ތާޝާ (20ވަނަ ބައި)
“ފޮގިވްމީ ތާޝާ” އަހަރެންނަށް ބުނެލެވުނެވެ. އެރޭ ނުނިދާ އެތައް ދަމެއް ވަންދެން އަހަރެން ހޭލާ ހުރީމެވެ. ތާޝާއާއި ދޭތެރޭ އެކި ގޮތްގޮތައް ވިސްނީމެވެ. ބަޔެއް ފަހަރު ލޮލުން ކަރުނަވެސް އާދެއެވެ. މިހެން އޮއްވައި ނިދުންއިރެއްވެސް އަހަރެންނަކަށް ނޭންގެއެވެ.
އެރެޔަށްފަހު އަހަރެންނަށް ރިޒާނާގެ ފަރާތުން ވަރަށް ގިނައިން ދައުވަތު ލިބެއެވެ. ކޮންމެ ފަހަރަކުވެސް އިންކާރު ކުރުމެއްނެތި އަހަރެން އެގެޔަށް ދަމެވެ. އެގޭ ކުދިން ޑޮކްޓަރަށް ދައްކަން ދިޔަގޮތައް މެލޭޝިޔާއަށް ދިރިއުޅުން ބަދަކުރުމުން މިހާރު އެގޭގައި އުޅެނީ ރިޒާނާއާއި އޭނަގެ ބަލި ފިރިމީހާގެ އިތުރުން ތާޝާއެވެ. އަދި ދެތިން މަސައްކަތު މީހުންވެސް އެގޭގައި އުޅެއެވެ. އެގެޔަށް ދާ ކޮންމެ ދުވަހަކު އަހަރެންނަށް ރިޒާނާގެ ފަރާތުން ތާޝާއަށް އެތައް އަނިޔާއެއް ލިބެމުންދިޔަ މަންޒަރު ފެނެއެވެ. އެހުރިހާ ކަމެއް ނުފެންނަ ކަމަށް ހަދައިގެން އަހަރެން ހުންނީ ކަނު މީހަކަށް ހެދިގެންނެވެ. ބަޔެއްފަހަރު އެކަނިވުމުން އަހަރެން ތާޝާއާއި ވާހަކަ ދެއްކޭތޯ ވަރަށް އުޅެމެވެ. ނަމަވެސް މިހާރު ތާޝާ އަަހަރެން ދެކެ ފޫހިވެއެވެ. ރުޅިއާދެއެވެ. އެކަމާ އަހަރެން އިންތިހާޔަށް ދެރަވެއެވެ. ނަމަވެސް އިތުރަށް އަހަރެންނަށް ކުރެވޭނެ ކަމެއް ނެތެވެ.
ހަމަ އެފަދަ އާދައިގެ ދުވަހެކެވެ. އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު އަހަރެންނަށް ގެޔަށް އާދެވުނީ ހަވީރުއެވެ. ގެޔަށް އައިސް ފެންވަރާލައިގެން އަހަރެން ޖައްސައިލީ ވެފައިހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. އިރުކޮޅަކު މިހެން އޮތުމަށްފަހު ސައި ބޮއިގެން އަހަރެން ޓީވީ ބަލަން އިންދައި ރިޒާނާގެ މެސެޖެއް ލިބުނެވެ. މިރޭގެ ކެއުމަށް ދައުވަތު ދިނެވެ. ރިޒާނާ ބުނި ގަޑި ޖެހުމުން އަހަރެން އެގެޔަށް ދިއައީމެވެ. ނަމަވެސް ރިޒާނާގެ ހަބަރެއް ނުވިއެވެ. ގޭތެރޭ ކުޑަކޮށް މަޑުކޮށްލުމަށްފަހު އަހަރެން ރިޒާނާއަށް ގުޅައިލީމެވެ. ނަމަވެސް ފޯނު އޮތީ ސިޓިންރޫމުގައި ހުރި ސޯފާ މަތީގައެވެ. ގިނައިރު ވާން ފެށުމުން ކޮންމެވެސް ކަމެއް ވެއްޖެ ކަމަށް އަހަރެންގެ ހިތް ބުނަމުންދިޔައެވެ. މަޑުމަޑުން އަހަރެން ގޭތެރެޔަށް ވަދެވެން އޮންނަ މަގުން ހިނގާލައިފައި ކޮޓަރިތަަކާއި ދިމާއިން ދިޔައީމެވެ. އެންމެ އެތެރެޔަށް ހުންނަ ރިޒާނާގެ ފިރިމީހާ އޮންނަ ކޮޓަރިން ކޮންމެވެސް ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. އަހަރެން ކުޑަކޮށް ދޮރާއި ކައިރިވެލީމެވެ.
