ތާޝާ (21ވަނަ ބައި)
“އެއީ އަހަރެންގެ…. މަންމަ” ތާޝާ އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. މަންމައަކު ދަރިޔަކާ ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ދަރިޔެކޭ ކިޔައިގެން މީހުން ކައިރީ އެހާ ވިޔާނުދާ ވާހަކަ ދައްކަންވީ ކީއްވެގެން ހެއްޔެވެ؟ ތާޝާގެ ހަޔާތުގައި ބައްޕަ އެހާ ނުބައިކޮށް ކަންތައްކުރި އިރު މަންމަވެސް މިވީ އޭނަޔަށް ބޮޑު ވޭނަކަށެވެ. ފުރަތަމަ ބައްޕަގެ ފަރާތުން އެވަރަށް އަނިޔާ ލިބުމަށްފަހު، ހިލޭ ފިރިހިނެއްގެ ގައިދުގައި އެތައް ވޭނެއް ތަހައްމަލު ކުރުމަށްފަހު މަންމައާ އެތައް ޒަމާނަކަށްފަހު ދިމާވުމުންވެސް އެފަކީރަށް ލުޔެއް ނުލިބުނެވެ. ތާޝާގެ ނަސީބުގައި ލޯބި ނެތީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ހުއްޓައި ތާޝާ ލޯބިން މަހުރޫމް ވާކަށް ނުޖެހޭނެއެވެ.
“ފުރަތަމަ ރިޒާނާ ފެނުން ދުވަހުވެސް އިނގުން އެއީ އަހަރެންގެ މަންމަކަން.. މާމަ ބުނާނެ މަންމަ ވީ މަރުވެފައޭ…އެކަމަކު އަަހަރެން އެއްދުވަހު އެހިން މަންމަގެ ވާހަކަ ބައްޕައާ މާމަ ދައްކަނިކޮށް… މާޒް! ރިޒާނާ އަހަރެން ވިހާފަ ފިލީ! ދެން މީހުން ހީކުރަނީ އޭނަ އަހަރެން ވިހާފަ މަރުވީ ކަމަށް….. ” އަހަރެން އަނގައިން ނުބުނުމުން ތާޝާ އިތުރަށް ކިޔައިދިނެވެ. އެކަމަކު ރާއިފްއަކީ ރިޒާނާގެ ދޮށީ ދަރިއެވެ. އެހެން ކަމަށްވާނަމަ ތާޝާގެ ބައްޕައާ ރިޒާނާ ކައިވެނިކުރީ އޭގެ ފަހުންތާއެވެ. ރިޒާނާގެ މިހާރުގެ ފިރިމީހާއަކީ ކާކު ހެއްޔެެވެ؟ ތާޝާގެ ވާހަކައިން އަހަރެންނަށް އެތައް ކަމެއް އޮޅުން ބޮޅުން އަރައިފިއެވެ. ނަމަވެސް މިވަގުތު އަހަރެން އެއްވެސް ސުވާލެއް ނުކުރަމެވެ.
“ކުރީގަ އަބަދު އަހަރެން ހިތައްއަރާ އަހަރެންގެ މަންމަ ހުރި ނަމަ މިހެންނެއް ނުވާނެއޭ.. މަންމަ އަހަރެން ހިމާޔަތް ކުރާނެއޭ.. އެކަމަކު މަންމަ އަދި ބައްޕައަށް ވުރެ މާ ނުބައި އެއްޗެހި ކިޔާ.. ކޮންމެ ދުވަހަކު އަހަރެން ހިތައް ތަދުވާ އެތައް ބަހެއް އަހަރެންނާ ދިމާއަށް ބުނޭ! ބޭނުމެއްނޫން އެކަހަލަ މަންމައެއް… އެހެން ކުދިންގެ މަންމައާ ބައްޕަ އެކުދިންދެކެ ހާދަ ލޯބިވެޔޭ.. އަހަރެންގެ ނަސީބުގަ އެލޯތްބެއްވެސް ނެތް..” ތާޝާ އަސަރާއިއެކު ކިޔަމުންދިޔަ އިރު އެބޮޑު ދެލޮލުން ކަރުނައިގެ ސާލެއް މޫނުމަތީ ލެވިފައި ވެެއެވެ. ހުއްޓުމެއްނެތި ވެރެމުންދިޔަ ކަރުނަތައް އަހަރެންގެ އަތް ތެންމަމުން ދިޔައެވެ. ތާޝާގެ އެވާހަކައިން އަހަރެންގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ. ތެދެކެވެ. ކޮންމެ ދަރިޔަކަށްވެސް އެންމެ ބޭނުންވާނީ މައިންބަފައިންގެ ލޯތްބާއި އަޅާލުމެވެ. އެމީހުންގެ ލޯތްބަކީ އެތައް ވޭނަކަށް ލުޔެއްލިބޭ ކަމެކެވެ. އަހަރެންނަށްވެސް އެކަން ވަނީ ތަޖުރިބާ ކުރެވިފައެވެ. ތާޝާގެ ބަދުނަސީބު މަކާއިމެދު އަހަރެން ވަރަށް ހިތާމަކުރަމެވެ. އަހަރެންނާއި މިނިކަމެތި ކުއްޖާ ދިމާވުމީ މިކުއްޖާގެ ނަސީބެވެ. އަހަރެންގެ ބަސްނާހާ ހިތް ފަޠަހަކުރުމުގެ ނަތީޖާއަކަށްވީ ތާޝާއަށް ދުވަހަކުވެސް ނުލިބޭ ލޯތްބާއި އަޅައިލުން ލިބުންކަމެވެ. އަހަރެންގެ ފަރާތުން ތާޝާ ބޭނުން ވަރަކަށް ލޯތްބާއި އަޅައިލުން ލިބޭނެއެވެ. އަދި އުފަލާއި ހިތްހަމަޖެހުންވެސް ލިބޭނެއެވެ.
“މާޒް.. އަހަރެން ގެންދޭ!” ތާޝާ އަހަރެންގެ އަތުގައި ހިފާ ތަޅުވައިލަމުން ބުނެލިއެވެ. އަދި ރޮމުން ގެންދިޔައެވެ.
“އަހަރެން މަންމަ އެއްވެސް ބައްޕަ އެއްވެސް ބޭނުމެއް ނޫން.. އަހަރެން ބޭނުމީ މާޒް!” ތާޝާ ރޮމުން ބުނެލިއެވެ. އަދި އެނދުގައި އޮށޯވެލުމަށްފަހު އަހަރެންގެ ފައިމަތީ ބޯއަޅައިލިއެވެ. އަހަރެން މަޑުމަޑުން ތާޝާގެ ބޮލުގައި ފިރުމައިލީމެވެ.
“އަހަރެން ތާޝާ ގެންދާނަމޭ! އެކަމަކު އަދި މަޑުކުރޭ….” އަހަރެން ބުނެލީމެވެ. އަހަރެން އެހެން އިންދައި ތާޝާގެ ގިސްލުން ކެނޑިގެންދިޔައެވެ. އަހަރެން ބަލައިލީމެވެ. ފުން ނިންޖަކުން އަހަރެންގެ ފައިމަތީ ތާޝާ ނިދާލައިފައި އޮތެވެ. މިވަގުތު އަހަރެން ބޭނުންވަނީ ތާޝާގެ މައުސޫމް މޫނަށް ބަލަން އިންނާށެވެ. ރުއިމުގެ ސަބަބުން ދުޅަވެފައިވާ ދެލޯ ވަނީ ރަތްވެފައެވެ. ނޭފަތުކުރި ވަނީ ލޭ ރަތް ކުލައަށް ބަދަލުވެފައެވެ. އަހަރެން މަޑުމަޑުން ތާޝާގެ ބޯ ހިއްލައިލުމަށްފަހު ބާލީހުގައި ބޭއްވީމެވެ. އެވަގުތު ތާޝާ ވަރަށް ފުންކޮށް ނޭވަޔެއް ލުމަށްފަހު ރޯންފެށިއެވެ. ހައިރާންވިވަރުން އަަހަރެން ތާޝާގެ މޫނުގައި އަތް ހާކައިލީމެވެ.
