ނޭނގޭހެ ހާދަ ލޯބިވޭ 30 (ފަހުބައި)
ޔަމާން އައިސް ރާހިލްގެ ކުރިމަތީ ހުއްޓުނެވެ.
“އެގޮތަށް މީރާއާ ވާހަކަ ދައްކަންތަ ރާހިލްގެ މަންމަ މިގެޔަށް ގެނައީ؟” ރުޅި އައިސްފައި ހުރި ޔަމާން އަހާލިއެވެ.
“އަހަރެން ހިއެއް ނުކުރަން މަންމަ އެގޮތަށް ވާހަކަ ދައްކާނެ ކަމަކަށް… ސޮރީ” ރާހިލް ބުންޏެވެ.
“އެއްވެސް މީހަކަށް މީރާއާ އެގޮތަކަށް ވާހަކައެއް ނުދެއްކޭނެ” ޔަމާން ބުންޏެވެ.
ރާހިލް ބޯޖަހާލިއެވެ. ރާހިލްވެސް ހުރީ މީރާއާ ވާހަކަ ދެއްކި ގޮތުން ހާފިޒާއާ މެދު ހިތްހަމަ ނުޖެހިފައެވެ. ގެޔަށް ގޮސް މަންމައާ ވާހަކަ ދައްކަން ނިންމައިގެން ހުރި ރާހިލް އެވަގުތު ބޭނުން ވީ އަވަހަށް މީރާމެން ގެއިން ނިކުންނާށެވެ.
“އަހަރެން ބޭނުން ރާހިލްއާ ވާހަކަ ދައްކާލަން” ފަހަތަށް އެނބުރި ގޭތެރެއަށް ބަލާލާފައި ޔަމާން މަޑުމަޑުން ބުންޏެވެ.
“މިހާރުތަ؟” ރާހިލް އަހާލިއެވެ.
“ކަމެއް އޮތީތަ މިގަޑީގަ؟” ޔަމާން އެހިއެވެ.
ރާހިލް ނޫނެކޭ ބުނުމަށް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ހިނގާ ކޮފީއަކަށް” ވިސްނާލާފައި ޔަމާން ބުންޏެވެ. ހައިރާން ވެފައި ރާހިލްއަށް ޔަމާންއާ ދިމާއަށް ބަލަން ހުރެވުނެވެ.
ރާހިލްއަށް ވީ ގޮތް ވިސްނިފައި ޔަމާން ކައިރިއަށް ހިނި އައެވެ. އަނެއްކާވެސް ގޭތެރެއަށް ބަލާލަމުން ޔަމާން ނިކުމެ ދޮރު ލައްޕާލިއެވެ.
“ދައްކަން ބޭނުން ވާހަކައެއް ދެއްކޭނީ ކޮންމެސް ތާކަށް ގޮސްގެން ދޯ؟ ގޭ ދޮރުމަތީ ތިބެ ކޮންމެ ކޮންމެ ވާހަކައެއް ނުދެއްކޭނެއެއްނު؟” ޔަމާން ބުނެލިއެވެ.
“އޯކޭ، ހިނގާ” ރާހިލް އެއްބަސް ވިއެވެ.
ދެމީހުން އެކީގައި ތިރިއަށް ފޭބި އިރު މަގުމަތީ ރާހިލް އަންނަން ދެން މަޑުކޮށްގެން ހާފިޒާއާ އިސްހާގު ތިއްބެވެ. ބައްޕަމެން ކައިރީ ގެޔަށް ދިޔުމަށް ބުނެފައި ރާހިލް ޔަމާންއާ އެކީ ކައިރީގައި ހުރި ކޮފީޝޮޕްއަކަށް ވަދެ ދެމީހުން މޭޒެއް ކައިރީ އިށީނެވެ.
“ކޮން ވާހަކައެއް ދައްކަން ތި އުޅެނީ؟” ރާހިލް އަހާލީ ކޮފީއަށް އޯޑަރ ކޮށްފައެވެ.
“މީރާ…” ޔަމާން ދައްކަން އުޅުނު ވާހަކަ ފަށާނެ ގޮތެއް ވިސްނާލަން މަޑުކޮށްލިއެވެ.
“މީރާއާ އިތުރަށް އެވާހަކަ ދައްކާނެ ކަމެއް ނެތް، އަހަރެން ބޭނުމެއް ނޫން ދެން އެވާހަކަ ދައްކާކަށް. މީރާ ހުރީ ގޮތެއް ނިންމައިގެން. އަހަންނަށް މާފު ކުރިޔަސް އޭގެ މާނައަކީ އަހަރެން މީރާގެ ލައިފްއަށް އަލުން ވަންނަން މަސައްކަތް ކުރާށެކޭ ނޫން. މީރާ ބޭނުން ވަނީ ޔަމާން. އެ ނިމުނީ. މީރާގެ އުފަލަކީ އަހަރެންގެ އުފާ. ދެން އަހަރެން މަސައްކަތް ކުރާނީ ވިދާއާ އެކީ ރަނގަޅު ދިރިއުޅުމެއް އުޅެން. އަހަރެންގެ ފަރާތުން ދުވަހަކުވެސް އެކަހަލަ އުނދަގުލެއް ޔަމާންއާ މީރާއަކަށް ނުވާނެ ދެން” ޔަމާން ބުނަން އުޅުނު އެއްޗެއް ވިސްނުމާއެކު ރާހިލް ބުންޏެވެ.
“ސޯ… ކޮން އިރަކުން މެރީ ކުރަނީ؟” ޔަމާން އަހާލީ އިރުކޮޅެއް ފަހުންނެވެ.
“ވީ އެންމެ އަވަހަކަށް. މިހާރުވެސް މާ ލަސްވެއްޖެ. ދެން މަޑު ކުރާކަށް ބޭނުމެއް ނޫން” ރާހިލް ބުންޏެވެ.
“މޭކް ހަރ ހެޕީ އިނގޭ” ޔަމާން ބުނެލިއެވެ.
ޔަމާންއަށް ބަލާލަމުން ރާހިލް ބޯޖަހާލިއެވެ.
ދައްކަން ބޭނުން ވާހަކަ ދައްކާ ނިމުމުން ދެމީހުންގެ މެދަށް ހިމޭން ކަމެއް ވެރިވެގެން ދިޔައެވެ. ވަށައިގެން ހުރި މޭޒުތަކުގައި ތިބި މީހުން ތިބީ އެމީހަކާއެކު ދެން ތިބި މީހުންނާ ވާހަކަ ދައްކާށެވެ. ނަމަވެސް އެކަކު އަނެކަކާ ދައްކާނެ ވާހަކައެއް ނުވިސްނިފައެވެ. ދެމީހުންވެސް ބެލީ އަވަހަށް ކޮފީތަށި ހުސްކޮށްލެވޭތޯއެވެ.
އަނެއްކާވެސް ޔަމާން ހިނި އައީ ޔަމާންއާ ރާހިލްގެ މެދުގައި އޮތް ބީރައްޓެހިކަން ހިތަށް އަރާފައެވެ. ޔަމާންގެ އެ ހަރަކާތުން ރާހިލް ހައިރާންވެފައި ޔަމާންއަށް ބަލާލިއެވެ.
“ހިނގާ ފްރެންޑްޝިޕް ޓްރައި ކޮށްލަން، މަލާއާ މީރާއާ ވިދާއަށް ޓަކާ ވިޔަސް…؟” ޔަމާން ކުއްލިއަކަށް ބުނެލިއެވެ.
އިރުކޮޅަކު ވިސްނާލާފައި ރާހިލް ސަލާމަށް އަތް ދިއްކޮށްލިއެވެ. ހެވިފައި އިނދެ ޔަމާން ރާހިލްގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ.
ބައިގަޑިއެއްހާ އިރު ފަހުން ރާހިލް ގެޔަށް ގޮސް ކޮޓަރިއަށް ވަން އިރު ހާފިޒާ ރާހިލްގެ އެނދުގައި އިށީނދެގެން އިނެވެ.
“ރާހިލް، ދަރިފުޅާ، މަންމައަށް މާފު ކުރޭ… ރާހިލް ހިތަށް އަރާނެ މަންމައަކީ ހާދަ ގޯސް މީހެކޭ… އެކަމަކު… މަންމަ އެހެން ބުނީ މީރާއާ މީރާގެ ދަރިފުޅު ވަކި ކުރާކަށް ނޫން، މަންމަ ކައިރިއަށް މަލާކް ގެންނަން ބޭނުން ވީ ވަރުން އެހެން ބުނެވުނީ… އެ އަންހެން ކުއްޖާ އެވަރުގެ ހިތާމައެއް އުފުލާފަ ހުރިކަން އެނގުނު ނަމަ މަންމަ އެހެން ނުބުނާނަން… އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް މަންމަ ނޭދެން… އެއީ ބައްޕަ ބުނިހެން ވަރަށް ރަނގަޅު ކުއްޖެއް… މަންމަ ވަރަށް ދެރަ ވެއްޖެ މަނާލް…” އެވަރަށް ބުނެފައި ހާފިޒާއަށް ރޮވުނެވެ.