“ކަލޭ ބައްޕަ ކައިރިޔަށް ހިނގައްޖެ ނަމަ އަދި މިޔަށްވުރެ މާ ހާލުގަ އުޅެން ޖެހޭނީ! ހުންނަ ގޮތްކުޑަަކަން ބާލާބަލަ.. މަގޭ ކުރިމަތީ ގަދަ ބަސްވެސް ބުނަންފެށީތަ މިހާރު؟” ރިޒާނާ ވަރަށް ހަރުކަށިކޮށް ހަޅޭތްލަވާ ގަތް އަޑު އިވުނެވެ. އެއަޑަށް އަހަރެންވެސް ކޮންމެވެސް ވަރަކަށް ސިހުނެވެ. އެޔާއިއެކު ކޮންމެވެސް މީހެއްގެ ގިސްލުމުގެ އަޑުވެސް އިވުނެވެ. އެއީ އަހަރެންނަށް އޮޅޭނެ އަޑެއް ނޫނެވެ. އެއީ ތާޝާގެ ރުއިމުގެ އަޑެވެ.
“އެކަމަކުވެސް އަހަރެން……..”ތާޝާ ބުނެލި އަޑު އިވުނެވެ. ހަމަ އެޔާއިއެކު އެއްޗަކު މީހަކު ޖެހިއަޑު އިވުނެވެ. އަހަރެން ފޭވެފައި ހުރި ދޮރުން ކުޑަކޮށް ބަލައިލީމެވެ. އެއިރު ތާޝާ ތަޅަންމަތީ، ކޯމަތީ އަތް އަޅައިގެން ރޮމުން ދިޔައެވެ.
“19 އަހަރު ފަހުން އަނެއްކާ މި މުސީބާތް މަގޭ ބޮލަށް މިއައީ މަށަށް ކޮން ކަމެއް ކުރެވިގެންތަ؟ ކިހާ ބޮޑުކަމެއް… ބަލަ މަ ބުނެގެންނެއް ނޫނޭ ކަލޭގެ ބަފާ ކަލޭ އެކަނިކޮށްފަ ފިލީއެއް… ކަލޭގެ ސުންޕާ ކަމުން އޭނަޔަށްވެސް ނުބެލުނީ ކަންނޭންގެ!” ރިޒާނާ ކައިރީ ހުރި ސޯފާ މައްޗައް ވެއްޓިގަންނަމުން ބުނެލިއެވެ. އަހަރެން ހުރީ މިވާނުވާ ނޭންގިފައެވެ. ރިޒާނާ މިދައްކަނީ އަނެއްކާ ކޮން ވާހަކައެއް ހެއްޔެވެ؟
“ބައްޕަ ބުނި ކަމެއް ކޮށްގެން އުޅެވެންޏާ އެހުރީ ވަތް ދޮރު.. ނިކުމެގެން ދޭ!” ދޮރާ ދިމާއަށް އަތް ދިއްކޮށްލަމުން އަނެއްކާވެސް ރިޒާނާ ބުނެލިއެވެ. އެވަގުތު ތާޝާ އިސްއުފުލާ ރިޒާނާއަށް ބަލައިލިއެވެ.
“ދެލޯ ބޮޑުކޮށްގެން ބުޅަލެއްހެން މަށާ ދިމަޔަށް ބަލާނެ ކަމެއްނެތް!” ރިޒާނާ ބުނެލިއެވެ. އެއިރު އެނދުމަތީ އޮތް ރިޒާނާގެ ފިރިމީހާވެސް ކުކުރަ ކުކުރާފައި ބޯ ހޫރަމުން ދިޔައެވެ.
