Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޝެލީން 7

Shine Level 6100 Stories10 Stories100 Comments100 Login
November 24, 2016 11 Mins Read
14 Comments

ހުޅުލޭއަށް ބޯޓު ޖެއްސުމާއެކު އަހަރެންވެސް ދަބަސްހިފައިގެން އަންނަމީހުންނަށް ޚާއްސަކުރެވިފައިވާ ދޮރުން ބޭރަށް ނުކުތީމެވެ. އޭރު ބޭބެހުރީ އަހަރެން ބަލާއައިހެވެ. އަހަރެން ފެނުމުން ބޭބެއައިސް އަހަރެންގެ ދަބަހުގައި ހިފިއެވެ.

” ދައްތަ ކުޑަކަމެއްގަ ބިޒީކޮށް އުޅޭތީ ނާދެވުނީ….” ދަބަސްހިފައިގެން ފެރީޓާމިނެލާ ދިމާއަށް ހިނގައިގަންނަމުން ބޭބެ ބުންޏެވެ. އަހަރެން ހިނިތުންވެލަމުން ބޭބެގެ ފަހަތުން ހިނގައިގަތީމެވެ. ފަނަރަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު މާލެއާދެވިއްޖެއެވެ. ބޭބެ ދަބަސް  ހިފައިގެން ގޮސް ކާރުގެ ޑިކީއަށްލިއެވެ.

” ބީރައްޓެއްސެއްހެން ފަހަތަށް ތިއަރަނީ ކީއްވެ؟….އާދޭ ކުރިޔަށް….ކުރީސީޓްއެހުރީ ހުހަށެއްނު…” އަހަރެން ކާރުގެ ފަހަތަށް އަރަން ދިމާކޮށްލުމުން ބޭބެ ބުންޏެވެ. އަހަރެން ދެބަހެއްނެތި ގޮސް ކުރިޔަށް އެރީމެވެ.

” މިހާރު ހާދަ ކަޅުވެއްޖެއޭ…..މާގިނައިން އަވީގަ އުޅުނީދޯ؟” އަހަރެންނަށް ބަލާލަމުން ހިނިތުންވެލާފައި ބޭބެ އަހާލިއެވެ. އަހަރެން ކުޑަކޮށް ރަކިވިނަމަވެސް އާއެކޭބުނެ ބޯޖަހާލީމެވެ.

“ކޮބާ މަންމަމެން އެންމެންގެ ހާލުވެސް ރަނގަޅުތަ؟…..ރަށް ވަރަށް މަޖާތަ ޗުއްޓީގަ؟….ކީއްތަކުރީ މިހުރިހާ ދުވަހު؟” އަނެއްކާވެސް ބޭބެ ސުވާލުތައް ކުރަންފެށިއެވެ. ޖަވާބުދޭންވީ ވަކިސުވާލެއް ނޭނގިފައި އިރުކޮޅަކު އަހަރެންނަށް އިނދެވުނެވެ.

” އެންމެންވެސް ރަނގަޅު….ވަރަށް ސަލާމްބުނި….ޗުއްޓީވެސް ވަރަށް މަޖާ …ވަރަށް ގިނަ ކަންތައްވެސް ކުރިން…އެކަމު މާއަވަހަށް ޗުއްޓީ ނިމުނީމަ ފޫހި…” ދެރަވެލާފައި އަހަރެން ބުނެވުނެވެ. ރަށްމަތިން ހަނދާންވުމުން ވަގުތުން އަހަރެންގެ ލޯ ފެންކަޅިވިއެވެ. އެންމެ ފުރަތަމަ މަންމަމެން ދޫކޮށް މާލެއައިއިރު ހިތަށް ތަދުނުވާވަރަށް މިފަހަރު ހިތަށް އެބަތަދުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުރިޔާ ޚިލާފަށް މިފަހަރު އަހަރެން މިއައީ އަހަރެން  ލޯބިވާ ދެވަނަ ފަރާތެއްވެސް ދޫކޮށްފައެވެ.

” ހެ ހެ ހެ…އަސްލުވެސް މާކުރޭދޯ…..ރަނގަޅަށް މަޖާވެސް ކޮށްނުލެވޭވިއްޔަ….އަދިވެސް އެއްމަސް އިތުރުކޮށްލަންވީ ޗުއްޓީއަށް ދޯ؟……” ބޭބެ ހީލާފައި ސަމާސާކޮށްލިއެވެ. ބޭބެ މަޖާވެފައި ވާހަކަ ދެއްކިގޮތުން ކުއްލިއަކަށް އަހަރެން އަލަމްމަތިން ހަނދާންވިއެވެ. އަލަމްވެސް އަބަދު ހުންނާނީ ކޮންމެވެސް ކަހަލަ ސަމާސާއެއް ކޮށްލަ ކޮށްލައެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުން ހުރުމަކީ އޭނާއަށް އުނދަގޫކަމެކެވެ. ގެޔަށް އާދެވުމާއެކު ދައްތަވެސް އަހަރެން ކަޅުވެގެންނާއި ހިކިވެގެން ޝަކުވާކުރިއެވެ.

” އަޅެ ބަލާބަލަ އެހާދޮންކޮށް ލޯބިކޮށް ހުރިކުއްޖާ މިހާރު ހުރިގޮތް…..ކަޅުކަމުން މިހާރު ހަމަ އަސްލުވެސް ރާއްޖެތެރޭ ކުއްޖެއް ވައްތަރުޖަހާ….” ސަމީރާދައްތަ އެހެން ބުނެލިގޮތުން އަހަރެން ގާތަށް ހިނިވެސްއައެވެ. ދައްތަހީކުރަނީ މާލޭމީހުންނަކީ މާދޮންބައެއް ކަމަށް ހެއްޔެވެ؟ ރާއްޖެތެރެއޭ ކިޔައިގެން މާބޮޑަށް އަހަރެމެން ދަށްކުރަން އުޅޭތީ ކުޑަކޮށް ނުރުހުންވެވުނެވެ. ނަމަވެސް އަހަރެން ހުރީ ހިނިތުންވެގެންނެވެ.

***************

އަނެއްކާވެސް އާއަހަރެއްގެ ކިޔެވުން ފެށިއްޖެއެވެ. ގްރޭޑްމަތިވުމުން ކިޔެވުމަށްޓަކައި އާހިތްވަރެއްވެސް ކުރަން ޖެހުނެވެ. ރަށްމަތިން ކިތަންމެ ހަނދާންވިޔަސް ކިޔެވުމަށް ފަރުވާކުޑަނުކޮށް ވޭތޯ އަހަރެން ބެލީމެވެ. ނަމަވެސް ކިޔަވަން އިންނައިރުވެސް ދޭތެރެ ދޭތެރެއިން އަލަމްގެ ޚިޔާލުތައް އަހަރެންނަށް އުނދަގޫކުރެއެވެ. ނޭނގިހުއްޓައި އެހަނދާންތަކައް ހިތްގެނބިގެން ދެއެވެ. ނެގިމަޑުވެފައި އިނދެވެއެވެ. ބަހެއް ފަހަރު އެކަނި އިނދެ ހެވެއެވެ. އަނެއްބައި ފަހަރު ދެރަވެއެވެ. މިއީ އަހަރެންނަށް ކުރިޔަކުން ވީގޮތެއް ނޫނެވެ. މިއީ އަލަތުލޯބީގެ ހުޅުކޮޅު ހިތުގައި ރޯވެފައިވާ ކަމުގެ އަސަރުތަކެވެ.

ކިޔެވުމުގެ ބުރަ ދެމަސްދުވަހަށްފަހު އަނެއްކާވެސް ޗުއްޓީއެއް ލިބެން އުޅެނީއެވެ. ބޮޑުއީދު ޗުއްޓީއެވެ. ބޮޑުއީދުގެ ފޯރިވެސް ރަށުގައި ވަރަށް ގަދަވާނެއެވެ. އެންމެންވެސް ވަރަށް މަޖާނަގާނެއެވެ. އަލަމްވެސް މާލެއަންނަން ހަމަޖެހިފައި އޮތީ ބޮޑުއީދުގެ ފަހުންނެވެ. އޭނާ އުއްމީދުކޮށްގެން ހުންނާނީ އަހަރެން އީދަށް ރަށަށް ދާނެކަމުގައެވެ. އެހެންކަމުން އަހަރެންހުރީ ބޮޑުއީދަށް ރަށަށްދާން ނުހަނު ބޭނުންވެފައެވެ. ނަމަވެސް ރަށުން އައިތާ އަދި މާގިނަ ދުވަސްތަކެއް ނުވާތީ އެވާހަކަ ދައްތަމެންގާތު ބުނަން އަހަރެން ޖެހިލުންވިއެވެ. އީދުގައި ރަށަށް ނުދެވިއްޖެނަމަ، ދެން އަލަމްއާ ބައްދަލުވާނީ އަހަރު ނިމުމުންނެވެ. އެހުރިހާ ދުވަހު އަހަރެން ޖެހޭނީ ކެތްކުރާށެވެ. އަލަމް މާލެއައި ނަމަވެސް ދެމީހުން ބައްދަލުވުމަކީ ފަސޭހަކަމަކަށް ނުވާނެކަން އަހަރެންނަށް ނުވާނެތީއެވެ. ނަމަވެސް އަހަރެންނަކަށް އެވާހަކަ ދައްތަމެންގާތު ބުނާކަށް ނުކެރުނެވެ.

