އަލަމްއާއެކު މިހުރެވުނީ ފަޅުގެއެއްގައިކަން އެނގުމުން އަހަރެން ބިރުގަންނަ ގޮތްވިއެވެ. އެއަޑުގެ ސަބަބުން އަހަރެންނަށް މިވަރުވާއިރު، އެލާނެތް ފިރިހެނާކުރާކަމަކުން އަހަރެންގެ ހިއްސުތަކުގައި ޖަޒްބާތުގެ ހުޅުކޮޅުރޯވެދާނެއެވެ. ނޭނގިހުއްޓައި ނަފްސުވެސް އަނދައިގެން ހިނގައިދާނެއެވެ. އެހެން އެކަންވާކަށް އަހަރެން ނޭދެމެވެ. އަހަރެން ހުރީ ހިތް އަވަސްވެފައެވެ. އެތަނުން ވީހާއަވަހަކަށް ދާންބޭނުންވެފައެވެ. ކުއްލިއަކަށް އަހަރެންނާދިމާއަށް އަލަމް ގުދުވެލިއެވެ. އަހަރެންނަށް ސިހިފައި ފަހަތަށް ޖެހެވުނެވެ.
” އައްދެ! ހާދަބިރެއް ތިގަތީ……ހާދަފިނޑިވެސް ކުއްޖެކޭދޯ……މަނޫޅެމޭ އަދަބެއް ދޭކަށްވެސް…..އެކަމު މިރޭ ނޯ ޗޮއިސް…..ސޯ،ބީ ރެޑީ ފޯރ ޓްނައިޓް…ޑާރލިންގް” އަހަރެންގެ ނޭފަތުގައި ހިފާލަމުން އަލަމް ހިނިތުންވެލިއެވެ. އަހަރެން ލޯއަޅާލުމުން ކުރިޔަށްވުރެވެސް ބޮޑަށް ހީލާފައި ދާންހިނގައިގަތެވެ. އަހަރެންނަށް ޖެހުނީ ރުޅިގަދަވެފައި ހުންނާށެވެ. މިއަދު އެހާވަރަށް ރާވައިގެން އުޅުނީމަވެސް އާޚިރުގައި ކާމިޔާބު މިވީ އަލަމްއަށެވެ.
” މި އެކުކުޅުގަނޑާހުރެ ވީގޮތެކޭ……ވަރަށް ފޫހިވޭ…..ހުރޭ…ލަނޑެއްދޭނަން…” އަލަމް ދިއުމުން ތުންފިއްތާލަމުން އަހަރެން ކުކުޅުކޮބައިތޯ ބަލާލީމެވެ. ނަމަވެސް އޭރު ކުކުޅު އޭތީގެ ދަރިންކޮޅާއެކު ފިލާ ރައްކާވެއްޖެއެވެ.
” އަލަމް….އަދި ތިހެނެއް ސަލާމަތެއް ނުވެވޭނެ….އަދި މިއަދު އިރުއޮއްސުމުގެކުރިން ލަނޑެއްދޭނަން…..މިރޭ ދެގުނަޔަށް އަބަދުބޮޑުވިޔަސް ވަރިހަމަ…” ދެއުކުޅުގައި އަތްވިދެލަމުން އަހަރެން ދެބުމަގޮށްޖަހާލީމެވެ. އަދިވެސް ދެރަގަބޫލު ކުރާކަށް އަހަރެން ބޭނުމެއްނުވިއެވެ.
އަހަރެން ހިތުގައި ރޭވުމެއް ރާވައިގެން ހުރެ އެފަޅުގޯތިން ނުކުތީމެވެ. އޭރުވެސް މަގުމަތީގައި ދެޖިންސްގެ ޒުވާނުން ހޯބޯލަވަމުން ދުވާއަޑު އިވެއެވެ. އަހަރެން ކުލައިން ފޯވެގެންހުރެ ދިޔައިރުވެސް ބައެއްމީހުން ކުލަކޮތަޅާއި ފެންކޮތަޅުތައް އުކާހެދިއެވެ.
އަހަރެން ގެޔަށްދިޔައިރު މެންދުރު ނަމާދު ބަންގިވެސް ގޮވައިފިއެވެ. ބައްޕައާއި ޝިޔާޒްބޭބެވީ މިސްކިތަށް ގޮހެވެ. މަންމައާއި ސަމީރާދައްތައާ ދެމީހުން މެންދުރަށް ކާން ހަދަން އުޅެއެވެ.
” ސުބުޙާނަﷲ!…މީހަކު ފެންކުޅިކުޅެލާފަ އެބަހުރި……ދައްތާ ބަލާލަބަލަ….ޝެލީން ހުރިގޮތް” އަހަރެން ފެނުމާއެކު ސަމީރާދައްތަ ހިނިއައިސްފައި ބުންޏެވެ.
” އާނ…މިޔަދު ތިހާލުގަ އުޅޭނީ ހުރިހާކުދިންވެސް……ދައްތަވެސް ބަދިގޭގަ ކައްކަން އުޅޭތީ ފެނުގެ ހަމަލާއެއް ނާންނަނީ…..މަގުމައްޗަށް ނުކުތްނަމަ މިއަދު ތެމިގެން އުޅެން ޖެހުނީހީ……” މަންމަވެސް ހިނިއައިސްފައި ދައްތައަށް ޖަވާބުދިނެވެ.
” އެހެންތަ؟….ހަމައެހާވެސް ފޯރިގަދަ ކުޅިވަރެއްތަ އެއީ….އަހަރެން ހީކުރީ ޒުވާންކުދިން އެކަނިކުރާކަމެއްކަމަށް އެއީ” ދައްތަ ގަޔާވެލާފައި ސުވާލުކުރިއެވެ.
“ނޫނޭ…ރަށުގެ ކުދިބޮޑު އެންމެންވެސް އެކުޅިވަރުގަ ބައިވެރިވާނެ…..ދައްތަހީކުރީ މިއަދު ސަމީރާއާ ޝިޔާޒުވެސް ފެންކުޅި ކުޅޭނެކަމަށް….”
” މަހުރީ ވަރަށް ކުޅޭހިތުންނޭ…..ކުދިންތައް މަޖާވެގެން ދުވާމަންޒަރު ބަލަން ދެފަހަރަކު ނުކުތިން މަގުމައްޗަށްވެސް…..އެކަމު އެއްވެސް ކުއްޖެއް އަހަރެން ގަޔަށް ފެނެއް ނުޖެހި….ދެން އެމީހުނާ ބައިވެރިއެއް ނުވެވޭނެއްނު….” ސަމީރާދައްތަ އެހެންބުނީ އަސްލުވެސް ފެންކުޅިކުޅޭ ހިތުންބާއޭ އަހަރެން ހިތަށް އެރިއެވެ. ކުއްލިއަކަށް،އަހަރެން ދައްތަ ތެންމާލާ ހިތްވިއެވެ. އަހަރެން ގޭގެ ބިއްދޮށުފަރާތު ގޯޅިގަނޑުން ގޮސް ގިފިލިތެރެއަށް ވަނީމެވެ. އަދި ޖަގަކަށް ފެންއަޅައި އެއަށް ކުލަގިރުވީމެވެ.
” ދައްތާ..މިކޮޅަށް އާދެބަލަ…އެއްޗެއް ދައްކާނަން…” ފެންޖަގު ފުރަގަހަށްލައިގެން ގިފިލިދޮރުމަތީހުރެފައި އަހަރެން ގޮވާލީމެވެ.
” އާނ…ކީކޭ ޝެލީން…” ބަދިގެއިން ނުކުމެގެން އަންނަމުން ދައްތަ އެހިއެވެ.
” މިކޮޅަށް އާދެބަލަ!” ދައްތަ އަހަރެންނާ ކައިރިއަށް އައުމަށް އަހަރެން ގޮވާލީމެވެ. ދައްތަ ވަރަށް ފަސޭހައިން އަތުވެއްޖެއެވެ.
“އީދުމުބާރަކް ދައްތާ” އަހަރެންގެ އަތުގައިހުރި ކުލަޖަގު ދައްތަގެ ބޮލަށް އޮއްސާލަމުން އަހަރެން ބުނީމެވެ.
” އާހް!..ޝެލީން….އައްޗީޑި!…..” ދައްތަ ސިހިފައި ހަޅޭއްލަވައިގަތެވެ. ދައްތައަށް ވީގޮތްފެނިފައި އަހަރެންނަށް ބާރަކަށް ހެވުނެވެ.
” އަޅެ ހާދަ ނޯޓީ ކުއްޖެކޭދޯމީ….” ދައްތަދެލޯބޮޑުކޮށްލަމުން އަހަރެންގެ ފަހަތުން ދުއްވައިގަތެވެ. ސޮރީއޭ ބުނެފައި އަހަރެންވެސް ދައްތައަށް އަތުނުވާން ދުއްވައިގަތީމެވެ. ދެމީހުން ހެމުން ގެވަށާ ދުވަނިކޮށް އަހަރެން ގޮސް ލައިގަތީ ގެޔަށް ވަންނަން އައި ޝިޔާޒުބޭބެގެ ގައިގައެވެ. ޝިޔާޒްބޭބެ ސިހިފައި ފަހަތަށްޖެހުނު ވަގުތު ގޯތިތެރޭގައި އޮތް ހިކިކާއްޓަކަށް އެރިފައި އަރިއަޅާލިއެވެ. އަހަރެން ބޭބެ ވެއްޓުނަނުދީ ސަލާމަތް ކުރެވޭތޯ އުޅުނީމެވެ. ނަމަވެސް އެންމެފަހުން ދެމީހުން އެކުގައި ކައިރީގަހުރި ދޮންވެލިފުންޏެއްގެ މައްޗަށް ވެއްޓުނީއެވެ.