“ނަސީބެއް ކަލޭވެސް އެނދުމަތި ވެފަ އޮތްކަން! އެހެން ނޫންނަމަ މި ތާޝާ މިއަދު މިގޭގަ ރަނިކަން ކުރާނެ!” ރިޒާނާ ވަރަށް ރުޅިވެރިކަމާއިއެކު އޭނަގެ ފިރިމީހާއަށް ބުނެލިއެވެ.
“ތެދުވެގެން ދޭ މިތަނުން! ދުވާލުދާ ހަތަރުދަމު ރޮއިރޮއި މިހުންނަނީ މީހުންގެ ހަމްދަރުދީ ލިބޭނެކަމަށް… ހަމަ ހުސް ދެއްކުންތެރިކަން.. އަހަރެންނަކަށް އެއްގޮތެއްވެސް ނުވާނެ ލޮލުގެ އޮއް ވެއްޓުނަސް..” މިހެން ބުނުމަށްފަހު ތާޝާގެ އަތުގައި ހިފައިގެން ރިޒާނާ ދޮރާ ދިމަޔަށް އަންނަން ފެށިއެވެ. އަހަރެން ކުޑަކޮށް އެއްފަރާތްވެލީމެވެ. އެވަގުތު ރިޒާނާ ދޮރު ހުޅުވައިލުމަށްފަހު ތާޝާ ބޭރަށް ކޮށްޕައިލިއެވެ. އެޔަށްފަހު ކޮޓަރީގެ ދޮރު ވަރަށް ބާރަށް ޖެހުނެވެ. ކޮށްޕާލި ބާރުމިނުގައި ވެއްޓެންދިޔަ ތާޝާގެ ގައިގައި އަހަރެން ހުށިޔާރުކަމާއި އެކު ހިފަހައްޓައިލީމެވެ. އެއިރު ތާޝާ އޮތީ އަހަރެންގެ އަތްދަނޑިމަތީ ފުރަގަހަށް ލެނބިގެންނެވެ. ތާޝާ ދެލޯ ބޮޑުކޮށްލުމަށްފަހު އަހަރެންގެ މޫނަށް ބަލަމުންދިޔައެވެ. އަހަރެންވެސް އޮތީ އެހާ ގިނަ ދުވަހަށްފަހު ތާޝާގެ މޫނު މިހާ ކައިރިން ފެނުމުން ދޫކޮށްލަންވެސް ބޭނުން ނުވެފައެވެ. ކުޑަވަގުތު ކޮޅަކު މިހެން ތިބުމަށްފަހު، އަހަރެން ސިއްސައިގެން ދިޔައީ ތާޝާ އަހަރެންގެ ގައިގައި އަޅާ ކޮށްޕާލުމުންނެވެ. އެއްވެސް ކަމަކަށް ނުވިސްނާ ހުރުމުން އަހަރެން ތިރިޔަށް ވެއްޓުނެވެ. އަހަރެން ވެސްޓުމުން ތާޝާ ކުޑަކޮށް މަޑުޖެހެލިއެވެ. އަހަރެން ހަމަ އެގޮތައް އޮއްވައި އަނގައިންވެސް ނުބުނެ ތާޝާ ކުރިޔަށް ހިނގައިގަތެވެ. އަހަރެންވެސް އަވަހަށް ތެދުވެގެން ތާޝާގެ ފަހަތުން ހިނގައިގަތީމެވެ. ތާޝާ ގޮސް ވަނީ ގޭގެ އެހެން ކޮޓަރި ތަކާއި ވަކިން ކާގެޔާއި ޖެހިގެން ހުރި ކުޑަ ގުދަނެއް ކަހަލަ ތަނަކަށެވެ. ކުޑަ ވަރެއްގެ ކޮޓަރިއެއްހެން ހަދާފައި ހުރި އެތަނުގައި އެކަކަށް އޮވެވޭވަރު އެނދަކާއި ކުޑަ މޭޒެއް ހުއްޓެވެ. ދެން އެއްކައިރީ އޮތީ ފޮއްޓެކެވެ. ހީވާގޮތުން އެއީ ތާޝާގެ އެއްޗެއްހި އަޅާފައިވާ ފޮއްޓެެވެ. ތާޝާގެ ފަހަތުން ގޮސް އަހަރެން އެކޮޓަރިޔަށް ވަނީމެވެ. އަހަރެން ނުވައްދާ ދޮރުޖެހޭތޯ ތާޝާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެންނަށްވުރެ ތާޝާއަަކަށް ވަރުގަދައެއް ނުވެވުނެވެ. އެތެރެޔަށް ވަނުމަށްފަހު އަހަރެން އެތެރެއިން ދޮރު ތަޅުލީމެވެ. އަހަރެންނާއި ދިމާއަށް ކުޑައިރުކޮޅަކު ބަލަން ހުރުމަށްފަހު ތާޝާ އަނެއް ފަރާތަށް އެނބުރެލިއެވެ. ހީވާގޮތުން މިހާރު ތާޝާ އަހަރެން ދެކެންވެސް ބޭނުން ނުވަނީއެވެ.