ރާހިލް ގޮސް މަންމަ ކައިރީ އިށީނދެ މަންމަގެ ކޮނޑުގައި ހިފާ ގެނެސް ގައިގައި ޖައްސާލިއެވެ.
“މަންމާ، ނުރޮއެ… ކަންތައް ވާން ހުރި ގޮތެއް އެކަކަށްވެސް ބަދަލެއް ނުކުރެވޭނެ، އަހަރުމެންނަށް މަނާލް ފެންނަން ނެތީމަ އެހެން އެވީ، އަދި މަލާކްއާ ދިމާވާން ހުރީމަ މީރާ މާލެ އައިސް އަހަންނާ އެއް އޮފީހަކަށް ވަޒީފާއަށް ދާން ފެށީ… މިއަދު މަންމައާ މަލާކް ބައްދަލުވީ… ދެން އިރާދަ ކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއް ނުވާނެ… ނުރޮއެ ދެން” ރާހިލް ބުންޏެވެ.
“މަންމަ ބޭނުން މީރާއާ ވާހަކަ ދައްކަން، މީރާ ކައިރިން މާފަށް އެދެން ބޭނުން” ހާފިޒާ ބުންޏެވެ.
ރާހިލް ފޯން ނަގާ މީރާއަށް ގުޅާފައި ހާފިޒާ އަތަށް ފޯން ދިނެވެ.
“ހަލޯ؟” މީރާ ފޯން ނެގިއެވެ.
“މީރާ، މީ ރާހިލްގެ މަންމަ” ހާފިޒާ ބުންޏެވެ.
މީރާ އެއްޗެއް ނުބުނެ ފޯން ހިފައިގެން ދުރަށް ޖެހިލިއެވެ.
“މީރާ، މަންމައަށް މާފު ކޮށްދީ… އޭރު ވިސްނާނުލާ އެކަހަލަ ވާހަކަތަކެއް ދެއްކުނީތީ، މަންމަ ވަރަށް ދެރަ ވެއްޖެ ދަރިފުޅަށް ކަންތައް ވީ ގޮތުން… މަންމަ ހީވެސް ނުކުރަން އެހާ ހިތްދަތި ގޮތަކަށް ދަރިއަކާ މީރާ ވަކިވާން ޖެހުނު ކަމަކަށް، ނޭނގުމެއްގަ ހުރެ މީރާއާ މަލާކް ވަކި ކުރަން މަންމައަށް އެހެން ބުނެވުނީ… މަންމަ ބޭނުމެއް ނޫން މީރާއާ ވަކިކޮށްގެން މަލާކް މިގެޔަށް ގެންނާކަށް… މަލާކް ހުންނާނީ މީރާ ކައިރީ… ޔަމާންއަކީވެސް ރަނގަޅު ކުއްޖެއްކަން ޔަގީން، އެހެން ވީމަ މިހުރިހާ ދުވަހު އެކުދިން ދެކެ އެހާ ލޯބިން އެ ގެންގުޅުނީ… ޔަމާން ކައިރީވެސް ބުނެދޭތި މަންމައަށް މާފު ކޮށްދޭށޭ…”
ހާފިޒާ ދެއްކީ މީރާ ހީކޮށްގެން ހުރި ކަހަލަ ވާހަކައެއް ނޫނެވެ. ބުނާނެ އެއްޗެއް ނޭނގިފައި މީރާއަށް ހުރެވުނީ އެހެން ވެގެންނެވެ.
“މީރާ، މާފެއް ނުކުރާނަންތަ މަންމައަކަށް؟” މީރާ އެއްޗެއް ނުބުނުމުން ހާފިޒާ އަހާލިއެވެ.
“ނޫން، އަހަރެން ކައިރިން މާފަށް އެދޭކަށް ރާހިލް މަންމައަކަށް ނުޖެހޭނެ، އަޅާނުލާ، އެކަން ހަނދާން ނައްތާލާ” ހާފިޒާއާ މެދު ހިތުގައިވި ހުރިހާ ޝަކުވާއެއް ފިލުވާލަމުން މީރާ ބުންޏެވެ.
“މަންމަގެ އެދުމެއް އެބަ އޮތް، މީރާ ގަބޫލު ކުރާނަންތަ؟” ހާފިޒާ އަހާލިއެވެ.
“ކޮން ކަމެއް؟” ހާފިޒާ އެދޭނީ ކޮންކަމަކަށް ބާއޭ ހިތަށް އަރާ، ބިރުން ހުރެ މީރާ އަހާލިއެވެ.
“ހުކުރު ދުވަހު ހަވީރު މިގެޔަށް އަންނަންވީނު؟ މީރާމެންގޭ އެންމެންވެސް ގޮވައިގެން އަންނާނީ. މިގޭ އެއްވެސް ކުއްޖަކަށް އަދި ނޭނގޭނެ ރާހިލްގެ މިކަންތައްގަނޑެއް، މަންމް ބޭނުންވަނީ ހުރިހާ އެންމެންނަށް މަލާކް ތައާރަފް ކޮށްދޭން… މީރާ އަންނާނަން ދޯ؟” ހާފިޒާ އަހާލިއެވެ.
“އާނ، ދާނަން، އެކަމަކު އެހެން މީހުން ދަންޏާ އެނގޭނީ އެމީހުން ކައިރީ އަހާލާފަ… އަހާލާފަ ފަހުން ގުޅާލިޔަސް އެންމެ ރަނގަޅުތަ؟” މީރާ އެހިއެވެ.
“އާނ، ރާހިލްއަށް ގުޅާލާފަ ބުނޭ” ހާފިޒާ ބުންޏެވެ.
މީރާ ފޯން ބާއްވާފައި އެނބުރުނު އިރު ތާނިޔާ މީރާގެ ފަހަތުގައި ހުއްޓެވެ.
“ކާކު؟” ތާނިޔާ އަހާލިއެވެ.
“ރާހިލްގެ މަންމަ…” ހާފިޒާ ދެއްކި ވާހަކަ މީރާ ތާނިޔާއަށް ކިޔާދިނެވެ.
“ރަނގަޅު ދޯ ދެން؟” ތާނިޔާ ބުންޏެވެ.
ގޭމީހުން ކައިރީ ހާފިޒާގެ ވާހަކަ މީރާ ބުނުމުން އެންމެންވެސް އެގެޔަށް ދާން އެއްބަސް ވިއެވެ. ޔަމާން ގެޔަށް އައުމުން މީރާ އެވާހަކަ ޔަމާން ކައިރީ ބުނުމުން ވަރަށް ނުދާން އުޅެފައިވެސް އެންމެ ފަހުން އެގެޔަށް ދާން ޔަމާންވެސް އެއްބަސް ވިއެވެ.
ރާހިލްއާ ވިދާދް ވާހަކަ ދެއްކުމަށް ފަހު ކައިވެނި ކުރާނެ ދުވަސް ހަމަޖެހުނެވެ. ރާހިލް އަދި ވިދާދްވެސް ބޭނުންވީ ކުޑަ ކެއުމަކުން އެކަން ނިންމާލާށެވެ. ދެއާއިލާއަށް ދެމީހުންގެ ނިންމުން އެންގުމުން އެންމެންވެސް ވަރަށް އުފާވިއެވެ. ވިދާދްގެ އާއިލާއިން ކުލަ ގަދަކޮށް އެހަފްލާ ބާއްވަން ބޭނުން ވާތީ އެންމެ ފަހުން ދެމީހުންވެސް އެގޮތާ އެއްބަސްވިއެވެ.
މީރާމެން ގޭގައިވެސް ދެކެވެމުން އައީ ޔަމާންއާ މީރާގެ ކައިވެނީގެ ވާހަކައެވެ. މީރާއާ ޔަމާން ނިންމީ މަހެއް ފަހުން ކައިވެނި ކުރާށެވެ. ދެން ހުރި ކަންތައް އެމީހުން ދޫކޮށްލީ އެހެން މީހުންގެ އަތްމައްޗަށެވެ. އެމީހުންގެ ކޮންމެ ނިންމުމަކާ މީރާއާ ޔަމާން ރުހޭނަން ކަމަށް ބުނަމުންނެވެ. އެއާއެކު އެންމެ ފޯރީގައި ތާނިޔާ ހުރިހާ ކަމެއްގެ ތައްޔާރީތައް ވާންފެށިއެވެ.