އަހަރެން އޮތީ ބޭބެގެ ގައިމަތީގައެވެ. އަހަރެމެން ވެއްޓުމުން ދައްތަ ހެމުން ހެމުން ބަދިގެފަރާތަށް ދިޔައެވެ. ރަތްކުލައާއި ފެހިކުލައިން ފޯވެފައިވާ އަހަރެންގެ ތެތްހެދުމުގެ ސަބަބުން އިސާހިތަކު ބޭބެގެ ހުދުގަމީސް އެދެކުލައިން ފެވިގެން ހިނގައްޖެއެވެ. ބޭބެގެ ގަމީސް ހަޑިވުމުން، ބިރުންއޮވެ އަހަރެން ބޭބެގެ މޫނަށްބަލާލީ ބޭބެ ހިތްހަމަ ނުޖެހޭނެކަމުގައި ހީކޮށްފައެވެ. ނަމަވެސް އަހަރެން ހީކުރިގޮތާއި ޚިލާފަށް ބޭބެއޮތީ ހިނިތުންވެގެން އަހަރެންގެ މޫނަށް ބަލާށެވެ. ބޭބެ ބަލަން އޮތްގޮތުން އަހަރެން ރަކިވެގެން އަވަހަށް ތެދުވަން މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންނަށް ހަރަކާތެއް ކޮށްލެވުމުގެ ކުރިން، ދައްތަ ކުލަފެންޖަގެއް ހިފައިގެން ދުވެފައި އައިސް އަހަރެމެންގެ ބޮލަށް އޮއްސާލިއެވެ. އަދި އަހަރެމެން ތެންމާލެވުމުން ދައްތަ ބާރުބާރަށް ހޭންފެށިއެވެ.
” އެންމެފަހުން އަހަރެންނަށް ވެސް ފެންކުޅީގާ ބައިވެރިވާން ޖެހުނީދޯ….” ދައްތައާ ދިމާބަލާލަމުން ޝިޔާޒްބޭބެ ހެވިފައި ބުންޏެވެ.
” އާނ….މިއަދު ހަމަރަނގަޅަށްވެސް ފެންކުޅި ކުޅެންޖެހޭނީ….މި ޝެލީންގެ ނޯޓީކަމުން އަހަރެންނަށްވެސް ތެންމާލައިފި….ދެންވަކި ޝިޔާޒްއަށް ތިހެން ހުރެވިދާނެތަ……ޝިޔާޒްއައީމަ ތެންމާލަން ވިސްނައިގެން އަހަރެން ހުރީވެސް…..އެކަމު އެޔަށްވުރެ ކުރިން ޝެލީން ތެއްމާލީވިއްޔަ…..” ދައްތަ މަޖާވެފައި ހުރެގެން ވާހަކަ ދެއްކިއެވެ.
” އެކަމު ހަމައެކަނި ފެންކުޅިއަކުން ނުފުދޭނެ….ވެއްޔާވެސް ކުޅެން ޖެހޭނީ..” ކުއްލިއަކަށް ބޭބެ ތެދުވެ ސަމީރާދައްތަގެ އަތުގައި ހިފައިގެން ގެނެސް ވެލިގަނޑުތެރެއަށް ވައްޓާލިއެވެ. ކުޑަދެކުދިން ފަދައިން އެކަކު އަނެކެއްގެ ގަޔަށް ވެލިއަޅައި ސަކަރާތްޖަހާ މަންޒަރުބަލަން އަހަރެން އިނީ ހައިރާންވެފައެވެ.
ކުއްލިއަކަށް ޝިޔާޒްބޭބެ އަހަރެންގެ ގަޔަށް ވެލިމުށެއް އެޅުމުން އަހަރެން ސިހުނެވެ. އަހަރެން އަވަހަށް އެތަނުން ދެދުވެގެން ދާންއުޅުމުން ދައްތަ އަހަރެންގެ އަތުގައި ހިފައި ވެލިގަނޑު މައްޗަށް ވައްޓާލިއެވެ. ދެމީހުންވެގެން ހީހީފައި އަހަރެން ވެލިގަނޑުތެރޭގައި މޮޑެލީ ކުޅޭއެއްޗެއް ފަދައިންނެވެ. ތިންމީހުން ވެއްޔާއި ތަތްތެޅިފައި ތިއްބައި ބައްޕައައިސް ގެޔަށްވަދެ ހައިރާންވެގެން ބަލަން ހުއްޓެވެ. ހީހީ ތިބެފައި ތިންމީހުން ވަގުތުން ހިމޭންވިއެވެ. ބައްޕަ އިރުކޮޅަކު ބަލަން ހުރެފައި ހޭންފެށިގޮތުން އަހަރެމެން ދިޔައީ ސިއްސައިގެންނެވެ.
“ސަމީނާ…ނިކަންބަލާބަލަ މިތިބަ ކުޑަކުދިންތަކެއް ވެއްޔާކުޅޭވަރު….ސަމީނާ ނުބަލަންތަ އެކުދިން ވެލިކާއިރުވެސް.” ބައްޕަ ހެމުން ހެމުން މަންމައަށް ގޮވުމުން މަންމަ ދުވެފައި ނުކުތެވެ. އަހަރެމެން ފެނިފައި މަންމަގާތަށްވެސް ހިނިއައެވެ.
” އެންމެފަހުން ޝެލީއާޖެހިގެން ތިދެމީހުންވެސް ކުޅެންފެށީދޯ…” މަންމަވެސް ހިނިއައިސްފައި އަހާލިއެވެ.
” އާނ….އަހަރެމެންވެސް ކުޅިވަރު ނުކުޅޭހާ ބޮޑެއް ނުވެއެއްނު…އަދި ކިރިޔާ ޓީންއޭޖްކެޓީ….މިކަހަލަ ފުރުސަތެއް ލިބޭނީ މަދުފަހަރަކު…..އެހެންވީމަ މަޖާކުރަން ވާނެއެއްނު…..އެހެންނޫނީ މާލޭގަ އުޅުމެކޭ މިރަށުގަ އުޅުމެކޭ ކޮބާ ތަފާތެއްދޯ…ޝިޔާޒް..” ސަކަރާތް ޖަހާލެވުނީތީ ދައްތަހުރީ ވަރަށް އުފާވެފައެވެ. ބޭބެވެސް ދައްތައާ އެއްބައިވުމުގެގޮތުން ބޯޖަހާލިއެވެ. ބޭބެގެ ފަރާތުން މިއަދު އަހަރެންނަށް ފެނުނީ އާސިފައެކެވެ. މީގެކުރިން ދުވަހަކުވެސް ބޭބެ އެގޮތަށް ސަކަރާތްޖަހާ ހީހަދާތީއެއް އަހަރެން ނުދެކެމެވެ. އަބަދުވެސް ހުންނާނީ ވަރަށް މަޑުންނެވެ. އެހާމެ ބަސްމަދުވާނެއެވެ.
ތިންމީހުން ފެންވަރައި ނަމާދުކޮށްގެން ކާންދެވުނުއިރު ހުރީ ދެއެއްވެސް ޖަހާފައެވެ. އަހަރެމެން ކާންތިއްބައި ކައިރި އަވަށްޓެރިންވެސް އައިސް ކެއުމަށް ދައުވަތުދިނެވެ. އަލަމްގެ މަންމަވެސް އަހަރެން ހޯދަން އައެކެވެ. ނަމަވެސް އަހަރެން ކާންއިނުމުން ވަރަށް ޝަކުވާކޮށްފައި ހިނގައްޖެއެވެ. އީދު ދުވަހު މީރުކޮށް ކައްކައިގެން އަވަށްޓެރީންނަށާއި ތިމާގެ މީހުންނަށް ކެއުމަށް ދައުވަތުދިނުމަކީވެސް ޒަމާނުއްސުރެ އޮންނަ ރީތިއާދައެކެވެ. މަންމަވެސް އަވަށްޓެރި ކުދިންނަށް ގޮވައިގެން ގެނެސް ކާންދީހެދިއެވެ. ދައްތައަށް އެކަންވެސްވީ ވަރަށް މަޖާކަމަކަށެވެ. ކާންއިނދެގެންވެސް މިރަށުގައި ބާއްވާ އީދުކުޅިވަރުތަކާބެހޭގޮތުން ދައްތަ ސުވާލުކޮށް ހެދިއެވެ. ބައްޕައާއި މަންމަ، ސަޤާފީ އެކިއެކި ކުޅިވަރުތައް ކުޅޭގޮތް ވަކިވަކީން ދައްތައަށް ބުނެދީހެދިއެވެ.
“ސަމީރާ ކޮންމެހެންވެސް ދާންވާނެ މިއަދު ހަވީރު ކުޅޭކުޅިވަރުތައް ބަލަން….މިއަދު ދަފިނެގުމާއި ކޯޑިކެނޑުންވެސް އޮންނާނެ….އެއީ ވަރަށް މަޖާ ކަންތައްތަކެއް…..ދަފިނަގަން އެހެންރަށްރަށުންވެސް މިރަށް މީހުންއާދޭ…..ކުރިޔަށް އޮތް ހަތަރު ދުވަހު ކުޅިވަރަކަށްފަހު ކުޅިވަރެއް ކުޅެމުންދާނެ…..އަންހެންވެރީންނާއި ފިރިހެންވެރީން ވާދައަށް ކުޅޭނެ ކުޅިވަރުތައް ވަރަށް މަޖާވާނެ….” މަންމަ ގަޔާވެލާފައި އޮޅުންފިލުވައި ދެމުންދިޔައެވެ. އަހަރެން ވިސްނަމުންދިޔައީ އަލަމްއަށް ލަނޑެއްދޭނެ ގޮތަކާމެދުގައެވެ. ހަވީރުން އެންމެންވެސް ކުޅީވަރުބަލަންދާނެއެވެ. އަލަމްވެސް ކުޅިވަރުގައި ބައިވެރިވެގެން އިރުއޮއްސޭންދެން އުޅޭނެއެވެ. ދެން އަހަރެން ލަނޑެއްދޭނީވެސް ކިހިނެއް ހެއްޔެވެ. ކުޅިވަރުތައް ފެށުމުގެކުރިން ކޮންމެވެސް ކަމެއްކުރަންވީއެވެ.