“ތާޝާ” އަހަރެން ގޮވައިލީމެވެ. ނަމަވެސް ހަމަ އެއްވެސް ޖަވާބެއް ނައެވެ. އަނެއްކާވެސް އަހަރެން ގޮވައިލީމެވެ. ނަމަވެސް ހަމަ އެހުރި ގޮތައް ތާޝާ ހުރީއެވެ. އަހަރެން ތިންވަނަ ފަހަރަށް ގޮވައިލުމަށްފަހު ތާޝާގެ ކޮނޑުގައި އަތް ބާއްވައިލީމެވެ. ވަގުތުން ތާޝާ އަހަރެންގެ ކޮނޑުން އަތް ފޮޅުވާލިއެވެ. އަހަރެން ވަރަށް ފުން ނޭވާއެއް ދޫކޮށްލީމެވެ.
“ތާޝާ އަހަރެންދެކެ ރުޅިއައުން ހައްގު… އެކަން އަހަރެން ގަބޫލު ކުރަން!” އަހަރެން ބުނެލީމެވެ.
“ދެން ދައްކާނެ އިތުރު ވާހަކައެއް ނެތެއްނު؟” ކުރަކި ވެފައިވާ އަޑަކުން ތާޝާ ބުނެލިއެވެ.
“ދައްކަން ބައިވަރު ވާހަކަ އެބަހުރި!” އަހަރެން ބުނެލީމެވެ. ތާޝާ އަހަރެންނާއި ދިމާއަށް އެބުރެލިއެވެ.
“ލޯބިވަންްޏާ އިތުބާރުވެސް ކުރަންޖެހޭނެ!” އަހަރެން ތާޝާގެ އަތުގައި ހިފައިލަމުން ބުނެލީމެވެ. ނަމަވެސް އަނެއްކާވެސް ތާޝާ އަހަރެންގެ އަތް ފޮޅުވައިލިއެވެ. އެހިސާބުން ކަންތައްތައް ވެގެން ދިޔަ ގޮތް ފަށައިގެން އަަހަރެން ކިޔައިދިނީމެވެ. ތާޝާ އަނދިރީގައި ބަހައްޓާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ހުރިހާ ވާހަކައެއް ކިޔާދީ ނިމުމުންއިރު ތާޝާއަށް ހުރީ ރޮވިފައެވެ.
“މާޒްއަށް ކެތްވޭތަ ކޮންމެ ފަހަރަކު އޭނަ އަހަރެންނަށް އަނިޔާ ކުރާތަން ބަލަން؟ މާޒް ކީއްވެ ކުރީގަ އަހަރެންގެ ދިފާއުގަ ހުންނަހެން މިހާރު ނުހުންނަނީ؟ މާޒް ކީއްވެ އަހަރެންނޭ ކިޔައިގެން އެގޮތައް ވާހަކަ ދައްކަނީ؟ މާޒް އަހަރެންދެކެ ލޯބިވާނަމަ އެހެންނެއް ނަހަދާނެ……” ރޮއެރޮއެފައި މިހުރިހާ ދުވަހު ތާޝާގެ ހިތުގައި ފޮރުވައިގެން ގެންގުޅުން ޝަކުވާތައް ބޭރުކޮށްލިއެވެ. އަހަރެން ތާޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލައި ދިނީމެވެ.
