހަކައެވެ. އަދި އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭ ވާހަކައެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ދޭންޖެހޭ ވާހަކައާއި ކުށެއްނެތް މީހުންނަށް ނުޙައްޤުން އަދަބު ދެވިގެން ނުވާނެ ވާހަކައެވެ.
“ކޮންމެ މީހަކުވެސް މޮޅު ވާހަކަ ދައްކާނީ. ވާކަމެއް ހަރާން.” ހުޒާމްގެ ގާތަށް އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން މުޅި މީހާ ރޫރޫ އަޅަމުންދެއެވެ. އޭނާގެ އަތުގައި އޮތް ޓީވީ ރިމޯޓް ނަގާ ހޫރާލިއެވެ. ރިމޯޓް ގޮސް ފާރުގައި ޖެހުމާއިއެކު ފަޅިފަޅިވެގެން ދިޔައެވެ. އެއަޑަށް އައީ އެގޭގައި މަސައްކަތްކުރަން އުޅޭތާ އެންމެ ގިނަ ދުވަސްވީ ޝަރީފާއެވެ.
ހުޒާމްގެ ހަރުކަށިކަމާއި ކުއްލި ކުއްލިއަށް އެއަންނަ ސިނގުރުޅީގެ ސަބަބުން އޭނާގެ ވަޒީފާގައި އުޅޭ ހުރިހާ މުވައްޒަފުންވެސް އޭނާއާއި އިސްވެ ވާހަކަދައްކަން ޖެހިލުންވެއެވެ. ކިރިޔާވެސް އިސްވެ ވާހަކަދައްކަން ކެރެނީ ޝަރީފާއަށެވެ. ސަބަބަކީ ހުޒާމްވެސް އޭނާއާއި ދޭތެރޭ ޚާއްސަ ގޮތެއް ބަހައްޓާތީއެވެ. ފަހަރުގައި އޭނާއަށް ހުޒާމް ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކުރެވުނަސް އެހެން މުވައްޒަފުންނަށް އަޑުލާހެން އަޑުލައެއް ނުހަދައެވެ. އޭގެ ބަދަލުގައި ރީތިކޮށް ބުނަނީއެވެ. ފަހަރެއްގައި އެއީ އޭނާއަށްވުރެ އުމުރުން ދުވަސްވީ މީހަކަށްވީތީ ކުރާ އިޙުތިރާމަކުން ކަމަށްވެސް ވެދާނެއެވެ.
ޝަރީފާ އިރުކޮޅަކު ބަލަން ހުރެފައި އެތަނުން ދިޔައީ ހުޒާމްއާއި މިވަގުތު ވާހަކަދެއްކުން ރަނގަޅު ނުވާނެކަން އެނގޭތީއެވެ. ހަމައިން ނައްޓާފައިވާ މީހަކާއި ވާހަކަދެއްކުމަކީ ރައްކާތެރިކަމެއް ނޫންކަން އޭނާއަށް ވިސްނެއެވެ. އޭނާ އަނެއްކާވެސް ދިޔައީ ބަދިގެއަށެވެ. އޭރު އޭނާގެ ހިތުގައި ސުވާލު އުފެދިފައިވަނީ ދެންމެގައި ހިނގާދިޔަ ހާދިސާއާއި މެދުގައެވެ. އެވާހަކަތަކުން ހުޒާމަށް އެހާ ބޮޑަށް އަސަރުކުރީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ޔަޤީނެވެ. އެވާހަކަތަކާއި ހުޒާމްގެ މާޒީއާއި ކޮންމެވެސް ގުޅުމެއް އެބަވެއެވެ. އެހެންކަމުން އެވާހަކަތައް އަޑުއިވުމުން ހުޒާމަށް އުނދަގޫވީއެވެ. މިފަދަ ޚިޔާލުތަކެއްގައި ހުއްޓާ ހުޒާމް ގޮވާލި އަޑު އިވުނެވެ. އަވަސް ހިނގުމެއްގައި އޭނާ ސިޓިންގރޫމަށް ނުކުތީ ލަސްވެއްޖެނަމަ ހުޒާމް އަނެއްކާވެސް ރުޅި އައިސްދާނެތީއެވެ.
“ކިހިނެއްވީ؟” މަޑުމައިތިރިކަމާއެކު ޝަރީފާ އަހާލިއެވެ. ޝަރީފާގެ ގާތުގައި ހުޒާމް ވަނީ އޭނާއާއި މާތް ބަހުރުވައިން ވާހަކަ ނުދައްކަން ބުނެފައެވެ. އެކަމުންވެސް ހުޒާމް ޝަރީފާއާއި ދޭތެރޭ ޚާއްސަ ގޮތެއް ބަހައްޓާކަން ދޭހަވެއެވެ.
“ނިކަން އަވަހަށް ކޮފީ ތަށްޓެއް ގެނެސްދީބަލަ.” ހުޒާމްގެ އަޑު މަޑުވެފައިވީނަމަވެސް އެއަޑުގައި އަދިވެސް ރުޅިވެރިކަންވެއެވެ. އާނއެކޭ ބުނެފައި ޝަރީފާ ދިޔައީ ބަދިގެއަށެވެ.