“ޝެލީން ބައިވެރިއެއްނުވަންތަ ކުޅިވަރުގައެއް….” އަހަރެން މަޑުން އިނުމުން ބޭބެއަހާލިއެވެ.
” ހޫމް…ޒުވާނުން އީދުކުޅިވަރުގަ ބައިވެރިވާނީ….ޝެލީން އަދި ކުޑައެއްނު..” އަހަރެން ވަރަށް ހަމަޖެހިލާފައި ބުނީމެވެ.
” އެހެންތަ….އީދުކުޅިވަރުގަ ބައިވެރިވާހާ ޝެލީންއަދި ބޮޑެއްނުވޭދޯ…..ހަމައެކަނި ފެންކުޅިދޯ ޝެލީންއަށް ކުޅެވޭނީ…” ބޭބެ އަހަރެންނާ ދިމާކޮށްލިއެވެ. އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ.
ކައިނިމިގެން އަހަރެން ކޮޓަރިއަށްވަނީމެވެ. އަދި ކުލަފުޅިތަކުން ދެތިންފުޅި ކޮތަޅަކަށްލައިގެން މާމަގެޔާދިމާއަށް މިސްރާބުޖެހީމެވެ. މިހާރު މަގުމަތީގައި ކުޅެމުންދިޔަ ފެންކުޅި ހިސާބަކަށް މައިތިރި ވެއްޖެއެވެ. ނަމަވެސް އަދިވެސް ބައެއްކުދިން ތެމިގެން އުޅޭތީފެނެއެވެ. އަނެއްކާވެސް ތެމެންޖެހިދާނެތީ އަހަރެން ހުރީ ތައްޔާރުވެގެން ބާހެދުމެއްލައިގެންނެވެ.
މާމަގެޔަށްވަދެ މާމަގެ ހާލުބަލާލުމަށްފަހު އަހަރެން އަލަމްމެން ގެޔަށް ދިޔައީމެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަން ނުވުމުން، މަޑުމަޑުން ގޭގެ ބިއްދޮށުފަރާތަށް ދިޔައީމެވެ. އޭރު އަލަމްގެ މަންމަ ބަދިގެތެރޭގައި ކޮންމެވެސް ކަމެއްގައި މަސްއޫލުވެގެން އުޅެއެވެ. އަހަރެން ގޯތިތެރެއަށް ނަޒަރުހިންގާލީ އަލަމްގެ ހިލަމެއްވޭތޯއެވެ. ނަމަވެސް އަލަމް އުޅޭކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އަލަމް އަދިވެސް ގެއަށް ނާންނަނީކަން އަހަރެންނަށް އެނގުނެވެ. އަލަމްއަށް ލަނޑެއްދިނުމަކީ ފަސޭހަކަމެއް ނޫންކަން އަހަރެންނަށް އެނގެއެވެ. އަހަރެން ވިސްނާލީމެވެ. އަލަމްއަށް ލަނޑެއްދޭނެ އިތުރުގޮތެއް އޮތްތޯއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި ހިއްކަން އަޅާފައިހުރި ނޫކުލައިގެ ތުވާއްޔެއްގައެވެ. ޔަގީނެވެ. މިއީ އަލަމްގެ ތުވާއްޔެވެ. އަހަރެން ހިނިތުންވެލުމަށްފަހު ސިއްރުސިއްރުން ތުވާލިހުރި ރޯނުކައިރިއަށް ޖެހިލީމެވެ. އަދި ކޮތަޅުން ނޫކުލައިގެ ކާކުލަފުޅިނަގައި ކުލަކޮޅެއް އަތަށް އޮއްސާލުމަށްފަހު ތުވާލީގެ ދެފަރާތުގައި ރަނގަޅަށް ހާކާލީމެވެ. އަދި ހިނިތުންވެހުރެ ދާން ހިނގައިގަތް ވަގުތު ގޭތެރެއިން މީހަކު ނުކުންނަ އަޑުއިވުނެވެ. އަހަރެން އަވަސް އަވަހަށް ގޮސް ބަދިގެ ކައިރީގައިހުރި ބަނބުކެޔޮގަހެއްގެ ފަހަތަށް ވަދެފިލީމެވެ.
“އައިމިނާ…އަދިވެސް އެސޮރުނާންނަނީތަ…މިހާރު އެއޮއްގެން އަސުރުވަނީ….އަހަރެންމިދަނީ ބަންގިގޮވަން މިސްކިތަށްދާންވެގެން….އެސޮރުއައީމަ ނަމާދަށް ފޮނުވާތި…” އަލަމްގެ ބައްޕަ ގިފިއްޔާދިމާއަށް ދަމުން ވާހަކަދެއްކިއެވެ. އަލަމްގެ ބައްޕައަކީ މުދިމެކެވެ. އަލަމްއަށްވެސް ނަމާދުކުރަން އާދަވެފައިހުރީ އޭނާގެ ބައްޕަގެ ސަބަބުން ކަމަށްވެދާނެއެވެ. އަހަރެން ފިލާހުއްޓައި އަލަމްގެ ބައްޕަ ވުޟޫކޮށްގެން ނުކުމެ އެއްކަލަ ތުވާލިން މޫނު ހިއްކާލިއެވެ. ވަގުތުން މުޅިމޫނުގައި ނޫކުލަ އުނގުޅުނެވެ. އަހަރެން ކަންބޮޑުވީނަމަވެސް އަލަމްގެ ބައްޕަހުރިގޮތް ފެނިފައި ހިނިއައެވެ. އަލަމްގެ ބައްޕަ އެގޮތަށް މިސްކިތަށް ގޮސްފިނަމަ އެންމެންވެސް ހޭނެއެވެ.
“އާދަނާ!…ކަލޭވެސް ކުލަހާކައިގެންތަ ތިއުޅެނީ…..ތިގޮތަށްހުރެތަ މިސްކިތަށްވެސްދަނީ؟” އަލަމްގެ މަންމަ ބަދިގެއިން ނުކުތް ވަގުތު އަލަމްގެ ބައްޕަހުރިގޮތް ފެނިފައި އަހާލިއެވެ. އަލަމްގެ މަންމައަށް ފެނުނުކަން ނަސީބޭ ހިތަށްއެރިއެވެ.
” ކީކޭތަ އައިމިނަ ތިކިޔަނީ…މަށެއް ކުލައެއް ނުހާކަމޭ…” އަލަމްގެ ބައްޕަ ހައިރާންވެފައި ބުންޏެވެ.
” އެކަމަކު އާދަނާ….މުޅިމޫނުގަ ތިއޮތީ ކުލައޭ…ބަލާބަލަ ދެއަތްވެސް….އަތުގަވެސް އެބަހުއްޓެއްނު..’ އަލަމްގެ މަންމަ އަނެއްކާވެސް ބުންޏެވެ.
” ދޮގެއްވާނޫން….މީކޮންތާކުން އުނގުޅު އެއްޗެއް…..އަނެއްކާ މިޖެހުނީ ވުޟޫކުރާކަށްނު…” ދެއަތްތިލައަށް ބަލަންހުރެ އަލަމްގެ ބައްޕަ ގިފިއްޔަށް ވަނެވެ. އަހަރެންނަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އަލަމްގެ ބައްޕަ ދެވަނަ ފަހަރަށް ވުޟޫކޮށްގެން ނުކުމެ އަނެއްކާ އެތުވާލިން މޫނުފޮހުނެވެ. މިފަހަރުވެސް ކުލައުނގުޅުމުން ހައިރާންވެގެން ތުވާލީނަގައި ރަނގަޅަށް ބަލާލިއެވެ. އަދި ބާރަށް ތުވާލިފޮޅާލުމާއެކު ކުލަތައް ބުރައިގެން ދިޔައެވެ.
“އައިމިނާ…މިތުވާލީގަ ކޮންމެވެސް މީހަކު ކުލައުނގުޅާފަ މިހުރީ…..އަނެއްފަހަރު މަށަށް މިއިން މިމޫނު ފޮހެވުނީ….މިއަދު ގަޑިޖެހޭއިރުވެސް މިސްކިތަށް ދެވޭނެކަމެއް ނޭނގެ…” އަލަމްގެ ބައްޕައަށް ކަންތައްވީގޮތް އެނގުމުން ޝަކުވާކުރަމުން އަނެއްކާވެސް ގިފިއްޔަށް ވަނެވެ.
ތަންވަޅުބަލާފައި އަހަރެން ދުވެފައި ގޮސް ގޭތެރެއަށްވަނީމެވެ. އަދި ސިއްރު ސިއްރުން އަލަމްގެ ކޮޓަރިއަށްވަދެ ވަށައިގެން ހޯދާލީ އަލަމްގެ ތުވާލި ފެނޭތޯއެވެ. ވަރަށް ފަސޭހައިން ތުވާލިފެނިއްޖެއެވެ. ބަލާކަށްނުހުރެ ރަތް ކުލައެއްޗެއް އޮއްސާލުމަށްފަހު އެރަތްތުވާލި އިތުރަށް ރަތްކޮށްލީމެވެ. މިއަދު އަލަމްއަށް ލިބޭނެ ލަނޑުހިތަށްއަރާފައި އެވަގުތުވެސް އަހަރެންނަށް ހެވުނެވެ. އަލަމްއާހެދި އޭނާގެ ބައްޕައަށްވެސް ލަނޑުދެވުނީއެވެ. އަހަރެން ސިއްރު ސިއްރުން އެގެއިން ނުކުމެގެން ދުވެފައި ގޮސް މާމަގެޔަށްވަނީމެވެ.
