ތާޝާ (15ވަނަ ބައި)
“ހެވޭ ކޮންމެ މީހެއްގެ ގެޔަކަސް!” މިހެން ބުނުމަށްފަހު ތާޝާ އެތެރެޔަށް ވަދެގެން ދިޔައެވެ. އަހަރެންވެސް އަވަހަށް ގެޔަށްވަދުމަށްފަހު އަވަސްވެގަތީ ފެންވަރާށެވެ.
ފެންވަރާލައިގެން އަހަރެން ނިކުތްއިރު މަންމަ ހުރީ އަހަރެންނަށް ކާން ހަދައިގެންނެވެ. ނަމަވެސް އަޅަނުލައި އަހަރެން ބޭރަށްދާން ފެށުމުން މަންމަ އަހަރެންނަށް ގޮވިއެވެ. “މާޒް ކޮންތާކަށް؟ ކައިގެންދޭ!” މަންމަ މިހެން ބުނުމުން އަހަރެން ނުކާނެ ކަމަށް ބުނެ އަވަސްވެގަތީ ތާޝާގެ ކައިރިޔަށް ދާށެވެ. އަހަރެން ދިޔައިރު ކާން ހަދައިގެން އަހަރެންގެ އިންތިޒާރުގައި ތާޝާ އިނެވެ. އަހަރެންނަށް ސިފަވަމުންދިޔައީ ފިލްމްތަކުގައި ފިރިމީހާ ވަޒީފާއިން ވަރުބަލިކަންމަތީ އަންނައިރު އަނބިމީހާ ކާންހަދައިގެން އިންތިޒާރުގައި އިންނަ މަންޒަރެވެ. އަހަރެންގެ އިޝްގީ ވިސްނުމުގައި ހުރެގެން މޭޒުދޮށުގައި އިށީންދެލީމެވެ.
“ކޯންޗެއް ހެދީ؟” އަހަރެން މިހެން އަހައިލުމުން ކާއެއްޗެހީގެ މަތީގައި އަޅައިފައި އޮތް ގޮށި ތާޝާ ހިއްލައިލިއެވެ. “މީ ތިހެދި އެއްޗަކީ؟” މޭޒުމަތީ ހުރީ ހަމައެކަނި މޭވާ ތައްޓެކެވެ. އަހަރެން ހިތުން މިއައީ ވަރަށް މީރުކޮށް ކައިލާށެވެ. އަހަރެންގެ އަނގަޔަށް ވީގޮތުން ތާޝާ ހެވިފައި އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. އަހަރެން ދެރަ ނުވަންވެގެން ތަށިން ދޮންކެޔޮވަކެއް ނަގައި ކާންފެށީމެވެ. އަހަރެން ދޮންކެޔޮ ކާންފެށުމުން ތާޝާ ބަދިގެފަރާތަށް ދިޔައެވެ. ދެން އައީ ތައްޓެއް ހިފައިގެންނެވެ. އައިސް އަހަރެން ކުރިމަތީ ބެހެއްޓިއެވެ. ތަށީގައި ހުރީ ޕާސްޓާއެވެ. އެއްކައިރީ ތަރުކާރީ ސެލެޑް ހުރިއިރު އަނެއްކައިރީ ހުރީ ޗިލީ ޗިކަންއެވެ. ކާއެއްޗެހީގެ ވަހުންވެސް އަހަރެންގެ ބަނޑު ފުރިގެން ދިޔައެވެ. އަހަރެން ކުރިމަތީ ތަށި ބެހެއްޓުމަށްފަހު ތާޝާ އަހަރެންނާއި ޖެހިގެންހުރި ގޮނޑީގައި އިށީންދެލިއެވެ. އަހަރެން ތާޝާ ކައްކައިފައި ހުރި ޕާސްޓާއިން ރަހަ ބަލައިލީމެވެ. ކުޅިކަމުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަހަރެންމީ އެހާ ކުޅިކޮށް ކާމީހެއް ނޫނެވެ. “މި ހާދަ ކުޅިއޭ!” އަހަރެން ކުޅިވެގެން ދޫ ބޭރަށް ލުމުން ތާޝާ ފެންތައްޓެއް ގެނެއްދިނެވެ. “އެކީއްވެ؟ މިރުހަކުން ކުޑަކުޑަ ތަންކޮޅެއް ލީ ވެސް!” ތާޝާ ބުނެލިއެވެ. “އަހަރެންމީ ކުޅިކޮށް ކާ މީހެއްނޫނޭ!” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. ތާޝާ ހީލިއެވެ. “ސޮރީ ދެން އިނގޭނެ! މިފަހަރު ދެން ކާލާ!” ތާޝާ ބުނެލިއެވެ.