ޝަރީފާ ކޮފީތަށި ހިފައިގެން އައިއިރު ހުޒާމް ސޯފާގައި އޮށޯވެލައިގެން ނިތްކުރިމަތީ އެއްއަތް ބާއްވާލައިގެން އޮތެވެ. ދެލޯ މަރާލައިގެން އޮތްއިރު ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން އޭނާ އެއޮތީ ކޮންމެވެސް ހިތާމަވެރި ޚިޔާލެއްގައިކަން ޝަރީފާއަށް އެނގުނެވެ. ޝަރީފާ ކޮފީތަށި ބެހެއްޓި އަޑަށް ސިހިފައި އޭނާ އަވަސްއަވަހަށް ދެލޯ ފޮހެލިއެވެ. މިވީ ދުވަސްތަކުގައި ހުޒާމްގެ ފަރާތުން ޝަރީފާއަށް ފާހަގަކުރެވުނު ކަމަކީ އޭނާގެ މައިންބަފައިން ދުނިޔޭގައި ނެތްކަމެވެ. ވިޔަފާރީގެ ބައިވެރިން ފިޔަވައި އެއްވެސް ގާތް ރައްޓެއްސެއް ނެތް މީހެއްކަމެވެ. ދުވަހަކުވެސް އަންހެންކުއްޖަކަށް ޝައުޤުވެރިކަން ނުހުންނަ ސިއްރުން ފުރިގެންވާ މީހެއްކަމެވެ. މި އާދަޔާ ޚިލާފު އިންސާނާއާމެދު ޝަރީފާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ހުޒާމްގެ ގާތަށް ކުއްލި ކުއްލިއަށް އެއަންނަ ރުޅިއާއި އެކަނިވެރި ދިރިއުޅުމުގެ ސަބަބު ގުޅިފައިވަނީ އޭނާގެ މާޒީއާކަން ޝަރީފާގެ ތަޖުރިބާކާރު ސިކުނޑިން ދެނެގަތެވެ.
ހުޒާމް ތެދުވެ ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. އޭނާ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އޭނާ ޝަރީފާއާއި ދިމާލަށް ބަލާލީ ޝަރީފާ އަދިވެސް އެތަނުން ނުގޮސް ހުރުމުންނެވެ. އޭރު ޝަރީފާ ހުރީ ލޯބިން ފުރިގެންވާ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެންނެވެ. ޝަރީފާގެ އެނަޒަރުން ހުޒާމަށް އުނދަގޫވިއެވެ. އެބެލުމުގެ ސަބަބުން އޭނާގެ މާޒީގެ ހަނދާންތައް އާވެގަތެވެ. އޭނާ ކުޑައިރު އުޅުނު ހިތްދަތި ދިރިއުޅުމެވެ. އޭނާވެސް މަންމަގެ ލޯތްބަށް ނުހަނު ބޭނުންވިއެވެ. ނަމަވެސް ތަޤުދީރު ކުރެހީ މުޅިން އެހެން މަންޒަރެކެވެ. އޭނާގެ އުމުރުން އެންމެ ތިން އަހަރުގައި މަންމަ މިދުނިޔެއާއި އަލްވަދާޢު ކީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އޭނާ ދުނިޔެއަށް އުފަންވުމުގެ ކުރިން އޭނާގެ ބައްޕަ ވަނީ ކެންސަރު ބަލީގައި މިދުނިޔެ ދޫކޮށްފައެވެ. އުޅެބޮޑުވީ ޔަތީމު ހާލުގައި އަވައްޓެރިންގެ ދީލަތި އެހީއިންނެވެ.
ޝަރީފާ ހުޒާމްއަށް ބަލަހައްޓައިގެން ހުރިއިރު އެދެލޯ ވަނީ ފެންކަޅިވެފައެވެ. އޭނާއަށްވެސް ފަސް ދަރިން ލިބުނެވެ. ނަމަވެސް ކޮންމެ ކުއްޖަކުވެސް ޅައުމުރުގައި ނިޔާވީއެވެ. އޭނާއަކީ ހުޒާމްގެ މުއައްޒަފެއް ނަމަވެސް އޭނާ ދެކެނީ އެއީ އޭނާގެ ސާހިބު މީހާގެ ގޮތުގައެއް ނޫނެވެ. ފަހަރުގައި އެއީ ހުޒާމް އޭނާއާއި ދޭތެރޭ ކަންތައް ކުރާގޮތުން ކަމަށްވެސް ވެދާނެއެވެ. އޭނާގެ އުފަން ދަރިއެއްދެކެ ވާލޯބި އޭނާ ހުޒާމްދެކެ ވެއެވެ. ހުޒާމަށް އުފަލެއް ލިބިއްޖެނަމަ އުފާވެއެވެ. ހިތާމައެއް ލިބިއްޖެނަމަ ދެރަވެއެވެ. ހުރިހާ ކަމެއގައިވެސް ކާމިޔާބު ލިބުމަށް އެދެވެއެވެ. އަބަދުވެސް ހެޔޮ ހާލުގައި ލެއްވުމަށް އެދި ދުޢާ ކުރެވެއެވެ. ޝަރީފާ އެގޮތަށް ހުއްޓާ ސިހުނީ ހުޒާމް ގޮވާލުމުންނެވެ.
“ކީކޭ ދަރިފުޅާ؟” ޝަރީފާއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ. އޭނާއަށް މިބުނެވުނީ ކީކޭކަން އެނގުމުން އިސްޖަހާލެވުނެވެ. އަނެއްކާ ހުޒާމް ހީކުރާނީ ކީކޭބާއޭވެސް އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ލޮލުން އޮހިގަންނަން ތައްޔާރަށް ހުރި ކަރުނަތައް ފޮހެލަމުން ހުޒާމްއަށް ބަލާލިއެވެ. ހުޒާމް އިނީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް އެވަގުތު އޭނާގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް އިހުސާސްކުރެވުނެވެ. އޭނާ މަޑުމަޑުން ސޯފާއިން ތެދުވެގެން ގޮސް ޝަރީފާއާއި ދާދި ގާތަށް ހުއްޓުނެވެ.
