އެފިނިމެންދަން 12
ހިނިތުންވެފައި އިން ނީލާ ފެނުމާއެކު ބޭއިޚުތިޔާރުގައި އިޝާންއަށް ތެދުވެވުނެވެ. އަދި ނީލާގެ މޫނުގައި އަތް ޖައްސާލެވުނެވެ. އެއާއެކު ނީލާ ގެއްލިއްޖެއެވެ. އިޝާންއަށް ސިހިފައި ފުންމައިގެން ތެދުވެވުނުއިރު ހުރީ ފިނިބޮޑުވެގެން ހީކަރުވައިގެން ފައެވެ. ރަގަޅަށް ލޯހުޅުވާފައި ކޮޓަރިތެރެ ވަށައިގެން ހޯދާލެވުނެވެ. ނަމަވެސް ނީލާއެއް ނެތެވެ. އެއީ އޭނާއަށް ފެނުނު ހުވަފެނެކެވެ. އެނދުގެ ހެޑުބޯރޑްމަތީގައި އޮތް ފޯނު ނަގައި އިޝާން ގަޑިބަލާލިއެވެ. ގަޑިން މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އިޝާން ތެދުވެ އޭސީގެ ފިނިހޫނުމިން މައްޗަށް ޖައްސާލުމަށްފު އަނެއްކާވެސް އެނދުގައި އޮށޯތެވެ. ރަޖާގަނޑުން މުޅިގައި ނިވާކޮށްލުމަށްފަހު އިޝާން ދެލޯމަރާލިއެވެ. ފަތިސްވާން ވަގުތުކޮޅެއް އޮތުމާއެކު އިޝާން ގަސްތުކުރީ އަދި ނިދާލުމަށެވެ.
ފަތިހު ބަންގީގެ އަޑަށް އަނިލްއަށް ހޭލެވުނެވެ. ތެދުވެ ފެންވަރާލައިގެން އޭނާދިޔައީ މިސްކިތަށެވެ. ނަމާދުން އަވަދިވެގެން އަނިލް އަވަސްވެގަތީ މާލެދިއުމަށެވެ. އަނިލް ގަސްތުކޮށްފައިވަނީ މާލެގައި ކައިވެނި ކުރުމަށްފަހު ރަށަށް ގޮސް ކައިވެނީގެ ހަފްލާ ބޭއްވުމަށެވެ. ނީލާގެ ހާލަތަށް ބަލާފައި ކައިވެނި އިތުރަށް ލަސްކުރަން އޭނާ ބޭނުން ނުވީއެވެ. އެހެންކަމުން ނީލާގެ މައިންބަފައިންނާ މަޝްވަރާކުރުމަށްފަހު ކައިވެނީގެ ކަންތައް މިއަދު ހަމަޖައްސަން އޭނާވަނީ ނިންމާފައެވެ. ނީލާގާތުގައިވެސް ތައްޔާރުވެގެން ހުރުމަށް އޭނާވަނީ އަންގާފައެވެ. މާލެދިއުމަށްފަހު އަނިލް ހެކިވެރިން ގޮވައިގެން ނީލާމެންގެ ގެޔަށް ދިޔައިރު އެމީހުންވެސް ތިބީ އަނިލްގެ އިންތިޒާރުގައެވެ.
މިއަދު ހޭލީއްސުރެ ނީލާ ހުންނަނީ ކަންބޮޑުވެ ހާސްވެފައެވެ. އޭނާ މިއަދު އަލަތުކައިވެނީގެ ރަންކިޔާނެއެވެ. އަދި ހަފްތާއެއްގެ ފަހުން އޭނާއަކީ އަނިލްގެ އަންބަކަށް ވާނެއެވެ. އެކަން ހިތަށް އަރާ ކޮންމެ ފަހަރަކު ނީލާގެ ހިތްނުތަނަވަސް ވެއެވެ. އަނިލް ހެކިވެރިންނާއެކު އައިސް ވަނުމުން ނީލާގެ ހާސްކަން އިތުރުވެގެން ދިޔައެއެވެ. ކައިވެނީގެ ފޯރމްފުރުމުގެ ކަންތައް ކުރިޔަށްދިޔައިރު އޭނާއިނީ ބިރުންގޮސް އަތްފައި ފިނިވިއެވެ. އެކައިވެނީގެ ސައްޚަނޫންކަން ހިތަށްއެރުމުން ހިތަށް ބިރުވެރިކަންވަދެ އަރުބެދޭގޮތްވިއެވެ. ނަމަވެސް ދުނިޔޭގެ ލަދަށްޓަކައި އެކައިވެނިކުރަން އޭނާއަށް މަޖުބޫރެވެ. ލޮލުން ފޭދުނު ކަރުނަތައް ދިރުވާލުމަށްފަހު ހިނިތުން ވެވޭތޯ އޭނާ މަސައްކަތްކުރިއެވެ.
ނީލާގެ މަންމައާއި ބައްޕަތިބީ އެމީހުންގެ ދަރިފުޅުގެ ނަސީބާމެދު އުފާވެފައެވެ. އެދަރިފުޅުގެ މޫނުމަތިން ފެންނަންހުރި ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ މާނަ އެމީހުންނަށް ނެގުނީ އެހެން ގޮތަކަށެވެ. އެމީހުން ހީކުރީ އަލަތު ކައިވެނިކުރެވޭތީ އެކަމާ ހާސްވެ ބިރުގަންނަނީ ކަމުގައެވެ. އެއީ މާބޮޑުކަމެއް ކަމުގައި އެމީހުން ނުދެކެއެވެ. ނީލާވެސް މަންމަމެންގެ ކުރިމަތީގައި ވީވާވެސް ހަމަޖެހޭގޮތް ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަނިވާ ކޮންމެ ވަގުތަކު އޭނާގެ ލޮލުން ކަރުނަ އޮހޮރެއެވެ. ނޭނގޭ އިހުސާސްތަކަކުން އޭނާގެ ހިތަށް ތަދުކުރަމުން ދަނީއެވެ.
ކައިވެންޏަކީ ކިހާމާތް ގުޅުމެއްކަން ޚުދުއޭނާއަށްވެސް އެނގެއެވެ. ނަމަވެސް އޭނާގެ ކައިވެނީގައި އެއްވެސް ބަރަކާތެއް ނުހުންނާނެއެވެ. އެއީ ހަމައެކަނި ނަމެއްގައި ކުރެވޭކަމަކަށް ނޫނީ ނުވާނެއެވެ. އޭގައި ލޯތްބެއް އަދި ޖަޒުބާތެއްވެސް ނެތެވެ. އޭނާގެ ނަމާއި ގުޅިގެން އަނިލްގެ ނަން ކައިވެނީގެ ސެޓްފިކެޓަށް އެރިނަމަވެސް އެއީ ދުވަހަކުވެސް އޭނާގެ ހިތުގައި ލިޔެވޭނެ ނަމެއްނޫންކަންވެސް އޭނާއަށް ޔަޤީނެވެ. އިޝާންގެ ނަން، މާކުރިއްސުރެވަނީ އެހިތުގައި ލިޔެވިފައެވެ. ވީއިރު އެހެން ނަމަކަށް އެހިތުން ޖާގަދެވިދާނެ ހެއްޔެވެ؟
ހަވީރުގެ ވަގުތެވެ. އިޝާން ގޭގައި އިނދެ އިނދެ ފޫހިވާން ފެށުމުން ޒިހާންއަށް ގުޅާފައި އެގެއަށް އައުމަށް އެދުނެވެ. މާގިނައިރެއްނުވެ ޒިހާންހުރީ އިޝާންގެ ގޭދޮށުގައެވެ. ޒިހާން ބެލްއަޅާލުމާއެކީ އިޝާން ދޮރުހުޅުވިއެވެ.