“އަހަރެން ބޭނުންވީ ރިޒާނާއާއި ގުޅުން ބަދަހިކޮށްގެން މިގެޔަށް ވަންނަން… ހަމަ ތާޝާ ދެކޭހިތުން! އެނޫން ގޮތެއް ނެތީމަ!” އަހަރެން ތާޝާގެ ގައިގައި ފުރަތަމަ ފަހަރަށް ބައްދައިލީމެވެ. ތާޝާވެސް އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ. ދުވަހަކުވެސް ދުރުނުވާށޭ ބުނާކަހަލަ ގޮތަކަށެވެ. ތާޝާގެ ލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތައް އަހަރެންގެ ގަމީސް ތެންމަމުން ދިޔައެވެ. އަހަރެން ތާޝާގެ ބޮލުގައި ފިރުމާލުމަށްފަހު ދެން ނުރޯށޭ ބުނެލީމެވެ.
“މާޒް އަހަރެން ގެންދޭ ޕްލީސް!” ތާޝާ ރުއިމުގެ ތެރެއިން ބުނެލިއެވެ. އަދި އަހަރެންގެ ގައިން ދޫކޮށްލުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން އެނދުގައި އިށީންދެލިއެވެ.
“ތާޝާ މިގެޔަށް އަންނަން ޖެހުނީ ކީއްވެގެން؟” އަހަރެން އަހައިލީމެވެ. ތާޝާގެ މޫނުމަތިން އަހަރެންނަށް ނުތަވަސްކަމާއި ބިރުވެރިކަން ފެނުނެވެ. އަދި ގަދަކަމުން ހިންދިރުވައިލި މަންޒަރުވެސް އަހަރެން ދުށީމެވެ. އަހަރެން ކައިރީ ބުންނަން ނުކެރޭވަރު ކަމެއް އަނެއްކާ ހިނގީހެއްޔެވެ؟ އަހަރެން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލީމެވެ.
“މާޒް އާދޭތޯ ވަރަށް އިންތިޒާރު ކުރިން! ދެން އެެހެން އުޅެނިކޮށް އެއްދުވަހު ހަމަ ބޯ އަނބުރާފަ ހޮޑު ލެވެން ފެށީ! އަހަރެން އުޅުން ގޮތުން ބައްޕަ އަހަރެންނަށް ވަރަށް ބެލި.. އެއްޗެއް ނުބުނޭ.. ވާނުވާ ނޭންގި ދެދުވަސް އުޅުނިން! ދެން ދެދުވަސް ފަހުން ބައްޕަ އައިސް ބުނީ ރެޑީވާށޯ ފުރަން.. ދިޔައީ ރާއްޖެއިން ބޭރަށް ބައްޕަޔާ އަހަރެންނާ… އެއާޕޯޓުން ދިޔައީ ހޮސްޕިޓަލަކަށް… ބައްޕަ އަހަރެންނަށް އަނިޔާއެއް ކޮށްފާނެތީ އަހަރެން އެއްވެސް އެއްޗެއް ނާހަން… އަހަރެން ގެންގޮސް ބޭއްވީ އެނދަކު.. ބާއްވާފަ އިންޖެކްޝަނެއް ޖެހީމަ ނިދުނީ… ދެން ހޭލުވުންއިރު އިނީ ރިޒާނާ އަހަރެން ކައިރީ… ބައްޕަވެސް ހުރި ކޮޅަށް.. ވީ ނުވީއެއް ނޭންގުން… ދެން ޑޮކްޓަރުން ދެއްކި ވާހަކައިން އިނގުނީ ހޭނެތިފަ ތިންދުވަހު އޮވެފަކަން އަހަރެން ހޭއެރީ!” އެހިސާބަށް ބުނުމަށްފަހު ތާޝާ އަހަރެންގެ ކޮނޑުގައި ބޯއަޅައިލިއެވެ.