“އަދި އެއްފަހަރު ގޮވާލަބަލަ.” ހުޒާމް އެހެން ބުނެލިއިރު އޭނާގެ ދެލޮލުން ކަރުނަ ވިދަވިދާ ހުއްޓެވެ. އޭނާގެ މަންމަ ނިޔާވިފަހުން މިވީ ތިރީސް ހަތް އަހަރު ތެރޭގައި އޮޅިގެންވެސް، އޭނާއަށް މިފަދަ ގާތްކަމެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
“ދަރިފުޅާ!” ތުރުތުރުއަޅާ އަޑަކުން ޝަރީފާ ގޮވާލިއެވެ. އެއާއިއެކު ހުޒާމްއަށް ޝަރީފާގެ ގައިގައި ބާރަށް ބައްދާލެވުނެވެ. އޭނާގެ މަންމަ ނިޔާވި ފަހުން އޭނާއަށް މިވަރުގެ އުފަލެއް ލިބުނުހެނެއް ހިއެއްނުވެއެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ކިތަންމެ ހިތް ހިލަކޮށްގެން އުޅުނަސް އޭނާއަކީ ޖަޒުބާތީ މީހެއްކަން ގައިމެވެ. ކުއްލި ކުއްލިއަށް އޭނާ ގާތަށް އަންނަ ސިނގު ރުޅިއަށްވެސް މިފަހަރު އޭނާގެ ޖަޒުބާތުތަކަކަށް ބާރެއް ނުފޯރުވުނެވެ.
“މިއަދުން ފެށިގެން އަހަރެން މަންމަ ކިޔަސް އެންމެ ރަނގަޅުތަ؟” ޝަރީފާ އުފަލުންހުރެ ބޯ ޖަހާލިއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހަމަ އެވަގުތު ހުޒާމް ޝަރީފާ އޭނާގެ ވަޒީފާއިން ވަކިކުރިއެވެ. ޝަރީފާއަކީ އުމުރުން ދުވަސްވެފައިވާ މީހަކަށްވެފައި އޭނާ ގައިގައި މިހާރު ބުރަކޮށް މަސައްކަތް ކުރާނެހާ ބާރު ނުހުންނާނެކަން އެނގޭތީއެވެ. އަދި އަމުދުން އޭނާގެ މަންމަގެ މަޤާމަށް އައުމަށްފަހު އެގޮތަށް މަސައްކަތް ކުރަން އޭނާ އެއްގޮތަކަށްވެސް ބޭނުން ނުވީއެވެ.
އެންމެ ފުރަތަމަ ޝަރީފާ ހުޒާމް ގާތަށް ވަޒީފާ ހޯދަން އައުމުންވެސް އޭނާ ޝަރީފާއަށް ވަޒީފާ ނުދޭން ވަރަށް ވަރު ދެއްކިއެވެ. އުމުރުން ދުވަސްވެފައިވާ މީހެއް ލައްވާ ބުރަ މަސައްކަތް ކުރުވުމަކީ އޭނާ ރުހޭކަމެއް ނޫނެވެ. ނަމަވެސް ޝަރީފާ އެތައް އާދޭހެއް ކުރުމުން އެންމެފަހުން އޭނާ ޝަރީފާއަށް ވަޒީފާ ދިނީއެވެ. އޭރު އެގޭގައި ކައްކާ ކާންދޭން އުޅުނު ބިދޭސީ އަންހެންމީހާ އެހެން ވަޒީފާއަކަށް ބަދަލުކޮށްފައި ޝަރީފާއާއި އެމަސައްކަތް ހަވާލުކުރީ، އެއީ އެގޭގައި ކުރަން އޮތް އެންމެ ލުއި މަސައްކަތަށް ވާތީއެވެ. ތިންއިރު ކައްކާ ކާންދިނުމަކީ ޝަރީފާގެ މަސައްކަތެވެ. އޭގެ އިތުރަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެކަމަށް ހުޒާމް އޮންނަނީ ޝަރީފާއަށް އަންގާފައެވެ. މިއަދާ ހަމައަށް ޝަރީފާ ހިނގަމުން އައީ ހުޒާމް ދެއްކި މަގުންނެވެ.
ހަމަ އެދުވަހު އަނެއްކާވެސް ކުރިން އެގޭގައި ކައްކާ ކާންދޭން ގެންގުޅުނު މީހާ އެވަޒީފާއަށް ބަދަލުކުރިއެވެ. ޝަރީފާއަށް މަސައްކަތްކުރުން މުޅިން މަނާވީއެވެ. ހުޒާމްގެ އެންގުމަށް ކިޔަމަންވުން ނޫންގޮތެއް ޝަރީފާއަކަށް މިއަދަކު ނެތެވެ. ހުޒާމް އޭނާ މިގެއިން ނެރެލައިފިނަމަ ގޮސް ބޯހިޔާކޮށްލަން ވަންނާނެ ތަންކޮޅެއްވެސް އޭނާގެ ނެތެވެ. އޭނާގެ މައިންބަފައިން ދުނިޔޭގައި ތިބިއިރު، އެމީހުންގެ ބޭސްފަރުވާ ކުރުމަށްޓަކައި މީސްމީހުން އަތުން ނަގާފައިވާ ދަރަނި އަދާކުރުމަށްޓަކައި އޭނާގެ ގެ ވަނީ ވިއްކާލާފައެވެ. ބައެއްމީހުން ފައިސާގެ ބަދަލުގައި އޭނާގެ ހަށިގަނޑަށް އެދެމުން ދިޔައެވެ. ނަމަވެސް އެފަދަ ފާފައަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައަޅައި، މަގުމަތިވިޔަސް ހެޔޮކަމަށް އޭނާ ގެ ވިއްކާލީއެވެ.