ރަށަށް ދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތިފައި ހުއްޓައި ކަންތައްވީ އަހަރެން ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ދައްތައާއި ބޭބެ ނިންމީ ބޮޑުއީދަށް އަހަރެމެންގެ ރަށަށް ދިއުމަށެވެ. ދައްތަ އެޚަބަރު ދިނުމުން އަހަރެންނަށް އުފަލުންގޮސް ފުންމައިގަނެވުނެވެ. އަހަރެންގެ ހިތުގެ އަޑު އެމީހުނަށް އިވުނީބާއޭވެސް ހިތަށްއެރިއެވެ. ރަށަށް ދިއުމުގެ އެއްދުވަސްކުރިން އަހަރެންނާ ދައްތަ ބާޒާރަށް ދިޔައީމެވެ. އީދުގައި ލާނެ ރީތި ހެދުމާއި ފައިވާނާ އެހެނިހެން ސާމާނުވެސް ދައްތަގަނެދިނެވެ. ދައްތަގެ ބައްޕަވެސް އަހަރެންގެ މަންމައާއި ބައްޕައަށްވެސް ތަފާތު ހަދިޔާތައް ގަނެދީ ހެދިއެވެ. ދައްތަގެ ބައްޕައަކީ އެދުވަސްވަރު މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެކެވެ. ކިތަންމެ މުއްސަނދިވީނަމަވެސް ދަހިވެތިކަމެއް ކުޑަކޮށްވެސް ނެތް ހިތްހެޔޮ ދީލަތި މީހެކެވެ. ދައްތަގެ ކިބައިގާ ފޮނިގޮތެއް ހުރިނަމަވެސް ދައްތައަށްވެސް އެދީލަތިކަން ވާރުތަކޮށްފައި ހުއްޓެވެ.

އަހަރެމެން ރަށަށްދިޔައީ ހައްޖު ދުވަހުއެވެ. އެއްވެސް މީހަކަށް އަންގާވެސް ނުލައި ދިޔުމުން މަންމަމެންވެސް ހައިރާންވެ އަދި އެހާމެ އުފާވެސްވިއެވެ. އަހަރެން ރަށަށް ދިޔައިރު އަލަމް އުޅެމުންދިޔައީ ޒުވާނުންގެ ގުރޫޕަކާއެކު އީދު ފާހަގަކުރުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އަވަދިނެތިއެވެ. އެހެންކަމުން އަހަރެން އައިކަމެއް އަލަމް އަކަށް ނޭނގެއެވެ. އަހަރެން ބޭނުންވީ އަލަމްއަށް “ސަޕްރައިޒް”އެއް ދޭށެވެ. އިރުއޮއްސެންދެން އަހަރެން ގެއިންވެސް ނުނުކުމެހުރީމެވެ. ޔޫނާއަށްވެސް އަހަރެން އައިކަމެއް ނޭނގެއެވެ.

އިރުއޮއްސުނު ވަގުތެވެ. މަގުމަތީ ކުޅެން އުޅުނު ކުދިވެރިންނާއި ހަވީރު ފިންޏަށް ނުކުމެއުޅުނު ޒުވާން ފުރައިގެ އަންހެން ކުދީންތައްވެސް ގޭގެއަށް ވަނުމުން މަގުތަށް ވަރަށް އަމާނެވެ. މާމަގެ ހާލުބަލާލުމަށްޓަކައި އަހަރެން މާމަގެޔަށް ދިޔައީމެވެ. މާމަ އަހަރެން ފެނުމުން ވަރަށް އުފާވިއެވެ. އަހަރެންނާ ވާހަކަދައްކަން ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، މާމަ ދިޔައީ ނަމާދަށެވެ. އަހަރެން އެގޭގައި މަޑުކޮށްލީ އަލަމް ގެޔަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އަހަރެން މާމަގޭ ޖޯލީފަތީގައި އޮއްވައި އަލަމްމެން ގޭގިފިލިތެރެއިން މީހަކު ފެންވަރާ އަޑުއިވެންފެށިއެވެ. ޔަގީނެވެ. އަލްމް އައީއެވެ. މިހެން ހިތަށް އެރުމާއެކު، އަހަރެން މަޑުމަޑުން ޖޯލިން ތެދުވެގެން ގޮސް ފޭރުގަސްބުޑުގައި މަޑުކޮށްލީމެވެ. ފޭރުގަހަށް އަރައި ސިއްރު ސިއްރުން ބަލާލަންވެސް ހިތަށްއެރިއެވެ. ނަމަވެސް އަނެއްކާވެސް ލަނޑެއް ލިބިދާނެތީ އެޝައިތާނީ ޚިޔާލު ހިތުން ނެރެލީމެވެ. ގޯތިތެރެއިން ކުދިކުދި އަކިރިކޮޅުތަކެއް ނަގައި، ކުއްލިއަކަށް ގިފިލިތެރެއަށް އުކާލީ އަލަމްއަށް ގޯނާ ކޮށްލުމަށެވެ.

“ކާކު އަކިރި އުކަނީ؟” އަލަމްގެ ބައްޕަ ގިފިލި ތެރެއިން ހަޅޭއްލަވައިގަތެވެ. ގަތްބިރުން އަހަރެން ދުވެފައި އައިސް ގޭތެރެއަށް ވަނީމެވެ. ފޭރުގަހަށް ނޭރުނުކަންވެސް ނަސީބޭހިތަށް އެރިއެވެ. އަލަމްގެ ބައްޕަ ފެންވަރައި ނިމޭހައި އިރުވުމުން އަހަރެން ގޭތެރެއިން ނުކުތީމެވެ. ގިފިލިތެރޭގައި މީހަކު ނެތްކަން ޔަގީންވުމުން އަހަރެން މަޑުމަޑުން ފޭރުގަސް ބުޑުމައްޗަށް އަރައި ގިފިލިތެރެ ބަލާލީމެވެ. އެއްވެސް މީހަކުނެތެވެ. އަހަރެން މަޑުމަޑުން ފޭރުގަހުގެ ގޮތްޕެއްގެ އެހީގައި ގިފިލިތެރެއަށް ފުންމާލީމެވެ. އޭރު ފުދޭވަރަކަށް ގިފިލިތެރެ އަނދިރިއެވެ. ބައެއް ކަހަލަ ގަސްގަހާގެހި އިންދާފައިހުރުމުގެ ސަބަބުން ބައެއްދިމަދިމާ ވަކީން އަނދިރިއެވެ. އަހަރެން ބޭނުންވީ އެއްވެސް މީހަކަށް ނުފެނިގޮސް އަލަމްގެ ކޮޓަރިއަށްވަދެ ފިލާ ހުންނާށެވެ. އަލަމް އައިސް ވަނުމުން އަހަރެން ފެނި “ސަޕްރައިޒް” ވާގޮތްބަލަން އަހަރެން ހުރީ ކެތްމަދުވެފައެވެ.

“ދަރިފުޅާ! ދެން އަވަހަށް ދޭބަލަފެންވަރަން….ތިހެން ހުއްޓާ އިޝާނަމާދު ވަގުތުވެދާނޭ..” ކުއްލިއަކަށް އަލަމްގެ މަންމަގެ އަޑުއިވިފައި އަހަރެން ސިހޭގޮތްވިއެވެ. އަލަމް އައީކަންވެސް އެވަގުތު އަހަރެންނަށް ޔަގީންވިއެވެ. އަހަރެންގެ ހިތުގެ ހިނގުންވެސް ކުއްލިއަކަށް އަވަސްވެގެން ދިޔައެވެ. މިވީގޮތުން އަހަރެން ގިފިލިތެރޭގައި ތާށިވީއެވެ. ކުއްލިއަކަށް އަހަރެންނަށް މޮޅުޚިޔާލެއް އައެވެ. އަލަމް ފެންވަރަން ވަނުމުން ބިރުގަންނުވާލަންވީއެވެ. އޭނާގެހުރި ބިރުކުޑަކަމެއްވެސް މިރޭ އެނގިދާނެތާއެވެ. މިރޭހަމަ ރަނގަޅަށްވެސް އަލަމްއަށް ލަނޑެއްދޭނަމޭ އަހަރެންގެ ހިތަށްއެރިއެވެ.

އިރުކޮޅެއްފަހުން ލަވަކިޔަމުން ތުބުން ފުމެމުން ގިފިއްޔާދިމާއަށް އަލަމް އަންނަ އަޑުއިވުނެވެ. އަހަރެން އަވަސް އަވަހަށް ގޮސް ވަޅުގެ ބިއްދޮށުގައި ހުރި ރާނބާގަހެއްގެ ފަހަތަށް ވަދެފިލީމެވެ. އަލަމް ގިފިޔަށްވަދެ، ފަސްވޯޓް ބޮކި ދިއްލާލިއެވެ. ބޮކީގެ ފަނޑުއަލިން ކޮންމެވެސް ވަރަކަށް ގިފިލިތެރެ އަލިވެގެން ދިޔައެވެ. ނަމަވެސް އަހަރެން ފިލާއިން ހިސާބަށް އަލިކަމެއް ނުފޯރައެވެ. ހުސްގަޔާހުރި އަލަމް އެއައިގޮތަށް އައިސް ވަޅުކައިރިއަށް ހުއްޓި ފެންވަރަންފެށީ ސޯޓްވެސް ނުބާލައެވެ. ހީވާގޮތުން ސޯޓްގައި ހުރި ވެލިތައް ފިލުވާލަން އޭނާ ބޭނުންވީއެވެ.