“ނުކަންތަ؟” އަހަރެން އަހައިލީމެވެ. “މިރޭ ނެތް ކާހިތެއް!” ތާޝާ ބުނެލިއެވެ.
“އެކީއްވެ؟” އަހަރެން އަހައިލީމެވެ. “ބަނޑުހައި ނޫނީ! މީރުތަ؟” ތާޝާ މިހެން އެހުމުން އަހަރެން ވަރަށް މީރޭ ބުނެލީމެެވެ. އަހަރެން ކާތަނުގައި ނުކައި ތާޝާ ބަލަން އިނުމުން އަހަރެންނަކަށް ކެތްވާގޮތެއް ނުވިއެވެ.
“އަނގަ ދައްކަބަަލަ!” އަހަރެން ބުނެލީމެވެ. އެހެން ނަމަވެސް އެއްވެސް ހަރަކާތެއް ނުގެނެސް އަހަރެންނާއި ދިމަޔަށް ބަލަން ތާޝާ އިނީއެވެ. ދެން އަހަރެން އުލުން ޕާސްޓާ ކޮޅެއް ނަގައިފައި ތާޝާގެ އަނގަޔާއި ދިމާލަށް ދިއްކޮށްލީމެވެ. ކުޑައިރުކޮޅަކު އުލަށް ބަލާން އިނުމަށްފަހު ތާޝާ އަނގަ ހުޅުވާލިއެވެ. އަހަރެންގެ އަތުން ތާޝާ ކެއުމުން އަހަރެން ވަރަށް އުފާވިއެވެ.
“މީ ޑޭޓް ޑިނާ އެއް ދޯ!” މި މާހައުލު އަހަރެންނަށް ސިފަކުރެވުނީ ވަރަށް އިޝްގީ ގޮތަކަށެވެ. އަހަރެން އެހެން ބުނެލުމުން ތާޝާ ކުޑަކޮށް ހީލިއެވެ. ކެއުމުގެ ތެރެއިން އަހަރެން ބައެއްފަހަރު ތާޝާ އަނގަޔަށްވެސް އެތިކޮޅެއް ލަމެވެ. އުފާވެރި ވަގުތު ކޮޅަކަށްފަހު އަހަރެން ކައި ނިންމައިލީމެވެ.
“މާޒް ވާހަކައެއް ބުނަން ބޭނުން!” ތާޝާ މިހެން ބުނިއިރު އަހަރެމެން އިށީންދެލައިގެން ތިބީ ގޭގެ ސިޓިންގ ރޫމުގައިހުރި ސޯފާގައެވެ. އަހަރެން ބުނާށޭ ބުނެލީމެވެ.
“ރަށަށް ދާން ބޭނުން” ތާޝާ މިހެން ބުނެލުމުން އަހަރެން ސުވާލުގެ ނަޒަރަކުން ތާޝާގެ މޫނަށް ބަލައިލީމެވެ. “އެއީ ކީއްކުރަން؟” އަހަރެން ވަގުތުން އަހައިލީމެވެ.
“އަހަރެން އެންމެ ލޯބިވާ ދެމީހުންގެ ހާލެއްވެސް ނޭންގެ!” ތާޝާ އެއިންގޮތަށް އިނދެ ބުނެލިއެވެ. ތާޝާ އެންމެ ލޯބިވަނީ ކޮންބަޔެއް ދެކެތޯ އަހަރެންވެސް ބަލައިލަން ބޭނުމެވެ. ތާޝާގެ އާއިލާ މީހަކަށް ދުނިޔޭގައި ހުރީ އޭނަގެ މާމައާއި ބައްޕައެވެ. ނަމަވެސް ބައްޕަ ދެކެ ތާޝާ ވަރަށް ރުޅިއާދެއެވެ. އަނެއްކާ ތާޝާގެ ލޯބިވެރިއެއް ހުންނަނީ ހެއްޔެވެ؟ އެކަމަކު އަހަރެންގެ ވާހަކަ ތާޝާގެ ނޯޓު ފޮތުގައި ލިޔެފައިވަނީ ނުހަނު އިޝްގީ ނަޒަރަކުންނެވެ.
