Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެފިނިމެންދަން 13

Shine Level 6100 Stories10 Stories100 Comments100 Login
October 29, 2016 8 Mins Read
18 Comments

އިޝާން ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކީ ހުއްޓެން މަޖުބޫރުވީ ނީލާގެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އެއަޑު އަންނަނީ އަނިލްގެ ކޮޓަރިންނެވެ.

” ނީލާ ޕްލީޒް ނުރޮއެ ހުއްޓާލަބަލަ!…..ތިގޮތަށް ނެގެޓިވްކޮށް ނުވިސްނަބަލަ!…..މިކައިވެނި ސައްޚަނޫން ކަމުގަވިޔަސް ނީލާ ބިރުގަންނާކަށް ނުޖެހޭނެ…..އަހަރެންގެ ފަރާތުން ނީލާއަކަށް އެއްވެސް އުނދަގުލެއް ނުފޯރާނެ…..ނީލާވިހެއުމުން އަލުން އަހަރެމެންނަށް ސައްޚަގޮތުގަ ކައިވެނިވެސް ކުރެވިދާނެ އެއްނު!…..ކާކަށް އެނގޭނީ….އޭރުން ހުރިހާ ކަމެއް ހައްލުވީނުން” ވަރަށް ލޯބިން އަނިލް ނީލާއަށް ވިސްނައިދިނެވެ. އެހަމަހިމޭން ވަގުތުގައި އަނިލް ދެއްކި ހުރިހާ ވާހަކައެއް ވަރަށް ސާފުކޮށް އިޝާންއަށް އަޑުއިވުނެވެ. ނަމަވެސް އެދެއްކި ވާހަކަތައް މުޅިއެކުން އޭނާއަށް ދޭހައެއް ނުވިއެވެ.

” އެކަމު…އެކަމު…މީ އަނިލްގެ ދަރިއެއް ނޫނެއްނު!…..ނޭނގެމީ ކާކުގެ ދަރިއެއްކަމެއްވެސް…..އެނުލަފާމީހަކު އަހަރެންގެ ދިރިއުޅުން ހަލާލުކޮށްލައިފި…..އެކަމަކު ބައެއްފަހަރު އަހަރެން ހިތަށް އަރަނީ އަނިލް ކީއްވެބާއޭ އަހަރެންނާ ތިކައިވެނިކުރީ…..އަނެއްކާ އަނިލް….” ޖުމްލަ ފުރިހަމަ ނުކޮށް ނީލާހުއްޓާލިއެވެ.

” ކީކޭތަ ނީލާ ބުނަން ތިއުޅެނީ……އަހަރެންނަށްވެސް ނީލާ ޝައްކުކުރީތަ….” ދެރަވެފައި އަނިލް އަހާލިއެވެ.

” އާނ! އަހަރެންނަކަށް ނޭނގެ އިތުބާރު ކުރާނެ މީހެއް…..އަނިލްއަކަށްވެސް އަހަރެންނަކަށް އިތުބާރެއް ނުކުރެވޭ…..އަހަރެންނަށް ކިހިނެއް އެނގެނީ އަނިލްވެސް…”

” ހުއްޓާލާ!…..އަހަރެން ހިޔެއްނުކުރަން ނީލާ އަހަރެންނާމެދު ތިފަދަގޮތަކަށް ވިސްނަފާނެކަމަކަށް…..އަހަރެން ނީލާދެކެވީ ހަޤީޤީލޯބި….ނީލާއަށް އޮޅުވާލައިގެން ނޫނީ ސިހުރުހަދައިގެން ނީލާގެ ފަރާތުން އުފާހޯދަން އަހަރެން މަސައްކަތްކުރަންވީ ކީއްވެ…..އަހަރެންނަކީ ފިރިހެނެއް….އަހަރެން ކަންތައްކުރާނީ ފިރިހެނުން ކަންތައްކުރާގޮތަށް……ނީލާ ހަމަހޭގާ ހުއްޓާވެސް ނީލާގެ ފަރާތުން ނުރުހުމުގާ އުފާހޯދުމަކީ އަހަރެންނަށް މާބޮޑުކަމެއްނޫން……އަހަރެން ގަދަކަމުން ކަމެއްކުރަން އުޅެފިއްޔާ ނީލާ ކިތަންމެ ހިތްވަރެއްކުރިޔަސް ނުހުއްޓުވޭނެކަން ޔަގީން…..އެކަމަކު އަހަރެންނަކީ އެއްއިރެއްގަވެސް މީހުންގެ ހައްޤުތަކަށް ނުހައްޤުން އަރާނެމީހެއްނޫން….” އަނިލްގެ އަޑުގައި ނުރުހުމާއި ހިތާމައިގެ އަސަރު އެކުލެވިގެން ވެއެވެ. އަނިލް ވާހަކަ ދައްކަމުން ދިޔަވަރަކަށް ނީލާ ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. އަނިލްއާ ދިމާއަށް ކިޔުނު އެއްޗެހީގެ ސަބަބުން އޭނާއިނީ އިންތިހާއަށް ދެރަވެ ލަދުގަނެފައެވެ. އަނިލް ނީލާގެ ބޮލުގައި ފިރުމާލަމުން ނީލާ ހުއްޓުވަން މަސައްކަތް ކުރިއެވެ.

އެމީހުންގެ ވާހަކަތައް އަޑުއަހަމުން ދިޔަ އިޝާންއަށް މަޑުމަޑުން ކަންތައްތައް ރޭކާލާން ފެށިއެވެ. ނީލާ ބަނޑުބޮޑުވީ ހެއްޔެވެ؟ ނީލާ ބަލިވެއިނީ އޭނާގެ ދަރިޔަކަށް ހެއްޔެވެ؟ ސުބުޙާނަﷲއެވެ! މިވީ ކިހިނެއް ހެއްޔެވެ؟ ނީލާއަށް އަނިލްއާ ކައިވެނިކުރަން މަޖުބޫރުވީ އެސަބަބާއި ހުރެ ހެއްޔެވެ؟ ނީލާއަށް މީހަކު ސިހުރުހެދިކަމާއި އެމީހަކު އޭނާއާ ގުޅުން ހިންގިކަންވެސް އަނިލްއަށް އެވަނީ އެނގިފައިތާއެވެ. އަނިލް ކައިވެނި އެކުރީ ހުރިހާކަމެއް އެނގިހުރެ ހެއްޔެވެ؟  ކުއްލިއަކަށް އިޝާންގެ ސިކުނޑީގައި ހައިޖާނެއް އުފެދި ބޮލަށް  އެނބުރުން އަރާގޮތްވިއެވެ. ކައިރީގައިހުރީ ސޯފާގައި އޭނާ އަވަހަށް އިށީނެވެ.