” ހޭބަޑީ!….ކިހިނެއްތަ؟” އިޝާން ފެނުމާއެކު ހިނިތުންވެލަމުން ޒިހާން އަހާލިއެވެ.
” ދެން އެނގެއެއްނު ތިހެން އަހާއިރުވެސް މަގޭ ހާލަތު…..މަބޭނުން ނީލްގެ ގެޔަށްދާން….އެކަމު މަށަކަށް ނުވެސް އެނގެޔޭ އެމީހުން އުޅޭތަނެއް……އެދުވަހުވެސް އަހާލާކަށް ހަނދާނެއްވެސް ނުވި…” އިޝާން ހުރީ އިންތިހާއަށް ނީލާ ދެކެން ބޭނުންވެފައެވެ. ކޮންމެ ގޮތަކުންވެސް ހަޤީޤަތް ކިޔައިދޭން އޭނާ ބޭނުންވެއެވެ.
” ދެން ނީލްއަށް ގުޅާފަ އަހަންވީއެއްނު…..އޭރުން އެގެޔަށް ގޮސް ނީލްއާ ވާހަކަ ދެއްކިދާނެއެއްނު….ނޫނީ ނީލް މިގެޔަށްވެސް ގެނެވިދާނެއެއްނު!” ޒިހާން ލަފާދިނެވެ. އިޝާން ބަހެއް ނުބުނެ ގޮސް ސިޓިންރޫމުގެ ސޯފާގައި އިށީނެވެ. ޒިހާންވެސް އިޝާންގެ ފަހަތުން ދިޔައެވެ.
” ކިހިނެއްވީ؟….ކީއްވެ އެއްޗެކޭ ނުބުނީ؟..” ޒިހާން ކަންބޮޑުވެފައި އަހާލިއެވެ.
” ނުކެރޭނެ މަށަކަށް ގުޅާކަށްވެސް….ގުޅާފަ ކީކޭތަ ބުނާނީ؟..ހަމަހުރެފަ ގުޅީމަ ނޭނގެ ވާހަކަވެސް ދައްކާނެކަމެއް…” އިޝާންހުރީ ޖެހިލުންވެފައެވެ.
” ކަމޯން!….ދެން ހަމަ ގުޅާގޮތަށް އެވާހަކައެއް ނޫނެއްނު ދައްކާނީ….ބުނެބަލަ ނީލްގެ މަންމަމެންނާ ބައްދަލުކޮށްލަން އެގެއަށްދާން ވެގެން އެޑްރެސް ބުނެދޭށޭ….ދެން ގޮސްފަ ނީލް އެކަނިވީމަ ބުނާނީ ވާހަކައެއްދައްކަން ބޭނުމޭ…..ނީލް އޯކޭ ވިއްޔާ އެހެންތަނަކަށްވެސް ދެވިދާނެއްނު ގޮވައިގެން…..އެކަމު ބުނަން….މާލަސްކޮށްފިއްޔާ ވަގުތުފާއިތުވެދާނެ…” ޒިހާން އަނެއްކާވެސް ލަފާދިނެވެ. އިޝާން ވިސްނާލިއެވެ. އިޝާން ފޯނުނެގިއެވެ. ޖެހިލުންވެ އިނދެވެސް ނީލާގެ ނަމްބަރަށް ޑައަލްކޮށްލިއެވެ.
ނީލާ އެނދުގައި އޮތީ އޭނާގެ ޓެބްލެޓްގައިހުރި ފޮޓޯތަކެއް ބަލާށެވެ. އެއީ ދަތުރުދިޔަ ދުވަހު ނެގިފޮޓޯތަކެކެވެ. އިޝާންގެ ފޮޓޯއަކަށް ބަލަން އޮތްއިރު އެދުވަހު އިޝާން އުޅުނުގޮތް އޭނާއަށް ސިފަވަމުންދިޔައެވެ. އެފޮޓޯގައި އިޝާން ބަލަންހުރިގޮތުން ނީލާގެ ހިތުގެ ވިންދު އަވަސްވިއެވެ. އެފޮޓޯ ޒޫމްކޮށްލުމަށްފަހު އިޝާންގެ ތުންފަތުގައި ނީލާ އިނގިޖައްސާލިއެވެ. އެވަގުތު ނީލާ ސިހުނީ އެނދުމަތީއޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ނީލާ ފޫހިގޮތަކަށް އޮވެ ފޯނުބަލާލީ އެއީ އަނިލްގެ ކޯލެއްކަމުގައި ހީކޮށްފައެވެ. ނަމަވެސް ފޯންގެ ޑިސްޕްލޭއިން “ޝާން”ގެ ނަން ފެނުމާއެކު ނީލާ ހައިރާންވިއެވެ. އެއީ އޭނާއަށް ހީވިގޮތެކޭ ހިތައި ދެތިން ފަހަރަކު އެސްފިޔަވެސް ޖަހާލެވުނެވެ. އެގުޅަނީ ހަމަ އިޝާން ހެއްޔެވެ؟ އެކަމަކު އިޝާން ގުޅަންވީ ކީއްވެގެން ހެއްޔެވެ؟ ސުވާލުން ފުރިގެންވީ ނަޒަރަކުން ފޯނަށް ބަލަން އިންދާ ފޯނުކެނޑިއްޖެއެވެ.
” ނުނަގައޭ!….” ފޯން ކެނޑުމުން ޒިހާންއަށް ބަލާލަމުން އިޝާން ބުންޏެވެ.
” އަދި ޓްރައި ކޮށްބަލަ!….ކަމެއްގަ ހުއްޓަވެސް ގުޅިދާނެއެއްނު!…އަދި ގުޅާބަލަ!” ޒިހާން ލަފާދިނީ އަދިވެސް ގުޅުމަށެވެ. އިޝާން އަނެއްކާވެސް ގުޅިއެވެ. ނީލާ ފޯނަށް ބަލަންއިންދާ ރިންގްވުމުން ސިހުނެވެ. އަނެއްކާވެސް އިޝާން ގުޅަނީއެވެ. އެއީ އޭނާއަށް ހީވިގޮތެއް ނޫންކަން މިހާރު ޔަގީން ވެއްޖެއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ނީލާ ފޯނު ނެގިއެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެ އިރުކޮޅަކު ތިއްބެވެ.
” ހެލޯ މޭމް!….މީ ޝާންއޭ..” ނީލާގެ އަޑުނީވުމުން އިޝާން ވާހަކަދެއްކިއެވެ. އިޝާންގެ އަޑުޖެހުމާއެކު ނީލާއަށް ލޯމަރާލެވުނެވެ.