ޝަރީފާ ކޮޓަރީގައި އޮތީ ވަރަށް ހިތްހަމަޖެހިފައެވެ. މިއަދު އޭނާއަށް މިވަނީ ބުރަ މަސައްކަތް ނުކޮށް އަރާމުގައި އުޅެވޭނެ ގޮތް މިންވަރު ކުރައްވާފައެވެ. މިއީ އޭނާ ކެތްތެރިކަމާއެކު މާތް ﷲއަށް ވަކީލުކޮށް އެޅި ބޮޑު ފިޔަވަޅުގެ ފޮނި ނަތީޖާކަމުގައި އޭނާ ދެކެއެވެ. މާތް ﷲ ރުއްސަވާ ގޮތަށް އުޅޭ އަޅުންނަށް އެކަލާނގެ ހެޔޮ ގޮތް މިންވަރުކުރައްވާނެކަން އޭނާ ޤަބޫލުކުރެއެވެ. އޭނާގެ އުފަން ދަރިއެއް ބަލައި ބޮޑުކުރުމުގެ ނަސީބު ނުލިބުނަސް މިއަދު އޭނާއަށް މިވަނީ ދަރިއަކު ލިބިފައެވެ. އޭނާގެ ހަނދާންތައް ދަތުރުކުރީ އޭނާގެ މާޒީއަށެވެ.
**********
“މީ ކަލޭގެ ސުންޕާކަމުގެ ނަތީޖާ. ނޫންނަމަ މަގޭ ފަސް ދަރިން ދުނިޔެ ދޫކުރާކަށް ނުޖެހުނީސް. އެންމެ ކުއްޖަކުވެސް ދިހަ އަހަރުވަންދެން ނުގެންގުޅެވުނޭ.” ޝަރީފާގެ ފިރިމީހާ އުމަރު ރުޅިގަދަވެފައި ބުންޏެވެ.
“އުމަރު! ހެޔޮނުވާނެ ތިހެން ބުނާކަށް. މީ އަހަރެމެންނަށް މިވަގުތަށް ހުރިގޮތް. އިރާދަކުރެއްވިއްޔާ އަދި މިނޫން ދުވަހެއްވެސް ދައްކަވާނެ.” ޝަރީފާގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން ރޮއިގަނެވުނެވެ.
“ބަލަ އެހެން ބަނޑަކަށްވެސް މަގޭ ކުދިން އެބަ ތިއްބޭ. އެކަމަކު ނުވޭ މިހެނެއް. އިހަށް ދުވަހު މަގޭ ހަގު ދަރި…” އުމަރަށް މިބުނެވެނީ ކީކޭކަން އެނގުމުން ހުއްޓާލިއެވެ.
“ކީކޭ!؟ އުމަރުގެ އެހެން އަނތްބެއްވެސް ހުރޭތަ؟ ކުދިންވެސް ތިބޭތަ؟ ކީއްވެ އަހަރެންނަށް އޮޅުވާލީ؟ މިހުރިހާ ދުވަހު ކީއްވެ ސިއްރުކޮށްގެން ތިއުޅުނީ؟ ހީކުރީތަ އަހަރެން ތިކައިވެންޏަށް ނުރުހޭނެޔޭ؟ ރީތިކޮށް ބުނިނަމަވެސް އަހަރެން ތިކައިވެންޏަށް ހިތުން ރުހުމުން އެއްބަސްވީމުހޭ.” ޝަރީފާ ރޮމުން ވާހަކަދެއްކިއެވެ.
“އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. ތިހިރީ ވަރިކޮށްފަ. ހަމަ މިހާރު މިގެއިން ދާންއުޅޭ.” އުމަރުގެ ހިތުގައި ކުޑަވެސް ރަހުމެއް ނެތެވެ.
“ހެޔޮނުވާނެ އުމަރު. މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައިވެސް ތިހެން ނުހަދާ. އުމަރު ތިހެން އަހަރެން ގެއިން ނެރެ އެއްލާލީމަ އަހަރެން ގޮސް ވަންނާނީ ވަކި ކޮންތާކަށް؟ އަހަރެންގެ އެކަކުވެސް މިދުނިޔޭގަ ނެތް. ހަމަ އެކަކުވެސް ނެތް.” ޝަރީފާގެ އާދޭސްތަކަށް އުމަރު ދިނީ ބީރު ކަންފަތެކެވެ. އޭނާއަކީ އެއްއިރެއްގައި ޝަރީފާ ލޮލަށް ފެންނަ ހިސާބުގައި ނެތިއްޔާ އަރުން ފެންފޮދެއްވެސް ނުދިރޭ މީހެކެވެ. އޭނާއަށް އެހާ ބޮޑު ބަދަލެއް އައި ސަބަބެއް ޝަރީފާއަކަށް ނުވިސްނުނެވެ.
“ތީ އަހަރެން ބަލަންޖެހޭ ކަމެއް ނޫނޭ. ބުނެފީމެއްނު ނުކުންނާށޭ.” އުމަރު ހަޅޭއްލަވައިގަތެވެ.