ހުކުރު ދުވަހު ހަވީރު ފަހެއް ޖެހި އިރު މީރާމެން ތިބީ ރާހިލްގެ ގޭގައެވެ. ރާހިލްގެ އާއިލާ އެއްތަނަކަށް ޖަމާވެފައި އޮތް އިރު ހީވަނީ ތިން ހަތަރު އާއިލާ އެއްވެފައި އޮތް ހެންނެވެ. އެހާވެސް އެއާއިލާ ބޮޑެވެ. ރާހިލްގެ އެއްބަނޑު އެއްބަފާ ތިން ދައްތައާ ދެ އަންހެން ކޮއްކޮ ތިބޭ އިރު ހުރިހާ ކުދިންވެސް ކައިވެންޏަށް ފަހުވެސް އުޅެނީ އެގޭގައެވެ. ފަންސަވީސް މީހުން ހިމެނޭ އެއާއިލާގައި ހާފިޒާއާ އިސްހާގުއަށް މާމައާ ކާފަ ކިޔާ ސާދަ ކުދިން ތިބި އިރު އެކުދިންގެ ތެރޭގައި ތިބީ މަލާކް ނުލާ ތިބީ ދެ އަންހެން ކުދިން ކަން މީރާއަށް ފާހަގަ ވާކަށް ގިނަ އިރެއް ނުނަގައެވެ. އެދެކުދިންނަކީވެސް ސާދަ ފަނަރަ ވަރަކަށް އަހަރުގެ ދެ ކުދިންނެވެ.
މަލާކް ފެނުމުން އެންމެން މަލާކްއާ މީރާ ވަށާލުމުން މަލާކްއަށް ބިރުން ރޮވުނެވެ.
“ސާބަސް، އެންމެން ކުއްލިއަކަށް އޭނަ ވަށާލީމަ ބިރުންނޭ އެ ރޮވުނީ، ދުރަށް ޖެހޭ ދުރަށް ޖެހޭ… އާދޭ މާމަގެ ދޫނި…” ހާފިޒާ ހުރިހާ ކުދިން ދުރަށް ޖައްސާލުމަށް ފަހު މަލާކްއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. މީރާ މަލާކްގެ ލޯ ފޮހެލާފައި މާމަ ކައިރިއަށް ދާށޭ ބުނުމުން ނުކެރި ހުރެފައިވެސް މަލާކް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ހާފިޒާގެ އަތުގައި ހިފާލިއެވެ.
އެގޭ އެންމެންވެސް މަލާކްއާ ހެދި އުޅޭ ގޮތް ފެނުމުން މީރާ ހިތްހަމަޖެހުނެވެ. ރާހިލްގެ ދައްތަމެންނާ ކޮއްކޮމެން މީރާމެންނާ ވާހަކަ ދައްކަން ތިބި އިރު ހުރިހާ ކުޑަ ކުދިން ތިބީ މަލާކް ކައިރީގައެވެ. ކޮންމެ ކުއްޖަކުވެސް ބޭނުންވީ މަލާކް އެކުއްޖަކާ އެކީ ކުޅޭށެވެ. އެކި ކުދިން އެކިއެކި ކުޅޭ އެއްޗެހި ގެނެސް މަލާކް ކުޅެން ދިނުމުން އެކުދިންނާ މަލާކް ރައްޓެހިވާކަށް ގިނަ އިރެއް ނުނެގިއެވެ.
ހާފިޒާގެ އުނގުގައި އިން މަލާކްއަށް މީރާ ބަލާލިއެވެ. ހާފިޒާގެ އަތުން ސޮސެޖެއް ކާން އިން އިރު އެހާ މީހުން ގިނަ ވުމުން އަދިވެސް މަލާކް އިނީ ހައިރާންވެފައެވެ. އެކި ފަހަރު އެކި މީހުން އައިސް މަލާކްއާ ސަމާސާ ކޮށްލާ، ކޮންމެވެސް އެއްޗެއް ބުނެލައެވެ. ހާފިޒާ އިރުއިރުކޮޅާ މަލާކްގެ ކޮލުގައި ބޮސްދެމުން ލޯބިން ކޮންމެވެސް އެއްޗެއް ބުނެލައެވެ.
އެއާއިލާގެ ފަރާތުން ޝަކުވާއެއް ކޮށްލާނެ ފަދަ ކަމެއް ފެނޭތޯ ބަލަބަލާ އިން ޔަމާންވެސް އެމަންޒަރު ބަލަން އިނީ ހިތްހަމަޖެހިފައެވެ. މަލާކްއަށް ޓަކާ ޔަމާންވެސް އިނީ އުފަލުންނެވެ.
“މަންމަ ބުނާނެ ދޮންބެއަށް ކުއްޖަކު ލިބޭ ދުވަހަކުން ދެން އެހެން ކުއްޖެއްގެ ދަރިއަކާއިގެންނެއް ނޫޅެވޭނެޔޭ، ސޯޅަ އަހަރު ވަންދެން އަހަރުމެންގެ ކުދިންނޭ ގެންގުޅުނީ، ދެން ގެންގުޅޭނީ ދޮންބެގެ ކުދިންނޭ… ބަލާލަބަ މިއަދު މަންމަ އުފާވެފަ އިން ވަރު، މަލާ ނުފެނި މިވީހާ ދުވަސްތަކަށްވެސް ވާވަރަށް ކަންނޭނގެ އެއްދުވަހުން ލޯބިވާޏް އެއުޅެނީ…” ރާހިލްގެ އެންމެ ހަގު ކޮއްކޮ ރިފްގާ ބުންޏެވެ.
“އަހަރެން ހިތަށް އަރާ ރާހިލް ކީއްވެ ބާއޭ ކުރިން ނުބުނީ… ބުނި ނަމަ މިހުރިހާ ދުވަހު މަލާ އަހަރުމެންނާ ދުރުގަ ނުހުރީސް ކަންނޭނގެއެއްނު…” ރާހިލްގެ ދޮންތަ ރަމްލާ ބުންޏެވެ.
“ދެން ކުރީގެ ވާހަކަ ނުދައްކަބަލަ ދޮންތާ، މިހާރު މަލާ އެހެރީ އަހަރުމެން ކައިރީ، މިގޭގަ ނޫނަކަސް އަހަރުމެން ބޭނުން އިރަކުން އޭނަ ކައިރިއަށް ދެވޭހާ ކައިރީގަ…” ރަމްލާއާ ޖެހިގެން ހުންނަ ރިޔާޝާ މީރާއަށް ބަލާލަފައި ހީލަމުން ބުންޏެވެ.
އެވަގުތު ގޭގެ ބަލް ޖަހާލި އަޑަށް ރިފްގާ ގޮސް ދޮރު ހުޅުވާލިއެވެ. މީރާވެސް އެނބުރި ބަލާލި އިރު ރިފްގާއާ އެކީ ވިދާދް އަންނަތަން ފެނުނެވެ.
“ވިދާ…” ވިދާދް ފެނުމުން ރާހިލް ތެދުވެގެން ވިދާދް ކައިރިއަށް ދިޔައެވެ.
“ކާޑްތައް ހިފައިގެން މިއައީ، ދޮންބެމެން ހިނގައްޖެ އެއްބައި ހިފައިގެން” ދަބަހުން ކޮތަޅެއް ނަގަމުން ވިދާދް ރާހިލްއަށް ބުންޏެވެ.
ރާހިލް ކާޑްތައް ނަގާ ހާވާލާފައި އެއްކާޑް ހިފައިގެން ގޮސް މީރާ އަތަށް ދިނެވެ. މީރާ އެހުޅުވާ ބަލާލި އިރު އެއީ ވިދާދްއާ ރާހިލްގެ ކައިވެނީގެ ދައުވަތު ކާޑެވެ. އޭގައި ވާ ލިޔުންކޮޅު ކިޔާލުމަށް ފަހު ރާހިލްއާ ވިދާދްގެ ނަން ކިޔާލިއިރު މީރާ ހީކުރި ފަދަ އިހުސާސެއް ނުކުރެވުނެވެ. ހިނދުކޮޅަކަށް ރާހިލްއާ އެކީ އުޅުނު ދުވަސްތަކުގެ ހަނދާން ވީ ނަމަވެސް އެ ހަނދާންތަކާއެކު ކުރިން ކުރެވޭ އެއްވެސް އިހުސާސެއް ނުކުރެވުނެވެ. އެއާއެކު ހިނިތުންވެފައި މީރާއަށް ބަލާލެވުނީ ދުރުގައި އިން ޔަމާންއާ ދިމާއަށެވެ. އޭރު ޔަމާންވެސް އިނީ މީރާއާ ދިމާއަށް ބަލާށެވެ. އެ ކާޑު ކިޔާފައި މީރާގެ މޫނަށް އަރާ ކުލަތައް ބަލާށެވެ. ނަމަވެސް ރާހިލްގެ ވާހަކަ ދެއްކުމުން، ނުވަތަ ކުރީގެ ހަނދާން ވުމުން މީރާގެ މޫނުން ފެންނަ އެއްވެސް ކުލައެއް އެދުވަހު ޔަމާންއަކަށް ނުފެނުނެވެ.