“އަތް ނުލާތި..ނޫން ނޫން…މާޒް! މާޒް! މާޒް އަހަރެން ސަލާމަތްކުރޭ…” އެހެން އޮވެގެން ތާޝާ ރުއިމުގެ ތެރެއިން ވާހަކަ ދައްކަންފެށިއެވެ. އަހަރެން އަޖައިބުވެފައި ބަލަން އިނީމެވެ. އަހަރެން ހަމަ އަތްލާއިރަށް އަހަރެންނަށް ގޮވާފައި ސަލާމަތް ކުރާށޭ ބުނެއެވެ. ތާޝާއަށް މިވަނީ ނަފްސާނީ ގޮތުންވެސް އަސަރުކޮށްފައެވެ. އަވަހަށް ޑޮކްޓަރަކަށް ނުދައްކައިފިނަމަ މައްސަލަ ބޮޑުވެދާނެއެވެ. ދެން އަހަރެން ވިސްނަންފެށީ ތާޝާ ޑޮކްޓަރަށް ދައްކާނެ ގޮތަކާއި ދޭތެރޭއެވެ. ކުޑަކޮށް ވިސްނާލުމަށްފަހު އަހަރެން ތާޝާއަށް ބަލައިލީމެވެ. އަހަރެން ތާޝާގެ ގައިގައި އަތްލަން އުޅެފައިވެސް އަތްނުލީ އަނެއްކާ ތާޝާއަށް ރޮވިދާނެތީއެވެ. ކުޑައިރުކޮޅަކު މިހެން އިނުމަށްފަހު އަހަރެން ގެޔަށްދާން ނިކުތީމެވެ. އެއްވެސް މީހަކު ގޭތެރެއިން ފެންނަން ނެތުމުން އަހަރެން ވަރަށް ހިތްހަމަޖެހިލައިގެން ގެޔަށް ދާން ހިނގައިގަތީމެވެ. މިވީ އަހަރެއްހާ ދުވަސްތެރޭ ހިތައް ހަމަޖެހުން ނުލިބޭ ވަރަށް މިރޭ ހިތްހަމަ ޖެހިއްޖެއެވެ. ތާޝާއާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލެވުނީތީ އަހަރެން ހުރީ ވަރަށް އުފާވެފައެެވެ. އަދި ވާހަކަ ދައްކައިލާ ކުރިން ނޭންގޭ އެތައް ކަމެއް އިނގުމުން ހިތުގެ ރިހުންވެސް ކުޑަކޮށް މަޑުވިހެން ހީވިއެވެ. ނަމަވެސް ތާޝާގެ ހާލާއިމެދު ވިސްނޭ ކޮންމެ ފަހަރަކު ހިތް ފަޅައިގެންދާން އުޅޭހެންވެސް ހީވެއެވެ.
އަހަރެންނަކީ މިނިވަނެއްކަމަކު މިހާރު ތާޝާވަނީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު އެކަކަށް ވެފައެވެ. ތާޝާއާއި ދޭތެރޭ ވިސްނޭވަރުން އޮފީހުގެ މަސައްކަތްތަކައްވެސް ފަރުވާކުޑަ ކުރެވެން ފަށައިފިއެވެ. މިއީ އަހަރެންގެ ފަރާތުން ނުފެންނަ ކަމެއް ކަމުން އޮފީސް ކުދިން ބަލީހޭ އަހާވަރުވެސް މަދެއްނޫނެވެ. މިކަމާ އިނާޝާވެސް ޝަކުވާ ކުރިއެވެ. ގޭތެރޭގައި ނެގިމަޑުވެފައި އިންނާތީ މަންމަމެންވެސް ވަރަށް ޝަކުވާ ކުރެއެވެ. އަދި މިހާރު އިނާޝާއާއި އެކު އަހަރެން ނުފެންނާތީ އެކަމާވެސް ގޭ މީހުން ވަރަށް ސުވާލުކުރެއެވެ. އިނާޒްވެސް ކުރަނީ ހަމަ މިޝަކުވާއެވެ. ނަމަވެސް އަހަރެންގެ ފަރާތުން އެމީހުންނަށް އެދެވޭ ޖަވާނެއް ލިބޭކަމަކަށް ނުވެއެވެ. އެއްސުވާލަށް ޖަވާބު ދޭއިރަށް އަނެއް ސުވާލު ކޮށްލައެވެ. އެންމެފަހުން ބޮލަށް އުނދަގޫވެގެން އަހަރެން ދާން ޖެހެނީ ކޮޓަރިއަށެވެ.