ހަވީރުގެވަގުތެވެ. ރަށުގެ ކުދިބޮޑު އެންމެހެންވަނީ ރަށުގެ ބޮޑުމަގަށް ޖަމާވެފައެވެ. އަހަރެންވެސް ދައްތައާއި ބޭބެއާއެކު މަގުގެ އެއްކައިރީގައި މަޑުކޮށްލައިގެން ހުރީމެވެ. ފޯރީގައި ދަފިނަގަމުންދިޔަ އަންހެން ކުދީންތަކަށް ތަރުހީބުދެމުން ޒުވާން ފިރިހެންކުދީންތައް ފޯރީގައި އަތްޖަހަމުން ދިޔައެވެ. ދަފިނަގަމުންދިޔަ އަންހެން ކުދީންގެ ތެރެއިން ޔޫނާފެނުމުން އަހަރެން ހައިރާންވިއެވެ. ޔޫނާ ދަފިނަގަން ދަސްކުރީ ކޮންއިރަކުބާއޭ ހިތަށްއެރިއެވެ. އަހަރެންނަށްވުރެ ދޮށީނަމަވެސް ޔޫނާއަކީވެސް އަދި ސޯއަހަރުގެ ކުޑަކުއްޖެކެވެ.
ދަރިންގިނަވެފައި މައިންބަފައިންގެ ފޯރުންތެރިކަން ކުޑަކަމުން ރަށުންބޭރަށް ފޮނުވައިގެން ކިޔަވައިދެވޭނެ ފެންވަރުއޭނާގެ އާއިލާގައިނެތީއެވެ. އެހެންނޫނަމަ މިއަހަރު ޔޫނާވެސް ޖީސީއީއޯލެވެލް ނިންމާނެއެވެ. ނަމަވެސް އެނަސީބެއް އޭނާއަކަށް ލިބިފައެއްނެތެވެ. ރަށުގައި ޒުވާނުންނާއެކީ ދުވަސްތައް ހޭދަކުރަންވުމުން އެމީހުން ފަދައިން ކުޅިވަރުތައްވެސް ދަސްކުރީތާއެވެ. ޔޫނާވެސް އެހެންމީހުނެކޭ އެއްފަދައިން ލަވައާ އެއްވަރަށް ފައިހަމަކުރަމުން ދިޔައިރު އަހަރެން ހެވިފައި ބަލަންހުރީމެވެ. ދަފިނަގައި ނިމިގެން ކޯޑިކެނޑުންވެސް އޮތެވެ. އެވެސް ނުހަނު ފޯރިގަދަ ކުޅިވަރެކެވެ. ހަވީރު ނިމިގެންދިޔައީ، ތަފާތުއެތަކެއް ފޯރިގަދަ ކުޅިވަރުތަކުން ހިތަށް އުފާވެރިކަން ގެނުވާފައެވެ.
*******
ރޭގަނޑުގެ ވަގުތެވެ. ރޭގަނޑުގެ ކެއުމަށްފަހު ދައްތައާއި ބޭބެއާއެކު އަހަރެންވެސް ދިޔައީ މިރޭގެ ކުޅިވަރުބަލާށެވެ. ބޮޑުމަސްބޭނުމާއި މާލިނެށުމަކީ އަހަރެންނަށް ވަރަށް ކަމުދާކުޅިވަރުތަކެކެވެ. ރަށުގެ ކުދިބޮޑު އެންމެންހެން ކުޅޭބިމަށް ޖަމާވެފައިއޮތެވެ. އަހަރެމެން މަޑުކޮށްލީ އެންމެ މީހުންމަދުދިމާގައެވެ. އަހަރެން މިއުޅެނީ މިރޭ ޔޫނާއާވެސް ފިލައިގެންނެވެ. އޭނާއާއެކު އުޅެފިނަމަ އަލަމްއަށް އަހަރެން ހޯދަން ފަސޭހަވާނެކަން އެނގޭތީއެވެ. އަލަމް މިއަދުދިން އިންޒާރުގެ މަތިން އަހަރެން ހަނދާނެއް ނުނެތެއެވެ. އެހެންކަމުން، އަހަރެން ގަސްތުކޮށްގެންހުރީ މިރޭދައްތައާއި ބޭބެގެގާތުން ދުރަށް ނުދިއުމަށެވެ. އެމީހުން ތިއްބައި އަލަމްއަށް ގޯނާއެއްކުރަން ނުކެރޭނެތީއެވެ.
އަހަރެން ވަރަށް ހަމަޖެހިލައިގެން ކުޅިވަރުބަލަން ހުއްޓައި ކުއްލިއަކަށް އަހަރެންނާ ދާދިގާތުގައި މީހަކު ހުއްޓުނުހެން ހީވިއެވެ. ސިހިފައި ބަލާލިއިރު ހިނިތުންވެފައި އަލަމް ހުއްޓެވެ. އެވަގުތު އަހަރެންގެ މެޔަށް ފިނިވެގެން ދިޔައެވެ. އަހަރެން އެވަރުން ފިލައިގެން އުޅުނީމަވެސް މިކަލޭގެ ހޯދީތާއެވެ. މިއީ ޖިންނިއަކަށް ވުރެވެސް ހުޝިޔާރު ފިރިހެނެކޭ ހިތަށްއެރިއެވެ. އަހަރެން އަވަސް އަވަހަށް ދައްތަގެ ގާތަށް ޖެހިލާފައި ދައްތަގެ އަތުގައި ބާރަށް ހިފެހެއްޓީމެވެ. ދައްތަބަލާލުމުން އަހަރެން ހިނިތުންވެލީމެވެ.
“ދައްތަ ގެއްލިދާނެތީތަ ތިއުޅެނީ؟” ހީލާފައި ދައްތަ އަހާލިއެވެ.
އަލަމްވެސް ކުރިޔަށްވުރެ ބޮޑަށް އަހަރެންނާ ގާތަށް ޖެހިލާފައި ސިއްރު ސިއްރުން އަހަރެންގެ އަނެއްއަތުގައި ހިފާލިއެވެ. އަހަރެން ވަގުތުން އަތް ފޮޅުވާލީމެވެ. އަލަމް ކުޅިވަރު ކުޅޭދިމާއަށް ބަލަން ހުރެގެން، އަނެއްކާވެސް އަހަރެންގެ އަތުގައި ހިފަން ސިއްރުން އަތްދިއްކުރިއެވެ. އަހަރެން ކުރިކަމަކީ މަޑުމަޑުން ދައްތަގެ އަތްނަގައި އަލަމްގެ އަތުގައި ޖެއްސީއެވެ. އަލަމް ބަލާވެސް ނުލައި ދައްތަގެ އަތުގައި ބާރަށްހިފިއެވެ. ދައްތަބަލާލުމުން އަހަރެން ލޮލުގެ އިޝާރާތުން އަލަމް ދައްކާލީމެވެ. އޭރުވެސް އަލަމް ހުރީ ކުޅޭދިމާއަށް ބަލާށެވެ. އެހެންމީހުނަށް އޮޅުވާލުމަށެވެ. އެހެންހުރެ އޭނާ ދައްތަގެ އަތަށް ފިތާލިއެވެ. އަހަރެން އޭނާއާ ދިމާބަލާލިގޮތުން އަލަމްހީކުރީ އޭނާއަށް ހިފިފައިހުރީ އަހަރެންގެ އަތުގައި ކަމަށެވެ. އަހަރެންގެ ގާތަށް ހިނިއައެވެ. ދައްތަގެ ގާތަށްވެސް ހިނިއައިނަމަވެސް އަޅާނުލައި ހުއްޓެވެ. އެހެން ހުއްޓައި ކުއްލިއަކަށް އަލަމް ފަހަތަށް އެނބުރިފައިދައްތަ ގޮވައިގެން ދާން ހިނގައިގަތެވެ. ދައްތަ ނުވިސްނާހުއްޓައި އަލަމް ހިނގައިގަތުމުން ނުވެއްޓުނީވެސް ކިރިޔާއެވެ.
އަލަމް ފަހަތްބަލާވެސް ނުލައި ދައްތަގޮވައިގެން ބާރުބާރަށް ހިނގަމުންދިޔައެވެ. ބޭބެވެސް ހައިރާންވެގެން އަލަމްގެ ފަހަތުން ހިނގައިގަތެވެ. އަހަރެންވެސް ހެވިފައިހުރެ ބޭބެއާއެކު ހިނގައިގަތީމެވެ. އަހަރެމެން ތިބީ އެންމެ ފަހަތުގައިކަމުން އިތުރުބަޔަކަށް އެކަން ރޭކާނުލިއެވެ. އަލަމް ދައްތަގޮވައިގެން ވަކިހިސާބަކަށް ދިއުމުން ދައްތައަށް ބާރަކަށް ހެވިއްޖެއެވެ. އަލަމް ސިހިފައި ފަހަތްބަލާލިއެވެ. އަދި ދައްތަފެނުމާއެކު ކުއްލިއަކަށް އަތުން ދޫކޮށްލިގޮތުން ހީވީ ވިހަސޫތްޕެއް އޭނާގެ ގައިގާ ކަށިޖެހިހެންނެވެ. އަލަމްއަށް ވީގޮތުން އަހަރެންނަކަށްވެސް ހިނިގަނޑުމަތައެއް ނުކުރެވުނެވެ. ބޭބެވެސް އެތެރެއަށް ހިންދާލައިގެން ހުރިނަމަވެސް ހުރީ ހެވިފައެވެ. އަލަމް ރަކިވެގެން އެންމެންގެ މޫނަށް ބަލާލާފައި ސޮރީއޭބުނެފައި ދުއްވައިގަތެވެ. އަލަމް ދުވެފިލިގޮތުން ދައްތަ ގުދަށް އޮވެގެން ހީހީބަލި ވެއްޖެއެވެ. އަހަރެންނަށްވެސް ވަރަށް ހެވުނެވެ. ދެރައީ ޔޫނާއަށް އެމަންޒަރު ނުފެނުނު ކަމެވެ. އެހެންނަމަ އަދި އޭނާވެސް ވަރަކަށް ހުނީހެނެވެ.