“މީރާ އަންނާނަން ދޯ؟” ރާހިލް އަހާލިއެވެ.
ރާހިލްއަށް ބަލާލަމުން މީރާ ބޯޖަހާލިއެވެ.
ހާފިޒާގެ އުނގުގައި އިން މަލާކް ފެނުމުން ވިދާދް ގޮސް ހާފިޒާ ކައިރީ އިށީނެވެ.
“މީނީ ވިހެއުމުގެ ކުރިން ވިދާދް މަންމައަކަށް ހެދި މަލާކް” ހާފިޒާ ބުންނެވެ.
އެއަޑަށް އެންމެން އެދިމާއަށް ބަލާލިއެވެ. ވިދާދް މަލާކްއަށް ސަލާމަށް އަތް ދިއްކޮށްލުމުން މަލާކް ވިދާދްއާ ސަލާން ކޮށްލިއެވެ.
“މަލާއަށް އެނގޭތަ މީ ކާކުކަން؟” ވިދާދް އަހާލިއެވެ.
މަލާކް ދެފަރާތަށް ބޯހަލުވާލިއެވެ.
“މީ މަލާއަށް ލިބުނު އާ ދައްތައެއް، އިނގޭ” ވިދާދް ބުނެލިއެވެ.
މަލާކް ބޯޖަހާލިއެވެ. އެއާއެކު ވިދާދް ހާފިޒާގެ އުނގުން މަލާކް ނަގާ އުރާލިއެވެ. އަދި މަޑުމަޑުން މަލާކްގެ ކަންފަތް ކައިރީ ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެއާއެކު މަލާކް ހީގެންފައި ވިދާދްގެ ކަރުގައި ބައްދާލަމުން ވިދާދްގެ މޫނުގައި ބޮސްދިނެވެ.
މަލާކްއާ ވިދާދްއަށް ބަލަން ތިބި މީރާއާ ޔަމާންއާ ރާހިލްވެސް އެވަގުތު ތިބީ ހިތްހަމަ ޖެހިފައެވެ.
ޖެހިގެން އައި ހުކުރު ވިލޭރެއެވެ. ރާހިލްއާ ވިދާދްގެ ކައިވެނި ކުރެވުނު ވަގުތު އެތަނުގައި މީރާއާ ޔަމާންއާ މަލާކް ތިއްބެވެ. ރާހިލް އަނބި ގަބޫލު ކޮށްފީމޭ ބުނި ވަގުތު ވިދާދްއަށް ނުހިފެހެއްޓިގެން ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެވަގުތު މޭޒު ދަށުން ރާހިލް ވިދާދްގެ އަތްތިލައިގައި ހިފާލިއެވެ. ވިދާދް ބަލާލަމުން ދެފަރާތަށް ބޯހަލުވާލާފައި ރާހިލް ހީލުމުން ވިދާދްވެސް ލޯފޮހެލާފައި ހީލިއެވެ.
ކައިވެނި ޕާޓީ ފެށިގެން ކުރިއަށް ދިޔަ އިރު ޔަމާންއާ މީރާގެ އިތުރުން ނަދީމާމެން އެންމެންވެސް އެޕާޓީގައި ތިއްބެވެ. ރާހިލް ކައިރީ ހުރެ އަންނަމުންދާ މެހެމާނުންނާ ސަލާން ކުރަމުން ދިޔަ ވިދާދްއަށް ޔަމާން ބަލާލިއެވެ.
ކްރީމް ކުލައަކަށްދާ ހެދުމެއްގައި ވިދާދް ހުރި އިރު އެބުޅިބުޅި އިސްތަށިގަނޑު ބޮލުގެ މެދަށް ހުޅިއެއް ޖަހާފައި އޮތް ނަމަވެސް ދެފަރާތުން ކުދިކުދި ބުޅިތައް މޫނުމައްޗަށް ފައިބާފައި ހުއްޓެވެ. ވިދާދްގެ ރީތކަން އެރޭ ރާހިލްއަށްވެސް ފާހަގަ ކުރެވުނީ ކުރިން ދުވަހަކުވެސް ފާހަގަ ވެފައި ނުވާ ގޮތަކަށެވެ. އިރުއިރުކޮޅާ ރާހިލް ވިދާދްގެ މޫނަށް ބަލާލަނީ ގަބޫލު ނުކުރެވިގެން ބަލާ ކަހަލަ ގޮތަކަށެވެ. އެކަމާ ވިދާދް ޝަކުވާ ކޮށްލާ ކޮންމެ ފަހަރަކު ރާހިލް ބުނެލާ އެއްޗަކުން ވިދާދްގެ މޫނަށް ރަތްކުލަ އަރާ މަންޒަރު ބަލަން އިން އިރު ޔަމާންއަށް ހީލެވެއެވެ. ރާހިލްގެ ފަރާތުން ވިދާދްއަށް ދެރައެއް ނުލިބޭނެކަމުގެ ޔަގީންކަން ރާހިލް ވަނީ ޔަމާންއަށް ދީފައެވެ. އެރޭ އެކަން ޔަމާންއަށް ޔަގީންވެސް ވިއެވެ.
ޕާޓީ ނިމިގެން ހޯލްތެރެ ހުސްވެގެން އައި އިރު އެތާ ތިބީ ރާހިލްމެން ގޭ މީހުންނާ ވިދާދްމެން ގޭ މީހުންގެ އިތުރުން ޔަމާންއާ މީރާއެވެ. މަލާކް ނިދި އައިސްގެން ލޯ މެރެން ފެށުމުން ނަދީމާމެން ދިޔަ އިރު މީރާ މަލާކް ގެޔަށް ފޮނުވާލީ ޕާޓީ ނިމެންދެން މަލާކްއަށް ހޭލާ ނީނދެވޭނެތީއެވެ.
“ދެން އަހަރުމެންވެސް ދަނީ، ހަނީމޫން މާ ދިގުކޮށްގެން ނުވާނެ އިނގޭ، އަހަންނާ މީރާގެ ވެޑިންގްއަށް އަންނަން ޖެހޭނެ ދެމީހުން” ގެޔަށް ދިޔުމުގެ ކުރިން މީރާއާ ޔަމާން އައިސް ވިދާދްއާ ރާހިލް އިށީނދެގެން ތިބި މޭޒު ކައިރީ އިށީންދެފައި ޔަމާން ބުންޏެވެ.
“އާނ، އަންނާނަން އެއަށް ވުރެ ކުރިން” ހިނިގަނޑަކާ އެކު ޔަމާންއަށް ޖަވާބު ދިނީ ރާހިލްއެވެ.
“ވިދާ، އަދިވެސް އެއް ފަހަރު ކޮންގްރާ” ވިދާދްގެ އަތުގައި ހިފާލަމުން މީރާ ބުންޏެވެ.
“ތޭންކްސް… މަލާއަށް ވަރަށް ސަލާން ބުނާތި، ބުނޭ ދޮން ބުންޏޭ ވަރަށް ބައިވަރު ހަދިޔާ ގެންނާނަމޭ” ހީލަމުން ވިދާދް ބުންޏެވެ.
ބޯޖަހާލާފައި މީރާ ޔަމާންއާ އެކު ނިކުތެވެ.
“ހެޕީތަ؟” ހޯލުން ނިކުމެވުމުން މީރާގެ އަތުގައި ހިފާލާފައި ޔަމާން އެހިއެވެ.
“އެދެމީހުން ހެޕީ ވީމަ އަހަރުމެންވެސް ހެޕީ ވާނެނު؟ ދެން އޮތީ ފޫހި އިންތިޒާރެއް” މީރާ ބުންޏެވެ.
“ނެތެއްނު ގިނަ ދުވަހެއް؟ ދިހަ ދުވަސް” ޔަމާން ބުންޏެވެ.
“ހޫނ، ދިހަ ދުވަސް…” މީރާ ބުނެލިއެވެ.
ދިހަ ދުވަސް ފަހެވެ. ތާނިޔާ މީރާގެ ކޮޓަރިއަށް ވަން އިރު ބޮލގައި ފުނާ އަޅަން މީރާ އިނެވެ. ތާނިޔާ އަވަސްކޮށްލާފައި ކައިވެންޏަށް މީރާ ތައްޔާރު ކުރުމުގރ މަސައްކަތް ފެށިއެވެ. ބައިގަޑިއެއްހާ އިރު ފަހުން ތާނިޔާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލާ މީރާއަށް ބަލާލިއެވެ.
“ލޯބި…” ތާނިޔާ ބުނެލިއެވެ.
“މީރާވެސް ތެދުވެ އަލަމާރި ކައިރިއަށް ގޮސް މީރާގެ އިސްކޮޅުގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ.