ކުޅެނިމިގެން މޫދަށްދިއުމަކީ އޭނާގެ އާދައެކެވެ. ކޮންމެގޮތެއްވިޔަސް ސޯޓް ނުބޭލިކަން ނަސީބެކޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ އެދިމާ ބަލާލަންވެސް އަހަރެންނަށް ނުކެރުނީހެވެ. އެއްވާމަކަށް ލަވަކިޔަމުން ފެންވަރަމުން ދިޔައެވެ. އަލަމް ބިރުގަންނުވާލަން ހިތުއަޅައިގެން ފިލާހުރިއިރު އަހަރެންހުރީ އަލަމްފެނި އަތްފައި ފިނިވެފައެވެ. ހިތްވެސް ތެޅެނި ނުހަނުބާރަށެވެ. ނަމަވެސް އަހަރެން ފިނޑިވާކަށް ބޭނުމެއްނުވިއެވެ. މިހުރިހާދުވަހު އަލަމް އަހަރެންނަށް ކުރިޖެއްސުމުގެ ބަދަލުހިފަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެއެވެ.

އަހަރެން އިސްތަށިގަނޑުގައި އައްސާފައިވާ ވޫލްކޮޅު ނައްޓާލުމަށްފަހު އިސްތަށިގަނޑު ނިއުޅާލީމެވެ. އަހަރެންގެ އުނަގަނޑާ ހަމައަށް އަންނަން ފަންދިގު އިސްތަށިގަނޑު ދެފަރާތުން ކުރިމައްޗަށް ގެނެސް މޫނުގެ ބޮޑުބައެއް ނިވާކޮށްލީމެވެ. އަދި މަޑުމަޑުން ގަހުގެ ބިއްދަށުން ނުކުތީމެވެ. ބޮކީގެ އަލިފޯރާފަށަށް ދިއުމާއެކު ކުއްލިއަކަށް އަލަމްއަށް އަހަރެން ފެނުނެވެ. ވަޅުން ފެންދާންޏެއް ނަގަ ނަގާހުރި އަލަމްއަށް އަހަރެން ފެނުމާއެކު ފާޑަކަށް ގަނޑުވެފައި އިރުކޮޅަކު ބަލަން ހުއްޓެވެ.

” އަލަމް!” ފާޑެއްގެ ވައިއަޑަކުން އަހަރެން އަލަމްއަށް ގޮވާލީމެވެ. އެއާއެކު ދާނި ވަޅުތެރެއަށް ދޫކޮށްލަމުން ފާޑަކަށް ހަޅޭއްލަވައިގެންފައި އަޅާއިތިކޮށް ދޮރާދިމާއަށް އޭނާ ދުއްވައިގަތެވެ. ތުވާލި މަތިންވެސް އޭނާ ހަނދާނެއްނެތެވެ. އަލަމްއަށް ވީގޮތްފެނި އަހަރެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަލަމް ހަމަ އެހާބިރުގަނޭ ހެއްޔެވެ؟

“ޔާރައްބީ!…ދަރިފުޅު މޮޔަވީތަ؟…ފެންވަރަވަރާހުރެފަ، ކުއްލިއަކަށް ހަޅޭއްލަވަމުން ނުކުމެގެން ތިދުވަނީ ކިހިނެއްތަވީ؟….ރޮލުންކާ އެއްޗެއް ފެނުނީތަ؟” އަލަމްގެ މަންމަ ކަންބޮޑުވެފައި ސުވާލުކުރި އަޑުއިވުނެވެ. އަލަމް ދިޔަބާރުމިނުގައި އޭނާގެ ކޮޓަރިއަށްވަދެ ދޮރުޖެހީއެވެ.

” ދަރިފުޅާ!…ދޮރުހުޅުވަބަލަ!…ކިހިނެއްތަވީ؟…ކޯއްޗެއްތަ ގިފިލިން ފެނުނީ.؟…އަޖާބެއް ނުވާނެތަ މީހަކު މިސޮރު އުޅޭގޮތުން…” ކޮޓަރި ދޮރުގައި ތަޅަމުން އަލަމްގެ މަންމަ ގޮވާއަޑު އިވުނެވެ.

” ގިފިލީގަ….ގިފިލާގަ އެބަހުރި އެއްޗެއް….” އަލަމް ތުރުތުރުއަޅާ އަޑަކުން ބުނިއަޑުއިވުނެވެ. އަލަމް ބިރުގަތްވަރުން އަހަރެން ދެރަވެސްވިއެވެ. އަހަރެން ހުނުން ހުއްޓާލުމަށްފަހު ގިފިލިން ނުކުންނާނެ ގޮތަކާމެދު ވިސްނަން ފެށީމެވެ. އަލަމްގެ މަންމަ ގިފިއްޔަށް ވަދެއްޖެނަމަ އަހަރެން ބޭޒާރުވެދާނެއެވެ.

” އެއްޗެކޭ…..ދެން ކޯއްޗެއްތަ ގިފިލީގަ ހުންނާނީ…” އަލަމްގެ މަންމަ ހައިރާންވެފައި ބުނާއަޑުއިވުނެވެ.

” އައިމިނާ!….މާބާރަކަށް ތިއަޑުގަދަކުރަނީ ކިހިނެއްތަވީ؟….” އަލަމްގެ ބައްޕަ އާދަމްބެގެ އަޑުވެސް އިވުނެވެ.

” އާދަނާ…އެސޮރަށް ކޮންމެވެސް ކަމެއްވެއްޖެ…..ފެންވަރަންހުރެފަ ކުއްލިއަކަށް ދުވެފަނުކުތީ ހަޅޭއްލަވަމުން….ގައިން ފެންނުހިއްކާތާނގައި ތެތް ސޯޓާއެކީ އެވަނީ ކޮޓަރިއަށް ވިއްޔަ….އެސޮރުބުނީ ގިފިލިތެރޭން އެއްޗެއް ފެނުނިއްޔޯ….އަޅެއާދަނާ މަހާދަ ބިރުގަނެޔޭ….ދެނަމާދު ދޭތެރޭ ފެންވަރަންޏާ އެއްޗެހިވެސް އަވަލާނެއްނު…ދެން ކިހިނެއްތަ ހަދާނީވެސް” ކަންބޮޑުވެގެން ގޮސް އަލަމްގެ މަންމައަށް ރޮވެންވެސް ފަށައިފިއެވެ.

“އައިމިނާ!..ތިހާ އަވަހަށް ކަންބޮޑުނުވެބަލަ!…އެވެދާނެ އެސޮރަށް ހީވިގޮތެއް ކަމަށްވެސް…..މައެބަ އަންނަން ގިފިލި ބަލާފަ….” އަލަމްގެ ބައްޕަ އެހެން ބުނުމުން ތެޅިގެންފައި ފާރާދިމާއަށް އަހަރެން ދުއްވައިގަތީމެވެ. ވަރަށް ހާލުން ދެތިންފަހަރަކު އުޅެގެން ފާރަށް އެރޭގޮތް ވެއްޖެއެވެ. އަހަރެންނަށް މާމަގެ ގޯތިތެރެޔަށް ރަނގަޅަށް ނުފޭބެނީސް އަލަމްގެ ބައްޕަ ގިފިލިތެރެއަށް ވަދެއްޖެއެވެ. ސަލާމަތްވީ ހަމަކިރިޔާއެވެ. މޭގައި އަތްއަޅައިގެން ހުރެ އަހަރެން ނޭވާ ހަމައަކަށް އަޅުވާލީމެވެ.

” މިތާކުނެތް ތިބުނާ ކަހަލަ އެކައްޗެއްވެސް…..އެވާނީ ހީވިގޮތަކަށް” ގިފިލިތެރެއިން އަލަމްގެ ބައްޕަގެ އަޑުއިވުނެވެ.

” އެކަމަކު އެސޮރުހުރީ ބިރުންގޮސް ދެލޯ މުދުނަށް އަރާފަ…..އެއްޗެއް ނުފެންނަ ނަމަ އެވަރުވާނެތަ؟….އަލަކަށް ނޫންވިއްޔަ އެސޮރު މިގަޑީގަ ފެންވަރަނީކީ…..ދުވަހަކުވެސް ބިރަކުން ނޫޅޭ….އާދަނުވެސް ބުނީމެއްނު އާދަނު ފެންވަރަން ހުއްޓާ އަކިރިވެސް އުކިޔޭ….އަހަރެންނަށް ހަމަހީވަނީ އެސޮރާ އެއްޗެއް އަވަލީހެން…..ފަންޑިތަހަދާމީހަކު ހޯދަންއުޅޭ…..އެހެންނޫނީ މިކަމުން ސަލާމަތެއްނުވާނެ..” އަލަމްގެ މަންމަ އަދިވެސްހުރީ ވަރަށް ބިރުންނެވެ. އަލަމް ހަމަރަނގަޅަށްވެސް ބިރުގަތީއެވެ. އަހަރެންނަށް މިކުރެވުނީ ހާދަގޯސްކަމެކޭ ހިތަށްއެރިއެވެ. އަލަމް މަންމަމެންނަށް އެއީ އަހަރެން ކުރިކަމެއްކަން އެނގިއްޖެއްޔާ އަހަރެންދެކެ ރުޅިވެސް އަންނާނެއެވެ. ދެންހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ވިސްނުމެއްގައި ހުރެ އަހަރެން ގޭތެރެއަށް ވަނީމެވެ.