” އަޅެ އެކުއްޖާ އެދިޔައީ ރަގަނޅަށްވެސް ރަކިވެގެން…..އޭނާހީކުރީ އަހަރެންމީ ޝެލީންކަމަށްދޯ…..ނަސީބެއްނު ޝެލީން ގޮވައިގެން ނުފިލިކަން….އެއީ އަނެއްކާ ކާކުތަ ޝެލީން…..ޝެލީންގެ ބޯއީފްރެންޑްތަ؟” ދައްތަ ހުނުން ހުއްޓާލާފައި އަހަރެންގާތު އަހާލިއެވެ. ބޭބެވެސް ހުއްޓައި އެހެން އެހުމުން އަހަރެން ފާޑަކަށް ރަކިވިއެވެ. އަހަރެންނަށް ވީގޮތުން އަލަމްއަކީ އަހަރެންގެ ލޯބިވެރިޔާކަން އެމީހުނަށް އެނގުނެވެ. ކުއްލިއަކަށް ކުޅިވަރުކުޅޭތަނުން މާއަޑުގަދަކޮށް ގަތުމުން ދައްތަ އެދިމާއަށް ދުއްވައިގަތެވެ.
” އެއީ ހަމަ އަސްލުވެސް ޝެލީންގެ ބޯއީފްރެންޑްތަ؟….އެކަމު މިއަދު ބުނިހެންހީވީ ތީކުޑަކުއްޖެކޭ…އީދުކުޅިވަރު ނުކުޅެވުނަސް…..ލޯބީގެކުޅިވަރުކުޅޭވަރަށް ބޮޑުވެއްޖެދޯ..” އަލަމްދިޔަދިމާއަށް ބަލަން ހުއްޓައި ބޭބެ އަހަރެންނާ ކައިރިއަށް ޖެހިލާފައި ބުންޏެވެ. ބޭބެ ދެއްކިވާހަކައިން ލަދުގަތްވަރުން އިސްޖަހާލާފައި އަހަރެންނަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ.
” އަހަރެން އެބަހިތަށްއަރާ މިރޭ ޝެލީން ގޮވައިގެން ފިލަންވީއޭ….” ކުއްލިއަކަށް ބޭބެ ބުނިޖުމްލައިން އަހަރެން ސިހުނެވެ. ހައިރާންވެފައި ބޭބެގެ މޫނަށް ބަލަން ހުރެވުނެވެ.
” ކިހިނެއްވީ؟…ޝެލީންގެ ބޯއީފްރެންޑް އަހަރެންގެ އަންހެނުން ގޮވައިގެން ފިލަންއުޅުނީމަ، އަހަރެންނަށްވެސް ޝެލީންގޮވައިގެން ފިލިދާނެއެއްނު….އޭނަގެކިބައިން އެކަމުގެ ބަދަލުހިފަން ޖެހޭނެއެއްނު.” އަހަރެން ބަލާލިގޮތުން ބޭބެ ހިނިއައިސްފައި ބުންޏެވެ. ބޭބެގެ އެސަމާސާއިން އަހަރެންނަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.
އަލަމްއާއި އެއްވަރު ސިޔާސަ ނުވީނަމަވެސް ބޭބެއަކީވެސް ލާނެތްމީހެއްކަން އެރޭ އަހަރެންނަށް އެނގުނެވެ. ބޭބެ ހިނިތުންވެހުރެ ދައްތަގެ ގާތަށްދިއުމުން އަހަރެން އަލަމް ކޮބައިތޯ ހޯދަންފެށީމެވެ. އަލަމް ދުވެފައިދިޔަދިމާއަށް އަހަރެން ހިނގައިގަތީމެވެ. ކުޅިވަރުކުޅޭ ސަރަހައްދާ ފުދޭވަރަކަށް ދުރަށްދެވުނުފަހުން އަނދިރި ގޯޅިގަނޑެއްގެ ތެރެއިން އަލަމް ނުކުމެފައި އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ވަގުތުން ފިނިވިއެވެ.
ބަހެއްވެސް ބުނުމެއްނެތި ހަލުވިފިޔަވަޅުތަކެއްގައި އަލަމް މިސްރާބުޖެހީ އޭނާގެ ގެޔަށެވެ. އަހަރެންވެސް ހައިރާންވެހުރެ އަލަމްގެ ފަހަތުން ދިޔައީމެވެ. ގަދަހެދިޔަސް ކާމިޔާބު ނުވާނެކަން އެނގޭތީއެވެ. އަލަމްމެން ގެހުންނަ ސަރަހައްދުންވެސް މީހެއްގެ ހިލަމެއްނުވެއެވެ. ހީވާގޮތުން މާމަވެސް މިހާރުވާނީ ނިދާފައެވެ. ހެލިފެލިވެ އުޅެވޭވަރުމީހެއް ވިއްޔާވާނީ ކުޅިވަރުބަލަން ގޮހެވެ. އަލަމް އަހަރެން ގޮވައިގެން ގޭތެރެއަށް ވަދެގެން ދިޔަގޮތުންވެސް އޭނާގެ މަންމަމެން ގޭގައި ނޫޅޭކަން އަހަރެންނަށް އެނގުނެވެ. އަލަމް އެދިޔަގޮތަށް ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އެތެރެއަށްވަދެވުމާއެކު ދޮރުލައްޕައި ތަޅުލިއެވެ. އަދި ދޮރުގެ މަތީގައިހުރި ތަންޑުއެޅުވުމުން އަހަރެން ކަންބޮޑުވިއެވެ.
އަލަމް ކޮޓަރިއަށް ވަތްގޮތަށް އޭނާލައިގެންހުރި ޓީޝާޓްވެސް ބޭލިއެވެ. ގަތްބިރުން އަހަރެންގެ އަތްފައި ތުރުތުރުވެސް އަޅަންފެށިއެވެ. އަލަމް މޮޔަވީ ހެއްޔެވެ؟ އޭނާއެއުޅެނީ އަނެއްކާ ކީއްކުރަން ހެއްޔެވެ؟ އަލަމްއަކީ ހަމަ އެހާވިޔާނުދާ މީހެއް ހެއްޔެވެ؟ ޔޫނާބުނީ ރަނގަޅަށެވެ. ފިރިހެނުންނަށް އިތުބާރުކޮށް އެއްވެސް ފުރުސަތެއް ދޭކަށް ނުވާނެއެވެ. އަލަމްގެ ފަހަތުން އައިކަން މިއީ އަހަރެންގެ މޮޔަކަމެވެ. މިރޭ އަހަރެންގެ ދުވަސްދިޔައީއޭ ހިތަށްއެރިއެވެ. ދެންހަދަންވީގޮތެއް ނޭނގި އަހަރެން ހާސްވެއްޖެއެވެ.
އަލަމް އަހަރެންނާ ދިމާއަށް އަންނަން ފެށުމުން އަހަރެން ދޮރުކައިރިއަށް ޖެހިލީމެވެ. ދޮރާދިމާއަށް އެނބުރި ތަންޑުނެއްޓޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަކަށް ތަންޑާހަމައަށް އަތެއް ނުފޯރިއެވެ. ފުންމަ ފުންމާވެސް ކާމިޔާބުވާ ގޮތެއްނުވިއެވެ.
“ބޭބީ….ނުވާނެކަން އެނގޭއިރުވެސް ކޮންބޭކާރު މަސައްކަތެއް ތިކުރަނީ..” އަހަރެން އުޅޭގޮތް ފެނުމުން ހިނިއައިސްފައި އަލަމް ބުންޏެވެ. އަހަރެން އަލަމްއާ ދިމާއަށް އެނބުރުނުއިރު އޭނާހުރީ އަހަރެންގެ ގައިގާ ކިރިޔާ ނުޖެހޭ ހިސާބުގައެވެ. އަލަމްގެ ހާމަޔަށްހުރި ހަށިގަނޑު އެހާގާތުން ފެނުމުން އަހަރެންގެ ހިތުގެ ހިނގުން އިންތިހާއަށް އަވަސްވެގެން ދިޔައެވެ. އަލަމް ގާތްވަމުން ދިޔަވަރަކަށް އަހަރެންގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަލަމްއާއި ހަތަރުކަޅި ހަމަވީވަގުތު އަހަރެންގެ ކަރުތެރޭގައި ނޭވާތާށިވީހެންވެސް އަހަރެންނަށް ހީވިއެވެ.
” އަލަމް…އަ އަ އަހަރެން ދޫ…ދޫކޮށްލާ!” ތުރުތުރު އަޅާއަޑަކުން އަހަރެންނަށް އެހެންބުނެވުނުއިރު ހުރީ ފެންކަޅިވެފައެވެ.
” އަހަރެން ބޭބީ ގައިގަ އަތްވެސް ނުލަމެއްނު…..ދެން ކީއްވެ ދޫކޮށްލާށޭ ތިބުނީ؟” އަލަމް ހަމަ އެލާނެއް ހިނިތުންވުމުގައި ހުރެ އަހާލިއެވެ.