” ހެލޯ….” ހިތްވަރުކޮށްފައިވެސް ނީލާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ނީލާ އިތުރު އެއްޗެއް ބުނޭތޯ އިޝާން މަޑުކޮށްލިއެވެ. ނަމަވެސް ނީލާ އެއްޗެއް ނުބުނުމުން އިޝާން ވާހަކަ ދެއްކިއެވެ. އިޝާން ކަންތައްކުރީ ޒިހާން ބުނިގޮތަށެވެ. އެގޭގެ އެޑްރެސް ލިބުމުން އިތުރު ވާހަކައެއް ދައްކާކަށް އިޝާންއަކަށް ނުކެރުނެވެ. އިޝާން ފޯނުކަނޑާލުމުން ނީލާ ހައިރާންވެފައި ފޯނަށް ބަލަންއިނެވެ. އިޝާން އެގުޅީ ހަމައެކަނި އެޑްރެސް ހޯދަން ހެއްޔެވެ؟ އިތުރު އެއްވެސް ސުވާލެއް އޭނާ ނުކުރީ ކީއްވެ ހެއްޔެވެ؟ އިޝާން އެގެއަށް އަންނަނީ ހެއްޔެވެ؟ ކުއްލިއަކަށް ނީލާގެ ހިތަށް އުފާވެރިކަން ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނަށް މޮޅިވެރިކަން ވެރިވީ، އިޝާން އެއަންނަނީ އޭނާގެ ހާލުދެކެން ނޫންކަން އެނގުމުންނެވެ. ކުޑަމިނުން ފޯނުންވެސް އޭނާގެ ހާލުއަހާ ނުލިއެވެ.
ނީލާއަށް އިންތިޒާރު ކުރެވެމުން ދިޔައީ އިޝާން އަންނާނެ އިރަކަށެވެ. އިޝާން އޭނާގެ ހާލުބަލާނުލި ނަމަވެސް އިޝާން ދެކިލާހިތް އޭނާވިއެވެ. މާގިނައިރު އިންތިޒާރުކުރާކަށް ވެސް ނުޖެހުނެވެ. ބެލް އަޅާލި އަޑު އިވިއްޖެއެވެ. ނީލާ ދޮރުހުޅުވާލީ ތެޅި ތެޅި އޮތް ހިތަކާއެކުއެވެ. ނަމަވެސް ކުރިމަތީގައި ހުރީ އޭނަ އިންތިޒާރު މީހާއެއް ނޫނެވެ. އެއީ އަނިލްއެވެ. އަނިލް ފެނުމާއެކު ނީލާގެ މޫނުގެ ކުލަފަނޑުވިއެވެ. އަނިލް ހިނިތުންވެލާފައި އެތެރެއަށް ވަނެވެ. ނީލާގެ މަންމައާއި ބައްޕަ އެވަގުތުވީ ބޭރަށް ގޮހެވެ. އެހެންކަމުން ގޭގައި އުޅެނީ ނީލާ އެކަންޏެވެ. އަނިލް އައުމުންވެސް ދައްކާނެ ވާހަކައެއް ނޭނގިފައި ނީލާ މަޑުމަޑުން އިނީއެވެ.
” ބޭރަށްދާން ތައްޔާރުވާންވީނު…..ކާޑް ސެލެކްޓްކުރަން ޖެހޭނީ ދެމީހުން އެކީ ގޮއްސައެއްނު!…..އަދި ކައިވެނީގެ ހެދުންވެސް ތައްޔާރުކުރަންދޭން ޖެހޭނެ…..ކޮންމެ ހާލަތެއްގަ ކައިވެނި ކުރެވުނުކަމުގައިވިޔަސް…..އަހަރެން ބޭނުންވަނީ ފުރިހަމަ ހަފްލާއެއް ބާއްވަން……އެހެންވީމަ ރަށަށް ދިއުމުގެ ކުރިން ހުރިހާ ތައްޔާރީއެއްވެސް ވާންޖެހޭނެއެއްނު!” އަނިލް އޭނާ ބޭނުންވާ ގޮތް ކިޔައިދިނެވެ.
“އެބައަންނަން ތައްޔާރުވެގެން” ކިތަންމެ ދާހިތްނެތް ނަމަވެސް އަނިލްގެ އެދުމާއި ދެކޮޅުހަދާކަށް ނީލާއަކަށް ނުކެރުނެވެ. ނީލާ ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތު ބެލްއަޅާލި އަޑުއިވުނެވެ. ނީލާއަށް ވަގުތުން ހުއްޓެވުނީ އިޝާން އައީކަމުގައި ހީވާތީއެވެ. ނީލާ ދޮރުހުޅުވަން ހިނގައިގަތް ނަމަވެސް އަނިލް އޭނާއަށްވުރެ ކުރިން ގޮސް ދޮރުހުޅުވިއެވެ. ދޮރުމަތީތިބި ޒިހާންއަށާއި އިޝާންއަށް އަނިލް ފެނުމުން ހައިރާން ކަމެއް ލިބުނެވެ. ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުރި ނީލާ އެމީހުންނަށް ފެނުނެވެ.
” އަނހަ! އިޝާން!…..އާދޭ އެތެރެއަށް…” ހިނިތުންވެލަމުން އަނިލް އިޝާންއަށް ދައުވަތުދިނެވެ. އެވަގުތު އަނިލް އެގޭތެރެއިން ފެނުމުން އިޝާންގެ ހިތް ނުތަނަވަސްވިއެވެ. ޒިހާންއަށްވެސް އެކަން ފާހަގަ ކުރެވުނެވެ.
” ކޮބާ ދައްތަމެން…..ނޫޅެނީތަ ގޭގަ؟” ހަމަޖެހޭގޮތް ދައްކަމުން ހިނިތުންވެލާފައި އިޝާން އަހާލިއެވެ.
” އާނ! މިވަގުތަކު ނެތް…އެކަމު ހީވަނީ އިރުކޮޅަކުން އަތުވެދާނެހެން……ކޮބާ އެއްޗެއް ބޯލަންވީނު!…އަހަރެމެންވެސް ބޭރަށްދާން ވެގެން މިއުޅެނީ…..އިޝާންވެސް ދާންވީނު އަހަރެމެންނާއެކު…..ކުޑަހެލްޕެއްވެލަން…”
” ކޮންކަމަށްތޯ އަޅުގަނޑު ހެލްޕްވާންވީ؟….ވެވޭވަރު ކަމެއްވިއްޔާ ހަމަޔަގީނުންވެސް ކޮށްދޭނަން…” އިޝާން ވަރަށް ޔަގީންކަމާއެކު ބުންޏެވެ.
” އިޝާން ތީ މިހާރު އަހަރެންނާ ނުލާހިކު ގާތް ކުއްޖެއްނު…..އެހެންވީމަ މިވާހަކަ މިބުނަނީވެސް….މިހާރު މާލޭގަ މެރީކޮށްގެން ރަށަށްދާން މިނިންމީ…މިއަދު ފޯރމްވެސް ލައިފިން..ހަފްތާއެއްފަހުން ކައިވެނި ކުރެވޭނެ….އެހެންވީމަ ވަރަށްގިނަ ކަންތައްތައް އެބަހުރި ނިންމަން…..މިއަދު މިއުޅެނީ ވެޑިންކާޑެއް ސެލެކްޓްކުރަންދާން ވެގެން……އަދި އެހެން ބައިވަރު ކަންތައްވެސް އެބަހުރި…..އެހެންވީމަ އިޝާންގެ އެހީތެރިން ވަރަށްބޮޑަށް ބޭނުން ހުރިހާކަމެއްގަވެސް” އަނިލް ދެއްކި ވާހަކަތައް އިވުމުން އިޝާންއަށާއި ޒިހާންއަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. މިލިބުނު ޚަބަރުން އިޝާން މުޅިން މާޔޫސް ވެއްޖެއެވެ. އޭނާގެ މޫނަށް ވަގުތުން މޮޅިވެރިކަން ވެރިވީ ވަގުތުފާއިތުވީކަން އެނގުމުންނެވެ.. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކުރެވޭނެ އިތުރުކަމެއް އެބައޮތް ހެއްޔެވެ؟ އަނިލް އެހާ އަވަސް އަރުވާލައިގެން ކައިވެނިކުރަން އުޅޭނެ ކަމެއް އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ނީލާއަށް ހަގީގަތް ހާމަކޮށްދޭން ކިތަންމެ ބޭނުން ވިޔަސް މިހާރު ވަގުތު މިވަނީ ފާއިތުވެފައެވެ.