“ތާނީ ހާދަ މޮޅޭ، އަހަންނަށްވެސް ގަބޫލު ނުކުރެވޭ މީ އަހަރެން ކަމަކަށް… ދެން ލަސްނުކޮށް ސެލޫން ހުޅުވަން އުޅޭ” ހެމުން މީރާ ބުންޏެވެ.
“މިރޭ މީރާ ފެނުނީމަ ދޮންބެ އިޒް ގޮއިންގް ޓު ބީ ކްރޭޒީ…” ތާނިޔާ މީރާއާ ދިމާކޮށްލިއެވެ.
އެއާއެކު މީރާ އަނެއްކާވެސް ލޯގަނޑަށް ބަލާލިއެވެ.
މީރާ ލައިގެން ހުރީ ހުދު ސެޓިންއާ ލޭސް ފޮތީގެ މާބޮޑު ގޮތެއް ހަދާފައި ނުވާ ސާދާ ވެޑިންގް ޑްރެސްއެކެވެ. މީރާގެ އިސްތަށިގަނޑު އޮތީ އެއްބައި މައްޗަށް ނަގާފައި ރިހި ކުލައިގެ ދަތިތަކަކުން ހަރުކޮށްފައި އޮތްއިރު އަނެއްބައި އޮތީ ފަހަތުން ދޫކޮށްލާފައެވެ. ކަރާ ދެކަންފަތުގައި ހުދުއެސް ޖެހި ރިހީގެ ގަހަނާއެވެ.
“ދެން ތިވަރަށް ތި ބަލަނީ ދޮންބެއަށް ކަމުނުދާ ގޮތަކަށް ކަމެއް ހުރެދާނެތީތަ؟” ތާނިޔާ އަނެއްކާވެސް ދިމާކޮށްލިއެވެ.
“ސާބަސް ތާނިޔާގަނޑާ، ދިމާ ނުކޮށް ދޭބަލަ ރެޑީ ވާން” ތާނިޔާގެ އަތުގައި މަޑުމަޑުން ޖަހާލާފައި މީރާ ބުންޏެވެ.
“މިދަނީއޭ، އެކަމަކު އަހަރެން ރެޑީ ވުމުގެ ކުރިން ބަލަންވީ މަލާއާ ޒައިކް ތިބި ގޮތެއްނު؟ ޔަގީން، އަނެއްކާ ފެން ވަރުވަން ވެފަކަން ތިބޭނީ” ކޮޓަރިން ނިކުންނަމުން ތާނިޔާ ބުންޏެވެ.
“ތާނީ ރެޑީ ވޭ، އެހެންނޫނީ ލަސްވެދާނެ، އަހަރެން އެދެމީހުން އަލުން ރީތިކޮށްލަފާނަން” މީރާ ބުންޏެވެ.
“ނޯ ނޯ… ގޭން ނިކުންނަން ވަންދެން މީރާ ދެން މިތަނުން ތެދުވެގެން ނުވާނެ، އަހަރެން އަންނާނަން އެމީހުން ރީތިކޮށްފަ، ދެން އަހަރެން ރެޑީވާކަށް އެހާ އިރެއް ނުނަގާނެއެއްނު؟ ނުނިކުންނާތި ކޮޓަރިން އިނގޭ… އަހަރެން ބޭނުމެއް ނޫން ދޮންބެއަށް އަދި މީރާ ފެންނާކަށް” ތާނިތާ މީރާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ.
ހިނިއައިސްފައި މީރާ ތާނިޔާ ދިޔަތަން ބަލަން އިނެވެ. ތާނިޔާ ދޮރުލައްޕާލުމުން މީރާ ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީ ހުއްޓި އަނެއްކާވެސް އަމިއްލަ ސޫރައަށް ބަލާލިއެވެ. އެވަގުތު ދޮރު ހުޅުވާލި އަޑު އިވުމުން މީރާ ބަލާލިއެވެ.
މީރާއަށް ބަލަހައްޓައިގެން ޔަމާންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.
“ކިހިނެއްވީ؟” މީރާ އަހާލިއެވެ.
“ޔޫ ލުކް… ބިއުޓިފުލް…” ޔަމާން ބުންޏެވެ.
ހުދު ގަމީހާ އަޅި ފަޓްލޫނާ ވެސްޓްއާ އެކު މަޑު ނޫ ކުލައިގެ ޓައީއެއް އަޅައިގެން ހުރި ޔަމާންއަށް މީރާ ބަލާލިއެވެ.
“ޔަމާންވެސް ވަރަށް ހެންޑްސަމް…” މީރާ ޔަމާން ކައިރިއަށް އައިސް ކުޑަކޮށް އެއްފަރާތް ވެފައި އިން ޓައީ ރަނގަޅު ކޮށްދީފައި ޔަމާންއަށްވެސް ތަޢުރީފް ކޮށްލިއެވެ.
ޔަމާން އެއްޗެއް ނުބުނެ މީރާއަށް ބަލަން ހުއްޓެވެ.
“ތިހެން އަހަންނަށް ބަލަން ހުންނަންތަ ތި އައީ؟” ޔަމާން ހުރި ގޮތުން ހިނިއައިސްފައި މީރާ އެހިއެވެ.
“އުހުނ، މީރާއަށް ވެޑިންގް ޕްރެޒެންޓެއ ދޭން މިއައީ” ޔަމާން ބުންޏެވެ. އަދި ޖީބުން ހިމަ ދިގު ފޮއްޓެއް ނަގާ މީރާއަށް ދިއްކޮށްލިއެވެ.
މީރާ ފޮށީގައި ހިފާފައި އޭގައި އިން ނޫކުލައިގެ ރިބަންކޮޅު މޮހާލާފައި ފޮށި ހުޅުވާލިއެވެ. އެއާއެކު މީރާ ޔަމާންއަށް ބަލާލި އިރު އެލޮލުގައި ކަރުނަވިއެވެ.
“ކޮންތާކުން…؟ ކިހިނެއް…؟” މީރާއަށް ކުރަން އުޅުނު ސުވާލުވެސް ފުރިހަމަ ނުކުރެވުނެވެ. އަނެއްކާވެސް އެފޮއްޓަށް ބަލާލާފައި ތުރުތުރު އަޅާ އަތަކުން އޭގައި އޮތް ދެ ރަން ކެވެލިކޮޅު ނެގިއެވެ.
އޭގެން އެއް ކެވެލިކޮޅަކީ މީރާގެ މަންމަ ނަހާރުގެ އެއްޗެކެވެ. އެއީ މަންމަގެ ފަރާތުން މީރާއަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއެވެ. އެއީ ނަހާރުގެ ފައިގައި އަބަދުވެސް އޮންނަ ކެވެލިކޮޅެކެވެ. ނަހާރު ނިޔާވީ އެކެވެލިކޮޅު ނަހާރުގެ އަތުން މީރާގެ ފައިގައި އަޅުވައިދިންތާ މަހެއްވެސް ނުވަނީހެވެ.
އޭގެ ފަހުން މީރާ އެއްފަހަރުވެސް އެކެވެލިކޮޅު މީރާގެ ފަޔަކުން ނުނަގައެވެ. މީރާ ބޭނުންވީ އކަހަލަ އިތުރު އެއް ކެވެލިކޮޅު ހައްދާފައި މީރާގެ ދެފައިގައި ދޭތިކޮޅު އަލާށެވެ. ނަމަވެސް އިތުރު އެތިކޮޅެއް ނުހައްދާ އުޅެނިކޮށް އޭގެ ތިން އަހަރު ކުރިން މީރާއަށް އެކެވެލިކޮޅު ގެއްލުނީއެވެ. އެތައް ދުވަހެއް ވަންދެން މީރާ ގޭތެރޭގެ އެތަން މިތަން ހޯދިއެވެ. ނަމަވެސް އަލުން އެއެއް މީރާއަކަށް ނުފެނުނެވެ.
“މިކޮޅަށް އަންނަން ވެގެން ޕެކް ކޮށްފަ ގޭތެރެ ސާފު ކުރަން އުޅުނު އިރު ފެނުނީ، ދެން އޭރު ހިތަށް އެރީ އަދި އެކަތިކޮޅު ހައްދާފަ ވެޑިންގް ޕްރެޒެންޓަކަށް ސަޕްރައިޒްއެއް ގޮތަށް ދޭން… އެހެންވެ…” މީރާއަށް ފުރިހަމަ ނުކުރެވުނު ސުވާލުގެ ޖަވާބު ޔަމާން ދިނެވެ.
މީރާ އެތަނުން ނަހާރުގެ ކެވެލިކޮޅު ފާހަގަކޮށްލިއެވެ.
“މީ މަންމަގެ…” މީރާ ބުންޏެވެ. އެއާއެކު ނަހާރުގެ ހަނދާން ވުމުން މީރާއަށް ރޮވުނެވެ.