“އެއީ ކޮން ދެމީހުންނެއް؟” އަހަރެން ކުޑަކޮށް ވިސްނާލުމަށްފަހު އަހަރެން އަހައިލީމެވެ.
“މާމަ އާއި އަމާން!” ވަގުތުން ތާޝާ ބުނެލިއެވެ. “އަމާން؟” އަހަރެން ސުވާލުގެ ނަޒަރަކުން އަހައިލީމެވެ. އެއީ ތާޝާގެ ބައިވެރިޔާ ހެއްޔެވެ؟ އެކަމަކު ކުރީގައި ތާޝާ އެކަހަލަ ވާހަކައެއް ދައްކާފައެއްނެތެވެ.
“އެއީ އަހަރެންގެ ލޯބިރެރިޔާ!” ސީދާ އަހަރެންގެ ލޮލަށް ބަލަން އިނދެފައި ތާޝާ ބުނެލިއެވެ. ވަގުތުން އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތް ތެޅެން ފެށީ އިންތިހާޔަށް ބާރަށެވެ.
“ކީއްވެ ފާޑަކަށް ތި ބަލަނީ؟” ތާޝާ ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އަަހަރެން ވަރަށް ސަކަރާތް ވެއްޖެއެވެ. ދެންމެ އިވުނު ވާހަކައަކުން އަހަރެން އެކަނިވެލަން ބޭނުންވިއެވެ. އަހަރެން ހިތުން ތާޝާ ލޯބިވަނީ އަހަރެން ދެކެއެވެ. ނަމަވެސް ކަންތައްވެެގެން މިދިޔައީ މުޅިން އެހެން ގޮތަކަށެވެ.
“އަހަރެން އަންނާނަން މާދަން” މިހެން ބުނުމަށްފަހު އަހަރެން ދާން ހިނގައިގަތީމެވެ. އަހަރެން ބޭނުމީ ތާޝާގެ ކުރިމަތިން މިވަގުތު ދާށެވެ. އަހަރެންގެ އިހުސާސަތައް ކޮޅުންލައިގެންގޮސް ތާޝާގެ ކުރިމަތީ މުޅިން ބަލިކަށިވެދާނެއެވެ. ނަމަވެސް ތެދުވެގެން އަހަރެންނަށް އެޅުނީ އެންމެ ތިން ފިޔަވަޅެވެ. ތާޝާ އަހަރެންގެ އަތުގައި ހިފާ ހުއްޓުވިއެވެ. “އަމާން އަކީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް… މާޒްއަށް ފެނިފަ ހުންނާނިވެސް….” ތާޝާ މިހެން ބުނެލުމުން އަހަރެން ފަހަތައް އެނބުރެލީމެވެ. “ކާކު؟” އަހަރެންނަކަށް ނުވިސްނުނެވެ. “އެއީ އަހަރެންގެ ގެޔާ ޖެހިގެން ހުންނަގޭގަ އުޅޭ 7 އަހަރުގެ ކުއްޖެއް!” އެހާ ހިސާބުން އަހަރެންނަށް އަމާން އިނގިއްޖެއެވެ. އެއީ އަހަރެންނަށް ތާޝާގެ ނަން ފުރަތަމަ އިއްވައިދިން ކުޑަ ފިރިހެން ކުއްޖާއެވެ. އިނާޝާވެސް ވަނީ ތާޝާ ވާހަކަ ދައްކާ ހަދަނީ ކުޑަ ފިރިހެން ކުއްޖަކާކަން އަހަރެން ކައިރީ ބުނެފައެވެ. އަހަރެންނަށް ވަގުތުން ހީގަނެވުނެވެ. އަހަރެންގެ މޮޔަކަމުންނެވެ. ތާޝާއާއި ދޭތެރޭ ވިސްނުނު ގޮތް ގޯސްކަމުން އަހަރެން އަމިއްލަ ނަފްސަށް މަލާމަތް ކޮށްލީމެވެ.