” އަހަ..އަހަރެން ދިޔަދީ….ޕްލީޒް….މަންމަމެން ހޯދާނެ….” އަލަމްގެ ކިބައިން ސަލާމަތްވާނެ އެހެންގޮތެއް ނެތްހެން ހީވުމުން އަހަރެން އާދޭސް ކުރަން ފެށީމެވެ. އަލަމް އަދިވެސް ބޮޑަށް އޭނާގެ މޫނު އަހަރެންގެ މޫނާ ކައިރިކޮށްލިއެވެ. އެވަގުތު އެންމެފަހުން އަހަރެން ހިފަހައްޓައިގެންހުރި ކަރުނަތައްވެސް އެސްފިޔަތައް ފޫއަޅުވާލާފައި ކޯތާފަތް މައްޗަށް އޮހިގަތެވެ.
” އޯހ…ބޭބީ މިހާ އަވަހަށް ރޯންވެސް ފެށީތަ؟…..އަދި މިއުޅެނީ އަދަބެއްދޭނެ ގޮތެއް ވިސްނާވެސް ނުލެވިގެން…….ތިހާ ފިނޑިކުދިން މީހުނާ ގޯނާކުރާކަށް ނުވާނެއްނު……އަދަބު ލިބިގަންނަހާ ހިތްވަރުހުންނަކުދިން ގޯސްކަންތައް ކުރަންވެސް ޖެހޭނީ…..” އަލަމް އަހަރެންނާ ދުރަށް ހިނގައިގަތެވެ. އެނދުމަތީގައި އޮތް އޭނާގެ ޓީޝާޓް ނަގައި ބޮލަށް މަހާލިއެވެ.
“ހީނުކުރާތި….ރުއީމަ އަދަބެއް ނުދޭނެއޭ……މިރޭހަމަ އަދަބުދީފަ ހުއްޓާލާނީ..” ރޮއެ ރޮއެހުރެފައިވެސް އަހަރެން އަލަމްއާދިމާ ބަލާލީ ދެން އޭނާ ކުރަންއުޅޭކަމެއް ނޭނގޭތީ ކަންބޮޑުވެފައެވެ. އަހަރެން ރުއިމުންވެސް މިފިރިހެނާގެ ހިތަށް އަހަރެން ނުކުރީތާއެވެ. ވަރުގަދަ ފިރިހެނެކެވެ. ލޯބިވެޔޭ ބުނެފައި އަހަރެން ރޮއްވަންވެސް ކެރިއްޖެއެވެ. މިއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ ރުޅިއައިސްގެން އަހަރެންނަށް ދަތްކުނޑި ވިކާލެވުނެވެ. ޓީޝާޓް ލުމަށްފަހު އަލަމް އަނެއްކާވެސް އަހަރެންގެ ގާތަށް އައެވެ. އަދި އަހަރެން ނުދާން އުޅެނިކޮށްވެސް އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އަލަމް ކުރަން އެއުޅޭކަމެއް ނޭނގޭހާލު ބިރުގެންފައި އަހަރެން އިނީމެވެ.
” އަން މިއަހަރެންދޭ އަދަބަކީ….މީގަހިފާ” އަހަރެން އިސްޖަހައިގެން އިންދައި އަލަމް އަހަރެންނާ ދިމާއަށް އެއްޗެއް ދިއްކޮށްލިއެވެ. އަހަރެން ބަލާލިއިރު އެއީ ހިސާބު ޕާސްޓް ޕޭޕަރެކެވެ. އަހަރެން ހައިރާންވެފައި އަލަމްގެ މޫނަށް ބަލާލީމެވެ. އަލަމް އަހަރެންގެ ގާތުގައި އިށީނދެ ޕޭޕަރު ހުޅުވާލާފައި ގަނޑުތައް އުކަންފެށިއެވެ. ޕާސްޓް ޕޭޕަރުން އޭނާ ކުރަން އުޅޭކަމެއް ނޭނގިފައި އަހަރެން އިނީމެވެ.
” އަން….މިޕޭޕަރ ހަދާ…..މިއީ ޓޫއަވާސްގެ ޕޭޕަރެއް…..އެކަމް ބޭބީޖެހޭނީ މިޕޭޕަރު ވަން އަވާއިން ހަދަން….އެހެންނޫނީ އަނެއްކާވެސް އަދަބެއް އިތުރުވާނެ….” އަލަމް ޕޭޕަރު އަހަރެންނަށް ދިއްކޮށްލަމުން ބުންޏެވެ. އަހަރެން ފާޑަކަށް އަނގަހުޅުވިފައި އަލަމްގެ މޫނަށް ބަލަންއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިގަޑީގައި އީދުކުޅިވަރު ބަލަން ނުހުރެ އަހަރެން މިވީ ޕާސްޓް ޕޭޕަރު ހަދަން ހެއްޔެވެ؟ އަދި އެވެސް ހިސާބް ޕޭޕަރެކެވެ. އަހަރެންނަށް އެންމެ އުނދަގުލީ ހިސާބުކަން އަލަމްއަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް މިއީ އޭނާ އެންމެ ގަޔާވާ މާއްދާއެވެ. އޯލެވެލްގައި ހިސާބުން އޭލިބުމުން މިފިރިހެނާ ފޮނިވަނީއެވެ. ނުލަފާ ފިރިހެނެކެވެ. މީނަގެ ކިބައިން ސަލާމަތްވާނެ ހަމައެއްގޮތެއްވެސް ނެތެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އަހަރެންނަށް އަދަބުދޭނެ ގޮތްތައް މިއިންސާނާގެ ވިސްނުމަށް އާދެއެވެ.
” ބަރާބަރު އެއްގަޑިއިރު….ނުބައިކޮށް ހަދައިފިއްޔާ ކަރެކްޝަންވެސް ހަދާފަ ދެވޭނީ..” އަހަރެންގެ އަތަށް ގަލަމާއި ކަލްކިއުލޭޓަރ ދެމުން އަލަމް ބުނެލިއެވެ. މިފިރިހެނާއަށް އެނގޭނީ އަބަދުވެސް އިންޒާރުދޭށެވެ. އަހަރެންނަށް ލޯބިމިވެވުނީ ފައްކާ ހިޓްލަރެއް ދެކެއެވެ. މިފަދަ ދެވަނަ ފިރިހެނެއް ދުނިޔޭގައި އުޅޭނެކަމެއްވެސް ނޭނގެއެވެ.
” ތިހެން ލޯއަޅައިގެން އިނަކަސް އަވަހަށް ނުދެވޭނެ…..މިހާރު ވަގުތު ފެށުނީ….އަވަހަށް ހަދަންފަށާ….އޭރުން އަވަހަށް ދެވޭނީ….ހަނދާންކުރާތި އެއްގަޑިއިރަށްވުރެ މިޓެނެއް އިތުރުވިޔަސް އަދަބު ލިބޭނެ!..” އަނެއްކާވެސް އަލަމް އިންޒާރެއް ދިނެވެ. އަހަރެންނަށް އިތުރު އެހެންގޮތެއް ނެތުމުން ޕޭޕަރު ހަދަން ތައްޔާރުވީމެވެ. ނަސީބަކުން އެއީ ވަރަށްފަހުން ޓިއުޝަންގައި އަހަރެން ހަދާފައި އޮތް ޕޭޕަރެކެވެ. ވީއުފަލުން އަހަރެންނަށް ހިނިތުންވެލެވުނެވެ. ނަމަވެސް އެއްގަޑިއިރުން އެޕޭޕަރު ނިމޭނެކަމުގެ ޔަގީންކަމެއް އަހަރެންނަކަށް ނެތެވެ. އެދުވަހުވެސް އަހަރެންނަށް ޕޭޕަރު ނިމުނީ ތިންގަޑިއިރުންނެވެ.
އެއްފަހަރު ހަދާފައި އޮތްނަމަވެސް ޕޭޕަރު އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. ނަމްބަރެއް ނޭނގިގެން އަލަމްގެ ގާތު އަހާލަންވެސް ހިތަށްއެރިއެވެ. އަހަރެން ބަލާލިއިރު އަލަމްއޮތީ ފޮތެއް ކިޔާށެވެ. އަހަރެން ބަލާލުމުން ފޮތްތިރިކޮށްލާފައި އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން އަވަސް އަވަހަށް އިސްޖަހާލީމެވެ.
” ކިހިނެއްވީ؟….ނޭނގުނީތަ؟” އަލަމް އަހާލިއެވެ.
” ނޫން” އަހަރެން އަވަސް އަވަހަށް ޖަވާބުދިނީމެވެ.
ނޭނގުނަސް އަލަމްއަށް އެކަން އަންގާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ރުޅިއައިސް އިނދެގެންވެސް އަހަރެންނަށް ވީ އެންމެ އަވަހަކަށް ޕޭޕަރުހަދާ ނިންމާލީމެވެ. އެވަރުންވެސް އަހަރެންނަށް ޕޭޕަރު ނިމުނީ ދޮޅުގަޑިއިރުންނެވެ. އަލަމްގެ އަތަށް ޕޭޕަރުދިނުމުން ރަނގަޅުތޯ ބަލާ ޗެކްކުރަން ފެށިއެވެ.
” މިދެ ނަމްބަރ މިއިނީ ނުބައިކޮށް…..އަލުން ހަދާ…” އަހަރެންގެ އަތަށް ޕޭޕަރުދެމުން އަލަމް އަމުރުކޮށްލިއެވެ. އަހަރެން އަލަމްއަށް ކަޅިއަޅާލަމުން ޕޭޕަރު ދަމައިގަތީމެވެ. އަހަލަމް ހީލިއެވެ. އަހަރެން ވަރަށް ވިސްނައިގެން އެދެނަމްބަރު އަލުން ހެދުމަށްފަހު އަލަމްގެ އަތަށް ޕޭޕަރުދިނީމެވެ.