“މީރާ…” ޔަމާން ކުރިއަށް ޖެހިލާ މީރާ ގެނެސް ޔަމާންގެ މޭގައި ޖައްސާލިއެވެ.
“ތެންކްޔޫ ޔަމާން… މިއަށް ވުރެ ބޮޑު ހަދިޔާއެއް ދެން އެއްވެސް މީހަކަށް ނުދެވޭނެ މިރެއަކު” މީރާ ބުންޏެވެ.
އިރުކޮޅެއް ފަހުން މީރާ ދުރަށް ޖެހިލާފައި އެނދުގައި އިށީނީ ފައިގައި ކެވެލިކޮޅު އަޅުވާށެވެ. ނަމަވެސް ޔަމާން މީރާ އަތުން އެ އަތުލާފައި މީރާގެ ދެފައިގައި އަޅުވައިދިނެވެ.
ޔަމާން މީރާގެ އަތުގައި ހިފާ ތެދުކޮށްގެން ގޮސް ދެމީހުން އެކީ ލޯގަނޑު ކުރިމަތީ ހުއްޓުނެވެ.
“ވާއު… ދެމީހުން އެކީ ވީމަ ކޮމްޕްލީޓް ވަނީ، ދޯ؟” ޔަމާން ބުނެލިއެވެ.
މީރާ ބޯޖަހާލިއެވެ.
ޔަމާން މީރާއާ ދިމާއަށް އެނބުރި މީރާގެ ކޮލުގައި ބޮސްދިނެވެ. އެއާއެކު ދެއަތުން މީރާގެ މޫނުގައި ހިފާލަމުން މީރާގެ ތުންފަތުގައި ބޮސްދޭން އުޅުނެވެ. ނަމަވެސް މީރާ ޔަމާން ހުއްޓުވިއެވެ.
“މި މޭކްއަޕް ހަޑި ވެއްޖެއްޔާ ތާނީ އައިސް އަހަރެން ކާލާނެ” ހިނިއައިސްފައި މީރާ ބުނެލިއެވެ.
ޔަމާންވެސް ހީލިއެވެ. އަނެއްކާވެސް މީރާއާ ދިމާއަށް ބަލާލި ޔަމާންއަށް މީރާއާ ދުރަކު ނުހުރެވުނެވެ. މީރާ ގައިގައި ބައްދާލުމާއެކު މީރާގެ ކަނދުރާގައި ތުންފަތް ޖައްސާލިއެވެ. މީރާއަށްވެސް ލޯމަރާލަމުން ޔަމާންއަށް ހުރިހާ ބާރެއް ދޫކޮށްލެވުނެވެ. އިރުކޮޅެއް ވީއިރު އެކަކުވެސް މޭކްއަޕް މަތިން ހަނދާނެއް ނެތެވެ. މީރާގެ ތުންފަތުގައި ހުރި ކުލަ ޔަމާންގެ ތުންފަތުން ފޮހެވެމުން ދިޔަ އިރު ބޭރުން އިވެމުން ދިޔަ އަޑަކަށް އެކަކުގެވެސް ސަމާލުކަމެއް ނެތެވެ.
ދެމީހުން ސިހިފައި ދުރަށް ޖެހިލީ ދޮރު ހުޅުވުނު އަޑަށެވެ. ޔަމާން އެނބުރި ބަލާލި އިރު ތާނިޔާ މަލާކް ގޮވައިގެން އެތެރެއަށް ވަންނަނީއެވެ.
“ދޮންބޭ!” ޔަމާން ފެނުމާއެކު ތާނިޔާ އަޑަށް ބާރުލާފައި ގޮވާލިއެވެ. ދެމީހުން ތިބިގޮތް ތާނިޔާއަށް ފާހަގަ ކުރެވުނީ އޭގެ ފަހުންނެވެ. އެއާއެކު ތާނިޔާ ކައިރިއަށް ހިނިއައެވެ.
“ލިޕްސްޓިކް ޖައްސަން ދޮންބެ ތިހާ ބޭނުން ވިއިރު މީރާގެ ލިޕްސްޓިކް ޝެއަރ ނުކޮށް އަހަރެން ކައިރީ ބުނެލި ނަމަ ލިޕްސްޓިކްއެއް ދިނީމުހޭ…” ތާނިޔާ ބުނެލިއެވެ.
އެއާއެކު ޔަމާންއަށް ލޯގަނޑަށް ބަލާލެވުނެވެ. އަމިއްލަ ސޫރަ ފެނުމުން މޫނު ރަތްވެގެން ދިޔުމާއެކު ޔަމާން އަވަސް އަވަހަށް އަތުން ތުންފަތް ފޮހެލިއެވެ. މީރާއަށްވެސް ޔަމާން ހުރި ގޮތް ފެނުމުން ހެވުނެވެ.
“ކީއްކުރާނީ، ބައެއް މީހުންނަށް ކެތެއް ނުކުރެވޭ ވިއްޔަ” ތާނިޔާ ބުނެލިއެވެ. އެއާއެކު ޔަމާން ތާނިޔާގެ ކަންފަތުގައި ހިފާލިއެވެ.
“މަލާ، ހެލްޕް” ތާނިޔާ ކަންފަތަށް ތަދުވެގެން މަލާކްއަށް ގޮވާލިއެވެ.
މަލާކް ޔަމާންގެ އަތުގައި ހިފާ ދުރަށް ޖައްސާލުމުން ޔަމާން މަލާކް އުރާލިއެވެ.
“މި ދޮންތަ ދުވަހަކުވެސް ނުވާނެ ރަނގަޅެއް، ދޯ މަލާ؟ ހިނގާ ދޮންބެއާ މަލާ ބޭރަށް ދާން” ޔަމާން މަލާކް ގޮވައިގެން އެކޮޓަރިން ނިކުންނަމުން ބުނެލިއެވެ.
ޔަމާން ނިކުތުމުން މީރާވެސް ތާނިޔާއާއެކު ހޭންފެށިއެވެ.
“އަނެއްކާ މިޖެހުނީ ރީތި ކުރާކަށްނު؟ މީރާއަށްވެސް ދޮންބެ ނުހުއްޓުވުނު ވިއްޔަ، އެހެން ވެޔޭ އަހަރެން ބުނީ ދޮންބެއަށް ނުފެންނާށޭ، ފެނިއްޖެއްޔާ ދޮންބެ މޮޔަ ވާނޭ…” ވާހަކަ ދައްކަމުން ތާނިޔާ މީރާގެ މޭކްއަޕް ރަނގަޅު ކޮށްދޭން ފެށިއެވެ.
“މީރާއަށް އެނގޭތަ؟ ރިޔާން ބުނީ ރިޔާންގެ ގަރލްފްރެންޑް މިރޭ އަހަރުމެންނަށް ދައްކާނަމޯ، މިހާ ދުވަހު ފޮރުވައިގެން އުޅެފަ އެންމެ ފަހުން ދައްކަން އެއުޅެނީ، ޕާޓީއަށް އަންނާނެޔޯ ރިޔާންގެ އައިޝާ” ތާނިޔާ މީރާއަށް އާ ޚަބަރެއް ދިނެވެ.
“އެހެންތަ؟ އަހަރެން ކައިރީ ނުވެސް ބުނޭ” މީރާ ޝަކުވާ ކޮށްލިއެވެ.
“މަގޭ ކައިރީ ބުންޏޭ މީރާ ކައިރީ ބުނާށޭ، އަދި ދޮންބެއަކަށްވެސް މަންމަމެންނަކަށްވެސް ނޭނގޭނެ” ތާނިޔާ ބުންޏެވެ.
“އެހެންތަ؟ އެހެންވިއްޔާ އޯކޭ، ޝަކުވާއެއް ނުކުރާނަން” މީރާ ހިތްހަމަ ޖެހުނެވެ.
އަށެއް ޖެހި އިރު މީރާއާ ޔަމާންގެ ކައިވެނި ކުރެވުނެވެ. އޭރުވެސް މަލާކް ގޮވައިގެން ރާހިލްއާ ވިދާދް އެތަނުގައި ތިއްބެވެ. މީރާއާ ޔަމާން އެކުގައި ދެމަފިރިންގެ ގޮތުގައި ތިބިތަން ފެނުމުން ރާހިލްއާ ވިދާދްގެ ހިތަށް ތަދުވިއެވެ. ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ހިތްވަރު ދިނެވެ. ހިތުގައި ފޮރުވިފައިވާ ލޯތްބަށްޓަކާ އުފާކުރަމުންނެވެ.
ނުވައެއް ޖެހިތަނާ ރިޔާން އައިސް މީރާ ކައިރީ ހުރި ތާނިޔާ ކައިރީ ސިއްރުސިއްރުން ކޮންމެވެސް އެއްޗެއް ބުނެލާފައި ހޯލުން ބޭރަށް ނިކުތެވެ. މީރާ ތާނިޔާއާ ދިމާއަށް ބަލާލުމާއެކު ތާނިޔާ ވީ ގޮތް ބުނެދިނެވެ.