ތާޝާއާއި ދިމާވިތާ ހަފްތާއެއް ވެގެންދިޔަ އިރު، އެރޭގެ ފަހުން އަހަރެންނަކަށް އަދި ތާޝާ ފެންނަ ހިސާބަކަށް ނުދެވެއެވެ. ތާޝާއާއި ބައްދަލުވިރޭގައި އިނާޒްގެ އަންހެނުން މާޔާ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެނައީ އަހަރެން ހަމަ ގެޔަށް ވަތްތަނާއެވެ. އޭގެ އަނެއްދުވަހު އަހަރެމެންގެ އާއިލާއަށް ވަނީ އިތުރު މެމްބަރަކު އިތުރުވެފައެވެ. އިނާޒް ލޯބިލޯބި އަންހެން ކުއްޖެއްގެ ބައްޕައަށް ވުމުން އާއިލާގެ އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. ކުޑަކުދިންނަނީ އަހަރެން އެހާ ގަޔާވާ ބަޔެއް ނޫނެވެ. އަހަރެންނަކަށް ކުޑަކުއްޖަކު އުރާލާކަށްވެސް ނޭންގެއެވެ. ރޯއިރުން މަސަލަސްކުރުމުގެ ބަދަލުގައި އަހަރެންނަށް ހުރެވޭނީ ބަލާށެވެ. އަހަރެން އިޔާޒްގެ ދަރިފުޅު އުރާލީ ވަރަށް ހާލުންނެވެ. އަހަރެން ހަމަ އުރާލުމާއި އެކު އަހަރެންގެ ގަޔަށް ހޮޑުލިއެވެ. ހޮޑުގެ ވަސް ޖެހުމުން އަހަރެންވެސް އޯކަށްދެމިފައި އުޅުނީމެވެ. އެދުވަހު އަހަރެން ވަގުތުން ގެޔަށްގޮސް އެއްޗެހި ބަދަލު ކުރީމެވެ. އެވަރުން ހިތްހަމަ ނުޖެހިގެން ފެންވެސް ވެރީމެވެ. އެކަމާ އެންމެން ވަރަށް ހީހީފައި އުޅުނެވެ. އެއީ އަހަރެން ކުޑަކުދިންނާ ގަޔާނުވާ އެންމެ ބޮޑު ސަބަބެވެ. މިކަމާ ގޭ ހުރިހާ މީހުންވެސް ވަރަށް އެއްޗެހިކިޔާ އަހަރެންނަށް މަލާމަތްކުރެއެވެ. އަހަރެންގެ ހިތުގައި ކުޑަކުދިންނަށް އެހާ ހާއްސަ މަގާމެއް އަދި ނުދެވެއެވެ. ނަމަވެސް އިޔާޒްގެ ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ހިތުގައި ލޯބި އުތުރި އަރައެވެ. އިޔާޒްއަށް އެދަރިފުޅު ލިބުންފަހުން ލިބިފައި ހުންނަނީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. ދަރިފުޅަށް ބަލަން ހުންގޮތުންނާއި ލޯބިކޮށްލާ މަންޒަރު ފެނުމުން އަހަރެންވެސް އެދުވަސް ދެކެން ބޭނުންވިއެވެ. އެއުފާ ތަޖުރިބާކޮށްލަން ބޭނުންވިއެވެ. އެދުވަހަކުން މާޔާގެ ބަދަލުގައި އެއެނދުގައި އޮންނާނީ ތާޝާއެވެ. އަހަރެންގެ ހިތައް އެރި އެއްޗަކުން އަހަރެންނަށް ކުޑަކޮށް ހެވުނެވެ. ކުޑަކުދިންދެކެ ގަޔާނުވާ މީހަކަށް ކުއްލިއަކަށް މިއައީ ކޮންކަހަލަ ހިޔާލެއް ހެއްޔެވެ؟
މާޔާ ގެޔަށް ދޫކޮށްލުމުން ހޮސްޕިޓަލަށް ހިނގަން ނުޖެހޭތީ އަހަރެން ހުރީ ވަރަށް ހިތަހަމަ ޖެހިލައިގެންނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ތާޝާ ދެކިލަން އަހަރެންގެ ހިތް އެދެމުން ދިޔައެވެ. ހުކުރު ދުވަސް ކަމުން އަހަރެން ހުކުރުން ފައިބައިގެން އަންނަމުން ރިޒާނާގެ ގެޔަށް މިސްރާބު ޖެހީމެވެ. އަހަރެން ކުއްލިއަކަށް ފެނުމުން ރިޒާނާ ހުރީ ހައިރާންވެފައެވެ. އަހަރެންނާއި ރިޒާނާ ބައްދަލު ނުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެ ފަހުން މިގެޔަށް އައި ރޭގެ ފަހުން އަހަރެން ރިޒާނާގެ އެއްވެސް ފޯނަކަށް ޖަވާބެއް ނުދެމެވެ. އަހަރެން އެގޮތަށް ކަންތައް ކުރުމުން ރިޒާނާ ވަރަށް ރުޅިއައިސްފައި އަހަރެންނަށް މެސެޖުވެސް ކޮށްފައި ހުއްޓެވެ. އެއީ ތާޝާގެ މަންމަކަން އިނގުމުން އަހަރެން ރިޒާނާއާއި އެއްކޮށް ގުޅުން ކަނޑާލަން ނިންމީމެވެ. އެހާ ވިޔާނުދާ ނުބައި އަންހެނަކާ އަހަރެންނަކަށް ރުހުމަކުން ނުބެލޭނެއެވެ. އަދި ހިތްހެޔޮ ކަމުގެ އެކްޓެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް ތާޝާގެ ހައްގުގައި މިކަން މިގޮތައް ނުކޮށް ވާކަށްނެތެވެ.