” އާއު…” އަތުން ދިލަނަގަން ފެށުމުން އަހަރެންބަލާލިއިރު އުޅަބޮށި މަށައިގެން ގޮސް ލޭއަންނަމުން ދެއެވެ. އަވަސްއަރުވާލާފައި ފާރުމަތިން އަރަންއުޅުމުން ލިބިނު ލަނޑެކެވެ. ބިރުގެންފައިހުރިވަރުން ކަމެއްވީކަންވެސް އަހަރެންނަށް ރޭކާނުލިއެވެ. އިޝާ ނަމާދުން މާމައައުމުގެ ކުރިން އަހަރެން އަވަހަށް ގެޔަށްދިޔައީމެވެ. އަހަރެންގެ އަތްފެނިދާނެތީ ފޮރުވައިގެން އުޅެނިކޮށްވެސް ބޭބެއަށް ފެނުނެވެ.

” ކިހިނެއްވީ ޝެލީންގެ އަތަށް؟” އަހަރެން ކޮޓަރިއަށް ވަދެވަދެ ހުއްޓައި ބޭބެ އަހާލިއެވެ.

” ކިހިނެއްވީއޭ؟…..ޔާރައްބީ؟ ކިހިނެއްހަދާފަތަމިއޮތީ؟….ތާކުންވެއްޓުނީތަ؟….މިކުއްޖާ ދުވަހަކު ނުވާނެބޮޑެއް؟” ކޮޓަރިން ނުކުތް މަންމައަށް ބޭބެގެ އަޑުއިވިގެން ދުވެފައި އައިސް ސުވާލުތައް ކުރަންފެށިއެވެ.

” މަންމާ!…އެވަރުގެ ކަމެއްނޫނޭ….ނުބަލާ އަންނަނިކޮށް ބޭރުފާރުގަގޭނުނީ….ކުޑަކޮށްނޭ ހަލާކުވީ” އަހަރެން މަންމަ ހިތްހަމަ ޖައްސައިދިނުމަށްޓަކައި މަސައްކަތް ކުރީމެވެ.

” ކުޑަކޮށްތަ މިއޮތީ ހަލާކުވެފަ….މުޅި އުޅަނބޮށީގ ހަންމަށައިގެން ގޮސްފައެއްނު މިއޮތީ…އާދޭ ބޭސްއަޅަން” މަންމަ އަހަރެންގެ އަތުގައި ހިފައިގެން ގޮސް ސަރަންފީގައި ބޭންދިއެވެ. އަދި ކޮންމެވެސް ތާކުން ރަތްބޭސްފުޅިއެއް ހިފައިގެން އައިސް މުޅި އަތް އެއްކޮށް ރަތްކޮށްލިއެވެ.

” ދެން މަންމާ!….މިހާރުހީވަނީ މުޅިއަތް ހަލާކުވެފަ އޮތްހެން….ދެން ވަރަށްފޫހިވޭ” ކުޑަކުއްޖެއް ފަދައިން އަހަރެން ތުންއޫކޮށްލީމެވެ. އަހަރެން ހަދާލިގޮތުން ބޭބެހޭންފެށުމުން އަހަރެން ރަކިވިއެވެ.

އެރޭ ނިދަން އޮތްއިރު އަހަރެންނަށް ވިސްނެމުންދިޔައީ އަލަމްއާމެދުގައެވެ. އަނެއްކާ އަލަމްއަށް ނަފްސާނީ ގެއްލުމެއް ނުވާނެބާއޭ ހިތަށްއެރިއެވެ. އެފަދަ ސަމާސާއެއް މީހަކާ ކުރަން ހެޔޮވެދާނެ ހެއްޔެވެ؟ ކިތަންމެ ބިރުކުޑަމީހަކު ނަމަވެސް އެފަދަ ގޮތަކަށް އަދިރީގެ ތެރެއިން އަންހެން ކުއްޖަކު ފެނުމުން ބިރުނުގަނެއެއް ނުހުންނާނެއެވެ. އަލަމް އެހާބޮޑަށް ބިރުގަތީ އަހަރެން ރަށުގައުޅޭކަން ނޭނގޭތިއެވެ. އެހެންނޫންނަމަ ބިރުން ފިލަންދުވަން ޖެހުނީހީ އަހަރެންނަށް ކަންޔަގީނެވެ. އެކަމަކުވެސް އަހަރެންނަށް ލިބުނު ލަނޑުވެސް ދެރައެއްނޫންތާއެވެ. ބޭއިޚުތިޔާރުގައި އަހަރެންނަށް އަތަށް ބަލާލެވުނެވެ.

” އޯހް…މަގޭ ކެވެލިކޮޅު ކޮބާ؟” އަހަރެންގެ އަތުގައި އަޅައިގެން އުޅުނު ކެވެލިކޮޅު ނެތްކަން އެނގުމުން ހައިރާންވެފައި އަހަރެންނަށް ބުނެވުނެވެ. ޔަގީނެވެ. ފާރުމަތިން އެރިވަގުތު ކެވެލިކޮޅުވެސް ވެއްޓުނީއެވެ. އަލަމްއަށް އެކެވެލިކޮޅު ފެނިއްޖެނަމަ އެއީ އަހަރެންގެ އެއްޗެއްކަން އެނގޭނެކަން ގައިމެވެ. އެއީ އަހަރެން ބޮޑުޗުއްޓީއަށް އަންނަން އުޅުނުއިރު ދައްތަގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. އަލަމްއަށްވެސް އެކެވެލިކޮޅު ރީތިވެގެން ބުންޏެވެ. ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ މިދަންވަރު އެހޯދަން ދާކަށްވެސް ނުކެރޭނެއެވެ. އެކަމަކު އަލަމްއަށް އެފެނިއްޖެނަމަ މިރޭ ގިފިލިތެރޭން ފެނުނީ އަހަރެންކަން ޔަގީންވާނެއެވެ. އަހަރެންދެކެ ރުޅިއައިސްގެން އަހަރެންނާ ގުޅުންވެސް ކަނޑާލަފާނެއެވެ. ނޫނެކެވެ. އެކަން އެގޮތަށްވެގެން ނުވާނެއެވެ. އަހަރެން ފަތިހުފަތިހާ މާމަގެޔަށް ދާނަމެވެ. އަލަމްއަށްވުރެކުރިން ކެވެލިކޮޅު ހޯދާނަމެވެ.

އަނެއްދުވަހުގެ ފަތިސްނަމާދު ބަންގިޔާއެކު މަންމަ އަހަރެންނަށް ގޮވިއެވެ. އަހަރެން ތެދުވެ ފެންވަރައިގެން ނަމާދުކުރީމެވެ. މީހުންތައް މަގުތައްމައްޗަށް ނުކުމެ ހޭލަމޭލަވުމުގެ ކުރިން މާމަގެޔަށް ދިޔުމަށްޓަކައި އަހަރެން މިސްރާބުޖެހީމެވެ. ފަތިހުގެ ހިތްގައިމު ރޯޅިތަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. މިސްކިތްތަކުން ނަމާދުކޮށްގެން ފައިބާ މީހުންތައް މަދުމަދުން ފެނެއެވެ. އަހަރެން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް މާމަގެޔަށް ވަނީމެވެ. ގޯތީގެ ބިއްދޮށުފަރާތަށް ގޮސް ފޭރުގަސްދޮށުގައި މަޑުކޮށްލީމެވެ. ގިފިލިތެރެއިން މީހެއްގެ ހިލަމެއް ނުވުމުން ގަހަށް އަރައި ގިފިލިތެރެއަށް ނަޒަރުހިންގާލީމެވެ. އެއްވެސް މީހަކު ނެތެވެ. ގަހުގެ ގޮފިގަނޑުގައި ބަނޑުއަޅައިގެން އޮވެ ދިމަދިމާއަށް ލޯހިންގަމުން ދިޔައީ ކެވެލިކޮޅު ފެނޭތޯއެވެ. ބިންމައްޗަށް ރަނގަޅަށް އަލިނުވެގެން އުޅެނިކޮށް ކިތަންމެ ވަރަކަށް ހޯދިޔަސް ފެންނާނެ ހެއްޔެވެ؟ އަހަރެންގެ މޮޔަކަމާހުރެވެސް އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.