“ރިޔާންގެ އައިޝާ އެބަ އާދެޔޯ، އޭނަގެ ފެމިލީވެސް” ތާނިޔާ ޔަމާންއާ މީރާ ކައިރީ ބުންޏެވެ. އޭގެ ދެމިނަޓެއްހާ އިރު ފަހުން އަސްލަމް އޭނަގެ އާއިލާއާއެކު އައެވެ.
“މީރާ، މީ އަހަރެންގެ ހަމަ އެކަނި އަންހެން ދަރިފުޅު، ނުހާ، ނޫނީ ގޭ މީހުން ކިޔާ ގޮތަށް ނަމަ އައިޝާ” އަސްލަމް އެހެން ބުނުމުން މީރާ ހައިރާން ވެފައި ރިޔާންއާ ދިމާއަށް ބަލާލިއެވެ. އެންމެން ތިބީ ވާނުވާ ނޭނގިފައެވެ.
“އެއީ ރިޔާންގެ އައިޝާ ކަން ޔަގީންތަ؟” ތާނިޔާ މަޑުމަޑުން ރިޔާންގެ ކަންފަތް ދޮށުގައި އަހާލިއެވެ.
މީރާއަށް ބަލާލާފައި ރިޔާން ބޯޖަހާލިއެވެ.
“ތީތަ ރިޔާންގެ ފްރެންޑް އައިޝާއަކީވެސް؟” އެވަގުތު ތާނިޔާ އަހާލިއެވެ.
އައިޝާ ބޯޖަހާލުމާއެކު ތާނިޔާ އައިޝާގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.
“މީރާ، މީ އަހަރެންގެ ފެމިލީ” އަސްލަމް ފަހަތުގައި ތިބި މީހުންނަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.
ހީލަމުން އެމީހުންނާ ދިމާއަށް ބަލާލުމާއެކު މީރާއަށް ފަހަތަށް ޖެހިލަމުން ޔަމާންގެ އަތުގައި ހިފާލެވުނެވެ. އަސްލަމްގެ ފަހަތުން އައި މީހުންނާ ދިމާއަށް ބަލަން މީރާ ހުރި އިރު ހީވީ ބިރުން ހުރިހެންނެވެ. ހަމަ އެހެން އެމީހުންވެސް މީރާއަށް ބަލަން ތިބީ ހައިރާންވެފައެވެ.
“މީރާ، ކިހިނެއްވީ؟” ޔަމާން އަހާލިއެވެ.
“ޔަމާން، އެއީ…އެއީ ބައްޕަގެ ފެމިލީ…” މަޑުމަޑުން މީރާ ބުނި ނަމަވެސް އެއަޑު ކައިރީގައި ތިބި މީހުންނަށް އިވުނެވެ.
އަސްލަމް ހައިރާން ވެފައި އަސްލަމްގެ އަންހެނުން ނިހާމާއަށް ބަލާލިއެވެ.
“މީ އަމީންގެ މީރާތަ؟” އަސްލަމް އަހާލިއެވެ.
ނިހާމާ މީރާއާ ދިމާއަށް ބަލަން ހުރެ ބޯޖަހާލިއެވެ.
“ޔަމާން، ހިނގާ އިހަށް އިށީންނަން…” މީރާ ބުންޏެވެ.
ބޯޖަހާލަމުން ޔަމާން މީރާ ގޮވައިގެން ގޮސް ފަހަތުން މޭޒެއް ކައިރީ އިށީނެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުމާއެކު ނަދީމާއާ ޝަފީގުއާ ތާނިޔާވެސް އެމީހުން ކައިރިއަށް އައެވެ.
“ކިހިނެއްވީ މީރާ؟” ނަދީމާ އަހާލިއެވެ.
ވެގެން އުޅޭ ގޮތް ކިޔާދިނީ އެވަގުތު އެތަނަށް އައި އަސްލަމްއެވެ. އަސްލަމްގެ ފަހަތުން މީރާގެ ދެ ބޮޑުބޭބެއާ ތިން ބޮޑުދައިތަވެސް އައެވެ.
އަސްލަމްގެ އޮފީހުގެ މުވައްޒަފެއްގެ ކައިވެނި ޕާޓީއަށް އަސްލަމްގެ އާއިލާއަށް ލިބުނު ދަޢުވަތު ގަބޫލުކޮށް އެ ޕާޓީއަށް އައި އިރު އެއީ މަރުހޫމް ކޮއްކޮގެ ދަރިފުޅަށް ވެދާނެ ކަމަށް އެކަކުވެސް ހިއެއް ނުކުރެއެވެ.
“މީރާ، ބޭބެމެންނަށް މާފުކޮށްދީ، އެނގޭ ބޭބެމެންނަށް މީރާއާ މެދު، އަދި މީރާގެ ބައްޕައާ މެދުވެސް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަން، މީރާއާ އަޅާލަން ވީ ދުވަހު ބޭބެމެން ދުރުގަ ތިބީ، އަމީން ނިޔާވި ކަން އެނގުނީމަވެސް މީރާއާ މީރާގެ މަންމައަށް އަޅާނުލީ… އޭރު ބޭބެމެންނަށް ނުވިސްނުނީ… މާކުރީގެ ކަންތައްތަކަކާ ހެދި، އަދި އެވެސް އަމީންގެ އެއްވެސް ކުށެއް ނެތި އަމީންއާ މެދު ގޯސްކޮށް ކަންތައް ކުރެވުނީ… މިއަދު ބޭބެމެންނަށް ވިސްނިއްޖެ… ބޭބެމެންނަށް މާފުކޮށްދީ މީރާ…” މީރާގެ އެންމެ ދޮށީ ބޮޑުބޭބެ ޝަހީދު މީރާ ކައިރީ އިށީނދެ ވާހަކަ ދެއްކިއެވެ.
“ތެދެއް ދަރިފުޅާ، ދައްތަމެންނަށް މާފުކޮށްދީފަ އާދޭ ދައްތަމެން ކައިރިއަށް، ތީ ދައްތަމެންގެ ކުއްޖެއް، ތީ އެކަނި ހުރި ކުއްޖެއް ނޫން… މިތިބީ މީރާގެ އާއިލާ…” ޝަހީދުއާ ޖެހިގެން ހުރި ޝިޔާމާވެސް މީރާ ކައިރީ އިށީނެވެ.
“އަހަރެންގެ ހިތުގަ އެއްވެސް މީހަކާ މެދު އެއްވެސް ޝަކުވާއެއް ނެތް، މާފު ނުކޮށް ރުޅި އައިސްގެން ހުރެގެން ވާނެ އެއްވެސް ކަމެއް ނެތް… އަހަރެން އެންމެންނަށް މާފު ކޮށްފިން… އެކަމަކު އަހަރެންނަކީ އެއްވެސް އިރެއްގަ އެކަނިވެރިއެއް ނޫން، އަދި މިއަދުވެސް އެކަނިވެރިއެއް ނޫން… ބައްޕަ ނިޔާވި އިރު މަންމަ ހުރި، މަންމަ ނިޔާވި ތަނާ އަހަންނަށް އެހެން އާއިލާއެއް ލިބުނު… ދައްތަ ބަލާބަލަ، މިތިބީ އަހަރެންގެ އާއިލާ… މީ އަހަރެންގެ ފިރިމީހާ… މިއަދު އަހަންނަށް އިތުރަށް މި ލިބުނީ އަހަރެންގެ ލެޔާ ގުޅިފައިވި އާއިލާ…
ވަރަށް އުފާ ވެއްޖެ އަހަންނަށް ބޭބެމެން އަލުން ފެނި މިގޮތަށް ގުޅުނީތީ، ދެން އިތުރަށް މިއަދު އަހަރެން ބޭނުން ވާނީ ކޯޗެއް؟ ޔަމާން… އަހަންނަށް ހުރިހާ އެއްޗެއް ލިބިއްޖެ މިއަދު…” މީރާ އެއްވެސް މީހަކާ މެދު ހިތުގައި ބުރަކަމެއް ނުބާއްވާ ބައްޕަގެ އާއިލާއަށް ހެޔޮ ހިތުން މާފު ކުރިއެވެ.
މީރާއާ ޔަމާންގެ ކައިވެނި ޕާޓީ ނިމުނީ މީރާގެ އާއިލާއާ މީރާ އަލުން ގުޅިގެންނެވެ. ޕާޓީ ނިމި އެންމެ ފަހުން ތިބި އާއިލާގެ އެންމެން އެކީ ކާން ތިބެފައި ފެށުނު އެވާހަކަ ދެކެވެމުން ގޮސް ދެން ފެށުނީ ރިޔާންއާ އައިޝާގެ ވާހަކައެވެ.