” ކިހިނެއްވީ…އެއްޗެކޭ ނުބުނީ؟….އަނެއްކާ މާބޮޑުކަމަކުތަ މިއެދެވުނީ؟” އިޝާން ބަހެއްނުބުނެ އިނުމުން އަނިލް އަހާލިއެވެ.
” ނޫނޭ….އަޅުގަނޑު މިހުރީ ހަމަ ތައްޔާރަށް……އެކަމު ސަރ ހާދަ ނުވަގުތެއްގަ މެރީކުރަން ތިއުޅެނީ……އަޅުގަނޑު ހީކުރީ ހަމަޖެހިލައިގެން ތަންކޮޅެއް ރަނގަޅަށް ތައްޔާރުވެލައިގެން ކަމަށް ކުރާނީ…..” އަނިލް އެގޮތަށް ކަންތައްކުރި ސަބަބެއް ހޯދުމަށް އިޝާން ބޭނުންވިއެވެ. ކޮޓަރި ދޮރުކައިރީ ހުރި ނީލާއަށް އިޝާންގެ ސުވާލު އަޑު އިވިފައި ހިތްތެޅިގެން ދިޔައީ އަނިލް ދޭނެ ޖަވާބެއް ނޭނގޭތީއެވެ.
” ހެހެހެ އާނ! ތީވެސް ތެދެއް……އެކަމަކު ކައިވެނިކުރަން ތިބި ދެމީހުން ތައްޔާރަށް ތިބިއްޔާ، ދެން މާބޮޑު ތައްޔާރީ ތަކެއް ވާކަށް ނުޖެހޭނެ އެއްނު…..ކައިވެނިކުރަން އުޅޭ ޚަބަރު މާކުރިން މީހުނަށް ލިބި، މީހުން ފޫހިވާއިރުވެސް ނުކުރެވުމަށްވުރެ މިގޮތަށް ކުއްލިއަކަށް ކުރީމަ މީހުންނަށް ލިބޭ ސަޕްރައިޒް ބޮޑުވާނެއެއްނު….ކިހާމަޖާވާނެ ހީވެސް ނުކޮށް ތިއްބާ ކުއްލިއަކަށް އަހަރެމެން މެރީކުރިކަން މީހުނަށް އެނގުނީމަ…” ހަގީގީ ސަބަބު އިޝާންއަށްވެސް އަންގާކަށް އަނިލް ބޭނުމެއް ނުވިއެވެ. އަނިލްގެ ޖަވާބު އިވުމުން ނީލާގެ ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އިޝާންގެ ހިތުގެ ނުތަނަވަސްކަން ވީއިތުރެވެ. އަނިލްގެ ޖަވާބު އިޝާންއަށް ގަބޫލެއް ނުކުރެވުނެވެ. ކޮންމެވެސް އެހެން ކަމެއް އުޅޭކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. ނަމަވެސް އެކަން އޭނާ އޮޅުންފިލުވާނީ ކިހިނެއް ހެއްޔެވެ؟ ނީލާއާ ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ލިބުނީކީ ނޫނެވެ. އިޝާންއަށް ބޭއިޚްތިޔާރުގައި ނީލާއާ ދިމާބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހިނދުކޮޅަކަށް ބައްދަލުވިއެވެ. އިޝާންގެ ލޮލުން ފެނުނު އަސަރުތައް ދެނެގަންނާކަށް ނީލާއަކަށް ނޭނގުނެވެ. ނަމަވެސް ނީލާގެ ލޮލުގައިވާ މާޔޫސީގެ އަސަރު އިޝާން ވަރަށް ރަނގަޅަށް ދެނެގަތެވެ. އިޝާންދެކެ ލޯބިވާއިރު ނީލާ އަނިލްއާ ކައިވެނިކުރަން އެއުޅެނީ ކީއްވެގެން ބާއޭ އިޝާންގެ ހިތަށް އަރިއެވެ. އެންމެ ރެއަކު އެހިތަށް ލޯބިދީފައި މުޅި އުމުރަށް އަނިލްގެ މީހަކަށް ވަނީ ހެއްޔެވެ؟ އެލޯބީގައި އެއްވެސް ބާރެއް ނެތީ ހެއްޔެވެ؟ އެރޭ އިޝާންގެ ފަރާތުން ދިން ލޯބީގެ އެއްވެސް އަސަރެއް ނީލާއަށް ނުކުރަނީ ހެއްޔެވެ؟ ފަތިސްވުމާއެކު ރޭގަނޑުގެ އަނދިރިކަން ފިލާދިޔަފަދައިން އެހުރިހާ އިހުސާސެއްވެސް ނެތިގެން ދިޔައީ ހެއްޔެވެ؟
އިޝާން ހިތާހިތުން ޝަކުވާކުރަމުން ދިޔަ ނަމަވެސް ނީލާގެ ހިތަށް އެއަޑު އިވޭނީ ކިނިނަކުން ހެއްޔެވެ؟ ނީލާ ޔަގީން ކޮށްގެން ހުރީ އިޝާން ލޯބިވަނީ އަރޫނާ ދެކެ ކަމުގައެވެ. އެހިތުގައި ވިންދު ޖަހަނީވެސް އަރޫނާއަށްޓަކައި ކަމުގައެވެ. ކުށްހީގެ ފަރުދާއެއްގެ ތެރޭގައި ހައްޔަރުވެފައިވާ ނީލާގެ ހިތަށް އިޝާންގެ ލޯބި އިހުސާސެއް ނުކުރެވުނެވެ. އެނަޒަރުން ކުރާ ޝަކުވާތަކެއްވެސް ތަރުޖަމާއެއް ނުކުރެވުނެވެ. ނީލާ އަވަސް އަވަހަށް ކޮޓަރިއަށްވަނީ އިޝާންގެ ނަޒަރުން ސަލާމަތް ވުމަށެވެ. އިޝާންގެ ބެލުމުގައި ތަފާތު އަސަރެއް ހުންނަހެން އޭނާއަށް ހީވަނީ ކީއްވެގެން ހެއްޔެވެ؟ އަނިލްގެ ލޮލުންވެސް އެފަދަ އަސަރެއް އޭނާއަކަށް ނުފެނެއެވެ. މިއީ އޭނާއަށް ކުރެވޭ ކުށްހީއަކީ ހެއްޔެވެ؟ އިޝާންއާ އޭނާއާ މެދު ކޮންމެވެސް ކަހަލަ ގުޅުމެއްވާކަމުގެ އިހުސާސް އޭނާއަށް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އެޚިޔާލުތަކުން ހިތް މިންޖުނުވަނީ ކީއްވެގެން ހެއްޔެވެ؟ އެއަތުގެ ބީހިލުން ލިބިފައިނުވާއިރު އެކަމަށް ހިތްއެދެނީ ކީއްވެގެން ހެއްޔެވެ؟