“އުމަރު! ތިހެން ނުހަދާ! ހެޔޮނުވާނެ. އަހަރެން ވަންނާނެ އެއްވެސް ތަނެއް ނެތް.” ޝަރީފާގެ އަޑު އެހުމެއްނެތި އުމަރު ޝަރީފާގެ އަތުގައި ހިފައި ދަމާފައި ގެންގޮސް ދޮރުން ބޭރަށް ކޮއްޕާލާފައި ދޮރު ލައްޕާ ތަޅުލިއެވެ. އިރުކޮޅެއްފަހުން ދޮރު ހުޅުވާލާފައި އެއްލީ ޝަރީފާގެ ފޮށްޓެވެ.
“މިއަދަށްފަހު ކަލެއަށް މިގޭ ދޮރު މުޅި އުމުރަށް ބަންދުވީ.” އުމަރު އެހެން ބުނެފައި އަނެއްކާވެސް ދޮރު ލައްޕާ ތަޅުލިއެވެ.
“އުމަރު! މިއަދު ތިހެން އަހަރެން ގެއިން ނެރެ އެއްލާލިޔަސް އަދި އަހަރެން ފަހަތުން ރޮއި އާދޭސް ކުރަމުން އަންނާނެ. އެދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން.” ޝަރީފާ ގޮތް ހުސްވެފައިހުރެ އެގެއިން ނުކުތެވެ. އޭނާގެ ހުރީ ބައްޕަ ފަރާތު ދެ ބޮޑުބޭބެއިންނެވެ. އޭރު އެދެމީހުން އޭނާއާއި ގުޅުން ކަނޑާލިތާ ހައެއްކަ އަހަރު ވެއްޖެއެވެ. އެހެންކަމުން އެމީހުންގެ ގާތަށް ދާކަށް ޝަރީފާއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ މާލެދާ ބޯޓަކަށް އަރައިގެން މާލެ އައީ ދާނެ ވަކި ތަނެއް އޮވެގެނެއް ނޫނެވެ. ގޭގޭގައި މަސައްކަތް ކޮށްގެން ނަމަވެސް އުޅެވޭތޯއެވެ. އޭނާގެ ޒުވާން އުމުރު ހޭދަވެގެން ދިޔައީ ގޭގޭގައި ނޯކިރީކަން ކޮށްދިނުމުގައި އުޅެނިކޮށެވެ.
އުމަރު އޭނާ ވަރިކުރި ފަހުން އޭނާ މީހަކާ ނީނދެއެވެ. އުމަރުގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން ފިރިހެނުން މަތިން ފޫހިވީއެވެ. އެތައް ފިރިހެނުންނެއް އޭނާއާއި ގުޅެން ބޭނުންވެގެން ހުށަހެޅިއެވެ. ނަމަވެސް އޭނާ ފާޅުގައި އެކަމަށް އިންކާރުކުރީއެވެ. އޭނާ ނޯކިރީކަން ކުރަން އުޅުނު ގޭގެއިންވެސް ބައެއް ފިރިހެނުން އޭނާއާއި ހިތާވިއެވެ. ނަމަވެސް އެމީހުންގެ އެހުށަހެޅުންތަކުގެ ސަބަބުން އޭނާއަށް އެ ގެތަކުން ނުކުންނަން މަޖުބޫރުވަނީއެވެ. ފަހުން އުމަރުވެސް އޭނާގެ ފަހަތުން އާދޭސްކުރަމުން ދުވިއެވެ. ނަމަވެސް އޭނާ އުމަރުގެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނީ އުމަރުގެ ބޭވަފާތެރިކަން ހިތަށް އަރާ، އޭނާގެ އާއިލާ އެކަކުވެސް ނެތް ދުވަހު އޭނާ ވަރިކޮށް ގެއިން ނެރެ އެއްލާލީމައެވެ.
އޭނާއަށް ހުޒާމްގެ ގާތަށް އާދެވުނީ އޭނާ އެންމެފަހުން އުޅުނު ގޭމީހުން، އޭނާގެ އުމުރުން ދުވަސްވުމުގެ ސަބަބުން އެގޭގައި މަސައްކަތްކުރަން ނުގެންގުޅެވޭނެކަމަށް ބުނުމުންނެވެ. އެމީހުން ހިތްހަމަޖެހޭވަރަށް އޭނާއަށް މަސައްކަތް ނުކުރެވެނީއެވެ. ނަމަވެސް އެމީހުން ވަރަށް ރަނގަޅެވެ. އޭނާއަށް ވަޒީފާއެއް ލިބެންދެން އެގޭގައި ހުރުމާއި ޒަރޫރީ ބޭނުންތައް ފުއްދައިލެވޭނެ އިންތިޒާމު އެއްވެސް އަގަކާއިނުލާ ހަމަޖައްސައިދިނެވެ. އޭނާ ވަޒީފާއެއް ހޯދަން ނުކުމެ އުޅުމުގެ ތެރޭގައި ދިމާވި މީހެއްގެ ފަރާތުން ހުޒާމްގެ އެޑްރެސް އެނގިގެން އެގެއަށް އައެވެ. ފުރަތަމަ ހުޒާމްވެސް އޭނާއަށް ވަޒީފާ ދިނުމަށް އިންކާރުކުރިއެވެ. ނަމަވެސް އޭނާގެ އެތައް އާދޭހަކުން އޭނާއަށް އެގެއިން އެންމެ ލުއި ވަޒީފާ ހަމަޖައްސައިދިނީ އެހެން އެއްވެސް މަސައްކަތެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށްފައެވެ.