ދެލޯމަރައިގެން އިނދެ އިޝާން ވިސްނަމުން ދިޔައެވެ. މިހުރިހާ ދުވަހު ޖަވާބު ނުލިބިގެން އުޅުނު ސުވާލުގެ ޖަވާބު މިރޭ އޭނާއަށް ލިބިއްޖެއެވެ. ނަމަވެސް މިހާރު ވަގުތު މިވަނީ ފާއިތުވެފައެވެ. ނީލާ އަނިލްއާ ކައިވެނިކުރަން ބޭނުންވި ހަޤީޤީ ސަބަބު އެނގުމުން އިޝާންއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެކަމުގެ ހަޤީޤީ ކުށްވެރިއަކީ އޭނާކަމުގައި ގަބޫލު ކުރެވުނެވެ. މިއަދު ނީލާ އެކުރާ ހިތާމައިގެ އަސްލަކީވެސް އޭނާއެވެ. އެރޭ އިޝާންއަށް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވުނު ނަމަ މިއަދު މިގޮތަށް ކަންތައްވާކަށް ނުޖެހުނީހެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. އަނިލްއާއި ނީލާގެ ކައިވެނި އެވަނީ ކުރެވިފައެވެ. އެއީ ސައްޚަނޫން ކައިވެންޏެއް ކަމުގައި ވީނަމަވެސް ދުނިޔޭގެ ނަޒަރުގައި މިހާރު އެއީ ދެމަފިރިންނެވެ. ނީލާ ވިހެއުމުން ސައްޚަގޮތުގައި ކައިވެނި ކުރަންވެސް އަނިލް އެވަނީ ވިސްނާފައެވެ.

ނީލާގެ ހަޤީޤަތް އެނގިހުރެ އަނިލް ކައިވެނިކުރުމުންވެސް ދޭހަކޮށްދެނީ، އަނިލްވެސް ނީލާދެކެ އިންތިހާއަށް ލޯބިވާކަމެވެ. އަދި އެއްވެސް ހާލެއްގައި ނީލާ ދޫކޮށްލަން ބޭނުން ނުވާކަމެވެ. އަނިލްގެ ރަނގަޅުކަމަށް ހިތާހިތުން އިޝާންއަށް ތައުރީފު ކުރެވުނެވެ. ނަމަވެސް ނީލާއަކީ އަނިލްގެ މިލްކަކަށް ވާކަށް ދުވަހަކުވެސް އިޝާންގެ ހިތެއް ނޭދެއެވެ. މާކުރިއްސުރެ އެލޯތްބަކީ އިޝާންގެ ހައްޤެއްކަމުގައި އޭނާވަނީ ނިންމާފައެވެ. އަދި މިރޭ މިއެނގުނު ހަޤީޤަތުގެ ސަބަބުން ކުރިޔަށްވުރެވެސް ބޮޑަށް ނީލާއަށްޓަކައި އެހިތުގައި ލޯބިއިތުރު ވެއްޖެއެވެ. ނީލާގެ ރަހިމުގައި އުފެދިބޮޑުވަމުން އެއަންނަނީ އޭނާގެ ލެޔެއެވެ. އެދަރިފުޅަކީ އޭނާގެ ހައްޤަކަށް ވީފަދައިން ނީލާއަކީވެސް ހަމައެކަނި އޭނާގެ ހައްޤެކެވެ. އަނިލްއާއި ނީލާގެ މެދުގައި އެއްވެސް ގުޅުމެއް ނެތެވެ. އެއީ އެއްވެސް އަސްލެއް ނެތް ކައިވެންޏެކެވެ.

ކުއްލިއަކަށް އިޝާންގެ ހިތުގައި އުފާވެރިކަމެއް ހިނގައިގަތެވެ. އޭނާގެ ނާއުއްމީދުވެފައިވާ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވެއްޖެއެވެ. އަދިވެސް ނީލާ އޭނާގެ މިލްކަކަށް ހެދިދާނެ ކަމުގައި އޭނާގެ ހިތްބުނަމުން ދިޔައެވެ. އިޝާން މަޑުމަޑުން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެއެވެ. އޭނާގެ ސިކުނޑީގައި އުފެދުނު ހައިޖާނު މަޑުވެ ހިތަށް ފިނިކަން ލިބިއްޖެއެވެ. ފެންވަރާލައިގެން އައިސް އެނދުގައި އޮށޯތްއިރު އެމޫނުގައި އެއްވެސް ހާސްކަމެއް ނެތެވެ.

އަނިލް ނީލާއަށް އެކިގޮތްގޮތުން ވިސްނައިދީގެން ނީލާ ހަމަޔަކަށް އެޅުވިއެވެ. ނީލާ ރުއިން ހުއްޓާލުމަށްފަހު ފާޚާނާއަށްވަދެ ހެދުން ބަދަލުކުރިއެވެ. ނަމަވެސް ގޭގައި އުޅޭއިރު ލައިއުޅޭ ކަހަލަ ނިދާހެދުމެއް ލާކަށް އޭނާއަކަށް ނުކެރުނެވެ. ކިތަންމެ އުނދަގޫވިޔަސް އަނިލްގެ ކުރިމަތީ ބުރުގާވެސް ނަގާކަށް އޭނާގެ ހިތެއް ނޭދުނެވެ. އެހެންކަމުން، ދިގުކޮށްހުރި އާދައިގެ ހެދުމެއްލައި، ބާބުރުގާއެއް އަޅައިގެން ނީލާ ފާޚާނާއިން ނުކުތެވެ. އޭރު އަނިލްއޮތީ ހެދުން ބަދަލުކޮށް، މުށިތަކުމަތީ ރަޖައެއް އަޅައިގެން އޮށޯވެއެވެ. އަނިލްގެ އަމިއްލަ ކޮޓަރީގެ ތަޅުންމަތީ އޭނާ ނިދަން އޮތްތަން ފެނުމުން ނީލާ ދެރަވިއެވެ. ނަމަވެސް އަނިލް ލޯމަރައިގެން އޮތުމުން އެއްޗެއް ބުނާކަށްވެސް ނީލާއަކަށް ނުކެރުނެވެ.