ސުވާލުތަކުން ހިތްފުރެމުން ދިޔަ ނަމަވެސް، ވިސްނާ ވިސްނާވެސް އެދެވޭ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. ނީލާ ފާޚާނާއަށްވަދެ މޫނުދޮވެލައިގެން ނުކުމެ ތައްޔާރުވިއެވެ. ނީލާ ކޮޓަރިން ނުކުތްއިރު އޭނާގެ މަންމައާއި ބައްޕަވެސް ގެޔަށް އަތުވެއްޖެއެވެ. އިޝާންއިނީ އެމީހުނާ ވާހަކަ ދައްކާށެވެ. ނީލާ މަޑުމަޑުން ސޯފާގައި އިށީނެވެ. ސިއްރު ސިއްރުން އޭނާ އިޝާންގެ މޫނަށް ބަލަމުންދިޔައިރު ތަފާތު ޝުއޫރުތައް އޭނާގެ ހިތަށް ވެރިވަމުންދިޔައެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު އަނިލްއާއި ނީލާ އަދި އިޝާންއާއި ޒިހާންވެސް ބޭރަށް ނުކުތެވެ. އަނިލް ބޭނުންވިފަދައިން އިޝާންއާއި ޒިހާންވެސް ކައިވެނީގެ ކާޑްހޮވުމަށް އެމީހުނާއެކު ދިޔައެވެ. އެކި ޑިޒައިންތަކުގެ ތަފާތު ކާޑުތައް އަނިލް ނީލާއަށް ދައްކަމުން ދިޔައެވެ. ނަމަވެސް ނީލާއަކަށް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ދާދިގާތުގައި ހުރި އިޝާންއަށެވެ. އިޝާންއަށްވެސް އެކަން ފާހަގަ ކުރެވުނެވެ. ނީލާއަށް ވަކިކާޑެއް ޚިޔާރުކުރަން ނޭނގުމުން އަނިލް އެދުނީ އިޝާންއަށް ރީތިކާޑެއް ނެގުމަށެވެ. އެވަގުތު އިޝާންއަށް ނީލާގެ މޫނަށްބަލާލެވުނެވެ. ނީލާވެސް ހުރީ އިޝާންގެ މޫނަށް ބަލާށެވެ. އިޝާން އޭނާއަށް ކަމުދާ ކަހަލަ ކާޑެއް ނެގިއެވެ. އެކާޑު ނީލާއަށްވެސް ކަމުދިޔައެވެ.
އެދެހިތުގައި ހިނގާ ޝުއޫރުތައް ދެނެގަނެވޭ ޒިހާންއަށް އެމަންޒަރު ބަލާކަށް ފަސޭހައެއް ނުވިއެވެ. ތިމާގެ ލޯބިވެރިޔާ އެހެންމީހަކާ ކައިވެނިކުރުމަށް، ކައިވެނީގެކާޑު ހޮވައިދިނުން އެއީ ފަސޭހަކަމެއް ހެއްޔެވެ؟ އަނެއްކޮޅުން ތިމާ އެހެން މީހަކާ ކައިވެނިކުރުމަށް ތިމާ އެންމެލޯބިވާ މީހާގެ އަތުން ކާޑެއް ހޮވާތަން ދެކެން ހިތަށް ވަކީން ކުޅަދާނަ ވާނޭ ހެއްޔެވެ؟ ޒިހާން އޭނާގެ އެންމެގާތް އެކުވެރިޔާގެ ހާލާމެދު ކަންބޮޑުވެއެވެ. އޭނާ ދެރަވަނީ އެކަމުގައި އޭނާއަށްވެސް އެހީތެރިކަމެއް ވެވޭން ނެތީތީއެވެ. ޒިހާންއާއި އެކު އިޝާން އެނބުރި ގެޔަށްއައީ ނާއުއްމީދު ވެގެންނެވެ. ޒިހާންވެސް ހިމޭންކަން ޚިޔާރުކޮށްގެން ހުރީ އެކުވެރިޔާއަށް އިތުރަށް ދޭނެ ލަފައެއް ނޭނގޭތީއެވެ.
އަރީޝާއާއި އިޝިކާ ދިޔަފަހުން އިމާދުވެސް ވަނީ މުޅިން އެކަނިވެރިވެފައެވެ. މިހާރު އިމާދުގެ މަންމަ އަށްވެސް ވަނީ އަރީޝާ ވަރިކުރިކަން އެނގިފައެވެ. މަންމަ ދެރަވީ އަރީޝާދަމުން އިޝިކާ ގެންދިއުމުންނެވެ. އިޝިކާ ގެނައުމަށް އިމާދުގާތުވެސް އޭނާގެ މަންމަ އެތައް ފަހަރަކު އެދެފިއެވެ. ނަމަވެސް އިމާދު އެގޮތަށް ކަންތައް ނުކުރީ އިޝިކާ އެނާގެ މަންމަގެ ލޯބިން މަހުރޫމު ކުރަން ބޭނުން ނުވާތީއެވެ. ކުރިންވެސް އޭނާއަށްވަނީ އެއްދަރިއަށް ނުހަނު ބޮޑަށް އިހުމާލުވެވިފައެވެ. ނަމަވެސް މިހާރު އޭނާ ބޭނުންވަނީ އިޝާންއަށް އޭނާގެ ފަރާތުން އުނިވި އަޅާލުމާއި ލޯބިދޭށެވެ. މިހާރު އިމާދުއަށް ކާއެއްޗެއްވެސް ކެވެނީ އިޝާން ކައިފިތޯ ބެލުމަށްފަހުގައެވެ. އެއްގެއެއްގެ ދެބައިގައި ދެބަފައިން އުޅެންވުމުން އިމާދުގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އެހެންކަމުން އޭނާ ބޭނުންވީ އިޝާން އަނބުރާ އޭނާއުޅޭ ބަޔަށް ގެނައުމަށެވެ. ނަމަވެސް އިޝާން އޭނާގެ މާމަ ދޫކޮށްލާފައި ނާންނާނެކަން އެނގޭތީ އިމާދު ގަސްތުކުރީ އެދެމީހުންވެސް އޭނާ އުޅޭބަޔަށް ގެނައުމަށެވެ. ނަމަވެސް މަންމަގެ ބަލިހާލުހުރިގޮތުން އާތިފާބޭނުންވީ މަންމަ އޭނާގެ ގާތުގައި ބެހެއްޓުމަށެވެ. މަންމައަކު ރަނގަޅަށް ބެލޭނީވެސް އަންހެން ދަރިއަކަށް ކަމަށްވާތީ އިމާދުވެސް އެކަމާ ދެކޮޅު ހެދުމެއްނެތި އެއްބަސްވިއެވެ. މާމަ ބޮޑުދައިތަ ގެޔަށްދިއުމުން އިޝާން އެކަމާ ވަރަށްދެރަވިއެވެ. އޭނާގެ އެކަނިވެރިކަން އިތުރުވިއެވެ. އިމާދުއަށްވެސް އެކަން އިހުސާސް ކުރެވުނެވެ. އެހެންކަމުން އިމާދު ބޭނުންވީ އިޝާން އޭނާއާއެކު އޮފީހަށް ގެންދިއުމަށެވެ.