**********
ޝަރީފާއަށް މާޒީގެ ޞަފުހާތަކުގެ ތެރެއިން ބޭރަށް ނުކުމެވުނީ މަޣްރިބު ނަމާދު ބަންޤީގެ އަޑަށެވެ. އޭރު އޭނާގެ ދެލޯ ފުރިގެން ކަރުނަތައް އޮހެމުން ދިޔައެވެ. އޭނާ ދެލޯ ފޮހެލާ ހަމަޖެހިލިއެވެ. އަދި ފާޚާނާއަށް ވަދެ ތާޒާވެލައިގެން ނުކުމެ މަޣްރިބު ނަމާދުކޮށްލައިގެން ބޭރަށް ނުކުތީ ކޮފީ ތައްޓެއް ބޯލާށެވެ. އޭނާ ހުޒާމް ކޮބައިތޯ ބަލާލިއިރު ހުޒާމްއެއް ގެއަކު ނެތެވެ. އެހެންކަމުން ހުޒާމް އަދި މިސްކިތުން ނާންނަނީކަން ޝަރީފާއަށް އެނގުނެވެ.
“ދަރިފުޅާ! ދަރިފުޅު ކައިވެންޏެއް ކުރާކަށް ނުވިސްނަންތަ؟” ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ޝަރީފާ ހުޒާމްއާއި ސުވާލުކުރިއެވެ.
“ހޫމް. އަހަރެން އެއްވެސް މީހަކާ އިންނާކަށް ބޭނުމެއް ނޫން. އަހަރެންނަށް ރަނގަޅީ މަންމަވެސް ތިވާހަކަ ނުދެއްކިއްޔާ.” ހުޒާމް އޭނާގެ ނިންމުން އިއްވުމުން ޝަރީފާއަށް އިތުރަށް ސުވާލުކުރާކަށް ނުކެރުނެވެ. ނަމަވެސް އޭނާގެ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. ކޮންމެފަދަ ގޮތަކުންވެސް ހުޒާމްގެ މާޒީ އޮޅުންފިލުވުމެވެ. އަދި އޭނާއަށް އެހީވުމެވެ. ހުޒާމް ކިތަންމެ ސިއްރުން އުޅުނު ނަމަވެސް އޭނާ ކުރާ ހިތާމަ ޝަރީފާއަކަށް ސިއްރެއް ނުވެއެވެ.
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ހުޒާމް އިނީ ބެލްކަނީގައި ލެޕްޓޮޕުން އޮފީހުގެ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އޭނާ އެހެން އިނދެފައި ހަށިގަނޑު ދަމާލި ވަގުތު ކުރިމަތީ ހުރި ގޭ ކުޑަދޮރުން އޭނާއަށް ބަލަން ހުރި އަންހެންކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެކުއްޖާގެ މޫނުގެ އެއްފަޅި ހުރީ ހުދުކުލައިގައެވެ. ފިހިގެން އުފެދިފައިވާ ފާރުގަނޑެއްގެ ލަކުނެއްކަން އެނގެއެވެ. މިހާރަކަށް އައިސް ކޮންމެ ރެޔަކު އެއަންހެންކުއްޖާ އެކުޑަދޮރު ކައިރީގައި އޭނާއަށް ބަލަން ހުރެއެވެ. އޭނާ ބަލާލުމާއެކު އެއަންހެންކުއްޖާ ހިތި ހިނިތުންވުމެއް ރައްދުކޮށްލައެވެ.
އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ހުޒާމް އެކުއްޖާއަށް ވަރަށް ފަރުވާތެރިކަމާއެކު ބެލިއެވެ. އެމޫނުގެ އެއްފަޅި ހުރިގޮތުން އެކުއްޖާގެ ސިފަ ވަކިނުވިނަމަވެސް މޫނުގެ އަނެއްފަޅިއަށް ބެލުމުން ދަންނަ ފާޑެއް ޖެހިއެވެ. އެއަންހެންކުއްޖާ އޭނާ ދަންނަނީ ކަންނޭނގެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާއަކީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެހެންކަމުން އޭނާ ނުދަންނަ ކިތަންމެ ބަޔަކު އޭނާ ދަންނާނެއެވެ. އޭނާ ސުވާލުން ފުރިގެންވާ ނަޒަރަކުން އެކުއްޖާއަށް ބަލަހައްޓައިގެން އިނެވެ. އެކުއްޖާއަށް އެކަން ފާހަގަވީ ކަންނޭނގެއެވެ. އަވަސްއަވަހަށް އެތެރެއަށް ދެމިގަތެވެ.
ކޮންމެ ރެޔަކު މިފެންނަ ގޮތް ނޭނގޭ އަންހެންކުއްޖާގެ ސަބަބުން ހުޒާމްގެ މަސައްކަތަށް ބުރޫ އަރައެވެ. އެއަންހެންކުއްޖާއާމެދު ވިސްނުމަށް ހިތް މަޖުބޫރު ކުރުވައެވެ. އެއަންހެންކުއްޖާ ވަނީ ކޮންމެވެސް ބޮޑު މުސީބާތެއްގައިކަމަށް ހިތް ބުނަނީއެވެ. އޭނާ އިރުކޮޅަކު އެހެން އިނދެފައި ލެޕްޓޮޕް ހިފައިގެން އެތެރެއަށް ވަނީ އިތުރަށް މަސައްކަތް ކުރިއަށް ނުގެންދެވިގެންނެވެ.
ނިދަން އުޅެއުޅެ ހުޒާމަކަށް ނުނިދުނެވެ. ކޮންމެ ރެޔަކު މިފެންނަ އާދަޔާ ޚިލާފު އަންހެއްކުއްޖާގެ ސަބަބުން އޭނާގެ މާޒީގެ ކުލަނެތް ޞަފުހާތައް ސިފަވަނީއެވެ. އެއީ ހިތްދަތިކަމާއި އަނިޔާވެރިކަމުން ހައްދުފަހަނައަޅާފައިވާ ވޭންދެނިވި ހަނދާންތަކެކެވެ.