“މަގު އޮޅުނީތަ؟” އަހަރެން ދޮރުމަތީ ހުއްޓައި ފެނުމުން ރިޒާނާ ފުރަތަމަ ވެސް ބުނެލީ މިހެންނެވެ. އަހަރެން ކުޑަކޮށް ހީލާފައި ގޭތެރެޔަށް ވަނީމެވެ. އަހަރެން ވަދެގެން އައި މަންޒަރު ބަލަން ކާކޮޓަރި ދޮރުމަތީ ތާޝާ ހުއްޓިލައިގެން ހުއްޓެވެ. އަހަރެންވެސް ހިނގަމުން އައި އިރު ތާޝާއަށް ވަރަށް ފުންކޮށް ބަލައިލީމެވެ. ތާޝާގެ ހިތުގައިވެސް އޮންނާނީ އަހަރެން ނާންނަކަމުގެ ޝަކުވާއެވެ.
“އިޔާޒްގެ އަންހެނުން ވިހައިގެން ހޮސްޕިޓަލުގަ އޮތީމަ ބިޒީ ކަމުން ނާދެވުނީ!” އަހަރެން ޖަވާބުދިނީ ދެމީހުންނަށެވެ. ތާޝާއަށްވެސް މިހާރު ޖަވާބު ލިބޭނެކަން ޔަގީނެވެ. ހަމައެކަނި އެމޫނަށް ބަލައިލުމުންވެސް އެހިތުގައިވާ ޝަކުވާ އަހަރެންނަށް ދެނެގަނެވެއެވެ. ލޯތްބަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. ބަހެއް ބުނުމެއްނެތި ހަމައެކަނި އަމަލުންވެސް އިހުސާސްތައް ދެނެގަނެވެއެވެ.
އަހަރެންގެ ޖަވާބު އިވުމުން ތާޝާ ކާކޮޓަރިއަށް ދެމިގަތް މަންޒަރު އަހަރެންނަށް ފެނުނެވެ.
“ދެން ކީއްވެ އެވަރަށް ގުޅީމަ ފޯނު ނުނެގީ؟ މެސެޖްވެސް ކުރެވުނު ވަރެއް ނޭންގެ..” ރިޒާނާ ބުނެލިއެވެ. އަހަރެން ބަހެއް ނުބުނެ ހުންނަން ފެށުމުން ރިޒާނާ އަހަރެންގެ އަތުގައި ހިފައިގެން ކާކޮޓަރިއާއި ދިމާއަށް ގެންދަންފެށިއެވެ. ރިޒާނާ އަހަރެންގެ އަތުގައި ހިފާފައި ހުރިތަން ހީވަނީ ފިހޭހެންނެވެ. އެހާވެސް އަހަރެން ހުރީ އުނދަގޫވެފައެވެ. އަހަރެންގެ އަތުގައު ހިފައިގެން ރިޒާނާ ކާކޮޓަރިޔަށް ވަނުމުން މޭޒުދޮށުގައި ކާންހަދަން ހުރި ތާޝާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންވިވަރުން ރިޒާނާ ހިފަހައްޓައިގެންހުރި އަހަރެންގެ އަތައް ބަލަމުންދިޔައެވެ. މިހެން ބަލަން ހުއްޓައި ތާޝާ އަތުން ޖެހި ކައިރީގައި ހުރި ފެން ތަށި ބަންޑުންވިއެވެ. އެވަގުތު ހުސްތަށިވެސް ތަށިމުށިތައް މައްޗައް ވެއްޓި ތެޅުނެވެ. މުޅި މާހައުލު އެއަޑުން ގުގުމައިގެން ދިޔައެވެ. ވަގުތުން ރިޒާނާގެ އުޖާލާ މޫނު އެކީ ފަނޑުވެގެންދިޔައެވެ. އަދި އަހަރެންގެ އަތުން ދޫކޮށްލުމަށްފަހު ތާޝާއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
“ގޮތްކުޑަ… ކަލޭ ހަމަ ކޮންމެ ދުވަހަކު އެބަ ތައްޓެއް ތަޅާލައޭ.. ބަލަ މީ ކަލޭގެ ހަރު މުދާތަ؟ މީ ކަލޭ ބަފާ މަތިން ބާލާފަ ހުރި އެއްޗެހިތަ؟” ތާޝާގެ އިސްތަށިގަނޑުގައި ހިފާ ތަޅުވައި ގަންނަމުން ރިޒާނާ ހަޅޭތްލާވައިގަތެވެ. ތާޝާ ދެލޯމަރާ ބާރުކޮށްގެން ރޮމުންދިޔައެވެ.