“ތާޝާ” އަހަރެންނާއި ތާޝާވެސް ސިއްސައިގެންދިޔައީ ފަހަތުން އިވުން ބަރު އަޑަކުންނެވެ. އަހަރެމެން ދެމީހުންވެސް އަވަސް އަވަހަށް ފަހަތް ބަލައިލީމެވެ. ދެލޯ ދޮންކޮށްގެން އަހަރެމެންނަށް ބަލަންހުރި ތާޝާގެ ބައްޕަ ފެނުމުން އަހަރެންވެސް ކުޑަކޮށް ބިރުގަތެވެ. ތާޝާގެ ބައްޕަ ހުރީ ދަބަހެއް ކޮނޑުގައި އަޅުވައިގެން ކަމުން އޭނާ އެއައީ ދެންމެ ލަފައިގެންކަން އިގުނެވެ. ތާޝާ ވަގުތުން އަހަރެންގެ އަތުން ދޫކޮށްލުމަށްފަހު ފަހަތަށް ޖެހިލިއެވެ. ތާޝާގެ މޫނުމަތިން އަހަރެންނަށް ފެނުނީ ބިރުވެރިކަމާއި ހާސްކަމެވެ.
“ކަލޭ ތާޝާ ހޯދަމުން މިގެޔަށްވެސް އައީތަ؟” ވަދެގެން އައި ގޮތަށް ތާޝާގެ ބައްޕަ އަހަރެންނަށް އަމާޒުކޮށް ބުނެލިއެވެ. އަދި އަޅުވައިފައި ހުރި ދަބަސް ތިރީގައި ބެހެއްޓުމަށްފަހު އަހަރެންގެ ކުރިމައްޗަށް އެރިއެވެ.
“މީ އަހަރެންގެ ވެސް ގެ” ޖެހިލުން ކުޑަ ގޮތަކަށް އަހަރެން ބުނެލީމެވެ.
“މި ކަލޭގެ ގެ؟” ފާޑަކަށް އަތް ހޫރާލަމުން އަނެއްކާވެސް ތާޝާގެ ބައްޕަ އަހައިލިއެވެ. އެ ރަތް ބޮޑު ދެލޯ ފެނިފައި އަހަރެން ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. ނަމަވެސް އަހަރެން ދިޔައީ އަހަރެންގެ ނުތަނަވަސްކަން ފޮރުވަމުން ހަމަޖެހޭ ގޮތް ދައްކަމުންނެވެ. އެއިރުވެސް ތާޝާ ފަހަތުގައި ބަލަންހުރީ ފިސާރި ބިރުންނެވެ.
“މިތާ ކުރިމަތީ އެހުރީ އަހަރެންގެ ގެ!” އަހަރެން ބުނެލީ ވަރަށް މަޑުންނެވެ.
“އިލްޔާސް ނެތީމަ ކަލޭވެސް ހިލޭ ފިރިހެނުން ވައްދައިގެން ކީއްތިކުރަނީ؟” މިފަހަރު ތާޝާގެ ބައްޕަ ހަޅޭތްލަވައިގަތީ ތާޝާއާއި ދިމާލަށެވެ. ސިހިފައި ތާޝާ ކުޑަކޮށް ފަހަތަށް ޖެހިލި މަންޒަރު އަހަރެން ވަރަށް ކައިރިން ދުށީމެވެ. “އަނގަ ބަންދުވީތަ؟” އަނެއްކާވެސް އެމީހާ ބުނެލިއެވެ.
“އަހަރެން ހިތައްއަރާ އަނގަ މަތީ ޖަހަންވެސް…” މިހެން ބުނުމަށްފަހު ތާޝާގެ ބައްޕަ ސޯފާ މައްޗައް ވެއްޓިގަތެވެ. އަދި އަހަރެންނާއި ދިމާލަށް ބަލަން ހުއްޓެވެ.