މިކުރެވޭކަންތަކުގެ ބޭކާރުކަން ހިތަށްއެރުމުން އަހަރެން ގަހުން ފޭބުމަށް އެނބުރިލީމެވެ. އެވަގުތު، ގަސްބުޑުގައި އަހަރެންނަށް ބަލަހައްޓައިގެން ހުރި އަލަމްފެނިފައި އަތްފައި ތުރުތުރު އަޅައިގެންދިޔައެވެ. އެއީ ހަމަ އަލަމްބާއޭ ހިތަށްއެރިއެވެ. ހީވިގޮތެކޭ ހިތައި ދެފަހަރަކު އެސްފިޔަވެސް ޖަހާލެވުނެވެ. އެއީ އަލަމްކަން ޔަގީންވުމުން ގަތްބިރުން ގަހުން އަތްދޫވެގެން އަރިއަޅާލައިފިއެވެ. ވެއްޓެން ދިއުމާއެކު އަހަރެންނަށް ހަޅޭއްލަވައިގަނެވުނީވެސް ބޭއިޚުތިޔާރުގައެވެ. ނަމަވެސް އަލަމް ހުޝިޔާރުކަމާއެކީ އަހަރެން ބިންމައްޗަށް ވެއްޓުނަނުދީ ސަލާމަތްކުރިއެވެ. އެތައްއިރެއްވީއިރުވެސް ލޯހުޅުވަން ނުކެރިފައި އަލަމްގެ އަތުތެރޭގައި އަހަރެންއޮތީމެވެ. މިވަގުތު އަލަމް ބޭނުން ކޮންމެގޮތެއްވެސް ހެދިދާނެކަން އަހަރެންނަށް އެނގޭތީއެވެ. ޝިކާރަ އަމިއްލައަށް އައިސް ޝިކާރަވެރިޔާގެ ދަލުގައި ބެދުނީއެވެ. ދެން ހުރިހާބާރެއްއޮތީ އޭނާގެ އަތުގައެވެ.

” އޭތް ހަންޑި ކުއްޖާ ލޯހުޅުވަބަލަ! އަދި މަރެއްނުވެޔޭ!….ހަންޑިކުދިން އެހާފަސޭހައިން ގަހުންވެސް ވެއްޓޭތަ؟” އަހަރެން ލޯމަރައިގެން އޮންނަން ފެނުމުން އަލަމް ޖެއްސުން ކޮށްލިއެވެ. އަހަރެން ބިރުންއޮވެ މަޑުމަޑުން ލޯހުޅުވާލީމެވެ. އެފިނި ފަތިހުގައި އަލަމްގެ މޫނު އެހާ ކައިރިން ފެނުމުން އިތުރަށް ފިނިވާގޮތްވިއެވެ. އެބެލުމުގައި ހުރިތޫނުކަމެއްގެ ސަބަބުން ހިތްޒަޚަމްކޮށްލަން އުޅޭފަދައެވެ.

“ރޭގަ އަހަރެންނަށް ހާރޓް އެޓޭކެއްދީފަ……ފަތިހުފަތިހާ ތިއައީ އެކަމުގެ އަދަބުލިބިގަންނަހިތުން ކެތްނުވެގެންތަ؟..އެނގޭތަ؟…..މިވަގުތު،އަހަރެން ބޭނުން ކޮންމެ އަދަބެއްވެސްދެވިދާނެކަން……ބުނެބަލަ…ކެތްވާނެތަ އަހަރެން އަދަބެއްދީފިއްޔާ….؟” އަހަރެންގެ މޫނާއި މޫނުގާތްކޮށްލަމުން ވައިއަޑުން އަލަމުން އަހާލިއެވެ. އެވަގުތު އަހަރެންގެ ގައިގެހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެންދިޔައެވެ.

” ޕްލީޒް އަލަމް….އަހަރެން ދޫކޮށްލާ!….އައި އެމް ރިއަލީ ސޮރީ…” އަލަމް ކޮންމެފަދަ ލާނެއްކަމެއްވެސް ކޮށްފާނެކަން އެނގޭތީ އަހަރެން އަވަސް އަވަހަށް މާފަށް އެދުނީމެވެ.

“ނޯ…ނޯ… އެހާ ފަސޭހައިން މާފެއްނުކުރެވޭނެ…..އަދަބެއްދީފަ މާފްކުރެވޭނީ…..ކުރީފަހަރު ގަސްތުގަކުރިކަމެއް ނޫނޭބުނީމަ މާފްދިނިން…..މިފަހަރު ވަރަށް ޕްލޭންކޮށްގެން އަނެއްކާވެސް އެކުއްތަކުރާރުކުރީ…އަދި ބަލާފަ، ހިތްނުފުރިގެން ހާރޓްއެޓޭކެއްވެސް ދީފިއޭ…އެހެންވީމަ އަދަބުވެސް ބޮޑުވާނެ……އެނގޭތަ ބޭބީގެ ސަބަބުން މަމްވެސް ހުރީ ކިރިޔާ ހާރޓް އެޓޭކް ނުޖެހި…..ފަންޑިތަވެރިއެއް ގެނެސްގެން ތިހަންޑި ކުއްޖާއަށް ފަންޑިތަވެސް ނުހަދާނެކަމެއް ނޭނގެ…..” އަލަމް ވާހަކަ ދައްކަމުންދިޔައިރު ރޭގެ މަންޒަރު ހިތަށް ސިފަވެ އަހަރެންގެ ގާތަށް ބޭއިޚުތިޔާރުގައި ހިނިވެސް އައެވެ.

” ވަރަށް މަޖާވޭތަ؟…އޭނ؟…މިއަދު ބަލާލާނަން ތިމަޖާވާވަރެއް….އަހަރެން އަދަބެއް ދިނީމަވެސް ތިގޮތަށް ހޭނަންތަ؟…..ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއްދުވަހޭ ބުނާއަޑުއަހަމެއްނު ދޯ…..އެހެންވީމަ މިއަދުމީ އަހަރެންގެ ދުވަސް…” އަލަމް އޭނާގެ އަތުތެރޭގައި ކުރިޔަށްވުރެވެސް ބޮޑަށް އަހަރެން ފިއްތާލިއެވެ.

“އައިމިނާ….ކޮބާތަ އަލަމް…ފަތިސްނަމާދުކޮށްގެން އަދިވެސް ނާންނަނީތަ؟” އަލަމްމެން ގޯތިތެރެއިން އޭނާގެ ބައްޕަގެ އަޑުއިވުމުން އަލަމް ސިހުނެވެ. އަހަރެންވެސް ކަންބޮޑުވެފައި އަލަމްގެ މޫނަށް ބަލާލީމެވެ.

” ހޫމް…މިވަގުތު އަދަބެއްނުދީ ދޫކޮށްލާނަން…..އެކަމު ހަނދާންކުރާތި މިރޭއަދަބު އޮންނާނެ…” އަލަމް މަޑުމަޑުން އަހަރެން ބިންމަތީ ބެހެއްޓިއެވެ. އަދި އިންޒާރުގެ ބެލުމަކުން ބަލާލާފައި އެއްލޯމަރާލިއެވެ. އަލަމް ދިއުމުން އަހަރެންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަލަމް ރުޅިނާންނަކަން އެނގުމުން ހިތަށް ހަމަޖެހުން ލިބުނުނަމަވެސް، އޭނާ ދޭންއުޅޭ އަދަބެއް ނޭނގޭތީ ހިތުގައި ބިރުވެރިކަމެއްވެސް އުފެދިއްޖެއެވެ.

މިކުރެވުނީ ކިހާނުރައްކާތެރި ސަމާސާއެއްކަންވެސް ވިސްނިއްޖެއެވެ. ވިސްނާނުލައި ކުޅަނދުރު ހަތާއަށް ގާއުކުނީތާއެވެ. ލޯބިން ވިޔަސް އަލަމްގެ ފަރާތުން އަދަބެއް ނުލިބިއެއް ނުދާނެކަން ހަމަޔަގީނެވެ. ދެން އަހަރެންނަށް ޖެހޭނީ އެއަދަބަކަށް ތައްޔާރުވެގެން ހުންނާށެވެ. އެކަމަކު އަލަމްއަށް އެހާފަސޭހައިން އަހަރެން އައިކަން އެނގުނީ ކިހިނެއްބާއެވެ. ބައްޕަގެ ފަރާތުން އަލަމްގެ ބައްޕައަށް އެނގުނީކަމަށް ވެދާނެއެވެ. ނޫނީ މަންމަގެ ފަރާތުން އަލަމްގެ މަންމައަށް އެނގުނީއެވެ. ނޫނީ އަލަމްއަށް ކެވެލިކޮޅު ފެނިގެން އެނގުނީބާއެވެ. ކޮންމެގޮތަކުންވެސް މިއޮތީ އަހަރެން ކުރިކަންތައް ބޭޒާރުވެފައެވެ. ދެން ޖެހޭނީ ހަމަ އަދަބު ލިބިގަންނާށެވެ.

އަހަރެން ގެޔަށްދިޔައިރު ބައްޕައާއި ޝިޔާޒްބެވެސް މިސްކިތަށް ދިއުމަށްޓައި ނުކުންނަނީއެވެ. މަންމަ އުޅެނީ އީދުނަމާދަށް ދިއުމަށްޓަކައި ތައްޔާރުވާށެވެ. ދައްތަވެސް މަންމައާއެކު އީދުނަމާދަށް ދިއުމަށްޓަކައި ތައްޔާރުވަމުން ދިޔައެވެ. އަހަރެންވެސް އަވަހަށް ގޮސް ތައްޔާރުވެގެން މަންމަމެންނާއެކު ނަމާދަށް ދިޔައީމެވެ. މިސްކިތުން ޔޫނާއާ ބައްދަލުވުމުން އޭނާ ހުރީ ހައިރާންވެގެން ދެލޯބޮޑުވެފައެވެ. އަހަރެންނަށް މަޖާވިއެވެ.