ނީލާ މަޑުމަޑުން އައިސް އެނދުގައި އޮށޯތެވެ. ދެލޯމަރައިގެން އޮތްނަމަވެސް އަނިލް އޮތީ ނިދާފައެއް ނޫނެވެ. އޭނާގެ ހިތްވަނީ ނުތަނަސްވެފައެވެ. ހިތުގައި ހިނގާ އުދާސްތައް ނުހަނުގިނައެވެ. އޭނާ އެންމެ ހިތްއެދޭ ކުއްޖާ މިރޭ އެއޮތީ އޭނާއާ އެއްކޮޓަރީގައެވެ. އޭނާގެ އަނބިމީހާގެ ނަމުގައެވެ. ނަމަވެސް ހިތާމައަކީ އެއީ އޭނާގެ މިލްކަކަށް ނުވީކަމެވެ. އެއީ އަދިވެސް އޭނާއަށް ހިލޭމީހެކެވެ. މިއަށްވުރެ ވަކީން ހިތްދަތި މަރުހަލާއެއް ދިރިއުޅުމުގައި އަތުވެދާނެ ހެއްޔެވެ. އެލޯބި އަންހެން ކުއްޖާ ފެންނަހިސާބުގައި އޮވެ، އަތްލުމުގެ ހައްޤުވެސް އޭނާއަކަށް ނެތެވެ. ނީލާއާއެކު ސައްޚަ ކައިވެންޏެއް ކުރެވުނުނަމަ މިރޭ އޭނާ ކިހާ އުފާވީސް ހެއްޔެވެ؟ ނަމަވެސް ކަންހިނގާނި ތަޤުދީރުގައި ރޭވިފައިވާ ގޮތަކަށްތާއެވެ. އޭނާއަށް އޮތްގޮތަކީ ކެތްތެރިވެ އިންތިޒާރު ކުރުމެވެ. ކިތަންމެ ދިގު އިންތިޒާރެއް ކުރަންޖެހުނަސް އޭނާއަށް ފަރުވާލެއް ނެތެވެ.

އަނިލް އެކޭ އެއްފަދައިން ނީލާގެ ސިނކުޑިވެސް ތަފާތު ޚިޔާލުތަކުން ހާސްކުރަމުން ދިޔައެވެ. މިރޭ ދާދިގާތުން އިޝާން ފެނުނުގޮތް ހިތަށް ސިފަވަމުންދަނީއެވެ. އިޝާންގެ މޫނުން އަޖާއިބެއް ކަހަލަ އަސަރުތަކެއް އޭނާއަށް މިރޭފެނިފައި ވެއެވެ. އެމޫނުގައި އެއްވެސް އުފާވެރި ކަމެއް ނުވެއެވެ. އެލާނެތް ހިނިތުންވުން ވެސް ވަނީ ނެތިގެން ގޮސްފައެވެ. އެކަމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ އިޝާން ފިކުރު ކުރަނީ ކޮންކަމަކާ ހެއްޔެވެ؟ އެލޮލުން ހާމަކޮށްދޭން އުޅެނީ ކޮންކަމެއް ހެއްޔެވެ؟ އެބެލުމުގައި ވަނީ ހިތްކަތިލާފަދަ އަސަރެކެވެ. އިޝާންގެ ލޮލުން އޭނާއަށް އެފެނުނީ ލޯބި ހެއްޔެވެ؟ ނޫނީ އެއީ އޭނާއަށް ކުރެވުނު ކުށްހީއަކީ ހެއްޔެވެ؟ އެއީ އޭނާ އިޝާންދެކެ ލޯބިވާތީ ހީވާގޮތަކަށް ވުންވެސް އެކަށީގެން ވެއެވެ. ނަމަވެސް ދެން އެޚިޔާލުތައް ކުރުމުގެ ބޭނުމެއްނެތެވެ. އެކަމާއި ވިސްނުމަކީވެސް މުޅީން ބޭކާރު މޮޔަކަމެކެވެ.

އޭނާގެ ޙަޔާތުގެ ނައު މިހާރު މިވަނީ އާމަންޒިލަކަށް ބަނދަރުކޮށްފައެވެ. މިއީ އޭނާ ގަދަކޮޅިގަނޑެއްގައި އޮޔާބެހިގެން ދަނިކޮށް ދާދިގާތުން ފެނުނު ސަލާމަތީ އައްސޭރިއެކެވެ. ވީއިރު ދެން މި އައްސޭރީ ދޫކޮށް ހިތްއެދޭ މަންޒިލް ހޯދަން ދިއުމަކީ މޮޔަކަމެކެވެ. އަނިލްގެ ހެޔޮކަމަށް މިއަދު އޭނާ ޝުކުރުވެރިވުން ހައްޤެވެ. އިޝާންގެ މަތިން އޭނާ ހަނދާން ނައްތާލުން އެއީ މިހާރު އޮތް އެންމެ މޮޅުގޮތެވެ. ނަމަވެސް އެއީ ވަރަށްވެސް ދަތިއުނދަގޫ ކަމަކަށް ވަނީވެފައެވެ. ތާއަބަދު ފެނިފެނި ހުންނަ މީހެއްގެ މަތިން ހަނދާން ނައްތާލުން އެއީ ވެދާނެ ކަމެއްބާއެވެ؟ މިހާރު މިވީގޮތުން އިޝާން ހުންނާނީ އަބަދުވެސް އޭނާއަށް ފެނިފެނިއެވެ. އޮފީހުންވެސް އަދި ގެއިންވެސް އިޝާންއާ ބައްދަލުވާނެއެވެ.