“މިކުއްޖާއަށް ވާގޮތެއް ވާނެ ބަލަން.” ހުޒާމް ހިތާހިތާ ކިޔާލިއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އެގެއަށް ދާންވީއެވެ. ނޫނެކެވެ. އެއީ ކޮންފަދަ ބިރުވެރިކަމެއް ފޮރުވިފައިވާ ތަނެއްކަމެއްވެސް ނޭނގެއެވެ. އޭނާ ހަމަ ދާއިރަށް އެތަނުގައި ބަންދުވެސް ކޮށްފާނެއެވެ. އޭރުން އަނެއްކާވެސް އޭނާގެ ހިތި މާޒީ ފަދައިން ހިތާމައިގައި އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރަން ޖެހުނީއެވެ.
“ނޫން. މިކަމާ ނުބެހުނިއްޔާ ރަނގަޅުވާނީ.” އެންމެފަހުން އޭނާ ގޮތެއް ނިންމީއެވެ. ބެލްކަނީގައި ހުރި ހުރިހާ އެއްޗެއް އިމާރާތުގެ ކޮޓަރިއަކަށް ބަދަލުކުރުވީއެވެ. އެއަންހެންކުއްޖާގެ ސަބަބުން އޭނާގެ މަސައްކަތަށް އެއްވެސް ކަހަލަ ބުރުލެއް އެރިޔަނުދިނުމަށެވެ.
ކުޑަދޮރު ކައިރިން ފެންނަ އަންހެންކުއްޖާގެ ސަބަބުން އޭނާގެ ނަފްސަށް ހިމޭންކަމެއް ނުލިބެއެވެ. އޭނާގެ މަސައްކަތްތައް އެކޮޓަރިއަށް ބަދަލުކުރިފަހުން މިހާރު ހަފްތާއެއްވީއެވެ. މިހާރު ކުޑަދޮރު ކައިރިން ފެންނަ ކުއްޖާ ނުފެނުނު ނަމަވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އެކުއްޖާ ވަނީ ކޮންމެވެސް ބޮޑު މުސީބާތެއްގައިކަމަށް ހިތް ތަކުރާރުކޮށް ބުނަނީއެވެ.
“ދަރިފުޅާ! ކޮންމެވެސް މީހަކު ދަރިފުޅު ހޯދަން އައިސް އެބަހުރި.” ހުޒާމް އޮފީސް މަސައްކަތެއްގައި އިންދާ ޝަރީފާ އައިސް ބުންޏެވެ.
“ކާކު؟” ހުޒާމް ބަލާވެސްނުލާ މަސައްކަތް ކުރިއަށް ގެންދަމުން އަހާލިއެވެ.
“ނޭނގެ. ކޮންމެވެސް އަންހެންކުއްޖެއް.” ޝަރީފާ އެހެން ބުނެލުމުން ހުޒާމަށް އެކަމަށް ސަމާލުކަން ދެވުނެވެ.
“ކިހިނެއް ހުރި ކުއްޖެއް؟” ހުޒާމްގެ ހިތުގެ ތެޅުން އަވަސްވީ ކީއްވެކަމެއް ނޭނގެއެވެ.
“މޫނުގެ އެއްފަޅި ފިހިފައި…”
“އޭނާ އެތެރެއަށް ވައްދާ.” ޝަރީފާގެ ވާހަކަ މެދުކަނޑާލަމުން ހުޒާމް ބުނެލިއެވެ.
ޝަރީފާގެ ހިތުގައިވަނީ ސުވާލު އުފެދިފައެވެ. އެހާ ދަން ގަޑިއެއްގައި އަންހެންކުއްޖަކު ހުޒާމް ހޯދަން އައުމުންނެވެ. ހުޒާމްއަކީ އެއްވެސް އަންހެންކުއްޖަކަށް ޝައުޤުވެރިކަން ހުންނަ މީހެއްވެސް ނޫންވިއްޔާއެވެ. ޝަރީފާ އެކުއްޖާ އެތެރެއަށް ވެއްދިއެވެ. އެކުއްޖާ ގޮސް ހުޒާމް މަސައްކަތްކުރަން އިން ކޮޓަރީގައި ޓަކި ޖަހާލިއެވެ.
“ވަދޭ!” ހުޒާމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އެއަންހެންކުއްޖާ ފަރި ހިނގުމެއްގައި އައިސް ހުޒާމްގެ ކައިރީގައި ހުއްޓުމުން ކުރިމަތީ ހުރި ސޯފާއަށް އިޝާރާތްކޮށްލިއެވެ. ނަމަވެސް އެކުއްޖާ ސޯފާގައި އިށީންނާކަށް ނޫޅުނެވެ.
“ހުޒާމް ކިހިނެއް؟” އެކުއްޖާ އަހާލިއެވެ.
“އެކަހަލަ ގޮތެއް.” ހުޒާމް އާދައިގެ ގޮތަކަށް ބުނެލިއެވެ. އެކުއްޖާ ބަލާވަރުން ހުޒާމްއަށް އުނދަގޫވިއެވެ.
“ކޮން ބޭނުމަކު ތިއައީ؟” ހުޒާމް ސީދާ މައުޟޫޢުއަށް ދިޔައެވެ. މީހުންނާ މާގިނައިން ވާހަކަދެއްކުމަކީ މިހާރު އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ.