“އަދި މާ ޅަ ވެގެން ރޯން ފަށާނެ…” ރިޒާނާ އެއްޔަށްވުރެ ބޮޑަށް ތާޝާގެ އިސްތަށިގަނޑަށް ކުއްލިއެއް ޖަހައިލިއެވެ. “އާހް” އޭ ކިޔާފައި ތާޝާ ރޮއެގަތެވެ. އެމަންޒަރު ފެނިފައި އަހަރެންނަށް މުއްކަވައިލެވުނެވެ. އެއްލި ކަޅިއަކުން އަހަރެންނަށް ފެނުނީ ތާޝާ އަހަރެންގެ މޫނަށް ބަލަން ހުއްޓައެވެ. އެވަގުތު އަހަރެން ހިތް ތެޅިލިއެވެ. އަހަރެން ކުރިމަތީ ރިޒާނާ ތާޝާއަށް އެވަރުކުރާއިރު އަހަރެން ބަލަން ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ކުރިޔަށް ފިޔަވަޅެއް އެޅިބާރަށް ތާޝާ ވަރަށް ބާރަށް “އާހް”އޭ ބުނެލިއެވެ. ދުވެފައި ކަހަލަ ގޮތަކަށް އަހަރެން އައިއިރު ތާޝާ ހުރީ ކުޑަކޮށް ފައި ހިއްލާލައިގެން އެއްއަތް މޭޒުގައި ވިއްދައިގެންނެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ މުށިކޮޅެއް ހެރިފައި އޮތް ތާޝާގެ ފައެވެ. ތާޝާގެ ފައިން ލޯސްލާފައި ލޭ އަންނަމުން ދިޔައެވެ.
“މާޒް ހިނގާ ދާން.. ވަރަށް އުޅޭނެ މީހުންގެ ސަމާލުކަން ހޯދަން!” ރިޒާނާ މިހެން ބުނުމަށްފަހު ތާޝާގެ ބޮލުގައި އަޅާ ކޮއްޕައިލިއެވެ. ހަމަ އެއާއިއެކު މުށިކޮޅުހެރިފައި އޮތް ތާޝާގެ ފައި ތަޅަންމަތީ ވިދިފައި މުށިކޮޅު އެޔަށްވުރެ އެތެރެޔަށް ވެދެގެންދިޔައެވެ. ފަޔަށް ތަދުވާވަރުން ތާޝާ ރޮމުން ދިޔައެވެ. އަހަރެންގެ ކޮނޑުމަތީ އަޮތް ރިޒާނާގެ އަތް ފޮޅުވައިލީމެވެ. އަދި ދުވެލާފައި ގޮސް ތާޝާ ތަޅަންމަތިން ނެގުމަށްފަހު ގޮނޑިއެއްގައި ބޭންދީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން އަނގައިންވެސް ނުބުނެ ހައިރާންކަންމަތީ ރިޒާނާ ހުއްޓެވެ. އަހަރެން މަޑުމަޑުން ތާޝާގެ ފަޔަށް ހެރިފައި އިން މުށިކޮޅު ނެގީމެވެ. އެޔާއިއެކު ތާޝާ އެޔަށްވުރެ ބޮޑަށް ރޮއިގެތެވެ. ތާޝާގެ ފައިން ފައިބަމުންދިޔަ ލޭ މަނާކުރާނެ އެއްޗެއް ފެނޭތޯ އަހަރެން ކާކޮޓަރި ތެރެޔަށް ނަޒަރު ހިންގައިލީމެެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އަތް ދޮންނަ ތަށި ކައިރީ ހުރި ކުޑަ ތުވާތްޔެވެ. ލަސްނުކޮށް އަހަރެން ތުވާލި ހިފައިގެން އައިސް ތާޝާގެ ފައިގައި އޮޅައިލީމެވެ.
“ނެތްތަ ފަސްޓް އެއިޑް ބޮކްސް އެއް؟” އަހަރެން ފަހަތައް އެނބުރެލަމުން ރިޒާނާ ކައިރީ އަހައިލީމެވެ.