އާދުވަހަކަށް އިރުއެރިއިރު ޖައްވުގައިވަނީ ތެތްފިނިކަމެވެ. ފިނިފިނި ވައިރޯޅިތައް ޖެހެމުންދާއިރު ގައިން ހީބިހި ނަގައެވެ. ބިންގަނޑު ކޮންމެވެސް ވަރަކަށް ތެމިފައި އޮތުމުން ރޭގައި ވާރޭ ވެހުނުކަން ދޭހަކޮށްދެއެވެ. މިހިތްގައިމު ހެނދުނުގެ ހިތްހަމަޖެހުން ހޯދަމުން ކޮޅުކޮޅު މައްޗައް ދޫނިތައް އުދުހެމުންދިޔައެވެ. އިޝާން ފެންވަރާލައި ތައްޔާރުވެލައިގެން ގެއިން ނުކުތީ ހިނިތުންވެ ހުރެއެވެ. އަނިލްއާއި ނީލާވެސް މިއަދު އޮފީހަށް ނުކުތެވެ. އޮފީހުގެ ހުރިހާ މުއައްޒަފުންގެ ފަރާތުން އެމީހުންގެ އާކައިވެންޏަށް އަދިވެސް އެއްފަހަރު މަރުޙަބާ ކިއެވެ. އިޝާންވެސް އުފަލާއެކު އެހެން މުއައްޒަފުންނާ   ބައިވެރިވިއެވެ. ނީލާއާއި އަނިލްވެސް ހިނިތުންވެ ތިބެ އެންމެންނަށް ޝުކުރު އަދާކުރިއެވެ. އިޝާންގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމުގެ ސަބަބުން ނީލާ ހައިރާންވިއެވެ. އެހިނިތުން ވުމުގެ ސިއްރަކީ ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ. ރޭގައި އެމޫނުން ފެނުނު މާޔޫސީގެ އެއްވެސް އަސަރެއް މިހާރު ނެތީ ކީއްވެބާއެވެ؟

އިޝާންއާއި އަނިލް އަދި ނީލާވެސް އެމީހުންގެ މަސައްކަތަށް އަނެއްކާވެސް އެނބުރި މިއައީ ދުވަސްތަކަކަށްފަހުއެވެ.  ނަމަވެސް އެމީހުން މަސައްކަތާއިގެން މަސްއޫލުވެއުޅުނީ ކުރިއެކޭ އެއްވެސް ތަފާތެއް ނެތިއެވެ. ހިތުގައި ގިލަން ހިނގާއިރުވެސް މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ހިނިތުންވެ ތިބެގެންނެވެ. އިޝާންގެ މޫނުމަތިން އަނެއްކާވެސް ހިނިތުންވުން ފެންނަން ފެށުމުން އަރޫނާ ހުރީ ވަރަށް އުފަލުންނެވެ. އިޝާންވެސް އަރޫނާއާ ކުރިއެކޭ އެއްގޮތަށް އެކުވެރިކަމާއެކު ވާހަކަ ދެއްކިއެވެ.

ބުރޭކްގަޑި ޖެހުމުން އެންމެންވެސް މަޑުމަޑުން ނުކުންނަން ފެށިއެވެ. ނީލާއާއި އިޝާންއަށް ނުކުމެވުނީ ދާދި އެކުއެކީގައެވެ. ނީލާ މަޑުހިނގުމެއްގައި ގެޔާދިމާއަށް މިސްރާބުޖެހުމުން އިޝާންވެސް ނީލާއާ ދާދި އެއްވަރަކަށް ހިނގާފައި އައެވެ. މަގުގެ ދެފަރަރާތުން ދެމީހުން ހިނގާފައި އައިއިރު ހީވަނީ ނުދަންނަ ދެބީރައްޓެހިންހެންނެވެ. އިޝާން އެގޮތަށް އަނގައިންވެސް ނުބުނެ ހުރެ، އަންނާތީ ނީލާއަށް އުނދަގޫވިއެވެ. އެހެންކަމުން ނީލާހިނގުން ބާރުކޮށްލިއެވެ. އިޝާންވެސް ނީލާއާ އެއްވަރަށް ހިނގުން ބާރުކޮށްލިއެވެ. ނީލާ އެހާބާރަށް އައުމުން އިޝާންގެ ގާތަށް ހިނިވެސް އައެވެ. ދެމީހުން އެއްކޮށް ގެޔަށްވަތްއިރު ގޭތެރޭއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ހީވާގޮތުން މާމައާއި ކާފަވީ ދަނޑަށްގޮހެވެ. ކޮންމެ ރެއަކު ފަތިސް ނަމާދުކޮށްގެން އައިސް ދަނޑަށް ދިއުމަކީ އެދެމީހުންގެ އާދައެކެވެ. ތަފާތު ވައްތަރުގެ ތަރުކާރީގެ ބާވަތްތަކާއި މިރުހާއި ކަރާވެސް އެމީހުން ހައްދައެވެ.

ނީލާ ސުކޫލަށް ދިޔައީ ރޮށިފިހެ، ރިހަކައްކާ ސައިތައްޔާރުކޮށްފައެވެ. ނަމަވެސް އޭނާއަށް މިދުވަސްކޮޅު ރިހަ އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. އެހެންކަމުން އޭނާގަސްތުކުރީ މަސްހުނި މޮޑޭށެވެ. އިޝާންއަށާއި އަނިލްއަށް ސައިތައްޔާރުކޮށްދިނުމަށްފަހު ނީލާ މަސްހުނި ހަދަން ފެށިއެވެ. ނީލާ ފިޔާކޮށަން ހުއްޓައި އިޝާން ކާކޮޓަރިއަށްވަދެ މޭޒުކައިރީގައި އިށީނެވެ. އަދި ނީލާއަށް ފުންކޮށް ބަލާލިއެވެ. ބަލިވެއިނުމާއި ގުޅިގެން ނީލާހުރީ ކުޑަކޮށް ފަލަވެ، ކުރިޔަށްވުރެވެސް ރީތިވެފައެވެ. މޫނުގެ ކުލައަލިވެ، ހަންގަނޑުވެސް އިހުނަށްވުރެ އޮމާންހެން ހީވެއެވެ. ނީލާއާ ދިމާކުރިމަތީ އިނދެގެން އިޝާން ނީލާގެ މޫނަށް ބަލަމުން ދިޔުމުން ނީލާގެ ހިތްއަވަސްވާން ފެށިއެވެ. އިޝާން ބަލާވަރުން ކަންބޮޑުވެހުރެ ފިޔާކޮށަމުން ދަނިކޮށް، ކުއްލިއަކަށް އޭނާގެ ޝަހާދު އިނގިލީގައި ވަޅިއެޅި ކަނޑައިގެން ދިޔައެވެ.

“އާއު!” ވީތަދުން ނީލާގެ އަނގައިން މަޑުމަޑު އާހެއް ނުކުތެވެ. އިޝާން ފުންމައިގެން ތެދުވެ ނީލާގެ ކެނޑިފައިވާ އިނގިލީގައި ބާރަށް ހިފެހެއްޓިއެވެ. އަދި ނީލާގޮވައިގެން ސިޓިންރޫމަށް ނުކުމެ ސޯފާގައި ބޭންދިއެވެ.