” އަދިވެސް މިނަމްބަރ ނުބައި..” އަނެއްކާވެސް އަހަރެންގެ އަތަށް ޕޭޕަރުދެމުން އަލަމް އެނަމްބަރު ދައްކާލިއެވެ. އަހަރެންގެ ރުޅިކުރިއަށްވުރެވެސް ގަދަވިއެވެ. ނަމަވެސް އަނެއްކާވެސް އަހަރެން އެނަމްބަރު ހެދީމެވެ. އަހަރެންނަށް އެނަމްބަރު ރަނގަޅުކުރެވުނީ ހަތަރުފަހަރު ހެދިފަހުންނެވެ. އޭރު އަހަރެންހުރީ ލޭމައްޗަށް ގޮސްފައެވެ.
” ހޫމް…މިފަހަރު ރަނގަޅު….އެކަމް ވަގުތަށް ޕޭޕަރ ނުނިންމި ކަމުގެ އަދަބު އޮންނާނެ” ޕޭޕަރު ނިމުމުން އުފަލުން އިންދައި އަނެއްކާވެސް އަލަމް ބުނެލިބަހުން އަހަރެންގެ މޫޑް އޮފްވިއެވެ.
” އެކަމު މިހާރު އެއޮއް އެގާރަވެސް ޖެހީ…..ލަސްވީމަ މަންމަ ރުޅިއަންނާނެ” ދެރަވެލާފައި އަހަރެން ބަހަނާއެއް ދެއްކޭތޯ އުޅުނީމެވެ.
” އެއްވެސް ބަހަނާއެއް ނޯންނާނެ….އެގާރަޖެހިޔަސް، ބާރަޖެހިޔަސް އަދަބުލިބިގެން ދެވޭނީ….” އަލަމްގެ ފަހުބަސް އިއްވާލުމުން އަހަރެން ކަރުއެލުވާލީމެވެ.
” ބަލާބަލަ!….މިއަދު ކުއްޖަކު ސިއްރު ސިއްރުން އަހަރެންގެ ކޮޓަރިއަށްވަދެ، އަހަރެންގެ ތުވާލީގަ ކުލައުނގުޅާފަހުރީ…..އެކުއްޖާހީކުރީ އަހަރެންނަކީ ވަރަށް ގަމާރުމީހެއްކަމަށް….އަހަރެން ކޮޓަރިން ވަތްތަނުން، ތުވާއްޔާދިމާލުން ތަރުފާލުމަތީގަ ހުރި ކުލަތައް ފެނިއްޖެ…..އެވަރަށް ކުލައޮއްސާލީމާ ވާނީއެހެންނު….އެހެންވީމަ ބޭބީ ކޮށްދޭންވީކަމަކީ މިތުވާލި ދޮވެލަދޭންވީ….އާދޭ އަހަރެންނާއެކު ގިފިއްޔަށް ގޮސް ތުވާލިދޮވެލަން” އަލަމް އޭނާގެ ތުވާލި އަހަރެންނާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.
އަހަރެންނަށް ކުސްތަޅާލެވުނީ ބޭއިޚުތިޔާރުގައެވެ. އެހާސިއްރުން އެކަންކުރީމަވެސް މިފިރިހެނާއަށް އެނގުނީއެވެ. އަދި ލަނޑުވެސް މިލިބުނީ އަހަރެންނަށެވެ. އަހަރެން ތުވާލީގައި ހިފުމާއެކު ބޭރުން ބަޔަކު ވާހަކަދައްކާ އަޑުއިވުނެވެ. އެއާއެކު އަލަމް މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު ކޮޓަރި ދޮރުމަތީހުރި އަހަރެންގެ ފައިވާނާއި އަލަމްގެ ފައިވާން އެތެރެއަށް ވެއްދިއެވެ. އަދި އަހަރެން ހިމޭނުން ހުރުމަށް އެންގިއެވެ. މަންމަމެންނަށް އެނގިދާނެތީ ބިރުވެސް ގަނޭތާއެވެ. އެވަގުތު އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންނަންވެސް އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް އެހެން ހަދައިފިނަމަ ފަހުންވެދާނެ ގޮތަކާމެދުވެސް ވިސްނަން ޖެހެއެވެ.
” އައިމިނާ…..އަލަމް އަދި ނާންނަނީދޯ….ދޮރުލައްޕާފަ އޮށޯންނަން އުޅޭ….އެސޮރުއައިސް ދޮރުތަޅުލަފާނެއްނު..” އަލަމްގެ ބައްޕަގެ އަޑުއިވުނެވެ.
އިރުކޮޅެއްފަހުން ގޭތެރެ ހަމަހިމޭންވިއެވެ. އަލަމްގެ މަންމަމެން އޮށޯތީކަން ޔަގީންވުމުން އަލަމް މަޑުމަޑުން ދޮރުހުޅުވާލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ގޮސް ގިފިއްޔަށްވަނެވެ.
” އަވަހަށް ގެޔަށްދާން ބޭނުމިއްޔާ އަވަސްކުރޭ!” ދޮންނަ ތައްޓާއި ދޮންނަކުނޑި އުރަ އަހަރެން އަތަށް ދެމުން އަލަމް ބުންޏެވެ. އަހަރެން ތައްޓަށް ފެންއަޅައި ދޮންނަކުނޑި އަޅައިގެން ދޮންނަން ފެށީމެވެ. ތުވާލީގައި ކުލައުނގުޅާފައި ހުރިލެއް ގިނަކަމުން އެތައް ފަހަރަކު ފެންލާން ޖެހުނެވެ. މިވެސް އަހަރެންގެ މޮޔަކަމެވެ. އަހަރެން އޭގައި ކުލަ ނޫގުޅިނަމަ މިދަންނަވަރު ދޮންނާކަށް ނުޖެހުނީސްތާއެވެ. އަލަމް އަހަރެން ތުވާލިދޮންނަ މަންޒަރުބަލަން ހެވިފައި ހުއްޓެވެ. އަހަރެންނަށް ޖެއްސުމެއް ކޮށްލެވުނީމަ މިފިރިހެނާ ހާދައުފަލެއް ވެޔޭ ހިތައްއެރިއެވެ.
” އަހަރެން ހިތަށް އަރާ ކޮންދުވަހަކުންބާއޭ ތިގޮތަށް އަހަރެންގެ އެއްޗެހި ދޮވެދޭން މިގެޔަށް އެއްކޮށް އަންނާނީ……ހާދަދިގު އިންތިޒާރެއް އަދިވެސް ކުރަންޖެހެޔޭދޯ..” އަހަރެން ތުވާލި ހިއްކަން އަޅަން ހުއްޓައި އަހަރެންގެ ގާތަށް ޖެހިލާފައި އަލަމް ބުންޏެވެ. އަލަމް އެއުޅެނީ އޭނާގެ އެއްޗެހި ދޮންނާނެ މީހަކު ނުލިބިގެންބާއޭ އަހަރެންގެ ހިތަށްއެރިއެވެ. މިއަލަމްއާ އިނދެފިނަމަ އަބަދުވެސް އަހަރެން ހުންނަން ޖެހޭނީ އަދަބު ލިބިލިބި ކަންނޭނގެއެވެ. ދޮންނަ ތަށީގައިހުރި ފެންއެތި އުކާލާފައި ތަށިބެހެއްޓި ވަގުތު އަލަމް އައިސް ކުއްލިއަކަށް އަހަރެން އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ކަންބޮޑުވެފައި އަހަރެންނަށް އަލަމްގެ މޫނަށް ބަލާލެވުނެވެ.
” ދެން ބުނެބަލަ! ދެން ކޮންއަދަބެއް ދޭންވީ؟…..ރާނބާގަހު ޖިންނި މިހާރު މިއޮތީ އަހަރެންގެ އަތުތެރޭގަ…..އަހަރެންނަށް އެހާބޮޑު ޝޮކެއްދީފަ ތިގޮތަށް ހުރެވޭނެހެން ހީވޭތަ؟…..ހަމަހިތަށް އަރަނީ ވަޅަށް ވައްޓާލަނީއޭ…..” ވަޅުކައިރިއަށް ޖެހިލަމުން އަލަމް އެހެންބުނުމުން އަހަރެން ބިރުގަތެވެ. އަހަރެން ވަޅުތެރެއަށް ވައްޓާލާކަށްވެސް އޭނާ ފަހަކަށް ނުދާނެކަން ޔަގީނެވެ.
” އަލަމް….އަހަރެންދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަން މިހާރު އެނގިއްޖެ…..” ކުއްލިއަކަށް އަހަރެންނަށް ބުނެވުނެވެ. އަލަމް ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިނުވަނީއޭ ހިތަށް އެރުމުން އަހަރެންނަށް ރޮވުނެވެ. އަލަމްގެ އަތުތެރޭގައި އޮވެ އަހަރެން ގިސްލަ ގިސްލާފައި ރޯންފެށުމުން އަލަމް ކަންބޮޑުވިއެވެ.