“އަހަރެން ފެންނާތީ ދޯ މިތަނަށް ތިބަދަލުވީ؟ އަހަރެންނާހެދި ވަރަށް އުނދަގޫވޭ ދޯ؟ އަހަރެން މިހުރި ސިފައިން އެންމެންވެސް އަހަރެންދެކެ ބިރުގަނޭ.” އެއަންހެންކުއްޖާ އެހެން ބުނެލުމުން ހުޒާމްއަށް ސިހުމެއް ލިބުނެވެ. ނަމަވެސް އޭނާ އެކަން ހާމަނުކޮށް ވޭތޯ ބެލިއެވެ.
“އަހަރެންނަށް ވަރަށް ވަގުތު ކުޑަ. މިހާރުވެސް މިއިނީ ވަރަށް މުހިންމު މަސައްކަތެއްގައި. އަވަހަށް އައި ބޭނުން ބުނޭ. އޭރުން އެހީއެއް ވެދެވެން އޮތިއްޔާވެސް ވެވޭނީ.” ހުޒާމް ބެލީ ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަދެއްކޭތޯއެވެ.
“މިހާރު އަހަރެންވެސް ނުވި ދޯ އެއްވެސް މީހަކަށް. ވާނީވެސް ތިހެން. މިހާރު ތިހިރީ ހުޒާމްގެ ހުވަފެނުގައި ކުލަ ޖެއްސިފައި. މުއްސަނދި ވެވިފައި. އެހެންވީމަ މިހާރު އެހެންމީހުން މަތިން ހަނދާނެއް ނުހުންނާނެ.” އެހެން ބުނުމަށްފަހު އެއަންހެންކުއްޖާ ނުކުމެގެން ދިޔައީއެވެ.
“އޭތް! އިހަށް މަޑުކޮށްބަލަ!” ހުޒާމް ތަންކޮޅެއް ބާރަށް ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.






Welcome back sandy. Mivaahakaves vareh reethi vane Kamah unmeed kuranee.
reethi..nxt part knirakun up kuranee..
is this your own story ?????????????
I dont think so….
Saandy…ill not say u copied… but its 95% same as yashfa abudul ganee’s eeram….so i red tht stry so i donno y i dony fyl to read this….. sry…?
yeah and I have the story book
ehen meehunge vaahakathakun baibai nagaigen liyefa mi bunanee copy eh nukuramey. aan dhen mulhi vaahaka akurun akurah copy kuraaka ekaka ves nukereyne thaa. dhethin liyuntherin fiyafaa gina in fenanee mikahala kantha kuraa liyuntherin mihaaru. v v v dhera kameh mee.
A great starting of my morning!! welcome back Saandy aand its soooo awesome and curious to know what happened in his past 😉 its damn interesting. tc 😉
Ryn… if u wanna no da past just read eeram…..
Serious kohh miee yasfa missge story ehtha.. Mashah nukiyan mi story eh..
Finally ? Welcome back saandy ? Waiting for the next part ?
vrh loabi mi part…next part avahah up kohdhehchey…
welcome back saandy. mi vaahaka ves varah reethi…. nxt part avas koh upl koh dhehchey…..
Yashfa ge eerum vaahaka mii hama
mi vaahaka ves reethi vaane kamah hope kuran <3
Is this u r story?but I think I read this story before
E ram a v vahtaru same story kiyan foohivehjje
Mi kurin ky story eh…. ehen autor ehge…. ehen nahadhaa. Sandyge ehen story thah vx hamav fakkaa
ohh wow saandy v salhi ingey
This is a copy….
i don’t say this is copy.. bt konmeves kujjaku bunedhyba ”eeram” e stry inn site eh…
Its a book… its not available to read online
Mee yashfa ge eeram story miothy kudakoh edit kohlaafa. Asluves hama ehves thafaatheh neh.
Saandy ah maa rythy kahneyge eeram vaahaka
vaahaka hisaabakah kiyaalithanun engijje miee eerum vaahakaiga vaa goiyykan,,borinnnnnnnnnnnnnnnnnnnn.we wnt to read sumthn new.
Kon eerum ehtha.. kihaa dhera kameh my.. my hama j vaa myhun… vahaka eh nuliyegen thibeyny copy govan.. dhen nukiyaa ehenyaa kaeymen…
Saan dhn alhe kiyaalabala ‘eeram’vaahaka… thihen thibunany evaahaka nukiyaathy.. it’s almost same.. kuda kuda edit eh iny
Saan ehnviyya bookshopakun eeram vaahaka foiyh ganegen kiyaalan feney. Eyrun engeyne eeram vaahakayaa mi vaahakayaa thafaatheh nehkan. Mee j vumeh noon ingey. Aharunnah ehgoiyhkan fehnnaathy mibunany. So read it judge kurey. Adhi aharemen noolhen ehves writer akaa jahsaalaagen. Ahahnnah ehn feelvma ehn buny.
foohi vaahaka gadeh, ma olhaagen kee mivaahaka, thankolheh reethi vaahaka liyeba sandy, thee anehkaa fashion designer sandy tha hehe hama bunelee. varah kuhves ebahuri, dhen ahna episode akah ragalhu kohlane kamah heekuran, ekamaku dhw sandy sandy balaga sandy, sandy ashey ma migovany, saaaaaaaaaaaaaaaaaaaaaaandyyyyyyyyyyyyy
????????
reethi.. adhivexx kiyaahiy ve
wow..<3
Mashah fenna goi mi bunelany.. meehaku liyefa vaa stry akas emee hakah fenna gothakah edit kohgen liyevumuge haggu ebeh.. dhen kamu nudha kudhin nukiyanvy
ThanQ Xeeshan 🙂
copy akas adhi copy eh noonas story hama v salhi… (y)
ThanQ Hucen 🙂