“ދެން އޭގެ އަނެއް ދުވަހު ރާއްޖެ އައިސް އެއާޕޯޓުން ބައްޕަ ގެއްލިއްޖެ… ދެން ރިޒާނާ ބައްޕަ ދިއުމުން ވަރަށް އެއްޗެހި ކީ.. ކިޔަނީ އެނުލަފާ ކަލޭގެ މަބޮލަށް ޖަހާފަ ފިލީއޯ! ދެން އަހަރެން އެހިން.. ޖަވާބެއް ނުދޭ އަހަރެންނަށް ހަޅޭތްލަވަނީ ކޮންމެފަހަރަކު… ދެން ގެނައީ މިގެޔަށް.. މަސައްކަތު މީހެއްގެ ގޮތުގަ އަހަރެން މިގޭގަ އުޅެނީ! މިގޭ ރިޒާނާގެ ބޮޑުދަރި ރާއިފް އަހަރެންނަށް ވަރަށް އުދަގޫ ކުރޭ! ގަޔަށްވެސް އަތްލާ..” އެހިސާބަށް ބުނުމަށްފަހު ތާޝާ ކުޑަކޮށް ނޭފަތް އެތެރެޔަށް ދަމައިލިއެވެ.
“ދެން އިތުރު ކަމެއް ނުކުރޭތަ؟” އަހަރެން އަހައިލީމެވެ.
“ނޫން! މިކޮޓަރިޔަށް ވަދޭ ރޭގަނޑަށް… އަހަރެން ރިޒާނާ ކައިރީ ބުނީމަ އެންމެން ކުރިމަތީ އަހަރެންނަށް ވަރަށް އަނިޔާ ކޮށްލި! އެކަމަކު ރާއިފްގެ އަންހެނުން ޔުމްނާ އަހަރެންގެ ވާހަކަ ގަބޫލުކުރި.. ޔުމްނާ އަހަރެން ކައިރީ ބުނި ރާއިފް ކުރާނެއޭ ތިމަން ގަބޫލު ކުރަމޭ!” ތާޝާ ކިޔައިދިނެވެ.
“ދެން އޭނަ ރާއިފްއާ އިނދެގެން އުޅެނީ ކީއްވެ؟” އަހަރެން އެވާހަކައަށް ޝައުގުވެރިވިއެވެ.
“ފައިސާ! ޔުމްނާ އަކީ އަހަރެންނަށް ވަރަށް ރަގަޅު ކުއްޖެއް.. އޭނަގެ އޮންނަނީ މުސްކުޅި މަންމައެއް.. އޭނަގެ މަންމަ ހޮސްޕިޓަލުގަ އޮންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވަނީ.. އަހަރެން މިގެޔަށް އައި އިރުވެސް އޭނަގެ މަންމަ އޮތީ ހޮސްޕިޓަލުގަ… އެހެންވެ އުޅެނީ.. އަނެއްކާ ދަރިޔެއްވެސް ލިބުނީމަ މަޖުބޫރުވީ އުޅެން..” މިހިސާބަށް ވާހަކަ ދިއުމާއި އެކު އަހަރެންގެ ފޯނު ރިންގުވަން ފެށިއެވެ. އަހަރެން ޖީބުން ފޯނުނަގާ ބަލައިލިއިރު ގުޅަނީ ރިޒާނާއެވެ. އަހަރެން ފޯނުގެ ރިންގު ނިވާލުމަށްފަހު އަނެއްކާވެސް ތާޝާ ކައިރީ ކުރިޔަށް ގެންދިއުމަށް އެދުނީމެވެ.
“ދެން އެމީހުން މެލޭޝިއާ އަށް ދިޔައީ ޔުމްނާ މަންމަ ގޮވައިގެން އިތުރު ފަރުވާއަށް.. އެތާ ގިނަދުވަސް ވާތީ އެމީހުން އެކޮޅަށް ޗޭންޖް ވީ.. އެމީހުން ދިއުމުން އަހަރެންނަށް ވަރަށް ހަމަޖެހުން ލިބުން.. ހަމަ އެއާއިއެކު ދެރަވެސްވި އަހަރެންނަށް މިގޭގަ ހެޔޮއެދޭ އެކަކު ދިޔައީމަ… އަހަރެން އެކަނި ރޯ ކޮންމެ ފަހަރަކު ޔުމް އަހަރެންނަށް ވަރަށް ހިތްވަރުދޭނެ.. ވަރަށް ވާހަކަ ދައްކާނެ.. އެގޮތައް ވާހަކަ ދައްކަމުން ދިޔަ ދުވަހަކު އަހަރެން ބުނިން އަހަރެންނަކަށް ނޭންގުނޭ ރާއްޖެއިން ބޭރަށް އަހަރެން ގެންދިޔަ ސަބަބެއް! މާޒް ފިޔަވާ އަހަރެންގެ ހުރިހާ ވާހަކައެއް ހިއްސާކުރީ ޔުމްއާ.. އެދުވަހު ޔުމް ބުނި ވާހަކައަކުން އަހަރެން ހިތް ނުހުއްޓުނުނީ ކިރިޔާ! ޔުމް ބުނީ….” އެހިސާބަށް ބުނެފައި ތާޝާ ހުއްޓުން އެރިއެވެ.