” ދަރިފުޅުދެން މިކޮޅަށް ބަދަލުވާންވީނު…..ރާއްޖެތެރޭ ރަށެއްގާ ދަރިފުޅު ތިގޮތަށް އެކަނި އުޅޭކަށް ބައްޕަ ހިތްހަމައެއް ނުޖެހޭ……އެހެންނޫނަސް އަދި ކިޔެވުންވެސް ނިމުނީކީ ނޫނެއްނު…..ދެން ދުވަސްތައް ބޭކާރު ނުކޮށް އަލުން ކިޔަވަންދާން ބައްޕައަށް ފެންނަނީ…..” އިމާދު އޭނާ ބޭނުންވާ ގޮތް އިޝާންއަށް ހުށަހެޅިއެވެ.
” ނޫން ބައްޕާ!…..އެރަށުގަ އަހަރެން އުޅެނީ ވަރަށް ހިތްހަމަ ޖެހިގެން……ބައްޕައަށްވެސް އެކަން އެނގޭނެ ކަންނޭނގެ…..އަހަރެން އުޅެނީ ދުރުހިލޭ ބަޔަކު ގާތަކުނޫން…..ޚުދު އަހަރެންގެ މަންމައާއި ކާފަޔާ މާމަޔާ ގާތުގަ…..” އެއްވެސް ޖެހިލުމެއްނެތި އިޝާން ހަޤީޤަތް ހާމަކުރިއެވެ. އިޝާންގެ ވާހަކަ އަޑުއަހާފައި އިމާދު އިތުރު އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. އޭނާއަށް ބުނެވޭނެ އިތުރު އެއްޗެއް ނުވެސް ނެތީއެވެ. ތެދެކެވެ. އިޝާންއަށް އޭނާގެ މަންމަގާތު ހުރުމުގެ ހައްޤު ލިބިގެންވެއެވެ. ކުރިންވެސް އެހައްޤު ނިގުޅައިގެން މީހަކީ ޚުދު އިމާދުއެވެ. ނަމަވެސް ދެވަނަ ފަހަރަށް އިޝާން އޭނާގެ މަންމަޔާ ދުރުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.
” ދަރިފުޅުތީ ކާކުކަން އެމީހުނަށް އެނގޭތަ؟….މަންމަޔަށް ދަރިފުޅު އެނގޭތަ؟” އިމާދު ހުރީ އޮޅުން ފިލުވަން ބޭނުންވެފައެވެ.
” ނޫން….ނޭނގޭ….އަދި އެކަން އަންގާކަށްވެސް އަހަރެން ބޭނުމެއްނުވޭ…..މަންމަ އަހަރެންގެ މަތިން ހަނދާނެއްވެސް ނެތް…..މަންމަ ދަރިޔެއްކަމުގަ ދެކެނީ އެހެން މީހެއް…..އޭނަދެކެ މަންމަ އިންތިހާއަށް ލޯބިވޭ…..މާމައާއި ކާފަ ވަރަށް ހެޔޮ……އެކަމު އެމީހުންވެސް ދަރިޔެއްގެ ގޮތުގަ ދެކެނީ އަނިލް…..އަހަރެންނަކީ އަދިވެސް އެމީހުންނަށް ދުރުހިލޭމީހެއް….ބީރައްޓެއްސެއް…..އެކަމަކު ކޮންމެވެސް ދުވަހަކުން އަހަރެންނަށްވެސް އެމީހުންގެ ލޯބި ލިބޭނެކަން އަހަރެންނަށް ޔަގީން…..މަންމަވެސް އަހަރެންދެކެ އަނިލްދެކެ ވާފަދައިން ލޯބިވާނެ..” އިޝާން އެވާހަކަ ދެއްކިއިރު އޭނާގެ އަޑުގައިހުރި ރިހުން އިމާދުގެ ހިތް ތޮރުފާލިއެވެ. އޭނާގެ ދަރިފުޅު ކިހާ ކެތްގަދަ ހެއްޔެވެ؟ އެކަނިމާއެކަނި ކިހާ ތަކްލީފެއް އުފުލައިފި ހެއްޔެވެ؟ ދެން އިތުރަށް އެދަރިފުޅުގެ ހިތުގައި ޖައްސާކަށް އޭނާއަކަށް ނުކެރޭނެއެވެ.
” ދަރިފުޅާ ބައްޕައަށް މާފްކޮށްދީ!….ދަރިފުޅު މަންމަގެ ލޯބިން މަހުރޫމުވީ މިބައްޕަގެ ސަބަބުން……ދަރިފުޅުގެ މަންމައަކީ ހެޔޮލަފާ ރަނގަޅު އަންހެނެއް……އެފަކީރަށް އެހާލުޖެހުނީވެސް ހަމަ ބައްޕަގެ ސަބަބުން……މިހާރު ބައްޕަ އެކަމާ ހިތާމަކުރަން……އަރީޝާގެ ދަޅަތަކައް ހެއްލިގެން ބައްޕައަށް އެގޮތަށް ކަންތައް ކުރެވުނީ…….” އިމާދުއަށް ކުރި އަސަރުން އޭނާގެ އަރުބެދޭ ގޮތްވިއެވެ.
“ދަރިފުޅު ބޭނުން ދުވަހެއްވާންދެން އެރަށުގަ ހުއްޓަސް ބައްޕަގެ މައްސަލައެއް ނެތް……ދަރިފުޅަށް ހުރިހާގޮތަކުންވެސް ބައްޕަ އެހީވާނަން…..ދަރިފުޅު މަންމަގާތުގަ ހުރޭ…..” އިމާދު އަތުގެ ބޮޑުވާ އިނގިލިން އޭނާގެ ލޯފުހެލިއެވެ. އިޝާންވެސް ފެންކަޅިވެފައި ބައްޕަގެ މޫނަށް ބަލަންއިނެވެ. ބައްޕަ އެހުރީ ހަޤީޤަތުގައިވެސް ވަރަށް ދެރަވެފައިކަން އޭނާއަށް އެނގުނެވެ. ބައްޕައަށް ވިސްނުނީތީ އިޝާން އުފާކުރިއެވެ.
ހަފްތާއެއްގެ ފަހުން ނީލާއާއި އަނިލްގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނިކުރިތާ ދެވަނައަށްވީ ދުވަހު އަނިލްއާއި ނީލާ، ނީލާގެ މަންމަމެންނާއެކު ރަށަށް އައެވެ. އިޝާންވެސް އެމީހުނާއެކު ރަށަށް އައީ އަނިލްގެ އެދުމުގެ މަތިންނެވެ.
ރަށަށް އައުމާއެކީ އަނިލް އޭނާގެ އާއިލާއަށް ކައިވެނީގެ ޚަބަރުދިނެވެ. އެޚަބަރު އަހާފައި މާމައާއި ކާފަ އިންތިހާއަށް އުފާވިއެވެ. ދައުވަތުކާޑު ރަށުތެރެއަށް ބަހާލުމުން އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ޚާއްސަކޮށް ސުކޫލުގެ މުއައްޒަފުން އެދުވަހުގެ ހަތަރުދަމު ދެއްކީ އެވާހަކައެވެ. އެކަކަށްވެސް އަންގާނުލައި އެދެމީހުން ކައިވެނިކުރުމުން މުއައްޒަފުންވެސް އެމީހުނަށް ލަނޑެއް ދިނުމަށް ރޭވިއެވެ. ސުކޫލުގެ ޝެޝަން ނިމުމާއެކީ ހުރިހާ އަންހެން މުއައްޒަފުން ނީލާގެ ގެޔަށްގޮސް ނީލާއަށް ކުލައިން ހަމަލާދިނެވެ. ފިރިހެން މުއައްޒަފުން އަނިލްއަށްވެސް އެތައްގޯނާއެއްކޮށް ގާނޑިޔަލަކަށް ދެމީހުންލައިގެން އެމީހުންގެ ކައިވެނި އިއުލާން ކުރަމުން ދުއްވިއެވެ. މިމީހުންގެ ފަރާތުން މިފަދަ ހަމަލާއެއް ލިބިދާނެ ކަމަށް އަނިލްހުރީ ވިސްނައިގެންނެއް ނޫނެވެ. އަނިލް އެންމެ ކަންބޮޑުވީ ނީލާއަށް ގޮތެއް ވެދާނެތީއެވެ. އެންމެފަހުން ހަވީރުވެ އިރުއޮއްސެއް ގާތްވެފައި ހުއްޓައި ދެމީހުންނަށް ޖެހުނީ މޫދަށް އެރޭށެވެ.