” މިތާމަޑުކޮށްލާ! އެބައަންނަން..” އިޝާން ހަލުވިކަމާއެކު ގޮސް އޭނާގެ ކޮޓަރިއަށްވަދެ “ފަސްޓްއެއިޑް ބޮކްސް” އެއް ހިފައިގެން ނުކުތެވެ. އެއީ މިފަދަ ހާލަތެއް ދިމާވެދާނެތީ އޭނާ އަބަދުވެސް ގެންގުޅޭ އެއްޗެކެވެ. އަވަސް ހަރަކާތަކާއެކު ނީލާގެ އިނގިލި ސާފުކޮށްލުމަށްފަހު ބޭސްއަޅައިދިނެވެ.

” އޯކޭ….މިހާރު ރަނގަޅެއްނު……ދެން މިއަދު ވަޅީގަ އަތްނުލާތި….ދެން މަސްހުނި ހަދާނީ އަހަރެން….މޭމްއިނދޭ މިތާ ރެސްޓްކޮށްލަން..” އިޝާން ކާކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. އިޝާން އެހެންބުނި ނަމަވެސް ނީލާއަކަށް އެތާކު ނީނދެވުނެވެ. އިޝާންގެ ފަސްފަހަތުން ގޮސް ނީލާވެސް ކާކޮޓަރިއަށް ވަނެވެ.

” ނޫން….ޝާން… އަހަރެން މަސްހުނި މޮޑެލަފާނަން….ފިޔާކޮށާވެސް ނިމުނީއޭ ދެން…” ވަޅިއާދިމާއަށް އަތްދިއްކޮށްލަމުން ނީލާ ބުންޏެވެ. އިޝާން އަވަސް އަވަހަށް ވަޅި ދުރަށް ޖައްސާލިއެވެ.

” ނޫނޭ….ދެން މިއަދު ވަޅީގަ އަތްނުލާ ބަސްއަހައިގެން މިތާއިނދޭ!” އިޝާން އައިސް ނީލާގެ ދަކޮނޑުގައި ހިފައި ކައިރީގައިހުރި ގޮނޑީގައި ބޭންދިއެވެ. އަދި ވަޅިނަގައި ބާކީއޮތް ފިޔާކޮޅު ކޮށަން ފެށިއެވެ. ނީލާ ހިނިތުންވެފައި އިޝާންއަށް ބަލަން އިނެވެ. ފިޔާކޮށައި ނިމުމުން އިޝާން މިރުސްވެސް ފަރިތަކަމާއެކީ ކޮށާލިއެވެ.

” މެލޭގާ އުޅުނުއިރު އަމިއްލައަށްވެސް ކައްކަމޭ…އެހެންވީމަ މިކަހަލަ ކަންތައްތަކުގަ ތަޖުރިބާ ހުންނާނެ…” ނީލާ ގަޔާވެފައި އިޝާންކުރާ ކަންތައް ބަލަންއިނުމުން އިޝާން ފޮނިވެފައި އޭނާއަށް އެނގޭކަން އަންގާލިއެވެ. މަސްހުނިމޮޑެން ބޭނުންވާ ހުރިހާ އެއްޗެއް ހަމަވުމުން، އިޝާން މަސްހުނި މޮޑެންފެށިއެވެ. ލުބާހުތާއި ލޮޅުއަޅައިގެން މިރުހާއި ފިޔާ ރަގަޅަށް މޮޑެލައި އެއްކޮށްލުމަށްފަހު މަހާއިހުނި އަޅައި ރަނގަޅަށް ބޮޑެލިއެވެ. އިޝާންއަށް އެހާރަނގަޅަށް އެކަން ކުރަން އެނގުމުން ނީލާ ހިތާހިތުން އިޝާންއަށް ތައުރީފުކުރިއެވެ.

” ނައު އިޓްސް ރެޑީ…” މަސްހުނިތަށި ނީލާއާ ކައިރިކޮށްލަމުން އިޝާން ހިނިތުންވެލިއެވެ. ނީލާވެސް އިޝާންއަށް ބަލާލާފައި ހިނިތުންވެލިއެވެ.

” ދެން ރަހަބަލާލަބަލަ…ރަނގަޅުތޯ..” ނީލާ އަނގައިން ނުބުނެ ބަލަން އިންނަން ފެށުމުން އިޝާން ބުނެލިއެވެ. ނީލާ ރޮށިކޮޅެއް ނަގައި މަސްހުނިކޮޅަކާއެކު ކާލިއެވެ. މަސްހުނި ފުދޭވަރަކަށް ކުޅިއެވެ. ނަމަވެސް ހީކުރި ވަރަށްވުރެވެސް މާމީރެވެ. އިޝާންގެ އަތުން ހެދި އެއްޗަކަށް ވީތީނޫންކަމެއްވެސް ނޭނގެއެވެ. އިޝާން އަތްދޮވެލުމަށްފަހު މޫނުގައި ފެންފޮދެއް ހާކާލީ ކުޑަކޮށް ފިނިކޮށްލުމަށެވެ. އެއާއެކު އޭނާއަށް ހީވީ މޫނުގައި އަލިފާން ޖެހުނުހެންނެވެ. މިރުހުގެ އަސަރު ރަނގަޅަށް ނުކެނޑެނީސް މޫނުގައި އަތްލުމުގެ ސަބަބުން މުޅިމޫނާއި ލޮލުގައި މިރުސް އެޅިއްޖެއެވެ.

” އޯހ ގޯޑް….މަގޭ ދެލޯ…” އިޝާން ދެލޯމަރައިގެންހުރެ މޫނަށް ފެންޖަހަން ފެށިއެވެ. ނީލާއަށް އެމަންޒަރު ފެނުމުން ފުންމައިގެން ތެދުވެވުނެވެ.