“ކީކޭ ބުނީ؟” އަހަރެން ތާޝާގެ އަތުގައި ހިފައިލިއެވެ. އަހަރެންނަށް ތާޝާ ބުނަން އެއުޅޭ އެއްޗެއް އިނގެއެވެ. ނަމަވެސް މިވަގުތު އަހަރެން ބޭނުމީ ތާޝާގެ ދުލުން ހުރިހާ ކަމެއް އަޑުއަހާށެވެ.
“ބުނީ އަހަރެން ގެންދިޔައީ ބަނޑުބޮޑުވީމަ…… ވައްޓާލާށޯ! އަދި އެހި ކާކުގެ ދަރިޔެއްހޭ.. މާޒްގެހޭ! އަހަރެން ބުނިން އަހަރެން މާޒްއާ އެގޮތައް ކައިރިވެސް ނުވަމޭ.. އިލްޔާސްގެ ދަރިއެކޭ އެއީ..” މިހެން ބުނުމަށްފަހު ތާޝާ އަހަރެންނާއި ދުރަށް ޖެހިލިއެވެ.
“މާޒް އެހެންވެ އަހަރެން ބޭނުންނުވީ ފަހުން މާޒް ހޯދަން.. އަހަރެން ބޭނުންނަމަ ޔުމް ހުރީ އަހަރެންނަށް ހެލްޕް ވާން.. އެކަމަކު މިހާރު ކަންތައް މާ މައްޗައް ދިޔައީމަ މާޒް އަހަރެން މަތިން ފޫހިވާނެކަން ޔަގީން..” ތާޝާ ރުއިމުގެ ތެރެއިން ބުނެލިއެވެ.
“ނޫން.. އަހަރެން ދުވަހަކުވެސް ތާޝާ ދެކެ ރުޅިއެއް ނާންނާނެ.. އަހަރެންނަށް އިގޭ ތާޝާގެ ރުހުމުގަ ނޫންކަން އެހުރިހާ ކަމެއް ހިނގަނީއެއް!” އަނެއްކާވެސް ތާޝާ އަހަރެންގެ ގަޔާއި ކައިރިކޮށްލީމެވެ.
“ދެން ރިޔާނާ މިރޭ އެކީ ކީކޭ؟ 19 އަހަރު ފަހުން މި މުސީބާތޭ ކިޔާފަ؟” އަހަރެންގެ ހިތް މިހާއިރު ވަންދެން ތޮރުފަމުންދިޔަ ސުވާލު އަހަރެން ކޮށްލީމެވެ.
“އެއީ އަހަރެންގެ…. މަންމަ” (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


Yaay me first. 😀
Mi part vvvvvvvvv salhi!!!!!
Omg emme fahun rixaana mivee thaasha ge mamma ah dhw. V interesting twist eh miaee. Nexp part upload soon pleeeeeeeeeeeeees.
Vaahaka v lahun upload vanee mihaaru.?
Sorry Moon. I’m very busy nowadays. Will try to upload soon insha allah. And thank you❤❤
Me first. V reethi.. whn next part.
vvv interesting
Manmaey…????? rrrrrrrrrrrrrrrr magey dhaiykolhu mihira bindhenee. Rizana dheke haadha rulhi aisfiyey.
vv reethi
Omg! Rizaanaa ei thaashaa ge mom. Ilyaas ei rizaanaa ge ex husbsnd. Thaashaa fakeeru… Plx next part mirey up kohdheynvaane plz plz plz…
Wow wow wow!!!
Mi part v reethi! when is next part?
Ifu varah reethi story <3
Ifa hadha lahey upvaleh.. Mi story reethi vyma wait kuran v undhagu… Dhe dhuvahun eh dhuvahu viyas… Plz Plz Plz upkohlache next part.. U are a great writer… Love ur writing