ޖެހިގެން އައި ހޮނިހިރު ދުވަހު ސުކޫލުގެ ގޯތިތެރެ ޒީނަތްތެރި ކުރަމުން ދިޔައީ އަނިލްއާއި ނީލާގެ ކައިވެނީ ހަފްލާއަށެވެ. ހުރިހާ މުއައްޒަފުން ހެދުނުއްސުރެ އަވަދިނެތި މަސައްކަތް ކުރަމުން ދިޔައީ ނުހަނު ފޯރީގައެވެ. އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތިއެވެ. ހަފްލާގެ ހުރިހާ ތައްޔާރީތަކެއްގައި ހިނިތުންވެހުރެ އިޝާންވެސް ބައިވެރިވަމުން ދިޔައީ ހިތްކުދިކުދިވެފައިވާ ހާލުގައެވެ. ނަމަވެސް އޭނަގެ މިޒާޖަށްވަނީ ދުވަހަކުވެސް ނާންނަހައި ހަމަހިމޭންކަން ވެރިވެފައެވެ. އެންމެން ހީހީފައި މަޖާކުރި އިރުވެސް އިޝާން ހަމަ ބަހެއްވެސް ނުބުނެ ހަމައެކަނި ހިނިތުންވެލުމަކުން ފުއްދާލަނީއެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އަރޫނާއަށެވެ. އަރޫނާ ދެތިން ފަހަރަކު އިޝާންއަށް ގޯނާކޮށްލުމުންވެސް އޭނާ އަޅާވެސް ނުލިއެވެ. އެތައްބައެއްގެ ބުރަމަސައްކަތާއި އެހީތެރިކަމުން ނުހަނު ފުރިހަމައަށް ތަން ޒީނަތްތެރި ކުރެވުނެވެ.
އިޝާ ނަމާދަށްފަހު ނީލާއާއި އަނިލްވެސް ތައްޔާރުވިއެވެ. ނީލާގެ އެކުވެރިން އޭނާ ތައްޔާރުކުރީ ވަރަށްވެސް ފުރިހަމަ އަށެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ނީލާހުރިއިރު ކޮންމެމީހެއްގެ ނަޒަރުވެސް އޭނާއަށް ހުއްޓޭނެކަން ގައިމެވެ. ހަފްލާ ފެށުމުގެ ދިހަމިނެޓް ކުރިން ނީލާއާއި އަނިލް ސުކޫލަށް ހާޒިރުވިއެވެ. ނީލާ ފެނުމުން ހިނދުކޮޅަކަށް އަނިލްގެ ހަރަކާތް ހުއްޓުނެވެ. އޭނާގެ ފަހަތުން އައި އިޝާންއަށްވެސް ވީހަމަ އެވަރެވެ. ދެމީހުންގެ ނަޒަރު ނީލާއަށް އަމާޒުވެފައި ހުރިއިރުވެސް ނީލާގެ ހިތާއި ކުޅެލީ ހަމައެކަނި އިޝާންގެ ނަޒަރެވެ. ނީލާ އަވަސް އަވަހަށް އިސްޖަހާލީ އެހިތުގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށެވެ.
ހަފްލާ ފެށުމާއެކީ ބައިބަޔަށް މެހުމާނުންތައް އަންނަން ފެށިއެވެ. ކޮންމެ މެހުމާނަކުވެސް އެމީހުނާ ބައްދަލުކުރަނީ ހިނިތުންވެހުރެ އެމީހުންގެ ކައިވެނި ބާއްޖަކުރެއްވުމަށް އެދި ހެޔޮދުއާކުރަމުންނެވެ. އެއިން ކޮންމެ މީހެއްގެ ދުޢާއިވުމުން ނީލާގެ ހިތަށް ތަދުވަނީ އެކައިވެނީގެ އަބާއްޖަވެރިކަން ހިތަށް އަރާފައެވެ. އަނިލްގެ ހިތަށްވެސް އެއުދަގޫ އިހުސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް އޭނާ ހިނިތުންވެގެން ހުރިއިރު ހީވަނީ މިވަގުތު ދުނިޔޭގައިހުރި އެންމެ އުފާވެރި މީހަކީ އެއީ ހެންނެވެ. ނީލާވެސް މޫނުމައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކުރުވައިގެންހުރެ އޭނާގެ ހިތުގެ އުދާސްތައް ފޮރުވަމުން ދިޔައެވެ. އެދެމަފިރިންނަށް ނަޒަރު ހުއްޓާލައިގެން ދުރުގައިހުރި އިޝާންގެ ހިތްވަނީ ޒަޚަމްވެފައެވެ. އެހިތުގައި ޖަހާވިންދުގައިވަނީ ވޭނީ އުދާހެކެވެ.
ކުލަކުލައިގެ ފަނޑު އަލީގެ ތެރޭގައި ހިތްގައިމު ހިމޭން މިއުޒިކުން ހިތްހަމަ ޖައްސަމުން ހަފްލާގެ ބައިވެރިން ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ނީނާއާއި އިމްނާ އަދި އަރޫނާ އައިސް ނީލާގެ ގާތުގައި ހުއްޓި ގޮތްގޮތަށް ފޮޓޯނަގަމުން ދިޔައެވެ. ނީލާވެސް ހިނިތުންވެހުރެ އެމީހުން ބޭނުންވާ ގޮތް ގޮތަށް ފޮޓޯ ނަގަމުންދިޔައެވެ. ނީނާއަށް ދުރުގައިހުރި އިޝާންފެނުމުން ދުވެފައިގޮސް އަތުގައި ހިފައިގެން ގެނައެވެ. އަދި ނީލާއާއި ދާދިގާތުގައި ބެހެއްޓުމަށްފަހު ފޮޓޯނަގަން ފެށިއެވެ. ފޮޓޯނަގަން ޚާއްސަ ކެމެރާމަނުން ތިބިއިރުވެސް ނީނާ ފޮޓޯނަގަމުން ދިޔައީ އޭނާގެ އަމިއްލަ ކެމެރާއިންނެވެ. އިޝާން ސިއްރު ސިއްރުން ނީލާއަށް ބަލާލިއެވެ. އެހާގާތުން ނީލާފެނުމުން ހިތުގެ ތެޅުމަށްވެސް ބަދަލުއައެވެ. މިރޭ ނީލާގެ ފެންނަލެއް ނުހަނު ރީއްޗެވެ. ނީލާގެ ގާތުގައި އަނިލްގެ މަޤާމުގައި ހިނިތުންވެގެން އޭނާއަށް ހުރެވޭނެ ނަމެއޭ އިޝާންގެ ހިތަށްއެރިއެވެ. އެފުރުސަތު އޭނާއަށް ނުލިބުނީ ކީއްވެގެން ހެއްޔެވެ؟ އިޝާން ބަލާހެން ހީވުމުން ނީލާވެސް އިޝާންއާ ދިމާބަލާލިއެވެ. އިޝާން ދާދިގާތުގައި ހުރުމުން ނީލާގެ ހިތަށްވެސް ވީހަމަ އެފަދަ ގޮތެކެވެ. އެވަގުތު ދެމީހުންގެ ލޮލުންވެސް ކުރަމުން ދިޔައީ އެއްޝަކުވާއެކެވެ.