“އެންމެފަހުން މާޒް މީނަގެ އަވައިގަ ޖެހުނީ ދޯ؟ އަހަރެންނަކަށްނު އިނގޭނީ ކޮންމެ ދުވަހަކު މީނަ މިގޭތެރޭ ކުޅޭ ޑްރާމާ! ތި ބަހައްޓާފަ ކާން އާ…..” “ފަސްޓް އެއިޑް ބޮކްސް އެއް ނެތްހޭ؟” ރިޒާނާގެ ޖުމްލަ އަހަރެން ހުއްޓުވީ ވަރަށްވެސް ބާރަށް މިހެން ބުނެލަމުންނެވެ. އަހަރެން ބާރަށް ބުނުމުން ރިޒާނާގެ އިތުރުން ތާޝާއަށް ވެސް ކުޑަ ސިހުމެއް އައެވެ. އަނގައިގައި ތަޅު އަޅުވައިގެން ހުރެ ބަހެއްވެސް ނުބުނެ ރިޒާނާ ނިކުމެގެން ދިޔައެވެ. އަހަރެން ތާޝާ ކައިރީ އެހީމައި ތާޝާއަށް ނޭންގޭ ކަމަށް ބުނެލިއެވެ. އަހަރެން ތާޝާ ގޮވައިގެން އޭނަގެ ކޮޓަރިއަަށް ދިޔައީމެވެ. އަދި ތުވާލިގަނޑު މޮހާލުމަށްފަހު ތާޝާ ދިން ރުމާލެއް އައްސައިލީމެވެ.
އެޔަށްފަހު އަހަރެން ބޭރަށް ނިކުމެ ގޭތެރޭ އުޅުން އެހެން މަސައްކަތު މީހެއް ކައިރީ އަަހައިގެން ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ތާޝާގެ ފައިގައި ބޭސް އަޅައިދިނީމެވެ. އެއިރުވެސް ތާޝާ ރޮމުން ދިޔައެވެ.
“އަދިވެސް ތަދުވޭތަ؟” ބޭސް އަޅާ ނިންމާލުމަށްފަހު އަހަރެން އަހައިލީމެވެ. ތާޝާ އެއިންގޮތައް ބޯ ޖަހައިލިއެވެ. އަދި އަހަރެންގެ ކޮޑުގައި ބޯއަޅައިލިއެވެ.
“އިިޓްސް އޯކޭ ބޭބީ އަދި ތަދު ކެނޑޭނެ.. އެއީ މާބޮޑަށް ހެރުނީމަ ތަދުވަނީ..” އަހަރެން ތާޝާގެ އަތުގައި ހިފާލަމުން ބުނެލީމެވެ.
“މާޒް އަހަރެން ހިޔެއް ނުކުރަން ކަލޭ މާ ހެޔޮކަމަށް ހެދިގެން މިގެޔަށް ވަންނަނީ މީނަ ފުރޭތަޔާ ހެދި މޮޔަވެގެން ކަމެއް.. މިހުރިހާ ދުވަހު މަގޭ ލޮލުގަ އަނދުން އަޅުވައިގެން މިދޯ ދެމީހުން ގަންނަ ގަނޑަކީ؟” އަހަރެންގެ އިތުރުން ތާޝާ ސިއްސައިގެން ދިޔައީ ރިޒާނާގެ ހޮނު ގުގުރިއެއް ކަހަލަ ބާރު އަޑު ކަންފަތުގައި ޖެހުމުންނެވެ. ވަގުތުން ތާޝާ އަހަރެންގެ ކޮނޑުން ބޯނަގައި އަހަރެންނާއި ދުރަށް ޖެހެލިއެވެ.
“ފާޑުފާޑު އެއްޗެހި ނުކިޔައްޗޭ އޭނަޔާ ދިމާއަށް!” އަހަރެންގެ ޝަހާދަތް އިނގިލި ދިއްކޮށްލަމުން ދަތްކުނޑި ވިކާލައިފައި އަހަރެން ބުނީމެވެ. ރިޒާނާ އެޔަށްވުރެ ބޮޑަށް ރުޅިގަދަވިއެވެ.
“ކަލޭ ތީ ހަމަ ނުބައި ޖަނަވާރެއް!” ރިޒާނާ އަހަރެންގެ އިނގިލި އޭނަގެ އަތުން ތިރިކޮށްލަމުން ބުނެލިއެވެ. އޭނަގެ ލޮލުގައި އަނދަމުން ދިޔައީ ރުޅިވެރިކަމެވެ.