“ކަލޭ ކޯންޗެއް ތި ބަލަނީ؟ ދޭ ހަމަ މިހާރު މިގެއިން!” އަހަރެންނާއި ދިމާލަށް އަތް ދިއްކޮށްލަމުން ތާޝާގެ ބައްޕަ ބުނެލިއެވެ. އަމުރުކޮށްލިއިރު ހީވީ އޭނަގެ އަމިއްލަ ގެ ހެންނެވެ. އަހަރެން އެއްފަހަރު ތާޝާގެ މޫނަށް، އަނެއްފަހަރު ތާޝާގެ ބައްޕަގެ މޫނަށް ބަލައިލުމަށްފަހު ލަސް ފިޔަވަޅުތަކެއް ނަގަމުން އެގެއިން ނިކުމެގެން ގެޔަށް އައީމެވެ. އެއީ ހާދަ ބޮޑާ މީހެކެވެ. ރީތިކޮށް އަނގައިން ބަހެއްވެސް ބޭރެއް ނުވެއެވެ. އަހަރެން ހުރީ ވަރަށް ރުޅިއައިސްފައެވެ.
ނިދަން އޮތްއިރުވެސް އަހަރެންނަށް ވިސްނެމުންދިޔައީ ތާޝާއާއި ދޭތެރޭއެވެ. ތާޝާގެ ބައްޕަ މިރޭ ތާޝާއަށް ކަމެއް ނުކުރިއްޔާ ރަގަޅެވެ. އަނެއްކާ އެއައީ ތާޝާ ބަލާ ހެއްޔެވެ؟ އެހެންކަމަށް ވިއްޔާ އަނެއްކާ އަހަރެންނަށް ތާޝާ ގެއްލޭނެއެވެ. ނޫނެކެވެ. ދެން އަހަރެންނާއި ދުރަށް ތާޝާ އަކަށް ނުދެވޭނެއެވެ. މިކަހަލަ ހިޔާލުތަކެއްގައި އޮވެގެން އަހަރެންނަށް ނިދުން އިރެއްވެސް ނޭންގެއެވެ.
އޭގެ އަނެއްދުވަހު އަހަރެން އޮފީހަށް ދިއުމުން އެނގުނީ މާދަން އޮފީސް ދަތުރަކު ލަންކާއަށް ދާންޖެހޭ ކަމެވެ. ކުރީގައި މިގޮތައް ލިބޭ ދަތުރުތަކުގައި އަހަރެން ބައިވެރިވަނީ ވަރަށް އުފަލުންނެވެ. ވަރަށް ދާހިތުންނެވެ. މިހެން ކުރާ ދަތުރުތަކުގައި އެތައް ކަމެއް ތަޖުރިބާ ކުރެވިގެންދެއެވެ. އަދި އެކީގައި މަސައްކަތްކުރާ ކުދިންނާއި އެކީ މަޖާ ވަގުތުތައް ހޭދަކުރެވެއެވެ. ނަމަވެސް މިފަހަރު އަހަރެން ހަމަ އެއްގޮތަކަށްވެސް ދާހިތެއްނެތެވެ. ތާޝާ އަހަރެންގެ ހަޔާތައް އައިފަހުން ވަރަށް ގިނަ ކަންތައްތަކާ އަަހަރެންނަށް ދުރުހެލި ވެވިއްޖެއެވެ. އަހަރެންނަކީ އަބަދުވެސް އޮފީސް ގަޑީގައި ނޫނީ ރައްޓެހިންނާއި އެކީ ބޭރުގައި އުޅޭ މީހެކެވެ. ނަމަވެސް މިހާރަކަށް އައިސް ހުސްވަގުތެއް ހަމަ ލިބޭއިރަށް އަހަރެންނަށް ދެވެނީ ތާޝާގެ ކައިރިއަށެވެ. އަހަރެން ވަރަށް ބޮޑަށް ބަދަލުވެފައިވާ ވާހަކަ ވަރަށް ގިނަ އެކުވެރިން ބުނެއެވެ. ލޯބީގެ ބަލީގައި ޖެހިއްޖެނަމަ މިކަހަލަ ކަންތައްތަކާވެސް ކުރިމަތިވާނެތާއެވެ. ދަތުރަށް އިންކާރު ކުރާނެ ރަގަޅު އުޒުރެއްވެސް ނެތެވެ. މަޖުބޫރުން އަހަރެންގެ ހިތާއި ދެކޮޅަށް އަހަރެންނަށް ޖެހުނީ މިދަތުރު ދާށެވެ.