” މިރުސްއެޅުނީތަ؟” ހާސްވެހުރެ ނީލާ އަހާލިއެވެ. އިޝާން ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. އިޝާންގެ މުޅިމޫނު އިސާހިތަކު ރަތްވިއެވެ. ދެލޮލުންވެސް ފެންއަންނަމުން ދިޔައެވެ. ނީލާ އަވަސް އަވަހަށް އިޝާންގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައީ ބޭންދިއެވެ. އައިސް އަލަމާރިން ފިނި ފެންފުޅިއެއް ނަގައިގެން އައިސް ތައްޓަކަށް ފެންއެޅުމަށްފަހު ރުމާލެއް ތެތްމައި އިޝާންގެ މޫނުގައި ފެންހާކަން ފެށިއެވެ. ނީލާ ވަރަށް  އަވަސް އަވަހަށް އިޝާންގެ މޫނުގައި ފެންހާކަމުން ދިޔައީ އަވަހަށް ދިލަމަޑު ކުރުމަށެވެ. އިޝާން ދެލޯމަރައިގެން އިންއިރު އޭނާގެ މޫނުން ނަގައި ދިލަޔަށްވުރެ، ނީލާގެ އެގާތްކަމުން ހިތަށްލިބޭ އަރާމު ބޮޑުވިއެވެ. ނީލާ ހުއްޓުމެއްނެތި އިޝާންގެ މޫނުގައި ފެންހާކަމުން ދިޔައެވެ.

” ތީކޮންކަމެއް؟” ކުއްލިއަކަށް ނީލާ ސިހުނީ ފަހަތުން އަނިލްގެ އަޑުއިވުމުންނެވެ. ކާކޮޓަރި ދޮރުމަތީގައި ހުރި އަނިލް ފެނުމާއެކު ކަންބޮޑުވެފައި ނީލާ އަވަސް އަވަހަށް ތެދުވެ އިޝާންއާ ދުރަށްޖެހިލިއެވެ. އަނިލްގެ އަޑުއިވިފައި އިޝާންވެސް ކުޑަކޮށްލޯހުޅުވާލިއެވެ.

މިއުޅެނީ މަސްހުނި މޮޑެގެން….އޭގެ އަސަރު މުޅިމޫނަށްކޮށްގެން….ލޯވެސް ހުޅުވާނުލެވިގެން މިއުޅެނީ..” ނީލާ އެއްޗެއް ބުނުމުގެ ކުރިން އިޝާން ޖަވާބުދިނެވެ.

” އެހެންތަ؟…ކީއްވެ އިޝާން މަސްހުނި މޮޑުނީ” އަނިލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

” އެއީ މޭމްގެ އަތްކެނޑުނީމަ…..އެހެންނުން ވާނީ…ކުޑަކުދިން ވަޅީގަ އަތްލަންޏާ…” އިޝާން މަޖާވެލާފައި ބުންޏެވެ.

” އެއީ ތެދެއްތަ؟…ވަރަށްބޮޑަށްތަ އަތްކެނޑުނީ….ދައްކަބަލަ!” އަނިލް ކަންބޮޑުވެފައި ނީލާގެ ގާތަށް ޖެހިލިއެވެ.

” ނޫން….އެހާ ބޮޑަކަށް ނޫން….މިހާރު ބޭސްވެސް އަޅައިފިން….އަނިލް ސައިބޯންވީނު” ނީލާ އަވަސް އަވަހަށް އަނިލްއަށް ސައިއަޅައިދިނެވެ. އަނިލް ހިނިތުން ވެލަމުން ގޮނޑީގައި އިށީނެވެ. ކުރިމަތީ އިން އިޝާންގެ މޫނަށް އަނިލް ބަލާލިއެރު އިޝާން އަދިވެސް އިނީ ލޯމަރައިގެންނެވެ.

” އާހް” އިޝާން ކުޑަކޮށް ދެލޯހުޅުވާލަމުން އަޑެއް ލައްވާލިއެވެ.

“ކުޑަކުއްޖަކަށްވުރެ އިޝާންގެ ކަންތައް ވަކީންދެރަތަ؟ މުޅިމޫނު ތިއޮތީ ރަތްވެފައެއްނު!..ނަސީބެއްނު އެހެންތަނެއްގަ މިރުސް ނޭޅުނުކަން…..އަދިވެސް ވަރަށް ދިލަނަގާދޯ!…އަދި ސައިވެސް ނުބޮއެތަ ތިއުޅެނީ…..ސައިބޮއެގެން ގޮސް، އޭސީ އޮންކޮށްގެން އަހަރެންގެ ކޮޓަރީގަ ޖައްސާލާ…..ހަމަޔަކަށް އެޅުނީމަ ސުކޫލަށްދާނީ….އޯކޭ” އަނިލް އިޝާންއަށް ލަފާދިނެވެ.

” އާނ ދެން މިވަރަކަށް ނަސީބުވާނީ……. މިއުޅެނީ ލޯވެސް ނުހުޅުވިގެން ވިއްޔަ… ލޯހުޅުވިގެންނެއްނު ސައިބޮވޭނީ….” އިޝާން އަނެއްކާވެސް އެސްފިޔަތައް ތަޅުވާލިއެވެ.

” މަ ލަވައިދޭންވީތަ…..ތީ އެއްވެސް ކަމެއްނޫން…..އެކަމު މަންމައަށް ކާންދީ ނިމިގެން އިޝާންއަށް ކާންދެވޭނީ….އެހާއިރުވާންދެން ކެތްކުރެވެންޏާ ކެތްކޮށްލާ!..” މޮޑެފައިވާ ރޮށިތައްޓަކާއި، ސަމްސަލެއް ހިފައިގެން އަނިލް އޭނާގެ މަންމަގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

” އަޅުގަނޑަށް އޯކޭ… މޭމް އަޅުގަނޑަށް ލަވައިދިނަސް….” އިޝާން ސަމާސާ އަކަށް ހަދާފައި އޭނާގެ ހިތް އެދޭގޮތް ބުނެދިނެވެ.

” އެހެންވީމަ ނީލާ ކާންދޭންވީނު…..ދަރިޔަކު ލިބެންވާއިރަށް ދަސްކުރަންވެސް ޖެހޭނެއްނު!” އަނިލްވެސް ނީލާއާ ސަމާސާ ކޮށްލިއެވެ. އަނިލްގެ އެސަމާސާއިން ނީލާގެ ހިތްތެޅިގެން ދިޔައެވެ.