” ބޭބީ ޕްލީޒް ނުރޮއެބަލަ!….އަހަރެން ހަމަ ސަމާސަ ކޮށްލީއޭ…..ޕްލީޒް ހުއްޓާލަބަލަ!….އައި ރިއަލީ ލަވްޔޫ..” މިފަހަރު އަލަމްގެ އަޑުގައިވަނީ މަޑުމައިތިރިކަމާއި އޯގާތެރިކަމެވެ. އަލަމް އަހަރެންގޮވައިގެން ގިފިލިން ނުކުމެ ގޯތިތެރޭގައިހުރި އަށިމަތީ ބޭންދިއެވެ. ބަނބުކެޔޮ ގަހުގެ ފަތްތަކުގެ ތެރެއިން ކޮކާހަނދުވަރު ދީފައި އޮތުމުގެ ސަބަބުން މާހައުލު ވަރަށް ހިތްގައިމެވެ. އަލަމް ކުޑަކަކޫ ޖަހާލައިގެން އަހަރެންގެ ކުރިމަތީ އިށީނެވެ.
” ބޭބީ ކީއްވެތަ އަހަރެންނާމެދު އެހާ ގޯސްކޮށް ވިސްނަނީ…..އަހަރެން ބޭބީދެކެ ލޯބިވާވަރު ހަމަ ނޭނގެނީތަ؟…މިރޭ އަހަރެން އަދަބެއްދޭން ބުނީމަވެސް ހީކުރީ ވަރަށް ގޯސްކޮށްކަން އަހަރެންނަށް އެނގޭ…..އެހެންވެ ހަމަގަސްތުގަ ބިރުގަންނުވާލަން އެގޮތަށް ކަންތައްކުރީ…..އަދިވެސް ބޭބީއަށް އަހަރެން ދަހެއްނުވޭތަ؟….އަހަރެންނަށް އިތުބާރެއް ނުކުރެވޭތަ؟ އެއްވެސް ގޯސްނިޔަތެއް ހިތުގަ އޮވެގެންނެއް ނޫން އަހަރެން ބޭބީގޮވައިގެން ކޮޓަރިއަށް އައީކީ….ކުރިންވެސް އަހަރެން ނިންމާފަ އޮތީ ބޭބީލައްވާ ޕޭޕަރުހަދަން….އަހަރެންނަށް އެނގޭ ބޭބީއަށް މެތްސް އުނދަގޫކަން….އެހެންވެ އަހަރެންބޭނުންވީ ބޭބީއަށް ހެލްޕްވާން….ހަދަން ނޭނގުނުނަމަ ބުނެވެސްދިނީމުސް….އެކަމު އަހަރެން ހީކުރިވަރަށްވުރެ މެތްސްއަށް ރަނގަޅު….އެހެންވެ ވަރަށް އުފާވެފަ މިހުރީވެސް…………ދެންހަމަ ބޭބީ ގިނައިރު ކައިރީގަ ބަހައްޓަން ވެގެން ތުވާލިދޮންނަން ޖެއްސީވެސް…..ސޮރީ އިނގޭ…ދެރަކޮށްލެވުނީތީ…..ޕްލީޒް ދެންހީލަބަލަ!” އަލަމް އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ލޯތްބާއިއެކު ބުނެލިއެވެ.
“އަހަރެން ބޭނުމީ ރަށުގަނެތްވަރު މޮޅުކުއްޖަކަށް ބޭބީހަދަން……ވަރަށްބޭނުން ބޭބީ މޮޅުމީހަކަށް ވެގެން އަންނަ ދުވަސްދެކެން…..މީހުންގެ ދުލުން ފަޚުރުވެރިކަމާއެކު ބޭބީގެ ނަން ކިޔާއަޑުއިވެން……އެހެންވެ އެގޮތަށް ކަންތައްކުރީ…..ގަބޫލުކޮށްބަލަ ޕްލީޒް” އަހަރެން އަނގައިން ނުބުނެ އިންނަން ފެށުމުން އަނެއްކާވެސް އަލަމް ދެރަވެފައި ވާހަކަ ދެއްކިއެވެ. އަލަމް އަހަރެންނާމެދު ވިސްނާވަރު އެނގުމުން އަހަރެން ވަރަށް އުފާވިއެވެ. އަހަރެންގެ މައިންބަފައިން ފިޔަވައި އިތުރުމީހަކު އަހަރެންނާމެދު އެވަރަށް ވިސްނާނެކަމަށް އަހަރެން ހިޔެއްވެސް ނުކުރަމެވެ. އަލަމް އަހަރެންދެކެ ހަޤީޤަތުއިވެސް ލޯބިވާކަން އަހަރެންނަށް ގަބޫލުކުރެވުނެވެ. އަހަރެން އަލަމްއަށް ބަލާލާފައި ހިނިތުންވެލީމެވެ.
” ހިނގާދާން މިހާރު ވަރަށް ލަސްވެއްޖެ…” އަހަރެންހުރީ ލަސްވާތީކަންބޮޑުވެފައެވެ.
” އަދިމަޑުކޮށްބަލަ!…ބޭބީއަށް ދޭންޖެހޭ އެއްޗެއް އެބައޮތޭ..” އަލަމް އޭނާގެ ޖީބުން އަހަރެންގެ ކެވެލިކޮޅު ނަގައި އަތުގައި އަޅުވާލަދިނެވެ.
“މިއީ ރޭގަ އަހަރެން ފެންވަރަން ހުއްޓާ އައި ޖިންނި ކުއްޖާގެ އެއްޗެއް….މިރޭ އެޖިންނި ކުއްޖާ އާދޭތޯ ގިފިލިތެރޭގަ އިންތިޒާރުގަ ހުރެ ހުރެވެސް ނައި……މިހާރު ހުސްގަޔާހުރެ ފެންވަރަންވެސް ބިރުގަނޭ….އެކުއްޖާ ފިލާހުރެ އަހަރެންނަށް ބަލާވަރުން….ބޭބީ ރުޅިއެއްނާދޭތަ ޖިންނިކުދިން އަހަރެން ފެންވަރާތަން ބަލާތީއެއް…” އަލަމް ހީލަމުން އަހާލިއެވެ. އަހަރެންއިނީ ރަކިވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ.
” ކިހިނެއް އެނގުނީ؟….ކޮންއިރަކު ކެވެލިކޮޅު ފެނުނީ؟…” އެންމެފަހުން ދައްކާނެ ވާހަކައެއް ނޭނގިގެން އަހަރެން އެހީމެވެ.
” ރޭގަނޑު ކާން އިންދާ ބައްޕަބުނީ މިސްކިތުން ބޭބީގެ ބައްޕަދިމާވެގެން ބޭބީއައިސްގެން އުޅޭވާހަކަ ބުންޏޭ….އެހެންބުނީމަ ހަމަވަގުތުން އެނގިއްޖެ ގިފިލިތެރެއިން ފެނުނު ހަންޑިކުއްޖާއަކީ ތިއީކަން….ދެން ފަތިހު ފަތިސްނަމާދުކޮށްގެން ގެޔަށް ވަންނަން ދަނިކޮށް މާމަގެޔަށް ބޭބީ ވަންނަތަން ފެނުނީމަ ފަހަތުންވަނީ…..ފޭރުގަހަށް އަރާއޮވެ ދިމަދިމާ ހޯދާތީ އެނގުނު އެއްޗެއް ގެއްލިގެން އުޅޭކަންވެސް……ދެން އަހަރެން އީދުނަމާދަށްދާން ފެންވަރަށް ހުއްޓާ ކެވެލިކޮޅުފެނުނީ….މިރޭ ދޭންވެގެން ބޭއްވީ..” އަލަމް ހިނިތުންވެލިއެވެ.
އަހަރެން އަލަމްއާއެކު ގެޔަށްދިއުމަށްޓަކައި ތެދުވީ ހިތްހަމަޖެހިފައި ހުރެގެންނެވެ. އަލަމްމެންގެ ގޯތިތެރޭން ނުކުތުމާއެކު އަހަރެމެންނަށް ސިހިފައި ހުއްޓެވުނީ ދޮރުމަތީހުރި އިސްކޮޅުން ބޮނޑުމީހަކު ފެނުމުންނެވެ. ސިހުނުވަރުން އަހަރެންނަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.





Aslu ehaa salhi eh noon. Ekam dhn ok
kaaku baa eii????
v reethi dairy than kolheh dhigy
meega diary a aslu vaahaka akee…..keep reading u will enjoy it
Mi baitha salhi eh noon
V majaa mi vaahaka kiyaairu hama heehee halaaku vey
Reethi next part Tmrrw dhw… :$
Dhogeh Shine… mi baithah v salhi… V majaavesme… ekam mi partga Alamge bai thankolheh over… ehen mibuny Alam kotariah van thanaa thalhun mathy kulakolheh huttas aslu ehaa alhaeh nuleveyne… ethankolhu v faahaga kurevunu… ehen noony v baraabaru hama… foohikameh nethi kiyaalevey vaahakaeh meeves
V reethi dhen v majaa
vvv majaa hama heveny, Story dhaagoi v kamudhey 🙂
Varah salhi..avahah update kohdhehchei ?????
V majaa vaahaka. Hehee halaaku vejje. Alam ge bappa ah vee gothun. ?????
V Majaa Hama habeys heehee halaaku
Haadhahaa reachey story
Wow… waiting. Mee mi siteun mihaaru enme wait kurevey story.. I like alam and shelyn ge baithah… hama thivareh nethey buneveyny shine
at end shiyaaz n shelyn…??❤
Shine mi vaahakaige kurykolhuga hehva hehvafa rohvalaa dw. Roven jehey iru evraha rovey. ;'( this story is the ?❤❤❤
VVVVV Salhi kiaafoohinuve shin ge vaahaka thah anme kiyaalaahivvanee majaa hithaam lowb aege thereinves majaaba aai konmes ibratheh liby. ??????
Wow.. Vvvv majaa nd vvvv salhi
.. Mihaa majaa story eh adhi nukiyan.. 😀
E ai shiyaaz hen heevany
Varah reethi..love this part