ބަރާބަރު ދެހަފްތާ ފަހުން އަހަރެން ހުރީ މާލޭގައެވެ. ދެހަފްތާ ފަހުން ތާޝާ ދެކިލުމަށް އަހަރެން ހުރީ ވަރަށް ބޭނުންވެފައެވެ. ލަންކާގައި ހުރިއިރުވެސް ތާޝާ މަތިން ހަނދާންވާ ވަރުން އަހަރެންނަށް ރަގަޅަށް ނުވެސް ނިދެއެވެ. ގެޔަށް އާދެވުނީ އެދުވަހު މެންދުރުއެވެ. ގެޔަށް އައިސް ފެންވަރާލައިގެން ނިކުތްއިރު މަންމަހުރީ ވަރުގަދަޔަށް ކައްކާފައި އަހަރެންނަށް ކާން ހަދާފައެވެ.
“ނަމާދު ކުރީތަ؟” އަހަރެން ކާގެޔަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކީ ބައްޕަ ބުނެލިއެވެ. ވަގުތުން އަހަރެން އިތުރު ބަހެއްވެސް ނުބުނެ ކޮޓަރިޔާއި ދިމާލަށް ހިނގައިގަތީ އަވަހަށް ނަމާދު ކުރާށެވެ. ނަމާދުކޮށްގެން އަަހަރެން ނިކުތްއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އަހަރެން ކައިގެން އަވަސްވެގަތީ ތާޝާ ދެކިލުމަށް އެގެޔަށް ދާށެވެ. ދިއުމުގެ ކުރިން އަހަރެން ކޮޓަރިޔަށްވަދެ ތާޝާއަށް ގެނައި ޕާރުސަލެއް ނެގީމެވެ. އެ ހިފައިގެން އަހަރެން ބާރުބާރަށް ހިނގައިފައި އިލްޔާސްމެން ގޭގެ ދޮރު ހުޅުވައިލީމެވެ. ނަމަވެސް ގޭތެރެއިން އަހަރެންނަށް ފެނުނީ ފަޅުކަމެވެ. އަހަރެން ހައިރާންވީ އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައިވާ ކުޝަންތައް ފެނުނީމައެވެ. ހުރިހާ އެއްޗެއް ހުރީ ތަޅަންމަތީއެވެ. އެތެރެޔަށް ވަންނަން އެޅި ފިޔަވަޅާއިއެކު އަހަރެން ފެއްސުނީ ތިރީގައި އޮތް ފެންބޯ ތައްޓެއްގައި ފެއްސިފައެވެ. ޔަގީނުންވެސް މިގޭގައި ކަންތައްގަނޑެއް ހިނގައިފިއެވެ. އަހަރެންގެ ތާޝާ ކޮބައި ހެއްޔެވެ؟ ދުވަލާފައި އަހަރެން ގޮސް ތާޝާގެ ކޮޓަރި ހުޅުވައިލީމެވެ. އަނެއްކާވެސް އަހަރެން ހައިރާންވެގެން ދިޔައެވެ. ތާޝާގެ ހުރިހާ ރީތިވާ ސާމާނެއް މިހުރީ ތަޅަން މަތީއެވެ. އެނދުމަތީގެ ބެޑްޝީޓް ވެސް އޮތީ ގުޅަ ކޮށްލާފައެވެ. ބަޔެއް ބާލީސް ތަޅަންމަތީ ހުއްޓެވެ. “ތާޝާ” އަހަރެން އަޑުގެ ނެތް ކޮޅަށް ގޮވައިލީމެވެ. ނަމަވެސް އެއްވެސް ދިމާލަކުން އަޑެއް ނީވެއެވެ. ދެން އަހަރެންގެ ސަމާލިކަން ދިޔައީ ފާހާނާެއިން އިވޭ އަޑަކަށެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެން ފާހާނާ ހުޅުވައިލީމެވެ. ނަމަވެސް އެއްވެސް މީހެއްނެތެވެ. އަހަރެންނަށް އިވުނީ އިސްކުރަކުން ފެން ބޮކި ޖަހާ އަޑެވެ. މުޅިގެ ބަލާ ފާސްކުރި އިރުވެސް އަހަރެންނަކަށް ތާޝާއެއް ނުފެނުނެވެ. ތާޝާގެ އަލަމާރި ހުޅުވައިލިއިރު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ ލެޕްޓޮޕާއި ހެޑްސެޓެވެ. އޭއްޗިއްސާއި ޕާރްސަލް ހިފައިގެން އަހަރެންގެ ގެޔަށް އައީ ތާޝާގެ އެއްވެސް ހިލަމެއް ނުވުމުންނެވެ. އަހަރެން ވަރަށް ހާސްވާ ގޮތްވިއެވެ. އިންތިހާޔަށް ދެރަވެސްވިއެވެ. އަހަރެން ހީކުރި ގޮތައް ކަންތައްވެގެން ދިއުމުންނެވެ. އަނެއްކާވެސް އަހަރެންނަށް ތާޝާ ގެއްލުނީއެވެ. ހޯދަން ދާނީވެސް ކޮންތާކަށް ހެއްޔެވެ؟ ތާޝާގެ ބައްޕަ އޭނަ ގެންދިޔައީ ހެއްޔެވެ؟ ތާޝާ ރަށަށްވެސް ހަމަ ހިނގައިދާނެއެވެ. އަހަރެން ވަގުތުން އިނާޝާއަށް ގުޅައިލީމެވެ.
“ޒާމަނަކަށްފަހު ގުޅައިފި މީހަކު” އަހަރެން ގުޅުމުން އިނާޝާ ފުރަތަމަވެސް ބުނެލީ މިހެންނެވެ. އަހަރެން އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ވެގެން އުޅޭ ގޮތް ކިޔައިދިނީމެވެ. އަދި ރަށުގައި ތާޝާ އުޅޭތޯ ބަލައި ދިނުމަށްވެސް އެދުނެވެ. ވަގުތަކީ ހަވީރު ވަގުތު ކަމުން ހަމަ މިހާރު ގޮނޑު ދޮށަށްގޮސް ތާޝާ އެތާންގައި އިންތޯ ބަލައިދިނުމަށް އަހަރެން އެދުނީމެވެ.
“ކާމް ޑައުން ބަޑީ! އަހަރެން އެބަދަން ބަލާލަން އެތާ އިންތޯ!” އަހަރެން ހާސްވެފައި ހުރި މިންވަރު އިނާޝާއަށް ވެސް އިހުސާސް ކުރެވޭނެއެވެ. އިނާޝާ ގޮނޑު ދޮށަށް ދާން ހިނގައިގަތީ އަހަރެންނަށް ގުޅައިގެން ހުރެގެންނެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ތާޝާ ފެނެއްޖެނަމަ އަހަރެން މިހުރީ މިހާރުވެސް ފުރައިގެން އެރަށަށް ދާން ތައްޔާރަށެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Vv reethi next part koniraku
Me first hama varah nice
Wow amazing ekam thaashaa ethanuga innaanebaa thaashaage dad ehenfirihenakah aneffaharu thaashaa vikkaaly eh noontha poor thaashaa alhe ehennahadhaa dhen thaashaa ah eyna avves ufaa libenjeheyne dhw ufaa hagguvaane dhw
V v v v v reethi…
Warah reethi mi bai vs. Avahah upload kohdhehchey..
Wow. waiting for next part.
Thaasha ah adhi ufaaverikan libeyne insha allah. Thank you all❤❤
varah salhi
Ifaauu thaashaa ah ehn nuhadhabalaa? maaz fakeeruves abadhu aulheny thaashaa gehligen…vaahaka v reethi.
Haadha kadaey dhw dhe hafthaa ah beyrah dhiya iruves angaaves nulaa