“ތި ހާދަ ދޫ ނުބައި އަންހެނެކޭ!” އަހަރެން ކުޑަކޮށް ހީލުމަށްފަހު ބުނެލީމެވެ. އަހަރެން އެހެން ބުނެލުމުން ރިޒާނާގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އައި ރުޅީގައި ރިޒާނާ ދިޔަގޮތައް ހިފީ ތާޝާގެ ކަރުގައެވެ.
“މީ ކަލޭގެ ކަންތަކޭ.. މިނޫނީ މީހަކު މަށާ ދިމާއަށް މިހާ ހުތުކޮށެއް ވާހަކައެއް ނުދައްކާ! އެވެސް އަހަރެން ފުރާނައިން ލޯބިވާ މީހާ!” ރިޒާނާ މިހެން ބުނުމުން ރިޒާނާގެ އަތްދަށުން ސަލާމަތްވާން ތެޅިތެޅި ހުުރި ތާޝާވެސް ހުއްޓުން އެރިއެވެ. އަހަރެންނަށްވެސް ކުޑަ ސިިހުމެއް ލިބިގެން ދިޔައެވެ. ބުނެވުނު އެއްޗަކުން ރިޒާނާވެސް ވަގުތުން ތާޝާގެ ކަރުން އަތް ދޫކޮށްލިއެވެ.
“ކީކޭ؟” އަހަރެން ރިޒާނާގެ ކުރިމައްޗައް އަހަރަމުން އަހައިލީމެވެ. އިސްޖަހައިލައިގެން ރިޒާނާ ހުރީ ބުނެވުނު އެއްޗަކާ މެދު ލަދުވެތިވެފައިކަން އަހަރެންނަށް ޔަގީނެވެ. މިހެން ހުރުމަށްފަހު ރިޒާނާ ފާޑަކަށް ހޭން ފެށިއެވެ. ހެމުން ހެމުން އައިސް އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ.
“މާޒްއަށް ތި އިވުނީ ހަމަ ރަގަޅަށް… އަހަރެން މާޒް ދެކެ ވަރަށް ލޯބިވޭ!” (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.


Ain evee kihineh? Mi rizaana miulhenee kuda kujjakaa hithaavegen dhw. Mee haadha nubai meehekey?
Vaahaka vvvvv furihama. Dhen avahah thaasha and maaz gulhuvabala❤
wah vvvvvvv reeeethi!!!
Rizaanaa mihadhanee koacheh tha? Kihaa dhera kameh mee. Vaahaka v furihama.
ahchidhi rizanaaa…bodu muskulhieh???
heyonuvaane ifaau maaz emuskulhiyaa kairin salaamah kuray
maaz ekanyehnunoo thaasha ves!!!!
love your story ifaau??
Hahahhaaa varah reethi ekamu dho Thaasha ge mom adhi dho moyaehtha e ee! Varah reethi vaahaka avas anehbai ingey!
Rizaana thihuree hamain nehttifa. Thaasha govaigen dhey maaz. vaahaka vara reethi.
reethi…
Allah akbaru!! waahaka v furihama ekamaku mi rizaanaa miyoh heyvi hadiyeh dho.
Rixaanaa ge boa goasvy thoahcheh…eynage dhari varuge kujjakaa ehithaavy…mi rixaanaa ah hithun nufilaa varuge landeh dhyba…haadhahaa vaa nulafaa mamma ekey dw…maaz vx thaashaa salaamaih kohgen dhen gendhanvynu…iliyaas ah vikkaali gothah maaz vx kommevx gotheh hadhaigen thaashaa gendhan vejjenu..thaashaa ah ehen hadhaakah nuvaane ehnnu..btw vaahaka varah varah reethi..
Salhi
Alhey rizaanaa mee bodu heybayyenu. Meena olhaalabala heyo nuvaane. Dhen thaashaa and maaz gulhuvabala avaha. key madhuvejje mihaaruvis.
dhen ehaa reehcheh nun aslu thaasha ah ehaaa varu kohffa maaz ah libeykah…dhuniyeyge ehmennn kiraane gothakah kanthah kohfffa ehme fahunn maaz ah….not good…and not nice
Eyyyy reethi ingey. Faadu faadu ehchehi nukiyaa?
haha bahyehnu dhw rizaanaa ulhey vahthareh boahalaaku
vvv reethi
Hadha salhi story ekey dhoa
Maaz a hedhi ey rizaanaa ulhenee nikanrangalgah heyaruvaalabala v reeeeethi
Hehe comment thah varah majaa.? Thank you all.❤