” ކޮބާ! ސަރވެސް އެބުނީނު…ދަރިޔަކު ލިބެންވާއިރަށް ދަސްކުރަން ވާނެއޭ….ސޯ ގޯ އަހެޑް!” އަނިލްގެ ސަބަބުން އިތުރު ފޯރިއެއް އިޝާންއަށް ލިބުނެވެ. ނީލާކަންބޮޑުވެފައިހުރެވެސް މަޑުމަޑުން އިޝާންގެ ގާތަށް ޖެހުނެވެ. އަދި އިޝާންގެ މޫނަށް ބަލާލިއެވެ. އެހާގާތުން އިޝާން ފެނުމުން ހިތުތެޅުން އަވަސްވަނީއެވެ. އިޝާންގެ ތުންފަތުގައި ދުވެލަ ދުވެލާހުރި ލާނެތް ހިނިތުން ވުމުގެ ސަބަބުން އޭނާގެ އަތްފައިވެސް ފިނިވަނީއެވެ.

” އައި އެމް ސޯ ހަންގްރީ މޭމް….ޕްލީޒް ހެލްޕްމީ..” ކުޑަކުޑަކޮށް ލޯހުޅުވައި ނީލާގެ މޫނަށް ބަލާލަމުން އިޝާން ބުންޏެވެ. އިޝާންގެ އެހަރަކާތުން ނީލާ ސިހިފައި އަވަހަށް ރޮށިމޮޑެދޭން ފެށިއެވެ. އުލުން ރޮށިކޮޅެއް ނަގައި އިޝާންގެ އަނގައަށް ލަވައިދިމުމާއެކު އިޝާން އެރޮށިކޮޅު ކާލީ ވަރަށް މީރުކޮންނެވެ.

” އާހް! މޭމް އަޅެ އަޅުގަނޑުގެ މޫނަށް ފުމެލަދެވިދާނެތަ!…އަދިވެސް ހާދަ ދިލައެކޭ މިނަގަނީ..” މޫނަށް ގޮތެއް ހަދާލަމުން އިޝާން ބުންޏެވެ. އިޝާންގެ މޫނުން މިހާރު އެއްވެސް ވަރަކަށް ދިލައެއް ނުނަގައެވެ. ނަމަވެސް އޭނާ ބޭނުންވީ އަދިވެސް ބޮޑަށް ނީލާއާ ގާތްވެލުމަށެވެ. ނީލާ އިޝާންއާ ކުރިޔަށްވުރެވެސް ގާތަށް ޖެހިލުމަށްފަހު އިޝާންގެ މޫނަށް ފުމެންފެށިއެވެ.

” ވާއު….ހާދައަރާމޭ…މިހާރުމުޅިން ދިލަކެނޑިއްޖެ…” އިރުކޮޅެއްފަހުން ދެލޯހުޅުވައި ރަނގަޅަށް ނީލާގެ މޫނަށް ބަލާލަމުން އިޝާން ހިނިތުންވެލިއެވެ. ދިލަކެނޑުމުންވެސް އިޝާން ނުބުނެ އިނދެ ނީލާ ތަޅުވާލީކަން އެނގުމުން  ނީލާ ލަދުގަންނަ ގޮތްވިއެވެ. އަދި އަވަހަށް ތެދުވެގެން ގޮސް އޭނާކުރިންވެސް އިންގޮނޑީގައި އިނދެ ކާންފެށިއެވެ. ނީލާއަށް ވީގޮތްފެނި އިޝާން ހެވިފައި ބަލަންއިނެވެ. ނީލާ އިސްޖަހައިގެން އިނދެ ކަމުން ދިޔައެވެ. އިޝާންވެސް އިރުކޮޅަކު ނީލާގެ ހަރަކާތްތަކަށް ބަލަން އިނުމަށްފަހު ކެއުމާއިގެން ކުރިޔަށް ދިޔައެވެ.

އިމްޝާ އިނީ އޭނާގެ އެނދުގައި އިށީދެ ވިސްނުމަކަށް ގެއްލިފައެވެ. ކޮޓަރިން ބޭރަށް ނުކުންނަށް އުޅެނިކޮށް އިޝާންގެ އަޑު އިވުމުން އޭނާ މަޑުކޮށްލީއެވެ. އިޝާންއާމެދު އޭނާއަށް ވިސްނެނީއެވެ. އިޝާން އައިފަހުން ކާކޮޓަރިއަކަށް އެއްގޮތަކަށްވެސް އޭނާ ނުނުކުމެއެވެ. އިޝާން ފެނުމުން ކޮންމެވެސް މީހެއްގެ މަތިން ހަނދާންވެ ހާސްވާގޮތްވަނީއެވެ. އިޝާންގެ މޫނުގައި ދެކެފަރިތަ ގޮތެއް ހުންނަހެން އިމްޝާއަށް ހީވަނީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް އޭނާއަކަށް ނުވިސްނުނެވެ. ފުރަތަމަ އިޝާން ފެނުނު ދުވަހުވެސް އެއިހުސާސް އޭނާއަށް ކުރެވުނެވެ. އޭނާގެ މާޒީގެ ހުރިހާކަމެއް ހަނދާން ނެތް ނަމަވެސް ބައެއްކަހަލަ ހަނދާންތައް އަދިވެސް އޭނާގެ ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ. މީހުން އޭނާއަކީ މޮޔައެއްކަމުގައި ހީކުރިޔަސް އޭނާ މޮޔައެއް ނޫނެވެ. ހުރިހާ އިހުސާސެއްވެސް އޭނާގެ ހިތުގައި ވެއެވެ. އެހެންކަމުން އިޝާން ފެނުމުން އެމޫނަށް ބަލަން އުނދަގޫވަނީ ކޮންމެވެސް މީހެއްގެ ސިފަވާތީއެވެ. ވިސްނާ ވިސްނާވެސް އެއީ ކާކުކަމެއް އޭނާއަކަށް ނޭނގުނެވެ.

” އަނހާ..މަންމާ! މިހާރު ފެންވެރީތަ؟….މަންމަ ހާދަރީއްޗޭ މިއަދު…އަދިވެސް މަންމަ ހީވަނީ ހަމަ ޒުވާނެއްހެން…..” އަނިލް ކޮޓަރިއަށް ވަނުމާއެކު އޭނާގެ މަންމަ ފެންވަރައި ރީތިވެގެން އިންދައި ފެނުމުން ސަމާސާކޮށްލިއެވެ. އަނިލްގެ މޫނަށް ބަލާލާފައި އިމްޝާ ހިނިތުންވެލިއެވެ. އަނިލް މަންމަގެ ގާތުގައި އިށީނދެ، މަންމައަށް ކާންދޭން ފެށިއެވެ.

” ދަރިފުޅު ސައިބޮއެފިންތަ؟…” އަނިލް ސައިބުއީތޯ ބަލަން އިމްޝާ ބޭނުންވިއެވެ.

” ނޫނޭ….މަންމަ ސައިބުއީމަ އަހަރެން ސައިބޯނީ….އެހެންވީމަ މަންމަ އަވަހަށް ސައިބޯލާ..” އަނިލް ހިނިތުންވެލަމުން ޖަވާބުދިނެވެ.

” ބޭރުގަ އެއުޅޭ ކުއްޖާ ސައިބުއީތަ….؟” އިމްޝާ ބޭނުންވީ އިޝާންވެސް ސައިބުއީތޯ ބަލާލުމަށެވެ.

” ބޭރުގަ އުޅެނީ އެންމެ ކުއްޖެއް ނޫނޭ މަންމާ!….މިހާރު މިގޭގަ އުޅޭނެ އަހަރެން ނޫނަސް އަދި އިތުރު ދެކުދީން….އިއްޔެގަ ދެއްކީމެއްނު އަންހެން ކުއްޖެއް…..އެއީ އަހަރެންގެ އަންހެނުންނޭ ބުނީމެއްނު…..މަންމަ ހަނދާންނެތުނީދޯ….އެކުއްޖާއަށް ކިޔަނީ ނީލާ…..ދެން އެއުޅޭ ފިރިހެން ކުއްޖާއަށް ކިޔަނީ އިޝާން….އެއީ މިހާރު އަހަރެންގެ ކޮއްކޮއެއް ކަހަލަ ގާތް ކުއްޖެއް…..މަންމަވެސް ޖެހޭނެ އެމީހުނާ ވާހަކަ ދައްކާ، ގާތްކަން ބާއްވަން….އެހެންނޫނީ އެމީހުން ދެރަވާނެއްނުދޯ…” ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިން އަނިލް އިމްޝާއަށް ވިސްނައިދިނެވެ. އިމްޝާ ހިނިތުންވެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ލީމިންހޯ 7

Next

މިހިތުގެ ފަސާނާ 17

Next
October 30, 2016

މިހިތުގެ ފަސާނާ 17

Previews
October 29, 2016

ލީމިންހޯ 7

18 Comments!

  1. Shine says:
    October 29, 2016 at 10:47 pm

    vaahaka kiyaa hurihaa kudhin ragalhah nidhaathi ingey…goodnight

  2. Mai says:
    October 29, 2016 at 11:01 pm

    Wow ……. this is great shine… haadha reehchey….. when next part… avahah up kohdhehchey.. aneh bai kiyaa hithun kehmadhuvefa mi iny mihaaru vx….

  3. cindrella says:
    October 29, 2016 at 11:09 pm

    Wow next part ves avahah up kohdehchey

  4. Thaany says:
    October 29, 2016 at 11:12 pm

    Wow v reethi
    Dhn nidheyny hama jehign ekm next part vx hama kuyaa hiyy wany

  5. Curious girl ❤️ says:
    October 29, 2016 at 11:20 pm

    Vaahaka kiyaa levuneema maa Rangalhah ves nidheyne dho. Thanks shine. Vaahaka varah reethi. Abadhu inthizaar kurevey. Btw shine thee girl eh tha boy eh tha?

  6. Rifa says:
    October 29, 2016 at 11:21 pm

    Kihinehta shine ge vaahaka thah kiyaafa nidhaanee.ehaaves reethi alhe haadha molhey shaine..shaine mivaahaka thah nimuneema vaane aa vaahakaeh Libyan fashan igey. V beynun shaine ge aa vaahakaeh kiyaalan. U r the best writer..I luv u shaine???

  7. shaai says:
    October 29, 2016 at 11:21 pm

    maasha allah…. vvvvbb tnks shain

  8. Aishu says:
    October 29, 2016 at 11:38 pm

    Alhe ishaan dhen avahah neela ah hageegaiy kiyaidheebala

  9. Thaathu says:
    October 29, 2016 at 11:40 pm

    Shain haadha ragalhey dhw …
    Vrh reethi vaahaka thankyew so much .. aneh part avahah up kohdhehchey ?????

  10. Anonymous says:
    October 29, 2016 at 11:41 pm

    Kiyaahithun kehmadhuvefa huri vaahakaeh kiyaalaafa nidheema maa araamukon hiyhama jehilaigen nidhey.. ehaa avahah thihaareethi vaahakathakeh up kohdhey thee vvv bodah thanks.

  11. Khajja says:
    October 29, 2016 at 11:55 pm

    Masha allah mi stry haa rythi stry eh adhi nukiyey v v v rythi n thanks mihaa rythi story eh kiyan libeythy keep it up n gud nyt

  12. Inee says:
    October 30, 2016 at 12:01 am

    V reethi waiting next part

  13. Aish says:
    October 30, 2016 at 12:03 am

    Wow..haadha reehcheyyy..

  14. Saandy says:
    October 30, 2016 at 1:12 am

    ވަރަށް ވަރަށް ރީތި… އަޅެ ދެން ނީލާއާއި އިޝާން މިދުވަސްކޮޅު އެހާ ގާތްނުކޮށްބަލަ… ޕްލީޒް… 14ވަނަ ބަޔަށް އެބަ ބވަރަށް އިންތިޒާރު ކުރެވޭ… 14ވަނަ ބައިވެސް އަވަހަށް އަޕްކޮށްލައްޗޭ

  15. Anonymous says:
    October 30, 2016 at 9:21 am

    Shine s superb all stories ❤️❤️❤️❤️❤️

  16. Mar Sha Marsha says:
    October 30, 2016 at 9:54 am

    Vvvv nice… ishaan dhen kiyaadhyba hurihaa ehcheh… nyla ah ves adhi family ahves. . Aneh bayah waiting

  17. Anonymous says:
    October 30, 2016 at 10:51 am

    vaahaka v v salhi vehje mihar kuriah vureh.. plx avahah up kohdhee anehbai vx.. plx shine

  18. horny boy says:
    October 30, 2016 at 1:43 pm

    ishan and neelaa ge thankolheh horny baeh genesdhybala.. 😛 😉

Comments are closed.

Next Episodeއެފިނިމެންދަން 14←


All Right Reserved!