“އައިޝާ މިވީ އަސްލަމް ސަރ… އައި މީން ބޭބެގެ ކުއްޖަކަށް، އަހަރެންގެ ކަޒިންއަކަށް ދޯ؟” މީރާ ބުނެލިއެވެ.
“ރިޔާން، އޮޅިގެންވެސް އައިޝާއަށް ގޮތެއް ހަދަން ނޫޅެއްޗޭ، ޖަވާބު ދޭން ޖެހޭނީ މީރާއަށް އިނގޭ” ޔަމާން ރިޔާންއާ ދިމާކޮށްލިއެވެ. އެއާއެކު އެހެން އެންމެންވެސް ރިޔާންއާ ދިމާކުރަން ފެށިއެވެ.
ގަޑިއެއްހާ އިރުގެ ދަތުރަކަށް ފަހު މީރާއާ ޔަމާންއަށް ރިސޯޓަށް ދެވުނު ނަމަވެސް އެކަނިވެލެވުނީ އޭގެވެސް ތިރީހަކަށް މިނަޓް ފަހުންނެވެ. ވަރުބަލިވެފައި ތިބިވަރުން ކޮޓަރީގެ ދޮރު ލައްޕާލުމާއެކު ދެމީހުންވެސް އެނދުގައި އޮށޯތެވެ. އެނދުން ބޭރަށް ފައިލައިގެން އޮށޯވެގެން ތިބެފައި މީރާއާ ޔަމާން އެކަކު އަނެކަކަށް ބަލާލީ އެއްފަހަރާއެވެ. ޔަމާން މީރާއާ ކައިރިވެލަމުން މީރާގެ މޫނުގައި ދެއަތުން ހިފާލިއެވެ.
“ކިތަށް އަހަރު ފަހުން… ” ޔަމާން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ވިޔަނުދީ މީރާ ޔަމާންގެ ބަސްހުއްޓުވިއެވެ. އެއަށް ފަހު އިރުކޮޅަކަށްވެސް ދެމީހުން ދުރުނުވެއެވެ. ޔަމާން ކުރި އިންތިޒާރުގެ ނިމުން އައީ އެންމެ ފޮނިކޮށެވެ. ފަތިސް ވަންދެން ހިތުގެ ފުންމިނުން އެކަކު އަނެކަކު ދެކެ ލޯބިވާ ވަރު ބުނެދެމުން ދިޔައެވެ. ބަހުންނާއި އަމަލުންނެވެ. އާ ދުވަހަކަށް އިރު އެރީ ދެ ހިތުގައިވާ ލޯބި އިތުރަށް ފަވާލަމުންނެވެ. އާ ހުވަފެންތަކެއް ދެކި ހަޔާތުގައި އާ ކުލަތަކެއް ޖައްސަމުންނެވެ.
ހަމަ އެހެން ވިދާދްއާ ރާހިލްވެސް އެކަކު އަނެކަކަށް ޓަކާ ހިތް ހުޅުވަމުން ދިޔައެވެ. މީރާއާ ޔަމާންގެ މެދުގައި ވާފަދަ ލޯތްބެއް ނޫން ނަމަވެސް ދުވަހެއް ދުވަހަކަށް އެދެ ހިތުގައިވެސް ދިޔައީ އެކަކު އަނެކަކަށް ޓަކާ އޮތް މަގާމު ފުންވަމުންނެވެ. ކޮންމެވެސް ދުވަހަކުން އެދެމެދުގައިވެސް ފުން ލޯތްބެއް އުފެދޭނެ ކަމުގެ އުންމީދުގައެވެ.
ނިމުނީ
34 Comments!
Comments are closed.








wooho mives nimunee varah reeethi
ސަލާމް ހުރިހާ ކުދިން، ވާހަކަ ނިމުނީ، ހީކުރަން ކުދިންނަށް ވާހަކަ ކަމުދިޔަ ކަމަށް، ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ ކުދިން. ދެން އާވާހަކައެއް ފެށޭނެ ދުވަހެއް ބުނާކަށް ނޭނގެ، އެކަމަކު އިރާދަ ކުރެއްވިއްޔާ އަދިވެސް މާޝާގެ ވާހަކަތައް ފެންނާނެ، މާޝާގެ ވާހަކަތަކަށް ކިޔުންތެރިން ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ލިޔުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކިޔުންތެރިންގެ ސަޕޯޓަކީ، ކުރިއަށް އޮތް ތަނުގައިވެސް ތިކުދިންގެ ސަޕޯޓް މާޝާއަށް ލިބޭނެ ކަމަށް ހީކުރަން. އަދިވެސް އެއްފަހަރު ޝުކުރިއްޔާ…
Vv reethi heekuran v avahaha marsha ge new story eh kiyaalan libeyne kamah
Aaachaaa beynun v gothah vaahaka minimuni v reethi masha.aa vaahaka akah inthizaaru ga
Masha Allah. V furihama. Alhe bunebaa Marsha ge ithuru vaahaka eh kiyaalan libeyne ey. Avas mustagubaleh ga
really vidhad nd rahil ge kaaveni vyma i stopped reading. rahil nd meera gulhuvan jeheny
yes me too .ehisaabun feshigen kiyaa hih kenduni..aslu Rahil aa meera aa gulheni..n yamaan aa vidhadh aa..hykuri aslu fahu kolha aisa rangalhu vane kama.. ekam ehene nuvi.miyo reethi story hadivegen dhiyaee ehisaabun
Speech less v salhi masha allah.
Maasha allah .varahsalhi mivaahaka. Heekuran mashage vaahakaeh varah avaha kiyalanlibeynekamah.
Aslu vaaha salhi but nimun hadi…
Varah rythi ……
Vara Sali nimun hade
sahaadheh mikury marshaa mikahala thafaathu nimumeh ae vaahakaeh masheh kuriakun nukiyan . mi storyge ge nimun hama habeys .. dhariyaku huttekey kiyaafa nujeheyey knmehen real parents gulheykah .. enme furatha loabivee meehadheke adhi dharifulhuga bahppa ah veema ey kiyaafa abadhaku loabi nuvedhaane thwhche .. hats off to u marsha .. thee thafaathu kulhadhaana liyunthaerieh .. hama ahsaari bahaai saabas .. avas mustaqubalehgga marsha story eh libeyne kamah ummeedhukuran .. lv u .. c yuh soon .. tc☺☺☺
agree with u☺
aasu ves .. agree hama thikamaa.. all the best Marsha ?
Asluves mi story vrythi. Varah insaafuveri plus unique. Ei dharifulhuge aslu bappa ahvure ragalhu hus eh dharifulhu ufanvihsure dharifulhah loabi dhugen gengulhuny. E hus myra ah hunnaany vragalhahves dhasvefa. Dhemyhunge thafaathu ingifa. So its on her to choose. She knew happines through yaman.. Maasha Allah Maasha varah hunaruveri kujjeh.
Alhey… Haaadha reeethii vaaahakaekey mee… ????
v v reethi mi story
Waaaau just perfect…. ????
Marsh u r the best ??
Waiting marsh ge next story ah ..❤
Hope v avhah genesdheyne kamh ❤
N gud luck ❤❤❤
Wow!!!!! Its so heart touching. . Hama rovijje.
Nimunhad
Varah reethi vaahaka!! Read it from the start to finsih.
maasha allah. v rythi story… n v thafaathu….. adhi v avahah miha thafaathu story eh upload kohdhehche…. marsha thikura hihvarah hama saabas ????????
V furihama…foohikameh nethi vaahaka kiyaaninmmaalevunee marsha ge liyuntheikamuge molhukamun..adhives kuriah mikahala reethi vaahaka thah libeyne kamah unmmeedhukuran…keep it up! ????
Just Wow, v reethi vaahaka luved every bit if this story. Hope will get a new story to read soon. Keep it up. ???
Marshaa ge vaahaka eh kiyaalan libeyne dhuwahaka v inthizaaru kurevey. Khon iraku tha dhen aa vaahaka eh genesla dheynee
Marsha ge vaahaka eh roadha therey kiyaalan libeyne tha
Reethi ❤️
nimun kamaku nudhey eggothakah ves
Asslu salhi heehee meera n raahil alun gulhunu nama….n vidhaadh n yamaan hulhuvi nama….hope kury mihen kamah nimeynee but storry kada
Varah reethi vaahaka e
Varah loabi… nimun ves hama varah perfect..
Varah happy vey mikahala thafaathu vaahaka eh kiyaa lan libuneetheeve..??
Varah nice mi story Masha Allah varah keeyaa hithun miky mi vaahaka may God bless you dear
eyoh rythi vaahaka nimun hadi khffa…. mi kiyan ves foohi vejje..eyoh kiyaa hithun indha vs… 🙁