ނަމާދުކޮށް ނިމިގެން ގެޔަށް އައިސް އަހަރެން ހެދުންބަދަލުކޮށްގެން ނުކުތްއިރު ޔޫނާހުރީ އަހަރެން ހޯދަން އައިހެވެ. މާގިނައިރެއްނުވެ ހުރިހާ ފިރިހެންވެރިން ގޭގެއަށް އީދުބޮނޑިކާން ހިނގަންފެށިއެވެ. ޒުވާންފުރައިގެ ހުރިހާ ކުދިން ގުރޫޕް ހަދައިގެން ގޭގެގެޔަށް ވަންނަމުން އީދުމުބާރަކް ކިޔަމުން ދިޔައެވެ. އަހަރެންނާއި ޔޫނާ ސިޓިންރޫމުގައި ތިއްބާ އަލަމްމެންގެ ގުރޫޕްވެސް އީދުބޮނޑިކާން ވަނެވެ. ހުރިހާކުދިން އެއްފަހަރާ އަހަރެމެންނަށް އީދުމުބާރަކު ކިޔުމުން އަހަރެމެންވެސް ޖަވާބުދިނީމެވެ. އަލަމް ގެއިން ނުކުންނަމުންވެސް ލޮލުގެ އިޝާރާތުން އަހަރެންނަށް އިންޒާރެއްދިނެވެ. އަހަރެން އަލަމްއަށް ލޯއަޅާލުމުން ހީލާފައި ނުކުމެގެން ހިނގައްޖެއެވެ.

އަލަމްމެން ދިއުމުން އަހަރެން ޔޫނާގޮވައިގެން ކޮޓަރިއަށް ވަނީމެވެ. މިއަދު ދެން ކުރިޔަށް އޮންނާނީ ފެންކުޅިކުޅުމެވެ. އެހެންކަމުން އެކަމަށް ފުރިހަމަޔަށް ތައްޔާރުވާން އަހަރެންވެސް ބޭނުމެވެ.

” ޔޫ އަށް އެނގޭތަ…އަހަރެން މިފަހަރު މިއައީ ފެންކުޅިކުޅެން ރަނގަޅަށް ތައްޔާރުވެގެން….” ކޮޓަރިއަށް ވަދެ އަހަރެންގެ ދަބަސް ހުޅުވާލަމުން ބުނީމެވެ.

” އެހެންތަ؟….ކުލަވެސް ގެނައިންތަ؟…..އަހަރެން ކުލަގަންނަން ދިޔައިރު ހުރީ ހުސްވެފަ….އެއަލަމްމެން ގުރޫޕް މިރަށުގަ ހުރިނަމަ ހުރިހާ ކުލައެއް ގަނެ ހުސްކޮށްފި…..އެމީހުން އެހާ ހެވިފަ އެތިބީ އެހެންވެ…..އިރުކޮޅަކުން ކުލަޖަހަމުން ދުވާއަޑު އިވޭނެ..” ޔޫނާ ވަރަށް ގަޔާވެލާފައި ބުންޏެވެ.

” އެމީހުނަށް އެކަންޏެއްނޫން މިފަހަރު ކުލަ ޖެހޭނީކީ….ބަލާބަލަ މިހުރީ އަހަރެންގެ އަތުގަ ހުރިހާ ކުލަ….މަދެއް ނޫނެއްނު..” އަހަރެންގެ ދަބަހުތެރެއިން ކާކުލަ ފުޅިތަކެއް ނަގާ ދައްކާލަމުން ފޮނިވެފައި ބުނީމެވެ.

” ވާއު…ހާދަގިނަ ކުލައެކޭ….ތީހަމަ އީދުކުޅި ކުޅެން ގެނައިހާ ކުލަތަ؟…” ޔޫނާ ހައިރާންވެފައި އަހާލިއެވެ.

” ފެންއަޅާނެ ކޮތަޅުވެސް ގެނައީމޭ” ކުދި ކޮތަޅު ބޮނޑިއެއް ނަގައި ދައްކާލަމުން އަހަރެން ބުނީމެވެ. ކުލަތަކާއި ކޮތަޅުތައް ހިފައިގެން ގިފިއްޔަށް ވަދެ ދެމީހުންވެގެން ކުލަގިރުވާފައި ކޮތަޅުތަކަށް އަޅާ ތައްޔާރުކުރީމެވެ. މާގިނައިރެއްނުވެ މަގުމަތިން އަންހެންކުދީންތަކެއް ހަޅޭއްލަވައިގެން އަޑާއި ފެންކޮތަޅުތަކެއް ފަޅައިގެންދިޔަ އަޑުއިވުނެވެ. އަހަރެމެން ސިއްރު ސިއްރުން ބޭރުބަލާލިއިރު ފިރިހެންކުދީންގެ ގުރޫޕެއް އެމަގުން ދިޔަ އަންހެން ކުދީންތަކެއްގެ ގަޔަށް ފެންޖެހީއެވެ.

“ޝެލީ….ކިހިނެއް ހަދާނީ؟….މިހާރު އެމީހުން އެފެށީ ފެންޖަހަން….އަލަމްމެންނަށް އެނގޭނެ އަހަރެމެން ތިބީ މިގޭގަކަން….އިރުކޮޅަކުން އަންނާނެ މިގެޔަށްވެސް….މަބޭނުމެއްނޫން އެންމެ އަވަހަށް ތެމޭކަށް..” ޔޫނާ ކަންބޮޑުވެފައި ބުންޏެވެ.

ތެދެކެވެ. ގޭތެރޭގައި ތިއްބަސް މިއަދު އެކަކަށްވެސް ނުތެމި ސަލާމަތެއް ނުވެވޭނެއެވެ. ގޭތެރެއަށްވަދެ އަތުގައި ހިފައިގެން ނެރުނަސް މިއަދު ރުޅިއަންނާނެ މީހަކު ނޫޅޭނެއެވެ. ރަށުގެ ކުދިބޮޑު އެންމެންވެސް ފެންކުޅީގައި ބައިވެރިވާނެއެވެ. މުސްކުޅީންނާއި ކުޑަކުދީންނާއި ބަލިމީހުން ފިޔަވައި އެންމެންވެސް މިކަމުގައި ބައިވެރިވުމަކީ ޒަމާނުއްސުރެ އޮންނަ އާދައެކެވެ. އެކަމަކުވެސް އެންމެކުރިން ތެމޭމީހުންގެ ތެރޭގައި އަހަރެން ވާކަށް ނެތީމެވެ.

“ހިނގާދާން ކުލަކޮތަޅުތައް ހިފައިގެން މާމަގެޔަށް…..އެގޭގަ ފިލާތިބޭނީ…..މާމަގަޔަށް ފެންޖަހަން ދާނެމީހަކު ނުވާނެއްނު…..ދަމުން ދަމުން މަގުމަތިން އެންމެން ގަޔަށް ފެންޖަހަމުންދާނީ…..” އަހަރެން ޚިޔާލެއްދިނީމެވެ.

” އެކަމު އޭރުން އަހަރެމެންވެސް ތެމޭނެއްނު” ޔޫނާ އަނެއްކާވެސް ބުންޏެވެ.

” އެބައޮތް މޮޅުގޮތެއް….ވިއްސާރަކޯޓްލައިގެންދާނީ….އޭރުން ނުތެމޭނެއްނު….” އަހަރެން އަނެއްކާވެސް ޚިޔާލެއްދިނީމެވެ.

“އެކަމުދެން ވިއްސާރަކޯޓްލައިގެން މީހުން ފެންކުޅިކުޅޭތަ؟….މީހުން މަލާމާތްކުރާނެ….މަށަކަށް ނުކެރޭނެ…” ޔޫނާ ބަހަނާ ދެއްކިއެވެ.

” ޔޫ ތެމޭކަށްވެސް ބޭނުމެއްނުވޭ…އެކަމު ޝެލީބުނާގޮތެއް ހަދައިގެންވެސް ނުވޭ…..ދެން ހުރިހާމޮޅެއްނުވާނެއްނު….އަހަރެންދާނީ ކޯޓްލައިގެން….އެގެޔަށް ގޮސް ކޯޓްބޭލިދާނެއްނު…..މޫނުފޮރުވައިގެން ދިޔައީމަ ކާކުކަމެއްވެސް ނޭނގޭނެ..” އަހަރެން ބޭނުންވާ ގޮތް ހާމަކުރީމެވެ. އެންމެފަހުން ޔޫނާ އެގޮތާ އެއްބަސްވިއެވެ.

އަހަރެމެން ދެމީހުން ކޯޓްލައިގެން ސްކާފަކުން މޫނު ނިވާކޮށްގެން ތިބެ މަގުމައްޗަށް ނުކުތީމެވެ. ފެންކުޅިކުޅޭ ޒުވާންގްރޫޕްތައް ކޮޅުކޮޅުމައްޗަށް ދުވަމުންދާތީ ފެނެއެވެ. އަހަރެމެން ފެނުމުން މީހުން ހީހީފައި ނިންޖާއޭ ގޮވާހެދިއެވެ. އަހަރެމެންނާ ދިމާވާހާ ބަޔަކުވެސް ތެންމަމުން އަހަރެމެން ދިޔައީމެވެ. ބައެއްމީހުން އަހަރެމެންނަކީ ކޮންބައެއްކަން ނޭނގިގެން ވަރަށް އެއްޗެހިވެސް ކިއެވެ. އަހަރެމެން މިއުޅެނީ ކުޅިވަރުގެ ގަވާއިދާ ޚިލާފަށޭވެސް ގޮވާހެދިއެވެ. ނަމަވެސް އަހަރެމެން އަޅައެއްނުލަމެވެ.