“ތީޔެ ހިތުގާ މިވާ ވިންދަކީ ލޯބިވާ
ތީ ހަޤީޤީ މަގޭ ހިތް އެދޭ ލޯބިވާ
******
ބޭވަފާއެއް ނުވަން މީތެދެކޭ މަގޭ މިތުރާއޭ
ބޭނުމެއް ނޫނޭ ތިނޫން ލޯތްބެއް މިތާ ދުނިޔޭގާ
ލޯބި އަހަރެން މިވާ އަންގައިދޭން ނުހަނުބޭނުންވޭ
ޔާރު ދުރުގާ ވިޔަސް މިހިތާޖާން އެކުގާ ވެޔޭ
******
ބޭނުމީ ތިޔަޒުވާން އަތުތެރޭގާ ވުމޭ
ތީޔެ ހިތުގާ މިވާ ވިންދަކީ ލޯބިވާ
ތީ ހަޤީޤީ މަގޭ ހިތް އެދޭ ލޯބިވާ”
ދެމީހުންގެ ލޮލުން ހިތުގެ ހާލަތު ބަޔާންކުރަމުން ދިޔައިރު ވަށައިގެންވީ މާހައުލުގައި ތިބި އެކަކަށްވެސް ރޭކާ ނުލައެވެ. އިޝާންއަށް ގިނައިރު އެތާހުރުމަކީ އުނދަގޫ ކަމަކަށްވިއެވެ. ތަންވަޅުބަލާފައި އެތަނުން އޭނާ ދުރަށް ދިޔައެވެ. ކޯކުތައްޓެއް ހިފައިގެން އިޝާން ދިޔައީ ސުކޫލުގެ ހުޅަނގު ފަރާތަށެވެ. ގަހެއްގެ ދަށުގައި ހުރި ޖޯލިފަތީ އޮށޯވެ އޭނާދެލޯމަރާލީ ހިތަށް ފިނިކަމެއް ލިބޭތޯއެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އޭނާއަށް ލިބުނެވެ. އޭނާގެ ހިތާއި ސިކުނޑި ހާސްކުރަމުން ދަނީ ހަމަ އެންމެ ސުވާލެކެވެ. ނީލާ އަނިލްއާއި ކައިވެނިކުރީ ކީއްވެގެން ހެއްޔެވެ؟ ނީލާގެ ލޮލުން ދާދީ ދެންމެއަކުވެސް އިޝާންއަށް ފެނުނީ އިންތިހާދަރަޖައިގެ މާޔޫސީކަމެވެ. އެލޮލުން އެހިތުގައިވީ ރިހުންތައް ސާފުކޮށް އިޝާންއަށް ފެނުނެވެ. ނީލާއަށް ދިމާވީ ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ؟ އެސުވާލުގެ ޖަވާބު ލިބޭތޯ އެކިގޮތް ގޮތަށް އިޝާން ވިސްނަމުން ދިޔައެވެ.
ހަފްލާއަށް ހާޒިރުވި އެންމެންގެ ފަރާތުން މަރުޙަބާއާއި ހެޔޮއެދުން ތަކުން އަނިލްއާއި ނީލާގެ ފަސްބައި ފުރާލަދެމުން ހަފްލާ ނިމިގެން ހިނގައްޖެއެވެ. އަނިލްއާއި ނީލާވެސް މޭޒެއްކައިރީ އިށީދެ ހަމަޖެހިލިއެވެ. އަނިލް ނީލާއަށް ތަފާތު ވައްތަރުގެ ކާއެއްޗެހި ފޯރުކޮށްދެމުން ދިޔައެވެ. ބަނޑުހައިވެފައި ހުރިވަރުން ނީލާ ކޮންމެވެސް ވަރަކަށް ކެއި ނަމަވެސް އޭނާއަށް މާރަނގަޅަކަށް ނުކެވުނެވެ. މޭނުބައިކޮށް ހޮޑުލަވާ ގޮތްވަނީއެވެ. ނީލާ ބޭނުންވީ ވީހާވެސް އަވަހަކަށް ގެޔަށްގޮސް ނިދާށެވެ. އަނިލްއަށްވެސް އެކަން އިހުސާސް ކުރެވުމުން އަވަސްގޮތެއްގައި ނީލާގޮވައިގެން ގެޔަށް އައެވެ. ހަފްލާއަށް ހާޒިރުވީ އެންމެން ސުކޫލުން ނުކުމެ، މާހައުލު ހަމަހިމޭންވުމުން އިޝާންވެސް ގެޔަށްދިޔުމަށްޓަކައި ނުކުތެވެ.
އިޝާން ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކީ ހުއްޓެން މަޖުބޫރުވީ ނީލާގެ ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. އެއަޑު އަންނަނީ އަނިލްގެ ކޮޓަރިންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.





Wowo first dhw hama ???heheh haadha reehchey shine ge stry thah..anehbai vx miadhu up kohdhehchey ?
Hama habeys thanks shine. Avaha up kondineema.
Woah!!!! This story is awesome inge shine… Thee hama ehwana… Next part awas kohdhehchey… And ishaan egothah hithuga nujassaba?
Wow…..v Vv salhi…..shine kon irakun next part very excited… to next part
Wow vvvvvv reethi…nxt part vex vrh reethi vaanehen heevey..
shine vareh neh hama
v nice mi part vs…i luv u r storyss…nxt partt avahah up kohlahchyy plxxx
Varah furihama
Shine haadha rangalhey avahah up kohdhey thee.. thank-you so much .mi story ves vv reethi
Alhe shine…dhen hama ishan n neela vakikohlytha…alhe gulhuvaadhehchey ending ga…??
Alhe mirey next part up kohdhechey shine plx. Story v nice.
Vvv reethi
Shine plx. . Mireyga up kohla dhehchey.. plx. . Plx. …
ވަރަށް ވަރަށް ރީތި… އަނިލް ހާދަ ރަނގަޅޭ ދޯ އެކަމު… އޭނަ ހަމަ ޙަޤީޤަތުގަވެސް ނީލާދެކެ ލޯބިވަނީއޭ ދޯ؟ އެކަމު އިޝާންއަށް ހާދަ ދެރަ ގޮތެކޭ ދޯ އެވީ… ދެން ކިހިނެއްބާ ވާނީ؟ އެބަ ވަރަށް އިންތިޒާރު ކުރެވޭ… 13ވަނަ ބައި އަވަހަށް އަޕްކޮށްލައްޗޭ
vaahaka v v salhi.. plx avahah up kohdechey aneh bai vx..
V salhi…. but preg vefa huhta marry eh nukure veyne dho????
Ey kaaveni huhdha nuvaane.