ދުވަމުން ދުވަމުން ގޮސް އަހަރެމެންނަށް ނުކުމެވުނީ އަލަމްމެން ގުރޫޕް ކުރިމައްޗަށެވެ.

” އޭތް އަލަމް ބަލާބަލަ! މިތިބަ އަންނަނީ ނިންޖާ ޓާރޓަލްސް..” އަލަމްގެ ގާތުގައިހުރި އަޒީމް ގޮވާލިއެވެ. އަހަރެންނާއި ޔޫނާ އެމީހުނާ ދިމާއަށް ފެންކޮތަޅުތައް އުކައިގެންފައި އައިކޮޅަށް ދުއްވައިގަތީމެވެ. އެމީހުންވެސް އަހަރެމެންގެ ފަހަތުން ދުއްވައިގަތެވެ.

” ކޮބާ ކިހިނެއްހީވީ؟…މިއޮތީ ލަނޑުލިބިފަ….ދެން ސަލާމަތެއްނުވާނެ” ދުވަމުންވެސް ޔޫނާ ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެމެން ހަނިގޯޅިއަކަށް އެޅުމަށްފަހު ކައިރީގައިހުރި ފަޅުގޯއްޗަކަށް ވަނީމެވެ. އެއީ ގަސްބޯ ޖަންގައްޔެއް ފަދަ ތަނެކެވެ. ކުނި ނުކަހާތަ ޒަމާންތަކެއްވުމުން ހިކިފަތްތަކުން މުޅިގޯތިތެރޭގައިވަނީ ދޫލައެއް އެޅިފައެވެ. އަހަރެން ދުވެފައި ގޮސް ގޯތީގެ ބިއްދޮށުފަރާތުގައިހުރި ކެޔޮގަސްތަކެއްގެ ނިވަލަށް ވަދެ ފިލީމެވެ. އަހަރެންގެ ފަހަތުން ޔޫނާ ނާންނަކަން އެނގުނީވެސް އިރުކޮޅެއްފަހުންނެވެ. އަހަރެން ޔޫނާކޮބައިތޯ ބަލާލަން ނުކުތްއިރު އަޒީމްއާއި އަލަމް މަގުމަތީގައި ޔޫނާ ހިފަހައްޓައިގެން ތިއްބެވެ. އެމީހުން ޔޫނާގެ މޫނުގައި އަޅާފައިއޮތް ސްކާފް ދަމައިގަތެވެ.

” އާނ…މީދޯ ނިންޖާ ޓާރޓަލްގެ އަސްލު ސިފަޔަކީ…..ކޮބާ އެބޭބީ ޝެލީ…ޔަގީން ވާނެ މިތާތާކަށްވަދެ ފިލާ….ބުނޭ ކޮބާޝެލީ…..ކޮންމެތާކަށްވަދެ ފިލިޔަސް މިޔަދަކު ސަލާމަތެއް ނުވާނެ….އަދި އަތުނުވާނެކަމަށް ވަރަށް ދުވެފިއެއްނު….” އަޒީމް ޔޫނާގެ ކޯޓްވެސް ބޭލުވުމަށްފަހު ކުލައިން ފެންވަރުވާލިއެވެ. އޭރު އަލަމް ކޮޅުކޮޅަށް ލޯހިންގަމުން ދިޔައީ އަހަރެން ފެނޭތޯއެވެ. އަލަމްއަށް ފެނުމުގެ ކުރިން އަހަރެން އަވަސް އަވަހަށް އައިސް އަނެއްކާވެސް ކުރިން ފިލާއިންތަނަށް ވަދެފިލީމެވެ. އަހަރެން ހީކުރީ އަލަމްއަށް އަހަރެން ފެންނާނެ ކަމަށެވެ. ނަމަވެސް އިރުކޮޅަކުން އެމީހުން ދިޔައެވެ.

އަހަރެން ފިލާއިންނަތާ އެތައްއިރެއްފަހުން، ފަތްތަކުމަތިން މީހަކު ހިނގާފަ އަންނަކަހަލަ އަޑެއް އިވުނެވެ. އަހަރެން ސިއްރު ސިއްރުން ބަލާލިއިރު ކުކުޅެއް އޭގެ ޅަދަރީންތައް ގޮވައިގެން ހޮވާކަމުން އަންނަނީއެވެ. އެއީ އަލަމްމެން ނޫންކަން އެނގުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މާގިނައިރެއްނުވެ ބަޔަކު ވާހަކަ ދައްކަމުން އަންނައަޑު އިވުނެވެ.

“މަށަށް ހަމަޔަޤީން އެބޭބީ ޝެލީވާނީ މިގޯތިތެރޭގަކަން….އެޔޫނާ އެހެދީދޮގު….މާމަގެޔަކުވެސް ނެތެއްނު ޝެލީއެއް…” އަޒީމްގެ އަޑުއިވުނެވެ.

” ހޫމް މަށަށްވެސް ހީވަނީ މިތާހެން ވާނީ…..އެކުއްޖާގަނޑު ވަރަށް މޮޅުވާނެ ތަންތަނަށްވަދެ ފިލާހުންނަން….އެކަމް ބުނަން އަޒީމް….ޝެލީއަށް ބޭބީޝެލީ ނުކިޔާތި…..އެއީ ކަލޭގެ ވާންއުޅޭ ފަހަރިއޭ….ބޭބީކިޔާނީ ހަމައެކަނި އަހަރެން …އިޓްސް މައި ލަވްލީ ގާރލް ފުރެންޑް…އަންޑަސްޓޭންޑް؟” އަލަމް އަޒީމްއަށް އިންޒާރެއް ދިންފަދައެވެ. އަޒީމްއަކީ އަލަމްއާ ދެބެންގެ ދެދަރި ކުއްޖެކެވެ. އަލަމްގެ ވާހަކައިން އަހަރެން ގާތަށް ހިނިވެސް އައެވެ. ކެޔޮގަސްތަކުގެ ފަތްތަކުން ނިވާވެގެން އިންދައިވެސް ފެނިދާނޭ ހިތައި އަހަރެން ކެޔޮވަޅުތެރެއަށް ފައިބާ ރަނގަޅަށް ފިލީމެވެ. އަލަމްއާއި އަޒީމް ފަތްތައް މުގުރަމުން އަންނައަޑު އިވުނެވެ. އެމީހުން އަންނަން ފެށުމުން ތަންކޮޅެއް ދުރުގައި ހޮވާކާންހުރި ކުކުޅު ކުސް ކުސް ތަޅާލިއެވެ.

” އަދި މީއްޗަކަށް ހާދަވަރެއް ވެޔޭދޯ އެބަ….ހުރެބަލަ ލަނޑެއް ދޭނަން” އަލަމް އެކުކުޅާ ދިމާއަށް އަޑުލައިގަންނަމުން އޭތިފަހާ ދުއްވައިގަތެވެ. އޭތިގަތްބިރުން ކަކަ ކަކަ އަޅާފައި ހޭރިގަންނަމުން އުދުއްސައިގަތީ އަހަރެން އިންދިމާލަށެވެ. ނުވެސް ވިސްނާއިންދައި ކުއްލިއަކަށް ފަތްތަކުތެރޭން އައިސް ކުކުޅު ޖެހިގަތީ އަހަރެންގެ ބޮލަށެވެ. އޭތީގެ ފަހަތުންއައި ދަރީންތައްވެސް ވަޅުތެރެއަށް ވެއްޓިއްޖެއެވެ.

” އާތް…މަންމާ!” ކުކުޅު އަހަރެންގެ ބޮލުގައި ކޮށައިގަތުމުން އަހަރެން ހަޅޭއްލަވައިގެންފައި އިންތަނުން ތެދުވީމެވެ. އެއަޑަށް އަލަމްއާއި އަޒީމް ދުވެފައި އަހަރެން ހުރިދިމާއަށް އައެވެ. ކުކުޅު ބިރުން ވަޅުންއަރަން ފުންމަ ފުންމައިގެން ދިޔަވަރަކަށް އަހަރެންވެސް ފުންމަމުން ދިޔައީމެވެ. އަހަރެންގެ އަތުގައިހުރި ކުލަކޮތަޅުތައްވެސް ވެއްޓި، އަހަރެންގެ ފައިދަށުވެފައި ހުރިހާކޮތަޅުތަކެއް ފަޅައިގެން ހިނގައްޖެއެވެ. ކުކުޅުގެ ޅަދަރިންތައް އަހަރެންގެ ފައިދަށުވަމުން ދިޔަވަރަކަށް ކުކުޅު ރުޅިގަދަވެ ހުޅިނަގާފައި އަހަރެންނަށް ހަމަލާދޭން ފެށިއެވެ. އަހަރެން ވިއްސާރަކޯޓް ލައިފައި ނެތްނަމަ އޭތި އަހަރެންގެ މޫނާއި އިސްތަށިގަނޑު ނޮޅާލީސްކަން ކަށަވަރެވެ. އަލަމްއާއި އަޒީމް އަހަރެންނަށް އެހީވާންވެސް ނޫޅެ ބިނދި ބިނދިފައި ހެނީއެވެ. އަޒީމް ބަނޑުގައި އަތްއަޅައިގެން ފަތްތަކުމައްޗަށް ވެއްޓިއޮވެ ހެމުންދިޔައިރު އަލަމްވެސް އަތްޖަހަ ޖަހާފައި ހެނީއެވެ.

” އަލަމް….ޕްލީޒް ހެލްޕްމީ….” އެންމެފަހުން އަހަރެން ސަލާމަތަށްއެދި ގޮވީމެވެ. ވަޅު އެހާ ފުންނުވި ނަމަވެސް ކުކުޅު ހަމަލާދޭވަރުން އެއްގޮތަކަށްވެސް އަހަރެންނަށް ވަޅުން އެރޭގޮތެއް ނުވިއެވެ. އަލަމް އައިސް އަހަރެންގެ އަތުގައި ހިފައި، ވަޅުން ނެގިއިރު އަހަރެންނަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އަހަރެން ރޯންފެށުމުން އަލަމް ވަގުތުން ހުނުން ހުއްޓާލިއެވެ.

” ހެ ހެ ހެ ނިންޖާހެދިފަ އައިމީހާ ކުކުޅަކާ ފައިޓްކޮށްގެން ބަލިވީ….މަ ހީހީ ހަލާކު….ހެ ހެ ހެ” އަޒީމްއަށް ހެވޭވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

” ހޭ އަޒީމް….ސަޓަޕް  އެންޑް ގެޓް ލޮސްޓް!” އަލަމް އަޒީމްއަށް އަމުރު ކޮށްލިއެވެ. އަޒީމް ހެމުން ހެމުން ދާން ހިނގައިގަތެވެ.

” އޭތް ކުލަބާލިދީތައް މިކޮޅަށް ގެނެސްދީފަ ދޭބަލަ!” އަލަމް ގޮވާލިއެވެ. އަޒީމް ގޮސް ތަންކޮޅެއް ދުރުގައިހުރި ދެބާލިދީ ހިފައިގެން އައިސް އަލަމްގެ ގާތުގައި ބެހެއްޓިއެވެ. އެވަގުތު ދުވެފައި އެތަނުން ދިއުމަށްވެސް އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އަލަމް އަހަރެންނަށް ވުރެ ހުޝިޔާރުވާނޭކަން އެނގޭތީ ހަރަކާތެއްވެސް ނުކޮށް އެހުރިގޮތަށް ހުރީމެވެ.

” ބޭބީ…ކޮންވަހެއްތަ އެދުވަނީ…..ކުކުޅު ހަދިޔާއެއް ދިނީތަބޭބީއަށް؟” އަލަމް އަހަރެންނާ ގާތްވެލަމުން ނޭފަތަށް ގޮތެއް ހަދާލިއެވެ. ތެދެކެވެ. އަލަމް އެހެން ބުނުމުން އަހަރެންނަށް ވެސް ކުކުޅު ގުއިވަސް ދުވާހެން ހީވިއެވެ.

“ޗީޑި….ނުލަފާ ކުކުޅުގަނޑު…މަގޭކޯޓް އެހަޑިކޮށްލީ” ކޯޓަށް ކުކުޅު ސީލާފައި ހުރިތަން ފެނުމުން ފަކުރުގަތްވަރުން އަވަސް އަވަހަށް ކޯޓްބޭލުމަށްފަހު އަތުގެ ކޮޅަށް ހޫރާލީމެވެ.

” ކުކުޅަށް ހަމަ ތެންކިޔު….މަގޭ ބޭބީގެ ކޯޓްބާލާނެ ގޮތެއް ހެދީތީ..” އަހަރެން ކޯޓްބޭލުމާއެކު އަލަމް ކުލަބާލިދީއެއްނަގައި އަހަރެންގެ ބޮލަށް އޮއްސާލިއެވެ. އެވަގުތު އަހަރެންލާފައިހުރި މަޑުނޫކުލައިގެ ކުރުތާއާއި ހުދުޖީންސްގެ ކުލައެއްކޮށް ރަތްކުލައަށް ބަދަލުވެގެން ދިޔައެވެ. އަހަރެން ރުޅިއައިސްފައި އަލަމްއަށް ލޯއަޅާލުމުން ދެންހުރި ކުލަބާލިދީވެސް އަހަރެންގެ ބޮލަށް އޮއްސާލިއެވެ. ރަތާއި ފެހިކުލައިން އަހަރެންގެ ހެދުންފެވިގެން ދިޔަމަންޒަރުފެނިފައި އަލަމްގެ ތުންފަތުގައި ދުވެލީ ފަތަހައިގެ ހިނިތުންވުމެކެވެ.

“އީދް މުބާރަކް ސްވީޓްހާރޓް…..އެނގޭތަ،ތިގޮތަށް ތެމިގެން ހުންނައިރު ހާދަލޯތްބޭ ބޭބީ….ހިތަށް އަރާ ހަމަމިވަގުތުވެސް އަދަބެއް ދޭން” އަހަރެންގެ ލޯމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްކައިރިކޮށްލަމުން އަހަރެންގެ ލޮލަށް ބަލާލާފައި އަލަމް ބުންޏެވެ. އެއަޑުގައިހުރި އިޝްޤީގޮތަކުން އަހަރެން އައިސްފައިހުރި ރުޅިވެސް ވަގުތުން ފިނިވިއެވެ. ތެމިފޯވެފައިހުރި ހަށިގަނޑުއިތުރަށް ފިނިވެގެން ދިޔައެވެ.

އަލަމްއާއެކު މިހުރެވުނީ ފަޅުގެއެއްގައިކަން އެނގުމުން އަހަރެން ބިރުގަންނަ ގޮތްވިއެވެ. އެއަޑުގެ ސަބަބުން އަހަރެންނަށް މިވަރުވާއިރު، އެލާނެތް ފިރިހެނާކުރާކަމަކުން އަހަރެންގެ ހިއްސުތަކުގައި ޖަޒްބާތުގެ ހުޅުކޮޅުރޯވެދާނެއެވެ. ނޭނގިހުއްޓައި ނަފްސުވެސް އަނދައިގެން ހިނގައިދާނެއެވެ. އެހެން އެކަންވާކަށް އަހަރެން ނޭދެމެވެ. އަހަރެން ހުރީ ހިތް އަވަސްވެފައެވެ. އެތަނުން ވީހާއަވަހަކަށް ދާންބޭނުންވެފައެވެ. ކުއްލިއަކަށް އަހަރެންނާދިމާއަށް އަލަމް ގުދުވެލިއެވެ. އަހަރެންނަށް ސިހިފައި ފަހަތަށް ޖެހެވުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ތާޝާ (19ވަނަ ބައި)

Next

ވާލޯބި އެނގޭނަމަ… 20

Next
November 25, 2016

ވާލޯބި އެނގޭނަމަ… 20

Previews
November 24, 2016

ތާޝާ (19ވަނަ ބައި)

14 Comments!

  1. imagination says:
    November 24, 2016 at 11:51 pm

    woaahhhh…v reethi.. mee mihaaru mi site ga in emmme inthixaaru kurevey vaahaka <3

    1. imagination says:
      November 25, 2016 at 12:02 am

      nights guys <3

  2. Herrr says:
    November 25, 2016 at 12:20 am

    Ohhh,.. mifaharu second.. shine alhea avahah up kohlachey. ?. Mi bai ves haadha reechey… awesome. ?. V inthizaaru kureveyne

  3. Azuna says:
    November 25, 2016 at 12:49 am

    ??? nice

  4. Baby grl? says:
    November 25, 2016 at 1:06 am

    Wow haadha reehchey…keep it up…nxt part ah varah inthixaaru eba kureveyy.☺??

  5. Ju says:
    November 25, 2016 at 1:27 am

    Very nice???????? so owsome story. I love it???

  6. Aileen says:
    November 25, 2016 at 1:53 am

    Hee hee halaaku vejje v rythi mi part vess

  7. mishy says:
    November 25, 2016 at 7:12 am

    Kurin vx mi site in mi story kyn varah rythi adhi vx kiyaalan beynun

  8. Naadhee says:
    November 25, 2016 at 9:13 am

    Nice

  9. Xil says:
    November 25, 2016 at 12:30 pm

    Shine… story salhi igey… data nethyma story nukiyigen… :p
    Nice igey.. keep it up

  10. faidhaS says:
    November 25, 2016 at 3:25 pm

    mi part vv majaa, mi parts reethi Maasha ALLAH

  11. crazy says:
    November 25, 2016 at 4:05 pm

    Varah salhi ,n v majaa hee hee halaak vehjje ,huvaa badugaves rihsaaffi mihaaru .baduga oh dharifulhu ves hehnee kahneyge tholheyvarun .Thanks shine .u r v talented .

  12. Thaany says:
    November 25, 2016 at 7:45 pm

    V reethi

  13. sina says:
    July 12, 2018 at 7:57 pm

    MI EE V V V REETHHI HAMA EHAAME ASARU GADHA VAAHAKA EH MEE. DNT KNW HOWMANY TIMES I READ THIS STORY. IT MADE ME CRY A LOT

Comments are closed.

Next Episodeޝެލީން 8←


All Right Reserved!